Friday, December 22, 2023

ލޭގެ ކެންސަރުގެ ތެރެއިން - ލިމްފޯމާ

 ލޭގެ ކެންސަރުގެ ތެރެއިން - ލިމްފޯމާ

ލިމްފޯމާ(lymphoma)  އަކީ ލިމްފެޓިކް ސިސްޓަމްގެ ބައިތަކަށް ޖެހޭ ކެންސަރެވެ. ނުވަތަ ލޭގެ ހުދު ސެލްގެ ވައްތަރެއް ކަމުގައިވާ ލިމްފަސައިޓް ސެލްތަކަށް ޖެހޭ ކެންސަރެވެ. ލޭގެ ސެލްތަކުގެ ތެރެއިން މިކެންސަރުގައި އަސަރުކުރަނީ ލޭގެ ހުދުސެލްގެ ވައްތަރެއް ކަމުގައިވާ ލިމްފަސައިޓް އަށެވެ. ލިމްފަސައިޓް އަކީ އިންފެކްޝަން އާއި ދެކޮޅަށް މަސައްކަތްކުރާ ސެލްތަކެކެވެ. ޣައިރު ތަބީޢީ ލިމްފަސައިޓް ތައް ލިމްފޯމާ ސެލްތަކަށް ނޫނީ ލިމްފޮއިޑް ސެލްތަކަށް ބަދަލުވެ، ބައިބައިވެ، ގިނަވެ، ލިމްފް ގޮށްތަކާއި ލިމްފެޓިކް ނިޒާމުގެ ބައިތަކުގައި ހަރުލައެވެ. އޭގެ ސަބަބުން ދިފާޢީ ނިޒާމުގެ މަސައްކަތަށް ބުރޫއަރައެވެ.


ލިމްފޯމާ އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމުގައި ޝާމިލްވާ ލިމްފް ދައުރުވާ ނިޒާމަށް ކުރިމަތިވާ ކެންސަރެވެ. ލިމްފް ދައުރުވާ ނިޒާމުގައި ޝާމިލްވާ ބައިތަކަކީ ލިމްފް ގްލޭންޑް ނުވަތަ ލިމްފް ގޮށް، ތައިމަސް ގްލޭންޑް، ހުންކޮށި އަދި ކަށީގެ މަދެވެ. މިހުރިހާ ބައިތަކާއި، ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް ލިމްފޯމާގެ އަސަރު ކުރެއެވެ (މެޔޯކްލިނިކް، 2023).

ލިމްފޯމާ އަކީ ލިމްފް ގްލޭންޑް ތަކުގައި އުފެދޭ ކެންސަރަށް ކިޔާ ނަމެކެވެ. ހަށިގަނޑުގެ އެކި ތަންތާގައި އުފެދޭ ކެންސަރު ލިމްފް ގްލޭންޑް ތަކަށް ފެތުރެއެވެ. ނަމަވެސް ލިމްފޯމާ އޭ ކިޔަނީ ލިމްފް ގޮށްތަކަށް ޖެހޭ ކެންސަރަށެވެ. ލިމްފޯމާ ކެންސަރު ބަހާލެވިފައިވަނީ 2 ބަޔަކަށެވެ. އެއީ ހޮޖްކިންސް ލިމްފޯމާ އަދި ނަން ހޮޖްކިންސް ލިމްފޯމާ އެވެ (އިސްމާއީލްފުޅު، 2005).

ސަބަބު

ލިމްފޯމާ ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބެލެވިފައިވާ ގޮތުގައި ލިމްފޯމާ ފެށިގެން އަންނަނީ ލޭގެ ހުދުސެލް ތަކުގެ ތެރެއިން ދިފާޢީ ނިޒާމުގައި ބައިވެރިވާ ލިމްފަސައިޓް ސެލްތަކުގެ ވާރުތީ ސާމާރު އަށް ވިރާސީގޮތުން ބަދަލުއައުމުންނެވެ. ވިރާސީ ގޮތުން އައި ބަދަލު، ސެލްއަށް ގިނަވެ އިތުރުވުމަށް އަންގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވިރާސީގޮތުން ބަދަލުއައިސްފައިވާ ސެލްތައް ގިނަވެ، އިތުރުވެގެން ދެއެވެ. ވިރާސީގޮތުން އަންނަ ބަދަލުގެ ސަބަބުން ރަނގަޅު ސެލްތައް މަރުވެދާއިރުވެސް ވިރާސީގޮތުން ބަދަލު އައިސްފައިވާ ސެލްތައް ދިރިހުރެއެވެ. މީގެ ސަބަބުން ވިރާސީގޮތުން ބަދަލުއައިސްފައިވާ ސެލްތައް ލިމްފް ގޮށްތަކުގައި ގިނަވެ، ލިމްފް ގޮށްތައް، ހުންކޮށި އަދި ފުރަމޭ ދުޅަވެ، ފުއްޕާގޮތް ވެއެވެ (މެޔޯކްލިނިކް، 2023).  

މަގުފަހިކުރާ ކަންތައްތައް

ލިމްފޯމާގެ ހިރާސް އިތުރުވާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައްއް ހިމެނެއެވެ.

(ހ) އުމުރު : ބައެއް ވައްތަރުގެ ލިމްފޯމާ ބޮޑަށް އާންމީ ކުޑަކުދިންގެ ތެރޭގައެވެ. އަނެއްބައި ވައްތަރުގެ ކެންސަރު ދެނެގަނެވެނީ އުމުރުން 55 އަހަރުވާފަހުންނެވެ.

(ށ) ޖިންސް : އަންހެނުންނަށްވުރެ ފިރިހެނުންނަށް ލިމްފޯމާ ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާޙަގަ ކުރެވެއެވެ.

(ނ) ދިފާޢީ ނިޒާމު ބަލިކަށިވެފައިވުން : ދިފާޢީ ނިޒާމުގެ މައްސަލައެއް ހުރެގެން ދިފާޢީ ބާރު ދަށްވެފައިވާ މީހުންގެ މެދުގައި ލިމްފޯމާ މާ އާންމުކަން ފާހަގަ ކުރެވިފައި ވެއެވެ. ނުވަތަ ނަގާ ބޭހެއްގެ ސަބަބުން ދިފާޢީ ބާރުދަށްވާ މީހުންނަށް ވެސް މިފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ.

(ރ) ބައެއް ކަހަލަ އިންފެކްޝަންތައް : ބައެއް ކަހަލަ އިންފެކްޝަންތައް ޖެހުމަކީ ލިމްފޯމާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކުރާ ކަމެކެވެ. އެގޮތުން އެޕްސްޓެންބަރ ވައިރަސްގެ ސަބަބުން ޖެހޭ އިންފެކްޝަން އަދި ހެލިކޯބެކްޓަރ ޕައިލޮރީ ކިޔާ ބެކްޓީރިޔާ އިން ޖެހޭ އިންފެކްޝަންގެ ސަބަބުން ލިމްފޯމާ ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމަށް ފާހަގަ ކުރެވިފައިވެއެވެ.

ލިމްފޯމާގެ ވައްތަރުތައް

ލިމްފޯމާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ނަމަވެސް މައިގަނޑު ދެވައްތަރަކީ ހޮޖްކިންސް ލިމްފޯމާ އަދި ނަން ހޮޖިކިންސް ލިމްފޯމާ އެވެ.

(ހ) ހޮޖްކިންސް ލިމްފޯމާ

ހޮޖްކިންސް ލިމްފޯމާ އަކީ އެއްވެސް ތަދުވުމެއް ރިހުމެއްނެތި، ލިމްފް ގްލޭންޑް ތައް ބޮޑުވުމެވެ. ކުޑަކުދިންނަށް ހޮޖްކިންސް ލިމްފޯމާ ޖެހޭލެއް މަދެވެ. ހޮޖްކިންސް ލިމްފޯމާ ވަކިކުރެވޭނީ ދުޅަވެފައިޥާ ލިމްފް ގްލޭންޑް އަކުން ކުޑަ ތަންކޮޅެއް ނަގައިގެން، ބަޔޮޕްސީ ޓެސްޓު ހަދައިގެންނެވެ.

ހޮޖްކިންސް ލިމްފޯމާ ޖެހުމަށް މެދުވެރިވާ ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ (އިސްމާއީލްފުޅު، 2005).  

ބަލީގެ އަލާމާތްތައް

·         ކަރުގެ އެއްފަރާތުގައި ގޮށްލުން

·         މެޔާއި ބަނޑުގައިވާ ލިމްފް ގްލޭންޑްތައް ދުޅަވުން

·         ބަރުދަން ލުއިވުން

·         ކާހިތް ކުޑަވުން އަދި ވަރުބަލިކަން އިހުސާސްވުން

·         ދޭތެރެ ދޭތެރެއިން ހުންއައުމާއި އެކަމުގެ ސަބަބުން ވަރުދެރަވުން

ދެނެގަތުން: ބަލި ދެނެގަތުމަށް ކުރެވޭ ޓެސްޓުތަކުގެ ތެރޭގައި ލޭގެ ޓެސްޓު ހެދުމާއި، ބަލިޖެހިފައިވާ ގްލޭންޑް އަކުން ކުޑަ އެތިކޮޅެއް ނަގައިގެން ޓެސްޓު ކުރުމާއި، މެޔާއި ބަނޑުގެ އެކްސްރޭ ނެގުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބަލީގެ ފަރުވާ

(ހ) އޮޕަރޭޝަންކުރުން : އޮޕަރޭޝަން ކުރެވޭނީ ހަށިގަނޑުގެ އެއް ހިސާބަކަށް ބަލިޖެހިފައިވާ ނަމަ އެވެ.

(ށ) ރޭޑިއޭޝަން ދިނުން : ތަފާތު އެކި ހިސާބުތަކަށް ކެންސަރު ޖެހިފައިވާނަމަ ނޫނީ ބަލި ފެތުރިފައިވާނަމަ ރޭޑިއޭޝަން ދޭނީ އެކި ބައިތަކަށް ވަކިވަކީންނެވެ.

(ނ) ކީމޯތެރަޕީ ދިނުން : ކީމޯތެރަޕީގެ ފަރުވާއަށް ބޭނުންވާނީ ހަށިގަނޑުގެ ވަރަށް ގިނަ ހިސާބުތަކަށް ބަލި ފެތުރިފައި ހުރުމުންނެވެ. އަދި ފަރުވާގައި ގިނަ ބޭސް އެއްކުރަން ބޭނުންވާނެ އެވެ.

(ށ) ނަން ހޮޖްކިންސް ލިމްފޯމާ

ނަން ހޮޖްކިންސް ލިމްފޯމާ އަކީ އާންމު ގޮތެއްގައި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ޖެހޭ ކެންސަރުގެ ބާވަތެކެވެ. މިބާވަތުގެ ކެންސަރު ވަރަށް ހަލުވިކަމާއެކު ފެތުރިގެން ދެއެވެ. ނަމަވެސް މިބާވަތުގެ ކެންސަރު ގިނަ ފަހަރަށް ފަސޭހަ ކުރެވެއެވެ. ނަން ހޮޖްކިންސް ލިމްފޯމާ ޖެހުމަށް މެދުވެރިވާ ވަކި ސަބަބެއް އަދި ހޯދިފައި ނުވެއެވެ(އިސްމާއީލްފުޅު، 2005).  

ބަލީގެ އަލާމާތްތައް

·         ކެންސަރު ޖެހިފައިވާ ލިމްފް ގޮށްތައް ވަރަށް އަވަހަށް ބޮޑުވުމާއި، ރިއްސުމެއް ކަހަލަ ކަމެއްނެތި ލިމްފް ގޮށްތައް ހަރުވުން

·         ވަރުބަލިވުމާއި ކަންނެތްވުން

·         ބަރުދަން ލުއިވުން

·         ހުންއައުމާއި ދާހިއްލުން

ނަން ހޮޖްކިންސް ލިމްފޯމާ ޖެހިގެން ފެންނަ އަލާމާތްތަކަށް ބަލާއިރު، ހަށިގަނޑުގެ އެކި ހިސާބުތަކަށް މިކެންސަރު ޖެހުމުން ފެންނަ އަލާމާތްތައް ތަފާތު ވެއެވެ. މިސާލަކަށް ނަން ހޮޖްކިންސް ލިމްފޯމާ މޭގައި އުފެދިއްޖެނަމަ ނޭވާލުމަށް ދަތިވެ، ކެއްސާގޮތް ވެއެވެ. މިކެންސަރު ބަނޑުގައި އުފެދިއްޖެނަމަ ބަނޑު ފުފި ބޮޑުވާގޮތް ވެއެވެ (އިސްމާއީލްފުޅު، 2005).  

ދެނެގަތުން: ނަން ހޮޖްކިންސް ލިމްފޯމާ ދެނެގަތުމަށް ލޭގެ ޓެސްޓު ހެދުން، އެކްސްރޭ ނެގުން، ސީޓީ ސްކޭން ހެދުން އަދި ބަޔޮޕްސީ ޓެސްޓު ހެދުން ފަދަ ކަންތައްތައް ކުރެވެއެވެ

ބަލީގެ ފަރުވާ

(ހ) އޮޕަރޭޝަންކުރުން

(ށ) ރޭޑިއޭޝަން ދިނުން

(ނ) ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި، ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާ ދެއްވާ ޑޮކްޓަރުންނެވެ.

(ނ) ކިޔުޓެނިއަސް ޓީ ސެލް ލިމްފޯމާ

ކިޔުޓެނިއަސް ޓީ ސެލް ލިމްފޯމާ އަކީ ލޭގެ ހުދުސެލް ގެ ވައްތަރެއް ކަމުގައިވާ ޓީ ލިމްފަސައިޓް އިން ފެށިގެން އަންނަ، ވަރަށް މަދުން ކުރިމަތިވާ ލޭގެ ކެންސަރުގެ ވައްތަރެކެވެ. ޓީ ލިމްފަސައިޓް އަކީ ހަށިގަނޑުގެ ދިފާޢީ ބާރު ނެގެހެއްޓުމުގައި ބައިވެރިވާ ލޭގެ ހުދު ސެލް އެކެވެ. ކިޔުޓެނިއަސް ޓީ ސެލް ލިމްފޯމާ ގައި ޓީ ލިމްފަސައިޓްގައި ހުންނަ ނޫނީ އުފެދޭ ޣައިރު ތަބީޢީ ކަމެއްގެ ސަބަބުން ޓީ ލިމްފަސައިޓް ތަކުން ހަމަށް ހަމަލާދެއެވެ. ކިޔުޓެނިއަސް ޓީ ސެލް ލިމްފޯމާގައި ހަމުގައި ރަތްކުލައިގައި ކުޑަކޮށް އުފުލިފައި ހުންނަ ބިހިތަކެއް ނަގައެވެ. ނުވަތަ ތޮށިލާފައި ވަށްކޮށް ހުންނަ ޕެޗެއް ހަމުގައި ނަގައެވެ. އަދި ބައެއް ފަހަރު ހަމުގައި ޓިއުމަރު އުފެދެއެވެ.

(ރ) ކިޔުޓެނިއަސް ބީ ސެލް ލިމްފޯމާ

ކިޔުޓެނިއަސް ބީ ސެލް ލިމްފޯމާ އަކީ ލޭގެ ހުދުސެލް ގެ ވައްތަރެއް ކަމުގައިވާ ބީ ލިމްފަސައިޓް އިން ފެށިގެން އަންނަ، ވަރަށް މަދުން ކުރިމަތިވާ ލޭގެ ކެންސަރުގެ ވައްތަރެކެވެ. މިވައްތަރުގެ ކެންސަރުގެ އަސަރު ހަމަށް ކުރެއެވެ. ކިޔުޓެނިއަސް ބީ ސެލް ލިމްފޯމާ ގެ ތަފާތު 4 ވައްތަރެއް ހުރެއެވެ.

·          ޕްރައިމަރީ ކިޔުޓެނިއަސް ފޮލިކްލް ސެންޓަރ ލިމްފޯމާ

·         ޕްރައިމަރީ ކިޔުޓެނިއަސް މާޖިނަލް ޒޯން ބީ ސެލް ލިމްފޯމާ

·         ޕްރައިމަރީ ކިޔުޓެނިއަސް ޑިފިއުޒް ލާޖް ބީ ސެލް ލިމްފޯމާ ލެގް ޓައިޕް

·         އިންޓްރަވެސްކިޔުލަރ ޑިފިއުޒް ލާޖް ބީ ސެލް ލިމްފޯމާ

މިވައްތަރުގެ ލިމްފޯމާގައި ހަމުގައި ފާރމް ބަމްޕް(firm bump)  އެއް ނަގައެވެ. ބައެއް ފަހަރު މިގޮތަށް ނަގާ ބަމްޕް ގެ ކުލަ ހަމާއި އެއްކުލައިގައި ހުރެދާނެއެވެ. އަނެއްބައި ފަހަރު ބަމްޕްގެ ކުލަ މާގަދަކޮށް ހުރެދާނެއެވެ. ނޫނީ ބަމްޕް ގެ ކުލަ ފިޔާތޮށި ކޮށް ނޫނީ ދަނބުކުލައިގައި ވެސް ހުރެދާނެ އެވެ.

މީގެ އިތުރުން "ވެލްޑަން ސްޓްރޯމް މްކެރޯގްލޯބިޔުލިނީމިޔ"(Walden strom macroglobulinemia)  އަކީ ވެސް ލިމްފޯމާގެ ވައްތަރެކެވެ.

ލިމްފޯމާގެ އަލާމާތްތައް

ލިމްފޯމާގެ އަލާމާތްތަކާއި ނިޝާންތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ފައިވަޅު ނޫނީ އުކުޅުވަޅު، ކިހިލިފަތްދޮށް އަދި ކަރުދޮށުގެ ރިހުމެއްނެތި ގޮށްލުން

·         ވަރުބަލިކަމާ ވާޅުކަން ނުފިލާހުރުން

·         ހުންއައުން

·          ރޭގަނޑަށް ދާހިއްލުން

·         ނޭވާލާން އުދަނގޫވުން

·         އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން

·         ހަންގަނޑު ހިރުވައި ކެހުން

ލިމްފޯމާ ދެނެގަތުން

ލިމްފޯމާ ހުރިކަން ދެނެގަތުމަށް ހަދައިފާނެ ޓެސްޓުތަކާއި، އިޖުރާއާތު ތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ޖިސްމާނީގޮތުން ހަށިގަނޑު ބަލައިޗެކުކުރުން : އެގޮތުން ހަށިގަނޑު ބަލާބެލުންތަކުގެ ތެރެއިން ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި މިސާލަކަށް ކަރުދޮށް، ކިހިލިފަތްދޮށް، ދޯނގިދޮށް، އުކުޅުވަޅު ފަދަ ތަނެއްގައި ގޮށްލައިފައިހުރިތޯ ބަލާނެ އެވެ. މީގެ އިތުރުން ފުރަމޭ އަދި ހުންކޮށި ފަދަ ގުނަވަނެއް ހުންނަންޖެހޭ ސައިޒަށްވުރެ ބޮޑުވެފައި ވޭތޯ ވެސް ބަލާނެ އެވެ.

(ށ) ލިމްފް ގޮށުގެ ބަޔޮޕްސީ އެއް ހެދުން : ލިމްފް ގޮށުގެ ބަޔޮޕްސީ އެއް ހެދުމަށް ލިމްފް ގޮށުން ބައެއް ނޫނީ ލިމްފް ގޮށް އެއްކޮށް ވެސް ނަގައިގެން ޓެސްޓު ކޮށްދާނެ އެވެ. އެގޮތުން ނެގޭ ބަޔޮޕްސީ ސާމްޕަލް ގައި ލިމްފޯމާގެ ސެލްތައް ހުރިތޯ އަދި ހުރީ ކޮން ވައްތަރެއްގެ ސެލް އެއްތޯ ވެސް ބަލައި ޗެކުކުރެވޭނެ އެވެ.

(ނ) ލޭގެ ޓެސްޓުތައް ހެދުން : ލޭގެ ޓެސްޓުގެ އެހީގައި ލޭގެ ސެލްގެ އެކި ވައްތަރުތައް ލޭގެ ތެރޭގައި ހުރި މިންވަރު ދެނެގަނޭވެނެ އެވެ.

(ރ) ބޯންމެރޯ ބަޔޮޕްސީ ހެދުން : ބޯންމެރޯ ބަޔޮޕްސީ އަކީ ކަށީގެ މަދު ނަގައިގެން ޓެސްޓު ކުރުމެވެ. އާންމު ގޮތެއްގައި މިސާމްޕަލް ނަގަނީ އުކުޅުވަޅު ކަށިގަނޑުގެ ކަށީގެ މަދުންނެވެ.  ނެގުނު ސާމްޕަލް ގައި ލިމްފޯމާ ގެ ސެލްތައް ހުރިތޯ ބަލައި ޗެކުކުރެވޭނެ އެވެ.

(ބ) އިމޭޖިންގ ޓެސްޓުތައް ހެދުން : އެގޮތުން ހަށިގަނޑުގެ އެހެން ހިސާބުތަކުގައި ލިމްފޯމާ ގެ އަސަރު ހުރިތޯ ބެލެއެވެ. އެގޮތުން ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި ސީޓީ ސްކޭން، އެމްއާރުއައި ، އަދި ޕެޓް ސްކޭން ހިމެނެއެވެ.

މީގެ އިތުރުން ހެދޭ އެހެނިހެން ޓެސްޓުތަކާއި، އިޖުރާއާތުތައް ބަރޯސާވަނީ ބަލިމީހާގެ ހާލަތަށެވެ.

ފަރުވާ

ލިމްފޯމާ ޖެހިފައިވާ މީހަކަށް ދެވޭ އެންމެ އެކަށޭނަ ފަރުވާ ބަރޯސާވަނީ ލިމްފޯމާގެ ވައްތަރާއި، ކެންސަރުގެ މަރުހަލާ، ބަލިޖެހިފައިވާ މީހާގެ އާންމު ދުޅަހެޔޮކަން، އަދި ފަރުވާގައި އިސްކަންދޭގޮތް ފަދަ ކަންކަމުގެ މައްޗަށެވެ. ފަރުވާގެ މައިގަނޑު އަމާޒަކީ ވީ އެންމެ ގިނައިން ކެންސަރުގެ ސެލްތައް މަރައި، ބަލި އިތުރަށް ފެތުރުވުން ނޫނީ ހަށިގަނޑުގެ ތެރޭގައި ބަލި އިތުރަށް ފެތުރިގެންދިއުން ހުއްޓުވުމެވެ. ލިމްފޯމާގެ ފަރުވާގައި އާންމުކުރެވޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ގާތުން ބަލަމުން ގެންދިއުން : ބައެއް ވައްތަރުގެ ލިމްފޯމާގެ ޓިއުމަރު ހެދިބޮޑުވަނީ ވަރަށް ލަސްލަހުންނެވެ. އެހެންކަމުން ބައެއް ފަހަރު ޓިއުމަރު ހެދިބޮޑުވަމުން އައުން، އަދި އެއާއި ގުޅިގެން ކުރިމަތިވާ އުދަނގޫތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރު ފޯރުވުން ކުރިމަތިވޭތޯ ބަލަމުން ގެންދާނެއެވެ. އަދި އެގޮތަށް އާންމު ދިރިއުޅުމަށް އޭގެ އަސަރު ފޯރަން ފެށުމުން ފަރުވާ ކުރިޔަށް ގެންދަން ފަށާނެ އެވެ. އަދި އެހިސާބަށް ދަންދެން، ޓެސްޓު ތައް ހަދައި ބަލަމުން ގެންދާނެއެވެ.

(ށ) ކީމޯތެރަޕީ : އާންމުކޮށް ލޭގެ ކެންސަރަށް ދޭ މައި ފަރުވާ އަކީ ކީމޯތެރަޕީ އެވެ. ބޭހުގެ ގޮތުގައި ދޭ މިފަރުވާ އިން ކެންސަރުގެ ސެލްތައް މަރާލަނީ ކެމިކަލް އެއް ބޭހުގެ ގޮތުގައި ބޭނުންކޮށްގެންނެވެ. ކެންސަރުގެ ވައްތަރަށް ވައްތަރަށް ބަލައި، ކީމޯތެރަޕީ އެންމެ ބޭހެއް ނޫނީ ދެބޭހެއް އެއްކޮށް، ދޭންޖެހިދާނެ އެވެ. މިބޭސްތައް ހުންނަނީ ގުޅަ ބޭހުގެ ގޮތުގައެވެ. ނޫނީ އިންޖެކްޝަންގެ ސިފައިގައި ވެސް ދޭންޖެހިދާނެއެވެ.

(ނ) ރޭޑިޔޯތެރަޕީ : މިއީ ރޭޑިއޭޝަންގެ ފަރުވާއެވެ. މިފަރުވާގައި ކެންސަރުގެ ސެލްތަކަށް ގެއްލުންދީ ހަލާކުކޮށް، ސެލްތައް ހެދިބޮޑުވުން ހުއްޓުވުމަށް ބޭނުންކުރަނީ މަތީ-ހަކަތައިގެ ދޯދިތައް ނުވަތަ އެކްސްރޭ އެވެ. މިފަރުވާ ދިނުމަށް މޭޒެއްގެ މަތީގައި ބަލިމީހާ ބޭއްވުމަށްފަހު ހަށިގަނޑުން ރޭޑިޔޯތެރަޕީ ދޭ ވަކި ހިސާބަކަށް ފަރުވާ ފޯރުކޮށްދެވެއެވެ. އެގޮތުން ވަކި ހިސާބަކަށް ވެސް (ކެންސަރުގެ ސެލްތައް ގިނައިން ހުރި ދިމާލަކަށް ނޫނީ ހިސާބެއް އެނގޭނަމަ އެހިސާބަކަށް) ނޫނީ މުޅި ހަށިގަނޑަށް ވެސް ރޭޑިޔޯތެރަޕީ ދީފާނެއެވެ. ބައެއް ފަހަރު ކަށީގެ މަދު ބަދަލުކުރުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ވެސް ރޭޑިޔޯތެރަޕީގެ ދީފާނެއެވެ.

(ރ) ކަށީގެ މަދު ބަދަލުކުރުން :  ކަށީގެ މަދު ބަދަލުކުރުމަކީ ވެސް ލޭގެ ކެންސަރުގެ ފަރުވާގައި ކުރެވޭ ކަމެކެވެ. ކަށީގެ މަދު ބަދަލުކުރުމަށް ސްޓެމް ސެލް ޓްރާންސްޕްލާންޓް ވެސް ކިޔައި އުޅެއެވެ. މިއީ ކަށީގެ މަދުގައި ހުރި ސެލްތައް ނަގައި، އޭގެ ބަދަލުގައި ދުޅަހެޔޮ ސްޓެމް ސެލްތަކެއް ފޮނުވައިގެން އޭގެ އާސެލްތައް ނުވަތަ މުޅިން އައު ކަށީގެ މަދު (ލިޔުކީމިޔާގެ ސެލްތައް ނެތް) ކަށީގައި އަށަގަންނުވައި، އުފެއްދުމަށް ކުރެވޭ ކަމެކެވެ. އާންމު ގޮތެއްގައި ކަށީގެ މަދު ބަދަލުކުރުމުގެ ކުރިން މަތީ މިންވަރަކަށް ކީމޯތެރަޕީ ނޫނީ ރޭޑިޔޯ ތެރަޕީ ދީއުޅެއެވެ. މީގެ ބޭނުމަކީ ލިޔުކީމިޔާގެ ސެލްތައް އުފައްދާ ކަށީގެ މަދު ހަލާކުކޮށް ނައްތާލުމެވެ. އޭގެ ފަހުން ލޭގެ އާސެލްތައް އުފައްދާ އާ ސްޓެމް ސެލްތަކެއް ކަށީގެ މަދަށް ފޮނުވި، އަލަށް ފޮނުވުނު ސްޓެމް ސެލްތަކުން މުޅިން އާ ކަށީގެ މަދެއް އުފެދި، އެއިން ލޭގެ އާ ސެލްތައް އުފައްދަންފަށައެވެ.

(ބ) އެހެނިހެން ފަރުވާތައް :  ލިމްފޯމާ އަށް ދެވޭ އެހެނިހެން ފަރުވާ ތަކުގެ ތެރޭގައި ކެންސަރުގެ ސެލްގެ ތެރޭގައި ހުންނަ ޚާއްޞަ ޣައިރު ތަބީކަމަށް އަމާޒުކޮށްދެވޭ ބޭހުގެ ފަރުވާ "ޓާގެޓެޑް ތެރަޕީ" އާއި، އިމިޔުނޯ ތެރަޕީ ފަދަ ފަރުވާތައް ހިމެނެއެވެ. މީގެ އިތުރުން މިފަހުން ތައާރަފުކުރެވުނު ކިމެރިކް އެންޓިޖަން ރިސެޕްޓަރ ޓީ ސެލް ތެރަޕީ(CAR T-cell therapy) ވެސް ލިމްފޯމާގެ ފަރުވާގައި ބޭނުންކުރެވެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

 

 

 

ލޭގެ ކެންސަރުގެ ތެރެއިން - ލިޔުކީމިޔާ

 

ލޭގެ ކެންސަރުގެ ތެރެއިން - ލިޔުކީމިޔާ

ލިޔުކީމިޔާ އަކީ ކަށީގެ މަދަށްޖެހޭ ކެންސަރު އެވެ. ލޭގެ ހުދު ސެލް، ލޭގެ ރަތް ސެލް އަދި ޕްލޭޓްލެޓްސް އުފައްދަނީ ކަށީގެ މަދުންނެވެ. ލެޔަށްޖެހޭ ކެންސަރަށް ޢާންމުކޮށް ކިޔައި އުޅެނީ ލިޔުކީމިޔާ އެވެ. މިލަފުޒުގެ މާނައަކީ ހުދުކުލައިގެ ލެޔެވެ. ލިޔުކީމިޔާ އަކީ ލޭ އުފައްދާ ސެލްތަކަށް ޖެހޭ ކެންސަރެވެ. ލިޔުކީމިޔާގައި ކަށީގެ މަދުން އާދަޔާ ޚިލާފަށް ގިނައިން ލޭގެ ހުދު ސެލްތައް އުފައްދައެވެ. އަދި ލޭގެ ރަތްސެލް ތަކާއި، ޕްލޭޓްލިޓް، ހުދުސެލްތައް އަދި ޕްލޭޓްލިޓް ސެލްތަކަށްވުރެ ގިނައިން މިފަދަ އުނި ސެލްތައް އުފެދި، އިތުރުވެއެވެ. މިކަމުގެ ސަބަބުން ލޭގެ އަސްލު މަސައްކަތަށް ހުރަސް އަޅައެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖެހިދާނެ ކެންސަރެކެވެ.


ލޭގެ ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން ލިޔުކީމިޔާ ޖެހިއްޖެނަމަ ވަރަށް އަވަހަށް ބަލީގެ އަސަރުތައް ހަށިގަނޑުގެ ތެރޭގައި ބޮޑުވެގެން ދެއެވެ. މިބަލީގައި މީހުން މަރުވެގެންދަނީ ލޭމަދުވެގެން ނުވަތަ ލޭއައުން ކޮންޓްރޯލް ނުކުރެވިގެންނެވެ. ނުވަތަ ތަކުރާރުކޮށް އެކިއެކި ބަލިބަލީގެ ޖަރާސީމް ހަށިގަނޑަށް ހަމަލާދީގެންނެވެ.ލިޔުކީމިޔާ ޖެހިއްޖެނަމަ ބައެއް ފަހަރު ބަލީގެ މުއްދަތު ވަރަށް ކުރުވެ، މަރާ ކުރިމަތިލާން ޖެހެއެވެ. އަދި އަނެއްބައި ފަހަރު އެކަށީގެންވާ ދިގުމުއްދަތެއް ބަލީގައި ހޭދަކުރަން ޖެހެއެވެ. ބަލީގެ މުއްދަތުގެ ދިގުކުރުމިން ބިނާވެފައި އޮންނަނީ ބަލީގެ ސީރިއަސްކަން ހުރި ނިސްބަތެއްގެ މައްޗަށާއި، ބަލިޖެހިފައިވާ ލޭގެ ހުދު ސެލްގެ ބާވަތުގެ މައްޗަށެވެ.

ލޭގެ ތެރޭގައި ހިމެނޭ ލޭގެ ހުދު ސެލް ހަރަކާތްތެރިވަނީ ބަލިބަލިން ހަށިގަނޑު ދިފާޢުކޮށް ދިނުމުގައެވެ. ލޭގެ ހުދު ސެލްގެ ވަރަށް ގިނަ ބާވަތްތައް ލޭގެތެރޭގައި ހިމެނެއެވެ. ކުޑަކުދިންނަށް ގިނައިން ޖެހޭ ލިޔުކީމިޔާއަށް ކިޔަނީ އެކިއުޓް ލިމްފޯބްލާސްޓިކް ލިޔުކީމިޔާ އެވެ. މިއީ ލޭގެ ހުދު ސެލްގެ ތެރޭގައި ހިމެނޭ ލިމްފޮސައިޓް އަށް ޖެހޭ ކެންސަރެކެވެ. ކުޑަކުދިންނަށް ޖެހޭ ކެންސަރުގެ 3/1 އަކީ މިބާވަތުގެ ކެންސަރެވެ. މިއީ އުމުރުން 7-2 އަހަރާއި ދެމެދުގެ ކުދީންނަށްޖެހޭ ކެންސަރުގެ ބާވަތެކެވެ. އުމުރުން 15 ވުމަށްފަހު މިބާވަތުގެ ކެންސަރު ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.

ލިޔުކީމިޔާ ޖެހުމަށް މެދުވެރިވާ ސަބަބުތައް

ލޭގެ ކެންސަރު ޖެހެން މެދުވެރިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބެލެވިފައިވާގޮތުގައި ލޭގެ ކެންސަރު ޖެހެނީ ވާރުތީ ސަބަބު ތަކާއި، މާހައުލީ ސަބަބުތައް އެކުވެގެންނެވެ. އެގޮތުން ލޭގެ ކެންސަރު ޖެހޭ ސަބަބެއް ކަމަށް ބެލެވެނީ ލޭގެ ސެލްތަކުގެ ވާރުތީ ސާމާރު ނުވަތަ ޑީއެންއޭ އަށް ބަދަލު އައުމެވެ. ސެލްގެ ޑީއެންއޭ އަކީ އަމަލުކުރަންވީ ލަފާތައް ހިމެނޭ ބައެވެ. އާންމުގޮތެއްގައި ސެލް އެއް ހެދިބޮޑުވާ މިންވަރާއި، ވަގުތު އަދި މަރުވާނެ ވަގުތު ކަނޑައަޅަނީ އެސެލް ގައި ހިމެނޭ ޑީއެންއޭ އިންނެވެ. ލިޔުކީމިޔާގައި ޑީއެންއޭ އަށް އަންނަ ބަދަލުގެ ސަބަބުން ޑީއެންއޭ އިން ލޭގެ ކެންސަރު ޖެހޭ ސެލްތަކަށް ހުއްޓުމެއްނެތި، ހެދިބޮޑުވެ، ސެލްތައް ބައިބައިވުން ކުރިޔަށް ގެންދިއުމަށް ލަފާދެއެވެ. ނޫނީ އަމުރު ދެއެވެ. މިގޮތަށް އަމުރު ލިބުމުން ލޭގެ ސެލްތައް ކޮންޓްރޯލެއް ނޫނީ ހައްދެއް އިމެއް ނެތި އުފެދި ހެދިބޮޑުވާން ފަށައެވެ. ދުވަސްތަކެއް ފަހުން މިގޮތަށް ހެދިބޮޑުވާ ސެލްގެ މިންވަރު ގިނަވެ، ލޭގައި ދުޅަހެޔޮ ސެލްތައް ( ލޭގެ ހެދުސެލް، ލޭގެ ރަތްސެލް، ލޭގެ ޕްލޭޓްލިޓްތައް) މަދުވެ، ލިޔުކީމިޔާގެ އަލާމާތްތައް ފެންނަށް ފަށައެވެ.

ލޭގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތައް

ލިޔުކީމިޔާ އުފެދުމާއި ގުޅުންހުރިކަމަށް ބެލެވޭ ކަންތައްތަކެއްވަނީ ފާހަގަ ކުރެވިފައެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އުމުރު : އާންމުގޮތެއްގައި ލިޔުކީމިޔާ ޖެހެނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް ކުޑަކުދިންނާއި ޒުވާނުންނަށް ވެސް ޖެހިދާނެއެވެ.

·         ޢާއިލާގެ ތެރޭގައި ބަލި ދައުރުވަމުން އައުން : އާއިލާގެ މެންބަރަކަށް ކުރިން ލޭގެ ކެންސަރު ޖެހިފައިވުމަކީ ވެސް އެއާއިލާގެ މެންބަރުންނަށް ފަހުން ކެންސަރު ޖެހުމުގެ ހިރާސް އިތުރުވެދާނެ ކަމެކެވެ.

  • ކުރިން ކެންސަރުގެ ފަރުވާއެއް ހޯދާފައިވުން : ކުރިން ކީމޯތެރަޕީ ނަގާފައިވުން ނުވަތަ ދިގުމުއްދަތަކަށް ކެންސަރުގެ ބޭސް ބޭނުންކުރަންޖެހުން ނުވަތަ ކުރިން ރޭޑިއޭޝަންގެ ފަރުވާ ނެގުމަކީ ލޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކޮށްދާނެ ކަމެކެވެ

·         ވިރާސީ ބަހާ އަށް ނޫނީ ކްރޯމޯސޯމް އަންނަ ބަދަލެއްގެ ސަބަބުން އުފެދުމުގައި ކުރިމަތިވާ ބައްޔެއް ހުރުން : މިސާލަކަށް ޑައުން ސިންޑްރޯމް ފަދަ ބައްޔެއް ހުރުމަކީ ލޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

  • ރޭޑިއޭޝަން : ( އެކްސްރޭ ނަގާއިރު ފޮނުވައިދޭ ރޭޑިއޭޝަންގެ ބާވަތްތަކާއި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާންގެ ހީރޯޝީމާ އަދި ނަގަސާކީ އަށް އެޅި ބޮމުން އުފައްދައި ދިންފަދަ، ރޭޑިޔޯއެކްޓިވް މާއްދާތައް މީގެ ތެރޭގައި ހިމެނެއެވެ. )
  • ބައެއް ކަހަލަ ކެމިކަލްތަކަށް ހުށަހެޅުން : މިސާލަކަށް ސިނާޢީ މަސައްކަތުގައި ބޭނުންކުރާ ބެންޒިން ކިޔާ ކެމިކަލް އަށް ހުށަހެޅުމަކީ ލޭގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
  • ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ލޭގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
  • އިންސާނުންގެ ޓީސެލް ލިޔުކީމިޔާ ޖައްސާ ވައިރަސް ވާޞިލްވެފައިވުން : ޓީ ސެލް ފެތުރެނީ މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ އިންޖެކްޝަނާއި، ލޭއެޅުމުގެ ތެރެއިން، ޖިންސީ ގުޅުން ހިންގުމުންނާއި، މައިމީހާ ގާތުން ދަރިފުޅަށް ކިރު ދިނުމުންނާއި، އަދި މާބަނޑު ދުވަސްވަރު މައިމީހާގެ ހަށިގަނޑުން ބަނޑުގައިވާ ދަރިފުޅަށެވެ.
  • ބައެއް ކަހަލަ ލޭގެ ޑިސްއޯޑަރ އެއްހުރުން : މިސާލަކަށް މައިއެލޯޑިސްޕްލާސްޓިކް ސިންޑްރޯމް ކުރިމަތިވެފައިވުން

ލިޔުކީމިޔާ ބަހާލެވިފައިވާގޮތް

ލިޔުކީމިޔާ މައިގަނޑު 2 ބަޔަކަށް ބެހިފައިވާ ބައްޔެކެވެ. ކުރިޔަށްދާ ހަލުވިކަމަށް ބަލައި ބަހާލެވޭ ގޮތާއި، ސެލްގެ ވައްތަރަށް ބަލައި ބަހާލެވޭ ގޮތެވެ.ކުރިޔަށްދާ ހަލުވިކަމަށް ބަލައި ބަހާލެވެނީ އެކިޔުޓް ލިޔުކީމިޔާ އަދި ކްރޯނިކް ލިޔުކީމިޔާއަށެވެ. އެހެން ކަމުން މިއީ އެކިޔުޓް (ވަގުތީ) ނުވަތަ ކްރޯނިކް (ދާއިމީ) ބައްޔަކަށް ވެސް ވެދާނެ އެވެ.

(ހ) އެކިއުޓް ލިޔުކީމިޔާ: އެކިއުޓް ލިޔުކީމިޔާ އަކީ ބަލިޖެހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލިމީހާގެ ހާލަތު ފުރާނަޔަށް ނުރައްކާވާ ހިސާބަށް ގެންގޮސްދޭ ކެންސަރުގެ ބާވަތެކެވެ. އެކިޔުޓް ލިޔުކީމިޔާ އުފެދެނީ އުފެދެމުން ނުވަތަ ބޮޑެތި ވަމުން އަންނަ ސެލްތަކުންނެވެ. ނޫނީ ފުރިހަމަނުވާ އިމެޗުއަރ ސެލްތަކުންނެވެ. މިފަދަ ސެލްތައް ނުވަތަ ބްލާސްޓް ތައް އަބަދުވެސް ގިނަގިނައިން ބައިބައިވެއެވެ. އެކިޔުޓް ލިޔުކީމިޔާގެ ސެލްތަކަކީ އެފަދަ އެހެން ސެލްތަކާ އެއްގޮތަށް ބައިބައިވުން ހުއްޓޭ ސެލްތަކެއް ނޫނެވެ. މިބާވަތުގެ ކެންސަރު ނުވަތަ އެކިޔުޓް ލިޔުކީމިޔާ ދެނެގަތުމަށް ލޭގެ ޓެސްޓް، ކަށީގެ ޓެސްޓް، އަދި އެކްސްރޭ ނަގައިގެން ބަލައެވެ.

(ށ) ކްރޮނިކް ލިޔުކީމިޔާ : ކްރޮނިކް ލިޔުކީމިޔާގައި ފުރާނަޔަށް ގެއްލުންވާ ހިސާބަށް ނުގޮސް ގިނަ ދުވަސްތަކެއް ހޭދަވެގެން ހިގައިދާނެއެވެ. ކްރޮނިކް ލިޔުކީމިޔާ ދެބަޔަކަށް ބަހާލެވެއެވެ. އެއީ ކްރޮނިކް ލިމްފޮސައިޓް ލިޔުކީމިޔާ އަދި ކްރޮނިކް މައިލޮއިޑް ލިޔުކީމިޔާ އެވެ. ކްރޯނިކް ލިޔުކީމިޔާގައި ލިޔުކީމިޔާގެ ސެލްތައް އުފެދެނީ ފުރިހަމަވެފައިވާ އާދަޔާ ޚިލާފު ނުވަތަ އުނި ސެލްތަކުންނެވެ. ކްރޯނިކް ލިޔުކީމިޔާ 2 ބަޔަކަށް ބެހެއެވެ. އެއީ މައިލެޖިނަސް އަދި ލިމްފޮސައިޓިކް ލިޔުކީމިޔާއެވެ.

ސެލްގެ ވައްތަރަށް ބަލައި ލިޔުކީމިޔާ ބަހާލެވެނީ ލިމްފަސައިޓިކް ލިޔުކީމިޔާ އަދި މައެލޯޖިނަސް ލިޔުކީމިޔާއެވެ.

(ހ) މައިލެޖިނަސް ލިޔުކީމިޔާ : މައިލެޖިނަސް ލިޔުކީމިޔާ އުފެދެނީ މައިލޮއިޑް ސެލްތަކުންނެވެ. މައިއެލޮއިޑް ސެލްތަކުން ލޭގެ ހުދުސެލްތައް ރަތްސެލްތައް އަދި ޕްލޭޓްލިޓް ސެލްތައް އުފައްދައެވެ. މިވައްތަރުގައި އެކިޔުޓް މައިލެޖިނަސް ލިޔުކީމިޔާ އަދި ކްރޯނިކް މައިލެޖިނަސް ލިޔުކީމިޔާ ވެސް ހުރެދާނެ އެވެ. މައިލެޖިނަސް ލިޔުކީމިޔާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.

(ށ) ލިމްފޮސައިޓިކް ލިޔުކީމިޔާ : ލިމްފޮސައިޓިކް ލިޔުކީމިޔާ އުފެދެނީ ކަށީގެ މަދުގައި ލިމްފޮބްލާސްޓް ނުވަތަ ލިމްފޮސައިޓް ސެލްތަކުންނެވެ. މިއީ ވެސް އެކިޔުޓް ނުވަތަ ކްރޯނިކް ބައްޔަކަށް ވެދާނެއެވެ. އެއީ އެކިޔުޓް ލިމްފޮސައިޓިކް ލިޔުކީމިޔާ އަދި ކްރޯނިކް ލިމްފޮސައިޓިކް ލިޔުކީމިޔާ އެވެ. ލިމްފޮސައިޓިކް ލިޔުކީމިޔާގެ ވެސް ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ.

ލިޔުކީމިޔާގެ ވައްތަރުތައް

ލިޔުކީމިޔާ މައިގަނޑު 4 ވައްތަރެއް ވެއެވެ.

(ހ) އެކިޔުޓް މައިއެލޯޖިނަސް ލިޔުކީމިޔާ : ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް ޖެހޭ ލޭގެ އާންމު ކެންސަރެކެވެ. އެންމެ އާންމުކޮށް ޖެހެނީ ބޮޑެތި މީހުންނަށެވެ.

(ށ) ކްރޯނިކް މައިއެލޯޖިނަސް ލިޔުކީމިޔާ : އާންމުކޮށް މިވައްތަރު ޖެހެނީ ބޮޑެތި މީހުންނަށެވެ. އަލާމާތްތައް ނުފެނި އެތައް އަހަރެއް ވެސް ވެދާނެއެވެ. އެހެން ހުރެފައި ކުއްލިއަކަށް އަލާމާތްތައް ފެންނަށް ފަށައިފާނެއެވެ.

(ނ) އެކިޔުޓް ލިމްފަސައިޓިކް ލިޔުކީމިޔާ : ކުޑަކުދިންގެ މެދުގައި އެންމެ އާންމު ވައްތަރަކީ މިއީ އެވެ. ބޮޑެތި މީހުންނަށް ވެސް ޖެހިދާނެއެވެ.

(ރ) ކްރޯނިކް ލިމްފަސައިޓިކް ލިޔުކީމިޔާ: ދިގުމުއްދަތަކަށް ދެމިހުންނަ، ބޮޑެތި މީހުންނަށް ޖެހޭ އެންމެ އާންމު ލޭގެ ކެންސަރެވެ. ފަރުވާއަކާ ނުލައި އަހަރު ތަކެއް ވެސް އުދަނގުލެއް ނެތި އުޅެވިދާނެއެވެ.

ލިޔުކީމިޔާގެ އާންމު އަލާމާތްތައް

ލިޔުކީމިޔާގެ އަލާމާތްތަކަކީ ކުއްލިއަކަށް ނޫނީ ލަސްލަހުން ކުރިމަތިވެދާނެ ކަންކަމެވެ. ލިޔުކީމިޔާގެ އާންމު އަލާމާތްތައް ތިރީގައި މިވަނީއެވެ.

·         ހުންއައުން އަދި ހީކެރުވުން

·         ވަރުބަލިވުން ނޫނީ އަބަދު ވަރުބަލިވެފައިހުރުން ނޫނީ ވާޅުވެފައިހުރުން

·         އަވަސް އަވަހަށް ގާތްގާތުގައި އިންފެކްޝަންޖެހުން

·         ބަރުދަން ލުއިވުން (އޭގެ ޒާތުގައި) ނުވަތަ ބަރުދަން ލުއިކުރުމަށް މަސައްކަތްކުރުމަކާ ނުލައި ބަރުދަން ލުއިވުން

·         ގޮށްތައް، ހުންކޮށި، އަދި ފުރަމޭ އާދަޔާ ޚިލާފަށް ބޮޑުވުން

·         އާދަޔާ ޚިލާފަށް ލޭއައުން : ހަށިގަނޑުގެ އެކި ހިސާބުތަކުން އެހެން ހުރެލާފައި ހަމަލޭއައުން މިސާލަކަށް ނޭފަތުން ދޭތެރެ ދޭތެރެއިން ލޭއައުން

·         ހަމުގައި ކުދިކުދި ރަތް ތިކިތަކެއް ހުރުން

·         އާދަޔާ ޚިލާފަށް ދާހިއްލުން (ޚާއްޞަކޮށް ރޭގަނޑު)

·         ކަށިތަކުގައި ރިހުން

 

·         ގައިހިރުވުން ނުވަތަ ކެހުން

·         ކަސްރަތުކުރުމުން ވަރުބަލިވެ އެކަން ނުކުރެވޭވަރުވުން

·         ނިކަމެތިވުން ނުވަތަ އަނަރޫފަވުން

 

އެކިއުޓް ލިޔުކީމިޔާގެ އަލާމާތްތައް

ކްރޯނިކް ލިޔުކީމިޔާގެ އަލާމާތްތައް

ވަރުބަލިވުން

ވަރުބަލިވުން

އެކިއެކިބަލިތައް އަވަސް އަވަހަށް ޖެހުން

ކާހިތްނުވުން ކާހިތް ކެނޑުން

ކަށީގައި ރިހުން

ބަރުދަން ލުއިވުން

ކާހިތްނުވުން ކާހިތް ކެނޑުން

ހުންއައުން

ބަރުދަން ލުއިވުން

ހުންކޮށި ދުޅަވުން – އަދި ބަނޑުގައި ރިހުން

ބަލިޖެހޭތާ ކުރީކޮޅު ހުންފާޑުވެ ވަރުބަލިވުން

އެކި ހިސާބުތަކުން ލޭއައުން : ނޭފަތް / ހަމުގެ ދަށް / ހިރުގަނޑު ފަދަ

ލޭމަދުވުން

 

ހުންކޮށި ދުޅަވުން – އަދި ބަނޑުގައި ރިހުން

 

އެކި ހިސާބުތަކުން ލޭއައުން : ނޭފަތް / ހަމުގެ ދަށް / ހިރުގަނޑު ފަދަ

 

 

ލޭގެ ކެންސަރު ދެނެގަތުމަށް ކުރެވިދާނެ ނޫނީ ކުރެވޭ ކަންތައްތައް  

·         ޖިސްމާނީގޮތުން ހަށިގަނޑު ބެލުން : މިގޮތުން ހަށިގަނޑު ބަލާ ބެލުމުގައި ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ކުދި ދުޅަތައް ނުވަތަ ލަމްޕްސް ފަދަ ތަކެތި ނަގާފައިވޭތޯ ބެލޭނެއެވެ. ހަންގަނޑު ދޮންފޫޑުވެ، ހުދުވެ، ލޭމަދުވުމުގެ އަލާމާތްތައް ހުރިތޯ ވެސް ބެލޭނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ލިމްފް ގޮށްތައް ދުޅަވެ ގޮށްލާފައިވޭތޯ އާއި، ހުންކޮށި، ފުރަމޭ ފަދަ ގުނަވަންތައް ބޮޑުވެފައިވޭތޯ ވެސް ބަލައި ޗެކުކުރެވޭނެ އެވެ.

·         ލޭގެ ޓެސްޓުކުރުން : މިއީ ލޭގެ ހުދުސެލްތަކުގެ ފެންވަރު، މިންވަރު ވައްތަރު ބެލުމަށް ހެދޭ ޓެސްޓުތައް ހެދުމެވެ. ލޭގައި ލޭގެ ހުދުސެލްތައް، ލޭގެ ރަތްސެލްތައް އަދި ޕްލޭޓްލިޓް ހުރިގޮތް ބެލޭނެއެވެ. އެ ސެލްތަކުގައި އާދަޔާ ޚިލާފު ކަމެއް ހުރިނަމަ އެކަން ފާހަގަކުރެވޭނެ އެވެ. ހުރިހާ ލިޔުކީމިޔާއެއްގައި ކެންސަރުގެ ސެލްތައް ލޭގެ ތެރޭގައި ދައުރުނުވެދާނެ އެވެ .ބައެއް ވައްތަރުގެ ލިޔުކީމިޔާގައި ކެންސަރުގެ ސެލްތައް ހަމައެކަނި ކަށީގެ މަދުގައި ވެސް ހުރެދާނެއެވެ.

·         ބަޔޮޕްސީ ހެދުން ނުވަތަ ކަށީގެ މަދު ޓެސްޓުކުރުން ނުވަތަ ލޭގެ ބަޔޮޕްސީ އަދި ކަށީގެމަދުގެ ބަޔޮޕްސީ ހެދުން : ބޯންމެރޯ ބަޔޮޕްސީ އަކީ ކަށީގެ މަދު ނަގައިގެން ޓެސްޓޫ ކުރުމެވެ. އާންމު ގޮތެއްގައި މިސާމްޕަލް ނަގަނީ އުކުޅުވަޅު ކަށިގަނޑުގެ ކަށީގެ މަދުންނެވެ. ނެގުނު ނަމޫނާ ނުވަތަ ސާމްޕަލް ލެބޯޓަރީ ގައި ބަލައި، އޭގެ ލިޔުކީމިޔާއާއި ގުޅިގެން ސެލްތަކަށް ބަދަލު އައިސްފައިވޭތޯ ޗެކުކުރެވޭނެ އެވެ.  

 

·         ސައިޓޯޖީނިކް އެނަލިސިސް : މިއީ ލިމްފޯސައިޓްސްގެ ކްރޯމޯސޯމް ތަކަށް ބަދަލުއައިސްފައިވޭތޯ ބެލުމެވެ.

·         ލަމްބަރ ޕަންކޗަރ ހެދުން : މިއީ މައިބަދައިން ފެން ނަގައިގެން ތަހުލީލުކުރުމެވެ.

·         އިމޭޖިންގ ޓެސްޓުތައް ހެދުން : އެކްސްރޭ ނެގުން، ސްކޭންކުރުން، ސީޓީ އެމްއާރުއައި އަދި ޕެޓް ސްކޭން ފަދަ ޓެސްޓުތައް ހަދައިފާނެއެވެ. މިއީ ގޮށްލުން، ހުންކޮށި، ފުރަމޭ ފަދަ ގުނަވަންތައް ބޮޑުވުން ، އެހެން ހިސާބުތަކަށް ކެންސަރުގެ އަސަރު ފެތުރުން ދެނެގަތުމަށް ބޭނުންކުރެވިދާނެ ޓެސްޓު ތަކެކެވެ 

ލޭގެ ކެންސަރަށް އާންމުކޮށްދެވޭ ފަރުވާ

ލޭގެ ކެންސަރުގެ ފަރުވާ ވަރަށް ގިނަ ކަންކަމަށް ބަރޯސާ ވެއެވެ. އެގޮތުން ރިއާޔަތްކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބަލިމީހާގެ އުމުރު

·         ބަލިމީހާގެ އާންމު ދުޅަހެޔޮކަން

·         ކުރިމަތިވެފައިވާ ލިޔުކީމިޔާގެ ވައްތަރު

·         ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިފައިވުން

އާންމުކޮށްދޭ ފަރުވާ ތައް ތިރީގައި މިވަނީ އެވެ.

(ހ) ކީމޯތެރަޕީ (chemotherapy): އާންމުކޮށް ލޭގެ ކެންސަރަށް ދޭ މައި ފަރުވާ އަކީ ކީމޯތެރަޕީ އެވެ. ބޭހުގެ ގޮތުގައި ދޭ މިފަރުވާ އިން ކެންސަރުގެ ސެލްތައް މަރާލަނީ ކެމިކަލް އެއް ބޭހުގެ ގޮތުގައި ބޭނުންކޮށްގެންނެވެ. ލިޔުކީމިޔާގެ ވައްތަރަށް ބަލައި، ކީމޯތެރަޕީ އެންމެ ބޭހެއް ނޫނީ ދެބޭހެއް އެއްކޮށް، ދޭންޖެހިދާނެ އެވެ. މިބޭސްތައް ހުންނަނީ ގުޅަ ބޭހުގެ ގޮތުގައެވެ. ނޫނީ އިންޖެކްޝަންގެ ސިފައިގައި ވެސް ދޭންޖެހިދާނެއެވެ.

(ށ) ރޭޑިޔޯތެރަޕީ (radiotherapy): މިއީ ރޭޑިއޭޝަންގެ ފަރުވާއެވެ. މިފަރުވާގައި ކެންސަރުގެ ސެލްތަކަށް ގެއްލުންދީ ހަލާކުކޮށް، ސެލްތައް ހެދިބޮޑުވުން ހުއްޓުވުމަށް ބޭނުންކުރަނީ މަތީ-ހަކަތައިގެ ދޯދިތައް ނުވަތަ އެކްސްރޭ އެވެ. މިފަރުވާ ދިނުމަށް މޭޒެއްގެ މަތީގައި ބަލިމީހާ ބޭއްވުމަށްފަހު ހަށިގަނޑުން ރޭޑިޔޯތެރަޕީ ދޭ ވަކި ހިސާބަކަށް ފަރުވާ ފޯރުކޮށްދެވެއެވެ. އެގޮތުން ވަކި ހިސާބަކަށް ވެސް (ކެންސަރުގެ ސެލްތައް ގިނައިން ހުރި ދިމާލަކަށް ނޫނީ ހިސާބެއް އެނގޭނަމަ އެހިސާބަކަށް) ނޫނީ މުޅި ހަށިގަނޑަށް ވެސް ރޭޑިޔޯތެރަޕީ ދީފާނެއެވެ. ބައެއް ފަހަރު ކަށީގެ މަދު ބަދަލުކުރުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ވެސް ރޭޑިޔޯތެރަޕީގެ ދީފާނެއެވެ.

(ނ) ކަށީގެ މަދު ބަދަލުކުރުން (bone marrow transplantation)  ކަށީގެ މަދު ބަދަލުކުރުމަކީ ވެސް ލޭގެ ކެންސަރުގެ ފަރުވާގައި ކުރެވޭ ކަމެކެވެ. ކަށީގެ މަދު ބަދަލުކުރުމަށް ސްޓެމް ސެލް ޓްރާންސްޕްލާންޓް ވެސް ކިޔައި އުޅެއެވެ. މިއީ ކަށީގެ މަދުގައި ހުރި ސެލްތައް ނަގައި، އޭގެ ބަދަލުގައި ދުޅަހެޔޮ ސްޓެމް ސެލްތަކެއް ފޮނުވައިގެން އޭގެ އާސެލްތައް ނުވަތަ މުޅިން އައު ކަށީގެ މަދު (ލިޔުކީމިޔާގެ ސެލްތައް ނެތް) ކަށީގައި އަށަގަންނުވައި، އުފެއްދުމަށް ކުރެވޭ ކަމެކެވެ.

އާންމު ގޮތެއްގައި ކަށީގެ މަދު ބަދަލުކުރުމުގެ ކުރިން މަތީ މިންވަރަކަށް ކީމޯތެރަޕީ ނޫނީ ރޭޑިޔޯ ތެރަޕީ ދީއުޅެއެވެ. މީގެ ބޭނުމަކީ ލިޔުކީމިޔާގެ ސެލްތައް އުފައްދާ ކަށީގެ މަދު ހަލާކުކޮށް ނައްތާލުމެވެ. އޭގެ ފަހުން ލޭގެ އާސެލްތައް އުފައްދާ އާ ސްޓެމް ސެލްތަކެއް ކަށީގެ މަދަށް ފޮނުވި، އަލަށް ފޮނުވުނު ސްޓެމް ސެލްތަކުން މުޅިން އާ ކަށީގެ މަދެއް އުފެދި، އެއިން ލޭގެ އާ ސެލްތައް އުފައްދަންފަށައެވެ.

(ރ) އިމިޔުނޯތެރަޕީ (immunotherapy): އިމިޔުނޯތެރަޕީ ދިނުމުން ދިފާޢީ ނިޒާމުން ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާނެއެވެ. އާންމު ގޮތެއްގައި ދިފާޢީ ނިޒާމުން ކެންސަރުގެ ސެލްތަކަށް ހަމަލާ ނުދީފާނެއެވެ. އެއީ ކެންސަރު ސެލްތަކުން އުފައްދާ ޕްރޮޓީން އަކުން ދިފާޢީ ނިޒާމަށް ކެންސަރުގެ ސެލްތައް ފޮރުވައިލުމަށް އެހީތެރިވާތީ އެވެ. އިމިޔުނޯތެރަޕީގެ ބޭނުމަކީ މިދެންނެވި ކެންސަރު ސެލްތައް ފޮރުވައިލުމުގެ މަސައްކަތަށް ހުރަސްއެޅުމެވެ. ވީމާ ކެންސަރު ސެލްތައް ނުފޮރުވި ހާމައަށް ހުރުމުން، އިމިޔުނޯތެރަޕީ ދީގެން، ދިފާޢީ ނިޒާމުން ކެންސަރުގެ ސެލްތަކަށް ހަމަލާދެވެއެވެ.

(ބ) ޓާގެޓެޑް ތެރަޕީ (targeted therapy): މިއީ ކެންސަރުގެ ސެލްގެ ތެރޭގައި ހުންނަ ޚާއްޞަ ޣައިރު ތަބީކަމަށް އަމާޒުކޮށްދެވޭ ބޭހުގެ ފަރުވާ އެކެވެ. އެގޮތުން ކެންސަރުގެ ސެލްތަކުގެ ތެރޭގައި ހުންނަ "ޣައިރު ތަބީޢީކަން" ހުއްޓުވައިގެން ކެންސަރުގެ ސެލްތައް މަރާލައެވެ. ޓާގެޓެޑް ތެރަޕީގެ އަސަރު ކުރޭތޯ ބެލުމަށް ލިޔުކީމިޔާގެ ކެންސަރުގެ ސެލްތައް ޓެސްޓު ކުރެވޭނެ އެވެ.

އެކިޔުޓް ލިޔުކީމިޔާގެ ފަރުވާ

  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ރޭޑިއޭޝަންގެ ފަރުވާދެނީ މައިބަދަ އަދި ސިކުނޑިއަށް އަސަރުކޮށްފައިވާނަމަ އެވެ

ކްރޯނިކް ލިޔުކީމިޔާގެ ފަރުވާ

·         އޮޕަރޭޝަން ކުރުން : އޮޕަރޭޝަންކުރަނީ ހަމައެކަނި ހުންކޮށި ބޮޑުވެ، ރިހޭގޮތްވުމުން ހުންކޮށި ނެގުމަށެވެ.

  • ރޭޑިއޭޝަން ދިނުން : ރޭޑިއޭޝަން ދެނީ ހުންކޮށި ބޮޑުވުމާއި ގުޅިގެން ހުންކޮށި އޮންނަ ހިސާބަށެވެ. މިކަމުގެ ސަބަބުން ހުންކޮށި ކުޑަވެއެވެ. އަދި ލޭގައި ލިޔުކީމިޔާގެ އަސަރު ހުންނަ ސެލްގެ އަދަދު މަދުވެއެވެ.
  • ކީމޯތެރަޕީ ދިނުން : ކީމޯތެރަޕީ ދިނުމުން ހަށިގަނޑުގައި ހުންނަ ލިޔުކީމިޔާގެ އަލާމާތްތައް ފިލައިދެއެވެ. ބަލީގެ އަލާމާތްތައް ނުފެނި ގިނަ ދުވަސްތަކަކަށް ދެމިހުރެއެވެ. ހުންކޮށި ބޮޑުވެފައިވާނަމަ އޮޕަރޭޝަން ކުރުމުގެ ކުރިން ބައެއް ފަހަރު ކީމޯތެރަޕީ ދެވެއެވެ. މިއީ އޮޕަރޭޝަން ކުރުމަށްޓަކައި ކެންސަރުގެ އަސަރު ކުޑަކުރުމަށް ކުރާ ކަމެކެވެ

ކަށީގެ މަދު ބަދަލުކުރުން

ކަށީގެ މަދު ބަދަލުކުރުމަކީ ލިޔުކީމިޔާ ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާ ކުރުމުގައިކޮށްއުޅޭ ކަމެކެވެ. ކަށީގެ މަދުބަދަލުކުރަނީ ބަލިމީހާ އާއި ޢާއިލީ ގޮތުން ގުޅުންހުރި މީހެއްގެ ކަށީގެ މަދުން ދިޔަ ނަގައިގެން އެދިޔަ ލޭނާރުގެ މަގުން ބަލިކުއްޖާގެ ލޭގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިފަރުވާ ދިނުމުގެ ކުރިން ބަލިކުއްޖާ ޚާއްޞަ ގޮތްތަކަކަށް ތައްޔާރުކުރަން ޖެހެއެވެ. ޑޯނަރއެއްގެ ގޮތުގައި ޚިޔާރުކުރަން އެންމެ ރަގަޅީ ބަލިކުއްޖާގެ އެއްބަނޑު އެއްބަފައި، އެއްބަފައި، ނުވަތަ އެއްބަނޑު ކުއްޖެކެވެ.

ކަށީގެ މަދު ބަދަލުކުރުމުގައި ބަލިކުއްޖާގެ ލޭގެތެރެއަށް ފޮނުވާލެވޭ ދިޔައިގައި އެކުލެވޭ ސެލްތައް ގާތްގަނޑަކަށް ދެތިން ހަފްތާގެ ތެރޭގައި އެކުއްޖެއްގެ ކަށީގެ މަދާއި ހަމައަށް ދަތުރުކޮށް، އެކުއްޖަކަށް ބޭނުންވާ މިންވަރަށް ލޭގެ ރަތްސެލް، ލޭގެ ހުދުސެލް އަދި ޕްލޭޓްލެޓްސް އުފައްދަން ފަށައެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު