Saturday, February 1, 2020

ނޮވެލް ކޮރޯނާ ވައިރަސް 2019 ނުވަތަ ވުހާން ނިއުމޯނިޔާ

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން ނުވަތަ ވުހާން ނިއުމޯނިޔާ
ކޮރޯނާ ވައިރަސް
ކޮރޯނާ ވައިރަސް އަކި އިންސާނުންނާއި ޖަނަވާރުންގެ މެދުގައި ބަލި ޖައްސާ ވައިރަހެކެވެ. އާދައިގެ އަރިދަފުސް ރޯގާ އިން ފެށިގެން ގޮސް މާރސް ރޯގާ، އަދި ސާރސް ރޯގާ ވެސް ޖެހެނީ ކޮރޯނާ ވައިރަސްގެ ސަބަބުންނެވެ. ކޮރޯނާ ވައިރަސް އަށް ނަންދެވިފައިވަނީ އޭގެ ބޭރު ސަތަހައިގައި ހުންނަ "ތާޖުތަކެއް ކަހަލަ ކަށިތަކަށް" ނިސްބަތްކޮށެވެ. ކޮރޯނާ ވައިރަސް މައިގަނޑު 4 ގުރޫޕަކަށް ބަހާލެވިފައި ވެއެވެ. އެއީ އަލްފާ ކޮރޯނާ ވައިރަސް، ބީޓާ ކޮރޯނާ ވައިރަސް، ގާމާ ކޮރޯނާ ވައިރަސް، އަދި ޑެލްޓާ ކޮރޯނާ ވައިރަސް އެވެ. އިންސާނުންނަށް ކޮރޯނާ ވައިރަސް އިން ބަލިޖެހޭކަން ފުރަތަމަ ހޯދިފައިވަނީ 1960 ގެ އަހަރު ތަކުގެ ތެރޭގައެވެ.

މީގެ ކުރިން ވެސް ތަފާތު 6 ކޮރޯނާ ވައިރަސް ހޯދިފައި ވެއެވެ. އޭގެ ތެރެއިން ތަފާތު 2 ކޮރޯނާ ވައިރަސް އެއްގެ ސަބަބުން ކުރިން ބޮޑެތި ރޯގާތައް ފެތުރިފައި ވެއެވެ. އެއީ 2002-2003 ގައި ފެތުރުނު ސިވިއަރ އެކިޔުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ނުވަތަ ސާރސް ރޯގާ އާއި، 2012 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިން ފެނުނު މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް ނުވަތަ މާރސް ރޯގާ އެވެ.
މީގެ ކުރިން އިންސާނުންގެ ކިބައިން ފާހަގަވެފައިވާ ކޮރޯނާ ވައިރަސްތަކުގެ ތެރޭގައި ހިމެނެނީ:
·         HCoV-229E,
·          HCoV-NL63
·         , HCoV-HKU1
·         HCoV-OC43
·         MERS CoV
·         SARS CoV
މި 6 ކޮރޯނާ ވައިރަސް އެވެ. މީގެ ތެރެއިން ފުރަތަމަ ދެވައްތަރަކީ އަލްފާ ކޮރޯނާ ވައިރަސް ތަކެކެވެ. އަނެއް 4 ވައްތަރަކީ ބީޓާ ކޮރޯނާ ވައިރަސްގެ ބާވަތްތަކެވެ. އެހެންކަމުން މިފަހަރު މިފެނުނު ކޮރޯނާ ވައިރަސް އަކީ މިބާވަތުގެ 7 ވަނަ ވައިރަސް ކަމަށް ބެލެވެއެވެ. މަތީގައި ބަޔާންކުރެވުނު ފުރަތަމަ 4 ކޮރޯނާ ވައިރަސްގެ ސަބަބުން އިންސާނުންނަށް އަރިދަފުސް ރޯގާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހެއެވެ.

ވަރަށް ގިނަ ޖަނަވާރުތަކުގެ ހަށިގަނޑުގެ ކޮރޯނާ ވައިރަސް އާއިލާގެ ވައިރަސް ތައް ހުރެއެވެ. އެގޮތުން ކޮރޯނާ ވައިރަސް ހުންނަ ޖަނަވާރުތަކުގެ ތެރޭގައި ޖަމަލު، ބުޅާ، ގެރި، އަދި ވާ ފަދަ ޖަނަވާރުތައް ހިމެނެއެވެ. އިންސާނުންގެ ހަށިގަނޑަށް ޖަނަވާރުންގެ ފުށުން މިފަދަ ވައިރަސްތައް މަދުން ނަމަވެސް އައިސްފައި ވެއެވެ. އެގޮތުން މިފަދަ ކޮރޯނާ ވައިރަސްތަކުގެ ސަބަބުން ކުރިމަތިވި އެންމެ ފާހަގަކޮށްލެވޭ ދެ ބަލިމަޑުކަމަކީ ސާރސް ރޯގާ އާއި މާރސް ރޯގާ އެވެ.

ނޮވެލް ކޮރޯނާ ވައިރަސް
ނޮވެލް ކޮރޯނާ ވައިރަސް އަކީ އަލަށް ފެނުނު ކޮރޯނާ ވައިރަސްގެ ބާވަތެކެވެ. މިވައިރަސް އަށް ދެވިފައިވާ ނަމަކީ "ނޮވެލް ކޮރޯނާ ވައިރަސް 2019"(nCoV-2019) އެވެ.މި ވައިރަސްއަށް ސައިންސްވެރިން ދީފައިވާ ނަމަކީ "އެންސީއޯވީ-2019" އެވެ. "އެން" ނިސްބަތްވަނީ ނޮވެލް އަށެވެ. މާނައަކީ އަލަށް ފެނުން ނޫނީ "އާ" އެވެ. ސީއޯ އަކީ "ކޮރޯނާ ވައިރަސް" ނަމުގެ "ފެށޭ ދެއަކުރު" އެވެ. "ވީ" ނިސްބަތްވަނީ ވައިރަސް އަށެވެ. ދެން ހިމެނެނީ އެ ވައިރަސް ފެތުރެން ފެށި އަހަރު ނުވަތަ 2019 ވަނަ އަހަރެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން ފެތުރޭގޮތް
މިވައިރަސްގެ ސަބަބުން އާންމު ގޮތެއްގައި ބަލި ފެތުރެނީ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށެވެ. ނަމަވެސް މިހާރު މިބަލި އިންސާނުންގެ މެދުގައި އެކަކު ގައިން އަނެކާގެ ގަޔަށް ފެތުރޭކަންވަނީ ޔަގީން ކުރެވިފައެވެ. މިދުވަސްވަރު ނޮވެލްކޮރޯނާ ވައިރަސް ދަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ. ޗައިނާގެ ހުބޭއީ ޕްރޮވިންސްގެ ވެރިރަށް ވުހާން ސިޓީ އިން 31 ޑިސެމްބަރ 2019 ގައި ފުރަތަމަ ފެނުނު ވައިރަސް މިހާރު ވަނީ އެތައް ގައުމަކަށް ފެތުރި، އެތައް ބަޔަކަށް ބަލިޖެހި، އެތައް ބަޔަކު ބަލީގައި މަރުވެގޮސްފައެވެ.

މިއީ އަލަށް ފެނުނު ކޮރޯނާ ވައިރަސް އެއް ކަމުން މިވައިރަސް ފެތުރޭގޮތް ހަގީގީ ސިފައެއްގައި ޔަގީންކަމާއެކު މުޅިން ހޯދިފައެއް ނުވެއެވެ. ނަމަވެސް އެންމެ އާންމު ގޮތެއްގައި ކޮރޯނާ ވައިރަސް އިންފެކްޝަން ފެތުރެނީ ބަލިޖެހިފައިވާ މީހަކާއި ގާތުގައި ( 2-1 މީޓަރުގެ ނުވަތަ 6-3 ފޫޓުގެ އިމެއްގެ ތެރޭގައި) ގައިގޯޅިވެ އުޅޭ މީހުންނަށެވެ. އެގޮތުން ނޮވެލް ކޮރޯނާވައިރަސް އިންފެކްޝަން ޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ އަރިދަފުހާ ކުޅާއެކު ވައިރަސް ހަށިގަނޑުން ބޭރުވެއެވެ. ބެލެވިފައިވާ ގޮތުގައި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހާ ކެއްސާ، ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ އަރިދަފުސް، ކުޅު ފަދަ ތަކެތީގެ ޒަރީޢާއިންނެވެ. އަދި ބަލިމީހާ މިގޮތަށް ކެއްސާ ކިނބިހިއަޅާއިރު ބަލިމީހާއާއި 6-3 ފޫޓުގެ ކައިރީގައި ހުރި މީހެއްގެ އަނގަޔަށް ނޭފަތް ނުވަތަ ލޮލަށް އަރިދަފުސް ކުޅާއެކު ވައިރަސް ހިނގައްޖެނަމަ އެމީހަކަށް ބަލިޖެހިދާނެއެވެ. އެއީ އިންފުލުއެންޒާއާއި، އެހެނިހެން ނޭވާލާ ނިޒާމަށް ޖެހޭ މިފަދަ ބަލިތައް ވެސް ފެތުރޭގޮތެވެ. ބަލިޖެހިފައިވާ ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ކުޅު، އަރިދަފުސް ފަދަ ތަކެތި (ޑްރޮޕްލެޓް) ގާތުގައި ތިބޭމީހުންގެ ނޭފަތް ނުވަތަ އަނގަޔަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. ނޫނީ އެތެރެއަށް ނޭވާލުމުގެ ތެރޭގައި ފުއްޕާމޭގެ ތެރެއަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. 

ނޮވެލް ކޮރޯނާ ވައިރަސް ހަރުލާފައި ހުރި ތަނެއްގައި އަތްލުމަށްފަހު އަތްނުދޮވެ، އަނގަޔަށް، ނޭފަތަށް ނޫނީ ލޮލަށް އަތްލައިގެން ސަލާމަތުން ހުރި މީހާއަށް ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން ޖެހިދާނެކަން އަދި ސާފުކަމާއެކު ބުނެދޭކަން ނޭނގެއެވެ.
ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އަންނަނިވި ގޮތްގޮތުން ފެތުރުމުގެ ފުރުޞަތު އޮވެދާނެ އެވެ.
·         ބަލިމީހާ ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ދިއުން
·         ބަލިމީހާގެ ގައިގައި އަތްލައި، ސަލާންކޮށްހެދުން ފަދަ ގާތްގުޅުމެއް ބޭއްވުން
·         ބަލީގެ ވައިރަސް ހަރުލާފައި ހުރިތަނެއްގައި އަތްލުމަށްފަހު އަތްނުދޮވެ، އަނގަ، ނޭފަތް، ނުވަތަ ލޮލަށްލުން
·         ބަލިޖެހިފައިވާ މީހާގެ ބޮޑު ކަމުނަޖިހުން

މައުލޫމާތު : މިމައުލޫމާތު ނަގާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ޕޯސްޓަރަކުންނެވެ. 

އާންމު ގޮތެއްގައި ނޭވާލާ ނިޒާމަށް ޖެހޭ މިފަދަ އިންފެކްޝަންތައް އެކަކު ގައިން އަނެކާގެ ގަޔަށް އެންމެ ބޮޑަށް އަރަނީ ބަލިމީހާގެ ފުށުން އަލާމާތްތައް ފެންނަ ދުވަސްވަރުގައެވެ. ނަމަވެސް ނޮވެލް ކޮރޯނާ ވައިރަސް ބަލިމީހާގެ ފުށުން އަލާމާތްތައް ނުފެންނަ ހިނދު ވެސް އަނެކާގެ ގަޔަށްއަރާކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މާނައަކީ ބަލީގެ ވައިރަސް ހަށިގަނޑުގައި ހުރެމެ، އަލާމާތްތައް ނުފެނި، އެކުގައި އުޅުނު މީހުންނަށް އެމީހާގެ ފުށުން ބަލިއެރުމެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަންގެ އަލާމާތްތައް ފެންނަށް ނަގާ މުއްދަތު
ކޮންމެ ވައިރަސް ނޫނީ ޖަރާސީމެއްމެ ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމަށް ވަކި މުއްދަތެއް ނަގައެވެ. ނޮވެލް ކޮރޯނާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އޭގެ ސަބަބުން އަލާމާތްތައް ފެންނަށް ނަގާ މުއްދަތު އަދި އެހާ ސާފެއް ނޫނެވެ. ނަމަވެސް މިހާތަނަށް ބެލިބެލުންތަކާއި، ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި  ނޮވެލް ކޮރޯނާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އެވައިރަސް ހަށިގަނޑުގައި އިތުރުވެ، އެކަމުގެ ސަބަބުން އަލާމާތްތައް ފެންނަނީ ހަށިގަނޑަށް ނޮވެލް ކޮރޯނާ ވައިރަސް ވަންނަތާ 14-2 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އަލާމާތްތައް
ނޮވެލް ކޮރޯނާ ވައިރަސްގެ ސަަބަބުން ޖެހޭ ރޯގާގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·         ހުންއައުން : 38 ޑިގްރީ ސެލްޒިއަސް އަށްވުރެ މަތީގައި ހުންހުރުން
·         ކެއްސުން
·         ނޭވާކުރުވެ، ނޭވާލާން އުދަނގޫވުން
މީގެ އިތުރުން ބައެއް ފަހަރު
·         ހީކެރުވުން
·         ބޮލުގައި ރިހުން
·         ގައިގައި ރިހުން
·         ކަރުގައި ރިހުން
·         ނޭފަތުން ފެންއައުން
·         ކިނިބިހިއެޅުން
·         ބޭރަށްހިންގުން 

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން ގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް
ނޮވެލްކޮރޯނާވައިރަސްގެސަބަބުންދިމާވެދާނެނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·         ފުއްޕާމޭގައި ޖަރާސީމު އަށަގަނެ ނިއުމޯނިޔާ ޖެހުން
·        އެކިޔުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުން
·         ކިޑްނީ ފޭލްވުން
·         ފުރާނަޔަށް ނުރައްކާވެ، މަރުވުން ( ބައެއް ފަހަރު)

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އަށްދެވޭ ފަރުވާ
ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އަކީ ވައިރަސް އިން ފެތުރޭ އިންފެކްޝަނަކަށް ވެފައި، މިއީ އަލަށް ފެނުނު ކޮރޯނާ ވައިރަސް އެއްކަމުން މިވައިރަސް އިން ޖެހޭ ބައްޔަށް ނުވަތަ އިންފެކްޝަނަށް ވަކި ޚާއްޞަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އާންމު ގޮތެއްގައި ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުން ބަލިޖެހޭ މީހުންނަށް ފަރުވާކުރަނީ ބަލިމީހާއަށް ކުރިމަތިވެފައިވާ އުނދަގޫތަކަށް ރިޢާޔަތްކޮށް އެއުދަނގޫތަކަށް ލުއިކަން ހޯދައި ދިނުމަށްޓަކައެވެ.

ނޮވެލް ކޮރޯނާ ވައިރަސް އަކީ އަލަށް ފެނުނު ވައިރަސް އެއް ކަމަށްވެފައި، ހަލުވިކަމާއެކު، ބަލިފެތުރިދާތީ، ބަލީގެ އަލާމާތްތައް ފެނި ބައްޔަށް ޝައްކު ކުރެވޭ މީހުން، ބަލިހުރިކަން ލެބޯޓަރީ ޓެސްޓު ހަދައިގެން ޔަގީން ކުރެވެންދެން އެހެން މީހުންނާއި އެކަހެރިކޮށް، ވަކިކުރެވި، ކަރަންޓީނު ކުރެވެއެވެ. މީގެ ބޭނުމަކީ ޝައްކު ކުރެވޭ ބަލިމީހާގެ ފުށުން ބަލިހުރިކަން ކަށަވަރު ނުކުރެވިދާ މުއްދަތުގެ ތެރޭގައި އިތުރުބަޔަކަށް ބަލި ފެތުރި، ނޫނީ އިތުރު ބައެއްގެ ގަޔަށް ބަލި އެރުމުގެ ފުރުޞަތު ކުޑަކުރުވުމެވެ.

ބަލީގެ އަލާމާތްތައް ފެނި ބައްޔަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރެވޭ ހާލަތުގައި ވެސް ދެވޭ ފަރުވާ އަކީ މައިގަނޑު ގޮތެއްގައި ބަލީގެ އަލާމާތްތަކަށް ބަލައިގެން އެއަލާމާތްތަކަށް ނޫނީ އުނދަގޫތައް ލުއިކުރުމަށްޓަކައި ފޯރުކޮށްދެވޭ ފަރުވާއެކެވެ.

ނޮވެލް ކޮރޯނާ ވައިރަސް އަކީ އަލަށް ފެނުނު ވައިރަސް އެއް ނޫނީ ބައްޔެއްކަމުން އަދި  މިވައިރަސް ނޫނީ މިބައްޔާ ދެކޮޅަށް ވެކްސިނެއް އަދި ތައްޔާރު ކުރެވިފައެއް ނުވެއެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުން
ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ.
(ހ) - ކެއްސާ،ކިނބިހިއަޅާއިރުއަނގަޔާނޭފަތްނިވާކުރުން
o       ނިވާކުރުމަށް ޓިޝޫ ބޭނުންކުރިނަމަ ޓިޝޫ ރަނގަޅު ގޮތުގައި ނައްތާލުން (ޑަސްބިންއަށްލުން)
o       ޓިޝޫ އެއް ނެތްނަމަ މުލައްދަނޑި ހުރަސްކޮށްލުން
o       އަތުން ނިވާކުރިނަމަ، ނުވަތަ ޓިޝޫއިން ނިވާކުރިޔަސް ލަސްނުކޮށް ސައިބޯނިލައިގެން އަތްދޮވުން
o       ނިވާކުރުމަށް ސާޖިކަލް މާސްކް ބޭނުންކުރިނަމަ، މާސްކު ރަނގަޅު ގޮތުގައި ނައްތާލުން (ޑަސްބިނަށްލުން)
(ށ) - ސައިބޯނިލައިގެންގިނަގިނައިން އަތްދޮވުން
o       ސައިބޯނި ނެތްނަމަ އަލްކޮހޯލް ބޭސްޑް ހޭންޑް ރަބު ބޭނުންކުރުން
o       އަތްދޮވުމުގައި އަމަލުކުރަންޖެހޭ އުސޫލާއެއްގޮތަށް އަތްދޮވުން
o       ހަމައެކަނި ފެންކޮޅަކުން ދޮވެލުން އެއީ ރަނގަޅު ގޮތެއް ނޫނެވެ.
o       އަތްދޮންނައިރު އިގިލިތަކުގެ ދެކަރަވަ ދޭތެރެއާއި، އަތުގެ ކުޑަހުޅާއި، އިގިލިތައް، އަދި އަތްތިލައިގެ ދެފުށް ރަނގަޅަށް ދޮންނަށް ވާނެ އެވެ.
o       ބޭރުފުށުން ފެންނައިރު އަތުގައި ހަޑިހުރިނަމަ ސައިބޯނިލައިގެން އަތްދޮވުން
o       ބޭރުފުށުން ފެންނައިރު އަތުގައި ހަޑި ނެތްތަނަމަ ހޭންޑް ރަބު ބޭނުންކުރުން
o       އަތްދޮންނަށްޖެހޭ ހާލަތްތައް
§         ކެއްސާ ކިނބިހި އެޅުމަށްފަހު
§         ބަލިމީހަކާ އަޅާލާ ހެދުމުގެ ކުރިން
§         ބަލިމީހަކާ އަޅާލާ ހެދުމަށްފަހު
§         ކާތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި، ކުރުމުގެ ތެރޭގައި، އަދި ތައްޔާރުކުރުމަށްފަހު
§         ފާޚާނާކޮށް ނިމުމަށްފަހު
§         ބޭރުފުށުން ފެންނަ ފެނުމަށް އަތްހަޑިނަމަ
§         ޖަނަވާރު ނޫނީ ޖަނަވާރުގެ ނަޖިސް އުފުލާހެދުމަށްފަހު
(ނ) – ރޯގާ ނުވަތަ އަރިދަފުސް ފޮޅުމުގައި ސަމާލުވާންވީ ކަންތައްތައް
o       ޓިޝޫއަކުން ރޯގާ/ އަރިދަފުސް ފޮޅުން
o       ރޯގާ/އަރިދަފުސް ފޮޅުމަށްފަހު ޓިޝޫ ޑަސްބިނަށްލުން
o       އެއަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
o       އާންމު ތަންތަނަށް ރޯގާ/އަރިދަފުސް ނުފޮޅުން
o       އަތުން ރޯގާ/އަރިދަފުސް ނުފޮޅުން

o       އަތުން ރޯގާ/އަރިދަފުސް ފޮޅައިފިނަމަ ލަސްނުކޮށް ސައިބޯނިލައިގެން އަތް ދޮވުން 
(ރ) - ހުންއައިސްކެއްސާމީހުން :
o       އަނގަޔާ ނޭފަތް ނިވާކުރުމަށް ސަރޖިކަލް މާސްކު އެޅުން (ގޭގައި އުޅޭއިރުވެސް)
o       ގެއިން ބޭރަށް ނުދިއުން (ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން)
o       ބޭނުންކުރާ ސާމާނު (ތަށި، ސަމުސާ، އަންނައުނު، ތުވާލި ފަދަ ތަކެތި) އެހެން މީހުން ބޭނުންނުކުރުން
o       އެހެންމީހުންނާއި ގައިގޯޅިވެ ނޫޅުން
(ބ) - ގޭގައިހުންއައިސްކެއްސާމީހަކުއުޅޭނަމަ:
o       ބަންދުކުރެވިފައިވާ ވަކި ކޮޓަރިއެއްގައި ހުރުން
o       އެކޮޓަރިއަށް އެހެން މީހުން ވަދެނޫޅުން
o       ކޮންމެހެން ވަންނަށްޖެހޭ މީހުން ބަލިމީހާ އާއި 3 ފޫޓް ދުރުގައި ހުރުން
o       ކޮންމެ ވަންނަށް ޖެހޭ މީހުން ވަދެ ނިކުންނަ ވަގުތުތަކު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން : މިސާލަކަށް މާސްކު އެޅުން، އަންގިލެއްވުން، ނިމިގެން އަތްދޮވުން
(ޅ) – އެހެނިހެން ކަންތައްތައް
·         ބަލިމީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން ޚާއްޞަކޮށް ހުންއައިސް ކެއްސާ ރޯގާޖެހިފައިވާ މީހުންނާ ގައިގޯޅިނުވުން
·         ޖަރާސީމު ހުރެދާނެހެން ހީވާ ތަންތާގައި އަތްނުލުން
·         ލޯ، އަނގަ، ނޭފަތަށް އަތްލުމުން ދުރުހެލިވުން
·         މަގުމައްޗަށް ކުޅު ނުޖެހުން
·         ކާބޯތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރިވުން
·         އާންމު ސާފުތާހިރުކަމަށް ރައްކާތެރިވުން
·         ކޮންމެހެން ދާންޖެހިގެން މެނުވީ ހޮސްޕިޓަލް ފަދަ ތަންތަނަށް ނުދިއުން
·         ކޮންމެހެން ގެންދަންޖެހިގެން މެނުވީ ކުޑަކުދިން ބޭރަށް ނުގެންދިއުން
·         ކޮންމެހެން ރާއްޖެ އިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރުތައް މިފަދަ ދުވަސްވަރެއްގައި ނުކުރުން
·         ބަލި ފެތުރޭ ހިސާބުތަކުގެ އެއްގަމު މަސްވިއްކާ މީޓް މާރުކޭޓުތަކަށް ނުދިއުން
·         ބަލި ފެތުރޭ ހިސާބުތަކުގެ އެއްގަމު މަސްވިއްކާ މީޓް މާރުކޭޓުތަކަށް ކޮންމެހެން ދާންޖެހިގެން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ދިއުން، އަދި އެފަދަ ތަކެއްޗަށް އަތްލާ ހަދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން
·         ރަނގަޅަށް ރޯނުފިލުވައި ހުންނަ ނޫނީ ނުކައްކައި ހުންނަ ރޯމަސް ނުކެއުން ނޫނީ އެފަދަ މަސް ކެއުމާއި ދުރުހެލިވުން
·         ރޯމަސް ، ރޯކިރު، ޖަނަވާރުގެ ރޯކޮށް ހުންނަ ގުނަވަންތައް (މޭ، ކުރަނޑި ފަދަ ތަކެތި) އުފުލާ، ކޮށާރުކޮށް ހެދުމުގައި ވެސް ފަރުވާތެރިވުން

ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް މާސްކުއެޅުން
ނޮވެލް ކޮރޯނާ ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް މާސްކު އަޅަންޖެހޭ ފަރާތްތައް ތިރީގައި މިވަނީ އެވެ.
1.      ރޯގާޖެހި، ހުންައައިސް، ކެއްސާ، ނޭވާކުރުވެ، ނޭވާލާން އުނދަގޫވާ ފަރާތްތައް
2.      މިބަލީގެ އަލާމަތްތައް ހުރި ފަރާތަކާ ގާތްކޮށްއުޅޭމީހުން (އެކުގައި / އެއްގޭގައި އުޅޭމީހުން)
3.      މިބަލީގެ އަލާމާތްތައް ހުރި މީހަކަށް ފަރުވާކުރުމުގެ މަސައްކަތުގައި އަމަލީގޮތުން އުޅޭ ޞިއްޙީ ދާއިރާގެ ފަރާތްތައް
ނޯޓް : އާންމު ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތްތައް ނުހުންނަ މީހުން މާސްކު އެޅުން މުހިއްމެއް ނޫނެވެ.

ނޮވެލް ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވޭ އަދި އިތުރަށް ބަލާ މޮނީޓަރ ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް
1.      އަލާމާތްތައް ފެނުމުގެ 14 ދުވަސްކުރިން ޗައިނާގެ ހުވާން، އަދި ހޫބޭ ޕްރޮންވިސް އަށް ގޮސްފައިވުން
2.      އަލާމާތްތައް ފެނުމުގެ 14 ދުވަސްކުރިން ޗައިނާގެ އެއްވެސް ސަރަހައްދެއްގައި ހުންނަ މީޓް މާރުކޭޓަކަށް ގޮސްފައިވުން
3.      ނޮވެލް ކޮރޯނާ ވައިރަސްގެ އަލާމާތްތައް ކަމުގައިވާ ހުންއައުން، ކެއްސުން، ކަރުގައި ރިހުން، އަދި ނޭވާކުރުވެ، ނޭވާލާން އުދަނގޫވުން ފަދަ އަލާމާތްތައް ހުރުން
4.      ބަލިމީހާއަކީ މިބަލި އުޅޭ ސަރަހައްދެއްގެ  ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޞިއްޙީ ޚިދުމަތްދޭ ފަރާތަކަށްވުން
5.      އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ބަލިޖެހިފައިވާ ކަމަށް ބެލެވޭ މީހަކާ އެކުގައި އުޅެފައިވުން، ނުވަތަ އެފަދަ ބަލި މީހަކު އުޅޭ ތަނަކަށް ޒިޔާރަތްކޮށްފައިވުން

ޗައިނާއަށް ދަތުރުކުރުމަށްފަހު ހުންައައިސް، ކެއްސާ، ނޭވާކުރުވެ މިފަދަ އަލާމާތްތަކެއް ފެންނަނަމަ ހަދާނީ ކިހިނެއް؟
·         ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ހޮޓްލައިން ނަންބަރަށް (7377004) އަށް ގުޅާފައި އެންގުން
·         ހޮޓްލައިން އަށް ގުޅާ އެންގުމަކާ ނުލައި، ޞިއްޙީ މަރުކަޒު، ކްލިނިކް، ނޫނީ ހޮސްޕިޓަލް ފަދަ ތަންތަނަށް ނުދިއުން
·         ޗައިނާ އަށް ދަތުރުކުރުމަށްފަހު 14 ދުވަސްތެރޭ މިފަދަ އަލާމާތެއް ފެނިއްޖެނަމަ (ހޮޓްލައިން އަށް ގުޅާފައި އެންގުން) އަދި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން
·         ޑޮކްޓަރަށް ދައްކާއިރު ޗައިނާއަށް ދަތުރުކުރިކަމުގެ މައުލޫމާތު ހިއްސާކުރުން
·         ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުން
·         އަނގަޔާ ނޭފަތް ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، މުލައްދަނޑި ހުރަސްކުރުން
·         ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން

ޗައިނާ އަށް ދަތުރުކޮށްފައިވާ އަދި ނޮވެލް ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނިފައިވާ މީހަކާ ދިމާވެއްޖެނަމަ ކައްތައްކުރާނީ ކިހިނެއް؟
·         އަމިއްލަ ޞިއްޙަތު މޮނީޓަރ ކުރަމުންގެންދިއުން
·         ހުންއައުން، ކެއްސުން، ނޭވާކުރުވުން މިފަދަ އަލާމާތްތަކެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް (ހޮޓްލައިން އަށް ގުޅާފައި އެންގުން) ޞިއްޙީ އެހީތެރިއަކަށް ދެއްކުން
·         އަދި ޗައިނާއަށް ދަތުރުކޮށްފައިވާ މީހަކާ ދިމާވިކަން ހާމަކުރުން
·         ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުން
·         އަނގަޔާ ނޭފަތް ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، މުލައްދަނޑި ހުރަސްކުރުން
·         ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން

ނޮވެލް ކޮރޯނާ ވައިރަސް ފަދަ އިންފެކްޝަން ތަކުން އެހެން މީހުން ރައްކާތެރިކޮށް ދިނުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންތައްތައް
·         ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން ނޫނީ ހޭންޑް ރަބުން އަތް ސާފުކުރުން
·         ކެއްސާ ކިނބިހިއަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުން ، ނޫނީ މުލައްދަނޑި ހުރަސްކޮށްލުން
·         ނިވާކުރުމަށް ބޭނުންކުރި ޓިޝޫ ވަގުތުން ކުނިވައްޓަށްލުން
·         އެއަށްފަހު ސައިބޯނިލައިގެން އަތްދޮވުން ނޫނީ ހޭންޑް ރަބު ބޭނުންކޮށްގެން އަތް ސާފުކުރުން
·         ބަލިމީހަކާ އަޅާލާ ހަދާއިރު ވެސް އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާކުރުން، އަދި އަތްދޮވުން ނޫނީ ހޭންޑް ރަބު ބޭނުންކުރުމަށް ސަމާލުކަން ދިނުން
·         ކެއްސާ ކިިނބިހިއަޅާނަމަ އެހެން މީހުންނާއި ގައިގޯޅިވެ ނޫޅުން
·         މަގުމައްޗާއި އާންމު ތަންތަނަށް ކުޅު ނުޖެހުމާއި، އަރިދަފުސް ނުފޮޅުން
·         ހުންއައިސް، ކެއްސާ، ނޭވާކުރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

ނޮވެލް ކޮރޯނާ ވައިރަސް ފަދަ އިންފެކްޝަން ތަކުން ރައްކާތެރިވުމަށް ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ސަމާލުވާންޖެހޭ ކަންތައްތައް
·         ރޯމަހާއި، އެހެނިހެން ތަކެތި ކޮށުމަށް ވަކިވަކި ދެ ކަޓިން ބޯޑު އަދި ވަކިވަކި ވަޅި /ފިޔޮފި ބޭނުންކުރުން
·         ރޯމަހުގައި އަތްލައި ހެދުމަށްފަހު އެހެން ކާބޯއެއްޗެއްގައި އަތްލުމުގެ ކުރިން ރަނގަޅަށް އަތްދޮވުން
·         ބަލި ޖަނަވާރާއި، މަރުވެފައިވާ ޖަނަވާރުގެ މަސްނުކެއުން
·         ބަލި ފެތުރޭ ހިސާބުތަކުގައި ވެސް ރަނގަޅު ގޮތުގައި އުފުލައި ހަދައި، ރަނގަޅަށް ރޯފިލުވައިގެން ކައްކާފައިވާ އެއްގަމު މަހުގެ އުފެއްދުންތައް ބޭނުންކުރެވިދާނެއެވެ.

ނޮވެލް ކޮރޯނާ ވައިރަސް ފަދަ އިންފެކްޝަން ތަކުން ރައްކާތެރިވުމަށް ޗައިނާ އަދި ދެކުނު އޭޝިޔާގެ ނޫނީ ބަލި ފެތުރޭ ގައުމުތަކުގެ ތެތް މާރުކޭޓުތަކުގައި ( އެއްގަމު މަސް މާރުކޭޓްތަކުގައި) މަސައްކަތްކުރާނަމަ/ނޫނީ އެތަންތަނަށް ވިޔަފާރިކުރަން ދާނަމަ، ސަމާލުވާންޖެހޭ ކަންތައްތައް
·         ޖަނަވާރުތަކުގައި، ނޫނީ ޖަނަވާރުގެ އުފެއްދުންތަކުގައި އަތްލުމަށްފަހު ސައިބޯނިލައިގެން އަތްދޮވުން
·         ލޯ، ނޭފަތް، އަނގަޔަށް އަތްލުމުން ދުުރުހެލިވުން
·         ބަލި ޖަނަވާރު ގެ ނޫނީ  ކުނިވެފައި ނުވަތަ މަރުވެފައިވާ ޖަނަވާރުގެ މަހުގައި އަތްލައި ނުހެދުން
·         މާރުކޭޓްގައި ހުންނަ ވަލު ޖަނަވާރުގައި، އޭގެ ނަޖިހުގައި، ނޫނީ އޭގެ ހަށިގަނޑުން ބޭރުވި ދިޔައެއްގައި އަތްލައި ނުހެދުން
·         ޖަނަވާރާއި އޭގެ އުފެއްދުންތައް އުފުލާ ހަދާއިރު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. މިސާލަކަށް އަންގިލެއްވުން، މާސްކު ނުވަތަ މޫނުމަތި އެޅުން، ގައުންލުން!
·         ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތި ( މިސާލަކަށް ގައުން) މަސައްކަތް ނިމުމުން ކޮންމެ ދުވަހަކު ވެސް ދޮވުން، އަދި މަސައްކަތްކުރާ ތަނުގައި އެތަކެތި ބެހެއްޓުން
·         އެފަދަ ތަނެއްގައި މަސައްކަތްކުރާ އިރު ބޭނުންކުރާ ހަޑިވެފައިވާ ބޫޓާއި، ހެދުން ގައުން ފަދަ ތަކެއްޗަށް އާއިލާގެ މެންބަރުން ހުށަހެޅުނަ ނުދިނުން
·         މަސައްކަތްކުރާ ތަނާއި ތަކެތި ( މިފަދަ މާރުކޭޓުތަކުގައި) ކޮންމެ ދުވަހަކު ވެސް ރަނގަޅަށް ދޮވުން

ނޮވެލް ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމާއި، ބަލި ފެތުރުން ކުޑަކުރުމަށް ދަތުރުފަތުރު ކުރާއިރު ސަމާލުވާންޖެހޭ ކަންތައްތައް
·         ކެއްސާ، ރޯގާޖެހި ހުން އަންނަ ނަމަ ދަތުރުނުކުރުން
·         ކެއްސާ، ހުން އައިސް، ނޭވާލާން އުދަނގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން އަދި ޑޮކްޓަރަށް ދައްކާއިރު ދަތުރުކުރި ހިސާބުތަކުގެ މައުލޫމާތު ޑޮކްޓަރާއި ހިއްސާކުރުން
·         ހުން އައިސް ކެއްސާ މީހުންނާއި ގައިގޯޅިނުވުން
·         ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން ، ނޫނީ ހޭންޑް ރަބުން އަތް ސާފުކުރުން
·         ލޯ، ނޭފަތް، އަނގަޔަށް އަތްނުލުން
·         ކެއްސާ ކިނބިހިއަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުން ، ނޫނީ މުލައްދަނޑި ހުރަސްކޮށްލުން
·         ނިވާކުރުމަށް ބޭނުންކުރި ޓިޝޫ ވަގުތުން ކުނިވައްޓަށްލުން
·         އެއަށްފަހު ސައިބޯނިލައިގެން އަތްދޮވުން ނޫނީ ހޭންޑް ރަބު ބޭނުންކޮށްގެން އަތް ސާފުކުރުން
·         މާސްކު އަޅާނަމަ އަނގަޔާ ނޭފަތް ނިވާވާގޮތަށް މާސްކުއެޅުން، އަދި މާސްކު އެޅުމަށްފަހު މާސްކުގައި އަތްލައި ނުހެދުން
·         މާސްކު އެއްފަހަރު ބޭނުންކުރުމަށްފަހު ޑަސްބިނަށް ލުން
·         މާސްކު ބޭނުންކުރާ ކޮންމެ ފަހަރަކު މާސްކު ނަގައި އެއްލާލުމަށްފަހު ރަނގަޅަށް އަތްދޮވުން
·         ދަތުރު މަތީގައި ބަލިވެއްޖެނަމަ، ބޯޓުގެ ފަޅުވެރިއަކަށް މައުލޫމާތު ހިއްސާކޮށް، ޞިއްޙީ އެހީތެރިކަން ހޯދުން
·         އަދި މިފަދަ ހާލަތުގައި ދަތުރުކުރި ހިސާބުތަކުގެ މައުލޫމާތު ޞިއްޙީ އެހީތެރިޔާއާއި ހިއްސާކުރުން
·         ދަތުރުމަތީގައި އުޅޭއިރު ރަނގަޅަށް ކައްކައި ރޯފިލުވާފައި ހުންނަ ތަކެތި ކެއުން
·         އާންމު ތަންތަނަށް ކުޅު ނުޖެހުމާއި އަރިދަފުސް ނުފޮޅުން
·         ދަތުރުމަތީގައި ބަލި ޖަނަވާރު ފަދަ ތަކެއްޗާއި ގައިގޯޅި ނުުވުން، އަދި އެފަދަ ތަކެއްޗާއި ދަތުރު ނުކުރުން

ހަވާލާ
މިލިޔުމަށް މައުލޫމާތު އެއްކޮށް، ޖަމާކޮށްފައިވަނީ އަންނަނިވި ގޮތްތަކުންނެވެ.
·         ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ވެބްސައިޓް
·         ސީޑީސީގެ ވެބްސައިޓް
·         މިނިސްޓްރީ އޮފް ހެލްތު އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ނެރެފައިވާ ނޫސްބަޔާންތައް
·         ސޯޝަލް މީޑިޔާގައި ދިވެހި ޑޮކްޓަރުން ކޮށްފައިވާ ބައެއް ޕޯސްޓް /ޓްވީޓްތައް
·         މިހާރު ނޫސް https://mihaaru.com/coronavirus/68415








Monday, December 23, 2019

ޑިސްޕްރެކްސިއާ

ޑިސްޕްރެކްސިއާ
ޑިސްޕްރެކްސިއާ(dyspraxia) ނުވަތަ "ޑިވެލޮޕްމެންޓަލް ކޯޑިނޭޝަން ޑިސްއޯޑަރ" އަކީ ހަށިގަނޑުގެ ހަރަކާތްތެރިކަމަށް (ނުވަތަ ހެލިފެލިވެއުޅުމާއި، ހިނގާބިނގާވެ އުޅުމަށް) އަސަރުކުރުވާ ހާލަތެކެވެ. މިކަމުގެ ސަބަބުން ކުއްޖާގެ އުމުރާ އަޅާބަލާއިރު ހިނގާބިނގާވެ އުޅުމުގައި ދަތިތަކާ ކުރިމަތިވެއެވެ. މިއީ ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ވެސް ދިމާވެދާނެ ހާލަތެކެވެ. މިއީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ކުރިމަތިވާ ކަންތައްތައް އެންމެ އެކަށޭނަ ގޮތުގައި ފުރިހަމަކުރުމަށް ދަތިތަކާ ކުރިމަތިކުރުވާ ހާލަތެކެވެ. މިއީ ޖިސްމާނީ ހަރަކާތްތައް ރާވައި، ވިލަރެސްކޮށް، ހިންގުމުގައި އުދަނގޫތަކާ ކުރިމަތިކުރުވާ ސިކުނޑިއަށް ބަރޯސާވާ ހާލަތެކެވެ. މިފަދަ ކުދިންނަށް ހަށިގަނޑުގެ ހަމަ ހިފެހެއްޓުމާއި، ހަށިގަނޑު އެއްގޮތަކަށް (ހުންނަންޖެހޭ މަގާމުގައި ނުވަތަ އޭގެ އެންމެ ފުރިހަމަ ގޮތުގައި) ބެހެއްޓުމަށް އުދަނގޫވާނެއެވެ. 

ބެލެވިފައިވާ ގޮތުގައި އަންހެންކުދިންނަށްވުރެ ފިރިހެން ކުދިންނަށް ޑިސްޕްރެކްސިއާ ކުރިމަތިވާ މިންވަރު 4-3 ގުނަ އިތުރެވެ. ގާތްގަނޑަކަށް އާބާދީގެ 10-6 އިންސައްތަ އާއި ދެމެދުގެ ކުދިންގެ ފުށުން ޑިސްޕްރެކްސިއާގެ ކޮންމެވެސް ސިފަތަކެއް ނޫނީ ނިޝާންތަކެއް ހުންނަކަމަށް ބެލެވިފައި ވެއެވެ. 

ޑިސްޕްރެކްސިއާ ދިމާވާ ސަބަބުތައް އަދި މަގުފަހިކުރާ ކަންތައްތައް
ޑިސްޕްރެކްސިއާ ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ވަރަށް ގިނަ މީހުން ގަބޫލުކުރާގޮތުގައި ޑިސްޕްރެކްސިއާ ކުރިމަތިވުމުގައި ވިރާސީ ބަހާގެ ދައުރެއް ނުވަތަ އެކަމަށް މަގުފަހިކުރާ ވިރާސީ ބަހާއެއް މައިންބަފައިންގެ ފުށުން ވާރުތަވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ސައިންސްވެރިން ތުހުމަތުކުރާ ގޮތުގައި ޑިސްޕްރެކްސިއާ ކުރިމަތިވަނީ ސިކުނޑިން މަސްތަކަށް މެސެޖުތައް ފޮނުވާ ނާރު ސެލްތަކުގައި ހުންނަ މައްސަލައެއްގެ ސަބަބުންނެވެ.

ޑިސްޕްރެކްސިއާ ކުރިމަތިވާ ސީދާ ސަބަބެއް ހޯދިފައި ނުވިނަމަވެސް ޑިސްޕްރެކްސިއާ ނުވަތަ ޑިވެލޮޕްމެންޓަލް ކޯޑިނޭޝަން ޑިސްއޯޑަރ އަށް މަގުފަހިކުރާ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި:-
·         ދުވަސްނުފުރާ ވިހެއުން – ޚާއްޞަކޮށް ބަނޑަށް 37 ވަނަ ހަފްތާގެ ކުރިން ވިހެއުން
·         އުފަންވިއިރު ބަރުދަން ހުންނަންޖެހޭ މިންވަރަށްވުރެ ލުއިކޮށްހުރުން
·         އާއިލާގެ ތެރޭގައި ޑިސްޕްރެކްސިއާ ކުރިމަތިވެފައިވާ މީހަކު ނޫނީ ކުއްޖަކުހުރުން
·         މައިމީހާ އަކީ ބަނގުރާ ބޭނުންކުރާ ނޫނީ މަސްތުވާތަކެތި ބޭނުންކުރާ މީހަކަށްވުން
ޑިސްޕްރެކްސިއާގެ ވައްތަރުތައް
ޑިސްޕްރެކްސިއާގެ ސަބަބުން އެކިކަހަލަ ހަރަކާތްތައް ކުރަން އުދަނގޫވެދާނެ އެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމުން ކުއްޖާއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ބަލައި، އެކަންކަމަށް ރިޢާޔަތްކޮށް ޑިސްޕްރެކްސިއާ ތިރީގައިވާ ބައިތަކަށް ބަހާލެވިދާނެއެވެ.

(ހ) – އައިޑިއޯ މޮޓޯ ޑިސްޕްރެކްސިއާ (Ideomotor dyspraxia): މިވައްތަރުގައި އެއްފަހަރުން (އެއްފިޔަވަޅުން) ފުރިހަމަކުރެވޭ ކަންތައްތައް ފުރިހަމަކުރަން އުދަނގޫވާނެއެވެ. މިސާލަކަށް ބޮލުގައި ފުނާއެޅުން، ޓާޓާ ކިޔުމަށް އަތްހޫރާލުން ފަދަ ކަންކަން ކުރަން އުދަނގޫވެދާނެ އެވެ.

(ށ) – އައިޑިއޭޝަނަލް ޑިސްޕްރެކްސިއާ (Ideational dyspraxia): މިވައްތަރުގައި ވަކި ތަރުތީބަކުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރަން އުދަނގޫވެދާނެއެވެ. މިސާލަކަށް ދަތްއުގުޅުން، ތަންމަތިއެޅުން ފަދަ ކަންކަން ފުރިހަމަކުރަން އުދަނގޫވެދާނެއެވެ.

(ނ) – އޯރޯމޮޓޯ ޑިސްޕްރެކްސިއާ (Oromotor dyspraxia): މިވައްތަރުގައި ތަފާތު އަޑުތައް އުފެއްދުމަށް (ބަސްތައް ކިޔުމަށް) ބޭނުންވާ މަސްތަކުގެ ހަރަކާތްތައް ވިލަސްކުރުމުގައި އުދަނގުލާ ކުރިމަތިވާނެއެވެ. އެހެންކަމުން މިފަދަ ކުދިންނަށް ރީތިކޮށް ވާހަކަ ނުދެއްކިދާނެއެވެ. އަދި މިފަދަ ކުދިން ދައްކާ ވާހަކަ އެހެން މީހުންނަށް ރަނގަޅަށް ދޭހަނުވެދާނެއެވެ.

(ރ) – ކޮންސްޓްރަކްޝަނަލް ޑިސްޕްރެކްސިއާ (Constructional dyspraxia): މިވައްތަރުގައި އެކި ކަހަލަ (އެކަތި އަނެކައްޗާ) ތަކެއްޗާ އޮންނަ ގުޅުން ދޭހަވެ، ނަގައިގަންނަން އުދަނގޫވެދާނެއެވެ. މިފަދަ ކުދިންނަށް "ޖިއޯމެޓްރިކް" ކުރެހުމެއް، ނަކަލުކުރަން އުދަނގޫވެދާނެ އެވެ. ނުވަތަ "ބިލްޑިންގ ބްލޮކް" ތައް ބޭނުންކޮށްގެން އެއްޗެއް ހަދައި، ނޫނީ ރާވާލަން އުނދަގޫވެދާނެ އެވެ. 

ޑިސްޕްރެކްސިއާ ގެ އާންމު ސިފަތަކަކީ (އަލާމާތްތަކަކީ) ކޮބާ؟
ޑިސްޕްރެކްސިއާގެ އަލާމާތްތައް އެކި ކުދިންގެ ފުށުން ފެންނަނީ އެކި ވަރަށެވެ. ބައެއް ކުދިންގެ ފުށުން ވަރަށް ބޮޑަށް މިއަލާމާތްތަކާ ނިޝާންތައް ފެންނައިރު، އަނެއް ބައި ކުދިންގެ ފުށުން މިއަލާމާތްތަކާ ނިޝާންތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. ބައެއް ފަހަރު ތަންކޮޅެއް ބޮޑުވުމުން އަލާމާތްތައް ފާހަގަ ކުރެވިދާނެ އެވެ. ނަމަވެސް އާންމު ގޮތެއްގައި ކުޑައިރުގައި އަލާމާތްތައް ކުދިންގެ ފުށުން ފެންނަން ފަށާނެއެވެ. 

މުޅިހަށިގަނޑަށް އަންނަ (ބޮޑެތި) ބަދަލުތައް / ކުރިމަތިވާ ދަތިތައް (gross motor skill difficulties)
·         ފިރުކުން، އިށީނުން، ހިނގުން، އަދި ވާހަކަ ދެއްކުން ލަސްވުން
·         ދުވުން، ފުމުން، ކޮރުން ފަދަ ކަންކަން ފުރިހަމަކުރަން ދަތިވުން / އުދަނގޫވުން
·         އާކަމެއް ކުރަން ބުނުމުން، އެކަމެއް ފަށައިގަންނަން ގިނައިރު ނެގުން
·         ތަފާތު ހާދިސާތައް ކުރިމަތިވުމުގެ ފުރުޞަތު ނުވަތަ ހިރާސް އެހެންކުދިންނަށްވުރެ ބޮޑުވުން
·         ކޮޅަށް / އިށީދެ އިންނައިރު ހަށިގަނޑު ރީތިކޮށް އެއްގޮތަކަށް ބަހައްޓަން އުދަނގޫވުން 

އަތްފައިގެ އިގިލިތަކުން ކުރާ ކުދިކުދި ހަރަކާތްތަކަށް ކުރިމަތިވާ ދަތިތައް (fine motor skills difficulties)
·         ގަލަން، ފަންސުރު ފަދަ ތަކެތި ބޭނުންކޮށްގެން ކުރަންޖެހޭ ކަންތައްތައް ކުރަން ދަތިވުން : މިސާލަކަށް ފަންސުރުގައި ހިފުމާއި، ފަންސުރު ބޭނުންކޮށްގެން ލިޔަން ދަތިވުން
·         އަމިއްލައަށް ކުރަންޖެހޭ ކުދިކުދި ކަންތައްތައް ކުރަން އުދަނގޫވުން : މިސާލަކަށް ގޮށްއެޅުވުން، ޒިބުއެޅުވުން، ކަތުރުން އެއްޗެއް ކެފުން، ނާޑުވާލެއްވުން 

ދޭހަވުން ލަސްވުން (perceptual difficulties)
·         ކަނާތް، ވާތް، ކުރިމަތި، ފަހަތް ފަދަ ފަރާތްތައް ވަކިކުރަން އުދަނގޫވުން
·         ލޮލަށް ފެންނަ ތަކެތި ނަގައިގަންނަން ދަތިވުން : ނަތީޖާއެއްގެ ގޮތުން ލިޔަން ކިޔަން ދަތިވުން
·         ކަންފަތަށް އިވޭ އަޑުތައް ނަގައިގަންނަން އުނދަގޫވުން : މިސާލަކަށް ބުނާގޮތް ހަދަން ނޭނގުން

ވާހަކަ ދެއްކުމުގައި ދަތިތަކާ ކުރިމަތިވުން
·         ސުވާލެއް ކުރުމުން ޖަވާބު އެނގުނަސް އެއަށް އިޖާބަ ދިނުން (ޖަވާބު ދިނުން) ލަސްވުން
·         ވާހަކަ ދެއްކުން ލަސްވުން
·         ބަހުގެ ހުނަރުވެރިކަން ދަށްވުން ( މިސާލަކަށް ކަމަކާ މެދު ވިސްނައި، ރާވައިގެން ކަމެއް ހާމަކުރަން އުދަނގޫވުން)
·         ވާހަކަ ދައްކަން އުދަނގޫވުން / އަދި ވަކިވަކި އަޑުތައް އުފައްދަން އުނދަގޫވުން
·         ވަކި ބަހެއް ބުނަންއުޅޭއިރު ހަމަ އެބަސް އެކި ފަހަރު އެކި ގޮތަށް ބުނެވުން 

ކަންކަން ރާވައި ހެދުމުގައި ދަތިތަކާ ކުރިމަތިވުން
·         ވަރަށް ފަސޭހައިން ކަންކަން ހަދާންނެތުން / ނުކުރެވި ދޫކޮށްލުން
·         ތަރުތީބުން ހުންނަ ކަންކަމާ ތަކެތި އެތަރުތީބުން ބަޔާންކޮށްދޭން ދަތިވުން ( މިސާލަކަށް ހަފްތާގެ ދުވަސްތައް ނުވަތަ އަހަރުގެ މަސްތައް ތަރުތީބުން ބުނެދޭން އުދަނގޫވުން)
·         ދީފައި ހުންނަ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން ނޭނގުން ( ފަހަރުގައި ރަނގަޅަށް އަޑުނާހަނީ ހެން ހީވެދާނެ)
·         ކަންނެއްކަން ފާހަގަ ކުރެވުން (ކަމެއްކުރަން ބުނުމުން އެކަމެއް ފަށައިގަންނަ ވެސް ނޭނގުން)
·         މަދަރުސާގައި ތަކެތި ރާވާލައިގެން ވަކިގޮތަކަށް ގެންގުޅެން ނޭނގުން ( މިސާލަކަށް ފަންސުރު، ކަރުދާސް، ތެރަސްފުޅި އަދި އެމާއްދާއެއްގެ ފޮތް ނަގަން ނޭނގުން)
·         ގަޑިއަށް ހާޟިރު ނުވެވުން ( ނޫނީ ގަޑިއަށް ހާޟިރުވުމަށް އުދަނގުލާ ކުރިމަތިވުން)

ޖަޒުބާތީ ގޮތުން / އިޖުތިމާޢީގޮތުން ދިމާވެދާނެ ދަތިތައް
·         އަމިއްލަ ނަފުސަށް އިހުތިރާމު ނުކުރެވުމާއި، އޮންނަ އިތުބާރު ކުޑަވުން : އެކަމުގެ ސަބަބުން ނުތަނަވަސް ކަމާއި،  ހާސްވެ، ކަންބޮޑުވުމާއި، ހިތްހަމަނުޖެހުން ކުރިމަތިވުން
·         އެހެން މީހުންނާއި ގުޅިގެން އުޅެން ނޭނގުން ނޫނީ ދަސްވެފައި ނެތުން
·         އެހެން ކުދިންނާއެކު ގުޅިގެން އުޅެން ނޭނގުން
·         އެހެން މީހުންގެ ހަށިގަނޑުގެ ހަރަކާތުން ދައްކާ ކަންކަން (އިޝާރާތް/ މޫނުގެ ހަރަކާތްތައް) ނަގައިނުގަނެވުން
·         ކަންކަމަށް ސަމާލުކަން ނުދެވުން / އަދި ވަރަށް ފަސޭހައިން ވިސްނުން އެހެންކަމަކަށް އެނބުރުން 

މައިގަނޑު ގޮތެއްގައި އަސަރުކުރުވާ ހުނަރުތަކާ، ކަންތައްތައް
(ހ) މުއާމަލާތްކުރުން
ޑިސްޕްރެކްސިއާ ހުންނަ ކުދިންނަށް ރަނގަޅަށް މުއާމަލާތްކުރަން އުދަނގޫވެއެވެ. ބައެއް ކަހަލަ ބަސްތައް ކިޔަން (ޕްރޮނައުންސްކުރަން) ނޫނީ އަޑުތައް ނެރެން އުދަނގޫވެއެވެ. އެކުދިންގެ އަމިއްލަ ޚިޔާލާ ފިކުރު ފާޅުކުރަން އުނދަގޫވެއެވެ. އަޑުގެ މަޚްރަޖާއި، އަޑުގެ ބާރުމިން އެއްގޮތެއްގައި ހިފަހައްޓަން އުދަނގޫވެއެވެ. ނަތީޖާއެއްގެ ގޮތުން ރަހުމަތްތެރިން ހޯދައި، އެހެން ކުދިންނާއި ގުޅިގެން އުޅުން އުދަނގޫކަމަކަށް ވެގެންދެއެވެ.

(ށ) އާތިފީ އަދި ސުލޫކީ ހުނަރުތައް
ޑިސްޕްރެކްސިއާ ހުންނަ ކުދިންގެ އުޅުމާއި، ގުޅުން އަދި ސުލޫކު އެހެން ކުދިންނާއި ތަފާތެވެ. ގުރޫޕެއްގެ ތެރޭގައި އުޅޭއިރު އެފަދަ ކުދިން ކުއްލިއަކަށް ނުތަނަވަސްވެދާނެ އެވެ. ނޫނީ ރުޅިއަތުވެދާނެ އެވެ. ނޫނީ ދެރަވެދާނެއެވެ. ނޫނީ ހާސްވެ ކަންބޮޑުވެދާނެ އެވެ. މިކަމުގެ ސަބަބުން ކުދިން ބޮޑުވަމުން އަންނައިރު އެހެންކުދިންނާ ގުޅިގެން އުޅެން އުދަނގޫވެއެވެ. ކުޅިވަރުގެ ހަރަކާތްތަކުގައި ޝާމިލްވެ އުޅެން އުދަނގޫވުމުން މިފަދަ ކުދިންގެ އަމިއްލަ ނަފުސަށް ކުރާ އިހުތިރާމާއި، އޮންނަ އިތުބާރު ވެސް ކުޑަވެގެން ދެއެވެ. 

(ނ) އުގެނުން ނުވަތަ ކިޔެވުން
ޑިސްޕްރެކްސިއާ ހުންނަ ކުދިންނަށް އުގެނުމުގައި މައްސަލަތަކާ ކުރިމަތިވެއެވެ. ޚާއްޞަކޮށް މިފަދަ ކުދިންނަށް ލިޔުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ނުވަތަ އަވަހަށް ލިޔުމަކީ އުދަނގޫ ކަމެކެވެ. އެކަމުގެ ސަބަބުން ކުލާހުގައި ދޭ ފިލާވަޅުތައް ބަރާބަރަށް ނޯޓުކޮށް ނޫނީ ފޮތަށް ނެގުމާއި، އިމްތިހާނުތައް ގަޑިއަށް ނިންމަން އުދަނގޫވެއެވެ. ނޫނީ ނުނިންމޭގޮތް ވެއެވެ. ވާހަކަ ދައްކަން އުދަނގޫވާ ކުދިންނަށް ފޮތްކިޔުމާއި، ލިޔަކުރުން (ސްޕެލްކުރުން) ފަދަ ކަންކަމަކީ ވެސް އުދަނގޫކަންކަމަށް އޮންނަނީ ވެފައެވެ.

(ރ) ދިރިއުޅުމުގެ އާންމު ހުނަރުތައް
ދިރިއުޅުމުގައި އަމިއްލައަށް ކުރަންޖެހޭ ކަންތައްތައް އެންމެ އެކަށޭނަ ގޮތުގައި ފުރިހަމަކުރުން މިފަދަ ކުދިންނަށް އޮންނަނީ ބޮޑު ގޮށްޖެހުމަކަށް ވެފައެވެ. މިސާލަކަށް ގަމީހުގައި ގޮށްއެޅުވުން، ބޫޓުގެ ނާޑުވާ އެއްސުން، އަދި ދަތްއުގުޅުން ފަދަ ކަންކަން އެހެންމީހެއްގެ އެހީތެރިކަމާ ނުލައި ފުރިހަމަކުރަން އުދަނގޫވެއެވެ. 

ދެނެގަތުން
ކުދިންގެ ކިބައިގައި ޑިސްޕްރެކްސިއާ ހުރިތޯ ބެލުމަށްޓަކައި ފަށައިގަންނަށް އެންމެ ރަނގަޅު ގޮތަކީ ކުދިން އުޅެން ނޫޅޭގޮތް ބަލަމުން ގެންދިއުމެވެ. ނޫނީ ކުދިންނަށް އަންނަ ބަދަލުތައް ފާހަގަކުރަމުން ގެންދިއުމެވެ. ކުދިންގެ ފުށުން ފެންނަ ކަންތައްތައް ނޯޓުކުރަމުން ގެންދިއުމެވެ. މިގޮތަށް ހެދުމުން ޑިސްޕްރެކްސިއާ ކަން ނިންމަން ނުވަތަ ޑިސްޕްރެކްސިއާ ޑައިގްނޯސް ކުރަން ފަސޭހަވެގެންދާނެ އެވެ. ޑިސްޕްރެކްސިއާ ކަމަށް ނިންމޭނީ އެކުއްޖެއްގެ ފުށުން ޑިސްޕްރެކްސިއާގެ އަލާމާތްތައް އެންމެ މަދުވެގެން 6 މަސް ދުވަހުގެ މުއްދަތަށް ފާހަގަ ކުރެވުމުންނެވެ. 

ޑިސްޕްރެކްސިއާ ކުއްޖެއްގެ ކިބައިގައި ހުރިކަން ޔަގީންކަމާއެކު ކަނޑައަޅައިދޭ ޓެސްޓެއް އަދި ހޯދިފައެއް ނުވެއެވެ. އާންމު ގޮތެއްގައި ޑޮކްޓަރުން ބަލާ ބެލުންތަކުގައި ކުއްޖާގެ ކިބައިގައި އެއްވެސް ކަހަލަ ނާރުގެ މައްސަލައެއް ހުރިތޯ ދެނެގަތުމަށް މަސައްކަތް ކުރާނެއެވެ. ޑޮކްޓަރެއް ބެލުމަށްފަހު، ސައިކޮލޮޖިސްޓެއް ނޫނީ އޮކިޔުޕޭޝަނަލް ތެރަޕިސްޓެއްގެ ކައިރިއަށް ފޮނުވައިފާނެއެވެ. 

ޑިސްޕްރެކްސިއާ ދެނެގަތުމަށް މަސައްކަތްކުރާއިރު މައިގަނޑު 4 ކަމަކަށް ރިއާޔަތްކުރާނެއެވެ.
·         ހެދިބޮޑުވުން (މުޅި ހަށިގަނޑު ބޭނުންކޮށްގެން ކުރަންޖެހޭ ކަންތައްތައް: ފިރުކުން، އިށީނުން، ހިންގުން، ދުވުން، ފުއްމުން ފަދަ ކަންކަން) ލަސްވުން
·         މިކަންކަމުގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށާއި، އުގެނުމަށް ހުރަސްއެޅުން
·         ހެދިބޮޑުވުން ލަސްވަނީ އެހެން ނާރުގެ މައްސަލައެއްތޯ ޔަގީންކުރުން
·         އުމުރުން 5 އަހަރުގެ ކުރިން ބަލި ދެނެ ނުގަނެވި ހުއްޓަސް އޭގެ އަލާމާތްތައް 5 އަހަރުވުމުގެ ކުރީގައި ކުއްޖާގެ ކިބައިގައި ހުރުން
ފަރުވާ
ޑިސްޕްރެކްސިއާ އަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ދެވޭ ބައެއް ކަހަލަ ފަރުވާ ތަކުގެ އެހީގައި ކުދިންނަށް ކުރިމަތިވާ އުދަނގޫތަކާ، މައްސަލަތައް ކުޑަކުރުމަށް އެހީތެރިވެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-

(ހ) – ތަފާތު ކަންތައްތައް / ހަރަކާތްތައް ފުރިހަމަކުރާނޭގޮތް ކުދިންނަށް އުގަންނައިދިނުން : މިސާލަކަށް އެއްފަހަރާ ބޮޑުކަމެއް ނޫނީ މަސައްކަތެއް ފުރިހަމަކުރަން އުޅުމުގެ ބަދަލުގައި އެކަމެއް ބައިބަޔަށް ބަހާލައިގެން ކުރަން ކުދިންނަށް ދަސްކޮށްދިނުން

(ށ)- ކަންކަން ތަކުރާރުކޮށް ކުރުވައިގެން އެކަމަށް ހޭނުން : މިގޮތަށް ހެދުމުން ކުދިންނަށް އެކުރާކަމެއް ފަސޭހަ ކަމާއެކު ކުރުމަށް ފަސޭހަވެގެން ދެއެވެ. 

(ނ) – އޮކިޔުޕޭޝަނަލް ތެރަޕީ ދިނުން : އޮކިޔުޕޭޝަނަލް ތެރަޕީގެ އެހީގައި ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ކުއްޖާ ކުރިމަތިލާންޖެހޭ ކަންކަން ދަސްކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. ނޫނީ ދަސްވެގެންދާނެއެވެ. މިސާލަކަށް ވަޅިއެއް ބޭނުންކޮށްގެން ކަމެއް ކުރާނެގޮތް، ރީތިކޮށް ލިޔާނެގޮތް ، ނޫނީ އަވަހަށް ލިޔާނެގޮތް ކުއްޖާއަށް ދަސްވެގެންދާނެއެވެ. 

(ރ) – ސްޕީޗް ތެރަޕީ ދިނުން : ސްޕީޗް ތެރަޕީގެ އެހީގައި އެކިއެކި އަޑުތައް އުފައްދާނެ ގޮތްތައް ދަސްވެ، ރަނގަޅަށް ވާހަކަ ދެއްކުމަށް ފަސޭހަވެގެންދާނެއެވެ. މިކަންކުރެވިގެންދާނީ ކުއްޖާއަށް ދަސްކޮށްދެވޭ ވަކި ކަހަލަ ތަމްރީނުތަކަކާ، އުކުޅުތަކެއްގެ އެހީގައެވެ. 

ސުކޫލުގައި މިފަދަ ކުދިންނަށް ކޮށްދެވިދާނެ ކަންތައްތައް
(ހ) ކުއްޖާއަށް ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދިނުން : ސުކޫލްތަކުގައި މިފަދަ ކުއްޖަކު ހުރިތޯ ސްކްރީން ކުރެވިދާނެއެވެ. ސްކްރީން ކުރުމަށްފަހު ކިޔެވުމުގައި އެހެންކުދިންނަށްވުރެ ފަހަތުގައި އުޅޭ ކުދިންނަށް ނުވަތަ ޑިސްޕްރެކްސިއާގެ ނިޝާންތަކާ އަލާމާތްތައް ހުރި ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. އެގޮތުން ފުރަތަމަ މައްސަލަ ހުރި ކުދިންނަށް ނުވަތަ ކުއްޖަކަށް ވަކިން ކުޑަ ގުރޫޕެއްގައި ލިޔުން، ކިޔުން، ފަދަ ކަންކަމަށް އެހީތެރިކަންނުވަތަ ބޭނުންވާ އިރުޝާދުތައް  (small group instruction) ފޯރުކޮށްދެވިދާނެ އެވެ. މިގޮތުން ކުއްޖާއަށް ކުރިއެރުން ނުލިބޭނަމަ ކުއްޖާއަށް ޚާއްޞަކޮށްގެން ވަކިވަކިން އެންމެ މީހަކު އިނދެގެން ލިޔުން، ކިޔުން ފަދަ ކަންކަމަށް  އެދަރިވަރަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން(one to one instructions) ފޯރުކޮށްދެވިދާނެއެވެ.  

(ށ) މުދައްރިސުން އިސްނަގައިގެން މިފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ނުރަސްމީ ސިފައެއްގައި ވެސް ފޯރުކޮށްދިނުން:  މިސާލަކަށް ފިލާވަޅުތައް ބައިބަޔަށް ބަހާލައިގެން ދަރިވަރު ލައްވައި ފުރިހަމަ ކުރެވިދާނެއެވެ. މިގޮތަށް ހެދުމުން އެފަދަ ކުދިންނަށް ފިލާވަޅުތައް ފަސޭހައިން ފުރިހަމަކުރެވޭގޮތް ވެއެވެ. އަތުން ލިޔުމަށްވުރެ ޓައިޕްކުރަން ފަސޭހަ ނަމަ، ދަރިވަރު ލައްވައި އެފިލާވަޅެއް ކޮމްޕިއުޓަރުގެ އެހީގައި ވެސް ފުރިހަމަ ކުރެވިދާނެ އެވެ. 

(ނ) އިތުރު އެހީތައް ފޯރުކޮށްދިނުން : މިގޮތުން ޑިސްޕްރެކްސިއާ ހުންނަ ދަރިވަރުންނަށް މަސައްކަތް ފުރިހަމަ ކުރުމަށް އިތުރު ވަގުތު ދިނުން، ގޭގައި ހަދަންދޭ ހޯމްވޯކްތައް ދަރިވަރަށް ފަސޭހަވާނެ ގޮތަށް ބަދަލު ގެނެސްފައި ދިނުން، އަދި އިމްތިހާނުގައި ވެސް އިތުރު ވަގުތުން ދިނުން ފަދަ ކަންކަން ކުރެވިދާނެ އެވެ. އަދި ކުލާހުގައިދޭ ހުރިހާ ފިލާވަޅެއްގެ ނޯޓުތައް ދަރިވަރަށް ފޯރުކޮށްދެވިދާނެ އެވެ.

ގޭގައި ކުރެވިދާނެ ކަންތައްތައް
·         މައުލޫމާތު ހޯދައި ދަސްކޮށް ދެނެގަތުން: ބައްޔާއި ބެހޭ މައުލޫމާތު މައިންބަފައިން ހޯދައި ދަސްކުރުން، އަދި ގޭގައި ކުރެވިދާނެ ކަންތައްތައް ވެސް ހޯދައި އޮޅުންފިލުވައިފައި ބެހެއްޓުން
·         ކަސްރަތުކުރުމަށް ބާރުއެޅުން : ކަސްރަތުކުރުމާއި، ހެލިފެލިވެ އުޅުމަކީ ކުދިންނަށް ހަށިގަނޑު ބޭނުންކޮށްގެން ކުރަންޖެހޭ އެކިކަހަލަ ހަރަކާތްތަކާ މަސައްކަތްތައް ދަސްވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިސާލަކަށް ފެތުން، ނޫނީ ފިއްލޯޓި ކުޅުން ފަދަ ކަމެއް ކަމަށްވިޔަސް އެކަމުގެ ސަބަބުން ކުދިންގެ ހަށިގަނޑުގެ ހަރަކާތްތެރިކަން އިތުރުކޮށްދޭނެ އެވެ. އަދި އެއީ ހެލިފެލިވެއުޅުން އިތުރުކުރުމަށް ލިބޭ ބާރަކަށްވާނެ އެވެ.
·         ޕަޒްލް ފަދަ ގޭމްތައް ކުދިން ލައްވައި ކުޅުވުން : މިފަދަ ގޭމްތަކުގެ ސަބަބުން ކުދިންގެ ވިސްނުމާއި ފިކުރު ހަރުދަނާވެ، މޮޓޯ ސްކިލްސް ރަނގަޅުވެއެވެ. މިފަދަ ހަރަކާތްތަކުގައި ކުއްޖާއަށް އެހީތެރިވުމުގެ ގޮތުން އާއިލާގެ ހުރިހާ މެންބަރުންނަށް ވެސް ބައިވެރިވެވިދާނެ އެވެ.
·         ބީން ބެގް އުކުން : މިއީ ކުއްޖާގެ ލޮލާއި އަތުގެ ވިލަރެސްކަން ރަނގަޅުކުރުމަށް އެހީތެރިވެދޭނެ މަޖާކަމާއެކު ކުރެވިދާނެ ކަމެކެވެ.
·         ފަންސުރަށް ލައްވާނެ "ގްރިޕެއް" ހޯދުން : މިފަދަ ތަކެއްޗަކީ ކުދިންނަށް ލިޔުމަށް އެހީތެރިވެދޭނެ ތަކެއްޗެވެ. މީގެ އިތުރުން ފިބާ، އެކި ކަހަލަ ކުލަ ފަންސުރު، ހައިލައިޓް މާރކަރ ފަދަ ތަކެތި ދެވިދާނެ އެވެ. މިފަދަ ތަކެތި ބޭނުންކޮށްގެން މައްސަލަތައް ހުންނަ ކުދިންނަށް ލިޔަން ފަރިތަކޮށްދެވިދާނެ އެވެ. މިފަދަ ތަކެތި ބޭނުންކޮށްގެން ލިޔަން އާންމުކޮށް ގިނަ ކުޑަކުދިންގެ ޝައުގުވެރިކަން ހުންނާނެ އެވެ.
·         ކީބޯޑުން ލިޔަން ފުރުޞަތު ދިނުން އަދި ފަރިތަކޮށްދިނުން: އަތުން ލިޔުމަށްވުރެ ކީބޯޑުން ލިޔަން ފަހަރުގައި މިފަދަ މައްސަލަ ހުންނަ ކުދިންނަށް ފަސޭހަވެދާނެ އެވެ.
·         އަތުގެ ތެރޭގައި ގެންގުޅޭނެ ކްލޭގަނޑެއް ނޫނީ ފިއްތޭ ފަދަ އެއްޗެއް ކުއްޖާއަށް ދީފައި ބޭއްވުން : މިފަދަ ތަކެއްޗަކީ އަތުގެ މަސްތައް ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ތަކެއްޗެވެ. އަދި މިފަދަ ތަކެތި ބޭނުންކުރުމުން ކުދިންނަށް ކުރިމަތިވާ ފިއްތުންތައް ކުޑަކުރުމަށް އެހީތެރިކަން ލިބެއެވެ.
·         ބައެއްކަންތައްތައް ތަކުރާރުކޮށް ކުރުވުން : އެހެން ކުދިންނަށްވުރެ ފަހަތުގައި އުޅޭ ކަންކަން ފާހަގަކުރުމަށްފަހު އެކަންކަން ކުދިން ލައްވައި ތަކުރާރުކޮށް ކުރުވައި، އަދި އެފަދަ ކަންކަން ތަކުރާރުކޮށް ކޮށް ދަސްކުރުމަށް ބާރުއެޅުން
·         ކުދިން ކުރާ ކަންތައްތަކަށް ހިތްވަރުދިނުން : މިސާލަކަށް ކަންކަން ދަސްކުރަމުންދާއިރު ދަރިފުޅަށް ކަމެއް ދަސްވުމުން އެކަމަށް ހިތްވަރުދީ، އެކަން އެގޮތަށް ކުރިޔަށްގެންދިއުމަށް ބާރުއެޅުމަކީ މުހިއްމު ކަމެކެވެ.

ހަވާލާ