Thursday, May 31, 2012

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުގެ ފައިދާ

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމުން ލިބޭ ފައިދާތައް
* 20 މިނިޓް ފަހުން : ހިތުގެވިންދު، ލޭގެ ޕްރެޝަރު ދަށްކުރުވައެވެ
* 12 -8 ގަޑިއިރު ފަހުން : ލޭގައި ހުންނަ ކާބަން މޮނޮކްސައިޑްގެ މިންވަރު ހަމައަކަށް އެޅެއެވެ.
* 3 ދުވަހުގެ ތެރޭގައި: ނޭވާލާން ފަސޭހަވާން ފަށައެވެ.
*  2ހަފްތާ – 3 މަހާ ދޭތެރޭގައި : ހިތް ހުއްޓުމުގެ ފުރުޞަތު ދަށްވާން ފަށައެވެ. އަދި ލޭހިނގުން އަވަސްވެ، ފުއްޕާމޭގެ ބާރުގަދަވެ، ފުއްޕާމޭގެ މަސައްކަތް ރަގަޅުވާން ފަށައެވެ.
* 9-1 މަސް ފަހުން:ކެއްސުމާއި ނޭވާކުރުވުން ކުޑަވެ ރަގަޅުވާން ފަށައެވެ. ނޭވާލާ ނިޒާމުގެ ބައިތަކުގައި ހިމެނޭ ނަރުވާތަކުގެ މަސައްކަތް އަލުން ފަށައި، ފުއްޕާމެއިން ދަވަތައް ބޭރުކޮށް ފުއްޕާމޭސާފުކޮށްދީ،ފުއްޕާމޭގެ މަސައްކަތް ހަލުވިކޮށްދެއެވެ.
* 1 އަހަރު ފަހުން : ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު %50 ދަށްކޮށްދެއެވެ.
* 5 އަހަރު ފަހުން : 15-5 އަހަރާ ދޭތެރޭ ސްޓްރޯކްޖެހުމުގެ ފުރުޞަތު ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހެކޭ އެއްވަރަށް ދަށްވެއެވެ. އަދި ރަހިމުގެ ދޮރަށް ކެންސަރު ޖެހުމުގެ ފުރުޞަތު ވެސް ސިގިރޭޓް ނުބޯމީހެކޭ އެއްވަރަށް ދަށްވެއެވެ.
* 10 އަހަރު ފަހުން: ފުއްޕާމޭގެ ކެންސަރުގައި މަރުވުމުގެ ފުރުޞަތު %50 ދަށްވެއެވެ. އަނގަ، ކަރު، ކާތަކެތި ހިނގާހޮޅި، ލަގޮނޑި، މަސާނާ، ގުރުދާ، ޗިސްމޭ އަށް ކެންސަރު ޖެހުމުގެ ފުރުޞަތު ދަށްވެއެވެ.
* 15 އަހަރު ފަހުން : ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހެކޭ އެއްވަރަށް ދަށްވެއެވެ.
* މީގެ އިތުރުން:-
Ø      ވަސްދުވުން ރަގަޅުވުން
Ø      ދަތްތައް ހުދުވުން
Ø      ގައިން ނުބައިވަސް ދުވުން ހުއްޓުން
Ø      ނިޔަފަތީގައި ހުންނަ ރީނދޫކުލަ ފިލައިދިއުން
Ø      ކާތަކެތީގެ ރަހަ ރަގަޅުވުން
Ø      ނޭވާލާއިރު ނުބައިވަސް ދުވުން ހުއްޓުން
Ø      އެހެންކަންކަން ކުރާނެ ހަކަތައާއި ބާރު ހަށިގަނޑަށް ލިބުން
Ø      ދަރިންނަށް ނަމޫނާ ބަޔަކަށްވުން
Ø      ދުންފަތަށް ޚަރަދުވާ ފައިސާ ސަލާމަތްކުރެވުން
Ø      އެހެން މީހުން ދުންފަތުގެ ނުރައްކަލުން ސަލާމަތް ކުރެވުން

ދުންފަތުގެ އިސްތިއުމާލުކުރުމާއި ގުޅުންހުރި ކުށްހީތައް

ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ގުޅުންހުރި ކުށްހީތައް
(1)- ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އިޚްތިޔާރުކުރާ ކަމަކަށް ނުވަތަ "ޗޮއިސް" އަކަށްވުން ނުވަތަ ޗޮއިސްކަމަށް ބުނުން
ދުންފަތުގެ އިސްތިޢުމާލުކުރާ ފުރަތަމަ ފަހަރު އެއީ އޭނާ "ޚިޔާރުކުރިކަމަކަށް" ނުވަތަ "ހޮވުމެއް" ކަމަށް ބަލައިގެން ދުންފަތުގެ އިސްތިއުމާލުކޮށްފާނެއެވެ. ނަމަވެސް ތަކުރާރުކޮށް ކުރުމުން އެއީ ޗޮއިސްއަކަށްނުވާނެ އެވެ. ދުންފަތުގެ ދުމުގައި ހިމެނޭ ނިކޮޓީން އަށް ވަރަށް އަވަހަށް ދެވިހިފައެވެ. ނިކޮޓީން އަކީ ސިކުނޑީގައިވާ ކެމިކަލްގެ ހަމަހަމަކަމަށް ބަދަލުގެނުވާ މާއްދާއެކެވެ. ނިކޮޓީން އާއި ދުރުވުމަށް ބައެއް ފަހަރު ޑޮކްޓަރަކާއި ވާހަކަ ދައްކައިގެން ނިކޮޓީންގެ ބަދަލުގައި ބޭނުންކުރާނެ ބޭހެއް ހޯދިދާނެ އެވެ. އެގޮތުން ނިކޮޓިން ޕެޗް، ސްޕްރޭ، އިންހޭލަރ، އަދި ޗުއިންގަމް ފަދަ އެއްޗެއް ޚިޔާރު ކުރެވިދާނެ އެވެ. ބައެއް ފަހަރު ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އާދައަކަށްވި ނަމަވެސް، ދުންފަތުގެ އިސްތިޢުމާލުކުރާ އަދި ދުންފަތް ބޭނުންކުރާ ގިނަމީހުން ތިބެނީ އެކަމަށް ދެވިހިފާފައިކަން ފާހަގަ ކުރެވެއެވެ. ނިކޮޓީން އަށް ދެވިހިފުމަށްފަހު އެކަން(ދުންފަތުގެ އިސްތިޢުމާލުކުރުން) ހުއްޓާލުމަކީ ވަރަށް އުދަނގޫކަމެކެވެ. ނަމަވެސް ތަކުރާރުކޮށް މަސައްކަތްކުރުމުން ހުއްޓިދާނެ އެވެ. ވީމާ ދުންފަތުގެ އިސްތިއުމާލު ކުރަނީ އެއީ އޭނާގެ ޗޮއިސްއަކަށްވާތީ އޭ ބުނުމަކީ އިންސާފެއް ނޫނެވެ.
 
(2)- ފިލްޓަރުގެ އެހީގައި ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ރައްކާތެރިކަމެއްކަމަށް ދުށުން  
ފިލްޓަރަކީ ދުންފަތުގެ ދުމުން ރައްކާތެރިކޮށްދޭ އެއްޗެއްނޫންކަން ހަދާންކުރާށެވެ. އޭގެ ބަދަލުގައި ފިލްޓަރު ބޭނުންކުރުމުން އެތެރެވާ ދުމުގެ އެތިކޮޅުތައް ސައިޒުން ކުޑަކޮށްލައެވެ. މިގޮތަށް ދުމުގެ އެތިކޮޅުތައް ސައިޒުން ކުޑަވުމުން އޭގައި ހިމެނޭ ނިކޮޓީން ހަށިގަނޑަށް ނެގުމަށް ފަސޭހަވެއެވެ. މިކަމުގެ ސަބަބުން ދެވިހިފުމަށް މަގުފަހިވެ، އަވަހަށް ނިކޮޓިން އަށް ދެވިހިފާ ގޮތް ވެއެވެ. މިފަހަކަށް އައިސް ލައިޓް ސިގިރޭޓަކީ ގެއްލުންކުޑަ ސިގިރޭޓް ކަމަށް ބުނެ އުޅެއެވެ. ނުވަތަ ބައެއް މީހުން އެގޮތަށް ގަބޫލުކުރެއެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. ލައިޓް ސިގިރޭޓް ގައި ނިކޮޓީން ތަންކޮޅެއް މަދެވެ. އާދައިގެ ސިގިރޭޓަކުން 1.2މިލިގްރާމް ނިކޮޓީން ހަށިގަނޑަށް ވަންނައިރު، ލައިޓް ސިގިރޭޓުން ހަށިގަނޑަށް ވަންނަނީ 0.7މިލިގްރާމް ނިކޮޓީން އެވެ. ވީމާ އެއްވެސް ބާވަތެއްގެ ސިގިރޭޓަކީ ޞިއްޙަތަށް ރައްކާތެރި އެއްޗެއް ނޫންކަން ހަދާންކުރާށެވެ.  އަދި ފިލްޓަރު ފަދަ ތަކެތި ބޭނުންކުރިޔަސް ދުންފަތުން ރައްކާތެރިކޮށް ނުދޭކަން ވިސްނަންވާނެ އެވެ.

(3)- ބައެއް މީހުން ދެކޭގޮތުގައި ދޭތެރެއަކުން ސިގިރޭޓެއް ބޯލުމަކީ (ދުންފަތުގެ އިސްތިއުމާލުކުރުމަކީ) މައްސަލައެއް ނޫން
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދޭތެރެ ދޭތެރެއިން ނުވަތަ ހާލަކުން ފަހަރަކު ދުންފަތުގެ އިސްތިއުމާލު ކޮށްލުމަކީ މައްސަލަ އެއް ނޫނެވެ. އަދި އެއީ ޞިއްޙީ ނުރައްކަލެއް ދިމާވާނެ ކަމެއް ނޫނެވެ. ނަމަވެސް މިއީ މުޅިން ރަގަޅު ގަބޫލުކުރުމެއް ނޫނެވެ. ނުވަތަ މިއީ ކުށްހީ އެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުން ބަލިޖެހެނީ ހަމައެކަނި ދިގުމުއްދަތަކަށް ދުންފަތުގެ އިސްތިޢުމާލުކުރާ މީހާއަކަށް ނޫންކަން ހަދާންކުރަން ޖެހެއެވެ. 2010 ވަނަ އަހަރުގެ އެމެރިކާގެ ސާޖަން ޖެނެރަލް ރިޕޯޓް ބުނާގޮތުގައި ދުންފަތުގެ ދުށް އިންސާނާގެ ހަށިގަނޑަށް ނޭވާލުމުގެ ނިޒާމުން އެތެރެވުމާއެކު ހަށިގަނޑަށް ގެއްލުންދޭންފަށައެވެ. އަދި ދުންފަތުގެދުމަކީ(ނުބޯމީހަކަށްވެސް)ކުއްލިއަކަށްހިތްހުއްޓުމަށް(ހާރޓްއެޓޭކްޖެހުމަށް) މަގުފަހިކުރާއެއްޗެކެވެ.ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ ފަހަރަކު ފުއްޕާމޭ، ލޭހޮޅިތައް، ހަށިގަނޑުގެ އެކި ސެލްތަކަށް ގެއްލުންވެއެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެންމެދެތިން ސިގިރޭޓް ބުއިމަކީ (ދުންފަތުގެ އިސްތިޢުމާލުކުރުމަކީ)ވެސް ހާރޓް އެޓޭކް ޖެހިދާނެ ކަމެކެވެ. ވީމާ ދޭތެރެއަކުން ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ރަގަޅުކަމެކޭ ބުނެ ކުރާ ދަޢުވާ އަކީ އެއްވެސް ކަހަލަ ހަގީގަތެއް އޮތް ކަމެއް ނޫނެވެ.

(4)- ބައެއް މީހުން ދެކޭގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރާތާ އެތައް ދުވަހެއް ވުމަށްފަހު ހުއްޓާލުމަކީ ބޭނުންހުރި ކަމެއް ނޫން.  ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރާތާ އެތައް ދުވަހެއް ނުވަތަ އަހަރުތަކެއް ވުމަށްފަހު ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަކީ ބޭނުންހުރި ނުވަތަ ފައިދާހުރި ކަމެއް ނޫނެވެ. އެފަދަ މީހުން ސަބަބަކަށް ބުނަނީ އެއީ ގިނަ ދުވަހު ބުއިމުން ހަށިގަނޑަށް ވާނެ ހުރިހާ ގެއްލުމެއް ވެނިމިފައިވާ ކަމަށް ބުނުމެވެ. ނަމަވެސް މިއީ ވަރަށް ބޮޑު އޮޅުމެކެވެ. ތެދެއްމެ!ދިގުމުއްދަތަކަށް ދުންފަތުގެ އިސްތިޢުމާލުކުރާ ވަރަކަށް ހަށިގަނޑަށްލިބޭ ގެއްލުން ބޮޑުވާނެ އެވެ. ނަމަވެސް ކޮންމެ ޢުމުރެއްގައި ވިޔަސް ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާއިރަށް ހަށިގަނޑުގެ ދުޅަހެޔޮކަން ރަގަޅުވާން ފަށާނެ އެވެ. އަދި އޭގެ ފައިދާ ތައް ފެންނަން ފަށާނެއެވެ. ވީމާ އެތައް ދުވަހަކަށް ފަހު ހުއްޓާލުމަކީ ބޭނުންހުރި ކަމެއް ނޫނޭ ބުނެ ދައްކާ އުޒުރަކީ ދުންފަތް ހުއްޓާލުމަށް އޮތް ހުރަހަކަށް ވިޔަ ދީގެން ނުވާނެއެވެ.

(5)- ބައެއް މީހުން ދެކޭގޮތުގައި ދުންފަތުގެ ދުމަށް ހުށަހެޅުމުން އެނުބޯމީހާ އަށް އުދަނގޫތަކެއްވިޔަސް ގެއްލުމެއް ނުވާނެ
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ނުސީދާކޮށް ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ނުވަތަ ދުންފަތުގެ ދުމަށް ހުށަހެޅުމަކީ އެދުމަށް ހުށަހެޅޭ ފަރާތަށް އުދަނގޫތަކެއް މެދުވެރިޔަސް އޭގެ ސަބަބުން ޞިއްޙީ ގެއްލުމެއް ލިބޭނޭ ކަމެއް ނޫނެވެ. މިކަމަށް ޚުދު ދުންފަތް އުފައްދާ ކުންފުނިތަކުން ވެސް ދެކޮޅު ހަދައެވެ. ނަމަވެސް މިއީ އެއްވެސް ވަރެއްގެ ހަގީގަތެއް އޮތް ކަމެއް ނޫނެވެ. ހަގީގަތަކީ ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ވެސް އޭގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އެތައް ގެއްލުމެއް ވާކަމެއް ކަމެވެ. އަހަރަކު 6 ލައްކަ މީހުން ދުންފަތުގެ ދުމަށް ހުށަހެޅިގެން ޖެހޭ ބަލިތަކުގައި މަރުވާކަމަށް ތަފާތު ހިސާބުތައް ދައްކައެވެ. ދުންފަތުގެ ދުމުގައި ހިމެނޭ ކެމިކަލްތައް ހަށިގަނޑަށް އެތެރެވުމަކީ ލޭގެ ހިނގުމަށް ބަދަލުގެނުވާ ކަމެކެވެ. އެގޮތުން ލޭއޮލަކޮށްދީ ސިކުނޑިއާއި ހިތަށް ލޭފޮނުވައިދޭ ލޭހޮޅިތަކުގެ ތެރޭގައި ގަނޑުލޭކޮޅު އުފެދި ލޭހޮޅި ބެދި ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ވަށައިގެންތިބޭ އެންމެންނަށް ދުންފަތުގެ ދުން ވާޞިލްކުރުވާނެކަމެކެވެ. ކާރުގައި ނުވަތަ ދުއްވާ ތަކެތީގައި ސިގިރޭޓް ބޯއިރު ބިއްލޫރިގަނޑު ތިރިކުރުމަކީ އެތެރޭގައި ތިބޭ ދަތުރުވެރިން ދުންފަތުގެ ދުމުން ރައްކާތެރިކޮށްދޭނެ ކަމެއްނޫންކަން ހަދާންކުރަން ޖެހެއެވެ. ވީމާ ދުންފަތުގެ ދުން އެއްވެސް މިންވަރަކަށް ހަށިގަނޑަށް އެތެރެވުމަކީ ރައްކާތެރިކަމެއް ނޫންކަން ގަބޫލުކުރަން ޖެހެއެވެ. ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ކަންފަތުގެ އިންފެކްޝަން، ނިއުމޯނިޔާ ފަދަ ފުއްޕާމޭގެ އިންފެކްޝަން އަށަގަތުގެ ފުރުޞަތު ދުންފަތުގެ ދުމަށް ހުށަހެޅުމުން އިތުރުވެގެން ދެއެވެ.

(6)- ބައެއް މީހުން ދެކޭގޮތުގައި ކުޑަ ދަރިފުޅުގެ ހަށިގަނޑަށް ދުންފަތުގެދުމުގެ ކުޑަމިންވަރެއް ދިއުމަކީ ނުރައްކާތެރި ކަމެއްނޫން!
ބައެއް މީހުން ދެކޭ ގޮތުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ދުންފަތުގެ ދުމުގެ ޒައްރެއްގެ މިންވަރު ވާޞިލްވުމަކީ ނުރައްކާތެރި ކަމެއްނޫނެވެ. ނަމަވެސް މިއީކީ ވެސް ހަގީގަތެއް ނޫނެވެ. ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ކިތައްމެ ކުޑަ މިންވަރެއް ވަނަސް އެކަމުގެ އުދަނގޫ އެކުއްޖެއްގެ ފުށުން ފެންނާނެ އެވެ. ވީމާ ކުޑަކުދިން އުޅޭ ހިސާބުގައި ދުންފަތުގެ އިސްތިޢުމާލުނުކުރުމާއި، އެހެން މީހުން ދުންފަތުގެ އިސްތިޢުމާލު ކުޑަކުދިން އުޅޭ ހިސާބުގައި ނުކުރުމަށް ބާރުއެޅުމަކީ މުހިއްމު ކަމެކެވެ. ދުންފަތުގެދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނިއުމޯނިޔާ،ވައިނޮޅީގެ ކަފި ދުޅަވުން، ކަންފަތުގައި ޖަރާސީމު އެޅުން ކުރިމަތިވެއެވެ. ކުޑަ ދޮރު ހުޅުވައިގެން ގޭގައި ދުންފަތުގެ އިސްތިޢުމާލު ކުރި ނަމަވެސް ގޭތެރޭގައި ކޮންމެވެސް މިންވަރަކަށް ދުންހުރެއެވެ. މިވިހަ ދުންތައް ތުއްތު ދަރިފުޅުގެ ހަށިގަނޑަށް އެތެރެވުމުގެ ފުރުޞަތު އޮވެއެވެ. އެހެން ކަމުން ތުއްތު ކުދިން ދުންފަތުގެ ދުމުން ރައްކާތެރިކުރުމަށް އެންމެ ރަގަޅު ގޮތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމެވެ. އަދި ތުއްތު ކުދިން އުޅޭ ގޭގައި އުޅޭ މީހުން ވެސް ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމެވެ. އަދި މިކަމުން ސަލާމަތްވުމަށް ދުންފަތުން ރައްކާތެރި ވެއްޓެއް ތުއްތު ކުދިންނަށް ގާއިމްކޮށްދިނުމަކީ މުހިއްމު ކަމެކެވެ.

ދުންފަތުގައި ހިމެނޭ ކެމިކަލްތައް

ދުންފަތުގައި ހިމެނޭ ކެމިކަލްތައް
ދުންފަތުގެ ދުމުގައި އެކުލެވޭ ހަށިގަނޑަށް ގެއްލުން ދެނިވި ކެމިކަލްތައް
ދުންފަތުގައި 7000 އަށްވުރެ ގިނަ ކެމިކަލް އެކުލެވެއެވެ. އޭގެ ތެރޭގައި ވިހަ 400-250 އާއި ދެމެދުގެ އަދަދަކަށް ވިހަ މާއްދާ އަދި ކެންސަރު ޖައްސަނިވި މާއްދާތައް 70-50 އާއި ދެމެދުގެ އަދަދަކަށް ހިމެނެއެވެ.

ނިކޮޓީން
ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެވިހިފަނީ އޭގެ ދުމުގައި އެކުލެވޭ ''ނިކޮޓީން'' ގެ ސަބަބުންނެވެ. ނުވަތަ މިއީ ދެވިހިފުމަށް މެދުވެރިކުރުވާ އެންމެ ބޮޑު އެއް މާއްދާ އެވެ. މިއީ ނާރުތަކުގެ ނިޒާމް މުރާލިކޮށް، ހިތުގެ ވިންދު ޖެހުން އަވަސްކޮށް، ލޭގެ ޕްރެޝަރު މައްޗަށް ގެންދާ ކަމެކެވެ. ހަށިގަނޑަށް ދުން ވާޞިލްވާތާ 10 ސިކުންތުގެ ތެރޭގައި ނިކޮޓީން އާއި ތާރުގެ ބައިތައް ސިކުނޑިއަށް ވާޞިލްވެއެވެ. 1 މިނިޓަށްވުރެ އަވަހަށް މުޅި ހަށިގަނޑަށް ނިކޮޓީންގެ އަސަރު ފެތުރެއެވެ. އުރަމަތިން ބޭރުވާ ކިރު އަދި ހަށިގަނޑުގެ އެހެން ބައިތަކުން ވެސް ނިކޮޓީންގެ އަސަރު ފެނެއެވެ. ނިކޮޓީންގެ އެންމެ 60މލގ މީހެއްގެ ދޫމަތީގައި ބާއްވައިފިނަމަ ހިނދުކޮޅެއްގެ ތެރޭގައި އެމީހާ މަރުވެދެއެވެ. ހަށިގަނޑުގެ ހުރިހާ ބައެއްގައި ނިކޮޓީން އަށަގަނެއެވެ. ނިކޮޓީންގެ ސަބަބުން ހިތުގެ ހިނގުން އަވަސްވެ، ލޭގެ ޕްރެޝަރ މަތިވެ، އެލާރޓް( ސަމާލުކަން އިތުރުވުން)، ރިލެކްސްވާ ކަހަލަ އިހުސާސެއް ކުރެވެއެވެ. މަދުވެގެން 30 މިނިޓްގެ ތެރޭގައި ނިކޮޓީންގެ އަސަރު ކުޑަވާން ފަށައެވެ. ސިގިރެޓްގައިވާ ނިކޮޓިންގެ މިންވަރު ވަނީ 1998ގައި 10%އަށް އިތުރުކޮށްފައެވެ. ނިކޮޓީން އަށް ދެވިހިފުމުން ސިގިރޭޓް ބޯމީހާ ހާސްވެ، ވަރުބަލިވެ، ސަމާލުކަން ގެއްލެއެވެ. އާދައިގެ ސިގިރޭޓަކުން 1.2 މިލިގްރާމްގެ ނިކޮޓީން ހަށިގަނޑަށް އެތެރެވާއިރު ލައިޓް ސިގިރޭޓަކުން 0.7 މިލިގްރާމްގެ ނިކޮޓީން ހަށިގަނޑަށް އެތެރެވެއެވެ.
ނިކޮޓިން އިން ދެވިހިފާ ގޮތް
ސިގިރޭޓް ބުއިމަށްފަހު ހަށިގަނޑަށް ވާސިލްވާ ނިކޮޓިން މަސައްކަތްކުރާނީ ސިކުނޑިއަށް މެސެޖް ފޮނުވާދޭ މަގުގައެވެ. އާންމު ގޮތެއްގައި ސިކުނޑިގައިވާ ނާރުތަކުންނާއި ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކުން މެސެޖް ފޮނުވައިދެނީ ނިއުރޯޓްރާންސްމިޓާރސް މެދުވެރިކޮށެވެ.ސިގްނަލް ދަތުރުކުރާނީ އެއް ނާވް ފައިބަރ އަކުން އަނެއް ނާވް ފައިބަރ އަކަށެވެ. ނިކޮޓިން(ރަތްކުލައިގަ) ސިގްނަލް ލިބޭ ހިސާބް ބަންދުކޮށްލައެވެ.މީގެ އިތުރުން ނުބައި ސިގްނަލެއް ފޮނުވާލައެވެ.ފުރަތަމަ މި ސިގްނަލުން ފޮނުވާ މެސެޖް ގަބޫލް ނުކުރާނެއެވެ.ނަމަވެސް ފަހުން މި މެސެޖަކީ ރަނގަޅު ގޮތުގައި އަންނަ މެސެޖެއްކަމަށް ގަބޫލްކުރެވެއެވެ. ނިކޮޓީންގެ އަސަރު މަދުވެއްޖެނަމަ ހަށިގަނޑަށް ގޯހެއް އުޅޭކަމަށް ވިސްނެން ފަށައެވެ.މީގެ ސަބަބުން ބައެއް އުނދަގޫތައް ދިމާވެ އަލުން ސިގިރޭޓެއް ބޮއެ ނުލައި ނޫޅެވޭ ވަރުވެއެވެ. ސިގިރޭޓް ހުއްޓަލުމަށްފަހު ހަށިގަނޑުން ނިކޮޓީންގެ އަސަރު ފިލަމުންދާ ވަރަކަށް މި މެސެޖްތައް ރަނގަޅުކޮށްލައެވެ. (ނޯޓް: މިއީ ސީސީއެޗްޑީސީގެ ލިޔުމަކުން ނަކަލުކޮށްފައިވާ ތަންކޮޅެކެވެ)
ތާރު
ތާރު އަކީ ސިގިރޭޓްގެ ދުމުގައި ޖުމުލަ ގޮތެއްގައި ހިމެނޭ ހުރިހާ ބާވަތެއްގެ މާއްދާތަކަށް ބޭނުންކުރެވޭ ނަމެކެވެ. ނުވަތަ މިއީ ދުންފަތުގައި ހިމެނޭ ހުރިހާ މާއްދާ އެކުވެގެން އުފެދޭ ކަޅު މުށި ކުލައިގެ މާއްދާ އެކެވެ. ތާރު ގައި ހިމެނޭ ކެމިކަލް ތަކުގެ ތެރޭގައި، ނައިޓްރޯޖަން އޮކްސައިޑް، ކާބަން މޮނޮކްސައިޑް، އަދި ކާބަން ޑައިއޮކްސައިޑް ފަދަ މާއްދާތައް ހިމެނެއެވެ.ތާރު ހުންނަނީ ތަތްކޮށް ކަޅު މުށިކުލަ އަކަށެވެ. އެހެން ކަމުން ދަތްތަކާއި، ނިޔަފަތިތައް، އަދި ފުއްޕާމޭގެ ޓިޝޫ ތަކުގައި ޓާރ ހަރުލައި، އެޓިޝޫ ތަކުގެ ކުލަ މުށި ރީނދޫ ކުލައަކަށް ބަދަލުކޮށްލައެވެ. ޓާރ ގައި ''ބެންޒޯޕައިރީން'' ކިޔާ ކެންސަރު ޖައްސާ މާއްދާއެއް ހުރެއެވެ. ތާރަކީ ފުއްޕާމޭގައިވާ ނަރުވާ ލޯލި އިސްތަށިތައް (ނޭވާލާ އިރު ހަށިގަނޑަށް ވަންނަ ވިހަމާއްދާތައް ފުއްޕާމެއާ ހަމައަށް ދިޔަނުދީ ހިފަހަށްޓާދޭ ) ހަލާކުކޮށްލާ މާއްދާ އެކެވެ. އަދި ފުއްޕާމޭގެ ދެމޭބާރު ދައްކޮށްދެއެވެ. މީގެ ސަބަބުން ފުއްޕާމޭ ޕަމްޕުކުރުމަށް އުނދަގޫވޭ، އަދި އޮކްސިޖަންގެ މިންވަރު ހަށިގަނޑުގައި މަދުވެއެވެ.
ކާބަން މޮނޮކްސައިޑް
ކާބަން މޮނޮކްސައިޑް އަކީ ކުލައެއްނުވާ ވިހަ ގޭހެކެވެ. މިގޭހުގެ ބޮޑު ޑޯޒެއްގެ ސަބަބުން ލޭގައިވާ އޮކްސިޖަން ގެ ބަދަލުގައި މިގޭސް އޮކްސިޖަން ގެ މަގާމަށް ވާޞިލްވެއެވެ. ލޭގެ ރަތް ސެލްގައި ހުންނަ ހިމަގްލޯބިން އަކީ އޮކްސިޖަން ޓިޝޫތަކަށް ފޯރުކޮށްދޭ މައިގަނޑު ވަޞީލަތެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ ހަށިގަނޑުގައި ހިމަގްލޯބިން އާއި އެއްވުމުގެ ބާރު އޮކްސިޖަން އަށްވުރެ ކާބަން މޮނޮކްސައިޑް އަށް ލިބިފައިވާލެއް މައްޗެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ހިތް މަސައްކަތްކުރާލެއް އަވަސްވެގެން ދެއެވެ. އެއީ ސިކުނޑި އާއި މަސްތައް އަދި އެހެނިހެން ޓިޝޫތަކަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމަށްޓަކައެވެ. މި ގޭސް ލޭގައިވާ ހިމޮގްލޮބިންއާއި އެކުވެ، ލޭގެ ރަތް ސެލް އިން ހަށިގަނޑަށް ފޮނުވައިދޭ އޮކްސިޖަންގެ މިންވަރު ދަށްކޮށްލައެވެ. ކާރބަން މޮނޯކްސައިޑް:ދުއްވާ އެއްޗެތީގެ ދުމުގައިވެސް ހުންނަ މާއްދާއެއް
ނައިޓްރޯޖަން އޮކްސައިޑް
ޖަނަވާރުތައް ބޭނުންކޮށްގެން ހެދިފައިވާ ތަޖުރިބާތައް ދައްކާ ގޮތުގައި ނައިޓްރޯޖަން އޮކްސައިޑް އަކީ ފުއްޕާމެޔަށް ގެއްލުންދެނިވި މާއްދާ އެކެވެ. ފުއްޕާމެޔަށް ޖެހޭ ބައްޔެއް ކަމުގައިވާ އެމްފިޒީމާ ( ފުއްޕާމޭގެ އެންމެ އެތެރޭގައި ހުންނަ ކުދިކުދި ވައިކޮތަޅުތައް ފުޅާވެ ބޮޑުވުން ) ކުރިމަތި ކުރުވުމުގައި ނައިޓްރޯޖަން އޮކްސައިޑްގެ ދައުރެއްވާކަމަށް ވަނީ ގަބޫލުކުރެވިފައެވެ.
ހައިޑްރޯޖަން ސައިނައިޑް
ފުއްޕާމޭގެ އެތެރޭގައި ކުދިކުދި ނަރުވާ ނުވަތަ އިސްތަށިތަކެއް ހުރެއެވެ. މިނަރުވާ ތަކުގެ ބޭނުމަކީ ހަށިގަނޑުން ބޭރުން ފުއްޕާމޭ އަށް ވާޞިލްވާ މާއްދާތައް ފުއްޕާމޭއިން ބޭރުކޮށް ސާފުކުރުމެވެ. ހައިޑްރޯޖަން ސައިނައިޑް ގެ ސަބަބުން ފުއްޕާމޭ އިން ހިންގާ މިބުނި ސާފު ކުރުމުގެ މަސައްކަތަށް ބުރޫއަރާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ސިގިރޭޓްގެ ދުމުގައި ހިމެނޭ ވިހަ މާއްދާތައް ފުއްޕާމޭގައި ތަތްވެ، ހަރުލުމަށް ފުރުޞަތު ލިބިގެންދެއެވެ.
އެމޯނިޔާ: އެމޯނިޔާ(Ammonia) އަކީ ފުއްޕާމެޔަށް ގެއްލުންދެނިވި ބާރުގަދަ ކެމިކަލް އެކެވެ. ގޭތެރޭގައި ބޭނުންކުރާ ތަކެތި ސާފުކުރާ އެއްޗެތި އުފެއްދުމަށާއި، މަރުވެފައި ތިބޭމީހުން ކުނިވިޔަނުދީ ގިނަ ދުވަހު ބެހެއްޓުމަށް ބޭނުންކުރާ ފޯރމަލީން އުފެއްދުމަށް ވެސް އެމޯނިޔާ ބޭނުންކުރެއެވެ.
މައުދަންތައް:-ސިގިރޭޓްގެ ދުމުގައި ހިމެނޭ ނުރައްކާތެރި މައުދަން ތަކުގެ ތެރޭގައި ވިހާރަކަ(Arsenic)، ތިމަރަ(Lead)، އަދި ކެޑްމިއަމް ފަދަ މާއްދާތައް ހިމެނެއެވެ.
ރޭޑިޔޯއެކްޓިވް މާއްދާތައް:- މިއީ ކެންސަރު ޖެއްސުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ.
އެހެނިހެން މާއްދާތައް: އޭގެ ތެރޭގައި ބެންޒީން(Benzene)، ފޯރމަލީން(Formalin)، މިތަނޯލް(Methanol)، އަދި އެސީޓައިލީން ފަދަ މާއްދާތައް ހިމެނެއެވެ

ދުންފަތުގައި ހިމެނޭ ކެންސަރު ޖައްސަނިވި ބައެއް މާއްދާތައް
·         އެސީޓައިލްޑެހައިޑް
·         އެކްރިލޯނައިޓްރައިލް
·         4 އެމިނޯބެފިނައިލް
·         ވިހާރަކަ
·         ބެންޒީން
·         ބެރީލިއަމް
·         ކެޑްމިއަމް
·         3-1 ބިއުޓެޑިން
·         އީތައިލީން އޮކްސައިޑް
·         ފޯރމަލްޑެހައިޑް
·         ފިއުރާން
·         ހެޓީރޯސައިކްލިކް އަމައިންސް
·         ހައިޑްރޭޒިން
·         އައިސޯޕްރިން
·         ތިމަރަ
·         2- ނެފްތަލިމިން
·         ނައިޓްރޯމީތޭން
·         ޕޮލޯނިއަމް 210
·         ޕޮލިސައިކްލިކް އެރޯމެޓިކް ހައިޑްރޯކާރބަން
·         ވިނައިލް ކްލޮރައިޑް