Tuesday, October 4, 2016

ބަނޑުގައި ވައިހެދުން (ގެސްޓްރައިޓިސް)

ބަނޑުގައި ވައިހެދުން (ގެސްޓްރައިޓިސް)
ބަނޑުގައި ވައި ހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ އާންމުކޮށް ދިމާވަނީ ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރެވޭ ގޮތުންނެވެ.މީގެ އިތުރުން ހަށިގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުންވެސް މިކަން މެދުވެރި ވެދާނެއެވެ. ގިނަ މީހުންނަށް ގެސްޓްރައިޓިސް އަކީ މާބޮޑު ކަމެއް ނޫނެވެ. ބޭސް ބޭނުންކުރުމުން ލުއިކަން ލިބިގެން ދެއެވެ.
ބަނޑުގައި ވައިހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ މައިދާގެ ފާރު ދުޅަވުމެވެ. ނުވަތަ މައިދާގެ ފާރުގައި ދުޅައެއް އުފެއްދުމާއި، ބަނޑުގައި ވައިހެދި، އެކަމުގެ އުނދަގޫތައް ކުރިމަތި ކުރުވުމެވެ. ނުވަތަ މިއުދަނގޫތައް ކުރިމަތިކުރުވާ ހާލަތްތަކެކެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި :-
·         ގެސްޓްރޯއީސޮފޭޖިއަލް ރިފްލެކްސް ޑިޒީޒް

·         ބަނޑުގައި ފާރުހެދުން
·         ގޮހޮރުގައި ފާރުހެދުން
·         ބަނޑުގެ ކެންސަރު
·         ގޮހޮރުގެ ކެންސަރު
ބަނޑުގައި ވައިހެދުން ކުއްލިއަކަށް ކުރިމަތިވެ، ކުރު މުއްދަތަކަށް ވެސް ކުރިމަތިވެދާނެ އެވެ. (Acute gastritis)، ނޫނީ މަޑުމަޑުން ގިނަ ދުވަހުން ކުރިމަތިވެ، ދިގުމުއްދަތަކަށް ދެމިގެންވެސް ހިނގައިދާނެ އެވެ. (Chronic gastritis). ބައެއް ފަހަރު ގެސްޓްރައިޓިސްގެ ސަބަބުން، ބަނޑުގައި ފާރުހެދި، ބަނޑުގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ.
ސަބަބުތައް
ގެސްޓްރައިޓިސްގެ މާނައަކީ ބަނޑުގެ އެތެރޭ ބަތާނަފަށް (އެތެރެއިން ލެވިފައިވާ ދުލިފަށަލަ) ދުޅަވުމެވެ. މައިދާގެ އެތެރޭގެ ފާރު ރައްކާތެރިކުރުމަށް ގުދުރަތީގޮތުން ލެވިފައިވާ ލޮނދީގެ ދުލިފަށަލައިގައި ހުންނަ ދެރަކަމަކުން، ކާތަކެތި ހަޖަމުކުރުމަށް ދޫކުރާ ދިޔަ(ޖޫސް)އިގެ ސަބަބުން މައިދާގެ ބަތާނަފަށަށް، އަނިޔާވެ، ދުޅަވުމަކީ ވެދާނެ ގޮތެކެވެ. ވަރަށް ގިނަ ބަލިތަކުގެ ސަބަބުން ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރެއެވެ.
ބަނޑުގައި ވައިހެދުން ކުއްލިއަކަށް ކުރިމަތިވެ، ކުރު މުއްދަތަކަށް ވެސް ކުރިމަތިވެދާނެ އެވެ. (އެކިއުޓް ގެސްޓްރައިޓިސް)، ނޫނީ މަޑުމަޑުން ގިނަ ދުވަހުން ކުރިމަތިވެ، ދިގުމުއްދަތަކަށް ދެމިގެންވެސް ހިނގައިދާނެ އެވެ. (ކްރޮނިކް ގެސްޓްރައިޓިސް).
ސަބަބުތަކާ މަގުފަހިކުރާ ކަންތައްތައް
(ހ) ހެލިކޮބެކްޓަރ ޕައިލޮރި ކިޔާ ޖަރާސީމަކުންޖެހޭ އިންފެކްޝަން އަށަގަތުން : މިއިންފެކްޝަން ޖެހޭ ބައެއް މީހުންނަށް ގެސްޓްރައިޓިސް ކުރިމަތިވެއެވެ. މިއިންފެކްޝަނަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-
v     ގުދުރަތީގޮތުން އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވުން (ވާރުތަވުން)
v     ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކުގެ ސަބަބުން އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވުން
o       ދުންފަތުގެ އިސްތިއުމާލުކުރުން
o       ހާސްވެ ފިކުރުބޮޑުވުން
o       ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް އިތުރުވުން
(ށ) ތަދުކަނޑުވާ ބޭސްތައް އާންމުކޮށް (ނޫނީ މާގިނައިން) ބޭނުންކުރުން : އެސްޕިރިން ބުރޫފަން ފަދަ ބޭސްތަކުގެ ސަބަބުން ، ކުރު މުއްދަތަކަށް (ކުއްލިއަކަށް) ނުވަތަ މަޑުމަޑުން ގޮސް ގިނަ ދުވަހަށް ދެމިހުންނަގޮތަށް ގެސްޓްރައިޓިސް ކުރިމަތިވެދާނެ އެވެ. މިފަދަ ބޭސްތައް އާންމުކޮށް ނޫނީ މާގިނައިން ބޭނުންކުރުމަކީ ބަނޑުގެ އެތެރޭ ބަތާނަ ފަށް ހިމާޔަތްކޮށްދޭ މާއްދާތަކުގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ދޭތެރެ ދޭތެރެއިން ތަދުކަނޑުވާ ބޭސް ބޭނުންކުރުމުން ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ކުޑައެވެ. ޕެރެސިޓަމޯލް ފަދަ ބޭސްތަކުގެ ސަބަބުން ގެސްޓްރައިޓިސް ކުރިމައްޗެއް ނުވާނެއެވެ.
(ނ) އުމުރުން ދުވަސްވުން : އުމުރުން ދުވަސްވީ މީހުންނަށް ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ސަބަބުތަކުގެ ތެރޭގައި :-
v     އުމުރުން ދުވަސްވާވަރަކަށް ބަނޑުގެ އެތެރޭ ބަތާނަ ފަށްތައް ތުނިވަމުން ދިއުން
v     ހެލިކޮބެކްޓަރ ޕައިލޮރި އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވުން
v     އުޓޯއިމިޔޫން ޑިސްއޯޑަރ ތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވުން
(ރ) މާގިނައިން ބަނގުރާ ބުއިން : ބަނގުރާ ބުއިމަކީ ބަނޑުގެ އެތެރޭ ބަތާނަ ފަށްތައް ހަލާކުވެ، ކާތަކެތި ހަޖަމުކުރުމަށް ދޫކުރާ ދިޔަތަކުގެ ސަބަބުން ބަނޑުގެ ބަތާނަފަށަށް ގެއްލުންވުމުގެ ފުރުޞަތު އިތުރުވެއެވެ. އާންމުކޮށް ބަނގުރަލުގެ ސަބަބުން ކުރިމަތިވަނި އެކިއުޓް ގެސްޓްރައިޓިސް އެވެ.
(ބ) ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް : ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގެ ސަބަބުން ދިމާވާ އެކިއެކި ފިއްތުންތަކުގެ ސަބަބުން (އޮޕަރޭޝަނެއްކުރުން، ފިހުން، ވެއްޓި އަނގުނެއް ބިނދުން ފަދަ އަނިޔާއެއްލިބުން، ޓީބީ ފަދަ ބައްޔެއް ޖެހުން) އެކިއުޓް ގެސްޓްރައިޓިސް ކުރިމަތިކުރުވައެވެ.
(ޅ) އަމިއްލަ ހަށިގަނޑު ބަނޑުގައިވާ ސެލްތަކަށް ހަމަލާދިނުން (Autoimmune gastritis): މީގެ މާނައަކީ އެމީހެއްގެ ހަށިގަނޑުގެ ދިފާޢީ ނިޒާމުން އެމީހެއްގެ ބަނޑުގެ ސެލްތަކަށް ހަމަލާދީ، ހަލާކުކޮށްލުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަނޑުގެ އެތެރެއިން ލެވިފައިވާ ރައްކާތެރިކޮށްދޭ ލޮނދި ފަށަލަ ނެތިގެން ދެއެވެ. ހަކުރު ބަލީގެ ޓައިޕް1 އަދި ވިޓަމިން ބީ 12 މަދުވުން ކުރިމަތިވެފައިވާ މީހުންނަށް މިވައްތަރުގެ ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
(ކ) ޕާނިސިއަސް އެނީމިޔާ ކިޔާ ލޭމަދުވުމުގެ ވައްތަރެއް ހުރުން : މިއީ ވިޓަމިން ބީ 12 ހަށިގަނޑަށް ނެގުމަށް ބޭނުންވާ ބައެއް މާއްދާތައް މަދުވުމުން ދިމާވާ ލޭމަދުވުމުގެ ވައްތަރެކެވެ.
(ކ) ބައެއް އިންފެކްޝަންތައް : މިފަދަ އިންފެކްޝަން ތަކުގެ ތެރޭގައި :-
v     އެޗްއައިވީ އޭޑްސް
v     ކްރޯންސް ޑިޒީޒް :
v     ޕެރަސައިޓްގެ ސަބަބުންޖެހޭ އިންފެކްޝަން ތައް
v     ފަންގަލް އިންފެކްޝަން ތައް
(އ) އެހެނިހެން ބައެއް ކަންތައްތައް
v     ރޭޑިއޭޝަނަށް ހުށަހެޅުން
v     ކާނާ ވިހަވުން
ދިރިއުޅުމުގައި ގެންގުޅެވޭ ނޭދެވޭ އާދަތައް
1- ގަޑިން ގަޑިއަށް ނުކެއުން
2- ދުންފަތުގެ އިސްތިޢުމާލް ކުރުން
3- މާގިނައިން ކުޅިއެއްޗެތި  ބޭނުން  ކުރުން
4- ކޮކާކޯލާ ، އެނާޖީ ޑްރިންކްސް ފަދަ ބުއިންތައް މާގިނައިން ބޭނުން ކުރުން
5- ފިކުރުކުރުމާއި އަރާމާއި ނިދި މަދުވުން
6- ކާތަކެތި ހިނގާހޮޅިއާ، ބަނޑާއި ދެމެދުގައި ސްފިންކްޓަރގެ ބާރު ދޫވާފަދަ ތަކެތި ބޭނުންކުރުން:  (ޗޮކްލެޓް، ކެފޭން ހިމެނޭ ތަކެތި ، ބަނގުރާ ، ސަރުބީ ގިނަ ކާނާ )
7- މަސްތުވާތަކެތި ބޭނުންކުރުން : ކޮކޭން ބޭނުންކުރުން
ގެސްޓްރައިޓިސް އުފެއްދުމުގެ ފުރުޞަތު ބޮޑު ކާނާގެ ބާވަތްތައް
·         ކެފޭއިން ހިމެނޭ ބުއިންތައް
·         ކުޅިތެޔޮ ހަވާދުލީ ތަކެތި
·         ހުތްތަކެތި
އަލާމާތްތައް
·         ބަނޑަށް އުނދަގޫވުން : އާންމުކޮށް ބަނޑުގެ މައްޗަށް އުދަނގޫވެ ތަދުވެދާނެ އެވެ. ބައެއް ފަހަރު ކެއުމުން ރަނގަޅުވެފައި، އަނެއްބައިފަހަރު ކެއުމުން މިއުދަނގޫ އިތުރުވެގެން ހިނގައިދާނެއެވެ.
o       ބަނޑަށް އުދަނގޫވުން
o       ބަނޑުފުއްޕުން
o       ބަނޑުގައި ރިހުން
·         މޭނުބައިކުރުން
·         ހޮޑުލެވުން
·         އެއްޗެއް ކާއިރަށް ބަނޑުފުރޭކަމުގެ އިހުސާސްވުން
·         މަތިންއެރުން  
·         މެއިން ދިލަނެގުން
·         މޭއެންދުން
·         އަނގައިން ވައިލެވުން
·         ފުރަގަހުން ވައިލެވުން
·         އުކުޑި ކޮށްޓުން
·         ގިނަ ދުވަސްވުމުން : ކާހިތްނުވުން ހޮޑުގައި ނޫނީ ބޮޑުކަމު ނަޖިހުގައި ލޭހުރުން
ބައެއް ފަހަރު ގެސްޓްރައިޓިސްގެ އުދަނގޫތައް އެއްގޮތަކަށް ކުރިމަތިނުވެ ވެސް ހިނގައިދާނެއެވެ.
ދިމާވެދާނެ ނުރައްކާތައް
·         ބަނޑާއި ގޮހޮރުގައި ފާރުހެދުން
·         ބަނޑާއި ގޮހޮރުގައި ފާރު ހެދި ފޫދިއުން + އެތެރެ ހަށީގައި އިންފެކްޝަން އަށަގަތުން (ޕެރޮޓޮނައިޓިސް)
·         އެތެރެ ހަށިން ލޭއައުން
·         ބަނޑުގެ ކެންސަރު ޖެހުން
ޑޮކްޓަރަށް ދައްކާނީ ކޮންއިރަކު؟
ހުރިހާ އެންމެންނަށް ވެސް ގެސްޓްރައިޓިސްގެ އުދަނގޫތައް (ހަޖަމުނުވުން+ ބަނޑަށް އުދަނގޫވުން ފަދަ) ކޮންމެވެސް މިންވަރަކަށް ކުރިމަތިވެދާނެ އެވެ. އާންމު ގޮތެއްގައި މިގޮތަށް ދިމާވާ ގެސްޓްރައިޓިސްގެ އުދަނގޫތައް ހުންނަނީ ކުރު މުއްދަތަކަށެވެ. އެއްވެސް ބޭހެއް ބޭނުން ނުކުރިޔަސް ފިލައިހިނގައިދާނެއެވެ.
ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތަކުގެ ތެރޭގައި:-
·         ހަފްތާއަކަށްވުރެ ގިނަ ދުވަހަށް ގެސްޓްރައިޓިސްގެ އުނދަގޫތައް ހުރުން
·         ހޮޑުގައި ލޭހުރުން
·         ބޮޑުކަމު ނަޖިހުގައި ލޭހުރުން  
ދެނެގަތުން
ގެސްޓްރައިޓްސް ހުރިތޯ ދެނެގަތުމަށް ކުރެވޭ ޓެސްޓުތަކުގެ ތެރޭގައި
1-      ހެލިކޮބެކްޓަރ ޕައިލޮރި އިންފެކްޝަން ހުރިތޯ ބެލުން (ލޭ، ބޮޑު ކަމު ނަޖިހުން ބެލިދާނެ)
2-      އެންޑޮސްކަޕީ ހެދުން : އެންޑޮސްކަޕީގެ އެހީގައި ޝައްކު ކުރެވޭ ހިސާބުން އެތިކޮޅެއް ނަގައިގެން ޓެސްޓު ކުރެވޭނެ ނޫނީ ބަޔޮޕްސީ ހެދިދާނެ އެވެ. ހެލިކޮބެކްޓަރ ޖަރާސީމުގެ އަސަރު + ކެންސަރުގެ އަސަރު ހުރިތޯ ބެލިދާނެ!
3-      ބޭރިއަމް ސްވެލޯވް ޓެސްޓުހެދުން : ބޭރިއަމް ސަލްފޭޓް ކިޔާ ކެމިކަލް އެއް ބޯން ދިނުމަށްފަހު އެކްސްރޭ ތައް ނެގެއެވެ. އެގޮތުން ކާތަކެތި ހިނގާހޮޅި، ބަނޑު، ގޮހޮރުގެ އެކްސްރޭ ނެގެއެވެ. މިގޮތަށް ނެގުމުން އެކްސްރޭ އިން ބަނޑުގެ އެތެރޭ ފާރު ރީތިކޮށް ފެންނަން ހުންނާނެ އެވެ. އާންމުކޮށް ނަގާ އެކްސްރޭ އިން ފެންނާކަން ނުހުންނާނެއެވެ.
4-      ބޮޑުކަމު ނަޖިސް ޓެސްޓުކުރުން : ލޭހުރިތޯ ބެލުމަށް / ހެލިބެކްޓަރ ހުރިތޯ ބެލުމަށް
ފަރުވާ
1-      ހެލިކޮބެކްޓަރ ހުރިނަމަ ޖަރާސީމު މަރާ ބޭސް : 3 އެންޓިބަޔޮޓިކް – 14-10 ދުވަހުގެ މުއްދަތަށް CAM
2-      އެސިޑް އުފެއްދުން ހުއްޓުވާ ބޭސްތައް : އޮމެޕްރަޒޯލް، ރެބި، ލެންސޮ،އީސޮ، ނޫނީ ޕެންޓޮޕްރަޒޯލް
3-      އެސިޑް އުފެއްދުން ކުޑަކުރާ ބޭސްތައް : ރެނިޓިޑިން،
4-      އެންޓަސިޑްސް : މިއީ ބަނޑުގައި އުފެދޭ ގޭސްތައް ހަމައަކަށް އަޅުވައިދޭ ބޭސްތަކެވެ.: ޑައިޖީން، ރެލްސަރ
ގެސްޓްރައިޓިސް ހުންނަ މީހުން އެކަމުގެ އުދަނގޫތައް ކުޑަކޮށް ރައްކާތެރިވުމަށް  ކުރެވިދާނެ ކަންތައްތައް
1-      އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި އިރުއިރުކޮޅާ އެތިކޮޅުކޮޅުން ކެއުން
2-      ކެއުމުގެ އާދަ ވަކި އިންތިޒާމަކުން (ގަޑިންގަޑިއަށް ކެއުން) ބެހެއްޓުން
3-      ތަދުކަނޑުވާ ބޭސްތައް މާގިނައިން ނޫނީ އާންމުކޮށް ބޭނުން ނުކުރުން
4-      ކުޅި، ތެޔޮ، ހަވާދުލީ ތަކެތި ބޭނުންކުރުމުން ދުރުހެލިވުން
5-      ހުތްތަކެތި ބޭނުންކުރުން މަދުކުރުން : އަލަނާސި، ލުނބޯ، އޮރެންޖު ފަދަ ހުތްތަކެތި
6-      ދުންފަތުގެ އިސްތިއުމާލުނުކުރުން
7-      ކެފޭއިން ހިމެނޭ ބުއިންތައް ބޭނުންކުރުން މަދުކުރުން
8-      ބަނގުރާ ނުބުއިން
9-      މަސްތުވާތަކެތި ބޭނުން ނުކުރުން
10-  ފިކުރުތަކާ ދުރުހެލިވުން
11-  ކާގޮތަށް ނިދަން ނުއޮށޯތުން
12-   ރޭގަނޑު : މަތިންއަރާ  މޭއަންދާނަމަ : ބޯދޮށަށް ބާލިހެއް ލައި އުފުލައިގެން އޮތުން
މައުލޫމާތު :
·         އިންޓަނެޓްގެ ބައެއް އެހެން ވެބްސައިޓުތައް



ބިސްއުފައްދާ ތަނުގެ ކެންސަރު

ބިސްއުފައްދާ ތަނުގެ ކެންސަރު
އަންހެނުންގެ ދަރިމައިވުމުގެ ބިސް އުފެދެނީ ބިސްރަވަ (Ovary) ނުވަތަ ބިސްއުފައްދާތަނުގެ ތެރޭގައެވެ. ކޮންމެ އަންހެނެއްގެ ވެސް ދެބިސްރަވަ ވެއެވެ. ބިސްރަވައިގެ ސައިޒަކީ ގާތްގަނޑަކަށް އާމަންޑް މަދެއްގެ ސައިޒެވެ. ބިސްރަވަ އޮންނަނީ ރަހިމުގެ ދެފަރާތުގައި ބިސްދަތުރުކުރާ ހޮޅީގެ ރަހިމާއި ދުރަށްދިޔަކޮޅުގައެވެ. ރަހމާއި، ބިސްރަވަ ގުޅުވައިދޭ ހޮޅިއަކީ ބިސްދަތުރުކުރާ ހޮޅި އެވެ. ބިސްރަވަ އިން ބިސް ދޫކުރުމުގެ އިތުރުން އެސްޓްރަޖަން އަދި ޕްރޮޖެސްޓަރޯން ހޯރމޯން އުފައްދައިދެއެވެ. 

ބިސްރަވައިގެ ކެންސަރު ނުވަތަ ބިސްއުފައްދާތަނުގެ ކެންސަރަކީ އާންމު ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނަށްޖެހޭ ކެންސަރެކެވެ.

ސަބަބު
ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.އާންމު ގޮތެއްގައި ކެންސަރު އުފެދިގެން އަންނަނީ ރަނގަޅަށް ހުންނަ ސެލްތަކުގެ ވިރާސީ ބަހާއަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކެންސަރ ސެލްތަކަކަށް ރަނގަޅަށްހުރި ސެލްތައް ބަދަލުވާން ފެށުމުންނެވެ. އެގޮތުން ކެންސަރ ސެލްތަކަށް ބަދަލުވުމަށްފަހު، އެސެލްތައް ގިނަވެ، ސެލްގެ ފުނިވަރެއް އުފެދި، އޭގެ ނަތީޖާއެއްގެ ގޮތުން ޓިއުމަރެއްގެ ސިފަ ޖެހިގެން ދެއެވެ. އަދި އެއަށްފަހު ޓިއުމަރާއި ޖެހިގެން ހުންނަ ޓިޝޫތަކުގެ ތެރެއަށް ވަދެ، އާޚިރުގައި މުޅި ހަށިގަނޑަށް ކެންސަރުގެ އަސަރު ފަތުރާލައެވެ. އެހެންކަމުން ވިރާސީ ގޮތުން ޑީއެންއޭ އަށް ބަދަލުއައުމަކީ ބައެއް އަންހެނުންނަށް ބިސްއުފައްދާތަނުގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބަކަށް އޮންނަނީ ވެފައެވެ. ބިސްއުފައްދާތަނަށް ކެންސަރު ޖެހޭ ކޮންމެ 100 އަންހެނުންގެ ތެރެއިން 10 އަންހެނުންނަށް ބިސްއުފައްދާތަނަށް ކެންސަރު ޖެހެނީ "ބްރެސްޓް ކެންސަރ ޖީން 1"(BRCA1) ، އަދި "ބްރެސްޓް ކެންސަރ ޖީން2"(BRCA2) އަށް ބަދަލުއައިސްގެން ކަމަށް ބެލެވިފައިވެއެވެ. މިޖީން އަށް ބަދަލުތައް އައިސްފައިވާ މީހުންނަށް އެބަދަލުތައް އައިސްފައިނުވާ މީހުންނަށްވުރެ، ބިސްއުފައްދާ ތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ. 

ވައްތަރުތައް
ބިސް އުފައްދާ ތަނުގެ ކެންސަރުގެ 3 ވައްތަރެއް ހުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ:-
(ހ) އެޕިތީލިއަލް ޓިއުމަރ (Epithelial tumor): މިއީ ބިސް އުފައްދާ ތަނުގެ ބޭރު ސަތަހައިގައި ހުންނަ ތުނި ސެލް ފަށަލަތަކުން އުފެދިގެން އަންނަ ޓިއުމަރެކެވެ. ބިސްއުފައްދާ ތަނަށްޖެހޭ ކެންސަރުގެ %90 އަކީ މިވައްތަރުގެ ޓިއުމަރެވެ.

(ށ) ސްޓްރޯމަލް ޓިއުމަރ (stromal tumor): މިއީ ބިސް އުފައްދާތަނުގައި ހުންނަ ހޯރމޯން (އެސްޓްރަޖަން، ޕްރޮޖެސްޓަރޯން) އުފައްދާ ސެލްތަކުން އުފެދިގެން އަންނަ ޓިއުމަރެކެވެ. އާންމުގޮތެއްގައި ބިސް އުފައްދާ ތަނަށް ކުރިމަތިވާ އެހެން ކެންސަރު ތަކަށްވުރެ މިވައްތަރުގެ ކެންސަރު އަވަހަށް ދެނެގަނެވެއެވެ. ބިސްއުފައްދާ ތަނަށްޖެހޭ ކެންސަރުގެ %7 އަކީ މިވައްތަރުގެ ޓިއުމަރެވެ.

(ނ) ޖާރމް ސެލް ޓިއުމަރ (germ cell tumor): މިއީ ބިސް އުފައްދާ ތަނުގައި ހުންނަ ބިސް އުފައްދާ ސެލްތަކުން އުފެދިގެން އަންނަ ޓިއުމަރެކެވެ. އާންމު ގޮތެއްގައި ޒުވާން އަންހެނުންނަށްޖެހެނީ މިވައްތަރުގެ ކެންސަރެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބިސް އުފައްދާ ތަނުގެ ކެންސަރުގެ ވައްތަރެކެވެ. 

މަގުފަހިކުރާ ކަންތައްތައް
ބިސްއުފައްދާތަނުގެ ކެންސަރަށް މަގުފަހިކުރާ ނޫނީ ޖެހުމަށް ފުރުޞަތުބޮޑުވާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި:-

(ހ) އުމުރު : ކޮންމެ އުމުރެއްގެ މީހަކަށް ވެސް ބިސްއުފައްދާ ތަނުގެ ކެންސަރު ޖެހިދާނެ އެވެ. އުމުރުން ދުވަސްވާ ވަރަކަށް ބިސްއުފައްދާ ތަނަށްކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. އުމުރުން 40 އަހަރުވުމުގެ ކުރިން ބިސްއުފައްދާތަނަށް ކެންސަރު ޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. ގިނަ މީހުންނަށް ކެންސަރު ޖެހެނީ އިއްދައިން ކެނޑުމަށްފަހު ގައެވެ. ނޫނީ އުމުރުން 50 އަހަރުވުމަށްފަހު ގައެވެ. އެމެރިކާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ބިސްއުފައްދާތަނަށް ކެންސަރުޖެހޭ މީހުންގެ ތެރެއިން ½ މީހުންނަށް އެކެންސަރު ޖެހިފައިވަނީ އުމުރުން 63 އަހަރަށްވުރެ މަތިވި ފަހުންނެވެ. 

(ށ) ހަށިގަނޑު އާދަޔާ ޚިލާފަށް ބުރަހެލިވެ، ފަލަވުން : މާބޮޑަށް ފަލަވުމަކީ ބިސްއުފައްދާތަނުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ކަމެއްކަމަށް ތަފާތު ދިރާސާތަކުން ފާހަގަ ކުރެވިފައި ވެއެވެ. 

(ނ) ބިސް އުފައްދާތަނަށްޖެހޭ ކެންސަރު އާއިލާގެ މެންބަރުންގެ ތެރޭގައި ދައުރުވަމުން އައުން : މާނައަކީ އާއިލާގެ މެންބަރުންގެ ތެރެއިން މަންމަ، ދައްތަ، ބޮޑު ދައިތަ، މާމަ، ފަދަ މީހަކަށް ކެންސަރު ޖެހިފައިވާނަމަ، އެފަދަ މީހަކަށް ކެންސަރު ޖެހުމުގެ ހިރާސް އިތުރެވެ. 

(ރ) ބަދަލު އައިސްފައިވާ ވިރާސީ ބަހާ އެއް ވާރުތަވެފައިވުން : އެގޮތުން "ބްރެސްޓް ކެންސަރ ޖީން 1"(BRCA1) ، އަދި "ބްރެސްޓް ކެންސަރ ޖީން2"(BRCA2) އަށް ބަދަލުތައް އައިސްފައިވާ މީހުންނަށް އެބަދަލުތައް އައިސްފައިނުވާ މީހުންނަށްވުރެ، ބިސްއުފައްދާ ތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ. 

(ބ) ގިނަ ދުވަސްތަކެއްވަންދެން ހޯރމޯން އެކުލެވޭ ބޭސްތައް ބޭނުންކުރުން : މިސާލަކަށް އިއްދައިން ކެނޑުމުން ދިމާވާ އުދަނގޫތައް ލުއިކުރުމަށް ހަމައެކަނި "އެސްޓްރަޖަން" ހޯރމޯން އެކުލެވޭ ބޭސް ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ބިސްއުފައްދާ ތަނުގެ ކެންސަރަށް މަގުފަހިކުރާ ކަމެކެވެ. އެގޮތުން ގިނަ އަހަރުތަކެއް ވަންދެން (10-5 އަހަރާ ދެމެދުގެ މުއްދަތަކަށް) އެސްޓްރަޖަން ހޯރމޯންގެ ފަރުވާ ނެގުމަކީ ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެއްކަމަށް ދިރާސާތަކުން ފާހަގަ ކުރެވިފައި ވެއެވެ. 

(ޅ) އެންޑޯމެޓްރީއޯސިސް ކުރިމަތިވެފައިވުން : އެންޑޯމެޓްރީއޯސިސްގެ މާނައަކީ ރަހިމުގެ ބަތާނަ ފަށުގެ ޓިޝޫތައް ރަހިމުން ބޭރުގައި އަށަގަންނަގޮތް ވުމެވެ. އެންޑޯމެޓްރީއޯސިސް ކުރިމަތިވުމަކީ ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

(ކ) ފުށްޖެހުން : ކުރިމަތި ފަރާތަށް ފުށް (ޓެލްކަމް ޕައުޑަރ) ޖެހުމަކީ ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކުރާ ކަމެކެވެ. ބެލެވިފައިވާގޮތުގައި މިހެން ދިމާވަނީ ކުރިމަތި ފަރާތަށް ފުށްޖެހުމުން ، އެތެރެއަށް ވަންނަ ފުށުގެ އަސަރު ބިސް އުފައްދާތަނަށް ހަމައަށް ފޯރައި، އޭގެ ސަބަބުން ބިސްއުފައްދާތަނަށް ދުޅަވެ، ގިނަ ދުވަސްވެ، ސެލްތަކަށް ކެންސަރާ ގުޅިގެން އަންނަ ބަދަލުތައް އައުމުގެ ސަބަބުންނެވެ.

(އ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބިސްއުފައްދާތަނަށް ޖެހޭ ބައެއް ވައްތަރުގެ ކެންސަރުތައް ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

އެހެނިހެން ކަންތައްތައް
·         ކުރިން އުރަމަތި، ގޮހޮރު، ރަހިމުގެ ދޮރު، އަދި ހަމުގެ ކެންސަރު ފަދަ ކެންސަރެއް ޖެހިފައިވުން ނޫނީ އާއިލާގެ މެންބަރަކަށް މިފަދަ ކެންސަރެއް ޖެހިފައިވުން
·         މާއަވަހަށް ބާލިޣުވުން (އުމުރުން 12 އަހަރުގެ ކުރިން)
·         މާލަހުން އިއްދައިން ކެނޑުން (އުމުރުން 52 އަހަރުގެ ފަހުން)
·         އެއްގޮތަކަށް ވެސް ބަލިވެއިނދެފައި ނުވުން ނޫނީ ދަރިޔަކު ވިހާފައިނުވުން
·         ދަރިން ނުލިބޭތީ ފަރުވާކުރުން
·         ދޭތެރެ ދުރުކުރުމަށް ރަހިމަށް ލައްވާ އެތިކޮޅު ބޭނުންކުރުން
·         ބިސްއުފައްދާ ތަނުގައި ވައިކޮތަޅު އުފެދުން (ޕޮލީ ސިސްޓިކް އޯވަރީ ސިންޑްރޯމް ހުރުން)
އަލާމާތްތައް
ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުން އޭގެ އަލާމާތްތައް ގިނަ ފަހަރު ބަލީގެ ކުރީކޮޅުގައި ނުފެނެއެވެ. އަދި މިއަލާމަތްތައް އާންމު ގޮތެއްގައި ފެންނަނީ ވަރަށް ފަހުންނެވެ. ބިސްއުފައްދާތަނުގެ ކެންސަރުގެ އެންމެ އާއްމު އަލާމާތްތަކުގެ ތެރޭގައި:-
·         ބަނޑުފުއްޕުން ގޭހުގެ އުދަނގޫވުން (ބަނޑުފުފުން)
·         ދަށްބަނޑަށް އުނދަގޫވުން (ދަށްބަނޑުގައި ރިހުން)
·         ކާއިރު މާއަވަހަށް ބަނޑުފުރޭހެން ހީވުން
·         މާގިނައިން ކުޑަކަމުދާންޖެހުން
·         ބުރަކަށީގައި ރިހުން
·         ބަރުދަން ލުއިވުން
·         ނޭވާކުރުވުން
·         މައްސަރު ކަންތަކަށް ބަދަލު އައިސް، ގަވާއިދުން މައްސަރުކަންތައް ނުޖެހުން
މީގެ އިތުރުން ބައެއް ފަހަރު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ވަރުބަލިވެ ވާޅުވުން
·         ކާތަކެތި ރަނގަޅަށް ހަޖަމުނުވުން އުދަނގޫވުން
·         ޖިމާއިރުވާއިރު ތަދުވުން
·         ބޮޑުކަމުދިއުމަށް ބަދަލުއައުން (މިސާލަކަށް ބަނޑުހަރުވުން ނޫނީ ބަނޑުދިޔާވުން )
·         މުޅި ހަށިގަނޑުގައި ފެންހެދުމުގެ ސަބަބުން ނޭވާލާން ދަތިވުން (ނޭވާކުރުވުން)
·         ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ހަޑިއެއްޗެހި އައުން ނޫނީ ލޭއައުން
ހަދާން ބަހައްޓަންވީ މީގެ ތެރެއިން ބައެއް އަލާމާތްތަކަކީ ބައެއް އަންހެނުންނަށް ވަރަށް އާންމު އަލާމާތް ތަކެކެވެ. އޭގެ މާނައަކީ އެފަދަ އަންހެނުންނަށް ބިސްއުފައްދާތަނުގެ ކެންސަރު ޖެހިފައިވުމެއް ނޫނެވެ. ނަމަވެސް ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުން ކުރީކޮޅު ގައި ފެންނަ އަލާމާތްތައް ފެންނަމުން އަންނަނީ ވަކި ގޮތަކަށް ނޫނީ ވަކި އުސޫލަކުންނެވެ. އެގޮތުން : -
·         އަލާމާތްތައް ފެށިގެން އަންނަނީ ކުއްލިއަކަށެވެ.
·         އާންމުކޮށް މައްސަރުގެ ތެރޭގައި ދިމާވާ މައްސަލަތައް ނޫނީ ހަޖަމުކުރާ ނިޒާމަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ދިމާވާ އުދަނގޫތަކާ ތަފާތުވުން
·         ކޮންމެ ދުވަހަކު މިއުދަނގޫތައް ކުރިމަތިވެ، އެއްކޮށް ނުފިލައި ދެމިހުރުން
ދެނެގަތުން
ދެނެގަތުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި :-
·         ބަނޑުގައި ކުޑަ ލޯވަޅެއް އަޅައިގެން ކެންސަރުގެ އަސަރު ހުރި ހިސާބުން ޓިޝޫ ކޮޅެއް ނަގައިގެން ޓެސްޓުކުރުން (biopsy): މިއީ ކެންސަރ ހުރިތޯ ޔަގީންކުރުމަށް ހެދޭ ޓެސްޓެކެވެ.
·         ހަށިގަނޑު ޗެކުކޮށް ބެލުން : ހަށިގަނޑު ޗެކުކޮށް ބަލާބެލުމުގައި ކުރިމަތި ފަރާތުން ޚާއްޞަ އަދަވާތެއް(speculum) އެތެރެއަށް ކޮށްޕައިގެން، ކަށިވަތު(pelvis) ގެ އެތެރޭގެ ގުނަވަންތައް ( ރަހިމުގެ ދޮރު، ރަހިމު ފަދަ ) ބަލައި ޗެކުކުރެވޭނެ އެވެ. އެގޮތުން ބިސްއުފައްދާތަނުގައި ގޮށެއް ނޫނީ އުފެދުމެއް(lump) ފަދަ އެއްޗެއް އިންތޯ ބެލޭނެއެވެ. މީގެ އިތުރުން މިބެލުމުގެ ތެރެއިން ރަހިމުގެ ދޮރު(cervix)ން ސެލްތަކުގެ ނަމޫނާ ކޮޅެއް ނަގައިގެން ޓެސްޓުކުރެވޭނެ(pap test) އެވެ. މިއީ މައިގަނޑު ގޮތެއްގައި ރަހިމުގެ ދޮރުގައި ކެންސަރުގެ އަސަރު ހުރިތޯ ބެލުމަށް ކުރެވޭ ކަމެކެވެ.
·         ލޭގެ ޓެސްޓެއް ހަދައި ކެންސަރ އެންޓިޖެން 125 ޕްރޮޓީން(CA125) ބިސް އުފައްދާ ތަނުގެ ކެންސަރު ސެލްތަކުގެ ސަތަހައިގައި ހުރިތޯ ބެލުން : މާގިނައިން ކެންސަރ އެންޓިޖަން 125 ލޭގައި ހުރުމަކީ ބިސް އުފައްދާ ތަނުގެ ކެންސަރުގެ ނިޝާނަކަށްވުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް ހަދާން ބަހައްޓަންވީ މައްސަރު ކަންތައްޖެހުން ، އެންޑޯމެޓްރީއޯސިސް، ރަހިމުގައި ފައިބްރޮއިޑް އުފެދުން ފަދަ ހާލަތްތަކުގައި ވެސް މި އެންޓިޖަން ލޭގައި އިތުރުވެދާނެ ކަމެވެ.
·         ބަނޑުގެ ސްކޭންކުރުން
·         ބަނޑުގެ ސީޓީ ސްކޭން ހެދުން
·         ބަނޑުގެ އެމްއާރުއައި ހެދުން
ބިސްއުފައްދާތަނުގެ ކެންސަރު ބެހިފައިވާ މަރުހަލާތައް
ބިސްރަވައިގެ ކެންސަރު 4 މަރުހަލާ އަކަށް ބެހިފައިވެއެވެ.
·         ފުރަތަމަ މަރުހަލާ : އެކެއް ނޫނީ ދެ ބިސްރަވައިގައި ވެސް ކެންސަރުގެ އަސަރު ހުރުން
·         ދެވަނަ މަރުހަލާ : ކެންސަރުގެ އަސަރު ކަށިވަތް ނޫނީ ޅިނދު (ޕެލްވިސް) ގެ އެހެން ހިސާބުތަކަށް ކުރުން
·         ތިންވަނަ މަރުހަލާ : ބަނޑަށް ކެންސަރު އަސަރު ފޯރުން
·         ހަތަރުވަނަ މަރުހަލާ : ހަށީގަނޑުގެ އެކި ހިސާބުތަކަށް ފެތުރުން
ފަރުވާ
·         އޮޕަރޭޝަންކުރުން
·         ރޭޑިއޭޝަން ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ކީމޯތެރަޕީ މިބާވަތުގެ ކެންސަރަށް މާރަގަޅުކަމަކަށް ނުވެއެވެ. ނަމަވެސް މިއީ ވެސް ފަރުވާގެ ބައެކެވެ. އެގޮތުން އޮޕަރޭޝަން ކުރުމުގެ ކުރިންނާއި، އަދި އޮޕަރޭޝަނަށްފަހު ވެސް ކީމޯތެރަޕީ ދޭންޖެހިދާނެއެވެ. ބިސްރަވައިގެ ކެންސަރަށް ފަރުވާ ދިނުމުގައި އޮޕަރޭޝަންކުރާއިރު ބަލީގެ އަސަރު މާބޮޑަށް ފެތުރިފައިވާނަމަ، ރަހިމު، ބިސްދަތުރުކުރާ ހޮޅި، އަދި ބިސްރަވަ އެކުގައި ވެސް ނަގަން ޖެހިދާނެ އެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
·         ވިހާއުމުރުގެ ހުރިހާ އަންހެނުން ގަވާޢިދުން މެޑިކަލް ޗެކަޕްހެދުން : މިގޮތަށް ޗެކަޕްހަދާއިރު އަންހެނުންގެ ޚާއްޞަ ޑޮކްޓަރަށް ދައްކައިގެން އިތުރު އެހެން އެއްވެސް މައްސަލައެއް ހުރިތޯ ވެސް ބެލިދާނެއެވެ.
·         ޕެޕްސްމިއަރ ހެދުން
·         40 އަހަރުން މަތީގެ އަންހެނުން މެޑިކަލް ހަދާއިރު ބަނޑުގެ ސްކޭނެއް ހެދުން
·         ބިސްއުފައްދާތަނުގައި ޓިއުމަރެއް ނުވަތަ ސިސްޓެއް އިންނަމަ، ޓިއުމަރ މާރކަރ ސީއޭ 125 ޓެސްޓުހެދުން
·         ޝައްކުކުރެވޭ ސިސްޓެއް ނުވަތަ ޓިއުމަރެއް ފެނިއްޖެނަމަ ބަޔޮޕްސީ ހެދުން
ބިސްއުފައްދާތަނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކުރާ ކަންތައްތަކުގެ ތެރޭގައި:-
·         ދޭތެރެ ދުރުކުރާ ގުޅަ ބޭސް ބޭނުންކުރުން
·         ދަރިން ލިބުން، އަދި ގާތުންދިނުން
·         އޮޕަރޭޝަންކޮށްގެން ބިސްދަތުރުކުރާ ހޮޅީގައި ގޮށްޖެހުން ނޫނީ ރަހިމު ނެގުން : މިއިން އޮޕަރޭޝަނެއް ކޮށްފިނަމަ، ދަރިންނެއް ނުލިބޭނެ އެވެ.
މައުލޫމާތު
·         ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ – 2005
·         ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ނެރެފައިވާ ފްލެޔަރ