Monday, August 15, 2022

ރިފެރިކުރުމާ ގުޅުވައި ފުސްވުން

ރިފެރިކުރުމާ ގުޅުވައި ފުސްވުން

ރިފެރިކުރުމާ ގުޅުވައި ފުސްވުން (astigmatism) މާނަކުރެވެނީ ހުރިހާ ހާލަތެއްގައި ފުސްވުމަށެވެ. މިގޮތަށް ދިމާވުމުން ކައިރި އަދި ދުރުވެސް ފުސްވާނެއެވެ. މިއީ އާންމު ގޮތެއްގައި ފަރުވާކޮށްގެން ރަނގަޅުކުރެވޭނެ ހާލަތެކެވެ. މިއީ އާންމު ގޮތެއްގައި އުފަންވާއިރު ވެސް ހުރެދާނެ ހާލަތެކެވެ. އަދި ގިނަ ފަހަރު މިއާއެކު ކައިރިފުސްވުން އަދި ދުރުފުސްވުން ވެސް ކުރިމަތިވެދާނެ އެވެ.


ސަބަބު

ލޮލަށް ފެންނަ މަންޒަރެއް ނުވަތަ ތަސްވީރެއް އަމާޒުކޮށް (ފޯކަސްކޮށް) ހެދުމަށްޓަކައި ލޮލުގައި ދެބައެއް ވެއެވެ.

·         ލޮލުގެ ހާމަދުލި : މިއީ ގުއްބެއްގެ ބައްޓަމަން ލޮލުގެ ކުރިމަތީ ސަތަހައިގައި އިންނަ ސާފު ދުއްޔެކެވެ.

·         ލޮލުގެ ލެންސް : މިއީ ލޮލުގެ ކަޅުކަޅީގެ ފަހަތުގައި ދެފަރާތުން ވަށްބުރެއްގެ ސިފަޔަށް އެތެރެ ފެންނަގޮތަށް އިންނަ ސާފު ޖިސްމެކެވެ. ނުވަތަ އޮނިގަނޑެކެވެ.

އާންމު ގޮތެއްގައި ލޮލުގެ ބައްޓަން ހުންނަށްޖެހޭ ރަނގަޅު ގޮތުގައި ހުންނައިރު މިއިން ކޮންމެ އުންސުރެއްގައި ރަނގަޅު ލެބުމެއް (އެއްވަރަކަށް) ހުންނާނެ އެވެ. ލޮލަށް ވަންނަ އަލި ލޮލުގެ ފަހަތުގައިވާ އަލިދުއްޔަށް އަމާޒުކުރުވުމަށްޓަކައި ލޮލުގެ ހާމަ ދުއްޔާއި، ލޮލުގެ ލެންސް އިން ލޮލަށް ވަންނަ އަލިތައް ރިފެރިކުރަމުން ގެންދާނެއެވެ.

ލޮލުގެ ހާމަދުލި އަދި ލޮލުގެ ލެންސް އެއްވަރަކަށް ރީތިކޮށް އޭގެ ސަތަހަ ނުލެބޭނަމަ، ލޮލަށް ވަންނަ އަލީގެ ދޯދިތައް ރަނގަޅަށް ރިފެރިނުވާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރިފެރިކުރުމުގައި އުނިކަމެއް ނޫނީ ގޯހެއް(refractive error)  ފެންމަތިވެގެންދާނެއެވެ.

މިގޮތަށް ހުރިހާ ހާލަތެއްގައި (ކައިރި އާއި ދުރުވެސް) ފުސްވުން ކުރިމަތިވަނީ ލޮލުގެ ކުރިމަތީ ސަތަހަ ނުވަތަ ލޮލުގެ ހާމަދުލީގެ ސަތަހައިގައި ހުންނަންޖެހޭ "ލެބުމުގައި" އެއްގޮތްކަމެއް ނެތުމުންނެވެ. ނުވަތަ ލޮލުގެ ހާމަދުލި އަދި ލެންސްގެ ބައްޓަން ތަބީޢީ ގޮތުން ހުންނަންޖެހޭ ގޮތަށް ނުހުރުމުންނެވެ. އާންމު ގޮތެއްގައި ލޮލުގެ ހާމަދުލީގައި މިބުނާ ލެބުން ހުންނާނީ ހުރިހާ ދިމާލެއްގައި އެއްވަރަކަށެވެ. އަދި ލޮލުގެ ހާމަދުލީގެ ތެރެއަށް ވަންނަ އަލި ހުންނަނީ ހުރިހާ ދިމާލަކަށް ނޫނީ ހުރިހާ ފަރާތަކަށް އެއްވަރުވާގޮތަށެވެ. މިގޮތަށް ލޯފުސްވަނީ ލޮލުގެ ހާމަދުލީގެ ކުރިމަތި ފަރާތުގެ ލެބުން އެއް ދިމާލަކަށް މާބޮޑަށް ލެބިފައި ހުންނާތީ އެވެ. މިއާދަޔާ ޚިލާފު ބަދަލުގެ ސަބަބުން ހުރިހާ ދުރުމިނެއްގައި ވެސް ފުސްކަން އިހުސާސް ކުރެވެއެވެ. މާނައަކީ ކައިރިފުސްވުން އަދި ދުރުފުސްވުން ވެސް ކުރިމަތިވާގޮތް ވެއެވެ.

ބައެއް މީހުންނަކީ މިހާލަތާއެކު އުފަންވާ މީހުންނެވެ. އަނެއްބައި މީހުންނަށް މިކަން ދިމާވަނީ ކުޑައިރުގައެވެ. ނޫނީ ޒުވާން އުމުރުގައެވެ. އާންމު ގޮތެއްގައި މިހާލަތު ހުންނަ މީހުންނަށް ރިފެރިކުރުމުގައި ދިމާވާ އެހެނިހެން އުނިކަމެއް މިސާލަކަށް ކައިރިފުސްވުން ނޫނީ ދުރުފުސްވުން ފަދަ ކަމެއް ހުރުމަކީ ވަރަށް ގާތް ކަމެކެވެ. ބައެއް މީހުންނަށް ލޮލުގެ އޮޕަރޭޝަނެއްގެ ފަހުން ވެސް މިބީދައިން ލޯފުސްވުމަކީ އެކަށީގެންވާ ކަމެކެވެ.

އަލާމާތްތައް

·         ތަންތަނާއި، ތަކެތި ފުސްކޮށް، ނޫނީ ފަނޑުކޮށް ފެނުން، ނޫނީ ފެނުމަށް ދަތިވުން

·         އެއްޗެހި ރަނގަޅަށް ފެންނަގޮތް ހެދުމަށް ލޯކުޑަކޮށްލަންޖެހުން ނޫނީ ލޯއަވަރުކޮށްލަންޖެހުން

·         ލޯ(ފަސޭހައިން) ވާޅުވުން

·         ބޮލުގައި ރިހުން

·         ރޭގަނޑު ފެނުމަށް ދަތިވުން

އާދައިގެ ވަރަކަށް މިގޮތަށް ނޫނީ މިހާލަތުގައި ފުސްވުން ކުރިމަތިވެފައި ވިޔަސް ބައެއް ފަހަރު އެއްވެސް އަލާމާތެއް ފާހަގަނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކައި ލޮލުގައި އެއްވެސް މައްސަލައެއް ނޫނީ ރިފެރިކުރުމުގެ މައްސަލައެއް ދިމާވެފައިވާކަން ކަށަވަރު ކުރެވިދާނެ އެވެ. ޚާއްޞަކޮށް މިކަން ދެނެގަތުމަކީ ކުޑަކުދިންނަށް ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ލޮލުގެ ފެނުން ރަނގަޅު ނޫން އިރުވެސް ކުޑަކުދިން ވުމުން އެކަން ފާހަގަނުވެ ހިނގައިދާނެތީ އެވެ.

ދެނެގަތުން

ރިފެރިކުރުމުގައި ހުންނަ މައްސަލަތައް (އުނިކަން ނޫނީ ގޯސްތައް) ދެނެގަނެވެނީ އާންމުކޮށް ލޯ ޗެކުކޮށް ބަލާ ބެލުންތަކުގެ ތެރެއިންނެވެ. އެގޮތުން ވިޝަން ޗާޓު ބޭނުންކޮށްގެން ލޮލުގެ ފެނުން ހުރިނެތްގޮތް ބަލައި ދެނެގަނެވޭނެ އެވެ. އަދި އިތުރަށް ވެސް ގުޅުންހުރި ބެލުންތައް ބަލައި، ޓެސްޓުތައް ހެދޭނެ އެވެ. އަދި މިފަދަ ހާލަތެއް ހުރިނަމަ ލޮލުގެ ނަންބަރު ނަގަން ލަފާދޭނެ އެވެ. ނޫނީ ލޮލުގެ ނަންބަރެއް ނަގައިދޭނެ އެވެ.

ފަރުވާ

ރިފެރިކުރުމުގައި ހުންނަ ދަތިތައް ނޫނީ އުނިކަން ހައްލުކުރުމުގެ ގޮތުން މައިގަނޑު ގޮތެއްގައި ކުރެވޭ ކަމަކީ ނަންބަރު އައިނު އެޅުމާއި، ލޮލަށް ލެންސް ލެއްވުމެވެ. މީގެ އިތުރުން ރިފެކުރުމުގައި ހުންނަ އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަން ވެސް ކުރެވެއެވެ. އުމުރުން ދުވަސްވުމުން ކައިރި ފުސްވުން ކުރިމަތިވެފައި، އިތުރު އެހެން މައްސަލައެއް ނެތްކަމުގައިވާނަމަ ހަމައެކަނި ފޮތްކިޔުމަށް އައިނު ބޭނުންކުރެވިދާނެ އެވެ.

އާންމު ގޮތެއްގައި އާދައިގެ މިންވަރަކަށް މިގޮތަށް ފުސްވުން ކުރިމަތިވެފައިވާނަމަ އެއްވެސް ފަރުވާއެއް ކުރާކަށް ނުޖެހިދާނެ އެވެ. އަދި ފަރުވާކުރަންޖެހޭނަމަ، އަދި އެންމެ ރަނގަޅުފަރުވާ އަކީ ކޮބައިކަން ވެސް ލޮލުގެ ޑޮކްޓަރުން ބަލާބެލުންތަކަށްފަހު ނިންމައި، އިރުޝާދު ދޭނެ އެވެ.

ރިފެރިކުރުމުގައި ހުންނަ އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަންކުރުން

މިއޮޕަރޭޝަންތަކުގެ ސަބަބުން ރިފެރިކުރުމުގައި ހުންނަ އުނިކަމުގެ ސަބަބުން އޭގެ ފަރުވާގެ ގޮތުގައި އަޅަންޖެހޭ އައިނު ނުވަތަ ލޮލަށް ލައްވަންޖެހޭ ލެންސް އަށް އޮންނަ ބޭނުން ކުޑަކޮށްދެއެވެ. ނޫނީ އައިނު އެޅުމާއި ލެންސް ލައްވަންޖެހުމުގެ ފުރުޞަތު ދަށްކޮށްދެއެވެ. މިއޮޕަރޭޝަންތަކުގައި ލޭޒަރ ބީމް ބޭނުންކޮށްގެން ލޮލުގެ ހާމަދުލި އަލުން ބައްޓަންކުރެވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އައިނު އަޅަންޖެހުން ނޫނީ ލެންސް ލައްވަންޖެހުމުގެ ބޭނުން ކުޑަކޮށްދެއެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހުވެސް ބައެއް ފަހަރު ބައެއް ހާލަތުގައި އައިނު އަޅަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން އާންމުކޮށް ކޮށްއުޅޭ  އޮޕަރޭޝަންތައް ތިރީގައި މިވަނީ އެވެ.

·         ލޭޒަރ އެސިސްޓަޑް އިންސިޓޫ ކެރަޓޯމައިލިއުސިސް

·         ލޭޒަރ އެސިސްޓަޑް ސަބްއެޕިތީލިއަލް ކެރަޓެކްޓަމީ

·         ފޮޓޯރެފްރެކްޓިކް ކެރަޓެކްޓަމީ

·         އެޕިލޭސިކް ސާޖަރީ

·         ސްމޯލް އިންސިޝަން ލެންޓިކިޔުލް އެކްސްޓްރެކްޝަން

ހަވާލާ

·         https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/refractive-errors#:

·         https://www.umkelloggeye.org/conditions-treatments/refractive-errors

·         https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/refractive-errors/types-refractive-errors

·         https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/astigmatism

·         https://www.mayoclinic.org/diseases-conditions/astigmatism/diagnosis-treatment/drc-20353838

  

ރިފެރިކުރުމުގައި ދިމާވާ މައްސަލަތައް (ލޮލުގައި ނަންބަރެއް ހުރުން)

 

ރިފެރިކުރުމުގައި ދިމާވާ މައްސަލަތައް (ލޮލުގައި ނަންބަރެއް ހުރުން)

ރިފެރިކުރުމުގައި ހުންނަ މައްސަލަތައް، އުނިކަން ނޫނީ ގޯސްތައް(Refractive errors)  މިއީ ލޮލަށް ދިމާވާ މައްސަލަ އެކެވެ. ނޫނީ ލޮގެ ފެނުމަށް ދިމާވާ މައްސަލަ ތަކެކެވެ. ރިފެރިކުރުމުގައި މައްސަލައެއް ހުރުން ނޫނީ އުނދަގުލެއް ހުރުމުގެ މާނައަކީ ލޮލުގެ ބައްޓަން އައްޔަށް ރަނގަޅަށް ނުލެނބުމުން ލޯފުސްވުމެވެ. ނުވަތަ ތަންތަނާއި އެއްޗެހި ފުސްކޮށް ފެނުމެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ލޮލުގައި ނަންބަރެއް ހުރުމެވެ. ލޮލުގައި ނަންބަރެއް ހުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ނުވަތަ ރިފެރިކުރުމުގައި އާންމުކޮށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ފުސްވުން(astigmatism)، ދުރުފުސްވުން(myopia)، ކައިރިފުސްވުން(hyperopia) އަދި އުމުރާއި ގުޅިގެން ކައިރިފުސްވުން(presbyopia)، ފަދަ ކަންތައްތައް ހިމެނެއެވެ.


އަލާމާތްތައް

·         ތަންތަނާއި، ތަކެތި ފުސްކޮށް، ނޫނީ ފަނޑުކޮށް ފެނުން، ނޫނީ ފެނުމަށް ދަތިވުން

·         ކިޔަން ދަތިވުން / މާކައިރިކޮށްގެން ބެލުން

·         ލޯއަވަރުވުން (esotropia)

·         އެކައްޗެއް ތަކުރާރުކޮށް ފެނުން

·         ފަނޑުކޮށް، ނޫނީ ދުން ފުސްކޮށް ފެނުން

·         ފަނޑުއަލީގެ ވަށައިގެން ވިދުވަރު ހުންނަހެން ހީވުން ނޫނީ ވިދުވަރެއްގެ ގޮތަށް ފެނުން

·         ލޯ(ފަސޭހައިން) ވާޅުވުން

·         ބޮލުގައި ރިހުން

·         ފޮތެއް ކިޔާއިރު ނޫނީ ކޮމްޕިއުޓަރު ބޭނުންކުރާއިރު ފޯކަސްކުރަން ދަތިވުން

ސަބަބުތައް

މާގިނައިން ލޮލުގެ ބޭނުންކުރަން ޖެހުމަކީ ރިފެރިކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމެއް ނޫނެވެ. ރިފެރިކުރުމުގައި ހުންނަ ދަތިތަކުގެ ވައްތަރުތައް މެދުވެރި ކުރުވާ ނޫނީ ކުރިމަތިވާން މެދުވެރިވާ މައިގަނޑު ސަބަބުތައް ތިރީގައި މިވަނީ އެވެ.

·         ލޮލުގެ ގޮބޮޅީގެ ދިގުމިން : ލޮލުގެ ގޮބޮޅި މާދިގުވުން ނޫނީ މާކުރުވުމަކީ ވެސް ރިފެރިކުރުމުގައި އުނިކަމެއް މެދުވެރިވެދާނެ ކަމެކެވެ.

·         ލޮލުގެ ހާމަދުލީގެ ބައްޓަމުގައި ހުންނަ މައްސަލަތައް : މިފަދަ މައްސަލަތަކުން ވެސް ރިފެރިކުރުމުގައި އުނިކަމެއް ހުރެދާނެ އެވެ.

·         ލޮލުގެ ލެންސް މުސްކުޅިވުން : އުމުރުން ދުވަސްވުމުން ލޮލުގެ ލެންސް ބަދަލުވެ، ރިފެރިކުރުމުގައި އުނިކަމެއް ހުރެދާނެ އެވެ

ރިފެރިކުރުމުގައި ހުންނަ އުނިކަމުގެ ވައްތަރުތައް / ނޫނީ ލޮލުގައި ނަންބަރެއް ހުރުމަށް ދިމާވާ ސަބަބުތައް

(ހ) - ދުރުފުސްވުން (myopia): ދުރުފުސްވުމުގެ މާނައަކީ ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ސާފުކޮށް ފެނިފައި ދުރުގައި ހުންނަ އެއްޗެހި/ތަންތަން ފުސްކޮށް ފެނުމެވެ. ނޫނީ ދުރުގައި ހުންނަ އެއްޗެހި ،ތަންތަން ރަނގަޅަށް ނުފެނުމެވެ. އެހެންކަމުން ދުރުފުސްވުމަށް ބައެއް ފަހަރު "ކައިރި ރަނގަޅަށް ފެނުން"(nearsightedness) މިހެން ވެސް ކިޔައި އުޅެއެވެ. ދުރުފުސްވުމަކީ އާންމުކޮށް ވާރުތަވާ ކަމެކެވެ. އަދި އާންމު ގޮތެއްގައި ކުޑައިރު މިކަން ފާހަގަކުރެވޭނެ އެވެ. އެގޮތުން މިކަން ބޮޑަށް ފާހަގަކުރެވެނީ އުމުރުން 14-6 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންގެ ކިބައިންނެވެ. ބެލެވިފައިވާގޮތުގައި މިއުމުރުފުރާގެ ކުދިންގެ ތެރެއިން މިމުއްދަތުގައި ގިނައިރު ބޭރުތެރޭގައި އުޅޭ ކުދިންނަށް މިމައްސަލަ (ދުރުފުސްވުން) ދިމާވުމުގެ ފުރުޞަތު ކުޑައެވެ.

ދުރުފުސްވުން ކުރިމަތިވަނީ ލޮލުގެ ގޮބޮޅި، ނޫނީ ބޯޅަ(eyeball) ކުރިމަތިން ފަހަތަށް ހުންނަށްޖެހޭ ވަރަށް ދިގުކޮށް ހުރުމުންނެވެ. ނޫނީ އެގޮތަށް އުފެދުމުންނެވެ. މީގެ އިތުރުން ލޮލުގެ ހާމަދުލި އަދި ލެންސްގައި ހުންނަ މައްސަލައެއްގެ ސަބަބުން ވެސް މިހެން ދިމާވެދާނެ އެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ލޮލަށް ވަންނަ އަލި ސީދާ ލޮލުގެ އަލިދުލީގެ މައްޗަށް އަމާޒުވުމުގެ ބަދަލުގައި އޭގެ ކުރިމައްޗަށް އަމާޒުވެގެން ދެއެވެ. ވަރަށް ބޮޑަށް ދުރުފުސްވުން ކުރިމަތިވުމަކީ އެކަމުގެ ސަބަބުން ލޮލުގެ މައްސަލަތަކުގެ ތެރެއިން ލޮލުގެ އަލިދުލި އޭގެ މަކާނުން ނެއްޓުން ފަދަ ނުރައްކާތައް ކުރިމަތި ކުރުވައިފާނެ ކަމެކެވެ.

(ހ) - ކައިރިފުސްވުން (hyperopia): ކައިރިފުސްވުމުގެ މާނައަކީ  ދުރުގައި ހުންނަ އެއްޗެހި/ތަންތަން ސާފުކޮށް ފެނިފައި ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ފުސްކޮށް ފެނުމެވެ. އެހެންކަމުން ކައިރިފުސްވުމަށް ބައެއް ފަހަރު "ދުރު ރަނގަޅަށް ފެނުން"(farsightedness) މިހެން ވެސް ކިޔައި އުޅެއެވެ. ދުރުފުސްވުމަކީ އާންމުކޮށް ވާރުތަވާ ކަމެކެވެ. މާނައަކީ އުފަންވާއިރު ވެސް ހުރުން ގާތް ކަމެކެވެ. އަދި އާންމު ގޮތެއްގައި ކުޑައިރު މިކަން ފާހަގަކުރެވޭނެ އެވެ. ނަމަވެސް ބޮޑުވާވަރަކަށް މިކަން ކުޑަވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އާދައިގެ ވަރަކަށް ކައިރި ފުސްވުން ކުރިމަތިވެއްޖެނަމަ، ދުރުގައި ހުންނަ އެއްޗެހި/ތަންތަން ސާފުކޮށް ފެނިގައި ކައިރީގައި ހުންނަ އެއްޗެހި/ތަންތަން ފެންނާނީ ފަޑުކޮށް ނޫނީ ފުސްކޮށެވެ. ނަމަވެސް ވަރަށް ބޮޑަށް ކައިރިފުސްވުން ކުރިމަތިވެއްޖެނަމަ ހުރިހާ ދުރުމިނެއްގައި ގައިވެސް (ކައިރި އަދި ދުރުވެސް) ފެންނާނީ ފަނޑުކޮށް ނޫނީ ފުސްކޮށެވެ.

ދުރުފުސްވުން ކުރިމަތިވަނީ ލޮލުގެ ގޮބޮޅި، ނޫނީ ބޯޅަ(eyeball) ކުރިމަތިން ފަހަތަށް ހުންނަށްޖެހޭ ވަރަށް ކުރުކޮށް ހުރުމުންނެވެ. ނޫނީ އެގޮތަށް އުފެދުމުންނެވެ. މީގެ އިތުރުން ލޮލުގެ ހާމަދުލި އަދި ލެންސްގައި ހުންނަ މައްސަލައެއްގެ ސަބަބުން ވެސް މިހެން ދިމާވެދާނެ އެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ލޮލަށް ވަންނަ އަލި ސީދާ ލޮލުގެ އަލިދުލީގެ މައްޗަށް އަމާޒުވުމުގެ ބަދަލުގައި އޭގެ ފަހަތަށް އަމާޒުވެގެން ދެއެވެ.

(ނ) - އުމުރާއި ގުޅިގެން ކައިރިފުސްވުން (presbyopia): މިއީ އުމުރާއި ގުޅިގެން ކައިރި ފުސްވުމެވެ. ނޫނީ ލޮލުގެ ލެންސް ދުވަސްވެ، މުސްކުޅިވުމެވެ. މިގޮތަށް ދިމާވަނީ އުމުރުން 45-40 އަހަރުވުމަށްފަހު ލޮލުގެ ލެންސްގައި ހުންނަ އެކި ފަރާތަށް ދެމި، ލެބިހެދުމުގެ ގާބިލިއްޔަތުކަން ދަށްވެ، ހުންނަށްޖެހޭ ވަރަށްވުރެ ހަރުވެ، އެކަށޭނަ ގޮތުގައި "ފްލެކްސް" ނުކުރެވޭތީ ނޫނީ ނުވާތީ ނޫނޭ ލެބެންޖޭ ވަރަށް ނުލެބޭތީ އެވެ. މިހާލަތުގައި ލޮލަށް ވަންނަ އަލި ރަނގަޅަށް ލޮލުގެ އަލިދުއްޔަށް އަމާޒުކުރަށް އުދަނގޫވެއެވެ. ނޫނީ އެގޮތަށް އަމާޒުކުރުން ހުއްޓެއެވެ. މިގޮތަށް ވުމުން ލޮލަށް ލިބިފައިވާ އަމާޒުކުރުމުގެ ކުޅަދާނަކަން ނޫނީ ގާބިލިއްޔަތު ގެއްލި، ކައިރި ރާޖީ(range)  ތަކުގައި ހުންނަ ތަކެތި ނޫނީ އެއްޗެހި ކިޔަން އުދަނގޫވެއެވެ. އާންމުކޮށް އުމުރުން ދުވަސްވުމުން ލޮލުގެ ލެންސް އަށް މިބަދަލާއެކު އެކީގައި ދުރުފުސްވުން، ކައިރިފުސްވުން، އަދި ފުސްވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

އުމުރުން 45 އަހަރުވުމަށްފަހު ކޮންމެ މީހަކަށް ވެސް މިކަން ދިމާވެދާނެއެވެ. ވަރަށް ގިނަ މީހުންނަށް މިހާލަތުގައި ރިފެރިކުރުމުގައި ދިމާވާ އެހެނިހެން އުނިކަމެއް މިސާލަކަށް ކައިރިފުސްވުން ނޫނީ ދުރުފުސްވުން ފަދަ ކަމެއް ހުރުމަކީ ވަރަށް ގާތް ކަމެކެވެ.

 

(ރ) ފުސްވުން (astigmatism):  މިގޮތަށް ދިމާވުމުން ކައިރި އަދި ދުރުވެސް ފުސްވާނެއެވެ. މިގޮތަށް ހުރިހާ ހާލަތެއްގައި (ކައިރި އާއި ދުރުވެސް) ފުސްވުން ކުރިމަތިވަނީ ލޮލުގެ ކުރިމަތީ ސަތަހަ ނުވަތަ ލޮލުގެ ހާމަދުލީގެ ސަތަހައިގައި ހުންނަންޖެހޭ "ލެބުމުގައި" އެއްގޮތްކަމެއް ނެތުމުންނެވެ. ނުވަތަ ލޮލުގެ ހާމަދުލި އަދި ލެންސްގެ ބައްޓަން ތަބީޢީ ގޮތުން ހުންނަންޖެހޭ ގޮތަށް ނުހުރުމުންނެވެ. އާންމު ގޮތެއްގައި ލޮލުގެ ހާމަދުލީގައި މިބުނާ ލެބުން ހުންނާނީ ހުރިހާ ދިމާލެއްގައި އެއްވަރަކަށެވެ. އަދި ލޮލުގެ ހާމަދުލީގެ ތެރެއަށް ވަންނަ އަލި ހުންނަނީ ހުރިހާ ދިމާލަކަށް ނޫނީ ހުރިހާ ފަރާތަކަށް އެއްވަރުވާގޮތަށެވެ. މިގޮތަށް ލޯފުސްވަނީ ލޮލުގެ ހާމަދުލީގެ ކުރިމަތި ފަރާތުގެ ލެބުން އެއް ދިމާލަކަށް މާބޮޑަށް ލެބިފައި ހުންނާތީ އެވެ. މިއާދަޔާ ޚިލާފު ބަދަލުގެ ސަބަބުން ހުރިހާ ދުރުމިނެއްގައި ވެސް ފުސްކަން އިހުސާސް ކުރެވެއެވެ. މާނައަކީ ކައިރިފުސްވުން އަދި ދުރުފުސްވުން ވެސް ކުރިމަތިވާގޮތް ވެއެވެ.

ބައެއް މީހުންނަކީ މިހާލަތާއެކު އުފަންވާ މީހުންނެވެ. އަނެއްބައި މީހުންނަށް މިކަން ދިމާވަނީ ކުޑައިރުގައެވެ. ނޫނީ ޒުވާން އުމުރުގައެވެ. އާންމު ގޮތެއްގައި މިހާލަތު ހުންނަ މީހުންނަށް ރިފެރިކުރުމުގައި ދިމާވާ އެހެނިހެން އުނިކަމެއް މިސާލަކަށް ކައިރިފުސްވުން ނޫނީ ދުރުފުސްވުން ފަދަ ކަމެއް ހުރުމަކީ ވަރަށް ގާތް ކަމެކެވެ.

ދެނެގަތުން

ރިފެރިކުރުމުގައި ހުންނަ މައްސަލަތައް (އުނިކަން ނޫނީ ގޯސްތައް) ދެނެގަނެވެނީ އާންމުކޮށް ލޯ ޗެކުކޮށް ބަލާ ބެލުންތަކުގެ ތެރެއިންނެވެ. އެގޮތުން ވިޝަން ޗާޓު ބޭނުންކޮށްގެން ލޮލުގެ ފެނުން ހުރިނެތްގޮތް ބަލައި ދެނެގަނެވޭނެ އެވެ. އަދި އިތުރަށް ވެސް ގުޅުންހުރި ބެލުންތައް ބަލައި، ޓެސްޓުތައް ހެދޭނެ އެވެ. އަދި މިފަދަ ހާލަތެއް ހުރިނަމަ ލޮލުގެ ނަންބަރު ނަގަން ލަފާދޭނެ އެވެ. ނޫނީ ލޮލުގެ ނަންބަރެއް ނަގައިދޭނެ އެވެ.

ފަރުވާ

ރިފެރިކުރުމުގައި ހުންނަ ދަތިތައް ނޫނީ އުނިކަން ހައްލުކުރުމުގެ ގޮތުން މައިގަނޑު ގޮތެއްގައި ކުރެވޭ ކަމަކީ ނަންބަރު އައިނު އެޅުމާއި، ލޮލަށް ލެންސް ލެއްވުމެވެ. މީގެ އިތުރުން ރިފެކުރުމުގައި ހުންނަ އުނިކަން ރަނގަޅުކުރުމަށް އޮޕަރޭޝަން ވެސް ކުރެވެއެވެ. އުމުރުން ދުވަސްވުމުން ކައިރި ފުސްވުން ކުރިމަތިވެފައި، އިތުރު އެހެން މައްސަލައެއް ނެތްކަމުގައިވާނަމަ ހަމައެކަނި ފޮތްކިޔުމަށް އައިނު ބޭނުންކުރެވިދާނެ އެވެ.

ހަވާލާ

·         https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/refractive-errors#:

·         https://www.umkelloggeye.org/conditions-treatments/refractive-errors

·         https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/refractive-errors/types-refractive-errors

 

 

މާބަނޑު ދުވަސްވަރު : އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުން

މާބަނޑު ދުވަސްވަރު : އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުން

 މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުން  (hyperemesis gravidarum) މާނަކުރެވެނީ މާބަނޑު ދުވަސްވަރު ދިގުމުއްދަތަށް ދެމިހުންނަ މޭނުބައިކުރުމާއި ހޮޑުލުމަށެވެ. ނޫނީ ހޮޑުލެވުމަށެވެ. މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގައިން ފެނާއި ލޮނުގެ ބައި މަދުވުން، ބަރުދަން ލުއިވުން، އަދި ހަށިގަނޑުގައިވާ ކަރައިވަރުގެ ހަމަހަމަކަން ގެއްލުން ފަދަ ކަންތައްތައް މެދުވެރި ކުރުވައިފާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރީކޮޅުގައި އާދައިގެ މިންވަރަކަށް ކުރިމަތިވާ މޭނުބައިކުރުމާއި ހޮޑުލެވުމަށް "ހެދުނުގެ ބަލި"(morning sickness)  މިހެން ކިޔައި އުޅެއެވެ.

މާބަނޑު ދުވަސްވަރު މޭނުބައިކޮށް ހޮނޑުލެވުމަކީ ތަބީޢީ ކަމެކެވެ. ނަމަވެސް ބައެއް ފަހަރު މާގިނައިން ހޮނޑުލެވި، ކައިބޮއި ހެދުމަށް އުދަނގޫ ވެއެވެ. މިއީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވޭ ބަލި(hyperemesis gravidarum)ކަމަށް ވެދާނެ އެވެ. މިއީ ފަރުވާނުކޮށްފިނަމަ، ބަނޑުގައިވާ ދަރިފުޅާއި، މައިމީހާއަށް ގެއްލުންވެދާނެ ޙާލަތެކެވެ. އެއީ މާގިނައިން މޭނުބައިކޮށް ހޮނޑުލެވުމުން، ހަށިގަނޑަށް ބޭނުންވާ މުހިއްމު ބައިތައް ނުލިބުމާއި، ހަށިގަނޑުގެ ލޮނުގެ މިންގަނޑަށް ބަދަލު ގެނުވާތީ އެވެ. ބައެއް ފަހަރު ބަރުދަން ލުއިވުމަކީ ވެސް ވެދާނެ ގޮތެކެވެ. އެހެންކަމުން މާގިނައިން ހޮނޑުލެވި، ކެއުމަށް ނުކުޅެދިއްޖެ ހާލަތެއްގައި ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުމަކީ މުހިއްމު ކަމެކެވެ. 


ސަބަބު

ގިނަ މީހުންނަށް މާބަނޑުވާތާ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އާދައިގެ މިންވަރަކަށް މޭނުބައިކުރުމާއި ހޮޑުލެވުން ކުރިމަތިވެއެވެ. މިއީ ހެދުނުގެ ބައްޔެވެ. މާބަނޑު ދުވަސްވަރު މޭނުބައިކުރުމާއި ހޮޑުލެވުން ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ގަބޫލު ކުރެވިފައިވާ ގޮތުގައި މިކަން ކުރިމަތިވަނީ ކުއްލިއަކަށް "ހިއުމަން ކޮރިއޮނިކް ގޮނާޑޯޓްރޮޕިން ހޯރމޯން"(HCG) ނުވަތަ މާބަނޑު ހޯރމޯން އަދި އެސްޓްރަޖަން ހޯރމޯން ލޭގައި ގިނަވުމުންނެވެ. މާބަނޑު ހޯރމޯން އަކީ މާބަނޑުވުމުން މަހުން ދޫކުރާ ހޯރމޯން އެކެވެ. އާދައިގެ ވަރަކަށް މޭނުބައިކޮށް ހޮޑުލެވުމަކީ އާންމުކޮށް ދިމާވެދާނެ ކަމެކެވެ. ނަމަވެސް އާދަޔާ ޚިލާފަށް ގިނައިން މޭނުބައިކޮށް ހޮޑުލެވުމަކީ އެހާ އާންމު ކަމެއް ނޫނެވެ. އަދި އެއީ ނުރައްކަލާ ކުރިމަލާންޖެހިދާނެ ކަމެކެވެ.

އާދަޔާ ޚިލާފަށް ގިނައިން މާބަނޑު ދުވަސްވަރު މޭނުބައިކޮށް ހޮޑުލެވުމަކީ އެކަމުގެ ސަބަބުން ބަރުދަން ލުއިވުމަށް މެދުވެރިވާ ކަމެކެވެ. އެގޮތުން މިހާލަތުގައި ހަށިގަނޑުގެ ބަރުދަނުގެ %5 އަށްވުރެ ބޮޑަށް ބަރުދަން ލުއިކޮށްލާކަން ފާހަގަ ކުރެވެއެވެ. މާބަނޑުވާ ކޮންމެ ފަހަރަކު ވެސް މިގޮތަށް ދިމާވެދާނެ އެވެ. ނަމަވެސް އެއްކުޖަކަށްވުރެ ގިނަ ކުދިންނަށް އެއްފަހަރާ ބަލިވެއިނުން، ހައިޑޭޓިޑް ފޯރމް މޯލް އުފެދުން (މިއީ ޣައިރު ތަބީޢީކޮށް ރަހިމުގައި އުފެދޭ އުފެދުމެއް) އަދި ކުރިން ފަހަރަކު މިގޮތަށް ދިމާވެފައިވާނަމަ ، މާބަނޑުވުމުން އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުމުގެ ހިރާސް އިތުރުވެގެން ދެއެވެ.

މަގުފަހިކުރާ ކަންތައްތައް

·         ކުރިން ފަހަރަކު ބަލިވެއިން އިރު އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުން ކުރިމަތިވެފައިވުން

·         އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން

·         އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް އެއް ފަހަރާ ބަލިވެއިނުން

·         ފުރަތަމަ ފަހަރަށް ބަލިވެއިނުން

·         ހައިޑޭޓިޑް ފޯރމް މޯލް އުފެދުން (މިއީ ޣައިރު ތަބީޢީކޮށް ރަހިމުގައި އުފެދޭ އުފެދުމެކެވެ).

އަލާމާތްތައް

ހެދުނުގެ ބަލީގެ ސަބަބުން ކާހިތްނުވުން، އާދައިގެ ވަރަކަށް މޭނުބައިކުރުމާއި ހޮޑުލެވުން ކުރިމަތިވެދާނެ އެވެ. އަދި މާބަނޑުވުމުން އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުމާއި ޚިލާފަށް ހެދުނުގެ ބަލި ކުރިމަތިވުމުން ކޮންމެ ވެސް މިންވަރަކަށް ކެއުންބުއިން ކުރިޔަށް ގެންދެވޭނެ އެވެ. ބޮޑަށް މިކަން ވެސް ކުރިމަތިވަނީ މާބަނޑު ވުމަށްފަހު ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ކަން ފާހަގަ ކުރެވެއެވެ. އާދަޔާ ޚިލާފަށް ގިނައިން މޭނުބައިކޮށް ހޮޑުލެވުން ކުރިމަތިވެދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         މާބަނޑު ދުވަސްވަރު ދެމެހެއްޓެނިވި ގޮތެއްގައި މޭނުބައިކުރުމާއި ހޮޑުލެވުން ދެމިހުރުން ނޫނީ މޭނުބައިކުރުމާއެކު ވަރަށް ގިނައިން ހޮޑުލެވުން : އެގޮތުން ދުވާލަކު 4 ފަހަރަށްވުރެ ގިނައިން ހޮޑުލެވިދާނެ އެވެ.

·         އާންމުކޮށް އުފެދޭ ވަރަށްވުރެ ގިނައިން ކުޅު އުފެދި، އަނގައިގެ ތެރޭގައި ކުޅު ގިނަވެ، ކުޅުދިޔާވުން

·         ބަރުދަން ލުއިވުން : އެގޮތުން 2.7 ކިލޯގްރާމަށްވުރެ ބޮޑަށް ބަރުދަނުން ލުއިވުން

·         ހަށިގަނޑުން ފެންމަދުވުމުގެ އަލާމާތްތައް ފެނުން : ކުޑަކަމުނަޖިސްގެ ކުލަ ގަދަވުން، ބޯއެނބުރުން، ވަރުބަލިވުން، ވަރުދެރަވުން

·         ބަނޑުހަރުވުން : އެގޮތުން އަބަދު ބޯއަނބުރާފައި ހުރެދާނެއެވެ. ނޫނީ ވެއްޓިދާނެހެން ހީވެދާނެ އެވެ.

·         ކެއުންބުއިމަށް ނުކުޅެދުން

ދެނެގަތުން

މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ގިނައިން ހޮޑުލެވުން ކުރިމަތިވެފައިވާނަމަ އަންނަނިވި ޓެސްޓުތައް ހެދުމަށް އިރުޝާދު ދޭނެ އެވެ.

·         ހަށިގަނޑު ބަލައި ޗެކުކުރުން : އެގޮތުން ހަށިގަނޑު ބަލައި ޗެކުކުރުމުގެ ތެރެއިން ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެވިންދު ފަހަރުގައި އަވަސްވެފައި ހުރިކަން ފާހަގަކުރެވިދާނެ އެވެ. އަދި ބަރުދަން ޗެކުކޮށް ހަދާނެއެވެ.

·         މީގެ އިތުރުން އަންނަނިވި ޓެސްޓުތައް ހެދުމަށް ލަފާދޭނެ އެވެ.

o       ކޮމްޕްލީޓް ބްލަޑް ކައުންޓް ޗެކުކުރުން

o       ކުޑަކަމު ނަޖިހުގައި ކީޓޯންހުރިތޯ ޓެސްޓުކުރުން

o       ހަށިގަނޑުގެ ލޮނުގެ މިންތައް ޗެކުކުރުން

·         ސްކޭންކުރުން

ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭނެ ހާލަތްތައް

·         ހަށިގަނޑުން ފެންމަދުވުމުގެ އަލާމާތްތައް ފެނުން

·         އެއްވެސް ނުކެވި، ނުބޮވި 12 ގަޑިއިރަށްވުރެ ގިނައިރުވުން

·         ބޯއެނބުރުން

·         ހޮޑުގައި ލޭހުރުން

·         ބަރުދަނުން 2.7 ކިލޯގްރާމަށްވުރެ ބޮޑަށް ލުއިވުން

·         އާދަޔާ ޚިލާފަށް ބޮޑަށް ދަށްބަނޑުގައި ރިހުން

ފަރުވާ

އާދައިގެ މިންވަރަކަށް މޭނުބައިކުރުމާއި ހޮޑުލެވުން ކުރިމަތިވިނަމަ، އުދަނގޫތަކަށް ލުއިވުމުން ބޮޑަށް ބާރުއަޅަނީ އިތުރަށް އެހާލަތު ކުރިމަތިވުމަށް މަގުފަހިކޮށްފާނެ ކާބޯތަކެއްޗާއި ދުރުހެލިވުމާއި، އަދި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށެވެ. މޭނުބައިކުރުމާއި ހޮޑެލެވުމުގެ ސަބަބުން ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވެފައިވާނަމަ އައިވީ ގުޅައިގެން ފަރުވާކުރިޔަށް ގެންދަންޖެހިދާނެ އެވެ. މީގެ އިތުރުން ހޮޑު މަނާކުރުމަށް ބޭސް ދީފާނެ އެވެ. މަންމައާއި ދަރިފުޅަށް ނުރައްކާ މިންވަރަށް ހޮޑުލެވޭނަމަ ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާކުރިޔަށް ގެންދަން ޖެހިދާނެ އެވެ. މިހާލަތުގައި އައިވީ ގުޅައިގެން ފަރުވާ ކުރިޔަށް ގެންދަންޖެހޭނެ އެވެ.

ފަރުވާގައި ހިމެނޭ މުހިއްމު ބައިތައް ތިރީގައި މިވަނީ އެވެ.

·         ރައްކާތެރިވުމުގެ ގޮތުން ކުރެވޭ ކަންތައްތައް ކުރުމަށް ބާރުއެޅުން އަދި އެކަންތައްތައް ކުރުން

·         ކެއުންބުއިމުގައި އިރުއިރުކޮޅުން އެތިކޮޅުކޮޅުން ކަމުން ގެންދިއުން

·         އައިވީ ގުޅައިގެން ފަރުވާކުރިޔަށްގެންދިއުން

·         ހޮޑުލެވުން މަނާކުރާ ބޭސް ބޭނުންކުރުން

މޭނުބައިކުރުމާއި، ހޮޑުލެވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

މޭނުބައިކުރުމާއި ހޮޑުލެވުން ކުޑަކުރުމަށް އަންނަނިވި ކަންތައްތައް އެހީއަކަށް ވާނެއެވެ.

މޭނުބައިކޮށް ހޮޑުލެވުމަށް މަގުފަހިވާ ފަދަ ކަންކަމާއި، ތަކެއްޗާއި ދުރުހެލިވުން

·         ބައެއް ކަހަލަ އަޑުތައް : މިސާލަކަށް ރޭޑިޔޯ ނޫނީ ޓީވީ އިން އަންނަ އަޑުތައް

·         ބައެއް ވައްތަރުގެ އަލިތައް : މިސާލަކަށް ފަނޑުއަލި ނޫނީ ވިދާ ބަބުޅާ އަލިތައް

·         ދަތްއުގުޅާ ބޭސް

·         ބައެއް ކަހަލަ ވަސްތައް : މިސާލަކަށް އަތަރު، ސެންޓް، ސާފުކުރަން ނޫނީ ދޮންނަށް ގެންގުޅޭ ތަކެތީގެ ވަސްތައް

·         ދަތުރުކުރުން

·         ބަނޑަށް ބާރުވުން

·         ފެންވެރުން

ކެއިންބުއިމަށް ކުޅަދާނަވަރު ވުމުން ކެއުންބުއިން ކުރިޔަށްގެންދާނެގޮތް

·         ލުއިކޮށް ގިނަގިނައިން ކެއުން : އެގޮތުން ދުވާލަކު 8-6 ފަހަރު ކެވިދާނެ އެވެ. މިގޮތަށް ކެއުމުން ބަނޑުހައިނުވެ، ހުންނާނެ އެވެ. މާބޮޑަށް ހައިވުމަކީ މޭނުބައިކޮށް ހޮނޑުލެވިދާނެ ކަމެކެވެ. ކާއިރު ލަސްލަހުން ކެއުމަކީ މުހިއްމު ކަމެކެވެ.

·         އެއްފަހަރު ކެއުމާއި، އަނެއްފަހަރު ކެއުމާއި ދޭތެރޭ ގިނަގިނައިން ދިޔާތަކެތި ބުއިން: މިގޮތުން އިގުރުސައި، އަދި ކުދީނާ ސައި ބޭނުންކުރެވިދާނެއެވެ. ކެއުމުގެ ½ ގަޑިއިރު ކުރިންނާއި، އަދި ކެއުމުގެ ފަހުން ދިޔާތަކެތި ބުއިން ރަގަޅެވެ. ކަމުންދާ ވަގުތުގައި ދިޔާތަކެތި ބުއިމަކީ ރަގަޅު ކަމެއް ނޫނެވެ.

·         ޕާން،ބަނަސް،ފާރޮށި،ޗީޒް، ކްރީކް ކްރޭކަރު ބިސްކޯދު ފަދަ ސްޓާޗް އެކުލެވޭ ކާނާ ބޭނުންކުރުން : މިފަދަ ކާނާ އެދުކައިރީގައި އަތުޖެހޭ ފަށުގައި ބެހެއްޓިދާނެއެވެ. ހެދުނުހޭލާ އެދުން ތެދުވުމުގެ ކުރިންނާއި، މެންދަމު ހޭލެވިއްޖެ ނަމަ މިފަދަ ކާނާ ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ. ހަމަމިހެން މޭނުބައިކުރަން އުޅޭހެން ހީވާނަމަ ވެސް މިކާނާ ބޭނުންކުރެވިދާނެއެވެ. ކްރީމް ކޭކަރު ބިސްކޯދު ކަހަލަ އެއްޗެއް އެދު ކައިރީ އަތުޖެހޭ ހިސާބުގައި ބަހައްޓާށެވެ. ހޭލައިގެން އެދުން ތެދުވުމުގެ ކުރިން ދެތިން ބިސްކޯދު ކެއުމަށްފަހު ތެދުވުމުގެ ކުރިން، 30-20 މިނިޓްވަރު ވަންދެން އަރާމުކޮށްލާށެވެ. ދަންވަރު ހޭލެވި، މޭނުބައިކޮށްފިނަމަ ވެސް މިފަދަ ބިސްކޯދެއް ކެއުމުން ލުއިކަން ލިބުމަކީ ވެދާނެ ކަމެކެވެ. އެދުން ތެދުވާންޖެހޭނީ ލަސްލަހުންނެވެ. ކުއްލިއަކަށް އެދުން ތެދުވެ، ހިނގައިގަތުމުގެ ބަދަލުގައި، 5 ވަރަކަށް މިނިޓްވަންދެން ފުރަތަމަ އެދުމަތީގައި އިށީދެ އިންނާށެވެ. އެއަށްފަހު ތެދުވާށެވެ.

·         ޕްރޮޓީން އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުން : މިގޮތުން ބަދަން،ޕީނަޓް ބަޓަރު ފަދަ ކާނާ ބޭނުންކުރެވިދާނެ އެވެ.

·         އިގުރު އެކުލެވޭ ކާނާ ބޭނުންކުރުން، އަދި އިނގުރާއި، ލުބޮއިގެ ވަސްބެލުން، އަދި ކަރާކެއުން

·         ހެދުނު އެދުން ތެދުވުމުގެ ކުރިން ކޯދޮވެލައިގެން، މުރަނަ ރޮށިކޮޅެއް ނޫނީ ފާރޮށި ކޮޅެއް ފަދަ އެއްޗެއް ކައިލުން

·         އެކަށޭނަ ވަރަށް ދިޔާތަކެތި ބުއިން : ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ މޭނުބައިކުރުން ކުޑަކޮށްދޭނެ ކަމެކެވެ.

·         ތެޔޮ،ހަވާދު އެކުލެވޭ ކުޅި ކާނާއާއި، ދުރުހެލިވުން : ތެޔޮ ކާނާގެ ބާވަތްތައް ހަޖަމުވުމަށް ގިނައިރު ނަގާނެ އެވެ.

·         ކޮފީ،ކަޅުސައި ފަދަ ބުއިންތަކާއި، ދުރުހެލިވުން  

·         އެއްފަހަރު ވެސް ނުކައި ދޫކޮށްނުލުން  

·         ކައިނިމިގެން ދަތްއުގުޅައި، އަނގަ ރަގަޅަށް ދޮވުން

·         ކައިރިކައިރީގައި ކުދިއެތިކޮޅުން ކެއުން

·         ހަޖަމުކުރަން ފަސޭހަ އެއްޗެހި ކެއުން

·         ގިނައިން ތެޔޮ ހުންނަ އެއްޗެހި ނުކެއުން

ކުރެވިދާނެ އެހެނިހެން ކަންތައްތައް

·         ކައިނިމޭގޮތަށް ނުއޮށޯތުން : ކައިނިމޭގޮތަށް އޮށޯތުމަކީ ހަޖަމުވުން ލަސްކޮށްދޭ ކަމެކެވެ.

·         އެކަށޭނަ ވަރަށް އަރާމުކުރުން : އެގޮތުން މެންދުރުފަހު ½ ގަޑިއެއްހާއިރު ނިދާލެވިދާނެ އެވެ.

·         ގަވާއިދުން ކަސްރަތުކުރުން 

·         މޭނުބައިކުރުވާ ކާނާއާއި، ވަސްތަކާއި، ވީވަރަކުން ދުރުހެލިވުން

·         އެކިޔުޕްރެޝަރ ބޭންޑް ބޭނުންކުރުން

·         ތާޒާ ވައި ލިބޭ ހިސާބެއްގައި ވަގުތު ހޭދަކުރުން

·          މަތީގައި ބަޔާންކުރެވުނު ކަމަކުން މޭނުބައިކުރުމާއި، ހޮޑުލެވުމަށް ބަދަލެއް ނާންނަމަ ވިޓަމިން-ބީ(B6) ބޭނުންކުރުމަށް ޑޮކްޓަރެއްގެ ކިބައިން ލަފާހޯދިދާނެއެވެ.

މާގިނައިން ހޮޑުލެވޭނަމަ ހަށިގަނޑުން ލޮނާއި، ފެން ހުސްވާގޮތް (ފެންމަދުވުން) މެދުވެރިވުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ ހާލަތުގައި ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކޮށް އެކަމުގެ އިރުޝާދު ހޯދިދާނެއެވެ. ހަމަމިހެން ބަރުދަން ލުއިވުން، ކުޑަކަމުދާތަކެތި ކުލަގަދަވެފައި ހުރުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ.މޭނުބައިކުރުމާއި، ހޮޑުލެވުން ކުޑަވެ، އެކަމުގެ އަސަރު ފިލަން ފެށުމުން ގަވާއިދުން ކާތަކެތި ބޭނުންކުރަން ފެށިދާނެއެވެ. އަދި ބަލިވެއިންނަ ދުވަސްވަރު ނަގަންޖެހޭ ވިޓަމިންސް ވެސް ނެގިދާނެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·           https://medlineplus.gov/ency/article/001499.htm#:~:text=Hyperemesis%20gravidarum

·         https://my.clevelandclinic.org/health/diseases/12232-hyperemesis-gravidarum-severe-nausea--vomiting-during-pregnancy