Sunday, January 10, 2016

ދަރިން ތަރުބިއްޔަތުކުރުން : މެދުމަދަރުސީ އުމުރުފުރާ



ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު : މެދު މަދަރުސީ  އުމުރު ފުރާ (ނުވައަހަރާއި، އެގާރަ އަހަރާއި ދެމެދުގައި)

ހެދިބޮޑުވަމުން އަންނަގޮތް
މައިންބަފައިންނާއި، އާއިލާގެ ބޭރުން ރަހުމަތްތެރިން ހޯދައި، އަމިއްލައަށް ކަންކަންކުރުމާއި، ކަންކަމަށް އިސްނެގުން ކުރިޔަށްވުރެ އިތުރުވާނެއެވެ. ދުޅަހެޔޮކޮށް ހެދިބޮޑުވުމަށް މިއުމުރުގައި އެހެންކުދިންނާއި، އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް މިއުމުރުގައި ރަހުމަތްތެރިންގެ ނުފޫޒު ކުދިންގެ މައްޗަށް އިތުރުވެގެން އައުން ގާތެވެ. އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ކުދިންނަށް ރަހުމަތްތެރިންގެ ފުށުން އަންނަ ނުފޫޒުތަކާއި، ފިއްތުންތަކަށް ކުރިމަތިލާން އެނގޭނެ އެވެ. އަމިއްލައަށް ކަންކަންކުރަން ފެށުމާއެކު، ކުދިންނަށް އެކުދިންގެ ޒިންމާތައް އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. ބާލިޣުވުމުގެ އަލާމާތްތައް މިއުމުރުގައި ޚާއްޞަކޮށް އަންހެންކުދިންގެ ކިބައިން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އާންމު ގޮތެއްގައި މެދު މަދަރުސީ ތަޢުލީމު ކުއްޖާ ފަށައިގަންނަ ދުވަސްވަރެވެ.  

އާތިފީ، އިޖުތިމާޢީ ގޮތުން އަންނަ ބަދަލުތައް
o       އެހެން ކުދިންނާއި އެކު އޮންނަ ގުޅުން ރަނގަޅުވެ، ގާތް ރަހުމަތްތެރިން ތިބުން
o       ރަހުމަތްތެރިންގެ ފަރާތުން އަންނަ ނުފޫޒު އިތުރުވުން
o       ބާލިޣުވާން އުޅޭއިރު ހަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަވުން
o       ކެއުމަށްދޭ ސަމާލުކަން ކުޑަވެ، ކެއުމާއި ގުޅުންހުރި މައްސަލަތައް ދިމާވާން ފެށުން
ވިސްނުމާއި، އުނގެނުމަށް އަންނަ ބަދަލުތައް
o       ކިޔެވުމުގެ ވާދަވެރިކަން ބޮޑުވުން
o       އަމިއްލައަށް ކަންކަންކޮށް ނިންމުން ކުރިޔަށްވުރެ ބޮޑުވުން
o       ކަންކަމުގައި ދެކޭގޮތް ފާޅުކުރަން އެނގުން
o       ކަންކަމަށް ސަމާލުކަން ދިނުން އިތުރުވުން
ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައްތައް
·         ދަރިފުޅަށް ވަގުތު ދޭށެވެ. ދަރިފުޅުގެ ރަހުމަތްތެރިންނާއި، ދަރިފުޅުގެ އުއްމީދުތަކާ، ދިމާވާ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.
·         ދަރިފުޅުގެ ސުކޫލުން ރާވާ ހިންގާ ހަރަކާތްތަކުގައި ބައިވެރިވާށެވެ. ދަރިފުޅުގެ ކަންކަމުގައި މުދައްރިސުންނާއި ބައްދަލުކޮށް މަޝްވަރާ ކުރާށެވެ.
·         ސުކޫލްގައި އަދި މުޖުތަމަޢުގައި ހިންގާ އެކި ކަހަލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދަރިފުޅަށް ބާރުއަޅާށެވެ. އެއީ ދަރުމަވެރިވުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފުމަށްޓަކައެވެ.
·         ރަގަޅު ކަންތައްތަކާއި، ގޯސްތައް ކަންތައްތައް ކަނޑައަޅައި ނިންމުމުގައި ދަރިފުޅަށް އެހީތެރިވެދޭށެވެ. ރަހުމަތްތެރިންގެ ނުފޫޒު ފޯރައިފާނެ ގޯސް ކަންތައްތަކާއި ބެހޭގޮތުން (ދުންފަތުގެ އިސްތިއުމާލުކުރުން / މަސްތުވާތަކެތި ބޭނުންކުރުން/ ގޭންގުތަކުގައި ބައިވެރިވުން / މާރާމާރީ ހިންގުން) ދަރިފުޅާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.
·         ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އޮންނަކަން ދަރިފުޅަށް އަންގައިދިނުމަށް (ވިސްނައިދިނުމަށް) މަސައްކަތްކުރާށެވެ. ގޭތެރޭގެ ބައެއް ކަންތައްތަކުގައި (މިސާލަކަށް މޭޒެއް ރާވާލުން، މޭޒުމަތި ތަރުތީބުކޮށްލުން، ތަންމަތި ރީތިކޮށްލުން، ފަދަ ކަންތައްތައް + ކެއްކުން ، ގޭތެރެ ސާފުކުރުން، ތަންމަތި އެޅުން) ދަރިފުޅު ބައިވެރިކުރާށެވެ. ނުވަތަ ދަރިފުޅު ލައްވައި ގޭތެރޭގެ ބައެއް ކަންކަން ކުރުވާށެވެ. ފައިސާ ޚަރަދުކުރެވޭގޮތާއި، ފަހަށް ރައްކާކުރުމުގެ މުހިއްމު ދަރިފުޅަށް ވިސްނައިދޭށެވެ.
·         ދަރިފުޅުގެ ރަހުމަތްތެރި ކުދިންގެ އާއިލާ އާއި ބައްދަލުކުރާށެވެ.
·         އެހެންމީހުންނަށް އިހުތިރާމު ކުރުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ. އަދި އެހެން މީހުންނަށް އިހުތިރާމުކުރުމާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ބާރުއަޅާށެވެ. + އެހެންމީހަކު އިހުތިރާމުކުޑަކޮށް، ނުރަގަޅުކޮށް ކަމެއްކޮށްފިނަމަ ހަދާނެގޮތް ބުނެކިޔައިދީފައި ބާއްވާށެވެ.
·         ދަރިފުޅު އަމިއްލައަށް ޙާޞިލްކުރަން ބޭނުންވާ އަމާޒުތަކެއް ކަނޑައެޅުމަށް އެހީތެރިވެދޭށެވެ. ދަސްކުރަންބޭނުންވާ ކަންތައްތަކާއި، ހުނަރުތަކާ މެދު ވިސްނައި، އެކަންކަން ދަސްކޮށް ކުރިއެރުވުމުގައި އެހީތެރިވެދޭށެވެ.
·         ދަރިފުޅުގެ އަޚްލާގު ބައްޓަންކުރުމުގައި ހަރުދަނާކަމާއެކު، އެއްގޮތެއްގައި ދެމިހުންނާށެވެ. ދަރިފުޅު ފަރާތުން ދެކެން ބޭނުންވާ އުޅުމާއި، ކަންތައްތައް ކިޔައިދީ އޮޅުން ފިލުވައިދޭށެވެ. ބޮޑުމީހަކު ނެތް ހާލަތްތަކުގައި އަމަލުކުރަންޖެހޭނެ ގޮތް ކިޔާދީފައި ބާއްވާށެވެ. ކުރަންޖެހޭ ކަންކަމާއި، ނުކުރަންޖެހޭ ކަންކަން ސަބަބާއެކު ބުނެދެވިފައި އޮންނަ ކަމުގައިވާނަމަ، ކަމެއް ދިމާވުމުން ގިނަ ފަހަރު ކަންކުރަންޖެހޭގޮތް ދަރިފުޅަށް އޮޅުންފިލާފައި އޮންނާނެ އެވެ.
·         ދަރިފުޅު ގޯސްކަމެއް ކުރުމުން އަދަބުދީ، ދެރަކޮށް ދަށްކޮލުމުގެ ބަދަލުގައި، ކަންކުރަންޖެހޭގޮތް ރަގަޅަށް އޮޅުންފިލުވައިދީ ކިޔައިދީ، އެކަމެއް ރަގަޅުކުރުމަށް ހިތްވަރު ދޭށެވެ.
·         ދަރިފުޅު ކުރާ ރަގަޅު ކަންތައްތައް ފާހަގަކޮށް އެކަމަށް ތައުރީފުކޮށް އެގޮތުގައި ދެމިހުރުމަށް ހިތްވަރުދޭށެވެ. މިގޮތަށް ހެދުމުން ރަގަޅު ކަންތައްތައް ކުރުމަށް ދަރިފުޅަށް ހިތްވަރު ލިބޭނެ އެވެ.
·          ފުރާވަރަށް އަޅާއިރު ތަބީއީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދަރިފުޅާ ވާހަކަ ދައްކާށެވެ.
·         ކޮންމެ ދުވަހަކު ވެސް ފޮތްކިޔުމަށް ދަރިފުޅަށް ބާރުއަޅާށެވެ. ގޭގައި ހަދަން ސުކޫލުން ދީފައި ހުންނަ މަސައްކަތްތަކާ ބެހޭގޮތުން ދަރިފުޅާ ވާހަކަ ދައްކާށެވެ.
·         ދަރިފުޅާ ތެދުވެރިކަމާއެކު ރީތި ބަހުން ވާހަކަ ދައްކާށެވެ. ކަންތައްތައް ކުރުމުގައި އެންމެ އެކުގައި ގުޅިގެން އެއްއާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ.
ދަރިފުޅުގެ ރައްކާތެރިކަން
·         ދަރިފުޅު ގޮވައިގެން ސައިކަލް ދުއްވާއިރު، ދުއްވާތަކެތި ދުއްވުމުގައި ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރަންޖެހޭނެ އެވެ. ދަރިފުޅު ގޮވައިގެން ބާރު ދުވެއްޔެއްގައި ސައިކަލް ދުއްވުމަކީ ރައްކާތެރިކަމެއް ނޫނެވެ.
·         ދުވާރު މަތިން ހިނގުމަށް ދަރިފުޅަށް ލަފާދޭށެވެ. ދުވާރު ނެތްނަމަ މަގުގެ އެއްކައިރިން ދިއުން ބުއްދިވެރި އެވެ.
·         މަގުހުރަސްކުރާއިރު ކަފިހުރަސް މަތިން މަގުގެ ދެކޮޅު ބަލާފައި ހުރަސްކުރުމަށް ދަރިފުޅުގެ ގާތުގައި ބުނާށެވެ.
·         މަގުމަތީގައި ހިނގާބިނގާވެ އުޅޭއިރު، ދުއްވާތަކެތި ދުއްވުމުގަޔާއި، މަގުމަތީގެ ހިނގާބިނގާވެ އުޅޭ މީހުންނަށް ހެދިފައިވާ ހުންނަ ގަވާއިދުތަކަށް އިހުތިރާމުކޮށް، އެއަށް އަމަލުކުރުމަށް ދަރިފުޅަށް ބާރުއަޅާށެވެ.
·         ދަރިފުޅު އެހެން މީހަކު/ބަޔަކާއެކު ފޮނުވާނަމަ ދާތަނެއް/އުޅޭތަނެއް އެގެންވާނެ އެވެ. އަދި ތަނަކަށް ފޮނުވާނަމަ ފޮނުވަންވާނީ އިތުބާރުކުރެވޭ، ޒިންމާ ނެގޭވަރުގެ މީހަކާ އެކުގައެވެ. ސުކޫލް މަދަރުސާގެ ހަރަކާތަކަށް ދާނަމަ، ނިމޭގަޑިއާއި، ބަލައިދާންޖެހޭ ވަގުތާއި، ގެއަށް އަންނާނެ ވަގުތު ހޯދާފައި ބޭއްވުން މުހިއްމެވެ.
·         ވަރަށް ގިނަފަހަރު އޮފީސްތަކަށްދާ މައިންބަފައިން އޮފީސް ނިންމާފައި ގެއަށް އައުމުގެކުރިން ދަރިން ސުކޫލް ނިންމާފައި ގެޔަށްދެއެވެ. މިގޮތުން ދާއިރު ބައެއް ފަހަރު ދަރިފުޅު އެކަނި ގޭގައި ހުންނަން ޖެހިދާނެ އެވެ. އެފަދަ ހާލަތުގައި ކަންތައް ކުރާނެގޮތް އޮޅުންފިލުވާދީފައި ބޭއްވުން މުހިއްމެވެ.
ދުޅަހެޔޮ ހަށިގަނޑު
·         ދަރިފުޅަށް ގިނައިން ތަރުކާރީއާއި މޭވާގެ ބާވަތްތައް ދޭށެވެ. ލޮނާއި، ތެޔޮ، އަދި ހަކުރު ހުންނަ ބާވަތްތައް ވަކި މިންގަނޑަކަށް ދޭށެވެ. ހަށިގަނޑަށް ފައިދާހުރި ކާތަކެތި ބޭނުންކުރުމަށް އިސްކަން ދޭށެވެ.
·         ދަރިފުޅުގެ ކޮޓަރީގައި ޓީވީ ނުބަހައްޓާށެވެ. ޓީވީ ބެލުން، ކޮމްޕިއުޓަރު ކުޅުން ފަދަ ކަންތައްތަކަށް ހޭދަވާ ވަގުތު ދުވާލަކު 2-1 ގަޑިއިރަށްވުރެ އިތުރުވިޔަ ނުދޭށެވެ.
·         ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމަށް ބާރުއަޅާށެވެ. އެގޮތުން ހަފްތާއަކު 3 ދުވަހު ދުވުން، ހިނގުން، ފެތުން، ފުއްމުން ފަދަ ކަސްރަތެއް ކޮށްލެވިދާނެ އެވެ.
މައުލޫމާތު :

ދަރިން ތަރުބިއްޔަތުކުރުން : ސުކޫލްފަށާ އުމުރުފުރާ



ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު : ސްކޫލް ފަށާ އުމުރު ފުރާ (ހައަހަރާއި، އަށްއަހަރާއި ދެމެދުގައި)
ހެދިބޮޑުވަމުން އަންނަގޮތް
ސުކޫލް ފަށާ އުމުރު ފުރާ އަކީ ކުޑަކުދިންނަށް ވަރަށް ގިނަ ބަދަލުތަކެއް އަންނަ އުމުރު ފުރާ އެކެވެ. މިއުމުރުގައި އަމިއްލައަށް ހެދުން އެޅުން، އަތުން ބޯޅައިގައި ރަނގަޅަށް ހިފުން، ބޫޓުގެ ނާޑުވާ އެއްސުން ފަދަ ކަންތައްތައް ދަސްކުރާނެއެވެ. މިއުމުރުގައި އެހެންމީހުންގެ އެހީތެރިކަމާއި، ނުލައި ކުއްޖާ އަމިއްލައަށް ކަންތައްތައް ކުރަން ދަސްކުރަން ފެށުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސުކޫލަށްދާ ފެށުމަކީ ވަރަށް ގިނަ ބަޔަކާއި، ބައްދަލުވެ، ވަރަށް ގިނަ އާކަންތައްތައް ކުރާތަން ފެނި، ވަރަށް ގިނަ ގޮތްގޮތުން ދުނިޔޭގައި ހިނގާ ކަންކަމުގެ ތެރެއަށް ކުޑަކުދިން ހުށަހެޅުމަށް ފަހިވެގެންދާ ފުރުޞަތެކެވެ. ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ހުނަރުތައް ވެސް މިއުމުރުގައި ވަރަށް އަވަހަށް ކުދިން ދަސްކުރާނެ އެވެ. މިއީ ސުކޫލް މަދަރުސާގެ ތެރެއިންނާއި، ކުޅިވަރުގެ ތެރެއިން، އަދި ރައްޓަހި ރަހުމަތްތެރިންގެ ތެރެއިން ކުދިންނަށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބިނާކުރުމަށް ފުރުޞަތު ފަހިވެގެންދާ ނާޒުކު އުމުރު ފުރާ ވެސް މެއެވެ. އެގޮތުން މިއުމުރު ފުރާގައި ކުއްޖާގެ ހެދިބޮޑުވުމުގެ ތެރެއިން ފާހަގަކުރެވިދާނެ ބައެއް ބަދަލުތައް ތިރީގައި މިވަނީ އެވެ. 

އާތިފީ، އިޖުތިމާޢީ ގޮތުން އަންނަ ބަދަލުތައް
o       މައިންބަފައިންނާއި، އާއިލާގެ މެންބަރުންގެ އެހީތެރިކަމާއި ނުލައި އަމިއްލައަށް ކަންކަން ކުރަން ބޭނުންވުން
o       މުސްތަގުބަލާމެދު ވިސްނަން ފެށުން
o       ވަށައިގެން ހިނގާ ކަންކަން އެނގޭ ނިސްބަތް ބޮޑުވުން
o       ރަހުމަތްތެރިކަމާއި، ގުޅިގެން ކަންކަންކުރުމަށް ސަމާލުކަން ދިނުން އިތުރުވުން
o       އެހެންމީހުން ގަޔާވާ، ބަލައިގަންނަ ކުއްޖެއްގެ ގޮތުގައި ވާންބޭނުންވުން
ވިސްނުމާއި، އުނގެނުމަށް އަންނަ ބަދަލުތައް
o        ވިސްނުމުގެ ހުނަރުތައް ވަރަށް އަވަހަށް ތަރައްގީވަމުން އަންނަކަން ފާހަގަވުން
o       ކަންކަން ސިފަކޮށްދީ ހެދުން، ޚިޔާލުތަކާއި، އިހުސާސްތަކާއި، ޝުޢޫރުތައް ފާޅުކޮށްހެދުން
o       އަމިއްލަ ނަފުސަށްވުރެ އެހެން މީހުންނާއި މެދު ކަންބޮޑުވެގެން އުޅުން
ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައްތައް
·         ދަރިފުޅު ދެކެވާ ލޯބި ހާމަކޮށް ދައްކައިދޭށެވެ. ދަރިފުޅު ހޯދާ ކާމިޔާބީ ފާހަގަކުރާށެވެ.
·         ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އޮންނަކަން ދަރިފުޅަށް އަންގައިދިނުމަށް (ވިސްނައިދިނުމަށް) މަސައްކަތްކުރާށެވެ. ގޭތެރޭގެ ބައެއް ކަންތައްތަކުގައި (މިސާލަކަށް މޭޒެއް ރާވާލުން، މޭޒުމަތި ތަރުތީބުކޮށްލުން، ތަންމަތި ރީތިކޮށްލުން، ފަދަ ކަންތައްތައް) ދަރިފުޅު ބައިވެރިކުރާށެވެ. ނުވަތަ ދަރިފުޅު ލައްވައި ގޭތެރޭގެ ބައެއް ކަންކަން ކުރުވާށެވެ.
·         ސުކޫލް، ރަހުމަތްތެރިން، ރައްޓަހިން، އަދި މުސްތަގުބަލަށް ކުރެވޭ އުއްމީދުތަކާ ބެހޭގޮތުން ދަރިފުޅާ ވާހަކަ ދައްކާށެވެ.
·         އެހެންމީހުންނަށް އިހުތިރާމު ކުރުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ. އަދި އެހެން މީހުންނަށް އިހުތިރާމުކުރުމާއި، ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ބާރުއަޅާށެވެ.
·         ދަރިފުޅު އަމިއްލައަށް ޙާޞިލްކުރަން ބޭނުންވާ އަމާޒުތަކެއް ކަނޑައެޅުމަށް އެހީތެރިވެދޭށެވެ. އަމިއްލައަށް ކަންކަން ދަސްކޮށް، އެހެން މީހުންނަށް ބަރޯސާނުވެ، އުޅޭނެގޮތް ދަރިފުޅަށް ދަސްކޮށްދޭށެވެ.
·         ކަންކަމާ ކެތްތެރިވުމަށް ދަރިފުޅަށް ދަސްކޮށްދޭށެވެ. މިސާލަކަށް ކުޅެން ދިއުމުގެ ކުރިން ވަކި ކަމެއްކޮށް ނިންމާފައި ދިއުމަށް ބުނެވިދާނެ އެވެ. ކަމެއްކުރުމުގެ ކުރިން އެކަމުގެ ސަބަބުން ދިމާވެދާނެ ކަންކަމާއި މެދު ސަމާލުވެ ވިސްނާލުމަށް ބާރުއެޅިދާނެ އެވެ.
·         ޓީވީ ބެލުން، ގޭމްކުޅުން ފަދަ ކަންކަމުގައި ހޭދަކުރެވޭނެ ވަގުތާއި މިންވަރު، ނިދަން އޮށޯންނަންޖެހޭ ގަޑި ފަދަ ކަންތައްތަކަށް ވަކި ގަވާއިދުތަކެއް ހަދައި އެގަވާޢިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް ދަރިފުޅަށް ބާރުއަޅާށެވެ. ކޮށްގެންވާނޭ ކަންތައްތަކާއި، ކޮށްގެންނުވާނޭ ކަންތައްތައް ރަގަޅަށް އޮޅުންފިލުވައިދީފައި ބާއްވާށެވެ.
·         އާއިލާއެކުގައި މަދުވެގެން ހަފްތާއަކު އެއްފަހަރު އުފަލާ މަޖަލުގައި ވަގުތުކޮޅެއް ހޭދަކުރުމަށް އިސްކަން ދޭށެވެ. އެގޮތުން ހުރިހާ އެންމެން ބައިވެރިވެގެން ކޮންމެވެސް ކަހަލަ ކުޅިވަރެއް ކުޅުން، ހުރިހާ އެންމެންގެ އެކުގައި ކޮންމެވެސް ތަނަކަށް (ޕާރކު، ކާނިވާ، ފޮތް މައުރަޒު ފަދަ ތަނަކަށް) ޖައްސާލުން ފަދަ ކަމެއް ކުރެވިދާނެ އެވެ.
·         ދަރިފުޅުގެ ސުކޫލްގެ އެކި ކަންކަމުގައި ބައިވެރިވެވޭތޯ ބަލާށެވެ. މުދައްރިސުންނާއި، ބައްދަލުކޮށް، އެކުދިންގެ އުގެނުމުގައި ސުކޫލްގެ އަމާޒަކީ ކޮބައިތޯ އޮޅުންފިލުވައި، މައިންބަފައިންނާއި، މުދައްރިސުން ގުޅިގެން ދަރިފުޅުގެ ކިޔެވުން ރަގަޅުކުރެވޭނެ ގޮތްތައް ހޯދައި، އެކަން ކުރިއެރުވުމަށް މަސައްކަތް ކުރެވިދާނެ އެވެ.
·         ފޮތް ކިޔުމަށް ދަރިފުޅަށް ބާރުއެޅުމުގެ ގޮތުން ދަރިފުޅާއެކު ފޮތް ކިޔުމުގައި ވަގުތު ހޭދަކުރާށެވެ.
·         ދަރިފުޅު ކުރާ ރަގަޅު ކަންތައްތައް ފާހަގަކޮށް އެކަމަށް ތައުރީފުކޮށް އެގޮތުގައި ދެމިހުރުމަށް ހިތްވަރުދޭށެވެ.
·         އާގޮށްޖެހުންތަކާ ކުރިމަތިލުމަށް ދަރިފުޅަށް ހިތްވަރުދޭށެވެ. ދިމާވާ ދެބަސްވުންތަކާ، ހިތްހަމަނުޖެހުންތައް އަމިއްލައަށް ހައްލުކުރުމަށް ބާރުއަޅާށެވެ.
·         ސުކޫލްގައި އަދި މުޖުތަމަޢުގައި ހިންގާ އެކި ކަހަލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދަރިފުޅަށް ބާރުއަޅާށެވެ. އެއީ ދަރުމަވެރިވުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފުމަށްޓަކައެވެ.
ދަރިފުޅުގެ ރައްކާތެރިކަން
·         ދަރިފުޅު ގޮވައިގެން ސައިކަލް ދުއްވާއިރު، ދުއްވާތަކެތި ދުއްވުމުގައި ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރަންޖެހޭނެ އެވެ. ދަރިފުޅު ގޮވައިގެން ބާރު ދުވެއްޔެއްގައި ސައިކަލް ދުއްވުމަކީ ރައްކާތެރިކަމެއް ނޫނެވެ.
·         ދަރިފުޅު ގޮވައިގެން ފެރީ، ބަސް ފަދަ ތަކެތިން ދަތުރުކުރާއިރު ދަރިފުޅު ފެންނަ ހިސާބުގައި އަޅާލާނޭ މީހަކު ނެތި އެކަނި ދޫކޮށްލައިގެން ނުވާނެ އެވެ.
·         ދަރިފުޅު ގޮވައިގެން މަގުމަތީގައި ހިނގާއިރު ދުވާރުމަތި ޚިޔާރުކުރުމަކީ މުހިއްމު ކަމެކެވެ. ދުވާރުން ފައިބައިގެން ހިނގަން ޖެހިއްޖެ ހާލަތެއްގައި ދަރިފުޅު ހުންނަންވާނީ މަގުގެ ދުވާރާއި ކައިރި ފަޅީގައެވެ.
·         ދަރިފުޅު ގޮވައިގެން މަގުހުރަސްކުރާއިރު ކަފިހުރަސް މަތިން މަގުގެ ދެކޮޅު ބަލާފައި ހުރަސްކުރުމަށް އަހައްމިއްޔަތުކަން ދޭންވާނެ އެވެ.
·         މަގުމަތީގައި ހިނގާބިނގާވެ އުޅޭއިރު، ދުއްވާތަކެތި ދުއްވުމުގަޔާއި، މަގުމަތީގެ ހިނގާބިނގާވެ އުޅޭ މީހުންނަށް ހެދިފައިވާ ހުންނަ ގަވާއިދުތަކަށް އިހުތިރާމުކޮށް، އެއަށް އަމަލުކުރުމަށް ދަރިފުޅަށް ބާރުއަޅާށެވެ.
·         ދަރިފުޅު މޫދަށްއެރޭނަމަ، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ބޭނުންކުރަންޖެހޭ އަދަވާތްތައް ބޭނުންކުރުމަށް ބާރުއަޅާށެވެ. މޫދަށްއެރި އުޅޭއިރު ދަރިފުޅު ފެންނަ ހިސާބުގައި އެހީތެރިޔަކު ހުންނަންވާނެ އެވެ.
·         ގަހަށްއެރުން، އުސްތަނަކަށް އެރުން ފަދަ ނުރައްކަލެއް މެދުވެރިވެދާނެ ފަދަ ކަމެއްކުރާނަމަ، ފެންނަ ފަށުގައި އެހީތެރިޔަކު ހުންނަން ވާނެއެވެ. އަދި އުޅޭނޫޅޭގޮތް ބަލަންވާނެ އެވެ. އެއީ ކަނޑައެޅިގެން ނުރައްކަލެއް ދިމާވެދާނެ ކަމެއްހެން ހީވާނަމަ އެކަމެއް ހުއްޓުވުމަކީ އެންމެ ރަގަޅު ގޮތެވެ.
·         ނުރައްކަލެއް މެދުވެރިވެދާނެ ފަދަ ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމެއްގެ މެދުތެރެއިން އެހީއަކަށް އެދެން ޖެހިއްޖެނަމަ އަމަލުކުރާނޭގޮތް އެކަމެއް ފެށުމުގެ ކުރިން ދަރިފުޅަށް އޮޅުން ފިލުވާދީފައި ބޭއްވުމަކީ ބުއްދިވެރި ކަމެކެވެ.
·         ގޭތެރޭގައި ގެންގުޅޭ ކުޑަކުދިންނަށް އަނިޔާއެއް، ގެއްލުމެއް ލިބިދާނެ ފަދަ އަދަވާތްތަކާއި، އާލާތްތަކާ، އެހެނިހެން އެފަދަ ތަކެތި ދަރިފުޅުގެ އަތްނުފޯރާ ހިސާބުގައި ބަހައްޓާށެވެ.
ދުޅަހެޔޮ ހަށިގަނޑު
·         ސުކޫލް މަދަރުސާ ތަކުގައި ކުދިންނަށް ދެވޭ ކާތަކެއްޗަކީ ޞިއްހީގޮތުން ފައިދާހުރި ތަކެއްޗަށް ހެދުމަށް މައިންބަފައިންނަށް ވެސް މަސައްކަތްތަކެއް ކުރެވިދާނެ އެވެ. އެގޮތުން ސުކޫލްގެ ހަތަރުފާރުން އެތެރޭގައި ލޮނާއި، ސަރުބީ އަދި ހަކުރު މާގިނައިން އަޅާފައި ހުންނަ ބާވަތްތައް ބޭނުންނުކުރުމަށް ސުކޫލްތަކަށް ލަފާދެވިދާނެ އެވެ.
·         ކޮންމެ ދުވަހަކު މަދުވެގެން ގަޑިއެއްހާއިރު ކޮންމެވެސް ކުޅިވަރެއް ކުޅުން ފަދަ ކަސްރަތެއް ލިބޭ ހަރަކާތެއްގައި ދަރިފުޅު ބައިވެރިކުރުވާށެވެ.
·         ޓީވީ ބެލުމާއި، ވީޑިޔޯ ގޭމް ކުޅުން، ފޯނާއި ކުޅުން، ޓެބްލެޓް، ނުވަތަ އައިޕެޑް ބޭނުންކުރުން، ފަދަ ސްކްރީން މީޑިޔާ ބޭނުންކުރާ ވަގުތު ދުވާލަކު 2-1 ގަޑިއިރަށްވުރެ އިތުރުވިޔަ ނުދޭށެވެ.
·         ފައިދާހުރި ކާނާ ބޭނުންކުރުމާއި، ހެލިފެލިވެއުޅުމަށް (ހަރަކާތްތެރިކަމާއެކު އުޅުމަށް) ބާރުއަޅާށެވެ.
މައުލޫމާތު :