Friday, January 13, 2012

ބޭރަށްހިންގުން

ބޭރަށްހިންގުން
ތަޢާރަފް
ބޭރަށްހިންގުން (Diarrhea) ނިސްބަތްކުރެވެނީ ބޮޑުކަމުދެވޭ މިންވަރު އިތުރުވެ، ބޭރުވާ ނަޖިސް ދިޔާކޮށް ހުރުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ ބޭރަށް ހިންގުމަކީ ވަރަށް ދިޔާކޮށް އަދި އަވަސް އަވަހަށް ބޮޑުކަމުދާންޖެހުމެވެ. ބޭރަށްހިންގުމަށް '''ބަނޑުދިޔާވުން''' މިހެން ވެސް ކިޔައި އުޅެއެވެ. ބައެއް މެޑިކަލް ރިފަރެންސް ތަކުގައި ބަނޑުދިޔާވުން ސިފަކޮށްފައިވަނީ '''24 ގަޑިއިރުގެ ތެރޭގައި 300މލ އަށްވުރެ ގިނައިން ދިޔާ ނަޖިސް ބޭރުވުން''' މިހެންނެވެ.
ބޭރަށްހިންގުން ޖެހުމުން ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 3 ފަހަރު ބޮޑުކަމުދެވޭނެ އެވެ. ކުއްލިގޮތަކަށް ބަނޑުދިޔާވާގޮތްވެ ބޭރަށްހިންގުން ޖެހުމުން އެއްދުވަސް ނުވަތަ ދެދުވަހެއްގެ ތެރޭގައި އެއްވެސް ފަރުވާއަކާއި ނުލާ ރަގަޅު ވާނެއެވެ. ދެދުވަހަށްވުރެ ގިނަ ދުވަސްވެއްޖެ ނަމަ ހޮސްޕިޓަލަށް ގޮސް ފަރުވާ ލިބިގަތުން މުހިއްމެވެ. އެއީ މާލަސްކޮށްފިނަމަ ފެންމަދުވުން ފަދަ ކަމެއް ދިމާވެދާނެތީ އެވެ.
ދާއިމީކޮށް ބަނޑުދިޔާވާ ބަނޑުދިޔާވާ މައްސަލަ ހުރުމަކީ ދިގުމުއްދަތަކަށް ބޭސް ކުރަންޖެހޭފަދަ ބައްޔެއްގެ އަލާމާތަކަށް ގިނަ ފަހަރު އޮންނަނީ ވެފައެވެ. މިސާލަކަށް ގޮހޮރުގެ ބައެއް ބަލިތަކުގެ ސަބަބުން ދިގުމުއްދަތަކަށް ނުވަތަ ދާއިމީކޮށް ބޭރަށްހިންގުން ކުރިމަތިވެ، ފަރުވާކުރަން ޖެހިދާނެއެވެ.
ވައްތަރު
ފަރުވާދިނުމުގައި ފަސޭހައަކަށް ބޭރަށްހިންގުން ބަހާލެވިފައިވަނީ ދެ ބަޔަކަށެވެ. އެއީ ކުއްލިގޮތަކަށް ކުރު މުއްދަތަކަށް ކުރިމަތިވާ ބޭރަށްހިންގުން(Acute diarrhea)އާއި  ދިގު މުއްދަތަކަށް ދާއިމީކޮށް ކުރިމަތިވާ ބޭރަށްހިންގުން (Chronic diarrhea)އެވެ.
ކުއްލިގޮތަކަށް ކުރިމަތިވާ ބޭރަށްހިންގުން ޖެހުމުން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހަށިގަނޑުން ފެންމަދުކޮށްލާނެއެވެ. ބައެއްފަހަރު ފެންމަދުވުމުގެ ސަބަބުން އެތެރެހަށީގައިވާ އެހެންނިޒާމުތަކުގެ މަސައްކަތަށް ބުރޫއަރާ ބަލިމީހާގެ ފުރާނައަށް ގެންލުންލިބޭ ހިސާބަށްދެއެވެ. މި ގޮތުން ނުރައްކާތެރިހާލަތެއް މެދުވެރިވުމުގެ ފުރުސަތު ބޮޑީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ބޭރަން ހިންގުން ޖެހުމުންނެވެ.

އުމުރުފުރާ އަދި ތަފާސް ހިސާބު
ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ބޭރަށް ހިންގުންޖެހިދާނެއެވެ. ނަމަވެސް ކުޑަކުދިންނަށް ބޭރަށްހިންގުން ޖެހޭލެން އަވަސްވެފައި އިތުރުކަން ފާހަގަކުރެވެއެވެ. ބޮޑުމީހަކަށް އަހަރެއްގެ ތެރޭގައި މަދުވެގެން ހަތަރު ފަހަރު ބޭރަށް ހިންގާ ބަލި ޖެހުމުގެ ފުރުސްތު އޮވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ކުޑަކުއްޖެއްވެސް އުމުރުން ފުރަތަމަ 5 އަހަރު ދުވަހުގެ ތެރޭގައި 15-7 ފަހަރާއި ދެމެދުގެ އަދަދަކަށް ބޭރަށްހިންގުން ޖެހެއެވެ. އަހަރަކު 4 ބިލިޔަން މީހުންނަށް ބޭރަށްހިންގުން ޖެހޭކަމަށް ރިކޯޑްތަކުން ދައްކައެވެ. އަދި 5 އަހަރުން ދަށުގެ 2 މިލިޔަން ކުޑަކުދިން ކޮންމެ އަހަރަކު ބޭރަށްހިންގުން ޖެހިގެން ދުނިޔެދޫކޮށްދާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދިރާސާތައް ބުނެއެވެ.
ބޭރަށްހިންގުން ޖެހިގެން އެންމެ ގިނަ ކުދިން މަރުވަނީ ކުރިއަރަމުން އަންނަ ނުވަތަ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައެވެ. އޭގެ ސަބަބަކީ ސާފުބޯފެނާއި، ރަގަޅުކާނާ ނުލިބުން، ސާފުތާހިރުކަން ކުޑަވުމާއި، އެކަށޭނަ ޞިއްޙީ މަޢުލޫމާތު ލިބިފައިނެތުން ކަމަށް ދިރާސާތަކުގައި ބުނެފައި ވެއެވެ.
މަދު ފަހަރެއްގައި ނަމަވެސް ބޭރަށް ހިންގުން "ރޯގާ"(Epidemics) އެއްގެ ގޮތުގައި ވަރަށް ކުޑަދުވަސް ކޮޅެއްގެ ތެރޭގައި މުޅި ރަށުތެރެއަށް ފެތުރިގެންދިއުމަކީ އޭޝިޔާ އަދި އެފްރިކާގެ ގައުމު ތަކުގައި ދިމާވާ ވަރަށް ބޮޑު މައްސަލައެކެވެ.

ސަބަބުތައް
ބޭރަށްހިންގުން ޖެހެން މެދުވެރިވާ  އެތަކެއް ސަބަބުތަކެއް ވެއެވެ.
(ހ) - ތަފާތު ބެކްޓީރިޔާ ތަކުގެ ސަބަބުން ކުރިމަތިވާ ބަލިތައް ޖެހުން : މިގޮތުން ބޭރަށްހިންގުން އެންމެ އާންމުކޮށް ކުރިމަތިކުރުވާ ބެކްޓީރިޔާ ތަކުގެ ތެރޭގައި، ސަލްމަނެއްލާ(Salmonella)ގެ ވައްތަރުތަކާއި، ޝިގެއްލާ(Shigella)ބެކްޓީރިޔާއާއި، ކެމްޕިލޮބެކްޓަރ ޕައިލޯރީ(Compylobacter pylori) ވައިބްރިއޯ ކޮލެރާއީ(Vibrio cholerae)،ކްލޮސްޓްރައިޑިއަމް(Clostridium) ، އަދި އީ.ކޮލައި (Ecoli) ގެ ވައްތަރުތައް ފަދަ ބެކްޓީރިޔާ ތައް ހިމެނެއެވެ. މިފަދަ ބެކްޓީރިޔާ ތައް ހަށިގަނޑަށް ވަންނަނީ ފެން، ނުވަތަ ކާނާގެ ކޮންމެވެސް ބާވަތަކާއި ތަޣައްޔަރުވެގެންނެވެ.

(ށ) - ތަފާތު ވައިރަސް ތަކުގެ ސަބަބުން ކުރިމަތިވާ ބަލިތައް ޖެހުން: މިގޮތުން ބޭރަށްހިންގުން އެންމެ އާންމުކޮށް ކުރިމަތިކުރުވާ ވައިރަސް ތަކުގެ ތެރޭގައި، ރޮޓާ ވައިރަސް(Rota virus)، ނޯވޯރކް ވައިރަސް(Norwork virus)،އެޑީނޯ ވައިރަސް(Adenovirus)،އެސްޓްރޯ ވައިރަސް(Estrovirus)، ސައިޓޮމެގަލަ ވައިރަސް(Cytomegalovirus)، ހާރޕީޒް ސިމްޕްލެކްސް ވައިރަސް(Herpes simplex virus)، އަދި ހެޕަޓައިޓިސް ވައިރަސް (Hepatitis virus)ފަދަ ބާވަތްތައް ހިމެނެއެވެ.

(ނ) - ތަފާތު ޕެރަސައިޓް ތަކުގެ ސަބަބުން ކުރިމަތިވާ ބަލިތައް ޖެހުން: މިގޮތުން ބޭރަށްހިންގުން އެންމެ އާންމުކޮށް ކުރިމަތިކުރުވާ ޕެރަސައިޓް ތަކުގެ ތެރޭގައި، ގިއާރޑިއާ ލެމްބްލިއާ(Giardia lamblia)، އެންޓަމީބާ ހިސްޓޮލިޓިކާ(Entomoeba histolyca)، އަދި ކްރިޕްޓޮސްޕޮރޮއިޑިއަމް(Cryptosproidium) ފަދަ ޕެރަސައިޓްތައް ހިމެނެއެވެ. ކާނާ ނުވަތަ ފެނުގެ ޒަރީޢާއިން ހަށިގަނޑަށް ވާޞިލް ވުމަށްފަހު، މިފަދަ ޕެރަސައިޓްތައް ހަޖަމުކުރާ ނިޒާމްގައި ހިޔާވަހިކަން ހޯދައެވެ.
ގިއާރޑިއާ ލެމްބްލިއާ ފެތުރެނީ ޕެރަސައިޓް އާއި ތަޣައްޔަރުވެފައި ފެންބުއިމުންނެވެ. އާންމު ގޮތެއްގައި މިބަލީގެ ސަބަބުން ބޭރަށްހިންގުން ޖެހުމުން ބޮޑުކަމުދާ ތަކެތީގައި ދޮސް، ނުވަތަ ލެއެއް ނުހުންނާނެއެވެ. އަދި ހުންވެސް އަންނާނީ ވަރަށް ކުޑަކޮށެވެ. އެންޓަމީބާ ހިސްޓޮލިޓިކާ ވެސް ހަށިގަނޑަށް ވާޞިލްވަނީ ތަޣައްޔަރުވެފައި ހުރި ފެންބުއިމުންނެވެ. މީގެ ސަބަބުން ބޭރަށްހިންގުން ޖެހޭއިރު ބޮޑުކަމުދާ ތަކެތީގައި ދޮސް އަދި ލޭހުންނާނެއެވެ. އަދި ގަދަޔަށް ހުންއައުން އެކަށީގެންވެއެވެ. ކްރިޕްޓޮސްޕޮރޮއިޑަމް އަކީ ކްލޮރިން އަށް ނުގުޑާ ޕެރަސައިޓެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.

(ރ) - ކާނާއަށް ތަޙައްމަލުނުކުރެވުން: ބައެއް މީހުންނަށް ކިރުގައި ހުންނަ ލެކްޓޯޒް ފަދަ މާއްދާތައް ހަޖަމުކުރަން އުދަގޫވެއެވެ. މިއީ އެފަދަ މީހުންގެ ހަށިގަނޑުގައި ހަކުރު ރަގަޅަށް ހަށިގަނޑަށް ނަގައިނުދޭތީ (Carbohydrate malabsorption) ކުރިމަތިވާ ކަމެކެވެ. ހަކުރު ނަގައި ނުދެނީ ލެކްޓޯސް ބައިބައިކުރުމަށް ބޭނުންވާ ކުޑަ ގޮހޮރުން ދޫކުރާ އެންޒައިމް ''ލެކްޓޭޒް''(Lactase) އެފަދަ މީހުންގެ ހަށިގަނޑުގައި ނުހުންނާތީ އެވެ. ލެކްޓޯސް ބައިބައި ނުކުރެވޭނަމަ ހަށިގަނޑަށް ނަގައެއް ނުދޭނެއެވެ. ނަތީޖާ އަކީ ހަށިގަނޑަށް ނަގައިނުދޭ ލެކްޓޯޒް ތައް ބޮޑު ގޮހޮރަށް ވާޞިލްވެ، އެންމެ ފަހުން ބޭރަށް ހިންގުން ކުރިމަތި ކުރުވުމެވެ.

(ބ) - ބޭސްތައް: ބޭރަށްހިންގުން ކުރިމަތިކުރުވާ ބޭހުގެ ބާވަތްތަކުގެ ތެރޭގައި ، ބައެއް ވައްތަރުގެ  އެންޓިބަޔޮޓިކް، ލޭމައްޗަށްދާ މީހުން ބޭނުންކުރާ ބޭސްތައް، ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރެވޭ ބޭސްތައް،ތަދު ކަނޑުވަން ބޭނުންކުރާ ބައެއް ބޭސްތައް، އަދި މެގްނީޒިއަމް އެކުލެވޭ އެންޓަސިޑް ފަދަ ބޭސްތައް ހިމެނެއެވެ.

(ޅ) - ގޮހޮރުގެ ބަލިތައް: ގޮހޮރުގައި އިންފްލެމޭޝަން އުފެދޭ ބަލި، އިރިޓަބަލް ބަވަލް ސިންޑްރޯމް، ސިލިއެކް ބަލި ފަދަ ބަލިތަކަކީ އޭގެ ސަބަބުން ދާއިމީ ގޮތެއްގައި ބޭރަށްހިންގުން މެދުވެރިކުރުވާ ބަލިތަކެކެވެ.

(ކ) - ކާނާއަށް ވިހަވުން: ބައެއް ބާވަތުގެ ކާނާއަށް ވިހަވުމަކީ ވެސް ބޭރަށްހިންގުން ޖެހޭ ކަމެކެވެ. މިސާލަކަށް ޕާޓީ ތަކަށް ގޮސް ކެވޭ އެއްޗެއްގެ ސަބަބުންވެސް ވަރަށް ބޮޑަށް ބޭރަށް ހިންގަފާނެއެވެ. ގިނަފަހަރު އެއީ ބޯން ހުންނަ ފެނެއްގެ ސަބަބުން ނުވަތަ ރޯ ބިސް އަޅައިގެން ތައްޔާރުކުރެވިފައިވާ ކާނާއެއް ކެއުމުގެ ސަބަބުންނެވެ.

(އ) - އެހެނިހެން ސަބަބުތައް: ބޭރަށްހިންގުން މެދުވެރިވާ އެހެނިހެން ސަބަބުތަކުގެ ތެރޭގައި ބަނޑުގެ އޮޕަރޭޝަނަކަށްފަހު ބޭރަށް ހިންގުން ނުވަތަ އޮޕަރޭޝަން ކޮށްގެން ފިތް ނެގުމުން ބޮޑުކަމު އަވަސް އަވަހަށް ދާން ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

ދަތުރުވެރިންނާއި ބޭރަށްހިންގުން ( ދަތުރުވެރިންގެ ބޭރަށްހިންގުން )
އީ.ކޮލައި ބެކްޓީރިޔާ ގެ ވަރަށް ގިނަ ސްޓްރެއިން ތައް ތަބީޢީ ގޮތެއްގައި ކުޑަ ގޮހޮރުގެ ހިޔާވަހި ކަމުގައި ދިރިއުޅެއެވެ. މިފަދަ ސްޓްރެއިން ތަކަކީ ބަލި ޖައްސާ ސްޓްރެއިން ތަކެއް ނޫނެވެ. އެކަމަކު ބަލިނުޖައްސާ މިސްޓްރެއިންތައް ކުޑަ ގޮހޮރުން ބޭރުވެ، ކުޑަކަމުދާ ނިޒާމް ނުވަތަ ލޭގެ ތެރެއަށް ގޮސްފިނަމަ އޭގެ ސަބަބުން ބައްޔެއް ކުރިމަތިކޮށްފާނެއެވެ.
ނަމަވެސް އީ.ކޮލައި ގެ ބައެއް ސްޓްރެއިން ތަކުން ކުޑަ ގޮހޮރުގައި ބަލީގެ ޙާލަތު މެދުވެރި ކުރުވައި ބޭރަންހިންގުން ފެންމަތި ކުރުވައެވެ. އެގޮތުން އީކޮލައި ބެކްޓީރިޔާގެ ސަބަބުން ބޭރަށްހިންގުން ޖެހެނީ އެބެކްޓީރިޔާ އިން ދޫކުރާ ބާރުގަދަ ވިހައިގެ ސަބަބުން ނުވަތަ އެބެކްޓީރިޔާ ކުޑަ ގޮހޮރުގެ ބަތާނަ ފަށުގެ ތެރެއަށްވަދެ، އިންފްލެމޭޝަން ނުވަތަ ދުޅައެއް އުފެއްދުމުންނެވެ. ދަތުރުވެރިންނަށް އާންމުކޮށް ބޭރަށްހިންގުން ޖެހެނީ މިއުޞޫލުގެ މަތިންކަން ފާހަގަ ކުރެވެއެވެ. އީކޮލައި ގެ މިފަދަ ސްޓްރެއިންތައް ހަށިގަނޑަށް ވާޞިލްވަނީ ބެކްޓީރިޔާ އާއި ތަޣައްޔަރުވެފައި ފެން، ނުވަތަ ކޮންމެވެސް ކާއެއްޗެއް ކައިހެދުމުގެ ތެރޭގައެވެ.

ކާނާވިހަވުން
ކާނާ ވިހަވުން(Food poisoning) އަކީ ކާނާ އާއި ނުގުޅުމެވެ. ކާނާ ވިހަވަނީ ބެކްޓީރިޔާ އާއި ތަޣައްޔަރުވެފައި ހުންނަ ކާބޯތަކެތި ބޭނުން ކުރުމުންނެވެ. ތަޣައްޔަރު ވެފައި ހުންނަ ކާބޯތަކެތި ކެއުމުން ހަށިގަނޑުގެ ތެރެއަށް ދާއިރު  އޭގައިވާ ޖަރާސީމް ގެ ސަބަބުން ބޭރަށް ހިންގުން، ހޮނޑުލުންފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ
ކާނާ ވިހަވުންގެ މައިގަނޑު 3 ވައްތަރެއް ވެއެވެ. އެއީ:-
(ހ) – ސެލްމަނެލާގެ ސަބަބުން ކާނާ ވިހަވުން (Salmonellosis): ސެލްމަނެލާގެ ސަބަބުން ކާނާ ވިހަވުމަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ސެލްމަނެލާ ޓައިފިމިޔުރިއަމް(Salmonella typhimurium) އެވެ.ސެލްމަނެލާގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ މަސް، ކިރު، ބިސް، އަދި އެހެނިހެން ކާތަކެތި ކެއުމުގެ ސަބަބުންނެވެ. ސެލްމަނެލާގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް މޭނުބައިކުރުން، ހޮނޑުލުން، ބޭރަށް ހިންގުން، ބަނޑުގައި ރިހުން، ހުންއައުން، އަދި އެންމެ ފަހުން ޝޮކުޖެހުން ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ.

(ށ) – ސްޓެފައިލޯކޮކަސްގެ ސަބަބުން ކާނާ ވިހަވުން (Staphylococcal food poisoning): ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުމަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ސްޓެފައިލޮކޮކަސް އޫރިއަސް(Staphylococcus eureus) އެވެ. ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ކާތަކެތި ކެއުމުގެ ސަބަބުންނެވެ. ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލުން، ބޭރަށް ހިންގުން، ބަނޑުގައި ރިހުން، ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ.

(ނ) – ބޮޗަލިޒަމްގެ ސަބަބުން ކާނާ ވިހަވުން (Botulism): ބޮޗަލިޒަމްގެ ސަބަބުން ކާނާ ވިހަވުން އަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ކްލޮސްޓްރިޑިއަމް ބޯޓޫލިނަމް(Clostridium botulinum) އެވެ.ބޮޗަލިޒަމްގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ކާތަކެތި ކެއުމުގެ ސަބަބުންނެވެ. މިފަދަ ކާތަކެތި ގިނަ ދުވަސްވެ، ހަލާކުވެ އޭގައި މިބަލި ޖައްސާ ބެކްޓީރިޔާ އުފެދި، އެއިން ދޫކުރާ '''ނިއުރޯޓޮކްސިން'''(Neurotoxin) ގެ ސަބަބުން އުދަގޫތައް ކުރިމަތި ކުރުވަނީ އެވެ.  ބޯޓޫލިޒަމްގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ މަސްތަކުގެ ބާރުނެތި ލޮލުގެ ފެނުމަށް ބަދަލުއައުން، އަވަރުވުން، އަނގަހިކުން، ކާތަކެތި ދިރުވަން އުދަގޫވުން، ލަގޮނޑި ބެދުން، ޝޮކުޖެހުން އަދި ހިތްހުއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

ދާއިމީކޮށް ބޭރަށްހިންގުން ޖެހުން ކުރިމަތިކުރުވާ ސަބަބުތައް (ބޭރަށްހިންގުން ޖެހޭ އެހެން ބައެއް ސަބަބުތައް)
1-      އިރިޓަބަލް ބަވަލް ސިންޑްރޯމް : މިއީ ގޮހޮރަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ބައެއް ފަހަރު ބަނޑުދިޔާވެފައި އަނެއް ބައި ފަހަރު ބަނޑުހަރުވެފައި ހުންނަކަން ފާހަގަ ކުރެވެއެވެ.
2-      ބައެއް ކަހަލަ އިންފެކްޝަންތައް : މިސާލަކަށް އެއިޑްސް ބަލި، ގިއާރޑިއާ ލެމްބްލިއާ ގެ ސަބަބުން ޕެރަސިޓިކް އިންފެސްޓޭޝަން ފަދަ ބަލިތަކުގެ ސަބަބުން ދާއިމީ ސިފައެއްގައި ބޭރަށްހިންގުން މެދުވެރި ކުރުވައެވެ.
3-      ކުޑަ ގޮހޮރުގައި މާގިނައިން ބެކްޓީރިޔާ އަށަގަތުން : ބައެއް ފަހަރު ބޮޑު ގޮހޮރުގައި ހުންނަ ތަބީޢީ ބެކްޓީރިޔާ ތައް ކުޑަ ގޮހޮރަށް ވާޞިލްވެ، ބައެއް ކަހަލަ ކާނާ އެބެކްޓީރިޔާ ތަކުގެ ހަށިގަނޑަށް ދަމައިގަނެ ކުޑަ ގޮހޮރުން ހިޔާވަހިކަން ހޯދައެވެ. ނަތީޖާ އަކީ ބޭރަށްހިންގުން ކުރިމަތި ކުރުވުމެވެ.
4-      ގޮހޮރުގައި އިންފްލެމޭޝަން އުފައްދާ ބަލިތައް : އެގޮތުން އެބަލިތަކުގެ ތެރޭގައި ހިމެނޭ ކްރޯންސް ބަލި، އަދި އަލްސެރޭޓިވް ކޮލައިޓިސް ފަދަ ބަލިތަކުގެ ސަބަބުން ވެސް ދާއިމީ ސިފައެއްގައި ބޭރަށްހިންގުން ޖެހެއެވެ.
5-      ބައެއް ކަހަލަ ކެންސަރުގެ ވައްތަރު ތައް : އެގޮތުން ބޮޑުގޮހޮރުގެ ކެންސަރު ފަދަ ބަލިތަކުގެ ސަބަބުން ވެސް ބޭރަށްހިންގުން މެދުވެރި ކުރުވައެވެ.
6-      ކާނާއަށް ތަޙައްމަލުނުކުރެވުން: ބައެއް މީހުންނަށް ކިރުގައި ހުންނަ ލެކްޓޯޒް ފަދަ މާއްދާތައް ހަޖަމުކުރަން އުދަގޫވެއެވެ. މިއީ އެފަދަ މީހުންގެ ހަށިގަނޑުގައި ހަކުރު ރަގަޅަށް ހަށިގަނޑަށް ނަގައިނުދޭތީ (Carbohydrate malabsorption) ކުރިމަތިވާ ކަމެކެވެ. ހަކުރު ނަގައި ނުދެނީ ލެކްޓޯސް ބައިބައިކުރުމަށް ބޭނުންވާ ކުޑަ ގޮހޮރުން ދޫކުރާ އެންޒައިމް ''ލެކްޓޭޒް''(Lactase) އެފަދަ މީހުންގެ ހަށިގަނޑުގައި ނުހުންނާތީ އެވެ. ލެކްޓޯސް ބައިބައި ނުކުރެވޭނަމަ ހަށިގަނޑަށް ނަގައެއް ނުދޭނެއެވެ. ނަތީޖާ އަކީ ހަށިގަނޑަށް ނަގައިނުދޭ ލެކްޓޯޒް ތައް ބޮޑު ގޮހޮރަށް ވާޞިލްވެ، އެންމެ ފަހުން ބޭރަށް ހިންގުން ކުރިމަތި ކުރުވުމެވެ.
7-      ހޯރމޯން އުފައްދައި ދޫކުރާ ނިޒާމާއި ގުޅުންހުރި ބައެއް ކަހަލަ ބަލިތައް: މިސާލަކަށް ތައިރޮއިޑްގެ މަސައްކަތް އިތުރުވުމުން ކުރިމަތިވާ ''ހައިޕަތައިރޮއިޑިޒަމް''(Hyperthyroidism) އަދި އެޑްރީނަލް ގްލޭންޑްގެ މަސައްކަތް ދަށްވުމުން ކުރިމަތިވާ ''އެޑިސަން ބަލި''(Addison’s Disease)ގެ ސަބަބުންވެސް ބޭރަށްހިންގުން ދާއިމީ ސިފައެއްގައި ޖެހެއެވެ. މީގެ އިތުރުން ޒޮލިންގަރ އެލިސަން ސިންޑްރޯމް އަދި ހަކުރު ބަލި ފަދަ ބަލިތަކުގެ ސަބަބުން ވެސް ބައެއް ފަހަރު ބޭރަށްހިންގުން މެދުވެރިވެދާނެ އެވެ.
8-      އެހެނިހެން : ބައެއް ކަހަލަ ބެކްޓީރިޔާ، ވައިރަސް، އަދި ޕެރަސައިޓްގެ ސަބަބުން ޖެހޭ ބަލިތައް ޖެހުމަށްފަހު ދާއިމީކޮށް ބޭރަށްހިންގުން ބައެއް މީހުންނަށް ކުރިމަތިކުރުވާ ގޮތް ވެއެވެ.

ބޭރަށްހިންގުން ފެތުރޭގޮތް
ބޭރަށްހިންގުން ފެތުރެނީ މައިގަނޑު 2 ގޮތެއްގެ މަތީންނެވެ. އެއީ ކާބޯތަކެތީގެ ޒަރީޢާއިންނާއި، ފެނުގެ ޒަރީޢާއިންނެވެ. އާންމު ގޮތެއްގައި ބޭރަށް ހިންގުން ޖެހެނީ ފެން، ނުވަތަ ތަފާތު ކާނާގެ ބާވަތްތަކާއި، ތަޣައްޔަރުވެގެން ބޭރަށްހިންގުން ޖައްސާ ޖަރާސީމެއް ހަށިގަނޑަށް ވާޞިލްވެގެންނެވެ. އެގޮތުން ބޭރަށް ހިންގުން ޖައްސާ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެންބުއިން، ކާތަކެތި ކެއުން، އަދި ޖަރާސީމާއި ތަޣައްޔަރުވެފައިވާ އަތް އަނގަޔަށް ލުން ފަދަ ކަމެއްގެ ތެރެއިން ވެސް ބޭރަށް ހިންގުން ޖެހިދާނެ އެވެ.
 

ބޭރަށްހިންގުން ކުރިމަތިވާގޮތް
އާންމު ގޮތެއްގައި ބޭރަށްހިންގުން ކުރިމަތިވަނީ ކުޑަގޮހޮރުގެ ހަރަކާތް ހިނގުން އަވަސްވުމުންނެވެ. މިގޮތަށް ކުޑަ ގޮހޮރުގެ ހަރަކާތް ހިނގުން(Intestinal motility) އަވަސްވަނީ އިންފްލެމޭޝަން އެއް ނުވަތަ އިންފެކްޝަން އެއްގެ ސަބަބުން ނުވަތަ ވިހަ މާއްދާއެއްގެ ސަބަބުން ކުޑަ ގޮހޮރުގެ އެތެރެއިން ލެވިފައިވާ ބަތާނަ ފަށް ހިލިގަތުމުންނެވެ. މިއާއި ގުޅިގެން ކުޑަ ގޮހޮރުގެ ބަތާނަ ފަށް ހިލިގަތުމަށް މެދުވެރިވި މާއްދާ، ހަށިގަނޑުން ބޭރުކޮށް ހުސްކޮށްލުމަށްޓަކައި، ގޮހޮރުން ބޭރުކުރާ ދިޔަތައް ބޭރުވުން އިތުރުވެ، ކުޑަ ގޮހޮރުގެ ހަރަކާތް ހިނގުން އަވަސްވެގެން ދެއެވެ. ކުޑަ ގޮހޮރުގެ ހަރަކާތް ހިނގުން އަވަސްވުން ފެނިގެން އަންނަނީ ބޭރަށްހިންގުމުގެ ސިފައިގައެވެ.
ގޮހޮރުގެ ހަރަކާތް ކޮންޓްރޯލް ކުރުމުގައި ގުޅިފައިވާ ސެކްރަލް ނާރު(Sacral nerve) މާބޮޑަށް ހީވާގިވުމަކީ ވެސް ބަނޑުދިޔާވުން ކުރިމަތިކުރުވާ ކަމެކެވެ. މިބުނި ނާރު ހީވާގިވަނީ މާބޮޑަށް ހާސްވެ ފިކުރުބޮޑުވުން ކުރިމަތިވާ ޙާލަތްތަކުގައެވެ. މިސާލަކަށް އިމްތިހާން އޮންނަ ދުވަހު އިމްތިހާނަށް ވަނުމުގެ ކުރިން އޮންނަ ވަގުތުކޮޅު ގެ ތެރޭގައި މިބުނި ބީދައިން ބަނޑުދިޔާވެ، ބޮޑުކަމުދާން ޖެހުމަކީ ވެދާނެގޮތެކެވެ.


އަލާމާތްތައް
ބޭރަށްހިންގުން ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ދިޔާކޮށް އަވަސްއަވަހަށް ބޮޑުކަމުދާން ޖެހުން، މޭނުބައިކުރުން، ހޮނޑުލުން، ބަނޑުފުއްޕުން، ބަނޑުގައި ރިހުން،އަދި އަކުނިވަޔަށް ދެމުން ފަދަ ކަންތައްތައް ހިމެނެއެވެ. ބޮޑުކަމު ދިއުމުގެ އިހްސާސް އައުމަށްފަހު، ހިފެހެއްޓުމަށް ދަތިވުމަކީ ވަރަށް ގާތްކަމެކެވެ.

ބޭރަށް ހިންގުމުގެ އުދަގޫތައް ބޮޑުވަމުން ގޮސް ބައެއް ފަހަރު ބޮޑުކަމުދާ ނަޖިހުގައި ދަވަހުރުން، ބޮޑުކަމުދާނަޖިހުގައި ލޭހުރުމާއި އަދި ހުން އައުން ފަދަ އަލާމާތްތައް ފެންނާނެއެވެ.

ބޭރަށްހިންގުން ޖެހުމުން ކުރިމަތިވާ ނުރައްކާތެރި ޙާލަތުގައި ހަށިގަނޑުން ފެންމަދުވުން ނުވަތަ ފެން ހުސްވުން، ޝޮކްޖެހުން، ލޭގައި ޕޮޓޭސިއަމް އެކުލެވޭ މިންވަރު މަދުވުން، އަދި މައިދާގައި އެސިޑް އެކުލެވޭ މިންވަރު މަތިވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ބޭރަށްހިންގުން ޖެހުމުން ދުނިޔެދޫކޮށް ދިއުމުގެ އެންމެ އާންމު ސަބަބަކީ ހަށިގަނޑުން ފެން ހުސްވުމެވެ.

ފެންމަދުވުން
ބޭރަށްހިންގުން ޖެހި އަވަސް ފަރުވާއެއް ނުލިބިއްޖެނަމަ ހަށިގަނޑުން ފެން މަދުވުމަކީ ވަރަށް ގާތް ކަމެކެވެ.
ހަށިގަނޑުން ފެންމަދު ވުމުން (ބޮޑެތިމީހުންގެ ފުށުން) ފެންނާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ވަރަށް ބޮޑަށް ކަރުހިއްކުން
·         ކުޑަކަމު ފާހާނާކުރަންޖެހޭލެއް މަދުވުން،ނުވަތަ ކުޑަކަމުދެވޭލެން މަދުވުން،
·         ހަންގަނޑު ހިކި،ދޫވެ، ނިކަމެތިވުން،
·         އަނގަޔާއި ދޫ ހިކިފައި ހުރުން
·         ލޯވަޅުވަނުން
·         ވަރުބަލިކަން އިހްސާސްވުން،
·         ބޯއެނބުރުން،
·         ކުޑަކަމުދާތަކެތީގެ ކުލަ ގަދަކޮށް ހުރުން
·         އަވަސް އަވަހަށް ފުންކޮށް ނޭވާލުން
·         ވިންދު ބަލިވުން / ލަސްލަހުން ވިންދު ޖެހުން
·         ލޭދަށްވުން / ލޭގެ ޕްރެޝަރު ދަށްވުން
·         ވާނުވާ ނޭގުން
ފެންމަދުވުމުން ކުޑަކުއްޖެއްނަމަ:-
·         ރޯއިރުގައި އަނގައާއި ދޫ ހިކިފައި ހުރުން،
·         ރޯވަގުތުގައި ކަރުނަ ނެތުން،
·         ނެޕީ ބަދަލުކުރުމަށްފަހު ތިންގަޑިއިރުވާއިރުވެސް ނެޕީ ތެމިފައި ނެތުން،
·         ބަނޑާއި ލޯ އަދި ކޯމަތި ހިނދިފައި ނުވަތަ ވަޅުވަދެފައިވުން،
·         ސިކުނޑިވަޅު ހިނދި އަޑިއަށްދިއުން
·         ހުން ވަރަށް ގަދަކޮށް ހުރުން،
·         އުނދަގޫތަކެއްވާތީ އުޅުން،
·         ހަންގަނޑު ހިކިވެ،ދޫވެ، ނިކަމެތިވުން
·         ބަރުދަން ލުއިވުން

ފެންމަދުވުން ދެނެގަތުން
1-      އަހައި ސުވާލުކޮށް ދެނެގަތުން
·         ބޭރަށްހިންގުން
·         ހޮނޑުލުން
·         ކަރުހިއްކުން
·         ކުޑަކަމުދާތަކެތި
ބޭރަށްހިންގައި، ހޮނޑުލައި ހެދީ ކިތައް ފަހަރުތޯ އަހާށެވެ. ކިތައް ފަހަރު ބޭރަށްހިންގިތޯ އަދި ކިތައް ފަހަރު ހޮނޑުލިތޯ ވެސް ބަލާށެވެ. ކަރުހިއްކައިތޯ އަހާށެވެ. ފެންބޯ ބޭނުންތޯ ވެސް އަހާށެވެ. އަދި ކުޑަކަމުދިއުން ހުރިނެތް ގޮތް އަހައި ސާފު ކުރާށެވެ.
2-      ބަލައި ދެނެގަތުން
·         ހަށިގަނޑު ބޭރުފުށުން ފެންނަގޮތް
·         ލޯ
·         އަނގަ އަދި ދޫ
·         ނޭވާލުން
ހަށިގަނޑު ބޭރުފުށުން ފެންނަގޮތް ބަލައި ދެނެގަންނާށެވެ. ވަރުދެރަވެފައިތޯ ބަލާށެވެ. ލޯ ހިނދި ވަޅުވަދެފައިވޭތޯ ބަލާށެވެ.ރޯވަގުތު ކަރުނަ އާދޭތޯ ބަލާށެވެ. އަނގަޔާއި ދޫ ހުރި ހިކިފައިތޯ ބަލާށެވެ. އަދި ނޭވާލުން ހުރިނެތްގޮތް ވެސް ބަލާށެވެ.
3-      އިހްސާސްކޮށް ދެނެގަތުން
·         ހަންގަނޑު
·         ވިންދު
·         ސިކުނޑި ވަޅު
ހަންގަނޑުގައި ހިފާ ދަމާލައިގެން ހަންގަނޑު ހުރިނެތްގޮތް އިހްސާސްކޮށް ދެނެގަންނާށެވެ. ހަންގަނޑު ހިކި، ދޫވެ، ރޫޖެހިފައިވޭތޯ ބަލާށެވެ. ދެއިނގިލިން ހަންގަނޑަށް ދަމާފައި ދޫކޮށްލުމުން ހަންގަނޑު ތަބީޢަތުގައި ހުންނަ ޙާލަތަށް ތިރިނުވެ، ދޫވެ ރޫޖެހިފައި ހުންނަގޮތަކަށް ހުންނަނަމަ އެއީ ފެންމަދުވެފައިވާކަން އަންގައިދޭ ނިޝާނެކެވެ. ވިންދު ޖަހާމިންވަރު ބަލާށެވެ. ލަސްލަހުން ވިންދު ޖަހާނަމަ އެއީ ފެންމަދުވުމުގެ ނިޝާނެކެވެ. އަދި ކުޑަކުއްޖެއްނަމަ ސިކުނޑިވަޅުގައި އަތްލައި ދެނެގަންނާށެވެ. ސިކުނޑިވަޅު ހުންނާނީ ފެންމަދުވުމުގެ ހާލަތުގައި ހިނދި އަޑިއަށް ގޮސްފައެވެ.

ޑޮކްޓަރަށް ކޮންމެހެން ދައްކަންޖެހޭ ޙާލަތްތައް
·         ބޭރަށްހިންގުން 3 ދުވަހަށްވުރެ ދިގުމުއްދަތަށް ދެމިގެންދިއުން
·         ވަރަށް ބޮޑަށް ބަނޑުގައި ރިހުން
·         ފެން ހުސްވުން ނުވަތަ މަދުވާކަމުގެ ނިޝާނެއް ފެނުން
·         ގަދަޔަށް ހުންއައުން ( 38 ޑިގްރީއަށްވުރެ މަތީގައި )
·         ބޮޑުކަމުދާ ތަކެތީގައި ލޭހުރުން
·         އެއްޗެއް ކާއިރަށްވެސް ހޮނޑުލެވި ކާތަކެތި ބޭނުންކުރަން ނުކުޅެދުން
·         ދިގުމުއްދަތަކަށް ބޭރަށްހިންގުން ކުރިމަތިވެފައިވުން

ދެނެގަތުން
ބޭރަށް ހިންގަންމެދުވެރިވި ސަބަބު ހޯދުމަށްޓަކައި ނުވަތަ ފަރުވާދިނުމަށް ފަސޭހައަކަށްޓަކައި ބަލިމީހާއި ބެހޭ މައުލޫމާތު އޮޅުންފިލުވުމަށްފަހު ލޭގެ ބައެއްޓެސްޓްތަކާއި ބޮޑުކަމުނަޖިހުގެ ޓެސްޓަކާއި ކުޑަކަމުނަޖިހުގެ ޓެސްޓް ހަދާނެއެވެ. އަދި ބައެއް ފަހަރު ބަނޑުގެ އެކްސްރޭ ނެގުމާއި ސްކޭން ކުރުމުގެ އިތުރުން ސިގްމޮއިޑަސްކަޕީ ނުވަތަ ކޮލޮނޮސްކަޕީ ފަދަ ޓެސްޓްތައް ހަދާފާނެއެވެ. މިކަންކަން ބަރޯސާވެފައިވަނީ ބޭރަށްހިންގާތާ ހޭދަވި މުއްދަތާއި، ޝައްކުކުރެވޭ ސަބަބުގެ މައްޗަށެވެ. އާންމުކޮށްޖެހޭ ބޭރަށްހިންގުން ޖެހިގެން ސްކޭންކޮށް، ސިގްމޮއިޑޯސްކަޕީ ފަދަ ޓެސްޓް ތައް ހަދާކަން ނުޖެހޭނެ އެވެ.


ފަރުވާ
ބޭރަށްހިންގުން ޖެހުމުން ދިޔާތަކެތި ބޭނުންކުރުން އިތުރުކުރާށެވެ. ޚާއްޞަކޮށް ލޮނު ޕެކެޓް ނުވަތަ ލޮނު ފެން ބޭނުންކުރާށެވެ. ލޮނު ޕެކެޓް ނުވަތަ ލޮނު ފެނަކީ ބޭރަށްހިންގުން ޖެހުމުން ދޭ އެންމެ އާންމު ފަރުވާ އެވެ. ބޭރަށްހިންގުން ޖެހުމުން ގިނައިން ދިޔާތަކެތި ބޯންޖެހޭ ސަބަބަކީ ބޭރަށްހިންގުން ޖެހުމުން ކުރިމަތިވާ ދިޔާކޮށް ބޮޑުކަމު ދެވުމާއި، ހޮނޑުލުމުގެ ސަބަބުން ހަށިގަނޑުން އުނިވެގެންދާ ފެނުގެ ބައި އަނބުރާ ހަށިގަނޑަށް ހޯދައި ދިނުމަށްޓަކައެވެ. އެއީ ހަށިގަނޑުން ފެން ހުސްވުން މެދުވެރިވެދާނެތީއެވެ.
ބޭރަށްހިންގުން ރަގަޅުވާން ފެށުމުން ދޮންކެޔޮ،،ކްރީމް ކޭކަރު ބިސްކޯދު، ފެނުކައްކައިގެން އަލުވި ނުވަތަ ކެރޮޓް ކެއުމުގެ އިތުރުން ހަންނެގުމަށްފަހު ފިހެފައިވާ ކުކުޅު މަސްފަދަ ކާނާތައް ކާން ފެށިދާނެއެވެ. ބޭރަށްހިންގުން  ޖެހުމުން ދިޔާތަކެތީގެ ގޮތުގައި، ކުރުނބާފެން، ބަތްޕެން، ކެރެޓް ސުރުވާ، ތާޒާ މޭވާ ޖޫސް، މަދުމިންވަރަކަށް ސައިފަތް އަޅައިގެން ހަދާފައި ހުރި ސައި، ފަދަ ތަކެތި ބޭނުންކުރެވިދާނެ އެވެ.

ކުޑަކުއްޖެއްނަމަ އެންމެ ރަގަޅީ ގާތުން ދިނުމެވެ. މީގެ އިތުރުން ތަފާތު ބާވަތުގެ ސުރުވާ ފަދަ ތަކެތި ދެވިދާނެއެވެ.
ބޭރަށް ހިންގުން ރަގަޅު ވަންދެން އަންނަނިވި ކަންތައްތަކާއި ދުރުހެލިވާށެވެ.
·         ކެފެއިން ހުންނަ ކާނާ ނުވަތަ ބުއިންތައް (ކޮކާކޯލާ ފަދަ ތަކެތި) ބޭނުންކުރުން
·         ކިރުގެ ބާވަތްތައް ނުވަތަ ކިރުބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ ކާނާ ބޭނުންކުރުން
·         ތެޔޮކާނާއާއި ހަވާދު އެކުލެވޭ ކުޅިކާތަކެތި ބޭނުންކުރުން
·         ފައިބަރ ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުން
·         ފޮނިގަދަކާނާ ބޭނުން ކުރުން
ޑޮކްޓަރަކާއި ނުވަތަ ސިއްހީއެހީތެރިއަކާއި ބައްދަލުވުމުން ބޭރަށް ހިންގަން މެދުވެރި ސަބަބު ހޯދުމަށްފަހު ޚާއްޞަ ފަރުވާއެއް ދޭންފަށާފާނެއެވެ. ބޭރަށް ހިންގަންފަށާތާކައިރީގައި ރަގަޅު ފަރުވާއެއް ނުލިބިއްޖެ ނަމަ ،(މިސާލަކަށް:- ޖަރާސީމު ނައްތާނުލެވި ހުރުމުން) ބޭރަށް ހިންގުން ދާއިމީކަމަކަށް، ބަދަލުވެ ބަލި ދިގުލާގޮތްވުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އަދި ބޭރަށް ހިންގުމުގެ ސަބަބުން އެހެންނިޒާމުތަކަށް ނުވަތަ ގުނަވަންތަކަށް އަސަރުކޮށް ދާއިމީކޮށް ހުޅުތަކުގައި ރިއްސުންފަދަ މައްސަލަތައް ދިމާވުމަކީވެސް ވަރަށް ގާތްކަމެކެވެ.

ތައްޔާރީ ލޮނު ޕެކެޓް
ތައްޔާރުކޮށްފައި ހުންނަ ލޮނު ޕެކެޓް ފިރާތަކުން ލިބެން ހުރެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އަދި ޔުނިސެފުން ތައްޔާރުކޮށްފައި ހުންނަ ލޮނު ޕެކެޓް ގައި ހިމެނޭ މާއްދާތަކާއި އޭގެ މިންވަރު ތިރީގައި މިވަނީ އެވެ.
މާއްދާ
ލިޓަރެއްގައި ހިމެނޭ މިންވަރު
ސޯޑިއަމް ކްލޮރައިޑް
3.5 ގްރާމް (75 މިއްލިއީކްއަލަންޓް ސޯޑިއަމް)
ސޯޑިއަމް ބައިކާބޮނޭޓް
2.5 ގްރާމް (30 މިއްލިއީކްއަލަންޓް ބައިކާބޮނޭޓް)
ޕޮޓޭސިއަމް ކްލޮރައިޑް
1.5 ގްރާމް (20 މިއްލިއީކްއަލަންޓް ޕޮޓޭސިއަމް)
ގުލްކޯޒް
20 ގްރާމް (%2 ކާބޯހައިޑްރޭޓް)

ގޭގައި ލޮނު ޕެކެޓް ހެދުން
ގޭގައި އަމިއްލައަށް ވެސް ލޮނު ޕެކެޓް ތައްޔާރު ކުރެވިދާނެއެވެ.
1 ލިޓަރުގެ ކެއްކިފެނަށް، 8 ސައިސަމުސާ ހަކުރު، އަދި 1 މޭޒުމަތީ ސަމުސާ ލޮނު އެއްކުރައްވާށެވެ. އެއަށްފަހު ރަގަޅަށް އެއްވަންދެން ގިރާލާށެވެ. ރަހަ ރަގަޅުކޮށްލުމާއި، ޕޮޓޭސިއަމް އިތުރުކޮށްލުމަށް، ބައިތަށި އޮރެންޖް ޖޫސް، ނުވަތަ ޗިސްކޮށްފައިހުރި ދޮންކެޔޮ އެއްކޮށްލެވިދާނެ އެވެ.

ލޮނު ޕެކެޓް ތައްޔާރުކޮށް ދިނުމުގައި ސަމާލުވާންޖެހޭ 10ކަމެއް
·         ލޮނު ޕެކެޓް ތައްޔާރުކުރަން ފެށުމުގެ ކުރިން ސާބޯނިލައިގެން އަތްދޮވުން
  • ރަގަޅަށް ދޮވެ ސާފުކޮށްފައި ހުރިއެއްޗެއްގައި ލޮނު ޕެކެޓް ތައްޔާރުކުރުން
  • ލޮނު ޕެކެޓް ދޭންފެށުމުގެ ކުރިން ކުޑަ ދަރިފުޅާއި، ލޮނު ޕެކެޓް ދޭމީހާގެ އަތް ސާބޯނިލައިގެން ދޮވުން
  • މަދު މިންވަރަކަށް އިރުއިރުކޮޅާ ލޮނު ޕެކެޓުން ފޮދުވަރެއް ބޯންދިނުން
  • ލޮނު ޕެކެޓް ދެމުންދާއިރު ދޭތެރެއަކުން އެހެން ދިޔާތަކެތި ވެސް ދިނުން
  • 6 މަހަށްވުރެ ދޮށީ ކުއްޖެއްނަމަ އެހެން ބައެއް ކާތަކެތި ދިނުން
  • 24ގަޑިއިރު ވުމަށްފަހު އަދިވެސް ލޮނު ޕެކެޓް ދޭންޖެހޭހެން ހީވާނަމަ އާ ލޮނު ޕެކެޓެއް ތައްޔާރުކުރުން
  • ލޮނު ޕެކެޓްގެ ބޭނުމަކީ ހަށިގަނޑުން ފެން ހުސްވިޔަނުދީ ހިފެހެއްޓުންކަން ހަދާންކުރުން
  • ހޮނޑުލުމުން 10 ވަރަކަށް މިނިޓް މަޑުކޮށްލާފައި އަނެއްކާވެސް ލޮނު ޕެކެޓުން ފޮދުވަރެއް ދިނުން
  • ހޮނޑުލެވުން އިތުރުވެ، ބޭރަށް ހިންގުން ދެމިހުރިނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން

ރައްކާތެރިވުން
1-      ރައްކާތެރި ގޮތުގައި ބޯފެން ބޭނުންކުރުން
ރައްކާތެރި ގޮތުގައި ބޯފެން ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
1-      ކައްކައިގެން ބޯފެން ބޭނުންކުރުން: ބޯފެން ކައްކައިގެން ބޭނުންކުރުމަކީ ފެނުގައި ހުރެދާނެ ބެކްޓީރިޔާ ވައިރަސް ފަދަ ޖަރާސީމްތައް މަރާ ނައްތާލާނެ ކަމެކެވެ.
2-      ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުން އަދި ގަނޑުފެންވެސް ކެއްކިފެނުގައި ތައްޔާރުކޮށްގެން ބޭނުންކުރާށެވެ.
3-      ސާފު ބޯފެން ލިބޭނޭ ވަޞީލަތެއް ހަމަޖެހިފައި ހުރުން
4-      ފެންވަރާށާއި، އެހެނިހެން ކަންކަމުގައި ބޭނުންކުރެވޭ ފެންވަޅުތަކަށް ކްލޮރިން އެޅުން: މިގޮތަށް ކްލޮރިން އެޅުމުން ފެނުގައި އެކުލެވޭ ޖަރާސީމްތަކުގެ ދިރުން ނައްތާލައެވެ.

2-      ރައްކާތެރި ގޮތުގައި ކާނާ ބޭނުންކުރުން
ރައްކާތެރި ގޮތުގައި ކާނާ ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) - ބަދިގެ، ކާގެ، ހޮޓާ، ރެސްޓޯރަންޓް ފަދަ ތަންތަނުގައި ކާތަކެތި ހާމައަށް ނުބެހެއްޓުން: ކާތަކެތި ހާމައަށް ބެހެއްޓުމުން މެހި، ފަދަ ތަކެތި އޭގައި ޖައްސައި ހެދުމުން އެކާތަކެއްޗަށް ތަފާތު ޖަރާސީމް ތައް ނަގުލުވުމުގެ މަގުފަހިވެއެވެ. އަދި ހަމަ މިހެން މީދާ، ކުރަފި، ހޯނު ފަދަ ތަކެތީގައި ދޫލައި ހަދައިފިނަމަ، އެކާތަކެއްޗަށް ތަފާތު ޖަރާސީމް ނަގުލުވުމުގެ މަގުފަހި ވެއެވެ. މާނަ އަކީ ފަސޭހަ ކަމާއެކު ކާތަކެތި ތަފާތު ވައްތަރުގެ ޖަރާސީމް ތަކާއި ތަޣައްޔަރުވުމުގެ މަގުފަހިވުމެވެ.
(ށ) - ކާތަކެތި ރަގަޅަށް ދޮވެގެން ނުވަތަ ކައްކައިގެން ބޭނުންކުރުން: މިގޮތަށް ދޮވުމުން އެފަދަ ކާތަކެތީގެ ބޭރުގައި ހަރުލާފައި ހުންނަ ޖަރާސީމް ނެތިދިއުމަށް އެހީތެރި ވެދެއެވެ. ހަމަމިހެން ކައްކަންޖެހޭ ކާތަކެތި ރަގަޅަށް ކައްކައިގެން ކެއުމުން މިސާލަކަށް މަހުގެ ކުރަޑި، އެއްގަމު މަސް، ސޮސެޖް ފަދަ ތަކެތި ރަގަޅަށް ކައްކައިފިނަމަ އެފަދަ ތަކެތީގައި ހިމެނޭ ޖަރާސީމްތައް މަރުވެދެއެވެ.
ބައެއް ތަރުކާރީ އާއި މޭވާފަދަ ކާނާ ބޭނުން ކުރާއިރު ރަގަޅަށް ދޮވެގެން ނުވަތަ ހޫނު ފެނުން ދޮވެގެން ބޭނުން ކުރާށެވެ. އަނެއްބައި ތަރުކާރީ ފެނުކައްކައިގެން ވަރަށް ރަގަޅަށް ރޯ ފިލުވައިގެން ކާށެވެ. ގެރިމަސް ނުވަތަ ކަނޑުމަސް ވެސް ގިނައިރު ކެއްކުމަށްފަހު ތާޒާކަންމަތީ ހުއްޓާ ކާށެވެ.
(ނ) - ތާޒާ ކާތަކެތި ބޭނުންކުރުން: ކާތަކެތި ގިނައިރު ރައްކާތެރިކަމެއްނެތި ބެހެއްޓުމަކީ އޭގައި ޖަރާސީމް އަށަގަތުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން އެފަދަ ދަރަޖައެއްގައި ހުރި އެއްޗެއް ކައިފިނަމަ ވަރަށް ފަސޭހައިން ޖަރާސީމްގެ ސަބަބުން ޖެހޭ އިންފެކްޝަން އަށް ހުށަހެޅި، ބޭރަށްހިންގުން ކަންތައް ފަދަ ކުރިމަތި ކުރުވައެވެ.
3- ގިނަގިނައިން އަތްދޮވުން  : ސައިބޯނި ނުވަތަ އެނޫނަސް އެންޓި ސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެކެވެ. އަތަށް ފެންކޮޅެއް އަޅައިލުމުން އަތްދޮވެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން އަތްދޮންނަށް ވާނެއެވެ.
އަތްދޮވުމުގައި މުހިއްމުކަން ދޭންޖެހޭ އެއްކަމަކީ ކާން ފެށުމުގެ ކުރިން ސާބޯނިލައިގެން ރަގަޅަށް އަތްދޮވުމާއި، ފާޚާނާކޮށް ނިމިގެން ވެސް ސައިބޯނި ލައިގެން ރަގަޅަށް އަތްދޮވުމެވެ. މީގެ އިތުރުން ތުއްތު ދަރިފުޅަކު ގެންގުޅޭ މައިމީހާ އެތުއްތު ދަރިފުޅަށް ތަފާތު ކަންތައްތައް ކޮށްދޭން ފެށުމުގެ ކުރިން ރަގަޅަށް ސާބޯނި ލައިގެން އަތްދޮވުމަކީ މުހިއްމު ކަމެކެވެ.

4 - ޢާންމު ސާފުތާހިރު ކަމަށް ރައްކާތެރިވުން : އާންމު ސާފު ތާހިރުކަމަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކުނިބުނި އެކަށޭނަ ގޮތެއްގައި ނައްތާލުން ، އަދި ނަޖިސް އެކަށޭނަ ގޮތެއްގައި ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ. މިސާލަކަށް އަތިރިމައްޗަށް ބޮޑުކަމު ނުދިއުން، ގޯތިތެރެއަށް ވެސް ކުޑަކުދިން ބޮޑުކަމުދިޔަ ނުދިނުން ފަދަ ކަންތައް ކުރެވިދާނެ އެވެ. އެއީ މިފަދަ ކަންކަމަކީ ތަފާތު ބަލިތައް ފެތުރުމަށް އެހީތެރިވެދޭ ކަންކަމަށްވާތީ އެވެ. 
5 - ޞިއްޙީ ރަގަޅު އާދަތައް ހިފެހެއްޓުން އަދި އެއާދަތަކާއި މެދު މުޖުތަމަޢު ހޭލުންތެރިކުރުވުން : މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކަސްރަތުކުރުން، ނިދިހަމަކުރުން، ހާސްކަމާއި ފިކުރުތަކާއި ދުރުހެލިވުން، ފައިދާހުރި ކާނާ ބޭނުންކުރުން ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތަކަކީ ތަފާތު ރޯގާތަކުން މީހާ ދުރުކޮށްދޭނޭ ކަންކަމެވެ.
އެގޮތުން ފާޚާނާކޮށް ނިމިގެންނާއި، ކެއުމުގެ ކުރިން އަތް ދޮވުމުގެ މުހިއްމުކަމާއި، ކާތަކެއްޗާއި ބޯފެނުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުން ވަރަށް މުހިއްމެވެ.  

Thursday, December 15, 2011

މޭގަނޑު


މޭ ނުވަތަ މޭގަނޑު
މޭގަނޑު (Liver)ނުވަތަ މެޔަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް މަސައްކަތްތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން(Glycogen)ރައްކާކުރުން، ''ޕްލާޒްމާ ޕްރޮޓީން''(Plasma protein)  އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ.

މޭގަނޑުގެ ބޮޑުބައި އޮންނަނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. މިގުނަވަން އޮންނަނީ ފުއްޕާމެޔާއި ޑައަފްރަމްގެ ތިރިން ބަނޑާއި މޭމަތި، ގުޅޭ ހިސާބުގައެވެ. މޭގަނޑުން "ބައިލް''(Bile) ކިޔާ ދިޔައެއް އުފައްދައެވެ. މިއީ ހަޖަމުކުރުމުގައި އެހީތެރިވެދޭ ދިޔައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރެވޭ ''ހެޕަޓިކް، ހެޕަޓޯ''(Hepatic/Hepato) ފަދަ ބަސްތައް ނިސްބަތް ކުރެވެނީ ފުރަމޭ އާއި ގުޅުންހުރި ކޮންމެވެސް ކަމަކަށް ނުވަތަ ތަނަކަށެވެ.

ނޯޓް : ދިވެހި ބައެއް ޑޮކްޓަރުންނާއި، ޞިއްޙީ ދާއިރާގެ ބޭފުޅުން ލިޔުއްވާފައިވާ ބައެއް ލިޔުންތަކުގައި މޭ ނުވަތަ މޭގަނޑަށް "ފުރަމޭ" މިނަން ބޭނުންކުރައްވާފައި ވެއެވެ. ނަމަވެސް ދިވެހި ބަހުގެ ރަދީފްގައިވާ ވާގޮތުން ފުރަމޭ އަކީ  " ލޭމަދުވެ ފޮއްސިވާ ބައްޔަކަށް ދިވެހި ބޭސްވެރިން ކިޔާނަމެއް. މިބަލި ޖެހުމުން ލޯ، ރީނދޫވެ، ބަނޑުފުފި ފޮއްސިވާނެއެވެ" އަދި ފުރަމޭވުމަކީ " މޫނުބޯވެ ބަނޑުބޮޑުވެ މުޅިމީހާ ރީނދޫވުން " އެވެ. މިމާނައަށް ބަލާއިރު ފަހަރުގައި މިއީ ހެޕަޓައިޓިސް ނުވަތަ މޭގަނޑު ދުޅަވުން ކަމަށް ވެސް ވެދާނެ އެވެ.

މޭގަނޑުގެ ވަޒީފީ ޔުނިޓް
މޭގަނޑުގެ ބަރުދަނުގައި އެވްރެޖް ގޮތެއްގައި 1.5 ކިލޯ ގްރާމް ހުރެއެވެ. މޭގަނޑުގެ ތެރޭގައި ހުންނަ ކުދިކުދި ވަޒީފީ ޔުނިޓް ތަކަށް ކިޔަނީ ''ލޮބިޔޫލް''(Lobule) އެވެ. މޭގަނޑުގެ ތެރޭގައި މިފަދަ ޔުނިޓްތައް 50 ހާހާއި 100 ހާހާއި ދެމެދުގެ އަދަދަކަށް ހުރެއެވެ. މިއިން ކޮންމެ ''ލޮބިޔޫލް'' އެއް އުފެދިފައިވަނީ ''ހެޕަޓަސައިޓް''(Hepatocyte) ތައް އެތުރިގެން ހެދިފައިވާ ކޮލަމް ތަކަކުންނެވެ. ކޮންމެ ކޮލަމެއް އަނެއް ކޮލަމަކާ ވަކިކޮށްދެނީ ކުދިކުދި ލޭހޮޅިތަކުންނެވެ.

މޭގަނޑު އޮންނަތަން
މޭގަނޑުގެ ބޮޑުބައެއް އޮންނަނީ އެތެރެހަށީގައި ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. އަދި އެތެރެހަށިން ހަށިގަނޑުގެ މެދާއި، އަދި ވާތް ފަރާތުގައި ވެސް ފުރަމޭގެ ބައެއް އޮވެއެވެ. މިގުނަވަން އޮންނަނީ ފުއްޕާމެޔާއި، ޑައަފްރަމްގެ ތިރިން، ބަނޑާއި، މޭމަތި ގުޅޭ ހިސާބުގައެވެ.

މޭގަނޑުގެ ބައްޓަން
މޭގަނޑު އޮންނަނީ އަނބެއްގެ ބައްޓަމަށެވެ. މޭގަނޑުގައި 5 ފަރާތް ހުރެއެވެ. އެއީ މަތީ ފަރާތް، ތިރީ ފަރާތް، ކުރިމަތި ފަރާތް، ފަހަތް ނުވަތަ ފުރަގަހަށްވީ ފަރާތް، އަދި ކަނާތު އަރިމަތީ ފަރާތް އެވެ. ކަނާތު އަރިމަތީ ފަރާތަކީ އަނބެއްގެ ސިފަޔަށް ފުރަމޭ އޮންނައިރު އޭގެ ތިރީކޮޅެވެ. މޭގަނޑުގެ އެއް ފަރާތް އަނެއް ފަރާތާއި ވަކިކުރެވިފައި ހުންނަ ބޯޑަރުތައް އެހާ ރަގަޅަކަށް ނުހުރެއެވެ. ހަމައެކަނި ރަގަޅަށް ވަކިވެފައި އިންނަނީ ތިރީ ބޯޑަރު އެވެ. ތިރީ ބޯޑަރު އަކީ ކުރިމަތީ ފަރާތާއި، ކަނާތު އަރިމަތީ ފަރާތް، ތިރީ ފަރާތާއި ވަކިކޮށްދޭ ބޯޑަރެކެވެ.

މޭގަނޑުގެ ހުރިހާ ފަރާތްތަކެއް ނުވަތަ ހުރިހާ ހިސާބެއް ހުންނަނީ ''ޕެރިޓޯނިއަމް''(Peritoneum) އޭ ކިޔޭ ދުލިފަށަލަ އިން ނިވާކުރެވިފައެވެ. މިދުލިފަށަލައިން ނިވާނުވާ ތަންކޮޅެއް މޭގަނޑުގެ ތެރޭގައި އިނދެއެވެ. އެތަނަށްކިޔަނީ ''މޭގަނޑުގެ ހުސް ޖާގަ''(Bare area of liver) އެވެ.

މޭގަނޑުގެ ލޯބްތައް
މޭގަނޑު އެކުލެވިގެންވަނީ ދެ ލޯބް ގެ މައްޗަށެވެ. އެއީ ކަނާތު ލޯބް އާއި ވާތު ލޯބް އެވެ. މިތަނުން ބޮޑުވާނީ ކަނާތު ލޯބް އެވެ. ދެލޯބް ވަކިކުރަނީ އަންނަނިވި ބައިތަކުންނެވެ.

(ހ) - ފެލްސިފޯރމް ލިގަމެންޓް ތަތްވެފައިވާ ތަން: މިބައި ހުންނަނީ ކުރިމަތީ ފަރާތް އަދި މަތީ ފަރާތުގައެވެ.
(ށ) - ލިގަމެންޓަމް ވީނޯސަމް އިންނަ އަޑިކޮޅު: މިތަން އިންނަނީ ފުރަގަހު ފަރާތު ގައެވެ.
(ނ) - ލިގަމެންޓަމް ޓިރީސް އިންނަ އަޑިކޮޅު: މިތަން އިންނަނީ ތިރީ ފަރާތުގައެވެ.

މޭގަނޑުގެ ސަތަޙަތައް
ކުރިމަތީ ފަރާތް (Anterior surface): މޭގަނޑުގެ ކުރިމަތީ ފަރާތް އިންނަނީ ޑައަފްރަމް އަދި މައިދާގެ ކުރިމަތީ ފަރާތާއި ޖެހިފައެވެ.
މަތީ ފަރާތް (Superior surface): މޭގަނޑުގެ މަތީ ފަރާތް ވެސް އިންނަނީ ޑައަފްރަމް އާއި ޖެހިފައި އިންނަ ގޮތަށެވެ. ޑައަފްރަމް އަކީ މޭގަނޑުގެ މަތީ ފަރާތް، ފުއްޕާމޭގެ ތިރިއާއި، ހިތާއި ވަކިކޮށްދޭ ހުރަހެކެވެ.

ފުރަގަހަށްވީ ފަރާތް (Posterior surface):ފުރަމޭގެ ފުރަގަހަށްވީ ނުވަތަ ފަހަތު ފަރާތް އެކުލެވިގެންވަނީ މައިގަނޑު 3 ބައެއްގެ މައްޗަށެވެ.
1-ފުރަމޭ ހުސް ޖާގަ (Bare area of liver): މިއީ ތިނެސްކަން ބައްޓަމަން އިންނަ ޖާގައެކެވެ. ނުވަތަ ސަރަހައްދެކެވެ. ތިނެސްކަން ބައްޓަމަން މިޖާގަ އިންނަ އިރު އޭގެ ކޮޅު އިންނަނީ ކަނާތް ފަރާތާއި ދިމާވާގޮތަށެވެ. އަދި އޭގެ ބުޑުގަނޑުގައި އިންނަނީ ''އިންފީރިއާ ވީނާ ކޭވާ''(Inferior vena cava) ޖެހިފައި އިންނަ ވަޅުގަނޑު ނުވަތަ އަޑިކޮޅު އެކެވެ.

2-އިންފީރިއާ ވީނާ ކޭވާ ޖެހިފައި އިންނަ އަޑިކޮޅު (Groove for IVC): މިއީ މޭގަނޑުގެ ހުސް ޖާގަ އިގެ ބުނޑުގައި އިންނަ ފުން އަޑިކޮޅު އެކެވެ. މިއަޑިކޮޅު އިންނަނީ ޕެރިޓޯނިއަމް އޭ ކިޔޭ ދުލިފަށުން ނިވާކުރެވިފައެއް ނޫނެވެ. މިއަޑިކޮޅުގައި ޖެހިފައި އިންނަނީ އިންފީރިއާ ވީނާ ކޭވާ ގެ މަތީ ބައެވެ.

3-ކޯޑޭޓް ލޯބް(Caudate lobe) : މިއީ އިންފީރިއާ ވީނާ ކޭވާ ޖެހިފައި އިންނަ އަޑިކޮޅު ގެ ވާތް ފަރާތުގައި އިންނަ ލޯބް އެކެވެ. މިލޯބްގެ ވަށައިގެން ބޯޑަރުލެވިފައިގޮތް މިވަނީ އެވެ. ކަނާތް ފަރާތުގައި އިންނަނީ އިންފީރިއާ ވީނާ ކޭވާ ޖެހިފައި އިންނަ އަޑިކޮޅު އެވެ. ވާތް ފަރާތުގައި އިންނަނީ ލިގަމެންޓަމް ވީނޯސަމް އިންނަ އަޑިކޮޅު އެވެ. ތިރިން އިންނަނީ ޕޯޓާ ހެޕަޓިސް އެވެ. އަދި މަތިން އިންނަނީ މޭގަނޑުގެ ވާތް ފަރާތުގެ ވެއިން އާއި، ލިގަމެންޓަމް ވީނޯސަމް އެވެ.

ތިރީ ފަރާތް (Inferior surface): މޭގަނޑުގެ ތިރީ ފަރާތް، ވާތު ލޯބް ގައި ފާހަގަކުރެވިފައިވަނީ އެތަނުގައިވާ ''ގެސްޓްރިކް އިމްޕްރެޝަން''(Gastric impression) އޭ ކިޔޭ އަޑިކޮޅު ގެ ސަބަބުންނެވެ. މިއީ މައިދާގެ ޖިސްމު އެތަނެއްގައި ޖެހިފައި އިންނަ އަޑިކޮޅެވެ. މިއަޑިކޮޅުގެ ކަނާތް ފަރާތުގައި އޮމާންކޮށް ވަށްކޮށް އިންނަ އުފުލުމެއް ހުރެއެވެ. މިއުފުލުމަށް ކިޔަނީ ''ޓިޔުބާ އޯމެންޓޭލް''(Tuber omentale) އެވެ. މިއުފުލުމަކީ ''ލެސަރ އޯމެންޓަމް''(Lesser omentum) ގެ ތިރީ ފަރާތް ޖެހިފައިވާ އުފުލުމެވެ.

ކޯޑްރޭޓް ލޯބް(Quadrate lobe) : މިއީ މޭގަނޑުގެ ތިރީ ފަރާތުން ކަނާތު ލޯބް ގައި ދިގުއަކަ އެއްހެން އިންނަ ބައެކެވެ. މިލޯބް ވަށައިގެން ބޯޑަރު ކުރެވިފައިވާ ގޮތް މިވަނީއެވެ. ކުރިމަތިން އިންނަނީ މޭގަނޑުގެ ތިރީ ފަރާތެވެ. ފަހަތުން ނުވަތަ ފުރަގަހުން އިންނަނީ ޕޯޓާ ހެޕަޓިސް އެވެ. ވާތް ފަރާތުން އިންނަނީ ލިގަމެންޓަމް ޓިރީސް އިންނަ އަޑިކޮޅު އެވެ. އަދި ކަނާތް ފަރާތުން އިންނަނީ ފިތް ޖެހިފައި އިންނަ އަޑިކޮޅު(Gall bladder fossa) އެވެ.

މޭގަނޑުގެ ތިރީ ފަރާތް، ކަނާތު ލޯބްގައި ހުންނަ ގޮތް ބަޔާންކޮށްފައި މިވަނީއެވެ. ފިތް ޖެހިފައި އިންނަ ވަޅުގަނޑު ނުވަތަ އަޑިކޮޅު ގެ ކަނާތް ފަރާތުން ހުންނަނީ ތަފާތު 3 ބައެއް ޖެހިފައި ހުންނަ އަޑިކޮޅު ތަކެކެވެ. މިގޮތުން ފުރަތަމަ އިންނަނީ ހިމަ ގޮހޮރުގެ ފެށޭބައި(Duodenum) ބެހިފައިވާ 4 ބައިގެ ތެރެއިން ދެވަނަ ބައިގެ މަތީބައި ޖެހިފައި އިންނަ އަޑިކޮޅުު(Duodenal impression)  ނުވަތަ ވަޅުކޮޅެވެ. އެޖެހިގެން އިންނަނީ ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބަޔާއި، ހުރަހަށްވާގޮތަށް އޮންނަ ބައި ގުޅުވައިދޭ ކަން ޖެހިފައި އިންނަ އަޑިކޮޅު (Colic impression) ނުވަތަ އަޑިކޮޅެވެ. އެޖެހިގެން އިންނަނީ ކަނާތް ފަރާތުގެ ގުރުދާގެ ކުރިމަތި ޖެހިފައި އިންނަ އަޑިކޮޅު(Renal impression) ނުވަތަ އަޑިކޮޅެވެ.

ކަނާތު އަރިމަތީ ފަރާތް  : (Right lateral surface) މޭގަނޑުގެ ކަނާތު އަރިމަތީ ފަރާތް ވެސް ޖެހިފައި އިންނަނީ ޑައަފްރަމް ގައެވެ. މިހިސާބުގައި ޑައަފްރަމްއަކީ 6ން 11 ވަނަ ކައްޓާއި ހަމައަށް ހުންނަ މޭމަތީގެ އަރި ކަށިތަކާއި، ކަނާތު ފުއްޕާމޭ،  މޭގަނޑާއި، ވަކިކޮށްދޭ ހުރަހެކެވެ.

ޕޯޓާ ހެޕަޓިސް
ޕޯޓާ ހެޕަޓިސް(Porta hepatis) އަކީ މޭގަނޑުގެ މެދުގައި އިންނަ އަޑިކޮޅެކެވެ. މިއަޑިކޮޅަކީ އެއަޑިކޮޅެއްގެ ތެރެއިން މޭގަނޑަށް އޭގެ ލޭހޮޅިތައް ވަދެފައި ހުންނަ އަޑިކޮޅެވެ. ޕޯޓާ ހެޕަޓިސްގެ ތެރެއިން ގޮސް މޭގަނޑުގެ ތެރެއަށް ވަދެފައިވާ ބައިތަކަކީ، ''ހެޕަޓިކް ޑަކްޓްތައް''(Hepatic ducts)، ''މޭގަނޑުގެ އާޓަރީ''(Hepatic artery) އަދި އޭގެ ގޮފިތައް، ''ޕޯޓަލް ވެއިން''(Portal vein) އަދި އޭގެ ގޮފިތަކެވެ.

މޭގަނޑުގެ ތެރޭގައި ލޭދައުރުވާ ނިޒާމް
ކޮންމެ މިނިޓަކު މޭގަނޑަށް 1500 މިލިލީޓަރުގެ ލޭ ވާޞިލް ވެއެވެ. ނުވަތަ ފޯރުކޮށް ދެއެވެ. މިލޭ މޭގަނޑަށް ފޯރަނީ މައިގަނޑު 2 މަސްދަރަކުންނެވެ. އެއީ ޕޯޓަލް ވެއިން ، އަދި މޭގަނޑުގެ އާޓަރީ އިންނެވެ. މިދެލޭހޮޅިން މޭގަނޑަށް އަންނަ ލޭ ކޮންމެ ހެޕަޓަސައިޓް އެއްގެ މެދުގައިވާ ''ސެންޓްރަލް ވެއިން''(Central vein) އަށް ވާޞިލްވެ، އެެއަށްފަހު މޭގަނޑުގެ ވެއިން އަށް ވާޞިލްވެއެވެ. އަދި އެއަށްފަހު ''އިންފީރިއަރ ވީނާ ކޭވާ'' އަށް އެލޭތައް ވާޞިލް ވެއެވެ.

މޭގަނޑުގެ ވަޒީފާ
1-މޭގަނޑުގެ ތެރޭގައި ލޭދައުރުވާ ނިޒާމުންކުރާ މަސައްކަތްތައް
(ހ) - ލޭ ރައްކާކުރުން : މޭގަނޑުގައި އެވްރެޖް ގޮތެއްގައި އަބަދުވެސް 450 މިލިލީޓަރުގެ ލޭ ރައްކާކޮށްފައި ބަހައްޓައެވެ. މިލޭ ރައްކާކޮށްފައި ހުންނަނީ ހެޕަޓަސައިޓްގެ ތެރޭގައި ހުންނަ ކުދިކުދި ލޭހޮޅި ތަކުގައެވެ. ހަށިގަނޑަށް ލޭ ބޭނުންވުން އިތުރުވެގެންދާ ޙާލަތްތަކުގައި މޭގަނޑުގެ ތެރޭގައި ހުންނަ މިލޭ ހަށިގަނޑުގައި ހިނގާ ލޭގެ އާރަށް ފޮނުވާލައެވެ. މިސާލަކަށް ހަށިގަނޑުގެ ބަޔަކުން ލޭހިލުން ފަދަ ޙާލަތްތަކުގައި މިގޮތަށް ކަންތައް ވެގެންދާނެއެވެ.

(ށ) - ލޭ ސާފުކުރުން  : ފުރަމޭގައި ހުންނަ މެކްރަފޭޖް ސެލްތައް ކަމުގައިވާ  ''ކުޕްފާރސް ސެލް''(Kupffer cell)  ތަކުން ކުޑަ ގޮހޮރުން ނުވަތަ ހިމަގޮހޮރުން ޕޯޓަލް ވެއިން ގެ ތެރެއިން މޭގަނޑަށް އަންނަ ޖަރާސީމް ތަކުގެ 99 އިންސައްތަ ދިރުވައި ނައްތާލައެވެ. މީގެ އިތުރުން ހަށިގަނޑާއި ބީރައްޓަހި މާއްދާތައް ވެސް މިބުނި ސެލްތަކުން ނައްތާލައެވެ.

(ނ) - ބައިލް އުފެއްދުން : ބައިލް އުފައްދަނީ މޭގަނޑުގައި ހުންނަ ހެޕަޓަސައިޓް(Hepatocyte) ތަކުންނެވެ. އެއަށްފަހު ބައިލް އުފައްދައި، ރައްކާކޮށް ދޫކުރާ ނިޒާމްގައި ހިމެނޭ ހޮޅިތަކުގެ އެހީގައި ބައިލް ހިމަ ގޮހޮރު ގެ ފުރަތަމަ ބައި(Duodenum)ގެ ތެރެއަށް ވާޞިލް ވެއެވެ. މިމަސައްކަތުގެ ތެރޭގައި ހެޕަޓަސައިޓްގެ ފާރުގައި ހުންނަ އެޕިތީލީއަމް ސެލް ތަކުން ބައިކާބޮނޭޓް އިން މުއްސަދިވެފައިވާ ފެން ދިޔައެއް ބައިލްގެ ތެރެއަށް ފޮނުވާލައެވެ. އަދި މިދިޔަ ބައިލްގެ ތެރެއަށް ގިރުމުން ބައިލްގެ އަލްކަލައިން ހުރި މިންވަރު މަތިވެގެން ދެއެވެ.

(ރ) – ބައިލް ސޯލްޓް އުފެއްދުން : މޭގަނޑުގެ ތެރޭގައި ބައިލް ސޯލްޓް އުފައްދައި ބޭރުކުރެއެވެ. އަދި ބައިލް ޕިގްމެންޓް ތައް ވެސް އުފައްދައި ބޭރު ކުރެއެވެ. ބައިލް ސޯލްޓ
ް(Bile salt) އަކީ ބައިލް އެސިޑް ތަކުގައި ހިމެނޭ ލޮނު ގެ ބައެވެ. އޭގެ ތެރޭގައި ހިމެނެނީ ސޯޑިއަމް އަދި ޕޮޓޭސިއަމް އެވެ. ސޯޑިއަމް އަދި ޕޮޓޭސިއަމް، ގްލައިސީން(Glycine) އަދި ޓޯރީން(Taurine) އާއި އެއްވެއެވެ. އިންސާނާގެ ހަށިގަނޑުގައި ބައިލް އެސިޑް ގެ 4 ވައްތަރު ހުރެއެވެ. އޭގެ ތެރެއިން 2 ވައްތަރު އުފެދެނީ މޭގަނޑުގެ ތެރޭގައި ކޮލެސްޓިރޯލް އިންނެވެ. އެއީ ކޯލިކް އެސިޑް(Cholic acid)  އަދި ކީނަޑިއޮކްސީކޯލިކް އެސިޑް(Cheno dexoy cholic acid) އެވެ. މިއެސިޑްތައް މޭގަނޑުގެ ތެރޭގައި އުފެދޭތީ މިއެސިޑް ތަކަށް ޕްރައިމަރީ ބައިލް އެސިޑް(Primary bile acid) އޭ ކިޔައެވެ.

އަނެއް ދެވައްތަރުގެ ބައިލް އެސިޑް އުފެދެނީ ބޮޑު ގޮހޮރު ގެ ތެރޭގައެވެ. ބޮޑު ގޮހޮރުގެ ތެރޭގައި މި ދެވައްތަރުގެ އެސިޑް އުފެދެނީ ބެކްޓީރިޔަލް އެކްޝަންގެ ސަބަބުން ޕްރައިމަރީ ބައިލް އެސިޑް އިންނެވެ. އެހެން ކަމުން ބޮޑު ގޮހޮރުގެ ތެރޭގައި އުފެދޭ ބައިލް އެސިޑް ތަކަށް ސެކަންޑަރީ ބައިލް އެސިޑް(Secondary bile acid) އޭ ކިޔައެވެ. ބޮޑު ގޮހޮރު ގެ ތެރޭގައި އުފެދޭ ދެއެސިޑަކީ ޑިއޮކްސީކޯލިކް އެސިޑް(Dexoycholic acid) އަދި ލިތޯކޯލިކް އެސިޑް(Lithocholic acid) އެވެ. ޕްރައިމަރީ ބައިލް އެސިޑް ތައް ގްލައިސީން އަދި ޓޯރީން އާއި އެކުވަނީ މޭގަނޑު ގެ ތެރޭގައެވެ. މިއެއްވުމުގެ ސަބަބުން އުފެދެނީ ގްލައިކަކޯލިކް އެސިޑް(Glycocholic acid) އަދި ޓޯރަކޯލިކް އެސިޑް(Taurocholic acid) އެވެ. ނަތީޖާއެއްގެ ގޮތުން ބައިލް ސޯލްޓް ތައް ކަމުގައި ވާ ސޯޑިއަމް ގްލައިކަކޮލޭޓް(Na Glycocholate) އަދި ޕޮޓޭސިއަމް ޓޯރަކޮލޭޓް(K Taurocholate) އުފެދިގެންދެއެވެ.

2-މޭގަނޑުގެ ތެރޭގައި ހިންގާ މެޓަބޮލިޒަމް އާއި ގުޅުންހުރި މަސައްކަތްތައް
(ހ) - ކާބޯހައިޑްރޭޓް މެޓަބޮލިޒަމް
·         ''ގެލެކްޓޯސް''، އަދި ''ފުރަކްޓޯސް'' ''ގުލޫކޯޒް'' އަށް ބަދަލުކުރުވުން
·         ލޭގައި ހަކުރުގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުން: މިމަސައްކަތުގައި މޭގަނޑު ބައިވެރި އެވެ. ލޭގައި ހަކުރުގެ މިންވަރު މަތިވެއްޖެނަމަ(ގިނަވެއްޖެނަމަ) ގިނަވާ ބައި މޭގަނޑަށް ނަގައެވެ. އެއަށްފަހު މޭގަނޑުގެ ތެރޭގައި ގުލްކޯޒު ''ގްލައިކަޖަން'' އަށް ބަދަލުވުން ނުވަތަ ގުލްކޯޒުން ގްލައިކަޖަން އުފެދުން (Glycogenesis) އަދި ގުލްކޯޒު ފެޓަށް ބަދަލުވުން ނުވަތަ ގުލްކޯޒުން ފެޓް އުފެދުން (Lipogenesis)  މެދުވެރި ކުރުވައެވެ.. މިއާއި ޚިލާފަށް ލޭގައި ހަކުރުގެ މިންވަރު މަދުވެއްޖެނަމަ މޭގަނޑުން ލޭގެ ތެރެއަށް ހަކުރު (ގުލްކޯޒު) ހަށިގަނޑަށް ބޭނުން ވަރަށް ފޮނުވާލައެވެ.
(ށ) - ޕްރޮޓީން މެޓަބޮލިޒަމް
·         ''އެމީނޯއެސިޑް''(Aminoacids) އިން "އެމީން"(Amines) ވަކިކޮށްދިނުން: މިމަސައްކަތުގެ ތެރޭގައި އުފެދޭ ''ކީޓޯ އެސިޑް'' ތައް އޮކްސިޑައިޒް ކުރުވައެވެ. ނުވަތަ ކާބޯހައިޑްރޭޓް އެހެންނޫނީ ފެޓް އަށް ބަދަލުކުރުވައެވެ.
·         އެމޯނިޔާ ޔޫރިއާ އަށް ބަދަލުކުރުން: އެމޯނިޔާ(Ammonia) އުފެދެނީ ކުރިން ބުނި އެމީނޯއެސިޑް އިން އެމީން ވަކިކުރުމުގެ ތެރޭގައެވެ. ހަމަމިހެން ގޮހޮރުގެ ތެރޭގައި ހުންނަ ބެކްޓީރިޔާ ތަކުން ވެސް އެމޯނިޔާ އުފެދެއެވެ. އެމޯނިޔާ ޔޫރީއާ އަށް ބަދަލުވުމަކީ ކޮންމެހެން ހަށިގަނޑަށް ބޭނުންވާ ކަމެކެވެ. ސަބަބަކީ އެމޯނިޔާ ލޭގެ ތެރޭގައި ގިނަވެ ޖަމާވެއްޖެނަމަ ނާރުތަކުގެ ނިޒާމަށް އަސަރުކޮށް މީހާގެ މަރާއި ހަމައަށް ގެންދިއުމަކީ ވެދާނެ ގޮތެކެވެ. އެއީ އެމޯނިޔާ އަކީ ނުރައްކާތެރި ވިހަގަދަ މާއްދާއަކަށްވާތީ އެވެ.
·         ޔޫރިކް އެސިޑް އުފެއްދުން
·         މުހިއްމު ނޫން ބައެއް އެމީނޯ އެސިޑް ތައް އުފެއްދުން
·         އެއް އެމީނޯ އެސިޑް އަނެއް އެމީނޯ އެސިޑް އަށް ބަދަލުވުން
·         ޕްލާޒްމާ ޕްރޮޓީން އުފެއްދުން: ދުވާލަކު 15 އާއި 50 ގްރާމް އާއި ދެމެދުގެ އަދަދަކަށް މޭގަނޑުން ޕްލާޒްމާ ޕްރޮޓީން އުފައްދައެވެ.
·         ލޭގަނޑުވުމުގައި ޝާމިލްވާ ބައެއް މާއްދާތައް އުފެއްދުން

(ނ) - ފެޓް މެޓަބޮލިޒަމް
·         ހަކަތަ އުފެއްދުމަށް ފެޓީ އެސިޑް ތައް އޮކްސިޑޭޓް ކުރުން: ތަބީޢީ ފެޓް ނުވަތަ ސަރުބީ ފުރަތަމަ ބަދަލުވަނީ ''ގްލިސެރޯލް''(Glycerol)އަދި ''ފެޓީ އެސިޑް''(Fatty acids)އަށެވެ. މިގޮތަށް ސަރުބީ ބަދަލުވުމަށް ކިޔަނީ "ސަރުބީ ވިރުވުން" ނުވަތަ "ސަރުބީ ބައިބައިކުރުން"(Lipolysis) މިހެންނެވެ. އެއަށްފަހު ފެޓީ އެސިޑް އޮކްސިޑޭޓް ވެގެން ''އަސީޓައިލް ރެޑިކަލް''(Acetyl radicals) އުފެދެއެވެ. މިބުނި އެސީޓައިލް ރެޑިކަލް ''ކޯއެންޒައިމް-އޭ''(Co-enzyme A) އާއި އެއްވުމުން ''އެސީޓައިލް-ކޯ''(Acetyl coA) އުފެދިގެން ދެއެވެ. ''ސިޓްރިކް އެސިޑް ބުރު''(Citric acid cycle) ގައި އެސީޓައިލް-ކޯ ގެ ބައެއް އޮކްސިޑައިޒް ވެގެން އެތަކެއް ހަކަތައެއް އުފައްދައެވެ. އަނެއްބައި  ''އެސީޓޯއެސީޓިކް އެސިޑް''(Acetoacetic acid) އަށް ބަދަލުވެ، ފުރަމޭގެ ސެލްތަކުން ފަހުން މިބުނި އެސިޑް ލޭގެ ތެރެއަށް ފޮނުވާލުމުން ލޭގެ ޒަރީޢާއިން އެހެނިހެން ޓިޝޫތަކަށް ބަދަލުވެ، އެޓިޝޫތަކުގެ ތެރޭގައި އޮކްސިޑައިޒް ވެގެން ދެއެވެ.
·         ކޮލެސްޓިރޯލް، ލިޕޯޕްރޮޓީން، އަދި ފޮސްފަލިޕިޑް އުފެއްދުން: ކޮލެސްޓިރޯލް ގެ 80 އިންސައްތަ ''ބައިލް ސޯލްޓް''(Bile salt) އަށް ބަދަލުވަނީ މޭގަނޑުގެ ތެރޭގައެވެ. ބާކީ 20 އިންސައްތަ ލިޕޯޕްރޮޓީން އަދި ފޮސްފަލިޕިޑް އާއެކު އެހެން ޓިޝޫތަކަށް ނަގުލު ކުރެއެވެ. އެހެން ޓިޝޫތަކުގެ ތެރޭގައި ލިޕޯޕްރޮޓީން ބައިބައިވެގެން ދެއެވެ. އަދި އެއިން އުފެދޭ ފެޓް އޮކްސިޑައިޒް ވުން ނޫނީ ރައްކާ ކުރެއެވެ. ފޮސްފަލިޕިޑް އަދި ކޮލެސްޓިރޯލް ސެލް ތަކުގެ ބޭރު ފަށަލަ އުފެދުމުގައި އޭގެ އޮނިގަނޑުން ޖާނގަ ހޯދައެވެ.
·         ކާބޯހައިޑްރޭޓް އަދި ޕްރޮޓީން އިން ފެޓް އުފެއްދުން: މިމަސައްކަތް މައިގަނޑު ގޮތެއްގައި ހިންގަނީ މޭގަނޑުގެ ތެރޭގައެވެ.

3- ރައްކާ ކުރުމާއި ގުދަންކުރުމުގެ މަސައްކަތް ހިންގުން
ލޭ، ގްލައިކަޖަން، ފެޓް ރައްކާ ކުރުމުގެ އިތުރުން އަންނަނިވި މާއްދާތައް ވެސް މޭގަނޑުގައި ރައްކާކޮށް ގުދަން ކުރެއެވެ.
(ހ) - ބައެއް ވިޓަމިންތައް: ޚާއްޞަކޮށް ވިޓަމިން-އޭ، ވިޓަމިން-ޑީ، އަދި ވިޓަމިން-ބީ12 ރައްކާކުރެއެވެ. އެކި ވިޓަމިން ރައްކާކޮށްފައި ބަހައްޓަނީ އެކި މުއްދަތަށެވެ. ވިޓަމިން-އޭ 10 މަސް ދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓައެވެ. ވިޓަމިން-ޑީ 3 ނުވަތަ 4 މަސް ދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓައެވެ. އަދި ވިޓަމިން-ބީ12 12 މަސްދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓައެވެ.

(ށ) - ދަގަނޑު: ދަގަނޑު މޭގަނޑުގެ ސެލްތަކުގައި ރައްކާކުރެވިފައި ހުންނަނީ ''ފެރިޓިން''(Ferritin) ގެ ސިފައިގައެވެ. ލޭގެ ތެރޭގައި ދަގަނޑުގެ މިންވަރު މަދުވުމުން މޭގަނޑުގައި ހުންނަ ފެރިޓިން އިން ދަގަނޑުގެ ބައި ލޭގެ ތެރެއަށް ދޫކޮށްލައެވެ. އަދި ލޭގެ ދަގަނޑުގެ މިންވަރު މަތިވުމުން މޭގަނޑަށް އެބައި ނަގައި މޭގަނޑުގައި ރައްކާކޮށްފައި ބަހައްޓައެވެ.

އެހެންކަމުން މޭގަނޑަކީ ލޭގެ ރަތް ސެލް ތައް އުފެއްދުމުގެ މަސައްކަތް ހިންގުމަށް ބޭނުންތެރި ގުނަވަނެކެވެ. ސަަބަބަކީ މިމަސައްކަތަށް ބޭނުންވާ ބައެއް މާއްދާތައް މޭގަނޑުން ފޯރުކޮށްދޭތީ އެވެ. އޭގެ ތެރޭގައި ވިޓަމިން-ބީ12، ދަގަނޑު، އަދި ހިމަގްލޯބިން ގައި ހިމެނޭ ''ގްލޯބިން''ގެ ބައި ހިމެނެއެވެ. މީގެ އިތުރުން ލޭގެ ރަތް ސެލް މާބަނޑުގައި އޮންނަ ދަރިފުޅުގެ ހަށިގަނޑުގައި މޭގަނޑުން އުފައްދައި ދެއެވެ.

4- ވިހަ ސާފުކުރުމާއި، ހަރަކާތް ނުކުރާނޭގޮތް ހެދުމުގެ މަސައްކަތް ހިންގުން
(ހ) - ވަރަށް ގިނަ ބޭސްތަކުގައި އެކުލެވޭ ވިހަ ބައި މޭގަނޑުގެ ތެރޭގައި ސާފު(Detoxification) ކުރެއެވެ. މިސާލަކަށް ''ސަލްފަނަމައިޑްސް'' ، ''ޕެނިސިލިން''، ''އިރިތްރަމައިސިން'' ފަދަ ބޭސްތަކުގެ ވިހަ މޭގަނޑުގެ ތެރޭގައި ސާފު ކުރުވައެވެ.
(ށ) - ވަރަށް ގިނަ ހޯރމޯން ތަކުގެ ބާރު މޭގަނޑުގެ ތެރޭގައި ކަނޑުލާވައެވެ. އަދި އެހޯރމޯންތައް މަސައްކަތް ނުކުރާނޭ ގޮތް (Inactivation) މޭގަނޑުގެ ތެރޭގައި ހަދައެވެ.

5- ހޯރމޯންތައް ދޫކުރުން
މޭގަނޑަކީ ވެސް ތަފާތު ހޯރމޯންތައް އުފައްދައި ދޫކުރާ ގުނަވަނެކެވެ. މިގޮތުން އުފައްދައި ދޫކުރާ ހޯރމޯންތައް ތިރީގައި މިވަނީ އެވެ.
(ހ) – އިންސުލިން ލައިކް ގްރޯތު ފެކްޓަރ (Insulin like growth factor): އިންސުލިން ލައިކް ގްރޯތު ފެކްޓަރ ތަކަކީ އިންސުލިން އާއި، ވައްތަރު ގޮތެއް ހުންނަ ޕޮލިޕެޕްޓައިޑް ތަކެކެވެ. އިންސުލިން ލައިކް ގްރޯތު ފެކްޓަރ އަކީ ''ކޮމްޕްލެކްސް ސިސްޓަމް''(Complex system) ބައެކެވެ. މިހޯރމޯން އުފައްދައި ދޫކުރަނީ މޭގަނޑުގެ ތެރޭގައި ހުންނަ ''ހެޕަޓަސައިޓް'' ތަކުންނެވެ. މިހޯރމޯންގެ ދެވައްތަރު ވެއެވެ. އެއީ އިންސުލިން ލައިކް ގްރޯތު ފެކްޓަރ1 އަދި އިންސުލިން ލައިކް ގްރޯތު ފެކްޓަރ2 އެވެ.

(ށ) – އެންޖީއޯޓެންސިން (Angiotensin): އެންޖީއޯޓެންސިން އަކީ މޭގަނޑުގެ ތެރޭގައި ހުންނަ ''ހެޕަޓަސައިޓް'' ތަކުން އުފައްދައި ދޫކުރާ އޮލިގޯޕެޕްޓައިޑް އެކެވެ. މިމާއްދާ ގެ ސަބަބުން ލޭހޮޅިތައް ހަނިވުން(Vasoconstriction) ، ކުރިމަތިކުރުވައި، ލޭގެ ޕްރެޝަރު މަތިކުރުވައި، އެޑްރީނަލް ގްލޭންޑް ގެ ކޯޓެކްސް(Adrenal cortex)އިން ''އަލްޑޮސްޓަރޯން''(Aldosterone) ދޫކުރުން މެދުވެރި ކުރުވައެވެ. އެންޖީއޯޓެންސިން އަކީ ބާރުގަދަ ''ޑިޕްސަޖަން'' (Dipsogen) އެކެވެ. އެންޖީއޯޓެންސިން އުފެދިގެން އަންނަނީ އޭގެ ޕްރިކޯސަރ މޮލިކިއުލް ކަމުގައިވާ މޭގަނޑުގައި އުފެދޭ ''އެންޖީއޯޓެންސިނަޖަން''(Angiotensinogen) އިންނެވެ.

(ނ) – ތްރޮމްބޯޕޮއިއިޓިން (Thrombopoietin): ތްރޮމްބޯޕޮއިއިޓިން އަކީ މޭގަނޑު، އަދި ގުރުދާއިން އުފައްދާ ގްލައިކޯޕްރޮޓީން ހޯރމޯން އެކެވެ. މިހޯރމޯން އަކީ ކަށީގެ މަދުގައި ''ޕްލޭޓްލެޓް''ތައް އުފެއްދުން ތަންޒީމްކުރާ ހޯރމޯން އެކެވެ. ކަށީގެ މަދުގައި ހިމެނޭ ''މެގަކެރީއޯސައިޓް''(Megakaryocyte) ތައް އުފެދި ބައިބައިވެގެން ދިއުމަށް ބާރު އަޅައެވެ. ޕްލޭޓްލެޓްތައް އުފެދިގެން އަންނަނީ މިބުނި ސެލްތައް ބައިބައިވެގެން އައުމުގެ ތެރޭގައެވެ.

މޭގަނޑުގެ މަސައްކަތް ހުރިނެތްގޮތް ބަލާ ޓެސްޓްތައް

1- ފުރަމޭގެ އެންޒައިމްތަކުގެ މިންވަރު ބެލުމަށް ބަރޯސާވާ ޓެސްޓްތައް
(ހ) - ލޭގައި ޓްރާންސް އަމައިނޭސް ތަކުގެ މިންވަރު ހުރިނެތްގޮތް ބެލުން: އެސްޕަރްޓޭޓް ޓްރާންސްއަމައިނޭސް ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 40-8 ޔުނިޓާއި ދެމެދުގެ މިންވަރަކަށެވެ. އެލެނީން ޓްރާންސްއަމައިނޭސްް ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 30-5 ޔުނިޓާއި ދެމެދުގެ މިންވަރެކެވެ. ބަޔާން ކުރެވުނު ދެވައްތަރުގެ އެންޒައިމް މޭގަނޑު، ހިތް ، އަދި ހަށިގަނޑުގެ މަސްތަކުގައި ހުރެއެވެ. އެހެން ކަމުން މިބުނި ޓިޝޫތަކަށް ގެއްލުން ލިބުމުން ނުވަތަ އެޓިޝޫތަކުގެ ބަލިތަކުގެ ސަބަބުން މިއެންޒައިމްތަކުގެ މިންވަރު ލޭގައި އިތުރުވެގެން ދެއެވެ. މިސާލަކަށް ހިތުގެ މަސްގަނޑުން ބައެއް މަރުވުން އަދި މޭގަނޑު ދުޅަވުން ފަދަ ބަލިތަކުގައި ލޭގައި މިއެންޒައިމްތަކުގެ މިންވަރު އިތުރުވެގެން ދެއެވެ. 

(ށ) - ލޭގައި އަލްކަލައިން ފޮސްފަޓޭސް ގެ މިންވަރު ހުރިނެތްގޮތް ބެލުން: އަލްކަލައިން ފޮސްފަޓޭސް ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 39-13 ޔުނިޓާއި ދެމެދުގެ މިންވަރަކަށެވެ. ބަޔާން ކުރެވުނު އެންޒައިމް މޭގަނޑު، ކަށި، ކުޑަ ގޮހޮރު، އަދި ވިހެއުމުގެ ތެރޭގައި ފައިބާ މަހު ގައި ހުރެއެވެ. މޭގަނޑުގެ ބަލިތަކާއި ގުޅިގެން ލޭގައި އަލްކަލައިން ފޮސްފަޓޭސް ގެ މިންވަރު އިތުރުވެގެން ދެއެވެ.

(ނ) - ލޭގައި ގާމާ ގުލޫޓަމައިލް ޓްރާންސްޕެޕްޓައިޑޭސް ގެ މިންވަރު ހުރިނެތްގޮތް ބެލުން: ގާމާ ގުލޫޓަމައިލް ޓްރާންސްޕެޕްޓައިޑޭސް ލޭގައި ހުންނަނީ ކޮންމެ ލިޓަރެއްގައި 50-10 ޔުނިޓާއި ދެމެދުގެ މިންވަރަކަށެވެ. މިއެންޒައިމްގެ މިންވަރު ލޭގައި މޭގަނޑުގެ ބައެއް ބަލިތަކާއި ގުޅިގެން އިތުރުވެގެން ދެއެވެ. ޚާއްޞަކޮށް ބަނގުރާ ބުއިމުން ކުރިމަތިވާ މޭގަނޑުގެ ބަލިތަކުގައި މިއެންޒައިމްގެ މިންވަރު ލޭގައި އިތުރުވެގެންދާކަން ފާހަގަ ކުރެވެއެވެ.

2- ޕްލާޒްމާ ޕްރޮޓީންގެ މިންވަރު ބެލުމަށް ބަރޯސާވާ ޓެސްޓްތައް
(ހ) - ލޭގައި ''އަލްބިޔޫމިން'' ގެ މިންވަރު ހުރިނެތްގޮތް ބެލުން: އަލްބިޔޫމިން އުފައްދަނީ ހަމައެކަނި މޭގަނޑުންނެވެ.  ލޭގައި ކޮންމެ ޑެސިލިޓަރެއްގައި 5- 3.5 ގްރާމާއި ދެމެދުގެ މިންވަރަކަށް އަލްބިޔޫމިން ހުރެއެވެ. އެވްރެޖް ގޮތެއްގައި މިއަދަދު އުޅެނީ 4.2 ގްރާމްގައެވެ.

(ށ) - އަލްބިޔޫމިން / ގްލޯބިޔުލިން ގެ ނިސްބަތް ބެލުން: މިނިސްބަތް އާންމުކޮށް ހުންނަނީ 2:1 ގައެވެ.
(ނ) - ލޭގައި ޕްރޯތްރޮމްބިން ހުރި މިންވަރު ބެލުމާއި، ޕްރޯތްރޮމްބިންގެ ވަގުތު ބެލުން: ލޭގައި ޕްރޯތްރޮމްބިން ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 15-10 މިލިގްރާމާއި ދެމެދުގެ މިންވަރަކަށެވެ. ޕްރޯތްރޮމްބިން ވަގުތު އާންމު ގޮތެއްގައި ހުންނަނީ 14-12 ސިކުންތާއި ދެމެދުގައެވެ. ޕްރޯތްރޮމްބިން ވަގުތު މޭގަނޑުގެ ބަލިތަކުގައި ދިގުވެގެން ދެއެވެ. އަދި ލޭގައި ޕްރޯތްރޮމްބިން ހުންނަ މިންވަރު މޭގަނޑުގެ ބަލިތަކުގައި ދަށްވެގެން ދެއެވެ.

ޕްލާޒްމާ ޕްރޮޓީންގެ އާންމު ގޮތެއްގައި ހުންނަ މިންވަރުތައް
·         ޖުމްލަ ޕްލާޒްމާ ޕްރޮޓީން: ކޮންމެ ޑެސިލިޓަރެއްގައި 8.5-6.5 ގްރާމް
·         އަލްބިޔޫމިން: ކޮންމެ ޑެސިލިޓަރެއްގައި 5-3.5 ގްރާމް
·         ގްލޯބިޔުލިން: ކޮންމެ ޑެސިލިޓަރެއްގައި 3-2 ގްރާމް
·         އަލްބިޔޫމިން / ގްލޯބިޔުލިން ގެ ނިސްބަތް: 2:1

މޭގަނޑަށް ޖެހޭ ބަލިތަކުގެ ތެރެއިން ދިގުދެމިގެންދާ ބަލިތަކުގައި މިސާލަކަށް މޭގަނޑުގައި ލަކުނުލުން ފަދަ ބަލިތަކުގައި އަލްބިޔޫމިން ގެ މިންވަރު ދަށްވެއެވެ. ގްލޯބިޔުލިން ތަކުގެ މިންވަރު މަތިވެއެވެ. އަދި ޖުމްލަ ޕްލާޒްމާ ޕްރޮޓީންގެ މިންވަރަށް ބަދަލެއް ނާދެއެވެ. އަލްބިޔޫމިން / ގްލޯބިޔުލިން ނިސްބަތް ބައެއް ފަހަރު ދަށްވެ، ބައެއް ފަހަރު މަތިވުމަކީ ވެސް ވެދާނެ ގޮތެކެވެ.

މޭގަނޑަށް ޖެހޭ ބަލިތަކުގެ ތެރެއިން ކުރުމުއްދަތަކަށް ޖެހޭ ނުވަތަ ދިމާވާ ބަލިތަކުގައި މިސާލަކަށް މޭގަނޑު ދުޅަވުން ފަދަ ބަލިތަކުގައި ގްލޯބިޔުލިން ތަކުގެ މިންވަރު އިތުރުވެގެން ދެއެވެ. އަދި އަލްބިޔޫމިންގެ މިންވަރަށް ބަދަލެއް ނާދެއެވެ.

(ރ) - ލޭގައި އެމޯނިޔާ ހުރި މިންވަރު ބެލުން: މޭގަނޑު ފޭލްވުން ފަދަ ބަލިތަކުގައި އެމޯނިޔާގެ މިންވަރު ލޭގައި އިތުރުވެ މަތިވެގެންދެއެވެ.

3- ފުރަމޭއިން އުފައްދާ ބައިލް ޕިގްމެންޓް ތަކަށް ބަރޯސާވާ ޓެސްޓްތައް
(ހ) - ލޭގެ ބިލިރޫބިން : އާންމު ގޮތެއްގައި ލޭގައި ބިލިރޫބިން ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 1-05 މިލިގްރާމާއި ދެމެދުގެ މިންވަރެއްގައެވެ. ލޭގައި ބިލިރޫބިން މަތިވުން ކުރިމަތިވާ ހުރިހާ ބަލިތަކާއި ރީނދޫވުން ފަދަ ބަލިތަކުގައި މިމިންވަރު އިތުރުވެގެން ދެއެވެ.

(ށ) - ކުޑަކަމުދާ ތަކެތީގެ ބިލިރޫބިން : އާންމު ގޮތެއްގައި ކުޑަކަމުދާ ތަކެތި ގައި ބިލިރޫބިން އެއް ނުހުންނާނެއެވެ. ނަމަވެސް ރީނދޫވުމުގެ ބައެއް ވައްތަރުތަކުގައި ކުޑަކަމުދާ ތަކެތި ގައި ބިލިރޫބިން ހުންނާނެއެވެ.

(ނ) - ކުޑަކަމުދާ ތަކެތީގައި ޔޫރޯބިލިނަޖަން : ދުވާލަކު 2.5-05 މިލިގްރާމްގެ ޔޫރޯބިލިނަޖަން ކުޑަކަމުދާ ތަކެތި އާއެކު ބޭރުވެގެން ދެއެވެ. މިމިންވަރު ރީނދޫވުން ގެ ބައެއް ވައްތަރުތަކުގައި މަތިވެފައި އަނެއްބައި ވައްތަރުގައި ދަށްވެގެން ދެއެވެ.

(ރ) - ބޮޑުކަމުދާ ތަކެތީގައި ސްޓާކޯބިލިނަޖަން : ދުވާލަކު 250-50 މިލިގްރާމްގެ ސްޓާކޯބިލިނަޖަން ބޮޑުކަމުދާ ތަކެތި އާއެކު ބޭރުވެގެން ދެއެވެ. މިމިންވަރު ރީނދޫވުން ގެ ބައެއް ވައްތަރުތަކުގައި މަތިވެފައި އަނެއްބައި ވައްތަރުގައި ދަށްވެގެން ދެއެވެ.

4- ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް
* ގުލްކޯޒް ޓޯލަރެންސް ޓެސްޓް:
* ގެލެކްޓޯސް ޓޯލަރެންސް ޓެސްޓް:

5- ފެޓް މެޓަބޮލިޒަމްގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް
ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 200-150 މިލިގްރާމްގެ ކޮލެސްޓިރޯލް އެކުލެވިގެން ވެއެވެ. ރީނދޫވުމުގެ ބައެއް ވައްތަރުގައި ކޮލެސްޓިރޯލް ލޭގައި އިތުރުވެގެން ދެއެވެ. މޭގަނޑުގެ މަސައްކަތް ފޭލްވުން ފަދަ ބަލީގައި ކޮލެސްޓިރޯލްގެ މިންވަރު ހުންނަނީ އާދައިގެ މިންވަރަކަށެވެ.

6- ވިހަ ސާފުކުރުމުގެ މަސައްކަތަށް ބަރޯސާވާ ޓެސްޓްތައް
(ހ) - ބްރޯމްސަލްފަލީން ޓެސްޓް: މިޓެސްޓް ހެދުމަށް ބްރޯމްސަލްފަލީން ޑައި ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 5 މިލިގްރާމްގެ ނިސްބަތުން އިންޖެކްޝަން ޖަހައިގެން ލޭގެ ތެރެއަށް ފޮނުވާނީއެވެ. އާންމު ގޮތެއްގައި މި މާއްދާގެ 90 އިންސައްތަ 45 މިނިޓްގެ ތެރޭގައި ލެއިން ސާފުކޮށްލާނެއެވެ. ނަމަވެސް މޭގަނޑުގެ ބަލިތަކުގައި ލެއިން ސާފުވާ މިންވަރު މަދުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން އެޑައި ލޭގައި ޖަމާވާނެއެވެ.

(ށ) - ހައިޕޯޔުރިކް އެސިޑް ބޭރުވާ މިންވަރު ބަލާ ޓެސްޓް: މިޓެސްޓް ހެދުމަށް ސޯޑިއަމް ބެންޒައޭޓްގެ ޓެސްޓް ޑޯޒެއް ދޭނީއެވެ. އެއަށްފަހު ކުޑަކަމުދާ ތަކެތީގައި ހައިޕޯޔުރިކް އެސިޑް ހުރި މިންވަރު އެއް ގަޑިއިރު ފަހުން ބަލާނީއެވެ. އާންމުގޮތެއްގައި ވަރަށް ބޮޑަށް މިމާއްދާގެ މިންވަރު ކުޑަކަމުދާ ތަކެތި ގެ ޒަރީޢާއިން ބޭރުވެއެވެ. ނަމަވެސް މޭގަނޑުގެ ބަލިތަކުގައި މިމާއްދާ ބޭރުވަނީ ވަރަށް ކުޑަކޮށެވެ.

(ނ) - އިންޑޯސިޔަނިން ގްރީން ޓެސްޓް:
(ރ) - 14ސީ- އަމީނޯޕައިރިން ބްރޭތް ޓެސްޓް:

މޭގަނޑަށް ޖެހޭ ބައެއް ބަލިތައް
މޭގަނޑު ދުޅަވުން : މޭގަނޑު ދުޅަވުމަކީ މެޔަށް ދިމާވާ ވަރަށް ޢާންމު މައްސަލަ އެކެވެ. އާންމު ގޮތެއްގައި މޭގަނޑު ދުޅަވުން ކުރިމަތިވަނީ ހެޕަޓައިޓިސް ވައިރަސް ގެ ތަފާތު ވައްތަރު ތަކުންނެވެ. އެގޮތުން ހެޕަޓައިޓިސް ވައިރަސް އޭ، ބީ، ސީ، ޑީ އަދި އީ ފަދަ ވައިރަސްތަކުން މޭގަނޑު ދުޅަވުން ކުރިމަތި ކުރުވައެވެ. މީގެ އިތުރުން ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމާއި، ބަނގުރާ ބުއިމަކީ ވެސް މޭގަނޑު ދުޅަވުމަށް މެދުވެރިވާ ސަބަބު ތަކެވެ. މޭގަނޑު ދުޅަވުމުން ފެންނަ އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި، ކާހިތްނުވުން، ވަރުބަލިވެވާޅުވުން، މަސްތަކާއި ހުޅުތަކުގައި ރިހުން، މޭނުބައިކުރުމާއި ހޮނޑުލެވުން، އަދި ބަނޑުގައި ރިހުން ހިމެނެއެވެ.

މޭގަނޑުގައި ލަކުނުލުން : މޭގަނޑުގައި ލަކުނު ލުމަކީ މޭގަނޑަށް ދިމާވާ ބަލީގެ ޙާލަތެކެވެ. މޭގަނޑުގައި ލަކުނުލުމުން މޭގަނޑަށް ލޭފޯރުކޮށްދިނުމަށް ހުރަސްއެޅި، މޭގަނޑުގެ މަސައްކަތްތަކަށް ބުރޫއަރައެވެ. މޭގަނޑުގައި ލަކުނުލުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، ބަނގުރާބުއިން، މޭގަނޑުގައި ސަރުބީޖެހުން، މޭގަނޑު ދުޅަވުން، ތަކުރާރުކޮށް ހިތުގެ މަސައްކަތް ހިނގުން ފޭލްވުން، މޭގަނޑުގައި އުފެދޭ ބައިލް ހިމަގޮހޮރަށް ގެންގޮސްދޭ ހޮޅި ނުވަތަ ބައިލް ޑަކްޓް ބެދުން، އަދި ވާރުތަވާ ބަލިތަކުގެ ތެރޭގައި ހިމެނޭ "ސިސްޓިކް ފައިބްރޯސިސް"، އަދި ގްލައިކަޖަން ސްޓޯރޭޖް ޑިޒީސް ޖެހުން، ފަދަ ކަންތައްތައް ހިމެނެއެވެ.

މޭގަނޑުގެ ކެންސަރު : މޭގަނޑުގެ ކެންސަރަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. މޭގަނޑަށް ކެންސަރު ޖެހެނީ މޭގަނޑު ދުޅަވުން، އަދި މޭގަނޑުގައި ލަކުނުލުން، ފަދަ ކަމެއް މެދުވެރިވެގެންނެވެ. މޭގަނޑުގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ.

މޭގަނޑުގެ ކެންސަރު ދެގޮތަކަށް ޖެހިދާނެ އެވެ. އެއްގޮތަކީ މޭގަނޑުގައި ކެންސަރު އުފެދުމެވެ. އަނެއް ގޮތަކީ ހަށިގަނޑުގެ އެހެން ކޮންމެެވެސް ތަނެއްގައި އުފެދޭ ކެންސަރުގެ ސެލްތައް މޭގަނޑުގެ ތެރެއަށް ދަތުރުކޮށް އެތާގައި ހާލި ހެދުމެވެ. މޭގަނޑުގެ ކެންސަރު ގިނައިން ޖެހެނީ ފިރިހެނުންނަށެވެ.

މޭގަނޑުގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، ހެޕަޓައިޓިސް ބީ ނުވަތަ ސީ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަނުން، ބަނގުރާގެ ސަބަބުން މޭގަނޑުގައި ލަކުނުލުން، ފަދަ ކަންތައްތައް ހިމެނެއެވެ. މޭގަނޑުގެ ކެންސަރުގެ ސަބަބުން ދިމާވެދާނެ އުދަގޫތަކުގެ ތެރޭގައި ބަނޑުގައި ރިހުން، ވަރުދެރަވެ، ބަރުދަން ލުއިވުން، ކާހިތްނުވުން، ބަނޑުހިކުން، ހަޖަމުގޯސްވުން، ބަނޑުގައި ފެންހެދުން، ބަނޑުގައި އަތްޖައްސާލުމުން ހަރު އެއްޗެއް އޮންނަހެން ހީވުން ފަދަ ކަންތައްތައް ހިމެނެއެވެ.

މޭގަނޑުގެ މަސައްކަތް ފޭލްވުން : މޭގަނޑުގެ މަސައްކަތް ފޭލްވުމަކީ އަވަސް ފަރުވާ ބޭނުންވާނެ ޞިއްޙީ ޙާލަތެކެވެ. މިއީ މޭގަނޑުގެ ބޮޑުބައެއް ހަލާކުވެ، އޭގެ މަސައްކަތް އެކަށޭނަ ގޮތުގައި ހިންގުމަށް ނުކުޅިގެންވުމެވެ. މޭގަނޑުގެ މަސައްކަތް ފޭލްވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، ހެޕަޓައިޓިސް ބީ، އަދި ހެޕަޓައިޓިސް ސީގެ ޖަރާސީމް ހަށިގަނޑަށް ވަނުން، ދިގުމުއްދަތަކަށް ދާއިމީ ސިފައެއްގައި ބަނގުރާ ބުއިން، މޭގަނޑުގައި ލަކުނުލުން، އަދި ހަށިގަނޑުގައި ދަގަނޑު ހަރުލުން ފަދަ ކަންތައްތައް ހިމެނެއެވެ.

މޭގަނޑު ބަދަލުކުރުން
މޭގަނޑު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ކޮށްފައިވަނީ 1963 ވަނަ އަހަރު އެވެ. މިހާރުވެސް އަހަރަކު 5000 މީހުން މޭގަނޑު ބަދަލުކުރަން ޖެހޭކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. އަދި މޭގަނޑު ބަދަލުކުރާ މީހުންގެ ތެރެއިން 85 އިންސައްތަ މީހުންގެ ފުރާނަ ސަލާމަތް ކުރެވެއެވެ.

މޭގަނޑު ބަދަލުކުރަންޖެހޭ ބައެއް ޙާލަތްތައް
·         ފަހު މަރުޙަލާއަށް ގޮސްފައިވާ މޭގަނޑުގެ ބަލިތައް: މިސާލަކަށް މޭގަނޑުގައި ލަކުނުލުން
·         ކުއްލިއަކަށް ނުރައްކާތެރި ޙާލަތަކަށް މޭގަނޑުގެ މަސައްކަތް ފޭލްވެގެން ދިއުން
·         މޭގަނޑުގެ ކެންސަރު
·         މޭގަނޑާއި ގުޅުންހުރި ބައެއް ކަހަލަ މެޓަބޮލިކް ބަލިތައް: މިސާލަކަށް ހީމަކްރޯމަޓޯސިސް

މޭގަނޑު ބަދަލުނުކުރެވޭނެ ޙާލަތްތައް
·         ލޭގައި ޖަރާސީމް އެޅުން
·         އޭޑްސް ބަލި
·         އެހެންތަނަކަށް ޖެހުނު ކެންސަރުގެ އަސަރު މޭގަނޑަށް ފޯރުން
·         ހިތާއި ފުއްޕާމޭ އާއި ގުޅުންހުރި ނުރައްކާތެރި ބަލިތައް
·         ޕޯޓަލް ވެއިން ތްރޮމްބޯސިސް
·         ކޮލަންޖިއޯ ކާސިނޯމާ

މޭގަނޑު ބަދަލުކުރުމުން ކުރިމަތިވެދާނެ ކަންތައްތައް
·         އިންދުނު މޭގަނޑަށް ހަށިގަނޑު އިދިކޮޅު ހެދުން
·         އިންދުނު މޭގަނޑު މަސައްކަތް ނުކުރުން
·         އިންފެކްޝަން އަށަގަތުން
·         ކުރިންހުރި ބަލި އަނބުރާ އިޢާދަވުން