Thursday, May 12, 2016

ފިތުގައި ހިލަ އުފެދުން

ފިތުގައި ހިލަ އުފެދުން
ފިތު ހިލަ ނުވަތަ ފިތުގައި ހިލަ އުފެދުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ މައްސަލަ އެކެވެ.  އިންސާނާގެ ހަށިގަނޑުގައިވާ ބިލިއަރީ ނިޒާމް ގެ ކޮންމެ ހިސާބެއްގައި ވެސް ހިލަ އުފެދިދާނެއެވެ. އެގޮތުން ފިތް، ބައިލް ޑަކްޓް، ކޮމަން ބައިލް ޑަކްޓް އަދި މިނޫން ބައިތަކުގައި ވެސް ހިލަ އުފެދިދާނެއެވެ. ބިލިއަރީ ނިޒާމްގައި ހިލަ އުފެދި ބެދުމަކީ ރީނދޫވުން ކުރިމަތި ކުރުވާނެ ކަމެކެވެ.
އިންސާނުންގެ ގެ ފިތަކީ ފުރަމޭގައި އުފައްދާ ހަޖަމުކުރުމަށް ބޭނުންވާ ދިޔައެއް ފަހުން ބޭނުންކުރުމަށްޓަކައި ރައްކާކޮށްފައި ބަހައްޓާ ތަނެކެވެ. ކޮމަން ބައިލް ޑަކްޓް ގައި ހަރުކުރެވިފައިވާ ފިތަކީ ތުނިކޮތަޅެއްގެ ސިފައިގައިވާ އެއްޗެކެވެ. ފިތުގައި ހިލަ އުފެދުމަކީ މިކޮތަޅުގެ ތެރޭގައި ހަރުވެލިފުށް ތަކެއް ފަދަ އަދި ބައެއް ފަހަރު ކުދި ބޯޅަ ވަރުގެ ހިލަކޮޅުކޮޅު އުފެދުމެވެ.

ފިތު ހިލައިގެ ސައިޒް
ފިތުގައި ހިލަ އެކި ވަރަށް އެކި ސައިޒަށް އުފެދެއެވެ. އެގޮތުން ކުދި ވެލިފުށް ވަރުގެ ހިލައިން ފެށިގެން ގޮސް ކުދި ބޯޅަ ވަރުގެ ހިލަ ވެސް އުފެދެއެވެ. ފިތުގައި ބޮޑު އެއްހިލަ ނޫނީ ކުދި ގިނަ ހިލަތަކެއް ވެސް އުފެދިދާނެ އެވެ. އެގޮތުން މިފަދަ ހިލަ ބިލިއަރީ ނިޒާމްގެ ކޮންމެ ހިސާބެއްގައި ވެސް އުފެދިދާނެ އެވެ. 

ފިތުގައި އުފެދޭ ހިލައިގެ ވައްތަރުތައް
ފިތުގައި އުފެދޭ ހިލަ އެކި ގޮތަށް ހުރެދާނެއެވެ. އެގޮތުން އުފެދޭ ހިލައިގައި ހިމެނޭ މާއްދާ އާއި ގުޅޭގޮތުން ފިތުގައި އުފެދޭ ހިލަ އަންނަނިވި ބައިތަކަށް ނުވަތަ ވައްތަރުތަކަށް  ބަހާލެވިދާނެއެވެ.

(ހ) ކޮލެސްޓްރޯލް ހިލަ: މިވައްތަރުގެ ހިލަ ހުންނަނީ ފެހި، ރީނދޫ ނުވަތަ ހުދު ކުލައިގައެވެ. ފިތުގައި އުފެދޭ ހިލައިގެ 80 އިންސައްތަ އަކީ ކޮލެސްޓްރޯލް ހިލައެވެ. 

(ށ) ޕިގްމެންޓް ހިލަ: މިއީ ކުދިކޮށް އަދިރި ކުލައިގައި ނޫނީ ކަޅުކޮށް ހުންނަ ހިލަތަކެކެވެ. މިވައްތަރުގެ ހިލައިގައި ހުންނަނީ ކެލްސިއަމް ސޯލްޓް އަދި ބިލިރޫބިން އެވެ.

ފިތުގައި ހިލަ އުފެދުމަށް މެދުވެރިވާ ސަބަބުތައް
ނިސްބަތުން ބަލާއިރު ފިތުގައި ހިލައުފެދުމަކީ ދިވެހިރާއްޖޭގައި ވެސް ޢާންމު ކަމެކެވެ. މިމައްސަލަ ގިނައިން ދިމާވަނީ މެދުއުމުރުގެ އަންހެނުންނަށެވެ. އެމީހުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ ދެގުނަ އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ. މީގެ ސަބަބެއް ކަމުގައިވަނީ އަންހެން ހޯރމޯން އެސްޓްރޯޖަން އަކީ ފުރަމޭ ގަނޑުން ނެރޭ ކޮލެސްޓްރޯލް ގިނަކުރާ އެއްޗަކަށްވާއިރު، ކޮލެސްޓްރޯލް އަކީ ފިތުގައި އުފެދޭ ހިލައިގެ އެކުލެވުމަކަށް ( ހިމެނޭ އެއްޗަކަށް ) ވާތީ އެވެ. 

ފިތުގައި ހިލަ އުފެދޭ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ފިތުގައި ހިލައުފެދުމަށް ސަބަބުވެރިކުރުވާ ކަމަށް ލަފާކުރެވޭ ގިނަ ކަންތައްތަކެއް ވާކަން ވަނީ ފާހަގަ ކުރެވިފައެވެ. 

(ހ) ފިތުގައި ހުންނަ ބައިލްގައި މާގިނައިން ކޮލެސްޓްރޯލް ހުރުން : އާންމު ގޮތެއްގައި ފުރަމެއިން އުފައްދައި ފިތުގެ ތެރެއަށް ފޮނުވާލާ ކޮލެސްޓްރޯލްތައް ވިރުވާލުމަށް ބޭނުންވާ ވަރަށް ކެމިކަލްތައް ބައިލްގައި ހުންނާނެ އެވެ. ނަމަވެސް ފިތުން ވިރުވާލެވޭ ވަރަށްވުރެ ގިނައިން ކޮލެސްޓްރޯލް ފުރަމެއިން އުފައްދާނަމަ، ފިތުގެ ތެރޭގައި އިތުރުވާ ކޮލެސްޓްރޯލްތައް އޮލަވެ، ގަނޑު އެތިކޮޅުތަކަށް ބަދަލުވެ، އެންމެ ފަހުން ހިލަ ކޮޅަކަށް ބަދަލުވެއެވެ. 

(ށ) ފިތުގައި ހުންނަ ބައިލްގައި މާގިނައިން ބިލިރޫބިން ހުރުން : ބިލިރޫބިން އަކީ ލޭގެ ރަތް ސެލްތައް ބައިބައިވެގެން ދިއުމުގެ ތެރޭގައި އުފެދިގެން އަންނަ ކެމިކަލް އެކެވެ. ބައެއް ހާލަތްތަކުގައި މިސާލަކަށް ފުރަމޭގައި ލަކުނުލުން، ބިލިއަރީ ނިޒާމުގައި ޖަރާސީމު އަށަގަތުން، ބައެއް ކަހަލަ ލޭގެ ބަލިތަކުގައި ފުރަމޭ އިން ބިލިރޫބިން އުފެދުން އިތުރުވެ، ފިތުގައި ހިލައުފެދުމަށް ބާރުއަޅައެވެ. 

(ނ) ފިތުގައި ހުންނަ މައްސަލަތަކުގެ ސަބަބުން ފިތުގައި ހުންނަ ދިޔަތައް ރަނގަޅަށް ބޭރުކޮށް ހުސްނުކުރެވުން : ފިތުގެ އެތެރޭގައިވާ ދިޔަ ނުވަތަ ބައިލް ފުރިހަމައަށް ބޭނުން ނުކުރެވުމުގެ ސަބަބުން އޭގެ ތެރޭގައި ދިޔަ އޮލަވެ ގަނޑު އެތިކޮޅަކަށް ބަދަލުވެ، (ބައިލްގައި ކޮލެސްޓްރޯލް އެކުލެވޭތީ) އެންމެ ފަހުން ހިލައަކަށް ބަދަލުވެއެވެ. މާބަނޑު އަންހެނުންނަށް މިމައްސަލަ ދިމާވާ މިންވަރު އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ. 

(ރ) އުފެދުމުގައި ފިތުގައި ހިލަ އުފެދެން މެދުވެރިވާ ފަދަ ވިރާސީ ބަހާއެއް ހުރުން

ފިތުގައި ހިލަ އުފެދުމަށް މަގުފަހިކުރާ ކަންތައްތައް 

(ހ) ހަށިގަނޑު މާބޮޑަށް ބުރަހެލިވެ ފަލަވުން : ހަށިގަނޑު މާބޮޑަށް ބުރަހެލިވެ ފަލަވުމަކީ ކޮލެސްޓްރޯލްގެ މިންވަރު މަތިވެ، ފިތުން ބައިލް ބޭރުކޮށް ހުސްކުރުމަށް ހުރަސްތަކާ ކުރިމަތިވާނެ ކަމެކެވެ. 

(ށ) ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުން، ބަލިވެއިނުން، އިއްދައިން ކެނޑުމުން ހޯރމޯންގެ ފަރުވާ ނެގުން : މިފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުގައި އެސްޓްރަޖަން ހޯރމޯންގެ މިންވަރު މަތިވެ، ކޮލެސްޓްރޯލްގެ މިންވަރު މަތިވެ، ފިތުން ބައިލް ބޭރުކޮށް ހުސްކުރުމަށް ހުރަސްތަކާ ކުރިމަތިވާނެ ކަމެކެވެ. 

(ނ) ހަކުރު ބަލި : ހަކުރު ބަލީގެ ސަބަބުން ވެސް ފިތުގައި ހިލައުފެދުން އިތުރުކޮށްދެއެވެ. މިގޮތަށް ދިމާވަނީ ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުގައި ލޭގައި ހުންނަ ސަރުބީގެ ވައްތަރެއް ކަމުގައިވާ ޓްރައިގްލިސެރައިޑް މަތިވުމުގެ ފުރުޞަތު އޮންނާތީ އެވެ. ޓްރައިގްލިސެރައިޑްގެ މިންވަރު މަތިވުމަކީ ފިތުގައި ހިލަ އުފެދުމަށް މަގުފަހިކުރާ ކަމެކެވެ. 

(ރ) ސަރުބީ ގެ މިންވަރު ދަށްކުރުމަށް ބޭސް ބޭނުންކުރުން : ސަރުބީ މަތިވުމުން ސަރުބީގެ މިންވަރު ދަށްކުރުމަށްދޭ ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ބައިލް ގައި ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުވެ، ކޮލެސްޓްރޯލް އެކުލެވޭ ހިލަ، ފިތުގައި އުފެދުމަށް މަގުފަހި ވެއެވެ. 

(ބ) ކުއްލިއަކަށް ބަރުދަން ލުއިކޮށްލުން: ކުއްލިއަކަށް ބަރުދަން ލުއިކޮށްލުމަކީވެސް ފިތުގައި ހިލަ އުފެދުން މެދުވެރިވެދާނެ ސަބަބެކެވެ. އެއީ ކުއްލިއަކަށް ބަރުދަން ލުއިކޮށްލުމުން ފުރަމޭ އިން ކޮލެސްޓްރޯލް އުފެއްދުން އިތުރުވެ، ފިތުގައި ހިލަ އުފެދުމަށް މަގުފަހިކުރާތީ އެވެ. 

(ޅ) ގުނަވަން ބަދަލުކުރުން : ކަށީގެ މަދު ބަދަލުކުރުން، އަދި ގުރުދާ ބަދަލުކުރުމަކީ ވެސް ފިތުގައި ހިލަ އުފެދުމަށް ބާރުއަޅައިދޭ ކަންކަމެވެ.

(ކ) އާއިލާގެ ތެރޭގައި ފިތުގައި ހިލަ އުފެދުން ދައުރުވަމުން އައުން : އާއިލާގެ މެންބަރުންގެ މެދުގައި ކުރިއްސުރެ ފިތުގައި ހިލަ އުފެދުން ބައްޔެއްގެ ގޮތުގައި ދައުރުވަމުން އައުމަކީ ވެސް ފިތުގައި ހިލަ އުފެދުމުގެ ފުރުޞަތު ބޮޑުވެދާނެ ކަމެކެވެ. 

 (އ) އެހެނިހެން ކަންތައްތައް
v     އަންހެނަކަށްވުން
v     އުމުރުން 60 އަހަރަށްވުރެ މަތިވުން
v     މާބަނޑުވުން
v     ތެލާއި ސަރުބީ އެކުލެވޭ ކާނާގެ ބާވަތްތައް މާގިނައިން ކެއުން
v     ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުން މަދުވުން
v     އެސްޓްރަޖަން އެކުލެވޭ ހޯރމޯންގެ ފަރުވާ ނެގުން
ފިތުގައި ހިލަ އުފެދުމުން ފެނިދާނެ އަލާމާތްތައް
ފިތުގައި ހިލަ އުފެދޭ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަކީ އޭގެ ސަބަބުން އެއްވެސް ޝަކުވާއެއް ކުރާ ބައެއް ނޫނެވެ. އެމީހުންގެ ފިތުގައި ހިލަ އުފެދިފައިވާކަން އެނގެނީ އެހެން ކޮންމެވެސް ކަމެއްގައި ބަނޑުގެ ސްކޭނެއް ހެދުމުން ނުވަތަ އެކްސްރޭއެއް ނެގުން ފަދަ ކަމެއް ކުރުމުންނެވެ. ފިތުގައި ހިލަ އުފެދުމުން އާންމުކޮށްކުރާ ބައެއް ޝަކުވާތައް ނުވަތަ ފެންނަ އަލާމާތްތައް ތިރީގައި މިވަނީ އެވެ. 

v     ބަނޑުގެ ކަނާތްފަރާތުން މަތީބައިގައި ރިއްސުން : މިތަދު ބައެއް ފަހަރު ރަގަޅުވެފައި އަނެއްބައި ފަހަރު ބޮޑުވެއެވެ. ބައެއް ފަހަރު ތޫނު ތަދެއްގެ ގޮތުގައި އައިސް އަނެއް ބައި ފަހަރު ސިފަކުރަން ނޭގޭކަހަލަ ގޮތަކަށްވާ އުދަގުލެއް ފަދަ ތަދަކަށް ވެސް ވެއެވެ. ބައެއް ފަހަރު މިތަދު ބުރަކައްޓާއި ދިމާލަށް ނުވަތަ ކަނާތް ފަރާތު ކޮނޑުހުޅާއި ދިމާލަށް ވެސް ދަތުރުކުރެއެވެ. ގިނަ ފަހަރު ތަދު ބޮޑުވަނީ އެއްޗެއް ކެއުމަށްފަހު ގައެވެ.
v     ހުންއައުން
v     ރީނދޫވުން: އެގޮތުން ލޯ އަތްފަދަ ގުނަވަންތައް ރީނދޫވުމަކީ ވެދާނެ ގޮތެކެވެ.
v     މޭނުބައިކުރުން
v     ހޮނޑުލުން
v     ކޮނޑުމައްޗާ ދިމާލުން ބުރަކަށްޓަށް ތަދުވުން
v     ކަނާތު ކޮނޑަށް ތަދުވުން
ދިމާވެދާނެ ނުރައްކާތައް
(ހ) ފިތް ދުޅަވެ ދޮސްގަތުން : ފިތުގެ ފެށޭ ހިސާބު (ކަރު) ގައި ހިލަ ތާށިވުމަކީ ފިތް ދުޅަވެ، ދޮސްގަތުމަށް މެދުވެރިވެދާނެ ކަމެކެވެ. މިފަދަ ހާލަތުގައި ބަނޑުގެ ކަނާތް ފަރާތުން މަތީބައިގައި ރިހުމާއެކު، ހުންއައުމަކީ އެކަށީގެންވާ ކަމެކެވެ. 

(ށ) ކޮމަން ބައިލް ޑަކްޓް ބެދުން : ފިތުގައި ހިލަ އުފެދުމަކީ ފިތުން ކުޑަ ގޮހޮރަށް ބައިލް ގެންގޮސްދޭ ހޮޅީގެ ތެރޭގައި ފިތުގައި އުފެދޭ ހިލަ ތާށިވެ، އެހޮޅި ބައްދައިލައިފާނެ ކަމެކެވެ. މިހާލަތުގައި ރީނދޫވުމާއެކު، މިހޮޅީގައި ޖަރާސީމު ހަރުލުމަކީ އެކަށީގެންވާ ކަމެކެވެ. 

(ނ) ޕެންކްރިއެޓިކް ޑަކްޓް ބެދުން : ޕެންކްރިއެޓިކް ޑަކްޓަކީ ޗިސްމޭ އިން ކޮމަން ބައިލް ޑަކްޓަށް އައިސްފައިވާ ހޮޅި އެކެވެ. ޗިސްމޭގައި އުފައްދާ ހަޖަމުކުރުމަށް އެހީވެދޭ ދިޔަ ނުވަތަ ޖޫސް ބޭރުކުރަނީ ނޫނީ ދޫކުރަނީ މިހޮޅިންނެވެ. ފިތުގައި ހިލަ އުފެދުމަކީ ޕެންކްރިއެޓިކް ޑަކްޓް، ބެދި، އޭގެ ސަބަބުން ޗިސްމޭ ދުޅަވެ، ދޮސްގަނެދާނެ ކަމެކެވެ. ޗިސްމޭ ދުޅަވުމަކީ ބަނޑުގައި ނުފިލާ ތަދެއް ހުރުމާއެކު އޭގެ ސަބަބުން ހަސްފަތާލުގައި އެދުމަތި ވާން ޖެހިދާނެ ކަމެކެވެ. 

(ރ) ފިތުގެ ކެންސަރު : ފިތުގައި ހިލަ އުފެދުމަކީ ފިތަށް ކެންސަރުގެ ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. ފިތުގައި ހިލަ އުފެދުމަކީ ފިތުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ކަމަކަށް ވިޔަސް ފިތަށް ކެންސަރު ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި މިފަދަ ހާލަތުގައި ކެންސަރު ޖެހެނީ ވަރަށް މަދުންނެވެ. 

ބަލިދެނެގަތުމަށްޓަކައި ހެދޭ ޓެސްޓްތައް
ފިތުގައި އުފެދިފައިވާ ހިލަ އުފެދުމަށް ތަފާތު ޓެސްޓުތައް ހެދެއެވެ. އަދި ތަފާތު ބެލުންތައް ބަލައި ޗެކުކުރެވެއެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި :-
(ހ) ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި ޗެކުކުރުން : އެގޮތުން ބަނޑުގައި ރިހުން ހުރި ހިސާބާއި މުޅި ހަށިގަނޑު ބަލައި ޗެކުކޮށް ހަދާނެއެވެ. 

(ށ) ލޭގެ ޓެސްޓުތައް ހެދުން : ލޭގެ ޓެސްޓުތައް ހަދަނީ ޖަރާސީމުގެ އަސަރު ހުރިތޯ ބަލާށާއި، އެއްވެސް ކަހަލަ ބެދުމެއް ބިލިއަރީ ނިޒާމުގައި ހުރިތޯ ބަލާށާއި، އެހެން  އެއްވެސް މައްސަލަ އެއް ހުރިތޯ ދެނެގަތުމަށެވެ. ފުރަމޭ ގެ މަސައްކަތްތައް ރަގަޅަށްކުރޭތޯ ބަލަން ހަދާ ލޭގެ ޓެސްޓްތަކާއި، ޗިސްމޭ ގެ މަސައްކަތްތައް ހުރިނެތްގޮތް ބެލުމަށް ހަދާ ލޭގެ ޓެސްޓްތައް ހެދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

(ނ) ބަނޑުގެ ސްކޭން ހެދުން : ފިތުގައި ހިލައުފެދިފައިވާކަން ޔަގީންކުރުމުގެ ގޮތުން ހަދާ އެންމެ އާންމު ޓެސްޓަކީ ބަނޑުގެ އަލްޓްރާ ސައުންޑް ސްކޭން އެވެ. މިޓެސްޓުން ފިތުގައިވާ ހިލަ އަދި ފިތުގެ ބިތްތަކަށް އައިސްފައިވާ ބަދަލުތައް ދައްކައިދެއެވެ.

(ރ) ބަނޑުގެ ސީޓީ ސްކޭން ހެދުން : ބަނޑުގެ ސީޓީ ސްކޭން އަކީ ވެސް ބައެއް ގައުމުތަކުގައި ހަދާ ޓެސްޓެކެވެ. ނަމަވެސް އެފަދަ ޓެސްޓެއް ހެދުން ރަގަޅުވާނީ އަލްޓްރާ ސައުންޑް ސްކޭން އިން ފުރަމޭ ގައި ނުވަތަ އެއާއި ގުޅިފައިވާ ހޮޅިތަކުގައި ދުޅައެއް ހުރިކަމަށް ޝައްކުކުރެވި އެކަން ދިރާސާ ކުރުމަށްޓަކައެވެ. 

(ބ) އިންޑޮސްކޮޕިކް ރެޓްރޯގްރޭޑް ކޮލަންޖިއޯ ޕެންކްރިއެޓޮގްރަފީ ހެދުން : މިއީ ފިތުގައި ހިލަ އުފެދުމާއެކު އެއާއި ގުޅިފައިވާ ހޮޅިތަކުގެ ތެރޭގައި ހިލަ އުފެދި ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި އެހޮޅިތައް ބެނދިފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

(ޅ) މެގްނެޓިކް ރިސޮނެންސް  ރެޓްރޯގްރޭޑް ކޮލަންޖިއޯ ޕެންކްރިއެޓޮގްރަފީ ހެދުން : މިއީ ވެސް ފިތުގައި ހިލަ އުފެދުމާއެކު އެއާއި ގުޅިފައިވާ ހޮޅިތަކުގެ ތެރޭގައި ނުވަތަ ފިތާއި، ފުރަމޭގެ ތެރޭގައި ހިލަ އުފެދި ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި އެހޮޅިތައް ބެނދިފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

(ކ) އެންޑޮސްކަޕިކް އަލްޓްރާ ސައުންޑް : މިއީ އެންޑޮސްކަޕީ އާއެކު ބަނޑުގެ ސްކޭން ވެސް ހެދުމެވެ. މިއީ ވެސް ފިތުގައި އުފެދޭ ހިލަ ދެނެގަތުމަށް ހެދިދާނެ ޓެސްޓެކެވެ. 

(އ) ކޮލެސްކިންޓިގްރަފީ (ހިޑާ ސްކޭން : ހެޕަޓޯބިލިއަރީ ޑައިއެސިޓިކް އެސިޑް) : މި ޓެސްޓުގެ އެހީގައި ފިތް އޭގައި ހުރި ދިޔަތައް ހުސްކުރުމަށް ރަނގަޅަށް ފިއްތައިލާތޯ ބެލިދާނެ އެވެ. މިޓެސްޓު ހެދުމަށް ރޭޑިއޯ އެކްޓިވް މާއްދާއެއް ހަށިގަނޑަށް ފޮނުވުމަށްފަހު، ފިތުގެ ހަރަކާތްތައް ބަލައި މޮނީޓަރ ކުރެވެއެވެ. 

ފަރުވާ
ބޭސް ބޭނުންކުރުން
ފިތުގައި އުފެދިފައިވާ ހިލަ ވިރުވާލުމަށް ކާނޭ ބޭހެއްވޭތޯ ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ. ތަންކޮޅެއް ކުރިން މިފަދަ ބޭސް ބޭނުން ކުރެވުނެވެ. ނަމަވެސް އެފަދަ ބޭހެއްގެ ސަބަބުން ވިރިގެންދަނީ ވަރަށް މަދު ހިލަ ކޮޅެކެވެ. އަދި އެފަދަ ބޭހެއް ބޭނުންކުރާނަމަ ދެއަހަރުވަންދެން ހުއްޓާނުލައި ބޭސް ބޭނުންކުރަން ޖެހެއެވެ. ހިލަކޮޅު ވިރިގެން ދިޔަނަމަވެސް އަލުން އުފެދުމުގެ ފުރުޞަތު ވަރަށް ބޮޑަށް އޮވެއެވެ. އެފަދަ ބޭހެއް ބޭނުން ކުރަމުން ދަނިކޮށް ފިތް ދުޅަވެ، ޖަރާސީމް އަޅައި ހޮސްޕިޓަލްގައި އެދުމަތިކުރެވޭ މީހުން ވަރަށް ގިނައެވެ. ނަތީޖާއެއްގެ ގޮތުން ބަލީގެ ނުރަގަޅު އަސަރު މުޅި ހަށިގަނޑަށް ކުރެއެވެ. ވުމާއެކު މިފަދަ ބޭސް ބޭނުންކުރުމަކީ މިހާރު އެއްވެސް ބަޔަކު ކުރާކަމެއް ނޫނެވެ.

ގުރުދާގައި އުފެދޭ ބައެއް ވައްތަރުގެ ހިލަތައް ގޮއްވާލައި އެއެއްޗެތި ކުޑަކަމުދާ ތަކެއްޗާއި އެކު ނެރެއެވެ. މިފަދަ ހުނަރެއް ފިތުގައި އުފެދޭ ހިލައަށް ބޭނުންކުރުމަކީ ނުރައްކާތެރި ކަމެކެވެ. އަދި ބައެއް ބަލި މީހުންނަށް މިފަދަ ފަރުވާ ބޭނުންކުރުމަކީ ނުވެސްކުރެވޭނެ ކަމެކެވެ. ވުމާއެކު އެފަދަ ފަރުވާއެއް ފިތުގައި އުފެދޭ ހިލައަށް އެއްވެސް ބަޔަކު ބޭނުމެއްނުކުރެއެވެ. 

އޮޕަރޭޝަންކުރުން
ފިތުގައި ހިލަ އުފެދުމުން ދެވޭ ރަނގަޅު ފަރުވާ އަކީ ހިލަ އާއިއެކު ފިތްވެސް ނެގުމަށް އޮޕަރޭޝަން ކުރުމެވެ. މިއޮޕަރޭޝަންގެ ނަމަކީ ކޮލެސިސްޓެކްޓޮމީ އެވެ. ކުރިން ބަނޑު ހުޅުވާލައިގެން ކުރަމުން އައި އޮޕަރޭޝަން މިހާރު ކުރަމުންދަނީ ބަނޑުގައި ތިން ހަތަރު ލޯވަޅު އަޅައިގެންކުރާ ލެޕަރޮސްކޯޕިކް އޮޕަރޭޝަނެއްގެ ގޮތުގައެވެ. އެހެންކަމުން މިއީ ބަނޑު ހުޅުވާލައިގެންނާއި، ބަނޑުގައި ލޯވަޅު އަޅައިގެން ވެސް ކުރެވިދާނެ އޮޕަރޭޝަނެކެވެ. 

ބަނޑުގައި ލޯވަޅު އަޅައިގެން އޮޕަރޭޝަންކުރުން : މިއީ މިހާރު އެންމެ އާންމުކޮށް މިއޮޕަރޭޝަން ކުރާގޮތެވެ. ބަނޑުގައި އަޅާލެވޭ ލޯވަޅުތަކުގެ އެހީގައި ބަނޑުގެ ތެރެއަށް އޮޕަރޭޝަންގައި ބޭނުންކުރެވޭ އާލަތްތަކާއި، އަލިކަންދޭ ބައްތި އާއި، ކެމެރާ ފޯރުވައިގެން ހަށިގަނޑުގެ އެތެރެ ވީޑިޔޯ މޮނީޓަރަކުން ބަލަމުން އޮޕަރޭޝަން ކުރެވިދާނެ އެވެ. މީގެ ސަބަބުން ހޮސްޕިޓަލްގައި އޮންނަންޖެހޭ މުއްދަތު ކުރުވެފައި ކުރިން ހުރި ޙާލަތަށް އަނބުރާއަންނަލެއް އަވަސްވެއެވެ. 

ބަނޑުފަޅައިގެން އޮޕަރޭޝަންކުރުން : މިއީ ބަނޑުފަޅައިގެން ހިލައާއި ފިތް ނެގުމުގެ އޮޕަރޭޝަން ކުރުމެވެ. މިއޮޕަރޭޝަނަށްފަހު ކުޑަ ދުވަސްކޮޅު ހޮސްޕިޓަލްގައި އޮންނަށް ޖެހިދާނެ އެވެ. 

ރައްކާތެރިވުން
ފިތުގައި ހިލަ އުފެދުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ގަޑިން ގަޑިއަށް ކެއުން ނުވަތަ ނުކައި ގިނައިރު ނުހުރުން
·         މާބޮޑަށް ފަލަނަމަ ހަށިގަނޑުގެ ބަރުދަން މަޑުމަޑުން ލުއިކުރުން : އެދެވިގެންވަނީ ހަފްތާއަކު 1- ½ ދެމެދުގެ މިންވަރެއް ލުއިކުރެވޭތޯ ބެލުމެވެ.
·         ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ބެހެއްޓޭތޯ ބެލުން : އެގޮތުން ގަވާއިދުން ކަސްރަތުކުރުމާއި، ކެއުމުގައި ހަށިގަނޑަށް ފައިދާހުރި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ބޭނުންކުރުމަށް އިސްކަން ދެވިދާނެ އެވެ.
މައުލޫމާތު :
·         ޑރ ޢަބުދުﷲ ޢުބައިދު – ފިތުގައި ހިލަ އުފެދުން - 22 ސެޕްޓެމްބަރ 2009 -  ހަވީރު ނޫސް - މާލެ، ދިވެހިރާއްޖެ

އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން

އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން
އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވު(Hydrocele)މަކީ އެއް އޮށް ނުވަތަ ދެއޮށުގެ ވަށައިގެން ފެންއުފެދި، އޮށާއި، އުރަވަޅި ދުޅަވެ، ފުއްޕުމެވެ. އާންމު ގޮތެއްގައި މިއީ އެހާ ތަދު އިހުސާސްވާ ކަމެއް ނޫނެވެ. އަދި އެހާ ނުރައްކާތެރި ކަމެއް ވެސް ނޫނެވެ. މިއީ ބައެއް މީހުންނަށް ކުރިމަތިވާ ޞިއްޙީ ޙާލަތެކެވެ. ބައެއް ކުދިންނަށް އުފަންވާއިރު ވެސް މިމައްސަލަ ދިމާވެފައިވާކަން ފާހަގަ ކުރެވެއެވެ. އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުމަކީ އަލަށް އުފަންވާ ތުއްތު ކުދިންނަށް އާންމުކޮށް ދިމާވާ ހާލަތަކަށް ވިޔަސް، އުމުރުގެ ކޮންމެ ހިސާބެއްގައި ކޮންމެ މީހަކަށް ވެސް މިކަން ކުރިމަތިވެދާނެ އެވެ. 

ފިރިހެން ކުދިންގެ އޮށް އުފެދެނީ ކުއްޖާގެ ބަނޑުގެ ތެރޭގައެވެ. އުރަވަޅި ގެ ތެރެއަށް އޮށް ފައިބަނީ ކުއްޖާ އުފަންވާތާ ދުވަސްކޮޅެއް ކުރިންނެވެ. އޮށުގެ ވަށައިގެންވާ ދުލިފަށް ތަކަކީ ބަނޑުގެ އެތެރެއާއި ގުޅިފައިވާ ދުލިފަށްތަކަކަށް ވުމާއެކު، ބަނޑުގެ އެތެރޭގައި ވާ ފެން އުރަވަޅީގެ ތެރެއަށް އެއްވުމަކީ ވެދާނެ ގޮތެކެވެ.


ނަމަވެސް އޮށް އުރަވަޅީގެ ތެރެއަށް ފޭބުމާއެކު، އޭގެ ވަށައިގެންވާ ދުލިފަށްތައް ބަންދުވުމުގެ މަސައްކަތް ފެށެއެވެ. މިމަސައްކަތް ނިމުމަކަށް އަންނަނީ އުމުރުން 18 މަސްވާ ފަހުންނެވެ. މިދުލިފަށްތައް ބަންދުވުމަށްފަހު ބަނޑުގެތެރެއާއި، އޮށް އޮންނަ އުރަވަޅި އާއި ދެމެދުގައިވާ ހަމައެކަނި ގުޅުމަކީ އޮށަށް ބޭނުންވާ ލޭ ފޯރުކޮށްދޭ ލޭހޮޅިތަކާއި، މަނީގެ ފަނި ދަތުރުކުރާ ނާރުފަދަ ހޮޅިތައް އެކުލެވޭ މަނި ވައުފަށް(spermatic cord) އެކަންޏެވެ. ވުމާއެކު އޮށުގެ ވަށައިގެންވާ ދުލިފަށްތަކުގައި ފެން އުފެދުމުގެ ޖާގަ ތަބީޢީގޮތުން ހަނިވެ ބަންދުވެއެވެ. 

ބައެއް ފިރިހެންކުދިން އުފަންވާއިރު ކުރިން މިބުނި ދުލިފަށްތައް ބަންދުނުވުމުގެ ސަބަބުން އުފަންވާއިރު އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ކުރިމަތި ވެއެވެ. މިއީ ކޮންމެ 100 ކުދިންގެ ތެރެއިން އެއްކުއްޖަކަށް ނުވަތަ 2 ކުއްޖަކަށް ދިމާވެދާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. 

ފިރިހެންކުދިންގެ އޮށް ދުޅަވެފައިވާނަމަ އެކަން އާންމުގޮތެއްގައި އުފަންވުމަށްފަހު ފާހަގަކުރެވޭނެ އެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަނެއްގައި އުފަންވާ ކުދިންގެ މިފަދަ މައްސަލައެއް ހުރިތޯ ކުޑަކުދިންގެ ޑޮކްޓަރު ބަލާނެއެވެ. އަދި އެފަދަ ކަމެއް ފާހަގަ ކުރެވޭނަމަ އެކަން މައިންބަފައިންގެ ސަމާލުކަމަށް ޑޮކްޓަރުން ގެންނާނެއެވެ. 

އާންމު ގޮތެއްގައި އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި ދުޅަވުން ކުރިމަތި ވުމަކީ ތަދު އިހްސާސްވާ ކަމެއް ނޫނެވެ. ވުމާއެކު ތުއްތު ދަރިފުޅު އެކަމުގައި އެއްވެސް އުނދަގުލެއް އިހްސާސެއް ނުކުރާނެއެވެ. ބައެއް ފަހަރު ރޯން ފެށުމުން، ނުވަތަ ބަނޑަށް ބާރުލައި ހެދުމުން އެދުޅައިގެ ސައިޒު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޮށޯވެ އޮންނައިރު އޭގެ ( އުރަވަޅީގެ ) ސައިޒު ކުޑަވުމަކީ ވެދާނެ ގޮތެކެވެ. 

ތުއްތު ކުދިންގެ އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި ދުޅަވުން އަކީ ވަގުތުން އޮޕަރޭޝަން ކުރަންޖެހޭ ކަމެއް ނޫނެވެ. ކުރިންވެސް ބުނެވުނުހެން އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި ދުޅަވުމަކީ ބަނޑު ތެރޭގައިވާ ފެން އޮށުގެ ވަށައިގެންވާ ދުލިފަށަލައިގެ ތެރެއަށް ޖަމާވުން ކަމަށްވުމާއެކު އެދުލިފަށް ބެނދި އޮށް އޮންނަ އުރަވަޅި އާއި، ބަނޑުތެރެއާއި ދެމެދުގައިވާ ގުޅުން ކެނޑުމުގެ ފުރުޞަތު ދޭންޖެހޭނެއެވެ. ކުއްޖާގެ އުމުރުން 18 މަސް ވަންދެން އޮޕަރޭޝަން ނުކޮށް މަޑުކުރަން ޖެހެނީ އޮޕަރޭޝަން އަކާއި ނުލައި މިމައްސަލަ ހައްލުވުމުގެ ފުރުޞަތު ބޮޑުވީމައެވެ.

އޮށުގެ ވަށައިގެން ފެންހެދި އޮށް ދުޅަވާ ސަބަބުތައް
އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށްދުޅަވާ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. އަލަށް އުފަންވާ ތުއްތު ކުދިންގެ އުރަވަޅީގެ ތެރޭގައިވާ އޮށުގެ ވަށައިގެން ފެންހެދި އޮށްދުޅަވުމުގެ މާނައަކީ ބަނޑާއި އުރަވަޅި އާއި ދެމެދު ގުޅުމެއް (ހުޅުވުމެއް) ހުރުމެވެ. އޮށް އޮންނަ އުރަވަޅި އާއި، ބަނޑުތެރެ އާއި ދެމެދުގައިވާ ގުޅުން އާންމު ގޮތެއްގައި އުފަންވުމުގެ ކުރިން، ނޫނީ އުފަންވާތާ ދުވަސްކޮޅެއްގެ (ކުރު މުއްދަތެއްގެ) ތެރޭގައި ކެނޑޭނެ އެވެ. 

އުމުރުގެ ފަހުކޮޅުގައި އޮށުގެ ވަށައިގެން ފެންހެދި، އޮށްދުޅަވުން އޮޕަރޭޝަނެއްގެ ސަބަބުން، ނޫނީ އެހިސާބަށް ލިބޭ އަނިޔާއެއްގެ ސަބަބުން ވެސް ކުރިމަތިވެދާނެ އެވެ. މަނި ރައްކާކުރާ ގުދަން ނޫނީ އޮށުގައި ދުޅައެއް އުފެދުން، ނޫނީ އިންފެކްޝަނެއް އުފެދުމުގެ ސަބަބުން ނޫނީ ޖިންސީ ގޮތުން އަރާ ބައްޔެއް ޖެހުމުގެ ސަބަބުން ވެސް އޮށުގެ ވަށައިގެން ފެންހެދި، އޮށްދުޅަވެދާނެ އެވެ. އޮށުގެ ކެންސަރާއި، ވާތު ގުރުދާ އަށް ކެންސަރު ޖެހުން ފަދަ ކަންކަމުގެ ސަބަބުން ވެސް މަދުންނަމަވެސް އޮށުގެ ވަށައިގެން ފެންހެދި، އޮށް ދުޅަވުމަކީ ވެދާނެ ގޮތެކެވެ. އާންމު ގޮތެއްގައި ފަހުން މިދެންނެވި ކަންކަމުގެ ސަބަބުން އޮށުގެ ވަށައިގެން ފެންހެދި، އޮށް ދުޅަވުން ކުރިމަތިވަނީ އުމުރުން 40 އަހަރުން މަތީގެ ފިރިހެނުންނަށެވެ. 

އޮށުގެ ވަށައިގެން ފެންއުފެދި، އޮށްދުޅަވުމުގެ ވައްތަރުތައް
އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ގެ ދެވައްތަރެއް ވެއެވެ.
(ހ)ފުރަތަމަ ވައްތަރަކީ ބަނޑުގެ ތެރޭގައިވާ ފެން އުރަވަޅީގެ ތެރެއަށް ފައިބައިފައި ވަނިކޮށް މިދުލިފަށް ބަންދުވެ، ބަނޑުތެރެއާއި އުރަވަޅި އާއި ދެމެދުގައިވާ ގުޅުންކެނޑި  އުރަވަޅީގައި ފެން އުފެދި ދުޅަވުން ނުވަތަ އެތާގައި ފެންހަރުލާގޮތްވުމެވެ.
(ށ)ދެވަނަ ވައްތަރަކީ ބަނޑުތެރެއާއި އުރަވަޅިއާއި ދެމެދު ގުޅުންހުރުމުގެ ސަބަބުން އުރަވަޅީގައި ފެން އުފެދި ދުޅަވުމެވެ. 

އޮށުގެ ވަށައިގެން ފެންއުފެދި، އޮށްދުޅަވުމުގެ އަލާމާތްތައް
އޮށުގެ ވަށައިގެން ފެންހެދި، އޮށް ދުޅަވުމަކީ އާންމު ގޮތެއްގައި އޭގެ ސަބަބުން އެއްވެސް ކަހަލަ އަލާމާތްތަކެއް ނޫނީ އުނދަގޫތަކެއް ކުރިމަތިވާނޭ ކަމެއް ނޫނެވެ. އުރަވަޅި ދުޅަވެ، ފުއްޕައި، ސައިޒުން ތަންކޮޅެއް ބޮޑުކަމަށް ފާހަގަ ކުރެވިދާނެ އެވެ. ނަމަވެސް މަދުން ނަމަވެސް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އުރަވަޅީގައި ރިހުން، އުރަވަޅި ދުޅަވުން، އުރަވަޅީގެ ކުލަ ބަދަލުވެ ރަތްވުން، އަދި ފިރިހެން ހަށީގެ ބުޑަށް ވާންވެ ފިތިފައި ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ބޮޑެތި ފިރިހެނުންނަށް އޮށުގެ ވަށައިގެން ފެންހެދި އޮށް ދުޅަވުމުން، އުރަވަޅިއަށް ބަރު ކަމެއް އިހުސާސް ކުރެވޭނެ އެވެ. ބައެއް ފަހަރު އުރަވަޅީގެ ދުޅަ، ހެދުނުކޮޅު ތިރިކޮށް ހުރެފައި، ހަވީރު އަތަށް އަޅާއިރު، ދުޅަ އިތުރުވެފައި ހުރެދާނެ އެވެ. 

އޮށުގެ ވަށައިގެން ފެންއުފެދި، އޮށްދުޅަވުމުން ދިމާވެދާނެ ނުރައްކާތައް
އޮށުގެ ވަށައިގެން ފެންހެދި، އޮށް ދުޅަވުމަކީ އާންމު ގޮތެއްގައި އެހާ ނުރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު އޮށުގައި އިންފެކްޝަން އަށަގަތުން، އޮށުގައި ޓިއުމަރެއް އުފެދުން ފަދަ ކަމެއް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. މިއިން ކަމެއް މެދުވެރިވެއްޖެނަމަ، ދަރިފަނީގެ މިންވަރު މަދުވެ، އޭގެ މަސައްކަތް ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު އުކުޅު ވަޅުގައި ހާނިޔާ އުފެދުމަކީ ވެސް ވެދާނެ ގޮތެކެވެ. 

އޮށުގެ ވަށައިގެންވާ ދުލިފަށަލައިގެ ތެރޭގައި ފެން ޖަމާވުމުގެ ސަބަބުން އޮށަށް އެއްވެސް ގެއްލުމެއް  ނުވާނެއެވެ. ނަމަވެސް އެފެނުގައި ޖަރާސީމް އަޅައި ދޮސް ގަނެފިނަމަ އެއީ ނުރައްކާތެރި ކަމެކެވެ. އެފަދަ ކަމެއް ވެއްޖެނަމަ ދަރިފުޅު ހުންއައުމާއެކު، އެތަނަށް ތަދުވުމާއި ކުލަ ބަދަލުވެ ރަތްވުން ފަދަ އަލާމާތްތައް ފާހަގަކުރެވޭނެ އެވެ. 

އޮށުގެ ވަށައިގެން ފެންއުފެދި، އޮށްދުޅަވެފައިވާކަން ދެނެގަތުން
އޮށުގެ ވަށައިގެން ފެންހެދި އޮށް ދުޅަވެފައިވާކަން އާންމު ގޮތެއްގައި ދެނެގަނެވެނީ އުރަވަޅި ބަލައި ހަދައިގެންނެވެ. އެގޮތުން އުރަވަޅި ބަލާބެލުމަށް ބޮޑުކަމަށް ފާހަގަ ކުރެވޭނެ އެވެ. އުރަވަޅީގައި އަތްލުމުން ނޫނީ ބީހިލުމުން ތަދު ހުންނަކަން ފާހަގަ ކުރެވޭނެ އެވެ. މިގޮތަށް އުރަވަޅި ބަލައި ހަދާއިރު، ކޮންމެ އޮށެއްގެ ފަހަތުން ބައްތި އަކުން އަލިކޮށް ބަލައި ހަދައިފާނެއެވެ. މިއީ އޮށުގެ ތެރޭގައި ހަރު ގަނޑެއް ފަދަ އެއްޗެއް މިސާލަކަށް ކެންސަރު ފަދަ ކަމެއްގެ ސަބަބުން އުފެދިފައިވޭތޯ ބެލުމަށް ކުރާ ކަމެކެވެ. ބައްތިން އަލިކުރާއިރު ފެންއުފެދިފައިވާ އަލީގެ ވިދުވަރު ފެންތައް ހުރަސްކޮށްދާނެ އެވެ. ނޫނީ ފެންނަން ހުންނާނެ އެވެ. ނަމަވެސް ހަރުގަނޑެއް އޮށުގެ ތެރޭގައި ހުރިނަމަ، އަލީގެ ވިދުވަރު އެގަނޑު ހުރަސްކޮށެއް ކަނޑަތެއް ނުކުރާނެއެވެ. އޮށުގެ ވަށައިގެން ފެންހެދި އޮށް ދުޅަވެފައިވޭތޯ ޔަގީންކުރުމަށް އޮށުގެ ސްކޭނެއް ހަދަންޖެހިދާނެ އެވެ. މީގެ އިތުރުން ދަށްބަނޑުގެ ތިރިން ދެފަރާތުން އުކުޅު ވަޅު ހިސާބުގައި ހާނިޔާ އުފެދިފައި ހުރިތޯ ވެސް ބަލާނެއެވެ. މީގެ އިތުރުން ކުޑަކަމު ނަޖިހާއި، ލޭގެ ޓެސްޓުތައް ހަދައިގެން އެއްވެސް ކަހަލަ އިންފެކްޝަނެއްގެ އަސަރު ހުރިތޯ ވެސް ބަލާނެއެވެ. 

ޑޮކްޓަރަށް ދައްކައި އެއީ ކޮންކަމެއްކަން ދެނެގަންނަން ވާނެއެވެ. ފިރިހެން ކުދިންގެ އުރަވަޅި އަށް އަންނާނެ އެފަދަ ދުޅަތަކުގެ ތެރޭގައި ވައިފޭބުން (އޮށް ތިރިއަށް ފައިބާ މަގުން ގޮހޮރުގެ ބައެއް ތިރިއަށް އައިސްފައިއޮތުން)، އޮށް ދުޅަވެ އެއަށް ލޭފޮނުވައިދޭ ލޭހޮޅިތައް ބެދުން(testicular torsion) ފަދަ މައްސަލަތައް ހިމެނެއެވެ. ވުމާއެކު ކުރިމަތި ފަރާތުގައިވާ ދުޅަ އަކީ އެފަދަ ނުރައްކާތެރި ކަމެއް ނޫންކަން ދެނެގަތުން މުހިއްމު އެވެ.އޮށުގެ އަލްޓްރާ ސައުންޑް ސްކޭނެއް ހަދައިގެ އޮށުގެ ވަށައިގެން އުރަވަޅީގެ ތެރޭގައި ޖަމާވެފައިވަނީ ފެންތޯ ނުވަތަ އެހެން އެއްޗެއްތޯ ބަލައި ދެނެގަންނަންވާނެއެވެ.

އޮށުގެ ވަށައިގެން ފެންއުފެދި، އޮށްދުޅަވެފައިވުމަށް ފަރުވާކުރުން  
އުރަވަޅީގެ ތެރޭގައި އޮންނަ އޮށުގެ ވަށައިގެން ފެންހެދި، އޮށް ދުޅަވުމަކީ އާންމު ގޮތެއްގައި އެހާ ނުރައްކާ ކަމެއް ނޫނެވެ. ކުރިމަތި ފަރާތުގައިވާ ދުޅައަކީ އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ކަމަށްވާނަމަ ކޮންމެ 6 މަހުން އެއްފަހަރު ޑޮކްޓަރަށް ދައްކައި އެކަން ބަލަމުން ގެންދަންވާނެއެވެ. ދުޅަ އިތުރުވުމާއި ތަދުވާން ފެށުމާއެކު ތަނުގެ ކުލަ ބަދަލުވާން ފަށާނަމަ ލަސްނުކޮށް  ޑޮކްޓަރަށް ދައްކަން ވާނެއެވެ. ކުއްޖާގެ އުމުރުން ދޮޅު އަހަރުގެ ތެރޭގައި ދުޅަ ތިރިވެ، އާދައިގެ ޙާލަތަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ދޮޅު އަހަރުވެ ދިޔައިރުވެސް އެކަން ރަގަޅު ނުވިނަމަ ދެން ޑޮކްޓަރު އިރުޝާދު ދޭނީ އޮޕަރޭޝަން ކުރާށެވެ. އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ކުރިމަތިވެގެން އޮޕަރޭޝަން ކުރާނަމަ އެންމެ ރަގަޅުވާނީ ކުއްޖާގެ އުމުރުން 2 އަހަރުވުމުން އޮޕަރޭޝަން ކުރާށެވެ. އުރަވަޅީގެ ތެރޭގައި އޮށުގެ ވަށައިގެން ފެންއުފެދި އޮށް ދުޅަވުން ކުރިމަތިވެގެން އޮޕަރޭޝަން ކުރަނީ ހޭނައްތައިގެން ކަމަށް ވިޔަސް މިއީ ވަރަށް ކުޑަ އޮޕަރޭޝަނެކެވެ. އަދި އޮޕަރޭޝަނަށްފަހު އަލުން އެމައްސަލަ ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ވައިފޭބުން، އަދި އޮށް ދުޅަވުން ފަދަ މައްސަލަތަކަކީ ފަހުން ވެސް ދިމާވެދާނެ ކަންތައްތަކެވެ.

އުރަވަޅީގެ ތެރޭގައި އޮންނަ އޮށުގެ ވަށައިގެން ފެންހެދި، އޮށް ދުޅަވުމަށް ގިނަ ފަހަރު ފަރުވާކުރަނީ ވެސް އެހިސާބުގައި ތަދާއި ރިހުން ހުރެ، އޭގެ ސަބަބުން އުނދަގޫވާން ފެށުމުންނެވެ. ނޫނީ މަދު ހާލަތެއްގައި ނަމަވެސް އޭގެ ސަބަބުން ފިރިހެން ހައްޓަށް ލޭ ފޯރުވުމުގައި ހުރަސްތަކާ ދިމާވުމުންނެވެ. ހަރުލާފައިވާ ފެންތައް ހަށިގަނޑަށް ދަމައި، އުރަވަޅީގެ ސައިޒު އާދައިގެ ވަރަކަށް އައުމުން ފަރުވާކުރާކަން ނުޖެހޭނެ އެވެ. ނޫނީ އުރަވަޅީގެ ސައިޒު އާދައިގެ ވަރަކަށް ހުރެ، އޭގެ ސައިޒު ބޮޑުވެ ގޯސްނުވާނަމަ ވެސް ފަރުވާކުރާކަން ނުޖެހޭނެ އެވެ. އުމުރުން 65 އަހަރުން ދަށުގެ މީހުންގެ މިގޮތަށް އުރަވަޅީގެ ތެރޭގައިވާ އޮށުގައި ފެންހެދި ދުޅަވުމުން، އޭގެ ޒާތުގައި ރަނގަޅުވެ ދިއުމަކީ ގާތް ކަމެކެވެ. ނަމަވެސް އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މިގޮތަށް ދިމާވުމުން، އޭގެ ޒާތުގައި އެކަން ފިލައި ނުދިއުމަކީ އެކަށީގެންވާ ކަމެކެވެ. 

އުރަވަޅިއާއި އޮށުގައި ހަރުލާފައި ހުންނަ ފެން، ކުޑަ ސިރިންޖު ކަށްޓަކުން ވެސް ނެގިދާނެއެވެ. ނަމަވެސް މިގޮތަށް ފެން ނެގިޔަސް އަނބުރާ ފެންހެދި، ހަރުލުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން ފަހަރުގައި މިހާލަތުގައި އޮޕަރޭޝަން ކުރަންޖެހިދާނެއެވެ. ސިރިންޖު ކަށްޓަކުން ހަރުލާފައިވާ ފެން ނެގުން އެދެވިގެންވަނީ އޮޕަރޭޝަން ކުރުމަށް ޞިއްޙީ ހާލަތު ތަން ނުދޭ މީހުންނަށެވެ. އޮށުގެ ވަށައިގެން ފެންހެދި، ދުޅަވެ، އޭގެ ސަބަބުން ރިހުމާއި، ތަދު ފަދަ އުނދަގޫތައް ދިމާވެ، ސައިޒުން ބޮޑުވާނަމަ، އޮޕަރޭޝަން ކުރުން އެދެވިގެން ވެއެވެ. 

މައުލޫމާތު :
·         ޑރ ޢަބުދުﷲ ޢުބައިދު، 2010 – އޮށުގެވަށައިގެން ފެންއުފެދި އޮށްދުޅަވުން. ހަވީރު ނޫސް، މާރޗް، 2010