Saturday, December 28, 2013

އީކޮލައި އިންފެކްޝަން

އީކޮލައި އިންފެކްޝަން
އީކޮލައި އިންފެކްޝަން(Ecoli infection) އަކީ އީކޮލައި ބެކްޓީރިޔާގެ ސަބަބުން ކުރިމަތިކުރުވާ ބޭރަށްހިންގުމުގެ ވައްތަރެކެވެ.
އީކޮލައި(Ecoli) (އެޝަރިކީއާ) އަކީ އިންސާނުންނާއި، ޖަނަވާރުންގެ ހަޖަމުކުރާ ނިޒާމުގައި ދިރިއުޅޭ ބެކްޓީރިޔާ އެކެވެ. އީކޮލައި ބެކްޓީރިޔާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ވައްތަރުގެ ބެކްޓީރިޔާ ތަކަކީ ހަށިގަނޑަށް ގެއްލުންދޭ ބެކްޓީރިޔާ ތަކެއް ނޫނެވެ. ނަމަވެސް ބައެއް ބެކްޓީރިޔާތަކުގެ ސަބަބުން ލޭބޭރަށްހިންގުން މެދުވެރި ކުރުވައެވެ. މިވައްތަރުގެ ބެކްޓީރިޔާތަކަށް ކިޔަނީ "އެންޓީރޯހީމޮރެޖިކް އީކޮލައި" އެވެ. މިވައްތަރުގެ ބެކްޓީރިޔާތަކުގެ ތެރެއިން އެންމެ އާންމު އީކޮލައި ބެކްޓީރިޔާ އަކީ " އީކޮލައިO157:H7  " އެވެ. ބައެއް މީހުންނަށް މިވައްތަރުގެ އީކޮލައި ގެ ސަބަބުން ލޭމަދުވުން، އަދި ގުރުދާ ފޭލްވުން ކުރިމަތިވެ، ފުރާނަޔަށް ނުރައްކާވާ ގޮތްވެއެވެ.


އީކޮލައި އިންފެކްޝަން ޖެހެނީ ކިހިނެއް؟
އީކޮލައި އަކީ އިންސާނުންނާއި، ޖަނަވާރުންގެ ހަޖަމުކުރާ ނިޒާމުގެ ބައިތަކުގައި (ބަނޑު، ގޮހޮރު ފަދަ ބައިތައް) ދިރިއުޅޭ އެއްޗަކަށްވުމުން، އިންސާނުންނާއި، ޖަނަވާރުންގެ ބޮޑުކަމު ނަޖިހުގައި އީކޮލައި ހުންނާނެ އެވެ. އީކޮލައި އިންފެކްޝަން ޖެހެނީ އީކޮލައި ބެކްޓީރިޔާ ހުރި ބޮޑުކަމު ނަޖިހާއި ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރުން ނުވަތަ އެފަދަ ކާތަކެތި ކެއުމުންނެވެ.

(ހ) - ކާތަކެތީގައި އީކޮލައި : އެއްގަމު މަސް ކަނޑައި، ބަންދުކޮށް، އުފުލައި ހެދުމުގެ ތެރޭގައި އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރުވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން އީކޮލައި ބެކްޓީރިޔާ ހުރި އެއްގަމު މަސް ރަގަޅަށް ނުކައްކައި (71 ޑިގްރީ ސެލްޒިއަސް އަށް ނުވަތަ އެއަށްވުރެ މައްޗަށް) ކައިފިނަމަ، އީކޮލައި ބެކްޓީރިޔާ ހަށިގަނޑަށް ވާޞިލްވެ، އީކޮލައި އިންފެކްޝަން ޖެހުމަކީ ވެދާނެ ގޮތެކެވެ. ރޯ އެއްގަމު މަހާއެކު ފްރިޖުކޮށްފައި ހުންނަ އެހެން ކާތަކެތި ވެސް އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރުވުމަކީ ވެދާނެ ގޮތެކެވެ.
އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރުވެދާނެ އެހެން ކާބޯތަކެތީގެ ތެރޭގައި :
·         ރޯކިރާއި ކިރުގެ އުފެއްދުންތައް : ގެރީގެ ވަށްގަނޑުން ކިރުގެ ތެރެއަށް އީކޮލައި ޖަރާސީމު ދިއުމަކީ ވެދާނެ ގޮތެކެވެ. ކިރު ފަދަ ތަކެތި ގަންނައިރު އެއީ ޖަރާސީމު ނައްތާލާފައި ހުރި "ޕޭސްޗަރައިޒްޑް" ކިރުތޯ، ބެލުން މުހިއްމެވެ.
·         ރޯމޭވާ އާއި ތަރުކާރީ : ރޯމޭވާ އާއި ތަރުކާރީ ދަނޑުން ކަނޑައިގެން، އުފުލައި ހެދުމުގެ ތެރޭގައި އީކޮލައި ބެކްޓީރިޔާއާއި ތަޣައްޔަރުވުމަކީ ވެދާނެ ގޮތެކެވެ. އަދި އެގޮތުން ޖަރާސީމާއި ތަޣައްޔަރުވެފައި ހުރި މޭވާ ތަރުކާރީ ފަދަ ތަކެތި ކައިހަދައިފިނަމަ އީކޮލައި އިންފެކްޝަން ޖެހުމަކީ ގާތް ކަމެކެވެ.

(ށ) - ފެނުގައި އީކޮލައި : ބައެއް ފަހަރު ކޯރުތަކާއި، ކުޅިތައް، ފަތާފެންގަނޑު، ފެންވަޅު، އަދި ފެން އުފައްދާ ވަޞީލަތްތައް އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރުވުމަކީ ވެދާނެ ގޮތެކެވެ. މިފަދަ ފެނުގެ މަޞްދަރުތައް ކްލޮރިން ކުރުމަކީ މުހިއްމު ކަމެކެވެ. ކްލޮރިން ކުރުމަކީ އީކޮލައި ބެކްޓީރިޔާ މަރުވެ ނެތިދާނެ ކަމެކެވެ. އެގޮތުން ނޭނގި ނަމަވެސް އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރުވެފައިވާ ފެން ބޮވިއްޖެނަމަ އީކޮލައި އިންފެކްޝަން ޖެހުމަކީ ކައިރި ކަމެކެވެ.

(ނ) - އީކޮލައި އިންފެކްޝަން ގައިންގަޔަށް އެރުން : އީކޮލައި އިންފެކްޝަން ބަލިޖެހިފައިވާ މީހާގެ ގައިން ސަލާމަތުން ތިބޭ މީހުންގެ ގައިން ގަޔަށްއަރަނީ ބަލިޖެހިފައިވާ މީހާ ބޮޑުކަމު ދިއުމަށްފަހު، ރަގަޅަށް ސައިބޯނިލައިގެން އަތްނުދޮވެ، އެހެން މީހުންނާއި ސަލާމްކޮށް ހެދުމުންނެވެ. ނުވަތަ އެހެންމީހުންގެ ގައިގައި އަތްލައި ހެދުމުންނެވެ. ބޮޑުކަމު ދިއުމަށްފަހު އަތްނުދޮވެ، ކާބޯތަކެތީގައި އަތްލައި ހެދުމަކީ އެތަކެތި އީކޮލައި ބެކްޓީރިޔާ އާއި ތަޣައްޔަރު ކުރުވާނެ ކަމެކެވެ. ބަލީގެ ޖަރާސީމާއި ސަލާމަތުން ހުރި މީހާގެ އަތް ތަޣައްޔަރުވުމަށްފަހު، އަތްނުދޮވެ، އަނގަޔަށް، ނޭފަތަށް އަތްލުމަކީ ބަލިޖެހޭނެ ކަމެކެވެ.

އީކޮލައިގެ ސަބަބުން ކާނާ ވިހަވުން
އީކޮލައި ބެކްޓީރިޔާގެ ވައްތަރުތަކުގެ ތެރެއިން އީކޮލައިO157:H7  އަކީ ކާނާވިހަވުން (ބޭރަށްހިންގުން) މެދުވެރިކުރުވާ ޖަރާސީމެކެވެ. އާންމު ގޮތެއްގައި މިވައްތަރުގެ ކާނާ ވިހަވުން ކުރިމަތިވަނީ ރަގަޅަށް ނުކައްކައި ހުރި ގެރިމަސް ބޭނުންކުރުމުންނާއި، އަދި ރަގަޅަށް ނުކައްކައި (ޖަރާސީމުގެ އަސަރު ނުގޮސްހުރި) ހުރި ކިރު ބޭނުންކުރުމުންނެވެ. އީކޮލައި ބެކްޓީރިޔާ އާ ތަޣައްޔަރުވެފައި ހުރި ފެންބުއިން، ނުވަތަ އެފަދަ ފެންގަނޑެއްގައި ފަތައި ހެދުމަކީ ވެސް ބަލިޖެހިދާނެ ކަމެކެވެ. އީކޮލައި އިންފެކްޝަން ޖެހިފައިވާ މީހަކީ ނުތާހިރު މީހެއްނަމަ (އާންމުކޮށް ފާޚާނާކޮށްފައި އަތްނުދޮވުން)، އެމީހެއްގެ ފުށުން އެހެންމީހުންނަށް ފަސޭހަ ކަމާއެކު ބަލިފަތުރާނެ އެވެ. އީކޮލައި އިންފެކްޝަން ޖެހުމަށްފަހު ރަގަޅުވާތާ 2-1 ހަފްތާ ވަންދެން ވެސް ބޮޑުކަމުނަޖިހާއެކު އީކޮލައި ބެކްޓީރިޔާ ހަށިގަނޑުން ބޭރުކުރާނެ އެވެ.

އަލާމާތްތައް
އީކޮލައި އިންފެކްޝަން ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:
·         ބޭރަށްހިންގުން : ފުރަތަމަ ބޭރަށްހިންގާނީ ވަރަށް ފެންކޮށެވެ. ފަހުން ލޭ ހުންނާނެ (ލޭބޭރަށްހިންގުން) އެވެ.
·         ބަނޑުގައި ރިހުން : ބަނޑުގައި އަތްލުމުން ތަދުވެ ރިއްސާނެ އެވެ.
·         މޭނުބައިކުރުން
·         ހޮނޑުލެވުން
·         ހުންއައުން
ބައެއް މީހުންނަށް ބަލިޖެހުނަސް އަލާމާތެއް ނުފެނި ހިގައިދާނެ އެވެ. ނަމަވެސް މިފަދަ މީހުންގެ ފުށުން ވެސް އެހެން މީހުންނަށް ބަލި ފަތުރާނެކަން ހަދާން ކުރަންޖެހެއެވެ. ބޮޑެތި މީހުންނަށްވުރެ ކުޑަކުދިންގެ ފުށުން އަލާމާތްތައް ފެނުމުގެ ފުރުޞަތު ބޮޑެވެ. އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަންނަތާ 4-3 ދުވަސް ފަހުންނެވެ.

ނުރައްކާ
އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނާ، އުމުރުން ދުވަސްވީ މުސްކުޅިންނަށް އީކޮލައި އިންފެކްޝަން ޖެހިއްޖެނަމަ ބައެއްފަހަރު "ހިމޮލިޓިކް ޔޫރިމިކް ސިންޑްރޯމް"(haemolytic uraemic syndrome) ކިޔާ ބައްޔެއް ފެންމަތިކުރުވައެވެ. މިބަލީގެ ސަބަބުން ލޭގެ ރަތް ސެލްތައް ބައިބައިވެ ހަލާކުވުން،ހުންއައުން، ހަންގަނޑު ދޮންފޫޑުވުން، ވަރުބަލިވުން، ހަމުގެ ދަށަށް ލޭހިލުން، ކުޑަކަމު ނަޖިސް ބޭރުވާ މިންވަރު މަދުވުން، އަދި ގުރުދާ ފޭލްވުން ފަދަ ކަންތައްތައް މެދުވެރި ވެއެވެ. 

ދެނެގަތުން
އީކޮލައި އިންފެކްޝަން ޖެހިފައިވާކަން ދެނެގަންނަނީ ބަލިމީހާއާއި ސުވާލުކޮށް އޮޅުން ފިލުވާ މައުލޫމާތު ތަކާއި، ހަށިގަނޑު ޗެކުކޮށް ބަލާ ބެލުންތަކުގެ އެހީގައެވެ. އީކޮލައި އިންފެކްޝަން ޖެހިފައިވޭތޯ ބެލުމަށް ބޮޑުކަމު ނަޖިސް ޓެސްޓުކޮށްގެން އޭގައި އީކޮލައި އިންފެކްޝަން ޖައްސާ ޖަރާސީމު ހުރިތޯ ދެނެގަނެވޭނެ އެވެ.

ފަރުވާ
އީކޮލައި އިންފެކްޝަން އަށް ހުށަހެޅިއްޖެހެން ހީވާނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. ބަލިޖެހޭ ގިނަމީހުން އޭގެ ޒާތުގައި 10-5 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަގަޅުވެއެވެ. ގިނަ ފަހަރު ރަގަޅުވާއިރު ވެސް ބަލިޖެހުނީ އީކޮލައިގެ ސަބަބުން ކަން ނޭނގި ހިގައިދާނެ އެވެ. ބަލީގައި ދިމާވާ އެންމެ ބޮޑު ނުރައްކާ ހީމޮލިޓިކް ޔުރީމިކް ސިންޑްރޯމް އަކީ އަވަސްފަރުވާ ބޭނުންވާ ކަމަކަށްވުމުން އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހެއެވެ. ބައެއް ފަހަރު ލޭއެޅުން، ޑައަލެސިސް ހެދުން ފަދަ ކަންކަން ވެސް ކުރަންޖެހިދާނެ އެވެ.

އީކޮލައި އިންފެކްޝަން އަކީ ބޭރަށްހިންގުން ކުރިމަތިކުރުވާ ބައްޔަކަށްވުމުން ފަރުވާ މައިގަނޑު ގޮތެއްގައި އަމާޒު ކުރެވެނީ ހަށިގަނޑުން ފެން މަދުވިޔަ ނުދީ ހިފެހެއްޓުމުގެ މައްޗަށެވެ. ބޭރަށްހިންގުމާއި، ހޮނޑުލެވުމުގެ ސަބަބުން ހަށިގަނޑުން ފެން ހުސްވުމަކީ ތުއްތު ކުދިންނާއި، މުސްކުޅިންނަށް ފުރާނަ އަށް ނުރައްކާވެދާނެ ކަމެކެވެ. އެހެންކަމުން ހަށިގަނޑުން ފެން ހުސްވިޔަ ނުދިނުމަށްޓަކައި އެތިފޮދުފޮދުން ދިޔާތަކެތި ބޮމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ.

ރައްކާތެރިވުން
އީކޮލައި އިންފެކްޝަން އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
ü      ގެރިމަސް ފަދަ ތަކެތި ރަގަޅަށް ކައްކައިގެން ކެއުން
ü      ކިރު ރަގަޅަށް ޖަރާސީމުގެ އަސަރު ފިލުވައިގެން (ކައްކައިގެން) ބުއިން
ü      ޖަރާސީމާ ތަޣައްޔަރުވެފައިވާ ފެން ނުބުއިން
ü      ގިނަގިނައިން އަތްދޮވުން
ü      ރޯމަހުގައި އަތްލުމަށްފަހު ރަގަޅަށް ސާބޯނިލައިގެން ހޫނު ފެނުން އަތްދޮވުން
ü      ރޯމަހުގެ އަސަރުހުރި، ކަޓިންބޯޑު، ތަށި ތެލި ފަދަ ތަކެތި ރަގަޅަށް ދޮވުން
ü      ފާޚާނާކޮށްގެން ރަގަޅަށް އަތްދޮވުން
ü      ކުޑަ ދަރިފުޅުގެ ނެޕީ ބަދަލުކުރުމަށްފަހު ރަގަޅަށް އަތްދޮވުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ގިތެޔޮ މިރުސް

ގިތެޔޮ މިރުސް
ގިތެޔޮ މިރުހަކީ ވަރަށް ގިނަ ބާވަތުގެ ރިހައާއި ކުޅި ކާތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ ބާވަތެކެވެ. ގިތެޔޮ މިރުސް އާއިލާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. މިއީ ޖުމުލަކޮށް ގިތެޔޮ މިރުހުގެ ހުރިހާ ބާވަތަކަށް ރިއާޔަތްކޮށް ލިޔެފައިވާ ލިޔުމެކެވެ.
ދިވެހި ނަން : ގިތެޔޮ މިރުސް
އިގިރޭސި ނަން : scotch bonnet pepper
ޢިލްމީ ނަން : Capsicum chinense
މެދު ސައިޒުގެ އެއް ގިތެޔޮ މިރުހުގައި 
ހަކަތަ
18 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
4 ގްރާމް
ފެޓް
0.2 ގްރާމް
ފައިބަރު
0.7 ގްރާމް
ސޯޑިއަމް
4 މިލިގްރާމް
ޕޮޓޭސިއަމް
144 މިލިގްރާމް

ގިތެޔޮ މިރުހުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
-          ގިތެޔޮ މިރުހުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އަދި މެގްނީޒިއަމް ހުރެއެވެ.
-          ރަތް ގިތެޔޮ މިރުހުގައި ގިނަ އަދަދަކަށް ވިޓަމިން ސީ ހުރެއެވެ. މިއީ ދަގަނޑު ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
-          ރަތް ގިތެޔޮ މިރުހުގައި ގިނަ އަދަދަކަށް ބީޓާ ކެރޮޓީން ހުރެއެވެ. މިއީ ގަސްގަހާ ގެހިން ލިއްބައިދޭ ވިޓަމިން އޭ ގެ ވައްތަރެކެވެ. އަދި މިއީ ލޮލުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ބޭނުންތެރި މާއްދާ އެކެވެ.
-          ގިތެޔޮ މިރުހުގައި ސަރުބީ އެއް ނުހުރެއެވެ. އަދި ސެޗިޔުރޭޓެޑް ފެޓެއް ވެސް ނުހުރެއެވެ. ސޯޑިއަމް ހުންނަނީ ވަރަށް މަދުންނެވެ. އަދި ހަކަތަ ލިއްބައިދެނީ ވެސް އެހާ މަދުންނެވެ.
-          ގިތެޔޮ މިރުހަކީ ފައިބަރުން މުއްސަދި ބާވަތެކެވެ.
-          ގިތެޔޮ މިރުހުގައި ވިޓަމިން އޭގެ އިތުރުން ވިޓަމިން ބީގެ ވައްތަރުތައް ވެސް ހުރެއެވެ. އެގޮތުން ވިޓަމިން ބީގެ ވައްތަރު ތަކުގެ ތެރޭގައި ހިމެނޭ ނިއެސިން، ތިއެމިން އަދި ރައިބޯފްލެވިން ހުންނަކަން ފާހަގަ ކުރެވެއެވެ.
-          ގިތެޔޮ މިރުހުގައި މެގްނީޒިއަމް، އަދި ދަގަނޑު ވެސް އެކަށޭނަ މިންވަރަކަށް ހުންނަކަން ފާހަގަ ކުރެވެއެވެ.
-          ގިތެޔޮ މިރުހުގައި ވެސް މިރުހުގެ އެކި ވައްތަރުތަކުގައި ހުންނަ "ކެޕްސައަސިން" ކިޔާ އަލްކަލޮއިޑް ކަމްޕައުންޑެއް ހުރެއެވެ. ޖަނަވާރުތައް ބޭނުންކޮށްގެން ލެބޯޓަރީގައި ހަދާފައިވާ ދިރާސާތައް ދައްކާގޮތުގައި ކެޕްސައަސިން ގައި ޖަރާސީމަށް ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު، ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު، ހަކުރު ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު، އަދި ތަދުކެނޑުވުމުގެ ބާރު އެކުލެވިގެން ވެއެވެ. އަދި މިމާއްދާގެ ސަބަބުން ފަލަމީހުންގެ ހަށިގަނޑުގައި ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ ކަމަށް ވެސް ފާހަގަ ކުރެވިފައި ވެއެވެ.
މައުލޫމާތު :

ރިހަ މިރުސް

ރިހަ މިރުސް
ރިހަ މިރުހަކީ (ނުވަތަ ދިގު ކެޕްސިކަމް) ބޮޑު މިރުހުގެ ބާވަތެއްގެ ގޮތުގައި ބެލެވޭ ތަރުކާރީގެ ބާވަތެކެވެ. މިއީ ކެޕްސިކަމްގެ ދިގުކޮށް ހުންނަ ވައްތަރެވެ. ނުވަތަ މިއީ ކެޕްސިކަމްގެ ވައްތަރެކެވެ. ބޮޑު މިރުހަކީ ވެސް ކެޕްސިކަމްގެ ވައްތަރެކެވެ.
ދިވެހި ނަން : ރިހަ މިރުސް (ދިގު ކެޕްސިކަމް)
އިގިރޭސި ނަން : Banana pepper
ޢިލްމީ ނަން : Capsicum annum (species)
 ރިހަ މިރުހުގެ ކޮންމެ 100 ގްރާމް ގައި
ހަކަތަ
27 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
5.3 ގްރާމް
ޕްރޮޓީން
1.7  ގްރާމް
ފެޓް
0.5 ގްރާމް
ފައިބަރު
3.4 ގްރާމް
ފޮލިކް އެސިޑް
29 މައިކްރޯ ގްރާމް
ނިއެސިން
1.2 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.3 މިލިގްރާމް
ޕައިރިޑޮކްސިން
0.4 މިލިގްރާމް
ރައިބޯފްލެވިން
0.1 މިލިގްރާމް
ތިއެމިން
0.1 މިލިގްރާމް
ވިޓަމިން ސީ
82.7 މިލިގްރާމް
ޕޮޓޭސިއަމް
256 މިލިގްރާމް
ކެލްސިއަމް
14 މިލިގްރާމް
ދަނގަޑު
0.5 މިލިގްރާމް
މެގްނީޒިއަމް
17 މިލިގްރާމް
ފޮސްފަރަސް
-     32 މިލިގްރާމް
ޒިންކް
0.3 މިލިގްރާމް
ރިހަ މިރުހުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
-          ރިހަ މިރުހަކީ ހަކަތަ ވަރަށް މަދުން އެކުލެވޭ ބާވަތެކެވެ. އަދި ފެޓް ހުންނަނީ ވެސް ވަރަށް މަދުންނެވެ. އާންމު ގޮތެއްގައި ހުންނަނީ ހަށިގަނޑަށް ބޭނުންތެރި ވައްތަރު ގެ ފެޓް (ޕޮލީއަންސެޗިޔުރޭޓެޑް ފެޓް) އެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަށް މިއީ ފައިދާހުރި ބާވަތަކަށް ވާނެއެވެ.

-          ރިހަ މިރުހުގައި ވިޓަމިން ސީ، ވިޓަމިން އޭ، ދަގަނޑު، ޕޮޓޭސިއަމް އަދި ޕްރޮޓީން އެކަށޭނަ ވަރަކަށް ހުރެއެވެ.
-          ދިރާސާތަކުން ދައްކާ ގޮތުގައި ރިހަ މިރުހުގައި ކެރޮޓިނޮއިޑް ވަރަށް ގިނައިން ހުރެއެވެ. މިއީ ކެންސަރު ޖެހުމާއި ހިތުގެ ބަލިތައް ޖެހުމާއި ދުރުކޮށްދޭ މާއްދާ އެކެވެ.
-          ރިހަ މިރުހަކީ އެހެން މިރުހުގެ ބާވަތްތަކޭ އެއްފަދައިން ލޭދައުރުވުން ރަގަޅުކޮށްދީ، ލޭގެ ޕްރެޝަރު ދަށްކޮށްދޭ ބާވަތެކެވެ.
-          ރިހަ މިރުހަކީ ހަޖަމުރަގަޅުކޮށްދީ، ބަނޑު ފަސޭހަކޮށްދީ، ބަނޑުގައި ތަފާތު ޖަރާސީމު އަށަގަތުން ހުއްޓުވުމަށް އެހީތެރިވެދޭ ބާވަތެކެވެ. އަދި ގޮހޮރުގެ ފާރުން ރައްކާތެރިވުމަށް މިބާވަތް އެހީތެރިވެދޭ ކަމަށް ބުނެވެއެވެ.
މައުލޫމާތު :