Monday, May 23, 2022

މަންކީ ޕޮކްސް/ މަކުނު ވިދުރި

މަންކީ ޕޮކްސް

މަންކީ ޕޮކްސް އަކީ ވައިރަސް އަކުން ފެތުރޭ، ކުރިން ވަރަށް ނާދިރު ބައްޔެއްގެ ގޮތުގައި ބެލެވިފައިވާ ބައްޔެކެވެ. މަންކީ ޕޮކްސް އަކީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ބަލި(zoonotic disease) ތަކުގެ ތެރެއިން ބައްޔެކެވެ. މިބައްޔަށް ދިވެހި ބަހުން ބައެއް ނޫސްތަކުގައި "މަކުނު ކަށިވިދުރި" މިހެން ނިސްބަތްކޮށް ލިޔެފައި ވެއެވެ.

ނޯޓް : މިބައްޔަށް ދިވެހި ބަހުން "މަކުނު ވިދުރި"، "މަކުނު ބަސަނދު" ނޫނީ "ރާމަ ބަސަނދު" ފަދަ ނަމެއް ވެސް ކިޔިދާނެ އެވެ. މިއީ ލިޔުންތެރިޔާ ލިޔެފައިވާ ނަންތަކެކެވެ. ފަހަރެއްގައި ވެސް ރަސްމީ ސިފައެއްގައި ކިޔާފައިވާ ނަންތަކެއް ނޫންކަން ހަދާންކޮށްދެމެވެ.

މަންކީ ޕޮކްސް ވައިރަސް

މަންކީ ޕޮކްސް ފެތުރެނީ މަންކީ ޕޮކްސް ވައިރަސް(Moneky pox virus)  ގެ ސަބަބުންނެވެ. މަންކީ ޕޮކްސް ވައިރަސް ނިސްބަތްވަނީ "ޕޮކްސިވިރިޑޭ"(poxviridae) ވައިރަސް އާއިލާގެ ތެރޭގައި ހިމެނޭ "އޯރތޮޕޮކްސްވައިރަސް"(Orthopoxvirus) ޖީނަސް އަށެވެ. ކަށިވިދުރި ޖައްސާ "ވޭރިއޯލާ ވައިރަސް"(variola virus) ވެސް ނިސްބަތްވަނީ ހަމަ މި ޖީނަސް އަށެވެ. މި ޖީނަސް އަށް ނިސްބަތްވާ އެހެން ވައިރަސް ތަކުގެ ތެރޭގައި ވެކްސީނިއާ ވައިރަސް(vaccinia virus)  އަދި ކަވްޕޮކްސް ވައިރަސް(cow pox virus)  ހިމެނެއެވެ.

މަންކީ ޕޮކްސް ވައިރަސް ގެ ވިރާސީގޮތުން ތަފާތު ދެ ކްލޭޑް އެއް ފާހަގަ ކުރެވިފައި ވެއެވެ. އެއީ ވެސްޓް އެފްރިކަން ކްލޭޑް(West African Clade) އަދި ކޮންގޯ ބޭސިން ކްލޭޑް(Congo Basin Clade) އެވެ. މީގެ ތެރެއިން ބޮޑަށް ފެތުރި، އަދި ބަލީގައި ނުރައްކާވަނީ ކޮންގޯ ބޭސިން ކްލޭޑް އެވެ.

މަންކީ ޕޮކްސް ގެ ތާރީޚް

މަންކީ ޕޮކްސް ވައިރަސް ފުރަތަމަ ފެނުނީ 1958 ވަނަ އަހަރު ގައެވެ. އެއީ ދިރާސާ ކުރުމުގެ ބޭނުމަށް ގެންގުޅުނު ރާމާ މަކުނުތަކެއްގެ ހަށިގަނޑުންނެވެ. މިބައްޔަށް މަންކީ ޕޮކްސް ނުވަތަ ރާމާ މަކުނުގެ ނަމާއި ގުޅުވައިގެން ނަން ދެވިފައިވަނީ މިހެންވެގެންނެވެ. އިންސާނަކަށް މަންކީ ޕޮކްސް ފުރަތަމަ ޖެހިފައިވަނީ 1970 ވަނަ އަހަރު، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ. އޭގެ ފަހުން މެދުތެރޭ އެފްރިކާގެ ގައުމުތަކުން މަދުން ނަމަވެސް ކޭސްތައް ފެނިފައި ވެއެވެ. ނަމަވެސް އެންމެ ގިނަ ކޭސް ތައް ފެނިފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ.2003 ވަނަ އަހަރު އިގިރޭސި ވިލާތުގައި މަންކީ ޕޮކްސް ފެތުރިފައި ވެއެވެ. އެފަހަރު ފެތުރުނީ ގާނާ އިން އެތެރެކުރި ޖަނަވާރު ތަކަކާއެކު، ޕްރައިރީ ޑޯގް ތަކެއް ބެހެއްޓުމުންނެވެ. މިކުއްތާތައް ފެޓްގެ ގޮތުގައި ވިއްކުމަށްފަހު ޖަނަވާރުތަކުގެ ފުށުން ގިނަ މީހުންނަށް މަންކީ ޕޮކްސް ޖެހިފައި ވެއެވެ.

2020 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން 6000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނު ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި ނައިޖީރިޔާއިން 3000 މީހުންނަށް ބަލިޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން މިއަހަރު މިހާތަނަށް 1315 ކޭސް ފެނި، 61 ކޭސް މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

13 މެއި 2022 ގައި އިގިރޭސި ވިލާތުގެ އެއް އާއިލާއެއްގެ 2 މީހަކަށް މަންކީ ޕޮކްސް ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. މި ދެ ކޭސް އާއި ބަލިފެތުރިފައިވާ އެއްވެސް ގައުމަކުން އައި މީހަކާއި، ނޫނީ ޖަނަވާރަކާއި ގުޅިފައިވާކަން ފާހަގަ ކުރެވިފައެއް ނުވެއެވެ. އޭގެ ފަހުން މި 2 ކޭސް އާއި ގުޅުމެއްނުވާ އިތުރު 4 ކޭސް 18 މެއި 2022 ގައި އިގިރޭސި ވިލާތުން ރިޕޯޓްކޮށްފައި ވެއެވެ. މިކޭސްތައް ފެނިފައިވަނީ "ސެކްސުއަލް ހެލްތު ކްލިނިކް" އަށް ދެއްކި ބައެއްގެ ތެރެއިންނެވެ. 20 މެއި 2022 ގެ ނިޔަލަށް އިގިރޭސި ވިލާތުން ޖުމުލަ 20 ކޭސް ރިޕޯޓްކޮށްފައި ވެއެވެ.

ފަހުން ފެނިފައިވާ ބައެއް ކޭސްތައް ފެނިފައިވަނީ ސެކުސުއަލް ހެލްތު ކްލިނިކަށް ޒިޔާރަތްކުރި ފިރިހެނުންގެ ފުށުންނެވެ. މިފިރިހެނުންނަކީ އެއްޖިންސުން ގުޅުންހިންގާ މީހުންކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން މިބަލި ފެނުން އިތުރުވަނީ ކީއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުން ދައްކާގޮތުން 21 މެއި 2022 ގެ ނިޔަލަށް ދުނިޔޭގެ 12 ގައުމަކުން 92 ކޮންފާރމްޑް ކޭސް (ކަށަވަރުކުރެވިފައިވާ) ފެނިފައެވެ. މަންކީ ޕޮކްސްގެ ކޭސްތައް އެބަލި އާންމުކޮށް އުޅޭ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ފެނުނު ކަމުގައި ވިޔަސް، މިއިން ގައުމަކާއި ގުޅުމެއް ނެތްގޮތަށް، ބަލި އައިސް ފެތުރެން ފެށިގޮތް ނޭނގި މިފަދަ އައުޓް ބްރޭކް (ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި ވަކި ހިސާބެއްގައި ކުއްލިއަކަށް ބައްޔެއް ފެތުރުން ނޫނީ އާންމުކޮށް ނުފެންނަ ބަލީގެ ކޭސް އެއް ފެނުން ) އެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ކޭސްތައް ފެނިފައިވާ ގައުމުތަކާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ގުޅިގެން މިއައުޓް ބްރޭކް ފެތުރެން ފެށި ގޮތާއި، މަންކީ ޕޮކްސް ފަތުރާ ވައިރަސް އަށް އަދި ބަލި ޖެހޭގޮތަށް ބަދަލުތަކެއް އައިސްފައިވޭތޯ ދަނީ ދިރާސާ ކުރަމުންނެވެ. (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 22 މެއި 2022).

މަންކީ ޕޮކްސް އަކީ ކަށިވިދުރި ( Small pox) ޖައްސާ ވައިރަސް އާއި އެއް އާއިލާއެއްގެ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖެހި ވެކްސިން އިން މަންކީ ޕޮކްސް އިން ވެސް ރައްކާތެރިކޮށްދެއެވެ. 1980 ވަނަ އަހަރު ދުނިޔެއިން ކަށިވިދުރި ނައްތާލުމަށްފަހު، އޭގެ ވެކްސިން ޖެހުން ވެސް ހުއްޓާލިފަހުން މިވީ އަހަރުތަކުގައި މަންކީ ޕޮކްސްގެ ކޭސްތައް ، ވަކިން ޚާއްޞަކޮށް ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި މިބަލި އުޅޭ ގައުމުތަކުގައި ވަނީ އިތުރުވެފައެވެ. (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 22 މެއި 2022).

21 މެއި 2022 އާއި ހަމައަށް ދިވެހިރާއްޖެއިން އަދި ދިވެހިރާއްޖެއާއި އަވަށްޓެރި އެއްވެސް ގައުމަކުން ވެސް މަންކީ ޕޮކްސް ޖެހިފައިވާ މީހަކު ފެނިފައެއް ނުވެއެވެ. މަންކީ ޕޮކްސް އަކީ ބަލިޖެހިފައިވާ މީހަކާއި ގިނައިރު ގާތުންއެއްތާކުވުމުން ފެތުރޭ ބައްޔަކަށްވުމާއެކު، މިވަގުތު ދިވެހިރާއްޖޭގައި މިބަލި ފެތުރުމުގެ ހިރާސް (Risk ) ކުޑަކަމަށް ފާހަގަ ކުރެވެއެވެ. އެހެން ނަމަވެސް ގިނަ ގައުމުތަކުން ބަލިއުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ގައުމުތަކުން ކޭސްތައް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. އަދި އެއާއި ގުޅިގެން ދިވެހިރާއްޖެއަށް ވެސް ކޭސް އައުމަކީ އެކަށީގެންވާ ކަމެކެވެ. (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 22 މެއި 2022).

ފެތުރޭގޮތް

މަންކީ ޕޮކްސް އަކީ އާންމު ގޮތެއްގައި މިބަލީގެ ވައިރަސް ހުންނަ ޖަނަވާރުންގެ ފަރާތުން ފެތުރޭ އެއްޗެކެވެ. މާނައަކީ ބަލީގެ ވައިރަސް ހުރި ޖަނަވާރެއް އުފުލައި ގެންގުޅެ ހެދުމުގެ ތެރޭގައި އިންސާނުންނަށް ބަލި ވާޞިލްވުމުގެ ފުރުޞަތު އޮތުމެވެ. ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ އެހެނިހެން ގިނަ ބަލިތަކާއި ޚިލާފަށް (ތަފާތުކޮށް) އިންސާނުންގެ ތެރޭގައި މަންކީ ޕޮކްސް އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާއި، ގިނައިރު އެއްތާކު (contact ) ވެގެންނެވެ.

އިންސާނުންގެ ތެރޭގައި މަންކީ ޕޮކްސް އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހާގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލާ ނިޒާމަށް ގޮސްގެންނާއި(dropelets)، ބަލިމީހާގެ ހަމުގައި ނަގާ ބިހިތަކުގައި ނުވަތަ އެއިން ނިކުންނަ ދިޔައިގައި ހޭކި، ކޭތި ނޫނީ ޖެހުމުންނާއި(direct contact)، ބަލިމީހާ ބޭނުންކުރާ ހެދުން ފަދަ އަންނައުނާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުން(indirect contact)ނެވެ. މީގެ އިތުރުން ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅަށް(close contact during birth) ނޫނީ ބަނޑުގައި އޮއްވައި ތުއްތު ދަރިފުޅަށް ފޫޅުގެ ޒަރީޢާއިން(transplacental) ބަލި ވާޞިލްވުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި އުފަންވާއިރު މަންކީ ޕޮކްސް(congenital monkey pox)  ޖެހިފައިވުމަކީ ގާތް ކަމެކެވެ. އާންމު ގޮތެއްގައި މިބަލި ފެތުރެނީ ބަލީގެ އަލާމާތްތައް ފެންނަ ދުވަސްވަރު ގައެވެ.

އާންމު ގޮތެއްގައި މަންކީ ޕޮކްސް ފެތުރެނީ ބަލީގެ ޖަރާސީމު ހުރި ޖަނަވާރެއް، އިންސާނެއް، ނޫނީ ބަލީގެ ޖަރާސީމު ހުރި އެއްޗެއްގައި ޖެހުމުން ނޫނީ އެފަދަ އެއްޗެއްގައި ހޭކި، ކޭތުމުންނެވެ. އިންސާނާގެ ހަށިގަނޑަށް ބަލީގެ ވައިރަސް ވަންނަނީ ހަމުން ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނުންނާއި، ބަލީގެ ވައިރަސް ހުރި ޖަނަވާރެއް ދަތްއެޅުމުންނާއި، ވަކިއެޅުމުންނާއި،  ނޭވާލުމުގެ ޒަރީޢާއިން އަދި ލޯ، ނޭފަތް އަދި އަނގައިގެ ތެރޭގައި ހުންނަ ތެތްދުލިފަށަލަ(mucous membrane)  ހުރަސްކޮށް ބަލީގެ ވައިރަސް އިންސާނާގެ ހަށިގަނޑަށް އެތެރެވުމުންނެވެ.

އިންސާނުންގެ ތެރޭގައި ޖިންސީގުޅުމުން މިބަލި ފެތުރޭކަން އަދި ޔަގީންކުރެވިފައެއް ނުވެއެވެ. އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ބަލިޖެހިފައިވާ ކަމަށް ބެލެވެނީ ޖިންސީ ގުޅުން ހިންގުމުގައި މާބޮޑަށް ގައިގޯޅިވެ އުޅުމުން ކަމަށް ބެލެވިފައި ވެއެވެ.

ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ބަލިއަރަނީ ބަލިހުރި ޖަނަވާރެއްގެ ގައިން އޮހޮރުނު ލޭގައި ނުވަތަ އެފަދަ ޖަނަވާރެއްގެ ގައިން އޮހޮރުނު ދިޔައެއްގައި ނޫނީ ޖަނަވާރެއްގެ ގައިގައި ހުރި ފާރުގަނޑެއް ފަދަ ތަނެއްގައި އަތްލެވި، ނޫނީ އެޔާއި ގާތުންއެއްތާކު(direct contact) ވެގެންނެވެ. މީގެ އިތުރުން ބަލީގެ ވައިރަސް ހުރި ޖަނަވާރެއް ދަތްއެޅުން، ނޫނީ ވަކިއެޅުން ފަދަ ކަމެއްގެ ތެރެއިން ވެސް ޖަނަވާރުންގެ ފުށުން އިންސާނުންނަށް ބަލިޖެހިދާނެ އެވެ.

އިންކިޔުބޭޝަން ޕީރިއަޑް

މަންކީ ޕޮކްސްގެ އިންކިޔުބޭޝަން ޕީރިއަޑް (ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އަލާމާތްތައް ފެންނަން ހޭދަވާ މުއްދަތު) އަކީ ގާތްގަނޑަކަށް 21-5 ދުވަހާއި ދެމެދުގެ މުއްދަތެކެވެ. ބައެއް ރިފަރެންސް ތަކުގައި 14-7 ދުވަސް ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ. މާނައަކީ އާންމުކޮށް 14-7 ދުވަސް ކަމުގައި ވިޔަސް، މިމުއްދަތު 21-5 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހުރުމެވެ.

މަންކީ ޕޮކްސް ބަލީގެ އަލާމާތްތައް

އިންސާނުންގެ ހަށިގަނޑުގައި މަންކީ ޕޮކްސްގެ އަލާމާތްތަކާއި ކަށިވިދުރި ޖެހުމުން ފެންނަ އަލާމާތްތަކާއި ދާދި އެއްގޮތެވެ. ނަމަވެސް ކަށިވިދުރި އާއި އަޅާބަލާއިރު މަންކީ ޕޮކްސްގެ އަލާމާތްތައް ފެންނަނީ އާދައިގެ މިންވަރަކަށެވެ. ކަށިވިދުރި އާއި މަންކީ ޕޮކްސް އާއި ދެމެދުހުރި މައިގަނޑު ތަފާތަކީ ކަށިވިދުރީގައި ގޮށްލުން ކުރިމަތިނުވުމެވެ. ނަމަވެސް މަންކީ ޕޮކްސް ކަރުގައާއި ކިހިލިފަތްދޮށް އަދި އުކުޅުވަޅު ފަދަ ތަންތަނުގައި ގޮށްލައެވެ.

ބަލީގެ އަލާމާތްތައް އާންމު ގޮތެއްގައި ދެމަރުހަލާއަކަށް ބެހިފައިވެއެވެ. އެއީ އަންނަނިވި މަރުހަލާތަކެވެ.

(ހ) ބިހިތައް ނެގުމުގެ ކުރިން އަންނަ މަރުހަލާ (prodromal phase): އާންމު ގޮތެއްގައި މިމަރުހަލާ ދެމިގެންދަނީ 4-1 ދުވަހުގެ މުއްދަތަކަށެވެ. މިމަރުހަލާގައި ނުވަތަ މަންކީ ޕޮކްސްގައި ކުރީކޮޅު ފެންނާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ހުންއައުން ( އެންމެ ފުރަތަމަ) / ހީކެރުވުން

·         ގައިގައި ރިހުން / މަސްތަކުގައި ރިހުން / ބުރަކަށީގައި ރިހުން

·         ވަރަށް ބޮޑަށް ވަރުބަލިވުން

·         ބޮލުގައި ރިހުން

·         ކަރު، ދަތްދޮޅި ދަށް،ކިހިލިފަތްދޮށް އަދި އުކުޅުވަޅުގައި ގޮށްލުން : ގޮށްލުން ފުރަތަމަ މަރުހަލާގައި ފެށިފައި އަދި ދެވަނަ މަރުހަލާގައި ވެސް ދެމިހުންނާނެ އެވެ. މިގޮށްތައް ހުންނާނީ ފާރމް ކޮށެވެ. އާންމު ގޮތެއްގައި ދުޅަވެފައިވާ ލިމްފް ގޮށްތަކުގައި ބީހިލުމުން ރިއްސާނެއެވެ. އަދި ފަހަރުގައި ވަރަށް ތަދު ވެސް ވެދާނެ އެވެ.

(ށ) ބިހި ނަގާ މަރުހަލާ (rash stage): އާންމު ގޮތެއްގައި މިމަރުހަލާ ދެމިހުންނަނީ 28-14 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ. ބިހި ނަގާދުވަހު ހުން ވިހެލައިފާނެއެވެ. ނޫނީ ބިހިތައް ނެގުމަށްފަހު 3 ވަރަކަށް ދުވަސް ވަންދެން ހުން ނުފިލައި ހުރެދާނެ އެވެ. އާންމު ގޮތެއްގައި ބިހިތައް ނަގަނީ ހުންއައުމަށްފަހު 4-1 ނުވަތަ 3-1 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. މިމުއްދަތު ބައެއް ފަހަރު މިއަށްވުރެ ދިގުވެސް ވެދާނެއެވެ. ބިހިތައް ފުރަތަމަ ނަގަނީ މޫނުގައެވެ. ދެން އަތްފައިގައެވެ. އެއަށްފަހު ހަށިގަނޑުގެ އެހެން ހިސާބުތަކުގައި ވެސް ބިހިތައް ނަގައެވެ. ނޫނީ އެހެން ހިސާބުތަކަށް ބިހިތައް ފެތުރެއެވެ.މީގެ އިތުރުން އަތްތިލައާއި ފައިތިލައިގެ ހުދުހަމުގައި ވެސް ބިހިތައް ނަގައިފާނެ އެވެ. މިބިހިތައް އަނގައިގެ ތެރޭގަޔާއި، ލޮލުގެ ހުދުކަޅިމަތީގައިވާ ތުނިދުލީގައި އަދި ކުރިމަތި ފަރާތުގައި ވެސް ނެގުމަކީ އެކަށީގެންޥާ ކަމެކެވެ.

މިބިހިތައް ފުރަތަމަ ހުންނާނީ ފަތި (ފަތިބިހި) ކޮށެވެ. އޭގެ ފަހުން ކުޑަކޮށް އުފުލިފައި ހުންނަ ބިހި ތަކަކަށް ބަދަލުވެ، އެއަށްފަހު ބިހިތައް ފެންފޮޅަށް (ފެންފޮޅު) ބަދަލުވެ، އޭގެ ފަހުގައި ފޮޅުތަކުގައި ދޮސްލައެވެ. ނޫނީ ފޮޅުތަކަށް ދޮސް (ދޮސްފޮޅު) އެރެއެވެ. ދެން ފޮޅުތައް ފަޅައިގެން ގޮސް  ކުރަ (ކުރަމަގާލި) ލައެވެ. ކުރައިގެ ނުވަތަ ކުރަމަގާލިގެ ދަށުން އާ ހަން އުފެދި، ކުރަމަގާލި ގަނޑު ވެއްޓެންދެން ބަލިމީހާގެ ފަރާތުން އެހެން މީހުން ބަލިޖެހުމުގެ (ނުވަތަ ބަލި ފެތުރުމުގެ) ފުރުޞަތު އޮންނާނެ އެވެ. މިބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު ފާނަބަސަނދު ޖެހުމުން ނަގާ ބިހިތަކާއި އެއްގޮތް ވެދާނެ އެވެ. ދެތިން ބިހިން ފެށިގެން ގޮސް އެތައް ބައިވަރު ބިއްސެއް ވެސް ނަގައިފާނެއެވެ. އާންމު ގޮތެއްގައި ބިހިތަކުގައި ހިރުވައި ކަހާނެއެވެ. ބައެއް ފަހަރު ބިހިތަކުގައި ވަރަށް ބޮޑަށް ރިއްސައި ތަދުވެދާނެ އެވެ. ކުރިމަތި ފަރާތުގައި ނަގާ ބިހިތައް ފާރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ބިހިތައް ނެގުމަށްފަހު ކުރަމަގާލި ލައި ނެއްޓުމާއި ދެމެދު އަންނަނިވި ގޮތަށް ބަދަލުވަމުންދާނެ އެވެ. މިމުއްދަތުގައި ހަމުގައި އުފެދޭ ބިހިތަކަށް އަންނަ ބަދަލުތައް އަންނަނިވި ގޮތަށް ދެމިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

·         ފަތިބިހި(macule): ދެމިހުންނަނީ 2-1 ދުވަހަށެވެ.

·         އުފުލިފައި ހުންނަ ބިހި (papule) : ދެމިހުންނަނީ 2-1 ދުވަހަށެވެ.

·         ފެންފޮޅު (Vescile): ދެމިހުންނަނީ 2-1 ދުވަހަށެވެ.

·         ދޮސްފޮޅު (Pustule): ދެމިހުންނަނީ 7-5 ދުވަހަށެވެ.

·         ކުރަމަގާލި: (crust /scabs): މިއީ ކުރަމަގާލިލުން ނުވަތަ ފެންފޮޅުތައް ފަޅައިގެން ގޮސް ހިކިކުރަލުން ނޫނީ ތޮށިލުމެވެ. ދެމިހުންނަނީ 14-7 ދުވަހަށެވެ.

މަންކީ ޕޮކްސްގައި ނަގާ ބިހިތައް ހިމަބިހި އަދި ފާނަބަނސަދު ގައި ނަގާ ބިހިތަކާއި ޚިލާފަށް އެއްމަރުހަލާ އިން އަނެއް މަރުހަލާއަށް ބަދަލުވާނީ (މިސާލަކަށް ފެންފޮޅަކަށް ދޮސްއެރި ދޮސްފަޅަކަށް ބަދަލުވުން) ވަރަށް ލަސްލަހުންނެވެ. ހަމަމިހެން ހުރިހާ ބިހިތަކަށް ވެސް އެއްމަރުހަލާއިން އަނެއް މަރުހަލާއަށް ބަދަލުވާނީ ދާދި އެކުއެކީގައެވެ. ނަމަވެސް ހިމަބިހި ފާނަބަނސަދު ފަދަ ބަލިތަކުގައި އެއް ފަހަރާ އެކި މަރުހަލާތަކުގައި ހަމުގައި ނަގާ ލީޒަން ފެންނަށް ހުރެދާނެ އެވެ.

އާންމުގޮތެއްގައި 4-2 ހަފްތާއާއި ދެމެދުގެ މުއްދަތަކަށް ބަލި ދިގުދެމިގެން ދެއެވެ. އެފްރިކާގެ ގައުމުތަކުގައި ބަލިޖެހުނު ކޮންމެ 10 މީހުންގެ ތެރެއިން 1 އެއްގެ ފުރާނަ ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ހިމަބިހި، ފާނަބަސަނދު އަދި މަކުނުވިދުރި

އަލާމާތް

މަކުނު ވިދުރި

ފާނަބަސަނދު

ހިމަބިހި

ހުން

ބިހިތައް ނެގުމުގެ 3-1 ދުވަސްކުރިން

ބިހިތައް ނެގުމުގެ 2-1 ދުވަސްކުރިން

ބިހިތައް ނެގުމުގެ 5-3 ދުވަސް ކުރިން

ބިހިތައް

އާންމުކޮށް އެއް މަރުހަލާއެއްގައި

އެއްފަހަރާ އެކި މަރުހަލާތައް

އެއްފަހަރާ އެކި މަރުހަލާތައް

ބިހިތައް އިތުރުވުން

ލަސް

އަވަސް

އަވަސް

ބިހިނަގާ ހިސާބު

މޫނުގައި ބޮޑަށް، އަތްފައިގެ ހުދުހަމުގައި ވެސް ހުންނާނެ

މޭމަތި، ބުރަކަށި، ބަނޑުމަތި،އަތްފައިގެ ހުދުހަމުގައި ނުހުންނާނެ

މޫނުން ފެށިގެން ފެތުރުން، ބައެއް ފަހަރު އަތްތިލަ އަދި ފައިތިލައިގައި ނެގުން

ގޮށްލުން

ގޮށްލާނެ

ގޮށްނުލާނެ

ބައެއް ފަހަރު ގޮށްލާނެ

މަރުވުން

%10

ވަރަށް ނާދިރު ކަމެއް

ވަރަށް ބޮޑަށް ތަފާތުވޭ

 

ނުރައްކާތައް

މަންކީ ޕޮކްސް އަކީ އާންމު ގޮތެއްގައި އޭގެ ޒާތުގައި ރަނގަޅުވާ ބައްޔެކެވެ. ނަމަވެސް ކުޑަކުދިންނާއި، ދިފާއީ ބާރު ދަށްވެފައިވާ މީހުންނާއި، ދާއިމީކޮށް ބޮޑެތި ބަލިތަކަށް ދިގުމުއްދަތަށް ބޭސްކާ މީހުންނަށް ބަލީގައި ބޮޑުވަރުވުމަކީ އެކަށީގެންވާ ކަމެކެވެ. ބަލިޖެހެން މެދުވެރިވާ ގޮތަކުން (މިސާލަކަށް ޖަނަވާރެއް ދަތްއަޅައިގެން/ ސިރިންޖް ކަށްޓެއް ފަދަ އެއްޗެއް ހެރިގެން) ބަލިޖެހިއްޖެނަމަ ބަލީގައި ބޮޑުވަރުވުމުގެ ފުރުޞަތު ބޮޑެވެ. މަންކީ ޕޮކްސް އާއި ގުޅިގެން އާންމުކޮށް ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ހަމުގައި ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަން އުފެދި، ރަނގަޅުވާއިރު ލަކުނުލުން

·         ނިއުމޯނިޔާ ޖެހުން

·         ލޮލުގެ ހާމަދުލީގައި ލަކުނުލައި، ލޯއަނދިރިވުން

·         ސެޕްސިސް ގެ ހާލަތަށް ދިއުން

·         ސިކުނޑިދުޅަވުން

·         މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތައް މިސާލަކަށް ބައިގެންދިއުން

·         މަރުވުން

ފަރުވާ

މަންކީ ޕޮކްސް އަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ނެތެވެ. ބައްޔަށް ސީދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ އަލާމާތްތަކަށް ދޭ ފަރުވާއަށް ފަހު، ގިނަމީހުން ބަލިން ރަނގަޅުވެއެވެ. އެހެންކަމުން މިބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ބަލީގެ އުދަނގޫތަކަށް ފަރުވާކުރުމާއި، ދިމާވާ އުނދަގޫތަކަށް ފަރުވާކޮށްގެން، އިތުރަށް ގޯސްވިޔަނުދިނުމަށެވެ. އެކަށޭނަ ވަރަށް ދިޔާތަކެތި ދިނުމާއި، ތަދާއި ރިހުންތައް ލުއިކޮށްދިނުން އަދި ސެކަންޑަރީ ބެކްޓީރިޔަލް އިންފެކްޝަން އަށް ފަރުވާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެންޓިވައިރަލް އެއް ތައްޔާރުކުރެވި ހުއްދަ ދެވިފައިވީނަމަވެސް، ފަސޭހައިން ލިބެން ނުހުރުމާއި، އަދި ހަމައެކަނި ދިރާސާކުރުމުގެ ނިޔަތުގައި ބޭނުންކުރެވޭތީ އާންމުކޮށް މިބޭސް މަންކީ ޕޮކްސްގެ ފަރުވާގައި ބޭނުންކޮށެއް ނޫޅެއެވެ.

ރައްކާތެރިވުން

·         ގިނަގިނައިން އަތްދޮވެ ސާފުކުރުން

·         މާސްކު އެޅުން

·         ބަލީގެ އަލާމާތެއް ހުރިނަމަ އެހެން މީހުންނާއި ބައްދަލުކޮށް ގައިގޯޅިނުވުން

·         ބަލީގެ އަލާމާތެއް  (ހުންއައުން، ގައިގައިރިހުން ފަދަ އަލާމާތްތަކާއެކު، ބިހިނެގުން، ގޮށްލުން ފަދަ އަލާމާތެއް) ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

·         ބަލީގެ އަލާމާތްތައް ހުރި ޖަނަވާރު އުފުލައި ގެންގުޅެ ހެދުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

·         އެއްގަމު މަސް ރަނގަޅަށް ރޯފިލަންދެން ކައްކައިގެން ކެއުން

އިންސާނުންގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ބައްޔަށް ޝަކުވާމީހުން ދެނެގަނެ، ކަށަވަރުކޮށް، ބަލިޖެހިފައިވާކަން ޔަގީންވުމުން އެހެން މީހުންނާއި އެކަހެރިކޮށް ވަކިކުރުމަކީ ބޭނުންތެރި ކަމެކެވެ. ބަލިމީހާއާއި އެއްތާކުވި މީހުން ހޯދައި، އިންކިޔުބޭޝަން ޕީރިއަޑް ގައި އެމީހުންގެ ފޮލޯއަޕް ކޮންމެ ދުވަހަކު ވެސް ހަދަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ. ބަލިމީހާއާއި އެއްތާކުވި ބަލީގެ އަލާމާތެއް ނެތް މީހުން ކަރަންޓީނު ކުރުމަކީ އަދި އެހާމެ ބޭނުންހުރި ކަމެއް ނޫނެވެ. ބަލިން ރައްކާތެރިވުމަށް މާސްކު އެޅުމާއި، އަތުގެ ސާފުތާހިރުކަމަށް ސަމާލުކަންދިނުމަކީ މުހިއްމު ކަމެކެވެ. ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ވެސް ބަލީގެ ސާމްޕަލް އުފުލައި ހެދުމާއި، ބަލިމީހުންނަށް ފަރުވާކޮށް ހެދުމުގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ.

ކަށިވިދުރިން ރައްކާތެރިކޮށްދޭ ވެކްސިން އިން މަންކީ ޕޮކްސް ރައްކާތެރިކޮށްދެއެވެ. ނަމަވެސް ވެކްސިން ހުރީ ވަރަށް މަދުންނެވެ. ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ކޮންމެވެސް ވަރަކަށް ވެކްސިން ރައްކާކޮށްފައި އެބަހުއްޓެވެ. މަންކީ ޕޮކްސް ވެކްސިން ވެސް ވަރަށް ފަހުން އުފައްދައި ހުއްދަ ދީފައި ވެއެވެ. ނަމަވެސް އަދި އާންމުކޮށް ލިބޭކަން ނުހުރެއެވެ.

މައުލޫމާތު

·         ނޫސްބަޔާން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، ދިވެހިރާއްޖެ. 22 މެއި 2022.

·         https://www.cdc.gov/poxvirus/monkeypox/about.html

·         ADVISORY FOR HEALTHCARE WORKERS: MULTI-COUNTRY OUTBREAK OF MONKEYPOX (HPA, Maldives. 22th may 2022)

·         Global public health alert and information sheet, Monkey pox. CMO, ADK hospital, 19th May 2022. 


Sunday, October 3, 2021

ގުރުދާގައި ހިލަ އުފެދުން

 

ގުރުދާގައި ހިލަ އުފެދުން

ގުރުދާގައި އުފެދޭ ހިލަ(kidney stone)  އަކީ ތަފާތު މަޢުދަން ތަކާއި، ލޮނު ނޫނީ ކްރިސްޓަލް ތައް އެއްވެގެން އުފެދޭ ހަރު މާއްދާ އެކެވެ. ގުރުދާގައި ހިލަ އުފެދެނީ މައުދަންތަކާއި، ލޮނުގެ ބާވަތްތައް އެއްވެ، ގުރުދާގައި ޖަމާވާގޮތްވުމުންނެވެ. ކުޑަކަމުދާއިރު ލޭއައުން، ދަށްބަނޑުން އެއްފަޅިއެއްގައި ރިހުން ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމުން ފެނިދާނެ ބައެއް އަލާމާތްތަކެވެ. އާބާދީގެ ކޮންމެ 20 މީހަކުން 1 އަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ގުރުދާގައި ހިލައުފެދުން ކުރިމަތިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ގުރުދާގައި ހިލައުފެދުމަށް "ނެފްރޯލިތިއޭސިސް"(nephrolithiasis)، "ރީނަލް ކަލްކިޔުލައި"(renal calculi) އަދި "ޔޫރޯލިތިއޭސިސް"(urolithiasis) ފަދަ ނަންތައް ބޭނުންކުރެވެއެވެ.


އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި ގުރުދާގައި ހިލައުފެދުން އާންމުކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ކަޅު މީހުންނަށްވުރެ ދޮންމީހުންގެ މެދުގައި ގުރުދާގައި ހިލައުފެދުން އާންމުކަމަށް ވެސް ފާހަގަ ކުރެވިފައި ވެއެވެ. މީގެ އިތުރުން އެއްފަހަރު ގުރުދާގައި ހިލައުފެދިއްޖެނަމަ އެމީހަކަށް ދެވަނަ ފަހަރަށް ވެސް ގުރުދާގައި ހިލައުފެދުމުގެ ފުރުޞަތު ބޮޑުކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ.

ކުޑަކަމުދާ ނިޒާމުގެ ކޮންމެ ހިސާބެއްގައި ވެސް ހިލަ އުފެދިދާނެ އެވެ. އެގޮތުން ގުރުދާ، ގުރުތާ ، މަސާނާ މިއިން ކޮންމެ ތަނެއްގައި ހިލަ އުފެދިދާނެއެވެ. އާންމު ގޮތެއްގައި ހިލަ އުފެދެނީ ކުޑަކަމު ނަޖިސް، ބޭރުނުވެ ގިނައިރުވުމުން، ކުޑަކަމު ނަޖިސްގައި ހުންނަ މައުދަންތައް ކްރިސްޓަލައިޒްވެ، އެކަތި އަނެކައްޗާއި ތަތްވެ ހަރުލުމުންނެވެ. ކުޑަކަމުދާ ނިޒާމުގައި އުފެދޭ މިފަދަ ހިލަތަކުގެ ސައިޒު އުޅެނީ ލޮނު ފުކެއްގެ މިންވަރުން ފެށިގެން ގޮސް ޒުވާރިފުކެއްގެ މިންވަރާއި ދެމެދުގައެވެ. ގުރުދާގައި އުފެދޭ ހިލަ މުށި ނޫނީ ރީނދޫ ކުލައިގައި ވެސް ހުރެދާނެ އެވެ. އަދި ހިލަ އޮމާންކޮށް ނޫނީ ކުރަކިކޮށް  ވެސް ހުރެދާނެ އެވެ.

ގުރުދާގައި އުފެދޭ ހިލައެއް ބޭރުވެގެންދިއުމަކީ ވަރަށް ވޭންހުރި ކަމެކެވެ. ނަމަވެސް ކުރީކޮޅު ދެނެގަނެވިއްޖެނަމަ، ގުރުދާގައި އުފެދޭ މިފަދަ ހިލައިގެ ސަބަބުން ދާއިމީ ގެއްލުމެއް އެއްވެސް ގުނަވަނަކަށް ނުވަތަ ހިސާބަކަށް ނުލިބޭނެ އެވެ. ބައެއް ފަހަރު ތަދަށް ބޭސް ބޭނުންކުރުމާއެކު ގިނައިން ދިޔާތަކެތި ބޭނުންކުރުމުން ވެސް އުފެދިފައިވާ ހިލަ ފައިބައިގެން ހިނގައިދާނެއެވެ. ނަމަވެސް އަނެއްބައިފަހަރު މިސާލަކަށް ކުޑަކަމުދާ ނިޒާމުގެ ހިސާބެއްގައި ހިލަ ތާށިވެފައިވާނަމަ، އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ.

ސަބަބުތައް

ގުރުދާގައި ހިލަ އުފެދެން މެދުވެރިވާ ވަކި ޚާއްޞަ ، ފަރުދީ ސަބަބެއް ފާހަގަ އެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި ތަފާތު ކަންތައްތަކުގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމުގެ ފުރުޞަތު ބޮޑުކޮށް މަގުފަހި ކުރެއެވެ.

ގުރުދާގައި ހިލަ އުފެދެނީ ކުޑަކަމުނަޖިހުގައި ކްރިސްޓަލް އުފައްދާ މާއްދާތައް މިސާލަކަށް ކެލްސިއަމް، އޮކްސަލޭޓް އަދި ޔުރިކް އެސިޑް ފަދަ މާއްދާތައް ކުޑަކަމުނަޖިހުގައި ހިމެނޭ ދިޔާބައިން އޭގެ ތާސީރު ދަށްކުރެވޭ ވަރަށްވުރެ، މާގިނައިން ހުރުމުންނެވެ. ހަމައެއާއެކު ކްރިސްޓަލް ފޯމްވެ އެކަތި އަނެކައްޗާއި ތަތްވުމުން ރައްކާތެރިކޮށްދޭ މާއްދާތައް ކުޑަކަމު ނަޖިހުގައި ނުހުރުމާއެކު ، ކުޑަކަމު ނަޖިސް، ހިލަ އުފެދުމަށް ފަހި މާހައުލަކަށް ވެގެންދެއެވެ.

ގުރުދާގައި ހިލައުފެދެނީ ކުޑަކަމުދާ ތަކެތީގެ މިންވަރު މަދުވުން، ނުވަތަ ހިލައުފެދުމަށް އެހީވެދޭ މާއްދާއެއް ކުޑަކަމުދާ ތަކެތީގެ ތެރޭގައި ގިނަވުމުންނެވެ. ގުރުދާގައި އުފެދޭ ހިލައިގައި އެންމެ އާއްމުކޮށް ހިމެނޭ އެއް މާއްދާއަކީ ކެލްސިއަމް އެވެ. މިގޮތުން ކެލްސިއަމް ހުންނަނީ ފޮސްފޭޓް، ނުވަތަ އޮކްސަލޭޓް އާއި ގުޅި ލާމެހިފައެވެ. ގުރުދާގައި ހިލައުފެދުމަށް އެހީވެދޭ އެހެން މާއްދާ ތަކުގެ ތެރޭގައި ޔުރިކް އެސިޑް އަދި ސިސްޓައިން ހިމެނެއެވެ.

ދިޔާތަކެތި ބޭނުންކުރާ މިންވަރު މަދުވުމުން ހަށިގަނޑުން ފެންމަދުވުން، ވަރުބަލި ވަންދެން ކަސްރަތު ކުރުމަށްފަހު ހަށިގަނޑުން ގެއްލިގެންދާ ފެނުގެ ބައި އަބުރައި ހަށިގަނޑަށް ނުލިބުން، ޑައެޓްކުރުން، ބަރުދަން އިތުރުވެ ބަރުހެލިވުން، ބައެއް ކަހަލަ ބަލިތައް ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމަށް މަގުފަހިކުރާ ކަންތައްތައް ކަމުގައި ބެލެވިފައި ވެއެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތީގެ ކޮންމެ ވެސް ހިސާބެއްގައި ހުރި ކަމެއްގެ ކުޑަކަމުދާ ތަކެތި ބޭރުވުމަށް ހުރަސް އެޅުން، އަދި ކުޑަކަމުދާ ނިޒާމްގައި އިންފެކްޝަން އަށަގަތުން ފަދަ ކަންކަމަކީ ވެސް ގުރުދާގައި ހިލައުފެދުން މެދުވެރިކޮށްފާނެ ކަންތައްތަކެވެ.

ކޮންމެ ޖިންސެއްގެ ކޮންމެ އުމުރެއްގެ މީހަކަށް ގުރުދާގައި ހިލައުފެދުން ކުރިމަތިވެދާނެ އެވެ. ނަމަވެސް ނިސްބަތުން ފިރިހެނުންނަށް ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުކަން ފާހަގަކުރެވެއެވެ. އާންމު ގޮތެއްގައި ގުރުދާގައި ހިލަ އުފެދެނީ މައުދަންތަކުގެ ތެރެއިން ކެލްސިއަމް، އޮކްސަލޭޓް އަދި ޔޫރިކް އެސިޑް ކުޑަކަމު ނަޖިހުގައި އާދަޔާ ޚިލާފަށް ގިނަވެ، އިތުރުވެގެންނެވެ.

މަގުފަހިކުރާ ކަންތައްތައް

ގުރުދާގައި ހިލަ އުފެދުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) – އާއިލާގެ މެންބަރުގެ ކިބައިގައި ނޫނީ އެމީހެއްގެ ކިބައިގައި ކުރިން ގުރުދާގައި ހިލަ އުފެދިފައިވުން  : އާއިލާގެ މެންބަރެއްގެ ކިބައިގައި ކުރިން ގުރުދާގައި ހިލަ އުފެދުމުގެ މައްސަލަ ހުރިކަމުގައިވާނަމަ އެމީހަކަށް ގުރުދާގައި ހިލަ އުފެދުން ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ނޫނީ އެމީހެއްގެ ގުރުދާގައި ކުރިން ހިލަ އުފެދިފައިވާނަމަ ދެވަނަ ފަހަރަށް ވެސް އެގޮތަށް ހިލަ އުފެދުމުގެ ފުރުޞަތު ބޮޑެވެ.

(ށ) – ހަށިގަނޑުން ފެނުގެބައި މަދުވުން : ކޮންމެ ދުވަހަކު އެކަށޭނަ މިންވަރަކަށް ފެން ނުބުއިމަކީ ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުވާނެ ކަމެކެވެ. ހޫނު ހަނަފަސް ހިސާބު ތަކުގައި ދިރިއުޅޭ މީހުން، އަދި ގިނައިން ހޫނުވުމުން ދާހިއްލާ މީހުންނަށް ވެސް ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ.

(ނ) – ބައެއް ކަހަލަ ކެއުންތައް : ޕްރޮޓީން ގިނަ، ލޮނުގިނަ، އަދި ހަކުރު ގިނަ ކާނާގެ ބާވަތްތައް ބޭނުންކުރުމަކީ ބައެއް ވައްތަރުތަކުގެ ގުރުދާ ހިލަ އުފެދުމުގެ ހިރާސް އިތުރުކުރުވާ ކަމެކެވެ. އެގޮތުން ލޮނު މާގިނައިން ހިމެނޭ ކާނާ ބޭނުންކުރުމަކީ ގުރުދާއިން ކެލްސިއަމް ފުރާނަދޭ މިންވަރު އިތުރުވެ، އެކަމުގެ ސަބަބުން ހިލަ އުފެދުމަށް މަގުފަހި ވެދާނެ ކަމެކެވެ.. ނޫނީ ކެއުމުގައި ކެލްސިއަމް މަދުވުމާއި، އޮކްސަލޭޓް އަދި ޕްރޮޓީން ގިނަވުމަކީ ވެސް ގުރުދާގައި ހިލަ އުފެދުމަށް މަގުފަހިވާ ކަމެކެވެ.

(ރ) – އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން : ބޮޑީ މާސް އިންޑެކްސް މަތިވެ، އުނަގަނޑުގެ ސައިޒުން ބޮޑުވެ، މަތިވުމަކީ އެކަމުގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމަށް މެދުވެރިވެދާނެ ކަމެކެވެ.

(ބ) – ހަޖަމުކުރާ ނިޒާމުގެ ބަލިތަކާއި އޮޕަރޭޝަންތައް : ގެސްޓްރިކް ބައިޕާސް އޮޕަރޭޝަންކުރުން، ދިގުމުއްދަތަކަށް ބޭރަށް ހިންގުން، އަދި އިންފްލެމޭޓަރީ ބަވަލް ޑިޒީޒް ( އަލްސަރޭޓިވް ކޮލައިޓިސް، ކްރޯންސް ޑިޒީޒް) ،ފަދަ ބަލިތަކުގެ ސަބަބުން ހަޖަމުކުރުމަށް ބަދަލުއައިސް، ހަށިގަނޑަށް ކެލްސިއަމް، އާއި ފެން ފަދަ މާއްދާތައް ނެގުމުގައި ހުރަސްތަކާ ކުރިމަތިވެ، އެކަމުގެ ސަބަބުން ހިލަ އުފެދުމަށް އެހީތެރިވެދޭ މާއްދާތައް ކުޑަކަމުދާ ތަކެތީގައި އިތުރުވެގެން ދެއެވެ. ގޮހޮރުގައި އިންފްލެމޭޝަން އުފެދޭ ބަލިތަކާއި، ގޮހޮރުގެ ބައިޕާސް ހަދައިފައި ތިބޭމީހުންނަށް ގުރުދާގައި ހިލައުފެދުމުގެ މައްސަލަ ކުރިމަތިވާލެއް އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.

(ޅ) – އެހެނިހެން ޞިއްޙީ މައްސަލަތައް : ބައެއް ކަހަލަ ޞިއްޙީ މައްސަލަތައް މިސާލަކަށް ހައިޕަޕެރަތައިރޮއިޑިޒަމް، ކުޑަކަމު ނަޖިހުގައި ސިސްޓައިން ހުރުން، ރީނަލް ޓިބިޔުލަރ އެސިޑޯސިސް، ހަކުރު ބަލި، މެޑުލަރީ ސްޕަންޖް ޑިޒީޒް އަދި ތަކުރާރުކޮށް ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަން އުފެދުމަކީ އެކަމުގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުވާ ކަމެކެވެ. ގުރުދާގައި ހިލައުފެދުން މެދުވެރިކުރުވާ އެހެން ބަލިތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތީގެ ތެރޭގައި އޮކްސަލޭޓް ގިނަވުން، ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އާދަޔާ ޚިލާފަށް އިތުރުވުން، އަދި ބައެއް ކަހަލަ ގުރުދާގެ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތީގެ ތެރޭގައި '''ޔުރިކް އެސިޑް''' ގިނަވުމުން ކުރިމަތިވާ ގައުޓްގެ ސަބަބުން ޔުރިކް އެސިޑް ހިލަ ގުރުދާގައި އުފެދޭގޮތް ވެއެވެ.  

(ކ) – ބައެއް ކަހަލަ ބޭސްތަކާއި ސަޕްލިމެންޓް ތައް : ވިޓަމިން ސީ، ޑައެޓްރީ ސަޕްލިމެންޓްތައް، ލެކްޒޭޓިވްސް، ކެލްސިއަމް ބޭސްޑް އެންޓަސިޑްސް، މައިގްރޭން، ލޭމައްޗަށްދާތީ ބޭނުންކުރާ ބައެއް ކަހަލަ ބޭސްތައް، ސިޕްރޯފްލޮސަސިން އަދި ސަލްފަރ އެކުލެވޭ އެންޓިބަޔޮޓިކް ތައް، ކޯޓިކޯސްޓީރޮއިޑް، އެއިޑްސް ދީ އުޅޭ އިންޑިނަވީރް ސަލްފޭޓް ފަދަ ޕްރޮޓިއޭޒް އިންހިބިޓަރޒް އަދި ޑިޕްރެޝަން އަށް ބޭނުންކުރާ ބައެއް ބޭސްތައް ފަދަ ބޭސްތައް މާގިނައިން ބޭނުންކުރުމުގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުވާކަން ފާހަގަ ކުރެވެއެވެ.

(އ) - ކުޑަކަމުދާ ތަކެތީގައި ކެލްސިއަމް ގިނަވުން: ގުރުދާގައި ހިލައުފެދުން ކުރިމަތިވާ މީހުންގެ 50 އިންސައްތަ މީހުންނަށް ހިލައުފެދުން ކުރިމަތިވަނީ ކުޑަކަމުދާ ތަކެތީގެ ތެރޭގައި ކެލްސިއަމްގެ މިންވަރު އިތުރުވެގެންނެވެ. ނަތީޖާއެއްގެ ގޮތުން ކެލްސިއަމް ފޮސްފޭޓް ނުވަތަ އޮކްސަލޭޓް އާއި އެއްވެގެން ފޮސްފޭޓް ހިލަ ނުވަތަ އޮކްސަލޭޓް ހިލަ އުފެދުން މެދުވެރި ކުރުވައެވެ.

ގުރުދާގައި އުފެދޭ ހިލައިގެ ވައްތަރުތައް

ގުރުދާގައި އުފެދިފައިވާ ހިލައިގެ ވައްތަރު އެނގުމަކީ ހިލަ އުފެދެން މެދުވެރިވި ސަބަބާއި، އިތުރު ހިލަތައް އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭނެގޮތް ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ. ކުޑަކަމުދާއިރު ހިލައެއް ބޭރުވެ، އެކަން ފާހަގަ ކުރެވިއްޖެނަމަ، އެހިލަ އެއް ޑޮކްޓަރަށް ދާއިރު ގެންދިއުމަކީ އޭގެ ވައްތަރު ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ.  ގުރުދާގައި އުފެދޭ ހިލައިގެ ވައްތަރުތަކުގެ ތެރޭގައި އަންނަނިވި ވައްތަރުތައް ހިމެނެއެވެ.

ކެލްސިއަމް އެކުލެވޭ ހިލަ

ގުރުދާގައި އެންމެ އާންމުކޮށް އުފެދޭ ހިލަ އަކީ ކެލްސިއަމް އެކުލެވޭ ހިލަ(calcium stones)  އެވެ. ކެލްސިއަމް އެކުލެވޭ ހިލަ އެންމެ އާންމުކޮށް އުފެދެނީ "ކެލްސިއަމް އޮކްސަލޭޓް" (calcium oxalate)ގެ ގޮތުގައެވެ. އޮކްސަލޭޓް އަކީ ފުރަމެއިން އުފެއްދުމުގެ އިތުރުން ، ކެއުމުގެ ތެރެއިން ހަށިގަނޑަށް ލިބިދާނެ މާއްދާ އެކެވެ. އެގޮތުން ބައެއް ކަހަލަ ތަރުކާރީއާއި މޭވާގެ ބާވަތްތައް، ބައެއް ކަހަލަ މަދުގެ ބާވަތްތައް، ރުބާބު، އަދި ޗޮކްލެޓް ފަދަ ތަކެތީގައި އޮކްސަލޭޓް ހުރެއެވެ. އާދަޔާ ޚިލާފަށް ގިނައިން ވިޓަމިން ޑީ ބޭނުންކުރުމަކީ ވެސް ގުރުދާގައި ކެލްސިއަމް އެކުލެވޭ ހިލަ އުފެދުމަށް މަގުފަހިވެދާނެ ކަމެކެވެ.

ކެއުމުގައި ގެންގުޅޭ އާދަތައް، ވިޓަމިން ޑީ މަތީ މިންވަރަކަށް ބޭނުންކުރުން، ގެސްޓްރިކް ބައިޕާސް ސާޖަރީ އެއް ހަދާފައިވުން، އަދި ބައެއް ކަހަލަ މެޓަބޮލިކް ޑިސްއޯޑަރ ތަކުގެ ސަބަބުން އޮކްސަލޭޓް އަދި ކެލްސިއަމް ގެ މިންވަރު ކުޑަކަމު ނަޖިހުގައި އިތުރުވާކަން ފާހަގަ ކުރެވެއެވެ.

ކެލްސިއަމް އެކުލެވޭ ހިލަ "ކެލްސިއަމް ފޮސްފޭޓް"(calcium phosphate)  ގެ ގޮތުގައި ވެސް އުފެދިދާނެ އެވެ. މިވައްތަރުގެ ހިލަ ބޮޑަށް އުފެދެނީ ރީނަލް ޓިބިޔުލަރ އެސިޑޯސިސް ފަދަ ބައެއް ކަހަލަ މެޓަބޮލިކް ޑިސްއޯޑަރ ތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ފިޓްޖެހުން އަދި މައިގްރޭން ފަދަ ބަލިތަކާއި ގުޅިގެން ބޭނުންކުރާ ބައެއް ކަހަލަ ބޭސްތައް މިސާލަކަށް ޓޮޕިރަމޭޓް ފަދަ ބޭސްތަކުގެ ސަބަބުން ވެސް މިވައްތަރުގެ ހިލަ އުފެދުމުގެ ފުރުޞަތު އިތުރުވެދާނެ އެވެ.

ސްޓްރޫވައިޓް ހިލަ

ސްޓްރޫވައިޓް ހިލަ (struvite stones)  އުފެދެނީ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަނެ އިންފެކްޝަން ހެދުމުގެ ސަބަބުންނެވެ. އިންފެކްޝަން އުފައްދާ ބެކްޓީރިޔާ ގެ ސަބަބުން ކުޑަކަމު ނަޖިހުގައި އެމޯނިޔާ އިތުރުވެ ގިނަވާގޮތް ވެއެވެ. އަދި އެކަމުގެ ސަބަބުން ހިލަ އުފެދޭގޮތް ވެއެވެ. މިވައްތަރުގެ ހިލަ ވަރަށް އަވަހަށް ހެދިބޮޑުވެ، އޭގެ ސައިޒުން ވެސް ބޮޑުވެއެވެ. މިވައްތަރު ހިލަ އުފެދުނަސް އޭގެ އުދަނގޫތައް ނުފެނި، ފާހަގަނުވެ ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޔޫރިކް އެސިޑް އެކުލެވޭ ހިލަ

ޔޫރިކް އެސިޑް އެކުލެވޭ ހިލަ(uric acid stones)  އުފެދިދާނެ ސަބަބުތަކުގެ ތެރޭގައި ދިގުމުއްދަތަކަށް ބޭރަށް ހިންގުން ފަދަ ކަމެއްގެ ސަބަބުން ހަށިގަނޑުން މާގިނައިން ދިޔާތަކެތި ނުވަތަ ފެންބޭރުވެ ފެންމަދުވުމާއި، ކެއުމުގައި މާގިނައިން  ޖަނަވާރުން ލިބޭ ޕްރޮޓީން ހިމެނުން (އެއްގަމުމަސް، ކުކުޅު ބިސް ފަދަ ތަކެތި) ، ހަކުރު ބަލިހުރުން، އަދި މެޓަބޮލިކް ސިންޑްރޯމް ފަދަ ބަލިތައް ހިމެނެއެވެ. އުފެދުމުގައި ހުންނަ ވަކި ކަހަލަ ވިރާސީ ބަހާއެއްގެ ސަބަބުން ވެސް މިވައްތަރުގެ ހިލަ އުފެދުމުގެ ހިރާސް އިތުރުވެދާނެ އެވެ.

ސިސްޓައިން އެކުލެވޭ ހިލަ

ސިސްޓައިން އެކުލެވޭ ހިލަ (cystine stones)އުފެދެނީ އުފެދުމުގައި ދިމާވާ ވާރުތަވާ ހާލަތެއް ކަމުގައިވާ "މާގިނައިން ކުޑަކަމު ނަޖިހުގައި ސިސްޓައިން ހުރުން" (cystinuria) ފަދަ ހާލަތްތަކުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ގުރުދާއިން ސިސްޓައިން (cystine)ކިޔާ އެމިނޯ އެސިޑް އެއް އާދަޔާ ޚިލާފަށް ގިނައިން ދޫކުރާގޮތް ވެއެވެ. ނުވަތަ ކުޑަކަމު ނަޖިހުން ސިސްޓައިން އަލުން ހަށިގަނޑަށް ނެގުމަށް ނުކުޅެދި، ކުޑަކަމު ނަޖިހުގައި ސިސްޓައިން ގިނަވެ، އެކަމުގެ ސަބަބުން ހިލައުފެދޭގޮތް ވެއެވެ. އެހެންކަމުން މިއީ ވިރާސީ ބަހާއަށް އަންނަ ބަދަލެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

އަލާމާތްތައް

ގުރުދާގައި ހިލަ ހުއްޓަސް އޭގެ އެއްވެސް އުދަނގުލެއް ނޫނީ އަލާމާތެއް ފާހަގަ ނުކުރެވި ހިނގައިދާނެއެވެ. ގުރުދާގައި އުފެދޭ ހިލަ، ގުރުދާގެ ތެރޭގައި ދައުރުވެ، ގުރުތާ (ގުރުދާ އާއި މަސާނާ ގުޅުވައިދޭ ހޮޅި) އަށް ނުފޯރަނީސް އާންމު ގޮތެއްގައި މިކަމުގެ އަލާމާތްތައް ނޫނީ އުދަނގޫތައް ފާހަގައެއް ނުކުރެވޭނެ އެވެ. އުފެދިފައިވާ ހިލަ ގުރުތާ އަށް ގޮސް، ގުރުތާގައި ތާށިވެއްޖެނަމަ، ކުޑަކަމު ނަޖިސް ބޭރުވުން ހުއްޓި، ބަންދުވެ، ގުރުދާ ދުޅަވެ، ގުރުތާ އަށް އުދަނގޫވެ، ވަރަށް ބޮޑަށް ރިއްސާނެ އެވެ

މިހާލަތުގައި އަންނަނިވި އުދަނގޫތަކާއި، ކަންތައްތައް ފާހަގަ ކުރެވޭނެ އެވެ.

·         އުނަގަނޑާއި އަރިކަށީގައި (ގުރުދާ އޮންނަ ހިސާބުގައި) ތޫނު ތަދެއް ހުރުން

·         އަރިކަށީގައި ހުންނަ ތަދު ދަށްބަނޑާއި، އުކުޅަވަޅަށް ދިއުން

·         އައިސްފައި ދާ ކަހަލަ ލުއިވެފައި އިތުރުވާ ކަހަލަ ގޮތަކަށް ރިހުން ހުރުން

·         ކުޑަކަމުދާއިރު ރިއްސުން އަދި ދިލަނެގުން

އެހެނިހެން އަލާމާތްތަކުގެ ތެރޭގައި :-

·         ކުޑަކަމުނަޖިސް މުށި، ރަތް، ނޫނީ ފިޔާތޮށި ކުލައިގައި ހުރުން

·         ކުޑަކަމުނަޖިސް ފުސްކޮށް ހުރުން

·         ކުޑަކަމުނަޖިހުން ނުބައިވަސް ދުވުން

·         އަވަސް އަވަހަށް ކުޑަކަމުދާންޖެހުން / އެތިކޮޅުކޮޅުން ކުޑަކަމުދެވުން / އަބަދުވެސް ކުޑަކަމުދާންޖެހިފައި ހުރުން

·         މޭނުބައިކޮށް ހޮޑުލެވުން

·         ހުންއައުމާއެކު ހީކެރުވުން

ގުރުދާގައި ހިލަ ހުރެގެން އުފެދޭ ރިހުން އުފެދިފައިވާ ހިލަ ދައުރުކުރާވަރަކަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ރިހުން ހުންނަ ހިސާބު ނުވަތަ ތަން ވެސް ބަދަލުވެދާނެ އެވެ. ރިހުން ލުއިވެފައި އިތުރުވެސް ވެދާނެ އެވެ.

ދިމާވެދާނެ ނުރައްކާތައް

ގުރުދާގައި ހިލައުފެދި، ބޮޑެތި ހިލަތަކަށް ދެވޭ ފަރުވާގެ ސަބަބުން ނޫނީ ފަރުވާނުކޮށް ދޫކޮށްލުމުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ގުރުތާ ބެދުން

·         ގުރުތާއަށް އަނިޔާވުން

·         އޮޕަރޭޝަން ކުރިތަނުން އާދަޔާ ޚިލާފަށް ގިނައިން އޮޕަރޭޝަންގެ ތެރޭގައި ލޭއައުން

·         އޮޕަރޭޝަންކުރި ހިސާބުގައި ރިހުން

·         ކުޑަކަމުދާ ނިޒާމުގައި ޖަރާސިމު އަޅައި އިންފެކްޝަން ހެދުން

·         ލޭގެ ތެރެއަށް ޖަރާސީމުގޮސް ވިހަވުން

ދެނެގަތުން

ގުރުދާގައި ހިލަ ހުރިކަމަށް ޝައްކުކުރެވޭނަމަ އެކަން ދެނެގަތުމުގެ ގޮތުން އަންނަނިވި ޓެސްޓުތަކާއި، ކަންތައްތައް ފުރިހަމަކުރުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) – ލޭގެ ޓެސްޓުތައް ހެދުން : ލޭގެ ޓެސްޓުތަކުގެ އެހީގައި ލޭގައި މާގިނައިން ކެލްސިއަމް ނުވަތަ ޔޫރިކް އެސިޑް ފަދަ މާއްދާތައް ހުރިނަމަ ދެނެގަނެވޭނެ އެވެ. މިޓެސްޓުތަކުގެ ނަތީޖާއާއި ގުޅިގެން އިތުރު ޓެސްޓުތަކެއް ހަދަންޖެހޭނަމަ އެކަން ޑޮކްޓަރުން ކުރިޔަށް ގެންދަވާނެ އެވެ.

(ށ) – ކުޑަކަމުދާ ތަކެތި ޓެސްޓުކުރުން : މިޓެސްޓުތަކުގެ އެހީގައި ހިލަ އުފެދުމަށް އެހީތެރިވެދޭ މައުދަންތައް ކުޑަކަމުދާ ތަކެތީގައި ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ. އާންމު ގޮތެއްގައި ޖެހިޖެހިގެން ދެދުވަހު މިޓެސްޓު ހެދުމަށް ކުޑަކަމު ނަޖިސް ނަގަންޖެހިދާނެ އެވެ. ނުވަތަ ދޭންޖެހިދާނެ އެވެ.

(ނ) -  އިމޭޖިންގ ޓެސްޓުތައް : އިމޭޖިންގ ޓެސްޓުތަކުގެ އެހީގައި ގުރުދާގައި ހިލަ އުފެދިފައި ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ. ސީޓީ ސްކޭން ފަދަ ޓެސްޓުތަކުން ވަރަށް ކުދިކުދި ހިލަ ތައް ވެސް ދެނެގަންނާނެ އެވެ. އާންމު ގޮތެއްގައި ނަގާ ބަނޑުގެ އެކްސްރޭ ތަކުން ކުދިކުދި ހިލަތައް ނަގައިނުގަނެވުމަކީ ނުވަތަ ފާހަގަ ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ބަނޑުގެ އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ވެސް ގުރުދާގައި އުފެދިފައި ހުންނަ ހިލަ ދެނެގަނެވޭނެ އެވެ.

(ރ) – ބޭރުކުރެވުނު ހިލަ ތަހުލީލުކުރުން : ބައެއް ފަހަރު ހިލަ އުފެދިފައި ހުންނައިރު ތައްޓެއް ފަދަ އެއްޗަކަށް ކުޑަކަމުދިއުމަށް ބުނެއެވެ. މީގެ ބޭނުމަކީ ހިލަ އެއް ބޭރުވެއްޖެނަމަ އެހިލައެއް ނެގުމެވެ. އަދި އެއަށްފަހު ބޭރުވެގެންދިޔަ ތަހުލީލުކޮށް ބެލުމެވެ. މިގޮތަށް ބެލުމުން އެއީ ކޮންވައްތަރެއްގެ ހިލައެއްކަން ވެސް ދެނެގަނެވޭނެ އެވެ.

ފަރުވާ

ގުރުދާގައި ހިލަ އުފެދުމުން ދޭ ފަރުވާ ބަރޯސާވަނީ ހިލައިގެ ވައްތަރާއި، ހިލަ އުފެދުމަށް ދިމާވި ސަބަބެއްގެ މައްޗަށެވެ. އާންމު ގޮތެއްގައި ދޭ ފަރުވާތައް ތިރީގައި މިވަނީ އެވެ.

އާދައިގެ ވަރަކަށް އުދަނގޫތައް ކުރިމަތިކުރުވާ ، ކުދިކުދި ހިލަތައް ދުއްވާލުން

ގުރުދާގައި އުފެދިފައި ކުދިކުދި ހިލަތައް ދުއްވާލުމަށް އޮޕަރޭޝަން ކުރާކަން ނުޖެހޭނެ އެވެ. ގިނަ ފަހަރު އަންނަނިވި ކަންތައްތައް ފުރިހަމަކޮށްގެން ހިލަ ދުއްވާލެވޭނެ އެވެ. ނުވަތަ ބޭރުކޮށްލެވޭނެ އެވެ.

(ހ) – ގިނައިން ފެންބުއިން : ގިނައިން ފެންބުއިމަކީ ކުޑަކަމު ނަޖިހުގެ ތާސީރު ދަށްކޮށްދީ، ސާފުވެ، ހިލަ އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު މަދުވެގެން 3-2 ލިޓަރުގެ ފެންބުއިމަށް އާދަކުރުމަކީ މުހިއްމު ކަމެކެވެ.

(ށ) – ތަދުކަނޑުވާ ބޭސް ބޭނުންކުރުން : ކުޑަ ހިލައެއް ކުޑަކަމު ނަޖިހާއެކު ބޭރުވެގެން ދިއުމަކީ ތަދާއި ރިހުން އިހުސާސް ކުރެވޭނެ ކަމެކެވެ. އެހެން ކަމުން މިފަދަ ހާލަތުގައި ތަދުކަނޑުވާ ބޭހެއް ބޭނުންކުރަން ޖެހިދާނެ އެވެ.

(ނ) – ހިލަ ދުއްވާލުމަށް ބޭސްދިނުން : ހިލަ ދުއްވާލުމަށް ނޫނީ ބޭރުކުރުމަށް ބައެއް ފަހަރު ބޭސް ލިޔެދީފާނެ އެވެ. މިފަދަ ބޭސްތަކަށް ކިޔަނީ "އަލްފާ ބްލޮކަރ"(alpha blocker)  އެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ޓެމްސިޔުލޯސިން ފަދަ ބޭސްތައް ހިމެނެއެވެ.

ބޮޑެތި ހިލަތައް ދުއްވާލުން

ބޮޑެތި ހިލައް ދުއްވާލުމަށް ދޭ ފަރުވާގައި އަންނަނިވި ފަރުވާތަކާއި ކަންތައްތައް ހިމެނެއެވެ.

(ހ) – އަޑުގެ ބާނިތައް ބޭނުންކޮށްގެން ހިލަ  ގޮއްވައި މުގުރާލުން : ގުރުދާގައި އުފެދޭ ބައެއް ވައްތަރުގެ ހިލަ، އޭގެ ސައިޒާއި، ހުރިތަނަށް ރިޢާޔަތްކޮށް، ގޮއްވައި މުގުރާލަން ޖެހެއެވެ. މިގޮތަށް ގޮއްވައި މުގުރާލުމަށް ކިޔަނީ "އެކްސްޓްރާކޯޕޯރިއަލް ޝޮކް ވޭވް ލިތޯޓްރިޕްސީ"(Extracorporeal Shock Wave Lithotripsy/ESWL) އެވެ.

އެކްސްޓްރާކޯޕޯރިއަލް ޝޮކް ވޭވް ލިތޯޓްރިޕްސީ(ESWL) ގައި ވަރުގަދަ ވައިބްރޭޝަން ( ޝޮކް ވޭވް) އުފެއްދުމަށްޓަކައި އަޑުގެ ބާނިތައް ބޭނުންކުރެއެވެ. މިޝޮކު ވޭވް ގެ ސަބަބުން ހިލަ ކުޑަކަމުދާ ތަކެއްޗާއި އެކު ބޭރުވާނެ ފަދަ ކުދިކުދިކޮޅު އެތިކޮޅުތަކަށް މުގުރިގެންދެއެވެ. މިއިޖުރާއާތު ހެދުމަށް ގާތްގަނޑަށް 60-45 މިނިޓް ވަރު ހޭދަވާނެއެވެ. މިއިޖުރާއާތުގެ ސަބަބުން ކޮންމެވެސް ވަރަކަށް ތަދު އިހުސާސް ވެދާނެ އެވެ. އެހެންކަމުން މިއިޖުރާއާތު ހެދުމަށްޓަކައި ފަހަރުގައި ނިންދަވައިފާނެ އެވެ. ނޫނީ ކޮންމެވެސް ވަރަކަށް އައްސިކޮށްފާނެ އެވެ.

އެކްސްޓްރާކޯޕޯރިއަލް ޝޮކް ވޭވް ލިތޯޓްރިޕްސީ ހެދުމަށްފަހު ކުޑަކަމުނަޖިހުގައި ލޭ ހުރެދާނެއެވެ. ބަނޑު ނޫނީ ބުރަކަށިން ލޭ އައިސްފާނެ އެވެ. ގުރުދާއާއި ވަށައިގެންވާ ސެލޯށިތަކުން ވެސް ލޭހިލިދާނެއެވެ. ހިލަ ކުޑަކަމުދާ ތަކެއްޗާއި އެކު ބޭރުވާއިރު ކޮންމެވެސް މިންވަރަކަށް ތަދު އިހުސާސް ވެދާނެ އެވެ.

(ށ) – ގުރުދާގައި އުފެދޭ ބޮޑެތި ހިލަތައް ނެގުމަށް އޮޕަރޭޝަންކުރުން : ގުރުދާގައި އުފެދޭ ބޮޑެތި ހިލަތައް ނެގުމަށް ކުރެވޭ އޮޕަރޭޝަނަށް ކިޔަނީ "ޕާރކިޔުޓެނިއަސް ނެފްރޯލިތޮޓަމީ"(percutaneous nephrolithotomy)  އެވެ. މިއޮޕަރޭޝަން ކުރުމަށްޓަކައި ބުރަކަށިން ކުޑަ ތަންކޮޅެއް ކަފާލުމަށްފަހު އެތަނުން ޓެލެސްކޯޕް އަކާއި، އޮޕަރޭޝަން ކުރުމަށް ބޭނުންކުރެވޭ އަދަވާތް އެތެރެކޮށްގެން ގުރުދާގައި އުފެދިފައިވާ ހިލަ ނެގެއެވެ. މިއޮޕަރޭޝަން ކުރުމަށްޓަކައި އައްސިކުރާނެއެވެ. އަދި ހޮސްޕިޓަލްގައި 2-1 ދުވަސް މަޑުކޮށްލަންޖެހިދާނެއެވެ. މިއޮޕަރޭޝަންކުރަނީ ކުރިން ބަޔާންކުރެވުނު އެކްސްޓްރާކޯޕޯރިއަލް ޝޮކް ވޭވް ލިތޯޓްރިޕްސީ ހަދައިގެން ކާމިޔާބު ނުކުރެވިއްޖެނަމަ އެވެ.

(ނ) – ސްކޯޕް އެއް ބޭނުންކޮށްގެން ހިލަނެގުން : ގުރުދާ ނޫނީ ގުރުތާ ގައި އުފެދިފައި ހުރި ކުދި ހިލަ ނެގުމަށްޓަކައި ކުޑަކަމުދާ ހޮޅީގެ ތެރެއިން ގޮސް، މަސާނާ ހުރަސްކޮށް ގުރުތާ ނުވަތަ ގުރުދާއަށް  ކެމެރާއެއް ހަރުކުރެވިފައިވާ ހިމަ، ލުއި ހޮޅިއެއް(ureteroscope) ފޯރުކޮށް ދެވެއެވެ. މިހޮޅި އެތެރެއަށް ފޯރުކޮށްގެން ހިލަ ފާހަގަކުރެވުމުން ވަކި އަދަވާތެއް ބޭނުންކޮށްގެން ހިލަ މުގުރައި ކުދިކޮށްލެވެއެވެ. އަދި އެއަށްފަހު ކުޑަކަމު ނަޖިހާއެކު މުގުރާލެވުނު ހިލައިގެ އެތިކޮޅުތައް ބޭރުވާނެ އެވެ. އެއަށްފަހު ގުރުތާއަށް ކުޑަ ހޮޅި އެއް ނުވަތަ ސްޓަންޓް އެއް ލައްވާނެއެވެ. މިއީ ގުރުތާގެ ދުޅަ ތިރިކޮށްދީ އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިއިޖުރާއާތު ހަދާއިރު އެއްކޮށް ހޭނައްތައި ވެސް ދާނެއެވެ. ނޫނީ އޮޕަރޭޝަންކުރެވޭ ހިސާބު ވަކިން އައްސިވެސް ކޮށްފާނެ އެވެ.

(ރ) – ޕެރަތައިރޮއިޑް ގްލޭންޑް އޮޕަރޭޝަންކޮށްގެން ނެގުން : ގުރުދާގައި އުފެދޭ ހިލަތަކުގެ ތެރެއިން ކެލްސިއަމް ފޮސްފޭޓް އެކުލެވޭ ހިލަ އުފެދެނީ ޕެރަތައިރޮއިޑް ގްލޭންޑްގެ މަސައްކަތްތައް އާދަޔާ ޚިލާފަށް އިތުރުވުމުންނެވެ. ނުވަތަ ހައިޕަޕެރަތައިރޮއިޑިޒަމް ކުރިމަތިވުމުންނެވެ. ޕެރަތައިރޮއިޑް ގްލޭންޑް އަކީ ތައިރޮއިޑް ގްލޭންޑްގެ ހަތަރު ކަނުގައި ހުންނަ ގްލޭންޑް ތަކެކެވެ. މިގްލޭންޑްތަކުން ޕެރަތައިރޮއިޑް ހޯރމޯން އާދަޔާ ޚިލާފަށް ގިނައިން އުފެއްދުމުން ހަށިގަނޑުގައި ކެލްސިއަމްގެ މިންވަރު މަތިވެ، ގުރުދާގައި ކެލްސިއަމް އެކުލެވޭ ހިލަ އުފެދޭގޮތް ވެއެވެ.

ބައެއް ފަހަރު ޕެރަތައިރޮއިޑް ގްލޭންޑް އެއްގައި ބިނައިން ޓިއުމަރެއް އުފެދިގެން ނޫނީ އެހެން ޞިއްޙީ މައްސަލައެއްގެ ސަބަބުން ވެސް ހައިޕަޕެރަތައިރޮއިޑިޒަމް ކުރިމަތިވެދާނެ އެވެ. އެހެންކަމުން ޕެރަތައިރޮއިޑް ގްލޭންޑް އޮޕަރޭޝަންކޮށްގެން ނެގުމުން ގުރުދާގައި ކެލްސިއަމް އެކުލެވޭ ހިލަ އުފެދުން ހުއްޓެއެވެ. އޮޕަރޭޝަން ނުކުރާކަމުގައިވާނަމަ ޕެރަތައިރޮއިޑް ގްލޭންޑް އިން އާދަޔާ ޚިލާފަށް ޕެރަތައިރޮއިޑް ހޯރމޯން ދޫކުރުން މެދުވެރިވާ ސަބަބަކަށް ފަރުވާކޮށް އެކަން ރަނގަޅުކުރަން މަސައްކަތް ކުރެއެވެ.

ރައްކާތެރިވުން

ގުރުދާގައި ހިލަ އުފެދުމުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނައުމުގެ އިތުރުން ބައެއް ކަހަލަ ބޭސްތައް ބޭނުންކުރަން ޖެހެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބަދަލުތައް

އަންނަނިވި ކަންތައްތައް ކުރުމަކީ ގުރުދާގައި ހިލަ އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަންކަމެވެ.

(ހ) – ފެންބުއިން : ގުރުދާގައި ހިލަ އުފެދިފައިވާ މީހުން ގިނައިން ފެންބުއިމަކީ މުހިއްމު ކަމެކެވެ. އެގޮތުން ދުވާލަކު ގާތްގަނޑަކަށް މަދުވެގެން 2 ލިޓަރުގެ ކުޑަކަމުނަޖިސް ބޭރުވާ މިންވަރަށް ފެންބުއިމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 3-2 ލިޓަރުގެ ފެން ބުއިމަށް އާދަކުރުމަކީ މުހިއްމު ކަމެކެވެ. ހޫނު ހަނަފަސް ހިސާބެއްގައި ދިރިއުޅޭނަމަ އާންމުކޮށް ބޯވަރަށްވުރެ ގިނައިން ފެންބުއިމަކީ މުހިއްމު ކަމެކެވެ. ކުޑަކަމު ނަޖިސް ސާފުކޮށް ހުންނަނަމަ އޭގެ މާނައަކީ އެކަށޭނަ ވަރަށް ފެންބޮވުމެވެ.

 

(ށ) – އޮކްސަލޭޓް ހުންނަ ކާނާގެ ބާވަތްތައް ބޭނުންކުރުން މަދުކުރުން : ކެއުމުގައި އޮކްސަލޭޓް ހުންނަ ކާނާގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަކީ މުހިއްމު ކަމެކެވެ. އޮކްސަލޭޓް ހުންނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި ރުބާބު، ބީޓްސް، ބާމިޔާ، ކައްޓަލަ، ބޯވެލިފަތް، ސްވިސް ޗާރޑް ފަތް، އެކި ކަހަލަ މަދުތައް، ސައި، ޗޮކްލޭޓް، އަސޭމިރުސް ، ޕޮޓޭޓޯ ޗިޕްސް، ފްރެންޗް ފްރައިޒް އަދި ސޯއި އުފެއްދުންތައް ހިމެނެއެވެ.

 

(ނ) -  ޖަނަވާރުގެ ޕްރޮޓީން އަދި ލޮނު މަދުން ހުންނަ ކެއުން ޚިޔާރުކުރުން : ކެއުމުގައި ލޮނު މަދުން ބޭނުންކުރުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. ޖަނަވާރު ޕްރޮޓީންގެ ބަދަލުގައި ލެގިޔޫމް ފަދަ ބާވަތްތައް ޕްރޮޓީންގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ.

 

(ރ) – ކެލްސިއަމް ހުންނަ ކާނާގެ ބާވަތްތައް ކުރިޔަށް ގެންދިއުން އެކަމަކު ކެލްސިއަމް ސަޕްލިމެންޓް ބޭނުންކުރުމުގައި ސަމާލުވުން : ކާނާގެ ހުންނަ ކެލްސިއަމްގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމުގެ ހިރާސް އިތުރުކުރުމަށް މާބޮޑު ބާރެއް ނާޅައެވެ. އެހެންކަމުން ޑޮކްޓަރު ކެއުމަށް ލަފާނުދޭ ހާ ހިނދަކު ކެލްސިއަމް އެކުލެވޭ ކާނާގެ ބާވަތްތައް ކުރިޔަށް ގެންދިޔަސް މައްސަލައެއް ނެތެވެ. ނަމަވެސް ކެލްސިއަމް ސަޕްލިމެންޓް ބޭނުންކުރުމުގައި ޑޮކްޓަރުގެ ލަފާހޯދުން ބުއްދިވެރި އެވެ.

 

(ބ) - ކެއުމުގައި ސޯޑިއަމް އަދި ލޮނު ހުންނަ ބާވަތްތައް ބޭނުންކުރުން މަދުކުރުން : ސޯޑިއަމް ގިނަވެއްޖެނަމަ، ކުޑަކަމު ނަޖިހުގައި ކެލްސިއަމް އިތުރުވާގޮތް ވެއެވެ. އަދި މިކަމުގެ ސަބަބުން ގުރުދާގައި ހިލަ އުފެދުމަށް މަގުފަހި ވެއެވެ.

 

ބޭސް ބޭނުންކުރުން

ބޭސް ބޭނުންކޮށްގެން ކުޑަކަމުދާ ތަކެތީގައި ހިމެނޭ ލޮނާއި، މައުދަންތަކުގެ މިންވަރު ކޮންޓްރޯލް ކުރެވިދާނެ އެވެ. މިއީ ބައެއް ވައްތަރުތަކުގެ ހިލަ އުފެދޭ މީހުންނަށް ފައިދާހުރި ކަމަކަށް ވެދާނެ އެވެ. ލިޔެދޭ ބޭހުގެ ވައްތަރު ބަރޯސާވަނީ އެމީހެއްގެ ހަށިގަނޑުގައި ނުވަތަ ގުރުދާގައި އުފެދިފައިވާ ހިލައިގެ ވައްތަރަކަށެވެ. އެގޮތުން ބޭނުންކުރެވޭ ބައެއް ބޭސްތައް ތިރީގައި މިވަނީ އެވެ.

 

ކެލްސިއަމް އެކުލެވޭ ހިލަ : މިވައްތަރުގެ ހިލަ އުފެދުމުން ރައްކާތެރިކޮށް ދިނުމަށްޓަކައި ތިއެޒައިޑް ޑަޔުރެޓިކް ނުވަތަ ފޮސްފޭޓް އެކުލެވޭ ބޭހެއް ޑޮކްޓަރުން ލިޔެދީފާނެ އެވެ.

 

ޔުރިކް އެސިޑް އެކުލެވޭ ހިލަ : މިވައްތަރުގެ ހިލައިން ރައްކާތެރިކޮށް ދިނުމަށްޓަކައި ޔޫރިކް އެސިޑް ލެޔާއި، ކުޑަކަމުދާ ތަކެތިން މަދުކޮށްދޭ ބޭސް މިސާލަކަށް އެލޯޕްރިނޯލް ފަދަ ބޭސްތައް ޑޮކްޓަރުން ލިޔެދީފާނެ އެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތީގެ ތަބީޢަތް އަލްކަލައިން ކުރާނެ ފަދަ ބޭހެއް ލިޔެދީފާނެ އެވެ. ބައެއް ފަހަރު އެލޯޕްރިނޯލް އާއި އެކު އަލްކަލައިން ކުރާނެ ބޭހެއް ލިޔެދިނުމުން އުފެދިފައިވާ ހިލަ ބޭރުވެގެންދެއެވެ.

 

ސްޓްރޫވައިޓް ހިލަ : މިވައްތަރުގެ ހިލައިން ރައްކާތެރިވުމަށްޓަކައި  މުހިއްމު ކަމަކީ އިންފެކްޝަން އިން ރައްކާތެރިވުމެވެ. އެގޮތުން އިންފެކްޝަން އިން ރައްކާތެރިވުމަށްޓަކައި ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، ކުޑަކަމުދާން ޖެހުމުން ހިފަހައްޓައިގެން ނުހުރުމާއި، އަދި ގިނައިން ކުޑަކަމު ގޮސް ހެދުން މުހިއްމެވެ.

 

ސިސްޓައިން އެކުލެވޭ ހިލަ : މިވައްތަރުގެ ހިލައިން ރައްކާތެރިވުމަށްޓަކައި ކެއުމުގައި ލޮނު އަދި ޕްރޮޓީން ހިމެނުން މަދުކުރުމަށް ލަފާދެއެވެ. މީގެ އިތުރުން ކުޑަކަމު ނަޖިސް އުފެއްދުން އިތުރުކުރުމަށްޓަކައި، ގިނައިން ދިޔާތަކެތި ނުވަތަ ފެންބުއިމަށް އިރުޝާދު ދެވެއެވެ. މިގޮތަށް އަމަލުކޮށްގެން ރަނގަޅު ނުވެއްޖެނަމަ ބައެއް ފަހަރު ކުޑަކަމު ނަޖިހުގައި ސިސްޓައިން ގިރިގެންދިއުން އިތުރުކުރުމަށްޓަކައި ބޭހެއް ލިޔެދީފާނެ އެވެ.

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://www.mayoclinic.org/diseases-conditions/kidney-stones/symptoms-causes/syc-20355755

https://www.webmd.com/kidney-stones/understanding-kidney-stones-basics