Wednesday, July 5, 2017

ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާ، ރޯދަ ހިފުމުން ލިބިދޭ ފައިދާތައް

ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާ، ރޯދަ ހިފުމުން ލިބިދޭ ފައިދާތައް
ނޯޓް: މިއީ 29 މެއި 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
ރޯދަ ހިފުމަކީ އޭގެ ސަބަބުން ތަބީއީ ގޮތުން ހަށިގަނޑަށް ތަފާތު ބަދަލުތައް އަންނަ ކަމެކެވެ. ރޯދަ ހިފުމަކީ އޭގައި ޞިއްޙީ އެތައް ފައިދާތަކެއް ވެސް ހިމެނޭ ކަމެއްކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރޯދަށް އަށް ހުރުމުން ހަށިގަނޑަށް ތަބީއީ ގޮތުން އަންނަ ބަދަލުތަކާއި، ރޯދަ ހިފުމުން ލިބިދޭ ޞިއްޙީ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ބަދަލުތައް
ރޯދައަށް ހުރުމަކީ ހަށިގަނޑުގެ ތަފާތު ނިޒާމުތަކަށް ތަފާތު ބަދަލުތައް ގެނުވާ ކަމެކެވެ. ރޯދައާއި ގުޅިގެން ތަބީޢީގޮތުން ހަށިގަނޑަށް އަންނަ ބަދަލުތައް ބަރޯސާވަނީ ރޯދައަށް ހުންނަ ވަގުތުގެ ކުރު ދިގުމިނެއްގެ މައްޗަށެވެ. ފަންނީގޮތުން ބަލާއިރު ހައިބަނޑާހުރުން (ރޯދައަށްހުރުން) ފެށޭނީ ކައިނިމި، ކާތަކެތި ރަގަޅަށް ހަޖަމުވެ، ހަށިގަނޑަށް ބޭނުންވާ ބައި ހަށިގަނޑަށް ނަގައި ނިމުމުންނެވެ.ރޯދައަށް ހުރުމުން ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ޑައެޓްކުރުން ނޫނީ ނުކައި ހައިބަނޑާ ހުރުން، ނުވަތަ ހައިހޫނުކަމުގެ ހަޅުތާލުކުރުމުން އަންނަ ބަދަލުތަކާ މުޅިން ތަފާތު ބަދަލުތަކެއްކަން ފާހަގަ ކުރެވެއެވެ.
އާންމުކޮށް ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މައި މަޞްދަރަކީ ފުރަމޭ، އަދި މަސްތަކުގައި ކޮށާރުކުރެވިފައި ހުންނަ ގުލްކޯޒު ނުވަތަ ހަކުރެވެ. ރޯދަޔަށް ހުންނައިރު، ހަށިގަނޑު ފުރަތަމަ ހަކަތަ ހޯދަނީ ކޮށާރުކުރެވިފައި ހުންނަ ގުލްކޯޒުންނެވެ.ކޮށާރުކޮށް، ރައްކާކޮށްފައި ހުންނަ ގުލްކޯޒު ހަކަތައިގެ ގޮތުގައި ބޭނުންކުރެވި ނިމުމުން، ފެޓް(ސަރުބީ) ހަކަތައިގެ މަޞްދަރެއްގެ ގޮތުގައި ބޭނުންކުރަން ފަށާނެއެވެ.
ރޯދައަށް ހުންނަނީ ފަތިހުން ފެށިގެން އިރުއޮއްސުމާއި ދެމެދުކަމަށްވާތީ، ހާރުދަމާއި، ރޯދަވީއްލާ ވަގުތަކީ ކޮންމެ މީހަކަށްމެ، ހަށިގަނޑުގެ ހަކަތައިގެ ކޮށާރު އާކޮށްލަން ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ. މާނައަކީ މިވަގުތުގެ ތެރޭގައި ހަމައެކަނި ހަކުރާއި، ސަރުބީ އިން ފޯރުކޮށްދޭ ހަކަތައިން ހަށިގަނޑަށް ފުދޭނެއެވެ. އަދި ހަކަތަ ހޯދުމަށް ޕްރޮޓީން ބޭނުންކުރާކަން ނުޖެހޭނެއެވެ.ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށް މަސްތަކުގައި ހުންނަ ޕްރޮޓީން ބޭނުންނުކުރާނަމަ، ރޯދަހިފުމުން ހަށިގަނޑު ހިކި އަނަރޫފައެއް ނުވާނެ އެވެ.
ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށް ސަރުބީގެ ބޭނުން ހިފުމަކީ އެކަމުގެ ސަބަބުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ހަށިގަނޑުއި ހިމެނޭ ސަރުބީގެ މިންވަރު ދަށްކޮށްދޭނެ ކަމެއްވެސް މެއެވެ. ހަށިގަނޑުގެ ބަރުދަން ލުއިވުމަކީ ހަށިގަނޑުގެ ހަކުރު ކޮންޓްރޯލް ކުރެވި، ލޭގެ ޕްރެޝަރު އެއްހަމައެއްގައި ހިފަހައްޓައިދޭނެ ކަމެކެވެ. މީގެ އިތުރުން ހަކަތަ ހޯދުމަށް ސަރުބީގެ ބޭނުން ހިފުމުގެ ތެރޭގައި ސަރުބީތަކުގައި ޖަމާވެފައި ހުންނަ ވިހަ މާއްދާތައް ވެސް ހަށިގަނޑުން ބޭރުވެގެންދިއުމަށް އެހީތެރިވެދެއެވެ. ދުވަސްކޮޅަކު ރޯދަ ހިފުމުން ލޭގެ ތެރޭގައި "އެންޑޯރފިން" ކިޔާ ހޯރމޯންއެއްގެ ނިސްބަތް މަތިވެގެންދެއެވެ އެންޑޯރފިން ހޯރމޯން އަކީ މީހާގެ ސަމާލުކަން އިތުރުކޮށްދީ، ނުތަވަނަސްކަން ފިލުވައި، ހިތްހަމަޖެހުން ގެނެސްދީ، މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ހޯރމޯން އެއް ކަން ފާހަގަ ކޮށްލެވެއެވެ.
ރޯދަމަހު ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރެއިން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ މަސައްކަތަށް ވެސް ބަދަލު އަންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން އާންމުކޮށް ގިނަ މީހުންނަށް ބަނޑުން ގޭސް އުފައްދާ މިންވަރު ރޯދައަށް ހުންނައިރު ދަށްވާކަން ފާހަގަ ކުރެވެއެވެ. ޗިސްމޭ(ޕެންކްރިއާސް) އިން ރޯދައަށް ހުންނައިރު އިންސިއުލިން އުފެއްދުން ދަށްވެ، ފުރަމޭ އަދި މަސްތަކުގައި ކޮށާރުކުރެވިފައި ހުރި ހަކުރު ދޫކުރުމަށް އަންގާ ހޯރމޯން އެއް އުފައްދައެވެ. މީގެ އިތުރުން ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔަތައް އުފެއްދުން ދަށްކުރެއެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ފެން ހަށިގަނޑަށް ނަގަނީ ބޮޑު ގޮހޮރުންނެވެ.ގުރުދާ ނުވަތަ ކިޑްނީއެކޭ އެއްގޮތަށް ބޮޑު ގޮހޮރަކީ ވެސް ރޯދައަށް ހުންނައިރު ހަށިގަނޑުގެ ފެނުގެ މިންވަރު އެއްހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ ގުނަވަނެކެވެ. ރޯދައަށް ހުންނައިރު ކުޑަ ގޮހޮރުން ހަޖަމުކުރުމަށް އެހީވެދޭ ދިޔަތައް އުފެއްދުން ވަގުތީގޮތުން ހުއްޓުމަކަށް އާދެއެވެ. ރޯދަޔަށް ހުންނައިރު ގަވާއިދުން ކޮންމެ 4 ގަޑިއިރުން އެއްފަހަރު ކުޑަގޮހޮރު ފިތި، ކުރުގެޅެމުން ދާނެއެވެ.
ރޯދަޔަށް ހުންނައިރު، ޖެހިގެން އަންނަ ކެއުމަށް (ރޯދަ ވީއްލާ ވަގުތަށް) ހަށިގަނޑު ތައްޔާރުވުމުގެ ގޮތުން ފިތުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ބައިލް ކިޔާ ދިޔައެއް ރައްކާކޮށް، އޭގެ ތާސީރުމަތިކުރަމުން ގެންދާނެ އެވެ. ރޯދަޔަށް ހުންނައިރު ފުރަމޭގައި ކޮށާރުކުރެވިފައި ހުންނަ ހަކުރު ހަކަތައިގެ ގޮތުގައި ބޭނުންކުރަމުން ގެންދެއެވެ.
ރޯދަ ހިފުމުން ލިބިދޭ ޞިއްޙީ ފައިދާތައް
ރޯދައަށް ހުރުމަކީ އެކަމުގެ ސަބަބުން ރޯދަ ހިފާ މީހަކަށް ޞިއްޙީ ގޮތުން ވެސް އެތަކެއް ފައިދާ ތަކެއް ލިބޭ ކަމެއްކަން ފާހަގަ ކުރެވެއެވެ. ރޯދަ ހިފުމަކީ ހަށިގަނޑުން ބޭކާރު ވިހަތައް ސާފުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ލޭގައި ހަކުރުގެ މިންވަރު އެއް ހަމައެއްގައި ހިފަހައްޓައިދީ، ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހަށިގަނޑުގައި ސަރުބީގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ.
ރޯދަ ހިފުމަކީ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިކަން ލިބިދޭ ކަމެކެވެ.އަދި ބަރުދަން ލުއިކޮށްދިނުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. ރޯދައަށް ހުރުމުން ހެދިބޮޑުވުމަށް ބޭނުންވާ ހޯރމޯންތައް ދޫކުރުން އިތުރުވެއެވެ. ވެއްޓޭބަލި ހުންނަ މީހުންނަށް ލުއިކަން ލިބިދެއެވެ. ހަށިގަނޑުގެ  ދިރު (ސެލް)ތަކަށް ކީމޯތެރަޕީ ފަދަ ފަރުވާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށްދެއެވެ. އަދި ހަށިގަނޑުގައި ހިންގާ އެކިކަހަލަ މަސައްކަތްތައް ހަލުވިވެގެންދާކަން ފާހަގަ ކުރެވެއެވެ.
ރޯދަ މަހަކީ ރޫހާނީ ގޮތުން ނަފުސުތައް ދިރި، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާ ދުވަސްވަރެކެވެ. އެކަކު އަނެކަކާ އޮންނަ ގުޅުންތައް އާވެ، ރަނގަޅުކުރުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ. އެހެންކަމުން ރޯދަ ހިފުމަކީ ދޭދޭ ގުޅުންތައް ރަނގަޅުވެ، އެކަމުގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ދިރުން ގެނުވާނެ ކަމެކެވެ.
ރޯދަހިފުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ހަށިގަނޑަށް ގެއްލުންދެނިވި، އާދަތަކުން ދުރުހެލިވުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަން ފާހަގަކުރެވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތަކުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކުން ރޯދަ މަހުގެ ފުރަތަމަ ދުވަހު އެކަމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ފެށިދާނެއެވެ. އެއީ އެފަދަ ކަމެއް ކުރަން ފެށުމަށް ވަރަށް ރަނގަޅު ތާރީޚެކެވެ. ފުރަތަމަ ދުވަހު އެކަން ކާމިޔާބު ނުވެއްޖެނަމަ ރޯދަ މަހުގެ ކޮންމެ ދުވަހަކީ ވެސް އެފަދަ ދުވަހެއް ކަމަށް ދެކިގެން، ރޯދަމަހުގެ ތެރޭގައި މަސައްކަތްކޮށްގެން، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުރުހެލިވެވިދާނެ އެވެ.
ކޮންމެ އަކަސް ރޯދަމަހަކީ އެހެން މަސްތަކާ ޚިލާފަށް އަޅުގަނޑުމެންގެ ހަށިގަނޑަށް ވެސް ތަބީޢީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ މަހަކަށް ވުމުން، އަޅުގަނޑުމެންގެ ކެއުންބުއިމުގައި ޞިއްޙަތަށް ފައިދާހުރި ގޮތްތައް ޚިޔާރުކޮށް، އަޅުގަނޑުމެންނަށް ކެއުންބުއިމުގައި ގެންގުޅެވޭ އުސޫލުތަކުގެ ސަބަބުން ޞިއްޙަތަށް ނޭދެވޭ އަސަރު ނުކުރާނޭ ގޮތަކަށް ކަންތައްތައް ތަރުތީބުކޮށްލުން ރަނގަޅެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ ރޯދަ މަސް ފުރިހަމަކުރެވޭނީ އޭރުންނެވެ. 

Thursday, October 6, 2016

ކަރައިވަރު

ކަރައިވަރު
ކަރައިވަރު(electrolytes) އަކީ ހަށިގަނޑުގެ އެތެރޭގައި ދައުރުވާ ކަރަންޓްގެ އޮއިވަރު އެވެ. މިއޮއިވަރުގައި ވަނީ ޕޮޓޭސިއަމް، ސޯޑިއަމް، އަދި ކްލޮރައިޑް އެވެ. ޕޮޓޭސިއަމް، ސޯޑިއަމް، އަދި ކްލޮރައިޑް އަކީ ކަރަންޓް ދަތުރުކުރާ 3 މާއްދާ އެވެ. އެހެން ގޮތަކަށް ބުނާނަމަ ކަރައިވަރަކީ ލެޔާއި، ހަށިގަނޑުގެ އެހެން ދިޔަވަރުތަކުގެ ތެރޭގައި ކަރަންޓް ދަތުރުކުރުވާ މައުދަންތަކެކެވެ.

ކަރައިވަރު އުފެދެނީ ހަށިގަނޑުގައި ހުންނަ ޕޮޓޭސިއަމް އާއި ސޯޑިއަމް، ދިރު(cell) ތަކުގެ ތުނާލި(membrane)ން ނުވަތަ ބޭރުދުލިފަށުގެ ތެރެއިން ދެކޮޅަށް ފޭދެން ފެށުމުންނެވެ. ޕޮޓޭސިއަމް އާއި ސޯޑިއަމް ފެނަށް ގިރުމާއެކު، މިދެވައްތަރުގެ މޮލާރި(molecule) އިން ކެރެވި (ion) އެއް ދޫވެ(ބޭރުވެ) ޕޮޒިޓިވް ޗާރޖް ވެދެއެވެ. މީގެ އިތުރަށް ކްލޮރައިޑް ގިރުމާއިއެކު، އޭގެ މޮލާރި އާއި ކެރެވި އެއް ގުޅި ނެގެޓިވް ޗާރޖް ވެދެއެވެ. ޕޮޒިޓިވް ޗާރޖްވެފައިވާ ކެރެވި އަބަދުވެސް ދަތުރުކުރާނީ ނެގެޓިވް  ޗާރޖްވެފައިވާ ކެރެވި އާއި އެކުގައެވެ. އެހެންކަމުން މިމާއްދާތައް ވަނީ ލާމެހިފައެވެ.

ހަށިގަނޑުގެ އެތަންމިތާގައިވާ ދިޔަތަކުގައި ކަރައިވަރު ހިމެނެއެވެ. އޭގެތެރޭގައި ލޭ، ލިމްފް ގޮށް ތަކުގައިވާ ލޮނދިތަކުގަޔާއި، ދިރުތަކުގެ އެތެރޭގައި ދިޔަތައް(intracellular fluid)، އަދި ދިރުތަކުގެ ބޭރުގައިވާ ދިޔަ(extracellular fluid) ތައް ހިމެނެއެވެ. އަދި މިތަންތާގެ ތެތްކަމުގެ މިންވަރު ހިފަހައްޓައިދެނީ ވެސް ކަރައިވަރު އެވެ.

ކަރަވައިވަރު ގައި ހިމެނޭ މުހިއްމު މާއްދާ ތަކަކީ:-
·         ސޯޑިއަމް
·         ޕޮޓޭސިއަމް
·         ކްލޮރައިޑް
·         ކެލްސިއަމް
·         މެގްނީޒިއަމް
·         ބައިކާބޮނޭޓް
·         ފޮސްފަރަސް

ކަރައިވަރުން ކޮށްދޭ މަސައްކަތްތައް
ކަރައިވަރު އަކީ ހަށިގަނޑުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ކޮށްދޭ އެއްޗެކެވެ.
·         ހަށިގަނޑުގެ ތެރޭގައި އުފެދޭ ފެނާއި، އެތެރެވާ ފެން ރަމަތަކޮށް ކޮންޓްރޯލްކުރުން
·         ގައިގެ މަސްފަށަލަތަކަށް ބޭނުންވާ ހިނދު ކުރުގަޅުވައިދިނުން
·         ހިތުގެ މަސްފަށަލަ ތަކަށް ފެންފޯރުވައިދީ، ހަށިގަނޑު ހަމައަކަށް އަޅުވާލުން
·         ހަށިގަނޑުގެ އެތަން މިތަނަށް އައިސް ގޮސްވާ ސިގުނަލް ދަތުރުކުރާ މަގު ގުޅުވައިދިނުން
·         ނާރުތަކާއި، މަސްތަކުގެ މަސައްކަތްތައް ތަންޒީމުކުރުމުގައި އެހީތެރިވެދިނުން
·         ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހިފެހެއްޓުމުގައި އެހީތެރިވެދިނުން
·         ހަލާކުވާ ސެލޯށިތައް އާކުރުމުގައި ބައިވެރިވުން
·         ނާރު ތަކުގެ ދިރުތަކުގެ ތެރެއަށް ސޯޑިއަމް ވަނުމާއި، ޕޮޓޭސިއަމް ނިކުތުމުގައި ކަރަންޓް ކޮޅެއް އުފެދި، ނާރު ދިރުތަކުން މިކަރަންޓް ކޮޅު ދަތުރުކުރެއެވެ. މެސެޖްތައް ކޮޅުކޮޅަށް ދަތުރުކުރަނީ މިކަރަންޓްކޮޅާއެކު ނާރު ދިރުތަކުގެ ތެރެއިންނެވެ.
·         ސޯޑިއަމް ބޭނުންވަނީ ހަށިގަނޑުގައި ހަށިގަނޑުގެ ދިޔަތަކާއި އެސިޑް-އަލްކަލައިގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ އެއްތަނުން އަނެއް ތަނަށް ފޮނުވާ މެސެޖްތައް ރައްދުކޮށްދިނުމަށް މަސްތައް ކުރުގަޅުވާ ހެދުމަށެވެ.
·         ޕޮޓޭސިއަމް ބޭނުންވަނީ ހަށިގަނޑުގެ ދިޔަތަކާއި އެސިޑް-އަލްކަލައިގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ އެއްތަނުން އަނެއް ތަނަށް ފޮނުވާ މެސެޖްތައް ރައްދުކޮށްދިނުމަށް މަސްތައް ކުރުގަޅުވާ ހެދުމަށެވެ.
·         ކްލޮރިން އަކީ ވެސް ކަރައިވަރު ގެ ތެރޭގައި ހިމެނޭ މުހިއްމު ބައެކެވެ. ކްލޮރައިޑް ހައިޑްރިޖަން އާއި އެކުވުމުން ހައިޑްރޯކްލޮރިކް އެސިޑް އުފެދެއެވެ. ބަނޑުގައި އުފެދޭ ގޭހަކީ މިއީ އެވެ.
·         ޕްރޮޓީން، ބައިކާބޮނޭޓް، ފޮސްފޭޓް، ކްލޮރައިޑް، ކެލްސިއަމް، އަދި މެގްނީޒިއަމް ފަދަ މާއްދާ ތަކާއި، އެކުވެގެން ހަށިގަނޑުގައިވާ އެސިޑް އާއި އަލްކަލައި ހަމަހަމަކުރުމުގައި  ސޯޑިއަމް މުހިއްމު ރޯލެއް އަދާކުރެއެވެ.

އިންސާނާގެ ހަށިގަނޑުގައިވާ މަސްތަކާއި، ނާރު ތަކަކީ އޭގައި ކަރަންޓް ދައުރުވާ ޓިޝޫ ތަކެކެވެ. ނާރުތަކާއި، މަސްތަކުގެ މަސައްކަތްތައް ފެށިގެންދަނީ ނާރު ސެލްތަކާއި، މަސްތަކުގެ ސެލްތަކުގެ އެތެރެއާއި، ބޭރުގައިވާ ދިޔަވަރު ތަކުގެ ދެމެދުގައި، ނޫނީ ސެލްތަކުގެ ދެމެދުގައި ކަރައިވަރުގައި ހިމެނޭ މާއްދާތައް ކަރަންޓު އޮއިވަރުތަކެއްގެ ސިފައިގައި ފޭދި، ދަތުރުކުރަން ފެށުމުންނެވެ.
އިންސާނާގެ ހަށިގަނޑުގައިވާ މަސްގަނޑެއް ކުރުގެޅިލުމަށްޓަކައި، ކަރައިވަރުގައި ހިމެނޭ މާއްދާތަކުގެ ތެރެއިން ސޯޑިއަމް، ޕޮޓޭސިއަމް، އަދި ކެލްސިއަމް ގެ ބޭނުން ހިފައެވެ. ނޫނީ މިމާއްދާތައް ހުންނަންޖެހޭނެ އެވެ. ހިތުގެ މަސްތަކުގެ ސެލްތަކާއި، ނާރު ސެލްތަކުގެ ތެރޭގައި ކަރަންޓްގެ އޮއިވަރު ދައުރުވަނީ ކަރައިވަރުގައި ހިމެނޭ މާއްދާތަކުގެ އެހީއާއި އެކީގައެވެ.

އިންސާނާގެ ހަށިގަނޑުގައި ކަރައިވަރުގެ މިންވަރު (ކަރައިވަރުގައި ހިމެނޭ މާއްދާތަކުގެ މިންވަރު) އެއް ހަމައެއްގައި ހިފަހައްޓައިދެނީ ގުރުދާއާއި، ތަފާތު ހޯރމޯންތަކުގެ އެހީގައެވެ. އެގޮތުން މިމަސައްކަތުގައި އެހީތެރިވެދޭ ހޯރމޯންތަކުގެ ތެރޭގައި ގުރުދާއިން އުފައްދާ "ރީނިން" ހޯރމޯން، ހިތް، ފުއްޕާމޭ، އަދި ސިކުނޑިން އުފައްދާ "އެންޖީއޯޓެންސިން" ހޯރމޯން، އެޑްރީނަލް ގްލޭންޑް އިން އުފައްދާ "އަލްޑޮސްޓެރޯން" ހޯރމޯން، އަދި ޕިޓޫއިޓަރީ ގްލޭންޑް އިން އުފައްދާ "އެންޓިޑަޔުރެޓިކް ހޯރމޯން" ހިމެނެއެވެ.

ހަށިގަނޑަށް އަންނަ އެކި ބަދަލުތަކާއި ގުޅިގެން ކަރައިވަރުގެ ބައެއް މާއްދާތައް ހަށިގަނޑުން ބީވެގެންދެއެވެ. މިސާލަކަށް ކަސްރަތުކުރުމުން ދާހިއްލައި، ކަރައިވަރުގައި ހިމެނޭ ސޯޑިއަމް އަދި ޕޮޓޭސިއަމް ހަށިގަނޑުން ބީވެއެވެ. ކަރައިވަރުގެ މިންވަރު ހަމަހަމަކަންމަތީ ބެހެއްޓުމަށްޓަކައި، ބީވެގެންދާ ބައި އަނބުރާ ހަށިގަނޑަށް ހޯދައިދޭންޖެހެއެވެ. ތަރުކާރީއާއި، މޭވާގެ ބާވަތްތަކުގައި ސޯޑިއަމް އާއި ޕޮޓޭސިއަމް އެކަށޭނަ ވަރަށް ހުންނާތީ، މިފަދަ ތަކެތި ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ. ހަށިގަނޑުގައި ގިނަވާ ކަރައިވަރުގައި ހިމެނޭ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދެނީ ގުރުދާގެ އެހީގައެވެ.

ލޭގަޔާއި އެހެން ދިޔަތަކުގައި ސޯޑިއަމް ހުންނަންޖެހެނީ ވަރަށް ހަނި ރާޖީ ( މަތީމިނާއި ތިރީމިނާއި ދޭތެރެ ) އެއްގައެވެ. މިކަން ހިފަހައްޓަނީ އަލްޑޮސްޓެރޯން ކިޔާ ހޯރމޯން އަކުންނެވެ. ސޯޑިއަމް އެތެރެވުން ގިނަވެއްޖެނަމަ މި ހޯރމޯން މަދުވެއެވެ. މިހެންވެއްޖެނަމަ ގުރުދާ އިން ފަހަރުވާގެ ތެރެއަށް ސޯޑިއަމް ބޭރުކުރާ އަދަދު ގިނަކޮށްލައެވެ. ސޯޑިއަމް އެތެރެވުން މަދުވެއްޖެނަމަ، މިހޯރމޯން ގިނަވެއެވެ. އެހިނދު ގުރުދާއިން ސޯޑިއަމް ބޭރުވިޔަނުދީ ހިފަހައްޓާލަ އެވެ.

މައުލޫމާތު :
·         ކާނާގެ ފައިދާ – މިނިސްޓްރީ އޮފް ހެލްތު – 2003

މައުދަން

މައުދަން
މައުދަން(mineral) ތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ފުރިހަމަކުރުމަށް، ހަށިގަނޑަށް ވަރަށް މަދު މިންވަރަކަށް ބޭނުންވާ "އިންއޯގެނިކް" މާއްދާ ތަކެކެވެ. ބައެއް މައުދަންތައް ތަންކޮޅެއް ގިނައިން ހަށިގަނޑަށް ބޭނުންވާއިރު، އަނެއްބައި މައުދަންތައް ބޭނުންވަނީ އެއަށްވުރެ މާމަދުންނެވެ. ޓްރޭސް އެލިމެންޓް(trace elements) ތަކަކީ ހަށިގަނޑުގެ މަސައްކަތްތައް ފުރިހަމައަށް ހިންގުމަށްޓަކައި މަދުން ނަމަވެސް ބޭނުންވާ މުހިއްމު ބައިތަކެކެވެ. ޓްރޭސް އެލިމެންޓް ތައް ހަށިގަނޑަށް ބޭނުންވަނީ ވިޓަމިން ތަކަށްވުރެ ވެސް މަދުންނެވެ. މަޢުދަން ތައް އަދި ޓްރޭސް އެލިމެންޓް ތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތަކަށް ބޭނުންތެރި މާއްދާ ތަކެކެވެ.

ބޭހުގެ ގޮތުގައި ހަށިގަނޑަށް ބޭނުންވާ މައުދަން ނެގުމަށްވުރެ، ކާން ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން މައުދަންތައް ހަށިގަނޑަށް މާރަނގަޅަށް ނަގައެވެ. އެކި މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތައް ހަށިގަނޑަށް ބޭނުންވަނީ އެކި ވަރަށެވެ. އެއީ އެކި މާއްދާތައް ހަށިގަނޑުގެ އެކިއެކި މަސައްކަތްތަކަށް އެހީތެރިވެދޭތީ އެވެ. މީހެއްގެ އުމުރާއި، ޖިންސާއި، ތަބީޢީ ހާލަތު، އަދި ޞިއްހީ ދުޅަހެޔޮކަމަށް ރިއާޔަތްކޮށް، އެކި މީހުންނަށް ބޭނުންވާ މިންވަރު ތަފާތު ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތަކުން ހަށިގަނޑުގައި ފުރިހަމަކޮށްދޭ ބައެއް މަސައްކަތްތައް
ތަފާތު މަޢުދަންތަކާއި ޓްރޭސް އެލިމެންޓް ތައް އަދާކުރާ ބައެއް ވަޒީފާތައް ތިރީގައި މިވަނީ އެވެ.
·         ހަށިގަނޑުގެއޮނިގަނޑުއުފެއްދުމާއިބައްޓަންގެނައުން
·         ހަށިގަނޑުގެ ގުނަވަންތަކުގެ ވަޒީފާ އަދާކުރުމުގައި ވާގިދިނުން
·         ހަށިގަނޑު ބިނާކޮށް ހެފެހެއްޓުން
·         އެންޒައިމް ތަކުގެ މަސައްކަތް ހަރުދަނާކުރުން
·         ހޯރމޯންތައް އުފެދުމުގައި ބައިވެރިވުން
·         ދަތްތަކާއި، ކަށިތައް ވަރުގަދަކުރުން
·         ހަށިގަނޑުގެ ސެލްތަކުގެ އެތެރެއާއި، ބޭރުގައި ހުންނަ ޖިސްމީ ދިޔަތައް ކޮންޓްރޯލްކުރުން
·         ކާތަކެތި ހަށިގަނޑުގައި ހަކަތަ އަށް ބަދަލުކުރުވުން

މައުދަންތަކާއި، ޓްރޭސް އެލިމެންޓްތައް ލިއްބައިދޭ ކާނާގެ ބާވަތްތައް
ތަފާތު މައުދަންތައް އަދި ޓްރޭސް އެލިމެންޓްތައް ލިއްބައިދޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަސް، ކަނޑުމަސް، ޕާން، ސީރިއަލް، ކިރާއި، ކިރުގެ އުފެއްދުންތައް، ތަރުކާރީ އާއި، މޭވާގެ ބާވަތްތައް (ޚާއްޞަކޮށް ހިއްކާފައި ހުންނަ މޭވާގެ ބާވަތްތައް) އަދި މަދުގެ ބާވަތްތައް ހިމެނެއެވެ.
މުހިއްމު މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތައް
މައުދަންތަކާއި، ޓްރޭސް އެލިމެންޓް ތަކުގެ ގޮތުގައި ބެލެވޭ މުހިއްމު މާއްދާތައް ތިރީގައި މިވަނީ އެވެ.
·         ނިކެލް
·         ބޯރޯން
·         ކެލްސިއަމް
·         ކްރޯމިއަމް
·         ކޮބާލްޓް
·         ކޮޕަރ
·         އަޔަޑިން
·         ވެނޭޑިއަމް
·         މެގްނީޒިއަމް
·         މެންގަނީޒް
·         މޮލިބްޑިނަމް
·         ފޮސްފަރަސް
·         ފްލޮރައިޑް
·         ދަގަނޑު
·         ސެލެނިއަމް
·         ސިލިކަން
·         ސަލްފަރ
·         ޒިންކް

މައުލޫމާތު :
·         ކާނާގެ ފައިދާ – މިނިސްޓްރީ އޮފް ހެލްތު – 2003