Thursday, September 5, 2013

ރީނދޫ ހުން

ރީނދޫ ހުން
ރީނދޫ ހުމަ(yellow fever)ކީ ވައިރަސް އަކުންޖެހޭ، މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މިބަލި އާންމުކޮށް ފެންނަނީ މެދުތެރޭ އެފްރިކާ އަދި ދެކުނު އެމެރިކާގެ ހޫނު ގައުމު ތަކުންނެވެ. މިއީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ބަލީގެ ވައިރަހުގެ ސަބަބުން މޭގަނޑާ އެތެރެހަށީގެ އެހެން ގުނަވަންތައް ހަލާކުކޮށްލައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ލަފާކުރާގޮތުން އަހަރަކު 2 ލައްކަ މީހުންނަށް މިބަލިޖެހި އޭގެތެރެއިން 30 ހާސް މީހުން މިބަލީގައި ދުނިޔެ ދޫކޮށްދެއެވެ. ތޮށްޖެހިފައިވާ އާބާދީތައް އިތުރުވަމުންދިއުމާއެކު މިފަހަކަށް ރީނދޫ ހުން އާންމު ގައުމުތަކުގައި ބަލި އިތުރުވަމުންދާކަން ފާހަގަ ކުރެވެއެވެ.


ރީނދޫ ހުން ފެތުރޭގޮތް
ރީނދޫ ހުން ޖެހެނީ އާރުއެންއޭ ވައިރަހެއްގެ ގޮތުގައި ބެލެވޭ "ރީނދޫހުން ވައިރަސް"(yellow fever virus) ގެ ސަބަބުންނެވެ. މިއީ ފްލޭވިވައިރަސް(flavivirus) އާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ. މިބަލި ފެތުރެނީ "އީޑީޒް"(aedes)، އަދި "ހީމޮގޯގަސް"(haemogogus) ކިޔާ ބާވަތުގެ މަދިރީގެ ސަބަބުންނެވެ. ބަލިޖެހެނީ މަދިރި ހެފުމުގެ ތެރޭގައި އިންސާނާގެ ހަށިގަނޑަށް ބަލިޖައްސާ ވައިރަސް ވާޞިލްވުމުންނެވެ. ބައްދާ ، ބޮސްދީ ހެދުމަކުން ރީނދޫ ހުމެއް ނުފެތުރޭނެ އެވެ.

ރީނދޫ ހުން ޖެހުމުން ފެނިދާނެ އަލާމާތްތައް
ރީނދޫ ހުމުގެ އަލާމާތްތައް ފެންނަން ފަށަނީ ރީނދޫ ހުން ޖައްސާ ވައިރަސް ހަށިގަނޑަށް ވާޞިލްވާތާ 6-3 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވުމަށްފަހު ގައެވެ. ރީނދޫ ހުން ޖެހުނަސް ބައެއް ފަހަރު އެކަން ނޭނގި ވެސް ހިގައިދާނެ އެވެ. ރީނދޫ ހުމަށް ރީނދޫ ހުމޭ ކިޔަނީ މިބަލިޖެހުން ފެންނަ އެންމެ އާންމު ދެއަލާމާތަކީ ގަދަޔަށް ހުންއައުމާ، ގައިގެ ހަން ރީނދޫވުން ކަމަށްވާތީ އެވެ. ރީނދޫވާން ދިމާވަނީ ބަލީގެ ސަބަބުން މޭގަނޑަށް ގެއްލުން ލިބި، މޭގަނޑު ދުޅަވާގޮތް ވާތީ އެވެ.
ރީނދޫ ހުން ޖެހުމުން ފެނިދާނެ އާންމު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުން، ރީނދޫވުން، ބުރަކަށީގައި ރިހުން، މޭނުބައިކުރުން، ހޮނޑުލެވުން، ވަރުބަލިވުން، ކުޑަކަމުނަޖިހުގައި ޕްރޮޓީން(އަލްބުމިން) ހުރުން، ގުރުދާ ފޭލްވުން، އަދި މޭގަނޑު ބޮޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ރީނދޫ ހުން ޖެހުމުން ފެންނަ އަލާމާތްތައް 3 މަރުހަލާއަކަށް ބަހާލެވިދާނެ އެވެ.
ފުރަތަމަ މަރުހަލާ : ފުރަތަމަ މަރުހަލާ އާންމުގޮތެއްގައި 4-3 ދުވަހަށް ދިގުދެމިގެން ދެއެވެ. އާންމު ގޮތެއްގައި ފެންނާނީ އެހެން ވެސް ވައިރަހުން ޖެހޭ ހުން ތަކުގައި ފެންނަ އުދަނގޫތަކެވެ. އޭގެ ތެރޭގައި ހުންއައުން، ހީކެރުވުން، ގައިގައި ރިހުން، ބޮލުގައި ރިހުން، އަދި ހޮނޑުލެވުން ހިމެނެއެވެ.
ދެވަނަ މަރުހަލާ : އާންމު ގޮތެއްގައި 2 ދުވަހުގެ މުއްދަތަށް ހުންނަ މިމަރުހަލާގައި ގިނަ މީހުން ބަލިން ރަގަޅުވާނެ އެވެ.

ތިންވަނަ މަރުހަލާ : މިއީ ރީނދޫ ހުމުގެ އެންމެ ނުރައްކާތެރި މަރުހަލާ އެވެ. މިމަރުހަލާ ކުރިމަތިވަނީ ރީނދޫ ހުން ޖެހޭ މީހުންގެ ތެރެއިން އެންމެ 15 އިންސައްތަ މީހުންނަށެވެ. މިމަރުހަލާގައި ގަދަޔަށް ހުންއައުމާއެކު، އެތެރެހައްޓަށް ލޭއެޅި، މޭގަނޑާ، ގުރުދާ އަދި ލޭދައުރުކުރާ ނިޒާމަށް ގެއްލުންވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ލަފާކުރާގޮތުން މިމަރުހަލާއަށް ވާޞިލްވާ ބަލިމީޙުންގެ ތެރެއިން 50 އިންސައްތަ މީހުން ބަލީގައި މަރުވެދާއިރު އަނެއް 50 އިންސައްތަ މީހުން ރަގަޅުވެއެވެ.

ތިންވަނަ މަރުހަލާގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
v     ރީނދޫވުން : ހަމާ، ލޯ ރީނދޫވުން
v     މޭގަނޑު ދުޅަވުން
v     އެތެރެހަށްޓަށް ލޭއެޅުން
v     ހޮނޑާއެކު ލޭބޭރުވުން
v     ޝޮކުޖެހުން
v     ހުރިހާ ގުނަވަންތަކެއްގެ މަސައްކަތް ހުއްޓި މަރުވުން

ރީނދޫ ހުމަށް ދެވޭ ފަރުވާ
ރީނދޫ ހުމަށް ދެވޭ ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. އާންމު ގޮތެއްގައި ދެވޭ ފަރުވާ އަކީ ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތަކަށް ލުއިކަން ގެނެސްދިނުމަށް ދެވޭ ފަރުވާ އެކެވެ. ބަލިވުމުން ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. އެސްޕިރިން ފަދަ ބާރުދަ ބޭސްތައް ހުންތިރިކުރުމަށާ، ތަނދު ކުޑަކުރުމަށް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން އެތެރެހައްޓަށް ލޭއެޅުން ފަދަ ކަމެއް މެދުވެރިވެދާނެތީ އެވެ.

ރީނދޫ ހުމުން ރައްކާތެރިވުން
ރީނދޫހުމަށް ވަކި ޚާއްޞަ ފަރުވާއެއް ނޯންނާތީ ބަލިން ރައްކާތެރިވުމަކީ މުހިއްމު ކަމެކެވެ. މިބަލި ޖެހިފައި ތިބޭ މީހުން ރަގަޅުވަންދެން އެހެންމީހުންނާ ވީހާ ވެސް އެކަހެރިކޮށްގެން ގެންގުޅުމަކީ ބަލި ފެތުރުން ހުއްޓުވުމަށް ލިބޭ އެހީއަކަށް ވާނެއެވެ. ބަލިން ރައްކާތެރިވުމުގެ ގޮތުން ބަލި ފެތުރިފައިވާ ހިސާބަށް އާންމުކޮށް ދަތުރުކޮށް އުޅޭ މީހުންނަށް، ވެކްސިން ދީއުޅެއެވެ. އެގޮތުން ރީނދޫ ހުމުން ދިފާޢުކޮށްދޭ ވެކުސިން ދިނުން އެދެވިގެންވަނީ އެފަދަ ގައުމުތަކަށް ދަތުރުކުރާ ބޮޑެތިމީހުންނާ، އުމުރުން 9 މަހުން މަތީގެ ކުޑަކުދިންނަށެވެ. އެގޮތުން މިބަލިން ދިފާއުވުމަށް ޖަހާ ވެކްސިން ކޮންމެ 10 އަހަރަކުން އެއްފަހަރު ޖަހަންޖެހޭނެ އެވެ. ރީނދޫ ހުން އާންމުކޮށް ފެތުރިފައިވާ ގައުމުތަކަށް ވެކުސިން ޖަހާފައިވާ ކަމުގެ ލިޔުމެއްނެތި އެތެރެވުމަކީ އުދަނގޫ ކަމެކެވެ.

ވެކުސިން ދިނުން އެދެވިގެންނުވާ ފަރާތްތައް
ކޮންމެ މީހަކަށް ރީނދޫ ހުމުން ދިފާއުކޮށްދޭ ވެކުސިން ނުޖެހިދާނެ އެވެ. އެއީ ބައެއް މީހުންނަށް ވެކުސިންގެ ސަބަބުން ނޭދެވޭ އަސަރެއް މެދުވެރިވެދާނެތީ އެވެ. ރީނދޫހުމަށް ވެކުސިން ޖެހުމުގެ ކުރިން އަންނަނިވި ކަމަކުންކުރެ ކަމެއް ކުރިމަތިވެފައިވާނަމަ ޑޮކްޓަރަކާ މަޝްވަރާކުރުން ބުއްދިވެރި އެވެ.
·         ދިފާޢީބާރު ދަށްވެފައިވުން މިސާލަކަށް އޭޑްސް ފަދަ ބައްޔެއްގެ ސަބަބުން
·         ކެންސަރު ޖެހިފައިވުން ނުވަތަ ތައިމަސް ގްލޭންޑްގެ މައްސަލައެއް ހުރުން
·         ދިފާޢީ ބާރު ދެރަކޮށްލާފަދަ ފަރުވާއެއް ނަގާފައިވުން މިސާލަކަށް ސްޓީރޮއިޑް ބޭނުންކުރުން، ކެންސަރަށް ފަރުވާކުރުން
·         މާބަނޑުވުން، ގާތުންދިނުން
·         އުމުރުން 65 އަހަރަށްވުރެ ދޮށިވުން
·         އުމުރުން 9 މަހަށްވުރެ ހަގުވުން

ރީނދޫ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ އެހެން ކަންތައްތައް
ރީނދޫ ހުމުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ވެކުސިން ޖެހުން ކަމަށްވިޔަސް ބަލި ފަތުރަނީ މަދިރި ކަމަށްވުމުން މަދިރި ކޮންޓްރޯލްކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ވެސް ބަލިން ރައްކާތެރިވުމަށް ލިބޭ އެހީއަކަށްވާނެއެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

ފެނުގައި ކަޑަތުކުރާ މަރުހަލާގައި މަދިރި ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތައް
o       ފަތާ ފެންގަނޑު ފަދަ ތަންތަނުގެ ފެން ބަދަލުބަދަލުކޮށް ބަދަލުކޮށް ބެހެއްޓުން
o       ވަޅު ދިޔަ ހިއްކުން އަދި ވަޅަށް ފަތްފަދަ ހަނޑި ނޭޅުން
o       ވަޅަށް ކްލޮރިން އެޅުން
o       ވަޅަށް ބޭންގ، ގުރުވަ، ކައްޓަފުޅި ފަދަ މަސްލުން
o       ފެން ހިފެހެއްޓޭގޮތަށް ކޮނެފައި ހުންނަ ވަޅުގަނޑުތައް ފަސް އަޅައި ބެއްދުން
o       މެލެރިއޯލް ނުވަތަ ޕެރިސް ގްރީން ފަދަ ކެމިކަލްތައް ސްޕްރޭކުރުން
o       ބިސްއަޅާ ފެންގަނޑަށް ކަރާސީނު ތެޔޮއެޅުން
o       ގޯތި ތެރޭގައި ފުޅި ދަނޅު ފަދަ ތަކެއްޗަށް ފެން އެޅޭނެ ހެން ނުބެހެއްޓުން
o       ހަފްތާއަކު އެއްފަހަރު ގޯތިތެރޭގައި ހުރި ފެނުގައި ގަސް ހައްދާފައި ހުށި މުށި ފުޅި ފަދަ ތަކެތިން ފެން ބަދަލުކުރުން
o       ފެން ހިފެހެއްޓޭނެ ގޮތަށް ދައުރުނުވާނެހެން ނުބެހެއްޓުން

އުދުހިއުޅޭ(ފުރިހަމަ މަދިރިއެއްގެ)މަރުހަލާގައި މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތައް
o       މީހުން އުޅޭ އިމާރާތްތަކާއި ތަންތަނުގެ ދޮރުތަކުގައި މަދިރި ނަރުދާ ހަރުކުރުން
o       ޕައިރެތުރަމް، ގަމެކްޒޭން، އަދި ކާރބަމޭޓް ފަދަ ފަނިފަކުސަ ފަނާކުރުވަނިވި ކެމިކަލްތައް މަދިރި ގިނަހެން ހީވާ ހިސާބުތަކަށް ސްޕްރޭ ކުރުން
o       ސިޓްރޮނެއްލާ ތެޔޮ ފަދަ މަދިރިއަށް ނުގުޅޭ އަސަރު ކުރިމަތި ކުރުވާ،މަދިރި ދުރަށް ފޮނުވާ ފަދަ މާއްދާތައް ހަންގަނޑުގައި އުގުޅުން
o       މަދިރި ލޯޝަން އުގުޅުން
o       މަދިރި ދުންދަނޑި ޖެހުން
o       މަދިރިދާ ތުއްތު ދަރިފުޅުގެ އެދުގެ ވަށައިގެން ދެމުން

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :


Wednesday, September 4, 2013

ކަށިވިދުރި

ކަށިވިދުރި
ކަށިވިދުރި(small pox) އަކީ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ކަށިވިދުރި ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 1977 ވަނަ އަހަރު ސޯމާލިޔާ އިންނެވެ.  1980 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަށިވިދުރި ދުނިޔެއިން ފުހެލާފައެވެ. އެއަށްފަހު ގަވާއިދުން ދެމުން ގެންދިޔަ ވެކްސިން ދިނުން ވެސް ހުއްޓާލި އެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހުރިހާ ގައުމަކުން މިވެކްސިން ދިނުން އެއްކޮށް ހުއްޓާލާފައިވަނީ 1986 ވަނަ އަހަރު އެވެ.
ކަށިވިދުރީގެ ވައިރަހަކީ ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ ވައިރަހެކެވެ. ކަށިވިދުރި ދުނިޔެއިން ފުހެލާފައިވީ ނަމަވެސް، އޭގެ ވައިރަސްގެ ނަމޫނާތައް އިތުރު ދިރާސާތައް ކުރުމުގެ ބޭނުމުގައި ލެބޯޓަރީ ތަކުގައި ރައްކާކުރެވިފައި ވެއެވެ. މިވައިރަސް އެމެރިކާ، ރަޝިޔާ ފަދަ ގައުމުތަކުގައި ޚާއްޞަ ސަމާލުކަމާއެކު ރައްކާކުރެވިފައި ވެއެވެ. 1999 ގެ ނިޔަލަށް މިގޮތަށް ރައްކާކޮށްފައިހުރި ވައިރަސް ތައް ނައްތާލުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ގޮވާލި އެވެ. އެއީ ހަނގުރާމައެއްގެ ސަބަބުން ވިޔަސް ކަށިވިދުރި ދެވަނަ ފަހަރަށް ދުނިޔޭގައި އާލާވިޔަ ނުދިނުމަށްޓަކައެވެ.


ކަށިވިދުރި ޖެހޭ ސަބަބު
ކަށިވިދުރި އަކީ  ޑީއެންއޭ ވައިރަސް ތަކުގެ ތެރޭގައި ޝާމިލްވާ "ޕޮކްސް"(pox) ގުރޫޕުގެ ވައިރަހެއް ކަމުގައިވާ "ވޭރިއޯލާ ވައިރަސް"(variola virus) ގެ ސަބަބުންޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިވައިރަސްގެ ދެބާވަތެއް ހުރެއެވެ. އެއީ ކަށިވިދުރި ޖައްސާ "ވޭރިއޯލާ މޭޖަރ"(variola major) ވައިރަސް އަދި "އެލަސްޓްރިމް"(alastrim) ކިޔާ ބައްޔެއް ޖައްސާ "ވޭރިއޯލާ މައިނަރ"(variola minor) ވައިރަސް އެވެ.

ކަށިވިދުރި ފެތުރޭގޮތް
މިވައިރަސް ހަށިގަނޑަށް ވާޞިލްވަނީ ބަލިޖެހިފައިވާ މީހަކު ބޭނުންކުރާ ތުވާލި ފަދަ އެއްޗެއް ބޭނުންކުރުމުން ނުވަތަ ވައިރަސް އާ ތަޣައްޔަރުވެފައިވާ އެއްޗެއް، ނޭވާލުމުގެ ޒަރީޢާއިން ހަށިގަނޑަށް ވާޞިލްވުމުންނެވެ.
ކަށިވިދުރި އަކީ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. މިބަލި ޖެހެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ، ކިނބިހިއެޅުން، ހުނުން، ވާހަކަ ދައްކައި ހެދުން، ފަދަ ކަންތައްތަކުގެ ތެރެއިން ކުޅާއެކު ބޭރުވާ ވައިރަސް ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުމުންނެވެ. ބަލިމީހަކު ބޭނުންކުރާ ތުވާލި، ރަޖާގަނޑު ފަދަ ތަކެތި އުފުލައި ހެދުމުގެ ތެރޭގައި ބަލީގެ ޖަރާސީމާ އަތް ތަޣައްޔަރުވެފަނިކޮށް އަތްނުދޮވެ، އަނގަޔަށް ނޭފަތަށް ލޮލަށް ލައިފިނަމަ ވެސް ބަލިޖެހިދާނެ އެވެ. ބަލިޖެހިފައިވާ މީހެއްގެ ހަމުގައި ހުރި ފޮޅުން ބޭރުވި ދިޔައިގައި ހަނުހުރަހެއްނެތި ބީހުމަކީ ވެސް ބަލިޖެހިދާނެ ކަމެކެވެ.
ބަލީގެ ވައިރަސް ހަށިގަނޑަށް ވާޞިލްވުމަށްފަހު އަލާމާތްތައް ފެނުމާ ދެމެދު 17-7 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. މިމުއްދަތުގެ ތެރޭގައި ހަށިގަނޑުގައި ވައިރަސް ހުރި ނަމަވެސް އެހެން މީހުންނަށް ބައްޔެއް ނުފަތުރާނެ އެވެ. ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރަނީ އަލާމާތްތައް ފެންނަން ފަށާ ދުވަހުން ފެށިގެން ގޮސް، ބައްޔާއި ގުޅިގެން ނަގާ ފޮޅުތައް ފެޅި، ކުރަމަގާލި ލައި ނެއްޓިދަންދެން ހޭދަވާ މުއްދަތު ގެ ތެރޭގައެވެ.

ކަށިވިދުރި ޖެހުމުން ފެނިދާނެ އަލާމާތްތައް
ފުރަތަމަ ކޮޅު ހުންއައުމާއެކު މިބަލީގެ އަސަރު ކުރަނީ ނޭފަތުގެ ބަތާނަ އަށެވެ. އެއަށްފަހު ވައިރަސް "ރެޓިކިޔުލޯ އިންޑޯތީލިއަލް ނިޒާމަ"(RES)ށް ވާޞިލް ވެއެވެ. ދެން ލޭގެ ތެރެއަށް ވައިރަސް ފޯރައެވެ. އެއަށްފަހު ވައިރަސް ހަމުގެ ދަށުގައި އޭގެ ހިޔާވަހިކަން ހޯދައެވެ.
ކަށިވިދުރި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ގައިގައިރިހުން، ބޮލުގައި ރިހުން، ހޮނޑުލުން، ވަރުބަލިވުން، އަނގަފާރުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައްޔާއި ގުޅިގެން ހަމުގައި ބިހިތަކެއް ނަގަން ފަށައެވެ. އެއަށްފަހު ހަމުގައި ނެގި ބިހިތައް ފެން ފޮޅުތަކަކަށް ބަދަލު ވެއެވެ. ފަހުން ފެން ފޮޅުތަކަށް ދޮސްއެރި، (ދޮސްފޮޅުތަކަކަށްވުން)، އެއަށްފަހު ދޮސްފޮޅުތައް ފެޅި، ކުރަމަގާލި ލައި، ތޮށިފޮޅުމަށްފަހު، ނެއްޓި، ރަގަޅުވާއިރު ދާއިމީ ލަކުނެއް ހަމުގައި އުފައްދައެވެ. ފޮޅުތައް ލޮލުގެ ކައިރީގައި ނަގައިފިނަމަ ލޯއަދިރިވުމަކީ ވެދާނެ ގޮތެކެވެ.

ކަށިވިދުރީގެ ފަރުވާ
ކަށިވިދުރިއަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ 4-3 ދުވަހުގެ ތެރޭގައި ބަލިން ދިފާއުކޮށްދޭ ވެކްސިން ދެވިއްޖެނަމަ ބަލީގެ ނުރައްކާތެރިކަން ކުޑަކޮށްދޭނެ އެވެ. އާންމު ގޮތެއްގައި ފަރުވާކުރެވެނީ ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތަކަށް ލުއި ހޯދައިދިނުމުގެ ގޮތުންނެވެ.

ކަށިވިދުރިން ރައްކާތެރިވުން
ކަށިވިދުރިން ރައްކާތެރިވުމުގެ ގޮތުން ދީއުޅުނީ "ޖެނަރ ވެކްސިން" ނުވަތަ "ކަފް ލިމްފް ވެކްސިން" އެވެ. ކަށިވިދުރިން ދިފާއުކޮށްދޭ ވެކްސިން ޖެހުމުން ރައްކާތެރިކޮށްދެނީ ކިހާ ދުވަހަކަށް ކަމެއް އެނގޭކަން ނެތެވެ. ނަމަވެސް ބައެއް ޞިއްޙީ މާހިރުން އެއްބަސްވެ ލައްވަނީ 10 އަހަރު ދުވަހަށް ބަލިން ރައްކާތެރިކޮށްދޭނެ ކަމަށެވެ. މުޅި އުމުރަށް ބަލިން ރައްކާތެރިވުމުގެ ގާބިލިއްޔަތު ލިބި، ބައްޔާ ދެކޮޅަށް ހަށިގަނޑުގައި ދިފާޢީ ބާރު އުފެދިފައި ހުންނާނީ ހަމައެކަނި ބަލިޖެހި ރަގަޅުވި މީހުންގެ ހަށިގަނޑުގައެވެ.
ހަށިގަނޑު ދިފާއީ ބާރު ދަށްމީހުންނަށް ކަށިވިދުރިން ދިފާއުވުމަށް ވެކްސިން ދިނުމުން ބައެއް ފަހަރު ފުރާނަ އަށް ނުރައްކާވާގޮތް ވެއެވެ. އެގޮތުން ވެކުސިން ދިނުމުން ނުގުޅޭ އަސަރު ކުރިމަތިވުމުން ފެށިގެން ގޮސް، ސިކުނޑި ދުޅަވުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެސް ވެދާނެ ގޮތެކެވެ. ތާރީޚު ހެކިދޭ ގޮތުގައި ވެކުސިންޖެހި ކޮންމެ 1 މިލިޔަން މީހުންގެ ތެރެއިން އެކަކު ވެކުސިނާ ނުގުޅިގެން މަރުވެފައި ވެއެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :

ނިއުމޯނިޔާ

ނިއުމޯނިޔާ
ނިއުމޯނިޔާ(pneumonia)  އަކީ ފުއްޕާމޭގައި ޖަރާސީމު އެޅުމެވެ. ނުވަތަ އަރިދަފުސް ހިފުމެވެ. ނިއުމޯނިޔާ އަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މިއީ ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ.

ސަބަބު
ނިއުމޯނިޔާ އާންމުކޮށް ޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ތަކުގެ ސަބަބުންނެވެ. ނިއުމޯނިޔާ ޖައްސާ ބެކްޓީރިޔާ ތަކުގެ ތެރޭގައި "ސްޓްރެޕްޓަކޮކަސް ނިއުމޯނިއޭ"(streptococcus pneumonia)، "މައިކަޕްލާޒްމާ ނިއުމޯނިއޭ"(mycoplasma)، ފަދަ ޖަރާސީމުތައް ހިމެނެއެވެ. ނިއުމޯނިޔާ ޖައްސާ ވައިރަސް ތަކުގެ ތެރޭގައި "އިންފުލުއެންޒާ އޭ ވައިރަސް" ، އަދި "ރެސްޕިރޭޓަރީ ސިންސިޝީއަލް ވައިރަސް"(RSV) ފަދަ ޖަރާސީމުތައް ހިމެނެއެވެ. ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެފައިވާ މީހުންނަށް ބައެއް ފަހަރު "ނިއުމޯސިސްޓިސް ކެރީނީ"(pneumocystis cariini) ކިޔާ ފަންގަސްގެ ވައްތަރަކުން ވެސް ނިއުމޯނިޔާ ޖައްސައެވެ.
މަދުފަހަރަކު ޕެރަސައިޓެއްގެ ސަބަބުން ނިއުމޯނިޔާ ޖެހިދާނެ އެވެ.


އާންމުކޮށް ނިއުމޯނިޔާ ޖެހޭނީ ނިއުމޯނިޔާ ޖައްސާ ޖަރާސީމެއް ފުއްޕާމެޔަށް ދިއުމުންނެވެ. އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހުމުން ރަގަޅުނުވެ، ގިނަ ދުވަސްވުމުން ބައެއް ފަހަރު ނިއުމޯނިޔާ ޖެހޭގޮތް ވެއެވެ. ދާއިމީކޮށް ދިގުމުއްދަތަކަށް ބޭސް ކާންޖެހޭ ބަލިތައް ކަމުގައިވާ ހަކުރު ބަލި، ހިތުގެ ބަލި، ނޭވާހިއްލުން، ކެންސަރު، ފަދަ ބަލިތައް ހުރުމަކީ ނިއުމޯނިޔާ ޖެހުމަށް މަގުފަހިވާ ކަންކަމެވެ.

ނިއުމޯނިޔާ ޖެހޭގޮތް
އަންނަނިވި ގޮތްތަކުންކުރެ ގޮތަކުން ނިއުމޯނިޔާ ޖެހިދާނެ އެވެ.
v     ޖަރާސީމު ހުރި ހިރަފުހާ ކުނިބުނި ނޭވާލުމުގެ ތެރެއިން ފުއްޕާމެޔަށްދިއުން
v     ނޭފަތާ، ކަރުގައި ހުންނަ ބައެއް ކަހަލަ ބެކްޓީރިޔާ ނޭވާލުމުގެ ތެރޭގައި ފުއްޕާމަޔަށްދިއުން
v     އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހި ރަގަޅުނުވެ ގިނަ ދުވަސްވުމުން ނިއުމޯނިޔާޖެހުން
v     ހިމަބިހި، ފާނަ ބަސަނދު ފަދަ ބަލިތައް ޖެހި ދިގުލައި ދިއުމުން ނިއުމޯނިޔާޖެހުން
v     ފުއްޕާމެޔަށް ފެނާ ކާތަކެތި ދިއުން

ސަލާމަތުން ތިބޭ މީހުންގެ ނޭފަތާ ކަރުތެރޭގައި ނިއުމޯނިޔާ ޖައްސާ ބެކްޓީރިޔާ ތަކާ ވައިރަސް ތައް ހުރެއެވެ. މިޖަރާސީމުތައް ފުއްޕާމެޔަށް ހިނގައްޖެނަމަ ނިއުމޯނިޔާ ޖެހިދާނެ އެވެ. މިގޮތުން އާންމު ގޮތެއްގައި މިފަދަ ޖަރާސީމުތައް ފުއްޕާމެޔަށްދަނީ ރޯގާޖެހިގެން އުޅޭއިރު، ނުވަތަ ރޯގާޖެހި ރަގަޅުނުވެ ގިނަ ދުވަސްވުމުން، ނުވަތަ "ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް" ފަދަ ފުއްޕާމޭގެ ދާއިމީ ބަލިތައް ހުންނަ ހާލަތްތަކުގައެވެ.

ނިއުމޯނިޔާ އަކީ ސުކޫލް މާހައުލުން ނުވަތަ މަސައްކަތު މާހައުލުން ވެސް ޖެހިދާނެ ބައްޔެކެވެ. ހޮސްޕިޓަލް ތަކާ، މުސްކުޅިން އަޅާލާ ފަރުވާ މަރުކަޒު ތަކުގައި ވެސް ނިއުމޯނިޔާ ވަރަށް ފަސޭހައިން ޖެހޭގޮތް ވެއެވެ.

މަގުފަހިކުރާ ކަންތައްތައް
އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް (ކަންތައްތަކެއް) ހުރުމަކީ ނިއުމޯނިޔާ ޖެހުމަށް މަގުފަހިކުރާނެ ކަމެކެވެ.
v     ދުންފަތުގެ އިސްތިއުމާލުކުރުން
v     ފުއްމާޕޭގެ ދާއިމީ ބައްޔެއް (ނޭވާހިއްލުން، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް) ހުރުން
v     އުމުރުން 1 އަހަރަށްވުރެ ހަނގުވުން 65 އަހަރަށްވުރެ ދޮށިވުން
v     ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވުން
v     ބަނޑުގައި ގޭސް މަދުކޮށްލާ ބާވަތުގެ ބޭސް (އޮމެޕްރަޒޯލް، ޕެންޓަޕްރަޒޯލް) ބޭނުންކުރުން
v     އާދަޔާ ޚިލާފަށް ގިނައިން ބަނގުރާ ބުއިން
v     ވަރަށް ފަހުން އަރިދަފުސް ރޯގާ ނުވަތަ މޫސުމީ އަރިދަފުސް ރޯގާ، އޫރު ރޯގާ ފަދަ ބައްޔެއް ޖެހިފައިވުން

އަލާމާތްތައް 
ބެކްޓީރިޔާގެ ސަބަބުންޖެހޭ ނިއުމޯނިޔާ : އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް ބެކްޓީރިޔާގެ ސަބަބުން ނިއުމޯނިޔާ ޖެހުމުން ކުރިމަތިވާ އުދަނގޫތައް ފެންނަން ފަށަނީ ކުއްލިއަކަށެވެ. އާންމު ގޮތެއްގައި ނިއުމޯނިޔާގެ އުދަނގޫތައް ފެންނަން ފަށަނީ ރޯގާ ޖެހިގެން އުޅޭ ދުވަސްވަރު ނުވަތަ ރޯގާ ޖެހުމަށްފަހުގައެވެ. ބެކްޓީރިޔާގެ ސަބަބުން ނިއުމޯނިޔާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
v     ކެއްސުން
v     ކެއްސާއިރު އަރިދަފުސް އައުން : އަރިދަފުސް ހުންނާނީ ފެހިކުލައަކަށެވެ. ބައެއް ފަހަރު އަރިދަފުހުގައި ލޭހުރެދާނެ އެވެ.
v     ހުންއައުން
v     ވަރަށް ބޮޑަށް(ތުރުތުރުއަޅާ ވަރަށް) ހީކެރުވުން
v     އަވަސްއަވަހަށް ކުރުކޮށް ނޭވާލެވުން (ނޭވާކުރުވުން)
v     މޭގައި ރިހުން : ކެއްސުމުން ނުވަތަ އެތެރެއަށް ނޭވާލުމުން ތަދު އިތުރުވާނެ އެވެ.
v     ހިތުގެ ވިންދުޖެހުން އަވަސްވުން (މޭތެޅުން)
v     ވަރަށް ބޮޑަށް ވަރުބަލިވެ، ވަރުދޫވުން
v     މޭނުބައިކުރުމާ ހޮނޑުލެވުން
v     ބޭރަށްހިންގުން

ބެކްޓީރިޔާ ނޫން ސަބަބަކާހުރެ ޖެހޭ ނިއުމޯނިޔާ : ބެކްޓީރިޔާ ނޫން ސަބަބަކާހުރެ ޖެހޭ ނިއުމޯނިޔާ ކުރިމަތިވަނީ ލަސްލަހުން، މަޑުމަޑުންނެވެ. މިއީ އެހާ ނުރައްކާތެރި ކަމެއް ނޫނެވެ. ގިނަ މީހުންނަށް މިވައްތަރުގެ ނިއުމޯނިޔާ ހުންނަކަން ފާހަގަ ނުވެވެސް ހިގައިދާނެ އެވެ. އެއީ ގިނަ ފަހަރު މާބޮޑަށް ބަލިނުވާތީ އެވެ. މިވައްތަރުގެ ނިއުމޯނިޔާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
v     ހުންއައުން
v     ކެއްސުން
v     ނޭވާކުރުވުން
v     ކެއްސާއިރު ވަރަށް ކުޑަކޮށް އަރިދަފުސް އައުން

އުމުރުން ދުވަސްވީމީހުންނަށް ނިއުމޯނިޔާގެ ސަބަބުން ކުރިމަތިވާ އުދަނގޫތައް ތަފާތުވެދާނެ އެވެ. ނުވަތަ އާދައިގެ ވަރަކަށް އުދަނގޫތައް ކުރިމަތިވެދާނެ އެވެ. ފަހަރުގައި ހުން ނައިސްފާނެ އެވެ. ކެއްސިޔަށް އަރިދަފުސް ބޭރުނުވެދާނެ އެވެ. އުމުރުން ދުވަސްވީ މީހުންގެ ފުށުން ނިއުމޯނިޔާ ޖެހުމުން ފެނިދާނެ މައިގަނޑު އެއް ކަމަކީ އެމީހުންގެ ވިސްނުމަށް ބަދަލު އައުމެވެ. އެގޮތުން ކަންކަމުގައި ނިޔަތްއަރާރުންވެ، ގޮތެއްނިންމަން ނޭގުމާ، ކަންކަމުގައި ވަހުމާ ޝައްކުތައް ގެންގުޅެވޭގޮތް ވެއެވެ. ފުއްޕާމޭގެ ބައްޔެއް ހުރިނަމަ އެކަން އިތުރަށް ގޯސްވެގެން ދެއެވެ.

ކުޑަކުދިންނަށް ނިއުމޯނިޔާ ޖެހުމުން ދިމާވާ އުދަނގޫތައް އެކުއްޖެއްގެ އުމުރާ ވިދިގެން ތަފާތުވުމަކީ ވެދާނެ ގޮތެކެވެ.
v     އެއްމަހުން ދަށުގެ ތުއްތު ކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ގައިގެ ވަރުދެރަވެ، ހަކަތަ ހުސްވެފައި އޮންނަހެން އޮތުން، ރަގަޅަށް ގާތުން ނުބުއިން، ނޭވާލާއިރު ނޭފަތުންނާ މެއިން އަޑުއައުން، އަދި ހުންއައުން ފަދަ ކަންތައްތައް ހިމެނެއެވެ.
v     ކުޑަކުދިންނަށް ދިމާވާ އުދަނގޫތައް ބޮޑެތި މީހުންނެކޭ އެއްގޮތެވެ.

ދެނެގަތުން
ނިއުމޯނިޔާ ޖެހިފައިވާކަން ދެނެގަނެވެނީ ބަލިމީހާގެ ފުށުން ލިބޭ މައުލޫމާތުތަކާ، ކުރިމަތިވެފައިވާ އުދަނގޫތަކާ، ޖިސްމާނީ ބެލުންތަކަށް ރިއާޔަތްކޮށްގެންނެވެ. މީގެ އިތުރުން ލޭގެ ޓެސްޓުތަކާ، މޭގެ އެކްސްރޭ ނަގައިފާނެ އެވެ. އިތުރު ޓެސްޓުތައް ހެދެނީ އުދަނގޫތައް ކުރިމަތިވެފައިވާ މިންވަރާ، ބަލިމީހާގެ އުމުރާ، އަދި އާންމު ޞިއްޙަތު ހުރިނެތްގޮތެއްގެ މައްޗަށް ބަލާފައެވެ. އާންމު އުސޫލަކުން ބަލާއިރު މާބޮޑަށް ބަލިނަމަ، ހަދަންޖެހޭ ޓެސްޓުތައް ގިނަވާނެއެވެ. އާންމު ގޮތެއްގައި މިފަދަ އިތުރު ޓެސްޓުތައް ބޮޑަށް ހަދައި އުޅެނީ ކުޑަކުދިންނާ އުމުރުން ދުވަސްވީ މީހުންގެ އެވެ.

ވަރަށް ބޮޑަށް ބަލިވުން، މާބޮޑަށް ނޭވާކުރުވުން، ބައްޔަށް މަގުފަހިކުރާ ފަދަކަމެއް ހުރެއްޖެނަމަ، އަރިދަފުސް ޓެސްޓު(mucus test) ކުރުމަކީ އެކަށީގެންވާ ކަމެކެވެ. "ރެޕިޑް ޔޫރިން ޓެސްޓު"(rapid urine test) ކިޔާ ކުޑަކަމު ނަޖިހުގެ ޓެސްޓެއް ވެސް ބައެއް ފަހަރު ހަދައެވެ. މިޓެސްޓު ހެދުމުން ނިއުމޯނިޔާ ޖައްސާ ބައެއް ކަހަލަ ބެކްޓީރިޔާތައް ދެނެގަނެވެއެވެ. އަދި ކުރިޔަށް ގެންދާނެ ފަރުވާ ކަނޑައަޅަން އެހީތެރިވެދެއެވެ.  ބައެއް ފަހަރު އޭޑްސް ބަލި ހުރިތޯ ވެސް ޓެސްޓުކުރެއެވެ. ސަބަބަކީ ފަންގަސްގެ ސަބަބުން ނިއުމޯނިޔާ ޖެހެނީ އޭޑްސް ބަލި ހުންނަ މީހުންނަށް ކަމަށްވާތީ އެވެ. މީގެ އިތުރުން ވަރަށް ނުރައްކާތެރި ދަރަޖައަކަށް ނިއުމޯނިޔާ ޖެހިފައި ހުރިނަމަ އެހެން ބައެއް ޓެސްޓުތައް ވެސް ހަދައި އުޅެއެވެ.

ފަރުވާ
ބެކްޓީރިޔާގެ ސަބަބުން ޖެހޭ ނިއުމޯނިޔާ އަށް ފަރުވާކުރުމަށް އެންޓިބަޔޮޓިކް ބޭނުންކޮށް އުޅެއެވެ. އެންޓިބަޔޮޓިކް ބޭނުންކުރުމުން ގިނަ ފަހަރު ނިއުމޯނިޔާ އެއްކޮށް ރަގަޅުވެއެވެ. އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭ ގޮތާ، ބޭނުންކުރަންޖެހޭ މުއްދަތު، ނިއުމޯނިޔާ ޖެހުނު ސަބަބާ، ބަލިމީހާގެ އުމުރާ ރިއާޔަތްކޮށް ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. އެންޓިބަޔޮޓިކް ފެށުން އަވަސްވި ވަރަކަށް ރަގަޅުވާލެން ވެސް އަވަސްވާނެ އެވެ.
އެންޓިބަޔޮޓިކް ބޭނުންކުރުމުން ވެސް ރަގަޅުނުވާނަމަ، ނުވަތަ އިތުރަށް ގޯސްވާނަމަ، ކަލްޗަރ ހަދަން ޖެހިދާނެ އެވެ، ކަލްޗަރ ހެދުމުން ނިއުމޯނިޔާ ޖެހިފައިވަނީ ކޮން ބެކްޓީރިޔާއެއްގެ ސަބަބުންކަން ހާމަވެ، އެބެކްޓީރިޔާއަށް ފަރުވާކުރުމަށް އެންމެ އެކަށީގެންވާ އެންޓިބަޔޮޓކް ތަކަކީ ކޮބައިކަން ކަނޑައަޅަން އެނގޭނެ އެވެ. އަދި ދޭންފަށާފައިވާ އެންޓިބަޔޮޓިކަށް ހަށިގަނޑުގައި ހުރި ޖަރާސީމު ނުގުޑާނަމަ އެކަން ވެސް އެނގޭނެ އެވެ. އެންޓިބަޔޮޓިކް ބޭނުންކުރަން ފެށުމަށްފަހު ދުވަސް ހަމަނުކޮށް ހުއްޓާލުމަކީ ރަގަޅު ކަމެއް ނޫނެވެ.

ނިއުމޯނިޔާ ޖެހިގެން ފަރުވާކުރަމުންދާ ދުވަސްވަރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ގިނައިން އަރާމުކުރުން، ނިދިހަމަކުރުން، ގިނައިން ދިޔާތަކެތި ބުއިން، އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ރޭގަނޑު ކެއްސައި ގަނެގެން ހޭލެވޭނަމަ ކެއްސުން ކުޑަކުރުމަށް ބޭހެއް ބޭނުންކުރެވިދާނެ އެވެ.

ބެކްޓީރިޔާގެ ސަބަބުން ނިއުމޯނިޔާ ޖެހުމުން ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް
v     އުމުރުން 65 އަހަރަށްވުރެ މަތިވުން
v     އެހެނިހެން ބަލިތައްހުރުން : ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް، ނޭވާހިއްލުން، ހަކުރު ބަލި، ހިތުގެ ބަލި، ގުރުދާގެ ބަލި، މޭގަނޑުގެ ބަލި ފަދަ ދާއިމީ ބައްޔެއްހުރުން
v     އަމިއްލަ ނަފުސަށް އަޅާލުމުގެ ކުޅަދާނަކަން ލިބިފައިނެތުން، ނުވަތަ ބަލީގެ އުދަނގޫތައް ގޯސްވިޔަސް ބުނެދެވޭނެވަރުގެ މީހަކަށްނުވުން
v     ހަށިގަނޑުގެ ޓިޝޫތަކަށް އޮކުސިޖަން ގެންދިއުން ދަށްކޮށްދޭ ފަދަ ބައްޔެއްހުރުން
v     ފުއްޕާމޭގެ ބޭރުގައިވާ ދުލި ދުޅަވުމުގެ ސަބަބުން މޭގައި ރިހުން ކުރިމަތިވެފައިވުން
v     އަމިއްލައަށް ބޭސް ބޭނުންކޮށްގެން ރަގަޅުނުވުން
v     ކައިބޮއި ހެދުމަށް ދަތިވެ، އުދަނގޫވުން

އަރިދަފުސް ރޯގާ ފަދަ ވައިރަސް ތަކުގެ ސަބަބުންޖެހޭ ނިއުމޯނިޔާ އަށް ފަރުވާކުރުމަށް އެންޓިބަޔޮޓިކް ބޭނުމެއް ނުވާނެއެވެ. ވައިރަހުން ޖެހޭ ނިއުމޯނިޔާއަށް ފަރުވާ ކުރުމަށް ވަކިބޭހެއް އަދި ހޯދިފައެއް ނުވެއެވެ. ގޭގައި އަރާމުކުރުމާ، ކެއްސުން ލުއިކުރުމަށް ކުރެވިދާނެ ކަންތައްތައް ކުރުމަކީ މިބައްޔަށް ދެވޭނެ އެންމެ ރަގަޅު ފަރުވާ އެވެ. ނަމަވެސް ފާނަ ބަސަނދު ޖައްސާ ވައިރަސްގެ ސަބަބުން ނިއުމޯނިޔާ ޖެހިއްޖެނަމަ، ވައިރަސް އާ ދެކޮޅަށްދޭ "އެންޓިވައިރަލް"(antivirals) ބޭހެއް ނަގަންޖެހިދާނެ އެވެ.

ރައްކާތެރިވުން
ނިއުމޯނިޔާއިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
v     ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުން
v     އަރިދަފުސްރޯގާ، ފާނަބަސަނދު، ހިމަބިހި، މޫސުމީ އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނާ ގައިގޯޅިނުވުން
v     ގިނަ ގިނައިން އަތްދޮވުން
ވެކުސިން ދިނުން
ނިއުމޯނިޔާއިން ދިފާއުވުމަށް އެހީތެރިވެދޭ ވެކުސިން ހުރެއެވެ. އެގޮތުން ނިއުމޯނިޔާ އިން ރައްކާތެރިވުމަށް އެހީވެދޭ ކުޑަކުދިންނަށް ދީއުޅޭ ވެކުސިން އަށް ކިޔަނީ "ނިއުމޯކޮކަލް ކަންޖުގޭޓް ވެކްސިން"(pneumococcal conjugate vaccine) އެވެ. ބޮޑެތި މީހުންނަށް ދީއުޅޭ ވެކްސިން އަށް ކިޔަނީ "ނިއުމޯކޮކަލް ޕޮލީސެކަރައިޑް ވެކްސިން"(pneumococcal polysaccharide vaccine) އެވެ. ވެކުސިން ދިނުމުން އެއްކޮށް ނިއުމޯނިޔާ އިން ދިފާއުކޮށް ރައްކާތެރިކޮށް ނުދިން ނަމަވެސް، ނިއުމޯނިޔާ ޖެހުމުން ދިމާވާ "ލޭގައި ޖަރާސީމު އެޅުން"(bacteriemia)، "މުޅި ހަށިގަނޑުގެ ލޭފެންނުބައިވުން"(septicemia) ނުވަތަ މުޅި ހަށިގަނޑުގައި ޖަރާސީމު އެޅުން ފަދަ ބައެއް ނުރައްކާތަކުން މިންޖުކޮށްދެއެވެ. މީގެ އިތުރުން ނިއުމޯނިޔާ ޖެހުމަށް މަގުފަހިކޮށްދޭ މޫސުމީ އަރިދަފުސް ރޯގާ، އޫރު ރޯގާ، ހިމަބިހި، ފާނަ ބަސަނދު ފަދަ ބަލިތަކުން ދިފާއުވުމަށް ހުންނަ ވެކުސިންތައް ޖެހުމަކީ ވެސް މުހިއްމު ކަމެކެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :