Monday, January 6, 2014

ކޮރޯނާ ވައިރަސް އިންފެކްޝަން

އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް އިންފެކްޝަން
ސ: އިންސާނުންގެ ގައިން އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް އަކީ ކޮބާ؟
ޖ: ކޮރޯނާ ވައިރަސް އަކީ އެތައް ބައިވަރު ވައިރަސްތަކެއް ހިމެނޭ އާއިލާ އެކެވެ. މިއީ އިންސާނުންނާ ޖަނަވާރުންނަށް ވެސް ބަލިޖައްސާ ވައިރަސް ތަކެކެވެ. އިންސާނުންގެ ގައިން އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް އަކީ "ބީޓާ ކޮރޯނާ ވައިރަސް" އެކެވެ. މިއީ އިންސާނުންގެ ހަށިގަނޑުން ކުރިން ފެނިފައިވާ ކޮރޯނާ ވައިރަސްތަކާ ތަފާތު (ކޮރޯނާ ވައިރަސްގެ މުޅިން އާ ސްޓްރެއިން އެއް) ވައިރަހެކެވެ. އަދި ކުރިން އިންސާނުން ނުވަތަ ޖަނަވާރެއްގެ ހަށިގަނޑުން ވެސް މިވައިރަސް ފެނިފައެއް ނުވެއެވެ.

ސ: މިއީ ސާރސް އާ އެއްގޮތް ވައިރަހެއްތަ؟
ޖ: މިއީ 2003 ވަނަ އަހަރު ފެންމަތިވި ނޭވާލާ ނިޒާމަށް ބަލިޖައްސާ ސާރސް ވައިރަސް އާ އެއްގޮތް ވައިރަހެއް ނޫނެވެ. އަދި ވިރާސީ ގޮތުން ބަލާއިރު ވައިރަސް އުފެދިފައިވާ ގޮތް ސާރސްގެ ވައިރަސް އާ ތަފާތު ކަމެއް ހުރެއެވެ. ނަމަވެސް ސާރސް އެކޭ އެއްގޮތަށް އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް ވެސް އުދުހޭ ވަލުގެ ހަށިގަނޑުން ފެންނަ ވައިރަސް އާ އެއްގޮތް ކަމެއް ހުރެއެވެ. އެމެރިކާ ބަލިތައް ކޮންޓްރޯލްކުރާ މަރުކަޒުން މިހާރު ވެސް ދަނީ މިވައިރަސް އިތުރަށް ދިރާސާ ކުރަމުންނެވެ.

ސ: މިހާތަނަށް ކިހާ މީހުންނަކަށް މިބަލި ޖެހިއްޖެތަ؟
ޖ: އެޕްރީލް 2012 އިން ފެށިގެން މެއި 2013 އާ ހަމައަށް ތަފާތު ގައުމުތަކުން ޖުމުލަ 41 މީހުންނަށް މިބަލިޖެހިފައިވާކަން ޔަގީން ކުރެވިފައި ވެއެވެ. އޭގެ ތެރެއިން 21 މީހުން މަރުވެފައިވާއިރު އެންމެ ގިނައިން މީހުމް މަރުވެފައިވަނީ (16 މީހުން) ސައުދީ އަރަބިއްޔާ އިންނެވެ. މިވައިރަސް ފުރަތަމަ ފެނުނީ ވެސް ސައޫދީ އަރަބިއްޔާ އިންކަން ފާހަގަ ކޮށްލަންޖެހެއެވެ.

ސ: އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް އިންފެކްޝަން ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟
ޖ: އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސްގެ ސަބަބުން މައްސަލަތައް ކުރިމަތިވަނީ ނޭވާލާ ނިޒާމަށެވެ. އާންމުކޮށް ކުރިމަތިވަނީ އަރިދަފުސް ރޯގާގެ އުދަނގޫތަކެވެ. އެގޮތުން އެންމެ އާންމުކޮށް ފެނިދާނެ އަލާމާތްތަކަކީ ހުންއައުން، ކެއްސުން، އަދި ނޭވާކުރުވުން ނުވަތަ ނޭވާލާން އުދަނގޫވުމެވެ. ބައެއް މީހުންނަށް އާދައިގެ މިންވަރަކަށް އަރިދަފުސް ރޯގާގެ އުދަނގޫ ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ބަލިޖެހުނު ބައެއްމީހުންގެ ގުރުދާ(ކިޑްނީ) ފޭލްވުމުގެ ސަބަބުން މަރުވެފައިވާކަން ފާހަގަ ކުރެވެއެވެ.

ސ: އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް ގައިންގަޔަށް އަރާތަ؟
ޖ: އިގިރޭސި ވިލާތުގައި ބަލިޖެހުނު މީހެއްގެ ފުށުން އޭނާގެ އާއިލާގެ ދެމީހަކަށް ބަލިޖެހިފައިވާ ކަމަށް ލަފާކުރެވެއެވެ. ސައުދީ އަރަބިއްޔާގައި ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބައިވެރިވި، (ޞިއްޙީ ޚިދުމަތްތެރިން) ދެމީހަކަށް ފަހުން ބަލިޖެހިފައި ވެއެވެ. މިބަލި ގައިންގަޔަށްއަރާތޯ މުޅިން ޔަގީން ކުރުމަށް އިތުރަށް ދިރާސާ ކުރެވެމުން އެބަދެއެވެ. އެހެންކަމުން އިންސާނުންގެ މެދުގައި ގައިންގަޔަށް އަރާކަން އަދި މުޅި ޔަގީން ކުރެވިފައެއް ނުވެއެވެ.

ސ: ބަލި ފެތުރިފައިވާ ގައުމުތަކަށް ދަތުރުކުރެވިދާނެތަ؟
ޖ: ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބަލިފެތުރިފައިވާ ގައުމުތަކަށް ދަތުރުނުކުރުމަށް ލަފާދީފައި ނުވާތީ އަދި އެގައުމުތަކަށް ދަތުރުކުރުމުގައި އެއްވެސް ކަހަލަ ބިރެއްނެތް ކަމަށް ބެލެވެއެވެ.

ސ: ބަލިފެތުރިފައިވާ ގައުމަކަށް ވަރަށް ފަހުން ދަތުރުކޮށްފައިވަނިކޮށް ބަލިވެއްޖެނަމަ ހަދާނީ ކިހިނެއް؟
ޖ: ބަލިޖެހިފައިވާ ގައުމަކަށް ދަތުރުކުރިތާ 10 ވަރަށް ދުވަހުގެ ތެރޭގައި ހުންއައުން، ކެއްސުން، ނޭވާކުރުވުން ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

ސ: މިބަލީގެ ފަރުވާ އަކީ ކޮބާ؟
ޖ: އަލަށް ފެނިގެންއުޅޭ ކޮރޯނާ ވައިރަސް އިންފެކްޝަން ޖެހުމުން ދެވޭ ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. މައިގަނޑު ގޮތެއްގައި ފަރުވާ ދެވެނީ އަރިދަފުސް ރޯގާ އެކޭ އެއްގޮތަށް ބަލިމީހާއަށް ކުރިމަތިވާ އުދަނގޫތައް ކުޑަކުރުމަށް ނުވަތަ ލުއިކުރުމަށެވެ. ނަމަވެސް ބަލިޖެހުމުން ގިނައިން ދިޔާތަކެތި ބޭނުންކުރުމާ، އަދި އެހެން މީހުންނަށް ބަލިފެތުރުމަށް މަގުފަހިވެދާނެ ކަންތައްތަކުން ދުރުހެލިވުން މުހިއްމެވެ.  

ސ: މިބަލި ޖެހުމުން ހަދަންޖެހޭ އެއްވެސް ލެބޯޓްރީ ޓެސްޓެއް އޮވޭތަ؟

ޖ: ބަލި ޖެހުމުން ހަދަނީ "ޕޮލިމެރޭޒް ޗެއިން ރިއެކްޝަން" ކިޔާ ޓެސްޓެކެވެ. މިއީ ބަލި ޔަގީންކުރުމަށް ހަދާ ޓެސްޓެކެވެ. ދިވެހި ރާއްޖެއިން މިޓެސްޓެއް ނުހެދެއެވެ.

ސ: ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މިބަލިޖެހުމުގެ ފުރުޞަތު ބޮޑުތޯ؟
ޖ: މިބަލި ގައިންގަޔަށްއަރާކަން އަދި މުޅިން ޔަގީން ކުރެވިފައިވާ ނުވާތީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އިތުރޭ ބުނެވޭނެ ޖާގައެއްނެތެވެ. ނަމަވެސް ބޮޑަށް އެދެވިގެންވަނީ އަރިދަފުސް ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް އާންމުކޮށް ކުރެވޭ ކަންތައްތައް ކުރަމުން ގެންދިއުމެވެ. މިސާލަކަށް ކެއްސާ ކިނބިހިއަޅާއިރު، އަނގަޔާ ނޭފަތް ނިވާކުރުން، ގިނަގިނައިން އަތްދޮވުން ފަދަ ކަންތައްތައް ކުރުމެވެ.

ސ: މިބަލިން ރައްކާތެރިވުމަށް އެއްވެސް ވެކްސިނެއް ހުރޭތަ؟
ޖ: އަލަށް ފެނިގެންއުޅޭ ކޮރޯނާ ވައިރަސް އާ ދެކޮޅަށް އެއްވެސް ވެކްސިނެއް އަދި އުފައްދާފައެއް ނުވެއެވެ.

އަލަށް ފެނިގެންއުޅޭ ކޮރޯނާ ވައިރަސް އިންފެކްޝަން ފެށިގެން އައިގޮތަށް ބަލާލުމެއް
އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސް އިންފެކްޝަން ޖެހިފައިވާ ދެމީހަކު ފުރަތަމަ ފެނުނީ އުރުދުންގެ އަމާން އިން 2012 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. މިދެމީހުންގެ ޓެސްޓުތައް ދައްކައިފައިވަނީ އެމީހުންގެ ހަށިގަނޑުގައި ކޮރޯނާ ވައިރަސް ހުރި (ޕޮޒިޓިވް) ކަމަށެވެ. އޭގެފަހުން އޮކްޓޯބަރ 2012 ގައި ސައޫދީ އަރަބިއްޔާ އިން 4 މީހަކަށް ބަލިޖެހުނެވެ. އެއް އާއިލާގެ 4 މީހުންގެ ތެރެއިން 3 މީހަކުގެ ޓެސްޓުތައް ދައްކާފައިވަނީ ޕޮޒިޓިވްކޮށެވެ. އަދި އޭގެ ތެރެއިން 2 މީހަކު މަރުވި އެވެ. އޭގެ ފަހުން ފެބުރުއަރީ 2013 ގައި އިގިރޭސި ވިލާތުން އެއްއާއިލާއެއްގެ 3 މެންބަރުންނަށް ބަލިޖެހުނެވެ. އޭގެތެރެއިން 2 މީހަކު މަރުވެ، އަނެއްމީހާ ރަގަޅުވި އެވެ. ހަމަ އެމަހުގެ ތެރޭގައި ސައުދީ އަރަބިއްޔާ އިން އިތުރު ދެމީހެއްގެ ގައިން ބަލިފެނި އެކަކު ރަގަޅުވެ އަނެކަކު މަރުވި އެވެ. އަދި އޭގެ ފަހުން މެއި 2013 ގައި ސައުދީ އަރަބިއްޔާއިން އިތުރު ބައެއްގެ ކިބައިން ބަލީގެ އަސަރު ފެނިފައި ވެއެވެ. އަދި އޭގެ ފަހުން މެއި 2013 ގައި ފްރާންސް އިން ދެމީހެއްގެ ގައިން ބަލި ފެނިފައި ވެއެވެ. ފްރާންސް އިން ބަލިޖެހުނު ދެމީހުންގެ ތެރެއިން ދެވަނަ އަށް ބަލިޖެހުނީ ފުރަތަމަ ބަލިޖެހުނު މީހާ އެދުމަތިކޮށްފައި ހުރި ކޮޓަރި ބޭނުންކުރުމަށްފަހު ގައެވެ. އަދި ފްރާންސް އިން ފުރަތަމަ ބަލިޖެހުނު މީހާ ބަލިވުމުގެ ކުރިން ޔުނައިޓެޑް އަރަބި އެމިރޭޓްސް އަށް ދަތުރުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
ބަލިފެތުރިފައިވާ ގޮތަށް ބަލާއިރު ގައިންގަޔަށް އަރާފާނެކަމަށް ލަފާކުރެވެއެވެ. (އިންސާނުންގެ މެދުގައި ގައިންގަޔަށްއަރާ ކަން އަދި މުޅިން ޔަގީންކުރެވިފައެއް ނުވެއެވެ) އެގޮތުން ކެއްސާ ކިނބިހިއަޅާއިރު ބޭރުވާ ޖަރާސީމުން (ޑްރޮޕްލެޓް އިންފެކްޝަން) އަދި ބަލިޖެހިފައިވާ މީހުންނާ ގައިގޯޅިވެ އުޅުމުން (ކޮންޓެކްޓް ޓްރާންސްމިޝަން) ބަލިޖެހިދާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން ބަލި ފެތުރޭގޮތާއި، ކަންކަން މިހާރު ވެސް ދަނީ އިތުރަށް ދިރާސާ ކުރެވެމުންނެވެ.
ނޯޓް: މިއީ އާންމު މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެވިފައިވާ ލިޔުމެކެވެ.
މައުލޫމާތު
CDC. (2013, 5 20). http://www.cdc.gov/coronavirus/ncv/case-def.html. Retrieved 5 22, 2013, from http://www.cdc.gov/: http://www.cdc.gov/coronavirus/ncv/case-def.html
CDC. (2013, 5 22). http://www.cdc.gov/coronavirus/ncv/overview.html. Retrieved 5 22, 2013, from http://www.cdc.gov/: http://www.cdc.gov/coronavirus/ncv/overview.html
WHO. (2012, 9 28). http://www.who.int/csr/disease/coronavirus_infections/faq/en/index.html. Retrieved 5 22, 2013, from http://www.who.int: http://www.who.int/csr/disease/coronavirus_infections/faq/en/index.html
WHO. (2012, 12 3). http://www.who.int/csr/disease/coronavirus_infections/faq_dec12/en/index.html. Retrieved 5 22, 2013, from http://www.who.int/: http://www.who.int/csr/disease/coronavirus_infections/faq_dec12/en/index.html






Saturday, January 4, 2014

ބްރޮކަލީ

ބްރޮކަލީ
ބްރޮކަލީ އަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ބްރޮކަލީ
އިގިރޭސި ނަން : Broccoli
ޢިލްމީ ނަން : Brassica oleracia var. Italica
ބްރޮކަލީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
34 ކިލޯކެލަރީ
ސޯޑިއަމް
33 މިލިގްރާމް
ކާބޯހައިޑްރޭޓް
6.64 ގްރާމް
ޕޮޓޭސިއަމް
316 މިލިގްރާމް
ޕްރޮޓީން
2.82  ގްރާމް
މަޢުދަންތައް
ފެޓް
0.37 ގްރާމް
ކެލްސިއަމް
47 މިލިގްރާމް
ފައިބަރު
2.60 ގްރާމް
ކޮޕަރ
0.049މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.73 މިލިގްރާމް
ފޮލިކް އެސިޑް
63 މައިކްރޯ ގްރާމް
މެގްނީޒިއަމް
21 މިލިގްރާމް
ނިއެސިން
0.639 މިލިގްރާމް
މެންގަނީޒް
0.210 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.573 މިލިގްރާމް
ފޮސްފަރަސް
-     -
ޕައިރިޑޮކްސިން
0.173 މިލިގްރާމް
ސިލެނިއަމް
12 2.5މައިކްރޯގްރާމް
ރައިބޯފްލެވިން
0.117 މިލިގްރާމް
ޒިންކް
0.41 މިލިގްރާމް
ތިއެމިން
0.071 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
623 އައިޔޫ
ކެރޮޓީން އަލްފާ
ވިޓަމިން ސީ
89.2މިލިގްރާމް
ކެރޮޓީން ބީޓާ
361 މައިކްރޯ ގްރާމް
ވިޓަމިން އީ
0.17 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
1 މައިކްރޯ ގްރާމް
ވިޓަމިން ކޭ
101.6މައިކްރޯގްރާމް
ލުޓީން-ޒިއެޒެންތިން
1403މައިކްރޯ ގްރާމް























ބްރޮކަލީ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ކެންސަރުން ރައްކާތެރިކޮށްދިނުން : ބްރޮކަލީ ބޭނުންކުރުމަކީ ކެންސަރުގެ ވަރަށް ގިނަ ވައްތަރުތަކުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ބާވަތެކެވެ. އެގޮތުން ބްރޮކަލީ ބޭނުންކުރުމުން ރައްކާތެރިކޮށްދީފާނެ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ، އުރަމަތީގެ ކެންސަރު، ރަހިމުގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ފުއްޕާމޭގެ ކެންސަރު، މޭގަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އަދި ގުރުދާގެ ކެންސަރު ފަދަ ވައްތަރުތައް ހިމެނެއެވެ. ޚާއްޞަކޮށް އުރަމަތީގެ ކެންސަރާއި، ރަހިމުގެ ކެންސަރުން ރައްކާތެރިކޮށްދީފާނެ ކަމަށް ގަބޫލު ކުރެވިފައި ވެއެވެ. އެހެނީ ބްރޮކަލީ ބޭނުންކުރުމަކީ ހަށިގަނޑުގައި އިތުރުވެފައި ހުންނަ "އެސްޓްރަޖަން" ހޯރމޯންގެ މިންވަރު މަދުކޮށްދޭނެ ކަމެކެވެ. ބްރޮކަލީ ބޭނުންކުރުމުން ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެނީ އޭގައި ހިމެނޭ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ ތަފާތު މާއްދާތަކުގެ ސަބަބުންނެވެ. އެގޮތުން ބްރޮކަލީގައި ހުންނަ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ މާއްދާތަކުގެ ތެރޭގައި، "ގްލޫކަރެފެނިން"، "ޑައިއިންޑޮލައިލްމީތޭން"، ބީޓާ ކެރޮޓީން، ސިލެނިއަމް، ވިޓަމިން އޭ، އަދި ވިޓަމިން ސީ ފަދަ މާއްދާތައް ހިމެނެއެވެ.

ވިހަ ސާފުކުރުން : ބްރޮކަލީގައި ވިޓަމިން ސީ، ސަލްފަރ، އަދި ބައެއް އެމިނޯއެސިޑް ތައް ހުރުމަކީ އެބޭނުންކުރުމުން ހަށިގަނޑުން ވިހަ ސާފުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ބްރޮކަލީ އަކީ ފްރީ ރެޑިކަލްތައް، އަދި ޔޫރިކް އެސިޑް ފަދަ ވިހަ މާއްދާތައް، ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. މިއީ ހަމުގައި ބިހިނެގުން، ހިރުވައިކެހުން، މުލިހިނެގުން، ޔޫރިކް އެސިޑް މަތިވެގެން ހުޅުތައް ދުޅަވުން، ރާއްޖެ ބަލި، ގުރުދާގައި ހިލަހެދުން ފަދަ މައްސަލަތަކުން ދުރުކޮށްދޭނެ ކަމެކެވެ.

ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ހަމަށް އޮމާންކަމާއި އަލިކަން ގެނެސްދެނީ ވިޓަމިން އޭ، ވިޓަމިން ބީގެ ވައްތަރުތައް، ވިޓަމިން ސީ، ވިޓަމިން އީ، އަދި ވިޓަމިން ކޭ ފަދަ ތަފާތު މާއްދާތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ފޮލިކް އެސިޑް، އޮމެގާ-3- ފެޓީ އެސިޑްތައް، އަދި ބައެއް އެމިނޯ އެސިޑް ތަކަކީ ވެސް ހަމަށް ތާޒާކަން ގެނައުމުގައި ބައިވެރިވާ މާއްދާ ތަކެކެވެ. މިހުރިހާ މާއްދާތަކެއް ބްރޮކަލީގައި ހުރެއެވެ. މީގެ އިތުރުން ބްރޮކަލީގައި ހިމެނޭ ގުލޫކަރެފެނިން އަކީ އިރުގެ އަލީގެ ސަބަބުން ހަމަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.


ބަނޑުގެ އުދަނގޫތައް : ބްރޮކަލީގައި ގިނަ އަދަދަކަށް ފައިބަރު ހުރެއެވެ. މިއީ ހަޖަމުރަގަޅުކޮށްދީ، ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ބަނޑު ހިކުމުން ރައްކާތެރިކޮށްދީ، ބަނޑުފަސޭހަ ކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ހިތުގެ ބަލިތަކުން ދުރުކޮށްދިނުން : ބްރޮކަލީ ބޭނުންކުރުމަކީ ހިތުގެ ބަލިތަކުން ދުރުވެ ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެއީ ބްރޮކަލީގައި ފައިބަރު، އޮމެގާ-3-ފެޓީ އެސިޑް، ބީޓާ ކެރޮޓީން އަދި އެހެނިހެން ފައިދާހުރި ވިޓަމިން ތައް އެކުލެވޭތީ އެވެ. މިމާއްދާތަކަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް، ހަށިގަނޑުގައި ސަރުބީ ދަށްކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.

ކަށިތައް ވަރުގަދަވުން : ބްރޮކަލީ އަކީ ކެލްސިއަމް، މެގްނީޒިއަމް، ޒިންކު، އަދި ފޮސްފަރަސް ފަދަ ކަށީގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާތަކުން ފުރިފައިވާ ބާވަތެކެވެ. އެހެންކަމުން ބްރޮކަލީ އަކީ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން، އަދި މާބަނޑު މީހުން ބޭނުންކުރަން ވަރަށް ރަގަޅު ތަރުކާރީގެ ބާވަތެކެވެ. އެހެނީ ބްރޮކަލީގައި ހިމެނޭ މިދެންނެވި މާއްދާތަކަކީ ކަށިތައް ވަރުގަދަކޮށް، ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ނުހަނު ބޭނުންތެރި މާއްދާ ތަކެކެވެ.

މާބަނޑު ދުވަސްވަރު ބޭނުންކުރުމުން ލިބިދޭ ފައިދާ : ބްރޮކަލީގައި ތަފާތު ވިޓަމިންތައް، ޕްރޮޓީންތައް، ވިހަ ބޭރުކުރާ މާއްދާތައް، އެންޓިއޮކްސިޑެންޓްތައް، ކެލްސިއަމް، ދަގަނޑު، އަދި އެހެނިހެން ތަފާތު މައުދަން ތައް ފަދަ މާއްދާތައް ހުރުމަކީ މާބަނޑު ދުވަސްވަރު ބްރޮކަލީ ބޭނުންކުރުމުން މައިމީހާއާއި ކުޑަ ދަރިފުޅަށް މަންފާ ކުރާނެ ކަމެކެވެ. ބްރޮކަލީގައި ފައިބަރު ހުރުމަކީ މާބަނޑު ދުވަސްވަރު ކުރިމަތިވާ ބަނޑުހަރުވުމުން މިންޖުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ބްރޮކަލީގައި ހުންނަ ފޮލިކް އެސިޑް ފަދަ މާއްދާތަކަކީ ބަނޑުގައި އޮންނަ ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދުމުން މިންޖުކޮށްދޭނެ މާއްދާ އެކެވެ.

ލޭގެ ޕްރެޝަރު ދަށްކުރުން : ބްރޮކަލީގައި ކްރޯމިއަމް ކިޔާ މައުދަނެއް ހުރެއެވެ. މިއީ އިންސިއުލިންގެ މަސައްކަތް ހަރުދަނާކޮށްދީ، ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދީ، ލޭގެ ޕްރެޝަރު ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭ މައުދަނެކެވެ. މީގެ އިތުރުން ބްރޮކަލީގައި ހިމެނޭ ތަފާތު ވިޓަމިންތަކާއި، ފައިބަރު، އަދި އޮމެގާ-3-ފެޓީ އެސިޑްތަކަކީ ވެސް މަތިވެފައިވާ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ބާވަތްތަކެކެވެ.

ލޭމަދުވުން : ބްރޮކަލީގައި ދަގަނޑު ގިނައިން ހުރުމަކީ ލޭމަދުވުން ފަދަ ހާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކަށް ބްރޮކަލީ ބޭނުންކުރުން ފައިދާއަކަށް ވާނެ ކަމެކެވެ. މީގެ އިތުރުން ބްރޮކަލީގައި ކޮޕަރ ވެސް ހުރެއެވެ. މިއީ ވެސް ލޭގެ ރަތް ސެލްތައް އުފެއްދުމަށް ބޭނުންތެރި މައުދަނެކެވެ.

ދިފާއީ ބާރު ރަގަޅުކޮށްދިނުން : ބްރޮކަލީގައި ދިފާއީ ބާރު ވަރުގަދަކުރުމަށް އެހީތެރިވެދޭ ތަފާތު މާއްދާތައް އެކުލެވިފައި ވެއެވެ. އެގޮތުން ބްރޮކަލީގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ، ބީޓާ ކެރޮޓީން ފަދަ ވިޓަމިންގެ ބާވަތްތަކާއި، ސިލެނިއަމް، ކޮޕަރ، ޒިންކު، ފޮސްފަރަސް، ފަދަ މައުދަންތައް ހިމެނެއެވެ.

ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ބްރޮކަލީ އަކީ ލޮލުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ވެސް ވަރަށް ބޭނުންތެރި ބާވަތެކެވެ. ބްރޮކަލީގައި ހިމެނޭ ޒިއެޒެންތިން، ބީޓާ ކެރޮޓީން، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ، އަދި ފޮސްފަރަސް ފަދަ މާއްދާތަކަކީ ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.

މައުލޫމާތު :


ޒައިތޫނި

ޒައިތޫނި
ޒައިތޫންޏަކީ ވަރަށް ގިނައިން ކެއުމުގައި ބޭނުންކުރެވޭ ބާވަތެކެވެ.
ދިވެހި ނަން : ޒައިތޫނި
އިގިރޭސި ނަން : Olive
ޢިލްމީ ނަން : Olea Europaea
ދަޅުގައި ބަންދުކޮށްފައި ހުންނަ ޒައިތޫނީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
115 ކިލޯކެލަރީ
ސޯޑިއަމް
735 މިލިގްރާމް
ކާބޯހައިޑްރޭޓް
6.26 ގްރާމް
ޕޮޓޭސިއަމް
8 މިލިގްރާމް
ޕްރޮޓީން
0.84  ގްރާމް
މަޢުދަންތައް
ފެޓް
10.68 ގްރާމް
ކެލްސިއަމް
88 މިލިގްރާމް
ފައިބަރު
3.2 ގްރާމް
ކޮޕަރ
0.251މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
3.30 މިލިގްރާމް
ފޮލިކް އެސިޑް
0 މައިކްރޯ ގްރާމް
މެގްނީޒިއަމް
4 މިލިގްރާމް
ނިއެސިން
0.037 މިލިގްރާމް
މެންގަނީޒް
0.020 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.015 މިލިގްރާމް
ފޮސްފަރަސް
-     3 މިލިގްރާމް
ޕައިރިޑޮކްސިން
0.009 މިލިގްރާމް
ސިލެނިއަމް
12 0.9މައިކްރޯގްރާމް
ރައިބޯފްލެވިން
0 މިލިގްރާމް
ޒިންކް
0.22 މިލިގްރާމް
ތިއެމިން
0.003 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
403 އައިޔޫ
ފައިޓޯސްޓީރޯލް
221މިލިގްރާމް
ވިޓަމިން ސީ
0.9 މިލިގްރާމް
ކެރޮޓީން ބީޓާ
237މައިކްރޯ ގްރާމް
ވިޓަމިން އީ
1.65 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
9 މައިކްރޯ ގްރާމް
ވިޓަމިން ކޭ
1.4މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
221 މިލިގްރާމް
























ޒައިތޫނިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ސަރުބީ ދަށްކުރުން : ޒައިތޫނީގައި ހިމެނޭ މޮނޮއަންސެޗިޔުރޭޓެޑް ފެޓް އަދި ޕޮލީފީނޯލް ތަކަކީ ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ތަތްވެ، ލޭހޮޅިތައް ހިމަވުން ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ލޭހޮޅިތަކުގެ އެތެރޭގައި ސަރުބީ ޖަހައި، ލޭހޮޅިތައް ހިމަވުމަކީ ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ކެންސަރުން ރައްކާތެރިކޮށްދިނުން : ޒައިތޫނީގައި ހިމެނޭ މުހިއްމު އެންޓިއޮކްސިޑެންޓް ތަކުގެ ތެރޭގައި، ޕޮލީފީނޯލްތައް، ވިޓަމިން އީ، އަދި ބީޓާ ކެރޮޓީން ހިމެނެއެވެ. އެންޓިއޮކްސިޑެންޓް ތަކަކީ ތަފާތު ބާވަތްތަކުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން އުމުރުން ދުވަސްވުން ލަސްކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ވެސް އެންޓިއޮކްސިޑެންޓް ތައް އެހީތެރިވެދެއެވެ.
ޒައިތޫނީގައި ހިމެނޭ އެންތޯސައެނިން ތަކަކީ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި އަދި ދުޅަތިރިކޮށްދޭ މާއްދާއެއްގެ ގޮތުގައި ހަރަކާތްތެރި ވެގެން ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން ޒައިތޫނީގައި ހިމެނޭ އޮލީކް އެސިޑަކީ އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި ޒައިތޫނީގައި ހިމެނޭ "ހައިޑްރޮކްސީޓައިރަސޯލް" އަކީ ވެސް ސެލްތަކުގެ ޑީއެންއޭ އަށް ބަދަލު ގެނުވައި، އާދަޔާ ޚިލާފު ސެލްތައް އުފެއްދުމަށް ހުރަސްއަޅާ މާއްދާ އެކެވެ.

ކަށިތައް ވަރުގަދަކުރުން : ޒައިތޫނީގައި ކަށީގެ ދުޅަހެޔޮކަމަށް ބޭނުންތެރި ކެލްސިއަމް، ވިޓަމިން ޑީ، އަދި ފޮސްފަރަސް ހުރެއެވެ. މިއީ ކަށިތައް ހެދިބޮޑުވެ، އާލާވުމާއި، ކަށިތައް ވަރުގަދަވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެހެންކަމުން ގަވާއިދުން ޒައިތޫނި ބޭނުންކުރާނަމަ "ރިކެޓްސް" އަދި ކަށިފީވުން ފަދަ މައްސަލަތަކުން މިންޖުވުމަށް އެހީތެރިވެދޭނެ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި ޒައިތޫނީގައި ހިމެނޭ ފީނޯލިކް ކަމްޕައުންޑް ގެ ގޮތުގައި ބެލެވޭ "ހައިޑްރޮކްސީޓައިރަސޯލް"، އަދި "އޮލިޔުރަޕިން" އަކީ ކެލްސިއަމް ކަށިތަކުގެ ތެރޭގައި ހިފަހައްޓައިދޭ، ކަށިތައް ހެދިބޮޑުވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެހެންކަމުން ގަވާޢިދުން ކެއުމުގައި ޒައިތޫނި ހިމެނުމަކީ ކަށިތައް ވަރުގަދަވާނެ ކަމެކެވެ.

ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ޒައިތޫނީގައި ހިމެނޭ ޕޮލީފީނޯލް ތަކަކީ ސަރުބީ ދަށްކޮށްދޭ އެއްޗެކެވެ. އޭގެ އިތުރުން ޕޮލީފީނޯލް ތަކަކީ ލޭހޮޅިތައް ފުޅާކޮށްދީ، ގަނޑުލޭކޮޅުތައް ލޭހޮޅިތަކުގައި އުފެދުން ކުޑަކޮށްދީ، ހިތުގެ މަސައްކަތް ލުއިކޮށްދީ، ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.


ޒައިތޫނީގައި ހިމެނޭ މޮނޮއަންސެޗިޔުރޭޓެޑް ފެޓްގެ ގޮތުގައި ބެލެވޭ އޮލީކް އެސިޑް އާއި ހިތުގެ ބަލިން ރައްކާތެރިވުމާއި ގުޅުމެއް ވާކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ. އޮލީކް އެސިޑަކީ ލޭގެ ޕްރެޝަރު ވެސް ދަށްކޮދޭ މާއްދާއަކަށްވުމުން މިއީ ވެސް ހިތުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ޒައިތޫނި ބޭނުންކުރުން ބާރަކަށް ވާކަމަށް ވެއެވެ.

ޒައިތޫނީގައި ހިމެނޭ ފީނޯލިކް ކަމްޕައުންޑެއްގެ ގޮތުގައި ބެލެވޭ "ހައިޑްރޮކްސީޓައިރަސޯލް" އަކީ ލޭގަނޑުވުން ހުއްޓުވާ، ލޭދިޔާކޮށްދޭ މާއްދާ އެކެވެ. މާނައަކީ ގަނޑުލޭކޮޅު އުފެދި، ލޭހޮޅީގެ ލޭދައުރުވުމަށް ހުރަސްއެޅުން ހުއްޓުވައިދޭ މާއްދާ އެކެވެ.

ވިހަ ސާފުކުރުން : ޒައިތޫންޏަކީ މޭގަނޑާއި ގޮހޮރުން ވިހަ ސާފުކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. ޒައިތޫނީގައި ހުންނަ ފައިބަރުގެ ސަބަބުން ގޮހޮރުގައި ވިހަ ތަތްލުމުން ދުރުކޮށްދީ، ގޮހޮރުގައި ހުންނަ ވިހަ ފައިބަރާއެކު ބޭރުކޮށްދީ، ބަނޑުހިކުމުން ރައްކާތެރިކޮށްދެއެވެ.

ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ޒައިތޫނީގައި ހިމެނޭ އެންޓިއޮކްސިޑެންޓް ތަކަކީ ހަމުގެ ޞިއްޙަތަށް ބޭނުންތެރި މާއްދާ ތަކެކެވެ. އެގޮތުން ފްރީރެޑިކަލްތަކުން ހަމަށް ލިބޭގެއްލުން އެންޓިއޮކްސިޑެންޓް ތަކުގެ ސަބަބުން ކުޑަކޮށްދެއެވެ. މީގެ އިތުރުން ޒައިތޫނީގައި ގިނަ އަދަދަކަށް ބީޓާ ކެރޮޓީން ހުރެއެވެ. މިއީ ހަން ފަށަލަ އާކޮށްދީ ހަމަށް ދިރުންގެނެސްދޭ މާއްދާ އެކެވެ.

ދުޅަތިރިކުރުން : ޒައިތޫނީގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން ޒައިތޫނި ބޭނުންކުރުމުން ދުޅަތައް ތިރިކޮށްދެއެވެ. އެގޮތުން މަސްތައް، ހުޅުތައް، ކަށިތައް، ޓެންޑަންތައް، ލިގަމެންޓްތައް، އަދި އެހެނިހެން ޓިޝޫތަކުގައި ހުންނަ ރިހުމާއި ދުޅަ ތިރިކޮށްދެއެވެ. ޚާއްޞަކޮށް ރާއްޖެ ބައްޔާއި، ހުޅުދުޅަވުމުގެ ތަފާތު ވައްތަރުތައް ހުންނަ މީހުންނަށް ޒައިތޫންޏަކީ ފައިދާހުރި ބާވަތެއްކަމަށް ބެލެވިފައި ވެއެވެ.

ހަޖަމު ރަގަޅުކުރުން : ޒައިތޫންޏަކީ ފައިބަރުން މުއްސަދި ބާވަތެކެވެ. ފައިބަރަކީ ހަޖަމު ރަގަޅުކޮށްދޭ މާއްދާ އެކެވެ. ފައިބަރަކީ ކުޑަގޮހޮރާއި، ބޮޑުގޮހޮރުގެ ހަރަކާތް އިތުރުކޮށް ހަލުވިކޮށްދީ، ބަނޑުހިކުމުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ފައިބަރު ކެއުމުން ފުރިފައި ހުންނަ އިހުސާސެއް ގެނެސްދީ ބަނޑުހައިހޫނުކަން އަންގައިދޭ ހޯރމޯން "ޣްރެލިން" ދޫކުރުން ހުއްޓުވައެވެ. ނަތީޖާއެއްގެ ގޮތުން މާގިނައިން ކެއުމާއި ދުރުކުރުވައެވެ. އެހެންކަމުން ހަޖަމު ރަގަޅުކޮށްދިނުމުގެ އިތުރުން ފައިބަރުގެ ސަބަބުން ބަރުދަން ލުއިވުމަށް ވެސް އެހީތެރިކަން ލިބިގެން ދެއެވެ.

ލޭ ރަގަޅުކޮށްދިނުން : ޒައިތޫނީގައި ކޮޕަރ އަދި ދަގަނޑު ގިނަ އަދަދަކަށް ހުރެއެވެ. މިއީ ލޭގެ ރަތް ސެލްތައް އުފެއްދުމަށް ބޭނުންތެރި މާއްދާ ތަކެކެވެ. އެހެންކަމުން ޒައިތޫންޏަކީ ލޭގެ ރަތް ސެލްތައް އުފައްދައިދީ، ލޭދަށްވުމުން ދުރުވެ ހުރުމަށް އެހީތެރިވެދޭ ބާވަތެކެވެ.

ބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވުން : ޒައިތޫނީގައި ހިމެނޭ "އޮލިޔުރަޕިން" ގެ ސަބަބުން ބެކްޓީރިޔާތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހަށިގަނޑަށް ލިބެއެވެ. އެހެން ގަވާއިދުން ޒައިތޫނި ބޭނުންކުރާނަމަ ބެކްޓީރިޔާގެ ސަބަބުން ޖެހޭ ތަފާތު ބަލިތައް ޖެހުމާއި ދުރުކޮށްދޭނެ އެވެ.
މައުލޫމާތު :