Monday, January 16, 2012

އަރިދަފުސް ރޯގާ


އަރިދަފުސް ރޯގާ
ނޭފަތް
ނޭފަތުގެ ހިނދުރީގެ އެތެރޭގެ ފާރުތަކަކީ ނޭފަތަށް ވަންނަ ކުނިބުނި ހިރަސްފުސް ފަދަ ތަކެތި ހިފަހައްޓައިދޭ ތަނެވެ. އެގޮތުން ނޭފަތުގެ ހިނދުރީގެ ތެރޭގައި ޖަމާވާ މާއްދާތައް 15-10 މިނިޓާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަރުގެ ތެރެއަށް ގެންދެއެވެ. ގަބޫލު ކުރެވިފައިވާ ގޮތުގައި އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް ނޭފަތުގެ ހިނދުރީގެ ތެރޭގައި ހުންނަ ކުދިކުދި އިސްތަށިތަކުގެ އެހީގައި ފަހަތަށް ގެންގޮސް، އަރުތެރޭގައި އިންނަ ''އެޑިނޮއިޑް''(Adenoid) އޭ ކިޔޭ ލިމްފް ގްލޭންޑް އެއްގައި ޖަމާވެއެވެ. އެގޮތުން އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް ތަތްވަނީ އެޑިނޮއިޑް ގައި ހިމެނޭ ސެލްތަކުގައެވެ.
އަރިދަފުސް ރޯގާ
އަރިދަފުސް ރޯގާ އަކީ ތަފާތު ވައިރަސް ތަކުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ޖެހޭ، ފަސޭހަ ކަމާއެކު ގައިން ގަޔަށް އަރާ ބައްޔެކެވެ. އަރިދަފުސް ރޯގާގެ އަސަރު ނޭފަތުގެ އިތުރުން، ނޭފަތުގެ ވަށައިގެންވާ ވައިކޮތަޅުތައް، ކަންފަތް، އަދި ވައިނޮޅި އާއި، ވައިނޮޅީގެ ކަފި އަށް ވެސް ކުރެއެވެ.
އަރިދަފުސް ރޯގާ އަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު، އަދި އެންމެ އާންމުކޮށް ފެތުރޭ ރޯގާ އެވެ. ގަބޫލު ކުރެވިފައިވާ ގޮތުގައި އިންސާނުންނަށް ޖެހޭ ރޯގާތަކުގެ ދެބައިކުޅަ އެއްބަޔަކީ އަރިދަފުސް ރޯގާ އެވެ. އަރިދަފުސް ރޯގާ ޖެހެނީ ނޭވާލުމުގެ ނިޒާމަށް ކޮންމެވެސް ސިފައެއްގައި އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ވާޞިލްވުމުންނެވެ.  
އެވްރެޖް ގޮތެއްގައި އަރިދަފުސް ރޯގާ ދެމިހުންނަނީ ހަފްތާއެއްގެ މުއްދަތަށެވެ. އާދައިގެ މިންވަރަކަށްޖެހޭ އަރިދަފުސްރޯގާ ދެމިހުންނަނީ ދެތިން ދުވަހަށެވެ. ނަމަވެސް ތަންކޮޅެއް ބޮޑަށް އަރިދަފުސް ރޯގާ ޖެހިފައިވާނަމަ ބައެއް ފަހަރު 2 ހަފްތާގެ މުއްދަތަށް އަރިދަފުސް ރޯގާ އަސަރު ދެމިގެންދާގޮތް ވެއެވެ.
އަވަސް އަވަހަށް އަރިދަފުސް ރޯގާ ޖެހުމާއި އަރިދަފުސް ރޯގާ މުޖުތަމަޢުގެ ތެރޭގައި އާންމު އެއްސަބަބަކީ ތަފާތު އެތަކެއް ވައިރަސްތަކަކުން މިރޯގާ ޖެހިފައި، އަދި ހަށިގަނޑު އެފަދަ ކޮންމެ ވައިރަސް އަކާއި އިދިކޮޅަށް މަސައްކަތްކުރުމަށް ނުކުޅެދޭތީއެވެ.
އެވްރެޖް ގޮތެއްގައި ކުޑަކުދިންނަށް 10-6 ފަހަރު އަރިދަފުސް ރޯގާ ޖެހޭއިރު، ބޮޑެތި މީހުންނަށް 5-2 ފަހަރު އަރިދަފުސް ރޯގާ ޖެހޭކަން ފާހަގަ ކުރެވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އެންމެ ގިނަ މީހުން ބަލިވެގެން ޑޮކްޓަރަށް ދައްކަނީ އަރިދަފުސް ރޯގާ ޖެހިގެންނެވެ. އަދި އެންމެ ގިނަ ބަޔަކާއި ކުދިން އޮފީސް ނުވަތަ ސުކޫލް ފަދަ ތަންތަނަށް ނުގޮސް ސަލާމް ސެޓްފިކެޓް ހައްދަން ޖެހެނީ އަރިދަފުސް ރޯގާ ޖެހުމުގެ ސަބަބުންނެވެ.
ސަބަބު
މިހާތަނަށް އަރިދަފުސް ރޯގާ ޖައްސާ 200 އަށްވުރެ ގިނަ ވައްތަރުގެ ވައިރަސް ފާހަގަ ކުރެވިފައި ވެއެވެ. އަރިދަފުސް ރޯގާ ޖައްސާ އެންމެ އާންމު ވައިރަސް ތަކުގެ ތެރޭގައި   ''ޕައިކޮނަވައިރަސް''(Picornavirus) ތަކުގެ ތެރޭގައި ހިމެނޭ ''ރައިނޯވައިރަސް''(Rhinovirus)، އަދި ''އެންޓީރޯވައިރަސް''(Enterovirus) ތައް ހިމެނެއެވެ. މީގެ އިތުރުން ''އެޑީނޯ ވައިރަސް''(Adenovirus) ތައް، ''ކްރޮނަވައިރަސް''(Cornavirus)ތައް، އަދި ''ޕެރަމިކްސޯ ވައިރަސް'' (Paramyxovirus)ތައް ހިމެނެއެވެ.
ރައިނޯ ވައިރަސް ތަކުގެ ތެރޭގައި ރައިނޯ ވައިރަސް އޭ ގެ 74 ސީރޯ ޓައިޕް ، ރައިނޯ ވައިރަސް ބީ ގެ 25 ސީރޯ ޓައިޕް، އަދި ރައިނޯ ވައިރަސް ސީ ގެ 7 ސީރޯ ޓައިޕް އާއި އެކު، ޖުމްލަ 106 ސީރޯ ޓައިޕް ހިމެނެއެވެ. އެންޓީރޯ ވައިރަސް ތަކުގެ ތެރޭގައި އިންސާނުންނަށް ރޯގާ ޖައްސާ ތަފާތު 66 ސީރޯ ޓައިޕް ވާކަން ފާހަގަ ކުރެވިފައި ވެއެވެ.
އެޑީނޯ ވައިރަސްގެ ތަފާތު 51 ވައްތަރުގެ ސީރޯ ޓައިޕް އިންސާނުންނަށް ބަލިތައް ޖައްސާކަން ފާހަގަ ކުރެވިފައިވާ އިރު އޭގެ ތެރެއިން އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށް ރޯގާ ޖައްސާކަން ފާހަގަ ކުރެވިފައިވަނީ އެޑީނޯ ވައިރަސް ބީ ގެ 8 ސްޓްރެއިން، އަދި އެޑީނޯ ވައިރަސް ސީގެ 4 ސްޓްރެއިން އާއި އެކު، ޖުމުލަ އެޑީނޯ ވައިރަސްގެ 12 ސްޓްރެއިން އެވެ.
ޕެރަމިކްސޯ ވައިރަސްގެ ތަފާތު 3 ވައިރަހެއްގެ ސަބަބުން އަރިދަފުސް ރޯގާ ކުރިމަތި ކުރުވައެވެ. އޭގެ ތެރޭގައި ޕެރައިންފުލުއެންޒާ ވައިރަސް، ހިއުމަން ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް، އަދި މެޓަނިއުމޯ ވައިރަސް (Metapneumovirus)ހިމެނެއެވެ.
އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް ހަމައެކަނި ގިނަވެ އިތުރުވަނީ ދިރިހުރި ސެލްތަކުގެ ތެރޭގައެވެ. ވަށައިގެންވާ މާޙައުލުގެ ސަތަހަތަކުގެ މަތީގައި އަރިދަފުސް ރޯގާ ޖައްސާ ވައިރަސްތައް ގިނަވެ އިތުރެއް ނުވާނެއެވެ. އެހެން ނަމަވެސް އެފަދަ ވައިރަސްތައް ނޭފަތަށް ވާޞިލްވެއްޖެނަމަ އަރިދަފުސް ރޯގާ ޖެހޭނެއެވެ. ސަބަބަކީ އެފަދަ ވައިރަސްތައް މާހައުލުގެ ސަތަހަ ތަކުގައި އިތުރު ނުވިއްކަމަކު މަރުނުވެ، ދިރިހުންނާތީ އެވެ. 
ފެތުރުން
އަރިދަފުސް ރޯގާ ފެތުރެނީ ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވެގެންދާ ނުވަތަ ބުރައިގެންދާ ކުޅު ތިކި ފަދަ ތަކެތި ސަލާމަތުންހުރި މީހާގެ ނޭފަތަށް ނުވަތަ ލޮލަށް ވާޞިލްވުމުންނާއި، އަދި ޖަރާސީމް ތަތްލާފައި ނުވަތަ ހަރުލާފައި ހުރި ތަނެއްގައި އަތްލުމަށްފަހު ނޭފަތަށް، އަނގަޔަށް ނުވަތަ ލޮލަށް އަތްލުމުން ހަށިގަނޑަށް ވައިރަސް ވާޞިލްވުމުންނެވެ.
މިސާލަކަށް ބަލިޖެހިފައި ހުރި މީހާ ކެއްސާ ކިނބިހި އަޅާއިރު، ނޭފަތާއި އަނގަ ނިވާކުރަން އަތް ބޭނުން ކުރުމަށްފަހު އެއަތްނުދޮވެ ސަލާމަތުން ހުރި މީހަކާއި ސަލާމްކޮށްފިނަމަ ނުވަތަ ބީހި ހަދައިފިނަމަ، އެމީހެއްގެ ގަޔަށް ނުވަތަ އަތަށް ވައިރަސް ވާޞިލްވެއެވެ. އެއަށްފަހު އެއަތް ނޭފަތަށް ނުވަތަ ލޮލަށް ލައިފިނަމަ އޭނާގެ ނޭވާލުމުގެ ނިޒާމަށް ވައިރަސް ވާޞިލްވެއެވެ.
އަރިދަފުސް ރޯގާ ޖައްސާ ވައިރަސް އެކުލެވޭ ނޭފަތުންބޭރުވާ ދިޔަ ބަލިޖެހިފައިވާ މީހާގެ އަތަށް ވާޞިލްވަނީ ، ކެއްސާ ކިނިބިއަޅާއިރު ނިވާކުރުމަށް އަތްބޭނުންކުރުމުންނާއި، ނޭފަތުގައި ހިފުމުން އަދި ނޭފަތަށް އަތްލުމުންނެވެ. މީގެ އިތުރުން ކެއްސައި ކިނބިއެޅުމުން ބޭރުވާ ދިޔަތިކި އެކިއެކި ތަންތަނުގައި އަދި ހިފާގެންގުޅޭ ތަކެތީގައި ހަރުލާފައި ހުރެއެވެ. އަދި އަތްނުދޮވެ އެހެންމީހުންގެ ގައިގައި އަތްލުމުން ނުވަތަ ސަލާމްކުރުމުން ފަދަ ކަމަކުން ވެސް އަނެކާގެ އަތަށް ޖަރާސީމް ވާޞިލްވެދެއެވެ. އެހެންކަމުން އަތް ޖަރާސީމާއި ތަޣައްޔަރު ވެފައި ވަނިކޮށް އަތްނުދޮވެ، އަނގަ ލޯ ނުވަތަ ނޭފަތުގައި އަތްލައިފިނަމަ، ބަލިޖެހުމުގެ ފުރުޞަތު އޮވެއެވެ.
އަރިދަފުސް ރޯގާ ކުރިމަތިކުރުވާގޮތް
އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ނޭފަތުގެ ހިނދުރީގެ ތެރެއަށް ވާޞިލްވަނީ ކެއްސައި ކިނބިއެޅުމުގެ ތެރޭގައި ބުރައިގެންދާ ތިކިތައް ނޭފަތަށް ވާޞިލްވުމުންނާއި، ވައިރަސް އާއި ތަޣައްޔަރުވެފައިވާ އިގިލި ނޭފަތަށް ލުމުން ފަދަ ކަމަކުންނެވެ. ނޭފަތަށް ވާޞިލްވާ މަދު މިންވަރެއްގެ ވައިރަސް ޕާޓިކަލް ތަކަކުން ވެސް އަރިދަފުސް ރޯގާގެ އުދަގޫތައް ކުރިމަތިކޮށްދާނެ އެވެ.
އެއަށްފަހު ނޭފަތުގެ ސެލްތަކުގެ ސަތަހައިގައި ހުންނަ ރިސެޕްޓަރ ތަކުގައި ވައިރަސް ތަތްލައެވެ. އެގޮތުން ނޭފަތުގެ ސެލްގެ ސަތަހައިގައި ހުންނަ ރިސެޕްޓަރ ފިޓްވަނީ ވައިރަސްގައި އިންނަ ''ޑޮކިން ޕޯޝަން'' (Docking portion)އޭކިޔޭ ބައެއްގައެވެ.
ނޭފަތަށް ވާޞިލްވި ވައިރަސްތައް ނޭފަތުގެ ސެލްގެ ސަތަހައިގައި ހުންނަ ރިސެޕްޓަރ ތަކާއި ތަތްވުމަށްފަހު ނޭފަތުގެ އެތެރޭގައި ހުންނަ އިސްތަށިތަކުގެ އެހީގައި ފަހަތަށް ގެންގޮސް އަރުތެރޭގައިވާ އެޑިނޮއިޑް އަށް ޖަމާކުރެއެވެ. ވައިރަސްއާއި ތަޣައްޔަރުވެފައި ހުރި ސެލްތައް އެޑިނޮއިޑްގެ ތެރޭގައި މަރުވެ، ފަޅައިގެން ގޮސް، އާ ވައިރަސްތައް ދޫކުރެއެވެ. އެވައިރަސްތައް ނޭފަތުގައި ސަލާމަތުންހުރި ސެލްތަކަށް ބާރު ފޯރުވައި، ތަޣައްޔަރު ކުރުވައެވެ. މިގޮތުގެމަތީން މިކަން ތަކުރާރު ތަކުރާރުވެހުރެއެވެ.
އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ނޭފަތަށް ވާޞިލްވާ ވަގުތުން ފެށިގެން 12-8 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ''ވައިރަސްގެ ނަސްލު އުފެއްދުމުގެ ބުރު'' (Viral replication)، ފުރިހަމަކޮށް، އާ ވައިރަސްތައް ނޭފަތުން ބޭރުވާ ދިޔަ (ފެން، އަރިދަފުސް)ގެ ތެރެއަށް ދޫކުރެއެވެ. އަރިދަފުސް ރޯގާ ޖައްސާ ވައިރަސް ނޭފަތަށް ވާޞިލްވާ 12-10 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަރިދަފުސް ރޯގާގެ އުދަގޫތައް ފެންނަށް ފަށައެވެ. އަދި އެއުދަގޫތައް 72-36 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވެއެވެ.
ނޭފަތުގެ ސެލްތައް ވައިރަސް އާއި ތަޣައްޔަރުވުމުން އެކަމަށް ހަށިގަނޑު އިޖާބަ ދިނުމުގެ ދިފާޢީ ނިޒާމުގެ ބައެއް ބައިތައް ހީވާގިވެ ހަރަކާތްތެރިވާން ފަށައެވެ. ދިފާޢީ ނިޒާމްގައި ތަފާތު ވައްތަރުތަކުގެ ތަބީޢީ މާއްދާތައް ހިމެނެއެވެ. މިފަދަ މާއްދާތަކަށް ކިޔަނީ ''އިންފްލެމޭޓަރީ މީޑިއޭޓަރ'' (Inflammatory mediators)އެވެ. އިންފްލެމޭޓަރީ މީޑިއޭޓަރ ތަކަކީ ތަފާތު އިންފެކްޝަން ތަކުން ހަށިގަނޑު ދިފާޢު ކުރުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. އަރިދަފުސް ރޯގާ ވައިރަސް އާއި، ނޭފަތުގެ ސެލްތައް ތަޣައްޔަރުވުމުން ދިފާޢީ ނިޒާމުން ދޫކުރާ އިންފްލެމޭޓަރީ މީޑިއޭޓަރ ތަކުގެ ތެރޭގައި ''ހިސްޓަމީން''(Histmine)، ''ކައިނިން''(Kinin)، ''އިންޓަރލޫކިން'' (Interleukin)،އަދި ''ޕްރޮސްޓަގްލޭންޑިން''(Prostaglandins) ހިމެނެއެވެ.
އަރިދަފުސް ރޯގާ ޖެހި، އެކަމަށް އިޖާބަދިނުމަށް ދިފާޢީ ނިޒާމުން އިންފްލެމޭޓަރީ މީޑިއޭޓަރ ތައް ދޫކުރުމުން އޭގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ދަވަ ބޭރުކުރާ ގްލޭންޑް ތަކުން ދަވަ ދޫކުރެއެވެ. ( ނޭފަތުން ފެންއައުން ކުރިމަތިކުރުވާ ސަބަބު). މީގެ އިތުރުން އިންފްލެމޭޓަރީ މީޑިއޭޓަރ ތަކުގެ ސަބަބުން ބައެއް ރިފްލެކްސް ހީވާގީ ކުރުވައި ކެއްސުން އަދި ކިނބިހިއެޅުން ކުރިމަތި ކުރުވައެވެ. (ކެއްސުން، ކިނބިހިއެޅުން ކުރިމަތިކުރުވާ ސަބަބު). މީގެ އިތުރުން ތަދު އުފައްދާ ނާރު ފައިބަރުތައް ހީވާގި ކުރުވައެވެ. (ބޮލުގައި ރިހުން، ގައިގައި  ރިހުން ކުރިމަތިކުރުވާ ސަބަބު).
އަރިދަފުސް ރޯގާ ޖެހުމުން ކުރިމަތިވާ މަރުޙަލާތައް
(ހ) - އިސްކީމިއާ ސްޓޭޖް : އިސްކީމިއާ (Ischemia)ގެ މާނަ އަކީ ހަށިގަނޑުގެ ވަކި ތަންކޮޅަކަށް ވަގުތީ ގޮތުން ލޭދައުރުނުވުމެވެ. އެހެންކަމުން މިމަރުޙަލާގައި ނޭފަތުގެ އެތެރޭގައި ހިމެނޭ ކުދި ލޭހޮޅިތައް ފިތި، ހަނިވެ، ހިމަވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ނޭފަތުތެރެ ހިކުން، ނޭފަތް ހިރުވައި ދިލަނެގުން، ކިނބިހިއެޅުން ކުރިމަތި ކުރުވައެވެ.

(ށ) - ހައިޕަރީމިއާ ސްޓޭޖް : ހައިޕަރީމިއާ (Hyperemia)ގެ މާނަ އަކީ ހަށިގަނޑުގެ ވަކި ތަނަކަށް ވަގުތީ ގޮތުން ލޭދައުރުވުން އިތުރުވުމެވެ. އެހެންކަމުން މިމަރުހަލާގައި ނޭފަތުގެ އެތެރޭގައި ހިމެނޭ ކުދި ލޭހޮޅިތައް ފުޅާވެއެވެ. އަދި ލޭހޮޅިތަކުގައި އެކުލެވޭ ޕާމިއެބިލިޓީ އިތުރުވެ، ނޭފަތުގެ އެތެރޭގައި ހިމެނޭ ދަވަ ބޭރުކުރާ ގްލޭންޑް ތަކާއި، ފެންބޭރުކުރާ ގްލޭންޑްތަކުން ދަވަ އާއި، ފެން ދޫކުރާ މިންވަރު އިތުރުވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން މިމަރުޙަލާގައި ހުންއައުން، ބޮލުގައި ރިހުން، ކާހިތްކެނޑުން، ހިތް ނުތަނަވަސްވުން، ނޭފަތް ބެނދުން، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން ފަދަ އުދަގޫތައް މެދުވެރި ކުރުވައެވެ.

(ނ) - ރިސޮލިޔުޝަން ސްޓޭޖް : ރިސޮލިޔުޝަން(Resolution) މާނައަކީ ކަމެއް ރަގަޅުވުމެވެ. ނުވަތަ ކުރިން ހުރި ޙާލަތަށް ދިއުމެވެ. އަރިދަފުސް ރޯގާ އަކީ އަމިއްލަ ޒާތުގައި ދެތިންދުވަހުގެ ތެރޭގައި ރަގަޅުވާ ބައްޔެކެވެ.

އަލާމާތްތައް
އަރިދަފުސް ރޯގާ ޖެހުމުން ފެންނަ ޢާންމު އަލާމާތްތަކުގެ ތެރޭގައި، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން، ކަރުތެރެ ހިރުވައި ރިއްސުން ނުވަތަ ކަރުތެރެ ހަލާކުވެ ހިރުވައި ފާރުވުން، ކެއްސުން، ކިނބިހިއެޅުން، ނޭފަތް ބެދުން، އަޑުކުރަކިވުން ނުވަތަ އަޑުބެދުން، ފަދަ ކަންތައްތައް ހިމެނެއެވެ. އަރިދަފުސް ރޯގާ ޖެހުމުން ބައެއް ފަހަރު ފެންނަ އަލާމާތްތަކުގެ ތެރޭގައި ، ހުންއައުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ވަރުބަލިވުން، ލޯރަތްވުން، ކާހިތްނުވުން، ނުވަތަ ކާހިތްކެނޑުން، އަދި ނުތަނަވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. އާންމުގެ ގޮތެއްގައި އަރިދަފުސް ރޯގާގެ އުދަގޫތައް ދެމިހުންނަނީ ދެތިން ދުވަހަށެވެ. ބައެއްފަހަރު 10-5 ދުވަހުގެ މުއްދަތަށް ނުވަތަ 2 ހަފްތާގެ މުއްދަތަށް މިއުދަގޫތައް ދެމިގެން ދެއެވެ.
ގިނަދުވަސްވުމުން ކުރިމަތިވާ މައްސަލަތައް
(ހ) - ނޭފަތުގައި ބެކްޓީރިޔާގެ ސަބަބުން އިންފެކްޝަން އަށަގަތުން : މިއީ ރޯގާ ދިގުލައި ދިއުމުން ނޭފަތުގެ އެތެރޭގައިވާ ތެތްދުލިފަށުގައި ލޭގެ ހުދު ސެލްތައް ޖަމާވުމުން ކުރިމަތިވާ ކަމެކެވެ. މިޙާލަތުގައި އަރިދަފުސް ރޯގާގެ އުދަގޫތައް އިތުރުވެ، ނޭފަތް ބެނދުން، އަދި ނޭފަތުން ބޭރުވާ އަރިދަފުހުގެ ކުލަ ރީނދޫ ކުލައަށް ބަދަލުވެދެއެވެ.
(ށ) – ސައިނަސްޖެހުން : އަރިދަފުސް ރޯގާ ރަގަޅުނުވެ 10-7 ދުވަހަށްވުރެ ގިނަވެއްޖެނަމަ ސައިނަސް ޖެހުން ފަދަ ކަމެއް ކުރިމަތިވެފައި ހުރުމަކީ ވެދާނެ ކަމެކެވެ. ސައިނަސް ޖެހުމުގެ މާނައަކީ އަރިދަފުސް ރޯގާގެ ސަބަބުން ނޭފަތުގެ ވަށައިގެންވާ ވައިކޮތަޅު ތަކުގައި ދިޔަ ޖަމާވެ، ބެކްޓީރިޔާ ފަދަ ޖަރާސީމް އާލާވުމެވެ. މިއީ އަރިދަފުސް ރޯގާއާއި ގުޅިގެން ކުޑަކުދިންނަށް އަދި ބޮޑެތި މީހުންނަށް ވެސް ކުރިމަތި ވެދާނެ ކަމެކެވެ.
(ނ) - ކަންފަތުގައި އިންފެކްޝަން އަށަގަތުން : އަރިދަފުސް ރޯގާގެ ސަބަބުން ކަންފަތުގައި އިންފެކްޝަން އަށަގަންނަން ދިމާވާ ސަބަބަކީ ކަންފަތުން އަރުތެރެ އައިސްފައިވާ ޔޫސްޓެޗިއަން ޓިއުބު ކިޔާ ހޮޅީގެ ތެރޭގައި އަރިދަފުހާއި ގުޅިގެން އުފެދިގެންދާ ދިޔަތައް ޖަމާވެ، އެހޮޅި ބެދޭގޮތް ވުމުންނެވެ. އަދި މިހާލަތުގައި ކަންފަތުގައި ރިހުން ފަދަ އުދަގޫތައް މެދުވެރިވާނެއެވެ.
(ރ) - ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވުން  : ނޭވާހިއްލުމުގެ މައްސަލަ ވެސް އަރިދަފުސް ރޯގާގެ ސަބަބުން އިތުރަށް ގޯސް ކުރުވައެވެ. އެގޮތުން ނޭވާލާން އުދަގޫވެ، ނޭވާލާއިރު ތޫލިއަޑެއްހުރުން، ކެއްސުން، ވަރުބަލިވުން ފަދަ އުދަގޫތައް ކުރިމަތި ކުރުވައެވެ.
(ބ) - ދާއިމީ ގޮތެއްގައި ވައިނޮޅީގެ ކަފިދުޅަވުން ކުރިމަތިވެފައިވާ މީހުންގެ ބަލީގެ ޙާލަތު ގޯސްވުން : އަރިދަފުސް ރޯގާ ޖެހުމަކީ ދާއިމީ ގޮތެއްގައި ވައިނޮޅީގެ ކަފިދުޅަވުން ކުރިމަތިވެފައިވާ މީހުންގެ ބަލީގެ ޙާލަތު އިތުރަށް ގޯސްވެގެންދާ ކަމެކެވެ. މިޙާލަތު ތަޙައްމަލުކުރާ ބަލިމީހުންނަށް ކުރިމަތިވާ އުދަގޫތައް އަރިދަފުސް ރޯގާގެ ސަބަބުން އިތުރުވެ، ގޯސްވެގެންދެއެވެ. މިސާލަކަށް ކެއްސުން އިތުރުވުން، އަރިދަފުސް އަންނަލެން އިތުރުވުން، ނޭވާކުރުވުން، އަދި ބައެއް ފަހަރު ގަދަޔަށް ހުންއައުން ފަދަ ކަންތައް ހިމެނެއެވެ.
(ޅ) - އަރުތެރެ ދުޅަވުން ، ލަގޮނޑި ދުޅަވުން : މިދެކަމަކީ ވެސް އަރިދަފުސް ރޯގާ ދިގުލައި ދިއުމުން ކުރިމަތިވެދާނެ ކަންކަމެވެ.
ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ޙާލަތްތައް
* އަވަހަށް ނޭވާލެވޭނަމަ ނުވަތަ ނޭވާލާން އުނދަގޫ ނަމަ
* ހުން އައިސް 3 ދުވަހަށްވުރެ އިތުރުވެއްޖެނަމަ
* ނޭފަތުން ފެންއައުން 2 ހަފްތާ އަށްވުރެ އިތުރު ވެއްޖެ ނަމަ
* ކަންފަތުގައި ރިއްސާނަމަ ނުވަތަ ލޮލުގައި މަޑުލާނަމަ
* ވަރަށް ބޮޑަށް ހީކަރުވާ ތުރުތުރު އަޅާނަމަ
* ވަރަށްގަދައަށް ބޮލުގަ ރިއްސާ ނުވަތަ ކަނދުރާ ހަރަކާތް ކުރުމަށް އުނދަގޫވާނަމަ
* ކަރުގައި ރިއްސާތާ 48 ގަޑިއިރަށްވުރެ އިތުރު ވެއްޖެނަމަ
އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާގެ ތަފާތު
ވަރަށް ގިނަ މީހުންނަށް ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމުގައިވާ އިންފުލުއެންޒާ އާއި އަރިދަފުސް ރޯގާ އޮޅޭގޮތް ވެއެވެ. މިދެބައްޔަށް ބަލާއިރު އަރިދަފުސް ރޯގާ އަކީ ތަފާތު އެތަކެއް ވައިރަސް ތަކެއް ސަބަބުން ޖެހޭ ބައްޔެކެވެ. ނަމަވެސް އިންފުލުއެންޒާ ޖެހެނީ އިންފުލުއެންޒާ ވައިރަސްގެ ސަބަބުންނެވެ.
އަރިދަފުސް ރޯގާގެ ސަބަބުން ވަރަށް އާދައިގެ ކުދިކުދި އުދަގޫތައް ކުރިމަތިވާއިރު، އިންފުލުއެންޒާގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ތަހައްމަލު ކުރަން ދަތިވާކަން ފާހަގަ ކުރެވެއެވެ. އިންފުލުއެންޒާގެ ސަބަބުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ގައިގެ ވަރުދެރަވެ ވަރުދޫވުން، އަދި ހިކި ކެއްސުން ފަދަ އުދަގޫތައް ހިމެނެއެވެ. ނަމަވެސް ދެބަލީގެ އުދަގޫތަކާއި އަލާމާތްތައް އެއްގޮތްކަމުން ބޭރުފުށުން ބަލާ ބެލުންތަކުން މިދެބަލި ދެނެގަތުން ވަރަށް ގިނަފަހަރު އޮންނަނީ އުދަގޫކަމަކަށް ވެފައެވެ.
ބަލި ދިގުލުމުން ކުރިމަތިވާ އުދަގޫތައް ވެސް އެއްގޮތެވެ. ނަމަވެސް އިންފުލުއެންޒާގެ ސަބަބުން މިބުނި އުދަގޫތައް ކުރިމަތިވާލެއް އިތުރުކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން އިންފުލުއެންޒާ ދިގުލައިފިނަމަ، ސިކުނޑި ދުޅަވުން، ސިކުނޑީގެ ދުލިފަށް ދުޅަވުން، ވަސްނުދުވުން، ބޭރަށްހިންގުން ޖެހުން، ނިއުމޯނިޔާ ޖެހުން، އަދި ހިތުގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ފަރުވާ
އަރިދަފުސް ރޯގާ މުޅިން ރަގަޅުކުރެވޭ ހަގީގީ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. މާނައަކީ އަރިދަފުސް ރޯގާ ޖައްސާ ޖަރާސީމަށް އަސަރުކުރުވައިގެން ރޯގާ ރަގަޅުކުރުވާ ބޭހެއް ހޯދިފައި ނެތުމެވެ. މިއީ ޑޮކްޓަރަށް ދެއްކުމާ ނުލައި ގޭގައި ވެސް އަމިއްލައަށް ފަރުވާ ކުރެވިދާނެ ބައްޔެކެވެ. އަދި ބައެއް ފަހަރު ޑޮކްޓަރީ ފަރުވާ އަކާ ނުލާ އޭގެ ޒާތުގައި ވެސް ރަގަޅުވާ ބައްޔެކެވެ. ޑޮކްޓަރަށް ދެއްކުމުން ވެސް ގިނަ ފަހަރު ލިޔެދެވޭ ބޭސްތަކަކީ ބައްޔާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ދެވޭ ބޭސް ތަކެކެވެ. އަރިދަފުސް ރޯގާ ގެ ބޭސް ކަމުގައި މަޝްހޫރުވެފައިވާބޭސް ތަކަކީ އޭގައި އެކުލެވޭ އުނދަގޫތައް (މިސާލަކަށް ކިނބިހި އެޅުން، ނޭފަތުން ފެން އައުމާއި ބެދުން ) މަޑުކޮށް ލުއިކޮށްދޭ ބޭހެވެ. އަދި މިފަދަ ބޭސް ބޭނުންކުރުމުން ފުދޭނެއެވެ. އަދި ބެކްޓީރިޔާގެ އަސަރު ހަށިގަނޑުން ފެނިއްޖެނަމަ އެންޓިބަޔޮޓިކް ލިޔެދެއްވާނެ އެވެ.
ބައްޔާއި ގުޅިގެން ކުރިމަތިވާ ގައިގައި ރިހުން، ހުންއައުން ފަދަ ކަންތައްތަކަށް ފަރުވާއެއްގެ ގޮތުގަައި ޕެނަޑޯލް އަދި ބުރޫފަން ފަދަ ބޭސްތައް ޑޮކްޓަރުން ލިޔެދީ އުޅެއެވެ. އެސްޕިރިން އާއި އެސްޕިރިން އެކުލެވޭ ބޭސްތައް އަރިދަފުސް ރޯގާއަށް ފަރުވާގެ ގޮތުގައި ކުޑަކުދިންނަށް ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫނެވެ. ސަބަބަކީ އޭގެ ސަބަބުން ''ރޭޒް ސިންޑްރޯމް'' ފަދަ ނުރައްކާތެރި ބައްޔެއް ފެންމަތިވެގެން އަތުވެދާނެތީ އެވެ.
އަރިދަފުސް ރޯގާ ޖެހުމުން ފަރުވާގެ ގޮތުގައި އިރުޝާދު ދެވޭ ކަންތައްތަކުގެ ތެރޭގައި އަރާމްކުރުން، ގިނައިން ދިޔާތަކެތި ބުއިން، އާވިއެރުވުން، އަދި ކަރުތެރެ ދޮވުން ފަދަ ކަންތައްތައް ހިމެނެއެވެ.
އަރިދަފުސް ރޯގާ ޖެހުމުން އާންމުކޮށް ބޭނުންކުރެވޭ ބައެއް ބޭސްތައް
އަރިދަފުސް ރޯގާ ޖެހުމުން އާންމުކޮށް ދީއުޅޭ ބޭސްތައް ތިރީގައި މިވަނީ އެވެ.
* އެންޓި ހިސްޓަމީން
* ތަދުކަނޑުވާ ބޭސްތައް
* ޑިކަންޖެސްޓެންޓްސް
* ކެއްސުން ކުޑަކޮށްދޭ ބޭސްތައް
އެންޓިބަޔޮޓިކް ބޭނުންކުރުން
އަރިދަފުސް ރޯގާ އަކީ މައިގަނޑު ގޮތެއްގައި ވައިރަސް ތަކުން ޖެހޭ ބައްޔަކަށް ވުމުން މިބައްޔަށް ފަރުވާ ކުރުމުގައި  އެންޓިބަޔޮޓިކް އާންމު ގޮތެއްގައި ބޭނުމެއް ނުކުރެއެވެ. މިބައްޔަށް އެންޓިބަޔޮޓިކް ފަރުވާގެ ގޮތުގައި ބޭނުން ނުކުރުމުގެ އިތުރުން އެންޓިބަޔޮޓިކް ބޭނުންކޮށްފިނަމަ ބައެއް ފަހަރު ''ނުގުޅޭ އަސަރެ''އް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން އެންޓިބަޔޮޓިކް ބޭނުންކުރުމަކީ ބޭހަށް ނުގުޑާ ޖަރާސީމް އަށަގަތުމަށް ވެސް މަގުފަހިވާ ކަމެއްކަމަށް ފާހަގަ ކުރެވިފައި ވެއެވެ. އެހެން ކަމުން އެންޓިބަޔޮޓިކް ބޭނުންކުރުން ރަގަޅީ ކޮންމެހެން ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައެވެ.  މިސާލަކަށް ސައިނަސް ޖެހުން، އަދި މެދުތެރޭ ކަންފަތް ދުޅަވުން ފަދަ ކަންކަމަކީ ބެކްޓީރިޔާ ފަދަ ޖަރާސީމުން ކުރިމަތިވާ ބަލިތަކަށްވެފައި، އަދި މިފަދަ ބަލިތަކަކީ އަރިދަފުސް ރޯގާގައި ގިނަ ދުވަސްވުމުން ވަރަށް ފަސޭހައިން ޖެހޭ ބަލިތަކަކަށް ވާތީ އެފަދަ ހާލަތެއްގައި އެންޓިބަޔޮޓިކް ބޭނުންކުރުން އެދެވިގެން ވެއެވެ.
ރައްކާތެރިވުން
އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން : އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ރުބޮޑަށް ބޭނުންކުރަން ރަގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ.އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ އަތް އަޅައިގެން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ޙާލަތުގައި ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ.
  • ދެއަތްތިލަދޮވެ ސާފުކޮށް ބެހެއްޓުން: ސައިބޯނި ނުވަތަ އެނޫނަސް އެންޓި ސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްތައް ނެތިކޮށްލާނެ ކަމެކެވެ. އަތަށް ފެންކޮޅެއް އަޅައިލުމުން އަތްދޮވެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން އަތްދޮންނަށް ވާނެއެވެ.
  • ލޯ،އަނގަ، ނޭފަތް ފަދަ ތަންތަނަށް އަތްނުލުން: އާންމު ގޮތެއްގައި ތަފާތު ޖަރާސީމްތައް ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމްއާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު، އަތްނުދޮވެ، އެއަތް ނޭފަތް ނުވަތަ ލޯ ނުވަތަ އަނގަޔަށް ލުމުންނެވެ.
  • ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. އެގޮތުން އެފަދަ މީހުންނާއި ސަލާމް ކުރުމާއި، މާގިނައިރު އެކުގައި ވާހަކަ ދައްކަން ހޭދަކުރުމަކީ ވެސް ބަލި ސަލާމަތުން ހުރި މީހާގެ ގަޔަށް ނަގުލުވެދާނެ ކަމެކެވެ. ގައިގޯޅިވެއުޅުން ނުވަތަ ބަލިމީހާގެ ކައިރީގައި އުޅުން ކަމުގައި ބެލެވެނީ ބަލިމީހާ އާއި 6 ފޫޓްގެ ކައިރި އިމެއްގެ ތެރޭގައި ހޭދަކުރާނަމަ އެވެ.
  • ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ. އެހެން ކަމުން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުދާށެވެ. ބަލިވެއްޖެނަމަ މަދުވެގެން 7 ދުވަސް ވަންދެން ގޭގައި މަޑުކުރުން ބުއްދިވެރިއެވެ. ސަބަބަކީ މިރޯގާ ގައިން ގަޔަށް އަރަނީ ބަލީގެ އަލާމާތްތައް ފެނުމުގެ އެއްދުވަސް ކުރިން ފެށިގެން އަލާމާތްތައް ފެނުމަށްފަހު އަންނަ 7 ދުވަހުގެ ތެރޭގައި ކަމަށްވާތީ އެވެ.
  • ޞިއްޙީ ރަގަޅު އެހެނިހެން އާދަތައް ހިފެހެއްޓުން: މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކަސްރަތުކުރުން، ނިދިހަމަކުރުން، ހާސްކަމާއި ފިކުރުތަކާއި ދުރުހެލިވުން، ފައިދާހުރި ކާނާ ބޭނުންކުރުން ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތަކަކީ ތަފާތު ރޯގާތަކުން މީހާ ދުރުކޮށްދޭނޭ ކަންކަމެވެ.


Sunday, January 15, 2012

އަތާއި، ފައި، އަދި އަނގައިގެ ބަލި


އަތާއި، ފައި، އަދި އަނގައިގެ ބަލި
ތަޢާރަފް
އަތާއި، ފައި، އަދި އަނގައިގެ ބައްޔަކީ ދިވެހިރާއްޖެ އިން ވެސް ކޮންމެ އަހަރަކު ފެންނަމުންދާ ބައްޔެކެވެ. އާންމުކޮށް މިއީ ކުޑަކުދިންނަށް ޖެހޭ ބައްޔަކަށް ވިޔަސް މަދުން ނަމަވެސް ބޮޑެތި މީހުންނަށް ޖެހެއެވެ. ދޭތެރެއިން ރޯގާ ތަކުގެ ސިފައިގައި ފާއިތުވެ ދިޔަ ހައެއްކަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކި ހިސާބުތަކުން ވެސް މިބަލި ފެނިފައި ވެއެވެ.
އަތާއި،ފައި، އަދި އަނގައިގެ ބަލި(Hand foot and mouth disease) އަކީ ވައިރަސް އަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. މިއީ ތުއްތު ކުދިންނާއި، އަދި ކުޑަކުދިންނަށް ފަސޭހައިން ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން އަނގައިގެ ތެރޭގައި ފޮޅުނަގާ ފާރުވެ، އަތްތިލަ އަދި ފައިތިލައިގައި  ކުދިކުދި ފެން ބިހި ތަކެއް ނަގާނެއެވެ. މިބަލި ފުރަތަމަ ފެނުނީ 1956 ވަނަ އަހަރު އޮސްޓްރޭލިޔާ އިންނެވެ.
ބަލި ޖައްސާ ޖަރާސީމް
އަތާއި، ފައި، އަދި އަނގައިގެ ބަލި ޖައްސާ ޖަރާސީމަކީ އާންމުކޮށް އެންޓީރޯ ވައިރަސް(Enterovirus) އާއިލާއަށް ނިސްބަތްވާ ވައިރަސް ތަކެކެވެ. އެންޓީރޯ ވައިރަސް އާއިލާގެ ތެރޭގައި ޕޯލިޔޯ ވައިރަސް(Poliovirus)، އެންޓީރޯ ވައިރަސް(Enterovirus)، ކަކްސަކީ ވައިރަސް(Coxsackievirus)، އަދި އީކޯ ވައިރަސް(Echovirus) ހިމެނެއެވެ. އަތާއި ފައި އަދި އަނގައިގެ ބަލި ޖައްސާ ޖަރާސީމް ތަކުގެ ތެރޭގައި ކަކްސަކީ އޭ ވައިރަސް، ކަކްސަކީ ބީ ވައިރަސް، އަދި އެންޓީރޯވައިރަސް 71 އެވެ. މި 3 ވައިރަސް އަކީ ވެސް އެންޓީރޯވައިރަސްގެ ގުރޫޕްގައި ހިމެނޭ ވައިރަސް ތަކެކެވެ. މީގެ ތެރެއިން ރާއްޖޭގައި އުޅޭކަމަށް ލަފާކުރެވެނީ ކަކްސަކީ ވައިރަސް އޭ 16 އެވެ. މިވައިރަހަކީ ޖަނަވާރުންގެ ގޮހޮރުގައި ދިރިއުޅޭ ވައިރަހެކެވެ.
އަތާއި، ފައި، އަދި އަނގައިގެ ބަލި ޖައްސާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ބައެއް ވައްތަރުތަކުގެ ތެރޭގައި ކަކްސަކީ ވައިރަސް އޭ 4، އޭ7، އޭ9، އޭ10، ކަކްސަކީ ވައިރަސް ބީ1،ބީ2،ބީ3، އަދި ބީ5 ހިމެނެއެވެ. 2003 ވަނަ އަހަރު ޗައިނާގައި އީކޯ ވައިރަސް 19 އިން މިބަލި ފެތުރިފައި ވެއެވެ.
ބަޔާންކުރެވުނު ވައިރަސް ތަކުގެ ތެރެއިން އަތާއި، ފައި، އަދި އަނގައިގެ ބަލި އެންމެ ޢާންމުކޮށް ޖައްސާ ޖަރާސީމްތައް ކަމަށް ފާހަގަކުރެވިފައިވަނީ ކަކްސަކީ ވައިރަސް އޭ 16، އަދި ި އެންޓީރޯވައިރަސް 71 އެވެ.
ބަލި ފެތުރުން
އަތާއި،ފައި، އަދި އަނގައިގެ ބަލި ޖެހިފައިވާ ކުއްޖެއްގެ އަރިދަފުސް، ކުޅު، ސޮނި،ނޭފަތުން ފައިބާ ފެން، އަދި ފޮޅުން ނިކުންނަ ދިޔަ، އަދި ބޮޑުކަމުދާ ތަކެތީގައި މިޖަރާސީމް ހުންނާނެއެވެ. ބަލީގެ ފުރަތަމަ ހަފްތާގެ ތެރޭގައި ގިނަ އަދަދަކަށް ކުއްޖާގެ ނަޖިހުގައި މިޖަރާސީމް ހުންނާނެއެވެ. މިހެންކަމުން ސާފުތާހިރުކަން ކުޑަވެއްޖެނަމަ ހެޔޮ ހާލުގައި ތިބި ކުދިންގެ އެތެރެހައްޓަށް ކާބޯތަކެތީގެ ޒަރީޢާއިން މިޖަރާސީމް ފަސޭހަ ކަމާއެކު ވާޞިލް ވެއެވެ. ކެއްސާ ކިބިހި އަޅާއިރު ވައިގެ ތެރެއަށް ނިކުންނަ ތަކެތީގައި ވެސް މިޖަރާސީމް ހުރެއެވެ.
ބަލި ފެތުރެނީ
·         ކެއްސާ ކިނބިއެޅުން އަދި ކުޅުޖެހުން ފަދަ ކަންކަމުގެ ތެރޭގައި ބޭރުވާ ޖަރާސީމުން : ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، ސޮނި، ބޮޑުކަމުދާ ތަކެތި، އަރިދަފުސް، އަދި ގައިގާ ނަގައިފައިވާ ބިހިފަދަ ތަކެތިން ބޭރުވާ ދިޔައިގެ ޒަރީޢާއިންނެވެ. މިހެން ދިމާވާ ސަބަބަކީ އެތަކެތި ވައިގެ ތެރެއަށް ފެތުރުމުން ވައިގެ ޒަރީޢާއިން އަނެކާގެ ހަށިގަނޑަށް ވާޞިލްވެ ބަލިޖެހުމެވެ.
·         ބަލީގެ ޖަރާސީމް ހޭކިފައި ހުންނަ ތަންތަނުގައި އަތްލެވިގެން : ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު އެއަތް ނުދޮވެ އަނގަ ނޭފަތް ފަދަ ތަންތަނުގައި ޖައްސައިފިނަމަ ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ޖަރާސީމް ވާޞިލްވެދާނެ އެވެ. މިސާލަކަށް: ގެންގުޅޭ ތުވާލި، ބާލީސް، ރަޖާ ، މޭޒު، ގޮނޑި، ފަދަ ތަކެތީގައި ހޭކިފައި ހުންނަ ޖަރާސީމުން މިބުނި އުސޫލުގެ މަތީން ބަލި ފެތުރެއެވެ.
·         ބަލީގެ ޖަރާސީމް ހުރި ނަޖިހާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ކެއުން: ބަލިޖެހިފައިވާ ކުއްޖާގެ ގޮހޮރުގައި މިޖަރާސީމް ހުންނާތީ، ބޮޑުކަމުދާ ނަޖިހާއެކު ޖަރާސީމް ބޭރުވެއެވެ. އަދި ބޮޑުކަމުދާ ނަޖިހާއި ކާބޯތަކެތި ތަޣައްޔަރުވެފައިވަނިކޮށް ކައިފިނަމަ، އެމީހެއްގެ ހަށިގަނޑަށް ބަލީގެ ޖަރާސީމް ވާޞިލްވުމުގެ ފުރުޞަތުއޮވެއެވެ.
ބަލީގެ އަލާމާތްތައް ފެންނަ ދުވަހުން ފެށިގެން ފޮޅުތައް ފެޅި ރަގަޅުވުމާއި ހަމައަށް ހޭދަވާ މުއްދަތުގެ ތެރޭގައި ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރުވައެވެ. މާނައަކީ މިމުއްދަތުގެ ތެރޭގައި ކުރިން ބުނި އުޞޫލުން ބަލި ސަލާމަތުން ތިބި މީހުންގެ ހަށިގަނޑަށް ވާޞިލްވުމުގެ ފުރުޞަތު ބޮޑެވެ. ބަލިޖެހިފައިވާ މީހުންގެ ކިބައިން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުޞަތު އެންމެ ބޮޑުވާނީ ބަލީގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. ނަމަވެސް ބަލީގެ އަލާމާތްތައް މުޅިން ފިލައިގެންދާފަހުން ހަފްތާއެއް ވަންދެން ވެސް ބަލިމީހާގެ ކިބައިން މިބަލި އެހެން މީހުންނަށް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް ބޮޑުކަމުދާ ނަޖިހުގައި ގިނަ ދުވަސްތަކެއް ވަންދެން މިވައިރަސް ހުންނަކަމަށް ދައްކައެވެ.
ބަލިޖެހުމުން ވާގޮތް
ޖަރާސީމު ހަށިގަނޑަށް ވާޞިލްވުމާއި ނުވަތަ ބަލީގެ ވައިރަސް އަށަގަތުމާއި، ބަލީގެ އަލާމާތްތައް ފެނުމާއި ދެމެދު 3-7 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. (ބައެއް ލިޔުންތަކުގައި 6-3 ދުވަހުގެ މުއްދަތެއް އަދި 5-3 ދުވަހުގެ މުއްދަތެއް ހޭދަވާކަމަށް ބުނެފައި ވެއެވެ.) އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ ހުންއައުން،ކާހިތްނުވުން، އަދި ވަރުބަލިވުން އެވެ. އެއަށްފަހު ދެތިން ދުވަހުގެ ތެރޭގައި (1-2 ދުވަހުގެ ތެރޭގައި) ކަރު އަނގަ، ހިރުގަނޑު،އަދި ދުލުގައި ކުދިކުދި ފެންފޮޅުތަކެއް ނަގަން ފަށައެވެ. އަދި އަތާއި ފައިގައި ވެސް އެފަދަ ފޮޅުތަކެއް ފެންނަން ފަށައެވެ. އަދި ބައެއް ފަހަރު ގައިގެ އެހެން ތަންތަނުގައި ވެސް އެފަދަ ފޮޅުތަކެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު ކަރުތެރެ ފާރުވުމާއެކު އަތާއި ފައިން ބިހިނެގުން އެއީ ހަމައެކަނި ބަލީގެ އަލާމާތްކަމުގައި ވެސް ވެދާނެ އެވެ.
އާންމު ގޮތެއްގައި މިފަދަ ފޮޅުތައް ދެތިން ދުވަހުގެ ތެރޭގައި ފަޅައިގެން ގޮސް ކުޑަ ފާރުކޮޅުތަކަކަށްވެ، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަގަޅު ވެއެވެ. ނަމަވެސް ބައެއް ފަހަރު މިފަދަ ވައިރަހުގެ ސަބަބުން ހަށިގަނޑުގެ އެހެން ނިޒާމްތަކަށް އަސަރުކުރެއެވެ. އޭގެ ތެރޭގައި ނާރުތަކާއި ސިކުނޑި ފަދަ ގުނަވަންތައް ހިމެނެއެވެ.
މިބަލި ޖައްސާ ވައިރަސް އަކީ ޕޯލިއޯ ވައިރަސް އާއި އެއްއާއިލާއެއްގެ ވައިރަސް އެއްކަމަށްވާތީ، މިބަލީގެ ސަބަބުން ނާރުތަކުގެ ނިޒާމް އަށް އަސަރުކޮށްފިނަމަ، އެފަދަ ބަލީގެ އަލާމާތްތައް ފާޅުވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ވަރަށް މަދުން ދިމާވާ ކަމެކެވެ.
(އެއަށްފަހު ކަރު އަދި އަނގައިގައި ރަތްކޮށް ހުންނަ ކުދި ބިހިތަކެއް ނަގާ ފާރުކޮޅު ތަކަކަށް ބަދަލުވެއެވެ. މިފޮޅުތައް ދުލުގައި ކޮލުގައި އަދި ތުންފަތު އެތެރޭގެ ދުލިފަށުގައި ، ހިރުގަނޑުގައި އަދި މަތީ ތަލީގައި ފެންނަށް ހުންނާނެއެވެ. ދެދުވަހެއްގެ ތެރޭގައި އަތްތިލައިގައި އަދި ފައިތިލައިގައި ކުދިކޮށް ހުންނަ ރަތްބިހިތަކެއް ނަގާ ކުދިކުދި ފެން ބިހިތަކަކަށް ބަދަލުވެއެވެ. މިބިހިތައް ފޫކޮޅުގެ މަސްގަނޑުގަޔާއި، އުޅަބޮށީގައި ވެސް ނަގާފާނެއެވެ.)
އާންމު ގޮތެއްގައި ބަލި ގިނައިން ޖެހެނީ 10 އަހަރުން ދަށުގެ ތުއްތު ކުދިންނަށެވެ. އަންހެން ކުދިންނާއި ފިރިހެންކުދިންނަށް ބަލިޖެހޭ މިންވަރު ދާދި އެއްހަމައެއްގައި ހުންނަނީ ހިފެހެއްޓިފައެވެ. ވަކި ނަސްލެއް ނުވަތަ ދަރިފަސްކޮޅެއްގެ މެދުގައި ބަލި އިތުރުކަން ފާހަގަކުރެވިފައެއް ނުވެއެވެ. ބޮޑެތި މީހުންނަށް ވެސް މިބަލި ޖެހިދާނެ އެވެ.
ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ފުރަތަމަ ހާލި ހަދަނީ އަނގައިގެ ތެތްދުލިފަށް، އަދި ކުޑަ ގޮހޮރުގެ ތެތްދުލިފަށުގެ ތެރޭގައެވެ. އެއަަށްފަހު އަނގައިގެ ތެރޭގައި ފެތުރި، ލޭގެ ޒަރީޢާއިން ހަންގަނޑަށް ވާޞިލްވެ، އުދަނގޫތައް ކުރިމަތި ކުރުވައެވެ.
އަތްފައިގައި ފެންބިއްސާއި ފޮޅުނަގައި އުފެދޭ ފާރުތައް 10-5 ދުވަހުގެ މުއްދަކަށް ދެމިހުރެއެވެ.އަނގަޔާއި ހަމުގައި ނަގާ ފޮޅުތައް 7-5 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ރަގަޅު ވެއެވެ.
ބަލީގެ އަލާމާތްތައް
  • ހުންއައުން : އާންމުކޮށް ހުންނަނީ 38-40 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައެވެ.
  • ކާހިތްނުވުން
  • ވަރުބަލިވުން
  • ކަރުތެރެފާރުވުން
  • ކަރުގައި ރިހުން
  • ގައިގައި ރިހުން
  • ބޮލުގައި ރިހުން
  • ބަނޑުގައި ރިހުން
  • ކެއުން ބުއިމާ ދުރުވެ، ވަރުބަލިވުން
  • ދޫ އަދި އަނގައިގެ ތެރޭގައި ފެން ބިހިތަކެއް ނަގައި ފޮޅުތަކަކަށް ބަދަލުވެ، ފޮޅުތަކެއް ނަގައި ފާރުވުން : ދޫ، ތުންފަތުގެ އެތެރެފުށް، ކޮލުތެރެ، ހިރުގަނޑު އަދި މަތީ ތަލީގައި މިފޮޅުތައް ފެންނަން ހުރެއެވެ. ފެން ބިހިތަކުގެ ބޮޑޫމިނުގައި 3-2 މިލިމީޓަރު ހުރެއެވެ. އަދި ފޮޅުތަކަށް ބަދަލުވުމުން އޭގެ ބޮޑުމިނުގައި 7-3 މިލިމީޓަރު ހުރެއެވެ.
  • އަތްތިލަ، ފައިތިލައިގައި ރަތްކުލައިގައި ހުންނަ ފެންބިހިތަކެއް ނަގައި، އެއަށްފަހު ފޮޅުތަކެއް ނެގުން: މިފޮޅުތަކުގައި އަތްލުމުން ތަދުވާނެއެވެ. މިފޮޅުތައް ބޮޑަށް ހުންނަނީ އަތްތިލައިގެ ހުދު ހަމާއި، ފައިތިލައިގެ ދަށްފުށުގައެވެ.
  • ފައި(ޚާއްޞަކޮށް ކުޑަކަޅުވާގައި)،އުޅަބޮށި، ޖިންސީ ގުނަވަން، އަދި ފޫކޮޅު މަސްގަނޑުގައި ބިހިނެގުން
  • ވަރަށް މަދު ފަހަރަކު: ހޮނޑުލުން އަދި ބޭރަށް ހިންގުން ކުރިމަތި ކުރުވައެވެ.
  • ބައެއް ފަހަރު : ނޭފަތުން ފެންއައުން، ކެއްސުން
ބަލީގެ ނުރައްކާ
އަތާއި،ފައި، އަދި އަނގައިގެ ބައްޔަކީ އޭގެ ޒާތުގައި ނުރައްކާތެރި ބައްޔެއްނޫނެވެ. ހުމާއި ބިހިތައް ދެތިން ދުވަހުގެ ތެރޭގައި ފިލައެވެ. އަނގައިގެ ފާރުތައް ރަގަޅުވުމަށް ހަފްތާއެއްހާ ދުވަސް ނަގައެވެ. ނަމަވެސް ނުރައްކާވެދާނެ ސަބަބުތަކަކީ :-
  • ހުންއައިސް ފިޓްޖެހޭ ކުއްޖެއްނަމަ ފިޓްޖެހޭގޮތްވުން ނުވަތަ ފިޓްޖެހުން
  • އަނގައިގައި ފާރުވެފައިވާ ތަންތަނަށް ތަދުވުން : މީގެ ސަބަބުން ކުޑަކުދިންނަށް އެއްޗެތި ދިރުވަން އުދަގޫވެ، ވަރުދެރަވާގޮތްވެއެވެ. މިފަދަ ޙާލަތެއްގައި ނަމަ ޑޮކްޓަރާއި މަޝްވަރާކުރަންވާނެއެވެ.
  • ވައިރަސް ގެ ޒަރީޢާއިން ސިކުނޑިއަށް އަދި ހިތުގެ މަސްގަނޑަށް އަސަރުކުރުން
  • ބަލިވެ އިންނަތާ ފުރަތަމަ ދުވަސްކޮޅު މިބަލިޖެހިއްޖެނަމަ :-
    • ބައިގެންދިއުން
    • ދަރިފުޅު ބޮޑުވާންވީވަރަށް ބޮޑުނުވުން
ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް ޖަރާސީމްގެ އަސަރު ފޯރުން
ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް ޖަރާސީމަށް އަސަރު ފޯރުމުގެ ފުރުޞަތު ބަލިޖެހުނީ އެންޓީރޯ ވައިރަސް 71 އިން ކަމުގައިވާނަމަ އިތުރުކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މީގެ އިތުރުން މެލޭޝިޔާގެ ސަރަވާކް ގައި މިބަލި ފެތުރުނު ދުވަސްވަރެއްގައި ހެދުނު ދިރާސާއަކުން އެނގިފައިވާ ގޮތުގައި ސިކުނޑިއާއި ނާރުތަކުގެ ނިޒާމަށް ޖަރާސީމްގެ އަސަރުކުރުމުގެ ފުރުޞަތުބޮޑުވާ 3 ކަމެއް ފާހަގަ ކުރެވުނެވެ. އެއީ:-
-          ހުން 3 ދުވަހަށްވުރެ ދިގުލައިދިއުން
-          ފިނިހޫނުމިން 38.5 ޑިގްރީއަށްވުރެ މަތީގައި ދާއިމީކޮށް ހުރުން
-          މާބޮޑަށް ވަރުބަލިވެ، ވާނުވާ ނޭގުން ކުރިމަތިވުން
·         ވައިރަސްގެ ސަބަބުން ސިކުނޑީގެ ވަށައިގެންވާ ދުލިފަށް ދުޅަވުން : ސިކުނޑީގެ ވަށައިގެންވާ ދުލިފަށަށް ޖަރާސީމްގެ އަސަރު ފޯރައިފިނަމަ، ހުންއައުން، ބޮލުގައި ރިހުން، ބުރަކަށީގައި ރިހުން، އަދި ކަރު ހަރުއެރުން ފަދަ ކަންތައް ކުރިމަތިވެއެވެ. އަދި ބައެއް ފަހަރު މިހެން ދިމާވުމުން އެދުމަތި ކޮށްގެން ފަރުވާ ދޭންޖެހެއެވެ.
·         ސިކުނޑި ދުޅަވުން : ސިކުނޑިއަށް ޖަރާސީމްގެ އަސަރު ފޯރައިފިނަމަ، ސިކުނޑި ދުޅަވުން ކުރިމަތި ވެއެވެ. ނަތީޖާއެއްގެ ގޮތުން ވާގިނެތުން ނުވަތަ ވާވުން ފަދަ ކަންތައް މެދުވެރި ވެއެވެ.
·         ނިޔަފަތި ފޭބުން: މިބަލީގެ ސަބަބުން ބައެއް ފަހަރު އަތްފައިގެ އިގިލިތަކުގެ ނިޔަފަތި ފޭބުން ނުވަތަ ނިޔަފަތި ވަކިވުން މަދުން ނަމަވެސް ދިމާވާކަން ފާހަގަ ކުރެވިފައި ވެއެވެ.
ނޯޓް : މިބައްޔަކީ އިތުރު މައްސަލަތަކާއި ކުރިމަތިނުވާނަމަ ދެތިން ހަފްތާގެ ތެރޭގައި ރަގަޅުވާ ބައްޔެކެވެ.
ކަރު އަދި އަނގައިގެ ތެރެއަށް ތަދުވާތީ ތުއްތު ކުދިން ކެއުމާ ދުރުވެއެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ހަށިގަނޑުން ފެންމަދުވެ، ވަރުދެރަވާގޮތް ދިމާވެއެވެ. ދެތިން ދުވަހުގެ ތެރޭގައި ކެއިން ބުއިން ރަގަޅުވާން ފަށައެވެ. ހަފްތާއެއްގެ ތެރޭގައި ގައިގައި ހުރި ބިހިތައް، ފިލައިދެއެވެ. ފައިތިލަ އާއި އަތްތިލައިގައި ނަގާފައި ހުރި ބިހިތައް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފިލައިގެން ދެއެވެ.
މަދު ފަހަރަކު އަތާއި،ފައި، އަދި އަނގައިގެ ބަލި ޖައްސާ ޖަރާސީމް ތުއްތު ކުދިންގެ ސިކުނޑި، ހިތް، އަދި ފުއްޕާމޭ، ގައި އިންފެކްޝަން އުފައްދާނެއެވެ. ބަލިވެ އިންތާ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި މާބަނޑު މީހާގެ ހަށިގަނޑަށް މިޖަރާސީމް ވާޞިލްވެއްޖެނަމަ، ދަރިފުޅު ބޮޑުވާވަރަށް ބޮޑު ނުވާކަމަށާއި، ބައެއް ފަހަރު ބައިގެން ދިއުން ވެސް އެއީ އެކަށީގެންވާ ކަމެއްކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ.
ހުންގަދަވުމުން ބައެއް ކުދިން ފިޓްޖެހުން ކުރިމަތި ވެއެވެ. ނަމަވެސް ގިނަ ފަހަރު މިބައްޔަކީ ކުރުމުއްދަތެއްގެ ތެރޭގައި އެހެން މައްސަލަތަކެއް ކުރިމަތި ނުވެ މުޅިން ފަސޭހަވާ ބައްޔެކެވެ. ދެވަނަ ފަހަރު މިބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ބަލި ޖައްސާ ތަފާތު ވައިރަސް ތައް ހުރުމާއެކު ދެވަނަ ފަހަރު ފުރަތަމަ ޖެހުނު ވައިރަސް ނޫން ވައިރަހެއްގެ ސަބަބުން ބަލިޖެހުމުގެ ފުރުޞަތު އޮންނާނެތީ އެވެ.
އެންޓީރޯ ވައިރަސް 71 ގެ ސަބަބުން ކުރިމަތިވާ އަތާއި ފައި އަދި އަނގައިގެ ބަލީގެ ސަބަބުން ނާރުތަކުގެ ނިޒާމަށް އަސަރުކުރާލެއް (ސިކުނޑި ދުޅަވުން) ، އަދި ހިތުގެ މަސްގަނޑަށް އަސަރުކުރާ މިންވަރު އިތުރެވެ.
ފަރުވާ
ބަލި ދެނެގަތުމަށްޓަކައި ކޮންމެހެން ލެބޯޓަރީ ޓެސްޓެއް ހެދުމަކީ މުހިއްމު ކަމެއް ނޫނެވެ. މިބަލި ޑައިގްނޯޒް ކުރުމުގައި ބަލަނީ ބަލިމީހާގެ ޝަކުވާތަކާއި، އަދި ބަލިމީހާ ބަލައިގެން ފެންނަ އަލާމާތްތަކާއި ނިޝާންތަކުގެ މައްޗަށެވެ.
އަތާއި، ފައި، އަދި އަނގައިގެ ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ވައިރަސް ގެ ސަބަބުން ޖެހޭ ބަލިބައްޔަކީ ރަގަޅުވާން ނަގާ މުއްދަތު ހަމަވުމުން އަމިއްލައަށް ރަގަޅުވާނެ ބަލިބައްޔެވެ. ވީމާ މިބައްޔަށް އިތުރު ބޭހެއް ދިނުން ބޭނުމެއް ނުވެއެވެ. ނުވަތަ މާގިނަ ބޭސްތަކެއް ދިނުމަކީ ބޭނުންތެރިކަމެއް ނޫނެވެ. ނަމަވެސް ބަލިމީހާގެ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމަށް ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. މިގޮތުން ސަމާލުކަން ދޭންޖެހޭ މުހިއްމު ނުކުތާތަކަކީ:-
·         މިބައްޔަކީ 10-7 ދުވަހުގެ ތެރޭގައި ފަރުވާއަކާ ނުލައިވެސް ރަގަޅުވެދާނެ ބައްޔެކެވެ.
·         ގިނަ ގިނައިން އަރާމުކުރުން : އެގޮތުން ބަލިވުމުން ވީހާ ގިނައިން އަރާމުކުރަން ހަދާންކުރާށެވެ.
·         ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން : ހުންއައުމާއެކު ހަށިގަނޑުގެ ފެންމަދުވެ، ފެންހުސްވުން ކުރިމަތިވިޔަ ނުދިނުމަށްޓަކައި ވީހާވެސް ގިނައިން ދިޔާތަކެތި ދޭންވާނެ އެވެ. ޚާއްޞަކޮށް ކަރުތެރޭގައި ފާރުއުފެދިފައިވާނަމަ، ހޫނު އަދި ހުތްކޮށް ހުންނަ ތަކެތި ކުއްޖާއަށް ދޭނަމަ އިތުރު އުދަގޫތަކާއި ކުރިމަތިވެދާނެތީ އެފަދަ ތަކެތި ނުދިނުމަކީ އެންމެ ރަގަޅު ގޮތެވެ. ހުތްތަކެތި ދޭނަމަ އަނގަ ކަރާނެއެވެ. އޭގެ ބަދަލުގައި ފިނި އެއްޗެތި ދިނުމަކީ ރަގަޅު ކަމެކެވެ. އެގޮތުން ދިޔާތަކެތި ފިނިކޮށްފައި އެތިފޮދުފޮދުން ދިނުން ރަގަޅުވާނެއެވެ. ކުޑަކޮށް ފިނިތަކެތި ދިނުމުން އަނގަޔަށް ފަސޭހަވާނެއެވެ. މާބޮޑަށް ހަށިގަނޑުން ފެން ހުސްވުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެދުމަތިކޮށް އައިވީ ގުޅައިގެން ފަރުވާ ދޭންޖެހިދާނެ އެވެ.

·         ހުންތިރިކުރުން : ހުންތިރިކުރުމަށް ބޭސް ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ. ނަމަވެސް 20 އަހަރުން ދަށުގެ ކުދިންނަށް އެސްޕިރިން ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ވުމާއެކު އެސްޕިރިން ނުހިމެނޭ ހުން ތިރިކުރާ ބޭސް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. އެންމެ އެދެވިގެންވަނީ ޕެނަޑޯލް ފަދަ ބޭހެއް ބޭނުންކުރުމެވެ. އެއްފަހަރު ބޭސް ކެއުމަށްފަހު ދެވަނަ ފަހަރު ކެއުމާއި ދޭތެރޭގައި ހުންގަދަވާނަމަ ގައިގައި ފެންފޮތި އުގުޅުން ނުވަތަ ފެންފޮތި ހޭކުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ކޮންމެ 4 ގަޑިއިރަކުން ފިނިހޫނުމިން ބަލަންވާނެ އެވެ.
·         ފޮޅު ނަގާފައިވާ ހިސާބު އުގުޅުމަށް ނުވަތަ ކެއުމަށް ޑޮކްޓަރު ލިޔެދީފައިވާ ބޭސް ގަވާއިދުން ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މިގޮތުން ދެވޭ ބޭސްތަކުގެ ތެރޭގައި ލިޑޯކެއިން، ޑައިކްލޯނިން، ބެނަޑްރައިލް(ޑައިފެންހައިޑްރަމިން) ، އަދި ސަކްރަލްފޭޓް ފަދަ ބޭސްތައް ހިމެނެއެވެ.
·         ކާންދިނުމުގައި ފަސޭހައިން ދިރުވޭގޮތަށް އަދި ހަޖަމުކުރެވޭގޮތަށް ހުންނަ ކާތަކެތި ދިނުން: އެގޮތުން ފިނިކޮށްފައި ހުންނަ ޔޮގަޓް، ކަސްޓަޑު،ޕުޑިން، ފިނިފެން، ސަރުބަތު، އައިސް ކްރީމް، ކިރު، ބަތްޕެން، ސުރުވާ ފަދަ ހަފަން ނުޖެހޭ ސާދާތަކެތި ދިނުން އެދެވިގެން ވެއެވެ. ބަޓަރު، ޗީޒް ފަދަ ތެޔޮ ހުންނަ ކާނާ ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އަދި ހަވާދު އެކުލެވޭ ކުޅި ތަކެތި ދިނުމަކީ ވެސް އެދެވިގެންވާ ކަމެއް ނޫނެވެ.
·         އިރުއިރުކޮޅުން ފިނި ލޮނުފެން ފޮދަކުން އަނގަތެރެ ދޮވެ ސާފުކުރުން : ޚާއްޞަކޮށް ތަންކޮޅެއް ބޮޑު ކުއްޖެއްނަމަ، ކޮންމެ ފަހަރަކު ކައިނިމިގެން ތާފަނާ ނުވަތަ ފިނި ފެންފޮދަކުން އަނގަ ދޮވެލެވިދާނެ އެވެ. 1 ތަށި ތާފަނާ ފެނަށް ބައި ސައިސަމުސާ ލޮނު އަޅައި ގިރާލައިގެން އަނގަދޮވުމަށް ބޭނުން ކުރެވިދާނެ އެވެ.
·         ފޮޅުތައް ނުތުއްވުން : ބިހިތަކަށް ފިއްތުން ނުވަތަ ފޮޅުތައް ތުއްވުން އެއީ ރަގަޅު ކަމެއް ނޫނެވެ. ބިހިތަކާއި ފޮޅުތައް ތެތްވިޔަނުދީ ހިކިކަންމަތީ ބެހެއްޓުން މުހިއްމެވެ. ބިހިތައް ނުވަތަ ފޮޅުތައް މަތީ މަލަން އެޅުމާއި، އެއަށް ފުށްޖެހުން ފަދަ ކަންތައް ކުރުމަކީ ރަގަޅުކަމެއް ނޫނެވެ.
·         އެއްވެސް އެންޓިބަޔޮޓިކް އެއް ނުވަތަ އެންޓި ވައިރަލް އެއް ބޭނުންކުރުން ރަގަޅެއް ނޫނެވެ.


ބަލިން ރައްކާތެރިވުން
ބަލިން ރައްކާތެރިވުމުގެ ގޮތުން ދޭނޭ ވެކްސިނެއް އަދި ތައްޔާރު ކުރެވިފައެއް ނެތެވެ. ވުމާއެކު ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަކީ އަމިއްލައަށް އަޅަންޖެހޭ ފިޔަވަޅުތަކެކެވެ.
(ހ) - އަތުގެ ސާފުކަން : ދަރިފުޅުގެ ނެޕީ ބަދަލުކުރުމަށްފަހު، ނުވަތަ ދަރިފުޅު ތާހިރުކުރުމަށްފަހު ސައިބޯނި ލައިގެން ރަގަޅަށް އަތްދޮންނާށެވެ. އަދި ބަލީގެ އަލާމާތްތައް ފިލައިގެން ގޮސް ދެމަސް ފާއިތުވާ ފަހުން ވެސް ބޮޑުކަމުދާ ނަޖިހުގައި މިވައިރަސް ހުރުމަކީ އެކަށީގެންވާ ކަމެއްކަން ވެސް ހަދާންކުރާށެވެ. ވުމާއެކު އެމުއްދަތުގައި އެންމެ ކުޑަމިނުން ހުއްޓާނުލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ. ތަންކޮޅެއް ބޮޑުކުއްޖެއްނަމަ ފާޚާނާ ބޭނުންކުރުމަށްފަހު ( ނެޕީ ބަދަލުކޮށްފައި ވެސް ) ސައިބޯނިލައިގެން ރަގަޅަށް އަތްދޮންނާށެވެ. ކާއެއްޗެތި ތައްޔާރުކުރުމުގެ ކުރިން އަދި ކެއުމުގެ ކުރިން ( ކާންދިނުމުގެ ކުރިން ) ސައިބޯނި ލައިގެން ރަގަޅަށް އަތްދޮންނާށެވެ.
(ށ) - ތުއްތުކުދިން ގެންގުޅޭ ތަކެތި އަދި އެނޫންވެސް ގޭތެރޭގައި ގެންގުޅޭ ތަކެތި ސާފުތާހިރުކޮށް ބެހެއްޓުން: ތުއްތުކުދިން ކުޅެން އުޅުމުގެ ތެރޭގައި އެފަދަ ތަކެތި އަގަޔަށްލުމަކީ ވަރަށް ގިނައިން ކުރާ ކަމެކެވެ. ވުމާއެކު ކުޅެ ނިމުމުން އެފަދަ ތަކެތި ކްލޮރިން ފަދަ އެއްޗެއް ބޭނުންކޮށްގެން ދޮވެލުމަކީ ރަގަޅު ކަމެކެވެ. ގޭތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން އަތްލާ އުޅޭތަންތަން ( އަދި ތުއްތު ކުދިން އަގަޔަށްލާ ތަކެތި ) ބްލީޗް އަޅާފައި ހުރި ފެންފޮދަކުން ދޮވެ ސާފުކޮށްފައި ބަހައްޓާށެވެ.
(ނ) - ބަލިޖެހިފައިވާ ކުދިން ވީވަރަކުން ވަކިން ގެންގުޅުން: ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ބަލިޖެހިފައިވާ ކުދިން އެހެންކުދިންނާއި ވަކިން ގެންގުޅުން މުހިއްމެވެ. ބަލި ރަގަޅުވަންދެން ސުކޫލް އަށާއި، އެހެންކުދިންގެ ތެރެއަށް ނުފޮނުވައި ގެންގުޅުން ރަގަޅެވެ. ހުން އަންނަކުދިން ނުވަތަ ބަލީގެ އަލާމާތްތައް ހުރި ކުދިން ސުކޫލަށް ނުފޮނުވާށެވެ. ސުކޫލަށް ފޮނުވާނީ އަނގައިގައި ހުރި ފާރު ރަގަޅުވުމުންނެވެ.
(ރ) - ބަލިކުދިންނާއި މީހުންނާއި މާބޮޑަށް ގާތްވެ ގައިގޯޅިވެނޫޅުން: ބަލިކުދިން ގައިގައި ބައްދާލައި އުރާލައި ހެދުމާއި، ދޮންދީ ހެދުމަކީ މިފަދަ ވައިރަސް އެޅުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމަކަށްވާއިރު އެފަދަ ކަންކަން ނުކުރުމަކީ އެންމެ ރަގަޅު ގޮތެވެ. އަދި އާއިލާގެ ހުރިހާ މެންބަރުންވެސް މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. ބަލިކުއްޖަކު ގެންގުޅޭ ބެލެނެވެރިން މަސައްކަތު ނިކުތުން އެއީ ރަގަޅު ކަމެއްނޫނެވެ.
(ބ) - ކާބޯތަކެތީގެ ސާފުތާހިރުކަމަށް ރައްކާތެރިވުން: އެގޮތުން ކާތަކެތި ކެއުމުގެ ކުރިން ރަގަޅަށް ދޮވެގެން ކެއުން މުހިއްމެވެ. ތަރުކާރީފަދަ ތަކެތި ހޫނު ފެނުން ކައްކައިގެން ބޭނުންކުރުން މުހިއްމެވެ. އަދި ކެއުމުގެ ކުރިންނާއި ކާތަކެތީގައި އަތްލުމުގެ ކުރިން ރަގަޅަށް ސައިބޯނިލައިގެން އަތްދޮވެގެން ކެއުން މުހިއްމެވެ.
(ޅ) - އެހެންމީހުންނަށް ޖަރާސީމް ވާޞިލްވާނެ ފަދަ ގޮތްތަކާއި ދުރުހެލިވެ އުޅުން: ފާޚާނާއަށްދިއުމާއި، ނޭފަތްފޮޅުން، ނެޕީބަދަލުކުރުން، ފަދަ ކަންތައްތަކަށް ފަހު ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުމަކީ މުހިއްމު ކަމެކެވެ. .ޖަރާސީމް އަތުގައި ހުރެ ތަންތަނުގައި އަތްނުލުން ފަދަ ކަންކަމަށް ސަމާލުވުން މުހިއްމެވެ. 
(ކ) - ސާފުތާހިރުކަމަށް ބާރުއެޅުން: ކުއްޖާ ބަލިން ރަގަޅުވި ނަމަވެސް ވައިރަސް މަހެއްހާ ދުވަސްވަންދެން ބޮޑުކަމުދާ ތަކެތީގައި ހުރެއެވެ. އެހެންކަމުން ސާފުތާހިރުކަމަށް ސަމާލުކަން ދޭންވާނެއެވެ. މިސާލަކަށް ގިނަގިނައިން އަތްދޮވުމުގެ ބޭނުންތެރިކަމާއި، ޖަރާސީމް ހުންނަ ތަންތަނުގައި އަތްނުލުމުގެ މުހިއްމުކަން ކިޔާދެވިދާނެ އެވެ. ތުއްތު ކުދިންނަށް ސާފުތާހިރު ކަމުގެ މުހިއްމުކަން ދަސްކޮށްދޭށެވެ. އަނގަޔަށް އަތްލުން ފަދަ ކަންތައް ހުއްޓުވޭތޯ މަސައްކަތްކުރާށެވެ.
މައުލޫމާތު:
·         ހޭންޑް،ފުޓް، އެންޑް މައުތު ޑިޒީޒް - ކުލުނު 234 – ސެޕްޓެމްބަރު 2007 – ޝީ – ދިވެހިރާއްޖެ
·         ހޭންޑް،ފުޓް، އެންޑް މައުތު ޑިޒީޒް – ޑރ އިސްމާޢީލް ޝަފީޢު - ޖޫން 2007 – ޑިޕާޓްމެންޓް އޮފް ޕަބްލިކް ހެލްތު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން – ދިވެހިރާއްޖެ
·         ހޭންޑް،ފުޓް، އެންޑް މައުތު ޑިޒީޒް – ޑރ ޢަބުދުﷲ ޢުބައިދު – ހަވީރު ނޫސް 23މާރޗް 2010
·         އަތާއިފައި އަދި އަނގައިގެ ބަލި – ދިވެހިވިކިޕީޑިޔާ
·         އަތާއިފައި އަދި އަނގައިގެ ބަލި – ކަވާސާ.ކޮމް
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
·         ބައެއް މެޑިކަލް ފޮތްތައް