Saturday, November 12, 2011

ލޭގެ ހުދު ސެލް


ލޭގެ ހުދު ސެލް
ލޭގެ ހުދު ސެލް (White blood cells)އަކީ ލޭގެ ތެރޭގައި ބޮޑު ނިއުކްލިއަސްއެއް ލާފައި ހުންނަ ސެލްއެވެ. މިސެލްތައް ހަށިގަނޑުގެ ދިފާއީ ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. މާނައަކީ ބަލިތަކާއި ދެކޮޅަށް ހަގުރާމަކުރުމުގައި އެހީތެރިވެދެއެވެ. ލޭގެ ތެރޭގައި އަބަދުވެސް މިސެލްތައް ދައުރުވެ،ދައުރުވެ ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ބައްޔެއް އުފެދުނަސް އެހިސާބަކަށް ވާސިލްވެއެވެ. ލޭގެ ހުދު ސެލްތަކަށް ''ލިއުކޯސައިޓް''(Leucocyte) އޭވެސް ކިޔައެވެ.ލޭގެ ކޮންމެ މައިކްރޯލިޓަރ އެއްގައި 10،000-4000 ދެމެދުގެ އަދަދަކަށް ލޭގެ ހުދު ސެލްތައް ހުރެއެވެ. އެވްރެޖްގޮތެއްގައި މިއަދަދު ހުންނަނީ 7000ގައެވެ.ލޭގެތަހުލީލު ތަކުން ލޭގެ ހުދު ސެލްތައް ލޭގައި ގިނަކަމަށް ދައްކައިފިނަމަ އޭގެ މާނައަކީ ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި ބައްޔެއް އަށަގަތުމެވެ.

ލޭގެ ހުދު ސެލްތަކުގެ ވައްތަރުތައް
ލޭގެ ހުދު ސެލްތަކުގެ ތެރޭގައި މައިގަނޑު 5 ބާވަތެއްގެ ސެލް ހިމެނެއެވެ.
* ނޫޓްރަފިލް – 70-50 އިންސައްތަ
* އީއަސިނަފިލް – 4-1 އިންސައްތަ
* ބޭސަފިލް – 0.4 އިންސައްތަ
* މޮނަސައިޓް – 40-20 އިންސައްތަ
* ލިމްފަސައިޓް – 8-2 އިންސައްތަ

ނޫޓްރަފިލް، އީއަސިނަފިލް، ބޭސަފިލް ތަަކަށް ''ގްރެނިޔުލޯސައިޓް''(Granulocyte) އޭވެސް ކިޔައެވެ. މިހެން ކިޔަނީ މިބުނި ސެލްތަކުގެ ތެރޭގައި ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމްސް ( Digestive enzymes) އެކުލެވޭ ''ގްރެނިޔޫލް''( Granule) ތަކެއް ހުންނާތީއެވެ.ބޭސަފިލް ތަކުގައި ހުންނަނީ ދަނބުކުލައިގެ ''ގްރެނިޔޫލް'' ތަކެކެވެ. އީއަސިނަފިލް ތަކުގައި ހުންނަނީ ރަތްއޮރެންޖް ކުލައިގެ ''ގްރެނިޔޫލް'' ތަކެކެވެ. ނޫޓްރަފިލްގައި ހިމެނޭ  ''ގްރެނިޔޫލް''ތައް ހުންނަނީ ނޫފިޔާތޮށި ކުލައަށެވެ.

ނޫޓްރަފިލް
ނޫޓްރަފިލް (Neutrophil)އަކީ ލޭގެ ހުދު ސެލްތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނޭ ސެލްގެ ވައްތަރެވެ. ލޭގެ ހުދު ސެލްތަކުގެ 70-50 އިންސައްތަ ހިއްޞާކުރަނީ މިސެލްތަކެވެ. ބެކްޓީރިއާތަކާއި އިދިކޮޅަށް ހަށިގަނޑު ދިފާއުކުރުމުގައި އަސާސީ ދައުރެއް ނޫޓްރަފިލް އަދާކުރެއެވެ. ބެކްޓީރިއާ މަރާލުމުގެ ގޮތުން ނޫޓްރަފިލް ކުރާކަމަކީ ބެކްޓީރިއާ ''ދިރުވާލުމެވެ''. މިގޮތަށް ދިރުވާލާ ދިރުވުމަށް ނުވަތަ ކާލުމަށް ''ފޭގަސައިޓޯސިސް''( Phagocytosis ) އޭ ކިޔައެވެ. ނޫޓްރަފިލް ދިރިހުންނަ މުއްދަތުގައި ގާތްގަނޑަކަށް 20-5އާއި ދެމެދުގެ އަދަދަކަށް ބެކްޓީރިއާ ދިރުވައެވެ.

ނޫޓްރަފިލްތައް ބެކްޓީރިއާތައް ދިރުވާލުމުގައި ނުވަތަ ނައްތާލުމުގައި އަންނަނިވި މަރުހަލާތައް ކަނޑަތުކުރެއެވެ.
* ނޫޓްރަފިލް ޖަރާސީމާއި ގާތްވުން
* ނޫޓްރަފިލް ޖަރާސީމްގައި ބީހުން ނުވަތަ ތަތްލުން
* ނޫޓްރަފިލްގެ ބޭރު ފަށަލަ(Cell membrane) ދެފަރާތުން ނިކުމެ ޖަރާސީމްގެ ވަށާލުން
* ޖަރާސީމް ނޫޓްރަފިލްގެ ''ސައިޓޮޕްލާޒަމް''( Cytoplasm ) ނުވަތަ ސެލްގެ އެތެރެއަށް އައުން

ޖަރާސީމް ސެލްގެ ތެރެއަށް ވަނުމުން އެއަށް ކިޔަނީ ''ފޭގަސޯމް''( Phagosome ) އެވެ. ނޫޓްރަފިލް ގައި އެކުލެވޭ ގްރެނިއޫލްތަކާއި، ''ލައިސަސޯމް''ތައް ''ފޭގަސޯމް''ގެ ބޭރުފަށަލައިގައި ތަތްވެ، އޭގައި ހިމެނޭ '' ޕްރޮޓިއޯލިޓިކް އެންޒައިމް''( Proteolytic enzyme )ނުވަތަ ޕްރޮޓީން ބައިކުރާ އެންޒައިމް ތަކުގެ އެހީގައި ބެކްޓީރިއާ މަރާލައެވެ.

ނޫޓްރަފިލްތަކުގައި ''ނިއުކްލިއަސް''( Nucleus ) ހުންނަނީ ބައިބައިވެފައި ނުވަތަ ''މަލްޓިލޯބްޑް'' ކޮށެވެ. ލޭގައި ހިމެނޭ ފުރިހަމަނުވާ ނޫޓްރަފިލް ތަކަށް ކިޔަނީ ''ބޭންޑްސް''( Bands )އެވެ. ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެއް ހުރިނަމަ ނޫޓްރަފިލްތަކުގެ އަދަދު އިތުރުވެ، ''ބޭންޑްސް''ތައް ފެންނަށްހުރެއެވެ.

އީއަސިނަފިލް
އީއަސިނަފިލް (Eosinophil)އަކީ  ދިފާޢީ ނިޒާމްގައި ބައިވެރިވާ ލޭގެ ހުދު ސެލް ގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ޕެރަސައިޓްގެ ސަަބަބުން ޖެހޭ އިންފެކްޝަން އިން ހަށިގަނޑު ދިފާއުކޮށް ހިމާޔަތްކުރުމުގައި މުހިއްމު ދައުރެއް މިސެލް އަދާކުރާކަން ފާހަގަ ކުރެވެއެވެ. ލޭގެ ހުދު ސެލްތަކުގެ 5-1 އިންސައްތަ ހިއްޞާކުރާ މިސެލްގެ ސައިޒުގައި 12-10 މައިކްރޯމީޓަރު ހުރެއެވެ. ލޭގެ ތެރޭގައި ނޫޓްރަފިލް 12-6 ގަޑިއިރާއި ދެމެދުގެ މުއްދަތަކަށް ދެމިހުރެއެވެ.

އީއަސިނަފިލްތައް އިތުރުވުން
އަންނަނިވި ހާލަތްތަކުގައި އީޒިނޯފިލްތަކުގެ އަދަދުއިތުރުވެ، އޭގެ ދައުރު އަދާކުރެއެވެ.
* ނުގުޅޭ އަސަރު ނުވަތަ އެލާޖީ ( Allergy )  
އެލާޖީގެ ހާލަތުގައި ބޭސަފިލް ތަކުން ބޭރުކުރާ ''ހިސްޓަމީން''( Histamine ) ނޫޓްރަފިލް އެތެރެއަށް ވައްދައެވެ.އަދި ބޭސަފިލްއާއި ''މަސްޓް ސެލް'' އިން ބޭރުކުރާ ''އިންފްލެމޭޝަން'' އުފެދުމަށް އެހީވެދޭ މާއްދާތަކުގެ ބާރު ނައްތާލައެވެ. އެލާޖީއާއި ގުޅިގެން ކުރިމަތިވާ ބަލިހާލަތްތަކުގައި '' ލިއުކޯޓްރީންC4''އާއި، ''ޕްލޭޓްލިޓް އެކްޓިވޭޓިންގ ފެކްޓަރ'' ( PAF ) ނޫޓްރަފިލް ތަކުން އުފައްދައެވެ.

* ޕެރަސައިޓުން ޖެހޭ ބަލިތައް ނުވަތަ އިންފެކްޝަން ( Parasitic infection )  
ޕެރަސައިޓެއް ހަށިގަނޑަށް ވަނުމުން އީއަސިނަފިލްގައި ހުންނަ ގްރެނިއޫލްތަކުގައި އެކުލެވޭ ''ހައިޑްރަލިޓިކް އެންޒައިމް''( Hydrolytic enzyme )ތަކުގެ އެހީގައި އެޕަރަސައިޓަކާއި ހަމަލާދީ ނައްތާލައެވެ. 

ބޭސަފިލް
ބޭސަފިލް (Basophil)އަކީ  ލޭގެ ހުދު ސެލްތަކުގެ ތެރޭގައި އެންމެ މަދުން ހުންނަ ވައްތަރެވެ. ''މަސްޓް ސެލް]](Mast cell)  އާއި، ބޭސަފިލް ތަކާ އެއްގޮތް ގޮތެއް ހުރެއެވެ. މިސާލަކަށް މިދެވައްތަރުގެ ސެލްގައި ވެސް ''ހިސްޓަމީން''(Histamine)  ރައްކާ ކުރެއެވެ.ބޭސަފިލް ތަކުގައި ހުންނަނީ ދަނބުކުލައިގެ ''ގްރެނިއޫލް'' ތަކެކެވެ.

އެލާޖީގެ ހާލަތުގައި ބޭސޯފިލްތަކުން ''ހިސްޓަމިން''(Histamine) އާއި، ''ހެޕަރިން''(Heparin) ބޭރުކުރެއެވެ. މަދުއަދަދަކަށް ''ބްރެޑިކައިނިން''(Bradykinin) އާއި، ''ސިރޮޓޮނިން''(Serotonin)  އުފައްދައެވެ. ބޭސޯފިލްތައް ''އާޓިކާރިއާ''(Urticaria) އާއި، ''ރައިނައިޓިސް''(Rhinitis) ފަދަ '' އެންޓިބޮޑީ-މީޑިއޭޓެޑް ހައިޕަސެންސިޓިވިޓީ'' (ހަށިދަމަނައެއް ހަށިގަނޑަށް ވަނުމުން ކުރިމަތިވާ ނުގުޅޭ އަސަރު)ގެ ހާލަތްތަކުގައި މުހިއްމު ދައުރެއް ހިއްސާކުރެއެވެ.

މޮނަސައިޓް
މޮނަސައިޓް (Monocyte)އަކީ  ދިފާޢީ ނިޒާމްގައި ހިމެނޭ ލޭގެ ހުދު ސެލްގެ ވައްތަރެކެވެ. ލޭގެ ހުދު ސެލްތަކުގެ 40-20 އިންސައްތަ ހިއްޞާކުރަނީ މޮނަސައިޓް ތަކެވެ. ލޭގެ ޒަރީޢާއިން އުފަންވާ އިންފެކްޝަން އަށަގަންނަތާ 12-8 ގަޑިއިރުގެ ތެރޭގައި އިންފެކްޝަން އަށަގަތް ހިސާބަށް މޮނަސައިޓް ވާޞިލް ވެއެވެެ.

މޮޮނަސައިޓްގެ ވަޒީފާ
* މޮނަސައިޓް ތައް ޓިޝޫތަކަށް ވަނުމަށްފަހު ބޮޑުވެ، ''މެކްރަފޭޖް''( Macrophage)ތަކަށް ބަދަލުވެއެވެ. މެކްރަފޭޖް ދިރިހުންނަ މުއްދަތުގައި ގާތްގަނޑަކަށް 100ވަރަކަށް ބެކްޓީރިއާ ދިރުވާލައެވެ. ހަމަމިހެން ހަށިގަނޑުގައި މަރުވެ، ހަލާކުވެ، ނުވަތަ ދުވަސްވެފައިވާ ސެލްތައް ނައްތާލައެވެ.

* މެކްރަފޭޖް ފުރަމޭ، ހުންކޮށި،ފުއްޕާމޭ، ކުޑަގޮހޮރު، ފަދަ ގުނަވަންތަކާއި، އަދި  ހަމާއި،ލިމްފްގޮށް ތަކުގައި ވެސް ހުރެއެވެ. މިގޮތަށް ހަށިގަނޑުގެ އެކި ހިސާބުތަކުގައި މެކްރަފޭޖް ފެތުރިފައިވާ ނިޒާމަށް ކިޔަނީ '' ރެޓިކިއުލޯ އިންޑޯތީލިއަލް ސިސްޓަމް''(RES ) އެވެ.

* ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ފަދަ ޖަރާސީމްތައް އަތުލައި މަރާލުން ނުވަތަ ނައްތާލުމުގައި ނޫޓްރަފިލްތަކާއި، މޮނަސައިޓްތައް އެކިގޮތްތައް ބޭނުންކުރެއެވެ. ފުރަތަމަ ނޫޓްރަފިލްތައް ލޭގެމަގުން އެއްކިބާވެ، ކުދިލޭހޮޅި( Capillaries ) ތަކުގެ އެތެރޭގައިވާ ތެތް ދުލިފަށަލައިގެ ބަތާނަ(Endothelium)ގައި ޖަމާވެ، ހަރުލައެވެ. މިގޮތަށް ހަރުލުމަށް ކިޔަނީ ''މާރޖިނޭޝަން''( Margination)  އެވެ. އެއަށްފަހު ލޭހޮޅީގެ ހަނިމަގަކުން ހުރަސްކޮށް ޓިޝޫތަކުގެ ތެރެއަށް މިސެލްތައް ވާސިލްވެއެވެ. މިގޮތަށް ވާސިލްވުމަށް ކިޔަނީ''ޑައަޕީޑިސިސް''( Diapedesis ) އެވެ. ދެން އިންފެކްޝަން ނުވަތަ ބަލި އުފެދިފައިހުރި ދިމާލަށް މިސެލްތައް މިސްރާބު ޖަހައެވެ. މިހާލަތުގައި ސެލްތައް ހަރަކާތްކުރަނީ ''އެމީބާ''ހެން ''ސޫޑަޕޯޑިއާ''ގެ އެހީގައެވެ. މިސެލްތައް ބަލި، އިންފެކްޝަން، ނުވަތަ އިންފްލެމޭޝަން ހުރި ދިމާލަށް ގެންދަނީ ކެމިކަލް މާއްދާތަކެއްގެ އެހީގައެވެ. މިބުނި ކެމިކަލް މާއްދާތައް އުފައްދަނީ ދިފާއުކުރުމުގެ ނިޒާމުން ނުވަތަ ބެކްޓީރިއާއިންނެވެ. މިގޮތަށް ގެންދިއުމަށް ކިޔަނީ ''ކީމޯޓެކްސިސް''( Chemotaxis ) އެވެ. އެއަށްފަހު މިސެލްތައް ބެކްޓީރިއާގެ ވަށާލައެވެ. ދެން ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމް ( Digestive enzyme )ތަކުގެ އެހީގައި ބެކްޓީރިއާ މިސެލްގެ ތެރެއަށް ދަމާލައެވެ. މިބީދައިން ބެކްޓީރިއާ ކާލުމަށް ނުވަތަ ދިރުވާލުމަށް ކިޔަނީ ''ފޭގަސައިޓޯސިސް''( Phagocytosis ) އެވެ.

ލިމްފަސައިޓް
ލިމްފަސައިޓް (Lymphocyte)އަކީ  ދިފާޢީ ނިޒާމްގައި ޝާމިލްވާ ލޭގެ ހުދު ސެލްގެ ވައްތަރެކެވެ. މިއީ ސީދާ ދިފާއުކުރުމުގެ ނިޒާމުގައި ހަރަކާތްތެރިވާ ސެލްތަކެކެވެ. މިސެލްތަކުގެ 3 ވައްތަރެއް ހުރެއެވެ. ލިމްފަސައިޓްގެ މައިގަނޑު 3 ވައްތަރެއްގެ ސެލް ހުރެއެވެ.
* ޓީ ލިމްފަސައިޓް
* ބީ ލިމްފަސައިޓް
* ނެޗުރަލް ކިލަރ ސެލް

ބީީ ލިމްފަސައިޓް
ބީ ލިމްފަސައިޓް (B-Lymphocyte)އަކީ  ދިފާޢީ ނިޒާމްގައި ޝާމިލްވާ ލޭގެ ހުދު ސެލްގެ ތެރޭގައި ހިމެނޭ ސެލް އެކެވެ. ބީ ލިމްފަސައިޓް އިން ހަށިގަނޑަށް ވަންނަ ޖަރާސީމަށް ދެކޮޅަށް މަސައްކަތްކުރާނެ ހަށިދަމަނަ(Antibodies)  އުފައްދައެވެ. އެހެންކަމުން ''ހަށިދަމަނަ އުފައްދައިގެން ހަށިގަނޑު ދިފާޢުކުރުން''(Humoral immunity)  ފުރިހަމަ ކުރުމުގައި ހިއްޞާވަނީ ބީ ލިމްފަސައިޓް ތަކެވެ. މިސެލްތަކަށް ބީސެލް އޭ ވެސް ކިޔައެވެ. ''ހެލްޕަރ ޓީ-ސެލް''ތައް ''ބީ-ސެލް''ތައް ހީވާގިކުރުވުމުން، ނުވަތަ ހަށިގަނޑަށް ބެކްޓީރިއާއެއް ވަދެ އެއާ ކުރިމަތިލާހިނދު ''ބީސެލް''ތައް ''ޕްލާޒްމާ ސެލް''( Plasma cells ) އޭ ކިޔޭ ސެލްތަކަކަށް ބަދަލުވެއެވެ. ''ޕްލާޒްމާ ސެލް''ތަކުން ވަރަށް މަތީ ދަރަޖައަކަށް ހަށިދަމަނަ އުފައްދައެވެ. މިހަށިދަމަނަ ތަކަށް''އިމިއުނޯގްލޯބިއުލިންް''(Immunoglobulin)އޭ ކިޔައެވެ. 5 ބާވަތެއްގެ ''އިމިއުނޯގްލޯބިއުލިން'' ހުރެއެވެ. އެއީ IgG,IgM,IgE,IgA,IgD މި5ބާވަތެވެ.

ޓީ ލިމްފަސައިޓް
ޓީ ލިމްފަސައިޓް (T-Lymphocyte)އަކީ  ލިމްފަސައިޓްގެ ވައްތަރެކެވެ.ދިފާޢީ ނިޒާމުން ހަށިގަނޑު ދިފާޢުކޮށްދޭ ގޮތެއް ކަމުގައިވާ "ސެލްތައް ބޭނުންކޮށްގެން ހަށިގަނޑު ދިފާޢުކުރުން"(Cell mediated immunity)ފުރިހަމަކުރުމުގައި ހިއްސާވަނީ ޓީ ލިމްފަސައިޓް ތަކެވެ.ލިމްފަސައިޓްގެ 75 އިންސައްތަ އަކީ ޓީ ލިމްފަސައިޓް އެވެ.  މިސެލްތައް ލޭގެ އެހެނިހެން ހުދު ސެލްތަކާއި ތަފާތެވެ. އެއީ ޓީ ލިމްފަސައިޓް ހަށިގަނޑަށް ވަންނަ ޖަރާސީމްތައް ފާހަގަކޮށް އޭގެ ނަމޫނާއެއް ސެލްތަކުގެ މެމޮރީގައި ރައްކާކުރާތީ އެވެ. ޓީ ލިމްފަސައިޓް ތަކަށް ''ޓީ ސެލް''(T-cell)  އޭ ވެސް ކިޔައެވެ. ޓީ ލިމްފަސައިޓްގެ ތަފާތު ވައްތަރުތައް ހުރެއެވެ. ކޮންމެ ވައްތަރެއް ވެސް ހަށިގަނޑުގައި ވަކި ދައުރެއް އަދާކުރެއެވެ.

ޓީ ލިމްފަސައިޓް ގެ ވައްތަރުތައް
* ހެލްޕަރ ޓީ ސެލް
* ސައިޓަޓޮކްސިކް ޓީ ސެލް
* މެމަރީ ޓީ ސެލް
* ސަޕްރެޝަރ ޓީ ސެލް

ހެލްޕަރ ޓީ ސެލް
ހެލްޕަރ ޓީ ސެލް (Helper T cells)ތަކުގެ ބޭރު ފަށަލައިގައި ސީޑީ4 ކިޔާ ފްރޮޓީންއެއް ހުރެެއެވެ. އެހެންކަމުން މިސެލްތަކަށް ''ސީޑީ4 ޓީ ސެލް'' އޭ ވެސް ކިޔައި އުޅެއެވެ. އަދި މިސެލްތަކުން ''ސައިޓަކައިން''(Cytokine) ކިޔާ މާއްދާއެއް ބޭރުކުރެއެވެ. ސައިޓަކައިން ހަށިދަމަނަ އުފައްދާ ''ޕްލާޒްމާ ސެލް''(Plasma cell) އުފެއްދުމަށް ބީ ލިމްފަސައިޓް އަށް ބާރު އަޅައެވެ. މީގެ އިތުރުން ''ސައިޓަޓޮކްސިކް ޓީ ސެލް''(Cytotoxic T-cell) ތަކާއި އަދި ''ސަޕްރެޝަރ ޓީ ސެލް''(Suppressor T-cell) ތައް އުފެއްދުމަށް ބާރުއެޅުމާއެކު، މެކްރަފޭޖްތައް ހީވާގި ކުރުވައެވެ. އޭޑްސް ބަލީގެ ޖަރާސީމް ހަމަލާދެނީ މި ސެލްތަކަށެވެ. ނަތީޖާއެއްެގެ ގޮތުން ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ބާރު ފަސޭހަކަމާއެކު ދަށްކޮށްލައެވެ.

ސައިޓަޓޮކްސިކް ޓީ ސެލް
ސައިޓަޓޮކްސިކް ޓީ ސެލް (Cytotoxic T cells)ތަކުން ހަށިގަނޑަށް ވަންނަ ބެކްޓީރިޔާ މަރާލުމަށް އެހީވެދޭ ކެމިކަލްއެއް ބޭރުކުރެއެވެ. ސައިޓަޓޮކްސިކް ޓީ ސެލް ހަށިގަނޑުގައި ކެންސަރުގެ ސަބަބުން އުފެދޭ ޓިއުމަރު ސެލް، އަދި ވައިރަސްއާއި ތަޣައްޔަރު ވެފައިވާ ސެލްތައް ހަލާކުކޮށްލުމުގައި އެހީތެރި ވެއެވެ. ސައިޓަޓޮކްސިކް ޓީ ސެލް ތަކުގެ ބޭރު ފަށަލައިގައި ''ސީޑީ8'' ކިޔާ ގްލައިކޯ ޕްރޮޓީން އެއް ހުރެއެވެ. އެހެންކަމުން މިސެލްތަކަށް ''ސީޑީ8 ޓީ ސެލް'' އޭ ވެސް ކިޔައި އުޅެއެވެ.

މެމަރީ ޓީ ސެލް
މެމަރީ ޓީ ސެލް (Memory T cells)ތައް ހަށިގަނޑަށް ބެކްޓީރިއާއެއް ނުވަތަ ވައިރަސްއެއް ފަދަ އެއްޗެއް ވަނުމާއެކު، އޭގެ ނަމޫނާތައް ރައްކާކުރެއެވެ. އަދި އެފަދަ އެއްޗަކާއި، އިދިކޮޅަށް މަސައްކަތްކުރާނެ ހަށިދަމަނަ ހަށިގަނޑުގައި އުފައްދައެވެ. މީގެ ބޭނުމަކީ ދެވަނަފަހަރަށް އެފަދަ އެއްޗެއް ހަށިގަނޑަށް ވަދެފިނަމަ، ދިފާޢީ ނިޒާމު އެއާއި އިދިކޮޅަށް މަސައްކަތްކުރާ މިންވަރު އަވަސްކުރުމެވެ.

މެމަރީ ޓީ ސެލްގެ ދެވައްތަރެއް ހުރެއެވެ. އެއީ ''ސެންޓްރަލް މެމަރީ ޓީ ސެލް'' އަދި ''އިފެކްޓަރ މެމަރީ ޓީ ސެލް'' އެވެ. މެމަރީ ޓީ ސެލް ގެ ބޭރު ފަށަަލައިގައި ''ސީޑީ4'' ނުވަތަ ''ސީޑީ8'' މިއިން ކޮންމެ ވެސް އެއް ޕްރޮޓީންއެއް އިނުމަކީ އެކަށީގެންވާ ކަމެކެވެ.

ރެގިއުލޭޓަރީ ޓީ ސެލް
ރެގިއުލޭޓަރީ ޓީ ސެލް (Regulatory T cells)ތަކުގެ ބޭނުމަކީ ދިފާޢުކުރުމގެ ނިޒާމުގެ މަސައްކަތް ވަކިމިންވަރެއްގައި ހިފަހައްޓައި ކޮންޓްރޯލް ކުރުމެވެ.  މިސެލްތަކަށް ''ސަޕްރެޝަރ ޓީ ސެލް''(Supressor T  cells) އޭ ވެސް ކިޔައި އުޅެއެވެ. ރެގިއުލޭޓަރީ ޓީ ސެލްގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ. އެއީ ''ނެޗުރަލީ އޮކަރިންގ ޓީ ސެލް''(Naturally occurring T cells) އަދި ''އެޑަޕްޓިވް ޓީ ސެލް'' (Adaptive T cells)އެވެ. ނެޗުރަލީ އޮކަރިންގ ޓީ ސެލް އާއި އެހެނިހެން ޓީ ސެލްތަކާއި ހުރި ތަފާތަކީ މިސެލްގެ ތެރޭގައި ''ފޮކްސްޕީ3''(FoxP3) ކިޔާ މޮލިކިއުލް އެއް ހުރުމެވެ.

ނެޗުރަލް ކިލަރ ޓީ ސެލް
ނެޗުރަލް ކިލަރ ޓީ ސެލް (Natural Killer T cells)އަކީ ދިފާޢީ ނިޒާމްގެ ބައިތައް ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ސެލް އެކެވެ. ނެޗުރަލް ކިލަރ ޓީ ސެލް ހީވާގި ކުރުވުމުން ހަށިގަނޑަށް ވަންނަ ބެކްޓީރިޔާ މަރާލުމަށް އެހީވެދޭ ކެމިކަލްއެއް ބޭރުކުރެއެވެ. އަދި މިސެލްތަކުން ''ސައިޓަކައިން''(Cytokine) ކިޔާ މާއްދާއެއް ބޭރުކުރެއެވެ.

ލޭގެ ހުދު ސެލްތަކުގެ ދިރިހުރުމާއި، ދިރިހުންނަ މުއްދަތު
ލޭގެ ހުދު ސެލްގެ ބާވަތްތަކުގެ ތެރެއިން ޓީ-ލިމްފޯސައިޓްތައް ފިޔަވައި އެހެންހުރިހާ ބާވަތެއްގެ ސެލްތަކެއް އުފެދި ފުރިހަމަވަނީ ކަށީގެމަދު( Bone marrow )ގެ ތެރޭގައެވެ. ޓީ-ލިމްފޯސައިޓްތައް ވެސް އުފެދެންފަށަނީ މިތާގައެވެ. އެއަށްފަހު ''ތައިމަސް''( Thymus )އަށް ވާސިލްވެ، އޭގައިހުރެ ފުރިހަމަވެއެވެ. ތައިމަސް ހުންނަނީ ހިތާއި، ސްޓާރނަމްއާއި ދެމެދުން މޭމަތީގައެވެ.

ގްރެނިއުލޯސައިޓް ތައް ކަމުގައިވާ ނޫޓްރަފިލް،އީއަސިނަފިލް،ބޭސަފިލް ލޭގެ އާރަށް ވާސިލްވުމަށްފަހު 8-4ގަޑި އިރާއި، ދެމެދުގެ ވަގުތެން ވަންދެން ލޭގައި ދެމިހުރެއެވެ. އެއަށްފަހު އެކިއެކި ޓިޝޫތަކަށް ވާސިލްވެ، އެތާގައި 4 ނުވަތަ 5ދުވަސް ވަންދެން ދެމިހުރެއެވެ. ނުރައްކާތެރި ބަލިތަކުގެ ހާލަތުގައި މިމުއްދަތު ކުރުވެއެވެ.

މޮނަސައިޓްތައް އެވްރެޖްގޮތެއްގައި ލޭގައި ހޭދަކުރަނީ 20-10ގަޑިއިރާއި ދެމެދުގެ ވަގުތެން ވަންދެނެވެ. އެއަށްފަހު ޓިޝޫތަކަށް ވާސިލްވެ، މެކްރަފޭޖްތަކަށް ބަދަލުވެއެވެ. މެކްރަފޭޖްތައް މަސްތަކުން ފެށިގެން ގޮސް އަހަރުތައް ފާއިތުވަންދެންވެސް ދިރިދެމިހުރެއެވެ.

ލިމްފަސައިޓް ތައް ލިމްފް ޓިޝޫ (ހުންކޮށި، ލިމްފް ގޮށް، ތައިމަސް)ތަކާއި، ލިމްފް ދިޔައާއި،ލެޔާއި ދެމެދު ދައުރުވެ،ދައުރުވެ ހުރެއެވެ. ލޭގައި އެތައް ގަޑިއިރެއް ވަންދެން ލިމްފަސައިޓްތައް ދެމިހުރެއެވެ. މިސެލްތައް ވެސް ހަފްތާ،މަސް، އަދި އަހަރުތައް ފާއިތުވެދާއިރުވެސް ދިރިދެމިހުރެއެވެ

ލޭގެ ރަތް ސެލް

ލޭގެ ރަތް ސެލް
ލޭގެ ރަތް ސެލް(Red blood cell)  އަކީ ލޭގައި ހިމެނޭ ނިއުކްލިއަސް އެއް ނުވާ ވަށްކޮށް ހުންނަ ސެލް އެކެވެ. އެވްރެޖްކޮށް ލޭގެ ރަތް ސެލް ގެ ދިގު ހުރަސް މިނުގައި 7.5 މައިކްރޯން ހުރެއެވެ. އަދި ބޯމިނުގައި 2 މައިކްރޯން ހުންނައިރު ވޮލިއުމް ގައި 87 ކިއުބިކް މައިކްރޯން ހުރެއެވެ. ލޭގެ ރަތް ސެލް އެވްރެޖް ގޮތެއްގައި ދިރިހުންނަ މުއްދަތަކީ 120 ދުވަސް އެވެ. އެވްރެޖް ގޮތެއްގައި ލޭގެ ކޮންމެ މައިކްރޯ ލިޓަރެއްގައި 5 މިލިއަން ލޭގެ ރަތް ސެލް ހުރެއެވެ. ލޭގެ ރަތް ސެލް ތަކަށް ''އިރިތްރަސައިޓް''(Erythrocyte) އޭ ވެސް ކިޔައެވެ.ލޭގައި އެންމެ ގިނައަދަދަކަށް ހިމެނެނީ ރަތްކުލައިގެ ސެލްތަކެވެ. ލޭ ރަތްކުލައިގައި ހުރުމުގެ އަސްލަކީ މިއީއެވެ.

ލޭގެ ރަތް ސެލް އެކުލެވިގެންވާ މިންވަރު
ފިރިހެނުންގެ ހަށިގަނޑުގައި އެވްރެޖްގޮތެއްގައި ކޮންމެ މައިކްރޯލިޓަރ ( ކޮންމެ ކިއުބިކް މިލިމީޓަރ ) އެއްގައި 5,400,000 ( 5.4މިލިއަން ) ލޭގެ ރަތް ސެލް ހުރެއެވެ. އަންހެނުންގެ ހަށިގަނޑުގައި އެވްރެޖްގޮތެއްގައި ހުންނަނީ ކޮންމެ މައިކްރޯލިޓަރ އެއްގައި 4،600،000(4.6މިލިއަން) ލޭގެ ރަތް ސެލް އެވެ. ދުވަސްފުރާ ވިހާ މައިންނަށް ލިބޭ ކުޑަކުއްޖާގެ ހަށިގަނޑުގައި މިއަދަދު 4.8މިލިއަން ގައި އުޅޭއިރު އެއް އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި މިއަދަދު އުޅެނީ 4.3މިލިއަންގައެވެ. 10އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި އުޅެނީ 4.7މިލިއަންގައެވެ. ލޭގެ ކޮންމެ 100މައިކްރޯލިޓަރއެއްގައި ލޭގެ ރަތް ސެލް ހުންނަ މިންވަރަށް ކިޔަނީ ހިމާޓަކްރިޓް އެވެ. ނުވަތަ ހިމާޓަކްރިޓް ވޮލިއުމް (Hematocrit volume) އެވެ. ލޭ ތަތްކޮށް ނުވަތަ އޮލަކޮށް ހުރުން ( Viscosity )  މައިގަނޑުގޮތެއްގައި ބިނާވެފައި އޮންނަނީ ލޭގެ ރަތް ސެލްތައް ލޭގައި އެކުލެވިގެންވާ މިންވަރެއްގެ މައްޗަށެވެ.

ރަތް ސެލްތަކަށް ލިބިފައިވާ ޚާއްޞިއްޔަތުތައް
* ލޭގެ ރަތް ސެލްތައް ހުންނަނީ ވައް،ތިލަ ތައްޓެއްގެ ސިފަޔަށެވެ.
* ލޭގެ ރަތް ސެލް ތަކުގައި ''ނިއުކްލިއަސް'' ( Nucleus ) އެއް ނުހުރެއެވެ.
* ލޭގެ ރަތް ސެލްތައް ފުރިފައި ހުންނަނީ ހިމަގްލޯބިން (Hemaglobin)އޭކިޔޭ ރަތްކުލައިގެ މޮލިކިއުލްތަކަކުންނެވެ. ހިމަގްލޯބިން ގެ މަސައްކަތަކީ އޮކްސިޖަންގެ މިންވަރު ގިނަ ހިސާބުތަކުން އޮކްސިޖަން މަދުވެފައިވާ ހިސާބުތަކަށް އޮކްސިޖަން ފޯރުކޮށްދިނުމެވެ.
* ލޭގެ ރަތް ސެލްތަކަށް ހަލާކުވުމަކާއި ނުލައި، ބޭނުންވާ ބައްޓަމަކަށް ބަދަލުވުމުގެ ގާބިލިއްޔަތު ( Flexibility )  ލިބިފައިވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައިވާ އެންމެ ހަނި،ނުވަތަ އެންމެ ކުދި ލޭހޮޅިތައްވެސް ކަޑަތުކޮށްދިއުމުގެ ފުރުސަތު ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ހުރިހާ ހިސާބުތަކަށް ވެސް އޮކްސިޖަން ބަރާބަރަށް ގެންގޮސްދެއެެވެ.

ލޭގެ ރަތް ސެލްތަކުގެ ވަޒީފާ
* ލޭގެ ރަތް ސެލް ތަކުގެ މައިގަނޑު މަސައްކަތަކީ ފުއްޕާމޭއިން އޮކްސިޖަން ހަށިގަނޑުގައިވާ އެކިބާވަތްބާވަތުގެ ސެލްތަކަށް ފޯރުކޮށްދިނުމެވެ. މިމަސައްކަތް ހިންގަނީ ލޭގެ ރަތް ސެލް ތަކުގައި ހިމެނޭ ހިމަގްލޯބިން އޭ ކިޔޭ ޕްރޮޓީންއެއްގެ ޒަރީޢާއިންނެވެ. ހިމަގްލޯބިން ހަށިގަނޑުގައި އޮކްސިޖަންގެ މިިންވަރު އެންމެ މަތީ މިންވަރަކަށް އެކުލެވޭބައި (ފުއްޕާމޭ)ގައި އޮކްސިޖަންއާ ތަތްވެ،ނުވަތަ އެއްވެއެވެ. އެއަށްފަހު އޮކްސިޖަންގެ މިންވަރު ދަށް ނުވަތަ މަދުބައިތަކަށް (ކުދިލޭހޮޅިތަކަށް) އޮކްސިޖަން ގެންގޮސްދެއެވެ.

* ހަށިގަނޑުގައިވާ ކުދިލޭހޮޅި ( Capillary ) ތަކުން އޮކްސިޖަން ބޭރުވުމުން އޭގެ ބޭނުން އެކި ސެލްތައް ކުރެއެވެ. ފުއްޕާމޭގެ ތެރެއިން ލެޔަށް އަންނަ %97ގެ އޮކްސިޖަން ހަށިގަނޑުގެ އެކިހިސާބުތަކަށް ގެންގޮސްދެނީ ހިމަގްލޯބިންގެ ޒަރީޢާއިންނެވެ. ބާކީ %3ހުންނަނީ ލޭގެ ޕްލާޒްމާ ގެ ތެރޭގައެވެ.  

* ކޮންމެ ހިމަގްލޯބިން މޮލިކިއުލްއެއްގައި ދަނގަޑުގެ 4 ޒައްރާ ( Atom) ހުރެއެވެ. މިއިން ކޮންމެ ޒައްރާއެއް އޮކްސިޖަން މޮލިކިއުލްއަކާ އެކުވެއެވެ. ( އޮކްސިޖަންގެ ކޮންމެ މޮލިކިއުލްއެއްގައި އޮކްސިޖަންގެ 2 ޒައްރާވެއެވެ. މިއަށްކިޔަނީ O2އެވެ. ) މާނައަކީ ކޮންމެ ހިމަގްލޯބިން މޮލިކިއުލްއެއްގައި 4އޮކްސިޖަން މޮލިކިއުލް ނުވަތަ 8 އޮކްސިޖަން ޒައްރާ ހިމެނެއެވެ. ލޭގެ ރަތް ސެލް ތަކަށް ''ރަތްކަން'' އަންނަނީ ހިމަގްލޯބިންގައި ހިމެނޭ ދަނގަޑުގެ ސަބަބުންނެވެ. ހަމަ މިހެން ހިމަގްލޯބިންގައި ދެޖޯޑް ޕޮލިޕެޕްޓައިޑް ޗެއިން (Polypeptide chain)  އެކުލެވެއެވެ. މިޗެއިންތަކަށް ކިޔަނީ ''ގްލޯބިން''( Globin ) އެވެ.

* ލޭގެ ރަތް ސެލް ތަކުގެ %33އަކީ  ހިމަގްލޯބިން އެވެ. ފިރިހެނުންގެ ހަށިގަނޑުގައި އާންމުގޮތެއްގައި ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 15.5ގްރާމްގެ ހިމަގްލޯބިން ހުރެއެވެ. އަންހެނުންގެ ހަށިގަނޑުގައި 14ގްރާމް ހުރެއެވެ. ދުވަސްފުރި އުފަންވެފައިވާ ކުޑަކުއްޖާގެ ހަށިގަނޑުގައި ހުންނަނީ 16.6ގްރާމެވެ. 1އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި ހިމަގްލޯބިންގެ 12ގްރާމް ހުންނައިރު 10އަހަރަށްދާ ކުޑަކުއްޖާގެ ހަށިގަނޑުގައި 13.1ގްރާމް ހުރެއެވެ.

* ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށްދޭފަދައިން ކާބަންޑައިއޮކްސައިޑް(CO2 )  ހަށިގަނޑުން ބޭރުކުރުމުގައި ވެސް ލޭގެ ރަތް ސެލްތައް އެހީތެރިވެދެއެވެ. ކާބަންޑައިއޮކްސައިޑް އުފެދެނީ ހަށިގަނޑުގައިވާ އެކިއެކި ސެލްތަކުގައި ހިގާ ކެމިކަލް ރިއެކްޝަން ތަކެއްގެ އާޚިރު ނަތީޖާއެއްގެ ގޮތުންނެވެ. އެއަށްފަހު ކާބަންޑައިއޮކްސައިޑް ސެލްތަކުން ބޭރުވެ ކުދިލޭހޮޅިތަކަށް އާދެއެވެ. ދެން ބޮޑެތި ލޭހޮޅިތަކުގެ އެހީގަައި ފުއްޕާމެޔަށް ވާސިލްވެ، ނޭވާލާ ނޭވަޔާއި އެކު ހަށިގަނޑުން ބޭރުވެއެވެ.

* ލޭގެ ރަތް ސެލްތަކުގައި ''ކާބަނިކް އެންހައިޑްރޭޒް''(Carbonic anhydrase) ކިޔާ އެންޒައިމެއް ހުރެއެވެ. މި އެންޒައިމް ފެނާއި، ކާބަންޑައިއޮކްސައިޑް އެއްވުން 5000ފަހަރު އަވަސްކޮށްދެއެވެ. ފެނާއި، ކާބަންޑައިއޮކްސައިޑް އެއްވުމުން ''ކާބަނިކް އެސިޑް''(Carbonic acid) އުފެދެއެވެ. އެއަށްފަހު ކާބަނިކް އެސިޑް  ހައިޑްރަޖަން އާއި، ބައިކާބަނޭޓް( Bicarbonate )އަށް ބަދަލުވެއެވެ. ދެން ހައިޑްރަޖަން ހިމަގްލޯބިންއާއި އެއްވެއެވެ. ބައިކާބަނޭޓް ދަނީ ލޭގެ ޕްލާޒްމާގެ ތެރެއަށެވެ. ކާބަންޑައިއޮކްސައިޑްގެ %70ހަށިގަނޑުން ބޭރުވަނީ މިގޮތުގެ މަތީންނެވެ. ބާކީ %30ގެ ތެރެއިން %7ދަނީ ޕްލާޒްމާގެ ތެރެއަށެވެ. %23 ބަދަލުވުމެއްނެތި ހިމަގްލޯބިން އާއި، އެއްވެއެވެ. އެއަށްފަހު ފުއްޕާމެޔަށް ވާސިލްވެ، ނޭވާގެ ޒަރީޢާއިން ހަށިގަނޑުން ބޭރުވެއެވެ.

CO2 + H2O                                     H2CO3 + H+ HCO3-                     
       ބައިކާބަނޭޓް + ހައިޑްރޯޖަން  ކާބަނިކް އެސިޑް      ފެން + ކާބަންޑައިއޮކްސައިޑް

* ލޭގެ ރަތް ސެލްތަކުގެ ބޭރުފަށަލަ(Red cell membrane)، ހިމަގްލޯބިން ސެލް އިން  ބޭރުވެ، ޕްލާޒްމާގެ ތެރެއަށް ދިޔަނުދީ ހިފަހައްޓައެވެ. މިއީ ވަރަށް މުހިއްމުކަމެކެވެ. އެހެނީ ޕްލާޒްމާގެ ތެރޭގައި ހިމަގްލޯބިން މިނިވަންކަމާއި އެކު (އެއްވެސް އެއްޗަކާއި ނުގުޅި) ހަރަކާތްކުރާނަމަ އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ ގާތްކަމެކެވެ.

-          ގުރުދާގެ ތެރޭގައި ހިމަގްލޯބިން ފުރޭނިގެން ކުޑަކަމުދާތަކެއްޗާއި އެކު ބޭރުވުން
-          ގުރުދާގެ ހޮޅި ( Renal tubules)ތަކުގައި ހިމަގްލޯބިން ހަރުލާގޮތްވުން : މިއާވިދިގެން ގުރުދާ ފެއިލްވާގޮތް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.
-          ޕްލާޒްމާގެ އޮންކޮޓިކް ޕްރެޝަރ ( Oncotic pressure ) މަތިވުން: މިއާ ވިދިގެން ޓިޝޫތަކުގައި ދިޔާތަކެތި އުފެދުމަށް ހުރަސްއަޅައެވެ.
-          ހިމަގްލޯބިން ޕްލާޒްމާގެ ތެރޭގައި ފެނާ އެއްވެ، އޭގެ ތާސީރު ދަށްވުން ( Dilution )  : މިފަދަ ހާލަތުގައި ހިމަގްލޯބިން ގައި އޮކްސިޖަންއަށް ހުންނަ އެފިނިޓީ ( ވަކި އެއްޗަކާއި ގުޅުން ނުވަތަ އެއްވުމުގެ ބާރު / އެކަތި އަނެކައްޗަކާއި އޮންނަ ގުޅުން ނުވަތަ ގާތްކަން ) ނުވަތަ ހިމަގްލޯބިންގައި ހިމެނޭ އޮކްސިޖަންއާއި ގާތްވުމުގެ ބާރު މަތިވެ، އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން އޮކްސިޖަން ޓިޝޫތަކަށް ފޮނުވައިދޭ މިންވަރު ދަށްވެއެވެ.

ލޭގެ ޕްލާޒްމާ


ލޭގެ ޕްލާޒްމާ
ލޭގެ ޕްލާޒްމާ(Plasma)  އަކީ ލޭގެ ސެލްތައް އެއެއްޗެއްގެ ތެރޭގައި ގެބިފައި ހުންނަ ދިޔަވަރެވެ. ނުވަތަ މިއީ ލޭގެ ދިޔާ ބައެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ލޭގެ ސެލްތައް އޭގެ ތެރޭގައި ދައުރުވެ ދައުރުވެ ހުންނަ ކޯރެވެ.  މުޅި ލޭގެ ވޮލިއުމްގެ 60-55 އިންސައްތަ އަކީ ޕްލާޒްމާ އެވެ. ޕްލާޒްމާ އަކީ ސާފު ރީނދޫ ކުލައަކަށް ހުންނަ ދިޔައެކެވެ.

ޕްލާޒްމާގެ 90 އިންސައްތަ އަކީ ފެނެވެ. 10 އިންސައްތަ އަކީ އެހެނިހެން މާއްދާތަކެވެ. އެހެނިހެން މާއްދާތަކުގެ ތެރެއިން 7.1 އިންސައްތަ އަކީ ''ޕްލާޒްމާ ޕްރޮޓީން''(Plasma protein) އެވެ. 2 އިންސައްތަ އަކީ ލިޕިޑް، ހޯރމޯން،ހަށި ދަމަނަތަކާއި، އެންޒައިމް، އަދި ތަފާތު ކާނާގެ މާއްދާތަކާއި، ހަށިގަނޑުން ބޭރުކުރަންޖެހޭ ބޭކާރު މާއްދާތަކެވެ. 0.9 އިންސައްތަ އަކީ ތަފާތު މައުދަންތަކެވެ. އޭގެ ތެރޭގައި ސޯޑިއަމް، ކެލްސިއަމް، ޕޮޓޭސިއަމް، ފޮސްފަރަސް،އަދި މެގްނީޒިއަމް އަދި މިނޫންަ މާއްދާތައް ހިމެނެއެވެ. މީގެ އިތުރުން ލޭގަނޑުވުމަށް އެހީވެދޭ ޕްރޮޓީން ( Clotting factors/ Clotting protein ) އާއި، އަލްބިޔުމިން ވެސް ޕްލާޒްމާގެ ތެރޭގައި ހުރެއެވެ.

ލޭގައި ''ލިޕިޑްސް'' ނުވަތަ ސަރުބީ ނުވަތަ ތެޔޮ ( Lipids)އެކުލެވޭ މިންވަރު އިތުރުވާ ހާލަތްތަކުގަޔާއި، ގިނައަދަދަކަށް ފެޓް(ސަރުބީ އަދި ތެޔޮ) ހިމެނޭ ކާނާ ބޭނުންކުރާ ފަހަރުތަކުގައި ޕްލާޒްމާގެ ކުލަ ކިރުކުލައަށް ބަދަލުވެއެވެ.

ހަށިގަނޑަށް ބޭނުންވާ މާއްދާތައް  ލޭގެތެރޭގައި ދައުރުވަމުންދާއިރު އެކިއެކި ޓިޝޫތަކާއި، ސެލްތަކަށް ވާސިލްކޮށްދެއެވެ. ނުވަތަ ފަތުރާދެއެވެ. މިގޮތަށް ވާސިލްކޮށްދޭ ދިނުމުގައި އަބަދުވެސް އެމާއްދާތައް މަތީދަރަޖަ އަކަށް ހުރި ހިސާބުތަކުން މަދު އަދަދަކަށް އެކުލެވޭ ހިސާބުތަކަށް ގެންގޮސްދެއެވެ. ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ބޭރުކުރަނީ މިއާޚިލާފަށެވެ. މިފަދަ ބޭކާރު މާއްދާތައް އެއުފައްދާ ސެލްތަކުން ލޭގެތެރެއަށް އާދެއެވެ. އެއަށްފަހު ހަށިގަނޑުން އެމާއްދާތައް ބޭރުވަނީ ގުރުދާ ( Kidney)އާއި، ފުއްޕާމޭ ( Lung ) ގެ ޒަރީޢާއިންނެވެ.

ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 8-6ގްރާމާ ދެމެދުގެ މިންވަރަކަށް ޕްލާޒްމާ ޕްރޮޓީން ހުރެއެވެ. އެވްރެޖްގޮތެއްގައި ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 7ގްރާމެވެ.މީގެތެރެއިން 4ގްރާމް އަކީ އަލްބިޔުމިން އެވެ. 2.7ގްރާމަކީ ގްލޯބިޔުލިން ގެ ބާވަތްތަކެވެ. 0.3ގްރާމަކީ ފައިބްރިނަޖަން(Fibrinogen) އެވެ. މިބަޔާންކުރެވުނު ޕްރޮޓީން ތަކަކީ އެކިއެކި ކަންކަމުގައި އޭގެ ދައުރު އަދާކުރާ މާއްދާތަކެވެ. މިސާލަކަށް އަލްބިޔުމިން ޕްލާޒްމާގެ ''އޮންކޮޓިކް ޕްރެޝަރ'' ( Oncotic pressure ) ވަކި ވަރެއްގައި ހިފަހައްޓައެވެ. ގްލޯބިޔުލިންތައް އޭގެ ދައުރު ހަށިގަނޑު ބަލިތަކުން ދިފާޢުކުރުމުގައި އަދާކުރެއެވެ. ފައިބްރިނަޖަން ލޭމަނާކުރުމުގައި ހަރަކާތްތެރިވެއެވެ. އެންޒައިމްތައް އެތެރޭގައި ހިގާ ކެމިކަލް ރިއެކްޝަންތަކުގައި ބައިވެރިވެއެވެ.

ޓިއުބަކަށް ލޭއެޅުމަށްފަހު ''ސެންޓްރިފިއުޖް ( Centrifuge )ކުރުމުން އޭގެ އެންމެ ތިރީގައި ހުންނާނީ ލޭގެ ރަތް ސެލް ތަކެވެ. މެދުގައި ހުންނާނީ ލޭގެ ހުދު ސެލް ތަކާއި، ޕްލޭޓްލިޓް ތަކެވެ.އެންމެ މަތީގައި ރީދޫ ކުލައިގައި ހުންނާނީ ޕްލާޒްމާ އެވެ.
ޕްލާޒްމާއާއި، ސީރަމްގެ ތަފާތު
ލޭގަނޑުވުމުގައި ޕްލާޒްމާގެ ތެރޭގައި ގަނޑުނުވެ ހުންނަ ދިޔާބަޔަށް ކިޔަނީ ''ސީރަމް'' ( Serum)އެވެ.ސީރަމްގައި ފައިބްރިނަޖަންއެއް ނުހުރެއެވެ. ފައިބްރިނަޖަން އަކީ ލޭގަނޑުވުމަށް އެހީވެދޭ އަސާސީ ޕްރޮޓީންއެވެ. ހަމަ މިހެން ފެކްޓާރ5، ފެކްޓާރ8 އެއް ވެސް ނުހުރެއެވެ. އެއީ މިމާއްދާތައް ލޭގަނޑުވުމުގެ ތެރޭގައި ބޭނުން ކުރެވިގެންދާތީއެވެ. އެހެންކަމުން ޕްލާޒްމާ ގަނޑުވިޔަސް ސީރަމް ގަނޑެއް ނުވާނެއެވެ. ސީރަމްގައި ސެރަޓޮނިން މަތީ ދަރަޖައަކަށް ހުރެއެވެ. ލޭގައި އެކިއެކި މާއްދާތައް ހުރި މިންވަރު ބެލުމަށް ސީރަމް ތަޙުލީލު ކުރެވެއެވެ.

ޕްލާޒްމާ ޕްރޮޓީން
ޕްލާޒްމާގައި އެކުލެވޭ ފެން ފިޔަވައި ބާކީ %10 ބެހިފައިވާ އިރު %7 އަކީ ޕްލާޒްމާ ޕްރޮޓީންއެވެ. މިގޮތުން މައިގަނޑު 3 ޕްރޮޓީންއެއް ޕްލާޒްމާގައި ހުރެއެވެ. އެއީ އަލްބިޔުމިން(Albumin)، ގްލޯބިޔުލިން(Globulin) ތައް، އަދި ފައިބްރިނަޖަން(Fibrinogen)އެވެ. މީގެ އިތުރުން އެހެން ބައެއް ޕްރޮޓީންތަކުގެ ކުޑަމިންވަރެއް ޕްލާޒްމާ ގައި ހިމެނެއެވެ. މީގެތެރޭގައި ހިމެނެނީ ބައެއް ހޯރމޯންތަކާއި،ޕްރޯތްރޮމްބިން(Prothrombin)އަދި ލޭގަނޑުވުމަށް ބޭނުންވާ ބައެއް އެހެން މާއްދާ ތަކެވެ. ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 8-6ގްރާމާ ދެމެދުގެ މިންވަރަކަށް ޕްލާޒްމާ ޕްރޮޓީން ހުރެއެވެ. އެވްރެޖްގޮތެއްގައި ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 7ގްރާމެވެ.

ޕްލާޒްމާ ޕްރޮޓީން ގެ ވައްތަރުތައް
އަލްބިޔުމިން
ޕްލާޒްމާގައި އެންމެ ގިނައިން ހުންނަނީ އަލްބިޔުމިން އެވެ. އެވްރެޖްގޮތެއްގައި ކޮންމެ ޑެސިލިޓަރެއްގައި 4ގްރާމްގެ އަލްބިޔުމިން ހުރެއެވެ. އެހެންކަމުން ޕްލާޒްމާ ޕްރޮޓީންގެ 60އިންސައްތަ އަކީ އަލްބިއުމިން އެވެ. އަލްބިޔުމިންގެ މޮލިކިއުލާ ބަރުދަން(M.w)އަކީ 6900އެވެ.

ގްލޯބިޔުލިން
ގްލޯބިޔުލިންތަކުގެ ތެރޭގައި ހިމެނެނީ އަލްފާ 1،2، ބީޓާ1،2، އަދި ގާމާ ގްލޯބިޔުލިން އެވެ. އެވްރެޖްގޮތެއްގައި ކޮންމެ ޑެސިލިޓަރެއްގައި 2.7ގްރާމްގެ ގްލޯބިޔުލިން ހުރެއެވެ. ގްލޯބިޔުލިންގެ މޮލިކިއުލާ ބަރުދަން އުޅެނީ 15600-90000އާއި ދެމެދުގައެވެ.

ފައިބްރިނަޖަން
ޕްލާޒްމާގައި އެންމެ މަދުން ހުންނަނީ ފައިބްރިނަޖަން އެވެ. އެވްރެޖްގޮތެއްގައި ކޮންމެ ޑެސިލިޓަރެއްގައި 0.3ގްރާމްގެ ފައިބްރިނަޖަން ހުރެއެވެ.ފައިބްރިނަޖަންގެ މޮލިކިއުލާ ބަރުދަނަކީ 340000އެވެ.

ޕްލާޒްމާ ޕްރޮޓީން އުފެދުން
ގާމާ ގްލޯބިޔުލިން(gamma globulin) ފިޔަވައި އެހެން ހުރިހާ ޕްލާޒްމާ ޕްރޮޓީންތަކެއް އުފެދެނީ ފުރަމޭގެ ތެރޭގައެވެ. ގާމާ ގްލޯބިޔުލިން އުފެދެނީ ''ލިމްފޮއިޑް ޓިޝޫ''(Lymphoid tissue)ތަކުގެ ތެރޭގައި '' ޕްލާޒްމާ ސެލް''(Plasma cells) އޭ ކިޔޭ ސެލްތަކަކުންނެވެ. ގާމާ ގްލޯބިޔުލިން އުފެދެނީ ބެކްޓީރިއާ ނުވަތަ އެހެންވެސް ހަށިގަނޑާއި ނުރައްޓަހި އެއްޗެއް ބީ ލިމްފަސައިޓް ހީވާގިކުރުމުންނެވެ. ގާމާ ގްލޯބިޔުލިންތަކަށް ''އިމިއުނޯ ގްލޯބިއުލިންސް''(Ig)، ނުވަތަ ހަށިދަމަނަ(Antibodies)އޭ ވެސް ކިޔައި އުޅެއެެވެ. ހަށިގަނޑުން ލޭބޭރުވުން ފަދަ ކަމެއްގެ ތެރޭގައި ޕްލާޒްމާ ޕްރޮޓީންތައް ބީވެގެން ދިއުމުން އަލުން އެޕްރޮޓީންތައް އުފައްދައެވެ. ބައެއް އިންފެކްޝަންތައް ނުވަތަ ބަލިތައް މިބުނި ގޮތަށް އަލުން ޕްލާޒްމާ ޕްރޮޓީން އުފެދުމަށް ހުރަސްއަޅައެެވެ.

އެއްއަހަރު ފުރިހަމަނުވާ ތުއްތު ކުދިންގެ ހަށިގަނޑުގައި ޕްލާޒްމާ ޕްރޮޓީން އެކުލެވޭ މިންވަރު ދަށެވެ. މައިގަނޑު ގޮތެއްގައި މިނިސްބަތް ދަށީ އަލްބިއުމިން އެކުލެވޭ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. މާބަނޑުވުމަށް ފަހު ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އަލްބިއުމިން އަދި ގްލޯބިއުލިންގެ މިންވަރު ޕްލާޒްމާގައި ދަށްވެއެވެ. ނަމަވެސް ފައިބްރިނަޖަންގެ މިންވަރު މިމުއްދަތުގެ ތެރޭގައި މަތިވެއެވެ.

ޕްލާޒްމާ ޕްރޮޓީންގެ މަސްދަރު
އާންމުގޮތެއްގައި ޕްލާޒްމާ ޕްރޮޓީން އުފެދެނީ ކާނާގައި ހިމެނޭ ޕްރޮޓީން(Food protien)ތަކުންނެވެ. ނަމަވެސް ހައިކަންމަތީ ގިނައިރު ނުކައި ހުރެއްޖެނަމަ ނުވަތަ ބަނޑުހައިހޫނުކަން ދިގުމުއްދަތަކަށް އިހްސާސްކުރަންޖެހިފައިވާ ހާލުގައި ޓިޝޫތަކުގައި ހިމެނޭ ޕްރޮޓީން(Tissue protein)ތަކުން ވެސް ޕްލާޒްމާ ޕްރޮޓީން އުފެދެއެވެ. މިބުނި ދެއުސްލޫބުގެ ދަށުން ޕްލާޒްމާ ޕްރޮޓީން އުފެދޭގޮތް ތިރީގައި މިވަނީ އެވެ.

ކާނާގައި ހިމެނޭ ޕްރޮޓީން
ކާނާގައި ހިމެނޭ ޕްރޮޓީން ޕްލާޒްމާ ޕްރޮޓީން އުފެއްދުމަށް އެންމެ އެކަށީގެންވަނީ ކާނާގައި ހިމެނޭ ޕްރޮޓީން އަންނަނިވި ގޮތްތަކަށް ހުރި ނަމައެވެ.
·         ކާނާގައި ހިމެނޭ ޕްރޮޓީންގެ އޮނިގަނޑާއި، ޕްލާޒްމާ ޕްރޮޓީންގެ އޮނިގަނޑު އެއްގޮތްވުން
·         ބަޔޮލޮޖިކަލް ވެލިއޫ މަތި ޕްރޮޓީންތަކެއްކަމުގައިވުން ނުވަތަ އަމިނޯއެސިޑްތަކުން މުއްސަދިވެފައިވާ ޕްރޮޓީންތަކެއް ކަމުގައިވުން
·         މަހުން ނެގޭ ޕްރޮޓީން އަލްބިއުމިން އުފެދުމަށް ބާރު އަޅައެވެ. ހަމަމިހެން ގަސްގަހާގެހީގެ ބާވަތްތަކުން ނެގޭ ޕްރޮޓީންތައް ގްލޯބިއުލިންތައް އުފެދުމަށް ބާރު އަޅައެވެ. އިންފެކްޝަން ނުވަތަ ބަލީގެ ހާލަތްތަކުގައި މިބުނި ދެގޮތަށް ޕްރޮޓީން އުފެދުން ދަށްކުރެއެވެ.

ޓިޝޫގައި ހިމެނޭ ޕްރޮޓީން
މިޕްރޮޓީންތައް ދެބަޔަކަށް ބެހިގެންވެއެވެ.
·         ސާބިތު ޕްރޮޓީންތައް(Fixed proteins) : މިއީ ސެލްތަކުގެ ދިރުމަށް ކޮންމެހެން ބޭނުންވާ ޕްރޮޓީން ތަކެވެ. މިޕްރޮޓީންތައް ސެލްތަކުން ބޭރަށް ނުނިކުތުމުގެ ސަބަބުން ޕްލާޒްމާ ޕްރޮޓީންތަކަށް ބަދަލެެެއް ނުވެއެވެ.
·         ރިޒާވަރގެ ގޮތުގައި ހުންނަ ޕްރޮޓީންތައް(Reserve proteins) : މިޕްރޮޓީންތައް ދެބަޔަކަށް ބެހިގެންވެއެވެ.
o       އާވެއާވެ ހުންނަ ޕްރޮޓީންތައް(Labile proteins) : މިވައްތަރުގެ ޕްރޮޓީންތަކުގެ އޮނިގަނޑު ޕްލާޒްމާ ޕްރޮޓީންތަކާއި އެއްގޮތެވެ. ޕްލާޒްމާ ޕްރޮޓީންގެ މިިންވަރު ދަށްވެއްޖެ ނަމަ މަދު މިނިޓުކޮޅެއްގެ ތެރޭގައި ސެލްތަކުގެ ދެމެދުގައިވާ ހުސްތަނުން ނިކުމެ، ލޭގެތެރެއަށް ވާސިލްވެއެވެ. އެއީ ހަށިގަނޑުން ލޭބޭރުވުން ފަދަ ކަމެއްގެ ސަބަބުން ޕްރޮޓީންތައް ލެއިން މަދުވިޔަނުދީ ސާބިތުކަންމަތީ އޭގެ މިންވަރު ދެމެހެއްޓުމަށްޓަކައެވެ.
o       ބޭނުންވާ ވަރަށްވުރެ އިތުރަށް ހުންނަ ޕްރޮޓީންތައް(Dispensable proteins) : މިވައްތަރުގެ ޕްރޮޓީންތައް ފުރަމޭއަށް ވާސިލްވެ، ހަކަތަ އުފެއްދުމުގައި ބައިވެރިވެއެވެ. އަދި ބަނޑުހައިހޫނުކަން އިހްސާސްކުރަންޖެހިފައިވާ ހާލުގައި ޕްލާޒްމާ ޕްރޮޓީންތައް އުފައްދައެވެ.

ޕްލާޒްމާ ޕްރޮޓީންގެ ވަޒީފާ
·         ލޭމަނާކުރުމާއި، ލޭއައުން ހުއްޓުވުން(Hemostasis) : ފައިބްރިނަޖަން، ތްރޮމްބިން، އަދި ލޭގަނޑުވުމުގެ މަސައްކަތުގައި ބައިވެރިވާ އެހެނިހެން ބައެއް މާއްދާ ތަކަކީ ޕްލާޒްމާ ޕްރޮޓީން ތަކެވެ.

·         ކާނާގެ ގޮތުގައި ބޭނުންކުރުން: ދިގުމުއްދަތަށް ހައިހޫނުކަމުގައި ހޭދަކުރާނަމަ ޓިޝޫތަކަށް ބޭނުންވާ ކާނާގެ ގޮތުގައި ޕްލާޒްމާ ޕްރޮޓީންތައް ބޭނުން ކުރެވެއެވެ. އެއީ ހަށިގަނޑުގައި ރައްކާކުރެވިފައި ހުރި ޕްރޮޓީންތައް މަދުވެ ދިއުމަށްފަހު ގައެވެ.

·         ކާބަންޑައި އޮކްސައިޑް އުފުލުން: ޓިޝޫތަކުން ފުއްޕާމެޔަށް ގެންދާ 10އިންސައްތަ ކާބަންޑައި އޮކްސައިޑް ފުއްޕާމެޔަށް ދަނީ ޕްލާޒްމާ ޕްރޮޓީންތަކާއި އެއްވެގެންނެވެ. މިގޮތުން ''އަމައިނޯ ގްރޫޕް''(Amino group)ގެ ޕްލާޒްމާ ޕްރޮޓީންތަކާއި، ކާބަންޑައި އޮކްސައިޑް އެއްވެ، ފުއްޕާމެޔަށް ވާސިލްވަނީ '' ކާބަމައިނޯ ކޮމްޕައުންޑް'' (Carbamino compound)އެއްގެ ގޮތުގައެވެ. ފުއްޕާމޭގައި ކާބަން ޑައިއޮކްސައިޑް ހަށިގަނޑުން ބޭރުވުމުން، ޕްރޮޓީންތަކުގެ ''އަމައިނޯ ގްރޫޕް'' އަލުން އެޕްރޮޓީންތަކުގައި ރައްކާކުރެއެވެ.

·         ކުދިލޭހޮޅިތަކުގެ ''ޕާމިއެބިލިޓީ''(Permeability) ކޮންޓްރޯލްކުރުން : ޕްލާޒްމާ ޕްރޮޓީންތައް ކުދިލޭހޮޅި ތަކުގެ ފާރުގައިވާ ''ލޯވަޅު''(Pore)ތައް ބަންދުކުރުމުން އެލޭހޮޅިތަކުގެ ''ޕާމިއެބިލިޓީ'' އަށް ވަކި ހުދޫދެއް ކަނޑައެޅިގެން ދެއެވެ. ޕްލާޒްމާ ޕްރޮޓީންތައް މަދުވުން ނުވަތަ ލޭގައި ޕްރޮޓީން މަދުވުން(Hypoproteinemia) ގެ ހާލަތުގައި ކުދި ލޭހޮޅިތަކުގެ ''ޕާމިއެބިލިޓީ'' މަތިވެ، ''އެޑީމާ''(Odema) އުފެދޭގޮތް ވެއެވެ. ''އެޑީމާ''ގެ މާނައަކީ ހަށިގަނޑުގެ ޓިޝޫ ނުވަތަ ގުނަވަނެއް ނުވަތަ މުޅިހަށިގަނޑުގައި ފެންފަދަ ދިޔާ މާއްދާއެއް ޖަމާވުމުގެ ސަބަބުން އެޖަމާވި ތަނެއް ދުޅަވެ ފޮއްސިވެ، ފުފޭގޮތްވުމެވެ.

·         ހޯރމޯންތަކުގެ ހަރަކާތް : ބައެއް ހޯރމޯންތަކަކީ އެ ހޯރމޯންތައް އަމާޒުކުރެވިފައިވާ ސެލްތަކާއި ދިމާލަށް ޕްލާޒްމާގެ ތެރޭގައި ދައުރުވެގެން ވާސިލްވާ އެއްޗެކެވެ. މިސާލު: ޕިޓޫއިޓަރީ ހޯރމޯންތަކާއި، އަދި ޕެރަތައިރޮއިޑް ހޯރމޯން އޭގެ އަމާޒަށް ވާސިލްވަނީ ލޭގެ ތެރެއިންނެވެ.

·         ހަށިގަނޑު ބަލިތަކުން ދިފާޢުކުރުން : ގާމާ ގްލޯބިއުލިން ތަކަކީ ބެކްޓީރިއާ އަށް ހަމަލަދީ، ވިހަތަކުގެ ބާރު ކަނޑުވައިދޭ ހަށިދަމަނަ ތަކެކެވެ. އެހެންކަމުން ގާމާ ގްލޯބިއުލިންތަކަށް ''އިމިއުނޯގްލޯބިއުލިްންސް''(Ig) އޭ ކިޔައެވެ.

·         ރައްކާކުރުމާއި، ހިމާޔަތް ކުރުން: ޕްލާޒްމާ ޕްރޮޓީންތައް ވަރަށް ގިނަ މާއްދާތަކާއި ދޫދޫކޮށް(loosely) ތަތް ނުވަތަ އެއްވެއެވެ. މިގޮތުން ޕްލާޒްމާ ޕްރޮޓީން އެމާއްދާތަކާއި އެއްވާ މާއްދާތަކުގެ ތެރޭގައި ތައިރޮއިޑް ހޯރމޯން ނުވަތަ ތައިރޮކްސިން އާއި، ކޯޓިޒޯލް ހޯރމޯންއާއި، ދަނގަޑު އަދި ކޮޕަރ ހިމެނެއެވެ. މިގޮތަށް އެއްވުމުން މިމާއްދާތައް ޓިޝޫތަކުގެ ތެރޭގައި ފަސޭހަކަމާއި އެކު ފެތުރިގެންދިއުމާއި، ކުޑަކަމުދާތަކެއްޗާއި އެކު މިމާއްދާތައް ބޭރުވެގެން ދިއުން ހިމާޔަތް ކޮށްދެއެވެ. އެއީ ޕްލާޒްމާ ޕްރޮޓީންތައް ގުރުދާގެ ''ގްލޯމެރިޔޫލް''(Glomerule)ތަކުން ފުރާނަ ނުދޭތީ އެވެ. ހަމަމިހެން މިބުނި ގޮތަށް އެއްވުމުން މިމާއްދާތަކުގެ ރިޒާވަރެއްގެ ގޮތުގައި ޕްލާޒްމާ ޕްރޮޓީންތައް ހަރަކާތްތެރި ވެއެވެ. އެއީ ޕްލާޒްމާ ޕްރޮޓީންތަކުން މިމާއްދާތައް ބޭރުކުރާމިންވަރު ލަސްވާތީ އެވެ.

·         ލެއަށް ތަތްކަން ނުވަތަ އޮލަކަން(Viscosity) ގެނައުން: ލޭ ތަތްކަން ނުވަތަ އޮލަކަން ދެމެހެއްޓުމުގައި ލޭގެ ރަތް ސެލް ތަކާއެކު ޕްލާޒްމާ ޕްރޮޓީންތައް ބައިވެރިވެއެވެ. މިމަސައްކަތުގައި ބައިވެރިވަނީ  ފައިބްރިނަޖަން އާއި ގްލޯބިއުލިން ތަކެވެ. އެއީ މިބުނި ދެމާއްދާގެ މޮލިކިއުލާ ބަރުދަން މަތިކަމުންނެވެ. މިކަމުގެ ސަބަބުން ކުދި ކުދި ލޭހޮޅިތަކުގައި ލޭދައުރުވުމާއި ދެކޮޅަށް ބާރެއް (Peripheral vascular resistance) އުފައްދައެވެ. މިކަމުގެ ސަބަބުން ލޭގެ ޕްރެޝަރ ދެމެހެއްޓުމުގައި އެހީތެރިވެދެއެވެ. އަރިމަތީ ލޭހޮޅިތަކުގައި ނުވަތަ ކުދިކުދި ލޭހޮޅިތަކުގައި  ލޭދަރުވުމާއި ދެކޮޅު ބާރު ކަނޑައަޅަނީ ދެކަމެއްގެ ސަބަބުންނެވެ. އެއީ ލޭހޮޅިތަކުގެ ވަށަމިނާއި، ލޭގެ އޮލަކަމެވެ.

·         ޓިޝޫ ތަކުގެ ދިޔާބައި(Tissue fluid) އުފެދުން: ހަށިގަނޑުގައި ދިޔާތަކެތި ހުންނަނީ ޕްލާޒްމާއާއި، ސެލްތަކުގެ ދެމެދުގައިވާ ހުސްތަނުގައި ހުންނަ ދިޔާތަކެތި(Interstitial fliud)އާއި ދެމެދު ބަދަލުވެ، ބަދަލުވެއެވެ. މިގޮތަށް ބަދަލުވަނީ ކުދިލޭހޮޅިތަކުގައި ހިގާ ފުރޭނުން(Filtration)އަދި ދެމުން ނުވަތަ ނެގުން (Absorption)، މިދެކަމުގެ ސަބަބުންނެވެ.

o       ފުރޭނުމުގެ ބާރު(Filtraion force) އަކީ މައިގަނޑުގޮތެއްގައި ''ހައިޑްރޯސްޓެޓިކް ކެޕިލަރީ ޕްރެޝަރ''(Hydrostatic capillary pressure)އެވެ.
o       ދެމުމުގެ ބާރު(Absorption force) އަކީ ޕްލާޒްމާ ޕްރޮޓީންގެ ''އިފެކްޓިވް އޮސްމޮޓިކް ޕްރެޝަރ''(Effective osmotic pressure)އެވެ. މާނައަކީ އޭގެ ''އޮންކޮޓިކް ޕްރެޝަރ''(Oncotic pressure)އެވެ.

ލޭގައި ޕްރޮޓީން މަދުވުމުން އޮންކޮޓިކް ޕްރެޝަރ ދަށްވެއެވެ. މިހެންވުމުން ސެލްތަކުގެ ދެމެދުގައި ހުންނަ ދިޔާބައި ދަމާވަރަށްވުރެ، ފުރޭނިގެންދާވަރު އިތުރުވެއެވެ. މިއާގުޅިގެން މިބުނި ދިޔާތަކެތި ގިނައަދަދަކަށް ޖަމާވެ ފޮއްސިވާ ގޮތްވެއެވެ.

·         ލޭގެ ''ބަފަރ ކުރުމުގެ ބާރު''(Buffering power)ގެ 15-7 އިންސައްތަ އުފައްދަނީ ޕްލާޒްމާ ޕްރޮޓީންގެ ސަބަބުންނެވެ. ލޭގެ ޕީއެޗް(PH) 7.4ގައި ހުންނައިރު ޕްލާޒްމާ ޕްރޮޓީން މަސައްކަތް ކުރަނީ ބާރުދެރަ އެސިޑެއްގެ ގޮތުގައެވެ. އަދި ''ބޭސް''(Base)ތަކާއި އެއްވެއެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ޕްލާޒްމާ ޕްރޮޓީން އެއްވަނީ ''ސޯޑިއަމް އަޔަން''(Na+)އާއި އެވެ. މިސާލަކަށް ލެކްޓިކް އެސިޑް (Lactic acid) ފަދަ ބާރުގަދަ އެސިޑެއް ''ބަފަރ''ވާގޮތް ތިރީގައި މިވަނީ އެވެ.

ލެކްޓިކް އެސިޑް + ސޯޑިއަމް ޕްރޮޓިނޭޓް             ސޯޑިއަމް ލެކްޓޭޓް + ޕްރޮޓިނިކް އެސިޑް

( ނޯޓް: ބަފަރ : ބަފަރ އޭ ކިޔަނީ ދިޔާ ނުވަތަ ގިރިގެންދާ އެއްޗެއް ނުވަތަ ސޮލިއުޝަންއެއް ގައި ހައިޑްރޯޖެން އަޔަން އެކުލެވޭ މިންވަރު ކޮންޓްރޯލްކުރާ މާއްދާތަކަކަށެވެ. މިގޮތުން ''ބަފަރ ސިސްޓަމް'' އަށް އެސިޑެއް އެއްކުރެވޭ ހިނދު ހައިޑްރޯޖެން އަޔަން އޭގެ ތެރެއަށް ދަމާލައެވެ. އަދި ބޭސްއެއް އެއްކުރެވޭ ހިނދު ހައިޑްރޯޖެން އަޔަން އެއިން ބޭރުކުރެއެވެ. މިނިޒާމް އަދާކުރާ ވަޒީފާ ތަކުގެ ތެރޭގައި ލޭގައި އެސިޑް، އަދި ބޭސް އެކުލެވޭ މިންވަރު ކޮންޓްރޯލްކުރުމާއި، ގުރުދާގެ ހޮޅިތަކުގެ ޕީއެޗް ވަކިވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ. މިނިޒާމްގައި ނެގެޓިވް ޗާޖު ހުންނަ މޮލިކިއުލްތަކަށް ކިޔަނީ ''ބަފަރ އޭނައިއަންސް''(Buffer anions)އެވެ. މީގެ ތެރޭގައި ހިމެނެނީ ބައިކާބޮނޭޓް، ޕްރޮޓީން އަދި ފޮސްފޭޓް ފަދަ މާއްދާ ތަކެވެ. ޕޮޒިޓިވް ޗާޖު ހުންނަ މޮލިކިއުލްތަކަށް ކިޔަނީ  ''ބަފަރ ކޭޓައިއަންސް''(Buffer cations)އެވެ. މީގެތެރޭގައި ހިމެނެނީ ސޯޑިއަމް، ޕޮޓޭޝިއަމް، ކެލްސިއަމް އަދި މެގްނީޒިއަމް އެވެ. )

އަލްބިޔުމިން / ގްލޯބިޔުލިންގެ ނިސްބަތް
އަލްބިޔުމިން/ ގްލޯބިޔުލިން ރޭޝިއޯގެ މާނައަކީ އަލްބިއުމިންއާއި ނިސްބަތްކުރާ އިރު ގްލޯބިއުލިން ޕްލާޒްމާގައި ހުރި މިންވަރެވެ. މިމިންވަރު ބަރޯސާވަނީ ޕްރޮޓީންތައް ވަކިކުރުމަށް ބޭނުންކުރާ ގޮތެއްގެ މައްޗަށެވެ. މިޕްރޮޓީންތައް ހުރި މިންވަރު ވަކިކުރުމަށް ނުވަތަ ކަނޑައެޅުމަށް ''ކެމިކަލް ފްރެކްޝަނޭޝަން''(Chemical fractionation) ބޭނުންކޮށްފިނަމަ އަލްބިއުމިން/ ގްލޯބިއުލިން ރޭޝިއޯ ހުންނަނީ 1.7-1.6އާއި ދެމެދުއެވެ. ''އިލެކްޓްރޯފޮރީސިސް'' (Electrophoresis)ގެ އެހީގައި މި ޕްރޮޓީން ހުރި މިންވަރު ކަނޑައަޅާނަމަ އަލްބިއުމިން/ގްލޯބިއުލިންގެ ރޭޝިއޯ އަކީ 1.2އެވެ.

އަލްބިއުމިން/ގްލޯބިއުލިން ރޭޝިއޯ ހުރިނެތްގޮތް ބެލުމަކީ ބައެއް ބަލިތައް ދެނެގަތުމުގައި އެހީތެރިވެދޭ ކަމެކެވެ. މިސާލަކަށް މިރޭޝިއޯ ނުރައްކާތެރި ފުރަމޭގެ ބަލިތަކުގައި ދަށްވެއެވެ. އެއީ ފުރަމޭއިން އަލްބިއުމިން އުފައްދާ މިންވަރު ދަށްވާތީއެވެ. އެހެންކަމުން ފުރަމޭ މަސައްކަތްކުރާ މިންވަރު ބެލުމަށް ކުރެވޭ ޓެސްޓެއްގެ ގޮތުގައި މިރޭޝިއޯ ބޭނުންކުރެވެއެވެ. ހަމަމިހެން ބައެއް ބާވަތުގެ އިންފެކްޝަންއާއި ގުޅިގެންވެސް މިރޭޝިއޯ ދަށްވެއެވެ. އެއީ އިންފެކްޝަންއާއި ގުޅިގެން ގާމާ ގްލޯބިއުލިން އުފައްދާ މިންވަރު މަތިވާތީއެވެ. ގްލޯބިއުލިން އެކުލެވޭ މިންވަރު ދަށްވެއްޖެ ނަމަ މިރޭޝިއޯ މަތިވެއެވެ. މިސާލަކަށް އެއިޑްސް ބައްޔާއި، އަދި ލޭގައި ގާމާ ގްލޯބިއުލިން ގެ މިންވަރު ދަށްވުން (Hypogamma-globulinemia)، ނުވަތަ އުފެދުމުގައި ގާމާ ގްލޯބިއުލިން ނެތުން ފަދަ ހާލަތްތަކުގައި މިރޭޝިއޯ މަތިވެއެވެ.