Wednesday, September 8, 2021

އެސްފިނޮޅު

އެސްފިނޮޅު

ނޯޓް : ދިވެހި ބަހުގެ ރަދީފުގައި ބަޔާންކޮށްފައިވާ ގޮތުން އެސްފިނޮޅު އަކީ " އަނދުންހުލި ފަދަ އިން ލޮލުގެ މަތީ ރަވައިގައި ނަގާ ބައްޔެއް" އެކެވެ. އާންމު ގޮތެއްގައި އެސްފިނޮޅު އަކީ ލޮލުގެ މަތީ ރަވައިގައި ނަގާ ބައްޔަކށް ވެފައި އިގިރޭސި ބަހުން ކިޔާ ޗެލޭޒިއޯން އަކީ ވެސް ލޮލުގެ މަތީ ރަވައިގައި ނަގާ ބިއްސަކަށްވުމުން ބޮޑަށް ބެލެވޭގޮތުގައި އެސްފިނޮޅު އަކީ އިގިރޭސި ބަހުން ކިޔާ "ޗެލޭޒިއޯން"(chalazion) އެވެ. އަދި މިލިޔުމުގައި "އެސްފިނޮޅު" މާނަކޮށްފައިވަނީ ޗެލޭޒިއޯން ގެ ގޮތުގައެވެ.

އެސްފިނޮޅު(chalazion)  އަކީ ވެސް އަނދުންހުލި ފަދަ އިން ލޮލުގެ ބޮޑީގައި (ނުވަތަ ރަވައިގައި) ޖަހާ ރަތްކުލައިގެ ބިއްސެކެވެ. ނުވަތަ މުލިއްސެއް ފަދަ އެއްޗެކެވެ. އެސްފިނޮޅު ނަގަނީ ލޮލުގެ ބޮޑީގެ ތެރޭގައި ހުންނަ ތެޔޮ އުފައްދާ ގްލޭންޑް(meibomian gland)ތައް (ލޯ ތެތްކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ގްލޭންޑްތައް) ބެދުމުންނެވެ. އެސްފިނޮޅު ފެށިގެން އަންނަނީ ލޮލުގެ ބޮޑީގެ އެތެރޭގައި ޖަހާ އަނދުންހުއްޔެއްގެ ގޮތުގައެވެ. ކުރީކޮޅުގައި އެސްފިނޮޅެއް ނަގާފައި ހުރިކަން ނޭނގިދާނެއެވެ. އެސްފިނޮޅުގައި ކުޑަ ރިހުމެއް ނޫނީ އެއްވެސް ވަރަކަށް ރިހުން ނުހުރެދާނެ އެވެ. ނަމަވެސް އެސްފިނޮޅު ބޮޑުވާވަރަކަށް ލޯރަތްވެ، ދުޅަވެ، ބީހިލުމުން ރިހުން ހުރެފާނެ އެވެ. އެސްފިނޮޅު އާދަޔާ ޚިލާފަށް ބޮޑުވެއްޖެނަމަ، އޭގެ ސަބަބުން ލޮލަށް ފިއްތައި، ލޮލުގެ ފެނުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެސްފިނޮޅުގެ ސަބަބުން މަދުން ނަމަވެސް މުޅި ލޮލުގެ ބޮޑި ދުޅަވުމަކީ އެކަށީގެންވާ ކަމެކެވެ.


އާންމު ގޮތެއްގައި އެސްފިނޮޅު ނަގަނީ ލޮލުގެ މަތީ ރަވައިގައެވެ. ނުވަތަ ލޮލުގެ މަތީ ބޮޑީގައެވެ. ނަމަވެސް ބައެއް ފަހަރު ލޮލުގެ ތިރީ ބޮޑީގައި ވެސް އެސްފިނޮޅު ނަގައިފާނެ އެވެ. އެންމެ އާންމުކޮށް އެސްފިނޮޅު ނަގަނީ އުމުރުން 50- 30 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންގެ ލޮލުގެ ރަވައިގައެވެ. ކުޑަކުދިންނަށް ވުރެ ބޮޑެތި މީހުންގެ ލޮލުގައި އެސްފިނޮޅު ނެގުން އާންމެވެ. ކުޑަކުދިންގެ ލޮލުގެ ރަވައިގައި އެސްފިނޮޅު ނެގުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ.

އަނދުންހުއްޔާއި، އެސްފިނޮޅުގެ ތަފާތު

އަނދުއްހުއްޔަށް ވަރަށް ތަދުވާނެ އެވެ. އާންމު ގޮތެއްގައި އަނދުންހުލި ނަގާނީ ލޮލުގެ ރަވައިގައެވެ. ނުވަތަ ލޮލުގެ ބޮޑީގެ ކައިރި ފަށުގައެވެ. އަނދުންހުލި އާންމު ގޮތެއްގައި ނަގާނީ އެސްފިޔައިގެ ބުޑުގައި އިންފެކްޝަން ހެދިގެންނެވެ. އާންމު ގޮތެއްގައި ދުޅަވާނެއެވެ. އަދި ބައެއް ފަހަރު ލޮލުގެ މުޅި ބޮޑިއަށް އެއްކޮށް އަސަރުކޮށްފާނެ އެވެ.

އެސްފިނޮޅުގައި އާންމު ގޮތެއްގައި ރިހުމެއް ނޫނީ ތަދެއް ނުހުންނާނެ އެވެ. އެސްފިނޮޅު ނަގަނީ ލޮލުގެ ރަވައަށްވުރެ ބޮޑަށް ލޮލުގެ ބޮޑީގެ އެތެރޭގައެވެ. އެސްފިނޮޅު ނަގަނީ ތެޔޮ އުފައްދާ ގްލޭންޑްތައް ބެދުމުގެ ސަބަބުންނެވެ. އެސްފިނޮޅުގެ ސަބަބުން މަދުން ނަމަވެސް މުޅި ލޮލުގެ ބޮޑި ދުޅަވުމަކީ އެކަށީގެންވާ ކަމެކެވެ.

ސަބަބު

އެސްފިނޮޅު ނަގަނީ ކޮންމެ ވެސް ގޮތަކުން ލޮލުގެ ބޮޑިގައި ހުންނަ ތެޔޮ އުފައްދާ ގްލޭންޑް ބެދުމުންނެވެ. މިއީ ލޯ ތެތްކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ގްލޭންޑް ތަކެކެވެ. ތެޔޮއުފައްދާ ގްލޭންޑްތައް ބެދެނީ އޭގެ ތެރޭގައި ހުންނަ ދިޔަތައް އޮލަވެ، ގިނަ(ބޯ)ވުމުންނެވެ. ތެޔޮ އުފައްދާ ގްލޭންޑް ތައް ބެދުމުން އޭގެ ތެރޭގައި ތެޔޮ ހިފެހެއްޓި ހަރުލާގޮތް ވެއެވެ. އަދި ގްލޭންޑް ދުޅަވެއެވެ. އަދި މަޑުމަޑުން ދުޅަވި ގްލޭންޑްގެ ތެރެއިން ދިޔާތަކެތި ނުވަތަ ހަޑިތަކެތި ބޭރުވާން ފަށައެވެ. ދުޅަވުމުން އެސްފިނޮޅު އިންނާނީ ލޮލުގެ ރަވައިގައި ނުވަތަ ބޮޑީގައި ނަގާފައިވާ ރަތް ކުލައިގެ ބިއްސެއް ހެންނެވެ.

އެސްފިނޮޅު ނެގުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ރޯރޭޝާ ކިޔާ ހަމުގެ ބައްޔެއްހުރުން : މިބަލީގައި ހަންގަނޑު ރަތްވެ، އޮށާޅަ ނަގާނެ އެވެ.

·         ލޮލުގެ ބޮޑި ދުޅަވުން : މިހެން ވުމުން ލޮލުގެ ބޮޑިއަށް ތަދުވެ، ރަތްވެ، ދުޅަވާނެއެވެ.

·         ސެބޯރިކް ޑާމަރޓައިޓިސް ކިޔާ ހަމުގެ ބައްޔެއް ހުރުން : މިބަލީގެ ސަބަބުން ހަންގަނޑު ހިރުވައި ކަހައި ތޮށިލައި ނެއްޓޭ ގޮތްވެއެވެ.

·         ކެއްސުންބަލި ޖެހުން

·         ވައިރަލް އިންފެކްޝަނެއް ޖެހުން

·         ހަމުގެ ކެންސަރުގެ ޖެހުން

އަލާމާތްތައް

އެސްފިނޮޅު ނެގުމުން އަންނަނިވި އަލާމާތްތައް ފާހަގަވުމަކީ އެކަށީގެންވާ ކަމެކެވެ.

·         ލޮލުގެ މަތީބޮޑީގައި (ރަވައިގައި) ރިހުމެއް ނުވާ ބިއްސެއް ނުވަތަ މުލިއްސެއް ފަދަ އެއްޗެއް ނެގުން

·         ލޮލަށް އުދަނގޫވެ ލޮލުން ފެންއައުން

·         ބައެއް ފަހަރު ލޯފުސްވެ(އެސްފިނޮޅު އާދަޔާ ޚިލާފަށް ބޮޑުނަމަ، ލޮލަށް ފިއްތުމުން) ، ލޮލުގެ ފެނުން ދަށްވުން

·          

ދެނެގަތުން

އާންމު ގޮތެއްގައި އެސްފިނޮޅު ހުރިނަމަ ލޮލުގެ ޑޮކްޓަރުން ލޯ ރަނގަޅަށް ބަލައި ޗެކުކުރާނެއެވެ. އަދި ބަލިމީހާގެ ފުށުން ބައްޔާއި ގުޅޭގޮތުން ތަފާތު މައުލޫމާތުތައް އަހައި އޮޅުން ފިލުވާނެ އެވެ. އެގޮތުން ލޮލުގެ އެތެރެ، ލޮލުގެ ބޮޑި، އެސްފިޔަތަކާއި، ލޮލުގެ ބޮޑީގެ ހަމުގައި އެއްވެސް ބަދަލެއް ހުރިތޯ ބަލައި ޗެކުކުރާނެއެވެ. މީގެ އިތުރުން ބައްތިއެއް އަދި ބޮޑުވާ ބިއްލޫރިފަދަ އެއްޗެއްގެ އެހީގައި އެސްފިޔަތަކުގެ ބުޑުގައި ތެޔޮ ބޭރުކުރާ ގްލޭންޑްތައް ހުޅުވިފައިވާ ހުރިތޯ ނުވަތަ ނެތްތޯ ބަލައި ހަދާނެއެވެ.

ފަރުވާ

އެސްފިނޮޅަކީ ގޭގައި އަމިއްލައަށް ފަރުވާ ކުރެވިދާނެ ކަމެކެވެ. ގިނަ ފަހަރު މަހެއް ނުވަތަ އެއަށްވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި ވެސް އެސްފިނޮޅު ހިނދި ރަނގަޅުވެ ހިނގައިދާނެ އެވެ. ނަމަވެސް އަލުން އެސްފިނޮޅު ނެގުމަކީ ވެދާނެ ގޮތެކެވެ. އެންމެ ފުރަތަމަ ސަމާލުކަން ދޭންވީ އެއް ކަމަކީ އެސްފިނޮޅަށް ފިތައި، ތުއްވައި ނުހެދުމެވެ. މިގޮތަށް ފިއްތައި ، ތުއްވައި އެއިން އެއްޗެހި ނުވަތަ ދޮސް ނެރެން އުޅުމަކީ ރަނގަޅުކަމެއް ނޫނެވެ. އޭގެ ބަދަލުގައި އަންނަނިވި ކަންތައްތައް ގޭގައި ކުރެވިދާނެއެވެ.

·         ތާފަނާ ފެނުން ބޮޑިތާންކުރުން : ސާފު ފޮތިކޮޅެއް ތާފަނާ ފެނުން ތެންމާލުމަށްފަހު، އެސްފިނޮޅު ނަގާފައިވާ ތަން 15 މިނިޓްވަންދެން ބޮޑިތާންކޮށްލާށެވެ. ނޫނީ ޖައްސައި، ފިއްތައިލައިގެން ހުންނާށެވެ. މިގޮތަށް ދުވާލަކު 3 ފަހަރު ހަދާށެވެ. މިހެން ހެދުމުން ބެދިފައިވާ ތެޔޮބޭރުކުރާ ގްލޭންޑް ހުޅުވިގެންދިއުމަށް އެހީތެރިވެދެއެވެ.

·         މަސާޖުކުރުން : ކޮންމެ ދުވަހަކު ލޮލުގެ ބޮޑީގައި އެސްފިނޮޅު ނަގާފައިވާ ތަން ދެތިންފަހަރު މަސާޖުކޮށްލާށެވެ. މަސާޖުކުރާއިރު އެސްފިނޮޅަށް އޮއްބައި، ފިއްތާނީ މެދުމިންވަރަކަށެވެ. މިގޮތަށް މަޑުމަޑުން މަސާޖުކުރުމަކީ ވެސް ބެދިފައިވާ ތެޔޮބޭރުކުރާ ގްލޭންޑް ހުޅުވިގެންދިއުމަށް އެހީތެރިވެދޭ ކަމެކެވެ.

·         އާންމު ސާފުތާހިރުކަން ދެމެހެއްޓުން : އެސްފިނޮޅު ޖަހާފައި ހުއްޓައި ލޯ މޭކަޕްކޮށް ނުހަދާށެވެ. ލޮލުގައި މާގިނައިން އަތްލުމާއި، ލޯއުގުޅައި ހެދުން ފަދަ ކަންކަމުން ދުރުހެލިވާށެވެ.

ބަޔާންކުރެވުނު ކަންތައްތައް ގޭގައި ކޮށްގެން ވެސް އެސްފިނޮޅު ހިނދި ރަނގަޅުނުވެއްޖެނަމަ ލޮލުގެ ޑޮކްޓަރަކަށް ދެއްކުން ރަނގަޅެވެ. އަދި އެހާލަތުގައި އެސްފިނޮޅު ފަޅާލައިގެން އޭގެ ތެރޭގައި ހުންނަ ހަޑިއެއްޗެހި ނުވަތަ ދޮސްތައް ނެރެ ސާފުކޮށްލަންޖެހޭނެ އެވެ.

ރައްކާތެރިވުން

އަނދުންހުލި ނެގުމުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.

·         ގިނަގިނައިން އަތްދޮވުން

·         ރަނގަޅަށް އަތްނުދޮވެ ލޮލުގައި އަތްނުލުން

·         އެހެން މީހުންގެ ރީތިވާ ސާމާނު ބޭނުންނުކުރުން

·         ދުވަސްވެ، މުއްދަތު ހަމަވެފައި ހުންނަ ރީތިވާ ސާމާނު ބޭނުންނުކުރުން

·         ކޮންމެ ރެޔަކު ނިދުމުގެ ކުރިން ރަނގަޅަށް މޫނުދޮވެ ސާފުކުރުން

·         ލޮލަށް ލައްވާ ލެންސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން

·         ތާފަނާ ފެނުން ލޯ ބޮޑިތާންކުރުން

·         ލޮލުގެ ބޮޑި ދުޅަވެ ކަމެއްވެއްޖެނަމަ ޑޮކްޓަރަށް ދައްކައި ފަރުވާކުރުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://www.aao.org/eye-health/diseases/what-are-chalazia-styes

https://my.clevelandclinic.org/health/diseases/17657-chalazion#

https://www.aoa.org/healthy-eyes/eye-and-vision-conditions/chalazion?sso=y 

Wednesday, September 1, 2021

ބަލްބޯޔުރެތުރަލް ގްލޭންޑް

ބަލްބޯޔުރެތުރަލް ގްލޭންޑް

ބަލްބޯ ޔުރެތުރަލް ގްލޭންޑް(bulbourethral gland) ނުވަތަ ކައުޕާރސް ގްލޭންޑް(cowper’s gland)  ތަކަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ކުދިކުދި ގްލޭންޑް ތަކެކެވެ. ނުވަތަ މިނިޒާމްގައި ހީސްހޮޅީގެ ދެފަރާތުގައި އިންނަ ދެގްލޭންޑް އެވެ. ފިރިހެނުންގެ  ނަސްލު އުފައްދާ ނިޒާމްގައިވާ ކައުޕާރސް ގްލޭންޑް އާ އެއްގޮތްކަމެއް ހުންނަ ގްލޭންޑެއް ކަމަށް އަންހެނުންގެ ހަށިގަނޑުގައި އިންނަނީ ''ބާރތޮލިން ގްލޭންޑް''(bartholin’s gland) އެވެ. މިގްލޭންޑް އަށް ކައުޕާރސް ގްލޭންޑްގެ ނަމުން ނަންދެވިފައިވަނީ 17 ވަނަ ގަރުނުގައި މިގްލޭންޑް ފުރަތަމަ ފަހަރަށް ހޯއްދެވި އިގިރޭސި ވިލާތުގެ ސާޖަން ވިލިއަމް ކައުޕަރ އާއި ގުޅުވައިގެންނެވެ.


ބަލްބޯ ޔުރެތުރަލް ގްލޭންޑްތައް ހުންނަނީ ފިރިހެންހަށީގެ ބުނޑުގައި(ފެށޭ ހިސާބުގައި)، ކުޑަކަމުދާ ހޮޅީގެ ފުރަގަހުން އެއް އަރިމައްޗެއްގައެވެ. މިއީ ރީނދޫ ކުލައިގައި، ވަށްކޮށް، ފެހި އޮށެއްގެ ސައިޒަށް ހީސް ހޮޅީގެ ކޮންމެ އަރިމައްޗެއްގައި ޕްރޮސްޓޭޓް ގްލޭންޑްގެ ތިރިން، ޒަކަރުގެ ބަލްބް އަށްވުރެ މަތީގައި އިންނަ ގްލޭންޑް އެކެވެ. ބަލްބޯޔުރެތުރަލް ގްލޭންޑް ގެ ވަށަމިނުގައި 1 ސެންޓިމީޓަރު ވަރު ހުރެއެވެ. މިގްލޭންޑްތަކާ ކުޑަކަމުދާ ހޮޅި ގުޅައިދެނީ ކުޑަ މަގަކުންނެވެ. މިމަގަށް ކިޔަނީ "އެކްސްކްރީޓަރީ ޑަކްޓް"(excretory duct) އެވެ. މިމަގު ދިގުމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. ކުޑަކުޑަ އޮށެއްގެ ސައިޒަށް ގުޅިފައި އިންނަ މިދެގްލޭންޑް އުމުރުން ދުވަސްވާ ވަރަކަށް އޭގެ ސައިޒުން ކުޑަވެއެވެ.މަނިދިޔައަށް އެންމެ ފަހުން އިތުރުވެގެންދާ ދިޔައަކީ ނުވަތަ ބަޔަކީ ބަލްބޯޔުރެތުރަލް ގްލޭންޑް ތަކުން ދޫކުރާ ތެޔޮކަމެއް ހުންނަ ދަވައެކެވެ. އުމުރުން ދުވަސްވާވަރަކަށް ބަލްބޯޔުރެތުރަލް ގްލޭންޑް ގެ ސައިޒުން ކުޑަވަމުންދާ ކަމަށް ބުނެވެއެވެ.

(ފޮޓޯ : teachanatomy..com)

އިންނަގޮތް އަދި އޮނިގަނޑު

އިންސާނާގެ ހަށިގަނޑު މެދުން ފަޅާލާފައި ބަލާހެން ބަލާކަމުގައިވާނަމަ ، ބަލްބޯޔުރެތުރަލް ގްލޭންޑް ތައް ފެންނާނީ ފިރިހެނާގެ "ޑީޕް ޕެރިނިއަލް ޕައުޗް" ގެ ތެރެއިންނެވެ. ބަލްބޯޔުރެތުރަލް ގްލޭންޑް އިންނަނީ ހީސްހޮޅީގެ އަރިމަތިން ފަހަތަށްވާގޮތަށް، ފިރިހެނާގެ ޒަކަރުގެ ބަލްބް އަށްވުރެ މަތީގައެވެ. ބަލްބޯޔުރެތުރަލް ގްލޭންޑް ތައް ހީސްހޮޅީގެ ތެރެއަށް ހުޅުވިފައި އިންނަނީ ޕްރޮސްޓޭޓުން ހީސްހޮޅި ނިކުމެފައިވާ ހިސާބަށެވެ.

ބަލްބޯޔުރެތުރަލް ގްލޭންޑް އެކުލެވިގެންވަނީ ބައިވަރު ލޮބިޔޫލް(lobules)  ތަކުގެ މައްޗަށެވެ. މިލޮބިޔޫލްތައް ހިފެހެއްޓިފައި ހުންނަނީ ފައިބަރުގެ ސެލޯށިތަކުންނެވެ. ކޮންމެ ލޮބިޔޫލްއެއްގައި ބައިވަރު އެސިނައި(acini) ތައް ހުރެއެވެ.  ބަލްބޯޔުރެތުރަލް ގްލޭންޑް ގެ އެތެރޭގެ އެސިނައިތަކުގެ ބަތާނަފަށުގައި ހުންނަނީ "ކޮލަމްނަރ އެޕިތީލިއަމް"(columnar epithelium) އެވެ.

އުފެދިގެންއައުން

މައިމީހާގެ ބަނޑުގައި ތުއްތު ދަރިފުޅު ހެދިބޮޑުވަމުން އައުމުގެ ތެރޭގައި ބަލްބޯޔުރެތުރަލް ގްލޭންޑްތައް އުފެދިގެން އަންނަނީ "ޔޫރޯޖެނިޓަލް ސައިނަސް"(urogenital sinus) އިންނެވެ. މިތަނުން އުފެދިގެން އަންނަ އެހެން ބައިތަކުގެ ތެރޭގައި މަސާނާ، ހީސްހޮޅި އަދި ޕްރޮސްޓޭޓް ގްލޭންޑް ހިމެނެއެވެ. މިބައިތަކުގެ ހެދިބޮޑުވުމަށް އަސަރުކުރުވާ ނުވަތަ ބާރުފޯރުވާ ހޯރމޯން އަކީ "ޑައިހައިޑްރޯޓެސްޓޮސްޓަރޯން"(DHT) އެވެ. މިގްލޭންޑް އުފެދެން ފަށަނީ މާބަނޑުވުމަށްފަހު 10 ވަނަ ހަފްތާ ހާ ތާގައެވެ.

އަދާކުރާ ވަޒީފާ

ޖިންސީ އެދުންވެރިކަން އައުމުން ބަލްބޯޔުރެތުރަލް ގްލޭންޑް އިން ގްލައިކޯޕްރޮޓީން ހުރި، ދަވަ ފާޑުގެ ދިޔައެއް އުފައްދައެވެ. މިދިޔައަށް ކިޔަނީ "މަޒުޔު"(pre ejaculate or precum)  އެވެ. މިއީ އާންމު ގޮތެއްގައި ޖިންސީ އެދުންވެރިކަން އައިސް، ފިރިހެންހަށީގައި ވަރުޖެހި، މަނިބޭރުކުރުމުވުގެ ކުރިން ކުރިމަތި ފަރާތުން އަންނަ އޮލަ، ތަތްކަމެއް ހުންނަ ކުލައެއްނުވާ ސާފު ދިޔައެކެވެ. މިދިޔައިގެ 3 ބޭނުމެއް ވެއެވެ.

·         ހީސްހޮޅި އާއި، ޒަކަރުގެ އެތެރޭގެ ކޮޅު ތެޔޮކަންމަތީ ބެހެއްޓުން : ޚާއްޞަކޮށް ޖިމާއުވުމުގެ ތެރޭގައި ޒަކަރުގެ ކޮޅު ތެޔޮކަންމަތީ ބަހައްޓައިދެއެވެ. އެގޮތަށް ތެޔޮކަންމަތީ ބަހައްޓައިދެނީ މަޒުޔުގައި ހިމެނޭ ގްލައިކޯޕްރޮޓީންގެ ސަބަބުންނެވެ.

·         ހީސްހޮޅީގެ ތެރޭގައި ބާކީ ހުރި ކުޑަކަމުނަޖިސް، މަރުވެފައިވާ ސެލްތައް ނުވަތަ ދަވަތައް ހީސްހޮޅީގެ ހޮއިން ބޭރުކޮށް، މަނިބޭރުވުމަށް ހީސްހޮޅި ތައްޔާރުކުރުވުން

·         ހީސްހޮޅީގެ ތެރޭގައި ހުންނަ ކުޑަކަމު ނަޖިހުގެ އެސިޑްގެ މިންވަރު ހަމައަކަށް އެޅުވުން : މަޒުޔު އަކީ އޭގެ ޒާތުގައި އަލްކަލައިންގެ ތަބީޢަތް ހިމެނޭ އެއްޗަކަށްވުމުން އެސިޑް-ބޭސް ހަމަހަމަ ކުރުމުގައި މަޒުޔު އެހީތެރިވެދެއެވެ.

·         އަންހެނާގެ ޖިންސީގުނަވަނުގައި ހުންނަ އެސިޑްގެ މިންވަރު ދަށްކޮށް ހަމައަކަށް އަޅުވައިދިނުން

ބައެއް ފަހަރު މިދިޔައިގެ ތެރޭގައި އޭގެ ކުރީ ފަހަރު މަނިބޭރުވުމުގެ ތެރޭގައި އެއްކޮށް ބޭރުނުވެ ހުރި ދަރިފަނިތައް ހީސްހޮޅީގައި ހަރުލާފައި ހުރެދާނެއެވެ. ހަށިގަނޑުގެ އާންމު ފިނިހޫނުމިނުގައި މިގޮތަށް މަރުނުވެ 48 ގަޑިއިރު ވަންދެން ދަރިފަނި ތައް ސަލާމާތުން ހުރެދާނެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި ބަލްބޯޔުރެތުރަލް ގްލޭންޑް އިން ދޫކުރާ މަޒުޔުގައި އެއްވެސް ވަރަކަށް ދަރިފަންޏެއް ނުހުންނާއެވެ (ޒުކަމަން އެޓް އަލް، 2003).

ލޭދައުރުވުން

ބަލްބޯޔުރެތުރަލް ގްލޭންޑް އަށް ސާފުލޭ ފޯރުކޮށްދެނީ ޒަކަރުގެ ބަލްބް އަށް ވެސް ސާފު ލޭފޮނުވައިދޭ ލޭހޮޅިތަކުންނެވެ. ބަލްބޯޔުރެތުރަލް ގްލޭންޑް އިން ލިމްފްތައް ދައުރުވެ ގޮސް ހުސްވަނީ އިންޓާރނަލް އިލިއެކް ލިމްފް ގޮށްތައް އަދި އެކްސްޓާރނަލް އިލިއެކް ލިމްފް ގޮށްތަކަށެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://teachmeanatomy.info/pelvis/the-male-reproductive-system/bulbourethral-glands

https://www.bartleby.com/107/264.html  

https://onlinelibrary.wiley.com/doi/full/10.1111/j.1365-2605.2005.00499.x

  

ސްޕަމެޓިކް ކޯޑު

ސްޕަމެޓިކް ކޯޑު

ސްޕަމެޓިކް ކޯޑު(spermatic cord) އަކީ ފިރިހެނާގެ އޮށަށް އައިސް، ގޮސްވާ ތަފާތު ލޭހޮޅިތަކާއި، ފަތިނާރުތަކާއި، ޑަކްޓްތައް ހިމެނޭ މަގެކެވެ. ސްޕަމެޓިކް ކޯޑުގެ ވަށައިގެން ފޭޝިއާ އިން ނިވާކުރެވިފައިވުމުން ސްޕަމެޓިކް ކޯޑް ސިފަކުރެވެނީ ކޯޑެއް ފަދަ އެއްޗެއްގެ ގޮތުގައެވެ.

ސްޕަމެޓިކް ކޯޑަކީ ބަނޑުގެ ތިރިން ފެށިގެން އުރަވަޅި އަށް ފައިބައިފައިވާ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ހިމެނޭ ކޯޓެއް ފަދަ އެއްޗެކެވެ. ސްޕަމެޓިކް ކޯޑްގެ ތެރެއިން ތިރިއަށް އުރަވަޅިއާއި ދިމާލަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ތަފާތު ނާރުތައް، ލޭހޮޅިތައް، ލިމްފް ހޮޅިތައް، އަދި މަނި ހޮޅި ހިމެނެއެވެ. އޮށް، މަނިގުދަން، އަދި މަނިހޮޅި އަށް ލޭފޯރުކޮށްދޭ ލޭހޮޅިތަކާއި، ސިގުނަލް އުފުލައިދޭ ފަތިނާރުތައް އައިސް، ގޮސްވަނީ ސްޕަމެޓިކް ކޯޑުގެ ތެރެއިންނެވެ.


އުފެދި ތިރިއަށް އައިސްފައިވާގޮތް

ސްޕަމެޓިކް ކޯޑަކީ ނިސްބަތުން ކުރު އެއްޗެކެވެ. ސްޕަމެޓިކް ކޯޑު ފެށިގެން އަންނަނީ ދަށްބަނޑުންނެވެ. އަދި ނިމެނީ އުރަވަޅީގެ ތެރެއަށެވެ. ސްޕަމެޓިކް ކޯޑު ފެށިފައި އިންނަނީ ދަށްބަނޑު ދެފަރާތުގައިވާ އިންގުއައިނަލް ކެނަލް(inguinal canal)ގެ ހުޅުވުމާއި ހިސާބުންނެވެ. މިހުޅުވުމަށް ކިޔަނީ "ޑީޕް އިންގުއައިނަލް ރިންގ"(deep inguinal ring) އެވެ. މިހުޅުވުން އިންނަނީ އިންފީރިއަރ އެޕިގެސްޓްރިކް ލޭހޮޅިތަކުގެ އެއް އަރިމައްޗަކަށް ވާގޮތަށެވެ.

ސްޕަމެޓިކް ކޯޑު އިންގުއައިނަލް ކެނަލްގެ ތެރެއިން ގޮސް އުރަވަޅިއަށް ވަންނަނީ "ސްޕަފިޝަލް އިންގުއައިނަލް ރިންގ"(superficial inguinal ring) ހުރަސްކޮށެވެ. އުރަވަޅީގެ ތެރޭގައި ތިރިއަށް ގޮސް މިކޯޑު ނިމެނީ އުރަވަޅީގެ ތެރޭގައި އޮންނަ އޮށުގެ ފުރަގަހު ބޯޑަ(posterior border)ރަށެވެ. އެހިސާބުން އުރަވަޅި އާއި އޮށުގައި ހިމެނޭ ތަންތަނަށް ސްޕަމެޓިކް ކޯޑުގައި ހިމެނޭ ލޭހޮޅިތަކާއި، ފަތިނާރުތަކުން ސަޕްލައިކޮށްދެއެވެ.

ސްޕަމެޓިކް ކޯޑު ނިވާކުރެވިފައިވާ ފޭޝިއާ ތައް

ސްޕަމެޓިކް ކޯޑް އުފެދިފައިވާ ގޮތުން އޭގެ ބޭރުން 3 ފަށަލަ ލެވިފައިވެއެވެ. ސްޕަމެޓިކް ކޯޑުގެ ތެރޭގައިވާ ބައިތައް ހިފަހައްޓައިދީ ހައްޔަރުކޮށްދެނީ މައިގަނޑު ގޮތެއްގައި ތަފާތު 3 ފޭޝިއާ އެއް ގުޅި ލާމެހިގެންނެވެ. މިފޭޝިއާ ތަކަކީ އުފެދުމުގައި ބަނޑުގެ ކުރިމަތީ ފަރާތުން ނިކުމެގެން އައިސްފައިވާ ފޭޝިއާ ތަކެކެވެ.  

އެކްސްޓާރނަލް ސްޕަމެޓިކް ފޭޝިއާ (external spermatic fascia): މިއީ ބަނޑުގެ ކުރިމަތީ ފަރާތުން އައިސްފައިވާ ޑީޕް ސަބްކިޔުޓެނިއަސް ފޭޝިއާ(deep subcutaneous fascia) ނުވަތަ ފޭޝިއާ އިނޮމިނޭޓާ(fascia innominate) އިން އުފެދިގެން އައިސްފައިވާ ފޭޝިއާ އެކެވެ.

ކްރިމެސްޓެރިކް މަސްކޮޅު އަދި ފޭޝިއާ (Cremasteric muscle and fascia): މިއީ އިންޓާރނަލް އޮބްލިކިޔޫ މަސްކޮޅު އަދި އެމަސްކޮޅު ނިވައިކޮށްދޭ ފޭޝިއާ އިން އުފެދިގެން އައިސްފައިވާ ބައިތަކެކެވެ.

އިންޓާރނަލް ސްޕަމެޓީކް ފޭޝިއާ (internal spermatic fascia): މިއީ ޓްރާންސްވަރސަލިސް ފޭޝިއާ އިން އުފެދިގެން އައިސްފައިވާ ފޭޝިއާ އެވެ.

ބަޔާންކުރެވުނު 3 ފަށަލައިގެ މަތިން އެ 3 ފަށަލަ ނިވާކުރެވިފައިވަނީ އުރަވަޅީގެ ހަމުގެ ދަށުން ސީދާ އިންނަ ފަށަލައެއް ކަމުގައިވާ ޝްޕަފިޝަލް ފޭޝިއާ(superficial fascia)  އިންނެވެ.

ހިމެނޭ ބައިތައް

ސްޕަމެޓިކް ކޯޑު އަކީ މުހިއްމު ބައިތަކެއް އޭގެތެރެއިން އޮށަށް އައިސް ގޮސްވާ ތަނެކެވެ. ސްޕަމެޓިކް ކޯޑުގައި ހިމެނޭ މުހިއްމު ބައިތައް ތިރީގައި މިވަނީ އެވެ.

ލޭހޮޅިތައް

ޓެސްޓިކިޔުލަރ އާޓަރީ (testicular artery): މިއީ ރީނަލް އާޓަރީ ތަކުގެ ތިރިން އެއޯޓާ އިން ނިކުމެފައިވާ ގޮތްޕެކެވެ.

ކްރިމެސްޓެރިކް އާޓަރީ އަދި ވެއިން (cremasteric artery and veins): މިއީ ކްރިމަސްޓެރިކް މަސްކޮޅު އަދި ފޭޝިއާ އަށް ލޭގެނެސް، ގެންގޮސްދޭ ލޭހޮޅިތަކެވެ. ކްރިމެސްޓެރިކް އާޓަރީ އަކީ އިންފީރިއާ އެޕިގެސްޓްރިކް އާޓަރީގެ ގޮތްޕެކެވެ.

އާޓަރީ ޓު ދަ ވޭސް ޑިފަރަންސް (artery to the vas deferens): މިއީ އިންޓާރނަލް އިލިއެކް އާޓަރީ އިން ނިކުމެފައިވާ އިންފީރިއަރ ވެސައިކަލް އާޓަރީގެ ގޮތްޕެކެވެ. މިއީ މަނިހޮޅި އަށް ސާފުލޭ ފޮނުވައިދޭ ލޭހޮޅި އެވެ.

ޓެސްޓިކިޔުލަރ ވެއިންތަކުގެ ޕެމްޕިނިފޯރމް ޕްލެކްސަސް (pampiniform plexus of testicular veins): މިއީ ނުސާފުލޭ އޮށުން، ޓެސްޓިކިޔުލަރ ވެއިން އަށް އުފުލައިދޭ ލޭހޮޅި ތަކެވެ.

ފަތިނާރުތައް

ޖެނިޓޯފެމޯރަލް ނާރވް ޖެނިޓަލް ގޮފި (genital branch of genitofemoral nerve): މިއީ ކްރިމެސްޓެރިކް މަސްކޮޅަށް ސިގުނަލް ފޮނުވައިދޭ ފަތިނާރެކެވެ.

އިލިއޯއިންގުއައިނަލް ނާރވް (ilioinguinal nerve): މިއީ އުކުޅުވަޅާއި، އުރަވަޅި އަށް ސަޕްލައިކޮށްދޭ ފަތިނާރެކެވެ.

އުޓޮނޮމިކް ފަތިނާރުތައް (autonomic nerves): މިއީ އޮށަށް އިހުސާސް އުފުލައިދޭ ފަތިނާރު ތަކެވެ.

އެހެނިހެން ބައިތައް

މަނިހޮޅި (vas deferens): މިއީ މަނިގުދަނުން ފެށިގެން އިޖެކްކިޔުލޭޓަރީ ޑަކްޓް ގެ ނިމޭ ހިސާބުގައިވާ އެމްޕިޔުލާ އާއި ހަމައަށް މަނި އުފުލައިދޭ ހޮޅި އެކެވެ. މަނިބޭރުވަންދެން، ތައްޔާރުވެފައި ހުންނަނީ މި އެމްޕިޔުލާ ގައެވެ.

ލިމްފް ހޮޅިތައް (lymph vessels): މިހޮޅިތަކުން ލިމްފް ހުސްވަނީ ލަމްބަރ ރީޖަން ގައި ހުންނަ ޕެރައެއޯޓިކް ލިމްފް ގޮށް ތަކަށެވެ.

 

ޕެމްޕިނިފޯރމް ޕްލެކްސަސް

ޕެމްޕިނިފޯރމް ޕްލެކްސަސް(pampiniform plexus)  އަކީ ނުސާފުލޭ އުފުލައިދޭ ލޭހޮޅިތަކުގެ ވިއުގައެވެ. މިއީ އޮށުން ނުސާފުލޭ އުފުލައިދިނުމުގައި ޒިންމާވާ ވިއުގައެވެ. މިއީ އޭގެ ޒާތުގައި ޓެސްޓިކިޔުލަރ އާޓަރީގެ ވަށާލާފައިވާ ވިއުގައެވެ. އޮށް އޭގެ ވަޒީފާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަނީ އޮށުގެ ފިނިހޫނުމިން ހަށިގަނޑުގެ އާންމު ފިނިހޫނުމިނަށްވުރެ ދަށުގައި ނުވަތަ ފިނިކަމުގައި ހުރިނަމަ އެވެ. ޕެމްޕިނިފޯރމް ޕްލެކްސަސް އަކީ ހީޓް އެކްސްޗޭންޖަރ(heat exchanger) އެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. އެގޮތުން އޮށަށް ސާފުލޭ ފޯރުމުގެ ކުރިން އެފިނިކޮށް ނުވަތަ ކޫލް ކޮށްލައެވެ. ޕެމްޕިނިފޯރމް އިންގްއައިނަލް ކެނަލްގެ ތެރެއިން ދަތުރުކުރަމުން ގޮސް އެންމެ ޓެސްޓިކިޔުލަރ ވެއިން އަކަށް ބަދަލުވެގެން ދެއެވެ.

ކަނާތް ފަރާތުގެ ޓެސްޓިކިޔުލަރ ވެއިން(right testicular vein)  އިން ނުސާފުލޭ ދައުރުވެ ހުސްވަނީ އިންފީރިއާ ވީނާ ކޭވާ(IVC) އަށެވެ. އަދި ވާތް ފަރާތުގެ ޓެސްޓިކިޔުލަރ ވެއިން(left testicular vein) ނުސާފުލޭ ދައުރުވެ ހުސްވަނީ ވާތް ފަރާތުގެ ރީނަލް ވެއިން(left renal vein) އަށެވެ.

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://teachmeanatomy.info/pelvis/the-male-reproductive-system/spermatic-cord/

https://www.sciencedirect.com/topics/medicine-and-dentistry/spermatic-cord 

މަނިގޮށް

މަނިގޮށް

މަނިގޮށަ(seminal vesicle)ކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މަސާނާގެ ތިރިން ޕްރޮސްޓޭޓްގެ ފަހަތުން، ފުރަގަސްފަރާތުގެ މަތިން، ފުރަގަސް ފަރާތާއި މަސާނާ އާ ދެމެދު އިންނަ ދެގްލޭންޑް އެވެ. ކޮންމެ މަނި ގޮށެއް އެފަރާތެއްގެ މަނިހޮޅި އާ ގުޅިފައިވަނީ ކުރު ޑަކްޓަ(މަގަކުން)ކުންނެވެ. 5ސެންޓިމީޓަރުގެ ދިގުމިން ހުންނަ މިގްލޭންޑް އިން މަނި ދިޔައިގެ 70-60 އިންސައްތަ ދޫކުރެއެވެ. މިގޮތުން ދޫކުރާ ނުވަތަ ބޭރުކުރާ ދިޔައިގެ ތެރޭގައި ޕްރޮޓީންތައް، އެންޒައިމްތައް، ފްރަކްޓޯޒް، ދަވަ، ވިޓަމިންސީ، ފްލެވިން، އަދި ޕްރޮސްޓަގްލަންޑިން ފަދަ މާއްދާތައް ހިމެނެއެވެ. ކޮންމެ މަނިގޮށެއްމެ އެކުލެވިގެންވަނީ އޮޅިފައިވާ ހޮޅިއެއްގެ މައްޗަށެވެ. މިއީ މަނިގޮށީގައިވާ ހޮޅި އެކެވެ.


މަނިބޭރުވުމުގެ ތެރޭގައި މަހުގެ ސެލޯށިތަކާއި، އިލާސްޓިކް ފައިބަރު ކުރުގެޅި ފިތުމުން މަނިގޮށުގެ ހޮޅީގައި  (މަނިގޮށުގެ ތެރޭގައި) ހުންނަ މަނިތައް އިޖެކިޔުލޭޓަރީ ޑަކްޓްގެ ތެރެއަށް ހުސްކޮށްލައެވެ. ނޫނީ ފޮނުވާލައެވެ. މަނިގޮށުގެ ސައިޒާއި، އޭގެ ހަރަކާތްތައް ނުވަތަ މަސައްކަތްތައް ކޮންޓްރޯލްކުރަނީ އެންޑްރަޖަން ހޯރމޯން އިންނެވެ. މިހޯރމޯން ދޫކުރަން ފަށާނީ ބާލިޣުވުމުންނެވެ. އަދި ހޯރމޯން މަދުވާން ފަށާނީ އުމުރުން 30 އަހަރަށް އެޅުމަށްފަހު ގައެވެ. މިހޯރމޯން ދޫނުކުރާނަމަ މަނިގޮށް މަޑުމަޑުން ގޮސް ހަލާކު ވުމަކީ އެކަށީގެންވާ ކަމެކެވެ.

އިންނަ ތަނާއި، އޮނިގަނޑު

މަނިގޮށް އިންނަނީ މަސާނާގެ ފަންޑަސް އާއި ނުވަތަ މަސާނާއާއި، ފުރަގަސް ފަރާތާއި ދެމެދުގައެވެ. މަނިހޮޅި އަދި މަނިގޮށުން ނިކުމެފައިވާ ޑަކްޓް ގުޅިގެން އުފެދެނީ އިޖެކިއުލޭޓަރީ ޑަކްޓް(ejaculatory duct)  އެވެ. އިޖެކިޔުލޭޓަރީ ޑަކްޓް ގޮސް ހުސްވެފައި އިންނަނީ ހީސްހޮޅިން ޕްރޮސްޓޭޓްގެ ތެރޭގައިވާ ބަޔަ(prostatic urethra)ށެވެ.

މަނިގޮށުގެ އެންމެ އެތެރޭގެ ތެތްދުލިފަށަލަ ނުވަތަ ބަތާނަ ފަށުގައި ހުންނަނީ "ސޫޑޯސްޓްރެޓިފައިޑް ކޮލަމްނަރ އެޕިތީލިއަމް"(pseudostratified columnar epithelium) އެވެ. ބަތާނަފަށުގައި ހުންނަ މިކޮލަމްނަރ ސެލް ތަކަކީ ވަރަށް ބޮޑަށް ޓެސްޓޮސްޓަރޯން ހޯރމޯންގެ އަސަރު ފޯރާ ނުވަތަ ބާރު ފޯރާ ސެލްތަކެކެވެ. ޓެސްޓޮސްޓަރޯންގެ މިންވަރު މަތިވާވަރަކަށް ކޮލަމްނަރ ސެލް ސައިޒުން ދިގުވެ ބޮޑުވާނެ އެވެ. ބަތާނަ ފަށުގައި ހުންނަ ސޫޑޯސްޓްރެޓިފައިޑް ކޮލަމްނަރ އެޕިތީލިއަލް ސެލްތަކުގެ ދެމެދުގައި ގޮބްލިޓް ސެލް(goblet cells) ތައް ވެސް ހުރެއެވެ. ބަތާނަ ފަށުގައި ހުންނަ މިސެލް ތަކަކީ މަނިގޮށުން ދޫކުރާ ދިޔަތައް ދޫކުރުމުގައި ޒިންމާވާ ސެލް ތަކެކެވެ.

ފިރިހެނާގެ މަނިގޮށުގެ ދިގުމިނުގައި ގާތްގަނޑަކަށް 5-3 ސެންޓިމީޓަރު، އަދި ފުޅާމިނުގައި 2-1 ސެންޓިމީޓަރު ވަރު ހުރެއެވެ. ބައެއް ރިފަރެންސްތަކުގައި ބުނާގޮތުން 7-5 ސމ އަދި އަނެއްބައި ރިފަރެންސް ތަކުގައި ބުނާގޮތުން 7.5 ސެންޓިމީޓަރުގެ ދިގުމިން މަނިގޮށުގައި ހުރެއެވެ. މަނިގޮށުގެ ދިގުމިން އެކި މީހުންގެ ތަފާތު ވެދާނެ އެވެ. އަދި އެކެއްގެ ދެފަރާތުގެ މަނިގޮށުގެ ސައިޒުވެސް ތަފާތުވެދާނެ އެވެ. ކޮންމެ މަނިގޮށެއްގެ ތެރޭގައި ވަރަށް ބޮޑަށް އޮޅިފައިވާ ހޮޅިއެއް ވެއެވެ. މިހޮޅީގެ ދިގުމިނުގައި ނުއޮޅި އިންނައިރު 10 ސެންޓިމީޓަރު ވަރު ހުރެއެވެ. ބައެއް ރިފަރެންސްތަކުގައި ނުއޮޅި އިންނައިރު މަނިގޮށުގެ ހޮޅީގެ ދިގުމިނުގައި 15-10 ސެންޓިމީޓަރު ހުންނަކަމަށް ބަޔާންކޮށްފައި ވެއެވެ. މިހޮޅީގެ ވަށައިގެން ގުޅުވައިދެނިވި ސެލޯށި ( ލޭހޮޅިތައް، ލިމްފް ހޮޅިތައް، ފަތިނާރު ފައިބަރުތައް، ސަޕޯޓިވް ސެލޯށިތައް ) ތައް ވެއެވެ.

މަނިގޮށުގެ އެތެރޭގައިވާ ބަޔާންކުރެވުނު ހޮޅި ވެސް އޭގެ ޒާތުގައި އެކުލެވެނީ 3 ފަށަލައެއްގެ މައްޗަށެވެ. އެއީ އެންމެ އެތެރޭގައި  އޭގެ ޒާތުގައި އެއްބައި އަނެއްބައިގެ މައްޗަށް ލެވި ފަތްޖެހިފައިވާ ނޫނީ ރޫޖެހިފައިވާ ތެތް ދުލިފަށަލަ ނުވަތަ ބަތާނަ ފަށާއި، މެދުގައި ދިގަށް އަދި ވަށްކޮށް އެތުރިފައިވާ މަހުގެ ފަށަލައާއި، އެންމެ ބޭރުގައިވާ ފައިބަރީ ފަށަލަ އެވެ. މަނިގޮށުން ދޫކުރާ ދިޔަތައް ދޫކުރަނީ މަނިގޮށުގައިވާ ހޮޅީގެ ބަތާނަ ފަށުންނެވެ. މަނިގޮށުގައިވާ ހޮޅި ހުސްކޮށް ހުންނައިރު އޭގެ ބަތާނަ ފަށް ހުންނަނީ ފަތްޖެހި، ނޫނީ ރޫޖެހިފައެވެ. ނަމަވެސް މިހޮޅިއަށް ދިޔައެޅި ފުރުމުން، މިހޮޅި  ފުފެއެވެ. ނޫނީ ފުއްޕާލައެވެ.

މަނިގޮށުގެ ކުރިމަތީ ސަތަހަ އިންނަނީ މަސާނާގެ ފަންޑަސް އާއި ދިމާވާ ގޮތަށެވެ. މިސަތަހަ އިންނަނީ ގުރުތާ ނިމޭ ހިސާބުން ފެށިގެން ތިރިއަށް ގޮސް، ޕްރޮސްޓޭޓް ގްލޭންޑްގެ ތިރިއާއި ހަމައަށެވެ. ފުރަގަހު ސަތަހަ އިންނަނީ ފުރަގަސް ފަރާތާއި ދިމާވާ ގޮތަށެވެ. ފުރަގަސް ފަރާތާއި މަނިގޮށް ވަކިކޮށްދެނީ ރެކްޓޯވެސައިކަލް ފޭޝިއާ(rectovesical fascia) އިންނެވެ.

އުފެދިގެންއައުން

މައިމީހާގެ ބަނޑުގައި ތުއްތު ދަރިފުޅު ހެދިބޮޑުވަމުން އަންނަ އައުމުގައި މަނިގޮށް އުފެދިގެން އަންނަނި މެސޮނެފްރިކް ޑަކްޓް (mesonephric duct)އިންނެވެ. މިމަރުހަލާގެ ތެރޭގައި މިސޮނެފްރިކް ޑަކްޓުން އުފެދިގެން އަންނަ ނަސްލު އުފައްދާ ނިޒާމުގެ އެހެން ބައިތަކުގެ ތެރޭގައި މަނިހޮޅި، މަނިގުދަން، އަދި އިޖެކިޔުލޭޓަރީ ޑަކްޓް ފަދަ ބައިތައް ހިމެނެއެވެ.

އަދާކުރާ މަސައްކަތް

މަނިގޮށުން ދޫކުރާ ދިޔައަކީ މަނީގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މަނީގައި ހިމެނޭ ދިޔައިގެ ތެރެއިން ގާތްގަނޑަކަށް %70 ދޫކުރަނީ މަނިގޮށުންނެވެ. މަނި ބޭރުވާއިރު އެންމެ ފުރަތަމަ ބޭރުވާ މަނީގައި ހުންނާނީ ދަރިފަންޏާއި، ޕްރޮސްޓޭޓް ގްލޭންޑް އިން ދޫކުރާ ދިޔައެވެ. މަނިގޮށުން ދޫކުރާ ދިޔަ ބޮޑަށް ހުންނަނީ އެންމެ ފަހުން ބޭރުވެގެންދާ މަނީގެ ތެރޭގައެވެ. މަނިގޮށުން ބޭރުވާ ދިޔައިގައި އަންނަނިވި ބާވަތްތައް ހިމެނެއެވެ.

·         އަލްކަލައިން ދިޔަ : ފިރިހެނާގެ ހީސްހޮޅި އާއި، އަންހެނާގެ ޖިންސީ ގުނަވަނުގައި ހުންނަ އެސިޑިޓީ ހަމައަކަށް އަޅުވައި، އެއެސިޑުން ދަރިފަނި ރައްކާތެރިވެ، ހިމާޔަތްވުމަށް އެހީތެރިވެދެއެވެ.

·         ފްރަކްޓޯޒް : މިއީ ދަރިފަންޏަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަޞްދަރެވެ.

·         ޕްރޮސްޓަގްލޭންޑިން : ފިރިހެނާގެ ހަށިގަނޑުން ބޭރުވެ، އަންހެނާގެ ދަރިމައިވުމުގެ ނިޒާމުގެ ތެރެއަށް ފޮނުވާލެވުނު މަންޏާއި ދެކޮޅަށް އަންހެނާގެ ދިފާއީ ނިޒާމުން ކުރާ މަސައްކަތް ދަށްކޮށްލުމުގައި ޕްރޮސްޓަގްލޭންޑިން ގެ ދައުރެއް ވެއެވެ.

·         ކްލޮޓިންގ ފެކްޓަރ : މިފެކްޓަރ ތަކުގެ ބޭނުމަކީ އަންހެނާގެ ރަހިމުގެ ތެރެއަށް ނޫނީ ޖިންސީ ގުނަވަނުގެ ތެރެއަށް ދިއުމަށްފަހު ދަރިމައިވުމުގެ ނިޒާމުގެ ތެރޭގައި ދަރިފަނި ތައް ނުވަތަ މަނިތައް ހިފަހައްޓައިދިނުމެވެ.

·         ސެމިނޯޖެލިން : މިއީ ޖެލީ ގަނޑެއް ފަދަ ރައްކާތެރި ފަށަލައެއް ދަރިފަނީގެ ވަށައިގެން އުފައްދައިދޭ ޕްރޮޓީން އެކެވެ.

·         ފޮސްފަރަސް އަދި ޕޮޓޭޝިއަމް : މިއީ ދަރިފަނީގެ ހަރަކާތަށް އެހީތެރިވެދޭ މައުދަން ތަކެކެވެ.

·         އެހެނިހެން މާއްދާތައް : މަނިގޮށުން ދޫކުރާ ދިޔައިގައި ހިމެނޭ އެހެނިހެން މާއްދާތަކުގެ ތެރޭގައި ފިބްރިނޯޖަން، ފްލޭވިން، ވިޓަމިން ސީ، މާއްދާތައް ހިމެނެއެވެ.

މަތީގައި ބަޔާންކުރެވުނު މަނިގޮށުން ދޫކުރާ ދިޔައިގައި ހިމެނޭ މާއްދާތަކުގެ އިތުރުން ދެން މަނީގައި ހިމެނެނީ އޮށުން ދޫކުރާ ދަރިފަންޏާއި، ޕްރޮސްޓޭޓް ގްލޭންޑް އިން ދޫކުރާ ދިޔަ އާއި، ބަލްބޯޔުރެތުރަލް ގްލޭންޑް އިން ދޫކުރާ ދަވަތަކެވެ.

ލޭދައުރުވުން / ފަތިނާރުތައް

މަނިގޮށަށް ސާފުލޭ ފޮނުވައިދޭ އާޓަރީ ތަކަކީ އިންޓާރނަލް އިލިއެކް އާޓަރީ އިން ކުރިފަޅައި ނިކުމެފައިވާ އިންފީރިއަރ ވެސައިކަލް އާޓަރީ، މިޑްލް ވެސައިކަލް އާޓަރީ، އިންޓާރނަލް ޕިޔުޑެންޑަލް އާޓަރީ، އަދި މިޑްލް ރެކްޓަލް(ހިމޮރޮއިޑަލް) އާޓަރީ އެވެ. މަނިގޮށުން ނުސާފުލޭ އަނބުރާ ގޮސް ހުސްވަނީ ވެސައިކަލް ވީނަސް ޕްލެކްސަސް ހުރަސްކޮށް، އިންޓާރނަލް އިލިއެކް ވެއިން ތަކަށެވެ.

މަނިގޮށުން ލިމްފް ގޮސް ހުސްވަނީ އެކްސްޓާރނަލް އިލިއެކް ލިމްފް ގޮށްތަކާއި، އިންޓާރނަލް އިލިއެކް ލިމްފް ގޮށް ތަކަށެވެ.

މަނިގޮށަށް އައިސްފައިވާ ފަތިނާރަކީ އިންފީރިއަރ ހައިޕޯގެސްޓްރިކް ނާރވް އަދި އިންފީރިއާ ހައިޕޯގެސްޓްރިކް ޕްލެކްސަސް އެވެ. ފިރިހެނުންގެ ހަށިގަނޑުގައި ޕްރޮސްޓެޓިކް ޕްލެކްސަސް އައިސްފައިވަނީ އިންފީރިއާ ހައިޕޯގެސްޓްރިކް ޕްލެކްސަސް އިންނެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://teachmeanatomy.info/pelvis/the-male-reproductive-system/seminal-vesicles

https://www.britannica.com/science/seminal-vesicle  

https://www.statpearls.com/ArticleLibrary/viewarticle/36377

https://www.bartleby.com/107/260.html