Wednesday, November 18, 2015

މާބަނޑު ދުވަސްވަރު މެއިންދިލަނެގުން



މާބަނޑު ދުވަސްވަރު - މެއިން ދިލަނެގުން
މާބަނޑުދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ. ބައެއް އަންހެނުންނަށް މެއިން ދިލަނެގުން ފުރަތަމަ ވެސް ކުރިމަތިވަނީ މާބަނޑުވުމަށްފަހު ގައި ކަމަށްވުމަކީ ވެދާނެ ގޮތެކެވެ. މާބަނޑު ދުވަސްވަރު ގިނަ މީހުންނަށް މެއިން ދިލަނެގުމުގެ އުނދަގޫތައް ވާންފަށަނީ އާންމުކޮށް ބަނޑަށް 3 މަސްވުމަށްފަހު ގައެވެ. ނޫނީ ބަނޑަށް ފުރަތަމަ 3 މަސް ފާއިތުވެ ދިއުމަށްފަހު ގައެވެ. ނަމަވެސް ފުރަތަމަ 3 މަހުގެ ތެރޭގައި ވެސް މެއިން ދިލަނެގުމަކީ މަދުން ނަމަވެސް ދިމާވެދާނެ ކަމެކެވެ. ބަލިވެ އިންނަ ކޮންމެ 10 އަންހެނުންގެ ތެރެއިން 8 އަންހެނުންނަށް މާބަނޑުވުމަށްފަހު، ކޮންމެވެސް ދުވަސްވަރެއްގައި މެއިން ދިލަނެގުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. 

ސަބަބު
މާބަނޑު ދުވަސްވަރު މެއިން ދިލަނަގަނީ ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑުގައި އިތުރުވެގެންދާ ހޯރމޯންތަކުގެ ސަބަބުން(ޚާއްޞަކޮށް ޕްރޯޖެސްޓަރޯން) ކާތަކެތި ހިގާ ހޮޅި އާއި، މައިދާ ވަކިކޮށްދޭ ވޭލްގެ މަސްތައް ދޫވެ، ކާތަކެތި އެސިޑާއި އެކު އަބުރާ ކާތަކެތި ހިނގާހޮޅިއަށް ދިއުމުންނެވެ. ދިލަނަގާހެން ހީވާކަހަލަ އިހްސާސެއް ކުރެވެނީ އެސިޑްތައް ކާތަކެތި ހިގާހޮޅީގެ އެތެރޭ ކައިރިފަށުގައި ބީހި، އޭގެ އަސަރުކުރުމުންނެވެ. މެއިން ދިލަނެގުމުގެ އިހްސާސް ބޮޑަށް ހުންނަނީ މޭމަތިން ''ހިތް'' އޮންނަ ހިސާބުގައެވެ. އިގިރޭސިބަހުން މެއިން ދިލަނެގުމަށް ''ހާރޓްބާން''(Heartburn)އޭ ކިޔަނީ މިސަބަބާހުރެއެވެ. 

މާބަނޑު ދުވަސްވަރު ރަހިމުގައިވާ މަހުން ޕްރޯޖެސްޓަރޯން އުފައްދައި ދޫކުރެއެވެ. މިހޯރމޯންގެ ސަބަބުން ރަހިމުގެ މަސްތައް ހަމައަކަށް އަޅުވައިދިނުމުގެ އިތުރުން، ކާތަކެތި ހިނގާހޮޅިއާއި، މައިދާ ވަކިކޮށްދޭ ވޭލްގެ މަސްތައް ވެސް  ދޫވެ،ހަމައަކަށް އަޅުވައިދެއެވެ. މިއީ ތަބީޢީ ގޮތެއްގައި ވަކި ހަމައެއްގެ މަތިން ހުޅުވި ލެއްޕޭ ވޭލް އަކަށް ވުފައި، ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ވޭލް ކުރުގެޅި ފިތި ބެދިފައި ހުރުމުގެ ބަދަލުގައި ، ދޫވެ، ނޫނީ ފޭވެ ހުޅުވި ހަމައަކަށް އެޅުމުގެ ނަތީޖާއަކީ ބަނޑުގައި ހުންނަ އެސިޑްތައް މައްޗަށް ގޮސް ކާތަކެތި ހިނގާހޮޅިއަށް ވާޞިލްވުމެވެ. މިހެންވުމުން މާބަނޑު މީހާއަށް މެއިން ދިލަނެގުން އިހުސާސް ކުރެވޭނެ އެވެ. 

މީގެ އިތުރުން ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ކާތަކެތި ، ކާތަކެތި ހިނގާހޮޅިއާއި، މައިދާ، އަދި ގޮހޮރުގެ ތެރޭގައި ދައުރުވަމުންދާ "ރާޅުބާނީގެ" ހަރަކާތް ވެސް ލަސްކުރުވައެވެ. މިހެންވުމުން ހަޖަމުވުމުން ލަސްވާގޮތް ވެއެވެ. މާބަނޑުވުމަށްފަހު، ވިހަން ކައިރިވެގެން އަންނައިރު، ބޮޑުވެފައިވާ ބަނޑުގެ ސަބަބުން ވެސް ބަނޑުގައި ހުންނަ އެސިޑްތައް މައްޗަށް ގޮސް މެއިން ދިލަނެގުމުގެ އިހުސާސް މާބަނޑު މީހާއަށް ކުރެވުމަކީ ވެދާނެ ގޮތެކެވެ. 

އަލާމާތްތައް
·        މެއިން ދިލަނެގުން އިހުސާސްވުން
·        ކެއުމަށްފަހު މަތިންއަރާގޮތްވުން
މެއިން ދިލަނެގުން ކުޑަކޮށް ލުއިކުރުމަށް ކުރެވިދާނެ ކަންތައްތައް
މިކަމުން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

·        ގޭސް އުފައްދާ ފަދަ ކާބޯތަކެއްޗާއި ދުރުހެލިވުން : އެގޮތުން ދުރުހެލިވާންޖެހޭ ބާވަތްތަކުގެ ތެރޭގައި އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް، ކާބޮނޭޓެޑް ޑްރިންކްސް، ކެފެއިން އެކުލެވޭ ބުއިންތަކާ ކާތަކެތި، ޗޮކްލެޓް، ހުތްމޭވާއި، އެފަދަ މޭވާ ޖޫހުގެ ވައްތަރުތައް، ޓޮމާޓޯ، ރެވި، ރާހުތް، ޕްރޮސެސްކުރި އެއްގަމު މަސް، އަދި ހަވާދުލީ، ކުޅިކޮށް ހަދާފައި ހުންނަ ކާބޯތަކެތި، އަދި މާގިނައިން ތެޔޮއަޅައިގެން ހަދާފައި ހުންނަ ކާބޯތަކެތީގެ ބާވަތްތަކާ ދުރުހެލިވުން މުހިއްމެވެ.
·        އެއްފަހަރާ މާގިނައިން ނުކެއުން : އޭގެ ބަދަލުގައި ލުއިކޮށް ކުދިކުދި އެތިކޮޅުން ގިނަގިނައިންކެއުން ( ދުވާލަކު 6 ނުވަތަ 8ފަހަރު ) މުހިއްމެވެ. މިގޮތަށް ކެއުން ބެހެއްޓުމުން ބަނޑުގައި ގޭސް އުފެދޭ މިންވަރު ކުޑަވާނެ އެވެ. ސަބަބަކީ ކައިރިކައިރިން އިރުއިރުކޮޅާ ކެއުމުން، ކާތަކެތި ބަނޑުގައި ހުންނަ އެސިޑްތައް ހަމައަކަށް އަޅުވައިދޭތީ އެވެ. ކާއިރު އެއްފަހަރާ ކާތަކެތި ދިރުވާލުމުގެ ބަދަލުގައި ރަނގަޅަށް ކާތަކެތި ހަފައިގެން ލަސްލަހުން ކެއުން ބުއްދިވެރި އެވެ. ކެއުމަށްފަހު އަރާމުކޮށްލުމަކީ ވެސް މުހިއްމު ކަމެކެވެ.
·        ކާވަގުތު މާގިނައިން ދިޔާތަކެތި ނުބުއިން : ކާވަގުތު މާގިނައިން ދިޔާތަކެތި ބުއިމަކީ ބަނޑުއަވަހަށް ފުރޭނެ ކަމެކެވެ. އަދި ބައެއް ފަހަރު އޭގެ ސަބަބުން ބަނޑަށް އުނދަގޫވެދާނެ އެވެ. ދިޔާތަކެތި ބުއިން ރަނގަޅީ އެއްފަހަރު ކެއުމާއި، އަނެއް ފަހަރު ކެއުމާއި ދެމެދުގެ އޮންނަ ވަގުތުގައެވެ. އެގޮތުން ދުވާލަކު މަދުވެގެން 12-8 ތަށީގެ ފެން ބުއިމަކީ އެދެވިގެންވާ ކަމެކެވެ. ދިޔާތަކެތި ބޯއިރު ވެސް ލަސްލަހުން ބުއިން މުހިއްމެވެ. ދިޔާތަކެތި ބޯއިރު ކަޅުސައި،ކޮފީފަދަ ބުއިންތަކާއި ދުރުހެލިވުން މުހިއްމެވެ. އޭގެ ބަދަލުގައި ކުޑަކޮށް ފިނިކޮށްލައިގެން ކިރު ތަށްޓެއް ފަދަ އެއްޗެއް އެތިފޮދުފޮދުން ބޮވިދާނެއެވެ.
·        ކައިނިމިގެން ޗުއިންގަމެއް ހަފާލުން : ޗުއިންގަމް ހެފުމަކީ ކުޅުބޭރުކުރުމަށް އެހީވެދޭ ކަމެކެވެ. ކުޅަކީ އެސިޑްތައް "ނިއުޓްރަލައިޒް" (ހަމައަކަށް އަޅުވައިދޭ) އެއްޗެކެވެ.
·        ނިދަން ކައިރިކޮށްފައި ނުކެއުން : ނިދަން އޮށޯންނަންވާނީ ކައިނިމޭތާ އެންމެ މަދުވެގެން 3-2 ގަޑިއިރު ފަހުންނެވެ.
·        ނިދަންއޮންނައިރު ބޯދަށަށް އިތުރު ބާލީހެއްލައި ބޯ ކުޑަކޮށް އުފުލައި އުސްކޮށްގެން އޮވެ ނިދުން : މިގޮތަށް އޮށޯވެގެން އޮތުމުން އެސިޑްތައް ކާތަކެތި ހިނގާހޮޅިއަށް އެރުން ކުޑަކޮށްދޭނެ އެވެ.
·        ގަޔަށްދޫކޮށް ހުންނަ ފަސޭހަ ހެދުންލުން : މާގަޔަށް ޚާއްޞަކޮށް އުނަގަނޑާއި ބަނޑުމައްޗަށް ބާރުކޮށް ހުންނަ ހެދުންލުމަކީ ބަނޑަށް އުނދަގޫވާނެ ކަމެކެވެ.
·        ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބަނޑުގައިވާ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެކެވެ. މީގެ އިތުރުން ބަނޑުގައި އުފެދޭ ގޭހުގެ މިންވަރު އިތުރުވާނެ ކަމެކެވެ.
·        ހަށިގަނޑުތެދަށްބަހައްޓައިގެންއިނުން: ކާން އިށީދެގެން އިންނަ ވަގުތު ހަށިގަނޑު ތެދަށް ބެހެއްޓުމަކީ ރަނގަޅު ކަމެކެވެ. ކައި ނިމިގެން ވެސް ގަޑިއެއްހާއިރު ވަންދެން ހަށިގަނޑު ތެދަށް ބަހައްޓާށެވެ.
މައުލޫމާތު :

މާބަނޑުދުވަސްވަރު އަވަސްއަވަހަށް ކުޑަކަމުދާންޖެހުން



މާބަނޑު ދުވަސްވަރު - އަވަސްއަވަހަށް ކުޑަކަމުދާންޖެހުން
ބަލިވެއިނުމާއި ގުޅިގެން އާންމުކޮށް ކުޑަކަމުދާންޖެހޭ މިންވަރަށްވުރެ ގިނައިން ކުޑަކަމުދާންޖެހުމަކީ ވަރަށް އާންމުކަމެކެވެ. ބަލިވެއިންކަން އެނގުމުގެ ކުރިން ވެސް މާގިނައިން ކުޑަކަމުދާންޖެހުމަކީ ވެދާނެ ކަމެކެވެ. އެހެނީ ބަލިވެއިންކަން ކުރީކޮޅު އެނގޭ ނިޝާންތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާންޖެހުން (މާގިނައިން ކުޑަކަމުދާންޖެހުން) ހިމެނެއެވެ. އާންމުކޮށް މާގިނައިން ކުޑަކަމުދާން ޖެހުން ކުރިމަތިވަނީ ފުރަތަމަ 3 މަހާއި، ފަހު 3 މަހުގެ ތެރޭގައެވެ. ނުވަތަ މާބަނޑުވާތާ ކުރީކޮޅާއި، ވިހަން ކައިރިވެގެން އަންނަ ދުވަސްވަރުގައެވެ. މިކަން ބަލިވެ އިންނަތާ ކުރީކޮޅު ދިމާވެފައި، މެދުތެރެއިން ރަނގަޅުވެފައި، ދުވަސްފުރެން ކައިރިވުމުން އަލުން ދިމާވާގޮތް ވެއެވެ. 

ސަބަބު
މާބަނޑު ދުވަސްވަރު ހޯރމޯންތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ގުރުދާ ގައި ލޭދައުރުކުރާ މިންވަރު %35ން %60އިންސައްތަ އަށް މަތިވެއެވެ. ގުރުދާގައި ލޭދައުރުކުރާ މިންވަރު އިތުރުކުރާ ވަރަކަށް ގުރުދާއިން ލޭފުރާނައި، ސާފުކޮށް، ކުޑަކަމުދާ ތަކެތި އުފެދޭ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. 

ގިނަގިނައިން ނުވަތަ އިރުއިރުކޮޅާ ކުޑަކަމުދާންޖެހުމުގެ އަސްލަކީ މިއީއެވެ. މާބަނޑުވާތާ ކުރީކޮޅު ހަށިގަނޑުން މާބަނޑު ހޯރމޯން (ހިއުމަން ކޮރިއަނިކް ގޯނާޑޮޓްރޮޕިން ހޯރމޯން) އުފައްދާނެއެވެ. މިހޯރމޯންގެ ސަބަބުން ކުޑަކަމުންދާންޖެހުން އިތުރުވާނެއެވެ. މާބަނޑުވެ ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑުގައި ތަބީއީގޮތުން ދިޔާތަކެތި ހިފެހެއްޓިފައި ހުންނަ މިންވަރު އިތުރުވަމުންދާނެ އެވެ. މާނައަކީ ކުޑަކަމު ނަޖިސް އުފެދޭ މިންވަރު ވެސް އިތުރުވަމުންދާނެ އެވެ. މިއީ މާބަނޑު ދުވަސްވަރު ދޫކުރާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ދިމާވާ ކަމެކެވެ. 

ބަލިވެ އިންނަތާކުރީކޮޅު މިގޮތަށް ކުޑަކަމުދާންޖެހުމުގެ ސިއްރަކީ މައިމީހާގެ ރަހިމު ބޮޑުވަމުން އަންނައިރު އުފެދޭ ޕްރެޝަރުގެ ސަބަބުން މަސާނާ ފިތޭގޮތް މެދުވެރިވެ، ކުޑަކަމުދާތަކެތި އުފެދޭ މިންވަރު އިތުރުވުމެވެ. މަސާނާ ހުސްކޮށް ހުރިނަމަވެސް ކުޑަކަމުދާން ބޭނުންވާކަހަލަ އިހްސާސްއެއް ކުރެވެއެވެ. އެއީ ބޮޑުވަމުންދާ ރަހިމުގެ ސަބަބުން މަސާނާ ފިތި، ފުރިފައިވާ ކަމުގެ އިހްސާސެއް ގެނެސްދޭތީއެވެ. ރަހިމުބޮޑުވެ، މައްޗަށް އުފުލި ބަނޑުގައިވާ ހުސްތަނަށް ވާސިލްވާއިރު މަސާނާ އަށް ފިތޭ މިންވަރު ދަށްވެ،މިކަމަށް ލުއިކަމެއް ލިބެއެވެ. ބައެއް ކުޑަކަމުދެވި ނިމޭއިރު ވެސް މަސާނާ ހުސްނުވާކަމުގެ އިހުސާސެއް ކުރެވިދާނެ އެވެ. 

ވިހަންކައިރިވެގެން އަންނައިރު ( ފަހުމަސްތަކުގައި ) މިކަމުގެ އުދަގޫ އަނެއްކާވެސް ފެންނަށް ފަށައެވެ. އެއީ ކުޑަދަރިފުޅުގެ ބޯ މަސާނާގައި ޖެހި މަސާނާފިތޭތީއެވެ. ޚާއްޞަކޮށް ފަހުކޮޅުގައި ރޭގަނޑު އެތައް ފަހަރަކު ކުޑަކަމުދާން ބޭނުންވެގެން ހޭލެވުމަކީ ވެދާނެކަމެކެވެ. ޚާއްޞަކޮށް އަތްފައި ދުޅަވެ ފޮއްސިވާނަމަ ރޭގަނޑުގައި ކުޑަކަމުދާން ހޭލަންޖެހުން އިތުރުވެއެވެ. މިގޮތަށް ދިމާވަނީ ދުވާލުގެ ވަގުތުތަކުގައި ފައިތިލަ އާއި، ފައިގައި ޖަމާވެފައި ހުންނަ ދިޔާތަކެތި، ރޭގަނޑުގެ ވަގުތުތަކުގައި ނިދަން އޮށޯވެއޮންނައިރު، އަނބުރާ މައްޗަށްގޮސް، ލޭގެ އާރުގެ ތެރެއިން ގުރުދާއަށްގޮސް، ފުރާނައި، ސާފުކޮށް، ކުޑަކަމުނަޖިސް އުފައްދައި، މަސާނާއަށް ފޮނުވާތީ އެވެ. 

ވިހަންކައިރިވެގެން އަންނައިރު ފަހުމަސްތަކުގައި ކެއްސުން، ހުނުން، ކިބިހިއެޅުން، ބަރުތަކެތި އުފުލުން، ޖޮގިން ފަދަ ކަސްރަތުކުރުން މިފަދަ ހާލަތްތަކުގައި ބައެއް މީހުންނަށް ނުހިފެހެއްޓިގެން ކުޑަކަމުދެވޭގޮތް ވެއެވެ. ބައެއް ފަހަރު ވިހެއުމަށްފަހު ވެސް މިއުދަނގޫ ހުރެދާނެ އެވެ. މިފަދަ ހާލަތްތަކުގައި ކުޑަކަމުދާން ޖެހުމުން ހިފަހައްޓައިގެން ހުރުމުގެ ބަދަލުގައި އަވަހަށް ކުޑަކަމުދިއުމަކީ ބުއްދިވެރި ކަމެކެވެ. 

ބައެއް ފަހަރު މާބަނޑު ދުވަސްވަރުގައި ވެސް މަސާނާގައި ޖަރާސީމު އެޅުން ފަދަ ކަމެއްގެ ސަބަބުން އަވަސް އަވަހަށް ކުޑަކަމުދާންޖެހުން ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. 

އަލާމާތްތައް :
·         މާއަވަސް އަވަހަށް ކުޑަކަމުދާންޖެހުން
·         ކުޑަކަމުދިއުމަށްފަހު ހޮޅި ސާފުނުވާހެން ހީވުން
·         އަލުން ކުޑަކަމުދާން ވާހެން ހީވުން
·         ނިދުމަށްފަހު ވެސް ކުޑަކަމުދާންޖެހުން 

އަވަސް އަވަހަށް ކުޑަކަމުދާންޖެހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
·         ކޮފީ، ކޯލާ، ކަޅު ސައި، ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން
·         ކުޑަކަމުދާ ވަގުތު ކުރިޔަށް ކުޑަކޮށް ލެބިލައި، ބާރުލައިގެން ނަމަވެސް މަސާނާ ރަގަޅަށް ހުސްކުރުން
·         ދުވާލު ގިނަގިނައިން ދިޔާތަކެތި ބުއިން
·         ރޭގަނޑު ތެދުވާންޖެހޭނަމަ، އިރުއޮއްސޭ ފަހުން، ނުވަތަ އިރާކޮޅު މާގިނައިން ދިޔާތަކެތި ނުބުއިން : އޭރުން ރޭގަނޑުގެ ގަޑިތަކުގައި ކުޑަކަމުދާންޖެހުން މަދުކޮށްދޭނެ އެވެ. ހެދުނާއި މެންދުރުފަހު ގިނައިން ދިޔާތަކެތި ބޯން އާދަކުރާށެވެ.
·         ޚާއްޞަ ކަސްރަތެއްކުރުން : މާގިނައިން ކުޑަކަމުދާންޖެހުން ކުރިމަތިވާނަމަ ''ކީޖެލް އެކްސަސައިޒް'' އޭ ކިޔޭ ކަސްރަތެއް ކުރެވިދާނެއެވެ. މިކަސްރަތުގެ ސަބަބުން ޅިނދު، އަދި ކުޑަކަމުދާ ހޮޅީގެ ވަށައިގެންވާ މަސްތަކުގެ ބާރުގަދަވެ، ކުޑަކަމުދާތަކެތި ބޭރުވުން ކުޑަކުރުމަށް އެހީތެރިވެދެއެވެ. މިކަސްރަތު ކުރަން ފެށުމުގެ ކުރިން ކުޑަކަމުގޮސް ރަގަޅަށް މަސާނާ ހުސްކޮށްލުމަކީ މުހިއްމު ކަމެކެވެ.
ކުޑަކަމުދިއުމުގެ ތެރޭގައި ރިއްސުން، ދިލަނެގުން، ކުޑަކަމުދާތަކެތީގެ ތެރޭގައި ދޮސް، ނުވަތަ ލޭ ހުރުން، ރޭގަނޑުގެ ވަގުތުތަކުގެ ތެރޭގައި އެއްފަހަރު ކުޑަކަމުދިއުމަށްފަހު އިރުކޮޅެއްފަހުން ދެވަނަ ފަހަރަށް ވެސް ކުޑަމަކުދާންޖެހުން، މިއިން ކަމަކުންކުރެ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ. އެހެނީ އިސްވެ ބަޔާންކުރެވުނު ކަންތައްތަކަކީ ކުޑަކަމުދާ ނިޒާމް ގައި ބައްޔެއް ހުރުމުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެވެ. ކުޑަކަމުދާތަކެތި އުފައްދާ ބޭރުކުރާ ނިޒާމްގައި ބައްޔެއް ހުރިކަން އެގިއްޖެނަމަ ވަގުތުން ފަރުވާކުރަން ހަދާންކުރާށެވެ. އެހެނީ މިފަދަ ހާލަތުގައި ފަރުވާކުޑަކޮށްފިނަމަ ދުވަސްނުފުރާ ވިހެއުން ފަދަ ކަމެއް ކުރިމަތިވެދާނެއެވެ.

މައުލޫމާތު :
·         ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}


މާބަނޑުދުވަސްވަރު ބަނޑުހިކުން



މާބަނޑު ދުވަސްވަރު - ބަނޑުހިކުން
މިއީ ބަލިވެއިންނަ %50އިންސައްތަ އަންހެނުން ކުރާ ޝަކުވާއެކެވެ. ބަލިވެ އިނުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި މާބަނޑު މީހުންނަށް ބަނޑުހަރުވުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބަނޑުހިކުމަކީ އޭގެ ސަބަބުން މާބޮޑު ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ނޫނެވެ. ނަމަވެސް ފުރަގަސް ފަރާތް ފައިބައިފައިވާ މީހުންނަށް ބަނޑުހަރުވުމަކީ އިތުރު އުދަނގޫތައް ތަހައްމަލުކުރަންޖެހޭނެ ކަމެކެވެ.

ސަބަބުތައް
އާންމު ނަޒަރަކުން ބަލާއިރު، ހާސްވެކަންބޮޑުވުމާއި، ފިކުރުބޮޑުވުން، ހެލިފެލިވެއުޅުން މަދުވުން، އަދި ކާނާގައި ފައިބަރު ހިމެނޭ މިންވަރު މަދުވުމަކީ ބަނޑުހިކުން ކުރިމަތިކޮށްފާނެ ކަންތައްތަކެވެ. ބަލިވެއިނުމާއި ވިދިގެން ރަހިމު ބޮޑުވެ، ފުޅާވުމުން ފުރަގަސް ފަރާތްފިތޭގޮތްވުމާއި، ޕްރޯޖެސްޓަރޯން ހޯރމޯން އިތުރުވުމާއި ގުޅިގެން، ބަނޑާއި ގޮހޮރުގެ މަސްތައް ފިތިކުރުގެޅުމުގެ ބަދަލުގައި، ފުޅާވެ ހަމައަކަށް އެޅުމުން، ހަޖަމުކުރާ ނިޒާމް ގައި ކާތަކެތި ހަރަކާތްކުރުން ދަށްކޮށްލައެވެ. މިއީ ބަނޑުހިކުން މެދުވެރިކުރުވާ މައިގަނޑު ސަބަބުތަކެވެ. އިސްވެދެންނެވުނު ގޮތަށް ހަޖަމުކުރާ ނިޒާމްގައި ކާތަކެތި ހިގުން ނުވަތަ ހަރަކާތްކުރުން ދަށްވުމުން ކާތަކެތި ގޮހޮރުގައި ހުންނަ ވަގުތު އިތުރުވެ، ފެން ހަށިގަނޑަށް ދަމާމިންވަރު ގިނަވެއެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުގައި ހުރި ތަކެތި ހަރުވެ، ބޭރުވާން އުދަގޫވެއެވެ. ބަނޑުހިކުމުގެ މައިގަނޑު ސިއްރަކީ މިއީ އެވެ. 

ބައެއް ފަހަރު މާބަނޑު ދުވަސްވަރު ކެއުމަށް ލަފާދޭ ދަގަނޑު ބޭހުގެ ސަބަބުން ވެސް ބަނޑުހަރުވުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން ދަގަނޑު ބޭސް ބޭނުންކުރާނަމަ، އެކަށޭނަ ވަރަށް ދިޔާތަކެތި (ފެން) ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ބަނޑު ހަރުވުމުގެ ފުރުޞަތު ކުޑަހެން ހީވާ ކަހަލަ ދަގަނޑު ބޭހުގެ ވައްތަރެއް ޑޮކްޓަރުގެ ލަފާގެ ދަށުން ބޭނުންކުރެވިދާނެ އެވެ. 

އަލާމާތްތައް :
·         ބޮޑުކަމު ދެވުން މަދުވެފައި، ބަނޑުހިކި ހަރުކޮށް ފާޚާނާއަށް ދެވުން
ބަނޑުހިކުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
މާބަނޑު ދުވަސްވަރު ކުރިމަތިވާ ބަނޑުހިކުމުގެ އުދަނގޫތައް ކުޑަކޮށް، އެކަމުން ރައްކާތެރިވެ ހުރުމަށް އަންނަނިވި ކަންތައްތައް އެހީއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ. 

·         ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ބޭނުންކުރުން : ފައިބަރު އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި މޭވާ އާއި، ތަރުކާރީގެ ބާވަތްތައް، ސީރިއަލް،  ޕާން، ފަދަ ގޮދަނުން ހަދާފައި ހުންނަ ބާވަތްތައް، އަދި ފަތްޕިލާވެލީގެ ބާވަތްތައް  ހިމެނެއެވެ. ރޯމޭވާ،ތަރުކާރީ،ގްރެއިން ސެރެލްސް،ޕާން ފަދަ ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރާ އިރު މޭވާ، ނުވަތަ ތަރުކާރީ އެކުލެވޭ ޖޫސް ބޭނުން ކުރެވިދާނެއެވެ. މިގޮތުން ދުވާލަކު 1 ނުވަތަ 2ތަށި ޖޫސް ބޯށެވެ.މިގޮތުން ޕްރޫން ޖޫހަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. 
·         ގިނައިން ފެނާއި، ދިޔާތަކެތި ބުއިން : ފައިބަރުން މުއްސަދި ކާނާ ބޭނުންކުރާއިރު ގިނައިން ދިޔާތަކެތި ބުއިމަކީ ވަކިން މުހިއްމު ކަމެކެވެ. އެގޮތުން ދުވާލަކު 12-8 ތަށީގެ ދިޔާތަކެތި (ފެން) ބުއިމަށް ސަމާލުކަންދިނުން މުހިއްމެވެ. ބަނޑުހިކުން ލުއިކުރުމަށް އެންމެ ފަސޭހަ ގޮތަކީ ފައިބަރުން މުއްސަދި ކާނާ ބޭނުންކުރުމާއި، ދިޔާތަކެތި ގިނައިން ބޭނުންކުރުމެވެ. އެގޮތުން ކޮންމެ ދުވަހަކު މޭވާ ޖޫސް ތަށްޓެއް (ޚާއްޞަކޮށް ޕްރޫން ޖޫސް) ބޭނުންކުރުމަކީ ބަނޑުހިކުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިޔާ އެއްޗެތީގެގޮތުގައި ކޮފީ، ކަޅުސައި، ކޯލާ، އެނާޖީ ޑްރިންކް، އަދި ފިޒީ ޑްރިންކްގެ ބާވަތްތައް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މިސަބަބަކީ މިފަދަ ބުއިންތަކުގެ ސަބަބުން ހަށިގަނޑުން ލޮނާއި، ފެން ބޭރުވާ މިންވަރު އިތުރުވެ، އިތުރަށް ހަށިގަނޑުން ލޮނާ ފެން މަދުވެގެންދާގޮތް ވެއެވެ.
·         ގަވާއިދުން ކަސްރަތުކުރުން : ހެލިފެލިވެއުޅުން މަދުވުމަކީ ބަނޑުހަރުވުމަށް މަގުފަހިވާނެ ކަމެކެވެ. ހިނގުން، ފެތުން ކަސްރަތީ ބައިސްކަލް ދުއްވުން، ފަދަ ކަސްރަތުތަކަކީ ގޮހޮރުގެ ހަރަކާތް އިތުރުކޮށްދޭ، ކަންކަމެވެ. ހަފްތާއަކު 5 ދުވަހު ދުވާލަކު މަދުވެގެން ½ ހާއިރު ކަސްރަތުކުރުމަކީ އެދެވިގެންވާ ކަމެކެވެ. ގަވާއިދުން ކަސްރަތުކުރާނަމަ، ބަނޑުހަރުވުމާ ދުރުކޮށްދެއެވެ.
·         ދަގަނޑު ބޭސް ބޭނުންކުރާ މިންވަރު މަދުކުރުން : ދަގަނޑު ބޭސް ބޭނުންކުރުމަކީ ބަނޑުހަރުވެދާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ދަގަނޑުން މުއްސަދި ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން މުހިއްމެވެ. ދަގަނޑު ބޭސް އެއްފަހަރާ ނެގުމުގެ ބަދަލުގައި ދުވާލުގެ އެކި އިރަށް ބަހާލައިގެން ނެގޭނެ ގޮތެއް އޮތްނަމަ، ޑޮކްޓަރުގެ ލަފާގެ މަތިން އެގޮތަކަށް ބަދަލުކުރެވިދާނެ އެވެ.
·         އަމިއްލައަށް ބޭސް ނަގައިގެން ބޭނުންނުކުރުން : މާބަނޑު ދުވަސްވަރު ބަނޑުހިކުން ލުއިކުރުމަށް ޑޮކްޓަރުގެ ލަފަޔާނުލައި، އެއްވެސް ބޭހެއް ބޭނުންކުރުމަކީ ރަގަޅު ގޮތެއް ނޫނެވެ. ސަބަބަކީ އެގޮތުން ބޭނުންކުރާ ބޭހެއްގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ބަނޑުގައިވާ ދަރިފުޅަށް ކޮށްފާނެތީ އެވެ. ބަނޑުދިޔާކުރުމަށްދޭ ޖުއްލާބު ގުޅަ ފަދަ ތަކެތި މާބަނޑު ދުވަސްވަރު ޑޮކްޓަރެއްގެ ލަފަޔާ ނުލާ ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ވޭންވަރު އައިސް، (ރިހުން އައިސް) ހަށިގަނޑުން ފެނާއި، ލޮނު މަދުވާގޮތް ވެދާނެތީ އެވެ.
·         ބޮޑުކަމުދާން ޖެހުމުން ނުގޮސް ހިފަހައްޓައިގެން ނުހުރުން : މިގޮތަށް ބޮޑުކަމުދާން ޖެހުމުން ނުގޮސް މަޑުކުރުމަކީ ބަނޑުހިކުމަށް މެދުވެރިވެދާނެ ކަމެކެވެ.
·         މާގިނަ ދުވަހު އުނދަގޫވާނަމަ ޑޮކްޓަރަށް ދެއްކުން 

ބަނޑުހިކުން ލުއިކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
·         ހެދުނު ހޭލައިގެން ހައިބަނޑާހުރެ، ތާފަނާ ފެން ތަށްޓަކަށް ލުނބޯ ފޮއްޗެއް ވައްޓާލުމަށްފަހު އިރުކޮޅެއްކޮށްފައި ބުއިން
·         އޮރެންޖު، ގުރޭޕް ފުރުޓް، މޭބިސްކަދުރު، ޔޫސުފުއަފަންދީ ފަދަ މޭވާގެ ބާވަތްތައް ބޭނުންކުރުން
·         ހިއްކި ޕްރޫން، ހިއްކި އެޕްރިކޮޓް، އަދި ހިކި މޭބިސްކަދުރު ބޭނުންކުރުން
·         ސިލެރީ، ބޯވެލިފަތް، ކެބެޖް، ކޮޕީ ފަތް، ކުއްޅަފިލާފަތް ފަދަ ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކުރުން
·         އޮށާއި، މުގާއި، މަދުގެ ބާވަތްތައް ބޭނުންކުރުން
·         އިސްޕަގުލަ ފެން، ނުވަތަ ފަނި ބޭނުންކުރުން
މައުލޫމާތު :
·         ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}