Sunday, June 26, 2022

ތައިރޮއިޑް ދުޅަވުން

ތައިރޮއިޑް ދުޅަވުން

ތައިރޮއިޑް ދުޅަވުން(thyroiditis)  ނިސްބަތްކުރެވެނީ އެއްވެސް ސިފައެއްގައި ތައިރޮއިޑް ގްލޭންޑް ދުޅަވުމަށެވެ. ތައިރޮއިޑް ދުޅަވުމުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެެންމެ އާންމު ވައްތަރަކީ ހަޝިމޮޓޮސް ތައިރޮއިޑައިޓިސް އެވެ. ތަފާތު ވައްތަރުތަކުގެ ފެންނަ އަލާމާތްތަކާއި، ކުރިމަތިވާ އުދަނގޫތައް އަދި ފާހަގަވާ ކަންތައްތައް ކޮންމެވެސް މިންވަރަކަށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯން ތަކަކީ ހަށިގަނޑުގެ މުހިއްމު މަސައްކަތްތައް ކަމުގައިވާ ހިތުގެ ވިންދު، އަދި ފިނިހޫނުމިނާއި، ހަޖަމުކުރުން ފަދަ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދެ ހޯރމޯން އެއް ދޫކުރެއެވެ. އެއީ ތައިރޮކްސިން ހޯރމޯން(T4) އަދި ޓްރައިއަޔޯޑޯތައިރޮނިން ހޯރމޯން(T3) އެވެ.


ތައިރޮއިޑް ދުޅަވުގެ ސަބަބުން ބައެއް ފަހަރު ތައިރޮއިޑް މަތިވުން އަނެއްބައި ފަހަރު ތައިރޮއިޑް ދަށްވުން ކުރިމަތިވެދާނެ އެވެ.

ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތައް އާންމު ގޮތެއްގައި 3 މަރުހަލާއަކަށް ބެހިގެން ގޮސްފައި ވެއެވެ.

(ހ) ތައިރޯޓޮކްސިކް މަރުހަލާ (thyrotoxic phase): މިމަރުހަލާގައި ތައިރޮއިޑް ދުޅަވެ، މާގިނައިން ތައިރޮއިޑް ގްލޭންޑް އިން ހޯރމޯން ދޫކޮށްފާނެ އެވެ. އަދި ވަގުތީ ގޮތުން ތައިރޮއިޑް މަތިވުން ކުރިމަތިކުރުވާނެ އެވެ.

(ށ) ހައިޕޯތައިރޮއިޑް މަރުހަލާ (hypothyroid phase): ދެތިން ހަފްތާއަށް ނުވަތަ މަހަށް ތައިރޮއިޑް ގްލޭންޑް އިން މާގިނައިން ތައިރޮއިޑް ހޯރމޯން ދޫކުރުމުން ތައިރޮއިޑް ގްލޭންޑް ގައި އިތުރަށް ދޫކުރާނެ ތައިރޮއިޑް ހޯރމޯން އެއް އެކަށޭނަ ވަރަކަށް ނުހުރެއެވެ. މިގޮތަށް ތައިރޮއިޑް ހޯރމޯން ދޫކުރުން މަދުވުމުން ތައިރޮއިޑް ދަށްވުން ކުރިމަތި ކުރުވައެވެ. ހަޝިމޮޓޮސް ތައިރޮއިޑައިޓިސް އަދި ރޭޑިޔޭޝަންގެ ސަބަބުން ކުރިމަތިވާ ތައިރޮއިޑް ދުޅަވުން ދާއިމީ ގޮތެއްގައި ދެމިހުންނަނީ ހައިޕޯތައިރޮއިޑް މަރުހަލާ ގައެވެ.

(ނ) ޔޫތައިރޮއިޑް މަރުހަލާ (euthyroid phase): މިމަރުހަލާގައި އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުންނާނީ ރަނގަޅަށެވެ. މާނައަކީ ތައިރޮއިޑް ދަށްވުން ނޫނީ ތައިރޮއިޑް މަތިވުން ވެސް ކުރިމައްޗެއް ނުވާނެ އެވެ. މިމަރުހަލާ ތައިރޮއޑް މަތިވުން ކުރިމަތިވުމަށްފަހު ތައިރޮއިޑް ދަށްވުން ކުރިމަތިވުމުގެ ކުރިން އެދެމެދުގެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ އެވެ.

ސަބަބު

ތައިރޮއިޑް ދުޅަވުން ކުރިމަތިވަނީ ތައިރޮއިޑް އަށް ކުރިމަތިވާ ކަމެއްގެ ސަބަބުން ތައިރޮއިޑް ގްލޭންޑް ދުޅަވެ، އިންފްލެމޭޝަން ހެދި، ތައިރޮއިޑް ސެލް ތަކަށް ގެއްލުންވުމުންނެވެ. ތައިރޮއިޑްގެ ވައްތަރަށް ރިޢާޔަތްކޮށް ތައިރޮއިޑް ދުޅަވުން ކުރިމަތިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ.

ތައިރޮއިޑް ދުޅަވުން ކުރިމަތިކުރުވާ އެންމެ އާންމު ކަމަކީ އުޓޯއިމިޔޫން ޑިޒީޒް ކުރިމަތިވުމެވެ. އުޓޯއިމިޔޫން ޑިޒީޒް ތަކަކީ އަމިއްލަ ހަށިގަނޑުގެ ދިފާޢީ ނިޒާމް އަމިއްލަ ހަށިގަނޑާއި ދެކޮޅަށް މަސައްކަތްކޮށް ހަމަލާދިނުމުން ފެންމަތިވާ ބަލިތަކެކެވެ. އެގޮތުން ތައިރޮއިޑް ދުޅަވުން އެންމެ ގިނައިން ކުރިމަތިވަނީ ދިފާޢީ ނިޒާމުގައި ހިމެނޭ ހަށިދަމަނަތަކުން ތައިރޮއިޑް ގްލޭންޑް އަށް ނުވަތަ ތައިރޮއިޑް ސެލްތަކަށް ހަމަލާދިނުމުންނެވެ.

ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތަކާ އޭގެ ސަބަބުތައް ތައިރޮއިޑް ދުޅަވުމުގެ ވައްތަރު މިބައިގައި ލިޔެފައިވާނެ އެވެ.

ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތައް

ތައިރޮއިޑް ދުޅަވުމުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ވައްތަރުތައް ތިރީގައި މިވަނީ އެވެ.

(ހ) ހަޝިމޮޓޮސް ތައިރޮއިޑައިޓިސް (Hashimoto’s Thyroiditis): މިއީ ތައިރޮއިޑް ގްލޭންޑަށް ޖެހޭ އުޓޯއިމިއޫން ބައްޔެކެވެ. ބައެއް ފަހަރު މިބައްޔަށް ކްރޯނިކް ލިމްފޯސައިޓިކް ތައިރޮއިޑައިޓިސް މިހެން ވެސް ކިޔައި އުޅެއެވެ. އާންމު ގޮތެއްގައި މިބަލި ކުރިމަތިވަނީ ތައިރޮއިޑް ގްލޭންޑް އާއި ދެކޮޅަށް ދިފާޢީ ނިޒާމުން ހަމަލާދޭ ނުވަތަ މަސައްކަތްކުރާ ހަށިދަމަނަ ( antithyroid antibodies) ތަކުގެ ސަބަބުންނެވެ. ތައިރޮއިޑް ދުޅަވުމުގެ އެންމެ އާންމު ސަބަބަކީ އަދި އެންމެ އާންމު ވައްތަރަކީ ވެސް މިއީ އެވެ. މީގެ އިތުރުން ތައިރޮއިޑް ދަށްވުން ކުރިމަތިކުރުވާ އެންމެ އާންމު ސަބަބަކީ ވެސް މިއީ އެވެ. 

ވައްތަރު : ހަޝިމޮޓޯސް ތައިރޮއިޑައިޓިސް

ސަބަބު : އެންޓިތައިރޮއިޑް އެންޓިބޮޑީޒް ތައިރޮއިޑް ގްލޭންޑް އަށް ހަމަލާދިނުން

އަލާމާތްތައް : ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް

ކުރިއެރުން : ތައިރޮއިޑް ދަށްވުން ދާއިމަށް ހުންނާނެ! އެކަމަކު ފަރުވާކުރެވިދާނެ!

(ށ) ތަދުނުވެ ތައިރޮއިޑް ދުޅަވުން ނޫނީ ސައިލެންޓް ތައިރޮއިޑައިޓިސް (Painless Thyroiditis): ތަދު ނުވަތަ ރިހުމެއް އިހުސާސެއްނުވެ ތައިރޮއިޑް ގްލޭންޑް ދުޅަވުމަކީ ވެސް ތައިރޮއިޑް ގްލޭންޑް އާއި ދެކޮޅަށް ދިފާޢީ ނިޒާމުން މަސައްކަތްކުރާ ހަށިދަމަނަ ( antithyroid antibodies) ތަކުގެ ސަބަބުން ކުރިމަތިވާ އުޓޯއިމިއޫން ބައްޔެކެވެ.

ވައްތަރު : ސައިލެންޓް ތައިރޮއިޑައިޓިސް

ސަބަބު : އެންޓިތައިރޮއިޑް އެންޓިބޮޑީޒް ތައިރޮއިޑް ގްލޭންޑް އަށް ހަމަލާދިނުން

އަލާމާތްތައް : ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ފެނިފައި ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް ފެނުން

ކުރިއެރުން : އަލާމާތްތައް 18-12 މަހާއި ދެމެދުގެ މުއްދަތެއްގައި ފިލައިދޭ! ތައިރޮއިޑް ދަށްވުން ދާއިމަށް ހުންނާނެ! އެކަމަކު ފަރުވާކުރެވިދާނެ!

(ނ) ވިހެއުމަށްފަހު ތައިރޮއިޑް ދުޅަވުން (Postpartum Thyroiditis): ވަރަށް މަދުން ކުރިމަތިވާ މިބައްޔަކީ ވެސް ތައިރޮއިޑް ގްލޭންޑް އާއި ދެކޮޅަށް މަސައްކަތްކުރާ ހަށިދަމަނަ ( antithyroid antibodies) ތަކުގެ ސަބަބުން ކުރިމަތިވާ އުޓޯއިމިއޫން ބައްޔެކެވެ. އާންމު ގޮތެއްގައި މިމައްސަލަ ކުރިމަތިވަނީ ވިހެއުމަށްފަހު އަންނަ އަހަރެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.

ވައްތަރު : ޕޯސްޓްޕާރޓަމް ތައިރޮއިޑައިޓިސް

ސަބަބު : ވިހެއުމަށްފަހު އެންޓިތައިރޮއިޑް އެންޓިބޮޑީޒް ތައިރޮއިޑް ގްލޭންޑް އަށް ހަމަލާދިނުން

އަލާމާތްތައް : ވިހެއުމަށްފަހު 3-1 މަހާއި ދެމެދުގެ މުއްދަތަކަށް ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ފެނިފައި، ވިހެއުމަށްފަހު 8-4 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް ފެންނަށް ފެށުން!

ކުރިއެރުން: އަލާމާތްތައް 18-12 މަހާއި ދެމެދުގެ މުއްދަތެއްގައި ފިލައިދޭ! ތައިރޮއިޑް ދަށްވުން ދާއިމަށް ހުންނާނެ! އެކަމަކު ފަރުވާކުރެވިދާނެ!

(ރ) ރޭޑިއޭޝަންގެ ސަބަބުން ތައިރޮއިޑް ދުޅަވުން (Radiation induced Thyroiditis): މިއީ ބައެއް ކަހަލަ ކެންސަރުތަކުގެ ފަރުވާގައި ދެވޭ ރޭޑިއޭޝަން ތެރަޕީގެ ތެރެއިން ރޭޑިއޭޝަނަށް ހުށަހެޅުމުގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ. ތައިރޮއިޑް ގެ މަސައްކަތް މަތިވުމުން އޭގެ ފަރުވާގައި ރޭޑިއޯއެކްޓިވް އަޔޮޑިން ބޭނުންކުރުމުގެ ސަބަބުން ވެސް މިގޮތަށް ތައިރޮއިޑް ގްލޭންޑް ދުޅަވެދާނެ އެވެ.

ވައްތަރު : ރޭޑިއޭޝަން އިންޑިއުސްޑް ތައިރޮއިޑައިޓިސް

ސަބަބު : ތައިރޮއިޑް މަތިވުމުން ދޭ ފަރުވާގައި ރޭޑިއޯ އެކްޓިވް އަޔޮޑިން ނެގުން ، ނޫނީ ކެންސަރުގެ ފަރުވާގައި ރޭޑިއޭޝަންގެ ފަރުވާ ނެގުން

އަލާމާތްތައް : ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް

ކުރިއެރުން : ތައިރޮއިޑް މަތިވުމުން ރަނގަޅުވެ، އަނެއްކާ ވެސް ކުރިމަތިވެދާނެ! ތައިރޮއިޑް ދަށްވުމުން ދާއިމަށް ހުރެދާނެ! އެކަމަކު ފަރުވާ ކުރެވިދާނެ!

(ބ) ސަބްއެކިއުޓް ތައިރޮއިޑައިޓިސް (Subacute Thyroiditis): ވަރަށް ރިހުން ހުންނަ މިހާލަތް ގިނަ ފަހަރު ކުރިމަތިވަނީ ވައިރަސް އެއްގެ ސަބަބުން މިސާލަކަށް އަރިދަފުސް ރޯގާ ފަދަ އިންފެކްޝަން ތައް ޖެހުމަށްފަހުގައެވެ.

ވައްތަރު : ސަބްއެކިއުޓް ތައިރޮއިޑައިޓިސް

ސަބަބު : ވައިރަލް އެއްގެ ސަބަބުން ޖެހޭ އިންފެކްޝަން

އަލާމާތްތައް : ތައިރޮއިޑްގައި ރިހުން، އެއަށްފަހު ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ، އަދި އެއާއި ވިދިގެން ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް

ކުރިއެރުން : އަލާމާތްތަކަށް ދެތިން މަސް ތެރޭގައި ލުއިކަން ލިބޭނެ! ވަރަށް މަދު ފަހަރަކު ތައިރޮއިޑް ދަށްވުން ދެމިހުރެދާނެ! އެކަމަކު ފަރުވާކުރެވޭނެ!

(ޅ) އިންފެކްޝަންގެ ސަބަބުން ތައިރޮއިޑް ދުޅަވުން، ނޫނީ އެކިއުޓް ތައިރޮއިޑައިޓިސް (Infectious Thyroiditis): މިއީ ކޮންމެވެސް ކަހަލަ ބެކްޓީރިޔާއެއް ނޫނީ ޖަރާސީމެއްގެ ސަބަބުން ތައިރޮއިޑް ގްލޭންޑް ދުޅަވުމެވެ. މިއީ ވެސް ވަރަށް މަދުން ދިމާވާ ހާލަތެކެވެ.

ވައްތަރު : އެކިއުޓް ތައިރޮއިޑައިޓިސް / ސަޕިއުރޭޓިވް ތައިރޮއިޑައިޓިސް

ސަބަބު : ބެކްޓީރިޔާ އެއް ނޫނީ އެހެން ޖަރާސީމެއްގެ ސަބަބުން އުފެދޭ އިންފެކްޝަން

އަލާމާތްތައް : ތައިރޮއިޑް ގައި ރިހުން، އާދައިގެ އިންފެކްޝަންގެ އުދަނގޫތައް ފެނިފައި، ތައިރޮއިޑް ދަށްވުމުގެ އުދަނގޫތައް ފެނުން

ކުރިއެރުން : އިންފެކްޝަން އަށް ފަރުވާކުރުމުން ބަލީގެ އުދަނގޫތައް ލުއިވެގެންދޭ!

(ކ) ބޭހެއްގެ ސަބަބުން ތައިރޮއިޑް ދުޅަވުން (Drug induced Thyroiditis): މިއީ ބައެއް ކަހަލަ ބޭސްތައް މިސާލަކަށް "އެމިއެޑެރޯން"، "ލިތިއަމް"، "އިންޓަފީރޯން" އަދި " ސައިޓޯކައިން" ފަދަ ބޭސް ތައް ބޭނުންކުރުމުން ތައިރޮއިޑް ގްލޭންޑް ދުޅަވުން ކުރިމަތިވުމެވެ. އާންމު ގޮތެއްގައި މިގޮތަށް ދިމާވަނީ މިފަދަ ބޭސްތައް ބޭނުންކުރާ މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކަށެވެ.

ވައްތަރު : ޑްރަގް އިންޑިއުސްޑް ތައިރޮއިޑައިޓިސް

ސަބަބު : އެމިއެޑެރޯން، ލިތިއަމް، އިންޓަފީރޯން ފަދަ ބޭސްތައް ބޭނުންކުރުން

އަލާމާތްތައް : ތައިރޮއިޑް ދަށްވުން ނޫނީ ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ފެންނާނެ!

ކުރިއެރުން : ބޭސް ކާހައި ދުވަހަކު އުދަނގޫތައް ދެމިހުންނާނެ!

(އ) ރީޑެލް ތައިރޮއިޑައިޓިސް (Riedel Thyroiditis): މިއީ ތައިރޮއިޑް ގްލޭންޑް ދާއިމީ ސިފައެއްގައި ދުޅަވެ، ތައިރޮއިޑް ގްލޭންޑް ލަކުނުލުން ކުރިމަތި ކުރުވާ ވަރަށް ނާދިރު ބައްޔެކެވެ.  

ތައިރޮއިޑް ދުޅަވުން ކުރިމަތިވުމުގެ ފުރުޞަތު ބޮޑު މީހުން

ތައިރޮއިޑް ދުޅަވުން ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ އެވެ. ނަމަވެސް އާންމުކޮށް ކުރިމަތިވަނީ ބޮޑެތި މީހުންގެ ތެރެއިން ވެސް އަންހެނުންނަށް ކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ހަޝިމޮޓޮސް ތައިރޮއިޑައިޓިސް ފަދަ ވައްތަރުތައް ކުރިމަތިވުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ އަންހެނުންނަށް 10 ގުނަ އިތުރުކަން ފާހަގަ ކުރެވެއެވެ. ޚާއްޞަގޮތެއްގައި މިވައްތަރު ކުރިމަތިވަނީ އުމުރުން 50-30 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ. ދެވަނަ އަށް އެންމެ އާންމު ތަދުނުވެ ކުރިމަތިވާ ތައިރޮއިޑް ދުޅަވުން ވެސް ބޮޑަށް އާންމީ އަންހެނުންގެ ތެރޭގައި ކަން ފާހަގަ ކުރެވެއެވެ.

އަލާމާތްތައް

ތައިރޮއިޑް ދުޅަވުމުގެ އަލާމާތްތައް ބަރޯސާވަނީ ތައިރޮއިޑް ދުޅަވުމުގެ ވައްތަރާއި، އެހުރި މަރުހަލާއެއްގެ މައްޗަށެވެ. ތައިރޮއިޑް ދުޅަވުމުގެ ގިނަ ވައްތަރުތަކުގައި ތައިރޮއިޑް މަތިވުމުން ފެންނަ އަލާމާތްތަކަށްފަހު، ތައިރޮއިޑް ދަށްވުމުން ފެންނަ އަލާމާތްތައް ފާހަގަވާން ފަށައެވެ.

އާންމު ގޮތެއްގައި ސަބްއެކިއުޓް ތައިރޮއިޑައިޓިސް އަދި އިންފެކްޝަންގެ ސަބަބުން ކުރިމަތިވާ ތައިރޮއިޑް ދުޅަވުމުން ތައިރޮއިޑް ހުންނަ ހިސާބުގައި ރިހުން އުފައްދައެވެ. ތައިރޮއިޑް ދުޅަވާ ބައެއް މީހުންނަށް ތައިރޮއިޑް ގްލޭންޑް ދުޅަވެ އޭގެ ސައިޒުން ބޮޑުވެ، "ގޮއިޓަރ" ކުރިމަތި ކުރުވައެވެ.

ތައިރޮއިޑް މަތިވުމުން ފެންނަ އަލާމާތްތައް

އާންމު ގޮތެއްގައި ތައިރޮއިޑް ދުޅަވެ ކުރިމަތިވާ ތައިރޯޓޮކްސިކް މަރުހަލާ ދެމިހުންނަނީ ގާތްގަނޑަކަށް 3-1 މަހާއި ދެމެދުގެ މުއްދަތަކަށެވެ. ތައިރޮއިޑް ސެލްތައް ހަލާކުވެ، އެއިން ތައިރޮއިޑް ހޯރމޯންތައް ގިނައިން ދޫކުރަން ފެށުމުން ނޫނީ އުފެއްދުމުން  "ހައިޕަތައިރޮއިޑިޒަމް"(hyperthyroidism) ގެ ޙާލަތު ކުރިމަތި ކުރުވައި، އޭގެ އަލާމާތްތައް ފެންނަށް ފަށައެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް ހިމެނެއެވެ.

·         ހިތުގެ ވިންދު އަވަސްވުން / މޭތެޅުން / ވިންދު ތަރުތީބުނުވުން

·         ކާހިތްވުން

·         ބަރުދަން ލުއިވުން

·         ރުޅިގަދަވުން / ނުތަނަވަސްވުން

·         ނިދަން އުދަނގޫވުން

·         މާބޮޑަށް ދާހިއްލުން

·         މާބޮޑަށް ހޫނުވުން / ހޫނުވުމުން އުދަނގޫވުން

·         ތުރުތުރުއެޅުން

ތައިރޮއިޑް ދަށްވުމުން ފެންނަ އަލާމާތްތައް

އާންމު ގޮތެއްގައި ތައިރޮއިޑް ދުޅަވުމުން ކުރިމަތިވާ ހައިޕޯތައިރޮއިޑް މަރުހަލާ ގިނަ ދުވަހަށް ނޫނީ ދާއިމަށް ދެމިހުރެއެވެ. އާދަޔާ ޚިލާފަށް މަދުން ތައިރޮއިޑް ހޯރމޯން އުފެއްދުމުން "ހައިޕޮތައިރޮއިޑިޒިމް"(hypothyroidism) ގެ ޙާލަތު ކުރިމަތި ކުރުވައި، އޭގެ އަލާމާތްތައް ފެންނަށް ފަށައެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް ހިމެނެއެވެ.

·         ވަރުބަލިވުން

·         ބަރުދަން އިތުރުވުން

·         ބަނޑުހަރުވުން

·         މާޔޫސްވުން ނުވަތަ ޑިޕްރެޝަން ކުރިމަތިވުން

·         ހަންގަނޑު ހިކި ކުރަކިވުން

·         ފިނިވުމުން އުދަނގޫވުން

·         މަސްތަކުގެ ވަރުދެރަވުން

·         ހަދާންނެތުން

·         ކަންކަމަށް ސަމާލުކަން ދޭން ދަތިވުން

ދެނެގަތުން

ތައިރޮއިޑް ދުޅަވުން ހުރިކަން ދެނެގަތުމަށްޓަކައި ބަލިމީހާ ބަލާ ބެލުންތަކުގައި ތަފާތު ސުވާލުތައް ކޮށް މައުލޫމާތު އަހައި އޮޅުން ފިލުވައި ސާފުކުރާނެއެވެ. ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތަކާ ގުޅޭ ގޮތުން ސުވާލުކޮށް ހަދާނެއެވެ. މީގެ އިތުރުން ކަރުގައި ތައިރޮއިޑް ގްލޭންޑް ހުންނަ ހިސާބު ވެސް ބަލައި ހަދާނެއެވެ. ތައިރޮއިޑް ދުޅަވުން ފަދަ ކަމަކަށް ޝައްކު ކުރެވޭނަމަ އަންނަނިވި ޓެސްޓުތައް ހަދަން ޑޮކްޓަރުން ލަފާދޭނެ އެވެ.

(ހ) ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުން (thyroid function tests): މިއީ ސިކުނޑީގައިވާ ޕިޓުއިޓަރީ ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އާއި، ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯންތައް ލޭގައި ހުރި މިންވަރު ބެލުމަށް ހެދޭ ލޭގެ ޓެސްޓެކެވެ. ސިކުނޑީގައިވާ ޕިޓުއިޓަރީ ގްލޭންޑް އިން އުފައްދައި ދޫކުރާ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަކީ ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ބާރުއަޅާ ހޯރމޯން އެކެވެ.

(ށ) ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހެދުން (thyroid ultra sound scan): ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ތައިރޮއިޑް ގްލޭންޑްގެ އެނަޓަމީ ނުވަތަ އުފެދިފައި ހުރިނެތްގޮތް ދެނެގަނެވޭނެ އެވެ. އެގޮތުން ތައިރޮއިޑް ގްލޭންޑްގައި ނޮޑިއުލް އުފެދިފައިހުރުން، ތައިރޮއިޑް ގްލޭންޑް އަށް ލޭފޯރުވުން، އަދި ތައިރޮއިޑް ގްލޭންޑް ގެ ސައިޒަށް އައިސްފައިވާ ބަދަލުތައް ފަދަ ކަންތައްތައް ދެނެގަނެވޭނެ އެވެ.

(ނ) ތައިރޮއިޑް އެންޓިބޮޑީ ޓެސްޓުތައް (thyroid antibodies tests): ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހަދާ ޓެސްޓުގެ ނަތީޖާއަށް ބަލައި ބައެއް ފަހަރު ހަޝިމޮޓޮ'ސް ތައިރޮއިޑައިޓިސް އަދި ގްރޭވްސް ބަލި ފަދަ އުޓޯއިމިޔޫން ޑިސްއޯޑަރ އާއި ގުޅުންހުރި އެންޓިބޮޑީ އެއް ދެނެގަތުމަށް ލޭގެ އިތުރު ޓެސްޓެއް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. އެގޮތުން ދެނެގަންނަ އެންޓިބޮޑީ ތަކުގެ ތެރޭގައި "އެންޓިތައިރޮއިޑް އެންޓިބޮޑީޒް"(TPO) ، އަދި "ތައިރޮއިޑް ރިސެޕްޓަރ ސްޓިމިއުލޭޓިންގ އެންޓިބޮޑީޒް"(TRAb) ފަދަ ހަށިދަމަނަތައް ހިމެނެއެވެ. މިއީ ތައިރޮއިޑް ދުޅަވުން ކުރިމަތިވީ އުޓޯއިމިއޫން ބައްޔެއްގެ ސަބަބުން ނޫނީ ސަބަބަކާއި ހެދިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

(ރ) އެރިތްރޯސައިޓް ސެޑިމެންޓޭޝަން ރޭޓް ބެލުން (ESR): މިއީ ހަށިގަނޑުގައި އިންފްލެމޭޝަން އެއް ހުރިތޯ ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. އާންމު ގޮތެއްގައި ސަބްއެކިއުޓް ތައިރޮއިޑައިޓިސް ގައި އެރިތްރޯސައިޓް ސެޑިމެންޓޭޝަން ރޭޓް އަވަސްވާނެ އެވެ. ނޫނީ މަތިވާނެ އެވެ.

(ބ) ސީ-ރިއެކްޓިވް ޕްރޮޓީންގެ މިންވަރު ބެލުން (CRP): ސީ-ރިއެކްޓިވް ޕްރޮޓީން އަކީ ވެސް އިންފްލެމޭޝަންގެ އަސަރު ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. އާންމު ގޮތެއްގައި އެކިއުޓް އިންފެކްޝަސް ތައިރޮއިޑައިޓިސް ގައި ސީ ރިއެކްޓިވް ޕްރޮޓީން އާދަޔާ ޚިލާފަށް މައްޗަށްދާނެ އެވެ.

(ޅ) ރޭޑިޔޯއެކްޓިވް އަޔޮޑިން އަޕްޓޭކް ޓެސްޓް (RAIU test): މިޓެސްޓު ހެދުމަށްޓަކައި ރޭޑިޔޯ އެކްޓިވް އަޔޮޑިން ގެ ކުޑަ މިންވަރެއް ބަލިމީހާއަށް ދެވޭނެ އެވެ. އެއަށްފަހު ޚާއްޞަ ސްކޭނިންގ ޑިވައިސް އެއްގެ އެހީގައި ތައިރޮއިޑް ގްލޭންޑް އަށް ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގާ މިންވަރާއި، ނިސްބަތް ބެލޭނެއެވެ. އާންމު ގޮތެއްގައި ތައިރޮއިޑް ދުޅަވުމުން ކުރިމަތިވާ "ތައިރޯޓޮކްސިކް މަރުހަލާ" ގައި މިގޮތަށް ތައިރޮއިދް ގްލޭންޑް އަށް އަޔޮޑިން ނަގާ މިންވަރު ދަށްވެ، މަދުވާނެ އެވެ.

ފަރުވާ

ތައިރޮއިޑް ދުޅަވުމުގެ ފަރުވާ ބިނާވަނީ ތައިރޮއިޑް ދުޅަވުމުގެ ވައްތަރާއި، ކުރިމަތިވެފައިވާ އަލާމާތްތަކުގެ މައްޗަށެވެ.

ތައިރޮއިޑް ދުޅަވެ ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވާނަމަ ދެވޭ ފަރުވާ

ތައިރޮއިޑް ދުޅަވުމުގެ ސަބަބުން ކުރިމަތިވާ މަރުހަލާތަކުގެ ތެރެއިން "ތައިރޯޓޮކްސިކް މަރުހަލާ" ކުރިމަތިވެފައިވާނަމަ ފަރުވާގައި ބީޓާ ބްލޮކަރ ގުރޫޕްގެ ބޭސްތައް ބޭނުންކުރަންޖެހިދާނެ އެވެ. އެގޮތުން ބީޓާ ބްލޮކަރ ބޭނުންކުރުމުން ވިންދު އަވަސްވުމާއި، ތުރުތުރުއެޅުން ފަދަ އުނދަގޫތަކަށް ލުއިކަން ލިބެއެވެ. އުދަނގޫތަކަށް ލުއި ލިބުމުން ބޭސް ހުއްޓައިލައިފާނެއެވެ. ޚާއްޞަކޮށް ތައިރޯޓޮކްސިކް މަރުހަލާ އަކީ ކުރު މުއްދަތަކަށް ދެމިހުންނަ މަރުހަލާއަކަށް ވުމުން އެމަރުހަލާ ނިމުމުން އުދަނގޫތައް ވެސް ލުއިވެދާނެ އެވެ.

ތައިރޮއިޑް ދުޅަވެ ތައިރޮއިޑް ދަށްވުން ކުރިމަތިވެފައިވާނަމަ ދެވޭ ފަރުވާ

ތައިރޮއިޑް ދުޅަވެ އޭގެ ވައްތަރެއް ކަމުގައިވާ ހަޝިމޮޓޯސް ތައިރޮއިޑައިޓިސް ކުރިމަތިވެފައިވާނަމަ އެކަމުގެ ސަބަބުން ތައިރޮއިޑް ދަށްވުން ކުރިމަތިވެ، ފަރުވާގެ ގޮތުގައި ތައިރޮއިޑް ހޯރމޯން ނަގަންޖެހެއެވެ. ހަޝިމޮޓޯސް ތައިރޮއިޑައިޓިސް ގެ ސަބަބުން ތައިރޮއިޑް ދުޅަވިނަމަ، މުޅި އުމުރަށް ފަރުވާގެ ގޮތުގައި ތައިރޮއިޑް ހޯރމޯން ބޭނުންކުރަންޖެހޭނެ އެވެ. ސަބަބަކީ ހަޝިމޮޓޯސް ތައިރޮއިޑައިޓިސް އަކީ އާންމު ގޮތެއްގައި ދާއިމަށް ދެމިހުންނަ ކަމަކަށް ވާތީ އެވެ.

ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތަކުގެ ތެރެއިން ސަބްއެކިއުޓް ތައިރޮއިޑައިޓިސް، ތަދުނުވެ ތައިރޮއިޑް ދުޅަވުން، ވިހެއުމަށްފަހު ތައިރޮއިޑް ދުޅަވުން ކުރިމަތިވުން ފަދަ ހާލަތްތަކުގައި ތައިރޮއިޑް ދަށްވުން ކުރިމަތި ވެއެވެ. މިހާލަތްތަކުގައި ފަރުވާ ގެ ގޮތުގައި ތައިރޮއިޑް ހޯރމޯން ގާތްގަނޑަކަށް 12-6 މަހާއި ދެމެދުގެ މުއްދަތަކަށް ނަގަންޖެހިދާނެ އެވެ. އަދި މިފަދަ ހާލަތްތަކުގައި ބޭސް ހުއްޓާލާނީ މަޑުމަޑުން ހުއްޓަމުން މަދުކުރަމުން ގޮހެވެ. މިގޮތަށް ހެދުމުގެ ބޭނުމަކީ ތައިރޮއިޑް ދަށްވުން ދާއިމީ ސިފައެއްގައި ކުރިމަތިވެފައިވޭތޯ ބެލުމެވެ.

ތައިރޮއިޑް ދަށްވުން ވަރަށް އާދައިގެ މިންވަރަކަށް ކުރިމަތިވި ނަމަ އެއްވެސް ބޭހެއް ބޭނުންކުރާކަން ނުޖެހޭނެ އެވެ.

ތައިރޮއިޑް ދުޅަވުމުން ދެވޭ އެހެނިހެން ފަރުވާތައް

ތައިރޮއިޑް ދުޅަވުން ކުރިމަތިވީ އިންފެކްޝަން އެއްގެ ސަބަބުން ކަމުގައިވާނަމަ އިންފެކްޝަނަށް ފަރުވާކުރުމަށް އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭނެ އެވެ. ތައިރޮއިޑް ގްލޭންޑްގައި މުލިހި ފާޑުގެ އެއްޗެއް އުފެދިއްޖެނަމަ ސިރިންޖް ކައްޓަކުން ދޮސްތަކާއި ހަޑި ފެންތައް ނެރެ ސާފުކުރަންޖެހޭނެ އެވެ. އަދި އެގޮތުން ނެގޭ ދޮސް ފަދަ ތަކެތި ބަޔޮޕްސީ ހެދުމަށް ބޭނުންކުރެވޭނެ އެވެ.

ބޭހުގެ ސަބަބުން ތައިރޮއިޑް ދުޅަވުން ކުރިމަތިވިނަމަ ބޭސް ހުއްޓާލަންދެން ތައިރޮއިޑް ދުޅަވުމުގެ މައްސަލަ ދެމިހުންނާނެ އެވެ. އެހާލަތުގައި ޑޮކްޓަރުން ބޭސް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ ތައިރޮއިޑް ދުޅަވުން މެދުވެރި ކުރުވާ ބޭސް ކަމުންދާ ދުވަސްވަރު އެއާއެކު ތައިރޮއިޑް ހޯރމޯން ނެގުމަށް ލަފާދީފާނެ އެވެ.

ތައިރޮއިޑް ދުޅަވުމުން ކުރިމަތިވާ ރިހުމާއި ތަދު ކުޑަކުރުމަށް ތަދުކަނޑުވާ ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ. ވަރަށް ގަދަޔަށް ރިހުން ހުންނަ ހާލަތްތަކުގައި ފަރުވާގެ ގޮތުގައި ސްޓީރޮއިޑް ވެސް ބޭނުންކުރަން ޖެހިދާނެ އެވެ. ރީޑެލް ތައިރޮއިޑައިޓިސް ކުރިމަތިވެފައިވާނަމަ އޮޕަރޭޝަން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ހަވާލާ

·         https://my.clevelandclinic.org/health/diseases/15455-thyroiditis

·         https://familydoctor.org/condition/thyroiditis

·         https://www.webmd.com/a-to-z-guides/what-is-thyroiditis

 

  

ތައިރޮއިޑް ނޮޑިއުލް (ތައިރޮއިޑްގައި ގަނޑުލުން)

 

ތައިރޮއިޑް ނޮޑިއުލް (ތައިރޮއިޑް ގްލޭންޑްގައި ގަނޑުލުން)

ތައިރޮޑް ނޮޑިއުލް(thyroid nodule) އަކީ ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ކުދި ދުޅައެކެވެ. ނުވަތަ ތައިރޮއިޑް ގްލޭންޑްގައި ލާ ގަނޑެކެވެ. ތައިރޮއިޑް ނޮޑިއުލްސް އަކީ ތައިރޮއިޑް ގްލޭންޑްގެ ތެރޭގައިވާ ދިރުތައް(thyroid cells) އާދަޔާ ޚިލާފަށް ހެދިބޮޑުވުމުން(unusual growth)އުފެދޭ ހަރު ނުވަތަ ދިޔައިން-ފުރިފައިވާ ލަމްޕް(lump) ތަކެކެވެ. ނުވަތަ ދުޅަތަކެކެވެ. ނޫނީ ގަނޑުތަކެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯން ތަކަކީ ހަށިގަނޑުގެ މުހިއްމު މަސައްކަތްތައް ކަމުގައިވާ ހިތުގެ ވިންދު، އަދި ފިނިހޫނުމިނާއި، ހަޖަމުކުރުން ފަދަ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ.

އާންމު ގޮތެއްގައި މިގޮތަށް ތައިރޮއިޑް ގްލޭންޑްގައި ލާ ކުދި ދުޅައަށް “ނޮޑިއުލްސް”(nodules) އޭކިޔެއެވެ. (ޑރ މުހައްމަދު ޝިފާން، 2021). މިފަދަ ގިނަ ނޮޑިއުލްސް އަކީ ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް އުފެދޭ މިފަދަ ނޮޑިއުލްގެ 20 އެތިކޮޅު ގެ ތެރެއިން 3-2 ނޮޑިއުލްސް އަކީ ކެންސަރ އެވެ (ޑރ މުހައްމަދު ޝިފާން، 2021). އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ނޮޑިއުލް ތަކުގެ ތެރެއިން ކެންސަރަށް ބަދަލުވަނީ އެންމެ %5 ނޮޑިއުލް އެވެ. ބައެއްފަހަރު މިފަދަ ނޮޑިއުލް ތަކުން އިތުރަށް ތައިރޮއިޑް ހޯމޯން އުފައްދައެވެ. މިފަދަ ހޯމޯން އިތުރަށް އުފައްދާ ނޮޑިއުލް ތަކަކީ ގިނަފަހަރު ނުރައްކާތެރި އެއްޗެއްނޫނެވެ. (ޑރ މުހައްމަދު ޝިފާން، 2021).


މިފަދަ ގަނޑުކޮޅުތަކަކީ ކޮންމެ އުމުރެއްގައިވެސް އަތުވެދާނެއެއްޗެކެވެ. ނަމަވެސް އެންމެ އާންމުކޮށް ފެންނާނީ އުމުރުން ދުވަސް ވާވަރަކަށެވެ. ގިނަފަހަރު މިފަދަ ނޮޑިއުލް ތަކަކީ އަތުން އަތް ލައިގެން ބަލާއިރު އަތުގަޖެހޭ އެއްޗެއް ނޫނެވެ. ނަމަވެސް އަލްޓަރާ ސައުންޑް ސްކޭންފަދަ ވަސީލަތަކުން މިފަދަ ކުދި ނޮޑިއުލްސް ފެންނާނެއެވެ. (ޑރ މުހައްމަދު ޝިފާން، 2021). ނޫނީ ގިނަ ފަހަރު މިފަދަ ނޮޑިއުލް ފާހަގަ ކުރެވޭނީ ކޮންމެވެސް ކަމެއްގައި ޑޮކްޓަރަކަށް ދެއްކުމުން ޑޮކްޓަރު ބަލާ ބެލުންތަކުގެ ތެރެއިންނެވެ. ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ މިފަދަ ކުދި ދުޅަތައް ނުވަތަ ނޮޑިއުލް ތައް ބައެއް ފަހަރު ބޮޑުވެ، ބޭރުފުށުން ފެންނަ ވަރަށް ފާހަގަވެއެވެ. އަދި މިގޮތަށް ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ދުޅަ ބޮޑުވުމުން ނޭވާލާން އުނދަގޫވުން، ނޫނީ ކާތަކެތި ދިރުވަން އުދަނގޫވުން ފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

ސަބަބު

ތައިރޮއިޑް ސެލްތައް އާދަޔާ ޚިލާފަށް ހެދިބޮޑުވާން ފެށުމުން ތައިރޮއިޑް ގްލޭންޑްގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ ނޮޑިއުލް ތައް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. ތައިރޮއިޑް ނޮޑިއުލް އުފެދެނީ ކީއްވެގެންކަން ސީދާ ގޮތެއްގައި ބުނެދޭކަން ނޭނގެއެވެ. ނަމަވެސް ތައިރޮއިޑް ގްލޭންޑް ގައި ނޮޑިއުލް އުފެދުމަށް ދިމާވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި އަންނަނިވި ސަބަބުތައް ހިމެނެއެވެ.

(ހ) ތަބީއީކޮށް ހުންނަވަރަށް ވުރެ ބޮޑަށް ތައިރޮއިޑް ސެލޯށި ހެދިބޮޑުވުން(overgrowth of thyroid tissue): އާންމުކޮށް ތަބީޢީ ސިފައެއްގައި ތައިރޮއިޑް ގްލޭންޑް ނުވަތަ ތައިރޮއިޑް ސެލޯށި އުފެދިފައި ހުންނަ މިންވަރަށްވުރެ ބޮޑަށް ހެދިބޮޑުވުމަށް "(overgrowth) ތައިރޮއިޑް އެޑިނޯމާ"(thyroid adenoma) އޭ ކިޔައެވެ. ތައިރޮއިޑް އެޑިނޯމާ އަކީ ކެންސަރެއް ނޫނެވެ. އޭގެ ސައިޒަށް ރިޢާޔަތްކޮށް، މާބޮޑު އުދަނގޫތަކެއް ނުވާނަމަ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. ބައެއް ފަހަރު ތައިރޮއިޑް އެޑިނޯމާ ގެ ސަބަބުން ހައިޕަތައިރޮއިޑިޒިމް ކުރިމަތި ކުރުވައެވެ. މިހާލަތުގައި އުފެދޭ ނޮޑިއުލް އަށް "ކޮލޮއިޑް ނޮޑިއުލް"(colloid nodules) އޭ ވެސް ކިޔައެވެ.

(ށ) ތައިރޮއިޑް ގްލޭންޑް ގައި ސިސްޓް އުފެދުން (thyroid cyst):ދިޔައިން-ފުރިފައިވާ ހުސްޖާގަ (ސިސްޓް) ތައް އެންމެ އާންމުކޮށް އުފެދެނީ ޑިޖެނެރޭޓިންގ ތައިރޮއިޑް އެޑިނޯމާގެ ސަބަބުންނެވެ. އާންމު ގޮތެއްގައި ތައިރޮއިޑް ސިސްޓް އަކީ ކެންސަރަށް ބަދަލުވާ އެއްޗެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު ސިސްޓް ގައި "ސޮލިޑް ކޮމްޕޮނަންޓް" އެކުލެވޭނަމަ ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު އޮވެއެވެ.

(ނ) ދާއިމީ ސިފައެއްގައި ތައިރޮއިޑް ގްލޭންޑް ދުޅަވުން  (Chronic inflammation of thyroid gland): "ހަޝިމޮޓޮސް ޑިޒީޒް"(Hashimoto’s disease) ފަދަ ދާއިމީ ސިފައެއްގައި ތައިރޮއިޑް ގްލޭންޑް ދާއިމީ ސިފައެއްގައި ދުޅަވާ ބަލިތަކުގައި އާދަޔާ ޚިލާފަށް ބޮޑެތި ތައިރޮއިޑް ނޮޑިއުލް (ގަނޑު) އުފެދޭގޮތް ދިމާވެއެވެ. އާންމު ގޮތެއްގައި މިގޮތަށް ދިމާވަނީ "ހައިޕޮތައިރޮއިޑިޒިމް" ގެ ހާލަތުގައިކަން ވެސް ފާހަގަ ކުރެވެއެވެ. މިހާލަތުގައި އުފެދޭ ނޮޑިއުލް އަށް "އިންފްލެމޭޓަރި ނޮޑިއުލް"(Inflammatory nodules) އޭ ވެސް ކިޔައެވެ.

(ރ) ބައިވަރު ނޮޑިއުލްތައް-ހުރި ގޮއިޓަރު (ތައިރޮއިޑް ގްލޭންޑްގައި) އުފެދުން (multinodular goiter): ގޮއިޓަރ މިލަފުޒު ބޭނުންކުރެވެނީ ތައިރޮއިޑް ގްލޭންޑްގެ މައްސަލައަކާއި ހުރެ، ނޫނީ އަޔޮޑިން މަދުވުމުގެ ސަބަބުން ފަދަ ކަމަކާހުރެ، ތައިރޮއިޑް ގްލޭންޑް ހުންނަންޖެހޭ މިނަށްވުރެ ބޮޑުވުން(thyroid enlargement)  ސިފަކުރުމަށެވެ. ބައެއް ފަހަރު މިގޮތަށް އާދަޔާ ޚިލާފަށް ހުންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެފައި ހުންނަ ތައިރޮއިޑް ގްލޭންޑް ގައި ބައިވަރު ނޮޑިއުލްތައް އުފެދިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ފަހަރު މިނޮޑިއުލް ތަކަކަކީ ކެންސަރަށް ބަދަލުވާނެ އެއްޗެއް ނޫނެވެ.

(ބ) ތައިރޮއިޑް ގްލޭންޑްގެ ކެންސަރު (thyroid cancer): ތައިރޮއިޑް ގްލޭންޑްގައި އުފެދޭ ނޮޑިއުލްތައް ކެންސަރަށް ވުމުގެ ފުރުޞަތު ނިސްބަތުން ކުޑައެވެ. ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ މިފަދަ ނޮޑިއުލްގެ (ގަނޑު ނޫނީ ދުޅައިގެ) 20 އެތިކޮޅު ގެ ތެރެއިން 3-2 ނޮޑިއުލްސް އަކީ ކެންސަރ އެވެ. (ޑރ މުހައްމަދު ޝިފާން، 2021). އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ނޮޑިއުލް ތަކުގެ ތެރެއިން ކެންސަރަށް ބަދަލުވަނީ އެންމެ %5 ނޮޑިއުލް އެވެ. ނަމަވެސް ތަންކޮޅެއް ބޮޑުކޮށް، ހަރުކޮށް ހުންނަ، ނޫނީ އެގަނޑުގެ ސަބަބުން ރިހުން ނޫނީ އުދަނގޫ ކުރިމަތިކުރުވާ ނޮޑިއުލް ތަކަށް ވަކިން ސަމާލުވާން ޖެހެއެވެ. އެފަދަ ދުޅައެއް ނަގައިފިނަމަ ނޫނީ ގަނޑެއް ލައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

ތައިރޮއިޑް ގްލޭންޑް ގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަންތައްތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި އާއިލާގެ ތެރޭގައި ތައިރޮއިޑް ކެންސަރު ޖެހިފައިވާ މީހަކު ހުރުން، ފަރުވާއެއްގެ ތެރޭގައި ރޭޑިއޭޝަނަށް ހުށަހެޅުން، ނޫނީ ނިއުކްލިއަރ ކެމިކަލް ލީކުވުމުގެ ތެރޭގައި އެއަށް ހުށަހެޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ޅ) އަޔޮޑިން މަދުވުން (iodine deficiency): ކެއުމުގެ ތެރެއިން ހަށިގަނޑަށް އަޔޮޑިން ލިބުން މަދުވުމަކީ ތައިރޮއިޑް ގްލޭންޑް ގައި ނޮޑިއުލް އުފެދުމަށް މެދުވެރިވާ ސަބަބެކެވެ. މިހާރު އާންމުކޮށް ބާޒާރުން ލިބެން ހުންނަ މޭޒުމަތީ ލޮނުގައި އަޔޮޑިން ހިމަނާފައި ހުންނާތީ އަޔޮޑިން ލިބުން މަދުވުން ކުރިމަތިވުމަކީ ވަރަށް ނާދިރު ކަމެކެވެ.

(ކ) އާޢިލާގެ މެންބަރެއްގެ ކިބައިން ތައިރޮއިޑް ނޮޑިއުލް ކުރިން ފެނިފައިވުން : ކުރިން އާއިލާގެ މެންބަރުންގެ ތެރެއިން މީހެއްގެ ތައިރޮއިޑް ގްލޭންޑް ގައި ނޮޑިއުލް އުފެދިފައިވުމަކީ އެމީހެއްގެ ތައިރޮއިޑް ގްލޭންޑްގައި ނޮޑިއުލް އުފެދުމުގެ ހިރާސް އިތުރުކޮށްފާނެ ކަމެކެވެ.

(އ) އުމުރު : އުމުރުން ދުވަސްވާވަރަކަށް ތައިރޮއިޑް ނޮޑިއުލް އުފެދުމުގެ ހިރާސް އިތުރުވެއެވެ.

(ވ) ޖިންސް : ފިރިހެނުންނަށްވުރެ ތައިރޮއިޑް ނޮޑިއުލް އުފެދުމުގެ ފުރުޞަތު އަންހެނުންނަށް އިތުރުކަން ފާހަގަ ކުރެވެއެވެ.

(މ) ރޭޑިއޭޝަނަށް ހުށަހެޅުން : ކަރުންމަތީގެ ބަލިތަކަށް ފަރުވާގެ ގޮތުގައި ރޭޑިއޭޝަން ނެގުމަކީ ތައިރޮއިޑް ނޮޑިއުލް އުފެދުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

ކެންސަރުގެ އަސަރު ހުންނަ ތައިރޮއިޑް ނޮޑިއުލް އުފެދުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި

·         އާއިލާގެ މެންބަރަކަށް ތައިރޮއިޑް ކެންސަރު ކުރިން ޖެހިފައިވުން

·         ފިރިހެނަކަށްވުން

·         ހަރުކޮށް ހުންނަ ނޮޑިއުލް ނޫނީ ވަށައިގެންވާ ބައިތަކާ ޖެހިފައިވާ ނޮޑިއުލް ހުރުން

·         އުމުރުން 20 އަހަރަށްވުރެ ހަނގުވުން ނޫނީ 70 އަހަރަށްވުރެ ދޮށިވުން

·         ރޭޑިއޭޝަނަށް ހުށަހެޅުން

އަލާމާތްތައް

ތައިރޮއިޑް ގްލޭންޑްގައި އުފެދޭ މިފަދަ ގިނަ ދުޅަތަކުގެ ސަބަބުން ނުވަތަ ނޮޑިއުލް ތަކުގެ ސަބަބުން އެއްވެސް ކަހަލަ އަލާމާތެއް ނުވަތަ ނިޝާނެއް ފާހަގަ ނުވެދާނެ އެވެ. ނަމަވެސް ބައެއް ފަހަރު މިފަދަ ނޮޑިއުލް ތައް ބޮޑުވެ:

·         އަތްލުމުން އިހުސާސް ކުރެވިދާނެ އެވެ.

·         ދުޅައެއް ގޮތަށް ބޭރު ފުށުން ފެންނަށް (ކަރުގެކުރިމަތިން) ހުރެދާނެ އެވެ.

·         ނޭވާހޮޅި، ނޫނީ ކާތަކެތިހިނގާހޮޅި އަށް ފިއްތައިފާނެ އެވެ. އެކަމުގެ ސަބަބުން ކާތަކެތި ދިރުވަން އުދަނގޫވުން ނޫނީ ނޭވާލާން އުދަނގޫވުން ކުރިމަތިވެދާނެ އެވެ.

ތައިރޮއިޑް ގްލޭންޑްގައި އުފެދޭ މިފަދަ ގިނަ ދުޅަތަކުގެ ސަބަބުން ނުވަތަ ނޮޑިއުލް ތަކުގެ ސަބަބުން އެއްވެސް ކަހަލަ އަލާމާތެއް ނުވަތަ ނިޝާނެއް ފާހަގަ ނުވެދާނެ އެވެ. ނަމަވެސް ބޮޑެތި ނޮޑިއުލް އުފެދިފައިވާނަމަ ނޫނީ ބައިވަރުތައް ނޮޑިއުލް ތައް އުފެދިފައިވާނަމަ، ބައެއް ފަހަރު ކަރުގައިވާ އެހެން ބައިތަކަށް ފިއްތައި އެކަމުގެ ސަބަބުން އުދަނގޫތައް ކުރިމަތިވެދާނެ އެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި : -

·         ތައިރޮއިޑް ގްލޭންޑް ދުޅަވެ ބޮޑުވުން

·         އަޑު ފިސްވުން ނޫނީ ކުރަކިވުން

·         ކަރުގައި (ބޭރުފުށުން) ރިހުން

·         ތައިރޮއިޑް ގްލޭންޑް އާދަޔާ ޚިލާފަށް ބޮޑުވުން ނުވަތަ ގޮއިޓަރު އުފެދުން

ބައެއް ހާލަތްތަކުގައި މިފަދަ ތައިރޮއިޑް ނޮޑިއުލް ތަކުގެ ސަބަބުން ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯން އުފެއްދުން އިތުރުކުރުވައެވެ. އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން އުފެއްދުމުން "ހައިޕަތައިރޮއިޑިޒަމް"(hyperthyroidism) ގެ ޙާލަތު ކުރިމަތި ކުރުވައި، އޭގެ އަލާމާތްތައް ފެންނަށް ފަށައެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް ހިމެނެއެވެ.

·         އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން

·         މާބޮޑަށް ދާހިއްލުން

·         ތުރުތުރުއެޅުން

·         މަސްތަކުގެ ބާރުދަށްވުން

·         ރުޅިގަދަވުން / ނުތަނަވަސްވުން

·         ހިތުގެ ވިންދު އަވަސްވުން / މޭތެޅުން / ވިންދު ތަރުތީބުނުވުން

·         މައްސަރުކަންތައް ރަނގަޅަށް ނުޖެހުން / ކުޑަކުޑަކޮށް ލޭގެ އަސަރު ފެނުން

·         ނިދަން އުދަނގޫވުން

·         ލޯހިރުވައި ކެހުން / ލޮލުގެ މައްސަލަތައް

·         މާބޮޑަށް ހޫނުވުން / ހޫނުވުމުން އުދަނގޫވުން

·         ކާހިތްވުން / ކާހިތްނުވުން

·         ހަންގަޑު ހިކި، ކުރަކިވުން

·         ނޭވާލާން އުދަނގޫވުން

·         އިސްތަށި ފޭބުން / އިސްތަށިގަނޑު ތުނިވުން

·         ކުއްލިއަކަށް މޫނު، ކަދުރާ، މޭމަތި ރަތްވުން

މިފަދަ ގިނަ ނޮޑިއުލްސް އަކީ ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް އުފެދޭ މިފަދަ ނޮޑިއުލްގެ 20 އެތިކޮޅު ގެ ތެރެއިން 3-2 ނޮޑިއުލްސް އަކީ ކެންސަރ އެވެ(ޑރ މުހައްމަދު ޝިފާން، 2021). ނަމަވެސް ހަމައެކަނި އަލާމާތްތައް ނޫނީ ފެންނަ އުދަނގޫތަކަށް ބަލައިގެން ކެންސަރަކީ ކޮން ނޮޑިއުލް އެއް ކަމެއް ކަނޑައެއް ނޭޅޭނެ އެވެ. އާންމު ގޮތެއްގައި ކެންސަރުގެ އަސަރު ހުންނަ ތައިރޮއިޑް ނޮޑިއުލް ތައް އުފެދި ބޮޑުވަނީ ލަސްލަހުންނެވެ. އަދި ޑޮކްޓަރަށް ފާހަގަކުރެވޭއިރު ވަރަށް ކުޑަކޮށް ވެސް ހުރެދާނެ އެވެ.

ބައެއް ހާލަތްތަކުގައި މިފަދަ ތައިރޮއިޑް ނޮޑިއުލް ތަކުގެ ސަބަބުން ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯން އުފެއްދުން ދަށްވެއެވެ. އާދަޔާ ޚިލާފަށް މަދުން ނޫނީ  ތައިރޮއިޑް ހޯރމޯން އުފެއްދުން މަދުވުމުން "ހައިޕޮތައިރޮއިޑިޒިމް"(hypothyroidism) ގެ ޙާލަތު ކުރިމަތި ކުރުވައި، އޭގެ އަލާމާތްތައް ފެންނަށް ފަށައެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް ހިމެނެއެވެ.

·         ވަރުބަލިވުން

·         މައްސަރުތެރޭގައި ވަރަށް ބައިވަރު ލޭފޭބުން

·         ހަދާންނެތުން

·         ބަރުދަން އިތުރުވުން

·         އިސްތަށި ފޭބުން / އިސްތަށިގަނޑު ތުނިވުން

·         އަޑު ފިސްވުން

·         ފިނިވުމުން އުދަނގޫވުން

·         ވަރުދެރަވުން / ނުތަނަވަސްވުން

·         ބަނޑުހަރުވުން

·         މާޔޫސްވުން ނުވަތަ ޑިޕްރެޝަން ކުރިމަތިވުން

·         މުޅި ހަށިގަނޑު ފޮއްސިވުން

ނުރައްކާތައް

ތައިރޮއިޑް ނޮޑިއުލް ގެ ސަބަބުން ވެސް ތަފާތު ނުރައްކާތައް ދިމާވުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

(ހ) ކާތަކެތި ހަފަން ނޫނީ ދިރުވަން އުދަނގޫވުން އަދި ނޭވާލާން އުދަނގޫވުން : ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ބޮޑެތި ނޮޑިއުލް ތައް އަދި މަލްޓިނޮޑިއުލަރ ގޮއިޓަރ ފަދަ ހާލަތްތަކުގައި ކާތަކެތި ދިރުވަން އުދަނގޫވުމާއި، ނޭވާލާން އުދަނގޫވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ށ) ހައިޕަތައިރޮއިޑިޒިމް : ހައިޕަތައިރޮއިޑިޒިމް ކުރިމަތިވަނީ ތައިރޮއިޑް ނޮޑިއުލް ނުވަތަ ގޮއިޓަރ އިން ތައިރޮއިޑް ހޯރމޯން އުފައްދައި، ދޫކުރަން ފެށުމުންނެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ހުންނަށްޖެހޭ މިންވަރަށް ވުރެ ތައިރޮއިޑް ހޯރމޯންގެ މިންވަރު މަތިވެ، އިތުރުވެއެވެ. ހައިޕަތައިރޮއިޑިޒިމް ގެ ސަބަބުން ބަރުދަން ލުއިވުން، މަސްތައް ދެރަވުން، ހޫނުވުމުން އުދަނގޫވުން ނޫނީ ހޫނަށް ތަހައްމަލުނުކުރެވުން، ނުތަނަވަސްވުން ނޫނީ ހިތްހަމަނުޖެހުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ނ) ތައިރޮއިޑް ނޮޑިއުލް އޮޕަރޭޝަންކޮށް ނެގުމުން ދިމާވެދާނެ މައްސަލަތައް : އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ނޮޑިއުލް ނެގުން ފަދަ ހާލަތްތަކުގައި ފަހަރުގައި ތައިރޮއިޑް ހޯރމޯން ގުޅަބޭހުގެ ގޮތުގައި ނަގަންޖެހިދާނެ އެވެ.

ދެނެގަތުން

ކަރުގައި ބޭރުފުށުން ހުންނަ ދުޅައެއް ނުވަތަ ގަނޑެއް ބަލައި ހަދާއިރު، ޑޮކްޓަރުން އެންމެ ބޮޑަށް އަމާޒުކުރާނެ އެއް ކަމަކީ ކެންސަރުގެ ނިޝާނެއް ހުރިތޯ ކަށަވަރު ކުރުމެވެ. ހަމަ އެހެންމެ ތައިރޮއިޑް ގްލޭންޑް އެކަށޭނަ ގޮތުގައި މަސައްކަތްކުރޭތޯ ވެސް ބަލާނެއެވެ. އެގޮތުން ތައިރޮއިޑް ނޮޑިއުލް އާއި ވިދިގެން ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ތައިރޮއިޑް ގްލޭންޑް ބޭރުފުށުން ބެލުން : ތައިރޮއިޑް ނޮޑިއުލް އެއް ހުރެގެން ތައިރޮއިޑް ގްލޭންޑް ބޭރުފުށުން ބަލާއިރު، ޑޮކްޓަރުން ބަލިމީހުން ގާތު، އެއްޗެއް ދިރުވާލާއިރު އަނގަ ހަރަކާތްކުރާގޮތަށް ހަރަކާތްކުރުމަށް ބުނާނެއެވެ. މީގެ ބޭނުމަކީ އެހަރަކާތާއެކު ތައިރޮއިޑް ނޮޑިއުލް މައްޗަށް ޖެހި، ތިރިއަށް ޖެހޭތޯ ބެލުމެވެ. އާންމު ގޮތެއްގައި ކާތަކެތި ދިރުވުމުގެ ހަރަކާތުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑްގައި އުފެދިފައި އިންނަ ނޮޑިއުލް މައްޗަށްޖެހި، ތިިރިއަށްޖެހޭނެ އެވެ. މީގެ އިތުރުން ހައިޕަތައިރޮއިޑިޒްމް ގެ އަލާމާތްތައް (މިސާލަކަށް ތުރުތުރުއެޅުން، ބަރުދަން ލުއިވުން، ހިތުގެ ވިންދު އަވަސްވުން ނުވަތަ ވިންދު ތަރުތީބުނުވުން ފަދަ އަލާމާތްތައް) އަދި ހައިޕޮތައިރޮއިޑިޒިމް ގެ އަލާމާތްތައް (މިސާލަކަށް ހިތުގެ ވިންދު ދަށްވުން، ހަންގަޑު ހިކިކުރަކިވުން، އަދި މޫނު ފޮއްސިވުން ފަދަ އަލާމާތްތައް) ވެސް ބަލިމީހާގެ ކިބައިގައި ހުރިތޯ ބަލައި ހަދާނެ އެވެ.

(ށ) ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހަދާ ޓެސްޓު (TFT): މިޓެސްޓުގައި ލޭގައި ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަދި ތައިރޮއިޑް ހޯރމޯން ހުރި މިންވަރު ދެނެގަނެވޭނެ އެވެ. މިޓެސްޓުގެ އެހީގައި ހައިޕަތައިރޮއިޑިޒިމް ނުވަތަ ހައިޕޮތައިރޮއިޑިޒިމް ހުރިތޯ ވެސް ދެނެގަނެވޭނެ އެވެ.

އާންމު ގޮތެއްގައި ހައިޕަތައިރޮއިޑިޒިމް ގައި މިޓެސްޓްގައި ބަލާ ހޯރމޯންތަކުގެ ތެރެއިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން ނުވަތަ ޓީއެސްއެޗް(TSH)  ދަށްވެފައި، އަދި ފްރީ ޓީ4(free T4)  މަތިވާނެ އެވެ. ޓީއެސްއެޗް ދޫކުރަނީ ސިކުނޑީގައިވާ ޕިޓުއިޓަރީ ގްލޭންޑް އިންނެވެ. ފްރީ ޓީ4 ދޫކުރަނީ ތައިރޮއިޑް ގްލޭންޑް އިންނެވެ. ހައިޕަތައިރޮއިޑިޒިމް ނުވަތަ ތައިރޮއިޑް މަތިވުމޭ ކިޔަނީ މި ފްރީ ޓީ4 މަތިވާތީ އެވެ. އަދި ހަމަ އެގޮތަށް ހައިޕޮތައިރޮޑިޒިމް ނުވަތަ ތައިރޮއިޑް ދަށްވުމޭ ކިޔަނީ މި ފްރީ ޓީ4 ދަށްވާތީ އެވެ. އެހެންކަމުން ހައިޕޮތައިރޮއިޑިޒިމް ގައި ޓީއެސްއެޗް (TSH)  އޮންނާނީ މަތިކޮށެވެ. އަދި ފްރީ ޓީ4 (free T4) އޮންނާނީ ދަށްކޮށެވެ (ޑރ މުހައްމަދު ޢަލީ، 2022).

(ނ) ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭންހެދުން  (ultrasound scan): ތައިރޮއިޑް ގްލޭންޑް ގެ އަލްޓްރާ ސައުންޑް ސްކޭން ގެ އެހީގައި ތައިރޮއިޑް ގްލޭންޑް ގައި އުފެދިފައިވާ ނޮޑިއުލް ގެ ބައްޓަމާއި، އޭގެ އޮނިގަނޑު ދެނެގަނެވޭނެ އެވެ. ހަމަ އެހެންމެ ސޮލިޑް ނޮޑިއުލް އާއި، ސިސްޓްގެ ތަފާތު ދެނެގަނެވި، ބައިވަރު ނޮޑިއުލް ހުރިކަން ނުވަތަ ނެތްކަން ވެސް ދެނެގަނެވޭނެ އެވެ. މީގެ އިތުރުން ފައިން-ނީޑަލް އެސްޕައިރޭޝަން ބަޔޮޕްސީ(FNA) (ކުޑަ ސިރިންޖު ކައްޓެއް ނުވަތަ ހިމަ ތިނޯހެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ތައިރޮއިޑް ގްލޭންޑް އިން ބަޔޮޕްސީ ހެދުމަށް އެތިކޮޅެއް ނޫނީ ސެލްތަކެއް/ދިރުތަކެއް ނެގުން) ހެދުމުގައި ވެސް އަލްޓްރާ ސައުންޑް ސްކޭންގެ އެހީތެރިކަން ހޯދަންޖެހިދާނެ އެވެ.

(ރ) ފައިން-ނީޑަލް އެސްޕައިރޭޝަން ބަޔޮޕްސީ(FNA) : މިއީ އާންމު ގޮތެއްގައި ކެންސަރުގެ އަސަރު ހުރިކަން ޔަގީންކުރުމަށް ހެދޭ ޓެސްޓެކެވެ. މިއީ ހިމަ ތިނޯހެއް ނުވަތަ ސިރިންޖު ކަށްޓެއް ފަދަ އެއްޗަކުން ތައިރޮއިޑް ނޮޑިއުލް އިން ދިރު ނުވަތަ ސެލްތަކުގެ ސާމްޕަލް އެއް ނެގުމެވެ. މި ޓެސްޓު ހެދުމަށް ހޭދަވާނީ ގާތްގަނޑަކަށް 20 މިނިޓެވެ. އާންމު ގޮތެއްގައި މިޓެސްޓު ހަދާނީ ތައިރޮއިޑް ސްކޭން ކުރަމުންނެވެ. އޭގެ ބޭނުމަކީ ބަޔޮޕްސީ ހެދުމަށް ބޭނުންކުރެވޭ ހިމަ ތިނޯހެއް ފަދަ ކަށި ހުރި ތަން ނޫނީ އެކަށި ދަނީ ދާންޖެހޭ ހިސާބަށްތޯ ބަލަމުން ގެންދިއުމެވެ. މިގޮތަށް ނެގޭ ސާމްޕަލް ބަޔޮޕްސީ ހެދުމަށް ލެބޯޓްރީއަށް ފޮނުވޭނެ އެވެ.

(ބ) ތައިރޮއިޑް ސްކޭން (thyroid scan): ތައިރޮއިޑް ނޮޑިއުލް އިތުރަށް ބަލައި ހޯދުމަށްޓަކައި ތައިރޮއިޑް ސްކޭން ހެދެއެވެ. މިޓެސްޓު ހެދުމަށް ރޭޑިއޯއެކްޓިވް އަޔޮޑިންގެ އައިސޮޓޯޕް އެއް މުލައްދަނޑީގައިވާ ނުސާފުލޭ އުފުލައިދޭ ލޭނާރަށް އަށް އިންޖެކްޝަންގެ ސިފައިގައި ފޮނުވައިލެވެއެވެ. އެއަށްފަހު ތައިރޮއިޑް ސްކޭން ކުރެވެއެވެ. އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން އުފައްދާ ނޮޑިއުލް ތަކަށް ކިޔަނީ "ހޫނު ނޮޑިއުލް" އެވެ. އެއީ ތަބީޢީ ތައިރޮއިޑް ސެލޯށިތަކަށްވުރެ ބޮޑަށް މިނޮޑިއުލް ތަކަށް އައިސޮޓޯޕް ދަމައި، ނަގާތީ އެވެ. އާންމު ގޮތެއްގައި ހޫނު ނޮޑިއުލް ތަކަކީ ކެންސަރެއް ނޫނެވެ. މާނައަކީ ކެންސަރަށް ބަދަލުވާނެ އެއްޗެއް ނޫނެވެ.

ބައެއް ހާލަތުގައި ބައެއް ނޮޑިއުލްތަކުން އައިސޮޓޯޕް ނަގާލަން މަދުވެއެވެ. މިފަދަ ނޮޑިއުލް ތަކަށް ކިޔަނީ "ފިނި ނޮޑިއުލް" އެވެ. ފިނި ނޮޑިއުލް ތަކަކީ އާންމު ގޮތެއްގައި ކެންސަރެވެ. ނޫނީ ކެންސަރަށް ބަދަލުވާ ނޮޑިއުލް އެވެ. ނަމަވެސް ކެންސަރަށް ބަދަލުނުވާ ފިނި ނޮޑިއުލް ވެސް ހުރެދާނެ އެވެ. ތައިރޮއިޑް ސްކޭން އަކުން ފިނި ނޮޑިއުލް ތަކުން ކެންސަރަށް ބަދަލުވާ އަދި ކެންސަރަށް ބަދަލުނުވާ ވައްތަރެއް ބުނެދޭކަން ނޭނގެއެވެ.

ފަރުވާ

ތައިރޮއިޑް ނޮޑިއުލް ގެ ފަރުވާ ބިނާވަނީ ނޮޑިއުލްގެ ވައްތަރަށެވެ.

ބިނައިން ނޮޑިއުލް އަށް ފަރުވާކުރުން

ތައިރޮއިޑް ނޮޑިއުލް އަކީ ކެންސަރު ނޫން ދުޅައެއް ނަމަ ފަރުވާގައި އަންނަނިވި ކަންތައްތައް ކުރެވެއެވެ.

(ހ) ބަލަމުން ގެންދިއުން : ބަޔޮޕްސީ ހެދުމުން ކެންސަރު ނޫން ތައިރޮއިޑް ނޮޑިއުލް އެއްކަން ފާހަގަކުރެވިއްޖެނަމަ ނޮޑިއުލް ބަދަލުތައް އާދޭތޯ ބަލަމުން ގެންދިއުމަށް ލަފާދޭނެ އެވެ. މީގެ މާނައަކީ ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކައިގެން ތައިރޮއިޑް ގްލޭންޑް މަސައްކަތް ހުރިނެތްގޮތް ބަލަމުން ގެންދިއުމާއި، އަދި ތައިރޮއިޑް ގްލޭންޑް ބޭރުފުށުން ބަލައި ހަދަމުން ގެންދިއުމެވެ. މީގެ އިތުރުން ދޭތެރެ ދޭތެރެއިން އަލްޓްރާ ސައުންޑް ސްކޭން ހަދަން ޖެހިދާނެ އެވެ. ތައިރޮއިޑް ނޮޑިއުލް އިތުރަށް ބޮޑުވާނަމަ، އަނެއްކާ ވެސް ބަޔޮޕްސީ އެއް ހަދަންޖެހިދާނެ އެވެ. އަދި ތައިރޮއިޑް ނޮޑިއުލްގެ ސައިޒު ބަދަލުނުވެ، އެއްވަރެއްގައި ހުރެއްޖެނަމަ، އެއްވެސް ފަރުވާއެއް ނަގަންނުޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

(ށ) ތައިރޮއިޑް ހޯރމޯން ފަރުވާގެ ގޮތުގައި ނެގުން : ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހަދާ ޓެސްޓުން ތައިރޮއިޑް ގްލޭންޑް އިން އެކަށޭނަ ގޮތުގައި ތައިރޮއިޑް ހޯރމޯން އުފައްދައި ނުދޭކަމަށް ދައްކާނަމަ ފަހަރުގައި ތައިރޮއިޑް ހޯރމޯން ގުޅަ ބޭހުގެ ގޮތުގައި ނެގުމަށް ލަފާދީފާނެ އެވެ.

(ނ) އޮޕަރޭޝަންކުރުން : ތައިރޮއިޑް ނޮޑިއުލް ބޮޑުވެ، އެކަމުގެ ސަބަބުން ނޭވާލާން ދަތިވުމާއި، ކާތަކެތި ދިރުވަން ދަތިވާނަމަ، ކެންސަރު ނޫން ތައިރޮއިޑް ނޮޑިއުލް ވެސް ބައެއް ފަހަރު އޮޕަރޭޝަންކޮށްގެން ނަގަންޖެހިދާނެ އެވެ. މީގެ އިތުރުން ތަންކޮޅެއް ބޮޑުކޮށް ހުންނަ މަލްޓިނޮޑިއުލަރ ގޮއިޓަރ ވެސް އޮޕަރޭޝަން ކޮށްގެން ނެގުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. ޚާއްޞަކޮށް ގޮއިޓަރުގެ ސަބަބުން ނޭވާހިގާ މަގަށް ފިތުން، ކާތަކެތި ހިނގާ ހޮޅިއަށް ފިތުން ނުވަތަ ލޭނާރަކަށް ފިތޭނަމަ އޮޕަރޭޝަން ކުރުމަށް ލަފާދެއެވެ. ބަޔޮޕްސީ ހަދައިގެން ކެންސަރުކަމަށް ތުހުމަތުކުރެވޭ ނޮޑިއުލް ވެސް އޮޕަރޭޝަންކޮށްގެން ނަގާނެއެވެ. އެއީ ކެންސަރުގެ އަސަރެއް ހުރިތޯ ޔަގީންކުރުމަށެވެ.

ހައިޕަތައިރޮއިޑިޒިމް ކުރިމަތިކުރުވާ ނޮޑިއުލް އަށް ފަރުވާކުރުން

ތައިރޮއިޑް ނޮޑިއުލް އިން ތައިރޮއިޑް ހޯރމޯން އުފައްދާނަމަ، އެއާއެކު ތައިރޮއިޑް ގްލޭންޑް އިން އާންމުކޮށް އުފައްދާ ތައިރޮއިޑް ހޯރމޯން ތަކާއެކު ތައިރޮއިޑް ހޯރމޯން އާންމުކޮށް އުފައްދާ މިންވަރަށް ވުރެ ނޫނީ އުފެދެންޖެހޭ މިންވަރަށް ވުރެ އިތުރުވެގެން ދެއެވެ. މިހާލަތުގައި ހައިޕަތައިރޮއިޑިޒިމް (ތައިރޮއިޑް މަތިވުން) ކުރިމަތިވެ، އެކަމަށް ފަރުވާކުރުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ. އެގޮތުން ދެވޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ރޭޑިޔޯއެކްޓިވް އަޔޮޑިން : ތައިރޮއިޑް މަތިވުމަށް ފަރުވާކުރުމަށް ޑޮކްޓަރުން ރޭޑިޔޯއެކްޓިވް އަޔޮޑިން ބޭނުންކުރެއެވެ. ކެޕްސޫލް އެއްގެ ގޮތުގައި ނޫނީ ދިޔާ ބޭހެއްގެ ގޮތުގައި ރޭޑިޔޯއެކްޓިވް އަޔޮޑިން ބޭނުންކުރުމުން ތައިރޮއިޑް ގްލޭންޑް އަށް ރޭޑިޔޯއެކްޓިވް އަޔޮޑިން ދަމައި، އެއަށް ނަގައެވެ. އޭގެ ސަބަބުން 3-2 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ތައިރޮއިޑް ނޮޑިއުލް ހިނދި، ތައިރޮއިޑް މަތިވުމުގެ އަލާމާތްތަކަށް ލުއިކަން ލިބެއެވެ.

(ށ) އެންޓި-ތައިރޮއިޑް ބޭސްތައް : ބައެއް ހާލަތްތަކުގައި އެންޓި-ތައިރޮއިޑް ބޭސް މިސާލަކަށް މެތިމަޒޯލް ފަދަ ބޭސްތައް ތައިރޮއިޑް މަތިވުމުން ފެންނަ އަލާމާތްތައް ކުޑަކުރުމަށް ޑޮކްޓަރުން ލިޔެދީފާނެ އެވެ. މިއީ ދިގުމުއްދަތަކަށް ކާންޖެހޭ ބޭހަކަށް ވެފައި، އެބޭހުގެ ސަބަބުން ފުރަމޭ އަށް ގެއްލުވުގެ ހިރާސް އޮންނާތީ ބޭސް ފެށުމުގެ ކުރިން އޭގެ ނޭދެވޭ އަސަރުތަކާއި، ލިބޭ ފައިދާ ތަކާއި ބެހޭގޮތުން ޑޮކްޓަރުންނާއި، މަޝްވަރާކުރުން މުހިއްމެވެ.

(ނ) އޮޕަރޭޝަންކުރުން : ރޭޑިޔޯއެކްޓިވް އަޔޮޑިން އަދި އެންޓި-ތައިރޮއިޑް ބޭސް ބޭނުންކުރުމަކީ އެމީހާއަށް އިޚްތިޔާރުކުރެވެން ނެތް ކަމެއްނަމަތައިރޮއިޑް ނޮޑިއުލް އުދަނގޫކުރުމަށް އޮޕަރޭޝަން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި އޮޕަރޭޝަންގެ ހިރާސް ތަކާއި ބެހޭގޮތުން ޑޮކްޓަރާއި މަޝްވަރާކުރުމަކީ ބުއްދިވެރި ކަމެކެވެ.

ކެންސަރުގެ އަސަރުހުރި ތައިރޮއިޑް ނޮޑިއުލް އަށް ފަރުވާކުރުން

ކެންސަރުގެ އަސަރުހުރި ތައިރޮއިޑް ނޮޑިއުލް އަށް ފަރުވާކުރުމަށް އަންނަނިވި ކަންތައްތައް ކުރެވެއެވެ.

(ހ) ތައިރޮއިޑް ނޮޑިއުލް އަންނަ ބަދަލުތައް ބަލަމުން ގެންދިއުން : ކެންސަރުގެ އަސަރު ހުންނަ ވަރަށް ކުދި ތައިރޮއިޑް ނޮޑިއުލް ތައް ހެދިބޮޑުވުމުގެ ހިރާސް ވަރަށް ކުޑަ އެވެ. އެހެންކަމުން މިފަދަ ތައިރޮއިޑް ނޮޑިއުލް އަކަށް ސީދާ ފަރުވާ ފެށުމުގެ ކުރިން ދުވަސްކޮޅެއް ވަންދެން ޑޮކްޓަރުން ބަލަމުން ގެންދާނެ އެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހެދުމާއި، އަދި ލޭގެ ޓެސްޓުތައް ހަދައި ބަލަމުން ގެންދަންޖެހޭނެ އެވެ.

(ށ) އޮޕަރޭޝަންކުރުން : ކެންސަރުގެ އަސަރު ހުރި ތައިރޮއިޑް ނޮޑިއުލް އަށް އާންމުކޮށް ދެވޭ ފަރުވާ އަކީ އޮޕަރޭޝަންކޮށްގެން ނޮޑިއުލް ވަކިކޮށް ނެގުމެވެ. ކުރިން ގާތްގަނޑަކަށް އެއްކޮށް ތައިރޮއިޑް ގްލޭންޑް އޮޕަރޭޝަންކޮށްގެން ނެގިކަމުގައި ވިޔަސް، މިހާރު ބައެއް ފަހަރު މިފަދަ ކެންސަރުގެ އަސަރު ހުންނަ ތައިރޮއިޑް ނޮޑިއުލް އަސަރު ދުއްވާލުމަށް ތައިރޮއިޑް ގްލޭންޑްގެ އެއްބައި ނޫނީ ތައިރޮއިޑް ގްލޭންޑް އިން ބައެއް އޮޕަރޭޝަން ކޮށްގެން ނަގައިފާނެ އެވެ. އަދި ތައިރޮއިޑް ނޮޑިއުލް ހުންނަ ސައިޒަކަށް ބަލާފައި ފަހަރުގައި ގާތްގަނޑަކަށް މުޅި ތައިރޮއިޑް ގްލޭންޑް އެއްކޮށްހެން ވެސް ނަގަންޖެހިދާނެ އެވެ.

ތައިރޮއިޑް ގްލޭންޑް ނެގުމަށް ކުރެވޭ އޮޕަރޭޝަންގެ ސަބަބުން ދިމާވެދާނެ ހިރާސް ތަކުގެ ތެރޭގައި އަޑުފޮށްޓަށް ގޮސްފައިވާ ފަތިނާރަށް ގެއްލުންވުން އަދި ޕެރަތައިރޮއިޑް ގްލޭންޑް އަށް ގެއްލުންވުން ހިމެނެއެވެ. އޮޕަރޭޝަންކުރުމަށްފަހު މުޅި އުމުރަށް ތައިރޮއިޑް ބޭސް ނުވަތަ ތައިރޮއިޑް ހޯރމޯން ބޭހުގެ ގޮތުގައި ކާންޖެހޭނެ އެވެ.

(ނ) ބަނގުއާވި ބޭނުންކޮށްގެން ދުއްވާލުން : ކެންސަރުގެ އަސަރުހުރި ކުދި ތައިރޮއިޑް ނޮޑިއުލް ދުއްވާލުމަށް ބޭނުން ކުރެވޭ އަނެއް ގޮތަކީ ތައިރޮއިޑް ނޮޑިއުލް އަށް ބަނގުއާވިގެ ކުޑަ މިންވަރެއް އިންޖެކްޓްކުރުމެވެ. މިގޮތަށް ތަކުރާރުކޮށް އެކި ސެޝަންތަކުގައި ފަރުވާ ދެވުމުން ތައިރޮއިޑް ނޮޑިއުލް ހަލާކުވެދެއެވެ.

މައުލޫމާތު

·         https://www.mayoclinic.org/diseases-conditions/thyroid-nodules/symptoms-causes/syc-20355262

·         http://drshifan.com/archives/2740

·         https://my.clevelandclinic.org/health/diseases/13121-thyroid-nodule