Thursday, September 19, 2019

އޮސްޓިއޯއާތުރައިޓިސް

އޮސްޓިއޯއާތުރައިޓިސް(މަޑުކަށިގިރޭ ބަލި)
އޮސްޓިއޯއާތުރައިޓިސް(Osteoarthritis) އަކީ ހުޅުތައް ދުޅަވުމުގެ ވައްތަރެކެވެ. މިބައްޔަށް ދިވެހިބަހުން "މަޑުކަށިގިރޭ ބަލި" މިހެން ބައެއް ފަރާތްތަކުން މުޚާތަބުކޮށްއުޅޭކަން ފާހަގަ ކުރެވެއެވެ. ފަހަރުގައި މިހެން ކިޔަނީ މިބަލީގެ ސަބަބުން ހުޅުތަކުގެ ދެމެދުގައި މަޑުކަށިކޮޅު(Cartilage) ނުވަތަ ކާޓިލޭޖު، ނޫނީ ލޮނދިފަށް ހަލާކުވެ، ވީދި، ގިރެމުންދާތީ ކަމަށް ވެދާނެ އެވެ. ހުޅުތައް ދުޅަވުމުގެ ވައްތަރުތަކުގެ ތެރެއިން އެންމެ އާންމު އެއްވައްތަރަކީ ވެސް އޮސްޓިއޯއާތުރައިޓިސް އެވެ. އެންމެ އާންމުކޮށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވަނީ އަތްތިލައިގެ ހުޅުތަކާއި، ޅިނދުހުޅު، މައިބަދަ، އަދި ކަކުލު ހުޅަށެވެ. 


އޮސްޓިއޯއާތުރައިޓިސްގެ ސަބަބުން ދެހުޅުދޭތެރޭގައި މަޑުކަށިކޮޅު ހަލާކުވެ، އޭގެ ޖެހިގެން ހުޅުގައި ހިމެނޭ ކަށިތަކަށް ބަދަލުތައް ގެނުވައެވެ. މިބަދަލުތައް ކަށިތަކަށް އަންނަނީ ލަސްލަހުންނެވެ. އަދި ދުވަސްވާރަކަށް ކަށިތަކުގެ ހާލަތު ގޯސްވަމުންދާނެ އެވެ. އޮސްޓިއޯއާތުރައިޓިސްގެ ސަބަބުން ހުޅުގައި ރިހުން، ހުޅުހަރުއެރުން، އަދި ހުޅުދުޅަވުން ކުރިމަތިކުރުވައެވެ. ހުޅުތަކުގެ މަސައްކަތްތައް ދަށްވެ، ނުކުޅެދުންތެރިވާ ހާލަތަށް ކަންތައްތައް ގެންދެއެވެ. މާނައަކީ އާންމު ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ކުރުމަކީ އޮސްޓިއޯއާތުރައިޓިސް ހުންނަ މީހުންނަށް ބައެއް ފަހަރު ދަތިކަމަކަށް އޮންނަނީ ވެފައެވެ.

ސަބަބު
އޮސްޓިއޯއާތުރައިޓިސް ކުރިމަތިވަނީ ދެހުޅު ދޭތެރޭގައި ހުންނަ މަޑުކަށިތައް  ހަލާކުވެ، ވީދި، ގިރެން ފެށުމުންނެވެ. ހުޅުގެ ދެމެދުގައި ހުންނަ މަޑުކަށި ނުވަތަ ކާޓިލޭޖް އަކީ ސާބިތުކޮށް ހުންނަ، ލޮނދި، ލޫންދާލާ ސެލޯއްޓެކެވެ. މިސެލޯށީގެ ސަބަބުން ހުޅުއުފެދުގައި އިންނަ ދެކަށިކޮޅު ޖެހި، ގޭނުމަކާ ނުލައި، ހުޅު ލަންބައި، ހަރަކާތްކޮށް ހެދޭނެ އެވެ. ނަމަވެސް އޮސްޓިއޯއާތުރައިޓިސްގެ ސަބަބުން މިގޮތަށް ހުންނަ މަޑުކަށިކޮޅު ގިރުމުން ދެކަށިގަނޑު ޖެހި، ގޭނެން ފަށައެވެ. 

މަގުފަހިކުރާ ކަންތައްތައް
(ހ) ހުޅަށް އަނިޔާވުން، ނޫނީ މާބޮޑަށް އެހުޅެއްގެ ބޭނުންހިފަންޖެހުން : މިސާލަކަށް ހުޅުގެ ކަށިތަކަށް ލިބޭ އަނިޔާތައް ( ކަށިގަނޑެއް ބިދުން، ރެނދުއެޅުން، ލިގަމެންޓެއް ވީދައިގެންދިއުން، އަދި ހުޅުގެ އޮޕަރޭޝަނެއް ކުރުން) އަބަދު ހުޅު ލަންބައިގެން އިންނަންޖެހުން، ގިނައިރު ކޮޅަށް ހުންނަން ޖެހުން، މާގިނައިން ބަރު އެއްޗެހި އުފުލުން ނޫނީ އުފުލަންޖެހުން، ނޫނީ ތަކުރާރުކޮށް ހުޅަށް ބާރުބޮޑުވުން ފަދަ ކަންތައްތަކަކީ ހުޅަށް ގެއްލުންވެ، އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. އެކްސިޑެންޓް ތަކާއި، ކުޅިވަރު ކުޅުމުގެ ތެރޭގައި ހުޅަށް ލިބޭ އަނިޔާގެ ސަބަބުން ވެސް އޮސްޓިއޯއާތުރައިޓިސް އަށް މަގުފަހިކުރާކަން ފާހަގަ ކުރެވެއެވެ. 

(ށ) މާބޮޑަށް ބަރުހެލިވެ، ފަލަވުން : ހަށިގަނޑު މާބޮޑަށް ބަރުހެލިވެ، ފަލަވުމަކީ ހުޅުތަކަށް ބާރުކުރާނެ ކަމެކެވެ. ޚާއްޞަކޮށް ހަށިގަނޑުގެ ބަރުދަން ބަރޯސާވާ ހުޅުތަކަށް މިސާލަކަށް ކަކުލުހުޅާއި، ޅިނދުހުޅު ފަދަ ހުޅުތަކަށް ބާރުބޮޑުވާނެ ކަމެކެވެ. މިގޮތަށް ހުޅުތަކަށް ބާރުބޮޑުވުމަކީ އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަމެކެވެ. ހަށިގަނޑު ބަރުހެލިވާ ވަރަކަށް އޮސްޓިއޯ އާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. މީގެ ހަށިގަނޑުގައި ގިނަވާ ފެޓް ޓިޝޫ ތަކުން އުފައްދާ ޕްރޮޓީން ނުވަތަ އިންފްލެމޭޓަރީ ކެމިކަލް ސައިޓޯކައިން ގެ ސަބަބުން ވެސް ހުޅުތަކަށް ގެއްލުންވެ، ހުޅުވަށައިގެން ދުޅަވުން ކުރިމަތި ކުރުވައެވެ. 

(ނ) ތަކުރާރުކޮށް ހުޅަށް ބާރުބޮޑުވުން : ކުޅޭ ކުޅިވަރެއްގެ ސަބަބުން ނޫނީ ވަޒީފާގެ ގޮތުން ނަމަވެސް ތަކުރާރުކޮށް ވަކި ހުޅަކަށް ބާރު ބޮޑުވެއްޖެނަމަ، އެހުޅަކަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. 

(ރ) އުފެދުމުގައި ކަށީގައި ހުންނަ އައިބުތައް : ބައެއް މީހުން އުފަންވާއިރު ހުޅެއް ރަނގަޅަށް އުފެދިފައި ނުހުރެދާނެ އެވެ. ނޫނީ މަޑުކަށިކޮޅު ރަނގަޅަށް ނުއުފެދި ހުރެދާނެ އެވެ. މިފަދަ ހާލަތްތަކުގެ ސަބަބުން ވެސް އޮސްޓިއޯއާތުރައިޓިސް އަށް މަގުފަހިކުރެއެވެ.

(ބ) ބައެއް ކަހަލަ މެޓަބޮލިކް ބަލިތައް : މިސާލަކަށް ހަކުރު ބަލި، ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުވުން(Haemochromastosis) ފަދަ ހާލަތްތަކާ ގުޅިގެން އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެއެވެ. 

(ޅ) އުމުރު : އުމުރުން މަތިވާ ވަރަކަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ.

(ކ) ޖިންސް : ފިރިހެނުންނަށް ވުރެ އަންހެނުންނަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ޚާއްޞަކޮށް އުމުރުން 50 އަހަރުން މައްޗަށް ދިއުމަށްފަހު އިތުރުވާކަން ފާހަގަ ކުރެވެއެވެ.

(އ) ވާރުތަވުން : އާއިލާގެ މެންބަރުންގެ ތެރޭގައި އޮސްޓިއޯއާތުރައިޓިސްގެ މައްސަލަ ހުރިނަމަ އެމީހަކަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވައެވެ. މީގެ އިތުރުން އަތްތިލައިގެ ހުޅުތަކުގައި އޮސްޓިއޯއާތުރައިޓިސްގެ މައްސަލަ ހުރިނަމަ، އެކަމުގެ ސަބަބުން ކަކުލު ހުޅަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. އުފެދުމުގައި ވިރާސީ ގޮތުން ހުންނަ ބައެއް ކަހަލަ މައްސަލަތަކުގެ ސަބަބުން ވެސް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވެދާނެ އެވެ. މިސާލަކަށް މަޑުކަށި ނުވަތަ ކާޓިލޭޖް ތައް އުފެދުމަށް ބޭނުންވާ ''ކޮލަޖަން" އޭ ކިޔާ ޕްރޮޓީން އުފެދުމުގައި އުނިކަމެއް ހުރިނަމަ، ނޫނީ ހަށިގަނޑުގައި އެ ޕްރޮޓީން އުފެއްދުމުގައި މައްސަލައެއް އުޅޭނަމަ އެކަމުގެ ސަބަބަން އޮސްޓިއޯއާތުރައިޓިސް ކުރިމަތި ވެދާނެ އެވެ. 

(ވ) ނަސްލު : އޭޝިޔާގެ ބައެއް ނަސްލުތަކުގެ މީހުންނަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް ކުޑަކަން ފާހަގަ ކުރެވެއެވެ.

އަލާމާތްތައް
އޮސްޓިއޯއާތުރައިޓިސްގެ އަލާމާތްތައް ފެންނަމުން އަންނާނީ މަޑުމަޑުން، ލަސްލަހުންނެވެ. އަދި ގިނަ ދުވަސްވާވަރަކަށް އަލާމާތްތައް އިތުރުވެ، ގޯސްވަމުންދާނެ އެވެ. މިބައްޔާއި ގުޅިގެން ފެނިދާނެ އަލާމާތްތަކާ، ނިޝާންތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·         ހުޅުގައި ރިހުން : ހުޅުތައް ހަރަކާތްކުރުމުން، ނޫނީ އޭގެ ފަހުން  ތަދާއި ރިހުން، ހުންނާނެ އެވެ.
·         ހުޅު ހަރުއެރުން : ހުޅު ހަރުއަރާފައި ހުންނަކަން އެންމެ ބޮޑަށް ފާހަގަވާނީ ހެދުނު ހޭލާއިރު، ނޫނީ ޖިސްމާނީ ހަރަކާތެއް ނުކޮށް ގިނަވަގުތު ހޭދަކުރުމަށްފަހު، ޖިސްމާނީ ހަރަކާތެއް ކުރަން ފެށުމުންނެވެ.
·         ބީހިލުމުން ރިހުން : މަޑުން މަޑުން ފިތާލި ނަމަވެސް، ނޫނީ ކައިރީގައި އަތް ހާކާލި ނަމަވެސް ތަދާއި ރިހުން އިހުސާސް ވެދާނެ އެވެ.
·         ހުޅުގެ ހަރަކާތްތެރިކަން ނޫނީ ހުޅަށް ލިބިފައިވާ އެކި ފަރާތަށް ލަންބައި، ދެމިހެދުމުގެ ގާބިލިއްޔަތު ގެއްލުން : ހުޅު ލަންބަންޖެހޭ މިންވަރަށް ނުލެންބުން، ނޫނީ އަތްފައިގެ ހުޅުތަކުގައި އޮސްޓިއޯއާތުރައިޓިސް ހުރުމުގެ ސަބަބުން އަތްފައި ދަމާލަންޖެހޭ ވަރަށް ދަމާނުލެވުން އެއީ ވެދާނެ ކަމެކެވެ.
·         ހުޅުތެރެއިން އަޑުކިޔުން : ހުޅު ހަރަކާތްކުރާއިރު، ނޫނީ ހުޅު ލަންބާއިރު ހުޅުން އަޑުކިޔުމަކީ އެކަށީގެންވާ ކަމެކެވެ.
·         އިތުރު ކަށިކޮޅު އުފެދުން : އޮސްޓިއޯއާތުރައިޓިސް ހުންނަ ހުޅުގެ ވަށައިގެން ހުންނަ ހިސާބު އިތުރު ކަށިކޮޅު އުފެދުމަކީ ވެސް ވެދާނެ ގޮތެކެވެ.
·         ހުޅު ދުޅަވުން : އާންމު ގޮތެއްގައި ހުޅު ދުޅަވަނީ ހުޅުގެ ވަށައިގެން ހުންނަ އެހެނިހެން މަޑު ސެލޯށިތައް ދުޅަވާތީ އެވެ.
އޮސްޓިއޯއާތުރައިޓިސް ދިމާވާ ހުޅެއްގެ މައްޗަށް ރިއާޔަތްކޮށް ކުރިމަތިވާ އުދަނގޫތަކުގައި ތަފާތު ކަމެއް ހުރުމަކީ ވެދާނެ ކަމެކެވެ. އެންމެ އާންމުކޮށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވާ ހުޅުތަކާ ހިސާބުތައް ތިރީގައި މިވަނީ އެވެ.
·         އުކުޅުވަޅު ހުޅު : އުކުޅުވަޅާއި، އުނަގަނޑު، އަދި ފައިގެ ފަލަމަސްގަނޑުގައި ރިހުން ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
·         ކަކުލު ހުޅު : ކަކޫ ހަރަކާތްކުރުމުން ކަކުލު ހުޅުން އަޑުކިޔާނެއެވެ.
·         އަތުގެ އިގިލިތައް : ހުޅުތައް ކައިރިން އިތުރުކަށިކޮޅުތައް އުފެދި، އިގިލިތައް ދުޅަވެ، ރަތްވެ، ބީހިލުމުން ތަދު އިހުސާސް ކުރެވޭނެ އެވެ.
·         ފައިތިލަ : ބޮޑުވައި އިގިލީގައި ބުޑުގައި އިންނަ ބޮޑު ހުޅަށް ތަދުވެ، ރިއްސާނެއެވެ. ފައިގެ އިގިލިތައް ދުޅަވެ، ނޫނީ ތަނބިކަށި ދުޅަވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ދިގުލައިދިއުމުން ދިމާވެދާނެ މައްސަލަތައް
އޮސްޓިއޯއާތުރައިޓިސް އަކީ ގިނަ ދުވަސްވާވަރަކަށް ގޯސްވަމުންދާ ބައްޔަކަށްވުމާއެކު، ހުޅުގައި ދާއިމީ ތަދެއް ނޫނީ ރިހުން ހުރުމަކީ އެންމެ އާންމު އެއް މައްސަލަ އެވެ. ހުޅުގައި ރިހުމާއި، ހުޅުހަރުއެރުން ފަދަ ކަންކަމުގެ ސަބަބުން ހުޅު ލަންބަން އުދަނގޫވެ، ދިރިއުޅުމުގެ ބޭނުންތައް ފުއްދުމުގައި ދަތި އުދަނގުލާ ކުރިމަތިލާންޖެހެއެވެ. މާނައަކީ ހެލިފެލިވެއުޅުން މަދުވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން އިތުރުވުމާއި، އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވެ، ބަރުހެލިވެގެން ދެއެވެ. އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވެ، ބަރުހެލިވުމަކީ ހަކުރު ބަލި، ހިތުގެ ބަލި، ސަރުބީ މަތިވުން، އަދި ލޭމައްޗަށްދިއުން ފަދަ ނުރައްކާތެރި މައްސަލަތަކަށް މަގުފަހިކުރާނެ ކަމެކެވެ. 

އޮސްޓިއޯއާތުރައިޓިސްގެ ސަބަބުން ބައެއް މީހުންނަށް މާޔޫސްވުމުގެ ބަލި، އަދި ނިދިނައުން ފަދަ މައްސަލަތައް ކުރިމަތިވުމަކި އެކަށީގެންވާ ކަމެކެވެ. ވެއްޓުމާއި، ކަށިގަނޑު ބިއްދައިގެން ދިއުން ފަދަ ކަންކަމަކީ ވެސް އޮސްޓިއޯއާތުރައިޓިސްގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތަކެވެ. 

ދެނެގަތުން
އޮސްޓިއޯއާތުރައިޓިސް ދެނެގަންނަނީ ޑޮކްޓަރުން ބަލާބެލުންތަކާ ހަދާ ޓެސްޓުތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. ޑޮކްޓަރުން ހުޅުތައް ބަލައިހަދާއިރު، ހުޅުގައި ބީހިލުމުން ރިހުން ހުރުން، ދުޅަހުރުން، ހުޅުގައި ހޫނުކަމެއް ހުރިތޯ ބެލުން، ރަތްކަމެއް ހުރިތޯބެލުން، ފަދަ ކަންކަން ހުރިތޯ ބަލައި ޔަގީންކުރާނެއެވެ. އޮސްޓިއޯއާތުރައިޓިސް ހުރިކަން ދެނެގަތުމަށް ހަދައިފާނެ ބައެއް ޓެސްޓުތައް ތިރީގައި މިވަނީ އެވެ. 

އިމޭޖިންގ ޓެސްޓުތައް
(ހ) އެކްސްރޭ ނެގުން (chest x ray): މަޑުކަށި ގިރޭކަން ސީދާ އެކްސްރޭ އިން ނޭނގިދާނެއެވެ. ނޫނީ ފެންނަން ނުހުރެދާނެ އެވެ. މަޑުކަށި ގިރޭނަމަ ހުޅުގެ ދެކަށިގަނޑުގެ ދެމެދުގައިވާ ޖާގަ ހަނިވަމުންދާކަން ފާހަގަ ކުރެވޭނެ އެވެ. ހުޅުގެ ވަށައިގެންވީ ސަރަހައްދުގައި އިތުރުކޮޅު ކަށިކޮޅެއް(bone spurs) އުފެދޭނަމަ އެކަން އެކްސްރޭ އިން ފެންނަށް ހުންނާނެ އެވެ. 

(ށ) މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ހެދުން (MRI): އެމްއާރުއައިގެ އެހީގައި  ރޭޑިޔޯ ރާޅުބާނި ތަކާއި، ބާރުގަދަ ދަގައްފާނީ ފީލްޑް ބޭނުންކޮށްގެން ކަށިތަކާއި، މަޑުކަށިތައް، އަދި ހުޅުގެ ވަށައިގެންވާ މަޑު ސެލޯށިތަކުގެ ތަފްސީލީ މަންޒަރެއް ކުރަހައިދޭނެ އެވެ. އޮސްޓިއޯއާތުރައިޓިސްގެ ކޮންމެ ބަލިމީހަކަށް އެމްއާރުއައި ހަދާކަން ނުޖެހޭނެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ނޫނީ ނާޒުކު ހާލަތްތަކުގައި ނުރައްކާތެރި ކަމެއް ހުރިތޯ ދެނެގަތުމަށް އެމްއާރުއައި ހަދަންޖެހިދާނެ އެވެ. 

ލެބޯޓަރީ ޓެސްޓުތައް
(ހ) ލޭގެ ޓެސްޓުތައް : އޮސްޓިއޯއާތުރައިޓިސް ދެނެގަތުމަށް ވަކި ޚާއްޞަ ޓެސްޓެއް ކަނޑައެޅިފައި ނެތަސް ބައެއް ކަހަލަ ލޭގެ ޓެސްޓުތަކުގެ އެހީގައި ހުޅުތައް ދުޅަވުމުގެ އެހެން ބައެއް ވައްތަރުތައް ދެނެގަތުމަށް އެހީތެރިކަން ލިބެއެވެ. މިސާލަކަށް ރޫމަޓޮއިޑް އާތުރައިޓިސް، އަދި ގައުޓީ އާތުރައިޓިސް ފަދަ ހާލަތްތަކުގައި ލޭގެ ޓެސްޓުތައް ހަދައި އުޅެއެވެ. 

(ށ) ހުޅުތެރޭގައި ހުންނަ ދިޔަ ތަހުލީލުކުރުން : މައްސަލަ ހުރި ހުޅުން އިންޖެކްޝަން ކަށްޓެއްގެ އެހީގައި ޑޮކްޓަރުން ހުޅުގެ ތެރެއިން ދިޔަކޮޅެއް ނަގައިފާނެއެވެ. މިދިޔަ ޓެސްޓުކުރަނީ އިންފްލެމޭޝަންގެ ސަބަބު ހޯދުމަށެވެ. ނޫނީ ކްރިސްޓަލް ހުރިތޯ ބެލުމަށެވެ. ޚާއްޞަކޮށް ހުޅު ދުޅަވެފައިވަނީ އިންފެކްޝަންގެ ސަބަބުންތޯ، ނުވަތަ ޔޫރިކް އެސިޑް މަތިވެގެންތޯ ބެލުމަށެވެ. 

ފަރުވާ
އޮސްޓިއޯއާތުރައިޓިސް އަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. އާންމު ގޮތެއްގައި ޑޮކްޓަރުން މަސައްކަތްކުރަނީ އޮސްޓިއޯއާތުރައިޓިސް އާއި ގުޅިގެން ބަލިމީހާއަށް ކުރިމަތިވާ އުދަނގޫތައް ލުއިކޮށްދިނުމަށެވެ. އެގޮތުން ފަރުވާގެ ތެރޭގައި ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުން، ބަރުދަން ލުއިކުރުން، މަސްތަކުގެ ބާރުގަދަކުރުމަށް ކުރެވޭ ކަސްރަތުތައް، އަސާ ނޫނީ އަތްދަނޑި ބޭނުންކުރުން، ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން، ފަދަ ތަފާތު އެކި ކަހަލަ ކަންތައްތައް ހިމެނިފައި ހުރެއެވެ. 

ބޭހުގެ ފަރުވާ
އޮސްޓިއޯއާތުރައިޓިސް އާއި ގުޅުވައިގެން ތަދާއި ރިހުން ލުއިކުރުމަށް ދީއުޅޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ. 

(ހ) އެސިޓަމައިނޯފަން (Acetaminophen): އާދައިގެ މިންވަރަކުން ފެށިގެން ގޮސް މެދުމިންވަރަކަށް ހުންނަ ތަދާއި ރިހުމަށް އާންމު ގޮތެއްގައި އެސިޓަމައިނޯފަން ނުވަތަ ޕެރަސިޓަމޯލްގެ ބްރޭންޑް ތައް ބޭނުންކޮށް އުޅެއެވެ. މާގިނައިން ޕެރަސިޓަމޯލް ބޭނުންކުރުމަކީ ފުރަމޭގެ މަސައްކަތަށް ބުރޫއަރާފާނެ ކަމެއްކަން ހަދާންކުރާށެވެ.

(ށ) ތަދުކަނޑުވާ ބޭސްތައް (NSAIDs): ބުރޫފަން، ޕޮންސްޓަން، ނެޕްރޮކްސިކަމް، ޕައިރޮކްސިކަމް، ވޮލްޓްރަން ފަދަ ތަދުކަނޑުވާ ބޭސްތައް އޮސްޓިއޯއާތުރައިޓިސް އާއި ގުޅިގެން ކުރިމަތިވާ ހުޅުގެ ރިހުން ކުޑަކުރުމަށް ދީއުޅެއެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ބަނޑަށް އުދަނގޫވުން، ހިތާއި ލޭހޮޅިތަކުގެ މައްސަލަތައް، ލޭހިލުން، ގުރުދާ އަދި ފުރަމޭގެ މައްސަލަތައް ހިމެނެއެވެ. މިބޭސްތައް އުގުޅާ ބޭހުގެ ގޮތުގައި ބޭނުންކުރުމުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަވެފައި، މަދުކަން ފާހަގަ ކުރެވެއެވެ.

(ނ) ޑަލްއޮކްސީޓިން  (Duloxetine): މިއީ އާންމު ގޮތެއްގައި މާޔޫސްވުމުގެ ބައްޔަށް ފަރުވާގެ ގޮތުގައި ދޭ ބޭހެއް ނަމަވެސް އޮސްޓިއޯއާތުރައިޓިސް ފަދަ ހާލަތްތަކުގައި ހުޅުތަކުގައި ހުންނަ ދާއިމީ ތަދަށް މިބޭސް ދީއުޅެއެވެ. 

އޮޕަރޭޝަންކުރުން އަދި އެހެނިހެން އިޖުރާއާތުތައް
އޮސްޓިއޯއާތުރައިޓިސް ކުރިމަތިވެފައިވާނަމަ ބައެއް ފަހަރު އޮޕަރޭޝަންކުރުން ނޫނީ އެހެން ބައެއް އިޖުރާއާތްތައް ހަދަންޖެހިދާނެ އެވެ. އެގޮތުން އާންމުކޮށް ކޮށްއުޅޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ހުޅަށް ކޯޓިޒޯން އިންޖެކްޝަން ޖެހުން (Cortisone injection): ހުޅަށް ކޯޓިޒޯން އިންޖެކްޝަން ނުވަތަ ކޯޓިކޯސްޓީރޮއިޑް (ސްޓީރޮއިޑް) އިންޖެކްޝަން ޖެހުމުން ހުޅުގައި ހުންނަ ތަދާއި ރިހުން ކުޑަވެ، ފިލައިދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިއިންޖެކްޝަން ޖެހުމަށްޓަކައި ހުޅުގެ ވަށައިގެންވީ ހިސާބު އައްސިކޮށްލާނެއެވެ. އަދި ހުޅުގެ ތެރެއަށް ސްޓީރޮއިޑް އިންޖެކްޝަން ޖަހާނެއެވެ. އާންމު ގޮތެއްގައި އަހަރެއްގެ ތެރޭގައި ގިނަވެގެންޖެހޭނީ 4-3 އިންޖެކްޝަނެވެ. ސަބަބަކީ މާގިނައިން އިންޖެކްޝަން ޖަހައިފިނަމަ އެކަމުގެ ސަބަބުން ހުޅަށް ލިބިފައިހުރި ގެއްލުން ގޯސްވެގެން ހިގައިދާނެއެވެ. 

(ށ) ތެޔޮ އެކުލެވޭ މާއްދާއެއް ހުޅުގެ ތެރެއަށް ފޮނުވުން (lubricant injection): އިންޖެކްޝަނެއްގެ ގޮތުގައި ހުޅުގެ ތެރެއަށް "ހައިލުރޮނިކް އެސިޑް" ފޮނުވުމުން ހުޅުގެ ތެރޭގައި ލޮނދިކަމެއް އުފެދި، ފަހަރުގައި ތަދު ކުޑަވުމަކީ އެކަށީގެންވާ ކަމެކެވެ. ހައިލުރޮނިކް އެސިޑަކީ ހުޅު ތެރޭގައި ހުންނަ ދިޔައިގައި ހުންނަ މާއްދާތަކާ އެއްގޮތް ކަމެއް ހުންނަ އެއްޗެކެވެ. 

(ނ) ކަށިތައް އަލުން އަތުރާލުން (Realigning bones): އޮސްޓިއޯއާތުރައިޓިސް ގެ ސަބަބުން އެއް ފަރާތުގެ ހުޅަށްވުރެ އަނެއް ފަރާތުގެ ހުޅު މާބޮޑަށް ހަލާކުވެފައިވާ ނަމަ ހުޅުއުފެދިފައިވާ ދެކަށިގަނޑުންކުރެ ކަށިގަނޑަކުން ކަށިފޮއްޗެއް ވަކިކޮށް، އަލުން ކަށިތަކާ ހުޅު ރާވާލައި، ތަރުތީބުކޮށްލަންޖެހިދާނެ އެވެ. މިސާލަކަށް ކަކުލު ހުޅަށް އޮސްޓިއޯއާތުރައިޓިސް ދިމާވެފައިވާނަމަ، ކަކުލުގެ ތިރިން ނުވަތަ މަތިން ކަށިފޮއްޗެއް ނައްތާލުމަށްފަހު، ކަށިފޮތި ނުވަތަ ކަށިކޮޅު ނައްޓާލި ހިސާބުން ގުޅުވާލައިފާނެ އެވެ. 

(ރ) ހުޅު ބަދަލުކުރުން (joint replacement): ހުޅު ބަދަލުކުރާއިރު ހުޅުގެ ސަތަހައިގައި ހުންނަ ބައިތަށް ނެގުމަށްފަހު އޭގެ ބަދަލުގައި ޕްލާސްޓިކް، އަދި މެޓަލް ބައިތައް ހުޅުގެ ތެރެއަށް ލައްވަނީ އެވެ. ހުޅު ބަދަލުކުރުމަށްފަހު، ހުޅުދޫވުން، އަދި ހުޅު އަލުން ބަދަލުކުރަންޖެހުމަކީ ވެސް މަދުން ނަމަވެސް ދިމާވެދާނެ ކަމެކެވެ. ހުޅު ބަދަލު ކުރުމުގެ ސަބަބުން ދިމާވެދާނެ އެންމެ އާންމު ހިރާސް އަކީ އިންފެކްޝަން ހެދުމާއި، ގަނޑުލޭކޮޅު އުފެދުމެވެ. 

އެހެނިހެން ފަރުވާތައް
(ހ) ފިޒިއޮތެރަޕީ (physiotherapy): އާންމު ގޮތެއްގައި ފިޒިއޮތެރަޕީގައި މައްސަލަ ދިމާވެފައިވާ ހުޅުގެ ވަށައިގެންވާ މަސްތައް ވަރުގަދަކޮށް، ތަދުކުޑަކޮށްދީ، މައްސަލަ ދިމާވެފައިވާ ހުޅުގެ އެކިފަރާތަށް ލަންބައި، ދަމައި ހެދުމުގެ ގާބިލިއްޔަތު އިތުރުކުރުމަށް ކުރެވިދާނެ ކަސްރަތުތައް ކޮށްދީ ހަދާނެއެވެ. އަދި މިކަސްރަތުތައް ބަލިމީހާއަށް ވެސް ދަސްކޮށްދޭނެއެވެ. ފެތުމާއި، ހިނގުން ފަދަ ގަވާޢިދުން ކުރެވިދާނެ ބައެއް ކަންކަންކުރުމުން ވެސް މިފަދަ ހާލަތްތަކުގައި ލުއިކަން ހޯދިދާނެއެވެ.

(ށ) އޮކިޔުޕޭޝަނަލް ތެރަޕީ (occupational therapy): އޮކިޔުޕޭޝަނަލް ތެރަޕީގެ އެހީގައި އާންމު ދިރިއުޅުމުގެ އެކި ކަންކަން ފުރިހަމަކުރުމުގައި ފަސޭހަކަމާއި، ލުއިކަން ޚިޔާރުކުރެވޭނެ ގޮތްތައް އޮކިޔުޕޭޝަނަލް ތެރަޕިސްޓް ކިޔައިދޭނެ އެވެ. މިސާލަކަށް ކަކުލު ހުޅަށް އޮސްޓިއޯއާތުރައިޓިސް ކުރިމަތިވެފައިވާނަމަ، ކޮށްޅަންހުރެ ފެންވަރަށް ދަތިވާނަމަ، ފެންވަރާގަޑީގައި ފާޚާނާގައި ގޮޑިއެއް ފަދަ އެއްޗެއް ބަހައްޓައިގެން ފެންވެރިދާނެއެވެ. މިހެން ހެދުމުން ކަކުލުހުޅަށް ކުރާ ބާރު ކުޑަވެ، ތަދާއި ރިހުން ގޯސްވިޔަނުދީ ހިފަހައްޓައިދޭނެ އެވެ. 

ހަވާލާ
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

އާތުރައިޓިސް

އާތުރައިޓިސް : އާންމު ނަޒަރެއް
އާތުރައިޓިސްގެ މާނައަކީ "ހުޅުދުޅަވުމެވެ" މިއީ ހުޅުތައް ދުޅަވާ ބައްޔެކެވެ. އާތުރައިޓިސް އާންމު ގޮތެއްގައި ނިސްބަތްކުރެވެނީ އިންސާނާގެ ހަށިގަނޑުގައިވާ ހުޅުތަކުގެ ތެރެއިން ހުޅެއް( އެންމެ ހުޅެއް) ނުވަތަ އެއް ހުޅަށްވުރެ ގިނަ ހުޅުތައް ދުޅަވެ، ހުޅުގައި ބީހިލުމުން ތަދު އިހުސާސްވުމަށެވެ. އާތުރައިޓިސް އެންމެ މައިގަނޑު އަލާމާތަކީ ހުޅުދުޅަވުން، ހުޅުހަރުއެރުމެވެ. އާންމު ގޮތެއްގައި އުމުރުން ދުވަސްވާ ވަރަކަށް ހުޅުދުޅަވުމުގެ މައްސަލަ ގޯސްވަމުންދާނެ އެވެ. 

ހަތަރު ހުޅަށްވުރެ ގިނަ ހުޅު އެއްފަހަރާ ދުޅަވެ، އުދަނގޫތައް ކުރިމަތިވެއްޖެނަމަ "ޕޮލީ އާތުރައިޓިސް"(Polyarthritis) އޭ ކިޔައެވެ. މާނައަކީ ގިނަހުޅުތައް ދުޅަވުމެވެ. ދޭއް ނުވަތަ ތިން ހުޅެއް އެއް ފަހަރާ ދުޅަވެއްޖެނަމަ، "އޮލިގޯ އާތުރައިޓިސް"(Oligoarthritis) އޭ ކިޔައެވެ. އަދި އެންމެ ހުޅެއް ދުޅަވެއްޖެނަމަ ކިޔައި އުޅެނީ "މޮނޯ އާތުރައިޓިސް"(Monoarthritis) އެވެ. އާތުރައިޓިސްގެ ވައްތަރު ތަކުގެ ތެރެއިން އެންމެ އާންމު ދެވައްތަރަކީ "އޮސްޓިއޯއާތުރައިޓިސް"(Osteoarthrtis) އަދި "ރޫމަޓޮއިޑް އާތުރައިޓިސް"(Rheumatoid Arthritis) އެވެ. 

އާންމު ގޮތެއްގައި އޮސްޓިއޯއާތުރައިޓިސް ގައި ހުޅުތަކުގެ ދެމެދުގައި ހުންނަ ކާޓިލޭޖް (ހަރު، އޮމާންކަމެއް ހުންނަ ސެލޯށިއެއް)، ނުވަތަ މަޑުކަށިތައް (Cartilage) މަޑުމަޑުން ގެރެމުން ދަނީ އެވެ. ރޫމަޓޮއިޑް އާތުރައިޓިސްގައި ވާގޮތަކީ ދިފާޢީ ނިޒާމުން ހުޅުތަކަށް ހަމަލާދިނުމުން، އެކަމުގެ ސަބަބުން ހުޅުތައް ހަލާކުވެދަނީ އެވެ. ލޭގައި ޔޫރިކް އެސިޑް މަތިވެއްޖެނަމަ އެކަމުގެ ސަބަބުން ބައެއް ފަހަރު ހުޅުތައް ދުޅަވާގޮތް ވެއެވެ. މިހާލަތަށް ކިޔަނީ "ގައުޓް" ނުވަތަ "ގައުޓީ އާތުރައިޓިސް"(gout) އެވެ.

އޮސްޓިއޯ އާތުރައިޓިސް(Osteoarthritis) އަށް ދިވެހިންގެ ތެރޭގައި "މަޑުކަށިގިރޭ ބަލި" އަދި "ރޫމަޓޮއިޑް އާތުރައިޓިސް"(Rheumatoid arthritis) އަށް "ރާއްޖެ ބަލި" ބައެއް ފަރާތްތަކުން މުޚާތަބުކުރާކަން ފާހަގަ ކުރެވެއެވެ. 

އާތުރައިޓިސް ގެ ވައްތަރުތައް
·         އޮސްޓިއޯ އާތުރައިޓިސް
·         ރޫމަޓޮއިޑް އާތުރައިޓިސް
·         ގައުޓް / ގައުޓީ އާތުރައިޓިސް
·         ރިއެކްޓިވް އާތުރައިޓިސް
·         އިންފެކްޝަސް އާތުރައިޓިސް : ސެޕްޓިކް އާތުރައިޓިސް
·         ސޯރިއެޓިކް އާތުރައިޓިސް
މަގުފަހިކުރާ ކަންތައްތައް
އާތުރައިޓިސް އަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. 

އަމިއްލައަށް ކޮންޓްރޯލް ނުކުރެވޭ ކަންތައްތައް
(ހ) އާއިލާގައި އާތުރައިޓިސް ދައުރުވަމުން އައުން އަދި ބަލި ވާރުތަވުން : ބައެއް ވައްތަރުގެ އާތުރައިޓިސް ތައް އެކި އާއިލާތަކުގެ ތެރޭގައި އެންމެ ކުރިއްސުރެ ދައުރުވަމުން އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން މަންމަ، ބައްޕަ، އެއްބަނޑު އެއްބަފާ މީހުންގެ ކިބައިގައި މިފަދަ މައްސަލަ އެއް ކުރި ހުރެ، ނޫނީ ކުރިމަތިވެފައިވާނަމަ، އެފަދަ މީހަކަށް އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވާނެ އެވެ.އާއިލާގެ ތެރެއިން ވާރުތަވެފައިވާ ވިރާސީ ބަހާއެއްގެ ސަބަބުން، އެމީހަކަށް އާތުރައިޓިސް ކުރިމަތިވުމުގެ ހިރާސް އިތުރުވުމެވެ. އުފަންވާއިރު ވަކި ޚާއްޞަ ވިރާސީ ބަހާއެއް އެމީހެއްގެ ހަށިގަނޑުގައި ހުރި ނަމަ އެމީހަކަށް ބައެއް ވައްތަރުގެ އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. މިސާލަކަށް ރޫމަޓޮއިޑް އާތުރައިޓިސް، ސިސްޓެމިކް ލޫޕަސް އެރިތެމަޓޯސަސް، އަދި އެންކައިލޯޒިންގ ސްޕަންޑައިލައިޓިސް ކުރިމަތިވުމުގެ ފުރުޞަތު މިފަދަ ވިރާސީ ބަހާތަކުގެ ސަބަބުން އިތުރުވެގެން ދެއެވެ. މިވިރާސީ ބަހާއަށް ކިޔަނީ "ހިއުމަން ލިޔުކޮސައިޓް އެންޓިޖަން" ކްލާސް2 ޖީނަޓައިޕް(HLA class 2 genotype) އެވެ. 

(ށ) އުމުރު : އާތުރައިޓިސްގެ ބައެއް ވައްތަރުތައް ކުރިމަތިވުމުގެ ހިރާސް އުމުރުން ދުވަސްވާވަރަކަށް ބޮޑުވެއެވެ. މިސާލަކަށް އޮސްޓިއޯ އާތުރައިޓިސް، ރޫމަޓޮއިޑް އާތުރައިޓިސް ފަދަ ހުޅުދުޅަވުމުގެ ވައްތަރުތަކަކީ އުމުރުން ދުވަސްވާވަރަކަށް އެމައްސަލަތައް ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަންކަމެވެ.

(ނ) ޖިންސް : ފިރިހެނުންނަށްވުރެ އަންހެނުންނަށް ރޫމަޓޮއިޑް އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވާއިރު، ގައުޓް ފަދަ އާތުރައިޓިސް ގެ ވައްތަރުތައް އަންހެނުންނަށްވުރެ ފިރިހެނުންނަށް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ.

އަމިއްލައަށް ކޮންޓްރޯލްކުރެވިދާނެ ކަންތައްތައް
(ހ) ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި، އާދަޔާ ޚިލާފަށް ބަރުހެލިވެ، ފަލަވުން : އާދަޔާ ޚިލާފަށް ފަލަ، ހަށިގަނޑު ބުރަހެލި މީހުންނަށް ކަކުލު ހުޅަށް އޮސްޓިއޯ އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. އޮސްޓިއޯ އާތުރައިޓިސް ހުންނަ މީހުން މާބޮޑަށް ފަލަވުމަކީ ވެސް އާތުރައިޓިސްގެ އުނދަގޫތައް އިތުރަށް ގޯސްވެގެންދާނެ ކަމެކެވެ. ހަށިގަނޑުގެ ބަރުދަން އިތުރުވުމަކީ ހަށިގަނޑުގެ ބާރު ހިފަހައްޓައިދޭ (ބަރޯސާވާ) ހުޅުތަކަށް މިސާލަކަށް އުކުޅުވަޅުގެ ހުޅާއި، ކަކުލުހުޅު، އަދި މައިބަދައިގެ ހުޅުތައް  ފަދަ ހުޅުތަކަށް ބާރު ކުރާނެ ކަމެކެވެ. ނުވަތަ އެހުޅުތަކަށް ބުރަބޮޑުވާނެ ކަމެކެވެ. 

(ށ) ހުޅުގައި އިންފެކްޝަން ހެދުން : ބައެއް ކަހަލަ ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމުތައް ހުޅުގައި އަށަގަނެ، އިންފެކްޝަން ހެދުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިފަދަ އިންފެކްޝަންގެ ސަބަބުން އާތުރައިޓިސް އަށް މަގުފަހިވުމަކީ އެކަށީގެންވާ ކަމެކެވެ. 

(ނ) ހުޅަށް އަނިޔާވުން : ކުޅިވަރު ކުޅުމުގެ ތެރޭގައި ހުޅަށް އަނިޔާވުން މިސާލަކަށް ކުޅިވަރުގެ ތެރޭގައި ކަކޫ ހުޅުގެ "އެންޓީރިއަރ ކުރްސިއޭޓް ލިގަމެންޓް" ވީދައިގެންދިއުން، މާގިނައިރު އެއްގޮތަށް ހުޅު ބަހައްޓައިގެން އިނުން މިސާލަކަށް ކަކޫހުޅު ލަންބައިގެން ގިނައިރު އިނުން، އަދި ތަކުރާރުކޮށް ހުޅަކަށް ބުރަބޮޑުވުން ފަދަ ކަންކަމުގެ ސަބަބުން ވެސް ހުޅަށް ގެއްލުންވެ، އޮސްޓިއޯ އާތުރައިޓިސް ކުރިމަތިވާ ގޮތް ވެއެވެ. 

(ރ) ވަކި ކަހަލަ މަސައްކަތެއް ކުރުން : ކުރާ މަސައްކަތެއްގެ ގޮތުން އަބަދު ކަކުލު ހުޅު ލަންބައިގެން އިންނަނަމަ، އެކަމުގެ ސަބަބުން އޮސްޓިއޯ އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެއެވެ. 

(ބ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ރޫމަޓޮއިޑް އާތުރައިޓިސް(ރާއްޖެބަލި) ކުރިމަތިވުމުގެ ހިރާސް އިތުރުކޮށް، އަދި ރާއްޖެ ބަލި ހުރިނަމަ އެބަލީގެ އުދަނގޫތައް އިތުރަށް ގޯސްކުރާނެ ކަމެކެވެ. 

(ޅ) ހަށިގަނޑުގައި ބައެއް ކަހަލަ މާއްދާތައް ގިނަވުން : މިސާލަކަށް ޔޫރިކް އެސިޑް ލޭގައި މަތިވުމުން ގައުޓީ އާތުރައިޓިސް ކުރިމަތިކުރުވައެވެ. އަދި ކެލްސިއަމް ގިނަވުމުން "ސޫޑޯގައުޓް" ކުރިމަތިކުރުވައެވެ. 

އަލާމާތްތައް
އާންމު ގޮތެއްގައި އާތުރައިޓިސްގެ ހުރިހާ އަލާމާތްތަކެއް ހެން ގުޅިފައި ހުންނާނީ ހުޅުތަކާ އެވެ. ނަމަވެސް ކުރިމަތިވެފައިވާ އާތުރައިޓިސްގެ ވައްތަރަށް ރިޢާޔަތްކޮށް، ބަލިމީހާއަށް ކުރިމަތިވާ އުދަނގޫތަކާ، އަލާމާތްތަކާ ނިޝާންތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އާތުރައިޓިސް އާއި ގުޅިގެން އެންމެ އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި:-
·         ހުޅުގައި ރިހުން / ހުޅުގައި ބީހިލުމުން ރިއްސުން
·         ހުޅު ދުޅަވުން
·         ހުޅު ހަރުއެރުން
·         ހުޅު ރަތްވުން / ހުޅުގައި ރަތްކަމެއް ހުރުން
·         ހުޅުގައި ހޫނުކަމެއް ހުރުން
·         ހުޅުގެ ހަރަކާތް ދަށްވުން
·         ހުޅުގެ ބާރުދަށްވުން
·         ކޮރުޖެހުން / ރަނގަޅަށް ނުހިނގުން
·         ހުޅު ރަނގަޅަށް ދަމާނުލެވުމާއި، ލަންބާނުލެވުން ( ނުލެންބުން، ދަމާނުލެވުން)
އެންމެ އާންމު އަލާމާތަކީ ހުޅުގައި އިންފްލެމޭޝަން ހެދުމެވެ. ހުޅުގައި އިންފްލެމޭޝަން ހެދުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ރިހުން، ރަތްވުން، ހޫނުވުން، ދުޅަވުން، އަދި ހަރުއެރުން ހިމެނެއެވެ. ހުޅުގެ މަސައްކަތް ދަށްވެގެންދަނީ ހުޅުހަރުއެރުމުގެ ސަބަބުންނެވެ.
އާތުރައިޓިސްގެ ބައެއް ވައްތަރުތަކާ ގުޅިގެން ބައެއް މީހުންނަށް ހުޅުތަކާ ގުޅުމެއް ނެތް އުދަނގޫތައް ކުރިމަތިވުމަކީ ފެނިދާނެ ކަމެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·         ހުންއައުން
·         ގޮށްލުން
·         ވާޅުވުން
·         ބަރުދަންލުއިވުން
·         ނުތަނަވަސްވުން
ދެނެގަތުން
އާތުރައިޓިސް ވެސް ދެނެގަނެވެނީ ބަލިމީހާ ދޭ މައުލޫމާތުތަކާއި، ބަލިމީހާގެ ހަށިގަނޑު ބަލާބެލުންތަކުން ޑޮކްޓަރަށް ފާހަގަވާ ކަންތައްތަކާއި، ލެބޯޓްރީ ޓެސްޓުތަކާއި، އިމޭޖިންގ ޓެސްޓުތަކުން ލިބޭ ނަތީޖާ ތަކުގެ އެހީގައެވެ. ބަލިމީހާގެ ހަށިގަނޑު ބަލައި ހަދާއިރު، ހުޅުތަކުގެ ހަރަކާތް ހުރިނެތްގޮތް، ދުޅަވުން، ތަދުވުން، ރިހުން، ބީހިލުމުން ރިހުން، އައިބުވުން ނޫނީ ޢައިބެއްހުރުން، އަދި ހުޅުތަކުގައި ހޫނުކަމެއްހުރުން ފަދަ ކަންތައްތައް ޑޮކްޓަރުން ބަލައި ފާހަގަކުރާނެ އެވެ. ޑޮކްޓަރުންގެ ބެލުންތަކަށް ރިއާޔަތްކޮށް، ބައެއް ފަހަރު އަންނަނިވި ޓެސްޓުތައް ހަދަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. 

ލެބޯޓްރީ ޓެސްޓުތައް
ހަށިގަނޑުގެ އެކިހިސާބުތަކުގައި ހިމެނޭ ޖިސްމީ ދިޔަތައް ޓެސްޓުކޮށްގެން އާތުރައިޓިސްގެ ބައެއް ވައްތަރުތައް ދެނެގަނެވިދާނެ އެވެ. އެގޮތުން ޓެސްޓުކުރެވޭ ދިޔަ ތަކުގެ ތެރޭގައި ކުޑަކަމުނަޖިސް، ލޭ، ދެހުޅުދޭތެރޭގައި ހުންނަ ލޮންޖާއި ދިޔަ ފަދަ ތަކެތި ހިމެނެއެވެ. ލޭގެ ޓެސްޓު ހަދާއިރު، ސީރިއެކްޓިވް ޕްރޮޓީން(C-reactive protein)، އެރިތްރޯސައިޓް ސެޑިމެންޓޭޝަން ރޭޓް(Erythrocyte sedimentation rate)، ރޫމަޓޮއިޑް ފެކްޓަރ، އަދި އެންޓި ސައިކްލިކް ސިޓްރުލިނޭޓަޑް ނުވަތަ އެންޓި ސީސީޕީ(Anti-cyclic citrullinated peptide) އެންޓިބޮޑީ ފަދަ މިންވަރުތައް ދެނެގަންނާނެ އެވެ. 

އިމޭޖިންގ ޓެސްޓުތައް
އާންމުކޮށް ހަދައިފާނެ އިމޭޖިންގ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.
·         އެކްސްރޭ ނެގުން (X-ray): އެކްސްރޭގެ އެހީގައި ދެހުޅުދޭތެރޭގެ ހުސްތަން ހަނިވެ، ކުޑަވުން، އިތުރު ކަށިކޮޅު އުފެދުން ފަދަ އޮސްޓިއޯ އާތުރައިޓިސްގެ ނިޝާންތައް ފަސޭހަކަމާއެކު ދެނެގަނެވޭނެ އެވެ. އާތުރައިޓިސްގެ ކުރީކޮޅު ކަށިތަކަށް އަންނަ ބަދަލުތައް އެކްސްރޭ އިން ނޭނގިދާނެއެވެ. ނަމަވެސް އެކްސްރޭގެ އެހީގައި ބައްޔާއި ގުޅިގެން އަންނަ ބަދަލުތައް ނުވަތަ ބަލި ކުރިއަރަމުންދާގޮތް ނޫނީ ކުރިޔަށްދާގޮތް (progression ) ބަލަމުން ގެންދެވޭނެ އެވެ.
·         ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ ސްކޭން ނުވަތަ ސީޓީ ސްކޭން ހެދުން (Computerized tomography): ސީޓީ ސްކޭންގެ އެހީގައި ކަށިތަކާއި އޭގެ ވަށައިގެންވާ ސެލޯށިތައް ހުރިނެތްގޮތް ދެނެގަނެވޭނެ އެވެ.
·         މެގްނެޓިކް ރިސޯސް އިމޭޖިންގ ނުވަތަ އެމްއާރުއައި ހެދުން (MRI): އެމްއާރުއައި ގެ އެހީގައި ކަށިތަކާ ގުޅިފައިވާ ޓެންޑަން(tendons) ތަކާއި، ކަށިތައް ގުޅުވައިދޭ އެއްސުންތައް(ligaments)، އަދި މަޑުކަށި(Cartilage)ތަކުގެ ހާލަތު ވަރަށް ތަފްޞީލްކޮށް ދެނެގަނެވޭނެ އެވެ.
·         ސްކޭންކުރުން (Ultrasound): ސްކޭންކޮށްގެން ހުޅުތަކުގެ ވަށައިގެން ހުންނަ މަޑު ސެލޯށިތައް، މަޑުކަށިތައް، އަދި ދިޔަ އެކުލެވޭ ބާރސާ ތައް ހުރިނެތްގޮތް ބަލާލެވޭނެ އެވެ. ހުޅަށް އިންޖެކްޝަން ޖެހުމަށާއި، ހުޅުގައި ޖަމާވެފައިހުރި ދިޔަތައް ނެގުމަށް ވެސް ސްކޭންގެ އެހީ ބޭނުންކުރަންޖެހެއެވެ.
ފަރުވާ
އާތުރައިޓިސް ކުރީކޮޅުގައި ދެނެގަނެވި، ފަރުވާ ދެވިއްޖެނަމަ، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކާއި، ނުކުޅެދުންތެރިކަން ކުރިމަތިވުމުން ސަލާމަތްކުރެވޭނެ އެވެ. އާތުރައިޓިސްގެ ފަރުވާ މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ކުރިމަތިވާ އުދަނގޫތަކަށް ލުޔެއް ހޯދައިދިނުމާއި، ހުޅުގެ މަސައްކަތްތައް ހަލުވިކޮށް ރަނގަޅުކުރުމުގެ މައްޗަށެވެ. އާންމު ގޮތެއްގައި ދީއުޅޭ ފަރުވާތަކުގެ ތެރޭގައި ބޭހުގެ ފަރުވާ އާއި، އޮޕަރޭޝަންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ބޭހުގެ ފަރުވާ
ބޭހުގެ ފަރުވާގެ ގޮތުގައި ދީއުޅޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.

(ހ) ތަދުކަނޑުވާ ބޭސްތައް (pain killers): މިއީ ރާއްޖެ ބައްޔާއި ގުޅިގެން ހުޅުތަކަށް ކުރިމަތިވާ ތަދުތަކާ ރިހުންތައް ކުޑަކޮށްދީ، ލުއިކޮށްދޭނެ ބޭސްތަކެކެވެ. މިބޭސްތަކުގެ ތެރޭގައި އެސިޓަމައިނޯފަން(Acetaminophen)، ޓްރެމަޑޯލް(tramadol)، އޮކްސީކޯޑޯން(oxycodone)، ހައިޑްރޯކޯޑޯން(Hydocodone) ފަދަ ބޭސްތައް ހިމެނެއެވެ. މީގެ އިތުރުން ތަދާއި ދުޅަ ތިރިކުރުމުގެ ބޭނުމުގައި ބުރޫފަން، މެފެނެމިކް އެސިޑް، ނެޕްރޮކްސިކަމް ފަދަ ބޭސްތައް ބޭނުންކޮށް އުޅެއެވެ. މިފަދަ ބޭސްތަކުގެ އުނގުޅާ ބޭސްތައް އުގުޅާ ބޭހުގެ ގޮތުގައި ވެސް ބޭނުންކުރެވެއެވެ. 

(ށ) ޑިޒީޒް މޮޑިފައިންގ އެންޓިރޫމެޓިކް އެޖެންޓް (DMARDS): މިއީ އާންމު ގޮތެއްގައި ރޫމަޓޮއިޑް އާތުރައިޓިސް އަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭސްތަކެކެވެ. މިބޭސްތަކުގެ ތެރޭގައި މިތޮޓްރެކްސޭޓް، އަދި ހައިޑްރޮކްސީކްލޮރޮކީން ފަދަ ބޭސްތައް ހިމެނެއެވެ. މިއީ ދިފާޢީ ނިޒާމުން ހުޅުތަކަށް ގެއްލުންދިނުން ކުޑަކޮށްދޭ ބޭސްތަކެކެވެ. 

(ނ) ކޯޓިކޯސްޓީރޮއިޑް (Corticosteroids): މިއީ ދިފާޢީ ނިޒާމުން ހުޅުތަކަށް ހަމަލާދިނުން ކޮންޓްރޯލްކޮށްދީ، ދުޅަތިރިކޮށްދޭ ބޭސްތަކެކެވެ. ގުޅަ ބޭހުގެ ގޮތުގައި އަދި ހުޅުތަކަށް ޖަހާ އިންޖެކްޝަންގެ ގޮތުގައި ވެސް ކޯޓިކޯސްޓީރޮއިޑް ބޭނުން ކުރެވެއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ކޯޓިޒޯން އަދި ޕްރެޑްނިސޯން ފަދަ ބޭސްތައް ހިމެނެއެވެ. 

(ރ) އެހެނިހެން ބޭސްތައް : އާތުރައިޓިސްގެ ފަރުވާގައި ބޭނުންކުރާ އެހެނިހެން ބޭސްތަކުގެ ތެރޭގައި ކްރީމް ނޫނީ އޮއިންޓްމެންޓް ކަހަލަ އުގުޅާ ބޭހުގެ ގޮތުގައި ބޭނުންކުރާ "ކައުންޓަރއިރިޓެންޓްސް"(counterirritants)، ޓިއުމަރ ނެކްރޯސިސް ފެކްޓަރ އިންހިބިޓަރސް(Tumor necrosis factor inihbitors)، އިންޓަލޫކިން (interleukin1)1 އަދި އިންޓަލޫކިން 6 (Inteleukin6)ފަދަ ބަޔޮލޮޖިކް ރެންސްޕޮންސް މޮޑިފަޔަރސް(biologic response modifiers) ގެ ގޮތުގައި ގުނާލެވޭ ބޭސްތައް ހިމެނެއެވެ. 

ސާޖަރީ ނުވަތަ އޮޕަރޭޝަންކުރުން
އާތުރައިޓިސްގެ ބައެއް ވައްތަރުތަކާ ހާލަތްތަކާ ގުޅިގެން ފަރުވާގެ ގޮތުގައި އޮޕަރޭޝަން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ކުރެވޭ އޮޕަރޭޝަންތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި ކަންކަމެވެ.

(ހ) ހުޅު މަރާމާތުކުރުން (joint repair): އެގޮތުން ހުޅުގެ ސަތަހަ އޮމާންކޮށް، ހުޅުގެ އެތުރުން ރަނގަޅުކޮށް ހެދެއެވެ. މިގޮތަށް ހެދުމުން ހުޅުގައި ހުންނަ ރިހުން ކުޑަކޮށްދީ، ހުޅު މަސައްކަތްތައް ރަނގަޅުކޮށް ފަސޭހަކޮށްދެއެވެ. ހުޅުގައި ލޯވަޅެއް އަޅައިގެން މިކަން ކުރެވިދާނެއެވެ.

(ށ) ހުޅު ބަދަލުކުރުން (joint replacement): މިއީ ހަލާކުވެފައިވާ ހުޅުގެ ބަދަލުގައި މަސްނޫޢީ ހުޅެއް ލެއްވުމެވެ. އެގޮތުން އެންމެ އާންމު ގޮތެއްގައި ބަދަލުކުރަނީ ޅިނދު ހުޅާއި، ކަކުލުހުޅެވެ. 

(ނ) ހުޅުއެއްކޮށްލުން (joint fusion): މިއީ އާންމުކޮށް އަތްފައިގެ އިގިލިތަކުގެ ކުދި ހުޅުތަކަށް ކޮށްއުޅޭ ކަމެކެވެ. އެގޮތުން ހުޅު އުފެދިފައިވާ ދެކަށިގަނޑުގެ ކޮޅު ބުރިކޮށްލުމަށްފަހު ދެކަށިގަނޑު ގެ ކޮޅު ގުޅި އެއްކޮށް (އެއްކަށިގަނޑެއްގެ ގޮތުގައި) ރަނގަޅުވަންދެން ގުޅުވާލާފައި ނޫނީ އައްސާލާފައި ނޫނީ ތަތްކޮށްލާފައި ބަހައްޓަނީ އެވެ. 

ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތައް / ގޭގައި ކުރެވިދާނެ ކަންތައްތައް
އާތުރައިޓިސް ހުރިކަން އެނގުމަށްފަހު ވެސް ދިރިއުޅުމަށް ބައެއް ބަދަލުތައް ގެނެސްގެން އާތުރައިޓިސްގެ އުދަނގޫތައް ލުއިކޮށް ކުޑަކުރެވިދާނެ އެވެ.

(ހ) ބަރުދަން ލުއިކުރުން : މާބޮޑަށް ފަލަނަމަ ބަރުދަން ލުއިކޮށްލުމުން، ހުޅުތަކަށްކުރާ ބާރު ކުޑަވެ، ތަދާއި ރިހުން ކުޑަވުމަށް އެހީތެރިވެދެއެވެ. ބަރުދަން ލުއިވުން، ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކުރެވި، ހުޅުތަކަށް އަނިޔާވުން ފަދަ ކަންކަމުން ދުރުކޮށްދޭނެ އެވެ.

(ށ) ކަސްރަތުކުރުން : ގަވާޢިދުން ކަސްރަތުކުރުމަކީ ހުޅުތައް އެކި ގޮތްގޮތަށް އަނބުރައި، ހަރަކާތްތެރިކުރަން ފަސޭހަ ވާނެ ކަމެކެވެ. ފެތުމާއި އެހެނިހެން މޫދު ކަސްރަތުތަކަކީ އާތުރައިޓިސް ފަދަ ހުޅުގެ މައްސަލަތައް ހުންނަ މީހުންނަށް ކުރަން އެންމެ އެކަށޭނަ ކަސްރަތު ތަކެކެވެ. 

(ނ) ބޮޑިތާންކުރުން : ފިނިފެނުން، ނޫނީ ތާފަނާ ފެނުން ހުޅުތައް ބޮޑިތާންކުރުމަކީ ވެސް ހުޅުތަކުގައި ހުންނަ ތަދާއި ރިހުން ކުޑަކޮށްދޭނެ ކަމެކެވެ. 

(ރ) އެހީވެދެނިވި އާލަތްތައް : ދަނޑިގަނޑު، އަސާ، އަތްގަނޑު، ބޫޓަށްލައްވާ އެއްޗެހި، އަދި މެޑިކަލް ވޯކާސް، ފަދަ އާލަތްތަކުގެ އެހީގައި އާތުރައިޓިސް ހުންނަ މީހުންނަށް ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމުގައި ދިމާވާ ގޮށްޖެހުންތައް ކުޑަކުރެވިދާނެ އެވެ. 

ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް
އާތުރައިޓިސް އިން ޔަގީންކަމާއެކު ރައްކާތެރިކޮށްދޭނެ ގޮތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އާތުރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު އަންނަނިވި ކަންތައްތައްކޮށްގެން ކުޑަކުރެވިދާނެ އެވެ.
·         ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓޭތޯ ބެލުން
·         ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުން
·         ގަވާއިދުން ކަސްރަތުކުރުން
·         ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުން
ހަވާލާ
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.