Friday, September 25, 2020

މައްސަރު ތެރޭގައި ބަނޑުގައި ރިހުން

 

މައްސަރު ތެރޭގައި ބަނޑުގައި ރިހުން

މައްސަރު ތެރޭގައި ބަނޑުގައި ރިހުން(Dysmennorrhea) ނިސްބަތް ކުރެވެނީ ހައިޟުގެ ދުވަސްވަރު (މައްސަރުގެ ތެރޭގައި) ދަށްބަނޑުގައި ރިހުމަށެވެ. ވަރަށް ގިނަ އަންހެނުންނަށް މައްސަރު ކަންތައް ޖެހުމުގެ ކުރިންނާއި، މައްސަރުގެ ތެރޭގައި ބަނޑުގައި ރިއްސައި ތަދުވާގޮތް ދިމާވެއެވެ. ބައެއް އަންހެނުންނަށް މައްސަރު ތެރޭގައި މިގޮތަށް ދަށްބަނޑުގައި ރިހުމަކީ މާބޮޑު ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް އަނެއްބައި އަންހެނުންނަށް މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުމަކީ، (އޭގެ ވޭން ބޮޑުވުމުގެ ސަބަބުން) އާންމުކޮށް ކޮށްއުޅޭ ކަންތައްތައް ކޮށްއުޅުމަށް ހުރަސްއަޅާ ކަމަކަށް އޮންނަނީ ވެފައެވެ. މައްސަރުގެ ތެރޭގައި އަންހެނުންނަށް ކުރިމަތިވާ އެންމެ އާންމު ޞިއްޙީ މައްސަލަ އަކީ މިއީ އެވެ. އާންމު ގޮތެއްގައި ½ އަންހެނުންނަށް މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުން ކުރިމަތިވެއެވެ.

މައްސަރު ތެރޭގައި ދަށްބަނޑުގައި ރިހުމުގެ ވައްތަރުތައް

މައްސަރު ތެރޭގައި ދަށްބަނޑުގައި ރިހުމުގެ ދެވައްތަރެއް ހުރެެއެވެ. އެއީ ޕްރައިމަރީ ޑިސްމެނޮރިއާ އާއި ސެކަންޑަރީ ޑިސްމެނޮރިއާ  އެވެ.

ޕްރައިމަރީ ޑިސްމެނޮރިއާ

ޕްރައިމަރީ ޑިސްމެނޮރިއާ(Primary Dysmenorrhea)  އަކީ އާންމު ގޮތެއްގައި މައްސަރާއި ގުޅިގެން ކުރިމަތިވާ (ނޫނީ ދޭތެރެ ދޭތެރެއިން މިސާލަކަށް ޙައިޟުގެ ދުވަސްވަރު) ދަށްބަނޑުގައި ނޫނީ ބަނޑުގައި ރިހުމެވެ. މިވައްތަރުގައި އާންމު ގޮތެއްގައި ބަނޑުގައި ރިހެން ފަށަނީ މައްސަރު ކަންތައް ޖެހުމުގެ 2-1 ދުވަސް ކުރިންނެވެ. ނޫނީ މައްސަރު ކަންތައް ޖެހުމުން ނުވަަތަ ޙައިޟުވުމުންނެވެ. އެއީ މިދުވަސްވަރު ރަހިމުގެ ބަތާނަ ފަށުން "ޕްރޮސްޓަގްލޭންޑިން" އުފެއްދުން އިތުރުވާތީ އެވެ. ރިހުން އާންމުކޮށް ހުންނަނީ ބަނޑުގެ ތިރިން ދަށްބަނޑޭ ކިޔޭ ހިސާބުގައެވެ. ވަރަށް ކުޑަ މިންވަރަކުން ފެށިގެން ގޮސް ވަރަށް ބޮޑަށް ވެސް ތަދުހުރެދާނެ އެވެ. ދަށްބަނޑުގައި މައްސަރާއި ގުޅިގެން ރިހޭ ރިހުން 12 ގަޑިއިރުން ފެށިގެން ގޮސް 72 ގަޑިއިރު ވަންދެން ވެސް ހުރެދާނެ އެވެ. މިވައްތަރުގައި އާންމުކޮށް ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ދަށްބަނޑުގައި ރިހުމުގެ އިތުރުން މޭނުބައިކުރުން، ހޮޑުލެވުން، ވަރުބަލިވެ ވާޅުވުން އަދި ބޭރަށް ހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ. ޕްރައިމަރީ ޑިސްމެނޮރިއާ ކުރިމަތިވަނީ ރަހިމުގެ ބަތާނަ ފަށުން އުފައްދާ ތަދާއި، ދުޅަ ކުރިމަތިވުމުގައި ބައިވެރިވާ "ޕްރޮސްޓަގްލޭންޑިން"(Prostaglandin) ފަދަ މާއްދާތަކުގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މައްސަރުގެ ކުރީކޮޅު ޕްރޮސްޓަގްލޭންޑިންގެ މިންވަރު މަތިވާނެއެވެ. މައްސަރު ކުރިޔަށްދާ ވަރަކަށް ލޭބޭރުވަމުންދާވަރަކަށް ޕްރޮސްޓަގްލޭންޑިން ގެ މިންވަރު ދަށްވަމުންދާނެއެވެ. ޕްރޮސްޓަގްލޭންޑިން ގެ މިންވަރު ދަށްވާވަރަކަށް ރިހުން ވެސް ކުޑަވަމުން ދާނެއެވެ. އާންމު ގޮތެއްގައި މައްސަރު ކަންތައް ޖެހެން ފެށުމާއެކު ޕްރައިމަރީ ޑިސްމެނޮރިއާ ކުރިމަތިވާން ފަށައެވެ. އަދި އުމުރުން ދުވަސްވާވަރަކަށް މިވައްތަރުގެ ސަބަބުން ދަށްބަނޑުގައި ރިހުން ކުޑަވަމުން ދެއެވެ. ބައެއް މީހުންނަށް ވިހެއުމުން ވެސް ނޫނީ ވިހެއުމަށްފަހު މިވައްތަރުގެ ރިހުން ކުރިމަތިވުން ކުޑަކޮށްދެއެވެ.

ސެކަންޑަރީ ޑިސްމެނޮރިއާ

ސެކަންޑަރީ ޑިސްމެނޮރިއާ(Secondary Dysmennorrhea) އަކީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމުގައި ހުންނަ ތަފާތު މައްސަލަތަކުގެ ސަބަބުން ދިމާވާ ދަށްބަނޑުގައި ރިހުމެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި އެންޑޯމެޓްރީއޯސިސް، އެޑީނޯމަޔޯސިސް، ރަހިމުގައި ފައިބްރޮއިޑް އުފެދުން، ނޫނީ ދަރިމައިވުމުގެ ނިޒާމުގެ ބައެއްގައި އިންފެކްޝަން ހެދުން ފަދަ ކަންތައްތައް ހިމެނެއެވެ. ސެކަންޑަރީ ޑިސްމެނޮރިއާގެ ސަބަބުން ކުރިމަތިވާ ދަށްބަނޑުގައި ރިހުން އާންމުކޮށް ފެށެނީ މައްސަރުގެ ކުރީކޮޅުގައެވެ. ނޫނީ މައްސަރުކަންތައް ޖެހޭތާ ދެތިން ދުވަސް ފަހުންނެވެ. މިފަދަ ރިހުން އާންމު ގޮތެއްގައި މައްސަރުގެ ސަބަބުން އަންނަ އާންމު ރިހުމަށްވުރެ، ގިނަ ދުވަސްވެ، ދިގުލައިދާނެ އެވެ. މައްސަރު ކަންތައް ނިމިދާއިރު ވެސް ދަށްބަނޑުގެ ރިހުން ނުފިލައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި މިފަދަ ރިހުމާއެކު މޭނުބައިކޮށް، ހޮޑުލެވި، ބޭރަށްހިންގައި، ވާޅުވުން ފަދަ ކަންތައްތައް ކުރިމައްޗެއް ނުވާނެއެވެ.

ޕްރައިމަރީ ޑިސްމެނޮރިއާ އާއި އަޅާބަލާއިރު ސެކަންޑަރީ ޑިސްމެނޮރިއާ ފަހަރުގައި އުމުރުގެ ތަންކޮޅެއް ފަހުގެ ހިސާބެއްގައި ވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މިވައްތަރުގައި ދަށްބަނޑުގައި ރިހުން ދުވަސްވާވަރަކަށް ރަނގަޅުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެގެންދިއުން އެކަށީގެންވެއެވެ.

ސަބަބުތައް

މައްސަރުގެ ތެރޭގައި ރަހިމުގެ ބަތާނަފަށް ވަކިކޮށް، ބޭރުކުރުމަށްޓަކައި (ލޭބޭރުކުރުމަށްޓަކައި) ރަހިމު ކުރުގެޅި، ފިއްތަމުން ގެންދާނެއެވެ. ތަދާއި، ދުޅަ ކުރިމަތިވުމުގައި ބައިވެރިވާ "ޕްރޮސްޓަގްލޭންޑިން"(Prostaglandin) ފަދަ މާއްދާތަކުގެ ސަބަބުން ރަހިމުގެ ފާރުގެ ކުރުގެޅި ފިއްތުމުގެ މަސައްކަތަށް މައްސަރުގެ ތެރޭގައި އިތުރު ބާރެއް ލިއްބައިދެއެވެ. އެހެންކަމުން ޕްރޮސްޓަގްލޭންޑިންގެ މިންވަރު މަތިވި ވަރަކަށް މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިއްސުން އިތުރުވެ، ތަދު ބޮޑުވާކަން ފާހަގަ ކުރެވެއެވެ.

އާދަޔާ ޚިލާފަށް ރަހިމުގެ މަސްތައް ކުރުގެޅި ފިއްތަމުން ގެންދިއުމަކީ ރަހިމަށް ލޭފޯރުކޮށްދޭ ލޭހޮޅިތައް ހިމަކޮށް ހަނިކޮށްފާނެ ކަމެކެވެ. މާނައަކީ ރަހިމުގެ މަސްތަކަށް ލޭދިއުން ނޫނީ ލޭލިބުން މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި މައްސަރުގެ ތަދު ކުރިމަތިވަނީ މިހެންދިމާވެ، ރަހިމުގެ މަސްތަކަކަށް ލޭލިބުން ދަށްވެ، އޮކްސިޖަން ލިބުމުގައި ދަތިތަކާ ކުރިމަތިވުމުންނެވެ. މައްސަރު ތެރޭގައި ދަށްބަނޑުގައި އުފެދޭ ރިހުމަކީ ހާޓް އެޓޭކް ޖެހުން ފަދަ ހާލަތްތަކުގައި މޭގައި އުފެދޭ ރިހުމާއި، އެއްގޮތް ކަމެއް ހުންނަ ފަދަ ތަދެކެވެ.

ސެކަންޑަރީ ޑިސްމެނޮރިއާގެ ސަބަބުން މައްސަރު ތެރޭގައި ދަށްބަނޑުގައި ރިހުން ކުރިމަތިކޮށްފާނެ ސަބަބުތަކުގެ ތެރޭގައި:-

(ހ) އެންޑޯމެޓްރީއޯސިސް(Endometriosis) : އެންޑޯމެޓްރީއޯސިސް އަކީ ރަހިމުގެ އެތެރެއިން ލެވިފައިވާ ބަތާނަފަށް "އެންޑޯމެޓްރީއަމް"ގެ ޓިޝޫތައް ނޫނީ ހަތާތައް، ރަހިމުން ބޭރުގައި ހުރުމެވެ. ނޫނީ އެންޑޯމެޓްރީއަމްގެ ޓިޝޫތައް ރަހިމުން ބޭރުގައި އުފެދި، އަށަގަތުމެވެ. މިގޮތުން އެންޑޯމެޓްރީއަމްގެ ޓިޝޫތައް އެންމެ ގިނައިން ހަރުލަނީ ބިސްއުފައްދާތަން، ބިސްދަތުރުކުރާހޮޅި، މަސާނާ، ހިމަގޮހޮރު ނޫނީ ޅިނދު ހިމެނޭ ހިސާބުގެ ކޮންމެވެސް ޓިޝޫއެއްގައެވެ. މިއީ ދަށްބަނޑުގައި ވޭންދެނިވި ރިހުމެއް އުފައްދައިފާނެ ހާލަތެކެވެ.

(ށ) ރަހިމުގައި ފައިބްރޮއިޑް އުފެދުން (Uterine Fibroid): ރަހިމުގައި އުފެދޭ ފައިބްރޮއިޑް އަކީ ރަހިމުގެ ފާރުގައި އުފެދޭ ކެންސަރަށް ބަދަލުނުވާ ޓިއުމަރެކެވެ. މިއީ ވެސް ދަށްބަނޑުގައި ރިހުން އުފައްދައިފާނެ ހާލަތެކެވެ.

(ނ) އެޑީނޯމަޔޯސިސް (Adenomyosis): މިއީ ރަހިމު ބޯވުމެވެ. މީގެ މާނައަކީ ރަހިމުގެ އެތެރޭ ބަތާނަ( ރަހިމުގެ އެތެރޭ ފަށަލަ) ފަށުގެ ޓިޝޫތައް ރަހިމުގެ މަސް ފަށަލައިގެ (ރަހިމުގެ ބޭރުފަށަލަ) ތެރެއަށް ގޮސް، ހެދިބޮޑުވުމެވެ. ރަހިމު ބޯވުމަކީ ރަހިމު ބޮޑުވާނެ ކަމެކެވެ. ރަހިމު ބޯވެ ބޮޑުވުމުން ކޮންމެ މައްސަރެއްގެ ތެރޭގައި ވަރަށް ބޮޑަށް ތަދުވެ، ވަރަށް ގިނައިން ލޭ ފައިބާނެ އެވެ. ޖިމާއުވާއިރު ތަދުވުމަކީ ވެސް ވެދާނެ ގޮތެކެވެ.

(ރ) ދަށްބަނޑުގެ އެތެރޭ ކަށިވަތުގައި(ޅިނދުގައި) ދުޅަ އުފައްދާ ބަލި ހުރުން:(PID)  މިއީ ރަހިމު، ބިސްއުފައްދާތަން، ބިސްދަތުރުކުރާ ހޮޅި ފަދަ ނަސްލު އުފައްދާ ނިޒާމު ނުވަތަ ދަރިމައިވުމުގެ ނިޒާމުގެ ބައިތަކުގައި ދުޅައުފެދި، ޖަރާސީމު އަށަގަންނަ ހާލަތެކެވެ. މައިގަނޑު ގޮތެއްގައި މިގޮތަށް ދިމާވަނީ ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ސަބަބުންނެވެ.

(ބ) ރަހިމުގެ ދޮރު ހިމަވުން (Cervical Stenosis): ބައެއް އަންހެނުންގެ ރަހިމުގެ ދޮރު މާހިވަމުގެ ސަބަބުން މައްސަރުގެ ލޭ ފޭބުމަށް ހުރަސްތަކާ ކުރިމަތިވެ، ރަހިމުގެ އެތެރޭގެ ޕްރެޝަރު މަތިވެ، އޭގެ ސަބަބުން މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުން އުފެދޭގޮތް ވެއެވެ.

މަގުފަހިކުރާ ކަންތައްތައް

އަންނަނިވި ހާލަތްތައް ކުރިމަތިވެފައިވާނަމަ މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުމުގެ ފުރުޞަތު ބޮޑުވާނެ އެވެ.

·         އުމުރުން 30 އަހަރަށްވުރެ ހަނގުވުން

·         އުމުރުން 11 އަހަރުވުމުގެ ކުރިން (މާއަވަހަށް) ބާލިޣުވުން ނުވަތަ ޙައިޟުވުން ނުވަތަ މައްސަރުކަންތައް ޖެހުން

·         މައްސަރު ތެރޭގައި މާގިނައިން ލޭފޭބުން

·         މައްސަރުގެ ލޭ ގަވާޢިދުން ނުފޭބުން / ނުވަތަ މައްސަރުކަންތައް ގަވާޢިދުން ނުޖެހުން

·         ދަރިމައިވެފައިނުވުން (ބަލިވެ އިނދެ ވިހައިފައިނުވުން)

·         އާއިލާގެ މެންބަރުގެ ތެރޭގައި މައްސަރު ތެރޭގައި ދަށްބަނޑުގައި ރިހުން ދައުރުވަމުން އައުން

·         ދުންފަތުގެ އިސްތިއުމާލުކުރާ މީހަކަށްވުން

އަލާމާތްތައް

މައްސަރުގެ ތެރޭގައި ބަނޑުގައި ރިހުމުން ދިމާވެދާނެ އަލާމާތްތަކުގެ ތެރޭގައި :-

·         ދަށްބަނޑުގައި ރިއްސައި ތަދުވުން (އެއްޗެއް ފިއްތާ ކަހަލަ ތަދެއް / ދިގު ދެމިދާ ތަދެއްހުރުން)

·         އުނަގަނޑުގައި ރިހުން

·         ފައިގެ ފަލަމަސްގަނޑުގައި ރިހުން

ބައެއް މީހުންނަށް ދިމާވެދާނެ އަލާމާތްތަކުގެ ތެރޭގައި :-

·         މޭނުބައިކުރުން

·         ބޭރަށްހިންގުން

·         ބޮލުގައި ރިހުން

·         ބޯއެނބުރުން

ދިމާވެދާނެ ނުރައްކާތައް

މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުމަކީ އެކަމުގެ ސަބަބުން މާބޮޑު ޞިއްޙީ ނުރައްކާތަކެއް ދިމާވާނެ ކަމެއް ނޫނެވެ. ނަމަވެސް މިތަދުގެ ރިހުން ބޮޑުކަމުން ބައެއް ފަހަރު ދިރިއުޅުމުގެ އެކިއެކި ކަންތައްތަކުން އެއްކިބާވެލަން ޖެހިދާނެ އެވެ. ނޫނީ އިޖުތިމާޢީ ހަރަކާތްތަކުން ދުރުވެލަން ޖެހިދާނެ އެވެ.

ނަމަވެސް މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުން މެދުވެރިކުރުވާ ބައެއް ހާލަތްތަކުގެ ސަބަބުން ތަފާތު ނުރައްކާތައް ދިމާވުމަކީ ވެދާނެ ގޮތެކެވެ. މިސާލަކަށް އެންޑޯމެޓްރީއޯސިސްގެ ސަބަބުން ދަރިމައިވުމަށް ހުރަސްއަޅާފާނެއެވެ. އަދި ދަށްބަނޑުގެ އެތެރޭ ކަށިވަތުގައި(ޅިނދުގައި) ދުޅަ އުފައްދާ ބަލި ހުރެއްޖެނަމަ، ރަހިމުން ބޭރުގައި ގަރުބަގަތުމުގެ ފުރުޞަތު އޮވެއެވެ.

މައްސަރުގެ ތެރޭގައި ޕެޑް ބޭނުންކުރަމުން ދަނިކޮށް އަންނަނިވި ކަންތައްތައް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ސަމާލުވުމަކީ މުހިއްމު ކަމެކެވެ.

·         ގަދަޔަށް ހުންއައުން

·         ހޮޑުލުން

·         ބޭރަށްހިންގުން

·         ބޯއެނބުރުން، އަނބުރައިގަތުން، ނޫނީ ހޭނެތުން

މިއީ ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް ކަމުގައިވާ "ޓޮކްސިކް ޝޮކް ސިންޑްރޯމް"(toxic shock syndrome) ގެ އަލާމާތްތެކެވެ.

ދެނެގަތުން

ބަލިމީހާގެ މައުލޫމާތުތައް އޮޅުން ފިލުވުމަށްފަހު، ޖިސްމާނީ ގޮތުން ބަލާބެލުންތައް ޑޮކްޓަރުން ބަލާނެއެވެ. އެގޮތުން ދަށްބަނޑާއި ޅިނދު ހިމެނޭ ހިސާބު (ކުރިމަތި ފަރާތް ހިމެނޭގޮތަށް) ރަނގަޅަށް ބަލައި ޗެކުކުރާނެއެވެ. އެގޮތުން އެހިސާބުގައި އެއްވެސް ކަހަލަ އިންފެކްޝަން އެއް ހުރިތޯ އާއި، އަދި ނަސްލު އުފައްދާ ނިޒާމުގައި އާދަޔާ ޚިލާފުކަމެއް ހުރިތޯ ބަލާނެއެވެ. އެގޮތުން ކުރިމަތި ފަރާތުގެ އެތެރެ ބެލުމަށް ޚާއްޞަ "ސްޕެކިޔުލަމް" ލައްވައިގެން ކުރިމަތިފަރާތާއި، ރަހިމާއި، ރަހިމުގެ ދޮރު ޗެކުކޮށް ހަދާނެއެވެ. ޑޮކްޓަރުން ބަލާބެލުމުން ކުރިމަތި ފަރާތް ހިމެނޭ ހިސާބުން އެއްވެސް ކަހަލަ ކަމެއް ފާހަގަ ކުރެވޭނަމަ ކުރިމަތިފަރާތުން ކުޑަ ދިޔަކޮޅެއް ޓެސްޓުކުރުމަށްޓަކައި ނަގައިފާނެއެވެ. މައްސަރުގެ ތެރޭގައި އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސައި 3-2 ދުވަހަށްވުރެ އިތުރުވާނަމަ ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުން ރަނގަޅެވެ.

މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުން ކުރިމަތިވާނަމަ ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި:-

·         ޅިނދު ހިމެނޭ ހިސާބު ބަލައި ޗެކުކުރުން : ދަށްބަނޑާއި ޅިނދު ހިމެނޭ ހިސާބު (ކުރިމަތި ފަރާތް ހިމެނޭގޮތަށް) ރަނގަޅަށް ބަލައި ޗެކުކުރާނެއެވެ. އެގޮތުން އެހިސާބުގައި އެއްވެސް ކަހަލަ އިންފެކްޝަން އެއް ހުރިތޯ އާއި، އަދި ނަސްލު އުފައްދާ ނިޒާމުގައި އާދަޔާ ޚިލާފުކަމެއް ހުރިތޯ ބަލާނެއެވެ. އެގޮތުން ކުރިމަތި ފަރާތުގެ އެތެރެ ބެލުމަށް ޚާއްޞަ "ސްޕެކިޔުލަމް" ލައްވައިގެން ކުރިމަތިފަރާތާއި، ރަހިމާއި، ރަހިމުގެ ދޮރު ޗެކުކޮށް ހަދާނެއެވެ.

·         ސްކޭންކުރުން : ސްކޭންކުރުމުން، ރަހިމު، ބިސްއުފައްދާތަން، ބިސްދަތުރުކުރާހޮޅި، އަދި ޅިނދު ހިމެނޭ ހިސާބުގައި އެއްވެސް ކަހަލަ އާދަޔާ ޚިލާފު އުފެދުމެއް، ސިސްޓެއް ފަދަ ކަމެއް ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ.

·         ސީޓީ ސްކޭން ހެދުން

·         އެމްއާރުއައި ހެދުން

·         ލެޕަރޮސްކޮޕީ ހެދުން : ލެޕަރޮސްކަޕީ ގެ މާނައަކީ ލޯވަޅު އަޅައި، އޭގެތެރެއިން ކެމެރާއެއް ލައްވައިގެން އެތެރެ ބެލުމެވެ. މިޓެސްޓްގެ އެހީގައި އެންޑޯމެޓްރީއޯސިސް، ރަހިމުގައި ފައިބްރޮއިޑް އުފެދުން، ބިސްއުފައްދާ ތަނުގައި ސިސްޓް އުފެދުން، އަދި ރަހިމުން ބޭރުގައި ގަރުބަގަތުން ފަދަ ކަންކަން ދެނެގަނެވިދާނެ އެވެ.

ފަރުވާ

މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުމަކީ ފަރުވާ ކުރެވިދާނެ ކަމެކެވެ. އެގޮތުން ޑޮކްޓަރުން ފަރުވާގެ ގޮތުގައި :-

·         ތަދުކަނޑުވާ ބޭސް ދިނުން : މައްސަރު ކަންތައް ޖެހުމުން ނޫނީ ދަށްބަނޑުގައި ރިހެން ފެށުމުން ބޭސް ބޭނުންކުރެވިދާނެއެވެ. 3-2 ދުވަހަށް ނޫނީ ތަދުކެނޑެންދެން ބޭސް ކުރިޔަށް ގެންދެވިދާނެ އެވެ. ތަދުކަނޑުވާ ބޭހަކީ ޕްރޮސްޓަގްލޭންޑިން އުފެއްދުން މަދުކޮށްދީ، އޭގެ އަސަރު ކުޑަކޮށްދޭނެ ބޭހެކެވެ. މިކަމުގެ ސަބަބުން ދަށްބަނޑުގައި ހުންނަ ރިހުން ކުޑަކޮށްދޭނެ އެވެ. ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ތަދުކަނޑުވާ ބޭސްތައް ބޭނުންކޮށްގެން ނުވާނެއެވެ. ޚާއްޞަކޮށް ނޭވާހިއްލުން، ލޭފާއްދާ ބަލިތައް ، ބަނޑުގައި ފާރުހެދުން ފަދަ މައްސަލަަތައް، ގުރުދާގެ މައްސަލަތައް އަދި ފުރަމޭގެ މައްސަލަތައް ހުންނަ މީހުން ތަދުކަނޑުވާ ބޭސް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

·         ދޭތެރެ ދުރުކުރާ ބޭސް : ދޭތެރެ ދުރުކުރާ ބޭސް ބޭނުންކުރުމުން ބިސްއުފައްދާތަނުން ބިސްދޫކުރުން ހުއްޓުވައި، މައްސަރުގެ ތެރޭގައި ތަދުވާ މިންވަރު ކުޑަކޮށްދެއެވެ. ދޭތެރެދުރުކުރާ ވަޞީލަތްތައް އެކި ސިފަސިފައިގައި ތައްޔާރުކޮށްފައި ހުރެއެވެ. އެގޮތުން އެސްޓްރަޖަން ހޯރމޯން، އަދި ޕްރޮޖެސްޓިރޯން ހޯރމޯން ހުންނަ ދޭތެރެ ދުރުކުރާ ވަޞީލަތްތައް މައްސަރުގެ ރިހުން ކުޑަކުރުމަށް ފަރުވާގެ ގޮތުގައި ބޭނުންކޮށް އުޅެއެވެ. ބައެއް ފަހަރު ހޯރމޯން އެކުލެވޭ ރަހިމަށްލައްވާ އެތިކޮޅު(IUD) ވެސް ފަރުވާގެ ގޮތުގައި ބޭނުންކޮށް އުޅެއެވެ.

·         އޮޕަރޭޝަން ކުރުން : މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިއްސަނީ އެންޑޯމެޓްރީއޯސިސް ނޫނީ ރަހިމުގައި ފައިބްރޮއިޑް އުފެދުން ފަދަ ކަމަކާ ގުޅިގެން ނަމަ އޮޕަރޭޝަން ކުރަންޖެހިދާނެއެވެ. ދަރިން ހޯދުމަށް ބޭނުންނުވާނަމަ، އޮޕަރޭޝަންކޮށްގެން ރަހިމު ވެސް ނެގިދާނެއެވެ.

ގޭގައި ކުރެވިދާނެ ކަންތައްތައް

·         ކަސްރަތުކުރުން : ކަސްރަތުކުރުމަކީ މައްސަރުގެ ތެރޭގައި ކުރިމަތިވާ ތަދާއި ރިހުން ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ.

·         ހޫނުކުރުން : ހޫނުފެން އަޅާފައި ހުރި އެއްޗެއް ބޭނުންކޮށްގެން ދަށްބަނޑަށް ހޫނުކުރުމަކީ މައްސަރުގެތެރޭގައި ދިމާވާ ތަދާއި ރިހުން ކުޑަކޮށްދޭނެ ކަމެކެވެ.

·         ބައެއް ކަހަލަ ޑައެޓަރީ ގުޅަ ބޭސްތައް : ވިޓަމިން އީ، އޮމެގާ 3ފެޓީ އެސިޑް، ވިޓަމިން ބީ1، ވިޓަމިން ބީ12 ، އަދި މެގްނީޒިއަމް ގުޅަ ބޭހުގެ ގޮތުގައި ބޭނުންކުރުމަކީ މައްސަރުގެ ތެރޭގައި ދަށްބަނޑުގައި ރިހުން ކުޑަކޮށްދޭ ކަމެއްކަމަށް ވަރަށް ގިނަ ދިރާސާތަކުން ހޯދިފައިވެއެވެ.

·         ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަނގުރާބުއިމާ ދުރުހެލިވުން

·         ފިކުރުތަކާ ދުރުހެލިވުން

·         ކެފެއިން ހުންނަ ކާތަކެއްޗާއި، ބުއިންތަކާ ދުރުހެލިވުން

·         އަރާމުކުރުން

·         އުނަގަނޑާއި، ދަށްބަނޑު މަސާޖުކުރުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

ޙަވާލާ

·         http://www.mayoclinic.org/diseases-conditions/menstrual-cramps/basics/definition/con-20025447

·         https://my.clevelandclinic.org/health/diseases/4148-dysmenorrhea#:~:text=Dysmenorrhea%20is%20the%20medical%20term,Dysmenorrhea%20Menu

·         https://www.acog.org/patient-resources/faqs/gynecologic-problems/dysmenorrhea-painful-periods

·         https://www.webmd.com/women/menstrual-cramps#1

Friday, February 7, 2020

މަތިންއަރާބަލި ނުވަތަ ގެސްޓްރޯއީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް

ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް ނުވަތަ މަތިންއަރާ ބަލި
ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް(GERD) އަކީ ބަނޑުގައި ހުންނަ ގޭސް (އެސިޑް) ކާތަކެތި ހިނގާހޮޅިން މައްޗަށް އެރުމުން ކުރިމަތިވާ ހާލަތެކެވެ. މިގޮތަށް ބަނޑުގައި ހުންނަ ގޭސް މައްޗަށް ގޮސް ކާތަކެތި ހިނގާހޮޅިއަށް ވާޞިލްވުމަކީ ކާތަކެތި ހިނގާހޮޅީގެ އެތެރޭގެ ބަތާނަފަށަށް ހިލިގަތުން  (irritation)ކުރިމަތިކުރުވާނެ ކަމެކެވެ.މިބައްޔަށް ބައެއް ފަހަރު "މަތިންއަރާބަލި" މިހެން ކިޔައި އުޅެއެވެ.

އާންމު ގޮތެއްގައި މަތިންއަރާ ބައްޔަކީ ކާތަކެތި ހިނގާހޮޅީގެ ތިރީގައިވާ ސްފިންކްޓަރ (މައިދާ އާއި، ކާތަކެތި ހިނގާހޮޅިއާއި ދެމެދުގައިވާ ވަށް މަސްގަނޑު) އަށް އަސަރުކުރާ، ހަޖަމުކުރާ ނިޒާމަށް ކުރިމަތިވާ ބައްޔެކެވެ.
މަތިންއެރުމަކީ ވަރަށް ގިނަ މީހުންނަށް ދޭތެރެ ދޭތެރެއިން ދިމާވާ ކަމެކެވެ. މަތިންއަރާ ބަލި ހުރި ކަމުގައިވަނީ އާދައިގެ ވަރަކަށް މަތިންއެރުން ހަފްތާއަކު 2 ފަހަރު ކުރިމަތިވުން، ނޫނީ ވަރަށް ބޮޑަށް މަތިންއަރައި އުދަނގޫވުން ހަފްތާއަކު މަދުވެގެން 1 ފަހަރު ކުރިމަތިވާނަމަ އެވެ. ވަރަށް ގިނަ މީހުންނަށް އާންމުކޮށް ބަނޑުގައި ވައިހެދި، މަތިންއަރައި އުނދަގޫވުމުން ބޭނުންކުރާ ބޭސްތައް ބޭނުންކޮށްލުމުން ރަނގަޅުވެ ދެއެވެ. ނޫނީ ދިރިއުޅުމަށާއި، ކެއުންބުއިމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމުން ލުއިކަން ލިބިދެއެވެ. މަދު ހާލަތެއްގައި އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ.


ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް އަކީ ކޮބާ؟
ބޭސްވެރިކަމުގެ ބަހުރުވައިގައި "ގެސްޓްރޯ"(Gastro) ނިސްބަތްކުރެވެނީ މައިދާއަށް ނޫނީ ބަނޑަށެވެ. "އީސަފޭޖަސް"(Esophagus) ނިސްބަތްކުރެވެނީ ކާތަކެތި ހިނގާހޮޅި އަށެވެ. ރިފްލަކްސް(Reflux) މާނަކުރެވެނީ އެނބުރިއައުމަށް، ނޫނީ ފަހަތަށް ދިއުމަށެވެ. އެހެންކަމުން "ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް"(GER) ގެ މާނައަކީ މައިދާ(ބަނޑު)ގައި ހުރި ތަކެތި މައްޗަށް(އެނބުރި) ގޮސް ކާތަކެތި ހިނގާހޮޅި އަށް ވާޞިލްވުމެވެ.

އާންމު ގޮތެއްގައި ހަޖަމުކުރުމުގެ ތެރޭގައި ކާތަކެތި ކާތަކެތި ހިނގާހޮޅިން މައިދާއަށް ދަނީ ކާތަކެތި ހިނގާހޮޅީގެ ތިރީގައިވާ ސްފިންކްޓަރ ހުޅުވުމުންނެވެ. އަދި މައިދާގައި ހުންނަ ކާތަކެއްޗާއި، އެސިޑް ނުވަތަ ގޭސް، ކާތަކެތި ހިނގާހޮޅިއަށް ދިޔަނުދިނުމަށްޓަކައި މި ސްފިންކްޓަރ ބަންދުކޮށްލާނެ އެވެ. މަތިންއަރާ ބަލި ކުރިމަތިވަނީ ކާތަކެތި ހިނގާހޮޅީގެ ތިރީގައިވާ މިބުނި ސްފިންކްޓަރ ގެ ބާރު ދެރަވުމުންނެވެ. ނޫނީ އެ ސްފިންކްޓަރ ރަނގަޅަށް ހަމައަކަށް ނޭޅޭތީ އެވެ. މިހެންވުމުން މައިދާގައި ހުންނަ ތަކެތި މައްޗަށް ކާތަކެތި ހިނގާހޮޅިއަށް ދާގޮތްވެއެވެ.

ސަބަބު
މަތިންއަރާ ބަލި ކުރިމަތިވަނީ ބަނޑުގައި ހުންނަ ގޭސް (އެސިޑް) މައްޗަށް ގޮސް ކާތަކެތި ހިނގާހޮޅިއަށް މާގިނައިން (ތަކުރާރުކޮށް، އިރުއިރުކޮޅާ) ދާން ފެށުމުންނެވެ.

ކެއުމުގެ ތެރޭގައި ކާތަކެތި ދިރުވާލުމުން، ކާތަކެތި ހިނގާހޮޅީގެ ނިމޭ ހިސާބުގައިވާ ވަށްބުރީ މަހުގެ ބޭންޑް ނުވަތަ މަސްގަނޑު ނުވަތަ ސްފިންކްޓަރ (lower esophageal sphincter) ހަމައަކަށް އެޅުމުން (ހުޅުވުމުން)، ކާތަކެތި ހިނގާހޮޅިން ކާތަކެއްޗާއި، ދިޔާތަކެތި ބަނޑަށް (މައިދާއަށް) ދެއެވެ. އެއަށްފަހު މަސްގަނޑު ފިތިކުރުގެޅުމުން ސްފިންކްޓަރ ބަންދުވެގެން ދެއެވެ.

ކާތަކެތި ހިނގާހޮޅީގެ ތިރީގައިވާ މި ސްފިންކްޓަރ  ރަނގަޅަށް ބަންދުނުވާނަމަ، ބަނޑުގައި ހުންނަ އެސިޑް މައްޗަށް (ކާތަކެތި ހިނގާހޮޅި) އަރާގޮތް ވެއެވެ. މިގޮތަށް ހުއްޓިނެތި ބަނޑުގައި ހުންނަ ގޭސް ނުވަތަ އެސިޑް ކާތަކެތި ހިނގާހޮޅިއަށް އައުމަކީ ކާތަކެތި ހިނގާހޮޅި ދުޅަވާނެ ކަމެކެވެ.

މަގުފަހިކުރާ ކަންތައްތައް (ހިރާސް އިތުރުކުރާ ކަންތައްތައް)
މަތިންއަރާ ބައްޔަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·        އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ، ފަލަވުން
·        މައިދާގެ މަތީބައި ޑައަފްރަމް އާއި ދިމާލަށް ފުއްޕުން
·        މާބަނޑުވުން
·        ގުޅުވާދެނިވި ސެލޯށިތަކުގެ ބަލިތައް : މިސާލަކަށް ހަން ހަރުވުމުން ދިމާވާ "ސްކްލީރޯޑާމާ"
·        ބޮޑުކަމު ނުގޮސް ހިފަހައްޓައިގެން ހުރުން
މަތިންއަރާ ބަލި އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަންތައްތަކުގެ ތެރޭގައި:-
·        ދުންފަތުގެ އިސްތިއުމާލުކުރުން
·        އެއްފަހަރާ މާގިނައިން ކެއުން
·        ރޭގަނޑު މާލަހުން (ނިދަން ކައިރިކޮށްފައި) ކެއުން :
·        ކުޅި، ހަވާދުލީ، ތެލުލި، އަދި ތެލާއި ސަރުބީ ގިނައިން އެކުލެވޭ ކާނާ ކެއުން : މިސާލަކަށް އަސޭމިރުސް ފަދަ ބާވަތްތައް
·        ކެފެއިން އެކުލެވޭ ބުއިންތައް ބޭނުންކުރުން : މިސާލަކަށް ޗޮކްލެޓް، ކޮފީ، އެނާޖީ ޑްރިންކްގެ ބާވަތްތައް
·        ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : މިސާލަކަށް އެސްޕިރިން ބޭނުންކުރުން
އަލާމާތްތައް
މަތިންއަރާ ބަލީގެ ސަބަބުން އާންމުކޮށް ފެނިދާނެ އަލާމާތްތަކާއި ފާހަގަވާ ނިޝާންތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·        މެއިންދިލަނެގުން : އާންމުކޮށް ކެއުމަށްފަހުގައެވެ. އެންމެ ގޯސްވާނީ ރޭގަނޑުގައެވެ. ބައެއް ފަހަރު މެއިން ދިލަނެގުމާއެކު ކުރިމަތިވާ ރިހުމާ، ފިތުން، އަދި ދިލަ 2 ގަޑިއެއްހާއިރަށް ނުފިލާހުރުމަކީ އެކަށީގެންވާ ކަމެކެވެ. އޮށޯތުމުން ނޫނީ ގުދުވެލުމުން ވެސް މެއިން ދިލަނަގައިފާނެ އެވެ. ބައެއް މީހުންނަށް މިގޮތަށް ދިލަނަގާވަގުތު ސީދަލަށް ކޮޅަށް ތެދުވެލުމުން ވެސް ލުއިވެދާނެ އެވެ.
·        މޭގައި ރިހުން : މިތަދު ފެށިގެން އަންނަނީ ތިނަކަށިގަނޑުގެ ފަހަތުންނެވެ. ރިހުން ދައުރުވަމުން މައްޗަށް ގޮސް ކަރާއި، ކަދުރާ އާއި ހަމައަށް ފޯރާގޮތް ވެއެވެ.
·        އަނގައިން ކުޅިވައި އެރުން ނޫނީ އަނގައިން ވައިލެވުން
·        ކާތަކެތި ދިރުވަން އުދަނގޫވުން
·        ކާތަކެތި މަތިންއެރުން
·        ކަރުތެރޭގައި އެއްޗެއް އިންނަހެން ހީވުން
ރޭގަނޑުގައި މަތިންއެރުން ކުރިމަތިވެއްޖެނަމަ ފަހަރުގައި އަންނަނިވި އަލާމާތްތައް ފެނުމަކި އެކަށީގެންވާ ކަމެކެވެ.
·        ނުފިލާ ކެއްސުމެއް ހުރުން
·        އަޑުފޮށި ދުޅަވުން
·        ނޭވާހިއްލުން ކުރިމަތިވުން / ނޭވާހިއްލުން ކުރިން ހުރިނަމަ އެކަން ގޯސްވުން
·        ނިދިނައުން
ދިމާވެދާނެ ނުރައްކާތައް
މަތިންއަރާ ބަލި ކުރިމަތިވެ، ދިގުލައިގޮސް، ކާތަކެތި ހިނގާހޮޅި ދުޅަވުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ކާތަކެތި ހިނގާހޮޅި ހިމަވުން (esophageal stricture): ކާތަކެތި ހިނގާހޮޅިއަށް މައިދާއިން އެސިޑްތައް މައްޗަށް އައުމުން ކާތަކެތި ހިނގާހޮޅީގެ ތިރީބަޔަށް ގެއްލުންވެ، ގެއްލުންވި ހިސާބު ރަނގަޅުވާއިރު ލަކުނުލާގޮތް ވެއެވެ. މިހިސާބު ލަކުނު ލުމުން ކާތަކެތި ހިނގާހޮޅީގެ މިހިސާބު ހިމަވެ، ހަނިވެ، އޭގެ ސަބަބުން ކާތަކެތި ދިރުވުމަށް ދަތިވެއެވެ.

(ށ) ކާތަކެތި ހިނގާހޮޅީގައި ފާރުހެދުން : މައިދާއަށް މައްޗަށް އަރާ އެސިޑްތަކުގެ ސަބަބުން ކާތަކެތި ހިނގާހޮޅީގައި ފާރު އުފެދޭގޮތް ވެއެވެ. މިކަމުގެ ސަބަބުން ލޭހިލުން، ރިހުން، އަދި ކާތަކެތި ދިރުވަން އުދަނގޫވުން ފަދަ ކަންތައްތައް ކުރިމަތިވާގޮތް ވެއެވެ.

(ނ) ކާތަކެތި ހިނގާހޮޅިއަށް "ބެރެޓްސް އީސަފޭޖަސް"(Barrett’s Esophagus) އޭ ކިޔޭ ހާލަތެއް މެދުވެރިވުން : ކާތަކެތި ހިނގާހޮޅިއަށް މައިދާއިން އެސިޑްތައް މައްޗަށް އައުމުން ކާތަކެތި ހިނގާހޮޅީގެ ތިރީބަޔަށް ގެއްލުންވެ، ކާތަކެތި ހިނގާހޮޅީގެ ތިރީބައިގެ ބަތާނަ ފަށަށް ބަދަލުތައް ގެނުވައެވެ. މިގޮތުން އަންނަ ބަދަލުތަކުގެ ސަބަބުން ކާތަކެތި ހިނގާހޮޅީގެ ތިރީ ބަޔަށް ކެންސަރު ޖެހުމަށް މަގުފަހިވާގޮތް ވެއެވެ.

ދެނެގަތުން
ބަލިމީހާއަށް ކުރިމަތިވެފައިވާ އަލާމާތްތަކާއި، ބަލިމީހާގެ ކިބައިން ފާހަގަވާ ނިޝާންތަކާއި، ބަލިމީހާގެ ހަށިގަނޑު ބަލާބެލުންތަކުން ފާހަގަވާ ކަންކަމުން ވެސް މަތިންއަރާބަލި ދެނެގަނެވިދާނެ އެވެ. ނަމަވެސް މަތިންއަރާ ބަލި ހުރިތޯ ޔަގީންކުރުމަށާއި، މިބަލީގެ ސަބަބުން އިތުރު ނުރައްކާތަކެއް ކުރިމަތިވެފައިވޭތޯ ބެލުމަށްޓަކައި އަންނަނިވި ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

(ހ) ހަޖަމުކުރާ ނިޒާމުގެ މަތީބައިގެ އެންޑޮސްކަޕީ ހެދުން (upper GIT endoscopy): މިޓެސްޓު ހެދުމަށްޓަކައި ކެމެރާ އަކާއި، ބޮތްކެއް އެކުލެވޭ ހިމަ ހޮޅިއެއް ކަރުން އެތެރެއަށް ލައްވާނެ އެވެ. އެއީ ކާތަކެތި ހިނގާހޮޅި އާއި، މައިދާގެ ހާލަތު ބެލުމަށްޓަކައެވެ. މިޓެސްޓުގެ އެހީގައި ކާތަކެތި ހިނގާހޮޅި ދުޅަވެފައިވޭތޯ ބެލިދާނެ އެވެ. އަދި އެހެން ނުރައްކަލެއް ކުރިމަތިވެފައިވޭތޯ މިސާލަކަށް ކާތަކެތި ހިނގާހޮޅީގައި ފާރުހެދިފައިވޭތޯ ވެސް ބެލިދާނެ އެވެ. ބެރެޓްސް އީސަފޭޖަސް ފަދަ ހާލަތްތަކުގައި ބަޔޮޕްސީ ހެދުމަށް ސާމްޕަލް ވެސް ނެގެނީ މިހިސާބުގެ އެންޑޮސްކަޕީ ހަދައިގެންނެވެ.

(ށ) އެމްބިޔުލޭޓަރީ އެސިޑް(ޕީއެޗް) ޕްރޯބް ޓެސްޓު (Ambulatory acid probe test): މިޓެސްޓު ހެދުމަށްޓަކައި ކާތަކެތި ހިނގާހޮޅީގެ ތެރޭގައި ކުޑަ މޮނީޓަރެއް ބެހެއްޓެއެވެ. މިމޮނީޓަރުގެ އެހީގައި މައިދާއިން ކާތަކެތި ހިނގާހޮޅިއަށް އެސިޑް އަންނަނީ ކޮންއިރަކު، ކިހާއިރެއް ވަންދެންކަން ދެނެގަނެވޭނެ އެވެ. މިމޮނީޓަރު ގުޅާފައި އިންނާނީ އުނަގަނޑުގެ ވަށައިގެން ހަރުކޮށްލެވިފައިވާ ކުޑަ ކޮމްޕިއުޓަރަކާ އެވެ. ނޫނީ ކޮނޑުގައި އަޅުވާލެވޭ "ސްޓްރެޕް" އަކާ އެވެ. މިޓެސްޓު ހެދުމަށް ބޭނުންކުރެވޭ މޮނީޓަރަކީ ނޭފަތުގެ ތެރެއިން ކާތަކެތި ހިނގާހޮޅީގެ ތެރެއަށް ބޭނިފައިވާ ހިމަ، ހޮޅި(ކެތީޓަރ) އެކެވެ. ބައެއް ފަހަރު އެންޑޮސްކަޕީ ހެދުމުގެ ތެރޭގައި ކާތަކެތި ހިނގާހޮޅީގައި ހަރުކުރެވޭ "ކްލިޕް"އެއްގައި ވެސް މިމޮނީޓަރު ހަރުކުރެވިފައި ހުރެދާނެ އެވެ. މިގޮތަށް ހަރުކުރެވޭ ކްލިޕް ޓެސްޓު ހަދައި ނިމޭތާ 2 ދުވަސް ތެރޭގައި ބޮޑުކަމު ނަޖިހާއެކު ހަށިގަނޑުން ބޭރުވެގެންދާނެ އެވެ.

(ނ) އީސަފޭޖިއަލް މެނޯމެޓްރީ (esophageal manometry): މިޓެސްޓުގެ އެހީގައި ކާތަކެތި ދިރުވާއިރު، ކާތަކެތި ހިނގާހޮޅީގެ މަސްތައް "ކޮންޓްރެކްޓް"ވާ މިންވަރު ބެލެއެވެ. މީގެ އިތުރުން މިޓެސްޓުގެ އެހީގައި ކާތަކެތި ހިނގާހޮޅީގެ މަސްތަކުގެ "ކޯރޑިނޭޝަން"(coordination)، އަދި "ފޯރސް"(force) ބަލާލެވޭނެ އެވެ.

(ރ) އެކްސް ރޭ ނެގުން : މިއެކްސްރޭ ނެގެނީ "ޗޯކު" ހެން ހުންނަ ދިޔައެއް ބޯން ދިނުމަށްފަހު ގައެވެ. މިދިޔަ ހަޖަމުކުރާ ނިޒާމުގެ ބަތާނަފަށުގެ މައްޗަށް މެތުރިގެންދެއެވެ. މިއެކްސްރޭގެ އެހީގައި ހަޖަމުކުރާ ނިޒާމުގެ ބައިތައް (ކާތަކެތި ހިނގާހޮޅި، މައިދާ، ގޮހޮރުގެ މަތީބައި) ވަކިން ބަލާލެވޭނެ އެވެ. ބައެއް ފަހަރު މިއެކްސްރޭ ނަގާއިރު "ބޭރިއަމް ޕިލް" އެއް ކާލުމަށް ވެސް ބުނެފާނެ އެވެ. އެއީ އެކްސްރޭ ނަގައިގެން ކާތަކެތި ހިނގާހޮޅި ހިމަވެ، ހަނިވެފައިވޭތޯ ބެލުމަށްޓަކައެވެ.

ފަރުވާ
އާންމު ގޮތެއްގައި ފަރުވާގެ ގޮތުގައި ދޭ ބޭހާއެކު ދިރިއުޅުމާއި، ކެއިންބުއިމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނައުމަށް އަބަދު ވެސް ޑޮކްޓަރުން ލަފާދެއެވެ. ފަރުވާ މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ މަތިންއަރާ ގޭހުގެ މިންވަރު ދަށްކުރުމާއި، މަތިންއަރާ ގޭހުގެ ސަބަބުން ކާތަކެތި ހިނގާހޮޅީގެ ބަތާނަފަށަށް ގެއްލުންލިބުން ކުޑަކުރުމަށެވެ.
ކެއުމުގައި ކުޅި، ތެޔޮ، ހަވާދުލީ، ކެފެއިން ގިނައިން އެކުލެވޭ ކާބޯތަކެއްޗާއި ދުރުހެލިވާންޖެހެއެވެ. އެގޮތުން ކޮފީ، ކޯލާ، އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކާއި، އަސޭމިރުސް، ޗޮކްލެޓް، ހުތްމޭވާގެ ބާވަތްތައް، މިރުސް ގިނައިން އަޅާފައި ހުންނަ ބާވަތްތަކާ ދުރުހެލިވުން މުހިއްމެވެ.

އެއްފަހަރާ މާގިނައިން ކެއުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ނިދުމުގެ 3-2 ގަޑިއިރުގެ ކުރިން ރޭގަނޑުގެ ކެއުން ނިންމުން ވެސް އެއީ ސަމާލުވާންޖެހޭ ކަމެކެވެ. މާބަރުހެލިނަމަ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްލުމަކީ ވެސް މަތިންއަރާ ބަލީގެ އުދަނގޫތަކުން ސަލާމަތްކޮށްދޭނެ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރަނގަޅު އާދަތަކާ ދުރުހެލިވާން ޖެހެއެވެ. ނިދާއިރު އެނދުގެ ބޯލާކޮޅު ކުޑަކޮށް އުފުލާލާފައި ބެހެއްޓިދާނެ އެވެ. ނޫނީ އެކަމަށް ޚާއްޞަ ބާލީހެއް ބޭނުންކުރެވިދާނެ އެވެ. މިގޮތަށް ބޯކޮޅު އުފުލާލުމުން މަތިންއެރުމުގެ އުނދަގޫ ލުއިކޮށްދޭކަން ފާހަގަ ކުރެވެއެވެ. ބަނޑަށް ބާރުވާގޮތަށް ބަނޑުދަށަށް ބާލީސް ލައިގެން އޮތުން ރަނގަޅެއް ނޫނެވެ.

ބޭހުގެ ފަރުވާ
(ހ) ބަނޑުގައި ހުންނަ އެސިޑްގެ ނިސްބަތް ހަމަހަމަކުރުމަށްދޭ ބޭސްތައް : މިފަދަ ބޭސްތަކުގެ ތެރޭގައި "ޖެލޫސިލް"، "ރެލްސަރ"، އަދި "މިއުކޭން ޖެލް" ފަދަ "ސިރަޕް" ގެ ގޮތުގައި ހުންނަ ބޭސްތައް ހިމެނެއެވެ. މިފަދަ ބޭސްތަކުން ކާތަކެތި ހިނގާހޮޅީގައި އިންފްލޭމްވެ ގެއްލުންވެފައިވާ ހިސާބު އެއްކޮށް ފަސޭހަކޮށެއް ނުދެއެވެ. މިފަދަ ބޭސްތައް މާގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރުމުން ބޭރަށްހިންގުން، އަދި ބައެއް ފަހަރު ގުރުދާގެ މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ށ) ބަނޑުގައި އެސިޑް އުފެއްދުން މަދުކުރުމަށް ދޭ ބޭސްތައް : މިއީ އާންމު ގޮތެއްގައި "އެޗްޓޫ ރިސެޕްޓަރ ބްލޮކަރސް"(H2 receptor blockers) ގެ ގޮތުގައި ގުނާލެވޭ ބޭސްތަކެވެ. މިބޭސްތަކުގެ ތެރޭގައި ސިމެޓިޑިން، ފެމޮޓިޑިން، އަދި ރެނިޓިޑިން ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތަކުގެ ސަބަބުން ވަގުތުން ލުއިކަމެއް ނުލިބުނު ނަމަވެސް ބޭސްކާ ވަގުތުން ފެށިގެން ކުރިޔަށް އޮންނަ 12 ގަޑިއިރުގެ މުއްދަތަށް ބަނޑުން ގޭސް ނުވަތަ އެސިޑް އުފައްދާ ނިސްބަތް މަދުކޮށް، ދަށްކޮށްދީފާނެ އެވެ.

(ނ) ބަނޑުގައި އެސިޑް އުފެއްދުމަށް ހުރަސްއަޅައި، ގެއްލުންވެފައިވާ ކާތަކެތިހިނގާހޮޅި ފަސޭހަކުރުމަށް ދޭ ބޭސްތައް : މިއީ އާންމު ގޮތެއްގައި "ޕްރޮޓޯން ޕަމްޕް އިންހިބިޓަރސް"(Proton pump inhibitors) ގެ ގޮތުގައި ގުނާލެވޭ ބޭސްތަކެވެ. މިބޭސްތަކުގެ ތެރޭގައި އޮމެޕްރަޒޯލް، އީސޮމެޕްރަޒޯލް، ރެބިޕްރަޒޯލް، ލެންސޯޕްރަޒޯލް، ޕެންޓޮޕްރަޒޯލް ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތަކުގެ ސަބަބުން ފަހަރުގައި ބޭރަށްހިންގުން، ބޮލުގައި ރިހުން، މޭނުބައިކުރުން، އަދި ވިޓަމިން ބީ12 ދަށްވުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

އޮޕަރޭޝަންކުރުން
މަތިންއަރާ ބައްޔަކީ އާންމު ގޮތެއްގައި ބޭސް ބޭނުންކޮށްގެން ކޮންޓްރޯލްކުރެވިދާނެ ބައްޔެކެވެ. ނަމަވެސް ބޭހުން އެދެވޭ ނަތީޖާއެއް ނުލިބޭނަމަ، ނޫނީ ދިގުމުއްދަތަކަށް ބޭސް ކެއުމުން ދުރުހެލިވާން ބޭނުންވާނަމަ، ބައެއް ފަހަރު އޮޕަރޭޝަންކުރުމަށް ނޫނީ ބައެއް އިޖުރާއާތް ފުރިހަމަކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.

(ހ) ފަންޑޮޕްލިކޭޝަން (Fundoplication): މިއޮޕަރޭޝަންގައި ބަނޑުގެ މަތީގައި އީސަފޭޖިއަލް ސްފިންކްޓަރ ގެ ވަށައިގެން އޮޅާލައި، މަސްތަކަށް ވާންކޮށްލަނީ އެވެ. މިގޮތަށް ހެދުމުން މައިދާއިން އެސިޑް މައްޗަށް އެރުމުން މިންޖުކޮށްދޭނެ އެވެ. މިއީ ލެޕަރޮސްކޯޕް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަނެކެވެ.

(ށ) ލިންކްސް ޑިވައިސް އެޅުވުން (LINX device): މިއީ މައިދާ އާއި ކާތަކެތި ހިނގާހޮޅި ގުޅޭ ހިސާބަށް ދަގައްފާނީ ގޮށްތަކެއް އަޅުވާފައި ހުންނަ ކުޑަ "އުޅައެއް" ނޫނީ "ރިންގެއް" ލެއްވުމެވެ. ދަގައްފާނީ ގޮށްތަކުގެ ދެމެދުގައި ހުންނަ ދަގައްފާނީ ދަމާބާރުގެ ސަބަބުން މައިދާއިން ކާތަކެތި ހިނގާހޮޅިއަށް އެސިޑްތައް އެރިޔަނުދީ ހިފަހައްޓައި ދިނުމަށް އެހީތެރިވެދެއެވެ. މިއީ ވެސް ލެޕަރޮސްކޯޕް ބޭނުންކޮށްގެން ކުރާ ކަމެކެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބަދަލުތައް އަދި ގޭގައި ކުރެވިދާނެ ކަންތައްތައް
·        ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ބެހެއްޓުން
·        ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން
·        ނިދާއެދުގެ ބޯލާކޮޅު އުފުލާލާފައި ބެހެއްޓުން
·        ކައި ނިމޭގޮތަށް ނުއޮށޯތުން
·        ކާތަކެތި ރަނގަޅަށް ހަފައިގެން ލަސްލަހުން ކެއުން
·        ތެޔޮ، ކުޅި، ހަވާދުލީ ބާވަތްތައް ބޭނުންކުރުމުން ދުރުހެލިވުން
·        ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން
·        ބަނޑުމައްޗަށް އުނަގަނޑު މައްޗަށް މާބާރުކޮށް ހުންނަ އަންނައުނު ނުލުން
ހަވާލާ