Tuesday, February 7, 2012

ޝިންގަލްސް


ޝިންގަލްސް
ތަޢާރަފް
ޝިންގަލްސް(Shingles)  އަކީ ފާނަބަސަނދު ޖެހުމަށްފަހު ހަށިގަނޑުގައި ނުފިލައި ހުރި ވައިރަސްތައް (ހިމޭންކަންމަތީގައި ހުރި) އޭގެ ފަހުގެ ދުވަސްވަރެއްގައި ހީވާގިވެ، ހަރަކާތްތެރިވާން ފެށުމުން އުފަންވެގެން އަންނަ ބައްޔެކެވެ.

މިބަލި އާންމުކޮށް ޖެހެނީ ބޮޑެތި(ޚާއްޞަކޮށް އުމުރުން 60-50 އަހަރުންމަތީގެ) މީހުންނަށެވެ. އެވްރެޖްކޮށް ބަލާއިރު ފާނަ ބަސަނދު ޖެހޭ 15 އިންސައްތަ މީހުންނަށް ޝިންގަލްސް ޖެހޭކަމަށް ވެއެވެ. ކުރިން ފާނަ ބަސަނދު ޖެހިފައިވާ ނުވާ މީހަކަށް ޝިންގަލްސް އެއް ނުޖެހޭނެ އެވެ. ފާނަބަސަނދު ޖެހޭ މީހުންގެ ތެރެއިން ކޮންމެ 5 މީހުންގެ ތެރެއިން އެކަކަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި މިބަލިޖެހޭކަމަށް ދިރާސާތަކުން ދައްކައެވެ. އުމުރުގެ ކޮންމެ ހިސާބެއްގައި މިބަލިޖެހުނު ނަމަވެސް ބޮޑަށް މިބަލި ޖެހޭކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރުން  50 އަހަރު ވުމަށްފަހު ގައެވެ. 12 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ޝިންގްލްސް ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.
 
ސަބަބު
ޝިންގަލްސް ވެސް ޖެހެނީ ފާނަބަސަނދު ޖެއްސުމަށް މެދުވެރިވާ ''ވެރިސެލާ ޒޮސްޓަރ ވައިރަސް''(Varicella zoster virus)  ގެ ސަބަބުންނެވެ. މިއީ ހާރޕީޒް ވައިރަސްގެ ވައްތަރެކެވެ. މިބައްޔަށް ވެރިސެލާ ޒޮސްޓަރ(Varicella zoster) މިހެން ވެސް ކިޔައެވެ. އަދި " ހާރޕީޒް ޒޮސްޓަރ" (Herpes zoster)އޭ މިހެން ވެސް ކިޔައެވެ.

ޝިންގަލްސް ޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް
ފާނަބަސަނދު ޖެހުމާއި ގުޅިގެން ހަށިގަނޑުގައި ފިލައި ނުގޮސް ހިމޭންކަންމަތީ ދެމިހުރި ވައިރަސްތައް، ހީވާގިވެ ހަރަކާތްތެރިވަނީ ކީއްވެގެންކަން އަދި ޔަގީންކަމާއެކު ބުނެދޭކަން ޢިލްމުވެރިންނަށް ވެސް ނޭގެއެވެ. ނަމަވެސް އަންނަނިވި ކަންތައްތަކަކީ ހަށިގަނޑުގައި ހިމޭންކަންމަތީ ހުރި ވައިރަސްތައް ހީވާގި ކުރުވައި ދިރުންގެންނަ ކަންތައްތަކެއްކަމަށް ވަނީ ލަފާކުރެވިފައެވެ.

-          ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް
-          މާބޮޑަށް ވަރުބަލިވެ، ވާޅުވުން
-          ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވުން ( އުމުރުން ދުވަސްވުމުން / ބައްޔެއްގެ ސަބަބުން / ބޭހެއްގެ ސަބަބުން )
-          ކެންސަރު ޖެހުން
-          ރޭޑިއޭޝަންގެ ފަރުވާ
-          ބިހިނެގި ތަނުގެ ހަންގަނޑަށް އަނިޔާވެ ގެއްލުން
-          އޭޑްސް ބަލި ޖެހުން
-          ގުނަވަން ބަދަލުކުރުން
-          އުމުރުން ދުވަސްވީ މީހުން : އުމުރުން 60- 50 އަހަރަށްވުރެ މަތިވެފައިވާ މީހުން

ޝިންގަލްސް ކުރިމަތިވާގޮތް
ފާނަ ބަސަނދު ޖެހުމަށްފަހު ބައްޔަށް ދެވަނަ ފަހަރު ހުށަހެޅުނަ ނުދިނުމަށްޓަކައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ހަށިދަމަނަ އުފެދި ދިފާޢީ ބާރު އުފެދިގެން ދިޔަސް، ދިފާޢީ ނިޒާމުން ހަށިގަނޑުގައި ހުރި ހުރިހާ ވައިރަސްތައް އެއްކޮށް ނައްތާ ނުލެވިއްޖެނަމަ، އެމީހާގެ ހަށިގަނޑުގެ ތެރޭގައި ފާނަ ބަސަނދުގެ ވައިރަސް ދެމިހުރެއެވެ. މިފަދަ ހާލަތުގައި މިވައިރަސްތައް ހުންނަނީ ހިމޭންކަމާއެކު، ހަރަކާތެއް ނެތިއެވެ. އަދި މިވައިރަސްތައް ހިމޭންކަންމަތީ ހަރަކާތެއްނެތި ދެމިހުންނަނީ "ޑޯރސަލް ރޫޓް ގެންގްލިއާ"(Dorsal root ganglia) އޭ ކިޔޭ އިހްސާސް އުފުލައިދޭ ނާރު ސެލްތަކެއްގައެވެ. އަދި ދޭތެރެ ދޭތެރެއިން ހަރަކާތްތެރިވެ، ފާނަ ބަސަނދުގައި ނަގާ ކަހަލަ ފޮޅު ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި ނަގާގޮތް މެދުވެރި ވެއެވެ. އަދި އެމީހާގެ އުމުރުގެ ފަހު ދުވަސްވަރެއްގައި (ހަށިގަނޑު ދިފާޢީ ބާރު ދަށްވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ،) އެވައިރަސް ތައް ހީވާގިވެ، "ޝިންގަލްސް"(Shingles) ކިޔާ ނުވަތަ "ވެރިސެލާ ޒޯސްޓަރ"(Varicella zoster) ނުވަތަ " ހާރޕީޒް ޒޮސްޓަރ" (Herpes zoster)އޭ ކިޔޭ ބަލީގެ ޙާލަތު މެދުވެރި ކުރުވައެވެ. އެހެންކަމުން މިއީ ފާނަ ބަސަނދު ޖެހުމަށްފަހު ދުވަސްތަކެއް ފަހުން މެދުވެރިވާ ނުރައްކަލެއްގެ ގޮތުގައި ވެސް ސިފަކުރެވެއެވެ.

ޝިންގަލްސް އަކީ ގައިންގަޔަށްއަރާ ބައްޔެއްތަ؟
ޝިންގަލްސް އަކީ ގައިންގަޔަށްއަރާ ބައްޔެއް ނޫނެވެ. މާނައަކީ ޝިންގަލްސް ޖެހިފައިވާ މީހަކާއި ގައިގޯޅިވެ އުޅުމަކުން އަނެކާއަށް ޝިންގަލްސް އެއް ނުޖެހޭނެ އެވެ. ނަމަވެސް ޝިންގަލްސް ޖެހިފައިވާ މީހެއްގެ ފުށުން ފާނަބަސަނދު ނުޖެހިހުރި މީހަކަށް ފާނަބަސަނދު ޖެހިދާނެ އެވެ. އެއީ ދެބަލި ވެސް ފަތުރަނީ އެއް ވައިރަހެއްގެ ސަބަބުން ކަމަށްވާތީ އެވެ. ޝިންގަލްސް އާއި ގުޅިގެން ނަގާ ފޮޅުތަކުގައި ފުރިހަމަ ނުވަތަ ހަރަކާތްތެރި ވައިރަސްތައް ހުންނާނެއެވެ. އެހެންކަމުން ޝިންގަލްސް ޖެހިފައިވާ މީހެއްގެ ފުށުން ފާނަބަސަނދު ފެތުރިދާނެ އެވެ. ފާނަބަސަނދު އަލާމާތްތައް އާންމުކޮށް ފެންނާނީ ހަށިގަނޑަށް ވައިރަސް ވަންނަތާ 3-1 ހަފްތާގެ މުއްދަތެއް ހޭދަވާ ފަހުންނެވެ. ޝިންގަލްސް ޖެހިފައިވާ މީހެއްގެ ފުށުން ފާނަބަސަނދު ފެތުރެނީ ފޮޅުތައް ނަގައި، ރަގަޅުވަމުންދާ ދުވަސްވަރު ގައެވެ. ފޮޅުތައް އެއްކޮށް ކުރަމަގާލިލައި ނެއްޓުމަށްފަހު އެމީހާގެ ފުށުން އެހެންމީހުންނަށް ފާނަބަސަނދެއް ނުފަތުރާނެ އެވެ.

އަލާމާތްތައް
ޝިންގަލްސް ކުރިމަތިވަނީ މަރުހަލާތަކަކަށެވެ. އެއީ:-
(ހ) – ބިހިތައް ނެގުމުގެ ކުރިން އޮންނަ މަރުހަލާ : މިމަރުހަލާގައި ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، އައްޔަށް ތަހައްމަލުނުކުރެވުން، ފަދަ އުދަނގޫތައް ވެސް ބައެއް ފަހަރު ކުރިމަތި ވެއެވެ. ގިނަ ފަހަރު ހުމެއް ނާންނާނެ އެވެ. އޭގެ ފަހުން ހަށިގަނޑުގެ އެއް ފަޅިން ވަކި ހިސާބެއްގައި ހިރުވުން، ކެހުން، ކަށިހަރާހެން ހީވުން، ދިލަނެގުން، އައްސިވުން، އަދި ތަދާއި ރިހުން އުފެދޭނެ އެވެ. މިގޮތަށް ބިހި ތައް އެންމެ އާންމުކޮށް ނަގަނީ، މޭމަތި، ބަނޑު، އަތް، ފައި، ނުވަތަ މޫނުގެ ކޮންމެ ވެސް ވަކި ހިސާބެއްގައެވެ. އެންމެ އާންމުކޮށް ބިހިނަގާ ހިސާބަކީ މޭމައްޗެވެ.

(ށ) – ބިހިތަކާއި ފޮޅުތައް ނަގާ މަރުހަލާ (ހަރަކާތްތެރި މަރުހަލާ) : މިމަރުހަލާގައި ހަގީގީ ޝިންގަލްސްގެ އުދަނގޫތައް ފެންނާނެ އެވެ. ޝިންގަލްސް އަކީ އިހްސާސް އުފުލައިދޭ ނާރެއްގައި އިންފެކްޝަން އަށަގަތުމެވެ. އަދި އެނާރު ބާރުފޯރުވާ ހަންގަނޑުގެ ވަކި ހިސާބެއްގައި އިންފެކްޝަން އަށަގަތުމެވެ. އެހެންކަމުން އެނާރުގެ ބާރުފޯރުވާ ހިސާބު(Dermatome) ގެ ހަންގަނޑަށް ވަރަށް ބޮޑަށް ރިހި، ތަދުވެ، ބިހި ނަގާނެ އެވެ. މިބިތައް ފުރަތަމަ ހުންނަނީ ފެންބިހިތަކެއް ހެން އުފުލިފައެވެ. އަދި ބިހިތަކަށް ފެންއެރި، ދޮސްލާނެ އެވެ. އާންމު ގޮތެއްގައި ބިހިތައް ނަގާނީ ހަށިގަނޑުގެ ކޮންމެވެސް އެއްފަޅިއަކުން ވަކި ހިސާބެއްގައެވެ.

ޝިންގަލްސް ގެ އުދަނގޫ ފެށިގެން އަންނަނީ ވައިރަސް ހިމޭންކަންމަތީ ހަރުލާފައި ހުރި ނާރުން ބާރުފޯރުވާ ހިސާބުގައި ތަދުވެ، ރިއްސަން ފެށުމުންނެވެ. ތަދުވަނީ ވައިރަސްގެ ސަބަބުން ނާރަށް އަނިޔާވެފައިވާތީ އެވެ. މިތަދު އިހްސާސް ކުރެވޭއިރު ބައެއް ފަހަރު އެއްޗެއް ހަރާހެން ހީވެދާނެ އެވެ. އަނެއް ބައިފަހަރު ވަރަށް ގަދަޔަށް ރިއްސައި ތަދުވާނެ އެވެ. ތަދުގެ އިތުރުން ހިރުވުން، ދިލަނެގުން ނުވަތަ ދިލަތަދެއް ހުރުން، އަދި ކަށިހަރާހެން ހީވާ ކަހަލަ އިހްސާސެއް އެހިސާބުގައި ހުންނާނެ އެވެ. ރިއްސަން ފަށާތާ 3-1 ދުވަހުގެ ތެރޭގައި އެހިސާބުން ބިހިނަގަން ފަށާނެ އެވެ. ހަދާން ބަހައްޓަން ޖެހޭ ކަމަކީ ބިހި ނަގާނީ ހަމައެކަނި ވައިރަސް އަސަރު ކޮށްފައިވާ ނާރުން އިހްސާސްތައް ބަލަހައްޓާ ހިސާބު(Dermatome) ގައި އެކަނިކަމެވެ. މިގޮތަށް ބިހި ތައް އެންމެ އާންމުކޮށް ނަގަނީ، މޭމަތި، ބަނޑު، އަތް، ފައި، ނުވަތަ މޫނުގެ ކޮންމެ ވެސް ވަކި ހިސާބެއްގައެވެ. އަދި މިގޮތަށް ނަގާ ބިހިތައް ފޮޅުތަކަށް ބަދަލުވެ، ދޮސްއެރި، ފެޅި ތޮށި ނުވަތަ ކުރަމަގާލި ލައި ނެއްޓޭނެ އެވެ. ފޮޅުތަކަށް ދޮސްއެރި، ކުރަމަގާލި ލައި ނެއްޓުމަށް ގާތްގަނޑަކަށް 12-10 ދުވަހުގެ މުއްދަތެއް ހޭދަވެއެވެ. ވަރަށް މަދުފަހަރަކު ބިއްސާއި ފޮޅު ނެގުމަކާއި ނުލައި، ހަމައެކަނި އެހިސާބުގައި ތަދުހުރެދާނެ އެވެ.

(ނ) – ތަދުދެމިގެންދާ މަރުހަލާ ނުވަތަ "ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި ރިހުން"(Postherpetic neuralgia) : މިއީ ހާރޕީޒް ޒޮސްޓަރ ނުވަތަ ޝިންގަލްސް ޖެހުމަށްފަހު ބިހިތަކާއި ފޮޅުތައް ރަގަޅުވެ ދިއުމަށްފަހު ވެސް އެހިސާބުގައި ތަދުހުރުމެވެ. އެހެންކަމުން ބިހިތައް ފިލައިދިއުމަށްފަހު ދެތިން ހަފްތާއިން ފެށިގެން ދެތިން ހަތަރު މަސްދުވަސް ވަންދެން ވެސް ހުރެދާނެ އެވެ. މިތަދު ނުފިލައި ހުރެދާނެ އެވެ.

ނުރައްކާތައް
(ހ) - "ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި ރިހުން"(Postherpetic neuralgia) : މިއީ ހާރޕީޒް ޒޮސްޓަރ ނުވަތަ ޝިންގަލްސް ޖެހުމަށްފަހު ބިހިތަކާއި ފޮޅުތައް ރަގަޅުވެ ދިއުމަށްފަހު ވެސް އެހިސާބުގައި ތަދުހުރުމެވެ. އެހެންކަމުން ބިހިތައް ފިލައިދިއުމަށްފަހު މަސް ދެމަސްވާއިރު ވެސް މިތަދު ނުފިލައި ހުރެދާނެ އެވެ. މިބަލިޖެހޭ މީހުންގެ ތެރެއިން 15-10 އިންސައްތަ މީހުންނަށް މިނުރައްކާ ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބަލިޖެހޭ މީހުންގެ އުމުރުން ދޮށިވީ ވަރަކަށް މިއުދަނގޫ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. މިތަދު އެތައް މަސްތަކަށް ދެމިދާއިރު ބައެއް ފަހަރު އަހަރުތަކަށް ދިގުދެމިގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. ޝިންގަލްސް ޖެހޭ މީހުންނަށް އެންމެ ގިނައިން ދިމާވާ ނުރައްކަލަކީ ވެސް މިއީ އެވެ. މިއީ ވައިރަސްގެ އަސަރު އިހްސާސް އުފުލާ ނާރުތަކަށްކުރުމުން ދިމާވާ ކަމެކެވެ. މިމައްސަލަވެސް ދިމާވަނީ އުމުރުން 50 އަހަރުންމަތީގެ މީހުންނަށެވެ. ބައްޔާއި ގުޅިގެންދޭ އެންޓިވައިރަލް ބޭސް ބަލީގެ ކުރީކޮޅު ބޭނުންކުރެވިއްޖެ ނަމަ މިކަން ކުޑަކޮށްދީ ލުއިކޮށް ދެއެވެ. މިކަމުން ސަލާމަތްވުމަށް ތަފާތު ވައްތަރުތަކުގެ ތަދުކަނޑުވާ ބޭސްތައް ބޭނުންކުރެވެއެވެ.

ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި އުފެދޭ ތަދަކީ ވަރަށް ވޭންދެނިވި (ތޫނު، އެއްޗެއްހަރާ ކަހަލަ، ދިލަނަގާ) ތަދެކެވެ. އެހިސާބުގައި ބީހިލުމުން ވެސް ތަދު އިހްސާސް ކުރެވޭނެ އެވެ. އާންމު ގޮތެއްގައި މިތަދު ހުންނަނީ ނިއްކުރިމަތި އަދި މޭމަތީގައި ބަލީގެ އަސަރު ފާޅުވިނަމަ އެވެ. މިތަދުގެ ސަބަބުން އެމީހެއްގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން މިސާލަކަށް ނިދުން، ކެއިން ބުއިން ފަދަ ކަންތައްތައް ފުރިހަމަކުރުމަށް ދަތިވެއެވެ. ބައެއް ފަހަރު މިކަމުގެ ސަބަބުން މާޔޫސްވާގޮތް ވެސް ވެއެވެ.

(ށ) – ހަމުގައި ޖަރާސީމު އެޅުން : މިއީ ވެސް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ހަމުގައި ޖަރާސީމް އަޅައި ރަގަޅުވާއިރު ހަމުގައި ލަކުނު ލާފައި ހުންނާނެ އެވެ. އަދި ބައެއް ފަހަރުގައި ހަމުގައި ޖަރާސީމު އެޅުމަށްފަހު، ހިތް، ފުއްޕާމޭ، ގޮހޮރު، މޭގަނޑު، ޗިސްމޭ، ފަދަ އެތެރެހަށީގެ ގުނަވަންތަކަށް ވެސް ޖަރާސީމުގެ އަސަރު ފޯރުމަކީ ވެދާނެ ގޮތެކެވެ. ހަމުގައި ޖަރާސީމު އެޅުމުން އަސަރުކޮށްފައިވާ ހިސާބުގެ ހަންގަނޑު ރަތްވެ، ހަރުވެ، ހޫނުކަމެއް ހުންނާނެ އެވެ. އަދި ބީހިލުމުން ވެސް ތަދު އިހްސާސް ކުރެވޭނެ އެވެ. ހަމުގައި ޖަރާސީމް އަޅައިފިނަމަ ފަރުވާގެ ގޮތުގައި ޖަރާސީމް މަރާ ބޭސް ބޭނުންކުރަން ޖެހޭނެ އެވެ.

(ނ) – ލޮލަށް ދިމާވާ މައްސަލަތައް : ޝިންގަލްސް ޖެހޭ މީހުންގެ 25-10 އިންސައްތަ މީހުންނަށް ލޮލަށް ބަލީގެ އަސަރު ފޯރާގޮތް ދިމާވެއެވެ. މިގޮތަށް ހާރޕީޒް ޒޮސްޓަރ ޖެހިގެން ލޮލަށް ބަލީގެ އަސަރުކުރުމަށް ކިޔަނީ " ހާރޕީޒް ޒޮސްޓަރ އޮފްތަލްމިކަސް"(Herpes zoster ophthalmicus) އެވެ. މިގޮތުން އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލަ އަކީ ލޯއަނދިރިވުމެވެ. މިބައްޔާއި ގުޅިގެން ލޮލަށް އަސަރުކުރަނީ ނިއްކުރިމަތި، ނޭފަތް، އަދި މޫނުގެ ލޮލާއި ކައިރި ހިސާބަކުން ބަލީގެ އަސަރު ފާޅުވެއްޖެނަމަ އެވެ. ބަލީގެ އަސަރު ފެންނަން ހުރީ މޫނުމަތީގައި ކަމަށްވާނަމަ، ލޮލުގެ ހާމަ ދުއްޔަށް(Cornea) ގެއްލުންވުމަކީ ވެދާނެ ގޮތެކެވެ.

(ރ) – ކްރެނިއަލް ނާރުތަކަށް ގެއްލުންވުން : ކްރެނިއަލް ނާރު ތަކަކީ ސީދާ ސިކުނޑިން މޫލައިގެން ނިކުމެފައިވާ ނާރު ތަކެވެ.
- ރަމްސޭ ހަންޓް ސިންޑްރޯމް (Ramsay hunt syndrome): މިބަލި ޖެހުމުން ބައެއް ނާރުތަކަށް އަސަރު ކުރެއެވެ. އެގޮތުން ކްރެނިއަލް ނާރު ތަކުގެ ތެރޭގައި ހިމެނޭ ކްރެނިއަލް ނާރު 5 ، ކްރެނިއަލް ނާރު 9 އަދި ކްރެނިއަލް ނާރު 10 އަށް ބަލީގެ އަސަރު ފޯރައެވެ. އެކަމުގެ ސަބަބުން ބީރުވުން، ކަންފަތުން އަޑުގޮވުން، ބޯއެނބުރުން، އަދި މޫނުމަތީގައި އިހްސާސް އުފުލައިދޭ ނާރަށް އަނިޔާވުމުން މޫނުމަތީގެ އިހްސާސް ދަށްވާގޮތް ވެއެވެ. މިހާލަތުގައި އާންމުކޮށް ނަގާބިހިތައް ހުންނާނީ ކަންފަތުގެ ވަށައިގެންނާއި، އަނގަ، މޫނު، ކަދުރާ އަދި ބޮލުގެ ހަންގަނޑު ގައެވެ. ވަސްދުވުން ކުޑަވުމަކީ ވެސް ވެދާނެ ގޮތެކެވެ.
- ލޯދުޅަވެ، ލޮލުގައި ރިއްސައި، ލޮލުގެ ފެނުމަށް ބަދަލު އައުމަކީ ވެދާނެ ގޮތެކެވެ.
- ލޭނާރުތައް ދުޅަވެ، ބެނދި، ސްޓްރޯކްޖެހޭގޮތްވުން

ޑޮކްޓަރަށް ދައްކާނީ ކޮންއިރަކު؟
ހަށިގަނޑުގެ އެއްފަޅިއެއްގައި ބިހި ނުވަތަ ފޮޅުނަގައި ތަދުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ. އެންޓިވައިރަލް ބޭސް ތަކުގެ ފައިދާކުރަނީ ބިހިތައް ނަގާތާ 3-1 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ދެވިއްޖެނަމަ އެވެ.

-          ބިހިތަކާއި ފޮޅުތައް ނޭފަތް މަތީގައި ނުވަތަ ލޯކައިރީގައި ނަގާފައިވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. ސަބަބަކީ ވައިރަސް ލޮލަށް ފެތުރި، ލޮލަށް ގެއްލުންވެ، ލޯއަނދިރިވުން ފަދަ ކަމެއް ދިމާވެދާނެތީ އެވެ.
-          ޝިންގަލްސް ޖެހިފައިވަނިކޮށް، އިތުރަށް ބަލީގެ ޙާލަތު ގޯސްވެ، ނުވަތަ ހުރި އެހެން ބައްޔެއްގެ ޙާލަތު ގޯސްވާނަމަ ވެސް ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. އެއީ ބަލީގެ ނުރައްކާތައް ކުޑަކުރުމަށްޓަކައެވެ.
-          މާބަނޑު މީހަކަށް ޝިންގަލްސް ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ޝިންގަލްސްގެ އުދަނގޫތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. ޝިންގަލްސްގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅަށް އޭގެ އަސަރު ކުރުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. އަދި މިހާލަތުގައި ފަހަރުގައި އެންޓިވައިރަލް ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ.

އަންނަނިވި ޙާލަތްތައް މެދުވެރިވެއްޖެނަމަ ވީއެންމެ އަވަހަކަށް(އިމަޖެންސީކޮށް) ޑޮކްޓަރަށް ދައްކާށެވެ.
-          މޫނުމަތިން ލޮލާއި ކައިރި ހިސާބެއްގައި ބިއްސާއި ފޮޅުތައް ނެގުން އަދި ރިހުން
-          ޝިންގަލްސްގެ އުދަނގޫތަކާއެކު ގަދަޔަށް ހުންއައުން
-          ހަށިގަނޑުގެ އެކި ހިސާބުތަކަށް ބިއްސާއި ފޮޅުތައް ފެތުރެން ފެށުން  

ދެނެގަތުން
ޝިންގަލްސް ކަން ދެނެގަންނަނީ ބައްޔާއި ގުޅިގެން ފެންނަ އަލާމާތްތަކާއި، ހަށިގަނޑުން ބަލާ ބެލުންތަކަށް ރިއާޔަތް ކޮށްގެންނެވެ. އެގޮތުން ޝިންގަލްސް ކަން ދެނެގަންނަނީ ބައްޔާއި ގުޅިގެން ހަށިގަނޑުގެ އެއްފަޅީގެ ވަކި ހިސާބެއްގައި ބިއްސާއި ފޮޅުނަގައި، ރިހުމާއި ތަދު ހުންނަން ފެށުމުންނެވެ. އާންމު ގޮތެއްގައި ޝިންގަލްސް ކަން ޔަގީންކުރުމަށްޓަކައި އެއްވެސް ޓެސްޓެއް ހަދާކަން ނުޖެހޭނެ އެވެ. ވަރަށް މަދުފަހަރަކު، ވައިރަސް ކަލްޗަރ ހަދަން ޖެހިދާނެ އެވެ.

ފަރުވާ
ގޭގައި ކުރެވިދާނެ ކަންތައްތައް
ޝިންގަލްސްގެ އުދަނގޫތައް ފާހަގަވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ ޝިންގަލްސް ގައި ބޭނުންކުރެވޭ އެންޓިވައިރަލް ބޭހުގެ ފައިދާ އެކަށޭނަ ގޮތުގައި ކުރާނީ އަވަހަށް ބޭސް ފެށުމުންނެވެ. ގޭގައި އަންނަނިވި ކަންތައްތަކަށް ސަމާލުވެވިދާނެ އެވެ.
-          ބިހިތައް ކަހައި ، ފޮޅުތައް ތުއްވައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ. މިގޮތަށް ފޮޅުތައް ތުއްވައި ހެދުމުން ހަމުގައި ޖަރާސީމު އަޅައި، ފަސޭހަވާއިރު ލަކުނުލާގޮތް ދިމާވެއެވެ. ހިރުވުމާއި ކެހުން ކުޑަކުރުމަށް ބެނެޑްރައިލް ފަދަ ބޭހެއް ބޭނުންކުރެވިދާނެ އެވެ.
-          ކޮންމެ ވެސް ވަރަކަށް ފިނިކަން އެކުލެވޭ ފެނުން، ފޮޅުތައް 20 ވަރަކަށް މިނިޓްވަންދެން ދުވާލަކު ދެތިން ފަހަރު ބޮޑިތާން ކުރެވިދާނެ އެވެ. މިގޮތަށް ހެދުމުން ފޮޅުތަކުގައި ހުންނަ ފެންތައް ބޭރުވެ، ފަސޭހައިން ހިކޭނެ އެވެ. މީގެ އިތުރުން ތަތްވެ ހަރުވެފައި ހުންނަ ތޮށިތައް ނެއްޓި، ހަމުގައި ޖަރާސީމު އެޅުމުގެ ފުރުޞަތު ކުޑަވެގެންދާނެ އެވެ. ފޮޅުތައް އެއްކޮށް ހިކުމުން ބޮޑިތާންކުރުން ހުއްޓާލަން ވާނެއެވެ. ހަދާން ބަހައްޓަންވީ ކަމަކީ ފޮޅުތައް ތުއްވުމަކީ އެކަމުގެ ސަބަބުން ފޮޅުތަކުގައި ވައިރަސް ބޭރުވާނެ ކަމެކެވެ. މިއީ ފާނަބަސަނދު ޖައްސާ ވައިރަސް ކަމުން މީގެ ސަބަބުން ފާނަބަސަނދު ނުޖެހޭ މީހަކަށް ފާނަބަސަނދު ޖެހުމުގެ ފުރުޞަތު އޮންނާނެއެވެ.
-          ބިއްސާއި ފޮޅުތައް ހުރި ހިސާބު ފެނާއި އާދައިގެ ސާބޯންޏެއް ލައިގެން، ރަގަޅަށް ސާފުކުރާށެވެ. އެހިސާބުގައި ޕެޓްރޯލިއަމް ޖެލް އުގުޅުމަކީ އަވަހަށް ފަސޭހަވާނެ ކަމެކެވެ. ގަޔަށް ދޫ ހެދުން ޚިޔާރުކުރާށެވެ. މާގަޔަށް ބާރު އަންނައުނު ލުމުން ބިހިތަކުގައި އަންނައުނު ހޭކި، ތަދު އިތުރުވާގޮތް ވެއެވެ. ސަލާމަތުން ތިބި މީހުންނާއި މާބޮޑަށް ގައިގޯޅިވެ (ހުރަހެއްނެތި ހަމާއި ހަން ޖެހޭނެހެން) އުޅުމަކީ ރަގަޅު ކަމެއް ނޫނެވެ.
-          ޝިންގަލްސް ޖެހިފައިވާ ފެންވަރައި ސާފުވެހެދުމަކީ މައްސަލައެއް ނޫނެވެ.

ބޭހުގެ ފަރުވާ
-          ބަލީގެ އުދަނގޫތައް ފެށޭތާ ކުރީކޮޅު، ހުންނަ އުދަނގޫތަކަށް ބަލައިގެން ފަރުވާ ފެށެއެވެ. އެގޮތުން ތަދާއި ރިހުން ކުޑަކުރުމަށް ޕެނަޑޯލް، ބުރޫފަން ފަދަ ބޭހެއް ބޭނުންކުރެވިދާނެ އެވެ. ހިރުވައި ކެހުން ކުޑަކުރުމަށް ކެލަމިން ލޯޝަން ބިއްސާއި ފޮޅު ހުރި ހިސާބުގައި އުގުޅިދާނެ އެވެ. އަދި ހިރުވުން ކުޑަކުރުމަށް ސެޓްރިޒިން، ބެނެޑްރައިލް ފަދަ ބޭހެއް ބޭނުންކުރެވިދާނެ އެވެ.
-          ޝިންގަލްސް ގެ ފަރުވާގެ ގޮތުގައި ވެސް ދެވެނީ އެސިކްލޯވިރް އެވެ. ބަލީގެ ކުރީކޮޅުގައި މިބޭސް ދިނުމަކީ މުހިއްމު ކަމެކެވެ.އެގޮތުން އޭގެ ފައިދާ ބޮޑަށްކުރަނީ ބިހިތައް ނަގާތާ 3-1 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ދެވިއްޖެނަމަ އެވެ. މިބޭސް ދިނުމަކީ ބައްޔާއި ގުޅިގެން ނަގާ ބިހިތައް ރަގަޅުވުން އަވަސްކޮށްދީ، އާބިހިތައް ނެގުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ. އަދި ތަދާއި ރިހުން ހުންނަ މުއްދަތު ކުރުކޮށް ދެއެވެ. ދުރާލާ ބަލިން ރައްކާތެރިވުމުގެ ނިޔަތުގައި ބައެއް ފަހަރު މިބޭސް ބޭނުންކުރެވިދާނެ އެވެ. އެސިކްލޯވިރްގެ އިތުރުން ފެމްސިކްލޯވިރް، ވެލެސިކްލޯވިރް ، ފަދަ ބޭސްތައް ވެސް މިގޮތުން ދީއުޅެއެވެ. ބައެއް ޚާއްޞަ ޙާލަތްތަކުގައި ހޮސްޕިޓަލްގައި އެދުމަތިކޮށްގެން އައިވީ އިންޖެކްޝަންގެ ސިފައިގައި ވެސް މިބޭސްތައް ދޭންޖެހިދާނެ އެވެ.
-          ބިހިތަކާއި ފޮޅުތައް ނަގާފައިވާ ހިސާބަށް ވަރަށް ބޮޑަށް ތަދުވެ، ރިހުން ހުންނާތީ ތަދުކެނޑުވުމަށް ބޭހެއް ބޭނުންކުރަން ޖެހެއެވެ. ބައެއް ފަހަރު ލައިގެން ހުންނަ އަންނައުނު ބިހިތައް ނަގާފައި ހުރި ހިސާބުގައި ޖެހުމުން ވެސް ބަލިމީހާ އަށް ތަދު އިހްސާސް ކުރެވޭގޮތް ވެއެވެ. ތަދުކެނޑުވުމަށް އޮކްސީކޯޑޯން، އެމިޓްރިޕްޓިލިން، މޯރފިން، އަދި ގާބާޕެންޓިން ފަދަ ބޭސްތައް ބޭނުންކުރެވިދާނެ އެވެ.
-          ޝިންގަލްސް ޖެހުމުން ދިމާވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ "ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި ރިހުން"(Postherpetic neuralgia) ކުރިމަތިވެފައި ވާނަމަ ތަދު ކެނޑުވުމަށް މޯރފީން، އަދި އޮކްސީކޯޑޯން ފަދަ ބޭސްތައް ބޭނުންކުރަން ޖެހިދާނެ އެވެ. ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި ރިހުމުގެ މައްސަލަ އަކީ ބައެއް މީހުންނަށް ބައްޔާއި ގުޅިގެން ނެގި ބިއްސާއި ފޮޅުތައް ފިލައި ދިއުމަށްފަހު ވެސް ހުންނަ ތަދެކެވެ. މިފަދަ ޙާލަތްތަކުގައި ކުރިން ބުނި ބޭސްތަކުގެ އިތުރުން ގާބާޕެންޓިން، އަދި ޕްރިގެބެލިން ފަދަ ބޭސްތައް ބޭނުންކުރުމުން ތަދުކެނޑި ދިއުމަކީ ވެދާނެ ގޮތެކެވެ.

ޝިންގަލްސް އިން ރައްކާތެރިވުން
ފާނަބަސަނދު ޖެހިފައިވާ މީހުން، ޝިންގަލްސް ޖެހުމުން ރައްކާތެރިވުމަކީ ވަރަށް އުދަނގޫ ކަމެކެވެ. ސަބަބަކީ ފާނަބަސަނދު ޖެހުމުގެ ސަބަބުން ހަށިގަނޑުގައި ނުފިލައި ހިމޭންކަންމަތީ ހުރި ވައިރަސްތައް ހީވާގިވެ، ހަރަކާތްތެރިވާން ދިމާވާ ސަބަބު ޔަގީންކަމާއެކު އަދި ހޯދިފައިނުވާތީ އެވެ. ފާނަބަސަނދު ޖެހިފައިނުވާނަމަ، އެމީހަކަށް ފުރަތަމަ ވެސް ޝިންގަލްސް އެއް ނުޖެހޭނެ އެވެ.

ފާނަބަސަނދުން ރައްކާތެރިކޮށްދޭ ވެކްސިން
ޗިކަން ޕޮކްސިން ވެކްސިން(Chickenpox vaccine)  އަކީ ފާނަބަސަނދުން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. ފާނަބަސަނދުން ރައްކާތެރިވެ ހުރެއްޖެނަމަ، ޝިންގަލްސް އެއް ނުޖެހޭނެ އެވެ. ޗިކަން ޕޮކްސް ވެކްސިންގެ ސަބަބުން ފާނަބަސަނދު އަދި ޝިންގަލްސް ޖެހުމުން ދުރުކޮށްދެނީ ވެކްސިންގެ ސަބަބުން ހަށިގަނޑުގައި މިދެބަލި ޖައްސާ ވައިރަސް އާއި ދެކޮޅަށް ދިފާޢީ ބާރު އުފައްދައިދޭތީ އެވެ.

ޒޮސްޓަވެކްސް
ޝިންގަލްސް އަށް ޚާއްޞަ ބޮޑެތި މީހުންނަށް ދެވޭ ވެކްސިނެއް ފުރަތަމަ ތަޢާރަފްކުރީ މެއި 2006 ގައެވެ.  އެއީ "ޒޮސްޓަވެކްސް"(Zostavax) ކިޔާ ވެކްސިނެކެވެ. އެމެރިކާ ފަދަ ގައުމުތަކުގައި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް "ޒޮސްޓަވެކްސް"(Zostavax) ދެއެވެ. ތަފާތު ހިސާބުތައް ދައްކާގޮތުގައި ވެކްސިން ދިނުމުގެ ސަބަބުން ޝިންގަލްސް ޖެހޭ މީހުންގެ އަދަދު 51 ސައްތަ ދަށްކޮށްދީ، އަދި ޝިންގަލްސް އާއި ގުޅިގެން "ހާރޕީޒް ޖެހުމަށްފަހު ނާރުތަކުގައި ރިހުން" ކުރިމަތިވާ މިންވަރު 67 އިންސައްތަ ދަށްކުރެވިފައި ވެއެވެ. ޝިންގަލްސް ޖެހި އޭގެ އުދަނގޫތައް ތަހައްމަލުކުރަމުން ގެންދާ މީހުންނަށް މިވެކްސިނެއް ނުދެއެވެ. ސަބަބަކީ މިވެކްސިންގެ މަންފާކުރަނީ ވައިރަސްތައް ހީވާގީވާން ފެށުމުގެ ކުރިން ދެވިއްޖެ ނަމައެވެ.
ޒޮސްޓަވެކްސް ދިނުން އެދެވިގެންނުވާ ފަރާތްތައް
-          ދިފާޢީ ބާރު ދަށްވެފައިވާ މީހުން : އޭޑްސް ބަލި، ކެންސަރުބަލީގެ އަހުލުވެރިން
-          މާބަނޑު މީހުން
-          މާބަނޑުވުމަށް ތައްޔާރުވާ މީހުން : ވެކްސިން ދިނުމަށްފަހު ބަލިވެ ނީދެ އެއް މަސް މަޑުކުރަންވާނެ އެވެ.

މައުލޫމާތު :-
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
·         ބައެއް މެޑިކަލް ފޮތްތައް


ޖަރުމަނު ހިމަބިހި



ޖަރުމަނު ހިމަބިހި
ތަޢާރަފް
ޖަރުމަނު ހިމަބިހި(German measles)  އަކީ ވައިރަސް އަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ ހިމަބިއްސާއި ވައްތަރު ގޮތެއް ހުންނަ ބައްޔެކެވެ އާންމު ގޮތެއްގައި މިއީ ދިގުމުއްދަތަކަށް ދެމިގެންދާ ނުރައްކާތެރި ބައްޔެއް ނޫނެވެ. މިބައްޔަށް "ރޫބެއްލާ"(Rubella) އަދި " 3ދުވަހުގެ ހިމަބިހި"(3-days measles) ވެސް ކިޔައެވެ.

ސަބަބު
ޖަރުމަނު ހިމަބިހި ޖެހެނީ "ރޫބެއްލާ ވައިރަސް"(Rubella virus) ގެ ސަބަބުންނެވެ. މިއީ "ޓޮގާ ވައިރަސް"(Toga virus) އާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ.

ބަލި ފެތުރޭގޮތް
ޖަރުމަނު ހިމަބިހި މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލިޖެހިފައިވާ މީހާގެ، އަނގަ، ނޭފަތް، ލޮލުން ބޭރުވާ ދިޔައިންނެވެ. އެހެންކަމުން ބަލިފެތުރިދާނެ ގޮތްތައް ތިރީގައި މިވަނީ އެވެ.

·         ވާހަކަ ދެއްކުން، ހުނުން، ކެއްސާ ކިނބިިހއެޅުމުގެ ތެރޭގައި ބޭރުވެގެންދާ ވައިރަސް ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުން : ބަލިޖެހިފައިވާ މީހާ ކެއްސާ ކިނބިހިއެޅުން ފަދަ ކަންތައްތައް ފުރިހަމަ ކުރުމުގެ ތެރޭގައި އެތައް ބައިވަރު ވައިރަހެއް ވައިގެ ތެރެއަށް ދޫކުރެއެވެ. މިވައިރަސްތައް ލޮލަށް ނުފެނުނު ނަމަވެސް ވައިގެ ތެރޭގައި ދައުރުވަމުންދާނެ އެވެ. އަދި މިގޮތަށް ދައުރުވަމުން ގޮސް ސަލާމަތުންހުރި މީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ބަލީގެ ވައިރަސް ވާޞިލްވެއްޖެނަމަ، އެމީހަކަށް ބަލިޖެހިދާނެ އެވެ.
·         ބަލިޖައްސާ ޖަރާސީމާއި އަތް ތަޣައްޔަރުވުމަށްފަހު، އަތްދޮވެ، ލޯ، ނޭފަތް، އަނގައިގައި އަތްލުން : ބަލިމީހާ ކެއްސާއި ކިނބިހިއެޅުން ފަދަ ކަންތައްތަކުގެ ތެރޭގައި އަނގަ، ނޭފަތް، ލޯ ފަދަ ތަންތަނުން ބޭރުވާ، ކުޅާއި، ދިޔަ ފަދަ ތަކެތިން އެމީހާ ގެންގުޅޭ ތަކެއްޗާއި، ކައިރީގައި ހުންނަ ގޮޑި މޭޒު ފަދަ ތަކެތި، އަދި ކޮޓަރީގައި ހުންނަ ތަކެތި ، ބަލީގެ ވައިރަސް އާއި ތަޣައްޔަރުކުރުވައެވެ. އަދި މިހާލަތުގައި ބަލިމީހާ އެފަދަ އެއްޗެއް ތަނެއްގައި އަތްލައިފިނަމަ، އެމީހެއްގެ އަތް ޖަރާސީމާއި ތަޣައްޔަރު ކުރުވައެވެ. އަދި ޖަރާސީމާއި އަތް ތަޣައްޔަރުވެފައި ވަނިކޮށް އަތްނުދޮވެ، ލޯ، ނޭފަތް، އަދި އަނގައިގައި އަތްލައިފިނަމަ، ބަލީގެ ޖަރާސީމު ނުވަތަ ވައިރަސް ސަލާމަތުންހުރި މީހާގެ ހަށިގަނޑަށް ވާޞިލްވާނެ އެވެ.
·         ބަލިމީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި ސަލާމަތުންހުރި މީހަކާ ހިއްސާ ކުރުން : ބަލިޖެހިފައިވާ މީހާ ކާބޯތަކެތި ބޭނުންކުރުމުގެ ތެރޭގައި އެމީހާގެ އަނގައިން ބޭރުވާ ދިޔަ ނުވަތަ ކުޅުން އެކާއެއްޗެއް ތަޣައްޔަރުވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އަދި އެފަދަ ޙާލަތުގައި ބަލިމީހާ ބޭނުންކޮށްފައިވާ ކާއެއްޗެއް (މިސާލަކަށް އާފަލެއްގެ އެއްބައި ބަލިމީހާ ބޭނުންކޮށްފައިވަނިކޮށް) ސަލާމަތުންހުރި މީހާ ބޭނުންކޮށްފިނަމަ، އެމީހަކަށް ބަލިޖެހިދާނެ އެވެ.
·         މާބަނޑު މީހާގެ ފުށުން ބަނޑުގައިވާ ދަރިފުޅަށް : މާބަނޑުމީހަކަށް ޖަރުމަނު ހިމަބިހި ޖެހިއްޖެނަމަ ބަނޑުގައިވާ ދަރިފުޅަށް ބަލީގެ އަސަރު ފޯރައެވެ.

އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ޖަރުމަނު ހިމަބިހީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެންނަށް 3-2 ހަފްތާވަރު ނަގައެވެ.

ބަލިފަތުރާ މުއްދަތު (Infectious period): ބައެއް މީހުންނަށް ބަލީގެ ވައިރަސް ހަށިގަނޑަށް ވާޞިލްވިޔަސް، ބަލީގެ އަލާމާތްތައް ނުފެނި ހިގައިދާނެ އެވެ. ނަމަވެސް މިފަދަ މީހުންގެ ފުށުން ވެސް އެހެންމީހުންނަށް ބަލި ފެތުރޭނެ އެވެ. ބަލި އެހެން މީހުންގެ ގަޔަށް ފަތުރަނީ ބިހިތައް ނެގުމުގެ 7 ދުވަސް ކުރިން ފެށިގެން ބިހިތައް ނެގުމަށްފަހު އަންނަ 7-5 ދުވަހުގެ ނިޔަލަށް އޮންނަ މުއްދަތުގެ ތެރޭގައެވެ. ބަލި ޖެހުމުން މުޅި އުމުރަށް އެމީހާގެ ހަށިގަނޑުގައި ބަލިން ދިފާޢުވުމުގެ ބާރު އުފައްދައި ދެއެވެ.

ޖަރުމަނު ހިމަބިހީގެ އަލާމާތްތައް
ޖަރުމަނު ހިމަބިހި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި:-
-          ޖަރުމަނު ހިމަބިހީގައި ފެންނަ އެންމެ ފާހަގަ ކުރެވޭ އަލާމާތްތަކަކީ : ބިހިނެގުން، ގޮށްލުން، އަދި އާދައިގެ ވަރަކަށް ހުންއައުމެވެ.
-          ހުން ހުންނާނީ އާދައިގެ ވަރަކަށެވެ. އާންމު ގޮތެއްގައި 38.5 ޑިގްރީ ސެލްޒިއަސް އަށްވުރެ ދަށްވާނެއެވެ.
-          ގޮށްލުން : އެގޮތުން ކަންފަތާއި ބޮލުގެ ފަހަތުގައި، ހުންނަ ލިމްފް ގްލޭންޑް ތައް ދުޅަވެ، ގޮށްލާނެއެވެ. ބައެއް ފަަހަރު ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލައިފާނެ އެވެ. ހަފްތާއެއްގެ ތެރޭގައި ދުޅަތިރިވެ، ކުރިން ހާލަތަށް ގޮށްތައް ރުޖޫޢަވާނެ އެވެ.
-          ބިހި : ބިހި ފުރަތަމަ ނަގަނީ ކަންފަތުގެ ފަހަތުގައެވެ. ދެން މޫނުގައެވެ. އޭގެ ފަހުން ކަދުރާ އާއި މޭމަތީގައެވެ. އަދި އޭގެ ފަހުން މުޅި ހަށިގަނޑަށް ފެތުރިގެން ދެއެވެ. މިބިހިތައް ހުންނަނީ ހިމަބިހީގައި ހުންނަ ކަހަލަ ގޮތަކަށް ރަތް ކުލައަކަށެވެ. 5-3 ދުވަހުގެ މުއްދަތަކަށް ބިހިތައް ދެމިހުރެއެވެ.
-          ބޮޑެތި ކުދިންނާއި ޒުވާނުންނަށް ފަހަރުގައި ކަރުތެރެ ހަލާކުވުން، ގައިގައިރިހުން، އަދި ލޮލުގައި ރިހުން ކުރިމަތިވެދާނެ އެވެ. އަދި ގައިން ބިހި ނުނަގައިދާނެ އެވެ. ކުޑަކުދިންނަށް ހަމައެކަނި ބިހި ނަގައިފައި އެހެން އުދަނގުލެއްގެ އަސަރު ނުފެނި ހިގައިދާނެ އެވެ.
-          ނޭފަތުން ފެންއައުން،ކެއްސުން، ވަރުބަލިވުން، ބޮލުގައި ރިހުން ފަދަ އުދަގޫތައް ވެސް ބައެއް މީހުންނަށް މެދުވެރި ވެއެވެ.

ނުރައްކާތައް
(ހ) – އުފެދުމުގައި ޖަރުމަނު ހިބިހިޖެހުން : މިއީ އުފަންވާއިރު މައިމީހާގެ ފުށުން ތުއްތު ދަރިފުޅަށް ޖަރުމަނު ހިމަބިހި ޖެހިފައި ވުމެވެ. މިކަމާ ބެހޭ ތަފްޞީލް މާބަނޑު ދުވަސްވަރު ޖަރުމަނު ހިމަބިހިޖެހުން މިބައިގައި އެވަނީ އެވެ.
(ށ) – ސިކުނޑި ދުޅަވުން : މިއީ ވެސް ޖަރުމަނު ހިމަބިހި ޖެހޭ މީހުންނަށް ވަރަށް މަދުން ނަމަވެސް ދިމާވާ މައްސަލަ އެކެވެ.
(ނ) – ހުޅުތައް ދުޅަވެ ރިހުން : ބައެއް އަންހެންކުދިންނާއި، މީހުންނަށް ހުޅުތަކުގައި ރިހުން މެދުވެރި ވެއެވެ. އެގޮތުން އަތުގެ އަތުގެ ކުޑަހުޅު، އަދި އިގިލިތަކުގެ ކުދިކުދި ހުޅުތަކުގައި ތަދުވެ، ރިއްސާކަން ފާހަގަ ކުރެވެއެވެ.
(ރ) – ކަންފަތުގައި ޖަރާސީމު އެޅުން : މިއީ ވެސް މަދުން ނަމަވެސް ބަލި ދިގުލައި ދިއުމުން މެދުވެރިވާ ކަމެކެވެ.

މާބަނޑު ދުވަސްވަރާއި ޖަރުމަނު ހިމަބިހި
ޖަރުމަނު ހިމަބިއްސަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިބަލީގެ އަލާމާތްތައް އެކި ހާލަތުގައި ތަފާތު ވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ކުޑަކޮށް ހުންއައުމާއެކު ގައިގެ އެކި ހިސާބުގައި ބިހިނަގައިފާނެއެވެ. ވަކިން ޚާއްޞަކޮށް މޫނުގައި ބިހިނެގުން އިތުރުވާނެ އެވެ. ހުޅުތަކުގައި ރިއްސުމާއެކު ހަށިގަނޑުގައި (ޚާއްޞަކޮށް ކަނދުރާގައި) ގޮށްލުމަކީ ވެސް ވެދާނެ ގޮތެކެވެ. ބަލި ރަގަޅުކުރުމަށް ވަކި ބޭހެއް ބޭނުންކުރާކަން ނުޖެހެއެވެ. ބަލިޖެހުމުން ދެވަނަ ފަހަރު ބަލި ޖެހުނު ނުދިނުމަށްޓަކައި ހަށިގަނޑުގައި ހަށިދަމަނަތައް އުފައްދާނެ އެވެ. މިއީ ބަލިން ދިފާޢުކޮށްދޭ މާއްދާ ތަކެކެވެ. އާންމު ގޮތެއްގައި ބަލިވެއިނދެ ޑޮކްޓަރަށް ދައްކާއިރު ޖަރުމަނު ހިމަބިއްސާއި ދެކޮޅަށް ހަށިގަނޑުގައި ދިފާޢީބާރު އުފެދިފައިވޭތޯ ބަލާނެ އެވެ.

މާބަނޑު ދުވަސްވަރު ޖަރުމަނު ހިމަބިހި ޖެހުމަކީ އެކަމުގެ އަސަރު ބަނޑުގައިވާ ދަރިފުޅަށް ކުރާނެ ކަމެކެވެ. މިއީ ދަރިފުޅުގެ ހަށިގަނޑުގައި ޢައިބުތައް އުފައްދާނެ ކަމެކެވެ. މާބަނޑުމީހާއަށް ޖަރުމަނު ހިމަބިހި ޖެހުމުން ދަރިފުޅަށް ލިބޭ ގެއްލުން ބަރޯސާވަނީ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ވީދުވަހަށެވެ. މާބަނޑުވުމަށްފަހު ފުރަތަމަ 3 މަހުގެ ތެރޭގައި މިބަލި ޖެހިއްޖެނަމަ 60-50 އިންސައްތަ ތުއްތު ދަރިފުޅަށް ގެއްލުން ވުމުގެ ފުރުޞަތު އޮވެއެވެ. 20 ހަފްތާގެ ފަހުން މާބަނޑު މީހާއަށް ޖަރުމަނު ހިމަބިހި ޖެހިއްޖެނަމަ ދަރިފުޅަށް ލިބޭ ގެއްލުން ކުޑަވާނެ އެވެ. ނުވަތަ ދަރިފުޅަށް ގެއްލުން ލިބުމުގެ ފުރުޞަތު ކުޑަ އެވެ.

އެގޮތުން މާބަނޑު ދުވަސްވަރު މައިމީހާއަށް ޖަރުމަނު ހިމަބިިހ ޖެހިއްޖެނަމަ، ބަނޑުގައިވާ ދަރިފުޅަށް " އުފެދުމުގައި ޖަރުމަނު ހިމަބިހިޖެހުން"(Congenital rubella syndrome) ކިޔާ ބަލީގެ ހާލަތެއް މެދުވެރި ކުރުވައެވެ.

މިހާލަތުގައި ތުއްތު ދަރިފުޅަށް މެދުވެރިވާނެ ކަންތައްތަކުގެ ތެރޭގައި:-
·         ލޯ: ލޮލުގައި ފުސްހެދުން، ލޮލުގެ ޕްރެޝަރު މަތިވުން، ލޮލުގެ އަލިދުލި ހަލާކުވުން
·         އެތެރެހަށީގެ ގުނަވަންތައް : މޭގަނޑު ބޮޑުވުން، ހުންކޮށި ބޮޑުވުން، ރީނދޫވުން
·         ނާރުތައް : ސިކުނޑީގެ ބާރުދިއުން، ވިސްނުންކޮށިވުން، ބީރުވުން، ވިހާއިރު ބޯކުޑަވުން
·         ހިތް : އުފެދުމުގައި ހުންނަ ހިތުގެ މައްސަލަތައް
·         ކަށި: ކަށިތައް ހަލާކުވުން
·         ލޭ : ލޭގަނޑުކުރާ މާއްދާތައް މަދުވުން، ޕާޕިޔުރާ
·         ބޮޑުނުވުން
މައިމީހާއަށް ދިމާވެދާނެ އުދަނގޫތަކުގެ ތެރޭގައި:-
·         ބައިގެންދިއުން
·         ބަނޑުގައި މަރުވުން ނުވަތަ ވިހެއުމުގެ ތެރޭގައި މަރުވުން

މާބަނޑުވުމަށްފަހު ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ޖަރުމަނު ހިމަބިހި ޖެހިފައިވާ މީހަކާއި ގައިގޯޅިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެއެވެ. އެއީ މިފަދަ ހާލަތުގައި ކުރިމަތިވެދާނެ އެތައް ކަމެއް ހުރެދާނެތީ އެވެ.
-          ޑޮކްޓަރަށް ބަލިވެއިން މީހާއަކީ ޖަރުމަނު ހިމަބިހިން ރައްކާތެރިވެފައިވާ މީހެއްކަން ކަށަވަރުކޮށްދިނުން
-          ބަލިވެއިން މީހާއަކީ ޖަރުމަނު ހިމަބިއްސަށް ޓެސްޓްކުރެވިފައިވާ މީހެއްކަން ނޭގުން : އެހެންވެއްޖެނަމަ ލޭގައިވާ ހަށިދަމަނައިގެ ވައްތަރުތައް ދެނެގަތުމަށް ލޭގެ ޓެސްޓް ހެދިދާނެ އެވެ. މިޓެސްޓްގެ ނަތީޖާއިން މާބަނޑު މީހާވަނީ ޖަރުމަނު ހިމަބިހިން ރައްކާތެރިވެފައިކަން އެނގޭނަމަ، ކުޑަ ދަރިފުޅަށް ނުރައްކަލެއް ނެތެވެ. ބަލިވެއިންމީހާ ވަނީ ޖަރުމަނު ހިމަބިހިން ރައްކާތެރިނުވެކަން އެނގޭނަމަ، ކަނޑައަޅާ ދުވަސްކޮޅެއްގެ ފަހުން (ގާތްގަނޑަކަށް 6 ހަފްތާ ފަހުން) ދެވަނަ ފަހަރަށް ޓެސްޓް ހަދާން އިރުޝާދު ދޭނެ އެވެ. ދެވަނަ ފަހަރަށް ޓެސްޓް ހަދާއިރު ވެސް، ބައްޔާއި އިދިކޮޅު ހަށިދަމަނަ ލޭގައި ނެތްނަމަ އޭގެ މާނައަކީ މާބަނޑުމީހާއަށް އަދި ޖަރުމަނު ހިމަބިހި ނުޖެހެނީ އެވެ. އެހެންކަމުން ބަނޑުގައިވާ ދަރިފުޅަށް މިހާލަތުގައި ގެއްލުމެއް ނުވާނެ އެވެ. ނަމަވެސް ވިހެއުމަށްފަހު ވެކްސިން ދޭންޖެހޭނެ އެވެ. ދެވަނަ ޓެސްޓުން ޖަރުމަނު ހިމަބިހި ޖެހިފައިވާކަމަށް ދައްކާނަމަ، ބަނޑުގައިވާ ދަރިފުޅަށް ޖަރުމަނު ހިމަބިހި ޖެހުމުގެ ޢައިބުވުމުގެ ފުރުޞަތު ބޮޑެވެ.

ދެނެގަތުން
(ހ) ކުޑަކުދިންނާއި ބޮޑެތި މީހުން : ބައެއް ފަހަރު "ރޫބެއްލާ ޓެސްޓް"(Rubella test) ކިޔާ ލޭގެ ޓެސްޓެއް ހަދަން ޖެހިދާނެ އެވެ. މިއީ ރޫބެއްލާ ވައިރަސް އާއި ދެކޮޅަށް ހަށިގަނޑުގައި ދިފާޢީބާރު އުފެދިފައިވޭތޯ ބެލުމަށް ހަދާ ޓެސްޓެކެވެ. މިޓެސްޓް ހެދުމުގެ ބޭނުމަކީ:-
-          ފަހުގެ ދުވަސްވަރެއްގައި ރޫބެއްލާ ވައިރަސްގެ ސަބަބުން ބައްޔެއް ޖެހިފައިވޭތޯ ބެލުން
-          ޖަރުމަނު ހިމަބިހިން ދިފާޢުވުމަށް ވެކްސިން ދީފައިވޭތޯ ބެލުން
-          ޖަރުމަނު ހިމަބިއްސާއި ދެކޮޅަށް ހަށިގަނޑުގައި ދިފާޢީބާރު އުފެދިފައިވޭތޯ ބެލުން
ޖަރުމަނު ހިމަބިހި ޖެހިފައިވާ މީހަކާއި ގައިގޯޅިވި ފަހުން، އެބަލީގެ އުދަނގޫތައް ފެނިއްޖެނަމަ، ޓެސްޓް ކުރުމަކާއި ނުލައި ވެސް ފެންނަ އަލާމާތްތަކަށް ބަލައިގެން، ބަލި ދެނެގަނެވިދާނެ އެވެ.

(ށ) – މާބަނޑު މީހުން : މާބަނޑުމީހުންނަށް މާބަނޑު ދުވަސްވަރު ރޫބެއްލާ އިންފެކްޝަން އާއި ދެކޮޅަށް ހަށިގަނޑުގައި ދިފާޢީ ބާރު އުފެދިފައިވޭތޯ ބެލުމަށް ( ކުރިން ބަލިޖެހިފައިނުވާނަމަ، އަދި ކުރިން އެމްއެމްއާރު ވެކްސިން ދީފައިނުވާނަމަ) މިޓެސްޓް ހަދަން ޖެހިދާނެ އެވެ. އެގޮތުން ޓެސްޓް ހަދާއިރު ބަލާނީ ރޫބެއްލާ އިންފެކްޝަން އާއި ދެކޮޅަށް ހަށިގަނޑުގައި ހަށިދަމަނަ އުފެދިފައިވޭތޯ އެވެ. އެގޮތުން :-
-          ހަށިދަމަނަ ނުހުރެއްޖެނަމަ : ޓެސްޓް ނެގެޓިވް ވީއެވެ. މާނައަކީ ތިބާގެ ހަށިގަނޑުގައި ޖަރުމަނު ހިމަބިހިން ދިފާޢުވުމުގެ ބާރުނެތުމެވެ. މިހާލަތުގައި އިމިޔުނޯގްލޯބިޔުލިން ޖަހަން ޖެހޭނެ އެވެ. މިއީ ބަލީގެ ނުރައްކާ ކުޑަކޮށްދީ ޢައިބު އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ.
-          ހަށިދަމަނަ ހުރެއްޖެނަމަ : ޓެސްޓް ޕޮޒިޓިވް ވީއެވެ. މާނައަކީ ތިބާގެ ހަށިގަނޑުގައި ޖަރުމަނު ހިމަބިހިން ދިފާޢުވުމުގެ ބާރު ހުރުމެވެ. މިހާލަތުގައި 6 ހަފްތާ ފަހުން އަނެއްކާ ވެސް ޓެސްޓް ރިޕީޓްކޮށްލެވިދާނެ އެވެ.

(ނ) – ތުއްތުކުދިން : ތުއްތު ކުއްޖަކު އުފަންވާއިރު ޢައިބުތައް ހުރެއްޖެނަމަ، އެޢައިބުތައް ހުރީ ޖަރުމަނު ހިމަބިހީގެ ސަބަބުންތޯ ބަލައި ޔަގީންކުރުން މުހިއްމެވެ. މިކަން ބިނާވެފައި އޮންނަނީ ތުއްތުދަރިފުޅުގެ ހަށިގަނޑުގައި ބަލައިހޯދާ ބެލުންތަކާއި، މައިމީހާގެ ފުށުން ލިބޭ މައުލޫމާތު ތަކުގެ މައްޗަށެވެ. ޖަރުމަނު ހިމަބިހިކަން ޔަގީންވާ ހިނދުން ފެށިގެން ދެންތިބި މީހުންނަށް ބަލި ފެތުރުން ހުއްޓުވޭނެ ގޮތްތައް ހޯދައި އެގޮތަށް އަމަލުކުރަން ޖެހޭނެ އެވެ.

ޖަރުމަނު ހިމަބިހީގެ ސަބަބުން ތުއްތު ކުދިންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ބީރުވުން ކަމަށްވާތީ، އުފަންވާ ހުރިހާ ކުދިންގެ އަޑުއިވުން ހުރިނެތްގޮތް ޓެސްޓްކުރުމަށް ބައެއް ޑޮކްޓަރުން އިރުޝާދު ދެއެވެ. އެގޮތުން އަޑުއިވުމުގައި މައްސަލައެއް ހުރިކަން ފާހަގަވެއްޖެނަމަ، ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޖަރުމަނު ހިމަބިހީގެ އަސަރު ހުރިތޯ ބަލަންޖެހެއެވެ. މިއީ އިތުރު ޢައިބުތައް ހުރިތޯ ބަލައި ޔަގީންކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މީގެ އިތުރުން ބައެއް ފަހަރު ވައިރަސް ހައްދައި ދިރުވައެވެ. އެއީ ބަލިޖެހުނީ ކޮންކަހަލަ ވައިރަސްއަކުންކަން ޔަގީންކުރުމަށެވެ.

ފަރުވާ
ބަލީގެ އުދަނގޫތައް ދިމާވަނީ ވަރަށް އާދައިގެ މިންވަރަކަށްވާތީ ހަގީގަތުގައި މިބައްޔަށް މާބޮޑު ފަރުވާއެއް ބޭނުމެއް ނުވާނެ އެވެ. ދިމާވެފައިވާ އުދަނގޫތަކަށް ހައްލެއް ހޯދުމުން ފުދޭނެ އެވެ. ޖަރުމަނު ހިމަބިހީގެ ފަރުވާ އަމާޒުކުރެވެނީ ދިމާވާ އުދަނގޫތަކަށް ފަރުވާކުރުމަށެވެ. އެގޮތުން :-
-          ވީވަރަކުން އަރާމުކުރާށެވެ. އަދި ގިނައިން ދިޔާތަކެތި ބޯށެވެ. ކުޑަކުއްޖެއްނަމަ ގިނައިން ދިޔާތަކެތި ދޭށެވެ. ބޭނުމަކީ ހަށިގަނޑުން ފެންހުސްވިޔަ ނުދިނުމެވެ.
-          ހުންތިރިކުރުމަށާއި، ތަދުކެނޑުވުމަށް ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ވެސް ޕެނަޑޯލް ދެވިދާނެ އެވެ. 20 އަހަރުން ދަށުގެ ކުދިންނަށް އެސްޕިރިން ދިނުމަކީ ރަގަޅުކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން "ރޭޒް ސިންޑްރޯމް" ކިޔާ ބައްޔެއްގެ މައްސަލަ ފެންމަތިވެގެން އަތުވެދާނެތީ އެވެ.
-          މާބަނޑުވުމަށްފަހު، ޖަރުމަނު ހިމަބިހި ޖައްސާ ވައިރަސްއަށް ހުށަހެޅި(ބަލިޖެހިފައިވާ މީހަކާއި ގައިގޯޅިވުން)، އަދި ޖަރުމަނު ހިމަބިއްސާއި ދެކޮޅަށް ދިފާޢުވުމަށް ވެކްސިން ކުރިން ޖަހާފައިނުވާނަމަ، ޑޮކްޓަރަކާއި މަޝްވަރާ ކުރާށެވެ. މިހާލަތުގައި "އިމިޔުނޯގްލޯބިޔުލިން"(Immunoglobulin) ދެއްވާނެ އެވެ. އިމިޔުނޯގްލޯބިޔުލިން އަކީ ޖަރުމަނު ހިމަބިހިން ދިފާޢުކޮށްދޭ އެއްޗެއް ނޫނެވެ. ނަމަވެސް އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ކުޑަކޮށްދީ، ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބުތައް އުފެދުމުގެ ފުރުޞަތު ކުޑަކޮށް ދެއެވެ. ނަމަވެސް އެއްކޮށް ޢައިބުތައް އުފެދުމުން ރައްކާތެރިކޮށް ނުދީފާނެކަން ހަދާންކުރަން ޖެހެއެވެ.

ރައްކާތެރިވުން
ޖަރުމަނު ހިމަބިހިން ރައްކާތެރިވުމަށް ކުރެވޭ އެންމެ މުހިއްމު ކަމަކީ އެމްއެމްއާރު ވެކްސިން ދިނުމެވެ.
އެމްއެމްއާރު ވެކްސިން
އެމްއެމްއާރު ވެކްސިން(MMR vaccine) އަކީ ހިމަބިހިން ރައްކާތެރިވުމުގެ ގޮތުން އުމުރުން 15-12 މަހާ ދެމެދު (13ވަނަ މަހުގައި) ނުވަތަ 18 މަހުގައި ދެވޭ ވެކްސިނެކެވެ. މިވެކްސިނަކީ ތަފާތު 3 ބައްޔަކުން ރައްކާތެރިވެ، ހިމާޔަތް ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކޯފުއްޕި، ހިމަބިހި، އަދި ޖަރުމަނު ހިމަބިހި މި 3 ބައްޔެވެ. މިވެކްސިންގެ ބޫސްޓަރ ޑޯޒެއްގެ ގޮތުގައި އުމުރުން އުމުރުން 5-3 (ނުވަތަ 6-4 އަހަރާދެމެދު) އަހަރާއި ދެމެދުގައި ދެއެވެ. ސަބަބަކީ ބައެއް ފަހަރު އެންމެ ޑޯޒެއް ދިނުމުން އެދެވޭގޮތެއްގައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ދިފާޢުވުމުގެ ބާރު އުފައްދައިނުދޭތީ އެވެ.

އުމުރުން 13 މަސްވުމުން އެމްއެމްއާރު ވެކްސިން ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ރާއްޖޭގައި މިވެކްސިން ދެނީ އުމުރުން 18 މަހުގައެވެ. ބައެއް ގައުމުތަކުގައި ދެވަނަ ޑޯޒެއް އުމުރުން 5-3 (ނުވަތަ 6-4 އަހަރާދެމެދު) އަހަރާއި ދެމެދުގައި ދެއެވެ. ސަބަބަކީ ބައެއް ފަހަރު އެންމެ ޑޯޒެއް ދިނުމުން އެދެވޭގޮތެއްގައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ދިފާޢުވުމުގެ ބާރު އުފައްދައިނުދޭތީ އެވެ. އަދި އެހެން ބައެއް ގައުމުތަކުގައި ބޫސްޓަރ ޑޯޒް އުމުރުން 14-11 އަހަރާއި ދެމެދުގައި ވެސް ދީއުޅެއެވެ.


މާބަނޑު މީހުންނަށް އެމްއެމްއާރު ވެކްސިން ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.އަދި ވެކްސިން ދިނުމަށްފަހު 1 މަސް ފާއިތުވުމުގެ ކުރިން ބަލިވެ އިނުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ. ގާތުން ކިރުދޭ މައިމީހާއާއި އަދި ގާތުން ކިރުދޭ ދަރިފުޅަށް ވެސް އެމްއެމްއާރު ވެކްސިން ދެވިދާނެ އެވެ.

ޖަރުމަނު ހިމަބިހިން ރައްކާތެރިވުމަށް ކުރެވިދާނެ އެހެނިހެން ކަންތައްތައް
(ހ) - ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން : އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ރުބޮޑަށް ބޭނުންކުރަން ރަގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ.އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ އަތް އަޅައިގެން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ޙާލަތުގައި ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ.
(ށ) - ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. އެގޮތުން އެފަދަ މީހުންނާއި ސަލާމް ކުރުމާއި، މާގިނައިރު އެކުގައި ވާހަކަ ދައްކަން ހޭދަކުރުމަކީ ވެސް ބަލި ސަލާމަތުން ހުރި މީހާގެ ގަޔަށް ނަގުލުވެދާނެ ކަމެކެވެ.

ޖަރުމަނު ހިމަބިއްސާއެކު ކުޑަ ދަރިފުޅު އުފަންވިނަމަ، ކުރިން ބަލިނުޖެހި، ނުވަތަ ވެކްސިން ޖަހާފައިނުވާ މީހުން އެކުޑަ ދަރިފުޅު އުރައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ. ގޭގައި ވެސް އާންމު ޞިއްޙަތަށް ރައްކާތެރިވުމާއެކު އަތް ދޮވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. 


(ނ) - ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ. އެހެން ކަމުން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުދާށެވެ. ކުޑަކުދިން ޖަރުމަނު ހިމަބިހި ޖެހިފައިވާ ދުވަސްވަރު ސުކޫލަށް ފޮނުވުމަކީ ރަގަޅު ކަމެއް ނޫނެވެ. އެއީ ޖަރުމަނު ހިމަބިއްސަކީ ފަސޭހަ ކަމާއެކު ގައިންގަޔަށްއަރާ ބައްޔަކަށްވާތީ އެވެ. އެހެންކަމުން ބަލީގެ ބިހިތައް ފެންނަ ދުވަހުން ފެށިގެން 7 ދުވަސްވަންދެން ބޭރަށް ނުގޮސް ގޭގައި މަޑުކުރުމަކީ ބުއްދިވެރި ގޮތެކެވެ.

(ރ) – ބަލިމީހާ އެހެން މީހުންނާއި ވަކިން ގެންގުޅުމާއި، ބަލިމީހާ ބޭނުންކުރާ ތަކެތީގައި ވީވަރަކުން އަތްނުލުމާއި އެތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން : ބަލިޖެހިފައިވާ މީހުން، އެހެންމީހުންނާއި ވަކި ކޮޓަރި އެއްގައި ބޭތިއްބުމަކީ މުހިއްމު ކަމެކެވެ. އަދި ކެއިން ބުއިމަށް ބޭނުންކުރާ ތަކެތި ވެސް ވަކިން ގެންގުޅުން މުހިއްމެވެ. ބަލިމީހާ ބޭނުންކުރާ ރުމާ، ސޮނިފޮތި، ތުވާލި، ބެޑްޝީޓް، ރަޖާ ، ފަދަ ތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުމާއި، އަދި އެހެންމީހުން ބަލިމީހުން ބޭނުންކުރާ މިފަދަ ތަކެތި ބޭނުންނުކުރުން މުހިއްމެވެ. ބޮޑަށް ރަގަޅުވާނީ ނޭފަތް ފޮޅުން ފަދަ ކަންކަމަށް ޓިޝޫ ބޭނުންކުރުމަށްފަހު ނައްތައިލުމެވެ.

މައުލޫމާތު :-
·         "ރައްކާތެރި މައިވަންތަކަމަށް މަގެއް"– ޢަބުދުއްސައްތާރު ޢަބުދުލް ޙަމީދު(ނޯޓް:މިފޮތް ބާޒާރަށްއަދި ނިކުމެފައެ ނުވެއެވެ)
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
·         ބައެއް މެޑިކަލް ފޮތްތައް