ވިޓަމިން
ބީ5 (ޕެންޓޯތެނިކް އެސިޑް)
ވިޓަމިން ބީ5(Vitamin B5) ނުވަތަ ޕެންޓޯތެނިކް އެސިޑް(Pantothenic acid) ގެ ނަން އުފެދިފައިވަނީ ގްރީކް ބަހުންނެވެ. ޕެންޓޯ މާނައަކީ "ހުރިހާ ތަނެއްގައި" ވުމެވެ. މިހެން ކިޔުނީ ހުރިހާ ކާބޯތަކެއްޗެއްގައި ވެސް މިމާއްދާ ކޮންމެވެސް ވަރަކަށް އެކުލެވިގެންވާތީ އެވެ. އަދި މިއާއެކު މިއީ ގޮހޮރުގައި އުޅޭ ބެކްޓީރިޔާ އަކުން އުފައްދާ ވެސް އެއްޗެކެވެ. ޕެންޓޯތެނިކް އެސިޑް އަކީ މަޑު ރީނދޫކުލައިގައި ހަކުރު ހެން ހުންނަ ތެޔޮ ފާޑެއްގެ އެކަމަކު ފެނަށްގިރޭ ބާވަތެކެވެ. މިއީ ޕްރޮޓީން އާއި ފެޓް އަދި ކާބޯހައިޑްރޭޓް ގިރިބިން ކުރުމަށް ބޭނުންވާ ޅިންތާ ނުވަތަ އެންޒައިމްތަކުގެ ބައެއް ކަމުގައި ބެލެވެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).
ޕެންޓޯތެނިކް
އެސިޑްގެ ފައިދާ
ޕެންޓޯތެނިކް
އެސިޑް އަކީ ހަށިގަނޑުގެ ހުރިޙާ މުހިއްމު މަސައްކަތެއްގައި ބައިވެރިވާ އެއްޗެކެވެ.
ޕެންޓޯތެނިކް އެސިޑް މަސައްކަތްކުރަނީ ބަޔޮޓިން އޭ ކިޔާ ބީ ގުރޫޕްގައި ހިމެނޭ ވިޓަމިން
އާއި އެކުގައެވެ. ޕެންޓޯތެނިކް އެސިޑް އަކީ އެއްގުނަވަނުން އަނެއް ގުނަވަނަށް މެސެޖް
ފޮނުވައި ދިނުމާއި، ދިފާޢީ ނިޒާމް ހަރުދަނާ ކުރުމާއި، އެޑްރީނަލް ގްލޭންޑް ގެ
މަސައްކަތް ފުރިހަމަ ކުރުމުގައި އެހީތެރިވެދޭ ވިޓަމިން އެކެވެ. މިއީ ސިކުނޑިއަށް
ބޭނުންވާ ކެމިކަލްތައް އުފައްދައިދޭ ވިޓަމިނެކެވެ. ޕެންޓޯތެނިކް އެސިޑް އަކީ
ނާރުގެ ބަލިތަކަށާއި، ލޭގައި ކޮލެސްޓްރޯލް ގިނަވުން، އަދި ލޭމައްޗަށްދިއުން ފަދަ
ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުންކުރެވޭ ވިޓަމިން އެކެވެ. ހަށިގަނޑަށް ޖިސްމާނީ
ގޮތުންނާއި، ނަފްސާނީ ގޮތުން ދިމާވާ ފިއްތުންތައް ތަހައްމަލުކުރުމުގައި މިމާއްދާ
އެހީތެރިވެދެއެވެ. އަދި މިވިޓަމިން އަކީ ނާރުގެ ބަލިތަކަށާއި، ލޭގައި ކޮލެސްޓްރޯލް
ގިނަވުން، އަދި ލޭމައްޗަށްދިއުން ފަދަ ބަލިތަކަށް ފަރުވާ ކުރުމުގައި ވެސް
ބޭނުންކުރެވޭ ވިޓަމިނެކެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).
ޕެންޓޯތެނިކް
އެސިޑް އަކީ ކޯއެންޒައިމް އޭ(coenzyme
A) އުފެއްދުމަށް
ބޭނުންކުރާ އެއްޗެކެވެ. ކޯއެންޒައިމް އޭ އަކީ ފެޓް ބިނާކޮށް، ބައިކުރުމާއ،
އެހެނިހެން ގިރިބިން ކުރުމުގެ މަސައްކަތުގައި ބައިވެރިވާ އެންޒައިމްތަކަށް
އެހީތެރިވެދޭ ކެމިކަލް ކަމްޕައުންޑް އެކެވެ. އަދި މިއީ (ކޯއެންޒައިމް އޭ) ފެޓް
ބިނާކުރުމުގައި ބައިވެރިވާ "އަސައިލް ކެރިއަރ ޕްރޮޓީން"(acyl carrier protein) އެކެވެ (ހާރވަޑް.އެޑިޔު، 2023).
ޕެންޓޯތެނިކް
އެސިޑް އިން ލިބޭ ފައިދާތަކުގެ ތެރޭގައި ފިއްތުންތައް ތަހައްމަލުކުރުން،
ކޮލެސްޓްރޯލް ހުންނަވަރު ކޮންޓްރޯލްކުރުން، އެތުލެޓިކްސް ފަދަ ކަސްރަތުގައި
ކުރާކަން ކަމުދިއުން، ހަށިގަނޑުލުއިކުރުމަށް އެހީތެރިވެދިނުން، ބޮލުގައި ރިހުމުން
ދުރުކުރުވުން އަދި ރާއްޖެބަލީގެ އުދަނގޫތަކުން ދުރުކުރުވުން ފަދަ ކަންތައްތައް
ހިމެނެއެވެ. ޕެންޓޯތެނިކް އެސިޑް އަކީ ހަމުގައި އުނގުޅާ ގިނަ ވައްތަރުތަކުގެ
ކްރީމްގައި ހުންނަ މާއްދާ އެކެވެ. އަވީގައި އުޅުމުން ހަންގަނޑު އެދުމަށާއި، އަދި
އެހެން ވެސް ހަމުގެ ކުދި ބަލިތަކަށް ހުންނަ އުނގުޅާ ބޭހުގައި މިވިޓަމިން ހުރެއެވެ
(ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).
މަޞްދަރު
ޕެންޓޯތެނިކް
އެސިޑް ގިނައިން އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި، ގެރިމަސް، ކަނޑު މަސް، ކުކުޅު
ބިސް، ކިރު، ކިރުން އުފައްދާ ތަކެތި، ކެބެޖް ފަދަ ތަކެތި ހިމެނެއެވެ. ޕެންޓޯތެނިކް
އެސިޑް އެންމެ ގިނައިން ހުންނަނި ފިނިފެނުގައި އުޅޭ މަހުގައްޔާއި، މާމުއިގައެވެ.
މިބާވަތް ގިނައިން އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި ކުކުޅު މޭގަނޑު، ޒުވާރި، ޗީޒް،
ކުކުޅުމަސް، އެވަކާޑޯ، ބްރޮކޮލީ، ނުކަނޑާހުންނަ ގޮވާން، ކައްޓަލަ އަދި ބިންމަދު
ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ޕެންޓޯތެނިކް
އެސިޑް އަކީ ޖަނަވާރާއި، ގަސްގަހާ ގެހިން ލިބޭ ކާބޯތަކެތީގައި ވެސް ހިމެނޭ
ވިޓަމިނެކެވެ. ދިރުން ހުރި ހުރިހާ ސެލްތަކެއްގައި މިވިޓަމިން ހުންނަކަން ހޯދިފައި
ވެއެވެ (ހާރވަޑް.އެޑިޔު، 2023). މީގެ އިތުރުން ޕެންޓޯތެނިކް އެސިޑް ހިމެނޭ
ކާބޯތަކެތީގެ ތެރޭގައި މަޝްރޫމް، އަލުވި، ރަތްހަނޑޫ، އޯޓްސް، އަދި ޔޯގަޓް ފަދަ
ބާވަތްތައް ހިމެނެއެވެ (ހާރވަޑް.އެޑިޔު، 2023).
ޕެންޓޯތެނިކް
އެސިޑް އަކީ ހިކިހޫނުން މިސާލަކަށް ފިހުމުން ހަލާކުވެދާ އެއްޗެކެވެ. އަދި އެސިޑް ނުވަތަ
އަލްކަލައިން ދިޔަވަރުގައި ބެހެއްޓޭ އެއްޗެއް ނޫނެވެ. އެހެންކަމުން މުއްސަދި
ކޮށްފައި ހުންނަ ތައްޔާރީ ކާނާއަކަށް މިވައްތަރު އިތުރަކަށް ނާޅައެވެ (ސާލިހު އަދި
ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ގޮހޮރުގައި ހުންނަ ބެކްޓީރިޔާ އިން ވެސް
ކޮންމެވެސް މިންވަރަކަށް ޕެންޓޯތެނިކް އެސިޑް އުފައްދައެވެ. ނަމަވެސް މިއީ
ހަށިގަނޑަށް އެންމެ އެކަށޭނަ މިންވަރަށް ނުވާތީ، ކާބޯތަކެތީގެ ތެރެއިން މިވިޓަމިން
ހަށިގަނޑަށް ލިބެންޖެހެއެވެ (ހާރވަޑް.އެޑިޔު، 2023).
ދިވެހިރާއްޖެއިން
ލިބޭ ބައެއް ކާބޯތަކެތީގައި ޕެންޓޯތެނިކް އެސިޑް ހުންނަ މިންވަރު
100ގ
ގައި |
މިލިގްރާމް |
100ގ
ގައި |
މިލިގްރާމް |
ކުކުޅުމޭ،
|
6.2 |
ބިންމަދު |
1.8 |
އިހި |
2.4 |
އެވޮކާޑޯ |
1.4 |
ކުކުޅުމަސް |
1.2 |
ކައްޓަލަ |
0.8 |
ޒުވާރި |
0.8 |
ބަދަންމަދު |
0.5 |
ޗީޒް/ޔޯގަޓް |
0.4 |
ބްރޮކޮލީ |
0.5 |
ކަނޑުމަސް |
0.4 |
ފޭރު
|
0.5 |
ކެލަމިން
ވިޓަމިން
ބީ5 (ޕެންޓޯތެނިކް އެސިޑް) ގެ ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު )
ކަމަށް ބަލަނީ ބޮޑުމީހަކަށް ދުވާލަކަށް 5 މިލިގްރާމް އެވެ. މާގަމައިންނަށް 6
މިލިގްރާމް ބޭނުންވާއިރު، ކިރުމައިންނަށް 7 މިލިގްރާމް ބޭނުންވެއެވެ (ސާލިހު އަދި
ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ފިއްތުންތަކާއި، ފިކުރުތައް ބޮޑުވާއިރު،
20 މިލިގްރާމް އަށް އިތުރުކުރުމަށް ޑޮކްޓަރުން ލަފާދެއެވެ (ސާލިހު އަދި ވަހީދު،
2003، ސާލިހު އަދި ވަހީދު، 2014).
ޕެންޓޯތެނިކް
އެސިޑް މަދުވުން
ޕެންޓޯތެނިކް
އެސިޑް މަދުވުމުން އިންސާނުންނަށް ލިބޭ ގެއްލުމެއް އަދި ފާހަގަކުރެވިފައެއް
ނުވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ޖަނަވާރުންގެ ކެއުމުގައި މިމާއްދާ
މަދުކުރުމުން، ހެދިބޮޑުވުން ލަސްވުން، ދަރިން ނުލިބުން، އަދި ބައިގެންދިއުން
ދިމާވި އެވެ. އިންސާނުންގެ ތެރެއިން ދިރާސާގައި ބައިވެރިވި މީހުންނަށް 10-9
ހަފްތާގެ މުއްދަތަށް ކާނާއިން މިމާއްދާ އުނިކުރުމުން، އިސްތަށިފޭބުން،
ކާހިތްނުވުން އަތްފައިން ދިލަނެގުން، ކަންބޮޑުވުން، ހާސްވުން އަދި ވަރުބަލިވުން
އިހުސާސް ކުރެވެން ފެށިކަން ފާހަގަ ކުރެވުނެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު
އަދި ވަހީދު، 2014).
ޕެންޓޯތެނިކް
އެސިޑް މަދުވުމަކީ ވަރަށް މަދުން ނޫނީ ދިމާވާނެ ކަމެއް ނޫނެވެ. އާންމު ގޮތެއްގައި
ދިމާވަނީ އެކަށޭނަ ވަރަށް ކާންބޯން ނުލިބުމުގެ ސަބަބުން ރަނގަޅުކާނާ އިން
މަހުރޫމްވެފައިވާ މީހުންނަށެވެ. މީގެ އިތުރުން ވިރާސީ ބަދަލެއްގެ ސަބަބުން
ޕެންޓޯތެނިކް އެސިޑް ގިރިބިންނުކުރެވޭ މީހުންނަށް ވެސް ޕެންޓޯތެނިކް އެސިޑް
މަދުވުމުގެ މައްސަލަ ދިމާވެދާނެ އެވެ. ޕެންޓޯތެނިކް އެސިޑް މަދުވުމުން އާންމުކޮށް
ދިމާވެދާނެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިހުން، ވަރުބަލިވުން، ވާޅުވުން،
ނިދަން އުދަނގޫވުން، ހިމޭނުންނުހުރެވުން، މޭނުބައިކުރުން، ހޮޑުލެވުން،
އަކުނިވަޔަށް ދެމުން، ބަނޑަށް އުދަނގޫވުން، އަތްތިލަ އަދި ފައިތިލައިގައި
އައްސިވުމާއި ދިލަނެގުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާރވަޑް.އެޑިޔު، 2023).
ޕެންޓޯތެނިކް
އެސިޑް ގިނަވުން
ޕެންޓޯތެނިކް
އެސިޑް ގިނަވުމުން ދިމާވާ މައްސަލަތައް ނޫނީ ގޮތްތައް ވަރަށް ކުޑައެވެ.
އޭގެތެރޭގައި ކުޑަކަމުދިއުން މަދުވުން، އަދި ބޯއަނބުރާގޮތް ވުން ހިމެނެއެވެ.
ޕެންޓޯތެނިކް އެސިޑް ބޭނުންކުރުމުން ވިހަވާވަރެއް ނެތެވެ. ބައެއް ޑޮކްޓަރުން
ދުވާލަކަށް 10 ހާސް މިލިގްރާމް ދެއްވައިގެން ވެސް ނޭސަރެއް ނޫނީ ނޭދެވޭ އަސަރެއް
ކުރިކަން ފާހަގަ ކުރެވިފައި ނެތެވެ (ސާލިހު އަދި ވަހީދު، 2014). ފަހުގެ ބައެއް
ހޯދުންތަކުން ދުވާލަކު 10 ގްރާމްގެ ޕެންޓޯތެނިކް އެސިޑް ދިނުމުން ބަނޑުގައި ރިހުން
އަދި ބޭރަށްހިންގުން ކުރިމަތިވި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ (ހާރވަޑް.އެޑިޔު،
20239.
ނޯޓް
: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި
ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު
މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ
އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟
ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން
ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ (ސާލިހު އަދި
ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).
މައުލޫމާތު :
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟
ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު
·
https://www.hsph.harvard.edu/nutritionsource/pantothenic-acid-vitamin-b5/
No comments:
Post a Comment