Thursday, May 12, 2016

އެންޑޯމެޓްރީއޯސިސް : ރަހިމުގެ ޓިޝޫތައް ރަހިމުން ބޭރުގައި ހުރުން

އެންޑޯމެޓްރީއޯސިސް : ރަހިމުގެ ޓިޝޫތައް ރަހިމުން ބޭރުގައި ހުރުން
އެންޑޯމެޓްރީއޯސިސް އަކީ ރަހިމުގެ އެތެރެއިން ލެވިފައިވާ ބަތާނަފަށް "އެންޑޯމެޓްރީއަމް"ގެ ޓިޝޫތައް ނޫނީ ހަތާތައް، ރަހިމުން ބޭރުގައި ހުރުމެވެ. ނޫނީ އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި އުފެދި، އަށަގަތުމެވެ. މިގޮތުން އެންޑޯމެޓްރީއަމްގެ ޓިޝޫތައް އެންމެ ގިނައިން ހަރުލަނީ ބިސްއުފައްދާތަން، ބިސްދަތުރުކުރާހޮޅި، މަސާނާ، ހިމަގޮހޮރު ނޫނީ ޅިނދު ހިމެނޭ ހިސާބުގެ ކޮންމެވެސް ޓިޝޫއެއްގައެވެ. 


މައްސަރުގެ ތެރޭގައި އަންނަ ބަދަލުތައް ކުރިމަތިވަނީ އަންހެނާގެ ރަހިމުގެ އެންމެ އެތެރެއިން ލެވިފައިވާ ބަތާނަ ފަށް ނުވަތަ ދުލިފަށް "އެންޑޯމެޓްރީއަމް" އަށެވެ. އެހެންކަމުން އެންޑޯމެޓްރީއަމްގެ ހަތާތައް ނޫނީ ޓިޝޫތައް ރަހިމުން ބޭރުގެ ހިސާބެއްގައި އަށަގެންފައި ހުރިނަމަ، މައްސަރު ދުވަސްވަރު ރަހިމުގެ އެތެރޭގެ ބަތާނަފަށަށް އަންނަ ބަދަލުތައް، ރަހިމުން ބޭރުގައި އެންޑޯމެޓްރީއަމްގެ ޓިޝޫތަކަށް ވެސް އަންނާނެއެވެ. އެޓިޝޫތައް ބޯވެ، ފަޅައިގެންގޮސް، ލޭއަންނާނެއެވެ. މާނައަކީ އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި އަށަގެންފައި ހުރި ހިސާބަކުން ވެސް މައްސަރުގެ ތެރޭގައި ރަހިމުން ލޭ ފައިބާ އުސޫލުން ލޭފައިބާނެއެވެ. 

ރަހިމުން ބޭރުގައި ހުރި އެންޑޯމެޓްރީއަމްގެ ޓިޝޫތައް ހަށިގަނޑުން ބޭރުވާނެ ގޮތެއް ނެތުމުން އެޓިޝޫތައް ތާށިވެ، ހަރުލާގޮތްވެއެވެ. މާނައަކީ ރަހިމުން ފިޔަވައި އެހެން ގުނަވަންތަކުން ބޭރުވާ ލޭ ހަށިގަނޑުން ބޭރުކޮށެއް ނުދެއެވެ. އަދި މިގޮތަށް ލޭފައިބާ ގުނަވަންތަކުގައި ލޭބަޑި އުފެދުމާއި، ހަލާކުވެ، ލަކުނުލައި، ކައިރީގައިވާ ގުނަވަންތަކާ ތަތްވުމަކީ ވެދާނެ ގޮތެކެވެ. މިފަދަ ހާލަތުގައި ބައެއް އަންހެނުންނަށް އެއްވެސް އުނދަގުލެއް ދިމާނުވިޔަސް، އަނެއް ބައި އަންހެނުންނަށް މައްސަރުގެ ތެރޭގައި ވަރަށް ބޮޑަށް ވޭންއެޅުމަކީ ވެދާނެ ގޮތެކެވެ. މިކަން ބަރޯސާވެފައި އޮންނަނީ އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި ހުރި މިންވަރު، އެޓިޝޫތައް ހަރުލާފައި ހުރި ގުނަވަން، އަދި އެކަމުގެ ސަބަބުން ލޭފައިބާ މިންވަރާއި، ލިބޭ ގެއްލުމެއްގެ މައްޗަށެވެ. އެންޑޯމެޓްރީއޯސިސް އަކީ ދަރިމައިވުމަށް ހުރަސްއަޅައިފާނެ ކަމެކެވެ. 

ސަބަބުތައް
އެންޑޯމެޓްރީއޯސިސް ދިމާވާ ހަގީގީ ސަބަބެއް ކަނޑައެޅިގެން ބުނެދޭކަން ނޭނގެއެވެ. ނަމަވެސް ބެލެވޭގޮތުގައި އެންޑޯމެޓްރީއޯސިސް ދިމާވުމަށް މެދުވެރިވެދާނެ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ. 

(ހ) މައްސަރުގެ ލޭ ހަށިގަނޑުގެ ތެރެއަށް ފޭބުން (Retrograde menstruation): މީގެ މާނައަކީ މައްސަރުގެ ލޭ ހަށިގަނޑުން ބޭރަށް ފޭބުމުގެ ބަދަލުގައި ފަހަތަށްގޮސް، ބިސްދަތުރުކުރާ ހޮޅިއަށް އެޅި، ފަހަށް ޖެހި، ހަށިގަނޑުގެ ތެރެއަށް(ޅިނދު ހިމެނޭ ހިސާބުގެ އެތެރެއަށް) ފޭބުމެވެ. މިގޮތަށް މައްސަރުގެ ލޭ ހަށިގަނޑުގެ ތެރެއަށް ފައިބާއިރު، ރަހިމުގެ އެތެރެއިން ލެވިފައިވާ ބަތާނަ ފަށަލައިގެ ސެލްތައް ވެސް ހަށިގަނޑުގެ އެތެރެއަށް ލެޔާއެކުވެގެން ފައިބާނެއެވެ. އަދި މިފަދަ ސެލްތައް ޅިނދު ހިމެނޭ ހިސާބުގެ އެތެރޭގެ ދާރަތަކާއި، އެހިސާބުގެ ގުނަވަންތަކުގެ ސަތަހަ ތަކުގައި ތަތްލައި، ހަރުލާނެއެވެ. އަދި އެހިސާބުތަކުގައި އެސެލްތައް، ބޯވެ، ކޮންމެ މައްސަރެއްގެ ތެރޭގައި އެހިސާބަކުން ރަހިމުން ލޭފައިބާ އުސޫލުން ލޭފައިބާނެއެވެ.

(ށ) އެމްބްރިޔޯގެ ސެލްތައް ހެދިބޮޑުވުން : ބަނޑާއި، ޅިނދު ހިމެނޭ ހިސާބުގެ އެތެރޭގެ ބަތާނަ ފަށްތަކުގެ ސެލްތައް އުފެދިގެން އަންނަނީ އެމްބްރިޔޯގެ ސެލްތަކުންނެވެ. ބަނޑު ހިމެނޭ ހިސާބުގެ އެތެރޭގެ ކުޑަ ތަންކޮޅެއްގައި ވިޔަސް، އެންޑޯމެޓްރީއަމްގެ ޓިޝޫތައް އުފެދޭގޮތްވެއްޖެނަމަ، އެންޑޯމެޓްރީއޯސިސް ފެންމަތިވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ބަނޑުގައި އޮންނަ އިރު ރަހިމުން ބޭރުގައި މިފަދަ އެންޑޯމެޓްރީއަމްގެ ސެލްތައް އުފެދިފައި ހުރުމަކީ ވެދާނެ ގޮތެކެވެ. 

(ނ) އޮޕަރޭޝަނަކަށްފަހު ލަކުނަކުން އެންޑޯމެޓްރީއޯސިސް އުފެދުން : ރަހިމުނެގުން، ވިހެއުމަށް އޮޕަރޭޝަން ކުރުމަށްފަހު، ކަފައިލާ ތަނުގައި އެންޑޯމެޓްރީއަމްގެ ޓިޝޫތައް ތަތްވެ ހަރުލުމަކީ ވެދާނެގޮތެކެވެ. އަދި އެތަނެއްގައި އެންޑޯމެޓްރީއޯސިސް އުފެދިގެން އަންނަގޮތް ވެދާނެ އެވެ. 

(ރ) އެންޑޯމެޓްރީއަމްގެ ސެލްތައް ނަގުލުވުން : ލޭހޮޅިތަކާއި، ލިމްފް ހޮޅިތަކުގެ ތެރެއިން އެންޑޯމެޓްރީއަމްގެ ސެލްތައް ހަށިގަނޑުގެ އެހެން ހިސާބުތަކަށް ނަގުލުވުމަކީ ވެދާނެ ގޮތެކެވެ. ސިޒޭރިއަން ހެދުން، ނޫނީ ވިހެއުމަށް ކަފާލުން ފަދަ ކަންކަމުގެ ތެރެއިން އެންޑޯމެޓްރީއަމްގެ ޓިޝޫތައް ނަގުލުވުމަކީ ވެސް ވެދާނެ ގޮތެކެވެ. 

(ބ) ދިފާއީ ނިޒާމުގައި އުނިކަމެއްހުރުން : ދިފާއީ ނިޒާމުގައި ހުންނަ އުނިކަމަކުން، ރަހިމުން ބޭރުގައި ހެދިބޮޑުވަމުން އަންނަ، ރަހިމުގެ އެތެރޭ ބަތާނަ ފަށުގެ ސެލްތައް، ދެނެގަނެ، ނައްތާލުމަށް ނުކުޅެދުމަކީ ވެދާނެ ގޮތެކެވެ. 

މަގުފަހިކުރާ ކަންތައްތައް
އެންޑޯމެޓްރީއޯސިސް އަށް މަގުފަހިކުރާ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:-
·         ދަރިޔަކު ނުހޯދައި ގިނަދުވަސްކުރުން ނޫނީ ދަރިޔަކު ނުހޯދުން
·         އާއިލާގެ އެހެން މީހަކަށް (މަންމަ، ދައްތަ، ބޮޑުދައިތަ) އެންޑޯމެޓްރީއޯސިސް ކުރިމަތިވުން
·         މައްސަރުގެ ލޭ ހަށިގަނޑުން ބޭރުވުމަށް ހުރަސްއަޅައިފާނެ ބައްޔެއްހުރުން
·         ޅިނދު ހިމެނޭ ހިސާބުގެ އިންފެކްޝަނެއް ކުރިން ޖެހިފައިވުން
·         ރަހިމުގައި ހުންނަ ޢައިބުތައް : މިފަދަ ޢައިބުތަކުގެ ސަބަބުން މައްސަރުގެ ލޭ ފޭބުމަށް ހުރަސްއެޅުން ނޫނީ ހުއްޓުވުން
·         ބާލިޣުވުމާއި، އިއްދައިން ކެނޑުމާއި ދެމެދުގެ އުމުރުގެ މީހުން
·         މައްސަރުގެ ބުރު 28 ދުވަހަށްވުރެ އަވަހަށް ކުރިމަތިވުން
·         7 ދުވަހަށްވުރެ ދިގުމުއްދަތަކަށް މައްސަރުގެ ލޭ ފޭބުން
·         އުމުރުން 12 އަހަރަށްވުރެ ކުރީގައި މައްސަރު ކަންތައް ޖެހުން
އާންމު ގޮތެއްގައި އެންޑޯމެޓްރީއޯސިސް މެދުވެރިވަނީ ބާލިޣުވެ، މައްސަރު ކަންތައްޖެހޭތާ އެތައް އަހަރެއް ފަހުންނެވެ. އެންޑޯމެޓްރީއޯސިސްގެ އުނދަގޫތައް ބަލިވެ އިނުމުން ވަގުތީ ގޮތުން ކުޑަވެގެންދާނެއެވެ. އަދި އިއްދައިން ކެނޑުމުން އެއްކޮށް ފިލައިގެންދާނެއެވެ. 

އަލާމާތްތައް
އެންޑޯމެޓްރީއޯސިސް ހުންނަ ބައެއް މީހުންނަށް ވެސް އެއްވެސް ކަހަލަ އަލާމާތެއް ނޫނީ އުނދަގުލެއް ނުވުމަކީ ވެސް ވެދާނެ ގޮތެކެވެ. އަނެއް ބައި މީހުންނަށް ބައެއް އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެންޑޯމެޓްރީއޯސިސްގެ އެންމެ އާންމުކޮށް ފެންނަ އަލާމާތަކީ މައްސަރުގެ ތެރޭގައި ވަރަށް ބޮޑަށް ދަށްބަނޑުގައި ރިހުމެވެ. އެންޑޯމެޓްރީއޯސިސް އާއި ގުޅިގެން ފެނިދާނެ ބައެއް އަލާމާތްތައް ތިރީގައި މިވަނީ އެވެ. 

·         މައްސަރުތެރޭގައި ވަރަށް ބޮޑަށް ތަދުވުން : އެގޮތުން ބަނޑާއި ބުރަކަށީގެ ތިރިން އުނަގަނޑު މަތީގައި މައްސަރު ކަންތައް ޖެހުމުގެ ދެތިން ދުވަސްކުރިން ފެށިގެން ގޮސް، މައްސަރު ކަންތައް ޖެހުމަށްފަހު ވެސް ތަދުހުރެދާނެއެވެ.
·         ޖިންސީގުޅުން ހިންގާއިރު ތަދުވުން : ޖިންސީގުޅުން ހިންގާއިރު، ނޫނީ ޖިންސީ ގުޅުން ހިންގުމަށްފަހު ތަދުވުމަކީ ވެސް އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް އާންމުކޮށް ދިމާވެދާނެ ކަމެކެވެ.
·         ކުޑަކަމުދާއިރު، ނޫނީ ބޮޑުކަމުދާއިރު ރިއްސުން : މައްސަރުގެ ތެރޭގައި ކުޑަކަމުދާއިރު، ނޫނީ ބޮޑުކަމުދާއިރު ރިއްސައި، ތަދުވުމަކީ ވެދާނެގޮތެކެވެ.
·         މައްސަރުތެރޭގައި އާދަޔާ ޚިލާފަށް ގިނައިން ލޭފޭބުން : ބައެއް ފަހަރު މައްސަރު ތެރޭގައި އާދަޔާ ޚިލާފަށް ގިނައިން ލޭފައިބައިފާނެއެވެ. އަދި ބައެއް ފަހަރު ދެމައްސަރު ދޭތެރޭގައި ވެސް ލޭފެނިދާނެއެވެ.
·         ބަލިވެ އިންނަން އުނދަގޫވުން {ދަރިމައިވުމަށް ހުރަސްއެޅުން} : އެންޑޯމެޓްރީއޯސިސް ވަރަށް ގިނަ ފަހަރު ދަރިމައިނުވެގެން ފަރުވާކުރުމުގެ ތެރޭގައި ހަދާ ޓެސްޓުތަކުގެ ތެރެއިން އެނގިގެންދާކަން ފާހަގަ ކުރެވެއެވެ.
·         ތަބީޢީ ނޫން ސިފައެއްގައި ލޭފޭބުން : މިސާލަކަށް:-
o       މައްސަރު ކަންތައް ޖެހުމުގެ ކުރިން ކުރިމަތި ފަރާތުން ލޭފޭބުން
o       ކުޑަކަމު ނަޖިހުގައި ލޭހުރުން
o       ބޮޑުކަމު ނަޖިހުގައި ލޭހުރުން
o       ޖިންސީ ގުޅުން ހިންގުމަށްފަހު ކުރިމަތި ފަރާތުން ލޭއައުން
·         އެހެނިހެން އަލާމާތްތައް
o       ވަރުބަލިވެ، ވާޅުވުން
o       ބޭރަށްހިންގުން
o       ބަނޑުހިކުން
o       މޭނުބައިކުރުން
o       ގޭސް އުފެދުން
މައްސަރު ތެރޭގައި ތަދު ހުންނަ ކުޑަ ބޮޑު މިނަކީ އެންޑޯމެޓްރީއޯސިސް ހުރި މިންވަރު ކަނޑައަޅައި ބަޔާންކޮށްދޭ ކަމެއް ނޫނެވެ. ވަރަށް ކުޑަކޮށް އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް ވަރަށް ބޮޑަށް ތަދު އިހުސާސް ކުރެވޭ އިރު، ވަރަށް ބޮޑަށް އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް ވަރަށް ކުޑަކޮށް ވެސް ތަދުވެދާނެ އެވެ. ނޫނީ އެފަދަ މީހުންނަށް އެއްގޮތަކަށް ވެސް ތަދު ނުހުރެދާނެއެވެ. 

ބައެއް ފަހަރު އިންފްލެމޭޓަރީ ޕެލްވިކް ޑިޒީޒް، އިރިޓަބަލް ބަވަލް ސިންޑްރޯމް، ބިސްއުފައްދާތަނުގައި ލޭބަޑި އުފެދުން ފަދަ ކަންކަމާ، އެންޑޯމެޓްރީއޯސިސް އާއި އޮޅޭގޮތްވެއެވެ. އިރިޓަބަލް ބަވަލް ސިންޑްރޯމް ހުރުމާއެކު، އެންޑޯމެޓްރީއޯސިސް ހުރުމަކީ އޭގެ ނުރައްކާ އިތުރުކުރާނެ ކަމެކެވެ. 

ނުރައްކާތައް
(ހ) ދަރިމައިނުވުން : އެންޑޯމެޓްރީއޯސިސްގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަރިމައިނުވުމެވެ. ނޫނީ ދަރިމައިވުމަށް ހުރަސް އެޅުމެވެ. ހޯދުންތަކުން އެނގޭގޮތުގައި އެންޑޯމެޓްރީއޯސިސް ހުންނަ %50 މީހުންނަށް ދަރިމައިވުމަށް އުނދަގޫވެއެވެ. ބަލިވެއިނުމަށްޓަކައި، ބިސްއުފައްދާތަނުން ދޫކުރާ ބިސް، ބިސްދަތުރުކުރާ ހޮޅިއަށް ގޮސް، ޖިމާއުވުމުގެ ތެރޭގައި ރަހިމުގެ ތެރެއަށް ވާޞިލްވި، ދަރިފަންޏާއި، ބައްދަލުވެ، ބިހާއި، ދަރިފަނި އެކުވެ، މުޑުވަށް ވާންޖެހޭނެއެވެ. އެންޑޯމެޓްރީއޯސިސްގެ ސަބަބުން ބިސްދަތުރުކުރާ ހޮޅި ބެދި، ބިހާއި، ދަރިފަނި އެކުވެ، މުޑުވަށްވުމަށް ހުރަސްއަޅައެވެ. އާދައިގެ މިންވަރަކަށް ނޫނީ މެދު މިންވަރަކަށް އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް ވެސް ކާމިޔާބު ކަމާއެކު ބަލިވެއިނދެ، ވިހައިފާނެއެވެ. ނަމަވެސް ގިނަ ޞިއްހީ މާހިރުން ބާރުއަޅަނީ އެންޑޯމެޓްރީއޯސިސް ހުރިނަމަ، ލަސްނުކޮށް ދަރިޔަކު ހޯދުމަށެވެ. އެއީ ގިނަ ދުވަސްވާވަރަކަށް އެންޑޯމެޓްރީއޯސިސްގެ އުނދަގޫތައް އިތުރުވެގެން ހިނގައިދާނެތީ އެވެ. 

(ށ) ބިސް އުފައްދާތަނަށް ކެންސަރު ޖެހުން : އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް ލަފާކުރެވޭ މިންވަރަށްވުރެ ގިނައިން ބިސް އުފައްދާ ތަނަށް ކެންސަރު ޖެހޭކަން ފާހަގަ ކުރެވިފައި ވެއެވެ. ބައެއް ދިރާސާތަކުން އެނގޭގޮތުގައި އެންޑޯމެޓްރީއޯސިސް ހުއްޓަސް، ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ނިސްބަތުން ދަށެވެ. 

(ނ) ބިސް އުފައްދާ ތަނުގައި ސިސްޓް އުފެދުން : މިއީ ވެސް އެންޑޯމެޓްރީއޯސިސް ހުންނަ މީހުންނަށް އާންމުކޮށް ދިމާވެދާނެ ކަމެކެވެ. މިއީ ލޭޖަމާވެފައި ހުންނަ ލޭބަޑިތަކެއް ފަދަ އެއްޗެކެވެ. މިފަދަ ސިސްޓްތަކުގެ ބޮޑުމިނުގައި ކުޑަވެގެން 1 މިލިމީޓަރު ހުންނައިރު ބޮޑުވެގެން ގޮސް 8 ސެންޓިމީޓަރު ވެސް ހުރެދާނެ އެވެ. ބިސް އުފައްދާތަނުގައި ސިސްޓް އުފެދުމުން ފެނިދާނެ އަލާމާތްތައް އެންޑޯމެޓްރީއޯސިސްގެ އަލާމާތްތަކާއި ދާދި އެއްގޮތް ވެދާނެއެވެ. 

ދެނެގަތުން
އެންޑޯމެޓްރީއޯސިސް ފަދަ ޅިނދު އުފެދޭ ހިސާބުގައި ތަދުވުން ކުރިމަތިވާ ހާލަތްތައް ދެނެގަތުމަށް ބަލިމީހާއަށް ދިމާވާ އުނދަގޫތަކާއި، ތަދު ހުންނަ ހިސާބާއި، ރިހުމާއި ތަދު އަންނަ ހާލަތްތަކާ ވަގުތުތައް ފަދަ މައުލޫމާތުތައް ބަލިމީހާގެ ކިބައިން ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެއެވެ.
އެންޑޯމެޓްރީއޯސިސް ދެނެގަތުމަށް އާންމު ގޮތެއްގައި އަންނަނިވި ޓެސްޓުތައް ހަދައިފާނެއެވެ.
(ހ) ޖިސްމާނީގޮތުން (ޅިނދު ހިމެނޭ ހިސާބު) ބެލުން : ޅިނދު ހިމެނޭ ހިސާބު (ދަށްބަނޑުން ފެށިގެން ގޮސް ކުރިމަތި ފަރާތް ހިމެނޭ ހިސާބާއެކު) ގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ހުރިތޯ އަތްލައި، އިހުސާސްކޮށް ބަލައި ހަދާނެއެވެ. އެގޮތުން ނަސްލު އުފައްދާ ނިޒާމުގެ ގުނަވަނެއްގައި "ސިސްޓް" އެއް އުފެދިފައި ހުރުން، ނޫނީ ބޯވެފައި ހުރުން، ރަހިމުގެ ފަހަތުގައި ލަކުނެއް އުފެދިފައި ހުރުން ފަދަ ކަމެއް މެދުވެރިވެފައިވޭތޯ ބަލާނެއެވެ. އާންމު ގޮތެއްގައި އަތްލައި ބަލައި ހަދައިގެން ދެނެގަނެވޭނީ ސިސްޓެއް ފަދަ އެއްޗެއް އުފެދިފައިވާނަމަ އެވެ. ނަމަވެސް ސިސްޓެއް އުފެދިފައިކަން ވެސް ޔަގީންކުރެވޭނީ ސްކޭންކޮށްގެންނެވެ. 

(ށ) ސްކޭންކުރުން : ސްކޭންކުރާއިރު ދެގޮތަކަށް ސްކޭން ކޮށްދާނެއެވެ. އެއްގޮތަކީ ދަށްބަނޑުގެ ނޫނީ ޅިނދު ހިމެނޭ ހިސާބުގެ ނޫނީ ބަނޑުގެ ސްކޭނެއް ހެދުމެވެ. އަނެއް ގޮތަކީ ކުރިމަތި ފަރާތަށް ޓްރާންސްޑިއުސަރ ލައްވައިގެން ސްކޭންކުރުމެވެ. މިއިން ކޮންމެ ގޮތަކަށް ސްކޭން ކުރިޔަސް ދެނެގަނެވޭތޯ ބަލަނީ ނަސްލު އުފައްދާ ނިޒާމުގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ހުރިތޯ އެވެ. ގިނަ ފަހަރު ސްކޭންކޮށްގެން ޔަގީންކަމާއެކު އެންޑޯމެޓްރީއޯސިސް ހުރިކަން ދެނެނުގަނެވިދާނެއެވެ. ނަމަވެސް އެންޑޯމެޓްރީއޯސިސްގެ ސަބަބުން އެއްވެސް ކަހަލަ ސިސްޓެއް އުފެދިފައިވާނަމަ، ސްކޭންގެ އެހީގައި ދެނެގަނެވިދާނެއެވެ.

(ނ) ލޯވަޅު އަޅައި، ކެމެރާ ލައްވައިގެންބެލުން : އެގޮތުން ފޫޅާއި ދިމާލުން ލޯވަޅެއް އަޅައި، އެއިން ކެމެރާ އެއް ހަރުކޮށްފައިވާ ހޮޅިއެއް ލައްވައިގެން، ރަހިމުން ބޭރުގައި ރަހިމުގެ އެތެރޭ ބަތާނަ ފަށުގެ ސެލްތައް ހުރިތޯ ދެނެގަންނާނެއެވެ. އެގޮތުން އެފަދަ ސެލްތައް ހުރި ތަނާއި، ހުރި މިންވަރާއި، އޭގެ ކުޑަބޮޑުމިން ދެނެގަނެވިދާނެއެވެ. މިގޮތަށް ހެދުމަކީ އޭގެ ފަރުވާ ކުރިޔަށް ގެންދިއުމަށް ފަސޭހަވާނެ ކަމެކެވެ. މިއީ އާންމު ގޮތެއްގައި ހޭނައްތައިގެން ހަދާ ޓެސްޓެކެވެ. 

ފަރުވާ
އެންޑޯމެޓްރީއޯސިސް އަށް ހަގީގީ ފަރުވާއެއް ނޯވެއެވެ. ނަމަވެސް އެންޑޯމެޓްރީއޯސިސް އާއި ގުޅިގެން ދިމާވާ އުނދަގޫތަކާއި މައްސަލަތަކަށް ފަރުވާ ކުރެވިދާނެ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. މިބަލީގެ ފަރުވާ ބަރޯސާވަނީ ފެންނަ އަލާމާތްތަކާއި، އެއަލާމާތްތައް ފެންނަ މިންވަރާއި، އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި ހުރި ތަނަކާއި، އަދި އެޓިޝޫތައް ހުރި މިންވަރެއްގެ މައްޗަށެވެ. ބަލިވެއިންނަން ބޭނުންވުމާއި، ނުވުމަކީ ވެސް ކުރިޔަށް ގެންދާނެ ފަރުވާ ކަނޑައެޅުމުގައި މުހިއްމު ކަމެކެވެ. ހަމަމިހެން ބަލިމީހާގެ އުމުރަކީ ވެސް ފަރުވާ ކަނޑައެޅުމުގައި ބަލައިއުޅޭ ކަމެކެވެ. ސަބަބަކީ ބަލީގައި ގިނަ ދުވަސްވާވަރަކަށް ބަލީގެ އުނދަގޫތައް އިތުރުވަމުންދާނެތީ އެވެ. ނަމަވެސް އިއްދައިން ކެނޑުމުން ފަރުވާ ކުރުމަކާ ނުލައި ބަލި ފަސޭހަވެގެންދާނެއެވެ. 

ބޭސް ބޭނުންކުރުން
އެންޑޯމެޓްރީއޯސިސް އާއި ގުޅިގެން މައްސަރުގެ ތެރޭގައި އުފެދޭ ތަދު ކެނޑުވުމަށް ތަދުވާ ކަނޑުވާ ބޭސްތައް ބޭނުންކުރެވިދާނެއެވެ. 

ހޯރމޯންގެ ފަރުވާ : ހޯރމޯން ގުޅަ ބޭހުގެ ގޮތުގައި ބޭނުންކުރުމުން އެންޑޯމެޓްރީއޯސިސް އާއި ގުޅިގެން މައްސަރުގެ ތެރޭގައި އުފެދޭ ރިހުމާއި ތަދުފިލުވާ ލެވިދާނެއެވެ. ނަމަވެސް ހޯރމޯން ބޭސް ބޭނުންކުރުމަކީ އެއްކޮށް އެންޑޯމެޓްރީއޯސިސްގެ އުނދަގޫތައް ފިލައިދާނޭ ކަމެއް ނޫނެވެ. ހޯރމޯން ބޭސް ހުއްޓާލުމުން އަނެއްކާ ވެސް ބަލީގެ އުނދަގޫތައް ފެނުމަކީ ގާތް ކަމެކެވެ. އެންޑޯމެޓްރީއޯސިސް އަށް ހޯރމޯން ބޭނުންކޮށްގެން ދޭ ފަރުވާތަކުގެ ތެރޭގައި:-
·         ދޭތެރެ  ދުރުކުރާ ބޭސް : ދޭތެރެ ދުރުކުރާ ބޭހަކީ މައްސަރު ކަންތައް މެދުވެރިކުރުވާ ހޯރމޯންތައް ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މާނައަކީ ބިސް އުފައްދާ ތަނުން ބިސް އުފެއްދުން ހުއްޓުވާލެވިދާނެއެވެ. މިބޭސް ބޭނުންކުރުމުން މައްސަރުކަންތައް ކުރިމަތިވާ މުއްދަތު ކުރުވެގެންދާނެއެވެ. އާދައިގެ ވަރަކަށް ނޫނީ މެދު މިންވަރަކަށް އެންޑޯމެޓްރީއޯސިސް ކުރިމަތިވެފައިވާ ނަމަ، ހޯރމޯން ބޭސް ބޭނުންކޮށްގެން ފަރުވާކުރެވިދާނެއެވެ.
·         ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން އެގަނިސްޓް އަދި އެންޓަގަނިސްޓް : މިބޭސްތަކުގެ ސަބަބުން ބިސް އުފައްދާތަނުން އުފައްދާ ހޯރމޯން ތައް އުފެއްދުން ހުއްޓުވައި، އެސްޓްރަޖަން ހޯރމޯންގެ މިންވަރު ދަށްކޮށްދީ، މައްސަރު ކަންތައް ޖެހުން ހުއްޓުވައިދެއެވެ. މީގެ ސަބަބުން ރަހިމުގެ ބަތާނަ ފަށުގެ ޓިޝޫތައް ހިނދޭގޮތް ވެއެވެ. މިބޭސްތަކުގެ ސަބަބުން ފަރުވާކުރާ ދުވަސްވަރު، އެންޑޯމެޓްރީއޯސިސް ގެ އަސަރު ނެތިގޮސް، އަދި އެތައް އަހަރުތަކެއް ވަންދެން އެންޑޯމެޓްރީއޯސިސްގެ އަސަރު ނުފެނި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިބޭސްތަކުގެ ސަބަބުން ވަގުތީ ގޮތުން އިއްދައިން ކެނޑުން ކުރިމަތިވެދާނެ އެވެ. އެހެންކަމުން ދިމާވެދާނެ އުނދަގޫތައް ކުޑަކުރުމަށް މިބޭސްތަކާއެކު، އެސްޓްރަޖަން ނޫނީ ޕްރޮޖެސްޓިންގެ ދަށް ޑޯޒެއް ބޭނުން ކުރެވިދާނެ އެވެ.
·         މެޑްރޮކްސީޕްރޮޖެސްޓަރޯން (ޑިޕޯ-ޕްރޮވެރާ) : އިންޖެކްޝަންގެ ސިފައިގައި ދެވޭ މިބޭހުގެ ސަބަބުން، މައްސަރު ކަންތައް ޖެހުން ހުއްޓުވައި، ރަހިމުން ބޭރުގައި އުފެދޭ ރަހިމުގެ ޓިޝޫތައް ހެދިބޮޑުވުން ހުއްޓުވައި، އެންޑޯމެޓްރީއޯސިސްގެ އުދަނގޫތަކަށް ލުއިކަން ގެނެސްދެއެވެ.
·         ޑެނެޒޯލް : މިބޭހަކީ ރަހިމުގެ ބަތާނަ ފަށް ހެދިބޮޑުވުމަށް ހުރަސްއަޅާ ބޭހެކެވެ. މިކަމަށް ހުރަސްއަޅަނީ ބިސްއުފައްދާ ތަނުން ދޫކުރާ ހޯރމޯން ތައް އުފެއްދުން ހުއްޓުވައި، މައްސަރު ކަންތައް ޖެހުން ނިމުމަކަށް ގެނެސްގެންނެވެ. މީގެ ސަބަބުން އެންޑޯމެޓްރީއޯސިސްގެ އުނދަގޫތައް ފިލައިދެއެވެ. މިއީ އޭގެ ނޭދެވޭ އަސަރު ގިނަ ބޭހެއް ކަމުން މިބޭސް ބޭނުންކުރެވެނީ ވަރަށް މަދުންނެވެ. އަދި ބޭނުންކުރަން ޖެހޭނީ ފަރުވާތެރިކަމާ އެކީގައެވެ.
އޮޕަރޭޝަންކޮށްގެން ރަހިމުނެގުން
ދަރިޔަކު ހޯދުމަށް މަސައްކަތްކުރާއިރު އެންޑޯމެޓްރީއޯސިސް ކުރިމަތިވެފައިވާ ފަރާތްތަކުން އޮޕަރޭޝަންކޮށްގެން އެންޑޯމެޓްރީއޯސިސް އުފެދިފައިވާ ހިސާބު ނެގިދާނެއެވެ. ބަލިވެއިނުމަށް ދިމާވެފައިވާ ހުރަހަކީ އެންޑޯމެޓްރީއޯސިސް ކަމުގައިވާނަމަ، އޮޕަރޭޝަން ކޮށްގެން އެންޑޯމެޓްރީއޯސިސް ނެގުމުން، ބަލިވެއިންނަކަން ފާހަގަ ކުރެވިފައި ވެއެވެ. ބަނޑު ފަޅައިގެން ނޫނީ ބަނޑުގައި ލޯވަޅު އަޅައިގެން ވެސް މިއޮޕަރޭޝަން ކުރެވިދާނެ އެވެ.
ވަރަށް ބޮޑަށް އެންޑޯމެޓްރީއޯސިސް އުފެދިފައި ހުރިނަމަ، އޮޕަރޭޝަން ކޮށްގެން ރަހިމާއި، ރަހިމުގެ ދޮރު ނެގެއެވެ. ބައެއް ފަހަރު މިއޮޕަރޭޝަންގައި ބިސް އުފައްދާތަން ނޫނީ ބިސްރަވަ ވެސް ނެގެއެވެ. ބިސް އުފައްދާތަން ނެގުމުން މައްސަރު ކަންތަކެއް ނުޖެހޭނެ އެވެ. އަދި ދަރިން ލިބުމުގެ ގާބިލިއްޔަތު ވެސް އެގެއްލުނީ އެވެ. އެހެންކަމުން ގިނަ ފަހަރު އޮޕަރޭޝަންކޮށްގެން ރަހިމާއި، ބިސް އުފައްދާތަން ނަގަނީ އެންމެ ފަހުން އެހެން ގޮތެއް ނެތުމުންނެވެ.
މައުލޫމާތު :

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން
ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ނުވަތަ ޑިސްފަންކްޝަނަލް ޔުޓެރައިން ބްލީޑިންގ(DUB) އަކީ ބަލީގެ ޙާލަތެއް ނޫނީ ބައްޔެއް ހުރުމަކާ ނުލައި، އެއްވެސް ތަރުތީބެއް، އިންތިޒާމެއްނެތި،ކުރިމަތި ފަރާތުން ލޭއައުމެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވަނީ ގިނަ ފަހަރު ބާލިޣުވާތާ ކުރީކޮޅު، ނުވަތަ އިއްދައިން ކެނޑެން ކައިރިވުމުންނެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމަކީ ބުނެދޭން ނޭނގޭގޮތަށް ކުރިމަތިވާ ކަމެކެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭ ވަރަށް ގިނައިން ވެސް އަތުވެދާނެ އެވެ. ނޫނީ ވަރަށް މަދުން ވެސް އަތުވެދާނެ އެވެ. މިގޮތަށް ލޭއައުން ދޭތެރެ ދޭތެރެއިން ވެސް ކުރިމަތިވެދާނެ އެވެ. ނޫނީ ކުއްލިއަކަށް ވެސް ކުރިމަތިވެދާނެ އެވެ.ހަށިގަނޑު ބަރުދަން މަތި، ބުރަހެލިކޮށް ތިބޭ އަންހެނުންނަށް ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވުން އިތުރުކަން ފާހަގަ ކުރެވެއެވެ. 


ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމަކީ ހޯރމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން، މާބަނޑުވުން، ބައިގެން ދިއުން، ރަހިމުގައި ފައިބްރޮއިޑް އުފެދުން، ކުރިމަތި ފަރާތް ހިމެނޭ ހިސާބުގައި ފަދަ ޖިސްމާނީ ނޫނީ ބަލީގެ ހާލަތެއްނެތި، އެއްވެސް ކަހަލަ އިންތިޒާމެއް ނެތި، ރަހިމުން ލޭފޭބުމެވެ. 

ސަބަބު
ކޮންމެ މަހަކު އަންހެނުންގެ ހަށިގަނޑުގައި ހުންނަ އަންހެން ހޯރމޯންގެ މިންވަރު މަތިވެ، ދަށްވެއެވެ. މައްސަރުގެ ތެރޭގައި ބިސް ދޫކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ  ދެހޯރމޯނަކީ "އެސްޓްރަޖަން" އަދި "ޕްރޯޖެސްޓަރޯން" ހޯރމޯން އެވެ. މިއީ ބިސްއުފައްދާ ތަނުން ބިސްދޫކުރާ ދުވަސްވަރެވެ. 

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވަނީ ބިސް އުފައްދާ ތަނުން ބިސް ދޫނުކުރުމުންނެވެ. ހޯރމޯން އަށް އަންނަ ބަދަލުވުމުގެ ސަބަބުން މައްސަރު ކަންތައް ޖެހުން، އަވަސްވެ، ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭ އަންނަ މީހުންނަށް މައްސަރުގެ ތެރޭގައި ރަހިމުގެ ބަތާނަފަށަން އަންނަ ބަދަލުތައް ކުރިމަތި ނުވެދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެސްޓްރަޖަން ހޯރމޯންގެ މިންވަރު ސާބިތު ވަރެއްގައި ހިފެހެއްޓި، އޭގެ ސަބަބުން ރަހިމުގެ ބަތާނަ ފަށް ހެދިބޮޑުވުމަށް ބާރުއަޅައެވެ. ގަވާއިދުން މައްސަރު ނުޖެހި، ލޭނުފައިބައި، ރަހިމުގެ ބަތާނަ ފަށް ބޮޑުވުމުން އެހިސާބުގެ ލޭދައުރުވުން އިތުރުވެއެވެ. އަދި ރަހިމުގެ ބަތާނަ ފަށުގެ ޓިޝޫތައް ހަލާކުވެ ނެއްޓި، ލޭގެ ސިފައިގައި ބޭރުވެއެވެ. 

އެސްޓްރަޖަން ހޯރމޯން މަދު މިންވަރަކަށް ދޫކުރުމުން ރަހިމުގެ ބަތާނަ ފަށް ދާއިމީ ގޮތެއްގައި ހީވާގިވުމުން، ފަނޑުކޮށް ހުންނަ، މަދު މިންވަރަކަށް ކުރިމަތި ފަރާތުން ލޭއަތުވެދާނެ އެވެ. އެސްޓްރަޖަން ހޯރމޯން މަތީ މިންވަރަކަށް ދޫކުރުމުން ރަހިމުގެ ބަތާނަ ފަށް ދާއިމީ ގޮތެއްގައި ހީވާގިވުމުން، އާދަޔާ ޚިލާފަށް ގިނައިން ކުރިމަތި ފަރާތުން ލޭއަތުވެދާނެ އެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭ ވަރަށް ގިނައިން ވެސް އަތުވެދާނެ އެވެ. ނޫނީ ވަރަށް މަދުން ވެސް އަތުވެދާނެ އެވެ.

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭފޭބުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި:-
·         ހޯރމޯންގެ މިންވަރަށް ބަދަލުއައުން (އެސްޓްރަޖަން އަދި ޕްރޮޖެސްޓްރޯން)
·         ރަހިމުގައި ހުންނަ މައްސަލަތައް : މިސާލަކަށް ރަހިމުގައި އުފެދުމެއް ހެދިބޮޑުވަމުން އައުން
·         ލޭގަނޑުވުމާއި ގުޅުންހުރި މައްސަލަތައް
·         ވަކި ސަބަބެއް ނޭގި ކުރިމަތި ފަރާތުން ލޭއައުމަކީ ވެސް ވެދާނެ ގޮތެކެވެ.
ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވަނީ ކިހިނެއް؟
ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވަނީ ގިނަ ފަހަރު ބާލިޣުވާތާ ކުރީކޮޅު، ނުވަތަ އިއްދައިން ކެނޑެން ކައިރިވުމުންނެވެ. ނުވަތަ އުމުރުން 20 އަހަރުގެ ކުރިން ނޫނީ 40 އަހަރު ވުމަށްފަހު ގައެވެ. 

ފުރާވަރު އުމުރުގެ އަހަރުތައް : ބައެއް ކުދިންނަށް ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމަކީ ވެދާނެ ގޮތެކެވެ. މަޑުމަޑުން މިކަން ރަނގަޅުވަމުން އައިސް ހޯރމޯންތަކުގެ މިންވަރު ހަމައަކަށް އެޅި، ގަވާޢިދުން މައްސަރު ކަންތައް ޖެހުމަކީ ގާތް ނޫނީ އެކަށީގެންވާ ކަމެކެވެ. މައްސަރު ކަންތައް އިންތިޒާމަކަށް އެޅުވުމަށް ބޭސް ބޭނުންވާނަމަ، ޑޮކްޓަރުން ހޯރމޯން ބޭސް ލިޔެދެއްވާނެ އެވެ. ބައެއް ފަހަރު ލޭއައުން މަނާކޮށް ކުޑަކުރުމަށް ވެސް ބޭސް ލިޔެދީފާނެ އެވެ.

ދަރިމައިވާ އުމުރުގެ އަހަރުތައް : ބައެއް އަންހެނުންނަށް އުމުރުން 30-20 ގެ އަހަރުތަކުގައި ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު މިއީ ހޯރމޯންގެ މިންވަރަށް އަންނަ ބަދަލާއި ގުޅިގެން ދިމާވާ ކަމަކަށް ވެސް ވެދާނެއެވެ. ނޫނީ ރަހިމުގައި ފައިބްރޮއިޑް އުފެދުން ނޫނީ މަސްކޮޅެއް އުފެދިގެން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. އަދި ބައެއް ފަހަރު ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއަންނަނީ ވަކި ސަބަބަކާހުރެ ކަން ނޭނގިދާނެއެވެ. 

އިއްދައިން ކެނޑޭ އުމުރުގެ އަހަރުތައް : އުމުރުން 40 އަހަރުވެ، އިއްދައިން ކެނޑޭ އުމުރަށް އެޅުމުން އަންހެނުންގެ ހަށިގަނޑުގެ ހޯރމޯންތަކުގެ މިންވަރަށް ބަދަލު އާދެއެވެ. އިއްދައިން ކެނޑެން ކައިރިވާ ދުވަސްވަރު، އިއްދައިން ކެނޑުމުގެ ކުރިން، ބައެއް ފަހަރު ތަކުގައި ބިސް ނުދޫކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ވެއްޖެނަމަ އާދަޔާ ޚިލާފަށް އިންތިޒާމެއްނެތި ކުރިމަތި ފަރާތުން ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. ފުރިހަމައަށް އިއްދައިން ކެނޑުމުން އޭގެ ޒާތުގައި މިގޮތަށް ލޭއައުން ހުއްޓޭނެކަން ވިސްނުމުގައި ބެހެއްޓުން މުހިއްމެވެ. 

އަލާމާތްތައް
·         ދެމައްސަރު ދޭތެރޭގައި ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން
·         ދެމައްސަރު ދޭތެރެ ކުރުވުން ނޫނީ ދެމައްސަރު ދޭތެރެ ދިގުލައިދިއުން : މިސާލަކަށް 21 ނޫނީ 28 ދުވަހަށްވުރެ ކުރިން މައްސަރު ކަންތައް ޖެހުން / ނޫނީ 35 ދުވަހަށް ވުރެ ފަހުން މައްސަރުކަންތައް ޖެހުން
·         ކޮންމެ މަހަކު ދެމައްސަރުގެ ދޭތެރޭގައި ހޭދަވާ މުއްދަތު ބަދަލުވުން
·         ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ގިނައިން ލޭއައުން : ގަނޑުކޮށް ލޭފޭބުން، ކޮންމެ 3-2 ގަޑިއިރަކުން ޕެޑް ފޯވެގެން ބަދަލުކުރަންޖެހުން ފަދަ ކަންތައް ދިމާވާނަމަ އާދަޔާ ޚިލާފަށް ގިނައިން ލޭފައިބަނީ ކަމަށް ބެލެވިދާނެއެވެ. ނުވަތަ ކޮންމެ މައްސަރެއްގެ ތެރޭގައި 80 މިލިލީޓަރަށްވުރެ ގިނައިން {އާންމު ގޮތެއްގައި 30 މިލިލީޓަރުގެ ލޭ} ލޭފޭބުމަކީ ވެސް އާދަޔާ ޚިލާފަށް ގިނައިން ކުރިމަތި ފަރާތުން ލޭފޭބުން ކަމަށް ބެލެވިދާނެއެވެ.
·         މައްސަރުގެ ލޭ 7 ދުވަހަށްވުރެ އިތުރަށް ފޭބުން : އާންމު ގޮތެއްގައި މައްސަރުގެ ލޭ ފެންނަނީ 7-4 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ.
ހޯރމޯން އަށް އަންނަ ބަދަލާއި ގުޅިގެން ކުރިމަތިވާ އުނދަގޫތައް ލުއިވުމަކީ އެކަށީގެންވާ ކަމެކެވެ.
·         މާގިނައިން އިސްތަށިފެޅުން
·         ހޫނުވުން
·         މިޒާޖަށް ބަދަލުއައުން
·         ކުރިމަތި ފަރާތުގެ ތެތްކަން ކެނޑި، ހިކި ބީހިލުމުން ރިހުން
މާގިނައިން ކުރިމަތި ފަރާތުން ލޭފައިބައިފިނަމަ، ވަރުބަލިކަމާއި ލޮނޑުކަން އިހުސާސްވުމަކީ ވެދާނެ ގޮތެކެވެ. މިއީ ލޭމަދުވުމުގެ އަލާމާތްތަކެވެ.

ދިމާވެދާނެ ނުރައްކާތައް
·         ދަރިން ނުލިބުން
·         ލޭމަދުވުން
·         އެންޑޯމެޓްރީއަމް އަށް ކެންސަރު ޖެހުމުގެ ހިރާސް އިތުރުވުން
ދެނެގަތުން
ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ދެނެގަތުމަށް އެންމެ ފުރަތަމަ ޑޮކްޓަރުން ބަލިމީހާގެ މައްސަރުގެ ކަންތައް ޖެހެމުން އައި ގޮތުގެ މައުލޫމާތު އޮޅުން ފިލުވާނެ އެވެ. އެގޮތުން ގަވާޢިދުން މައްސަރު ކަންތައް ޖެހޭ ތޯއާއި، މައްސަރުގައި ލޭފައިބާ މިންވަރު އަހައި އޮޅުން ފިލުވާނެއެވެ. އެއަށްފަހު ޅިނދު ހިމެނޭ ހިސާބު އާންމު އުސޫލުން ބަލައި ޗެކުކުރާނެ އެވެ. އަދި ގަވާޢިދުން ބިސްދޫކުރަމުން އައިސްފައިވޭތޯ ބަލާނެ އެވެ. މިކަން ބެލޭނީ އަންނަނިވި ކަންތައްތަކަށް ރިއާޔަތްކޮށްގެންނެވެ.
·         މައްސަރު ތެރޭގައި ކޮންމެ ދުވަހަކު ދިމާވާ އުނދަގޫތައް ފާހަގަކޮށް ބެލުން (ކަލަންޑަރުން)
·         ކޮންމެ ދުވަހެއްގެ "ބޭސަލް ބޮޑީ ޓެމްޕަރޭޗަރ" ހުންނަ މިންވަރު ޗާޓުން ބެލުން
·         ޕްރޮޖެސްޓަރޯން ޓެސްޓު ހެދުން : މައްސަރު ބުރުގެ 3 ވަނަ ހަފްތާގެ ތެރޭގައި ޕްރޮޖެސްޓަރޯންގެ މިންވަރު ދަށްވެފައިވުމަކީ ބިސްދޫކުރުމުގައި މައްސަލައެއް އުޅޭކަމުގެ ހެއްކެކެވެ.
·         ރަހިމުގެ ބަތާނަ ފަށުން ބަޔޮޕްސީ އެއް ހެދުން : މިއީ އާންމުކޮށް އިއްދައިން ކެނޑެން ކައިރިވެފައިވާ މީހުންނަށް ހަދައި އުޅޭ ޓެސްޓެކެވެ.
އެހެނިހެން ޓެސްޓުތައް
·         ލޭގެ ޓެސްޓު ހެދުން (ކަމްޕްލީޓް ބްލަޑް ކައުންޓް)
o       މާބަނޑުވިތޯ ޓެސްޓުކުރުން
o       ކޮމްޕްލީޓް ބްލަޑް ކައުންޓް ހެދުން : މިއީ ޖަރާސީމެއްގެ އަސަރު ހުރިތޯ ބެލުން ، ނޫނީ ލޭދަށްވެ، ލޭމަދުވެފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.
o       ތައިރޮއިޑް ގްލޭންޑް ގެ ޓެސްޓުހެދުން : މިއީ މައްސަރުގެ ތަރުތީބު ގެއްލުނީ ތައިރޮއިޑްގެ ސަބަބުންތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.
o       ބްލަޑް ކްލޮޓިންގ ޕްރޮފައިލް
o       ހޯރމޯންގެ މިންވަރު ދެނެގަތުން : ފޮލިކިޔުލަރ ސްޓިމިއުލޭޓިންގ ހޯރމޯން، ލޫޓީއިނައިޒިންގ ހޯރމޯން، ޕްރޯލެކްޓިން، އަދި ޕްރޯޖެސްޓަރޯން ހޯރމޯންގެ މިންވަރު ބެލުން
o       ލޭގައި "ފެރިޓިން" ގެ މިންވަރު ހުރިނެތްގޮތް ބެލުން
·         ޕެޕްސްމިއަރ ޓެސްޓު ހެދުން
·         ޅިނދު ހިމެނޭ ހިސާބު ސްކޭންކުރުން
·         ރަހިމުގެ ބަތާނަ ފަށުގެ ބަޔޮޕްސީ އެއް ހެދުން
·         ރަހިމުގެ ސްކޭން އެއް ހެދުން
·         ކެމެރާ ލައްވައިގެން ރަހިމުގެ އެތެރެ ބެލުން
ފަރުވާ
ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއަންނަނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. މިކަމަށް އެކި ގޮތް ގޮތުން ފަރުވާ ކުރެވިދާނެ އެވެ. ލޭމަނާކުރާ ބޭސް ނޫނީ ހޯރމޯންގެ ފަރުވާ ވެސް ނެގިދާނެއެވެ. ގުޅަ ބޭހާއި، ހޯރމޯންގެ ފަރުވާގެ އެހީގައި ލޭއައުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ. 

(ހ) މާގިނައިން ލޭފޭބުން :ވަރަށް ގިނައިން ލޭފައިބާނަމަ އެސްޓްރަޖަންގެ މަތީ ޑޯޒެއް ފަރުވާކުރުމަށް ބޭނުންކޮށްފާނެ އެވެ. އެގޮތަށް ވެސް ލޭމަނާ ނުވެއްޖެނަމަ، ރަހިމުގެ ޓިޝޫތައް ސާފުކޮށްލުމަށް "ޑައިލެޓޭޝަން އެންޑް ކިޔުރެޓޭޖް" (ޑީއެންސީ) ހަދައިފާނެއެވެ. ބޭނުން ޖެހިއްޖެ ހިނދެއްގައި ލޭއަޅަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. 

(ށ) ހުއްޓިނެތި (އަބަދު ވެސް ) ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން : މިފަދަ ހާލަތުގައި ދެވޭ ފަރުވާ ބަރޯސާވަނީ ބަލިމީހާގެ އުމުރާއި، ލޭއައުމަށް މެދުވެރިވި ސަބަބާއި، އަދި ދަރިޔަކު ހޯދުމަށް ރާވައިފައިވާ ގޮތެއްގެ މައްޗަށެވެ. 

* ފުރާވަރު ކުއްޖެއްނަމަ : ވިސްނަންވީ ބޮޑުވަމުން އަންނަ ވަރަކަށް މައްސަރު ކަންތައް ޖެހުން ރަނގަޅުވެ، އިންތިޒާމުވެގެންދާނެ ކަމެވެ. އެހެންކަމުން މައްސަރުކަންތައް ޖެހުން ހަމައަކަށް އެޅޭތޯ މަޑުކޮށް ބަލަމުން ގެންދެވިދާނެއެވެ. މައްސަރުގެ ބުރު އިންތިޒާމު ކުރުމަށްޓަކައި ޕްރޮޖެސްޓިން ނޫނީ ދޭތެރެ ދުރުކުރާ ގުޅަ ބޭސް ޑޮކްޓަރުން ލިޔެދީފާނެ އެވެ. 

* ގަވާއިދުން ބިސް ދޫނުކުރާނަމަ : ގަވާޢިދުން މައްސަރު ކަންތައް ނުޖެހޭނެމަ، ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ހުއްޓޭނީ ކިހާ ދުވަހަކުންކަން ކަނޑައަޅަން (އިއްދައިން ކެނޑެންދެން) އުނދަގޫވާނެ އެވެ. މިހާލަތުގައި މައްސަރުގެ ބުރު އިންތިޒާމުކޮށް ހަމައަކަށް އެޅުވުމަށްޓަކައި، ހޯރމޯންގެ ފަރުވާ ( ދޭތެރެ ދުރުކުރާ ގުޅަ ބޭސް /  ހޯރމޯން އެކުލެވޭ ރަހިމަށް ލައްވާ އެތިކޮޅު) ޑޮކްޓަރުން ލިޔެދީފާނެ އެވެ. އިތުރަށް ދަރިޔަކު ހޯދަން ނުވިސްނާނަމަ، އަދި ވަރަށް ބޮޑަށް ލޭއައިސް އުނދަގޫވާނަމަ، އޮޕަރޭޝަން ކޮށްގެން ރަހިމު ނެގިދާނެ(hysterectomy) އެވެ. ނޫނީ އޮޕަރޭޝަން ކޮށްގެން ރަހިމުގެ ބަތާނަ ފަށް ދުއްވާލެވިދާނެ(endometrial ablation) އެވެ. 

* ގަވާއިދުން ބިސްދޫކުރާނަމަ : ގަވާއިދުން ބިސްދޫކުރި ނަމަވެސް، ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއަންނަނަމަ، އަދި ދަރިޔަކު ހޯދަން ބޭނުންވާނަމަ، ޑޮކްޓަރުންގެ ލަފާ ހޯދިދާނެ އެވެ. ލޭއަންނަން މެދުވެރިވާ ސަބަބަކަށް ރިޢާޔަތްކޮށް، ޕްރޮޖެސްޓިން ނޫނީ ދޭތެރެ ދުރުކުރާ ގުޅަ ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ. ނޫނީ ރަހިމުގައި އުފެދިފައިވާ މަސްކޮޅު އަދި ފައިބްރޮއިޑް ފަދަ ތަކެތި ވަކިކޮށް ނެގުމަށްޓަކައި ކެމެރާއެއް ލައްވައިގެން "ހިސްޓިރޮސްކަޕީ" ހަދައިފާނެ އެވެ. އިތުރަށް ދަރިޔަކު ހޯދަން ނުވިސްނާނަމަ، އަދި ވަރަށް ބޮޑަށް ލޭއައިސް އުނދަގޫވާނަމަ، އޮޕަރޭޝަން ކޮށްގެން ރަހިމު ނެގިދާނެ(hysterectomy) އެވެ. ނޫނީ އޮޕަރޭޝަން ކޮށްގެން ރަހިމުގެ ބަތާނަ ފަށް ދުއްވާލެވިދާނެ(endometrial ablation) އެވެ. ރަހިމަށް ލައްވާ އެތިކޮޅު (ޕްރެޖެސްޓިން ހޯރމޯން ދޫކުރާ) ބޭނުންކުރުމުން، މިފަދަ އެތިކޮޅުން ޕްރޮޖެސްޓަރޯން ކަހަލަ ހޯރމޯން އެއް ރަހިމުގެ ތެރެއަށް ދޫކުރާނެއެވެ. މީގެ ސަބަބުން ލޭއައުން މަނާކޮށްދީ، ބަލިވެ އިނުމުން ދުރުކޮށްދޭނެއެވެ. 

ބައެއް ފަހަރު "ޓްރެނެކްސަމިކް އެސިޑް" ކިޔާ ބޭހެއް ލޭމަނާކުރުމަށް ދެވެއެވެ. މިއީ ލޭގަނޑުކުރުމަށް އެހީތެރިވެދީގެން ލޭމަނާކޮށްދޭ ބޭހެކެވެ. މިފަދަ ބޭހެއް ބޭނުންކުރަންވާނީ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ.
މިފަރުވާ ތަކުން ލުއިކަން ނުލިބޭނަމަ އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
·         އޮޕަރޭޝަން ކޮށްގެން ރަހިމުގެ ބަތާނަ ފަށް ނެގުން
·         އޮޕަރޭޝަން ކޮށްގެން ރަހިމު ނެގުން
·         ހިސްޓީރޮސްކަޕީ: ހިސްޓީރޮސްކަޕީ އަކީ ކެމެރާ އެއް ލައްވައިގެން ރަހިމުގެ އެތެރެ ބެލުމެވެ. އެގޮތުން ރަހިމުގެ އެތެރޭގައި އުފެދިފައި ހުންނަ މަސްކޮޅު، އަދި ރަހިމުގައި އުފެދިފައި ހުންނަ ފައިބްރޮއިޑް ފަދަ ގަނޑުތައް ވަކިކޮށް ނެގިދާނެއެވެ.
ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ފަދަ ހާލަތްތަކުގައި ބައެއް ފަހަރު މައްސަރުގެ ތަދާއި، ލޭއައުން ކުޑަކުރުމަށް، ތަދުކަނޑުވާ ބޭހެއް ބޭނުން ކުރެވިދާނެ އެވެ. މިފަދަ ބޭސްތަކުގެ ސަބަބުން މައްސަރުގެ ތަދު ކުރިމަތިވުމުގެ އަސްލު ކަމުގައިވާ "ޕްރޮސްޓަގްލޭންޑިން" ގެ މިންވަރު ދަށްކޮށްދީ، މައްސަރު ތެރޭގައި ލޭފައިބާ މިންވަރު ކުޑަކޮށްދެއެވެ. މިފަދަ ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން އެންމެ ރަނގަޅީ މައްސަރު ކަންތައް ޖެހުމުގެ 1-2 ދުވަސް ކުރިންނެވެ. މައްސަރު ކަންތައް ޖެހޭނެ ދުވަސް ނޭނގޭނަމަ މައްސަރު ކަންތައްޖެހޭތަނާހެން، ފުރަތަމަ ބޭސް ގުޅަ (ތަދުކަނޑުވާ ބޭސް) ނެގިދާނެ އެވެ. ނަމަވެސް މިފަދަ ބޭސްތައް ބޭނުންކުރުމުގެ ކުރިން އެންމެ އެދެވިގެންވަނީ ޑޮކްޓަރުން ލަފާގެ މަތިންނެވެ. 

މާގިނައިން މައްސަރުގެ ލޭ ބޭރުވުމަކީ ލޭގައި ދަގަނޑުގެ ބައި މަދުވެ، ލޭމަދުވުން ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން ކެއުމުގައި ދަގަނޑު އެކުލެވޭ ބާވްތައް ހިމެނުމަކީ މުހިއްމު ކަމެކެވެ. 

ރައްކާތެރިވުން
މައްސަރު ކަންތައް ބައެއް ފަހަރު ދިމާވަނީ ހޯރމޯން އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށްވާތީ އެފަދަ ހާލަތުގައި ރައްކާތެރިވުމަށް ކުރެވޭ ވަކި ޚާއްޞަ ކަމެއް ނޯވެއެވެ. މައްސަރުގެ ލޭ ގަވާއިދުން ނުފައިބާނަމަ، ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. އަވަހަށް ދެނެގަނެ، އަވަހަށް ފަރުވާކުރުމުން، މައްސަރު ކަންތައް ގަވާއިދުން ޖެހޭގޮތް ވެއެވެ. 

ބަރުދަން އިތުރުވެ މާބޮޑަށް ފަލަވުމަކީ ހޯރމޯން އުފެއްދުމަށް ބާރުފޯރުވައި، މައްސަރު ކަންތަކަށް އަސަރުކުރާ ކަމަކަށްވުމުން، އެފަދަ ހާލަތުގައި ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމުގެ ފުރުޞަތު އޮވެދާނެއެވެ. އެހެންކަމުން ބަރުދަން ލުއިކޮށްލުމަކީ ވެސް ފަހަރުގައި ދިމާވެފައިވާ މައްސަލައިގެ (ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން) ހައްލަކަށް ވެދާނެއެވެ. 

މައުލޫމާތު :