Tuesday, July 13, 2021

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް

 

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް(multisystem inflammatory syndrome)  އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހިދާނެ ބައްޔެކެވެ. މިއީ ކޮވިޑް 19 އާއި ގުޅިގެން ވަރަށް މަދުން ނަމަވެސް ކުރިމަތިވެދާނެ ނުރައްކާތެރި ބައްޔެކެވެ. މިބަލީގެ ސަބަބުން އިންސާނާގެ ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ، ހިތް، ފުއްޕާމޭ، ސިކުނޑި، ގުރުދާ، ލޯ، ހަން، އަދި އެތެރެހަށީގެ(ހަޖަމުކުރާ ނިޒާމު)ގެ ގުނަވަންތަކަށް ދުޅަވުން (އިންފްލެމޭޝަން) ކުރިމަތިކުރުވައެވެ. (ސީޑީސީ،2020). ދިވެހި ރާއްޖެއިން ވެސް މަދުން ނަމަވެސް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހިފައިވާ ކުދިން ފެނިފައިވާކަން ފާހަގަ ކުރެވެއެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ހާމަކުރާގޮތުންނަމަ، މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ކުޑަކުއްޖަކަށް ޖެހުން (MIS-C) ކަމުގައި ބަލަނީ އުމުރުން 21 އަހަރުން ދަށުގެ ފަރާތަކަށް މިބަލި ޖެހިއްޖެނަމަ އެވެ. އަދި އުމުރުން 21 އަހަރުން މަތީގެ ފަރާތަކަށް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހިއްޖެނަމަ ބަލަނީ އެއީ ބޮޑު މީހަކަށް މިބަލިޖެހުން(MIS-A) ކަމުގައެވެ. (ސީޑީސީ،2020).

ބޮޑެތި މީހުންނަށްވުރެ ކުޑަކުދިންނަށް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހުން އިތުރުކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ބަލީގައި އިތުރަށް ފުރާނައަށް ނުރައްކާވެ، ގޯސްވާ މިންވަރު ބޮޑެތި މީހުންގެ މެދުގައި އިތުރުކަން ފާހަގަ ކުރެވެއެވެ. މިގޮތަށް ދިމާވަނީ ބޮޑެތި މީހުންގެ ތެރޭގައި ދާއިމަށް ނުވަތަ ދިގުމުއްދަތަކަށް ބޭސްކާންޖެހޭ ބަލިތައް ހުރުމުގެ ފުރުޞަތު ބޮޑުވުމާއި، ދިފާޢީ ބާރު ދަށްވާތީ އެވެ. (ސީޑީސީ،2020).


މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (MIS-C)

ކުޑަކުދިންނަށް ކުރިމަތިވާ މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް (މިސްކް) އަކީ ހަށިގަނޑުގެ ބައިތަކުގެ ތެރޭގައި ނޫނީ ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ، ހިތް، ފުއްޕާމޭ، ސިކުނޑި، ގުރުދާ، ލޯ، ހަން، އަދި އެތެރެހަށީގެ(ހަޖަމުކުރާ ނިޒާމު)ގެ ގުނަވަންތަކަށް ދުޅަވުން (އިންފްލެމޭޝަން) ކުރިމަތިކުރުވާ ޞިއްޙީ ޙާލަތެކެވެ. މިސްކް ކުރިމަތިވާ ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް 19 ޖެހިފައިވާ ދުވަސްވަރު، ނޫނީ ކޮވިޑް 19 ޖެހި ރަނގަޅުވުމަށްފަހު ވެސް ކުޑަކުދިންގެ ފުށުން މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމްގެ އަލާމާތްތައް ފެންނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މިއީ ކުޑަކުދިންނަށް ކޮވިޑް 19 ޖެހުމާއި ގުޅިގެން މަދުން ނަމަވެސް ދިމާވެދާނެ ނުރައްކާތެރި ހާލަތެކެވެ. (ސީޑީސީ،2020).

ހަދާންކުރަންވީ  "މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫންކަމެވެ. ނަމަވެސް ގައިންގަޔަށްއަރާ ބައްޔަކީ މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހުމަށް މެދުވެރިވެދާ ކޮވިޑް 19 ކަމެވެ. އެހެންކަމުން މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހޭ މިންވަރު މަދުކުރަން ބޭނުންނަމަ ، ހަގީގަތުގައި މަދުކުރަންޖެހެނީ ކޮވިޑް 19 ޖެހޭ މިންވަރެވެ. އަދި ކޮވިޑް 19 ޖެހި ރަނގަޅުވުމަށް ފަހު 4 ހަފްތާވަރު ވަންދެން މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމްގެ އަލާމާތްތައް ފެންނަމުންދޭތޯ ބަލަމުން ގެންދަންވާނެއެވެ. ޚާއްޞަކޮށް ކޮވިޑް 19 ޖެހި ރަނގަޅުވުމަށްފަހު ހުންގަދަވެ، އިތުރު އަލާމާތްތައް ފެންނަ ކަމުގައިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ" (ޑރ އަހުމަދު ފައިޞަލް،ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރ، އައިޖީއެމްއެޗް)

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އިން އެޑަލްޓްސް (MIS-A)

ކުޑަކުދިންނެކޭ އެއްފަދައިން ބޮޑެތި މީހުންނަށް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހުމުން ހަށިގަނޑުގެ ތަފާތު ގުނަވަންތަކަށް އަސަރުކުރުމަކީ ދިމާވާ ގޮތެކެވެ. އެގޮތުން ކުޑަކުދިންނެކޭ އެއްފަދައިން ބޮޑެތި މީހުންނަށް ވެސް ހަށިގަނޑުގެ ބައިތަކުގެ ތެރޭގައި ނޫނީ ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ، ހިތް، ފުއްޕާމޭ، ސިކުނޑި، ގުރުދާ، ލޯ، ހަން، އަދި އެތެރެހަށީގެ(ހަޖަމުކުރާ ނިޒާމު)ގެ ގުނަވަންތަކަށް ދުޅަވުން (އިންފްލެމޭޝަން) މިބަލީގެ ސަބަބުން ކުރިމަތިކުރުވައެވެ. ބޮޑެތި މީހުންނަށް ވެސް ކޮވިޑް 19 ޖެހުމަށްފަހު މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ސަބަބު

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ކުރިމަތިވާ ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް 19 ޖެހުމަށްފަހު ކުރިމަތިވާ އިތުރު ނުރައްކަލެއްގެ ގޮތުގައި ބޮޑެތި މީހުންނާއި، ކުޑަކުދިންގެ ފުށުން މިބަލީގެ އަލާމާތްތައް ފެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހޭ ގިނަ ކުޑަކުދިންގެ ކިބައިން ޓެސްޓު ހަދާއިރު ކޮވިޑް 19 އެންޓިބޮޑީޒް ޓެސްޓު ޕޮޒިޓިވްކަމަށް ދައްކައެވެ.

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އަށް މަގުފަހިކުރާ ވަކި ކަންތައްތަކެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގައި އެއްކުރެވިފައިވާ މައުލޫމާތު ތަކަށް ބަލާއިރު އެހެން ނަސްލުތަކަށްވުރެ ބޮޑަށް ކަޅު ނަސްލުގެ ކުޑަކުދިންނަށް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ. އަދި އެންމެ އާންމުކޮށް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހިފައިވަނީ އުމުރުން 12- 3 އަހަރާއި ދެމެދުގެ ކުދިންނަށްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ވަރަށް ތުއްތު ކުދިންގެ ފުށުން އަދި އުމުރުން 12 އަހަރަށްވުރެ ދޮށީ ކުދިންނަށް ވެސް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހިފައިވާކަން ފާހަގަ ކުރެވެއެވެ.

އަލާމާތްތައް

ބޮޑުމީހަކަށް ނުވަތަ ކުޑަކުއްޖަކަށް ވިޔަސް، މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ކުރިމަތިވެއްޖެނަމަ ގަދަޔަށް ހުން އައުމުގެ (ހުން 40-39ޑިގްރީ ސެލްޒިޔަސް) އިތުރުން ( އާންމު ގޮތެއްގައި ހުން 24 ގަޑިއިރަށް ނޫނީ 3 ދުވަހަށްވުރެ ދިގުލައިދިއުން) ތިރީގައިވާ އަލާމާތްތަކުގެ ތެރެއިން އަލާމާތެއް، ނޫނީ އަލާމާތްތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

·         ބަނޑުގައި ރިހުން

·         ލޮލަށް ލޭއެރުން ނުވަތަ ލޯރަތްވުން

·         މޭގައި ރިހުން / މެޔަށްބާރުވެ ވާންވުން

·         ބޭރަށް ހިންގުން

·         އާދަޔާ ޚިލާފަށް ވަރުބަލިކަން އިހުސާސްވުން ނޫނީ ވަރަށް ބޮޑަށް ވަރުބަލިވުން

·         ބޮލުގައި ރިހުން ، ބޯއެނބުރުން

·         ކަދުރާގައި ރިހުން

·         ކަރުގައި ރިއްސާ ގުޑާ ނުލެވޭ ވަރަށް ތަދުވުން

·         އުކުޅުވަޅުގައި ރިހުން ، އުރަވަޅީގައި ރިހުން

·         ގައިން ބިހިނެގުން

·         ހޮޑުލުން

·         ލޭގެ ޕްރެޝަރު ދަށްވުން

·         ހިތުގެ ވިންދު އަވަސްވުން

·         ފުންކޮށް އަވަސްއަވަހަށް ނޭވާލުން

·         ތުންފަތާއި، ދޫ ރަތްވުން ނޫނީ ދުޅަވުން

·         އަތް، ފައި ރަތްވުން ނޫނީ ދުޅަވުން

·         ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލުން

ކޮވިޑް ޖެހިގެން ނޫނީ އެހެން ގޮތަކުން ނަމަވެސް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ކުރިމަތިވާ ހުރިހާ ކުދިންނަށް މިހުރިހާ އަލާމާތްތަކެއް ނޫނީ އެއްގޮތް އަލާމާތްތަކެއް ނުފެނުމަކީ ވެދާނެ ކަމެކެވެ. އާންމު ގޮތެއްގައި ގިނައިން މިއަލާމާތްތައް ފެންނަނީ ކޮވިޑް ޖެހި ރަނގަޅުވާތާ 2 ހަފްތާއެއް ހާ ދުވަސް ފަހުންނެވެ. ނަމަވެސް ކޮވިޑް 19 ޖެހިގެން އުޅޭ ދުވަސްވަރު ވެސް މިބަލީގެ އަލާމާތްތައް ފެނިގެން ދިއުމަކީ ގާތް ކަމެކެވެ.

ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ (އަވަސް ފަރުވާ ހޯދަންޖެހޭ) ހާލަތްތައް

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހުމުގެ ސަބަބުން އަންނަނިވި އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.

·         ވަރަށް ބޮޑަށް (ކެތްނުވާވަރަށް ) ބަނޑުގައި ރިހުން

·         ނޭވާކުރުވެ، ނޭވާލާން އުދަނގޫވުން

·         މެދުކެނޑުމެއްނެތި މޭގައި ރިއްސައި މެޔަށް ބާރުވެ، ވާންވެ ފިތުން

·         ކުއްލިއަކަށް ހޭވެރިކަމަށް ބަދަލުއައިސް ވާނުވާ ނުވަތަ ތަންދޮރު ވަކިކުރަން ނޭނގުން

·         ނިދިބުރަކައި ތާއްޔަށްޖެހުން އަދި ހޭވެރިކަންމަތީ ދެމިހުރުމަށް (ހޭލާ ސަމާލުވެހުރުމަށް) އުނދަގޫވުން

·         ހަމުގެ ކުލަ، ނިޔަފަތީގެ ދަށް ، ހުދުވުން، ނޫނީ އަޅިކުލަ ނުވަތަ ދަބުކުލައަށް ބަދަލުވުން

ދެނެގަތުން

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހޭ ކުދިންނާއި، މީހުންގެ ކޮވިޑް 19 ގެ އެންޓި ބޮޑީޒް ޓެސްޓު ހަދާއިރު ކޮވިޑް 19 އެންޓި ބޮޑީޒް ޓެސްޓު ޕޮޒިޓިވްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ބައެއް ފަހަރު ކަރަންޓް އިންފެކްޝަން އަށް މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ނެގެޓިވްވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ކޮވިޑް 19 އެންޓި ބޮޑީޒް ޓެސްޓު ޕޮޒިޓިވްވުމުގެ މާނައަކީ ކޮވިޑް 19 އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ ހަށިދަނަމަ ނުވަތަ އެންޓި ބޮޑީޒް ބަލިޖެހުނު (ކޮވިޑް 19 ޖެހުނު) މީހާގެ ހަށިގަނޑުގައި އުފެދިފައިވުމެވެ. އެހެން ކަމުން ބަލީގެ އަލާމާތެއް ނުފެނި، ނޭނގި ނަމަވެސް ކޮވިޑް 19 ކުރިން ޖެހި ރަނގަޅުވެފައިވާނަމަ، އެންޓި ބޮޑީޒް ޓެސްޓު ޕޮޒިޓިވް ކަމަށް ދައްކާނެ އެވެ. 

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހިފައިވާކަން ދެނެގަތުމަށްޓަކައި މަތީގައި ބަޔާންކުރެވުނު އެންޓި ބޮޑީޒް ޓެސްޓުގެ އިތުރުން އަންނަނިވި ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

·         ލެބޯޓަރީ ޓެސްޓުތައް : ލޭގެ ޓެސްޓުހެދުން / ކުޑަކަމުދާ ތަކެތި ޓެސްޓުކުރުން

·         އިމޭޖިންގ ޓެސްޓުތައް ހެދުން :

o       މޭގެ އެކްސްރޭ ނެގުން

o       ހިތުގެ ސްކޭން (އީކޯކާޑިއޯގްރާމް) ހެދުން

o       ބަނޑުގެ ސްކޭން ހެދުން

o       ސީޓީ ސްކޭން ހެދުން

·         އެހެނިހެން ޓެސްޓުތައް

ފަރުވާ

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އަށް ފަރުވާކުރުމުގެ ގޮތުން އެމީހަކަށް ނޫނީ އެކުއްޖަކަށް ކުރިމަތިވެފައިވާ އުނދަގޫތަކަށް ރިއާޔަތްކޮށް ފަރުވާ ކުރުމަކީ (މިސާލަކަށް ތަފާތު ބޭސްތައް/ އައިވީ ފުލުއިޑް ބޭނުންކުރުން ) އެކަށީގެންވާ ކަމެކެވެ. އަދި އިންފްލެމޭޝަން އަށް ފަރުވާކުރުމަށް ތަފާތު ބޭސްތައް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް ޖެހޭ ގިނަ ކުދިންނަށް ފަރުވާ ކުރަންޖެހެނީ ހަސްފަތާލުގައި އެދުމަތިކޮށްގެންނެވެ. އަދި ބައެއް ކުދިންނަށް އައިސީޔޫގައި ފަރުވާދޭންޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އަށް ފަރުވާކުރުމުގައި މައިގަނޑު ގޮތެއްގައި ފޯރުކޮށްދެވެނީ "ސަޕޯޓިވް ކެއަރ" އަދި ބައްޔާއި ގުޅިގެން އުފެދޭ ދުޅަ ނޫނީ އިންފްލެމޭޝަން ކުޑަކުރުމަށް ދެވޭ ފަރުވާ އެވެ.

"ސަޕޯޓިވް ކެއަރ" ގެ ގޮތުގައި ކުރެވޭ ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ދިޔާތަކެތި ދިނުން ނުވަތަ އައިވީ ފުލުއިޑް ދިނުން

·         އޮކްސިޖަން ފޯރުކޮށްދިނުން

·         ލޭގެ ޕްރެޝަރ ރަނގަޅުކުރުމަށް ( މާބޮޑަށް ދަށްވެފައިވާނަމަ) ބޭސް ދިނުން

·         ވެންޓިލޭޓަރަށްލުން

·         ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު ކުޑަކުރުމަށް ލޭދިޔާކުރާ ބޭސް ދިނުން

ބައްޔާއި ގުޅިގެން އުފެދޭ ދުޅައާއި އިންފްލެމޭޝަން ކުޑަކުރުމަށް ދީއުޅޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އެންޓިބަޔޮޓިކް ދިނުން

·         ސްޓީރޮއިޑް ދިނުން

·         އައިވީ އިމިޔުނޯގްލޯބިޔުލިން ދިނުން

ރައްކާތެރިވުން

މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އަކީ ކޮވިޑް 19 ޖެހުމަށްފަހު ކުރިމަތިވެދާނެ ޞިއްޙީ މައްސަލައަކަށްވުމުން މިވަގުތު މިބަލިން ރައްކާތެރިވުމަށްޓަކައި، ކޮވިޑް 19 ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އަމަލުކުރަންޖެހޭ އުސޫލުތަކަށް ތަބާވެ، އެގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.

·         މާސްކުއެޅުން

·         ގިނަގިނައިން އަތްދޮވުމާއި، އަތުގެ ސާފުތާހިރުކަމަށް ރައްކާތެރިވުން

·         ގައިދުރުކަން ބެހެއްޓުން

·         އަނގަޔާއި، ނޭފަތާއި، ލޮލަށް އަތްލުމުން ދުރުހެލިވުން

·         ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިވެނޫޅުން

·         ކެއްސާ ކިނބިހިއަޅާއިރު އަނގަޔާއި، ނޭފަތް ނިވާކުރުން

·         ގޭތެރޭގައި ގިނައިން އަތްލާންޖެހޭ ތަންތަނާއި، ހިފައިގެންގުޅޭ ތަކެތި ކޮންމެ ދުވަހަކު ސާފުކުރުން

·         ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިންޖެހުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ރިފަރެންސް

·         https://www.cdc.gov/mis/mis-c.html

·         https://www.cdc.gov/mis/about.html

·         https://www.mayoclinic.org/diseases-conditions/mis-c-in-kids-covid-19/symptoms-causes/syc-20502550

 

Monday, July 12, 2021

ޜެބްޑޯމަޔޯލައިސިސް

ރެބްޑޯމެޔޯލައިސިސް

ރެބްޑޯމެޔޯލައިސިސް(Rhabdomyolysis)  ގެ މާނައަކީ މަހުގެ ސެލޯށި ނޫނީ ސެލޯށިތައް ހަލާކުވެ، އޭގައި (މަސްތަކުގައި) އެކުލެވޭ މާއްދާތައް ލޭގެ ތެރެއަށް ދޫވުމެވެ، ނޫނީ ލޭގެ ތެރެއަށް ދިއުމެވެ. މިއީ ސީދާ ނުވަތަ ނުސީދާގޮތެއްގައި ނަމަވެސް މަސްގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ކުރިމަތިވެދާނެ ކަމެކެވެ.

ރެބްޑޯމެޔޯލައިސިސް ކުރިމަތިވަނީ އަނިޔާއެއްގެ ސަބަބުން ނޫނީ އެހެން ގޮތަކުން ނަމަވެސް މަސްގަނޑު (މަހުގެ ފައިބަރު) މަރުވެ، އޭގައި ހިމެނޭ މާއްދާތައް ލޭގެ ތެރެއަށް ދޫވުމުންނެވެ. ނޫނީ ފޭދިގެން ދިއުމުންނެވެ. ރެބްޑޯމެޔޯލައިސިސް އާއި ގުޅިގެން ލޭގެ ތެރެއަށް ދޫވެގެން ގޮސްދާނެ މާއްދާތަކުގެ ތެރޭގައި މެޔޯގްލޯބިން (މަހުގައި ހިމެނޭ ޕްރޮޓީން)، ކްރިއެޓިނިން ކައިނޭޒް، ޕޮޓޭޝިއަމް، ފޮސްފޭޓް، ޔުރޭޓް (ޔުރިކް އެސިޑް)، އެޑޮލޭޒް، ލެކްޓޭޓް ޑިހައިޑްރޯޖިނޭޒް ފަދަ މާއްދާތައް ހިމެނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ތެރޭގައި ހިމެނޭ ލޮނުގެ ބައި ވެސް ލޭގެ ތެރެއަށް ގޮސް، ލޭގައި ލޮނުގެ ބައި އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ރެބްޑޯމެޔޯލައިސިސް ކުރިމަތިވެއްޖެނަމަ، ލޭގެ ތެރެއަށް ބަޔާންކުރެވުނު މާއްދާތައް ދިއުމުގެ އިތުރުން، ހަށިގަނޑުގައި ހިމެނޭ ސެލްތަކުގެ ބޭރުގައިވާ ހުސްބަޔަށް ވެސް ފޭދިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މަހުގެ ސެލޯށި (ޓިޝޫ) ތައް ހަލާކުވެ ލޭގެތެރެއަށް ދޫވެގެންދާ މާއްދާތަކުގެ ސަބަބުން ގުރުދާ (ކިޑްނީ) ފަދަ ގުނަވަންތައް ހަލާކުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ލޭގައި ހިމެނޭ ލޮނުގެ މިންގަނޑަށް ބަދަލުއައިސް އޭގެ ހަމަހަމަކަން ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.



ސަބަބު

ފެންނަންހުރި އިލްމީ ހެކިތަކަށް ބަލާއިރު ރެބްޑޯމެޔޯލައިސިސް ބޮޑެތި މީހުންނަށް އެންމެ އާންމުކޮށް ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުންކުރުން، ބަނގުރާ ބުއިން، ބޭނުންކުރެވޭ ތަފާތު ބޭސްތައް، މަސްގަނޑަށް ލިބޭ އެކި ކަހަލަ އަނިޔާތައް، ނިއުރޯލެޕްޓިކް މެލިގްނަންޓް ސިންޑްރޯމް، އަދި އެދުމަތިވެ، ހަރަކާތްތެރިވެ ނޫޅެވުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި ފަހުގެ ދިރާސާތަކުގައި ކޮވިޑް 19 ޖެހުމުން ރެބްޑޯމެޔޯލައިސިސް ކުރިމަތިވާކަމަށް ހާމަކޮށްފައި ވެއެވެ. ރެބްޑޯމެޔޯލައިސިސް ކުރިމަތިކުރުވާ އެންމެ އާންމު ސަބަބަކުތަކަކީ ބަނގުރާބުއިން، ކުއްލިއަކަށް މާގަދަޔަށް ކަސްރަތުކުރުން، މަސްގަނޑަށް ފިތި، ތާށިވެ އަނިޔާވުން، ބައެއް ކަހަލަ ބޭސްތައް، އަދި މަސްތުވާތަކެތި ބޭނުންކުރުމެވެ.

ކުޑަކުދިންނަށް ރެބްޑޯމެޔޯލައިސިސް ކުރިމަތިވާ ސަބަބުތައް ކޮންމެވެސް ވަރަކަށް ތަފާތެވެ. އެގޮތުން ކުޑަކުދިންނަށް ރެބްޑޯމެޔޯލައިސިސް ކުރިމަތިކޮށްފާނެ ސަބަބުތަކުގެ ތެރޭގައި ވައިރަސް އަކުން ޖެހޭ އިންފެކްޝަން އެއްގެ ސަބަބުން މަސްގަނޑު ދުޅަވުން (ވައިރަލް މެޔޯސައިޓިސް)، މަސްގަނޑަށް އަނިޔާވުން، ކަސްރަތުކުރުން، ކަނެކްޓިވް ޓިޝޫ ޑިސްއޯޑަރ (ހަށިގަނޑުގައި ހުންނަ ގުޅުވައިދެނިވި ސެލޯތަކަށް ކުރިމަތިވާ މައްސަލަތައް) އަދި މަސްތުވާތަކެތި އޯވަޑޯޒްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ކުޑަކުދިންގެ ތެރޭގައި ގާތްގަނޑަކަށް 3/1 ކުދިންނަށް ރެބްޑޯމެޔޯލައިސިސް ކުރިމަތިވަނީ ކުރިން ބަޔާންކުރެވުނު ވައިރަލް މެޔޯސައިޓިސް ގެ ސަބަބުންނެވެ.

ކުރިން ބަޔާންކުރެވިފައިވާ ފަދައިން ވަރަށް ގިނަ ސަބަބުތަކުގެ ސަބަބުން ރެބްޑޯމެޔޯލައިސިސް ކުރިމަތިވެދާނެ އެވެ. އެގޮތުން ރެބްޑޯމެޔޯލައިސިސް ކުރިމަތިވާ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ. ރެބްޑޯމެޔޯލައިސިސް ކުރިމަތިވާ ސަބަބުތައް މައިގަނޑު 2 ބަޔަކަށް ބަހާލެވިދާނެ އެވެ. އެއީ އަނިޔާއެއްގެ ސަބަބުން ރެބްޑޯމެޔޯލައިސިސް ކުރިމަތިވުން އަދި އަނިޔާއެއްގެ ސަބަބުން ނޫން ގޮތަކަށް ރެބްޑޯމެޔޯލައިސިސް ކުރިމަތިވުމެވެ.

މަސްގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ރެބްޑޯމެޔޯލައިސިސް ކުރިމަތިމަތިކުރުވާ ސަބަބުތައް

·         ކްރަޝް އިންޖަރީ : މިއީ މިސާލަކަށް އިމާރާތެއްގެ ދަށުގައިވުން، މަގުމަތީގެ އެކްސިޑެންޓެއް ހިނގުން، ނޫނީ ވެއްޓިގެން ފަދަ ކަމެއްގެ ސަބަބުން މަސްގަނޑުފިތި، ނުވަތަ ތާށިވުމުގެ ސަބަބުން މަސްގަނޑަށް ލިބޭ އަނިޔާ ތަކެވެ.

·         ދިގުމުއްދަތަކަށް މަސްގަނޑަށް އެއްވެސް ހަރަކާތެއް ނުލިބިވުމުން ( މިސާލަކަށް ތަނެއް ބިއްދައިގެން ދިއުމުން ނުތެދުވެ އޮންނަންޖެހުން، ދިގުމުއްދަތަކަށް ކޯމާއެއްގައި އޮތުން، ނޫނީ ބަނގުރާ، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ނުތެދުވެވި އޮންނަޖެހުން) މަސްގަނޑަށް އަނިޔާވުން ނޫނީ ގެއްލުންވުން

·         ކަރަންޓްގައި ޖެހުން، ހޮނުއެޅުން، އަދި ފިހުމުގެ ސަބަބުން މަސްގަނޑަށް އަނިޔާވުން

·         ހަރުފަ ވިހަލުން ، ދިރޭ އެއްޗެއް ކަށިޖެހުން ނޫނީ ދަތްއެޅުން ފަދަ ކަމަކުން މަސްގަނޑަށް އަނިޔާވުން

މަސްގަނޑަށް ލިބޭ އަނިޔާ ނޫން އެހެނިހެން ގޮތްގޮތުން ރެބްޑޯމެޔޯލައިސިސް ކުރިމަތިކުރުވާ ސަބަބުތައް

·         ބަނގުރާ ބޭނުންކުރުން ،

·         މަސްތުވާ ތަކެތި ބޭނުންކުރުން : ކޮކެއިން، އެމެފިޓަމިން، އެކްސްޓަސީ، އެލްއެސްޑީ ފަދަ ބާވަތްތައް ބޭނުންކުރުން

·         ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : މިސާލަކަށް ނަފްސާނީ ބަލިތަކުގެ ފަރުވާގައި ދޭ ބައެއް ބޭސްތައް، ސްޓެޓިންސް، އެރިތްރޯމައިސިން، ކޮލްކިސިން، އިޓްރަކޮނަޒޯލް، ޒިޑޯވިޔުޑިން، ސައިކްލޯސްޕޯރިން، އަދި ކޯޓިކޯސްޓީރޮއިޑް ފަދަ ބޭސްތައް ބޭނުންކުރުން

·         އާދަޔާ ޚިލާފަށް ބޮޑަށް މަސްތައް ވާޅުވެވަރުބަލިވުން ކުރިމަތިވުން : މިސާލަކަށް ކުއްލިއަކަށް ވަރަށް ގަދަޔަށް ކަސްރަތުކުރަންފެށުން

·         ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވުން / ހީޓް ސްޓްރޯކްޖެހުން

·         ފިޓްޖެހުން

·         ޑައިބެޓިކް ކީޓޯއެސިޑޯސިސް ފަދަ ހާލަތެއް ކުރިމަތިވުން

·         ތައިރޮއިޑް ގްލޭންޑްގެ މައްސަލަތައް : މިސާލަކަށް ތައިރޮއިޑް ގްލޭންޑްގެ މަސައްކަތްތައް ދަށްވުން ނޫނީ އިތުރުވުން

·         އުފެދުމުގައި މަސްގަނޑަށް ކުރިމަތިވާ ތަފާތު ބަލިތައް : މިސާލަކަށް ޑުޝެންނޭ މަސްކިޔުލަރ ޑިސްޓްރޮފީ، ކޮންޖެނިޓަލް މަސްލް އެންޒައިމް ޑެފިޝިއެންސީ، މެކާރޑްލް ޑިޒީޒް ފަދަ ބަލިތައް

·         ބައެއް ކަހަލަ ވައިރަސްތަކުން ޖެހޭ ބަލިތައް : މިސާލަކަށް އިންފުލުއެންޒާ، އެއިޑްސް ބަލި، ކޮވިޑް 19، އަދި ހާރޕީޒް ސިމްޕްލެކްސް ، ސައިޓޯމެގާލޯ ވައިރަސް، އީކޯ ވައިރަސް ،އެޑީނޯ ވައިރަސް، ކަކްސަކީ ވައިރަސް އަދި އެޕްސްޓެންބަރ ވައިރަސް ފަދަ ވައިރަސްތަކުން ޖެހޭ ބަލިތައް

·         ލޭގެ ތެރޭގައި ބެކްޓީރިޔާ ޖަމާވެ، ލޭވިހަވުން (ސެޕްސިސް) ނޫނީ ތަފާތު ބެކްޓީރިޔާތަކުގެ ސަބަބުން ޖެހޭ ބަލިތައް : މިސާލަކަށް ސްޓްރެޕްޓޯކޯކަސް، ސްޓެފައިލޯކޯކަސް، ލެޖިއަނެއްލާ، ސަލްމޮނެއްލާ، އަދި ލިސްޓީރިއާ ފަދަ ބެކްޓީރިޔާ ތަކުގެ ސަބަބުން ޖެހޭ އިންފެކްޝަންތައް

·         ހަށިގަނޑުން ފެނުގެ ބައި މަދުވުން

·         ލޮނުގެ ބަޔަށް ބަދަލުއައުން : މިސާލަކަށް ލޭގައި ސޯޑިއަމް މަދުވުން، ސޯޑިއަމް މަތިވުން، ފޮސްފޭޓް މަދުވުން، ޕޮޓޭޝިއަމް މަދުވުން، ކެލްސިއަމް މަދުވުން ފަދަ މައްސަލަތައް

·         އެހެނިހެން ސަބަބުތައް

އަލާމާތްތައް

ރެބްޑޯމެޔޯލައިސިސް ގެ ސަބަބުން އެއްވެސް އަލާމާތެއް ނުފެނިދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައެއް ފަހަރު އަލާމާތްތައް ދެނެގަތުމަކީ ވެސް އުދަނގޫކަމަށް ވެދާނެ އެވެ.  އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި (3 އަލާމާތް) އަންނަނިވި ކަންތައްތައް ހިމެނެއެވެ.

-          މަސްތަކުގައި ރިހުން ( ޚާއްޞަކޮށް ކޮނޑާއި، އުނަގަނޑު، އަދި ފައިގެ ފަލަމަސްގަނޑުގައި)

-          ކުޑަކަމު ނަޖިސް ގަދަރަތް ނޫނީ މުށިކުލައަށް ހުރުން / ނުވަތަ ކުޑަކަމުދެވޭ މިންވަރު މަދުވުން

-          މަސްތައް ވާޅުވެ، ވަރުދެރަވުން ، ނޫނީ އަތްފައި ހަރަކާތްކުރަން އުދަނގޫވުން

މީގެ އިތުރުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

-          ބަނޑުގައި ރިހުން

-          މޭނުބައިކުރުން ނުވަތަ ހޮޑުލުން

-          ހުންއައުން

-          ހިތުގެ ވިންދު އަވަސްވުން

-          ހޭވެރިކަމަށް ބަދަލުއައުން ، ހޭވެރިކަން ގެއްލުން، ވާނުވާނޭނގި ތަންދޮރު ވަކިކުރަން ނޭނގުން

-          ހަށިގަނޑުން ފެނާއި، ލޮނުގެބައި މަދުވުން

ރެބްޑޯމެޔޯލައިސިސް ސަބަބުން ކުރިމަތިވާ އަލާމާތްތައް އެހެން ނަޒަރަކުން ބަހާލާނަމަ އަންނަނިވި ގޮތަށް ތަރުތީބުކުރެވިދާނެ އެވެ. އެއީ ލޯކަލް (ރެބްޑޯމެޔޯލައިސް ކުރިމަތިވި ހިސާބަށް) ، އަދި ސިސްޓެމިކް (މުޅި ހަށިގަނޑަށް) ސިފަތަކަށް ރިއާޔަތްކޮށްގެންނެވެ.

ރެބްޑޯމެޔޯލައިސިސް ކުރިމަތިވި ހިސާބަށް (މަސްގަނޑަށް) ރިޢާޔަތްކޮށް ފާހަގަކުރެވިދާނެ ކަންތައްތައް

-          މަސްގަނޑުގައި ރިހުން

-          މަސްގަނޑުގައި ބީހިލުމުން ތަދު އިހުސާސްވުން

-          މަސްގަނޑު ދުޅަވުން

-          މަސްގަނޑުން ފަސޭހައިން ލޭހިލުން ނޫނީ ލޭއައުން

-          މަސްގަނޑުގެ ވަރުދެރަވެ، ވާޅުވެ ބާރުދިއުން

ރެބްޑޯމެޔޯލައިސިސް ކުރިމަތިވުމުން މުޅި ހަށިގަނޑަށް ރިޢާޔަތްކޮށް ފާހަގަކުރެވިދާނެ ކަންތައްތައް

-          ކުޑަކަމު ނަޖިސް ގަދަ ރަތް ނޫނީ މުށިކުލައިގައި ނޫނީ ކަޅު ސައި ހުންނަ ކުލައިގައި ހުރުން

-          ހުންއައުން

-          ނުތަނަވަސްވުން

-          މޭނުބައިކުރުން

-          ހޮޑުލުން

-          ވާނުވާނޭގުން / ތަންދޮރު ވަކިނުވުން

-          ވަހުމު އުފެދުން / ކަންކަމާމެދު ވަހުމާއި ޝައްކުބޮޑުވުން

-          އެއްގޮތެއްގައި ހިމޭނުންނުހުރެވި އަތްފައި މުނިމުނިކަވައިގެން އުޅޭހެން އުޅުން / ނަފުސު ކޮންޓްރޯލް ނުކުރެވުން

-          ކުޑަކަމުދާން ނުކުޅެދުން / އެއްގޮތަކަށް ވެސް ކުޑަކަމުނުދެވުން

ދެނެގަތުން

ރެބްޑޯމެޔޯލައިސިސް ދެނެގަތުމަށްޓަކައި އަންނަނިވި ޓެސްޓުތައް ހެދިދާނެއެވެ.

·         ލޭގައި ކްރިއެޓިނިން ކައިނޭޒް ހުރި މިންވަރު ދެނެގަތުން

·         ކުޑަކަމު ނަޖިހުގައި މެޔޯގްލޯބިން ހުރި މިންވަރު ދެނެގަތުން

ދިމާވެދާނެ ނުރައްކާތައް

ރެބްޑޯމެޔޯލައިސިސް އާއި ގުޅިގެން ތަފާތު ނުރައްކާތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ލޭގައި އާދަޔާ ޚިލާފަށް ޕޮޓޭސިއަމްގެ މިންވަރު މަތިވެ، އެކަމުގެ ސަބަބުން ހިތުގެ ވިންދުގެ ތަރުތީބުގެއްލި، ނޫނީ ހިތް ހުއްޓުން ފަދަ ކަމެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މީގެ އިތުރުން  ގުރުދާ ފޭލްވެ، ގުރުދާ އަށް ގެއްލުންވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ގުރުދާ ފޭލްވުމަކީ ރެބްޑޯމެޔޯލައިސިސް ރެބްޑޯމެޔޯލައިސިސް ކުރިމަތިވާ ½ މީހުންނަށް ލޭގައި ޕޮޓޭޝިއަމް މަތިވުމުގެ ސަބަބުން ކުރިން ބަޔާންކުރެވުނު މައްސަލަތައް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ލޭގައި ކެލްސިއަމްގެ މިންވަރު ދަށްވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ރެބްޑޯމެޔޯލައިސިސް ކުރިމަތިވާ މީހުންގެ ތެރެއިން ކޮންމެ 4 މީހުންގެ ތެރެއިން އެކަކަށް ފުރަމޭގެ މައްސަލަތައް ދިމާވާކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ރެބްޑޯމެޔޯލައިސިސްގެ ސަބަބުން މަދުން ނަމަވެސް "ކޮމްޕާޓްމެންޓް ސިންޑްރޯމް" ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.  ކޮމްޕާޓްމެންޓް ސިންޑްރޯމް އަކީ އަތްފައިގެ މަސްތަކުން މަސްގަނޑެއްގެ ކޮމްޕާޓްމެންޓެއްގައި މާބޮޑަށް ޕްރެޝަރު މަތިވެ، އެކަމުގެ ސަބަބުން އެހިސާބަކަށް ލޭފޮނުވައިދިނުން ދަށްވެ، އެހިސާބުގެ މަސްތަކާއި، ނާރުތަކަށް ގެއްލުންވާ ހާލަތެކެވެ.

ފަރުވާ

ރެބްޑޯމެޔޯލައިސިސްގެ ފަރުވާގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

-          ހަށިގަނޑުގައި ފެނުގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުން : މިކަންކުރުމަށްޓަކައި ގިނައިން ދިޔާތަކެތި ބުއިން މުހިއްމެވެ. ދިޔާތަކެތި ބޭނުންކުރާއިރު ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރުނުވާވަރަށް (އޯވަހައިޑްރޭޓްނުވާވަރަށް) ބޭނުންކުރުމަށް ސަމާލުކަން ދޭންވާނެއެވެ. އާންމު ގޮތެއްގައި މަދުވެގެން ދުވާލެއްގެ މައްޗަށް 3-2 ލިޓަރުގެ ދިޔާތަކެތި ބޭނުންކުރަންވާނެ އެވެ. ހަސްފަތާލުގައި އެދުމަތިކޮށްފިނަމަ އަދި ހަށިގަނޑުގައި ފެނާއި ލޮނުގެ ބައި މަދުވެފައިވާނަމަ އާންމު ގޮތެއްގައި ދިޔާތަކެތި ހަށިގަނޑަށް ފޯރުކޮށްދޭނީ އައިވީ ފުލުއިޑްގެ ސިފައިގައެވެ.  

-          ޑަޔަލިސިސް ހަދަންޖެހުން

-          ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހުން : އެދުމަތިކޮށްގެން ފަރުވާދޭނަމަ، ހަށިގަނޑުން ފެނާއި، ލޮނުގެ ބައި މަދުވެފައިވާ މިންވަރަށް ރިއާޔަތްކޮށް އައިވީ ފުލުއިޑް ދީފާނެ އެވެ. މިއީ ކުޑަކަމު ނަޖިސް އުފެއްދުން އެއްހަމައެއްގައި ބަހައްޓައި، ގުރުދާއަށް ގެއްލުވުމުން ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

-          ރެބްޑޯމެޔޯލައިސިސް ކުރިމަތިވީ ވަކި ބައްޔެއް މިސާލަކަށް ހަކުރު ބަލި، ތައިރޮއިޑްގެ މައްސަލަތައް ފަދަ ކަމެއްގެ ސަބަބުން ކަމުގައިވާނަމަ، އެބައްޔަކަށް އެކަށޭނަ ފަރުވާ ފޯރުކޮށްދޭން ޖެހެއެވެ. ރެބްޑޯމެޔޯލައިސިސް ކުރިމަތިވީ ބޭހެއްގެ ސަބަބުން ކަމުގައިވާނަމަ، ބޭނުންކުރަމުން އައި ބޭސް ހުއްޓާލަން ޖެހުމަކީ ގާތް ކަމެކެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ރިފަރެންސް

·         https://www.aafp.org/afp/2002/0301/p907.html#:~:text=Rhabdomyolysis%20is%20a%20potentially%20life,certain%20medicines%20and%20toxic%20substances.

·         https://www.webmd.com/a-to-z-guides/rhabdomyolysis-symptoms-causes-treatments