Sunday, June 26, 2022

ގޮއިޓަރ

 

ގޮއިޓަރ

ގޮއިޓަރ(goiter) އަކީ ތައިރޮއިޑް ގްލޭންޑް ހުންނަންޖެހޭ މިނަށްވުރެ ސައިޒުން ބޮޑުވުމެވެ. މިއީ ތައިރޮއިޑް ގްލޭންޑް ހުންނަންޖެހޭ މިނަށްވުރެ ނުވަތަ ސައިޒަށްވުރެ ބޮޑުވާ (ހެދިބޮޑުވާ) ހާލަތެކެވެ. މިއީ އެއްވެސް ތަރުތީބެއްނެތި ތައިރޮއިޑް ގްލޭންޑް ގެ ދިރުތައް ހެދިބޮޑުވުމެވެ. "އާދަޔާ ހިލާފު ބޮޑުތައިރޮއިޑް ގްލޭންޑް އަކަށް “ގޮއިޓަރ” އޭކިޔެއެވެ. ގިނަފަހަރު މިފަދަ ބަދަލަކީ ކެންސަރު ނޫން ކޮންމެވެސް އެހެން ސަބަބަކާހުރެ އަންނަ ދުޅައެކެވެ. މިސާލަކަށް މިފަދަ ސަބަބުތަކުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ އަޔޮޑިން ކާތަކެތީގައި ބޭނުން ވާވަރަށް ނުހިމެނުމުން ހިމެނެއެވެ" (ޑރ މުހައްމަދު ޝިފާން، 2021). 


އާންމު ގޮތެއްގައި "ގޮއިޓަރ" މިލަފުޒު ބޭނުންކުރެވެނީ ތައިރޮއިޑް ގްލޭންޑްގެ މައްސަލައަކާއި ހުރެ، ނޫނީ އަޔޮޑިން މަދުވުމުގެ ސަބަބުން ފަދަ ކަމަކާހުރެ، ތައިރޮއިޑް ގްލޭންޑް ހުންނަންޖެހޭ މިނަށްވުރެ ބޮޑުވުން(thyroid enlargement)  ސިފަކުރުމަށެވެ. ބައެއް ފަހަރު މިގޮތަށް އާދަޔާ ޚިލާފަށް ހުންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެފައި ހުންނަ ތައިރޮއިޑް ގްލޭންޑް ގައި ބައިވަރު ނޮޑިއުލްތައް އުފެދިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ފަހަރު މިނޮޑިއުލް ތަކަކަކީ ކެންސަރަށް ބަދަލުވާނެ އެއްޗެއް ނޫނެވެ.

ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯން ތަކަކީ ހަށިގަނޑުގެ މުހިއްމު މަސައްކަތްތައް ކަމުގައިވާ ހިތުގެ ވިންދު، އަދި ފިނިހޫނުމިނާއި، ހަޖަމުކުރުން ފަދަ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދެ ހޯރމޯން އެއް ދޫކުރެއެވެ. އެއީ ތައިރޮކްސިން ހޯރމޯން(T4) އަދި ޓްރައިއަޔޯޑޯތައިރޮނިން ހޯރމޯން(T3) އެވެ.

ގޮއިޓަރ އަކީ ފަހަރުގައި ޖުމުލަކޮށް މުޅި ތައިރޮއިޑް ގްލޭންޑް ބޮޑުވުން ކަމަށް ވެސް ވެދާނެ އެވެ. ނޫނީ ތަރުތީބެއްނެތި ތައިރޮއިޑް ގްލޭންޑްގެ ސެލްތައް ހެދިބޮޑުވެ، ތައިރޮއިޑް ނޮޑިއުލް އުފެދުން ކަމަށް ވެސް ވެދާނެ އެވެ. ގޮއިޓަރ ގެ ސަބަބުން ފަހަރުގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތަށް އެއްވެސް ބަދަލެއް ނައުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެގޮތަށް ބައެއްފަހަރު ތައިރޮއިޑް ދަށްވުން(hypothyroidism)  އަނެއްބައިފަހަރު ތައިރޮއިޑް މަތިވުން(hyperthyroidism)  ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ހޯދިފައިވާ ގޮތުން ދުނިޔޭގެ އާބާދީގައި ގޮއިޓަރ ކުރިމަތި ކުރުވާ އެންމެ އާންމު ސަބަބަކީ އަޔޮޑިން މަދުވުމެވެ.

ތައިރޮއިޑް ގްލޭންޑް މަސައްކަތްކުރާގޮތް

ތައިރޮއިޑް ގްލޭންޑް އިން ދެ ހޯރމޯން އެއް ދޫކުރެއެވެ. އެއީ ތައިރޮކްސިން ހޯރމޯން(T4) އަދި ޓްރައިއަޔޯޑޯތައިރޮނިން ހޯރމޯން(T3) އެވެ. ލޭގެ ތެރެއަށް މިދެހޯރމޯން ދޫކުރުމުން ވަރަށް ގިނަ މަސައްކަތްތައް ހިންގުމުގައި ބައިވެރިވެއެވެ. އެގޮތުން މި ދެ ހޯރމޯން އިންތިޒާމުކޮށް ހިންގާ މަސައްކަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ކާތަކެތި ހަކަތަ އަށް ބަދަލުކުރުވުން

·         ފިނިހޫނުމިން

·         ހިތުގެ ވިންދު

·         ލޭގެ ޕްރެޝަރު

·         އެހެން ހޯރމޯންތަކާއި އޮންނަ ގުޅުން

·         ޅަފުރާގެ ހެދިބޮޑުވުން

މީގެ އިތުރުން ތައިރޮއިޑް ގްލޭންޑް އިން ކެލްސިޓޮނިން ކިޔާ ހޯރމޯން އެއް ވެސް ދޫކުރެއެވެ. މިއީ ލޭގައި ކެލްސިއަމް ގެ މިންވަރު ތަންޒީމުކުރުމުގައި އެހީތެރިވެދޭ ހޯރމޯން އެކެވެ.

ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިންތިޒާމުކުރާގޮތް

ތައިރޮއިޑް ގްލޭންޑް އިން ތައިރޮކްސިން ހޯރމޯން(T4) އަދި ޓްރައިއަޔޯޑޯތައިރޮނިން ހޯރމޯން(T3) އުފައްދައި ދޫކުރުން ކޮންޓްރޯލްކުރަނީ ސިކުނޑީގައިވާ ޕިޓުއިޓަރީ ގްލޭންޑް އަދި ހައިޕޯތަލަމަސް އިންނެވެ. ހައިޕޯތަލަމަސް އަކީ ސިކުނޑީގެ ދަށްފަރާތުގައިވާ ޚާއްޞަ ހިސާބެކެވެ. ނުވަތަ ތަނެކެވެ. މިއީ ހަށިގަނޑުގެ ވަރަށް ގިނަ މަސައްކަތްތައް އެއްވަރެއްގައި ނޫނީ ހަމަމިނެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ ތަނެކެވެ. ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން(TSH) އުފެއްދުމަށް ސިގްނަލްދީ ބާރުއަޅަނީ ހައިޕޯތަލަމަސް އިންނެވެ.

ޕިޓުއިޓަރީ ގްލޭންޑް އިންނަނީ ހައިޕޯތަލަމަސްގެ ތިރިން އޭގެ ދަށުގައެވެ. ލޭގައި ތައިރޮކްސިން ހޯރމޯން(T4) އަދި ޓްރައިއަޔޯޑޯތައިރޮނިން ހޯރމޯން(T3) ހުންނަ މިންވަރަކަށް ބަލައި، ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން(TSH) ދޫކުރަމުންދާނެ އެވެ. އެހެންކަމުން ތައިރޮއިޑް ގްލޭންޑް އިން ބަޔާންކުރެވުނު ދެ ހޯރމޯން އުފެއްދުން ބިނާވަނީ ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ގްލޭންޑް އަށް  ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން(TSH) ލިބެމުންދާ މިންވަރެއްގެ މައްޗަށެވެ.

ސަބަބު

ގޮއިޓަރ އުފެދުމަށް ވަރަށް ގިނަ ސަބަބުތައް ނޫނީ ކަންތައްތައް މެދުވެރިކުރުވައެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) އަޔޮޑިން މަދުވުން : އަޔޮޑިން އަކީ ތައިރޮއިޑް ހޯރމޯން އުފެއްދުމަށް މުހިއްމު މާއްދާ އެކެވެ. އިންސާނަކަށް އެކަށޭނަ ވަރަށް އަޔޮޑިން ނުލިބޭނަމަ، ތައިރޮއިޑް ހޯރމޯން އުފެއްދުން ދަށްވެ، ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ގްލޭންޑް އަށް އިތުރު ހޯރމޯންތައް އުފެއްދުމަށް ބާރުއަޅާނެ އެވެ. މިގޮތަށް ޕިޓުއިޓަރީ ގްލޭންޑް ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ދޭ ސިގުނަލްތައް އިތުރުވުމުން ތައިރޮއިޑް ގްލޭންޑްގެ ސެލޯށި އިތުރަށް ހެދިބޮޑުވެ، ސައިޒުން ވެސް ބޮޑުވާގޮތް ވެއެވެ

(ށ) ހަޝިމޮޓޯ'ސް ތައިރޮއިޑައިޓިސް : މިއީ ދިފާޢީ ނިޒާމުން ސަލާމަތުންހުރި ދުޅަހެޔޮ ސެލޯށިތަކަށް ހަމަލާދިނުމުން ކުރިމަތިވާ އުޓޯއިމިޔޫން ބައްޔެކެވެ. މިހާލަތުގައި ގެއްލުންވެ، އިންފްލޭމްވެ ދުޅަވެފައިވާ ތައިރޮއިޑް ގްލޭންޑް އިން ހޯރމޯން އުފެއްދުން ދަށް ކުރެއެވެ. އެހިނދު ޕިޓުއިޓަރީ ގްލޭންޑް އިން އިތުރު ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ބާރުއަޅައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތައިރޮއޑް ގްލޭންޑް ބޮޑުވާގޮތް ވެއެވެ.

(ނ) ގްރޭވްސް ބަލި : ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑަށް ކުރިމަތިވާ "އުޓޯއިމިޔޫން ޑިސްއޯޑަރ" އެކެވެ. މިބަލިޖެހެނީ ދިފާޢީ ނިޒާމުން އުފައްދާ ޕްރޮޓީންއެއް (މިއީ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އާއި އެއްގޮތަށް މަސައްކަތްކުރާ ޕްރޮޓީންއެއް)، ގެ ސަބަބުން އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ތައިރޮއިޑް ގްލޭންޑަށް ( ބަޔާންކުރެވުނު ޕްރޮޓީން) ބާރުއަޅާތީ އެވެ. އެގޮތުން ތައިރޮއިޑް ގްލޭންޑް އިން އާދަޔާ ޚިލާފަށް ތައިރޮއިޑް ހޯރމޯން އުފެއްދުމުން "ހައިޕަތައިރޮއިޑިޒަމް"ގެ ހާލަތު ކުރިމަތި ކުރުވައެވެ. އަދި ތައިރޮއިޑް ގްލޭންޑް ހުންނަންޖެހޭ މިންވަރަށް ބޮޑަށް ހެދިބޮޑުވެ، ސައިޒުން ބޮޑުވާގޮތް ވެއެވެ.

(ރ) ތައިރޮއިޑް ނޮޑިއުލް : ތައިރޮއިޑް ނޮޑިއުލްސް އަކީ ތައިރޮއިޑް ގްލޭންޑްގެ ތެރޭގައިވާ ދިރުތައް(thyroid cells) އާދަޔާ ޚިލާފަށް ހެދިބޮޑުވުމުން(unusual growth)އުފެދޭ ހަރު ނުވަތަ ދިޔައިން-ފުރިފައިވާ ލަމްޕް(lump) ތަކެކެވެ. ނުވަތަ ދުޅަތަކެކެވެ. ނޫނީ ގަނޑުތަކެކެވެ. ތައިރޮއިޑް ގްލޭންޑް ގައި އެންމެ ނޮޑިއުލް އެއް ނުވަތަ ބައިވަރު ނޮޑިއުލް ތައް ވެސް އުފެދިދާނެއެވެ. ބައިވަރު ނޮޑިއުލްތައް އުފެދުމަށް "މަލްޓިނޮޑިއުލަރ ގޮއިޓަރ" އޭ ކިޔައެވެ. ތައިރޮއިޑް ނޮޑިއުލް އުފެދޭ ސީދާ ސަބަބެއް ސާބިތުކަމާއެކު ބުނެދޭކަން ނޭނގެއެވެ. ނަމަވެސް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި ވާރުތަވަމުން އައުން، ކެއިންބުއިމާއި، ދިރިއުޅުމުގެ ވައްޓަފާޅީގައި ހުންނަ އާދަތަކާއި، އަދި ދިރިއުޅޭ މާހައުލާއި ގުޅުންހުރި ކަންތައްތައް ހިމެނެއެވެ. ތައިރޮއިޑް ގްލޭންޑްގައި އުފެދޭ ގިނަ ނޮޑިއުލްސް އަކީ ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް ތައިރޮއިޑް ގްލޭންޑްގައި އުފެދޭ މިފަދަ ނޮޑިއުލްގެ 20 އެތިކޮޅު ގެ ތެރެއިން 3-2 ނޮޑިއުލްސް އަކީ ކެންސަރ އެވެ (ޑރ މުހައްމަދު ޝިފާން، 2021). އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ނޮޑިއުލް ތަކުގެ ތެރެއިން ކެންސަރަށް ބަދަލުވަނީ އެންމެ %5 ނޮޑިއުލް އެވެ.

(ބ) ތައިރޮއިޑް ކެންސަރު : ތައިރޮއިޑް ކެންސަރަކީ އެހާ އާންމު ކެންސަރެއް ނޫނެވެ. އަދި އާންމު ގޮތެއްގައި މިއީ ފަސޭހައިން ފަރުވާ ވެސް ކުރެވޭނެ ކެންސަރެކެވެ. ތައިރޮއިޑް ގްލޭންޑްގައި އުފެދޭ ގިނަ ނޮޑިއުލްސް އަކީ ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް ތައިރޮއިޑް ގްލޭންޑްގައި އުފެދޭ މިފަދަ ނޮޑިއުލްގެ 20 އެތިކޮޅު ގެ ތެރެއިން 3-2 ނޮޑިއުލްސް އަކީ ކެންސަރ އެވެ (ޑރ މުހައްމަދު ޝިފާން، 2021). އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ނޮޑިއުލް ތަކުގެ ތެރެއިން ކެންސަރަށް ބަދަލުވަނީ އެންމެ %5 ނޮޑިއުލް އެވެ.

(ޅ) މާބަނޑުވުން : މާބަނޑުވުމުން ދޫކުރާ ހޯރމޯން އެއްކަމުގައިވާ "ހިޔުމަން ކޮރިއޮނިކް ގޮނާޑޮޓްރޮޕިން" ގެ ސަބަބުން ފަހަރުގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވެ، ތައިރޮއިޑް ގްލޭންޑް ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.

(ކ) ތައިރޮއިޑް ގްލޭންޑްގައި އިންފްލެމޭޝަން އުފެދި ދުޅަވުން : ތައިރޮއިޑް ގްލޭންޑްގައި އިންފްލެމޭޝަން އުފެދި ތައިރޮއިޑް ގްލޭންޑް ދުޅަވާން ދިމާވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި ދިފާޢީ ނިޒާމުން ތައިރޮއިޑް ގްލޭންޑް އަށް ހަމަލާ ދިނުން، ބައެއް ކަހަލަ ބޭސްތައް ، އަދި ބެކްޓީރިޔާ ނޫނީ ވައިރަސް އެއްގެ ސަބަބުން ތައިރޮއިޑް ގްލޭންޑް ދުޅަވުން ފަދަ ކަންކަން ހިމެނެއވެ. ތައިރޮއިޑް ގްލޭންޑް ދުޅަވުމުން ތައިރޮއިޑް މަތިވުން ނޫނީ ތައިރޮއިޑް ދަށްވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.  

މަގުފަހިކުރާ ކަންތައްތައް

ކޮންމެ މީހަކަށް ވެސް، ކޮންމެ އުމުރެއްގައި ވެސް ގޮއިޓަރ ކުރިމަތިވެދާނެ އެވެ. އުފަންވާއިރު ވެސް ގޮއިޓަރ އުފެދިފައި ހުރެދާނެއެވެ. ދިރިއުޅުމުގެ ކޮންމެ ހިސާބެއްގައި ވެސް މިމައްސަލަ ކުރިމަތިވެދާނެ އެވެ. ގޮއިޓަރ އުފެދުމަށް މަގުފަހިކުރާ ބައެއް އާންމު ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) ކެއުމުގައި އަޔޮޑިން ބޭނުންކުރެވޭ މިންވަރު މަދުވުން : އަޔޮޑިން އާންމުކޮށް ހުންނަނީ މޫދު ލޮނާއި، އައްސޭރި ފަށުގެ ވެލިގަނޑުގައެވެ. އާންމުކޮށް ބާޒާރުގައި ވިއްކަން ހުންނަ މޭޒުމަތީ ލޮނުގައި އަޔޮޑިން އެއްކޮށްފައި ހުރެއެވެ.

(ށ) އަންހެނަކަށްވުން : ތައިރޮއިޑް ބަލިތަކުގެ ތެރެއިން އެހެން ބަލިތަކަށްވުރެ ބޮޑަށް ގޮއިޓަރ ކުރިމަތިވުމުގެ ފުރުޞަތު އަންހެނުންނަށް އިތުރުކަން ފާހަގަ ކުރެވެއެވެ.

(ނ) މާބަނޑުވުމާއި، އިއްދައިން ކެނޑުން : އަންހެނުންނަށް ތައިރޮއިޑް މައްސަލަތައް ދިމާވުމުގެ ފުރުޞަތު މާބަނޑު ދުވަސްވަރާއި އަދި އިއްދައިން ކެނޑުމަށްފަހު، އިތުރުވެގެންދާކަން ފާހަގަ ކުރެވެއެވެ.

(ރ) އުމުރު : އުމުރުން 40 އަހަރުވުމަށްފަހު ގޮއިޓަރ އުފެދުމުގެ ފުރުޞަތު ބޮޑުވެއެވެ.

(ބ) އާއިލާގެ ތެރޭގައި ބަލި ދައުރުވަމުން އައުން : އާއިލާގެ މެންބަރުގެ ތެރޭގައި ކުރިއްސުރެ ގޮއިޓަރ ބައްޔެއްގެ ގޮތުގައި ދައުރުވަމުން އައުމަކީ އާއިލާގެ އެހެން މެންބަރުންނަށް ގޮއިޓަރ ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

(ޅ) ބައެއް ކަހަލަ ބޭސްތައް : ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމުގެ ސަބަބުން ވެސް ގޮއިޓަރ ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެއެވެ. އެގޮތުން ހިތުގެ ބަލިތަކުގެ ފަރުވާގައިދޭ "އެމިއެޑެރޯން" އަދި ނަފްސާނީ ބަލިތަކުގެ ފަރުވާގައިދޭ "ލިތިއަމް" ގެ ސަބަބުން ގޮއިޓަރ ކުރިމަތިވުމުގެ ފުރުޞަތު އިތުރުކަން ފާހަގަ ކުރެވެއެވެ.

(ކ) ރޭޑިޔޭޝަން އަށް ހުށަހެޅުން : ރޭޑިޔޭޝަނަށް ހުށަހެޅުމަކީ ޚާއްޞަކޮށް ކަރުންމަތީގެ ހިސާބުތަކަށް ފަރުވާގެ ގޮތުގައި ރޭޑިޔޭޝަން ދިނުމަކީ ގޮއިޓަރ އުފެދުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

އަލާމާތްތައް

ގޮއިޓަރ ހުންނަ ގިނަ މީހުންގެ ކިބައިން ތައިރޮއިޑް ގްލޭންޑް ދުޅަވުން ފިޔަވައި އެހެން އަލާމާތެއް ނުވަތަ ނިޝާނެއް ފާހަގަ ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ފަހަރު ގޮއިޓަރ އޭގެ ސައިޒުން ކުޑަކަމުން އެކަން ފާހަގަކުރެވެނީ އާންމު ޑޮކްޓަރަށް ދައްކައިގެން ބަލާބެލުންތަކުގެ ތެރެއިން ނުވަތަ ކޮންމެވެސް އެހެން ކަމަކަށް ތައިރޮއިޑް ގްލޭންޑް ގެ އިމޭޖިންގ ޓެސްޓެއް (ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން / ތައިރޮއިޑް ސްކޭން ފަދަ ޓެސްޓެއް) ހެދުމުގެ ތެރޭގައެވެ.

ތައިރޮއިޑް ދުޅަވުން ފިޔަވައި އެހެން އަލާމާތްތައް ބަރޯސާވަނީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތާއި (ތައިރޮއިޑް މަތިވުން / ތައިރޮއިޑް ދަށްވުން)، ގޮއިޓަރ ބޮޑުވާ ހަލުވި މިނާއި، އަދި ގޮއިޓަރ ގެ ސަބަބުން ނޭވާލާން އުދަނގޫވުން ފަދަ ކަންކަމުގެ މައްޗަށެވެ.

ތައިރޮއިޑް ދަށްވުން

ގޮއިޓަރ ގެ ސަބަބުން ތައިރޮއިޑް ދަށްވުން(hypothyroidism) ކުރިމަތިވެއްޖެނަމަ ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ވަރުބަލިވުން

·         ފިނިވުމުން އުދަނގޫވުން

·         އަބަދު ނިދިއައިސްފައި ހުރުން

·         ހަންގަނޑުހިކުން

·         ބަނޑުހަރުވުން

·         ހަދާންނެތުން

·         ބަރުދަން އިތުރުވުން

·         އިސްތަށި ފޭބުން / އިސްތަށިގަނޑު ތުނިވުން

·         އަޑު ފިސްވުން

·         ވަރުދެރަވުން / ނުތަނަވަސްވުން

·         މާޔޫސްވުން ނުވަތަ ޑިޕްރެޝަން ކުރިމަތިވުން

·         މުޅި ހަށިގަނޑު ފޮއްސިވުން

ތައިރޮއިޑް މަތިވުން

ގޮއިޓަރ ގެ ސަބަބުން ތައިރޮއިޑް މަތިވުން(hyperthyroidism) ކުރިމަތިވެއްޖެނަމަ ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން

·         މާބޮޑަށް ދާހިއްލުން

·         މާބޮޑަށް ހޫނުވުން / ހޫނުވުމުން އުދަނގޫވުން

·         ހިތުގެ ވިންދު އަވަސްވުން / މޭތެޅުން / ވިންދު ތަރުތީބުނުވުން

·         ތުރުތުރުއެޅުން

·         ރުޅިގަދަވުން / ނުތަނަވަސްވުން

·         މައްސަރުކަންތައް ރަނގަޅަށް ނުޖެހުން / ކުޑަކުޑަކޮށް ލޭގެ އަސަރު ފެނުން

·         ނިދަން އުދަނގޫވުން

·         ބޭރަށްހިންގުން

·         ލޭގެ ޕްރެޝަރު މަތިވުން

·         ކާހިތްވުން / ކާހިތްނުވުން

·         ނޭވާލާން އުދަނގޫވުން

·         ކުއްލިއަކަށް މޫނު، ކަދުރާ، މޭމަތި ރަތްވުން

މީގެ އިތުރުން ތައިރޮއިޑް މަތިވުމުން ކުޑަކުދިންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

·         އިސްކޮޅުން ދިގުވުން

·         އުޅުމަށް ބަދަލުތަކެއް އައުން

·         އުމުރާއި އަޅާ ބަލާއިރު ކަށިތައް ހެދިބޮޑުވުން އަވަސްވުން

ގޮއިޓަރ ގެ ސަބަބުން ނޭވާހިނގާމަގު ބެދުން

ގޮއިޓަރ ހުންނަ ސައިޒަކާއި، ހުންނަ ހިސާބެއްގެ ގޮތުން ފަހަރުގައި ނޭވާހިނގާމަގާއި އަޑުފޮށި ބެދުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތްތަކުގެ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

·         ދިރުވަން އުދަނގޫވުން

·         ނޭވާލާން އުދަނގޫވުން

·         ގުގުރިދެމުން

·         ކެއްސުން

·         އަޑުފިސްވުން / އަޑުކުރަކިވުން

ނުރައްކާތައް

ގޮއިޓަރ އަކީ އާންމު ގޮތެއްގައި އެކަމުގެ ސަބަބުން އިތުރު ނުރައްކާތައް ކުރިމަތިވާ ކަމެއް ނޫނެވެ. ބައެއް މީހުންނަށް ތައިރޮއިޑް ދުލަވެ، ބޭރުފުށުން ފެންނަށް ހުރުން އުދަނގުލަކަށް ނޫނީ ހިތްހަމަނުޖެހުމެއް ގެނުވާ ކަމަކަށް ވެދާނެ އެވެ. އަދި ބައެއް ފަހަރު ތަންކޮޅެއް ބޮޑުކޮށް ހުންނަ ގޮއިޓަރ ގެ ސަބަބުން ނޭވާހިނގާ މަގު ބައްދާލައި، ނޭވާލުމަށް ހުރަސްއަޅައިފާނެ އެވެ. ނަމަވެސް ގޮއިޓަރ ހުރުމުގެ ސަބަބުން ތައިރޮއިޑް މަތިވުން ނުވަތަ ތައިރޮއިޑް ދަށްވުން މެދުވެރިވާ ހާލަތްތަކުގައި އެކަންކަމުގެ ސަބަބުން އަންނަ ނުރައްކާތަައް ގޮއިޓަރ ހުންނަ މީހަކަށް ވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ދެނެގަތުން

އާންމު ގޮތެއްގައި ގޮއިޓަރ ދެނެގަނެވެނީ ބޭރުފުށުން ތައިރޮއިޑް ގްލޭންޑް ހުރިނެތްގޮތް ބަލާ ބެލުންތަކުގެ ތެރެއިންނެވެ. އެގޮތުން ތައިރޮއިޑް ގްލޭންޑް ބޭރުފުށުން ބަލާއިރު ދުޅަވެފައިހުރުން، ނޮޑިއުލް އެއް ހުރުން، ނުވަތަ ބައިވަރު ނޮޑިއުލް ތައް ހުރިކަން ފާހަގަވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު އެހެން ޞިއްޙީ މައްސަލައަކާއި ގުޅިގެން އިމޭޖިންގ ޓެސްޓު (އެކްސްރޭ-އަލްޓްރާ ސައުންޑް ސްކޭން. ސީޓީ ސްކޭން ފަދަ ޓެސްޓު) ތައް ހެދުމުގެ ތެރެއިން ވެސް ގޮއިޓަރ ހުރިކަން ފާހަގަ ކުރެވިދާނެ އެވެ.

ބަޔާންކުރެވުނު ގޮތަށް ގޮއިޓަރ ހުރިކަން ފާހަގަވާ ހިސާބުން އަންނަނިވި ކަންތައްތައް ދެނެގަތުމަށް އިތުރު ޓެސްޓުތައް ހެދޭނެ އެވެ.

·         ތައިރޮއިޑް ގްލޭންޑްގެ ސައިޒު މިންކުރުން

·         އެއްވެސް ކަހަލަ ނޮޑިއުލް އެއް އުފެދިފައިވާނަމަ އެކަން ދެނެގަތުން

·         ތައިރޮއިޑް ގްލޭންޑްގެ މަސައްކަތްހުރީ މަތިވެފައިތޯ ނޫނީ ދަށްވެފައިތޯ ދެނެގަތުން

·         ގޮއިޓަރ ކުރިމަތިވި ސަބަބު ދެނެގަތުން

އެގޮތުން ބަޔާންކުރެވުނު ކަންތައްތައް ދެނެގަތުމަށް އަންނަނިވި ޓެސްޓުތައް ނޫނީ ބައެއް ޓެސްޓުތައް ހަދަންޖެހިދާނެ އެވެ.

(ހ) ތައިރޮއިޑް ގްލޭންޑް މަސައްކަތް ހުރިނެތްގޮތް ބެލުން : ލޭގެ ޓެސްޓަކުން ޕިޓޫއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަދި ތައިރޮއިޑް ގްލޭންޑް އިން ތައިރޮކްސިން އާއި ޓްރައިއަޔޯޑޮތައިރޮނިން އުފައްދާ މިންވަރު ދެނެގަނެވޭނެ އެވެ. މިޓެސްޓުގެ އެހީގައި ގޮއިޓަރ ގެ ސަބަބުން ތައިރޮއިޑް ދަށްވުން ނުވަތަ ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވާ ކަން ދެނެގަނެވޭނެ އެވެ.

(ށ) އެންޓިބޮޑީ ޓެސްޓު : ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހަދާ ޓެސްޓުގެ ނަތީޖާއަށް ބަލައި ބައެއް ފަހަރު ހަޝިމޮޓޮ'ސް ތައިރޮއިޑައިޓިސް އަދި ގްރޭވްސް ބަލި ފަދަ އުޓޯއިމިޔޫން ޑިސްއޯޑަރ އާއި ގުޅުންހުރި އެންޓިބޮޑީ އެއް ދެނެގަތުމަށް ލޭގެ އިތުރު ޓެސްޓެއް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

(ނ) ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހެދުން : ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހަދައިގެން ތައިރޮއިޑް ގްލޭންޑް ގެ ސައިޒު، އަދި ތައިރޮއިޑް ގްލޭންޑް ގައި ނޮޑިއުލް އެއް އުފެދިފައިވާނަމަ އެކަން ދެނެގަނެވޭނެ އެވެ.

(ރ) ރޭޑިޔޯއެކްޓިވް އަޔޮޑިން އަޕްޓޭކް : މިޓެސްޓު ހެދުމަށްޓަކައި ރޭޑިޔޯ އެކްޓިވް އަޔޮޑިން ގެ ކުޑަ މިންވަރެއް ބަލިމީހާއަށް ދެވޭނެ އެވެ. އެއަށްފަހު ޚާއްޞަ ސްކޭނިންގ ޑިވައިސް އެއްގެ އެހީގައި ތައިރޮއިޑް ގްލޭންޑް އަށް ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގާ މިންވަރާއި، ނިސްބަތް ބެލޭނެއެވެ. ބައެއް ފަހަރު މިޓެސްޓާއެކު ރޭޑިއޯ އެކްޓިވް އަޔޮޑިން ސްކޭން ވެސް ހަދައި އުޅެއެވެ. މިއީ ގޮއިޓަރ ކުރިމަތިވުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް އެހީތެރިވެދީފާނެ ޓެސްޓެކެވެ.

(ބ) ބަޔޮޕްސީ : ބަޔޮޕްސީ ހެދުމަށްޓަކައި ތައިރޮއިޑް ގްލޭންޑް ގެ ސްކޭން ހަދަމުންދާ ހިނދު، ހިމަ ތިނޯހެއް ފަދަ ކައްޓެއް ބޭނުންކޮށްގެން ތައިރޮއިޑް ނޮޑިއުލް އިން ދިޔަ ނޫނީ ސެލޯށި ކޮޅެއް ނެގެއެވެ. މިގޮތަށް ނެގޭ ސާމްޕަލް ކެންސަރުގެ އަސަރު ހުރިތޯ ބެލުމަށްޓަކައި ޓެސްޓު ކުރެވޭނެ އެވެ.

ފަރުވާ

ގޮއިޓަރ ގެ ފަރުވާ ބަރޯސާވަނީ ގޮއިޓަރގެ ސައިޒު، އަލާމާތްތަކާއި، ނިޝާންތައް، އަދި ކުރިމަތިވި ސަބަބެއްގެ މައްޗަށެވެ. ގޮއިޓަރ ގެ ސައިޒުން ކުޑަވެފައި، ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް ރަނގަޅަށް ހުރިނަމަ، އެއްވެސް ކަމެއް ވަގުތުން ކުރާކަށް ނުޖެހޭނެ އެވެ. ދޭތެރެ ދޭތެރެއިން ބަލަމުން ގެންދަން ލަފާދޭނެ އެވެ.

ބޭސްތައް ބޭނުންކުރުން

ގޮއިޓަރ ގެ ފަރުވާގައި ދޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.

·         ހޯރމޯން އުފެއްދުން އިތުރުކުރުމަށް : ތައިރޮއިޑް ދަށްވުން ކުރިމަތިވެފައިވާނަމަ ތައިރޮއިޑް ހޯރމޯން ދެވެއެވެ. އެގޮތުން ތައިރޮކްސިން ހޯރމޯން ދިނުމުން ޓީ4 ހޯރމޯން އުފައްދައި، ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އުފެއްދުން ދަށްކުރެއެވެ. އަދި ލިއޯތައިރޮނިން ހޯރމޯން ބޭހުގެ ގޮތުގައި ދިނުމުން ޓީ3 ހޯރމޯން ފަހަރުގައި އުފައްދައިދީފާނެއެވެ.

·         ހޯރމޯން އުފެއްދުން ދަށްކުރުމަށް : ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވާނަމަ އެންޓި-ތައިރޮއިޑް ބޭސް ދީގެން ހޯރމޯން އުފެއްދުމުގެ މަސައްކަތަށް ހުރަސްއަޅައެވެ. މިގޮތުން އެންމެ އާންމުކޮށްދެވޭ އެންޓި ތައިރޮއިޑް ބޭހަކީ މެތިމަޒޯލް އެވެ. މިބޭސް ބޭނުންކުރުމުން ފަހަރުގައި ގޮއިޓަރ ގެ ސައިޒު ކުޑަވެދާނެ އެވެ.

·         ހޯރމޯންގެ މަސައްކަތަށް ހުރަސްއެޅުމަށް : ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވާނަމަ އޭގެ އުދަނގޫތައް ކުޑަކުރުމަށް ބީޓަރ ބްލޮކަރ ފަރުވާގެ ގޮތުގައި ދެވެއެވެ. މިގުރޫޕްގެ ބޭސްތަކުގެ ތެރޭގައި އެޓިނޮލޯލް، މެޓޮޕްރޮލޯލް، ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތައް ދިނުމުން އިތުރުވާ ތައިރޮއިޑް ހޯރމޯންތައް މަދުކޮށްދީ، ތައިރޮއިޑް މަތިވުމުން ކުރިމަތިވާ އުދަނގޫތައް ކުޑަކޮށް ދެއެވެ.

·         ރިހުން ތައް ކުޑަކުރުމަށް : ތައިރޮއިޑް ދުޅަވުމަކީ ރިހުން ކުރިމަތިކުރުވާނެ ކަމެކެވެ. އެގޮތުން އުފެދޭ ރިހުން ތައް ކުޑަކުރުމަށް ތަދުކަނޑުވާ ބޭސްތައް (އެސްޕިރިން، ނެޕްރޮކްސިން، ބުރޫފަން ފަދަ ބޭސްތައް) ދީއުޅެއެވެ.

އޮޕަރޭޝަންކުރުން

ގޮއިޓަރ ގެ ސަބަބުން އަންނަނިވި ކަންތައްތައް ކުރިމަތިވާނަމަ ތައިރޮއިޑް ގްލޭންޑް އެއްކޮށް ނޫނީ ތައިރޮއިޑް ގްލޭންޑް އިން ބައެއް އޮޕަރޭޝަން ކޮށްގެން ނަގަންޖެހިދާނެ އެވެ.

·         ކާތަކެތި ދިރުވަން އުދަނގޫވުން / ނޭވާލާން އުދަނގޫވުން

·         ތައިރޮއިޑް ނޮޑިއުލް ގެ ސަބަބުން ތައިރޮއިޑް މަތިވުން ކުރިމަތިވުން

·         ތައިރޮއިޑް ކެންސަރު ކުރިމަތިވުން

އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ގްލޭންޑް އެއްކޮށް ނަގައިފިނަމަ ތައިރޮއިޑް ހޯރމޯން ފަރުވާގެ ގޮތުގައި އަބަދު ވެސް ނަގަން ޖެހެއެވެ.

ރޭޑިޔޯ އެކްޓިވް އަޔޮޑިންގެ ފަރުވާ

ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވާ ނަމަ ފަރުވާގެ ގޮތުގައި ރޭޑިޔޯ އެކްޓިވް އަޔޮޑިން ދީ އުޅެއެވެ. ރޭޑިޔޯ އެކްޓިވް އަޔޮޑިން ގެ ޑޯޒު ދެނީ އަނގައިންދޭ އެއްޗެއްގެ ގޮތުގައެވެ. ރޭޑިޔޯ އެކްޓިވް އަޔޮޑިން އަކީ ތައިރޮއިޑް ގްލޭންޑް އަށް ނަގާ ނޫނީ ދަމާ އެއްޗެކެވެ. އަދި ތައިރޮއިޑް ގްލޭންޑް ގައި ހުންނަ ސެލްތައް ހަލާކުކޮށް ލައެވެ. މިފަރުވާގެ ސަބަބުން ތައިރޮއިޑް ހޯރމޯން އުފެއްދުން ދަށްކޮށްލައި، އަދި ފަހަރުގައި ގޮއިޓަރ ސައިޒުން ކުޑަކޮށްފާނެ އެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/goiter/symptoms-causes/syc-20351829

·          

 

 

ގްރޭވްސް ބަލި

 

ގްރޭވްސް ބަލި

ގްރޭވްސް ޑިޒީޒް(graves’ disease) ނުވަތަ ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑް އަށް ޖެހޭ ބައްޔެކެވެ. ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުން އިތުރުކުރާ އެންމެ އާންމު އެއް ސަބަބެވެ. ތައިރޮއިޑް ގްލޭންޑަށް ޖެހޭ އެހެން ބަލިތަކެކޭ އެއްފަދައިން މިއީ ވެސް އާއިލާގެ ތެރޭގައި ދައުރުވާ ބައްޔެކެވެ. ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑަށް ކުރިމަތިވާ "އުޓޯއިމިޔޫން ޑިސްއޯޑަރ" އެކެވެ. މިބަލިޖެހެނީ ދިފާޢީ ނިޒާމުން އުފައްދާ ހަށިދަމަނަތަކެއްގެ ސަބަބުން، އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ތައިރޮއިޑް ގްލޭންޑަށް ބާރުއަޅާތީ އެވެ. އެގޮތުން ތައިރޮއިޑް ގްލޭންޑް އިން އާދަޔާ ޚިލާފަށް ތައިރޮއިޑް ހޯރމޯން އުފެއްދުމުން "ހައިޕަތައިރޮއިޑިޒަމް"ގެ ހާލަތު ކުރިމަތި ކުރުވައެވެ.

އާންމު ގޮތެއްގައި ހަށިދަމަނަ ތަކުގެ ބޭނުމަކީ ތަފާތު ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމުތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުން ކަމަށްވިޔަސް، ގްރޭވްސް ބަލީގައި ހަށިދަމަނަ ތައް ތައިރޮއިޑް ގްލޭންޑަށް ހަމަލާ ދެއެވެ. އަދި ބައެއް ފަހަރު ލޮލުގެ ފަހަތުގައި ހުންނަ ޓިޝޫތަކަށް ( ލޮލުގެ މައްސަލަ ދިމާވާ ސަބަބު)، އަދި ކަށިމަތީގެ ހަމަށް މި ހަށިދަމަނަ ތައް ހަމަލާ ދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގްރޭވްސް ބަލި ޖެހުމުން ބަލިޖެހުނު މީހާގެ އެއްލޯ ނުވަތަ ދެލޯ ހުންނާނީ އާދަޔާ ޚިލާފަށް ބޮޑަށް ބޭރަށް ނިކުމެފައެވެ.


ކޮންމެ މީހަކަށް ވެސް ގްރޭވްސް ބަލި ޖެހިދާނެ އެވެ. ނަމަވެސް އެންމެ ބޮޑަށް ބަލި އާންމުކަމަށް ފާހަގަކުރެވެނީ އުމުރުން 40 އަހަރުން ދަށުގެ އަންހެނުންގެ މެދުގައެވެ.

ސަބަބުތައް

ގްރޭވްސް ބަލި ކުރިމަތިވަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް އަރާ ލޮޅުމެއް ނުވަތަ ބުރޫއެއް ގެ ސަބަބުންނެވެ. މިކަންކުރިމަތިވަނީ ސީދާ ކިހިނެއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ. ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑަށް ކުރިމަތިވާ "އުޓޯއިމިޔޫން ޑިސްއޯޑަރ" އެކެވެ. މިބަލިޖެހެނީ ދިފާޢީ ނިޒާމުން އުފައްދާ ހަށިދަމަނަތަކެއްގެ ސަބަބުން، އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ތައިރޮއިޑް ގްލޭންޑަށް ބާރުއަޅާތީ ކަމަށް ބައެއް ރިފަރެންސްތަކުގައި ބަޔާންކޮށްފައި ވެއެވެ.

އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިންތިޒާމުކޮށް ބަލަހައްޓަނީ ސިކުނޑީގައި ވާ ޕިޓޫއިޓަރީ ގްލޭންޑް އިން ދޫކުރާ ހޯރމޯން އަކުންނެވެ. ގްރޭވްސް ބަލީގައި އުފައްދާ ހަށިދަމަނަ "ތައިރޯޓްރޯޕިން ރިސެޕްޓަރ އެންޓިބޮޑީ"(thyrotropin receptor antibody) އަކީ ޕިޓޫއިޓަރީ ގްލޭންޑް ދޫކުރާ ރެގިޔުލޭޓަރީ ހޯރމޯން (ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ތަންޒީމުކުރާ ހޯރމޯންގެ އެއްގެ ގޮތުގައި) އެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. އެހެންކަމުން މިއެންޓިބޮޑީގެ ސަބަބުން ތައިރޮއިޑް ގްލޭންޑްގެ ތަންޒީމީ މަސައްކަތަށް ލޮޅުންއަރުވައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތައިރޮއިޑް ގްލޭންޑް އިން އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން އުފައްދައެވެ.

ގްރޭވްސް ބަލީގައި ލޮލަށް މައްސަލަ ދިމާވާ ސަބަބު

ގްރޭވްސް ބަލީގެ ސަބަބުން ލޮލަށް މައްސަލަ ކުރިމަތިވަނީ ލޮލުގެ މަސްތަކާއި، ލޮލުގެ ފަހަތުގައިވާ ސެލޯށި (ޓިޝޫ) ތަކުގައި ކާބޯހައިޑްރޭޓް ޖަމާވާގޮތް ވުމުންނެވެ. މިގޮތަށް މިހިސާބުގައި ކާބޯހައިޑްރޭޓް ޖަމާވާ ސަބަބެއް އަދި ޔަގީންކަމާއެކު ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން ބެލެވިފައިވާގޮތުގައި ގްރޭވްސް ބަލީގެ ސަބަބުން ތައިރޮއިޑް ގްލޭންޑްގެ މަސައްކަތަށް ލޮޅުންއަރުވާ އެންޓިބޮޑީ ނުވަތަ ހަށިދަމަނަ ލޮލުގެ ވަށައިގެންވާ ސެލޯށިތަކަށް "ހިތްޖެހި" ނުވަތަ "ލެބުމަކީ" ވެސް ލޮލުގެ މައްސަލަ ކުރިމަތިވުމަށް މެދުވެރިވެދާނެ ކަމެކެވެ.

މަގުފަހިކުރާ ކަންތައްތައް

ގްރޭވްސް ބައްޔަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އާއިލާގެ ތެރޭގައި ބަލި ދައުރުވުން : އާއިލާގެ މެންބަރަކަށް ނުވަތަ ގާތް ތިމާގެ މީހަކަށް ކުރިން ގްރޭވްސް ބަލި ޖެހިފައިވުމަކީ ފަހަރުގައި އެމީހަކަށް ގްރޭވްސް ބަލިޖެހުމުގެ ފުރުޞަތު އޮވެދާނެ ކަމެކެވެ. މިއީ ފަހަރުގައި  އުފެދުމުގައި އެމީހެއްގެ ހަށިގަނޑުގައި ހުރި ވިރާސީ ބަހާއެއްގެ ސަބަބުން ކުރިމަތިވާ ކަމަކަށް ވެސް ވެދާނެ އެވެ.

(ށ) ޖިންސް : ފިރިހެނުންނަށްވުރެ އަންހެނުންނަށް ގްރޭވްސް ބަލި ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ.

(ނ) އުމުރު : ގްރޭވްސް ބަލި އާންމުކޮށް ކުރިމަތިވަނީ އުމުރުން 40 އަހަރު ފަހަނައަޅާދާ ފަހުންކަން ފާހަގަ ކުރެވެއެވެ.

(ރ) އުޓޯއިމިޔޫން ޑިސްއޯޑަރ އެއް ހުރުން : ކުރިން އެހެން އުޓޯއިމިޔޫން ޑިސްއޯޑަރ އެއް (މިސާލަކަށް ހަކުރު ބަލި ޓައިޕް1، އުޓޯއިމިޔޫން ގެސްޓްރައިޓިސް، ވިޓިލައިގޯ ނުވަތަ ހުދުބަލި، އަދި ރާއްޖެބަލި ފަދަ ބަލިތައް ) ހުރުމަކީ ގްރޭވްސް ބަލި ޖެހުމުގެ ފުރުޞަތު އިތުރުވެދާނެ ކަމެކެވެ.

(ބ) ޖިސްމާނީގޮތުންނާއި ޖަޒުބާތީ ގޮތުން ވަރުބަލިވުން :  ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި، ޖަޒުބާތީ ގޮތުން މީހާ ވަރުބަލިވުމަކީ ގްރޭވްސް ބަލި ކުރިމަތިވުން މެދުވެރިވުމަށް ބާރުއަޅައިފާނެ ކަމެކެވެ. ޚާއްޞަކޮށް އުފެދުމުގައި ގްރޭވްސް ބަލި މެދުވެރިވުމަށް އެހީތެރިވެދޭ ވިރާސީ ބަހާއެއް އެމީހެއްގެ ހަށިގަނޑުގައި ހުރިނަމަ މިފުރުޞަތު އިތުރުވެގެންދެއެވެ.

(ޅ) މާބަނޑުވުން : މާބަނޑުވުމާއި، މިފަހުން ވިހެއުމަކީ އުފެދުމުގައި ގްރޭވްސް ބަލި މެދުވެރިވުމަށް އެހީތެރިވެދޭ ވިރާސީ ބަހާއެއް އެމީހެއްގެ ހަށިގަނޑުގައި ހުރިނަމަ ގްރޭވްސް ބަލި ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެދާނެ ކަމެކެވެ.

(ކ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ގްރޭވްސް ބަލި ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރާނަމަ ގްރޭވްސް ބަލީގެ ސަބަބުން ލޮލަށް މައްސަލަތައް ދިމާވުމުގެ ފުރުޞަތު ވެސް ބޮޑުވާކަން ފާހަގަ ކުރެވެއެވެ.

އާންމުކޮށް ފެނިދާނެ އަލާމާތްތައް

ގްރޭވްސް ބަލީގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް ހިމެނެއެވެ.

·         ހާސްވެކަންބޮޑުވުން / ނުތަނަވަސްވުން

·         އަތްތިލަ ނުވަތަ އަތުގެ އިގިލިތައް ތުރުތުރުއެޅުން

·         ދާހިއްލުން

·         ރަނގަޅަށް ކާއިރު ވެސް ބަރުދަން ލުއިވުން

·         ތައިރޮއިޑް ގްލޭންޑް ދުޅަވެ ބޮޑުވުން (ގޮއިޓަރު އުފެދުން)

·         އަންހެނުންގެ މައްސަރުކަންތަކަށް ބަދަލުއައުން

·         ފިރިހެނުންގެ ޖިންސީ ބާރު ދަށްވުން

·         މާގިނައިން ބޮޑުކަމުދާންޖެހުން

·         ލޯ އާދަޔާޚިލާފަށް ބޮޑަށް ބޭރަށްޖެހި ބޭރަށް ނިކުތުން

·         ވަރުބަލިވެ ވާޅުވުން

·         ފައި ނޫނީ ކަށިމަތި ފަދަ ހިސާބުތަކުގެ ހަންގަޑު ބޯވެ ރަތްވުން

·         ހިތުގެ ވިންދު އަވަސްވުން / މޭތެޅުން

·         ނިދުމަށް އުނދަގޫވުން / ރަނގަޅަށް ނުނިދުން

ގްރޭވްސް ބަލީގެ ސަބަބުން ލޮލަށް އަސަރުކުރުން

ގްރޭވްސް ބަލިޖެހޭ މީހުންގެ ތެރެއިން %30 މީހުންގެ ލޮލަށް ބަލީގެ އަސަރުކުރާކަން ފާހަގަ ކުރެވެއެވެ. ގްރޭވްސް ބަލީގައި ދިފާޢީ ނިޒާމުން ކުރިމަތިކުރުވާ ކަންތައްތަކާއި، އިންފްލެމޭޝަންގެ އަސަރު ލޮލުގެ ވަށައިގެން ހުންނަ މަސްތަކަށް ކުރެއެވެ. ގްރޭވްސް ބަލީގެ އަސަރު ލޮލަށް ކޮށްފިނަމަ އަންނަނިވި އަލާމާތްތަކާއި، ނިޝާންތައް ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

·         ލޯއާދަޔާ ޚިލާފަށް ފެޔަށްޖެހި ބޭރަށް ނިކުތުން

·         ލޮލުގެ ތެރޭގައި ވެލިފުށް ފަދަ އެއްޗެއް ޖެހޭހެން ހީވުން

·         ލޮލުގައި ރިހުން

·         ލޮލަށް ބާރުވުން

·         ލޮލުގެ ބޮޑި ފަހަތަށް ޖެހި، ލޮލުގެ ބޮޑި ދުޅަވެ ފޮއްސިވެފައި ހުންނަހެން ހުރުން

·         ލޯރަތްވެ، ދުޅަވުން

·         އައްޔަށް ހުށަހެޅުމުން ލޮލަށް އުދަނގޫވުން

·         އެކައްޗެއް ދޭއްޗެއްގެ ގޮތުގައި (ތަކުރާރުވެފައި އިންނަހެން) ފެނުން

·         ލޮލުގެ ފެނުން ގެއްލުން / ލޯއަނދިރިވުން

ދިމާވެދާނެ ނުރައްކާތައް

ގްރޭވްސް ބަލިޖެހިފައިވާނަމަ ނޫނީ ބަލީގައި ދިގުލައި ދިއުމުން އަންނަނިވި ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) މާބަނޑު ދުވަސްވަރު ދިމާވާ މައްސަލަތައް : ގްރޭވްސް ބަލި ހުރިމީހަކު މާބަނޑުވުމަށްފަހު މާބަނޑު ދުވަސްވަރު ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ބައިގެންދިއުން، ދުވަސްނުފުރާ ވިހެއުން، ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ތައިރޮއިޑް މައްސަލަ ދިމާވުން، ތުއްތު ދަރިފުޅު ހެދިބޮޑުނުވުން، މައިމީހާގެ ހިތުގެ މަސައްކަތް ފޭލްވުން، އަދި މާބަނޑު ދުވަސްވަރު ލޭގެ ޕްރެޝަރު މަތިވެ މައްސަލަތައް ދިމާވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) ހިތުގެ މައްސަލަތައް : ގްރޭވްސް ބަލި ހުރެމެ، އެކަށޭނަ ފަރުވާ ނުދެވިއްޖެނަމަ، ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ހިތުގެ ވިންދުގެ ތަރުތީބުއޮޅުން، ހިތުގެ މަސްތަކުގެ އޮނިގަނޑާއި، މަސައްކަތަށް ބަދަލުއައުން، އަދި ހިތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ބޭނުންވާވަރަށް ލޭފޮނުވައިނުދިނުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ނ) ތައިރޮއިޑް ތޫފާން : ތައިރޮއިޑް ތޫފާން އޭ ބުނެވޭ ބަހުގެ މާނައަކީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އާދަޔާ ޚިލާފަށް އިތުރުވެ ހަލުވިވުމެވެ. މިހާލަތަށް ބައެއް ފަހަރު "ތައިރޮއިޑް ކްރައިސިސް" ވެސް ކިޔައެވެ. މިއީ ފުރާނައަށް ނުރައްކާވާ ހާލަތެކެވެ. މިހާލަތު ކުރިމަތިވަނީ ގްރޭވްސް ބަލިހުރެމެ ފަރުވާ ނުކޮށް ދޫކޮށްލުމުން ނުވަތަ އެކަށޭނަ ފަރުވާ ނުލިބުމުންނެވެ.

ކުއްލިއަކަށް އާދަޔާ ޚިލާފަށް ތައިރޮއިޑް ހޯރމޯން ދޫކުރާ މިންވަރު އިތުރުވުމުން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި ހުންއައުން، ދާހިއްލުން، ހޮޑުލުން، ބޭރަށްހިންގުން، ވަހުމުތައް އިތުރުވުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ފިޓުޖެހުން، ހިތުގެ ވިންދުގެ ތަރުތީބުނުވުން،  ރީނދޫވުން (ހަމާއި، ލޯ)\، އަދި އާދަޔާ ޚިލާފަށް ލޭގެ ޕްރެޝަރު ދަށްވެ، އަނބުރައިގަތުން ފަދަ ކަންތައްތައް ހިމެނެއެވެ. އެހެންކަމުން މިއީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން ވަގުތުން ޞިއްޙީ ފަރުވާ ބޭނުންވާނެ ހާލަތެކެވެ.

(ރ) ކަށިތައް ބިނދުން : ގްރޭވްސް ބަލިހުރެމެ އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ، ނޫނީ ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ، ކަށިތައް ދެރަވެ، ތުނިވެ، ކަށިފީވުން ކުރިމަތިވެ، ފަސޭހައިން ރެނދުލައި ކަށިތައް ބިނދޭގޮތް ވެއެވެ. ކަށީގެ ބާރު ބަރޯސާވަނީ ކެލްސިއަމް އާއި އެހެނިހެން މައުދަންތައް ހުންނަ މިންވަރެއްގެ މައްޗަށެވެ. ތައިރޮއިޑް ހޯރމޯން މާގިނައިން އުފެއްދުމަކީ ކަށިތަކަށް ކެލްސިއަމް ފޯރުވައިދިނުމުގެ މަސައްކަތަށް ހުރަސްއަޅާ، ބުރޫއަރުވާނެ ކަމެކެވެ.

ދެނެގަތުން

ގްރޭވްސް ބަލި ދެނެގަތުމަށްޓަކައި ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި ފާހަގަވާ ކަންތައްތަކުގެ އިތުރުން އަންނަނިވި ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެއެވެ.

(ހ) ލޭގެ ޓެސްޓުތައް : ލޭގެ ޓެސްޓުތައް ހަދައިގެން ޕިޓޫއިޓަރީ ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ސްޓިމިޔުލޭޓިންގ ހޯރމޯން އާއި، ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯން ތަކުގެ މިންވަރު ދެނެގަނެވެއެވެ. ތައިރޮއިޑް ސްޓިމިޔުލޭޓިންގ ހޯރމޯން އަކީ ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯންތައް ދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. ގްރޭވްސް ބަލި ހުންނަ މީހުންގެ އާންމުގޮތެއްގައި ތައިރޮއިޑް ސްޓިމިޔުލޭޓިންގ ހޯމރޯންގެ މިންވަރު އާންމުކޮށް ހުންނަ މިންވަރަށްވުރެ ދަށްވެ، ތައިރޮއިޑް ހޯރމޯންތަކުގެ މިންވަރު އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެއެވެ.

މީގެ އިތުރުން ގްރޭވްސް ބަލި ކުރިމަތިވުމަށް މެދުވެރިކުރުވާ އެންޓިބޮޑީ ގެ މިންގަނޑު ދެނެގަތުމަށް ވެސް ލޭގެ ޓެސްޓު ހަދައިފާނެއެވެ. ނަމަވެސް އެންޓީބޮޑީ މިންވަރު މަތި ނޫންނަމަ، ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތްވެ ހަލުވިވެ، އިތުރުވެފައިވަނީ އެހެން ސަބަބަކުންކަން ދެނެގަތުމަށް އެހީތެރިވެދީފާނެ އެވެ.

(ށ) ރޭޑިޔޯއެކްޓިވް އަޔޮޑިން ދީގެން ބެލުން : އަޔޮޑިން އަކީ ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ބޭނުންތެރި މާއްދާ އެކެވެ. ރޭޑިޔޯއެކްޓިވް އަޔޮޑިންގެ ކުޑަ މިންވަރެއް ދިނުމަށްފަހު، އޭގެ ފަހުން ޚާއްޞަ ސްކޭން ކެމެރާއެއްގެ އެހީގައި ތައިރޮއިޑް ގްލޭންޑްގައި އަޔޮޑިން ހުރި މިންވަރު ދެނެގަނެވެއެވެ. އެގޮތުން މިކެމެރާގެ އެހީގައި ތައިރޮއިޑް ގްލޭންޑް އިން އަޔޮޑިން ނަގާ މިންވަރު، ނިސްބަތް ނުވަތަ ރޭޓް ދެނެގަނެވެއެވެ. ތައިރޮއިޑް ގްލޭންޑް އިން ރޭޑިޔޯއެކްޓީވް އަޔޮޑިން ނަގާފައިވާ މިންވަރުގެ އެހީގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވެ މަތިވެފައިވަނީ ގްރޭވްސް ބަލި ނޫނީ އެހެން ކަމެއްގެ ސަބަބުންތޯ ދެނެގަންނަން ފަސޭހަވެއެވެ. ފަހަރުގައި މިޓެސްޓު ސްކޭން ކުރަމުން ވެސް ހަދައިފާނެއެވެ. މީގެ ބޭނުމަކީ ތައިރޮއިޑް ގްލޭންޑް އިން ރޭޑިޔޯއެކްޓިވް އަޔޮޑިން ނަގަމުންދާގޮތް / މިންވަރު ބަލަމުން ގެންދިއުމެވެ.

(ނ) ތައިރޮއިޑް ގްލޭންޑްގެ ސްކޭން ހެދުން : މިއީ ތައިރޮއިޑް ގްލޭންޑް ގެ ސައިޒު ބެލުމަށް ހެދޭ ޓެސްޓެކެވެ. އާންމު ގޮތެއްގައި މިޓެސްޓު ހަދަނީ ރޭޑިޔޯއެކްޓިވް އަޔޮޑިން އަޕްޓޭކް ޓެސްޓު ނުހެދޭ މީހުންނަށެވެ. މިސާލަކަށް މާބަނޑު މީހުންނަށެވެ.

(ރ) އިމޭޖިންގ ޓެސްޓުތައް : އާންމު ގޮތެއްގައި ހަދާ ޓެސްޓުތަކާއި، ކްލިނިކަލް ގޮތުން ބަލާބެލުންތަކުން ގްރޭވްސް ބަލި ހުރިކަން ދެނެނުގަނެވޭ ހާލަތްތަކުގައި ބައެއް ފަހަރު ސީޓީ ސްކޭން ނޫނީ އެމްއާރުއައި ފަދަ ޓެސްޓުތައް ވެސް ހަދަން ޖެހިދާނެ އެވެ.

ފަރުވާ

ގްރޭވްސް ބަލީގެ ފަރުވާ އަމާޒުކުރަނީ ތައިރޮއިޑް ހޯރމޯން އުފައްދާ މިންވަރު ދަށްކޮށް، ތައިރޮއިޑް ހޯރމޯންތައް އިތުރުވުމުން ހަށިގަނޑަށް ކުރިމަތިވާ އަސަރުތައް ކުޑަކުރުމުގެ މައްޗަށެވެ. އާންމުގޮތެއްގައި ދީއުޅޭ ބައެއް ފަރުވާތައް ތިރީގައި މިވަނީ އެވެ.

(ހ) ރޭޑިޔޯއެކްޓިވް އަޔޮޑިން ތެރަޕީ : މިފަރުވާގައި އަނގައިން ރޭޑިޔޯއެކްޓިވް އަޔޮޑިން ބަލިމީހާއަށް ދެވެއެވެ. ތައިރޮއިޑް ހޯރމޯން އުފެއްދުމަށް އަޔޮޑިން ބޭނުންވާތީ ، ހަށިގަނޑަށް ރޭޑިޔޯއެކްޓިވްއަޔޮޑިން އެތެރެވުމުން ތައިރޮއިޑް ސެލްތަކުން ރޭޑިޔޯއެކްޓިވް އަޔޮޑިން ތައިރޮއިޑް ގްލޭންޑް އަށް ނަގައެވެ. އަދި މާބޮޑަށް ހީވާގިވެ، ހަރަކާތްތެރިވަމުންދާ ތައިރޮއިޑް ސެލްތައް ރޭޑިޔޭޝަންގެ ސަބަބުން ހަލާކުކޮށްލައެވެ. މިހެންވުމުން ދެތިން ހަފްތާއިން ފެށިގެން ގޮސް ދެތިން މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ތައިރޮއިޑް ގްލޭންޑް ހިނދި، އަދި ތައިރޮއިޑް މަތިވުމުން ފެންނަ އުނދަގޫތައް މަޑުމަޑުން ކުޑަވެގެންދެއެވެ.

(ށ) އެންޓި ތައިރޮއިޑް ބޭސްތައް : މިބޭސްތައް ބޭނުންކުރުމުން ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯން އުފެއްދުމުގައި އަޔޮޑިންގެ ބޭނުން ހިފުމުގެ މަސައްކަތަށް ބުރޫއަރައެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ހިމެނެނީ ޕްރޮފައިލް ތިއޯޔުރެސިލް އަދި މެތިމެޒޯލް އެވެ. ޕްރޮޕައިލް ތިއޯޔުރެސިލް ބޭނުންކުރުމުން ފުރަމޭގެ ބަލިތައް ޖެހުމުގެ ހިރާސް އިތުރުވާތީ ފުރަތަމަ ޚިޔާރުކުރާ ފަރުވާއަކީ މެތިމެޒޯލް އެވެ. ނަމަވެސް މާބަނޑު ދުވަސްވަރުގެ ފުރަތަމަ 3 މަހުގައި ބޭނުންކުރެވޭނެ ބޭހަކީ ޕްރޮޕައިލް ތިއޯޔުރެސިލް އެވެ. އެއީ މެތިމެޒޯލް ބޭނުންކުރުމުން ބަނޑުގައިވާ ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދުމުގެ ފުރުޞަތު އިތުރުވާތީ އެވެ. ނަމަވެސް ފުރަތަމަ 3 މަސް ދުވަސް ފާއިތުވެ ދިއުމުން މާބަނޑު މީހުންނަށް ވެސް މެތިމެޒޯލް ބޭނުންކުރެވޭނެ އެވެ. ރޭޑިޔޯތެރަޕީގެ ކުރިންނާއި، އަދި ފަހުން ވެސް ސަޕްލިމެންޓަލް ތެރަޕީ އެއްގެ ގޮތުގައި އެންޓިތައިރޮއިޑް ބޭސްތައް ދީއުޅެއެވެ. މި ދެބޭހުގެ ސަބަބުން ވެސް ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ގައިން ބިހިނެގުން، ހުޅުތަކުގައި ރިހުން، ފުރަމޭ ފޭލްވުން އަދި ލޭގެ ހުދު ސެލްތަކުގައި ހުންނަ އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ދަށްކޮށްލުން ހިމެނެއެވެ.

(ނ) ބީޓަރ ބްލޮކަރސް : މިއީ ތައިރޮއިޑް ހޯރމޯންތައް އުފެއްދުން މަނާކުރާ ނޫނީ އެކަމަށް ހުރަސްއަޅާ ބޭސްތަކެއް ނޫނެވެ. ނަމަވެސް މިބޭސްތައް ބޭނުންކުރުމުން ހޯރމޯންގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރަށް ބަދަލުގެނުވައެވެ. ނޫނީ ހުރަސްއަޅައެވެ. އެގޮތުން ހިތުގެ ވިންދު ހަމައަކަށް އަޅުވައި، ތުރުތުރުއެޅުން ކުޑަކޮށްދީ، ހާސްވެކަންބޮޑުވުމާއި، ނުތަނަވަސްކަން ކުޑަކޮށްދެއެވެ. ބީޓަރ ބްލޮކަރސް ގެ ތެރޭގައި ޕްރޯޕްރަނޮލޯލް، އެޓީނޮލޯލް، މެޓޮޕްރޮލޯލް، އަދި ނެޑޮލޯލް ހިމެނެއެވެ.

(ރ) އޮޕަރޭޝަން ކުރުން : ތައިރޮއިޑް ގްލޭންޑް އެއްކޮށް ނެގުން ނޫނީ އެއިން ބައެއް އޮޕަރޭޝަން ކޮށްގެން ނެގުމަކީ ގްރޭވްސް ބަލީގެ ފަރުވާގައި ކޮށްއުޅޭ ކަމެކެވެ. ތައިރޮއިޑް ގްލޭންޑް އެއްކޮށް ނަގައިފިނަމަ، ތައިރޮއިޑް ހޯރމޯން ބޭހުގެ ގޮތުގައި ނަގަންޖެހޭނެ އެވެ. މިއޮޕަރޭޝަން ކުރުމުގެ ތެރޭގައި އަޑުފޮށި ކޮންޓްރޯލްކުރުމަށް އިންނަ ފަތިނާރު އަދި ތައިރޮއިޑް ގްލޭންޑް ގެ ކައިރީގައި އިންނަ ޕެރަތައިރޮއިޑް ގްލޭންޑް އަށް ގެއްލުންވުމުގެ ފުރުޞަތު އޮވެއެވެ.

ގްރޭވްސް ބަލީގައި ކުރިމަތިވާ ލޮލުގެ މައްސަލަތަކަށް ފަރުވާކުރުން

ގްރޭވްސް ބަލީގައި ކުރިމަތިވާ ލޮލުގެ މައްސަލަތަކުގެ ތެރެއިން އާދައިގެ ވަރަކަށް ކުރިމަތިވާ އުނދަގޫތަކަށް ފަރުވާކުރުމުގައި އާންމުކޮށް ފާމަސީ ތަކުން ލިބެން ހުންނަ އާޓިފިޝަލް ޓިއަރސް (މަސްނޫޢީ ކަރުނަ) އަދި ލުބްރިކެންޓް ޖެލް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ލޮލުގެ ހާލަތު މާގޯސްނަމަ އަންނަނިވި ފަރުވާތައް ކުރުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

·         ކޯޓިކޯސްޓީރޮއިޑް ބޭނުންކުރުން

·         ޓެޕްރޯޓިޔުމުބެބް

·         އޯބިޓަލް ޑިކަމްޕްރެޝަން ސާޖަރީ ހެދުން

·         އޯބިޓަލް ރޭޑިޔޯތެރަޕީ

·         އައިނުގައި ޕްރިޒަމް ބޭނުންކުރުން

ހަވާލާ

·         https://www.mayoclinic.org/diseases-conditions/graves-disease

·         https://www.niddk.nih.gov/health-information/endocrine-diseases/graves-disease