Tuesday, August 24, 2021

މައިދާގައި ފާރުހެދުން

 

މައިދާގައި ފާރުހެދުން

މައިދާގައި ފާރުހެދު(peptic ulcer)މަކީ މައިދާ ނުވަތަ ބަނޑުގެ އެންމެ އެތެރޭ ދުލިފަށް ނުވަތަ ބަނޑުގެ ބަތާނަފަށުގައި، އަދި ކުޑަ ގޮހޮރުގެ އެންމެ މަތީބައިގައި ފާރުހެދުމެވެ. މިއީ ބަނޑުގެ އެންމެ އެތެރޭގެ ތެތް ދުލިފަށަލަ ނުވަތަ ބަތާނަ ފަށުގައި ފާރުހެދުމެވެ. އާންމު ގޮތެއްގައި ބަނޑުގެ ނުވަތަ މައިދާގެ އެތެރޭގައި އުފެދޭ ފާރަށް ކިޔަނީ ގެސްޓްރިކް އަލްސަރ(gastric ulcer) އެވެ. އަދި ހަމަ މިގޮތަށް ކުޑަގޮހޮރުގެ ފެށޭ ބައި ނުވަތަ މައިދާއާއި ޖެހިގެން އިންނަ ބައިގައި އުފެދޭ ފާރަށް ކިޔަނީ ޑޫއަޑީނަލް އަލްސަރ(duodenal ulcer) އެވެ.

ކޮންމެ އުމުރެއްގެ މީހަކަށް ވެސް މައިދާގައި ފާރުއުފެދުން ކުރިމަތިވެދާނެ އެވެ. ނަމަވެސް އެންމެ އާންމުކޮށް މައިދާގައި ފާރުހެދެނީ އުމުރުން 60 އަހަރުން މަތީގެ މީހުންގެ އެވެ. އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި މައިދާގައި ފާރުހެދުމުގެ މައްސަލަ އިތުރުކަން ފާހަގަ ކުރެވެއެވެ.


ވައްތަރުތައް

މައިދާގެ ފާރުގެ ދެވައްތަރެއް ހުރެއެވެ. އެއީ އަންނަނިވި ވައްތަރުތަކެވެ.

(ހ) ގެސްޓްރިކް އަލްސަރ (gastric ulcer): މިއީ ބަނޑުގެ އެތެރޭގައި އުފެދޭ ފާރެވެ.

(ށ) ޑޫއަޑީނަލް އަލްސަރ (duodenal ulcer): މިއީ ކުޑަ ގޮހޮރުގެ ފެށޭބައި ނޫނީ މަތީބައި "ޑޫއަޑީނަމް" ގައި އުފެދޭ ފާރެވެ.

ސަބަބު

މައިދާގައި ފާރު އުފެދެން މެދުވެރިވާ އެންމެ އާންމު ސަބަބުތަކަކީ ހެލިކޮބެކްޓަރ ޕައިލޮރީ އިންފެކްޝަން އަށަގަތުމާއި، ދިގު މުއްދަތަކަށް ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުމެވެ. ފިކުރުބޮޑުވުން، ކުޅިތެޔޮ ހަވާދުލީ ބާވަތްތައް ބޭނުންކުރުމުން މައިދާގައި ފާރެއް ނުއުފެދޭނެ އެވެ. ނަމަވެސް މައިދާގައި ފާރުހެދުމުން ދިމާވާ އުދަނގޫތައް އިތުރަށް ގޯސްވެގެންދިއުމަކީ ވެދާނެ ގޮތެކެވެ.

މައިދާގައި ފާރު އުފެދެނީ ހަޖަމުކުރާ ނިޒާމުގައި ހުންނަ އެސިޑްގެ ސަބަބުން ކުޑަ ގޮހޮރު ނޫނީ މައިދާގެ އެންމެ އެތެރޭ ފަށަލަ ނުވަތަ ބަތާނަފަށް ވިރި ނޫނީ ގިރިދިއުމުންނެވެ. މިގޮތަށް އުފެދޭ ފާރުގައި ރިހި، އެއިން ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. މައިދާގައި ފާރު އުފެދެން މެދުވެރިވާ އެންމެ އާންމު ސަބަބުތައް ތިރީގައި މިވަނީ އެވެ.

(ހ) ބެކްޓީރިޔާ : ހެލިކޮބެކްޓަރ ޕައިލޮރި(Helicobacter pylori) އޭ ކިޔާ ބެކްޓީރިޔާ އަކީ ކުޑަގޮހޮރާއި، މައިދާގެ ބަތާނަ ފަށް ނިވައިކޮށް، ރައްކާތެރިކޮށްދޭ ލޮނދިފަށަލައިގެ ތެރޭގައި އާންމުކޮށް ދިރިއުޅޭ ޖަރާސީމެކެވެ. އާންމުކޮށް މިބެކްޓީރިޔާގެ ސަބަބުން މައްސަލަތަކެއް ކުރިމަތި ނުކުރުވިޔަސް، މިބެކްޓީރިޔާގެ ސަބަބުން ބަނޑާއި ކުޑަގޮހޮރުގެ ބަތާނަ ފަށް ދުޅަކުރުވައި، ފާރުއުފައްދައެވެ.

ހޯދިފައިވާ ގޮތުގައި އާބާދީތަކުގެ %50 މީހުންގެ ހަށިގަނޑުގައި މިޖަރާސީމު ހުރެއެވެ. އަދި ބެލެވިފައިވާ ގޮތުގައި އެކަކު ގައިން އަނެކާގެ ގަޔަށް މިޖަރާސީމު ވާޞިލްވަނީ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުންނެވެ. އަދި ގިނަ ފަހަރު މިގޮތަށް އެކަކު ގައިން އަނެކާގެ ގަޔަށްއަރަނީ އުމުރުގެ ކުރީކޮޅުގައެވެ. ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ހަށިގަނޑުގައި ހުއްޓަސް ގިނަ މީހުންނަށް އޭގެ ނޭދެވޭ އަސަރެއް ނުކުރެއެވެ. މިޖަރާސީމު ހުރެގެން މައިދާގައި ފާރުއުފެދުން ކުރިމަތިވަނީ އިންފެކްޝަން ހުންނަމީހުންގެ ތެރެއިން އެންމެ %15-10 މީހުންގެކަން ފާހަގަ ކޮށްލެވެއެވެ.

(ށ) ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން : ތަދުކަނޑުވާ ބޭސްތައް އާންމުކޮށް ބޭނުންކުރުމަކީ ބަނޑާއި ގޮހޮރުގެ ބަތާނަފަށް ހިލިގަނެ، ދުޅައުފައްދާނެ ކަމެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި  އެސްޕިރިން، ބުރޫފަން، ނެޕްރޮކްސިކަމް، ޑައިކްލޯފިނެކް، އަދި ކީޓޯޕްރޯފެން ފަދަ ބޭސްތައް ހިމެނެއެވެ. އާންމުކޮށް ބޭނުންކުރާ ޕެރަސިޓަމޯލް ނުވަތަ ޕެނަޑޯލްގެ ސަބަބުން މައިދާގައި ފާރުއުފެދުން ކުރިމައްޗެއް ނުވާނެއެވެ. ތަދުކަނޑުވާ ބޭސް ބޭނުންކުރުމުން ބަނޑުގައި އުފެދޭ ގޭހުން ބަނޑުގެ އެތެރޭ ބަތާނަފަށް ހިމާޔަތްކޮށް ރައްކާތެރިކޮށްދޭ ކެމިކަލް އެއް އުފެއްދުމަށް ހުރަސްއަޅައެވެ.

ތަދުކަނޑުވާ ބޭސް ބޭނުންކުރުމުގެ ސަބަބުން ބަނޑުގައި ފާރުހެދުމުގެ ފުރުޞަތު އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

·         ތަދުކަނޑުވާ ބޭހުގެ މަތީ މިންވަރެއް (ޑޯޒެއް) ބޭނުންކުރުން

·         އުމުރުން 70 އަހަރަށްވުރެ މަތިވުން

·         އަންހެނަކަށްވުން

·         ތަދުކަނޑުވާ ބޭސް ބޭނުންކުރާ ދުވަސްވަރު ސްޓީރޮއިޑް ބޭނުންކުރުން

·         މެދުނުކެނޑި ދިގުމުއްދަތަކަށް ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން

·         މައިދާގައި ފާރު ހެދުމުގެ މައްސަލަ ކުރިން ވެސް ހުރުން

(ނ) އެހެން ބޭސްތައް ބޭނުންކުރުން : ތަދުކަނޑުވާ ބޭސްތަކުގެ އިތުރުން އެހެން ބައެއް ބޭސްތައް ބޭނުންކުރުމަކީ ވެސް ބަނޑާއި ގޮހޮރުގައި ފާރުއުފެދުމުގެ ހިރާސް އިތުރު ކޮށްފާނެ ކަމެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ސްޓީރޮއިޑް، ލޭގަނޑުވިޔަނުދޭ ބޭސްތައް، އެސްޕިރިން، އެލެންޑްރޮނޭޓް، އަދި ރިސެންޑްރޮނޭޓް ފަދަ ބޭސްތައް ހިމެނެއެވެ.

މަގުފަހިކުރާ ކަންތައްތައް

އަންނަނިވި ކަންތައްތަކަކީ މައިދާގައި ފާރުހެދުމަށް މަގުފަހިކުރާ ކަންތައްތަކެވެ.

·         ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު އަށަގެންފައިވާ މީހުންނަށް މައިދާގައި ފާރުހެދުމުގެ ހިރާސް އިތުރުކޮށްދޭ ކަމެކެވެ.

·         ބަނގުރާ ބުއިން : ބަނގުރަލަކީ ބަނޑުގައި ގޭސް އުފެއްދުން އިތުރުކޮށްދީ، ބަނޑުގެ ބަތާނަ ފަށުގައި ހުންނަ ލޮދިފަށަލަ ގިރުވައި، ހަލާކުކޮށްލާ އެއްޗެކެވެ.

·         ފިކުރުބޮޑުވުން

·         ކުޅި، ތެޔޮ، ހަވާދުލީ ކާތަކެތި ބޭނުންކުރުން

·         އާއިލާ ތެރޭގައި ބަލި ދައުރުވަމުން އައުން

·         ފުއްޕާމޭ، ގުރުދާ، ނުވަތަ ފުރަމޭގެ ބައްޔެއް ހުރުން

އަލާމާތްތައް

·         ބަނޑުގައި ދިލަނަގައި ރިއްސުން

·         ފުރިފައި ހުންނަހެން ހީވުން

·         އަނގައިން ވައިލެވުން

·         ބަނޑުފުއްޕުން

·         ތެޔޮ އެއްޗެހި ކެއުމުން އުދަނގޫވުން

·         މެއިންދިލަނެގުން / މޭއެންދުން

·         މޭނުބައިކުރުން

މައިދާގައި ފާރުހުރުމުން ކުރިމަތިވާ ބަނޑުގައި ރިއްސުން

މައިދާގައި ފާރުހެދުމުން ފެންނާނެ އެންމެ އާންމު އަލާމާތަކީ ދިލަނަގައި، ބަނޑުގައި ރިހުމެވެ. މިގޮތަށް ރިހޭއިރު އެންމެ ބޮޑަށް ރިހުން ހުންނާނީ ބަނޑުގެ މެދުގައެވެ. މައިދާގައި ފާރުހުރުމުން އުފެދޭ ބަނޑުގައި ރިހުން ބަނޑުގެ މެދުން ފެށިގެން މައްޗަށް ކަރާއި ހަމައަށް އަދި ތިރިއަށް ފޫޅާއި ހަމައަށް އަދި ފުރަގަހަށް ނުވަތަ ބުރަކަށްޓަށް ވެސް ގޮސްފައި ހުރެދާނެ އެވެ. ދެތިން މިނިޓުން ފެށިގެން ގޮސް، ދެތިން ގަޑިއިރަށް ވެސް ނުފިލައި ބަނޑުގައި ރިހުން ހުރެދާނެއެވެ. އާންމު ގޮތެއްގައި ތަދުވާން ފަށަނީ ކެއުމަށްފަހު ދެތިން ގަޑިއިރުގެ ތެރޭގައެވެ. ބައެއް ފަހަރު ބަނޑުގައި ރިހިގެން ރޭގަނޑު ހޭލެވިދާނެ އެވެ.

ގިނައިރު ނުކައި ހައިބަނޑާއި ހުރުމާއި، ބަނޑުގައި އުފެދޭ އެސިޑްގެ ސަބަބުން ބަނޑުގެ ރިހުން އިތުރަށް ގޯސްވެއެވެ. ބަނޑުގައި އެސިޑާއި، އަލްކަލައިންގެ މިންވަރު ހަމަހަމަކޮށްދީފާނެ ކާނާގެ ބާވަތްތައް ބޭނުންކުރުމާއި، ބަނޑުގައި އެސިޑްގެ މިންވަރު ދަށްކޮށްދޭނެ ބޭސް ބޭނުންކުރުމަކީ ބަނޑުގެ ރިހުން ލުއިކޮށްދޭނެ ކަންތައްތަކެވެ. އެއްފަހަރު ކެއުމާއި، އަނެއްފަހަރު ކެއުމާއި ދެމެދުގައި، އަދި ރޭގަނޑުގައި ބަނޑުގެ ރިހުން ފަހަރުގައި އިތުރަށް ގޯސްވެގެން ހިނގައިދާނެ އެވެ. ހެދުނު ގަޑީގައި ވެސް ބަނޑުގައި ރިއްސައިފާނެއެވެ. ކޮފީ، ކޯލާ، އޮރެންޖު ޖޫސް ފަދަ ތަކެތި ބޭނުންކުރުމަށްފަހު ރިހުން އިތުރުވެދާނެ އެވެ. އެސްޕިރިން ފަދަ ބޭހެއް ބޭނުންކުރުމުން ވެސް ރިހުން އިތުރުވެދާނެއެވެ.

ނުރައްކާތެރިކަން އަންގައިދޭ އަލާމާތްތައް

ވަރަށް ގިނަ މީހުންނަށް މައިދާގައި ފާރުހެދިފައި ހުއްޓަސް އެއްވެސް އަލާމާތެއް ނުފެނި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ވަރަށް މަދުން ނަމަވެސް މައިދާގެ ފާރުގެ ސަބަބުން ނުރައްކާތެރި އަލާމާތްތަކާއި، ނިޝާންތައް ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކާއި، ނިޝާންތައް ތިރީގައި މިވަނީ އެވެ.

·         ހޮޑުލެވުން، ހޮޑުގައި ލޭހުރުން

·         ބޮޑުކަމުނަޖިސް ކަޅުކުލައިގައި ހުރުން

·         ނޭވާލާން އުދަނގޫވުން

·         އަނބުރައިގަނެ، ހޭނެތެން އުޅޭހެން ހީވުން

·         މޭނުބައިކޮށް ހޮޑުލެވުން

·         އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން

·         ކެއުމަށް ބަދަލުއައުން ( ކާހިތްނުވުން)

ނުރައްކާތައް

މައިދާގައި ފާރުހެދި އެކަމަށް ފަރުވާނުކޮށް ދޫކޮށްލައިފިނަމަ، އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) އެތެރެ ހަށިން ލޭއައުން : މިއީ މައިދާގައި ފާރުއުފެދުމުން ކުރިމަތިވާ އެންމެ އާންމު އެއް ނުރައްކަލެވެ. އާންމު ގޮތެއްގައި މިގޮތަށް އެތެރެހަށިން ބޮޑަށް ލޭފައިބަނީ މައިދާގައި ފާރުއުފެދުނީ ލޭހޮޅިއެއް ހުރި ހިސާބެއްގައި ކަމުގައި ވާނަމަ އެވެ. ވަރަށް ލަސްލަހުން ވެސް އެތެރެއިން ލޭފައިބައިފާނެ އެވެ. މިހެންވެއްޖެނަމަ ލޭމަދުވުމަކީ އެކަށީގެންވާ ކަމެކެވެ. ވަރުބަލިވެ، ނޭވާކުރުވެ، ވިންދު އަވަސްވެ، މީހާ ދޮންފޫޑުވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު ކުއްލިއަކަށް ވަރަށް ބައިވަރު ލޭވެސް ފައިބައިފާނެ އެވެ. މިހާލަތުގައި ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާކުރަން ޖެހިދާނެއެވެ. އަދި ލޭއަޅަން ވެސް ޖެހިދާނެ އެވެ. މާގިނައިން ލޭފައިބާނަމަ، ހޮޑުގައި ނޫނީ ބޮޑުކަމު ނަޖިހުގައި ލޭހުރެދާނެ އެވެ.

(ށ) މައިދާ ތޮރުފި، ފޫދިއުން : މައިދާގެ ފާރުގެ ސަބަބުން މައިދާ ނުވަތަ ކުޑަގޮހޮރުގެ ބަތާނަފަށް ގިރި ފޫދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި އެތެރެހަށީގައި އިންފެކްޝަން އަށަގަތުމަކީ އެކަށީގެންވާ ކަމެކެވެ. އެތެރެހަށީގައި އިންފެކްޝަން އަށަގަތުމަކީ ވަރަށް ފަސޭހައިން ލޭގައި އިންފެކްޝަން އަށަގަތުމަށް މެދުވެރިވެދާނެ ކަމެކެވެ. އެތެރެހަށީގައި އިންފެކްޝަން އަށަގަތުމުން ފެންނާނެ އެންމެ އާންމު އަލާމާތަކީ ކުއްލިއަކަށް ވަރަށް ބޮޑަށް ބަނޑުގައި ރިއްސައި ގޯސްވުމެވެ. އެތެރެހަށީގައި އިންފެކްޝަން އަށަގަތުމަކީ އަވަސް ފަރުވާ ބޭނުންވާނެ ހާލަތެކެވެ.

(ނ) ކާތަކެތި ދައުރުވާ މަގުބެދުން : މައިދާގެ ފާރުގެ ސަބަބުން ކާތަކެތި ދައުރުވާ މަގުބެދުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ކާތަކެތި ދައުރުވާ މަގު ބެދެނީ ދުޅަވުމުގެ ސަބަބުން ނުވަތަ ލަކުނުލުމުގެ ސަބަބުންނެވެ. މިގޮތަށް ކާތަކެތި ދައުރުވާ މަގުބެދުމުން ހޮޑުލެވުން، ފުރިފައި ހުންނަހެން ހީވުން، ލޭމަދުވުން، އަދި ބަރުދަން ލުއިވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.

(ރ) ބަނޑުގެ ކެންސަރުޖެހުން : ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ހެލިކޮބެކްޓަރ ޕައިލޮރީ އިންފެކްޝަން ހުންނަ މީހުންނަށް ބަނޑުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ.

ދެނެގަތުން

މައިދާގައި ފާރުހެދިފައި ހުރިކަން ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ކުރެވޭނެ ކަމަކީ ބަލިމީހާގެ ކިބައިން ބޭނުންވާ އެންމެހާ މައުލޫމާތު އަހައި އޮޅުން ފިލުވުމާއި، ޖިސްމާނީ ގޮތުން ބަލިމީހާގެ ހަށިގަނޑުގައި ބަލަންޖެހޭ ބެލުންތައް ބަލައި ފާސްކުރުމެވެ. އެއަށްފަހު އަންނަނިވި ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމުހުރިތޯ ބެލުމަށް ޓެސްޓުކުރުން : ހެލިކޮބެކްޓަރ ޕައިލޮރީ ހުރިތޯ ދެނެގަތުމަށް ލޭ، ބޮޑުކަމުނަޖިސް އަދި ޔޫރިއާ ބްރެތު ޓެސްޓު ހަދައިފާނެއެވެ. އެންމެ ޞައްޙަ ޓެސްޓަކީ ޔޫރިއާ ބްރެތު ޓެސްޓެވެ.

ބްރެތު ޓެސްޓު ހެދުމަށްޓަކައި ރޭޑިޔޯއެކްޓިވް ކާބަން ހުންނަ އެއްޗެއް ކާން ނުވަތަ ބޯންޖެހެއެވެ. ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމަކީ ބަނޑުގައި ހުންނަ މާއްދާތައް ހަލާކުކޮށްލާ އެއްޗެކެވެ. ރޭޑިޔޯ އެކްޓިވް ކާބަން ހުންނަ އެއްޗެއް ބުއިމަށްފަހު ނުވަތަ ކެއުމަށްފަހު ކޮތަޅެއްގެ ތެރެއަށް ފުމެލަންބުނެއެވެ. އެއަށްފަހު އެކޮތަޅު ބަންދުކުރެވެއެވެ. ހެލިކޮބެކްޓަރ ޕައިލޮރީ އެމީހެއްގެ ހަށިގަނޑުގައި ހުރިނަމަ ބްރެތު ނަމޫނާ ސާމްޕަލްގައި ކާބަން ޑައިއޮކްސައިޑްގެ ގޮތުގައި ރޭޑިޔޯ އެކްޓިވް ކާބަން ހުންނާނެ އެވެ. ޓެސްޓު ހެދުމުގެ ކުރިން ގޭހުގެ ބޭސް ބޭނުންކުރާނަމަ ހުއްޓާލުން ބުއްދިވެރި އެވެ. އެއީ ގޭހުގެ ބޭސް ބޭނުންކުރާ ދުވަސްވަރު ބްރެތު ޓެސްޓު ހަދައިފިނަމަ ފޯލްސް ޕޮޒިޓިވް ނަތީޖާ އެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ލޭގެ ޓެސްޓު ހަދަނީ ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމަށް އެންޓިބޮޑީ ހަށިގަނޑުގައި އުފެދިފައި ހުރިތޯ ބެލުމަށެވެ. ބޮޑުނަޖިހުގައި ވެސް މިޖަރާސީމުގެ އަސަރު ހުރިތޯ ޓެސްޓު ކުރެވެއެވެ.

(ށ) އެންޑޮސްކަޕީ ހެދުން : އެންޑޮސްކަޕީގެ އެހީގައި މައިދާގައި ފާރުހެދިފައިވޭތޯ ބެލޭނެ އެވެ. މައިދާއިން ފާރުގެ އަސަރު ހުންނަ ހިސާބުން ބަޔޮޕްސީ ހެދުމަށްޓަކައި އެތިކޮޅެއް އިންޑޮސްކަޕީ ހެދުމުގެ ތެރޭގައި ނެގޭނެ އެވެ. ބަޔޮޕްސީ ސާމްޕަލް ލެބޯޓަރީގައި ހަދާ ޓެސްޓުން ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ހުރިކަން ދެނެގަނެވޭނެ އެވެ.

އެންޑޮސްކަޕީ އިން މައިދާގައި ފާރުހުރިކަން ފާހަގަވެއްޖެނަމަ، ފަރުވާކުރުމަށްފަހު ވެސް ފޮލޯއަޕް އެންޑޮސްކަޕީ އެއް ހަދަން ބުނާނެ އެވެ. މިއީ މައިދާގައި އުފެދުނު ފާރު، ފަސޭހަވެފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. މައިދާގައި ފާރުހެދުމުން އެންޑޮސްކަޕީ ހެދުމަށް ލަފާދޭ ހާލަތްތަކުގެ ތެރޭގައި އުމުރުން ދޮށިވުން، މައިދާގައި ހެދިފައިވާ ފާރުން ލޭއަންނަ ކަމުގެ ނިޝާނެއް ފާހަގަވުން، އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން، އަދި ކާތަކެތި ދިރުވުމަށް އުދަނގޫވުން ފަދަ ހާލަތްތައް ހިމެނެއެވެ.

(ނ) ބޭރިއަމް ސްވެލޯވް ޓެސްޓުހެދުން : މިއީ ހުދުކުލައަށް ހުންނަ ބޭރިއަމް ކިޔާ ދިޔައެއް ބޯންދިނުމަށްފަހު ހަޖަމުކުރާ ނިޒާމުގެ ބައިތަކުގެ އެކްސްރޭ ނެގުމެވެ. އެގޮތުން ކާތަކެތި ހިނގާހޮޅި، މައިދާ އަދި ކުޑަ ގޮހޮރުގެ އެކްސްރޭ ނެގެއެވެ. ބޭރިއަމް ބޯންދީފައި މިއެކްސްރޭ ނެގުމުން ހަޖަމުކުރާ ނިޒާމުގެ ބައިތަކުގައި ހެދިފައި ހުންނަ ފާރު ރީތިކޮށް ފެންނަށް ހުންނާނެ އެވެ.

(ރ) އިމޭޖިންގ ޓެސްޓުތައް : މީގެ ތެރޭގައި އެކްސްރޭ ނެގުން އަދި ސީޓީ ސްކޭން ހެދުން ހިމެނެއެވެ.

ފަރުވާ

އެކަށޭނަ ފަރުވާ ދެވިއްޖެނަމަ މައިދާގައި އުފެދޭ ފާރު ގިނަ ފަހަރު މަހެއް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރަނގަޅުވެއެވެ. މައިދާގައި އުފެދޭ ފާރުގެ ފަރުވާ ބަރޯސާވަނީ ފާރު ހެދުމަށް ކުރިމަތިވި ސަބަބަކަށެވެ. އާންމު ގޮތެއްގައި ފަރުވާގެ ތެރޭގައި ހިމެނެނީ ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ހަށިގަނޑުގައި ހުރިނަމަ އެޖަރާސީމު މަރާލައި ނައްތާލުމާއި، ތަދުކަނޑުވާ ބޭސް ބޭނުންކުރުން ހުއްޓާލުން ނުވަތަ މަދުކުރުމާއި، އަދި ފާރުހިއްކުމަށް ބޭސް ބޭނުންކުރުމެވެ.

މައިދާގައި ފާރުހެދުމުން ފަރުވާގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ ބޭސްތައް ތިރީގައި މިވަނީ އެވެ.

1. ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު މަރާލުމަށް އެންޓިބަޔޮޓިކް ބޭނުންކުރުން : ޓެސްޓުތަކުން ހަޖަމުކުރާ ނިޒާމުގައި ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ހުރިކަމަށް ދައްކައިފިނަމަ، އެކަމުގެ ފަރުވާގެ ގޮތުގައި ޑޮކްޓަރުން އެންޓިބަޔޮޓިކް ވަކި އުސޫލެއްގެ ދަށުން، ކަނޑައެޅޭ ވަކި މުއްދަތަކަށް ބޭނުންކުރުމަށް ލަފާދޭނެ އެވެ. މިގޮތަށް ލިޔެދެއްވާ އެންޓިބަޔޮޓިކް ފަދަ ބޭސްތައް އިރުޝާދު ދީފައިވާ ގޮތަށް ހުއްޓާނުލާ ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާންމު ގޮތެއްގައި މިހާލަތުގައި އެންޓިބަޔޮޓިކް ބޭނުންކުރުމަށް ލަފާދެނީ ގާތްގަނޑަކަށް 2 ހަފްތާގެ މުއްދަތަށެވެ. އެންޓިބަޔޮޓިކް ބޭނުންކުރާއިރު އެކުއެކީގައި ގިނަ ފަހަރު ގޭހުގެ ބޭސް ވެސް ބޭނުންކުރުމަށް ލަފާދޭނެ އެވެ. އެންޓިބަޔޮޓިކް ބޭނުންކުރާއިރު އާންމު ގޮތެއްގައި 2 އެންޓިބަޔޮޓިކް އެއް އެކުގައި ބޭނުންކުރުމަށް ލަފާދީފާނެ އެވެ. އެންޓިބަޔޮޓިކް ބޭނުންކުރާތާ މަދުވެގެން 4 ހަފްތާ ފަހުން އަލުން ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ހުރިތޯ ޓެސްޓުކުރަން ޖެހޭނެ އެވެ.

2. އެސިޑް އުފެއްދުން މަނާކުރާ، ފާރު ހިކުމަށް ބާރުއަޅާ ބޭސް ބޭނުންކުރުން : މިފަދަ ބޭސްތަކަށް ކިޔަނީ "ޕްރޮޓޯން ޕަމްޕް އިންހިބިޓަރ"(proton pump inhibitors) އެވެ.  މިބޭސްތަކުން އެސިޑް އުފެއްދުން މަދުކުރުވަނީ ހަޖަމުކުރާ ނިޒާމުގައި ދިރުތަކުގައި އެސިޑް އުފެއްދުމަށް ޒިންމާވާ ބައިތަކުގެ މަސައްކަތަށް ހުރަސްއަޅައިގެންނެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި އޮމެޕްރަޒޯލް، ލެންސޮޕްރަޒޯލް، އިސޮމެޕްރަޒޯލް، ރެބިޕްރަޒޯލް އަދި ޕެންޓަޕްރަޒޯލް ފަދަ ބޭސްތައް ހިމެނެއެވެ. މިފަދަ އެއްވެސް ބޭހެއް ޑޮކްޓަރުންގެ ލަފަޔާއި ނުލައި، އަމިއްލައަށް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އާންމު ގޮތެއްގައި 8-4 ހަފްތާގެ މުއްދަތަށް މިބޭސްތައް ބޭނުންކުރުމަށް ލަފާދޭނެ އެވެ.

3. އެސިޑް އުފެއްދުން މަދުކުރާ ބޭސް ބޭނުންކުރުން : މިބޭސްތައް އެސިޑް ބްލޮކަރ(acid blockers) އަދި ހިސްޓަމިން ބްލޮކަރ(histamine blockers) މި ދެނަން ވެސް ކިޔައި އުޅެއެވެ. މިއީ މައިދާއިން އެސިޑު އުފައްދައި، ހަޖަމުކުރާ ނިޒާމަށް ދޫކުރުން ދަށްކޮށް މަދުކޮށްދޭ ބޭސްތަކެކެވެ. މިބޭސްތައް ބޭނުންކުރުމުން މައިދާގެ ފާރާއި ގުޅިގެން ހުންނަ ރިހުމާއި ތަދު ކުޑަކޮށްދީ، ފާރު ރަނގަޅުވެ ފަސޭހަވުމަށް ބާރުއަޅައެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ހިމެނެނީ ފެމޮޓިޑިން، ނިޒަޓިޑިން އަދި ސިމެޓިޑިން ފަދަ ބޭސްތަކެވެ.

4. ބަނޑުގެ އެސިޑްތައް ހަމައަކަށްއަޅުވައިދޭ ނުވަތަ ހަމަހަމަކޮށްދޭ (ނިއުޓްރަލައިޒްކޮށްދޭ) ގޭހުގެ ބޭސް ބޭނުންކުރުން : އެންޓަސިޑް އަކީ މިފަދަ ބޭސްތަކެވެ. މިފަދަ ބޭސްތަކުގެ ސަބަބުން މައިދާގެ ހުންނަ އެސިޑް-ބޭސްގެ ނިސްބަތް ހަމަހަމަކޮށްދީ، ގޭހުގެ ސަބަބުން އުފެދިފައި ހުންނަ ތަދާއި ރިހުން ލުއިކޮށްދެއެވެ. އެންޓަސިޑްގެ ތެރޭގައި އެލޫމިނިއަމް ހައިޑްރޮކްސައިޑް، މެގްނީޒިއަމް ހައިޑްރޮކްސައިޑް، މެގްނީޒިއަމް ކާބޮނޭޓް، ކެލްސިއަމް ކާބޮނޭޓް އަދި މެގްނީޒިއަމް ޓްރައިސިލިކޭޓް ފަދަ ބޭސްތައް ހިމެނެއެވެ.

5. މައިދާއާއި، ކުޑަގޮހޮރުގެ ބަތާނަފަށް ހިމާޔަތްކޮށް ރައްކާތެރިކޮށްދޭ ބޭސް ބޭނުންކުރުން : މިފަދަ ބޭސްތަކަށް "ސައިޓޯޕްރޮޓެކްޓިވް އެޖެންޓް"(cytoprotective agents) މިހެން ކިޔައެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ސަކްރަލްފޭޓް، އަދި މައިސޮޕްރޮސްޓޯލް ފަދަ ބޭސްތައް ހިމެނެއެވެ.

ފުރަތަމަ ފަށާ ފަރުވާ ނިމުމަށްފަހު ފޮލޯއަޕްހެދުން

އާންމު ގޮތެއްގައި މައިދާގައި ހެދިފައިވާ ފާރު ދެވޭ ފަރުވާގެ އެހީގައި ގިނަ ފަހަރު އެއްކޮށް ރަނގަޅުކުރެވެއެވެ. ނަމަވެސް ފަރުވާ ދެމުންދާއިރު ވެސް ނޫނީ ދީ ނިމުނުއިރު ވެސް އަލާމާތްތަކަށް ބަދަލެއް ނައިސް އުދަނގޫތަކަށް ލުއިކަން ނުލިބޭނަމަ، ޑޮކްޓަރުން ފާރު ފަސޭހަނުވަނީ ކީއްވެގެންތޯ ބެލުމަށް އެންޑޮސްކަޕީ އެއް ހެދުމަށް ލަފާދީފާނެ އެވެ.

އާންމު ގޮތެއްގައި ފަރުވާ ފެށުމުގެ ކުރިން ހަދާ އެންޑޮސްކަޕީ އިން ފާރުހުރިކަން އެނގުމުން، ފަރުވާ ދީ ނިންމާފައި ވެސް އެންޑޮސްކަޕީއެއް ހަދާނެއެވެ. މިއީ މައިދާގައި އުފެދުނު ފާރު ފަސޭހަވިތޯ ބެލުމަށް ހެދޭ އެންޑޮސްކަޕީ އެކެވެ.

ފަރުވާއާއެކު ވެސް މައިދާގައި އުފެދިފައިވާ ފާރު ފަސޭހަނުވުން

ބައެއް ފަހަރު ބޭސް ބޭނުންކުރި ނަމަވެސް މައިދާގައި އުފެދިފައިވާ ފާރު ފަސޭހަނުވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ބޭސް ބޭނުންކުރުމުން ފަސޭހަނުވާ ފާރަށް ކިޔަނީ "ރެފްރެކްޓަރީ އަލްސަރ"(Refractory ulcer)  އެވެ. ބޭސް ބޭނުންކުރި ނަމަވެސް ފާރު ފަސޭހަނުވުމަށް ދިމާވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އެފަދަ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ.

·         ޑޮކްޓަރުން ލިޔެދީފައިވާ ގޮތަށް ގަވާޢިދުން ބޭސް ބޭނުންނުކުރުން

·         ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ލިޔެދީފައިވާ އެންޓިބަޔޮޓިކަށް ނުގުޑުން

·         ބޭސް ބޭނުންކުރަމުންދާ ދުވަސްވަރު ވެސް ދުންފަތުގެ އިސްތިއުމާލުކުރުން

·         ބޭސް ބޭނުންކުރަމުންދާ ދުވަސްވަރު ވެސް ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން

ވަރަށް މަދުން ނަމަވެސް އަންނަނިވި ކަންތައްތަކުގެ ސަބަބުން ފާރު ފަސޭހަނުވެ ހުންނަގޮތް ވެއެވެ.

·         އާދަޔާ ޚިލާފަށް ގިނައިން ބަނޑުގައި ގޭސް އުފެއްދުން

·         ހެލިކޮޓަރ ބެކްޓަރ ޕައިލޮރީ ނޫން އެހެން އިންފެކްޝަނެއް ހުރުން

·         ބަނޑުގެ ކެންސަރު ޖެހިފައިވުން

·         މައިދާގައި އެހެން ބައްޔެއްގެ ސަބަބުން ފާރުއުފެދުން : މިސާލަކަށް ކްރޯންސް ޑިޒީޒް

ރެފްރެކްޓަރީ އަލްސަރ އަށް ފަރުވާކުރުމުގައި އެންމެ މުހިއްމު އެއްކަމަކީ މިގޮތަށް ބޭސް ބޭނުންކުރުމުން ފާރު ފަސޭހަނުވުމަށް މެދުވެރިވާ ސަބަބެއް ނުވަތަ ކަމެއް ނައްތާލުމެވެ. މިސާލަކަށް ފާރު ފަސޭހަވުމަށް ހުރަސްއަޅަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ކަމުގައިވާނަމަ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމެވެ. އަދި އެއާއެކު އެންޓިބަޔޮޓިކް ބޭނުންކުރުމެވެ.

މައިދާގައި ފާރުހެދި، އެތެރެހަށިން ލޭއައުން، މައިދާ ނުވަތަ ގޮހޮރުގެ ފޫދިއުން ފަދަ ކަމެއް ވެއްޖެނަމަ އޮޕަރޭޝަން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިހާރު އާންމުކޮށް ބޭނުންކުރެވޭ ބޭސްތަކުން މައިދާގައި އުފެދޭ ފާރު ފަސޭހަކުރެވޭތީ، އޮޕަރޭޝަންކުރަންޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ.

ރައްކާތެރިވުން

މައިދާގައި ފާރުހެދުމުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމަކީ މައިދާގައި ފާރުހެދުމުން ފަރުވާގެ ގޮތުގައި ގޭގައި ކުރުމަށް ވެސް ބާރުއަޅާ ކަންތައްތަކެވެ. އެގޮތުން އަންނަނިވި ކަންތައްތައް ފާހަގަ ކޮށްލެވެއެވެ.

(ހ) އިންފެކްޝަންތަކުން  ޚާއްޞަ ހެލިކޮބެކްޓަރ ޕައިލޮރީ އިންފެކްޝަން ޖެހުމުން ރައްކާތެރިވުން : ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ފެތުރޭ ސީދާގޮތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އެކަކު ގައިން އަނެކާގަޔަށް ދަނީ ފެން، ނޫނީ ކާބޯތަކެތީގެ ޒަރީޢާއިން ކަމަށް ބައެއް ހޯދުންތަކުން ލަފާދީފައި ވެއެވެ. ތަފާތު އިންފެކްޝަންތަކުން ރައްކާތެރިވުމަށް އެންމެ މުހިއްމު އެއްކަމަކީ އަތުގެ ސާފުތާހިރުކަމަށް ރައްކާތެރިވުމެވެ. އެއަށްފަހު ކާބޯތަކެތީގެ ސާފުތާހިރުކަން ދެމެހެއްޓުމެވެ.

(ށ) ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން މަދުކުރުން : ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން ވީވަރަކުން މަދުކުރުމަކީ މުހިއްމު ކަމެކެވެ. ތަދުކަނޑުވާ ބޭސް ބޭނުންކުރާއިރު، ބަނގުރާ ފަދަ ތަކެތި ބުއިމަކީ އިތުރަށް މައިދާގައި ފާރުހެދުމުގެ ހިރާސް ބޮޑުކޮށްދޭނެ ކަމެކެވެ. ތަދުކަނޑުވާ ބޭހެއް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެއާއި އެކުއެކީގައި ގޭހުގެ ބޭހެއް ބޭނުންކުރުން މުހިއްމެވެ.

ގޭގައި ކުރެވިދާނެ ކަންތައްތައް / ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތައް

·         ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން މަދުކުރުން

·         ފިކުރުތަކާ ދުރުހެލިވުން، އަދި ފިކުރުތައް ހައްލުކޮށް، ކުޑަކުރާނެގޮތް ދަސްކުރުން

·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

·         ބަނގުރާ ބޭނުންކުރުމުން ދުރުހެލިވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/peptic-ulcer/symptoms-causes/syc-20354223

·         https://www.nhs.uk/conditions/stomach-ulcer/

·         https://www.webmd.com/digestive-disorders/peptic-ulcer-overview

·         https://my.clevelandclinic.org/health/diseases/10350-peptic-ulcer-disease

 

Sunday, August 22, 2021

ގުލަކޯމާ

ގުލަކޯމާ

ގުލަކޯމާ(Glaucoma) އަކީ ވަރަށް އާންމު ލޮލުގެ ބައްޔެކެވެ. މިއީ ސިކުނޑިއާއި ލޯ ގުޅުވައިދޭ ލޮލުގެ މައިނާރު(optic nerve)  ހަލާކުވާ ލޮލުގެ ބައްޔެކެވެ. މިއީ އާންމު ގޮތެއްގައި ލޮލުގެ ކުރިމަތީ ބައިގައި ދިޔާތަކެތި ޖަމާވުމުގެ ސަބަބުން ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިކުރާ ބައްޔެކެވެ. ލޮލުގެ މައިނާރު ހަލާކުވަނީ ލޮލުގެ ޕްރެޝަރު މަތިވުމުގެ ސަބަބުންނެވެ. މިއީ ދުރާލާ ދެނެގަނެ ފަރުވާނުކުރެވިއްޖެނަމަ ލޮލުގެ ފެނުން ގެއްލިގެން ހިނގައިދާނެ ބައްޔެކެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް ގުލަކޯމާ ޖެހިދާނެއެވެ. ނަމަވެސް އެންމެ އާންމުކޮށް ގުލަކޯމާ ކުރިމަތިވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ލޯއަނދިރިވުން ކުރިމަތިކުރުވާ މައިގަނޑު ސަބަބަކީ ގުލަކޯމާ ކަން ފާހަގަ ކުރެވެއެވެ.

ގިނަ ވައްތަރުތަކުގެ ގުލަކޯމާގައި ދުރާލާ ދެނެގަނެވޭނެ އިންޒާރުގެ ނިޝާންތަކެއް ފާހަގަވާކަން ނުހުރެއެވެ. ގިނަ ފަހަރު އަލާމާތްތައް މަޑުމަޑުން އިތުރުވަމުން އައިސް، ނުވަތަ ލޮލަށް މަޑުމަޑުން ބަދަލު އައިސް އެނގޭއިރު ނުވަތަ ދެނެގަނެވޭއިރު ހުންނަނީ ލޮލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައެވެ.

ގުލަކޯމާ އާއި ގުޅިގެން ކުރިމަތިވެދާނެ ލޯއަނދިރިވުމަކީ ރަނގަޅުނުކުރެވޭނެ ކަމަކަށްވުމުން، ދުރާލާ ގަވާޢިދުން ލޮލުގެ ޑޮކްޓަރަށް ދައްކައިގެން ލޮލުގެ ޕްރެޝަރު ބަލައި، ލޮލުގެ ހާލަތު ބަލަމުން ގެންދިއުމަކީ ރަނގަޅު ގޮތެކެވެ. ދުރާލާ ދެނެގަނެވިއްޖެނަމަ، ގުލަކޯމާ އާއި ގުޅިގެން ކުރިމަތިވެދާނެ ލޯއަނދިރިވުން ކުރިމަތިވުން ލަސްކުރެވިދާނެ ނޫނީ އެއިން ރައްކާތެރިކުރެވިދާނެ އެވެ. ގުލަކޯމާ ހުރެއްޖެނަމަ މުޅި އުމުރަށް ވެސް ފަރުވާ ކުރަންޖެހިދާނެ އެވެ.


ސަބަބު

ގުލަކޯމާ ކުރިމަތިވަނީ ލޮލުގެ މައިނާރަށް ގެއްލުންވުމުންނެވެ. ލޮލުގެ މައިނާރަށް ގެއްލުންވެ، ބަދަލުތައް އަންނަ ވަރަކަށް ލޮލަށް ފެންނަ އިމު(visual field)ގެ ތެރޭގައި "ލޮލަށް ނުފެންނަ ތަންކޮޅެއް"(blind spot)  އުފެދެން ފަށައެވެ. ލޮލުގެ މައިނާރަށް ގެއްލުންވަނީ ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވެގެންނެވެ.

ލޮލުން އަބަދު ވެސް ވަކި އުސޫލަކުން ސާފު ދިޔަ އުފައްދައި ލޮލުގެ ތެރޭގައި ދައުރުކުރުވާނެ އެވެ. މިގޮތަށް ދިޔަ އުފައްދާ ވަރަކަށް ލޮލުން ދިޔަ ބޭރުވެސް ވާންޖެހޭނެ އެވެ. ލޮލުގެ ތެރޭގައި ހުންނަ ދިޔަ ދައުރުވެ، ބޭރުވަނީ ނޫނީ ހުސްވަނީ ލޮލުގެ ކަޅުކަޅިއާއި، ލޮލުގެ ހާމަދުލި ގުޅޭ ކަނު(angle)ގައިވާ "ޓްރެބެކިޔުލަރ މެޝްވޯކް"(trabecular meshwork) ކިޔާ ސެލޯއްޓެއް މެދުވެރިކޮށެވެ. ނުވަތަ މިބުނި ކަނަށެވެ. މިގޮތަށް ލޮލުން ސާފު ދިޔަ އުފައްދައި ދައުރުކުރާ ވަރަކަށް ލޮލުން ދިޔަ ބޭރުވެ ހުސްވެ ދިއުމަކީ ލޮލުގެ އެތެރޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދޭނެ ކަމެކެވެ.

ލޮލުގެ ޕްރެޝަރު މަތިވަނީ ލޮލުގެ ތެރޭގައި ދައުރުވެ ހުންނަ ސާފުދިޔަ ތައް ލޮލުން ބޭރުކުރުމަށް ބުރޫއަރައި އެދިޔަތައް އެއްތާކަށް ޖަމާވާގޮތް ވުމުންނެވެ. ލޮލުގެ ތެރޭގައި ހުންނަ ދިޔަ ދައުރުވެ، ބޭރުވަނީ ނޫނީ ހުސްވަނީ ލޮލުގެ ކަޅުކަޅިއާއި، ލޮލުގެ ހާމަދުލި ގުޅޭ ކަނު(angle)ގައިވާ "ޓްރެބެކިޔުލަރ މެޝްވޯކް"(trabecular meshwork) ކިޔާ ސެލޯއްޓެއް މެދުވެރިކޮށެވެ. ލޮލުގެ ތެރޭގައި މާގިނައިން ދިޔަ އުފެއްދުމުން ނޫނީ ލޮލުގެ ތެރޭގައި ދައުރުވެ ހުންނަ ދިޔަ، އޭގެ އާންމު މިނުގައި ލޮލުން ބޭރުކުރުމަށް ދަތިވުމުން، ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވެގެން ދެއެވެ. ލޮލުގެ ޕްރެޝަރު މަތިވުމުން ލޮލުގެ މައިނާރަށް ގެއްލުންވެއެވެ.

ލޮލުގެ މައިނާރަކީ އެތައް މިލިޔަން ކުދި ނާރު ފައިބަރުތަކުން އުފެދިފައިވާ އެއްޗެކެވެ. އެއީ ބައިވަރު ކަރަންޓް ނަރުތަކުން އުފެދިފައިވާ ކަރަންޓް ކޭބަލް އެއް ފަދަ އެއްޗެކެވެ. ލޮލުގެ މައިނާރަށް ގެއްލުންވެ، ލޮލުގެ މައިނާރުގެ ތެރޭގައި ހިމެނޭ ކުދިކުދި ނާރުފައިބަރުތަކަށް ގެއްލުންވުމުން ނުފެންނަ ތަންކޮޅެއް(blind spot) ލޮލަށް ފެންނަ އިމުގެ ތެރޭގައި އުފެދެއެވެ. ލޮލުގެ މައިނާރުގެ ތެރޭގައި ހިމެނޭ ގިނަ ނާރުފައިބަރުތައް މަރުވެ ނުދަނީސް މިގޮތަށް އުފެދޭ ނުފެންނަ ތަންކޮޅެއް ފާހަގަނުވެ ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތަށް ލޮލުގެ މައިނާރުގައި ހުންނަ ކުދިކުދި ހުރިހާ ނާރު ފައިބަރުތައް މަރުވެއްޖެނަމަ ލޯއަނދިރިވުމަކީ އެކަށީގެންވާ ކަމެކެވެ.

ވަރަށް ގިނަ ސަބަބުތަކާހުރެ ގުލަކޯމާ ކުރިމަތިވެދާނެ އެވެ. ނޫނީ ގުލަކޯމާއަށް މަގުފަހިކުރާ ވަރަށް ގިނަ ކަންތައްތައް ހުރެދާނެ އެވެ.

(ހ) ލޮލުގެ އެތެރޭގައި ޕްރެޝަރު މަތިވުން : މިގޮތަށް ދިމާވަނީ ލޮލުން ފެނާއި އެހެނިހެން މާއްދާތައް ބޭރުކުރުމަށް ނުކުޅެދުމުންނެވެ. މިހެންވުމުން ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ލޮލުގެ މައިނާރަށް ގެއްލުން  ވެއެވެ.

(ށ) އުމުރު : އުމުރުން ދުވަސްވާވަރަކަށް ގުލަކޯމާ ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެއެވެ. ޚާއްޞަކޮށް އުމުރުން 60- 40 އަހަރުވުމަށްފަހު ގުލަކޯމާ ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ.

(ނ) ނަސްލު : އެފްރިކާ، އޭޝިޔާ، އަދި ކެރީބިއަން ގައުމުތަކުގެ މީހުންނަށް ގުލަކޯމާ ކުރިމަތިވުމުގެ ހިރާސް އިތުރެވެ.

(ރ) އާއިލާގެ ތެރޭގައި ދައުރުވަމުން އައުން : ޢާއިލާގެ މެންބަރަކަށް ގުލަކޯމާ ޖެހިފައިވުމަކީ އެއާއިލާގެ އެހެން މެންބަރުންނަށް ގުލަކޯމާ ޖެހުމުގެ ހިރާސް އިތުރުކޮށްފާނެ ކަމެކެވެ. ލޮލުގެ ޕްރެޝަރު މަތިވުމާއި، ލޮލުގެ މައިނާރަށް ގެއްލުންވުމަށް މަގުފަހިކުރާ ވިރާސީ ބަހާއެއް ބައެއް މީހުންގެ ހަށިގަނޑުން ހޯދިފައި ވެއެވެ.

(ބ) ބައެއް ކަހަލަ ބަލިތައް : މިސާލަކަށް ހަކުރުބަލި، ހިތުގެބަލި، ލޭމައްޗަށްދިއުން، މައިގްރޭން، ސިކްލް ސެލް އެނީމިޔާ ފަދަ ބަލިތައް ހުންނަ މީހުންނަށް ގުލަކޯމާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.

(ޅ) އުފެދުމުގައި ލޮލުގެ ހާމަދުލީގެ މެދު ތުނިކޮށް ހުރުން

(ކ) ލޮލުގެ ބައެއް ބަލިތައް : ކައިރި ރަނގަޅަށް ނުފެނުން، ދުރު ރަނގަޅަށް ނުފެނުން ފަދަ  ލޮލުގެ މައްސަލަތަކުގެ ސަބަބުން ވެސް ގުލަކޯމާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(އ) ލޮލުގެ އޮޕަރޭޝަނެއްކޮށްފައިވުން : ކުރިން ލޮލުގެ އޮޕަރޭޝަނެއް ކޮށްފައިވުން، ނުވަތަ ލޮލަށް އަނިޔާއެއް ލިބިފައިވުމަކީ ގުލަކޯމާ އުފެދުމަށް މަގުފަހިވެދާނެ ކަމެކެވެ.

(ވ) ދިގުމުއްދަތަކަށް ސްޓީރޮއިޑް ބޭނުންކުރުން : ސްޓީރޮއިޑް އެކުލެވޭ ލޮލަށް ޖައްސާ ތިކި ދިގުމުއްދަތަކަށް ބޭނުންކުރުމަކީ ވެސް ގުލަކޯމާ ކުރިމަތިވުމަށް މަގުފަހިވެދާނެ ކަމެކެވެ.

ގުލަކޯމާގެ ވައްތަރުތައް

ގުލަކޯމާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.

(ހ) ޕްރައިމަރީ (އޯޕަން) އޭންގަލް ގުލަކޯމާ (Primary (Open) Angle Glaucoma): މިއީ ގުލަކޯމާގެ އެންމެ އާންމު ވައްތަރެވެ. މިއީ ވަރަށް ލަސްލަހުން، ކުރިމަތިވުމަށް އެތައް އަހަރެއް ވެސް ނަގައިފާނެ ވައްތަރެކެވެ. މިއީ ލޮލުން ފެނާއި އެހެނިހެން މާއްދާތައް ބޭރުކޮށްދޭ މަގު މަޑުމަޑުން ބެދެމުން ބެދެމުން ގޮސް ބެދުމުން ކުރިމަތިވެދާނެ ވައްތަރެކެވެ.

މިވައްތަރުގެ ގުލަކޯމާގައި ލޮލުން ދިޔަ ބޭރުކޮށްދޭ ކަން (ކަޅުކަޅިއާއި، ލޮލުގެ ހާމަދުލި ގުޅޭކަން) އިންނާނީ ހުޅުވިފައެވެ. އެކަމަކު އެއެއްޗެއް މެދުވެރިވެގެން ލޮލުން ދިޔަބޭރުކޮށްދޭ ސެލޯށި (ޓްރެބެކިޔުލަރ މެޝްވޯކް) ކޮންމެވެސް ވަރަކަށް ބެދޭގޮތް ވެއެވެ. މިގޮތަށްވުމުން ލޮލުތެރޭގައި ދިޔަތައް ބޭރުނުވެ ހިފެހެއްޓޭގޮތް ވެއެވެ. އަދި ލޮލުގެ ޕްރެޝަރު މަޑުމަޑުން މައްޗަށްދާ ގޮތް ވެއެވެ. މިގޮތަށް ލޮލުގެ އެތެރޭގެ ޕްރެޝަރު މައްޗަށް ދިއުމުން ލޮލުގެ މައިނާރަށް ގެއްލުންވެއެވެ.

މިވައްތަރުގެ ގުލަކޯމާގެ ސަބަބުން ލޮލުގައި ރިހުން ނުވަތަ ތަދު އިހުސާސެއް ނުވާނެ އެވެ. އަދި ކުރީކޮޅު ލޮލުގެ ފެނުމަށް ބަދަލެއް ނާންނާނެ އެވެ. ބައެއް މީހުންގެ ލޮލުގެ މައިނާރަކީ އާންމު ގޮތެއްގައި ލޮލުގެ ތެރޭގައި ހުންނަ ޕްރެޝަރަށް ވެސް ނާޒުކު އެއްޗެކެވެ. އެހެންކަމުން މިފަދަ މީހުންނަށް ގުލަކޯމާ ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ.

(ށ) އެކިޔުޓް އޭންގަލް ކްލޯޝަރ ގުލަކޯމާ (Acute Angle Closure Glaucoma): މިވައްތަރަށް "ކްލޯޒްޑް އޭންގަލް ގުލަކޯމާ"(Closed Angle Glaucoma) މިހެން ވެސް ކިޔައި އުޅެއެވެ. މިއީ ލޮލުން ފެނާއި އެހެނިހެން މާއްދާތައް ބޭރުކޮށްދޭ މަގު ކުއްލިއަކަށް ބެދުމުން ކުރިމަތިވެދާނެ ވައްތަރެކެވެ. އެކަމުގެ ސަބަބުން ކުއްލިއަކަށް ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވުމަކީ ވެދާނެ ގޮތެކެވެ. މިއީ އެހާ ޢާންމު ވައްތަރެއް ނޫނެވެ.

މިވައްތަރުގެ ގުލަކޯމާ ކުރިމަތިވަނީ ލޮލުގެ ކަޅުކަޅި، ކަނާއި ދިމާލުން ފުއްޕައި، ލޮލުން ދިޔަ ބޭރުކޮށްދޭ ކަން (ކަޅުކަޅިއާއި، ލޮލުގެ ހާމަދުލި ގުޅޭކަން) ހަނިކޮށްލުމުންނެވެ. ނުވަތަ ބައްދާލުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލޮލުގެ ތެރޭގައި ހުންނަ ދިޔަތައް ބޭރުނުވެ، ލޮލުގެ ތެރޭގައި ހިފެހެއްޓި، ލޮލުގެ އެތެރޭގެ ޕްރެޝަރު މައްޗަށްދާގޮތް ވެއެވެ. ބައެއް މީހުންގެ ގުދުރަތީގޮތުން ލޮލުން ދިޔަ ބޭރުކޮށްދޭ ކަން ހަނިކޮށް ނޫނީ ހިމަކޮށް އުފެދިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ ލޮލުގެ ކަޅުކަޅި ބަޔާންކުރެވުނު ލޮލުގެ އެތެރޭގެ ސާފުދިޔަތައް ބޭރުކޮށްދޭ ކަނާއި މާގާތުގައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ކަޅުކަޅި އެކަނާއި ކައިރީގައި ހުރިނަމަ ކަޅުކަޅިން، ކުރިން ބުނެވުނު ދިޔަ ބޭރުކޮށްދޭ ބައްދާލުމަކީ ވެދާނެ ގޮތެކެވެ. މިފަދަ ހާލަތުގައި އެމީހަކަށް ކްލޯޒްޑް އޭންގަލް ގުލަކޯމާ ކުރިމަތިވުމަކީ ގާތް ކަމެކެވެ. ލޮލުން ދިޔަ ބޭރުކޮށްދޭ ކަން އެއްކޮށް ބެދުމުން ލޮލުގެ ޕްރެޝަރު ކުއްލިއަކަށް މަތިވެގެން ދެއެވެ. މިހާލަތަށް ކިޔަނީ "އެކިޔުޓް އެޓޭކް"(acute attack) އެވެ. އެކިޔުޓް އެޓޭކް އަކީ އަވަސް ފަރުވާ ބޭނުންވާނެ ހާލަތެކެވެ.

ވަރަށް ގިނަ މީހުންނަށް އޭންގަލް ކްލޯޝަރ ގުލަކޯމާ ކުރިމަތިވަނީ މަޑު މަޑުންނެވެ. ލަސްލަހުންނެވެ. މިއީ ކްރޯނިކް އޭންގަލް ކްލޯޝަރ ގްލަކޯމާ(chronic angle closure glaucoma)  އެވެ. މިހާލަތުގައި ކުރީކޮޅު އެއްވެސް އަލާމާތެއް ނުފެންނާނެ އެވެ. ހުންނަކަން ފާހަގަވާނީ ވެސް އެކިޔުޓް އެޓޭކް އެއް ކުރިމަތިވުމުންނެވެ. ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ މިއީ ލޯއަނދިރިވެދާނެ ހާލަތެކެވެ.

(ނ) ސެކަންޑަރީ ގުލަކޯމާ (Secondary Glaucoma): މިއީ ލޯދުޅަވުން ފަދަ ލޮލުގެ މައްސަލައަކާއި ގުޅިގެން ކުރިމަތިވެދާނެ ގުލަކޯމާ އެވެ.

(ރ) ކޮންޖެނިޓަލް ގުލަކޯމާ (Congenital Glaucoma): މިއީ އުފަންވާއިރު ނޫނީ އުފެދުމުގައި ގުލަކޯމާ ކުރިމަތިވެފައި ވުމެވެ. މިއީ ޅަފަތުގައި ވަރަށް މަދުން ނަމަވެސް ދިމާވެދާނެ ވައްތަރެކެވެ. މިވައްތަރުގެ ގުލަކޯމާ ކުރިމަތިވަނީ ލޮލުގައި އުފެދުމުގައި ހުންނަ ޢައިބެއް ފަދަ ކަމެއްގެ ސަބަބުން ލޮލުން ދިޔަ ބޭރުކޮށްދޭ މަގު ބެދުމުން ނޫނީ އެކަމަށް ހުރަސްއަޅާގޮތް ވުމުންނެވެ.  

(ބ) ނޯމަލް ޓެންޝަން ގުލަކޯމާ  (Normal-Tension Glaucoma): މިވައްތަރުގެ ގުލަކޯމާގައި އާންމު ގޮތެއްގައި ލޮލުގެ އެތެރޭގެ ޕްރެޝަރު ހުންނަނީ ހުންނަށްޖެހޭ މިންގަނޑުގެ ތެރޭގައެވެ. މިގޮތަށް ހުރިނަމަވެސް މިވައްތަރުގެ ގުލަކޯމާގައި ލޮލުގެ މައިނާރަށް ގެއްލުންވާގޮތް ވެއެވެ. މިގޮތަށް ދިމާވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ގުދުރަތީ ގޮތުން އެމީހެއްގެ ލޮލުގެ މައިނާރަކީ ނާޒުކު އެއްޗަކަށްވުން، ލޮލުގެ މައިނާރަށް އެކަށޭނަ ވަރަށް ލޭ ފޯރުވައިނުދެވުން ފަދަ ކަންކަމަކީ ލޮލުގެ މައިނާރަށް މިހާލަތުގައި ގެއްލުން ކުރިމަތިކުރުވާ ކަންކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ލޮލުގެ މައިނާރަށް އެކަށޭނަ ވަރަށް ލޭނުލިބެނީ ލޭހޮޅިތަކުގައި ނުވަތަ ލޭނާރުތަކުގައި  ސަރުބީ ޖަމާވެ،ލޭގަނޑުވުން ކުރިމަތިވެގެން ކަމަށް ވެދާނެ އެވެ.

(ޅ) ޕިގްމެންޓަރީ ގުލަކޯމާ (Pigmentary Glaucoma): މިވައްތަރުގެ ގުލަކޯމާގައި ލޮލުގެ ކަޅުކަޅީގައި ހުންނަ "ޕިގްމެންޓަރީ ގްރެނިޔޫލްތައް"(pigmentary granules) ލޮލުން ދިޔަ ބޭރުކޮށްދޭ މަގުގައި ޖަމާވެ، ލޮލުން ދިޔަތައް ބޭރުކުރުން ލަސްކޮށް،ނޫނީ ދިޔަތައް ބޭރުކުރުމަށް ހުރަސްއަޅައެވެ. ދުވުން ފަދަ ކަންތައްތައް ކުރުމުން ބައެއް ފަހަރު މި ޕިގްމެންޓަރީ ގްރެނިޔޫލްތައް ލޮލުގެ ކަޅުކަޅިއާއި، ލޮލުގެ ހާމަދުލި ގުޅޭ ކަނު(angle)ގައިވާ "ޓްރެބެކިޔުލަރ މެޝްވޯކް"(trabecular meshwork) ގައި ޖަމާވެ، ދޭތެރެ ދޭތެރެއިން (އެގޮތަށް ޕިގްމެންޓަރީ ގްރެނިޔޫލްތައް ޓްރެބެކިޔުލަރ މެޝްވޯކްގައި ޖަމާވާ ހާލަތްތަކުގައި) ލޮލުގެ ޕްރެޝަރު މައްޗަށްދާގޮތް މެދުވެރި ކުރުވައެވެ.

އަލާމާތްތައް

ގުލަކޯމާ ކުރިމަތިވުމަށްފަހު ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުވަތަ އުދަނގުލެއް ނުފެނިދިއުމަކީ އެކަށީގެންވާ ކަމެކެވެ. ގުލަކޯމާ ކުރިމަތިވަމުން އަންނަނީ މަޑުމަޑުން ލަސްލަހުންނެވެ. އެގޮތުން އެންމެ ފުރަތަމަ ލޮލުގެ ފެނުން ގެއްލިގެންދަނީ ލޮލުގެ އަރިމަތިންނެވެ. މިހެންވުމުން ވަރަށް ގިނަ މީހުންނަށް އެމީހުންގެ ކިބައިގައި ގުލަކޯމާ ހުއްޓަސް އެކަން ނޭނގި ދާގޮތް ވެއެވެ. އަދި ގިނަ ފަހަރު ގުލަކޯމާ ހުރިކަން ފާހަގަ ކުރެވެނީ ލޮލުގެ ހާލަތު ހުރިނެތްގޮތް ބެލުމަށް އާންމުކޮށް ހެދޭ ޓެސްޓުތަކުގެ ތެރެއިންނެވެ.

ގުލަކޯމާ އަލާމާތްތައް ފެންނަށް ފެށުމުން ކުރިމަތިވެދާނެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ ފެނުން ފުސްވުން ނުވަތަ އަނދިރިވުން، މަޑުއަލި ހުންނަ ހޮޅިބުރި ނުވަތަ ބޮކީގެ ވަށައިގެން ވިއްސާރުދުނި ކުލައިގެ ވިދުވަރު ބުރުތަކެއް ހުންނަހެން ހީވުން ނުވަތަ ފާހަގަވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ގުލަކޯމާ ދެލޮލަށް އެއްފަހަރާ ވެސް ކުރިމަތިވެދާނެ އެވެ. ނަމަވެސް އާންމު ގޮތެއްގައި ކޮންމެ ވެސް އެއް ލޮލެއްގެ ހާލަތު އަނެއް ލޮލަށްވުރެ ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު ކުއްލިއަކަށް ގުލަކޯމާ ކުރިމަތިވެ، އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

·         ވަރަށް ބޮޑަށް ލޮލުގައި ރިހުން

·         މޭނުބައިކުރުން ، ހޮޑުލެވުން

·         ލޯރަތްވުން

·         ބޮލުގައި ރިހުން

·         ލޮލުގައި ވަށައިގެންވާ ހިސާބުގައި ބީހިލުމުން ރިއްސުން

·         ހޮޅިބުރި ނުވަތަ ބޮކީގެ ވަށައިގެން ވަށްބުރުތަކެއް ސިފަވުން

·         ލޮލުގެ ފެނުން ފުސްވުން / ލޮލުގެ ފެނުން ދަށްވުން

ގުލަކޯމާގެ އަލާމާތްތަކާއި، ނިޝާންތައް އޭގެ ވައްތަރާއި، ބަލީގެ ޙާލަތަށް ރިޢާޔަތްކޮށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ބައެއް ވައްތަރުތަކުގައި ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

އޯޕަން އޭންގަލް ގުލަކޯމާ

·         އެއްލޮލުގެ ނުވަތަ ދެލޮލުގެ އަރިމަތިން ނުވަތަ މެދުން ވިޔަސް ވަކި ތަންކޮޅަކުން ރަނގަޅަށް ނުފެނުން

·         ޓަނެލް ވިޝަން ހުރުން : މީގެ މާނައަކީ ވިޝުއަލް ފީލްޑް ހަނިވެ، ހިމަވެ، ލޮލުގެ އަރިމަތިން ފެނުން ގެއްލުން ނުވަތަ ނުފެނުން

އެކިޔުޓް އޭންގަލް ކްލޯޝަރ ގުލަކޯމާ

·         ވަރަށް ބޮޑަށް ބޮލުގައި ރިހުން

·         ނިއްކުރިމަތީގައި ރިހުން

·         ލޮލުގައި ރިހުން

·         މޭނުބައިކޮށް ހޮޑުލުން

·         ލޮލުގެ ފެނުން  ކުއްލިއަކަށް ދަށްވުން ނުވަތަ ފުސްވުން

·         ހޮޅިބުރި ނުވަތަ ބޮކީގެ ވަށައިގެން ވަށްބުރުތަކެއް ސިފަވުން ނުވަތަ ވިއްސާރަ ދުނި ސިފަވުން  

·         ލޯ ރަތްވުން

ގުލަކޯމާ އަށް ފަރުވާނުކޮށް ދޫކޮށްލައިފިނަމަ ލޯއަނދިރިވުމަކީ އެކަށީގެންވާ ކަމެކެވެ. ފަރުވާކުރި ނަމަވެސް ގުލަކޯމާ ކުރިމަތިވާ މީހުންގެ ތެރެއިން 15 އިންސައްތަ މީހުންނަށް 20 އަހަރުގެ ތެރޭގައި ކޮންމެވެސް އެއް ލޮލެއް އަނދިރިވުމަކީ އެކަށީގެންވާ ކަމެކެވެ.

ދެނެގަތުން

ގިނަ ފަހަރު ގުލަކޯމާ ދެނެގަނެވެނީ އާންމުކޮށް ލޮލުގެ ޑޮކްޓަރަށް ދައްކައިގެން ހަދާ ޓެސްޓުތަކުގެ ތެރެއިން ނުވަތަ ބަލާބެލުންތަކުގެ ތެރެއިންނެވެ. ގުލަކޯމާ ހުރިނަމަ ހަދާ ޓެސްޓުތަކުގެ ތެރޭގައި ލޮލުގެ ފެނުން ހުރިނެތްގޮތް ބެލުމަށް ހަދާ "ވިޝަން ޓެސްޓު" އަދި ލޮލުގެ އެތެރޭގެ ޕްރެޝަރު ހުރިމިންވަރު ދެނެގަތުމަށް ހަދާ ޓެސްޓު ހިމެނެއެވެ.

ގުލަކޯމާ ހުރިކަން ދެނެގަތުމަށްޓަކައި އާންމު ގޮތެއްގައި ހަދައިފާނެ ޓެސްޓުތައް ތިރީގައި މިވަނީ އެވެ.

·         ޓޮނޯމެޓްރީ (Tonometry): މީގެ މާނައަކީ ލޮލުގެ އެތެރޭގެ ޕްރެޝަރު މިންކުރުމެވެ. ނުވަތަ ބެލުމެވެ.

·         ލޮލުގެ މައިނާރަށް ގެއްލުން ވެފައި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތައް އަދި އިމޭޖިންގ ޓެސްޓުތައް

·         ލޮލުން ފެނުން ހުރި މިންވަރު ދެނެގަތުމަށް ޓެސްޓުކުރުން

·         ޕެޗީމެޓްރީ (Pachymetry): މިއީ ލޮލުގެ ހާމަދުލީގެ ބޯމިން ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.

·         ގޯނިއޯސްކަޕީ (gonioscopy): މިއީ ލޮލުން ދިޔަ ބޭރުކޮށްދޭ ކަން ނުވަތަ އޭންގަލްގެ ހާލަތު ބެލުމަށް ހެދޭ ޓެސްޓެކެވެ.

ފަރުވާ

ގުލަކޯމާ ދެނެގަނެވުމުގެ ކުރިން ލޮލުގެ ފެނުމުން ގެއްލިފައިވާނަމަ ނުވަތަ ލޮލުގެ ފެނުން ބީވެދިޔަނަމަ، އަނބުރާ އިޢާދަކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ފަރުވާގެ އެހީގައި އިތުރަށް ލޮލުގެ ފެނުން ގޯސްވިޔަނުދީ ހިފެހެއްޓިދާނެ އެވެ. ގުލަކޯމާއަށް ފަރުވާ ކުރުމުގައި މައިގަނޑު ގޮތެއްގައި ކުރެވޭ އެއްކަމަކީ ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްކުރުމެވެ. ގުލަކޯމާގެ ފަރުވާ ބަރޯސާވަނީ ކުރިމަތިވެފައިވާ ގުލަކޯމާގެ ވައްތަރަކަށެވެ. އާންމު ގޮތެއްގައި ގުލަކޯމާގެ ފަރުވާގެ ގޮތުގައި އަންނަނިވި ކަންތައްތައް ކުރެވެއެވެ.

ލޮލަށް ޖައްސާ ތިކި

ގުލަކޯމާގެ ފަރުވާ ފެށިގެން އަންނަނީ ލޮލަށް ޖައްސާ ތިކީގެ ސިފައިގައެވެ. ލޮލަށް ޖައްސާ ތިކި ބޭނުންކޮށްގެން ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްކުރެވެއެވެ. ލޮލުގެ ޕްރެޝަރު ދަށްކުރެވެނީ ލޮލުން ދިޔާތަކެތި ބޭރުކުރުން ހަރުދަނާކޮށް ރަނގަޅުކޮށްގެން، ނުވަތަަ ލޮލުގައި އުފެދޭ ދިޔާތަކެތި ނުވަތަ ފެނުގެ މިންވަރު މަދުކޮށް ދަށްކޮށްގެންނެވެ. ގުލަކޯމާއަށް ފަރުވާ ކުރުމުގައި ލޮލަށް ޖެއްސުމަށް ބޭނުންކުރެވޭ ތިކީގެ ބާވަތްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނޭ ލޮލަށްޖައްސާ ތިކީގެ ބާވަތްތައް ހިމެނެއެވެ.

·         ޕްރޮސްޓަގްލޭންޑިން (Prostaglandins): މިވައްތަރުގެ ލޮލަށް ޖައްސާ ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް ހިޔުމަރ) ބޭރުކުރާ މިންވަރު އިތުރުކޮށް، ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.

·         ބީޓާ ބްލޮކަރ (Beta Blocker): މިވައްތަރުގެ ލޮލަށް ޖައްސާ ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް ހިޔުމަރ) ބައި އުފެއްދުން މަދުކޮށް، ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްކުރުވައެވެ.

·         އަލްފާ އެޑްރީނަޖިކް އެގޮނިސްޓް (Alpha Adrenergic agonist): މިވައްތަރުގެ ލޮލަށް ޖައްސާ ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް ހިޔުމަރ) އުފައްދާ މިންވަރު ދަށްކޮށް، ލޮލުން އެދިޔަ ބޭރުކުރުން ދަށްކޮށްދީ، ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.

·         ކާބޮނިޑް އެންހައިޑްރޭޒް އިންހިބިޓަރސް (Carbonic Anhydrase Inhibitors): މިވައްތަރުގެ ލޮލަށް ޖައްސާ ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް ހިޔުމަރ) އުފައްދާ މިންވަރު ދަށްކޮށް، ލޮލުގެ ޕްރެޝަރު ދަށްކޮށް ދެއެވެ.

·         އާރްއެޗްއޯ ކައިނޭޒް އިންހިބިޓަރ (Rho Kinase Inhibitors): މިވައްތަރުގެ ލޮލަށް ޖައްސާ ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް ހިޔުމަރ) އުފެއްދުމުގައި ޒިންމާވާ އާރުއެޗްއޯ ކައިނޭޒް އުފެއްދުން ދަށްކޮށް، ލޮލުގެ ޕްރެޝަރު ދަށްކޮށް ދެއެވެ.

·         މައޯޓިކް ނުވަތަ ކޮލިނަޖިކް އެޖެންޓްސް (Miotic or cholinergic agents): މިވައްތަރުގެ ލޮލަށް ޖައްސާ ތިކި ބޭނުންކުރުމުން ލޮލުގައި ހުންނަ ސާފު ދިޔަ (އެކޫއިއަސް ހިޔުމަރ) ލޮލުން ބޭރުކުރާ މިންވަރު އިތުރުކޮށް، ލޮލުގެ ޕްރެޝަރު ދަށްކޮށް ދެއެވެ.

މިވައްތަރުތަކުގެ ތެރެއިން ބައެއް ވައްތަރުތަކުގެ ލޮލަށް ޖައްސާ ތިކީގައި ހުންނަ ބޭސްތައް ލޭގެ ތެރެއަށް ދެއެވެ. އަދި އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ލެޔަށް ބޭސް ދިޔުން ކުޑަކުރުމަށްޓަކައި ލޮލަށް ތިކި ޖެއްސުމަށްފަހު 2-1 މިނިޓް ވަންދެން ލޯމަރާލައިގެން އޮތުން ބުއްދިވެރި އެވެ. މީގެ އިތުރުން ލޮލުގެ ނޭފަތާ ކައިރި ކަނުން ކަރުނަބޭރުކުރާ މަގު ހުންނަ ހިސާބަށް 2-1 މިނިޓް ވަންދެން މަޑުމަޑުން ފިތާލާށެވެ. ލޮލަށް ޖެއްސުމަށްޓަކައި ދެތިން ވައްތަރެއްގެ ތިކި ބޭނުންކުރުމަށް އިރުޝާދު ދީފައިވާނަމަ، އެއްވައްތަރު ގެ ތިކި ލޮލަށް ޖެއްސުމަށްފަހު، ދެވަނަ ތިކި ޖައްސަންވާނީ 5 ވަރަކަށް މިނިޓް މަޑުކޮށްފައެވެ.

ކާބޭސް

ލޮލަށް ޖެއްސުމަށްޓަކައި ދޭ އެކި ބާވަތުގެ ތިކިތައް ލޮލަށް ޖައްސައިގެން ވެސް ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްނުކުރެވޭނަމަ، ބައެއް ފަހަރު ކެއުމަށްޓަކައި ވެސް ބޭސް ދީފާނެއެވެ. އެގޮތުން އެންމެ އާންމުކޮށްދީ އުޅެނީ ކާބޮނިކް އެންހައިޑްރޭޒް ގެ ގޮތުގައި ބެލެވޭ ބޭސްތަކެވެ.

ލޭޒަރގެ ފަރުވާ

ލޭޒަރ ފަރުވާގެ އެހީގައި ލޮލުން ދިޔާތަކެއްޗާއި އެހެނިހެން މާއްދާތައް ބޭރުކޮށްދޭ މަގުން ބެދިފައިވާ ތަން ހުޅުވައިދެއެވެ. ނުވަތަ ލޮލުގެ އެތެރޭގައި ދިޔާތަކެތި އުފެދި ޖަމާވުން ކުޑަކޮށްދެއެވެ. ނުވަތަ ލޮލުން ސާފުދިޔަތައް ދައުރުވެ ބޭރުކުރުމަށް އެހީތެރިވެދެއެވެ.

އާންމު ގޮތެއްގައި ލޭޒަރ ގެ އެހީގައި ހެދޭ ޕްރޮސީޖަރ އަކީ "ލޭޒަރ ޓްރެބެކިޔުލޯޕްލާސްޓީ"(Laser Trabeculoplasty) އެވެ. މިއީ އޯޕަން އޭންގަލް ގުލަކޯމާ ހުރިނަމަ ދެވޭ ފަރުވާ އެކެވެ. މި ޕްރޮސީޖަރ އެހީގައި ލޮލުތެރޭގައި ދައުރުވާ ދިޔަތައް ލޮލުން ބޭރުކުރުމަށް އެހީތެރިވެދެއެވެ.

މީގެ އިތުރުން ލޭޒަރގެ އެހީގައި ކުރެވޭ އަނެއް އޮޕަރޭޝަނަކީ "ކަޅުކަޅި އޮޕަރޭޝަންކޮށް ކުޑަ ލޯވަޅެއް ތޮރުފުން"(iridotomy) މިއެވެ. މިއީ އޭންގަލް ކްލޯޝަރ ގުލަކޯމާގެ ފަރުވާގައި ކުރެވިދާނެ އޮޕަރޭޝަނެކެވެ. މިލޯވަޅުގެ ތެރެއިން ދިޔަތައް ލޮލުން ދިޔަތައް ބޭރުކޮށްދޭ ކަނާއި ދިމާލަށް ގެންގޮސްދޭނެ އެވެ.

އޮޕަރޭޝަންކުރުން

މިއީ ލޮލުން ދިޔާތަކެއްޗާއި އެހެން މާއްދާތައް ބޭރުކުރުމަށް އެހީތެރިވުމަށް ކުރެވޭ ކަމެކެވެ. އާންމު ގޮތެއްގައި އެގޮތުން ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ފިލްޓަރިންގ ސާޖަރީ (Filtering Surgery): މިއޮޕަރޭޝަނުގެ ތެރޭގައި ލޮލުގެ ހުދުކަޅީގައި ލޯވަޅެއް ތޮރުފައިގެން ޓްރެބެކިޔުލަރ މެޝްވޯކު ކަފައި ވަކިކޮށް ނެގެއެވެ.

·         ޑްރެއިނޭޖް ޓިއުބު ލެއްވުން (Drainage tubes): މިއޮޕަރޭޝަނުގައި ކުޑަކުޑަ ޑްރެއިނޭޓް ޓިއުބެއް ލޮލަށް ލެއްވެއެވެ. މި ހޮޅީގެ އެހީގައި ލޮލުން ދިޔަ ބޭރުކޮށްދީ ލޮލުގެ ޕްރެޝަރު ދަށްކޮށް ދޭނެ އެވެ.

·         މިނިމަލް އިންވޭސިވް ގުލަކޯމާ ސާޖަރީ (MIGS): މިއީ ވެސް ލޮލުގެ އެތެރޭގެ ޕްރެޝަރު ދަށްކުރުމަށް ކުރެވޭ އޮޕަރޭޝަނެކެވެ.

ރައްކާތެރިވުން

·         ގަވާއިދުން ލޮލުގެ ޑޮކްޓަރަށް ދައްކައި ލޯޗެކުކުރަމުން ގެންދިއުން

·         އާއިލާގެ ތެރޭގައި ގުލަކޯމާ ދައުރުވަމުން އާދޭތޯ ބެލުން

·         ގަވާއިދުން ކަސްރަތުކުރުން

·         ގުލަކޯމާ ހުރިކަން ޔަގީންވުމަށްފަހު ޑޮކްޓަރުން ދޭ ލޮލަށް ޖައްސާ ތިކި ގަވާއިދުން ލޮލަށް ޖެއްސުން

·         ލޮލަށް އަނިޔާއެއް ލިބޭފަދަ ކުޅިވަރެއް ކުޅުން ނުވަތަ ކަމެއްކުރާނަމަ ލޯ ރައްކާތެރިކުރުމަށް އާލާތެއް ބޭނުންކުރުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

ހަވާލާ

·         https://www.nhs.uk/conditions/glaucoma/

·         https://www.mayoclinic.org/diseases-conditions/glaucoma/symptoms-causes/syc-20372839

·         https://www.aao.org/eye-health/diseases/what-is-glaucoma