Wednesday, September 1, 2021

މަނިހޮޅި

 

މަނިހޮޅި

މަނިހޮޅި(Vas deferens)  އަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މަނި ދައުރުކޮށްދޭ މަގެކެވެ. ކޮންމެ ފިރިހެނެއްގެ ނަސްލު އުފައްދާ ނިޒާމްގައި މިފަދަ ދެ މަނިހޮޅި ވެއެވެ. އެއީ ކޮންމެ ފަރާތެއްގައި ހޮޅި އެކެވެ. ވަށައިގެން މަޑުމަހުގެ ފަށަލައެއް ލެވިފައިވާ މިހޮޅި އަކީ ދެފަރާތުގެ ވެސް މަނި ހޮޅި ފެށިފައިވާ، މަނި ގުދަން(Epididymis) އިޖެކިއުލޭޓަރީ ޑަކްޓާ ގުޅުވައިދޭ މަގެވެ. މާނައަކީ މަނި ގުދަނުން ފެށިގެން ގޮސް އިޖެކިއުލޭޓަރީ ޑަކްޓް އާ ހަމައަށް މަނި ގެންގޮސްދޭ ހޮޅިއެވެ. އެހެންކަމުން މަނިހޮޅީގެ މަގަކީ މަނިގުދަން ޖެހިގެން ނުވަތަ ވިދިގެން ކުރިޔަށް ގޮސްފައިވާ މަގެއް ނުވަތަ ހޮޅިއެކެވެ. މަނިހޮޅީގެ ދިގުމިނުގައި ގާތްގަނޑަކަށް 45 ސެންޓިމީޓަރު ހުރެއެވެ. މަނިހޮޅީގެ ވަށަމިނުގައި ގާތްގަނޑަކަށް 5-3 މިލިމީޓަރު ހުރެއެވެ.

މަނިހޮޅި އަކީ މަހުން އުފެދިފައިވާ ސީދަލަށް އިންނަ ބޯފާރެއް އެކުލެވޭ ހޮޅިއެކެވެ. މަނިގުދަނުން އިޖެކިޔުލޭޓަރީ ޑަކްޓްގެ އެމްޕިޔުލާ(ampulla)  އަށް އަދި އެއަށްފަހު އިޖެކިޔުލޭޓަރީ ޑަކްޓް އަށް މަނިގެންގޮސްދެނީ މިމަނިހޮޅިންނެވެ. މަނިބޭރުވާން ޖެހެންދެން މަނިތައް ހުންނަނީ އިޖެކިޔުލޭޓަރީ ޑަކްޓް ގައެވެ. އިޖެކިޔުލޭޓަރީ ޑަކްޓް އިން މަނިތައް ދޫކުރާނީ ޕްރޮސްޓޭޓް ގްލޭންޑްގައިވާ ހީސްހޮޅީގެ ބަޔަށެވެ. މަނިހޮޅި މަނިގުދަނުން ފެށިގެން އިޖެކިޔުލޭޓަރީ ޑަކްޓް އާއި ދިމާލަށް ދާއިރު ސްޕަމެޓިކް ކޯޑުގެ ތެރެއިން ދާކަން ފާހަގަ ކުރެވެއެވެ.


މަސައްކަތް

·         މަނިގުދަނުން މަނި އިޖެކިޔުލޭޓަރީ ޑަކްޓް އާއި ހަމައަށް ގެންގޮސްދިނުން

·         މަނި ގުދަނާއި ގުޅިގެން މަނިގުދަންކޮށް ކޮށާރުކުރުން : އެގޮތުން އެމްޕިޔުލާ އަކީ މަނި ކޮށާރުކުރެވޭ ތަނެކެވެ.

·         މަނި ދަތުރުކުރުން ހަލުވިކޮށް ދިނުމަށް ބޭނުންވާ ދިޔައެއް އުފައްދައި ދޫކުރުން

·         މަނިބޭރުވުމުގެ ތެރޭގައި ބޭރުނުވެ ހުންނަ ދަރިފަންޏާއި، މަރުވެފައި ހުންނަ ދަރިފަނި އަލުން ހަށިގަނޑަށް ދެމުން ނުވަތަ ނެގުން

މަނި ދަތުރުކުރުން ހަލުވިކޮށްދޭ ރީނދޫ ކުލައިގެ ދިޔައެއް އެމްޕިޔުލާ އިން ދޫކުރެއެވެ. މިދިޔައިގައި އެކުލެވޭ މާއްދާތަކުގެ ތެރޭގައި އާގޯތިއޮނެއިން، ފްރަކްޓޯޒް، އަދި ނިއުޓްރިއެންޓް ތައް ހިމެނެއެވެ. މިއީ މަނި ތެތްކަމުގައި ދަމަހައްޓައި، ދެމިހުރުމަށް އެހީތެރިވެދޭ ދިޔައެކެވެ.

އުފެދިފައިވާގޮތް

މަނިހޮޅީގެ ފާރު އުފެދިފައިވަނީ މަޑުމަހުންނެވެ. މިފާރު އުފެދިފައިވާ މަޑުމަހުގެ 3 ފަށަލައަކުންނެވެ. އެގޮތުން އެންމެ އެތެރޭގައިވާ ފަށަލައަކީ "ލޮންޖިޓިޔުޑިނަލް ސްމޫތު މަސަލް "(longitudinal smooth muscle)  އެވެ. މެދުތެރޭގައިވަނީ "ސާކިޔުލަރ ސްމޫތު މަސަލް"(circular smooth muscle) އެވެ. އަދި އެންމެ ބޭރުގައިވަނީ ވެސް "ލޮންޖިޓިޔުޑިނަލް ސުމޫތު މަސަލް" (longitudinal smooth muscle)އެވެ. އެންމެ އެތެރެއިން ލެވިފައިވާ ފަށަލައިގެ އެތެރެއަށް ދެން އިންނަނީ ފައިބްރޯއިލާސްޓިކް "ލެމިނާ ޕްރޯޕްރިއާ"(lamina propria)  އެވެ. މިފަށަލަ ބަތާނަ ލެވިފައިވަނީ ސޫޑޯ ސްޓްރެޓިފައިޑް ކޮލަމްނަރ އެޕިތީލިއަމް އިންނެވެ. މިމަސްތަކަށް އައިސްފައިވާ އޮޓޮނޮމިކް ފަތިނާރު ތަކުގެ ސަބަބުން މަނިގުދަނުން ހަލުވިކަމާއެކު ފަރިދުވެލީގައި މަނިހޮޅީގެ ތެރެއިން އިޖެކިޔުލޭޓަރީ ޑަކްޓް އާއި ހަމައަށް މަނިގެންގޮސްދެއެވެ. މަނީގެ މިހަލުވި ހަރަކާތަށް ބާރުފޯރުކޮށްދޭ އަނެއް ފަށަލައަކީ މަނިހޮޅީގެ އެންމެ އެތެރޭގައި ތެތް ދުލިފަށަލަ ނުވަތަ ބަތާނަ ފަށެވެ. މިބަތާނަ ފަށުގެ ސެލްތަކުގައި "މައިކްރޯވިލައި"(microvilli) ކިޔާ ނަރުވާތަކެއް ހުރެއެވެ. މިނަރުވާތަކުގައި ހުންނަ މޫދުވިނަ ހަރަކާތްކުރާ ފަދައިން ހަރަކާތްކުރުމުގެ ސިފައިގެ ސަބަބުން ފަސޭހަކަމާއެކު މަންޏަށް މަނިހޮޅިގެ ތެރޭގައި ދައުރުކުރެވެއެވެ.

ފުރާފުރިހަމަވެފައިވާ މަނިހޮޅި އެއްގައި ނަމަ، ބޭސަލް ސެލް ފަށަލައިގެ އިތުރުން ނަރުވާ ފަޅާފައި ހުންނަ "ސޫޑޯސްޓްރެޓިފައިޑް ކޮލަމްނަރ އެޕިތީލިއަމް"(pseudostratified columnar epithelium) ހުރެއެވެ. މަނިހޮޅީގެ ބަތާނަ ފަށުގައި 4 ވައްތަރެއްގެ ސެލްތައް ހުރެއެވެ. އެއީ ޗީފް ސެލް، ބޭސަލް ސެލް، ޕެންސިލް ސެލް، އަދި މައިޓޮކޮންޑްރީއާ އިން މުއްސަދި ސެލް ތަކެވެ.

 އެމްޕިޔުލާގެ މަގުގެ ތެރޭގައި ބައިވަރު މެޝް-ލައިކް ޕާޓިޝަންތަކާއި ފޯލްޑް ތައް ހުރެއެވެ. މަނިހޮޅީގެ އެހެން ހިސާބުތަކަށް އެމްޕިޔުލާގެ ފާރު ތުނިވާނެއެވެ. ނަމަވެސް އެތެރޭގެ މަގު ނިސްބަތުން މަނިހޮޅީގެ އެހެން ހިސާބުތަކަށްވުރެ ބޮޑުވާނެ އެވެ.

ދައުރުވެ، ކުރިޔަށްގޮސްފައިވާގޮތް

އެނަޓޮމިކަލް ގޮތުން ބަލާއިރު މަނިހޮޅި ދައުރުވެ، ކުރިޔަށްގޮސްފައިވާގޮތް ތިރީގައި މިވަނީ އެވެ.

-          މަނިހޮޅި އަކީ މަނިގުދަނުގެ ނިގުލުން ފެށިގެން ކުރިޔަށް ގޮސްފައިވާ ހޮޅިއެކެވެ.

-          މަނިހޮޅި ފެށޭ މަނިގުދަނުގެ ނިގޫ އިންނަނީ އުރަވަޅީގެ ތިރިއަށް އިންނަ ބައިގައެވެ.

-          ސްޕަމެޓިކް ކޯޑުގެ ތެރެއިން ގޮސްފައިވާ ބައެއްގެ ގޮތުގައި އިންގުއައިނަލް ކެނަލްގެ ތެރެއިން ދަތުރުކުރެއެވެ.

-          ޅިނދުގެ އަރިމަތީ ފާރު ކައިރިން ތިރިއަށް ގޮސްފައިވެއެވެ.

-          މަނިހޮޅި މައްޗަށް މަސާނާ އާއި އެއް ލެވެލް އަކަށް ހަމަކުރުމަށް މައްޗަށް ދާއިރު، އޭގެ ވަށައިގެން ސާފުލޭ ހޮޅިތަކާއި، ނުސާފުލޭ ހޮޅިތަކުން އުފެދިފައިވާ ޕެމްޕިނިފޯރމް ޕްލެކްސަސް އާއި ފަތިނާރު ފައިބަރުތައް މަނިހޮޅީގެ ވަށާލާފައި ވެއެވެ.

-          ގަޔާކައިރިވީ ފަރާތުން މަސާނާއާއި ގުރުތާއާއި ދެމެދުން ގޮސް، ތިރިއަށްޖެހި މަސާނާގެ ފަހަތު ސަތަހައިން ތިރިއަށް ދެއެވެ.

-          މަނިހޮޅި މަސާނާގެ ފުރަގަހުން އައިސް އޭގެ މަގު ފުޅާވެ، އެމްޕިޔުލާ އުފެދެއެވެ. އެމްޕިޔުލާ އަކީ މިހިސާބުގައި މަނިހޮޅީގެ މަގު ފުޅާވެގެންދާ ދިއުމެވެ.

-          މަނިހޮޅި ނިމޭތަނުގައިވާ އެމްޕިޔުލާގެ ހިމަ ބަޔާއި، މަނިގޮށުން އައިސްފައިވާ ޑަކްޓް ގުޅިގެން އިޖެކިޔުލޭޓަރީ ޑަކްޓް އުފެދިގެން ދެއެވެ.

މަނިހޮޅި ފެށޭ ހިސާބުން ކޮންމެވެސް ވަރަކަށް އޮޅިފައި ހުރެއެވެ. ނަމަވެސް އޮށުގެ ފަހަތު ބޯޑަރާއި ދިމާލުން މައްޗަށްދާ ވަރަކަށް މަޑުމަޑުން އޮޅިފައިވާ ބައިތައް ފިލައި، ސީދާވެގެން ދެއެވެ. މިގޮތަށް ސްޕަމެޓިކް ކޯޑުގެ ތެރޭގައި މައްޗަށް ގޮސް، ޑީޕް އިންގުއައިނަލް ރިންގ ހުރަސްކޮށް ސްޕަމެޓިކް ކޯޑުން ބޭރުވެއެވެ. މިގޮތަށް ސްޕަމެޓިކް ކޯޑުން ބޭރުވުމަށްފަހު ، އިންފީރިއަރ އެޕިގެސްޓްރިކް އާޓަރީ އެއްއަރިމައްޗަކުން އަބުރާލައި، އެކްސްޓާރނަލް އިލިއެކް އާޓަރީގެ ކުރިމަތިން 2.5 ސމ މައްޗަށްޖެހިލައެވެ. އެއަށްފަހު ފަހަތަށް ތިރިއަށް ދެއެވެ. މިގޮތަށް ތިރިއަށްދާއިރު އެކްސްޓާރނަލް އިލިއެކް ލޭހޮޅިތައް ހުރަސްކުރެއެވެ. މިގޮތަށް ގޮސް ޕެރިޓޯނިއަލް ކެވިޓީގެ ތެރެއަށް ވަދެއެވެ. އެއަށްފަހު އޮބްލިޓެރޭޓެޑް އަމްބްލިކަލް އާޓަރީ، އޮބްޓިޔުރޭޓަރ ނާރވް އަދި އޮބޓިޔުރޭޓަރ ލޭހޮޅިތައް ފަދަ ބައިތަކުގެ ގަޔާކައިރިވީ ފަރާތުން ތިރިއަށް ގުރުތާ ހުރަސްކުރެއެވެ. ގުރުތާގެ ގަޔާކައިރިވީ ފަރާތަށް ޖެހި، ތިރިއަށް ލެނބިލައި، އެކިޔުޓް އޭންގަލް އެއް މަނިހޮޅި ލެނބިލާ ތަނުން އުފެދިގެން ދެއެވެ. އެއަށްފަހު މަނިގޮށުގެ މަތީކޮޅާއި، މަސާނާގެ ފަންޑަސް އާއި ދެމެދުން ތިރިއަށްދެއެވެ. އެއަށްފަހު މަނިހޮޅި މަސާނާގެ ފުރަގަހުން އައިސް އޭގެ މަގު ފުޅާވެ، އެމްޕިޔުލާ އުފެދެއެވެ. އެމްޕިޔުލާ އަކީ މިހިސާބުގައި މަނިހޮޅީގެ މަގު ފުޅާވެގެންދާ ދިއުމެވެ. މަނިހޮޅި ނިމޭތަނުގައިވާ އެމްޕިޔުލާގެ ހިމަ ބަޔާއި، މަނިގޮށުން އައިސްފައިވާ ޑަކްޓް ގުޅިގެން އިޖެކިޔުލޭޓަރީ ޑަކްޓް އުފެދިގެން ދެއެވެ.

ލޭދައުރުކުރުވުން /ފަތިނާރު ސަޕްލައިކޮށްދިނުން

މަނިހޮޅި އަށް ސާފުލޭ ގެންގޮސްދެނީ އާޓަރީ ޓު ދަ ވެސް ޑިފެރެންސް(artery to the vas deferens) އިންނެވެ. މިއީ އިންޓާނަލް އިލިއެކް އާޓަރީ އިން ނިކުމެފައިވާ އިންފީރިއަރ ވެސައިކަލް އާޓަރީގެ ގޮތްޕެކެވެ.

މަނިހޮޅިއަށް ތަފާތު ފަތިނާރުގެ ނިމުންތަކުން ސިގުނަލް ލިބެއެވެ. އެގޮތުން މަނިހޮޅީގެ މަޑުމަހުގައި "އެޑްރީނަޖިކް ސައިނަޕްސަސް"(adrenergic synapses) ތައް ހުރެއެވެ. "ކޮލީނާރޖިކް ސައިނަޕްސަސް"(cholinergic synapses) އާއި "ވޭސޯއެކްޓިވް އިންޓެސްޓައިނަލް ޕެޕްޓައިޑް ސައިނަޕްސަސް" (vasoactive intestinal peptide synapses)އެތެރޭގެ ތެތްދުލިފަށް ނުވަތަ ބަތާނައިގެ ގުޅުވާދެނިވި ސެލޯށި ތަކުގައި ހުރެއެވެ. އަދި މީގެ އިތުރުން "ނޯރއެޑްރީނާޖިކް ސައިނަޕްސަސް"(noradrenergic synapses) ވެސް ފަހަރުގައި މަނިހޮޅީގައި ހުރެދާނެއެވެ.

ހަވާލާ

https://teachmeanatomy.info/pelvis/the-male-reproductive-system/spermatic-cord/

https://www.sciencedirect.com/topics/medicine-and-dentistry/spermatic-cord

https://www.sciencedirect.com/topics/immunology-and-microbiology/vas-deferens

https://www.britannica.com/science/ductus-deferens

https://www.bartleby.com/107/259.html

 

މަނިގުދަން

 

މަނި ގުދަން

މަނި ގުދަނަ(epididymis)ކީ ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމުން ދެފަރާތުގައިވާ ކޮންމެ އޮށެއްގެ ފަހަތުގައި ތަތްވެފައި އިންނަ އޮޅިފައިވާ ހޮޅިއެކެވެ. މަނިގުދަނަކީ އޮށުގައި ތަތްވެފައި އިންނަ އެއްޗަކަށްވުމުން ބަނޑުގައި ހެދިބޮޑުވުމުގެ ތެރޭގައި  ދަށްބަނޑުގައި އިންނަ އޮށް ސްޕަމެޓިކް ކޯޑުގެ ތެރެއިން ތިރިއަށް އުރަވަޅިއަށް ފައިބާއިރު އެއާއެކު މަނިގުދަން ވެސް ތިރިއަށް އުރަވަޅިއަށް ފައިބާނެއެވެ. މަނިގުދަނަކީ އެތަނެއްގެ ތެރޭގައި މަނި ގުދަންކޮށް، ރައްކާކުރުމުގެ އިތުރުން، މަނި އިތުރަށް ފުރިހަމަވެގެންދާ މަރުކަޒެއް ވެސް މެއެވެ. މަނި ގުދަން''އިފެރެންޓް ޑަކްޓް''(efferent duct)ތަކާއި  އޮށާއި، ގުޅުވާދެއެވެ.


މަނިގުދަނަކީ ވަރަށް ބޮޑަށް އޮޅިއޮޅިފައިވާ(convoluted)  ހޮޅިއަކަށްވުމުން އޭގެ ދިގުމިނުގައި ގާތްގަނޑަކަށް 6 މީޓަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.  މަނިގުދަން އިފެރެންޓް ޑަކްޓް ތަކާއި، މަނިހޮޅި ގުޅުވައިދެއެވެ. މާނައަކީ މަނިގުދަނަކީ އިފެރެންޓް ޑަކްޓް ތަކާއި، މަނިހޮޅި އާއި ދެމެދުގައިވާ ބައެކެވެ.

އުފެދިގެންއައުން

ތުއްތު ދަރިފުޅު މައިމީހާގެ ހަށިގަނޑުގައި އުފެދިގެން އަންނައިރު، މަނިގުދަން އުފެދިގެން އަންނަނީ "މީސޮނެފްރިކް ޑަކްޓް" (mesonephric duct)އިންނެވެ. މި މިސޮނެފްރިކް ޑަކްޓް، ހަށިގަނޑުގެ ކުރީކޮޅުން ދަތުރުކޮށް ގޮސް، އެއިން މަސާނާ އުފެދިގެން އަންނަ "ކްލޯކާ"(cloaca) އާއި އެއްވެއެވެ. މީސޮނެފްރިކް ޑަކްޓް އިން ވަށައިގެންވާ މީސޮންޗައިމް އިން މީސޮނެފްރިކް ޓިބިޔޫލް ތަކުގެ ސިލްސިލާއެއް އުފައްދައެވެ. މިކުދިކުދި ހޮޅިތައް ނުވަތަ ޓިބިޔޫލްތައް ފަހުން ބަދަލުވަނީ އިފެރެންޓް ޑަކްޓް ތަކަށެވެ.

ބެހިގެންވާ ބައިތައް

ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މަނި ގުދަން މައިގަނޑު 3 ބަޔަކަށް ބެހިގެން ވެއެވެ. އެއީ ބޯ، ހަށިގަނޑު(ޖިސްމު)، އަދި ނިގުލެވެ.

ބޯ (head): މަނި ގުދަނުގެ ބޮލަކީ އޮށާއި އެންމެ ކައިރީގައިވާ ބައެވެ. ނުވަތަ މިއީ މަނިގުދަނުގެ މަތީބައިން ނިމޭ ބޮޑުކޮޅެވެ. މަނިގުދަނުގައި އެންމެ ސައިޒުން ބޮޑުކޮށް ފެންނަށް އިންނާނީ މަނިގުދަނުގެ ބޮލެވެ. މަނިގުދަނުގެ ބޯ އުފެދިފައިވަނީ އޮށުގެ ތެރޭގައި ހުންނަ އީފެރެންޓް ޓިބިޔޫލް(efferent tubules) ތަކުންނެވެ. އޮށުން މަނިގުދަނަށް ދަރިފަނި ގެންދަނީ މި އީފެރެންޓް ޓިބިޔޫލް ތަކުންނެވެ. އެހެންކަމުން މަނިގުދަން އޮށުގެ މަތީ ބަޔާއި ގުޅިފައިވަނީ ވެސް މި އީފެރެންޓް ޓިބިޔޫލް ތަކުންނެވެ.

ހަށިގަނޑު (body): މިއީ މަނިގުދަނުގެ މެދަށްވާ ބައެވެ. މަނިގުދަނުގެ ހަށިގަނޑު އުފެދިފައިވަނީ ވަރަށް ބޮޑަށް އޮޅިފައިވާ ޑަކްޓް ތަކުންނެވެ. މަނިގުދަނުގެ ތެރޭގައި ދަރިފަނި އިތުރަށް ފުރާ ފުރިހަމަވަނީ މަނިގުދަނުގެ ހަށިގަނޑު ނުވަތަ ޖިސްމު ގައެވެ.

ނިގޫ (tail): މިއީ މަނިގުދަނުގެ އޮށާއި އެންމެ ދުރުވީ ބައެވެ. މިއީ ނިމޭކޮޅުގައި ކޮންމެވެސް ވަރަކަށް ހިމަކޮށް އިންނަ ބައެކެވެ. މަނިހޮޅި ފެށިގެން އަންނަނީ މަނިގުދަނުގެ ނިގުލުންނެވެ.

އޮށުގެ ތެރޭގައި އުފެދޭ މަނި އެންމެ ފުރަތަމަ ވަންނަނީ މަނި ގުދަނުގެ ބޮލަށެވެ. އެއަށްފަހު އޭގެ ޖިސްމަށް ވާޞިލްވެ، އެންމެ ފަހުން އޭގެ ނިގުލާ ހަމައަށް ދެއެވެ. މަނި ޚަޒާނާކޮށް ރައްކާކުރެވިފައި ހުންނަނީ މަނި ގުދަނުގެ ނިގުލުގައެވެ. މީގެ އިތުރުން މަނި ގުދަނުގެ ތެރޭގައި މަނި އިތުރަށް ފުރިހަމަވެގެން ދެއެވެ. މަނިގުދަނުގެ ނިގޫޖެހިގެން އިންނަނީ މަނިހޮޅިއެވެ. ނުވަތަ ކުރިޔަށް ގޮސްފައިވަނީ މަނިހޮޅީގެ ގޮތުގައެވެ.

މަނިގުދަނުގެ އަރިމަތީ ސަތަހައާއި، މަނިގުދަނުގެ ބޯ އަދި ނިގޫ ނިވާކުރެވިފައިވާ ތުނި ދުލިފަށަލަ އަކުންނެވެ. މިބުނާ ދުލިފަށަލަ އިން މަނިގުދަނުގެ ޖިސްމު ބޮޑުބައެއް ނިވާކުރެވިފައި ވެއެވެ. ނިވާނުކުރެވި އިންނަނީ މަނިގުދަނުގެ ފުރަގަހު ބޯޑަރުގައި އިންނަ ސައިނަސް އޮފް އެޕިޑިޑައިމިސް(sinus of epididymis) ނުވަތަ ޑިޖިޓަލް ފޮއްސާ(digital fossae) އޭ ކިޔޭ އަޑިކޮޅެކެވެ.

މަނިގުދަނުގެ ބޮލުގައި ކުޑަ ސްޓޯކްޑް އެޕެންޑޭޖް(small stalked appendage)  އެއް އިނދެއެވެ. މިތަނަށް ކިޔަނީ ''އެޕެންޑިކްސް އޮފް އެޕިޑިޑައިމިސް"(appendix of epididymis)  އެވެ.

މަނިގުދަނުގެ ބަތާނަފަށް

ހިސްޓޮލޮޖިކަލް ގޮތުން ބަލާއިރު މަނިގުދަނުގެ އެތެރޭގެ ބަތާނަފަށުގައި ހުންނަނީ "ސޫޑޯސްޓްރެޓިފައިޑް ކޮލަމްނަރ އެޕިތީލިއަލް ސެލް"(pseudostratified columnar epithelial cells) ތަކެވެ. މީގެ ވަރަށް ގިނަ ވައްތަރުގެ ސެލްތައް ހުރެއެވެ. އޭގެ ތެރޭގައި މައިގަނޑުގޮތެއްގައި ހުންނަނީ ދިގުކޮށް ހުންނަ ނަރުވާލީ ސެލް( principal tall cells with sterocilia)  ތަކާއި، ދެމެދުގައިވާ ބޭސަލް ސެލް(basal cells) ތައް ހިމެނެއެވެ.  މީގެ އިތުރުން މަދު މިންވަރަކަށް ވިޔަސް "ހަލޯ ސެލް"(halo cells) ކިޔާ ސެލްތަކެއް ހުރެއެވެ. ޕްރިންސިޕަލް ސެލްތައް އެންމެ ދިގުކޮށް ހުންނާނީ މަނިގުދަނުގެ ބޮލުގެ ސެލްތަކުގައެވެ. އެއަށްފަހު މަނިގުދަނުގެ ޖިސްމާއި، ނިގުލާއި ހަމައަށް ދާވަރަކަށް ޕްރިންސިޕަލް ސެލްތަކުގެ ދިގުމިން ކުޑަވަމުން އަންނާނެ އެވެ. މަނިގުދަނުގެ ބަތާނަ ފަށުގައި ހުންނަ އެހެނިހެން ސެލްތަކުގެ ތެރޭގައި ހަމައެކަނި މަނިގުދަނުގެ ބޮލުގައި ހުންނަ އެޕިކަލް ސެލް(apical cell) ތަކާއި، ނިގުލުގައި ހުންނަ ކްލެއަރ ސެލް(clear cell) ތައް ހިމެނެއެވެ.

މަނިގުދަނަކީ ދިޔަތައް ހަށިގަނޑަށް ދަމާ ނުވަތަ ނަގާ ހޮޅިއެއް ވެސް މެއެވެ. އެގޮތުން މަނިއުފައްދާ ހޮޅިތަކުން ދޫކުރާ %90 ދިޔަ މަނިގުދަނުގެ ތެރޭގައި ހަށިގަނޑަށް އަނބުރާ ނަގައެވެ. ނުވަތަ ދަމާލައެވެ. މިގޮތަށް މަނިގުދަނުގައި ހޮޅީތެރޭ ހުންނަ ދިޔަތައް ހަށިގަނޑަށް ދެމުމުގައި އެންމެ ބޮޑަށް އެހީތެރިވެދެނީ ޕްރިންސިޕަލް ސެލް ތަކުގައި ހުންނަ ނަރުވާ ތަކެވެ. އެއީ ޕްރިންސިޕަލް ސެލްތަކުގެ ސަތަހައިގެ މިންވަރު އިތުރުކޮށްގެންނެވެ.

އަދާކޮށްދޭ ވަޒީފާ

·         މަނި އިފެރެންޓް ޑަކްޓްތަކުން މަނިހޮޅި އާއި ހަމައަށް އުފުލައިދިނުން

·         މަނިގުދަންކޮށް ރައްކާކުރުން

·         މަނި ކޮށާރުކޮށް ބަހައްޓައި އޭގެ ތަރުކީޒުމަތިކޮށް، މަނި އިތުރަށް ފުރިހަމަކުރުން

·         މަނިހެދިބޮޑުވުމުގެ އެންމެ ފަހު މަރުހަލާ ހޭދަކުރަނީ މަނިގުދަނުގެ ތެރޭގައެވެ. ދަރިފަންޏަށް ބޭނުންވާ ހަރަކާތްތެރިކަމާއި، ބިހެއް މުޑުވަށްކުރުމަށް ބޭނުންވާ ގާބިލިއްޔަތު ދަރިފަންޏަށް ފުރާ ފުރިހަމައަށް ލިބިގެންދަނި މަނިގުދަނުގައި ދަރިފަނި ހޭދަކުރާ މަރުހަލާގެ ތެރޭގައެވެ.

·         ދަރިފަންޏަށް ގެއްލުންދޭ މާއްދާތައް މިސާލަކަށް އޮކްސިޖަން ރެޑިކަލްތައް، އަދި ޒީނޯބަޔޮޓިކްސް ފަދަ މާއްދާތަކުން ދަރިފަނި ހިމާޔަތްކޮށް ރައްކާތެރިކޮށްދެނީ މަނިގުދަނެވެ.

މަނިގުދަނަށް ލޭފޯރުކޮށްދެނީ ޓެސްޓިކިޔުލަރ އާޓަރީ ގެ ގޮފިތަކުންނެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://teachmeanatomy.info/pelvis/the-male-reproductive-system/testes-epididymis

https://www.sciencedirect.com/topics/medicine-and-dentistry/epididymis

https://www.bartleby.com/107/258.html

 

ޒަކަރު

 

ޒަކަރު

ޒަކަރަކީ ފިރިހެނާގެ ޖިންސީ ގުނަވަން(Penis) ނުވަތަ ފިރިހެން ހަށްޓެވެ. ފިރިހެނުން ކުޑަކަމުދާއިރު ކުޑަކަމުދާ ތަކެއްޗާއި، ޖިންސީ ގުޅުން ހިންގާއިރު މަނި ބޭރުވެގެންދަނީ ޒަކަރުގެ މެދުން ބޭރަށް ހުޅުވިފައިވާ ކުޑަކަމުދާ ހޮޅީގެ ދޮރުންނެވެ.

ފިރިހެން ކުއްޖަކު ބާލިޣުވާ އުމުރަށް އެޅުމުން އޮށާއި، ފިރިހެން ހަށި (ޒަކަރު) އަދި ނަސްލު އުފައްދާ ނިޒާމްގެ އެހެން ބައިތައް ވެސް ހެދިބޮޑުވާން ފަށައެވެ. އެގޮތުން އުމުރުން 18 އަހަރުން ވަންދެން ފިރިހެން ހަށި ދިގުވަމުން ދެއެވެ. ފިރިހެން ހަށި ފުޅާވެ ފަލަވަން ފަށަނީ އުމުރުން 11 އަހަރުން ފެށިގެންނެވެ.

ޒަކަރުގެ މައިގަނޑު ވަޒީފާ

ޒަކަރުން ފުރިހަމަކޮށްދެނީ މައިގަނޑު 2 މަސައްކަތެކެވެ.

·         ޖިންސީގުޅުން ހިންގުން : ޖިންސީ ހިިލިގަތުން ނުވަތަ ޝައުގުވެރިކަން އައުމުން ޒަކަރުގައި ބާރުޖެހި، ކޮޅުވެ، ވާންވެއެވެ. މަނީގެ ބައިތައް ކުޑަކަމުދާ ހޮޅިން ޕްރޮސްޓޭޓް ގްލޭންޑްގައިވާ ބައިގެ ތެރޭގައި އެއްވެ، އެކުވުމުން މަނިބޭރުވުން ކުރިމަތި ވެއެވެ. މަނި ކުޑަކަމުދާ ހޮޅީގެ ތެރެއިން އައިސް ހަށީގަނޑުން ބޭރުވަނީ ކުޑަކަމުދާ ހޮޅީގެ ދޮރުން ނުވަތަ ހޮއިންނެވެ. މިގޮތަށް މަނިބޭރުވުމަށްފަހު ޒަކަރު، ހިނދި ވަޅޯވެ، އާންމު ހާލަތަށް ދެއެވެ.

·         ކުޑަކަމުދިއުން : ޒަކަރުގެ ތެރޭގައި ކުޑަކަމުދާ ހޮޅި ވެއެވެ. ކުޑަކަމުދިއުމުގެ ތެރޭގައި މަސާނާގައި ހުންނަ ކުޑަކަމު ނަޖިސް ބޭރުވެގެންދަނީ ކުޑަކަމުދާ ހޮޅީގެ ތެރެއިން ގޮސް ކުޑަކަމުދާ ހޮޅިން ބޭރަށް ހުޅުވިފައިވާ ހޮއިންނެވެ.

ޒަކަރުގެ އޮނިގަނޑު

އެނަޓޮމިކަލް ގޮތުން ބަލާއިރު އުފެދުމުގައި ޒަކަރު ބެހިގެންވަނީ 3 ބަޔަކަށެވެ.

(ހ) ޒަކަރުގެ މޫ (root of penis): ޒަކަރުގެ މުލަކީ ޒަކަރުގެ އެންމެ އެތެރޭގައިވާ އަދި އެންމެ ސާބިތުކަންމަތީ ހުންނަ ބައެވެ. ނުވަތަ އެންމެ ބޮޑަށް ހިފެހެއްޓިފައިވާ ބައެވެ. ޒަކަރުގެ މޫ އިންނަނީ ކަށިވަތުގެ ތަޅުމުގައިވާ "ސްޕަފިޝަލް ޕެރިޓޯނިއަލް ޕޯޗް"  ގައެވެ. މިއީ ބޭރަށް ފެންނަން އިންނާނެ ބައެއް ނޫނެވެ. ޒަކަރުގެ މުލުގައި 3 އިރެކްޓައިލް ސެލޯށި ވެއެވެ. އެއީ ދެފަރާތުގައިވާ ދެ "ކުރޫރާ" އާއި، ދެކުރޫރާ ގެ ދެމެދުގައިވާ ޒަކަރުގެ "ބަލްބް" އެވެ. މީގެ އިތުރުން ޒަކަރުގެ މުލުގައި ވެސް 2 މަސްކޮޅު ވެއެވެ. އެއީ "އިސްކިއޯކެވަރނޯސަސް" އަދި "ބަލްބޯސްޕަންޖިއޯސަސް" އެވެ.

(ށ) ޒަކަރުގެ ޖިސްމު (body of penis):މިއީ ހަށިގަނޑުން ބޭރުގައިވާ ނޫނީ ޒަކަރުން ހަށިގަނޑުގެ ބޭރުން ފެންނަ ބައެވެ. ނުވަތަ ޒަކަރުގެ ދަނޑި އެވެ. މިބައި އިންނަނީ ޒަކަރު މުލާއި، އޮމާމަސް އާއި ދެމެދުގައެވެ. މިބައިގައި ވެސް 3 އިރެކްޓައިލް ސެލޯށި ހިމެނެއެވެ. އެއީ ކުރިމަތީގައި ދެފަރާތުންވާ 2 ކޯރޕަސް ކެވަރނޯސަސް އާޢި، ފަހަތުން މެދުގައިވާ ކޯރޕަސް ސްޕަންޖިއޯސަމް އެވެ.   

(ނ) އޮމާމަސް (Glans penis): އޮމާމަހަކީ ޚިތާނު ކުރީމާ ޒަކަރުން ފާޅުވާ ހިސާބެވެ. ނުވަތަ މިއީ ފިރިހެން ހަށީގެ ކޮޅު ނުވަތަ ބޮލެވެ. ދިވެހި ބަހުގެ ރަދީފުގައި ޚިތާނުކުރީމާ ޒަކަރުން ފާޅުވާ ހިސާބަށް "އޮމާމަސް" އަދި "ޙަޝަފަތު" މި ދެނަން ބަޔާންކޮށްފައި ވެއެވެ. އޮމާމަސް ނިވައިކޮށްދޭ ހަންކޮޅުގެ ސަބަބުން ޚިތާނު ނުކުރާ މީހުންގެ މިބައި އިންނަނީ ކޮންމެވެސް ވަރަކަށް (ނޫނީ އެއްކޮށް) ފޮރުވިފައެވެ. ޚިތާނު ކޮށްފައި ތިބޭ މީހުންގެ ޙަޝަފަތު އަބަދު ވެސް ފެންނަށް އިންނާނެއެވެ.

ޚިތާނު ނުކޮށް ތިބޭ މީހުން ވެސް ، އަމިއްލައަށް ޖިންސީ އެދުން ފުއްދުން، ޖިންސީ ގުޅުން ހިންގުން، ނުވަތަ ފިރިހެން ހަށީގައި ވަރުޖެހި ސީދާވުން، ފަދަ ޙާލަތްތަކުގައި ޙަޝަފަތު ރީތިކޮށް ފެންނަން އިންނާނެއެވެ. އެއީ މިފަދަ ޙާލަތްތަކުގައި ޙަޝަފަތު ނިވައިކޮށްދޭ ހަންކޮޅަށް ވާންވެ،ދެމި، ފަހަތަށް ޖެހިގެންދާތީއެވެ.

އޮމާމަސް ނިވައިކޮށްދޭ ހަންކޮޅަ(Foreskin)ކީ ހަމާ، ތެތްދުލިފަށް އެކުލެވިގެން އުފެދިފައިވާ ފަށަލައެވެ. ޚިތާނު ނުކުރާ މީހުންގެ ޒަކަރުގައި ވަރުޖެހި ސީދާ ނުވެ ހުންނަ ހިނދު ކުޑަކަމުދާ ހޮޅީގެ ދޮރު މިހަންކޮޅުގެ ސަބަބުން ނިވައިކޮށްދެއެވެ. ޚިތާނު ކުރުމުގެ ތެރޭގައި މިހަންކޮޅު ވަކިކޮށް ނަގައެވެ. މިހަންކޮޅުގެ ބޭރުން އިންނަނީ ހަމަ ފިރިހެންހަށީގައިވާ ހަމެކޭ އެއްފަދަ ހަންކޮޅެކެވެ. އެކަމަކު އެތެރެ ފުށުން ލެވިފައި އިންނަނީ ތެތް ދުލިފަށެކެވެ.

އިރެކްޓައިލް ސެލޯށި

ޒަކަރުގައި ހިމެނޭ އިރެކްޓައިލް ސެލޯށި(erectile tissue)  އަކީ ޖިންސީ އެދުންވެރިކަން ކުރިމަތިކުރުވުމުގައި ބައިވެރިވާ އެންމެހައި ސެލޯށި ތަކެވެ. ޖިންސީ ހިލިގަތުން އައުމުން މިސެލޯށިތަކަށް ލޭއެޅި، ޖިންސީ ގުނަވަނުގައި ނޫނީ ޒަކަރުގައި ބާރުޖެހި، ވާންވެ، ކޮޅުވެއެވެ. ޒަކަރުގެ މުލާއި، ޒަކަރުގެ ޖިސްމުގައި މިފަދަ 3 އިރެކްޓައިލް ސެލޯށީގެ ބޮޑިވަރު ވެއެވެ.

ޒަކަރުގެ މުލުގައި ހިމެނޭ 3 އިރެކްޓައިލް ސެލޯށީގެ ތެރޭގައި ހިމެނެނީ ކަނާތް ފަރާތުގައިވާ ކްރޫރާ(Left crura) އާއި، ވާތް ފަރާތުގައިވާ ކްރޫރާ(Right crura) އާއި، އަދި މެދުގައިވާ ޒަކަރުގެ ބަލްބް(bulb of penis)  އެވެ. ބަލްބް އިންނަނީ ޒަކަރުގެ މުލުގެ މެދު ރޮނގުގައެވެ. ކުޑަކަމުދާ ހޮޅި މަސާނާއިން ނިކުމެ ޒަކަރުގެ ޖިސްމުގެ ތެރެއަށް ވަންނަނީ ޒަކަރުގެ މުލުގެ ތެރެއިން ގޮހެވެ.

ޒަކަރުގެ މޫ ދޫކޮށް ދެން އިރެކްޓައިލް ސެލޯށިތައް ކުރިޔަށް ގޮސްފައިވަނީ ޒަކަރުގެ ޖިސްމުގައެވެ. ނޫނީ ދަނޑީގައެވެ. ޒަކަރުގައި މުލުގައިވާ ކަނާތު ކުރޫރާ، އަދި ވާތު ކުރޫރާ ޒަކަރުގެ ޖިސްމުގައި ކުރިޔަށް ގޮސްފައިވަނީ ކުރިމަތިން ދެފަރާތުގައިވާ ކޯރޕަސް ކެވަރނޯސާ(corpus cavernosa) ގެ ގޮތުގައެވެ. ދެފަރާތުގެ ދެ ކޯރޕަސް ކެވަރނޯސާ ވަކިކޮށްދެނީ ޒަކަރުގެ "ސެޕްޓަމް"(septum) އިންނެވެ. ޒަކަރުގެ ދަނޑީ(Shaft of penis)ގެ ފަހަތުން ވެސް ކުރިޔަށްގޮސްފައިވަނީ ޒަކަރުގެ މުލުގައިވެސް ޒަކަރުގެ ބަލްބް އެވެ. ޒަކަރުގެ ބަލްބް އުފެދިފައިވަނީ ކޯރޕަސް ސްޕަންޖިއޯސަމް(Corpus spongiosum) އިންނެވެ. އެހެންކަމުން ޒަކަރުގެ ޖިސްމުގައި ނޫނީ ދަނޑީގައި ކުޑަކަމުދާ ގޮޅި ގޮސްފައިވަނީ ޒަކަރުގެ ބަލްބް ނުވަތަ ކޯރޕަސް ސްޕަންޖިއޯސަމް ގެ ތެރެއިންނެވެ. ކޯރޕަސް ސްޕަންޖިއޯސަމް ނިމޭކޮޅުން ފުޅާވެގެން ގޮސް އުފެދިފައިވަނީ ޒަކަރުގެ ކުރީކޮޅުގައިވާ ޚިތާނު ކުރިމާ ޒަކަރުން ފާޅުވާ ހިސާބު ނޫނީ ޙަޝަފަތް(Glans penis) ނޫނީ އޮމާމަހެވެ.  

ޒަކަރުގައި ހިމެނޭ މަސްކޮޅުތައް

ޒަކަރުގެ މުލުގައި ޖުމުލަ 4 މަސްކޮޅު ހުރެއެވެ.

(ހ) – ބަލްބޯސްޕަންޖިއޯސަސް (bulbospongiosus): މިއީ ޒަކަރުގެ ބަލްބް ގައި އިންނަ ދެމަސްކޮޅެކެވެ. ކުޑަކަމުދާ ހޮޅީގައި ހުސްނުވެ ހުންނަ ކުޑަކަމު ނަޖިހާއި، މަނި ހަށިގަނޑުން ބޭރުކޮށް ހުސްކޮށްލުމަށްޓަކައި މިމަސްކޮޅު ކުރުގެޅިގެންދާނެ އެވެ. ނޫނީ މަސްކޮޅަށް ވާންވެ، ފިތި، ކުރުގެޅޭނެ އެވެ. މިމަސްކޮޅު ކުރިމަތީ ފައިބަރުތަކުން ޒަކަރުގެ ބަލްބްގެ ޕްރެޝަރު މަތިކުރުމަކީ ޒަކަރުގެ ވާންކަން ދެމެހެއްޓުމަށް މުހިއްމު ކަމެކެވެ. ނުވަތަ ޒަކަރުގައި ވާންވެ ވަރުޖެހިފައި ހުރުމަށް އެހީތެރިވެދޭ ކަމެކެވެ.

(ށ) - އިޝީއޯކެވަރނޯސަސް (Ischiocavernosus): މިދެމަސްކޮޅު އިންނަނީ ޒަކަރުގެ ވާތު އަދި ކަނާތު ކުރޫރާގެ ވަށައިގެންނެވެ. ޒަކަރުގެ ކުރޫރޫ ތަކުގެ ތެރޭގައިވާ ކޯރޕަސް ކެވަރނަސް ސްޕޭސް ތަކުގެ ތެރޭގައި ހުންނަ ލޭ ކޯރޕަސް ކެވަރނޯސާއަށް ފޮނުވުމަށްޓަކައި މިމަސްކޮޅު ކުރުގެޅި ފިތި ވާންވެއެވެ. މިއީ ޒަކަރުގެ ވާންކަން ދެމެހެއްޓުމަށް ނޫނީ ޒަކަރުގެ ވާންވެ ވާގިޖެހުމަށް ބޭނުންތެރި ކަމެކެވެ.

ޒަކަރުގެ ވަށައިގެންލެވިފައިވާ ފޭޝިއާގެ ނިވާފަތްގަނޑު

ޒަކަރުގެ އިރެކްޓައިލް ސެލޯށީގެ ބޭރުން ފޭޝިއާގެ ދެނިވާފަތްގަނޑު(Fascial coverings) ވެއެވެ. އެއީ އެންމެ މައްޗަށް އިންނަ "އެކްސްޓާރނަލް ފޭޝިއާ އޮފް ކޮލީސް"(external fascia of colles) އާއި، އެންމެ އެތެރޭގައިވާ ނުވަތަ ފުނުގައިވާ ޑީޕް ފޭޝިއާ އޮފް ޕީނިސް(deep fascia of penis)  ނުވަތަ ބަކްސް ފޭޝިއާ(Buck’s Fascia)  އެވެ. ފޭޝިއާ އޮފް ކޮލީސް ކުރިޔަށް ގޮސްފައިވަނީ ބަނޑުގެފާރު ނިވައިކޮށްދޭ "ފޭޝިއާ އޮފް ސްކާރޕާ"(Fascia of scarpa) ގެ ގޮތުގައެވެ. ބަކްސް ފޭޝިއާ އަކީ "ޑީޕް ޕެރިނިއަލް ފޭޝިއާ"(deep perineal fascia) އިން ކުރިއަށް ގޮސްފައިވާ ބައެކެވެ. އިރެކްޓައިލް 3 ސެލޯށި އެކައްޗެއްގެ ގޮތުގައި އެއް ނިވާފަތްގަނޑެއްގެ ދަށުގައި ވަރުގަދަކަމާއެކު ހިފަހައްޓައިދެނީ ބަކްސް ފޭޝިއާ އިންނެވެ. ޑީޕް ޕެރިނިއަލް ފޭޝިއާ ގެ ދަށުގައި "ޓިޔުނިކާ އަލްބުގިނީއާ"(tunica albuginea) ކިޔާ ވަރުގަދަ ފޭޝިއާ އެއް ވެއެވެ.

ޒަކަރުގައިވާ ލިގަމެންޓް ތައް

ޒަކަރުގެ މޫ ހިފަހައްޓައިދެނީ މައިގަނޑު 2 ލިގަމެންޓް އަކުންނެވެ.

(ހ) – ސަސްޕެންސަރީ ލިގަމެންޓް (suspensory ligament): މިއީ ޒަކަރުގެ އިރެކްޓައިލް ސެލޯށި " ޕިޔުބިކް ސިމްފީސިސް"(pubic symphysis) ކަށިގަނޑާއި ގުޅުވައިދީ، ހިފަހައްޓައިދޭ ލިގަމެންޓް އެވެ.

(ށ) – ފަންޑިފޯރމް ލިގަމެންޓް (fundiform ligament): މިއީ ބަނޑުގެ ތިރީ ފާރުގައިވާ "ލިނީއާ އަލްބާ"(linea alba) އޭ ކިޔާ ފައިބަރީ ބޭންޑް އިން އުފެދިގެން ތިރިއަށް ގޮސް، ވާފަށެއްގެ ސިފަޔަށް ޒަކަރު ވަށާލާފައި ގޮސް، ޕިޔުބިކް ސިމްފީސިސް އާއި ގުޅުވައިދީގެން ޒަކަރު ހިފަހައްޓައިދޭ ލިގަމެންޓެކެވެ.

ޒަކަރުގެ ހަން

ޒަކަރުގެ ހަމަކީ ހަށިގަނޑުގެ އެހެން ހިސާބުތަކަށްވުރެ ބޮޑަށް "ޕިގްމެންޓް"(pigmented) އެކުލެވޭ ތަނެކެވެ. މާނައަކީ ހަށިގަނޑުގެ އެހެން ހިސާބުތަކުގެ ހަމަށްވުރެ ޒަކަރުގެ ހަން އަދިރިވެފައި ކަޅުވާނެއެވެ. ޒަކަރުގެ ހަމުގައި ސަރުބީ ސެލޯށި(adipose tissue) ތަކެއް ނުހުންނާނެ އެވެ. ޒަކަރުގެ ހަން އޭގެ ދަށުގައިވާ ފޭޝިއާ ތަކާއި ގުޅުވައިދެނީ ދޫދޫކޮށް ހުންނަ "ގުޅުވައިދެނިވި ސެލޯށި"(loose connective tissue) ތަކުންނެވެ. ޒަކަރުގެ ކުރީކޮޅުގައިވާ ހަންކޮޅު އުފެދިފައިވަނީ ހަމާއި، ފޭޝިއާ ގުޅިގެންވާ ދެފަށަލައިންނެވެ. މިތަންކޮޅު އިންނަނީ އޮމާމަސްގެ ކަރުގަ(neck of the glans)އެވެ. ޒަކަރުގެ ކުރީކޮޅުގައިވާ ހަންކޮޅުން ކޮންމެވެސް ވަރަކަށް އޮމާމަސް ނިވައިކޮށްދޭނެ އެވެ. ޒަކަރުގެ ކުރީގައިވާ ހަންކޮޅު އޮމާމަސްގެ ސަތަހަ އާއި ގުޅުވައިދެނީ "ފްރެނިޔުލަމް"(frenulum) އިންނެވެ. މިއީ ޒަކަރު ދަށުން މެދުގައިވާ ސްކިން ފޯލްޑް(skin fold) އެކެވެ. އޮމާމަސް އާއި، ޒަކަރުގެ ކުރީކޮޅު ނިވައިދޭ ހަންކޮޅާއި ދޭތެރޭގައި އުފެދޭ ހުސްޖާގަ ކިޔަނީ "ޕްރިޕިޔުޝަން ސެކް"(preputial sac) އެވެ.

ލޭދައުރުވުން / ފަތިނާރުތައް

ޒަކަރަށް ސާފުލޭ ފޯރުކޮށްދެނީ އިންޓާނަލް އިލިއެކް އާޓަރީ(internal iliac artery)  އިން ކުރިފަޅައި ނިކުމެފައިވާ އިންޓާނަލް ޕިޔުޑެންޑަލް އާޓަރީ(interna pudendal artery)ގެ 3 ގޮތްޕަކުންނެވެ. އެއީ ޒަކަރުގެ މަތިން ނުވަތަ ކުރިމަތިންވާ "ޑޯރސަލް އާޓަރީ"(dorsal arteries)ތައް، ޒަކަރުގެ އަޑީގައިވާ ނުވަތަ "ފުނުގައިވާ އާޓަރީ"(deep arteries) ތައް، އަދި "ބަލްބޯޔުރެތުރަލް އާޓަރީ"(bulbourethral artery) އިންނެވެ.

ޒަކަރުން ނުސާފުލޭ އަނބުރާ ހިތާއި ދިމާލަށް ދައުރުކުރުވަނީ ނުސާފުލޭ އުފުލައިދޭ ލޭހޮޅިތަކުގެ ޖޯޑަކުންނެވެ. އެގޮތުން ކެވަރނަސް ސްޕޭސް ތަކުން ލޭ އުފުލައިދެނީ ޒަކަރުގެ "ޑީޕް ޑޯރސަލް ވެއިން"(deep dorsal vein) އިންނެވެ. މިތަނުން ނުސާފުލޭ ގޮސް ހުސްވަނީ "ޕްރޮސްޓޭޓްގެ ވީނަސް ޕްލެކްސަސް"  (Prostatic venous plexus)އަށެވެ. ޒަކަރުގެ ހަމާއި އޭގެ ދަށުގައިވާ ސެލޯށިތަކުން ނުސާފުލޭ ހުސްވަނި "ސްޕަފިޝަލް ޑޯރސަލް  ވެއިން"(superficial dorsal vein) ތަކަށެވެ.

ޒަކަރަށް އިހުސާސްތައް ގެނައުމުގައި އަދި "ސިމްޕެތެޓިކް ނާރވް"(sympathetic innervation)ގެ ގޮތުގައި ބައިވެރިވަނީ ޕިޔުޑެންޑަލް ނާރވް(pudendal nerve) އައިސްފައިވާ "ޑޯރސަލް ނާރވް އޮފް ޕީނިސް"(dorsal nerve of penis) އެވެ. "ޕެރެސިމްޕެތެޓީކް ނާރވް"(parasympathetic innervation) ގެ ގޮތުގައި އައިސްފައިވަނީ "ޕެރިޕްރޮސްޓެޓިކް ނާރވް ޕްލެކްސަސް"(peri-prostatic nerve plexus) އިން އައިސްފައިވާ "ކެވަރނަސް ނާރވް"(cavernous nerve) އިންނެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :

·         https://www.bartleby.com/107/262.html

·         https://teachmeanatomy.info/pelvis/the-male-reproductive-system/penis/

·         Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/. Retrieved from http://education.yahoo.com/: http://education.yahoo.com/reference/gray/

·          Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.