Thursday, September 28, 2023

ވިޓަމިން ބީ

 

ވިޓަމިން ބީ

ވިޓަމިން ބީ(vitamin B)  އަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު ވިޓަމިންތަކުގެ ތެރެއިން އެއް ވިޓަމިނެވެ. 1912 ވަނަ އަހަރުގެ ތެރޭގައި ވިޓަމިން ބީ ހޯދުނު ކަމުގައި ވިޔަސް އެކި ބައިބަޔަށް ވިޓަމިން ބީ ބަހަން ފެށުނީ 1920 ވަނަ އަހަރުން ފެށިގެންނެވެ. އެހާތަނަށް ހީވެފައި އޮތީ ވިޓަމިން ބީ އަކީ އެއްވައްތަރެއްގެ އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް މީގެ ވައްތަރުތައް ގިނަވެ މިހާރު ވިޓަމިން ބީ ގައި އެކުލެވިގެންވަނީ މައިގަނޑު 8 ބަޔެކެވެ. މިބައިތަކަށް އާންމުކޮށް ވިޓަމިން ބީ ކޮމްޕްލެކްސް އޭ ކިޔައެވެ. ވިޓަމިން ބީގެ 8 ބާވަތަކީ ވެސް ފެނަށްގިރޭ ވިޓަމިން ތަކެކެވެ. އަދި މިވައްތަރުތަކަކީ ހަށިގަނޑުގައި ކޮށާރު ކުރެވޭ އެއްޗެއް ނޫނެވެ. ވިޓަމިން ބީގެ ވައްތަރުތަކަކީ މޫންދުރަ ނުވަތަ ފަހަރުވާއާއި އެކު ހަށިގަނޑުން ބޭރުވެގެންދާނެ ބާވަތް ތަކެކެވެ.


ވިޓަމިން ބީ އަކީ ވަރަށް މަދު މިންވަރަކަށް ހަށިގަނޑުގައި ހަރުލާފައި ހުރެދާނެ އެއްޗެކެވެ. ނަމަވެސް ނުކާނަމަ، 14 ދުވަސް ތެރޭގައި މިގޮތަށް ކޮށާރު ކުރެވިފައި ހުންނަ ވިޓަމިން ބީ ގެ ވައްތަރުތައް މުޅީން ހުސްވެދެއެވެ. އެހެންކަމުން އަބަދުހެން ކާނާގައި މިވައްތަރުގެ ވިޓަމިން ތައް ހިމަނަންޖެހެއެވެ.

ވިޓަމިން ބީގެ ފައިދާތައް

ވިޓަމިން ބީ ގެ ވައްތަރުތައް އިންސާނާގެ ހަށިގަނޑު ބިނާކޮށް އައުބައުތުރަ ފިލުވައި ދިނުމުގައި އެހީތެރިވެދެއެވެ. ވިޓަމިން ބީ އަކީ ކާބޯސް އާއި ފެޓް، އަދި ޕްރޮޓީން ހަކަތަ އަށް ބަދަލުކޮށް ހަށިގަނޑުގެ ސެލޯށި، ތައް އުފެއްދުމަށް ވެސް އެހީވެދޭ އެއްޗެކެވެ. އިސްތަށި، ހަންގަނޑު، ލޭހިނގާ ނިޒާމް، ލޭގައި ހުންނަ ދިރު ތަކާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމް، ހޯރމޯންތައް އުފައްދާ ގްލޭންޑްތައް އަދި ހަޖަމުކުރުމުގެ ނިޒާމް ދުޅަހެޔޮކަންމަތީ ދަމަހައްޓައި ދިނުމުގައި ވިޓަމިން ބީގެ ރޯލް ވަރަށް ބޮޑެވެ.

ވިޓަމިން ބީގެ ވައްތަރުތަކަކީ ނާރުތަކުގެ ނިޒާމު ފުރިހަމައަށް ބެހެއްޓުމަށް ވަރަށް މުހިއްމު މާއްދާ ތަކެކެވެ. ހަމައެފަދައިން ގޮހޮރުގެ މަސްތަކާއި ހިތުގެ މަސްތައް މަދަނަކޮށްދެނީ ވެސް ވިޓަމިން ބީ ގެ ވައްތަރުތަކެވެ. ވިޓަމިންބީގެ ބައިތައް ވަކިވަކިން ކެއުމަށްވުރެ، ހަށިގަނޑަށް ފައިދާ ބޮޑީ އެކުއެކީގައި ކެއުމުންނެވެ.

 

ވިޓަމިން ބީ ގެ ވައްތަރުތައް

ވިޓަމިން ބީ ގައި އެކުލެވިގެންވަނީ މައިގަނޑު 8 ބަޔެކެވެ. މިބައިތަކަށް އާންމުކޮށް ވިޓަމިން ބީ ކޮމްޕްލެކްސް އޭ ކިޔައެވެ. ވިޓަމިން ބީ ބަހާލެވިފައިވާ މައިގަނޑު ބައިތަކާއި، އެބައިތަކަށް ދީގައިވާ ކެމިކަލް ނަންތަކާއި، އަދި ފަސޭހައަށް ބޭނުންކުރާ ނަންބަރުތައް ތިރީގައި މިވަނީ އެވެ.

* ވިޓަމިން ބީ1 (ތަޔަމިން)

* ވިޓަމިން ބީ2 (ރައިބޮފްލެވިން)

* ވިޓަމިން ބީ3 (ނިއަސިން)

* ވިޓަމިން ބީ5 (ޕެންޓޯތެނިކް އެސިޑް)

* ވިޓަމިން ބީ6 (ޕައިރިޑޮކްސިން)

* ވިޓަމިން ބީ7 (ބަޔޮޓިން)

* ވިޓަމިން ބީ9 (ފޯލިކް އެސިޑް)

* ވިޓަމިން ބީ12 (ކޯބަލަމިން)

ވިޓަމިން ބީ1

ވިޓަމިން ބީ1(vitamin B1) ނުވަތަ ތަޔަމިން(Thiamin)  އަކީ އެންމެ ފުރަތަމަ ސައިންޓިސްޓުންނަށް ހޯދުނު ވިޓަމިން އެވެ. މިމާއްދާ ހޯދުނީ 1920 ވަނަ އަހަރު އެވެ. އެހެންކަމުން މިވިޓަމިން ދިން ނަމަކީ ވިޓަމިން ބީ1 އެވެ. ތަޔަމިން އަކީ ހަށިގަނޑުގައި ކޮށާރުކޮށްފައި ބެހެއްޓޭ އެއްޗަކަށް ނުވާތީ ތަޔަމިން އެކުލެވޭ ކާނާ ދުވާލަކު އެއްފަހަރު ކާންޖެހެއެވެ. ތަޔަމިން އަކީ ފެނަށްގިރޭ ވިޓަމިނެކެވެ. މިއީ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގައި ހުންނަ، އަދި ބައެއް ބާވަތުގެ ކާބޯތަކެއްޗަށް އިތުރުކުރެވިފައި ހުންނަ ވިޓަމިނެކެވެ. ބައެއް ފަހަރު ބޭހުގެ ސިފައިގައި ވެސް ތަޔަމިން ލިބެން ހުރެދާނެ އެވެ. ތަޔަމިން އަކީ ހޫނަށް އާސްތާނަވާ(sensitive)  އެއްޗެކެވެ. އެހެންކަމުން ކާބޯތަކެތި ކެއްކުމުންނާއި، ފިހުމުން މިބަޔަށް އުނިކަން އާދެއެވެ.

ވިޓަމިން ބީ2

ވިޓަމިން ބީ2 ނުވަތަ ރައިބޯފްލެވިން އަކީ ރީނދޫ އޮރެންޖް ކުލައިގައި ހުންނަ މާއްދާ އެކެވެ. ރައިބޯފްލެވިންގެ ނަން ނެގިފައިވަނީ ރީނދޫ ކުލައިންނެވެ. މިވިޓަމިނަކީ  ރީނދޫ އޮރެންޖު ކުލައިގައި ހުންނަ މާއްދާއެއް ކަމަށްވެފައި، މޫންދުރަ (ފަހަރުވާ/ކުޑަކަމުދާ އެއްޗެހި) އާއި އެކުވެގެން ހަށިގަނޑުން ބޭރުވާއިރު، އެތަކެތީގައި ވެސް އެކުލަ ހުންނާތީ އެވެ.

ވިޓަމިން ބީ3

ވިޓަމިން ބީ3(Vitamin B3) ނުވަތަ ނިއަސިން(Niacin)  އަކީ ފެނަށްގިރޭ ހުދުކުލައިގެ ކުނޑިއެކެވެ. މިއީ ހުދުކުލައިގެ ހަކުރު ކަހަލަ ކިއްލޫރި (ހުދު ސާފު ބިއްލޫރި) ކުނޑިއެކެވެ. މިއީ ފެނަށްގިރޭ، އެކަމަކު ހޫނުން އަސަރުނުކުރާ، މިލަރުވެގެންނުދާ ވިޓަމިނެކެވެ. އެކަމަކު ކާބޯތަކެތި ފެނުކެއްކުމުން، އޭގައި ހުންނަ ނިއަސިންގެ ކާލެއް ނުވަތަ ހަތަރު ބައިން ބައި، ކައްކާ ފެންގަނޑަށް ގިރިގެން ދެއެވެ.

ވިޓަމިން ބީ5

ވިޓަމިން ބީ5(Vitamin B5) ނުވަތަ ޕެންޓޯތެނިކް އެސިޑް(Pantothenic acid)  ގެ ނަން އުފެދިފައިވަނީ ގްރީކް ބަހުންނެވެ. ޕެންޓޯ މާނައަކީ "ހުރިހާ ތަނެއްގައި" ވުމެވެ. މިހެން ކިޔުނީ ހުރިހާ ކާބޯތަކެއްޗެއްގައި ވެސް މިމާއްދާ ކޮންމެވެސް ވަރަކަށް އެކުލެވިގެންވާތީ އެވެ. އަދި މިއާއެކު މިއީ ގޮހޮރުގައި އުޅޭ ބެކްޓީރިޔާ އަކުން އުފައްދާ ވެސް އެއްޗެކެވެ. ޕެންޓޯތެނިކް އެސިޑް އަކީ މަޑު ރީނދޫކުލައިގައި ހަކުރު ހެން ހުންނަ ތެޔޮ ފާޑެއްގެ އެކަމަކު ފެނަށްގިރޭ ބާވަތެކެވެ. މިއީ ޕްރޮޓީން އާއި ފެޓް އަދި ކާބޯހައިޑްރޭޓް ގިރިބިން ކުރުމަށް ބޭނުންވާ ޅިންތާ ނުވަތަ އެންޒައިމްތަކުގެ ބައެއް ކަމުގައި ބެލެވެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).  

ވިޓަމިން ބީ6

ވިޓަމިން ބީ6(Vitamin B6)  ނުވަތަ ޕައިރިޑޮކްސިން(pyridoxine) އަކީ ފެނަށްގިރޭ ހަކުރު ފާޑުގެ ހުދުކުލައިގެ ފުށްތަކެކެވެ. ޕައިރިޑޮކްސިން އަކީ ހަށިގަނޑަށް އެތެރެވޭ ކާނާ ބޭނުން ހަށިގަނޑަށް ހިފޭނެ ގޮތް ހަދައިދީ، ކާނާގައި ހުންނަ ކާބޯހައިޑްރޭޓް، ފެޓް އަދި ޕްރޮޓީން ގިރިބިންކޮށްދޭ އެއްޗެކެވެ. ކާނާއިން ހަށިގަނޑުގެތެރޭގައި ހަކަތަ އުފެއްދުމުގައި އެހީތެރިވެދީ ޕްރޮޓީންގެ ބައިތައް އުފެއްދުމުގައި، އެހީތެރިވެދޭ އެއްޗެކެވެ. މިއީ އެކިވައްތަރުގެ ހޯރމޯން ޚާއްޞަކޮށް އިންސިއުލިން އާއި އެޑްރެނަލިން އުފެދުމަށް ބާރުއަޅައިދޭ އެއްޗެކެވެ. އަދި ލޭގައި އުފެދޭ ލޭގެ ރަތް ދިރު ނުވަތަ ލޭގެ ރަތް ސެލް ތައް އުފެދުމަށް ބޭނުންވާ ދިޔަތައް ހަށިގަނޑުގައި އުފެއްދުމަށް ވެސް ބާރުއަޅާ ދެއެވެ. ޚާއްޞަކޮށް ދިރު ތަކުގައި ވާރުތީ ސާމާރު ހަރުކޮށްދެނީ މިބާވަތުގެ ވިޓަމިން އެވެ.

ވިޓަމިން ބީ7

ވިޓަމިން ބީ7(Vitamin B7)  ނުވަތަ ބަޔޮޓިން(Biotin)  އަކީ ފެނަށްގިރޭ އަދި ކައްސަދުވާނި އެކުލެވިގެންވާ ވިޓަމިނެކެވެ. ބަޔޮޓިން އަކީ ޕެންޓޯތެނިކް އެސިޑް، ފޯލިކް އެސިޑް، އަދި ކޯބަލަމިން (ވިޓަމިން ބީ12) އާއި އެކުވެގެން އޭގެ ވަޒީފާ އަދާކުރާ ނޫނީ ކުރެވޭ އެއްޗެކެވެ. އަދި ޕެންޓޯތެނިކް އެސިޑް އާއި ވަރަށް އެއްވައްތަރު އެއްޗެއްވެސް މެއެވެ. ބަޔޮޓިން އަކީ ފެނަށްގިރޭ ވިޓަމިނެއް ކަމަކު، މިއިން ބައެއް ފެޓް އާއި އެކު މޭގަނޑުގައި ކޮންމެވެސް ވަރަކަށް ކޮށާރު ކުރެވެއެވެ. ބަޔޮޓިންގެ 8 ވައްތަރު ހުންނައިރު، ތަބައީ ގޮތުން ލިބޭ ޑީ-ބަޔޮޓިން ނޫނީ ހަށިގަނޑަށް ފުރިހަމައެއްކޮށް ބޭނުމެއް ނުކުރެވެއެވެ.

ވިޓަމިން ބީ9

ވިޓަމިން ބީ9 ނުވަތަ ފޯލިކް އެސިޑް(Folic acid) އަކީ ވިޓަމިން ބީ ކޮމްޕްލެކްސްގައި ހިމެނޭ ވިޓަމިން އެކެވެ. ފޯލިކް މިނަން ނަގާފައިވަނީ ލެޓިން ބަހެއް ކަމުގައިވާ ފޮލިއޭޖް(Foliage) އިންނެވެ. އެއީ މިމާއްދާ އެންމެ ގިނައީ ފެހިކުލަ ގަދަ ފަތުގައި ކަމަށްވާތީ އެވެ.

"ފޯލިކް އެސިޑަކީ ވިޓަމިން ބީ ގެ ބާވަތެއްކަމުގައިވާ ވިޓަމިން ބީނުވައެކެވެ. މިވިޓަމިނަކީ ހަޔާތުގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށްވަރަށް މުހިންމު އެއްޗެކެވެ. މިވިޓަމިން ހަށިގަނޑުގައި މަދުވުމުގެ ސަބަބުންނޭދެވޭ އެތައް އަސަރުތަކެއް ކުރެއެވެ. އޭގެތެރޭގައިއުފެދުމުގައިއުނިކަން ހުންނަ ކުދިން ލިބުމާއި ހައްޔަރުން ނެއްޓުމާއި ކުޑަކުދިން އުމުރާއެއްގޮތަށް ހެދި ބޮޑުވުމަށް ބުރޫއެރުމާއި ހަށިގަނޑުގައި ލޭ އުފެދޭ މިންވަރުމަދުވުމުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް ހިމެނެއެވެ"(ޑރ ނުސައިބާ ފާރޫގު ޙަސަން ، ސަންއޮންލައިން)

ވިޓަމިން ބީ12

ވިޓަމިން ބީ12 (Vitamin B12)ނުވަތަ ކޯބަލަމިން(cobalamin) އަކީ އެންމެ ފަހުން ހޯދުނު ވިޓަމިން އެވެ. 1948 ވަނަ އަހަރު ހޯދުނު މިވިޓަމިނަކީ ފެނަށްގިރޭ ގަދަ ރަތްކުލައިގައި ހުންނަ ވިޓަމިނެކެވެ. މިވިޓަމިން ހޯދުނީ އިގިރޭސި ވިލާތުގެ ޑރ ސްމިތު އަދި އެމެރިކާގެ ޑރ ޕާރކަރ ބެލުމުގެ ދަށުން ދިރާސާތަކެއް ކުރި ޓީމަކުންނެވެ. އާންމު ގޮތެއްގައި މި ވިޓަމިން ލިބެނީ ޖަނަވާރުން ލިބޭ ކާބޯތަކެތިންނެވެ.

 

ނޯޓް : ވިޓަމިން ބީގެ ކޮންމެ ވައްތަރަކަށް ވަކިން އާޓިކަލް އެއް ބްލޮގް ގައި ވާނެއެވެ. ވީމާ މި އާޓިކަލް ގައި އިތުރު ތަފްސީލް ހިމަނާފައި ނުވާނެއެވެ. އެހެންކަމުން ވިޓަމިން ބީ ގެ ވަކި ވައްތަރުތަކުގެ ތަފްސީލް ހޯދުމަށް ގުޅުންހުރި އާޓިކަލް ކިޔާލުމަށް ލަފާދެމެވެ.

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

 

 

No comments:

Post a Comment