Monday, October 31, 2011

ކުޑަކަމުދާ ނިޒާމް


ކުޑަކަމުދާ ނިޒާމް
ކުޑަކަމުދާ ނިޒާމަކީ އިންސާނާގެ ހަށިގަނޑުގައި ކުޑަކަމުދާ ތަކެތި އުފައްދައި، ގުދަންކޮށް، އަދި ބޭރުކުރުމުގެ މަސައްކަތް ހިންގާ ނިޒާމެވެ. އިންސާނުންގެ ހަށިގަނޑުގައި ހިމެނޭ ކުޑަކަމުދާ ނިޒާމްގެ މައިގަނޑު ބައިތަކަކީ ގުރުދާ(Kidneys)، ގުރުތާ ނުވަތަ ގުރުދާއާއި މަސާނާ ގުޅުވައިދޭ ހޮޅި (Ureters)،މަސާނާ(Bladder)، އަދި ކުޑަކަމުދާ ހޮޅި(Urethra) ، ނުވަތަ ހީސް ހޮޅި އެވެ.

ކުޑަކަމުދާ ނިޒާމްގައި ހިމެނޭ މުހިއްމު ބައިތައް
ކުޑަކަމުދާ ނިޒާމްގައި ހިމެނޭ މުހިއްމު ބައިތަކަކީ ގުރުދާ، ގުރުތާ، މަސާނާ، އަދި ކުޑަކަމުދާ ހޮޅި އެވެ.
ގުރުދާ
ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ދެ ގުރުދާ(Kidney)  ވެއެވެ.އެއީ ހަށިގަނޑުގެ ކޮންމެ ފަރާތެއްގައި ގުރުދާ އެކެވެ. ތޮޅި-އޮށެއްގެ ބައްޓަމަށް، ސާބޯނި ބުރިއެއް ވަރުވާ ގުރުދާ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އޮންނަނީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަންތަކުގެ ފަހަތުގައެވެ. އެއީ ގާތްގަނޑަކަށް މޭކަށިތައް ނުވަތަ އަރިކަށިތައް ނިމޭ ހިސާބު ގައެވެ. އަދި މައިބަދައިގެ ކަށިތަކުގެ ތެރޭގައި ހިމެނޭ ''ލަމްބާރ ވާޓެބްރާ''(Lumbar Vertebrae) ތައް ހުންނަ ހިސާބާއި ކައިރީގައެވެ. ގުރުދާގެ ވަށައިގެން މަތީގައި ކޮންމެވެސް ވަރަކަށް ''ޕެރިނެފްރިކް ފެޓް''(Perinephric fat) އޭ ކިޔޭ ސަރުބީގެ ވައްތަރެއް ޖަމާވެފައި ހުރެއެވެ. މިބުނި ސަރުބީތަކުގެ ތެރޭގައި ކޮންމެ ގުރުދާއެއްގެ މަތީގައި ''އެޑްރީނަލް ގްލޭންޑް''(Adrenal gland)އޭ ކިޔޭ ހޯރމޯން ބޭރުކުރާ ގޮށެއް އިދެއެވެ.

ގުރުދާ އަށް މިނިޓެއްގެ ތެރޭގައި 1.25 ލިޓަރުގެ ލޭ ގުރުދާ އަށް ލޭގެނެސްދޭ ހޮޅީގެ(Renal artery) ތެރެއިން ގެނެސް ދެއެވެ. މިއީ އިންސާނާގެ ހަށިގަނޑުއިވާ އެންމެ ބޮޑު ލޭހޮޅީ(Aorta)ގެ ބަނޑާވީ ހިސާބުގައިވާ ބައި (Abdominal aorta) އިން ކުރިފަޅައިގެން ގުރުދާއަށް އައިސްފައިވާ ލޭ ނާރެކެވެ. މިގޮތަށް ގުރުދާ އަށް ލޭ ވާޞިލްވުމަކީ ނުވަތަ ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ގުރުދާގެ މައިގަނޑު މަސައްކަތަކީ ލެއިން ހަށިގަނޑަށް ބޭނުންނުވާ ފެނަށް ގިރޭ(Water soluble) މާއްދާތަށް ފުރާނާ ލައިގެން ވަކިކުރުމެވެ. ގުރުދާގެ މެދެއް ހާ ހިސާބުން އެތެރޭ ފަރާތުން ގުރުދާ އިން މަސާނާ އަށް ގުޅިފައިވާ ހޮޅި ގުރުތާ (Ureters) ،ނިކުމެފައި ވެއެވެ. މިހޮޅި ތިރިއަށް ގޮސްގުޅެނީ މަސާނާ އަށެވެ.

ގުރުދާ އަކީ ތަފާތު ވަޒީފާތައް ނުވަތަ މަސައްކަތްތައް ފުރިހަމަކުރާ ގުނަވަނެކެވެ. މިގޮތުން ގުރުދާ އަދާކުރާ ވާޖިބު ތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތި އުފެއްދުން، ހަށިގަނޑުގައި ބައެއް ކަހަލަ މަޢުދަންތައް(Electrolytes) ، ނުވަތަ ''އިލެކްޓްރޮލައިޓް''ތަކުގެ މިންވަރު ކޮންޓްރޯލް ކުރުން، އަދި ހަށިގަނޑުގައި ''އެސިޑް-ބޭސް''(Acid-base) ގެ ހަމަ ހިފެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. ގުރުދާ އަދި ހަށިގަނޑުގެ އެހެން ބައިތަކުން އުފައްދާ ބައެއް ހޯރމޯންތަކުގެ އެހީގައި ގުރުދާއިން ސޯޑިއަމް، ޕޮޓޭސިއަމް، އަދި ކެލްސިއަމް ފަދަ ''އިލެކްޓްރޮލައިޓް''ތައް ބޭރުކޮށް އަލުން އަނބުރައި ހަށިގަނޑަށް އެނަގައެވެ. ނުވަތަ ހަށިގަނޑުގެތެރެއަށް އެމާއްދާތައް ދަމައެވެ.

އިންސާނާގެ ހަށިގަނޑުން ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 1.5 ލިޓަރުގެ ކުޑަކަމުދާ ތަކެތި އުފައްދައެވެ. މިއަދަދު ނުވަތަ މިންވަރު ހަށިގަނޑުގެ ޙާލަތު ހުންނަ ނުހުންނަ ގޮތަކަށް ބަލައި ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. އެއީ ގުރުދާ އިން ލޭގައި ހިމެނޭ ވިހަ މާއްދާތައް ފުރާނާލައިގެން ވަކިކުރުން ގުޅިފައި އޮންނަނީ ގުރުދާ އަށް ވާޞިލްވާ ނުވަތަ ފޯރުކޮށްދެވޭ ލޭ، ނުވަތަ ގުރުދާގައި ލޭދައުރުވުމާއި ކަމަށްވާތީ އެވެ. ހަށިގަނޑުގައި ދިޔާތަކެތި އެކުލެވޭ މިންވަރަށް ބަދަލު އައުމަކީ ވެސް ގުރުދާގެ މަސައްކަތްތަކަށް އަސަރު ކުރާނެ ކަމެކެވެ. ގުރުދާގައިވާ ''ގްލޮމެރިޔޫލަސް''(Glomerulus) ގައި ލޭދައުރުވާ މިންވަރަށް ގުރުދާގެ ތެރޭގައި އުފައްދާ ހޯރމޯންތަކާއި، އަދި ގުރުދާއިން ބޭރުން އުފައްދާ ބައެއް ހޯރމޯންތަކުގެ ސަބަބުން ބަދަލު ގެނުވައެވެ. ބައެއް ކަހަލަ ބޭސް ތަކުގެ ސަބަބުން ވެސް ސީދާކޮށްނާއި، ނުސީދާކޮށް ކުޑަކަމުދާ ތަކެތި އުފެއްދުމަށް ބުރޫ އަރުވައެވެ.

ގުރުތާ
ގުރުތާ(Ureters) އަކީ ގުރުދާއާއި މަސާނާ ގުޅުވައިދޭ ހޮޅިއެވެ. ގުރުދާގައި އުފައްދާ ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި ގުރުދާ އިން މަސާނާ އަށް ވާޞިލްވަނީ މިހޮޅި ހުރަސް ކޮށެވެ. ކޮންމެ ގުރުތާ  އެއްގެ ދިގުމިނުގައި 250-200 މިލިމީޓަރާއި ދެމެދުގެ މިންވަރެއް ހުރެއެވެ. އެއީ 10-8 އިންޗިއާއި ދެމެދުގެ މިންވަރެކެވެ. ނުވަތަ 30-25ސމ ގެ މިންވަރެކެވެ. މަސާނާގެ ފާރު ތަކުގައިވާ މަޑު މަހުގެ ޓިޝޫތައް ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅައެވެ. ކޮންމެ 50 ނުވަތަ 60 ގަޑިއިރަކުން ވަރަށް ކުޑަ މިންވަރެއްގެ ވިހަ މާއްދާތައް ގުރުތާ އިން މަސާނާ އަށް އެޅެއެވެ.

ނޯޓް: ގުރުތާ އަކީ އަޅުގަނޑު ޚިޔާރުކޮށްފައިވާ ނަމެކެވެ. މިއީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަޖުލިހުން ފާސްކޮށްފައިވާ ނަމެއް ނޫނެވެ. "ޔުރެޓަރ" އަށް ގުރުތާ މިނަން ޚިޔާރުކުރުމުގައި ގުރުދާ ގައި ހިމެނޭ "ގުރު" މި ދެއަކުރު ނެގުމަށްފަހު "ޔުރެޓަރ" ގެ ފަހަތުގައި ހިމެނޭ "ޓ"، "ތ" އަކަށް ބަދަލުކޮށް މިނަން ދިނީ އެވެ.

މަސާނާ
މަސާނާ (Bladder) އަކީ މަޑު މަހުން އުފެދިފައިވާ ފުއްޕާ ހަމެއްގެ ބައްޓަމަށް އެތެރެ ހުސްކޮށް އޮންނަ ގުނަވަނެކެވެ. މިގުނަވަން އިންނަނީ ޅިނދުގެ ކުރިމަތީ ބައި(Anterior pelvis) ގައެވެ. މަސާނާ އަކީ ކުޑަކަމުދާ ތަކެތި ބޭރުކުރަން ވަންދެން އެޖަމާކޮށް ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. މަސާނާ އަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން އޭގެ ސައިޒުން ބޮޑުކަމަށް ދައްކާނެއެވެ. އަދި ކުޑަކަމުދެވި، މަސާނާ ހުސްވެ، ދިއުމުން އޭގެ ސައިޒުން ކުޑަ ވެގެން ދެއެވެ. މަސާނާގެ ބައްޔެއް ނެތް ހާލުގައި 500 މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި 5-2 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް މަސާނާގައި ބަހައްޓައި ދެއެވެ.

މަސާނާގެ އެތެރޭގައިވާ ތެތް ދުލިފަށް(Mucosa) ގެ ބޭރު ފަށަލަ ނުވަތަ ''އެޕިތީލިއަމް''(Epithelium)ގެ ވައްތަރަކީ ''ޓްރާންސިޝަނަލް އެޕިތީލިއަމް''(Transitional epithelium) އެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާން ވުމުން މަސާނާ އަށް ފަޅައިގެން ދިއުމެއްނެތި، ދެމި ވާންވެ، ފަސޭހަ ކަމާއެކު ކުޑަކަމުދާ ތަކެތި ބޭރުކުރުމުގެ ކުޅަދާނަކަން ލިއްބައި ދެއެވެ. ތަބީޢީ ގޮތެއްގައި ނަމަ މަސާނާ އަކީ އެއްވެސް ކަހަލަ ބެކްޓީރިޔާއެއް އެކުނުލެވޭ ނުވަތަ ޖަރާސީމުން އެއްކިބާކުރެވިފައިވާ ''ސްޓެރައިލް'' ގުނަވަނެކެވެ.

މަސާނާއިން ކުޑަކަމުދާ ތަކެތި ބޭރުވުން ކޮންޓްރޯލް ކުރަނީ ''ސްފިންކްޓާރސް''(Sphincters) އިންނެވެ. މަސާނާގައިވާ މަސް ފަށަލަ(Detrusor muscle) އަށް ވާންވެ، ގުރުގެޅި، ފިތުމުން، މަސާނާގެ އެތެރޭގެ ޕްރެޝަރު ބާރުވެ، ކުޑަކަމުދާ ތަކެތި ބޭރުވުމަށް މަގުފަހިވެއެވެ. ނުވަތަ ކުޑަކަމުދާ ތަކެތި ބޭރުވާ ގޮތް ވެއެވެ.

މަސާނާއަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން މަސާނާގެ މަސްތަކަށް ދެމި، ވާންވުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލުމުގެ ސިގްނަލް ސިކުނޑިއަށް ލިބެއެވެ. މި ސިގްނަލް ލިބުމާއެކު ކުޑަކަމުދާން ބޭނުންވާނެއެވެ. އަދި ކުރިން ބަޔާންކުރެވުނު މަސް ފަށަލަ ނުވަތަ މަސް ގަނޑަށް ފިތި، ސްފިންކްޓާރ ހަމައަކަށް އެޅުމުން ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކޮށްލައެވެ.

ކުޑަކަމުދާ ހޮޅި
ކުޑަކަމުދާ ހޮޅި (Urethra) ނުވަތަ ހީސް ހޮޅި އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ނުވަތަ ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ. ފިރިހެނުންނަށް ބަލާއިރު ފިރިހެނާގެ ދަރިފަނި ނުވަތަ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.

ކުޑަކަމުދާ ނިޒާމާއި ބަލިތައް
ގުރުދާގެ ބަލިތައް ބަލައި ދެނެގަނެ، އެކަމަށް ފަރުވާކުރަނީ އެކަމަށް ޚާއްޞަ ވެފައި ތިބޭ ޑޮކްޓަރުންނެވެ. ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ގިނަ ފަހަރު ފަރުވާކުރާ ޚާއްޞަ ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ ގުރުދާގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ކަމުގައިވާ ނެފްރޮލޮޖިސްޓުންނާއި، ކުޑަކަމުދާ ނިޒާމްގެ ހުރިހާ ބައްޔަކަށް ޚާއްޞަ ޑޮކްޓަރުން ކަމުގައިވާ ޔޫރުލޮޖިސްޓުންނެވެ. އަންހެނުންނަށް ކުރިމަތިވާ ކުޑަކަމުދާ ތަކެތި ނުހިފެހެއްޓުން ނުވަތަ ފަހަރުވާ ނުހިފެހެއްޓުން ފަދަ ބަލިތަކަށް ގިނަ ފަހަރު ފަރުވާކުރަނީ އަންހެނުންގެ ބަލިތަކަށް ޚާޢްޞަ ޑޮކްޓަރުންނެވެ.

ގުރުދާ ފޭލްވުން
ގުރުދާ ފޭލްވުމޭ ބުނެވެނީ ގުރުދާގެ މަސައްކަތްތައް ފުރިހަމަކުރުމަށް ހުރަސްތަކާއި ކުރިމަތިވެ، އުދަގޫތައް އިންސާނާ އަށް ކުރިމަތި ވުމަށް ނިސްބަތްކޮށެވެ. ގުރުދާ ފޭލްވުމުގެ މައިގަނޑު ދެވައްތަރެއް ވެއެވެ. އެއީ ވަގުތީ ސިފައެއްގައި ގުރުދާ ފޭލްވުން(Acute renal failure) އަދި ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން(Chronic renal failure) އެވެ. މީގެ އިތުރުން މިވައްތަރު ތައް އަދި ކުދިކުދި ބައެއް ވައްތަރުތަކަށް ބެހިގެން ދެއެވެ. އޭގެ ތެރޭގައި ''ޕްރީ-ރީނަލް ފޭލްޔަރ''، ''އިންޓްރިންސިކް-ރީނަލް ފޭލްޔަރ'' އަދި ''ޕޯސްޓް-ރީނަލް ފޭލްޔަރ'' ހިމެނެއެވެ.

ޕްރީ-ރީނަލް ފޭލްޔަރ ގެ މާނައަކީ ގުރުދާ އަށް ލޭ ފޮނުވައިދޭ ލޭހޮޅި ނުވަތަ ''ރީނަލް އާޓަރީ'' ހަނިވެ، ބެދޭގޮތް ވުމުން ގުރުދާ އަށް ލޭ ވާޞިލްވުމުގައި ނުވަތަ ފޯރުވައި ދިނުމުގައި ބުރޫ އެރުމެވެ. އިންޓްރިންސިކް ގުރުދާގެ ބަލިތަކުގެ ތެރޭގައި ހިމެނެނީ ބޭހުގެ ސަބަބުން ގުރުދާ ވިހަވުން، ނުވަތަ ބޭހާއި ނުގުޅިގެން މައްސަލަ ކުރިމަތިވުން އަދި ގުރުދާ ދުޅަވުން(Nephritis)ފަދަ ކަންތައްތަކެވެ. ޕޯސްޓް-ރީނަލް ފޭލްޔަރ އަކީ ގުރުދާގައި ހިލަ އުފެދުން(Renal stone) ފަދަ ކަމެއް ކުރިމަތިވުމެވެ. ދިގު މުއްދަތަކަށް ގުރުދާ ފޭލްވެ ނުރައްކާތެރި ޙާލަތަކަށް މީހާގެ ހަށިގަނޑު ހިގައްޖެނަމަ ގުރުދާ ބަދަލު ކުރެވެންދެން މަދުވެގެން ހަފްތާ އަކު އެއްފަހަރު ލޭ ފުރާނާ ސާފުކޮށްލުން(Dialysis) ހަދަންޖެހެއެވެ. ގުރުދާއަށް މަދުން ނަމަވެސް ގުރުދާގެ ކެންސަރުގެ ވައްތަރުތައް ޖެހެއެވެ.

ގުރުދާގެ ބަލިތައް ނޫން އެހެން ކުޑަކަމުދާ ނިޒާމްގެ ބަލިތައް
ކުޑަކަމުދާ ނިޒާމްގެ ބަލިތަކަކީ ވަރަށް ޢާންމު ބަލިތަކެވެ. އެއީ ބައެއް ފަހަރު ބޭރު ފުށުން ލިބޭ ގެއްލުމެއްގެ ސަބަބުން އެތެރެއަށް ލޭހިލުން ނުވަތަ ލޭފޭދުން(Hemorrhage) ،ދުޅަވުން، ކެންސަރު ޖެހުން، ނުވަތަ ބެކްޓީރިޔާ، ވައިރަސް، ފަންގަސް ފަދަ ޖަރާސީމެއްގެ ސަބަބުން އިންފެކްޝަން އަށަގަތުން ކަމަށް ވެސް ވެދާނެއެވެ. މީގެ އިތުރުން ކެންސަރު ވެސް ކުޑަކަމުދާ ނިޒާމްގެ ބައިތަކަށް ޖެހެއެވެ. މިފަަދަ ބައެއް ބަލިތަކުގެ މިސާލުތައް ތިރީގައި މިވަނީ އެވެ.

* ކުޑަކަމުދާ ނިޒާމްގައި އިންފެކްޝަން އަށަގަތުން
* ހިފެހެއްޓުމެއްނެތި ކުޑަކަމުދެވުން / ފަހަރުވާ ނުހިފެހެއްޓުން  ( އިޚްތިޔާރަކާއި ނުލައި ފަހަރުވާ ލެވުން )
* ޕްރޮސްޓޭޓް ދުޅަވުން، އަދި ޕްރޮސްޓޭޓް ބޮޑުވާބަލި (ޕްރޮސްޓޭޓް އާދަޔާ ޚިލާފަށް ބޮޑުވުން)
* ގުރުދާގެ ކެންސަރު، މަސާނާގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު

ނޯޓް: އިގިރޭސި ބަހުގައި ކިޔައިއުޅޭ ''ޔޫރޯޕަތީ''(Uropathy) ގެ މާނައަކީ ''ކުޑަކަމުދާ ނިޒާމްގެ ބަލިތަކެވެ''. އަދި ''ނެފްރޯޕަތީ'' (Nephropathy)ގެ މާނައަކީ ''ގުރުދާ ގެ ބަލިތަކެވެ''.

ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ޓެސްޓް ކުރުން
ބަޔޯކެމިކަލް ލޭގެ ޓެސްޓް ތަކުގެ އެހީގައި ގުރުދާގެ މަސައްކަތް ހުރިނެތް ގޮތް ދެނެގަނެވެއެވެ. މިގޮތުން ކުޑަކަމުދާ ނިޒާމްގެ ބަލިތަކާއި ގުޅިގެން ލޭގައި އެމާއްދާއެއް ހުރި މިންވަރު ބެލޭ އެންމެ އާއްމު ދެމާއްދާ އަކީ ނުރައްކާތެރި ގޭހުގެ ބާވަތެއްކަމުގައިވާ ''ޔޫރިޔާ'' އަދި ''ކްރިއެޓިނިން'' އެވެ. މީގެ އިތުރުން ކުޑަކަމުދާ ނިޒާމްގެ ބަލިތައް ދެނެގަތުމަށްޓަކައި ލޭގައި ތަފާތު މަޢުދަންތައް ނުވަތަ ''އިލެކްޓްރޮލައިޓް'' ހުރި މިންވަރު ބަލައި އުޅެއެވެ.

ބަޔޯކެމިކަލް ޚާއްޞަ ޓެސްޓެއް ކަމަށްވާ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅިތަކުގައި ގޭސް ހުރި މިންވަރު ބެލުން (Arterial blood gas):  މިއީ ލޭގައި ނުރައްކާތެރި ގޭސްތައް ހުރި މިންވަރު ބެލުމަށް ހެދޭ ޓެސްޓެކެވެ.

ކުޑަކަމުދާ ތަކެތި ތަޙްލީލު ކުރުން : މިއީ ކުޑަކަމުދާ ތަކެތީގައި ހިމެނޭ ޕްރޮޓީން އަދި އެހެނިހެން މާއްދާތަކުގެ މިންވަރު ބެލުމަށް ހެދޭ ކުޑަކަމުދާ ތަކެތީގެ ޓެސްޓެކެވެ. އަދި ކުޑަކަމުދާ ތަކެތީގައި ޖަރާސީމްގެ އަސަރު ހުރިތޯއާއި، ލޭގެ އަސަރު ހުރިތޯ ވެސް ދެނެގަނެވޭނެ އެވެ.

ޔޫރޯޑައިނަމިކް ޓެސްޓްތައް : މިއީ މަސާނާގައި ކުޑަކަމުދާ ތަކެތި ގުދަން ކުރެވިފައި ހުރިވަރު ބަލައި، އަދި ކުޑަކަމުދާ ތަކެތި ބޭރުވާ މިންވަރު ބެލުމަށް ހެދޭ ޓެސްޓްތަކެވެ. ޢާއްމު ގޮތެއްގައި މިޓެސްޓްތައް ހެދެނީ ފަހަރުވާ ނުހިފެހެއްޓުން ނުވަތަ އިޚްތިޔާރަކާ ނުލައި ފަހަރުވާލެވުން(Urinary incontinence) ފަދަ ޙާލަތްތަކުގައެވެ. އަދި ކުޑަކަމުދާ ނިޒާމަށް އަސަރުކުރާ ނާރުތަކުގެ ބަލިތައް ދެނެގަތުމަށެވެ.

ސްކޭންކުރުން: މިއީ ވެސް ކުޑަކަމުދާ ނިޒާމްގެ ބަލިތައް ދެނެގަތުމަށް ކުރެވޭ ކަމެކެވެ. ސްކޭންގެ އެހީގައި ކުޑަކަމުދާ ނިޒާމްގެ އެއްވެސް ގުނަވަނެއްގައި ހިލަ އުފެދިފައިވޭތޯ ނުވަތަ އެއްވެސް ކަހަލަ ދުޅައެއް ، ގޮށެއް ، ޓިއުމަރެއް، އާދަޔާ ޚިލާފު އެއްޗެއް އުފެދެމުންދާނަމަ އެކަން ދެނެގަނެވޭނެ އެވެ.

އެކްސްރޭނެގުން
·         ކަބް(KUB): މިއީ ގުރުދާ، ގުރުތާ، އަދި މަސާނާ ހިމެނޭ ގޮތަށް މުޅި ކުޑަކަމުދާ ނިޒާމްގެ އެކްސް ރޭ ނަގައިދޭ ޓެސްޓެކެވެ. މިޓެސްޓްގެ އެހީގައި ކުޑަކަމުދާ ނިޒާމްގައި ހިލަ އުފެދިފައި ހުރިނަމަ އެކަން ދެނެގަނެވެއެވެ.
·         ''އިންޓްރަވީނަސް ޕައިއެލޯގްރާމް''(IVP): މިޓެސްޓްގެ އެހީގައި ކުޑަކަމުދާ ނިޒާމްގައި ހުންނަ ޢައިބުތައް ދެނެގަނެވެއެވެ. މިސާލަކަށް ބައެއްގެ ބައްޓަމަށް ބަދަލު އައިސްފައި ހުރުން ފަދަ ކަންތައްތައް ދެނެގަނެވެއެވެ.
·         ސީޓީ ( ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ )ސްކޭން އަދި މެގްނެޓިކް ރިސޮނެންސް އިމޭޖިންގ: މިއީ ސީދާ ކުޑަކަމުދާ ނިޒާމްގައި ބަލިހުރީ ކޮންތާކުތޯ ޔަގީން ކަމާއެކު ބުނެދޭ ޓެސްޓެކެވެ.

Sunday, October 30, 2011

ފުރަގަސް ފަރާތް


ފުރަގަސް ފަރާތް
ފުރަގަސް ފަރާތް (Rectum) އަކީ ބޮޑު ގޮހޮރު ނިމިގެން ހަޖަމުކުރާ ނިޒާމްގައި ފުރަގަސް ފަރާތު މަގާއި ދޭތެރޭގައި އިންނަ ބައެކެވެ. އެހެންކަމުން ފުރަގަސްފަރާތް އިންނާނީ ބޮޑުގޮހޮރުގެ އެންމެ ފަހުބައި ކަމުގައިވާ ސިގްމޮއިޑް ގޮހޮރާއި ޖެހިގެންނެވެ. ފުރަގަސްފަރާތް ޖެހިގެން ތިރިއަށް އިންނާނީ ފުރަގަސްފަރާތު މަގެވެ. އަދި އޭގެފަހުން ފުރަގަސްފަރާތު ދޮރެވެ. ބޮޑުކަމުދާ ތަކެތި ބޭރުކުރަން ޖެހެންދެން އެތަކެތި ގުދަންކޮށް ޖަމާވެފައި ހުންނަނީ ފުރަގަސް ފަރާތު ގައެވެ. އިންސާނުންގެ ފުރަގަސް ފަރާތުގެ ދިގުމިނަކީ 12 ސެންޓިމީޓަރު އެވެ.

އުފެދިފައިވާގޮތް
ފުރަގަސް ފަރާތް ފެށިފައި އިންނަނީ ސެކްރަމް(Sacrum)  ގެ 3 ވަނަ ކަށިކޮޅާއި ހަމައިންނެވެ. އަދި ނިމިފައި އިންނަނީ ފުރަގަސް ފަރާތު މަގާއި، ފުރަގަސް ފަރާތް ގުޅޭކަނަށެވެ. އެހެންކަމުން ފުރަގަސް ފަރާތް ނިމިގެން އިންނާނީ ފުރަގަސް ފަރާތު މަގު އެވެ. ފުރަގަސް ފަރާތް އިންނަނީ ސެކްރަމް އަދި ކޮކްސިކްސް (Coccyx)ކަށިގަނޑުން އުފެދިފައިވާ ލެބުމުގެ ތެރެއަށް ފެތިފައެވެ. އަދި މިގޮތުން ފުރަގަސް ފަރާތް ފެތިފައިން އިންނަ ތަނަށް ކިޔަނީ ސެކްރަލް ފްލެކްޝަރ(Sacral flexure) އެވެ. ފުރަގަސް ފަރާތުގެ އެންމެ ތިރީބައިގައި ފުޅާވުމެއް ނުވަތަ ފުފުމެއް ވެއެވެ. މިތަނަށް ކިޔަނީ ރެކްޓަލް އެމްޕިޔުލާ (Rectal Ampulla)އެވެ.
ފިރިހެނުންގެ ފުރަގަސް ފަރާތުގެ ކުރިމަތިން މަތީގައި ޖެހިފައި އިންނަނީ ރެކްޓޯ-ވެސައިކަލް ޕޯޗް(Recto-vescical pouch) އޭ ކިޔޭ ހުސް ޖާގައެއް ފަދަ ތަނެވެ. އަދި ފުރަގަސް ފަރާތުގެ ކުރިމަތިން ތިރީގައި ޖެހިފައި ހުންނަ ބައިތަކުގެ ތެރޭގައި މަސާނާގެ މަތީބަައި، މަނި ގޮށް، މަނި ހޮޅީގެ އެމްޕިޔުލާ، ގުރުތާގެ ނިމޭ ކޮޅު، އަދި ޕްރޮސްޓޭޓް ގްލޭންޑް ހިމެނެއެވެ.
އަންހެނުންގެ ފުރަގަސް ފަރާތުގެ ކުރިމަތިން މަތީގައި ޖެހިފައި އިންނަނީ ރެކްޓޯ-ވެޖައިނަލް ޕޯޗް(Recto-vaginal pouch) އޭ ކިޔޭ ހުސް ޖާގައެކެވެ. އަދި ފުރަގަސް ފަރާތުގެ ކުރިމަތިން ތިރީގައި ޖެހިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނުގެ ފުރަގަހު ފާރެވެ.
ދެޖިންސުގެ މީހުންގެ ވެސް ފުރަގަސްފަރާތުގެ އަރިމަތިން މަތީގައި އިންނަނީ ޕެރަރެކްޓަލް ފޮއްސާ(Pararectal fossae) އެވެ. އަދި ފުރަގަސް ފަރާތުގެ އަރިމަތިން ތިރީގައި އިންނަނީ ސްޕީރިއާ ރެކްޓަލް އާޓަރީގެ ގޮފިތަކާއި، ކޮކްސިޖިއަސް މަސްގަނޑު، އަދި ލެވޭޓަރ އޭނި މަސްގަނޑު އެވެ.
ދެޖިންސުގެ މީހުންގެ ވެސް ފުރަގަސް ފަރާތުގެ ފަހަތް ޖެހިފައި ހުންނަ ބައިތަކުގެ ތެރޭގައި ކޮކްސިކްސް، ސެކްރަމްގެ ތިރީބައި، މީޑިއަން ސެކްރަލް ލޭހޮޅިތައް، ގްލޯމަސް ކޮކްސީޖިއަމް މަސްގަނޑު، އަދި ނާރު ފުންޏެއް ހިމެނެއެވެ.
 ބޮޑުކަމުދިއުމުގައި ފުރަގަސް ފަރާތުގެ ދައުރު
ފުރަގަސް ފަރާތަކީ ވަގުތީ ގޮތުން ބޮޑުކަމުދާ ތަކެތި ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. ފުރަގަސް ފަރާތުގައި ބޮޑުކަމުދާ ތަކެތި ޖަމާވެ ފުރުމުން، ފުރަގަސް ފަރާތު ފާރު ފުޅާވެ، ފުރަގަސް ފަރާތު ފާރުގެ ތެރޭގައި ނާރުތަކުގެ ނިޒާމް އިން އައިސްފައިވާ ސްޓްރެޗް ރިސެޕްޓަރ ތައް، މުރާލިވެ، ބޮޑުކަމުދާ ހިތްވެއެވެ. ބޮޑު ކަމުދާން ޖެހުމުން ނުގޮސް ހިފަހައްޓައިފިނަމަ، ފުރަގަސް ފަރާތުގައި ޖަމާވެފައި ހުރި ބޮޑުކަމުދާ ތަކެތި އަނބުރާ ބޮޑު ގޮހޮރަށް ވާޞިލްވެއެވެ. އަދި އެބޮޑުކަމުދާ ތަކެތީގެ ތެރޭގައި ހުރި ފެނުގެ ބައި ވަކިން ހަށިގަނޑަށް ނަގައެވެ. ބޮޑުކަމު ނުގޮސް ގިނައިރު ހުރެއްޖެނަމަ، ބަނޑުހިކުން ކުރިމަތިކުރުވައެވެ. ބަނޑުހިކުން ކުރިމަތިވެއްޖެނަމަ ބޮޑުކަމުދާ ތަކެތި ހަރުވެ، ބޮޑުކަމުދިއުމަށް އުދަގޫވެއެވެ.
ފުރަގަސް ފަރާތުން ހަށިގަނޑުގެ ފިނިހޫނުމިން ބެލުން
ހަށިގަނޑުގެ ފިނިހޫނު މިން ހުރިނެތް މިންވަރު ފުރަގަސް ފަރާތުން ވެސް ބެލެއެވެ. މިގޮތުން ފިނިހޫނު މިން ބެލުމަށްޓަކައި، މާކަރީ ތަމޯމީޓަރު، ނުވަތަ ޑިޖިޓަލް ތަމޯމީޓަރެއް ފުރަގަސް ފަރާތު ދޮރުން ލައްވައިގެން ފުރަގަސް ފަރާތަށް ވާޞިލް ކުރުވައެވެ. ކުރިން މާކަރީ ތަމޯމީޓަރު ބޭނުންކުރި ނަމަވެސް މިހާރު މިފަދަ ތަމޯމީޓަރު ބޭނުންކުރަނީ ވަރަށް މަދުންނެވެ. ފުރަގަސް ފަރާތުން ބަލާ ފިނިހޫމިން އާންމުގޮތެއްގައި ހުންނަނީ 38-36 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައެވެ.
ފުރަގަސް ފަރާތުން ބަލާ ފިނިހޫނުމިން ،އަނގައިން ބަލާ ފިނިހޫނު މިނަށްވުރެ ½ ޑިގްރީ ސެލްޒިއަސް މަތިވާނެއެވެ. އަދި ކިހިލިފަތް ދޮށުން ބަލާ ފިނިހޫނު މިނަށްވުރެ، 1 ޑިގްރީ ސެލްޒިއަސް މަތިވާނެއެވެ.ގިނަ ޑޮކްޓަރުން ކުޑަކުދިންގެ ފިނިހޫނުމިން ހުރިމިންވަރު ފުރަގަސް ފަރާތުން ބެލުމަށް އިރުޝާދު ދެނީ ކުޑަކުދިންގެ އަނގައިން ފިނިހޫނު މިން ބެލުމަކީ ގިނަފަހަރު އުދަގޫކަމަށްވާތީ އެވެ. އެއީ ކުޑަކުދިން ފިނިހޫނުމިން ބަލާގަޑީގައި މަޑުން ހަމަހިމޭނުން ނީންނާތީއެވެ. މިފަހަކަށް އައިސް ކަންފަތުން ފިނިހޫނުމިން ބެލުން އާންމުވުމުން ފުރަގަސް ފަރާތުން ފިނިހޫނުމިން ބެލުން ވަނީ މަދުވެފައެވެ.
ފުރަގަސް ފަރާތު މަގު
ފުރަގަސް ފަރާތު މަގު( Anal canal) އަކީ ހަޖަމުކުރާ ނިޒާމްގެ އެންމެ ފަހަތަށް އިންނަ ބައެވެ. ފުރަގަސް ފަރާތު މަގު އިންނަނީ ޕެލްވިކް ޑައިއަފްރަމްގެ ތިރިން، ފުރަގަސް ފަރާތާއި، ފުރަގަސް ފަރާތު ދޮރާއި، ދެމެދުގައެވެ. ފުރަގަސް ފަރާތު މަގުގެ ދިގުމިނަކީ ގާތްގަނޑަކަށް 4-2.5 ސެންޓި މީޓަރާއި ދެމެދުގެ ދިގުމިނެކެވެ. އެހެންކަމުން މިބައި ފެށިފައި އިންނާނީ ފުރަގަސް ފަރާތު މަގާއި، ފުރަގަސް ފަރާތް ގުޅޭ ކަނުން ނުވަތަ ހިސާބުންނެވެ. ނިމިފައި އިންނާނީ ފުރަގަސް ފަރާތު ދޮރަށެވެ. އަދި މިބައިގެ މަތިން އިންނާނީ ފުރަގަސް ފަރާތެވެ. އަދި ތިރިން ގޮސް ނިމިފައި އިންނާނީ ފުރަގަސް ފަރާތު ދޮރަށެވެ.
އުފެދިފައިވާގޮތް
ފިރިހެނުންގެ ނަމަ ފުރަގަސް ފަރާތު މަގުގެ ކުރިމަތިން އިންނާނީ ޕެރިނިއަލް ބޮޑީ އެވެ. އަދި މިބުނި ޕެރިނިއަލް ބޮޑީ(Perineal body)  އަކީ ފުރަގަސް ފަރާތު މަގާއި، ކުޑަކަމުދާ ހޮޅި ވަކިކޮށްދޭ ހުރަހެކެވެ. އަންހެނުންގެ ނަމަ މިބުނި ޕެރިނިއަލް ބޮޑީ އަކީ ފުރަގަސް ފަރާތު މަގާއި، އަންހެނާގެ ޖިންސީ ގުނަވަނުގެ ނިމޭކޮޅު ވަކިކޮށްދޭ ހުރަހެކެވެ.
ފުރަގަސް ފަރާތު މަގުގެ ފުރަގަހުން އިންނަނީ އޭނޯކޮކްސިޖިއަލް ބޮޑީ އެވެ. އަދި މިބުނި އޭނޯކޮކްސިޖިއަލް ބޮޑީ(Anococcygeal body) އަކީ ފުރަގަސް ފަރާތު މަގާއި،، ކޮކްސިކްސް ކަށިކޮޅުގެ ކޮޅު ވަކިކޮށްދޭ ހުރަހެކެވެ. އަރިމަތިން ފުރަގަސް ފަރާތު މަގުގެ މަތީބައި ޖެހިފައި އިންނާނީ ލެވޭޓަރ އޭނި މަސްގަނޑު(Levator Ani) ގައެވެ. އަދި އަރިމަތިން ފުރަގަސް ފަރާތުގެ މަގުގެ ތިރީބައި ޖެހިފައި އިންނާނީ އިސްކީއޯރެކްޓަލް ފޮސާ (Ischeorectal fossa)ގައެވެ.
އޭނަލް ސްފިންކްޓަރ: އޭނަލް ސްފިންކްޓަރ (Anal Sphincter)އަކީ ފުރަގަސް ފަރާތު ވަށައިގެން ލެވިފައިވާ ސްފިންކްޓަރ ތަކެކެވެ. މިގޮތުން ދެސްފިންކްޓަރ އެއް އިނދެއެވެ. އެއީ އިންޓަރނަލް އޭނަލް ސްފިންކްޓަރ އަދި އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ އެވެ.
އިންޓާރނަލް އޭނަލް ސްފިންކްޓަރ
އިންޓަރނަލް އޭނަލް ސްފިންކްޓަރ(Internal Anal Sphincter)  އަކީ ފުރަގަސް ފަރާތު މަގުގެ މަތީ ތިންބައިކުޅަ ދެބައިގެ ވަށައިގެން ލެވިފައިވާ ސްފިންކްޓަރ އެވެ. މިއީ އަހަރެމެންގެ އިޚްތިޔާރަކާއި ނުލައި މަސައްކަތްކުރާ މަޑު މަހުގެ ފަށަލައެކެވެ. މިފަށަލަ މަތިން ގޮސްގުޅިފައި އިންނަނީ ފުރަގަސް ފަރާތުގެ މަޑު މަސް ފަށަލަ  އާއެވެ. ފުރަގަސް ފަރާތު މަގުގެ 2.5 ސމ ވަށައިގެން ވަނީ މިސްފިންކްޓަރ ލެވިފައެވެ. މިސްފިންކްޓަރ ގެ ބޯ މިނުގައި 5 މިލިމީޓަރު ހުރެއެވެ.
އިންޓަރނަލް އޭނަލް ސްފިންކްޓަރ އަކީ އަހަރެމެންގެ ބާރަކާއި ނުލައި އޭގެ ޒާތުގައި މަސައްކަތްކުރާ މަޑު މަސް ގަނޑެކެވެ. ބޮޑުކަމުދިއުމުގެ ތެރޭގައި، ފުރަގަސް ފަރާތު ދޮރު ބައްދާލުމަށް އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ އަށް މިސްފިންކްޓަރ އެހީތެރިވެދެއެވެ.
އެކްސްޓާރނަލް އޭނަލް ސްފިންކްޓަރ
އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ(External Anal Sphincter) އަކީ ފުރަގަސް ފަރާތު މަގުގެ ތިރީ ތިންބައިކުޅަ ދެބައިގެ ވަށައިގެން ލެވިފައިވާ އަަހަރެމެންގެ ބާރާއި އިޚްތިޔާރުގެ ދަށުން މަސައްކަތްކުރާ ސްޓްރިއޭޓެޑް މަސް ފައިބަރު (Striated Muscle Fiber) ގަނޑެކެވެ. އެކްސްޓަރނަލް ސްފިންކްޓަރ އަށް ލޭފޯރުކޮށްދެނީ އިންފިރީއާ ރެކްޓަލް ނާރު، އަދި 4 ވަނަ ސެކްރަލް ނާރު ގެ ގޮތްޕަކުންނެވެ. އެކްސްޓަރނަލް އޭނަލް ސްފިންކްޓަރ ގެ ދިގުމިނުގައި 10-8 ސމ ވަރުހުރެއެވެ. މިސްފިންކްޓަރ ގެ އެހީގައި ބޮޑުކަމު ނުގޮސް ގިނައިރު ހިފަހައްޓައިގެން ހުރެވިދާނެއެވެ.

ފުރަގަސް ފަރާތު ދޮރު
ފުރަގަސް ފަރާތު ދޮރު (Anus) އަކީ ފުރަގަސް ފަރާތް (Rectum)  އަދި ފުރަގަސް ފަރާތު މަގުން ބޭރަށް ހުޅުވިފައި އިންނަ ދޮރެވެ.ނުވަތަ ފުރަގަސް ފަރާތުން ބޭރަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ހަށިގަނޑުން ބޮޑުކަމުދާ ތަކެތި ބޭރުކުރާ ލޯވަޅެވެ.  މިއީ އިންސާނާގެ ފުރަގަސްފަރާތް ނިމޭ ހިސާބުގައިވާ ދޮރެކެވެ. ނުވަތަ ހުޅުވުމެވެ. އިންސާނުން ބޮޑު ކަމުދާއިރު ބޮޑު ކަމުދާ ތަކެތި ބޭރުވަނީ މިހޮއި ނުވަތަ ލޯވަޅު ގެ ޒަރީޢާއިންނެވެ.

ފުރަގަސް ފަރާތު ދޮރު ހުޅުވިި ފޭވެ، ކައިރިވެ، ދިއުން ކޮންޓްރޯލް ކުރަނީ ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހުންނަ ''އޭނަލް ސްފިންކްޓަރ" އޭކިޔޭ މަސްކޮޅު ތަކުންނެވެ. ފުރަގަސް ފަރާތު ދޮރުގެ މައިގަނޑު ވަޒީފާ އަކީ ބޮޑު ކަމުދިއުމުގެ ތެރޭގައި ބޮޑު ކަމުދާ ތަކެތި ފުރަގަސް ފަރާތު ދޮރު ހުރަސް ކޮށް ހަށިގަނޑުން ބޭރު ކުރުމެވެ. އިންސާނަކު ބޮޑުވެގެން އައިސް ފުރާވަރަށް އެރުމުން ހަށިގަނޑުގެ ތަފާތު ހިސާބު ތަކުން އިސްތަށި ފަޅާ އުޞޫލުން ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހުންނަ ހަންގަނޑުގައި ވެސް އިސްތަށި ފަޅައެވެ.

ފުރަގަސްފަރާތު ދޮރު ސާފުކުރުން
ފުރަގަސް ފަރާތު ދޮރާއި އޭގެ ވަށައިގެންވާ ހިސާބު ބޮޑުކަމުގޮސް ނިމުމުން ރަގަޅަށް ސާފުކުރަން ޖެހެއެވެ. މިގޮތުން ސާފުކުރަންވާނީ ފެން، އަދި ސައިބޯނި ފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ. ސާފުކުރަންވާނީ މާބާރު ގަދަ ސާބޯންޏެއް ބޭނުންކޮށްގެނެއް ނޫނެވެ. ބާރުގަދަ ސާބޯނިތައް ބޭނުންކުރުމުން އެހިސާބުގަނޑުގެ ހަންގަނޑު ހަލާކުވާގޮތް ދިމާވެއެވެ. މިގޮތަށް ސާފުކުރަން ޖެހެނީ ފުރަގަސް ފަރާތު ދޮރު ހިމެނޭ ހިސާބަކީ ތެތް ހިސާބަކަށް ވެފައި، އެހިސާބު ނުތާހިރުކޮށް ހުރެއްޖެނަމަ ފަސޭހައިން ބެކްޓީރިޔާ އަށަގަނެ، ތަފާތު އިންފެކްޝަން ތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވާނެތީ އެވެ.
* '''ނޯޓް''': އާންމުކޮށް ފުރަގަސް ފަރާތް ކިޔަނީ ފުރަގަސް ފަރާތް(Rectum) ، އަދި ފުރަގަސް ފަރާތު މަގު( Anal canal)  މިދެބަޔަށް އެއްކޮށެވެ. ނަމަވެސް އެނަޓަމިކަލް (އިންސާނާގެ ހަށިގަނޑު އުފެދިފައިވާގޮތް) ގޮތުން ބަލާއިރު މިއީ ޖެހިޖެހިގެން އިންނަ ދެބަޔެވެ.