Thursday, October 6, 2016

ޕްރޮޓީން

ޕްރޮޓީން
ޕްރޮޓީން އަކީ ދިރުންހުރި ހުރިހާ އެއްޗަކަށް ބޭނުންވާ މުހިއްމު މާއްދާ އެކެވެ. ހަށިގަނޑުގެ ހުރިހާ ދިރު ތަކާއި، ސެލޯށި ތަކާއި، ގުނަވަންތަކުގައި ޕްރޮޓީން އެކުލެވިގެން ވެއެވެ. ގަސްގަހާގެއްސާއި، ޖަނަވާރުގެ ހަށިގަނޑުގައި ވެސް ޕްރޮޓީން އެކުލެވެއެވެ. ނަމަވެސް މިދެބާވަތުން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން ތަފާތެވެ.

ޕްރޮޓީން އުފެދިފައިވާގޮތް
ޕްރޮޓީން އުފެދިފައިވަނީ ނައިޓްރިޖަން، ކާބަން، ހައިޑްރިޖަން، އަދި އޮކްސިޖަން އެކުލެވިގެންނެވެ. ހަށިގަނޑުގައި ކޮށާރު ކުރެވިފައި ހުންނަ ކާބޯހައިޑްރޭޓް އާއި ފެޓް އަކުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން އުފައްދައެއް ނުދެވެއެވެ. އެއީ މިދެބާވަތުގައި ނައިޓްރިޖަން އެކުލެވިފައި ނުވާތީ އެވެ.

ކޮންމެ ޕްރޮޓީން މޮލާރި(molecule) އެއް އުފެދިފައި ހުންނަނީ ގެތިފައިވާ އެމިނޯއެސިޑް(Aminoacids) ތަކަކުންނެވެ. އިންސާނާގެ ހަށިގަނޑުގައި އެމިނޯއެސިޑްގެ ތަފާތު 20 ވައްތަރު ހުރެއެވެ. ކޮންމެ ޕްރޮޓީން އެއް އުފެދިފައި ހުންނަނީ މީގެތެރެއިން ތަފާތު އެމިނޯއެސިޑް އެކިއަދަދަށް އެކިފަރުމާތަކަށް ގެތިގެންނެވެ. ކާބޯތަކެތި ހަށިގަނޑަށް އެތެރެވުމުން ހަޖަމުކުރުމުގެ ތެރޭގައި ޕްރޮޓީންގައި އެކުލެވޭ އެމިނޯއެސިޑް ތައް ބައިބައިވެގެން ގޮހޮރުގެ ތެރެއިން ލޭގެ ތެރެއަށް ދެއެވެ. ލޭގެ ޒަރީޢާއިން އެމިނޯއެސިޑްތައް ދިރުތަކަށް ފޯރުމުން ތަފާތު އެމިނޯއެސިޑްގެ ފުއްތަކުން އިންސާނީ ޕްރޮޓީންގެ ހާރު ގަތާލައެވެ. އަދި ބޭނުންނުހިފޭ ފުއްތައް ނަޖިހާއެކު ހަށިގަނޑުން ބޭރުކޮށްލައެވެ. 
 
ޕްރޮޓީންގެ ބާވަތްތައް
ކާނާއިން ލިބޭ އެމިނޯއެސިޑް ބޭނުންކޮށްގެން، ހަށިގަނޑަށް ބޭނުންވާ ތަފާތު 20 އެމިނޯއެސިޑްގެ ތެރެއިން 11 ވައްތަރުގެ އެމިނޯއެސިޑް ހަށިގަނޑުގައި ހިމެނޭ ދިރު ތަކުން އުފައްދައެވެ. މިބާވަތުގެ އެމިނޯއެސިޑް އަށް ކިޔަނީ މުހިއްމު ނޫން އެމިނޯއެސިޑް(Non-Essential Aminoacids) އެވެ. ހަށިގަނޑުން އުފައްދައިނުދެވޭ 9 ވައްތަރެއްގެ އެމިނޯއެސިޑް ހުރެއެވެ. މިބާވަތުގެ އެމިނޯއެސިޑް އަށް ކިޔަނީ މުހިއްމު އެމިނޯއެސިޑް(Essential Aminoacids) އެވެ. މިބާވަތުގެ އެމިނޯއެސިޑް ޖެހެނީ ކާބޯތަކެތިން ހޯދާށެވެ.

އެކިބާވަތުގެ ކާނާއިން ހަށިގަނޑަށް ލިބޭ ޕްރޮޓީން ތަފާތެވެ. މިސާލަކަށް ހަނޑުލުން ލިބޭ ޕްރޮޓީން އާއި، ތަރުކާރީން ލިބޭ ޕްރޮޓީން ތަފާތެވެ. ޖަނަވާރުންގެ ހަށިގަނޑުން އުފައްދާ މުހިއްމު އެމިނޯއެސިޑްގެ އަދަދު، އިންސާނާއަށް ބޭނުންވާ ޕްރޮޓީންގައި ހުންނަ މުހިއްމު އެމިނޯއެސިޑް ގެ އަދަދާއި ދާދި އެއްވަރެވެ. މިހެންކަމުން ޖަނަވާރުން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން އަށް ބަހާހަމަ ޕްރޮޓީން(complete protein) އޭ ކިޔައެވެ. ގަސްގަހާ ގެހިން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން ގައި މުހިއްމު އެމިނޯއެސިޑް ގެ އަދަދު ޖަނަވާރުން ލިބޭ ކާބޯތަކެއްޗަށްވުރެ، ނުވަތަ އިންސާނާގެ ހަށިގަނޑުގައި އުފައްދާ ޕްރޮޓީން ގައި ހުންނަ މުހިއްމު އެމިނޯއެސިޑް ގެ އަދަދަށްވުރެ މަދެވެ. މިހެން ކަމުން ގަސްގަހާ ގެހިން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން އަށް ބަހާއުނި ޕްރޮޓީން(incomplete protein) އޭ ކިޔައެވެ.

(ހ) ބަހާހަމަ ޕްރޮޓީން (complete protein): ބަހާހަމަ ޕްރޮޓީން އަކީ ޖަނަވާރުން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން އެވެ. މިއީ ހުރިހާ އެމިނޯއެސިޑްތައް އޭގައި ހިމެނޭ ޕްރޮޓީންގެ ބާވަތެވެ. ޖަނަވާރުން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން އަށް "ބަހާހަމަ ޕްރޮޓީން" އޭކިޔަނީޖަނަވާރުންގެ ހަށިގަނޑުން އުފައްދާ މުހިއްމު އެމިނޯއެސިޑްގެ އަދަދު، އިންސާނާއަށް ބޭނުންވާ ޕްރޮޓީންގައި ހުންނަ މުހިއްމު އެމިނޯއެސިޑް ގެ އަދަދާއި ދާދި އެއްވަރަކަށް ހުންނާތީ އެވެ. ޖަނަވާރުން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން ލިބިދޭ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަހުގެ ބާވަތްތައް، ކަނޑުމަހާއި، ފަރުމަހުގެ ބާވަތްތައް، ކިރު، ކުކުޅު ބިސް، އަދި ޗީޒު ފަދަ ބާވަތްތައް ހިމެނެއެވެ.

(ށ) ބަހާއުނި ޕްރޮޓީން (incomplete protein): ބަހާއުނި ޕްރޮޓީން އަކީ ގަސްގަހާ ގެހިން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން އެވެ. ބަހާއުނި ޕްރޮޓީން ގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް އެމިނޯއެސިޑް ހުންނަ މިންވަރު މަދުވާނެ އެވެ. ގަސްގަހާ ގެހިން ލިބޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން އަށް "ބަހާއުނި ޕްރޮޓީން" އޭ ކިޔަނީ އޭގައި ހިމެނޭ މުހިއްމު އެމިނޯއެސިޑް ގެ އަދަދު ޖަނަވާރުން ލިބޭ ކާބޯތަކެއްޗަށްވުރެ، ނުވަތަ އިންސާނާގެ ހަށިގަނޑުގައި އުފައްދާ ޕްރޮޓީން ގައި ހުންނަ މުހިއްމު އެމިނޯއެސިޑް ގެ އަދަދަށްވުރެ މަދުވާތީ އެވެ. ގަސްގަހާ ގެހިން ލިބިދޭ ކާބޯތަކެތީގައި ހުންނަ ޕްރޮޓީން ލިބިދޭ ބާވަތްތަކުގެ ތެރޭގައި، ހަނޑޫ، ޒުވާރި، ދޮނަޅަ، މުގު، ހިއްކާފައި ހުންނަ ތޮޅި ފަދަ ބާވަތްތައް ހިމެނެއެވެ.

ޕްރޮޓީން އިން ފުރިހަމަކޮށްދޭ މަސައްކަތްތައް
ޕްރޮޓީން އަކީ ހަށިގަނޑު ބިނާކުރުމަށާއި، މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ކަމުގައި ބެލެވެއެވެ. ހަށިގަނޑުގެ ހުރިހާ ސެލޯށި(tissue)ތަކާއި، ދިރު(cell) ތަކުގައި، އަދި ގުނަވަން ތަކުގައި ޕްރޮޓީން އެކުލެވިގެން ވެއެވެ. ހަށިގަނޑުގެ މަސްތަކާއި، ސެލޯށި ތަކާއި، ލޭފަދަ މުހިއްމު ހުރިހާ ދިޔަވަރު ހެދިފައިވަނީ ޕްރޮޓީން އެކުލެވިގެންނެވެ. މީގެ އިތުރުން އެންޒައިމް އާއި ހޯރމޯންގެ ގޮތުގައި އުފެދިފައިވާ ޕްރޮޓީންތައް ހަށިގަނޑުގެ އެކި ގުނަވަންތައް ހިންގުމުގެ މަސައްކަތުގައި ހަށިގަނޑުގެ ހުރިހާ ދިމާއެއްގައި ހަރަކާތްތެރިވަމުން ގެންދެއެވެ. އެހެންކަމުން މިއީ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިއްމު ބައެވެ. އަދި ފުދޭ ވަރަށް ކާނާގައި ކޮންމެހެން ހިމަނަންޖެހޭ ބައެކެވެ. ކާ ކާނާއެއްގެ ފޭރާން ހެޔޮވަރުތޯ ބަލަންގެންގުޅޭ އެންމެ މުހިއްމު މިންގަނޑަކީ އެކާނާއެއްގައި ޕްރޮޓީން އެކުލެވިގެންވާ މިންވަރެވެ.

ހަށިގަނޑަށް ޕްރޮޓީން ބޭނުންވަނީ ތިރީގައި މިދަންނަވާ ކަންތައްތަކަށެވެ. ނުވަތަ ހަށިގަނޑުގައި ޕްރޮޓީން އަދާކޮށްދޭ މަސައްކަތްތަކާއި، ޝާމިލްވާ ކަންތައްތައް ތިރީގައި މިވަނީ އެވެ.
* އައު ސެލޯށި ތަކާއި ދިޔަވަރުތައް އުފެއްދުން : މިއީ ޚާއްޞަކޮށް ފުރާވަރަށް އަރަމުން އަންނަ ކުދިންނަށާއި، މާބަނޑު އަންހެނުންނާއި، ކިރުދޭ މައިންނަށް ވަރަށް ބޭނުންތެރި ކަމެކެވެ.

* އުނިވާ އެމިނޯއެސިޑް ތައް އަނބުރާ ލިބިގަތުން : ހަށިގަނޑުގައި ހުންނަ ބައެއް ދިރުތައް މަރުވުމުން އެދިރުތަކުގައިވާ އެމިނޯއެސިޑް ތަކުން ބައެއް ކުޑަކަމުދާ ތަކެއްޗާއި އެކުވެގެން ހަށިގަނޑުން ބޭރުވެގެން ދެއެވެ. އަދި ބައެއް ބަލިޖެހުމުން ހަށިގަނޑުން އެމިނޯއެސިޑް ބޭނުންވާ މިންވަރު އިތުރުވެއެވެ. މިހެން ކަމުން ކޮންމެ މީހަކުވެސް ހަށިގަނޑުން އުނިވާ އެމިނޯއެސިޑް އަނބުރާ ހޯދުމަށް އިތުރު ޕްރޮޓީން ކާންޖެހެއެވެ.

* ދިރު ތަކުގައި މަސައްކަތް ހިންގުން : ހަށިގަނޑުގައިވާ ދިރު ތަކުގެ މަސައްކަތް އަދާކުރުމުގައި އެންމެ ބޮޑަށް އެހީތެރިވެދެނީ އެކަމަށް ޚާއްޞަ ޕްރޮޓީން އެވެ.

* ތަފާތު ބަލިތަކުން ހަށިގަނޑު ދިފާޢު ކުރުން : އިންސާނާގެ ހަށިގަނޑަށް ވަންނަ އެކި އެކި ވައިރަސްތަކާއި، ބެކްޓީރިޔާ ނައްތާލުމަށް އުފައްދާ ހަށިދަމަނަ(antibodies) އަކީ އެކަމަށް ޚާއްޞަ ޕްރޮޓީން އެކެވެ. އެހެންކަމުން އިންސާނާގެ ހަށިގަނޑަށް ވަންނަ ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމުތަކާއި، އެހެނިހެން ހަށިގަނޑާއި ނުރައްޓަހި މާއްދާތައް ނައްތާލަނީ ހަށިގަނޑުގައި އުފެދޭ މިފަދަ ހަށިދަމަނަ ނުވަތަ ޕްރޮޓީން ތަކުގެ އެހީގައެވެ. މިފަދަ ހަށިދަމަނައިގެ އެއް މިސާލަކީ "އިމިޔުނޯގްލޯބިއުލިންޖީ" އެވެ.

* ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުން : ހަށިގަނޑަށް ބޭނުންވާ ހަކަތަ ފުރަތަމަ ހޯދަނީ ކާބޯސް އިންނެވެ. ދެން ފެޓް އިންނެވެ. މިދެބައި ކެއުމުގައި މަދުވެއްޖެނަމަ މަސްތަކުގައި ހުންނަ ޕްރޮޓީންތައް ވިރި ހަކަތަ އަށް ބަދަލުވެއެވެ.

* މަސްތަކުގެ ހަރަކާތްތައް ފުރިހަމަކުރުން : އިންސާނާގެ ހަށިގަނޑުގައިވާ ތަފާތު މަސްތަކުގެ ހަރަކާތްތައް ފުރިހަމަވެގެންދަނީ އޭގައި އެކުލެވޭ "އެކްޓިން" އަދި "މަޔޯސިން" ފަދަ ޕްރޮޓީން ތަކުގެ އެހީގައެވެ.

* ހަށިގަނޑުގައި އެކި ކަހަލަ އެންޒައިމްގެ ގޮތުގައި ހަރަކާތްތެރިވުން : ހަށިގަނޑުގައި ހުންނަ އެކި ކަހަލަ އެންޒައިމްތަކަކީ ވެސް ޕްރޮޓީން ތަކެކެވެ. އެންޒައިމް ތަކަކީ ހަށިގަނޑުގައި ހިނގާ އެކި ކަހަލަ "ބަޔޯކެމިކަލް ރިއެކްޝަން"ތައް ހިންގުމަށް މަގުފަހިކޮށް، ހަލުވިކޮށްދޭ ޕްރޮޓީން ތަކެކެވެ. މިސާލަކަށް "ލެކްޓޭސް" އަކީ ކިރުގައި ހުންނަ ހަކުރު "ލެކްޓޯސް" ބައިބައިކުރާ އެންޒައިމެކެވެ. ޕެޕްސިން އަކީ ކާބޯތަކެތީގައި ހިމެނޭ ޕްރޮޓީން މައިދާގެ ތެރޭގައި ބައިބައިކުރުމަށް އެހީތެރިވެދޭ އެންޒައިމެކެވެ.

* ހަށިގަނޑުގައި އެކި ކަހަލަ ހޯރމޯންގެ ގޮތުގައި ހަރަކާތްތެރިވުން : ހަށިގަނޑުގައި އެކި ކަހަލަ ހޯރމޯންގެ ގޮތުގައި ވެސް ހަރަކާތްތެރިވަނީ ޕްރޮޓީން ތަކެކެވެ. މިއީ "ހޯރމޯނަލް ޕްރޮޓީން" އެވެ. މިސާލަކަށް އިންސިއުލިން، އޮކްސިޓޯސިން،ސޮމާޓޯޓްރޮޕިން، ފަދަ ހޯރމޯން ތަކަކީ ވެސް ޕްރޮޓީން ތަކެކެވެ. އިންސިއުލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކުރާ ހޯރމޯން އެކެވެ. އޮކްސިޓޯސިން އަކީ ވިހެއުމުގެ ތެރޭގައި ރަހިމުގެ ހަރަކާތްތައް ހަލުވިކޮށްދޭ ހޯރމޯން އެކެވެ. އަދި ސޮމާޓޯޓްރޮޕިން އަކީ މަސްތަކުގައި ޕްރޮޓީން އުފެއްދުން ހަލުވިކޮށްދީ، އެކަމަށް ބާރުއަޅައިދޭ ގްރޯތު ހޯރމޯން އެކެވެ.

ހަށިގަނޑުގައި ޕްރޮޓީން ރައްކާކުރުން
ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކެވޭ ޕްރޮޓީން ހަށިގަނޑުގައި ކޮށާރުކުރަނީ ފެޓްގެ ގޮތުގައެވެ. ހަށިގަނޑު ހިންގުމަކީ ހަށިގަނޑު ބިނާކުރުމަށްވުރެ މުހިއްމުކަމަކަށްވާތީ ކާބޯހައިޑްރޭޓްގެ ގޮތުގައި ނުވަތަ ފެޓްގެ ގޮތުގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ނުލިބޭނަމަ، ކޮށާރުކުރެވިފައި ހުރި ފެޓް އިން ހަކަތަ ހޯދައެވެ. މިބައި ހުސްވުމުން ދެން ހަކަތަ ހޯދަނީ މަސްތަކުގައި ހުންނަ ޕްރޮޓީން އިންނެވެ. ކެއިންބުއިން މާމަދުކޮށްލުމުން ހަށިގަނޑު އަނަރޫފަވަނީ މިހެން ވެގެންނެވެ. އަދި ކާން ފުދޭވަރަށް ނުލިބޭކުދިން ބޮޑުނުވަނީ ވެސް މިހެން ވެގެންނެވެ.

ޕްރޮޓީން ބޭނުންވާ މިންވަރު
ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ މިންވަރު ބިނާވެފައިވަނީ އެމީހެއްގެ އުމުރާއި، ޖިންސާއި، ސައިޒެއްގެ މައްޗަށެވެ. އަދި ކުޑަކުދިންނާއި މާބަނޑު މީހުންނަށް ބޭނުންވާ ޕްރޮޓީންގެ މިންވަރު އިތުރުވާނެއެވެ. އެއީ އައު ދިރުތައް އަވަހަށް އިތުރުކުރަން ބޭނުން ޖެހިފައިވާތީ އެވެ. އެމީހެއްގެ ކެއުމުގައި އެކުލެވޭ ކާނާގެ ބާވަތުން ވެސް ދުވާލެއްގެ ކެއުމުގައި ހިމަނަންޖެހޭ ޕްރޮޓީންގެ މިންވަރު ތަފާތު ވެއެވެ. ޖަނަވާރު ތަކުން ލިބޭ ބަހާހަމަ ޕްރޮޓީން އެކުލެވޭ ކާނާ ބޭނުންކުރާނަމަ، ކެއުމުގައި ހިމަނަންޖެހޭ ޕްރޮޓީންގެ މިންވަރު މަދުވާނެއެވެ. ނަމަވެސް ގަސްގަހާ ގެހިން ލިބޭ ބަހާއުނި ޕްރޮޓީން އެކުލެވޭ ކާނާ ބޭނުންކުރާނަމަ، ކާންޖެހޭ ވައްތަރާއި މިންވަރު އިތުރުކުރަންޖެހެއެވެ.

މަތީގައި ބަޔާންކޮށްފައިވާ ގޮތަށްބަލާއިރު، ކާނާގައި ހިމަނަން ޖެހޭ ޕްރޮޓީން އެކަށައެޅުމުގައި ކާނާގެ ބާވަތަށް ވެސް ބަލަންޖެހެއެވެ. އެއީ ތަފާތު ކާނާގެ ބާވަތްތަކުން ހަށިގަނޑަށް ބޭނުންކުރެވޭ ޕްރޮޓީންގެ މިންވަރު ތަފާތުވާތީ އެވެ. ތަފާތު ކާނާއިން ލިބޭ ޕްރޮޓީން މިނަންގެންގުޅޭ ނާޅިއަކަށް ބޭނުންކުރަނީ ކުކުޅު ބިހެވެ. އެއީ އިންސާނުންގެ ޕްރޮޓީން އާއި ބިހުގެ ޕްރޮޓީން އުފެދިފައި ހުންނަނީ ދާދި އެއް އެމިނޯއެސިޑް ތަކަކުން ކަމަށްވާތީ އެވެ. ކުކުޅު ބިހުގެ ޕްރޮޓީން އިން ލިބޭ އެމިނޯއެސިޑް ތަކުން އިންސާނީ ޕްރޮޓީންގެ ހާރެއް ގަތާލުމަށްފަހު، އެންމެ ފުކެއް ނޫނީ ބާކީވެގެން ނުދެއެވެ. ނަމަވެސް ތަރުކާރީ ޕްރޮޓީން އިން ލިބޭ އެމިނޯއެސިޑް ތަކުން އިންސާނީ ޕްރޮޓީންގެ ހާރެއް ގަތާއިރު ވަރަށް ގިނަ ފުއް ބާކީވެއެވެ. މިހެންވީމާ ބޮޑުމީހަކަށް ދުވަހަކަށް، ހަށިގަނޑުގެ ބަރުމިނުގެ ކޮންމެ ކިލޯގްރާމް އަކަށް ބިހުގެ ޕްރޮޓީންގެ 0.7ގްރާމް އިން ފުދޭއިރު، ޖުމުލަ ގޮތެއްގައި ތަރުކާރީ ޕްރޮޓީންގެ 1 ގްރާމް އިން ނޫނީ ނުފުދެއެވެ.

ކެއުމުގައި އެކުލެވޭ ފައިބަރު ގެ މިންވަރުންވެސް ކެއުމުގައި ހިމަނަންޖެހޭ ޕްރޮޓީންގެ މިންވަރަށް ބަދަލު އާދެއެވެ. އެއީ އެމިނޯއެސިޑް އުފެދެނީ ޕްރޮޓީން ހަޖަމުކުރެވިގެންކަމަށްވާތީ އެވެ. ކެއުމުގައި ފައިބަރު މަދުނަމަ، ޕްރޮޓީން ހަޖަމުކުރެވޭލެއް ގިނަވާނެއެވެ. އަދި ފައިބަރު ގިނަ ކެއުމެއް ކައިފިނަމަ ޕްރޮޓީން ހަޖަމުކުރެވޭލެއް މަދުވާނެއެވެ. މިކަން މިހެން ހުއްޓަސް ފައިބަރު އިން ލިބޭ ފައިދާ ގިނަކަމުން ކެއުމުގައި ފައިބަރު ހިމެނުން މަދުކޮށްގެން ނުވާނެއެވެ.

ދުވާލެއްގެ މައްޗަށް އިންސާނާއަށް ޕްރޮޓީން ބޭނުންވާ މިންވަރު އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. އާންމުކޮށް ޕްރޮޓީން ކާނާގައި ހިމެނުން އެދެވިގެންވާ މިންވަރަކީ ދުވާލެއްގެ މައްޗަށް އިންސާނަކަށް ބޭނުންވާ ހަކަތައިގެ %35-10 އާއި ދެމެދުގެ މިންވަރެވެ. މާނައަކީ އިންސާނާއަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ހަކަތައިގެ %35-10 އާއި ދެމެދުގެ މިންވަރެއް ލިއްބައިދޭން ޖެހޭނީ ޕްރޮޓީން އެކުލެވޭ ކާބޯތަކެތިންނެވެ. އެކި އުމުރު ފުރާ ތަކަށް ބަލައިގެން ޕްރޮޓީން ދުވާލެއްގެ މައްޗަށް ބޭނުންވާ މިންވަރު ތިރީގައި މިވަނީ އެވެ.

އުމުރު ފުރާ
ދުވާލަކު ޕްރޮޓީން ބޭނުންވާ މިންވަރު (ގްރާމުން)
3-1 އަހަރާއި ދެމެދުގެ ކުޑަކުދިން
13 ގްރާމް
8-4 އަހަރާއި ދެމެދުގެ ކުޑަކުދިން
19 ގްރާމް
13-9 އަހަރާއި ދެމެދުގެ ކުޑަކުދިން
34 ގްރާމް
18-14 އަހަރާއި ދެމެދުގެ އަންހެންކުދިން
46 ގްރާމް
18-14 އަހަރާއި ދެމެދުގެ ފިރިހެންކުދިން
52 ގްރާމް
19 އަހަރުން މަތީގެ އަންހެނުން
46 ގްރާމް
19 އަހަރުން މަތީގެ ފިރިހެނުން
56 ގްރާމް


ޕްރޮޓީން ލިއްބައިދޭ ބައެއް ބާވަތްތައް
·         އެއްގަމުމަހުގެ ބާވަތްތައް
·         ކަނޑުމަހާއި، ފަރު މަހުގެ ބާވަތްތައް
·         ހިއްކާފައި ހުންނަ ތޮޅި އާއި، އޮށުގެ ބާވަތްތައް
·         މަދުގެ ބާވަތްތައް
·         ކުކުޅު ބިސް
·         ކިރާއި، ކިރުގެ އުފެއްދުންތައް
·         ގޮވާމުގެ ބާވަތްތައް
·         ބައެއް ބާވަތުގެ ތަރުކާރީ

މައުލޫމާތު :
·         ކާނާގެ ފައިދާ – މިނިސްޓްރީ އޮފް ހެލްތު – 2003

ކާބޯހައިޑްރޭޓް

ކާބޯހައިޑްރޭޓް
ކާބޯހައިޑްރޭޓް(carbohydrate) އަށް ކުރުކޮށް ކިޔަނީ ކާބްސް(carbs) ނުވަތަ ކާބޯސް(carbose) އިންނެވެ. ކާބޯސް ހުންނަނީ ގުލްކޯޒް މޮލާރި(molecule)ތައް އެކުލެވިގެންވާ ޗޭނެއްގައެވެ. އެހެންކަމުން މިޗޭނުގެ ބޮޅުތައް ވަކިވަކިކޮށްލާ ހަށިގަނޑަށް ބޭނުންކުރެވޭގޮތް ހެދުމަށްޓަކައި، އެހެން މާއްދާތައް ބޭނުންވެއެވެ. އެހެން ކަމުން ބަނޑުފުރެންދެން ހުސް މިބާވަތް ނުވަތަ މިބާވަތް ގިނައިން ހިމެނޭ ތަކެތި ކެއުމަކުން ފުރިހަމަ ކާނާ އަކަށް ނުފުދެއެވެ. އަދި މިއީ އެންމެ ފަސޭހައިން ލިބޭ، އެންމެ ގިނައިން ބޭނުންކުރެވޭ ބައިކަމަށްވާތީ ކާބޯސް ކެއުމާ ދޭތެރޭ ސަމާލުކަން ނުދޭނަމަ، މާގިނައިން ކެވި، ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރުވެދާނެއެވެ. އަދި އިތުރުވާ ކާބޯސް މޮލާރި ތަކަކީ ވަރަށް ފަސޭހައިން ފެޓް އަށް ބަދަލުވާ އެއްޗެކެވެ. އެހެން ކަމުން މީހާގެ ބައްޓަން ގެއްލި އިސްކޮޅާއި ރޫފަޔާއި ނުގުޅި ، މީހާ މޮޓާ ވެދާނެއެވެ. ކާބޯހައިޑްރޭޓް މައިގަނޑު ގޮތެއްގައި އެކުލެވިގެންވަނީ ކާބަން، ހައިޑްރޯޖަން، އަދި އޮކްސިޖަން ގެ މައްޗަށެވެ.


ދުވާލެއްގެ މައްޗަށް އިންސާނާއަށް ކާބޯހައިޑްރޭޓް ބޭނުންވަނީ ކިހާ މިންވަރެއް؟
އިންސާނާއަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 325-225 ގްރާމާ ދެމެދުގެ މިންވަރަކަށް ކާބޯހައިޑްރޭޓް ބޭނުންވެއެވެ. އެއީ ގާތްގަނޑަކަށް އިންސާނާގެ ހަށިގަނޑަށް ވަންނަ ހަކަތައިގެ 65-45 އިންސައްތަ އާއި ދެމެދުގެ މިންވަރެކެވެ.

ކާބޯހައިޑްރޭޓް ގެ ބޭނުން
(ހ) - ހަށިގަނޑަށް ހަކަތަ ލިއްބައިދިނުން : ހަށިގަނޑަށް ކާބޯސް ބޭނުންވަނީ އާންމު ގޮތެއްގައި ހަކަތަ އުފެއްދުމަށެވެ. އަދި ފަހުން ހަކަތަ ބޭނުންވެދާނޭ ކަމަށް ފެޓްގެ ގޮތުގައި ކޮށާރުކޮށްފައި ބެހެއްޓުމަށާއި، އަދި ދިރު(cell) ތައް އުފެއްދުމަށެވެ. ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މައި މަޞްދަރަކީ ވެސް ކާބޯހައިޑްރޭޓް އެވެ. ކާތަކެތީގެ ތެރޭގައި ހިމެނޭ ހަކުރުގެ ބާވަތްތަކާއި، އޮލަފައިބާ ކާބޯތަކެތި، ހަޖަމުކުރުމުގެ ތެރޭގައި ބައިބައިވެ، ސާދާ ހަކުރު ޔުނިޓް ތަކަށް ބަދަލުވެގެން ދެއެވެ. ސާދާ ހަކުރު ޔުނިޓްތަކަށް ބަދަލުވުމަށް ފަހު ލޭގެ ތެރެއަށް ދެއެވެ. ލޭގެ ތެރެއަށް ދިއުމުން އެއީ ލޭގައި ހިމެނޭ ހަކުރު (ގުލްކޯޒު) ކަމުގައި ބެލެވޭނެ އެވެ. އިންސިއުލިން ގެ އެހީގައި ހަށިގަނޑުގެ ސެލްތަކަށް ހަކުރު ވަންނަނީ ލޭގެ ތެރެއިންނެވެ. ހަށިގަނޑަށް ބޭނުންވާ ބާރު ޖައްސައިދިނުމަށާއި، ކުޅިވަރު ކުޅުމާއި، އެހެނިހެން ހަރަކާތްތަކަށް ބޭނުންވާ ހަކަތަ ލިބިދެނީ ހަކުރު ނުވަތަ ގުލްކޯޒުންނެވެ. ފަހުން ހަށިގަނޑަށް ބޭނުންވެދާނެ ކަމަށްޓަކައި، ގިނަވެފައި ހުންނަ ގުލްކޯޒު، "ގުލައިކޯޖަން" ގެ ގޮތުގައި އަދި ފެޓުގެ ގޮތުގައި ކޮށާރުކޮށްފައި ބަހައްޓަނީ ފުރަމޭ އަދި މަސްތަކުގައެވެ.

(ށ) - ބަލިތަކުން ރައްކާތެރިކޮށްދިނުން : ބައެއް ދިރާސާތައް ދައްކާގޮތުގައި ހޯލް ގްރޭން، އަދި ޑައިޓަރީ ފައިބަރު ބޭނުންކުރުމަކީ ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތައް ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. ފައިބަރަކީ ހަޖަމުކުރުމުގެ މަސައްކަތް ރަގަޅުކޮށްދީ، ހަކުރު ބައްޔާއި، އާދަޔާ ޚިލާފަށް ފަލަވުން ފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

(ނ) - ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލްކުރުން : ދިރާސާތަކުން ދައްކާގޮތުގައި މޭވާއާއި، ތަރުކާރީ، އަދި ހޯލްގްރޭން ގިނައިން ބޭނުންކުރުމަކީ ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ފައިބަރު ހިމެނޭ ކާނާ އަކީ މަދު ހަކަތަ ކޮޅެއް ހަށިގަނޑަށް އެތެރެކޮށްދީ، އެބޭނުންކުރުމުން ބަނޑުފުރިފައި ހުންނަ އިހުސާސެއް ގެނެސްދޭ ބާވަތްތަކެކެވެ. މާނައަކީ މިފަދަ ކާނާ ކެއުމުން އަވަހަށް ބަނޑުފުރޭހެން ހީވިޔަސް ހަށިގަނޑަށް އެތެރެވަނީ މަދު ހަކަތަކޮޅެއް ކަމަށްވުމުން، ފައިބަރު ހިމެނޭ ކާނާ ބޭނުންކުރުމުން ހަށިގަނޑުގެ ބަރުދަން ލުއިކޮށް، ކޮންޓްރޯލްކުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް ޖުމުލަ ގޮތެއްގައި ކާބޯހައިޑްރޭޓް ހިމެނޭ ކާނާ ގިނައިން ބޭނުންކުރުމަކީ (އެއްވެސް ކަހަލަ އުސޫލެއް، ހަމައެއް ލަމައެއް ނެތި ބޭނުންކުރުމަކީ) އެކަމުގެ ސަބަބުން ފަލަވުން އެކަށީގެންވާ ކަމެކެވެ.

ކާބޯހައިޑްރޭޓް ގެ ވައްތަރުތައް
ކާބޯހައިޑްރޭޓް މައިގަނޑު ދެބަޔަކަށް ބަހާލެވިފައި ވެއެވެ.އެއީ ސާދާ ކާބޯސް އާއި، ސާސްތާ ކާބޯސް އެވެ.
(ހ) – ސާދާ ކާބޯސް (simple carbohydrate): ސާދާ ކާބޯސް އަކީ އެކެއް، ދޭއް، ނުވަތަ ގިނަވެގެން 3 ޔުނިޓް ފޮނި އެކުވެގެން ހެދޭ ކާބޯސްގެ އެންމެ މޮލާރި އެކެވެ. ސާދާ ކާބޯސް ވަކިކުރަން ވަރަށް ފަސޭހަވާނެއެވެ. އެއީ ދުލުގައި ޖެހުމާއެކު އޭގެ ފޮނި ރަހަ އިހްސާސް ކުރެވޭތީ އެވެ. ހަކުރު އަކީ އެންމެ ސާދާ، އަދި އެންމެ ފަސޭހައިން ހަށިގަނޑަށް ބޭނުންކުރެވޭ ކާބޯސް އެވެ. ސާދާ ކާބޯސް އެންމެ ގިނައިން ލިބެނީ ހަކުރުންނާއި، އުއްދަނޑި އިންނާއި، ދޮންވެފައި ހުންނަ މޭވާ އިންނާއި، ކިރާއި، ކިރުގެ އުފެއްދުންތަކުންނެވެ.

(ށ) – ސާސްތާ ކާބޯސް (complex carbohydrate): ސާސްތާ ކާބޯސް އަކީ އެތައް ސަތޭކަ ނޫނީ އެތައް ހާސް ފޮނި ޔުނިޓް ގުޅިގެންހެދޭ ކާބޯސް ގެ އެންމެ މޮލާރި އެކެވެ. އެކަމަކު އަލުވި ނުވަތަ އަލަ ކަހަލަ ސާސްތާ ކާބޯސް ލިބޭތަކެތީގެ ރަހަ، މީރު ކަމުގައިވިޔަސް، މިއީ ފޮނި ޔުނިޓް ތަކެއް އެކުލެވޭ އެއްޗެހި ކަމެއް އެހާ ފަސޭހައެއްކޮށް ނޭގޭނެއެވެ. ނަމަވެސް މިއީ ވެސް ހަމަ ކާބޯސް އެވެ. ސާސްތާ ކާބޯސް ދެބަޔަކަށް ބަހާލެވެއެވެ. އެއީ ނަރު ނުވަތަ ފައިބަރު ގިނައިން ހުންނަ ވައްތަރާއި، މަދުން ހުންނަ ވައްތަރެވެ. ސާސްތާ ކާބޯސް ހުންނަނީ ހަނޑޫ، ގޮދަން، ދޮނަޅަ، ފަދަ ގޮވާމުގެ ބާވަތްތަކުގަޔާއި، އަލަ، އަލުވި، ދަނޑިއަލުވި ފަދަ ފަލަމަޑީގެ ބާވަތްތަކުގައެވެ. އަދި ހަމަ މިފަދައިން ދޮންކެޔޮ ފަދަ ބައެއް މޭވާ އަކީ ވެސް ވަރަށް ގިނައިން މިބައި އެކުލެވިގެންވާ ތަކެއްޗެވެ.

އެހެންގޮތަކަށް ވިސްނާއިރު، ކާތަކެތީގެ ތެރެއިން ހަށިގަނޑަށް ލިބިދޭ ކާބޯސް 3 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ:-
·         ފޮނި ކާބޯތަކެތި (sugars): ހަކުރު ނުވަތަ ފޮނި ކާބޯތަކެއްޗަކީ ސާދާ ކާބޯސް ގެ ވައްތަރެކެވެ. ހަކުރަކީ ތަބީޢީ ގޮތުން ވެސް މޭވާ، ތަރުކާރީ، ކިރުފަދަ ކާނާގެ ބާވަތްތަކުގައި ހުންނަ މާއްދާ އެކެވެ. ހަކުރުގެ ތެރޭގައި ހިމެނެނީ:-
o       މޭވާގައި ހުންނަ ހަކުރު (fructose)
o       މޭޒުމަތީ ހަކުރު  (sucrose)
o       ކިރުގައި ހުންނަ ހަކުރު (lactose)
·         އޮލަފައިބާ ކާބޯތަކެތި ނުވަތަ ތާން ހުންނަ ކާބޯތަކެތި (starches): އޮލަފައިބާ ކާބޯތަކެއްޗަކީ ސާސްތާ ކާބޯސްގެ ވައްތަރެކެވެ. މާނައަކީ މިވައްތަރުގެ ކާބޯސް އުފެދިފައި ހުންނަނީ އެތަކެއް ހަކުރު ޔުނިޓް ތަކެއް އެއްވެ ލާމެހިގެންނެވެ. ތަބީއީ ގޮތުން ވެސް ތަރުކާރީ، ކައްކާފައި ހުންނަ އޮށާއި، ތޮޅި، އަދި ގޮވާމުގެ ބާވަތްތަކުގެ ތެރޭގައި އޮލަފައިބާ ކާބޯތަކެތި ހުރެއެވެ.
·         ނަރު ހުންނަ ކާބޯތަކެތި (dietary fiber): ނަރު ހުންނަ ކާބޯތަކެއްޗަކީ ވެސް ސާސްތާ ކާބޯސްގެ ވައްތަރެކެވެ. ތަބީއީ ގޮތުން ވެސް ތަރުކާރީ، ކައްކާފައި ހުންނަ އޮށާއި، ތޮޅި، އަދި ގޮވާމުގެ ބާވަތްތަކުގެ ތެރޭގައި ނަރު ހުންނަ ކާބޯތަކެތި ހުރެއެވެ.

(ނ) – ޑައިޓަރީ ފައިބަރު (Dietary fiber): ޑައިޓަރީ ފައިބަރަކީ ކާބޯސް އާއި އެކު ހަށިގަނޑަށް އެތެރެކުރެވޭ، އެހެން ނަމަވެސް އެހާ ފަސޭހައިން ހަށިގަނޑަށް ބޭނުން ނުކުރެވޭ ބައެކެވެ. އެތެރެކުރެވޭ ކާތަކެތީގެ ސައިޒު، ފައިބަރު ގިނަވުމުގެ ސަބަބުން ބޮޑުކޮށްލެވެއެވެ. އެހެން ކަމުން މިއީ ބަނޑުހިކުނަ ނުދިނުމަށް ވެސް ބޭނުންވާ ބައެކެވެ. ޚާއްޞަކޮށް ފައިބަރު އިން ލިބޭ ފައިދާގެ ތެރޭގައި ލޭގައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމާއި، ކާބޯތަކެތި ލަސްލަހުން ހަޖަމުވުން ހިމެނެއެވެ. އެހެން ކަމުން ބަނޑުހައިވުން ލަސްވެ، ހަށިގަނޑަށް ބޭނުންވާ އެހެން އޮށްޓަރުތައް ލަސްލަހުން ހަށިގަނޑަށް ބޭނުންކުރެވޭގޮތް ފައިބަރު އިން ހަދައިދެއެވެ. މިބައި ހަށިގަނޑަށް ބޭނުންވާނީ ކޮންމިންވަރަކަށް ކަން ކަނޑައެޅިގެން އަދި ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ބޮޑުމީހަކަށް މަދުވެގެން ދުވާލަކު 30 ގްރާމްގެ ފައިބަރު ބޭނުންވާނޭ ކަމަށް ބެލެވެއެވެ.

ބޭނުންކުރާ ކާނާގައި ހުންނަ މަދު ނަރު (ފައިބަރު) ކޮޅު ގެއްލިދާނެތީ ވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހެއެވެ. މިސާލަކަށް އޮރެންޖް އަކުން ދިޔަ ފެލުމަށްފަހު އޭގެ ތޮށިގަނޑު އެއްލާލުމުން އޭގައި ހުރި މަދު ނަރުކޮޅު ވެސް އެއްލާލެވުނީ އެވެ. އެއާއި ޚިލާފަށް ތޮށި މަށާފައި ނަމަވެސް އޮރެންޖް ފޮތިކޮށްގެން ކާނަމަ، ފޮނިކޮޅު ބަންދުކުރެވިފައިވާ ދުއްޔާއެކު ހަށިގަނޑުގެ ތެރެއަށް ނަރުކޮޅެއް ވެސް ދާނެއެވެ. އަނބެއް ފޮތިކޮށްގެންކާއިރު ނަރުކެވޭގޮތް މިއަށްވުރެ ބޮޑަށް އިހްސާސް ކުރެވޭނެ އެވެ.

ގޮވާން ކެނޑުމުން ގޮވާމުގެ ބޭރު ތޮށިފަށުގައި ހުންނަ ފައިބަރުކޮޅު ވަނީ ބީވެގެން ގޮސްފައެވެ. އަވަހަށް ކެވޭގޮތަށް ކެނޑިގޮވާމުން އުފައްދާފައިވާ އަވަސްކާނާ ފަސޭހައިން ލިބެން ހުރުމުން ކާބޯސް ކެވޭވަރު ގިނަ ފަހަރު އޮންނަނީ ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރުވެފައެވެ. އިންސާނުންގެ ހަށިގަނޑު އުފެދިފައިވަނީ މިހާ ގިނަ ކާބޯސް ހަޖަމުކުރުމާ ކުރިމަތިލާގޮތަކަށް ނޫނެވެ. އެހެންކަމުން ބަލިތައް ޖެހުން މެދުވެރިވާގޮތް އޮންނަނީ ވަރަށް ކައިރީގައެވެ.

ޑައިޓަރީ ފައިބަރުގެ ދެވައްތަރެއް ހުރެއެވެ. އެއީ ފެނަށްގިރޭ ފައިބަރު އަދި ފެނަށް ނުގިރޭ ފައިބަރު އެވެ.
·         ފެނަށްގިރޭ ފައިބަރު ހުންނަނީ:-
o       އޯޓްމީލް
o       އޯޓް ބްރާން
o       މަދު އަދި އޮށުގެ ބާވަތްތައް
o       މޭވާގެ ގިނަ ވައްތަރުތައް (ސްޓޯބެރީ، ބުލޫބެރީ، ނާސްޕާތީ، އާފަލު)
o       ހިއްކާފައި ހުންނަ ތޮޅި އަދި އޮށް
·         ފެނަށްނުގިރޭ ފައިބަރު ހުންނަނީ:-
o       ޕާން
o       ބާރުލީ (ހިމަ ގޮދަން)
o       ހޯލް ގްރޭން ސީރިއަލް
o       ވީޓް ބްރާން
o       ރަތް ހަނޑޫ
o       އޮށުގެ ބާވަތްތައް
o       ތަރުކާރީގެ ގިނަ ވައްތަރުތައް
o       މޭވާގެ ވައްތަރުތައް

ކާބޯހައިޑްރޭޓް ހުންނަ ކާބޯތަކެތި
ކާބޯހައިޑްރޭޓް ހުންނަ ކާބޯތަކެތީގެ ތެރޭގައި:-
·         މޭވާ ގެ ބާވަތްތައް
·         ތަރުކާރީގެ ބާވަތްތައް
·         ފަލަމަޑިއާއި، ގޮވާމުގެ ބާވަތްތައް
·         މަދު ގެ ބާވަތްތައް
·         އޮށުގެ ބާވަތްތައް
·         ޕާން، ބަނަސް، ފާރޮށި
·         ސީރިއަލް
·         މާގިނައިން ހަކުރު އަޅައިގެން ހަދާފައި ހުންނަ ފޮނި ކާތަކެތި ( ކޭކު، ކޫކީޒް، އަދި ހަކުރުއެޅި ބުއިންތައް)

މައުލޫމާތު :
·         ކާނާގެ ފައިދާ – މިނިސްޓްރީ އޮފް ހެލްތު – 2003