Saturday, November 2, 2024

ފުރަމޭގައި ސަރުބީ ޖަމާވާ ބަލި

ފުރަމޭގައި ސަރުބީ ޖަމާވާ ބަލި

ފުރަމޭގައި ސަރުބީ ޖަމާވާ (ހަރުލާ) ބަލި(Fatty Liver Disease)  ނުވަތަ ފުރަމޭގައި ސަރުބީ ހަރުލުމަކީ ފުރަމޭގައި އާދަޔާ ޚިލާފަށް ގިނައިން ސަރުބީ ހަރުލުމެވެ. ނުވަތަ ޖަމާވުމެވެ. ފުރަމޭގައި ސަރުބީ ހަރުލުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި މާގިނައިން ބަނގުރާ ބޭނުންކުރުން، އަދި މެޓަބޮލިޒަމް އާއި ގުޅޭ މައްސަލަތައް ހިމެނެއެވެ. ފުރަމޭގައި ސަރުބީ ހަރުލުމުގެ ވައްތަރަށް ބަލައި، ފުރަމޭގައި ސަރުބީ ހަރުލުމުގެ ސަބަބުން އެއްވެސް މައްސަލަ އެއް ދިމާނުވެދާނެ އެވެ. ނޫނީ ފުރަމެޔަށް ގެއްލުންވެދާނެ އެވެ.

ސަބަބު

ފުރަމޭގައި ސަރުބީ ހަރުލުމަށް މެދުވެރިވާ ވަރަށް ބައިވަރު ސަބަބުތައް ހުރެއެވެ. އަންނަނިވި ކަންތައްތައް ހުރިނަމަ، ފުރަމޭގައި ސަރުބީ ހަރުލުމުގެ ހިރާސް އިތުރުވެގެން ދެއެވެ.

·         ބަނގުރާ މާގިނައިން ބޭނުންކުރުން

·         މެޓަބޮލިކް ސިންޑްރޯމް ހުރުން (މެޓަބޮލިކް ސިންޑްރޯމް ކަމަށް ކަނޑައަޅާ ހިރާސްތައް ހުރުން)

·         ހަކުރުބަލި ހުރުން

·         ބަރުދަން ހުންނަށްޖެހޭ މިންވަރަށްވުރެ ތަންކޮޅެއް ބަރުވުން (ބީއެމްއައި 29.9-25 އާއި ދެމެދު ހުރުން)

·         އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ، ފަލަވުން (ބީއެމްއައި 30 އަށްވުރެ މަތިވުން)

·         ބިސްރަވައިގެ ސިސްޓް އުފައްދާ ބަލި ހުރުން

·         ނިދީގައި ނޭވާހުއްޓޭބަލި ހުރުން

·         ހައިޕޮތައިރޮއިޑިޒަމް (ތައިރޮއިޑްގެ މަސައްކަތް ދަށްވުން/ ތައިރޮއިޑް ހޯރމޯން މަދުވުން) ހުރުން

·         ހައިޕޮޕިޓުއިޓަރިޒަމް (ޕިޓޫއިޓަރިޒަމް ގްލޭންޑް އިން ހޯރމޯން ދޫކުރުން މަދުވުން) ހުރުން

·         ހައިޕޮގޮނާޑިޒަމް (ޖިންސީ ހޯރމޯން ދޫކުރުން މަދުކުރުން) ހުރުން

·         ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : މިސާލަކަށް އެމިއެޑެރޯން، ޑިލްޓިއެޒިމް، ޓެމޮކްސިފެން ނުވަތަ ސްޓީރޮއިޑް ފަދަ ބޭސްތައް ބޭނުންކުރުން

ވައްތަރުތައް

ފުރަމޭގައި ސަރުބީ ޖަމާވާ ބަލި ބަހާލެވިފައިވަނީ ކުރިމަތިވާ ސަބަބާއި، އެއާއި އެކުވާ ހާލަތްތަކާ ގުޅުވައިގެންނެވެ.

(ހ) ބަނގުރަލާ-ގުޅުންހުރި ފުރަމޭގެ ބަލި (alcohol related liver disease): ބަނގުރަލާ ގުޅުންހުރި ފުރަމޭގެ ބަލިތަކުގައި ފުރަމޭގައި ސަރުބީ ޖަމާވަނީ މާގިނައިން ބަނގުރާ ބޭނުންކުރުމުންނެވެ. ބަނގުރާ ބުއިމުން، ފުރަމެއިން ބަނގުރާ ފުރާނާ ކޮންމެ ފަހަރަކު ފުރަމޭގެ ބައެއް ސެލްތައް ހަލާކުވެ، މަރުވެދެއެވެ. އާންމު ގޮތެއްގައި ދުވަސްވީ ދިރު ނުވަތަ ސެލްތަކުގެ ބަދަލުގައި ފުރަމެއިން އާ ދިރުތައް އުފައްދާނެއެވެ. ނަމަވެސް މާގިނައިން ބަނގުރާ ބޯނަމަ، މިގޮތަށް އާސެލްތައް އުފެދުމަށް ހުރަސް އަޅައެވެ. އަދި ފުރަމޭގައި ސަރުބީ ހަރުލާގޮތް ވެއެވެ.

(ށ) މެޓަބޮލިޒަމްގެ މަސައްކަތް އެދެވޭގޮތަށް ނުކުރުމާ- އެކުވާ ފުރަމޭގައި ސަރުބީ ޖަމާވާ ބަލި (metabolic dysfunction associated steatotic liver disease) : ކުރިން މިވައްތަރަށް ކިޔައި އުޅުނީ "ބަނގުރަލާ-ގުޅުމެއްނެތް ފުރަމޭގައި ސަރުބީ ޖަމާވާ ބަލި" މިހެންނެވެ. ސަބަބަކީ މިވައްތަރު ކުރިމަތިވުމުގައި ގިނައިން ބަނގުރާ ބޭނުންކުރުމާއި، ފުރަމޭގައި ސަރުބީ ހަރުލުމާ ގުޅުމެއް ނުވާތީ އެވެ. ނަމަވެސް ފަހުން ފުރަމޭގައި ސަރުބީ ޖަމާވުން އެކުވެގެންދާ ހާލަތާއި ގުޅިގެން ނަން އަލުން ދެވިފައި ވަނީ އެވެ. މިވައްތަރު ކުރިމަތިވަނީ ކާޑިއޯމެޓަބޮލިކް ރިސްކް ފެކްޓަރ ތައް ނޫނީ "ހިތުގެ ދުޅަހެޔޮކަމަށް އަސަރުކުރުވާ" ކަންތައްތަކުގެ ސަބަބުންނެވެ.

މެޓަބޮލިޒަމްގެ މަސައްކަތް އެދެވޭގޮތަށް ނުކުރުމާ- އެކުވާ ފުރަމޭގައި ސަރުބީ ޖަމާވާ ބަލި ކުރިމަތިވުމަށް މެދުވެރިވާ ހިރާސް ތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ، ފަލަވުން

·         ހަކުރުބަލި

·         ލޭމައްޗަށްދިއުން

·         ލޭގެ ސަރުބީގެ މިންގަނޑަށް ބަދަލުއައުން ( ރަނގަޅު ސަރުބީ ދަށްވުން / ނުރަނގަޅު ސަރުބީ ގިނަވުން)

ބަނގުރަލުގެ "ކުޑަ މިންވަރެއް" ބޭނުންކުރާނަމަ ވެސް މިވައްތަރު ކުރިމަތިވެދާނެ އެވެ. ކުޑަ މިންވަރެއް މާނަކުރެވެނީ އަންހެނުންނަށް ހަފްތާއަކު 140 ގްރާމްގެ ބަނގުރާ އަދި ފިރިހެނުންނަށް ހަފްތާއަކު 210ގްރާމްގެ ބަނގުރާ ބޭނުންކުރުމެވެ. އާންމު ގޮތެއްގައި އެމެރިކާގައި ބޭނުންކުރާ 12 އައުންސްގެ ސްޓޭންޑަރޑް ބިއަރު ގައި 14 ގްރާމްގެ ބަނގުރާ އެކުލެވިގެން ވެއެވެ.

(ނ) މެޓަބޮލިކް އެސޯސިއޭޓަޑް ސްޓީޓޮހެޕަޓައިޓިސް (metabolic associated steatohepatitis): މިއީ މެޓަބޮލިޒަމްގެ މަސައްކަތް އެދެވޭގޮތަށް ނުކުރުމާ- އެކުވާ ފުރަމޭގައި ސަރުބީ ޖަމާވާ ބަލީގެ ނުރައްކާތެރި ވައްތަރެވެ. މިވައްތަރުގައި ފުރަމޭގައި ސަރުބީ ހަރުލައި، އޭގެ ސަބަބުން ފުރަމޭ ދުޅަވެ، ފުރަމޭގައި ލަކުނުލާގޮތް ވެއެވެ. ކުރިން މިވައްތަރަށް ކިޔައި އުޅުނީ "ނަން-އަލްކޮހޯލް ރިލޭޓަޑް ސްޓީޓޮހެޕަޓައިޓިސް" އެވެ.

(ރ) މެޓަބޮލިޒަމްގެ މަސައްކަތް އެދެވޭގޮތަށް ނުކުރުމާ- އެކުވާ ފުރަމޭގައި ސަރުބީ ޖަމާވާ ބަލި އަދި ބަނގުރާ ގިނައިން ބޭނުންކުރުން (MASLD & Increase alcohol intake): މިވައްތަރުގައި ހިތުގެ ދުޅަހެޔޮކަމަށް ބާރުފޯރުވާ ނޫނީ އަސަރުކުރުވާ "މެޓަބޮލިކް ހިރާސްތައް " އަދި ބަނގުރާބުއިން ، ފުރަމޭގައި ސަރުބީ ހަރުލުމުގައި ދައުރެއް އަދާކުރެއެވެ. މިވައްތަރު ކަމަށް ބަލާނީ މެޓަބޮލިކް ހިރާސްތައް ހުރެ އެއާއެކު ހަފްތާއަކު (ފިރިހެނުން) 140 ގްރާމަށްވުރެ އިތުރަށް އަދި (އަންހެނުން) 210 ގްރާމަށްވުރެ އިތުރަށް ބަނގުރާ ބޭނުންކުރާނަމަ އެވެ. ފުރަމޭގައި ސަރުބީ ހަރުލުން ކުރިމަތިވަނީ މެޓަބޮލިކް ހިރާސްތަކުގެ ސަބަބުންތޯ ނުވަތަ ބަނގުރާ ބުއިމުގެ ސަބަބުންކަން އެކަކު އަނެކަކަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

އަލާމާތްތައް އަދި ނިޝާންތައް

ފުރަމޭގައި ސަރުބީ ހަރުލާ ކޮންމެ މީހެއްގެ ފުށުން އަލާމާތްތަކެއް ނުފެނިދާނެއެވެ. އަލާމާތްތައް ފެންނަ ހާލަތްތަކުގައި ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ބަނޑުގައި ރިހުން

·         ބަނޑުގެ ކަނާތް ފަރާތު މަތިން ފުރިފައި ހުންނަހެން ހީވުން

·         އާދަޔާ ޚިލާފަށް ވަރުބަލިވެ ވާޅުވުން

އާންމު ގޮތެއްގައި ފުރަމޭގައި ސަރުބީ ޖަމާވުމުގެ އަލާމާތްތައް ފާހަގަވާން ފަށަނީ ވެސް ގިނަ ފަހަރު ފުރަމޭގައި ސަރުބީ ޖަމާވެ، އޭގެ ސަބަބުން ފުރަމެޔަށް ގެއްލުންވެ، ފުރަމޭގައި ލަކުނުލުން(liver cirrhosis)  ކުރިމަތިވާ ހިސާބުންނެވެ. އެގޮތުން ފުރަމޭގައި ލަކުނުލުމުން އަންނަނިވި އަލާމާތްތައް ފާހަގަ ވާނެ އެވެ.

·         މޭނުބައިކުރުން

·         ކާހިތްނުވުން

·         ބަރުދަން ލުއިވުން

·         ހަންގަނޑާއި، ލޯ ރީނދޫވުން

·         ބަނޑުގައި ފެންހަރުލައި، ބަނޑުފުއްޕުން

·         އަތްފައި ފޮއްސިވެ، ދުޅަވުން

·         އެތެރެހަށިން ލޭފޭއްދުން

ދިމާވެދާނެ ނުރައްކާތައް

ފުރަމޭގައި ސަރުބީ ޖަމާވުމުން އެކަމަށް އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ އަންނަނިވި ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

·         ފުރަމޭގައި ލަކުނުލުން : މިއީ އެންމެ އާންމު ގޮތެއްގައި ކުރިމަތިވާ އެއް ނުރައްކަލެވެ. ފުރަމޭގައި ލަކުނުލަނީ ފުރަމޭގައި ސަރުބީ ޖަމާވެ، ފުރަމޭ ދުޅަވެ، ހަލާކުވެ، ފުރަމެޔަށް އަނިޔާވުމުންނެވެ. ނޫނީ ގެއްލުން ވުމުންނެވެ. ފުރަމޭގައި ލަކުނުލުން ނުހުއްޓުވިއްޖެނަމަ އަންނަނިވި ކަންތައްތައް ކުރިމަތިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

o       ބަނޑުގައި ފެންހެދުން

o       ކާތަކެތި ހިނގާހޮޅީގެ ތެރޭގައި ހުންނަ ނުސާފުލޭ އުފުލާ ލޭހޮޅިތައް ފުއްޕައި ދުޅަވުން އަދި ފަޅައިގެންދިއުން

o       ވާނުވާނޭގުން، ވާހަކަ ދައްކަން ދަތިވުން، ވާހަކަދައްކާއިރު އާގަތުން (ހެޕަޓިކް އެންކެފަލޮޕަތީ)

o       ހުންކޮށީގެ މަސައްކަތްތައް ހަލުވިވުން

·         ފުރަމެޔަށް ކެންސަރު ޖެހުން

·         ފުރަމޭގެ މަސައްކަތްތައް ފޭލްވުން

·         ހިތުގެ ބަލިތައް ޖެހުމުގެ ހިރާސް އިތުރުވުން

ދެނެގަތުން

ފުރަމޭގައި ސަރުބީ ހަރުލުން ދެނެގަތުމަށް އަންނަނިވި ޓެސްޓުތައް ހަދައިފާނެ އެވެ.

(ހ) މެޑިކަލް ހިސްޓްރީ ނުވަތަ މާޒީ ބެލުން : އެގޮތުން އަހައިފާނެ ސުވާލުތަކުގެ ތެރޭގައި ނޫނީ އަހައި އޮޅުން ފިލުވައިފާނެ މައުލޫމާތު ތަކުގެ ތެރޭގައި ބަނގުރާ ބޭނުންކުރާ މިންވަރު ބެލުން، އަދި ބޭނުންކުރާ ބޭސްތައް ބެލުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި ޗެކުކުރުން : އެގޮތުން ފުރަމޭ ބޮޑުވުން، ރީނދޫވުން އަދި ފުރަމޭގައި ލަކުނުން ފަދަ ކަންކަމާއި ގުޅިގެން ކުރިމަތިވާ ކަންތައްތައް ނޫނީ ފާހަގަވާ ކަންތައްތައް ހުރިތޯ ބަލައި ޗެކުކުރާނެއެވެ.

(ނ) އިމޭޖިންގ ޕްރޮސީޖަރ ހެދުން : އެގޮތުން ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި ބަނޑުގެ ސްކޭން ހެދުން، ސީޓީ ސްކޭން ހެދުން، އެމްއާރުއައި ހެދުން، ފުރަމޭގެ ފައިބްރޯސްކޭން ހެދުން ފަދަ ޓެސްޓުތައް ހިމެނެއެވެ. މީގެ އިތުރުން ފުރަމޭގެ ހަރުކަން ނޫނީ ހަރުއަރާފައިވާކަން ދެނެގަތުމަށް "ޓްރާންސިއެންޓް އިލާސްޓޮގްރަފީ ހެދުން، މެގްނެޓިކް ރިސޮނަންސް އިލާސްޓޮގްރަފީ ހެދުން ފަދަ ޓެސްޓުތައް ވެސް ހަދައި އުޅެއެވެ.

(ރ) ފުރަމޭގެ ބަޔޮޕްސީ ހެދުން : ފުރަމޭގެ ބަޔޮޕްސީ ހެދުމަކީ ފުރަމޭގައި ސަރުބީ ހަރުލުމުގެ ބައެއް ވައްތަރުތައް އެއްވައްތަރު އަނެއް ވައްތަރާއި ވަކިކުރުމަށް ވެސް ބޭނުންކުރެވޭ ޓެސްޓެކެވެ. މީގެ އިތުރުން ފުރަމޭގައި ލަކުނުލުން އަދި ފުރަމޭ ދުޅަވުމުގެ ނިޝާންތައް ވެސް ފުރަމޭގެ ބަޔޮޕްސީ ހަދައިގެން ދެނެގަނެވިދާނެ އެވެ.

(ބ) ލޭގެ ޓެސްޓުތައް : ހަދައިފާނެ އެހެން ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ

·         ކޮމްޕްލީޓް ބްލަޑް ކައުންޓް ހެދުން

·         އަޔަން ސްޓަޑީޒް ހެދުން

·         ފުރަމޭ މަސައްކަތްކުރާ ނުކުރާގޮތް ބެލުމަށް ފުރަމޭގެ އެންޒައިމްތައް ޗެކުކުރުން

·         ކްރޯނިކް ވައިރަލް ހެޕަޓައިޓިސް އަށް ސްކްރީންކުރުން : ހެޕަޓައިޓިސް އޭ، ހެޕަޓައިޓިސް ސީ ފަދަ ވައްތަރުތަކަށް ސްކްރީންކުރުން

·         ސިލިއެކް ޑިޒީޒް ސްކްރީނިންގ ޓެސްޓު ހެދުން

·         ހައިބަނޑާހުރެ ހަކުރު ޓެސްޓު ހެދުން

·         ފާއިތުވި 3 މަހުގެ ހަކުރު ކޮންޓްރޯލް ހުރި މިންވަރު ބެލުން (އެޗްބީއޭ1ސީ ހެދުން)

·         ކޮލެސްޓްރޯލް ޓެސްޓުހެދުން

ފަރުވާ

ފުރަމޭގައި ލަކުނުލުމަށް ފަރުވާގެ ގޮތުގައި ދޭ ވަކި ޚާއްޞަ ފަރުވާއެއް ނޫނީ ބޭހެއް ނުހުރެއެވެ. މީގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އެދެވޭ ބަދަލުތައް ގެންނަށް ޖެހެއެވެ. އެގޮތުން ގެނެވިދާނެ ބަދަލުތަކާއި ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.

·         ބަނގުރާ ބޭނުންކުރުމުން ދުރުހެލިވުން

·         ހަށިގަނޑުގެ ބަރުދަން ލުއިކުރުން

·         ހަކުރުބަލި، ސަރުބީ މަތިވުން ފަދަ ބަލިތަކަށް ދީފައި ހުންނަ ބޭސްތައް ގަވާޢިދުން ބޭނުންކުރުން

·         ހެޕަޓައިޓިސް އޭ އަދި ހެޕަޓައިޓިސް ބީ ވެކްސިން ޖެހުން

ރައްކާތެރިވުން

ފުރަމޭގައި ސަރުބީ ހަރުލުމުން ރައްކާތެރިކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ގަވާއިދުން ކަސްރަތުކުރުން

·         މިންހެޔޮކާނާ ބޭނުންކުރުން

·         ބަނގުރާ ބުއިމާއި ދުރުހެލިވުން

·         ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ހިފެހެއްޓުން

·         ހަކުރުބަލި، މެޓަބޮލިކް ސިންޑްރޯމް ފަދަ ބަލިތައް ހުންނަނަމަ، ޑޮކްޓަރުން ދީފައިވާ ބޭސްތައް ގަވާޢިދުން ބޭނުންކުރުން

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://my.clevelandclinic.org/health/diseases/15831-fatty-liver-disease

·         https://www.mayoclinic.org/diseases-conditions/nonalcoholic-fatty-liver-disease/symptoms-causes/syc-20354567 

ކުޑަކުދިން އާދަޔާ ޚިލާފަށް ބަރުހެލިވުން

ކުޑަކުދިން އާދަޔާ ޚިލާފަށް ބަރުހެލިވުން

ކުޑަކުދިން އާދަޔާ ޚިލާފަށް ފަލަވެ، ހަށިގަނޑު ބަރުހެލިވު(childhood obesity)މަކީ ކުޑަކުދިންނާއި ފުރާވަރު ކުދިންނަށް ދިމާވާ ޞިއްހީ މައްސަލަ އެކެވެ. މިގޮތަށް އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވެ، ބަރުހެލިވުމަކީ އެކަމުގެ ސަބަބުން ތަފާތު ޞިއްހީ މައްސަލަތައް ފެންމަތިކުރުވާނެ ކަމެކެވެ. އޭގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކާއި، ތަފާތު ނަފްސާނީ މައްސަލަތައް ހިމެނެއެވެ.

ޗައިލްޑްހުޑް އޮބޭސިޓީ ކަމުގައި ބެލެވެނީ ކުއްޖާގެ އުމުރު، ޖިންސް، އަދި އިސްކޮޅާއި ބަރުދަނާއި އަޅާ ބަލާއިރު ބީއެމްއައި ހުންނަންޖެހޭ މިންގަނޑަށްވުރެ މަތީގައި ހުރުމެވެ. އެގޮތުން 2 އަހަރުން މަތީގެ ކުދިންނަށް ބީއެމްއައި 95 ޕަސެންޓައިލް އަށްވުރެ މަތީގައި ހުރިނަމަ އެއީ އޮބޭސިޓީ ކަމުގައި ބެލެވިދާނެއެވެ.


ސަބަބު

ކޮންމެ ކުއްޖަކަށް ވެސް ހަކަތަ ބޭނުންވަނީ ދުވާލެއްގެ މައްޗަށް ވަކި ވަރަކަށެވެ. ނަމަވެސް އާންމުކޮށް އުޅޭ އުޅުމުގެ ކެއުމުގެ ތެރެއިން މާގިނައިން ހަކަތަ އެތެރެވާނަމަ، އެހަކަތަ ހަށިގަނޑުގައި ރައްކާކުރެއެވެ. ނޫނީ ކޮށާރު ކުރެއެވެ.

އާދަޔާ ޚިލާފަށް ފަލަވާން މެދުވެރިވަނީ ގިނަ ފަހަރު ދިރިއުޅުމުގެ ވައްޓަފާޅީގައި ހުންނަ ބައެއް އާދަތަކުގެ ސަބަބުންނެވެ. އެގޮތުން ހެލިފެލިވެއުޅުން މަދުވުމާއި، ކަސްރަތު ނުކުރެވުމާއި، މާގިނައިން ކެއުމާއި، ކާއިރު ފޮނިކާތަކެތި އަދި ހަކުރުއެޅި ބުއިންތައް ގިނައިން ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ވިރާސީ ގޮތުން ފަލަވުން މެދުވެރިވާ ފަދަ ޖީން އެއް ހަށިގަނޑު ހުރުމާއި، ހޯރމޯން އަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް އާދަޔާ ޚިލާފަށް ފަލަވާގޮތް ވެއެވެ.

މަގުފަހިކުރާ ކަންތައްތައް

އާދަޔާ ޚިލާފަށް ފަލަވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ކެއިންބުއިން : ހަކަތަ ގިނައިން އެކުލެވޭ ކާބޯތަކެތި މިސާލަކަށް ޖަންކު ފުޑް، ފޮނިކާތަކެތި، އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް ފަދަ ހަކުރުއެޅި ބުއިންތައް ބޭނުންކުރުމަކީ އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވެ، ބަރުހެލިވުމަށް މަގުފަހިކުރާ ކަމެކެވެ. އާންމުކޮށް ފެންނަ ބުއިންތައް މިސާލަކަށް ކޮކާކޯލާ، ފެންޓާ، ރެޑްބުލް، ފަދަ ބުއިންތަކާއި، ކުދިންނަށް އިންޓަވަލްއަށްދޭ ޖޫސް ޕެކެޓް ތައް ފަދަ ބުއިންތަކުގައި އާންމު ގޮތެއްގައި ސުކޫލް އުމުރުފުރާގެ ކުއްޖަކަށް ހަށިގަނޑަށް ދުވާލަކަށް ލިބެންޖެހޭ ވަރަށް ވުރެ ގިނައިން ހަކުރު ހުރެއެވެ.

(ށ) ކަސްރަތު ނުކުރެވުން : އެކަށޭނަ ވަރަށް ހެލިފެލިވެއުޅުން މަދުވުމާއި ކަސްރަތު ނުކުރެވުމަކީ ވެސް ކުޑަކުދިންނާއި، ފުރާވަރު ކުދިން ފަލަވުމަށް މަގުފަހިވާ ކަމެކެވެ. ސަބަބަކީ ހަށިގަނޑުން ސަރުބީ އެންދުމަށް އެއްވެސް ކަހަލަ ކަސްރަތެއް މިއުމުރުފުރާ ގެ ކުދިން ނުކުރުމެވެ. މިސާލަކަށް ޓީވީ ބެލުން، ފޯނާއި ކުޅުން ފަދަ ގޮތްގޮތުން ސްކްރީން މީޑިޔާ ބޭނުންކުރުމަށް ގިނަ ވަގުތު ހޭދަކުރުމަކީ ހެލިފެލިވެއުޅުން މަދުވެ، ފަލަވުމަށް މަގުފަހިކުރާ ކަމެކެވެ. އަހަރެމެންގެ ތެރޭގައި ވަރަށް ގިނަ ކުދިން ސުކޫލުން ގެޔަށް ދާ ގޮތަށް އެއްވެސް ކަސްރަތެއް ކޮށްނުލައި، ގޭގައި އަބަދު އޮށޯވެ ނޫނީ އިށީދެގެން ތިބޭކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް ބުނާނަމަ ކާން ނޫނީ ކިޔަވާން ވެސް ގިނަކުދިން ތިބެނީ އިށީދެ ނޫނީ އޮށޯވެގެންނެވެ.

(ނ) އާއިލާގެ ތެރެއިން ފަލަވުން ވާޞިލްވަމުން އައުން : އާއިލާގެ މެންބަރުންނަކީ ކުރިން ވެސް ފަލަކޮށް ތިބޭ ބައެއް ނަމަ، އެކުއްޖަކު ފަލަވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ފަހަރު މިގޮތަށް ދިމާވަނީ ފަލަވުމަށް މެދުވެރިވާ ޖީން އެއް މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަވެފައި ހުންނާތި ކަމަށް ވެދާނެ އެވެ. އަދި މިފަދަ އާއިލާތަކުގެ މެންބަރުން ކަސްރަތު ނުކުރުމާއެކު، ކެއުން ބުއިމުގައި ހަކަތަ ގިނަ ކާބޯތަކެތި ބޭނުންކުރާނަމަ ފަލަވެގެން ދިއުމުގެ ހިރާސް އިތުރުވެގެން ދެއެވެ.

(ރ) ނަފްސާނީ މައްސަލަތައް : ކުއްޖާގެ ކިބައިގައި، މައިންބަފައިންގެ ކިބައިގައި ނޫނީ އާއިލާގެ ތެރޭގައި ނުތަނަވަސްވުމާއި، ފިކުރުބޮޑުވުން ފަދަ ކަންތައްތައް އިތުރުނަމަ، އެކަމުގެ ސަބަބުން ފުރާވަރުގެ ކުދިން އާދަޔާ ޚިލާފަށް ފަލަވުމަށް މަގުފަހިކުރުވައެވެ. އާންމު ދިރިއުޅުމުގައި ދިމާވާ ފޫހިކަމާ، މާޔޫސްކަމާ، މޮޅިވެރިކަން އަދި ފިކުރުތަކުން ސަލާމަތްވުމަށް ބައެއް ކުދިންނާއި، މީހުން މާގިނައިން ކާ ކަން ފާހަގަ ކުރެވެއެވެ. އޭގެ ނަތީޖާ އަކީ އާދަޔާ ޚިލާފަށް ފަލަވެގެން ދިއުމެވެ.

(ބ) ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : ބައެއް ކަހަލަ ބޭސްތައް މިސާލަކަށް ސްޓީރޮއިޑް އެމިޓްރިޕްޓަލިން ޕެރޮކްސީޓިން އަދި ނާރުގެ ބޭހެއް ކަމުގައިވާ ގާބާޕެންޓިން އަދި ލޭމައްޗަށްދާތީ ބޭނުންކުރާ ބޭހެއް ކަމުގައި ޕްރޮޕްރަނޮލޯލް ބޭނުންކުރުމަކީ ފަލަވުމަށް މަގުފަހިކުރާ ކަމެކެވެ.

ވިރާސީގޮތުން މަގުފަހިކުރާ ކަންތައްތައް

·         އާއިލާގެ ތެރޭގައި ފަލަކަން ވާރުތަވަމުން އައުން – މިސާލު އާއިލާގެ ގިނަ މެންބަރުންނަކީ ފަލަމީހުންކަމުގައިވުން

·         މާބަނޑު ވުމުގެ ކުރިން މައިމީހާ އާދަޔާ ޚިލާފަށް ފަލަވުން

·         މާބަނޑު ދުވަސްވަރު މަންމައަށް ހަކުރުބަލި ތަހައްމަލުކުރަންޖެހިފައިވުން

·         މާބަނޑު ދުވަސްވަރު މައިމީހާ އާންމުކޮށް ބަރުވާންޖެހޭ ވަރަށް ވުރެ އިތުރަށް ބަރުވުން

އާއިލާގެ ތެރެއިން ދިމާވެދާނެ ކަންތައްތައް

·         ކެއުމަށް ބޭނުންކުރެވޭ ކާބޯތަކެތީގެ ބާވަތްތައް – ހަކުރު ގިނަ، ތެޔޮ ގިނަ ކާނާ ކެއުން

·         ހަކުރުއެޅި ބުއިންތައް ބޭނުންކުރުން

·         ކާ ކޮންމެ ފަހަރަކު އާދަޔާ ޚިލާފަށް ގިނައިން ނޫނީ މާގިނައިން ކެއުން

·         ސްނެކް ގެ ގޮތުގައި ވެސް ޕްރޮސެސް ފުޑް އާންމުކޮށް ބޭނުންކުރުން ނޫނީ ޖަންކް ފުޑް ބޭނުންކުރުން

·         އަބަދު ބޭރުން ކެއުން

·         ސްކްރީން ޓައިމް އިތުރުވުން

·         ހަރަކާތްތެރިކަން މަދުވުން

·         ނިދި މަދުވުން

·         ދުންފަތުގެ ދުމަށް ހުށަހެޅުން

އިޖުތިމާއީ ގޮތުން މަގުފަހިކުރާ ކަންތައްތައް

·         ރަނގަޅު ކާބޯތަކެތީގެ އަގުބޮޑުވުން

·         ޕްރޮސެސް ޖަންކު ފުޑް ފަސޭޙައިން ލިބެންހުރުން

·         ރަނގަޅު ކާބޯތަކެތި ލިބެން ނެތުން

·         ކުޅިވަރުކުޅެ ކަސްރަތުކޮށް ހަދާނެ ތަން ނެތުން

ބައެއް ކަހަލަ ބަލިތައް

·         ހޯރމޯން އަންނަ ބަދަލުތަކުގެ ސަބަބުން ފަލަވުމަށް މަގުފަހިވާ ހާލަތްތައް

o       ތައިރޮއިޑް ދަށްވުން

o       ކުޝިންގ ސިންޑްރޯމް : އެޑްރީނަލް ކޯޓެކްސްގެ މަސައްކަތް ހަލުވި، ކޯޓިޒޯލް ދޫކުރުން އިތުރުވުމުން ދިމާވާ ބައްޔެއް!

o       ހައިޕޯތަލަމަސް ގައި ޓިއުމަރެއް އުފެދުން –

o       ގްރޯތު ހޯރމޯން ޑެފިސިއެންޝީ ކުރިމަތިވުން

·         ވިރާސީގޮތުން ކުރިމަތިވާ ބައެއް ހާލަތްތަކުގެ ސަބަބުން ފަލަވުމަށް މަގުފަހިވާ ހާލަތްތައް

o       ޕްރޭޑަރ ވިލީ ސިންޑްރޯމް

o       ބްރެޑެޓް ބީޑްލް ސިންޑްރޯލް

o       އަލްސްޓްރޯމް ސިންޑްރޯމް

o       އުފެދުމުގައި ލެޕްޓިން (ބަރުދަން ކޮންޓްރޯލްކުރުމަށް އެހީވެދޭ ހޯރމޯން އެއް) މަދުވުން

އަލާމާތްތައް

ފެންނަ ފެނުމަށް ބަރުކޮށް ހުންނަ ކޮންމެ ކުއްޖަކީ އަދި ފަލަކުއްޖެކޭ ނުބުނެވޭނެ އެވެ. ނޫނީ އާދަޔާ ޚިލާފަށް ބަރުދަން އިތުރު ކުއްޖެހޭ ނުބުނެވޭނެ އެވެ. ބައެއް ކުދިން އާންމުކޮށް އުމުރުގެ އެހެން ކުދިންނާއި އަޅާ ބަލާއިރު ތަންކޮޅެއް ބިޔަކަމަށް ނޫނީ ބަރުކަމަށް ފެންނަ ފެނުމަށް ހީވެދާނެ އެވެ. އަދި ހެދިބޮޑުވުމުގެ އެކި މަރުހަލާތަކާ ދުވަސްވަރަކަށް ރިއާޔަތްކޮށް އެކި ކުދިންގެ ގައިގައި ސަރުބީ ހުންނަ މިންވަރު ތަފާތު ވެދާނެ އެވެ. އެހެންކަމުން ކުއްޖާ ބޭރު ފުށުން ފެންނަ ފެނުމަށް ބަލާފައި އަދި އެއީ އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލި ފަލަކުއްޖެކޭ ބުނަން އުދަނގޫވެދާނެ އެވެ.

މީހެއްގެ ނޫނީ ކުއްޖެއްގެ ބަރުދަން ހުންނަށްޖެހޭ ވަރަށްވުރެ ބަރުކަމަށް ބަލަނީ އެކުއްޖާގެ ބަރުދަނާއި އިސްކޮޅު އަޅާ ކިޔާ ބަލާ މިންގަނޑަކުންނެވެ. މިމިންގަނޑަށް ކިޔަނީ "ބޮޑީ މާސް އިންޑެކްސް" ނުވަތަ "ބީއެމްއައި" އެވެ. އާންމު ގޮތެއްގައި ބޮޑެތި މީހުންގެ ކަލްކިޔުލޭޝަން ހަދައިގެން ބީއެމްއައި ހޯދިޔަސް ކުޑަކުދިންނާއި ފުރާވަރު ކުދިންގެ ބީއެމްއައި ބަލަނީ އެކަމަށް ޚާއްޞަކޮށް ތައްޔާރު ކުރެވިފައިވާ ޗާޓަކުންނެވެ. އާންމު ގޮތެއްގައި ބީއެމް އައި ހުންނަންޖެހޭ އެންމެ އެދެވޭ މިންގަނޑަކީ 24.9 -18.5 އާއި ދެމެދެވެ. 18.5 އަށްވުރެ ދަށްނަމަ އެއީ މާ ބަރުދަން ލުއިކަމަށް ބެލެވޭނެ އެވެ. 30-25 އާއި ދެމެދު ހުރެއްޖެނަމަ އެއީ ތަންކޮޅެއް ބަރު ކަމުގައި ބެލެވޭނެ އެވެ. އަދި 30 އަށްވުރެ ބީއެމްއައި މަތިނަމަ އެއީ އާދަޔަށް ޚިލާފަށް ބަރު ނޫނީ އޮބޭސިޓީ ކަމުގައި ބެލެވޭނެ އެވެ.

އާންމު ގޮތެއްގައި ކުޑަކުދިންނާއި ފުރާޥަރު ކުދިންގެ ބީއެމްއައި ބަލަނީ ޗާޓު ބޭނުންކޮށްގެންނެވެ. ޗާޓު ހުންނަނީ ބަރުދަން އަދި އިސްކޮޅު އެނގޭނެ ގޮތަށް ބައްޓަންކޮށްފައެވެ. އެގޮތުން ޗާޓުން ބީއެމްއައި 94 – 85 ޕަސެންޓައިލް ގައި ހުރިނަމަ އެއީ ހުންނަންޖެހޭ މިންވަރަށް ވުރެ ބަރު ކަމުގައި ބެލެވެއެވެ. އަދި 95 ޕަސެންޓައިލްއަށްވުރެ ބީއެމްއައި މަތިނަމަ އެއީ އާދަޔާ ޚިލާފަށް ފަލަވެ ބަރުހެލިވުން ނުވަތަ އޮބެސިޓީ ކަމުގައި ބެލެވެއެވެ. 99 ޕަސެންޓައިލް އަށްވުރެ ބީއެމްއައި މަތިނަމަ އޭގެ މާނައަކީ ސިވިއަރ އޮބޭސިޓީ އެވެ.

ދިމާވެދާނެ ނުރައްކާތައް

ޖިސްމާނީ ނުރައްކާތައް

·         ހަކުރުބަލިޖެހުން

·         ލޭމައްޗަށްދިއުން

·         ލޭގެ ސަރުބީ މަތިވުން

·         ހުޅުތަކުގެ މައްސަލަތައް : ހުޅުތަކުގައި ރިހުން

·         ނޭވާލުމުގެ މައްސަލަތައް : ނޭވާކުރުވުން ، ނިދީގައި ނޭވާހުއްޓުން

·         ފުރަމޭގައި ސަރުބީ ޖެހުން

·         އޯވަރީގައި ސިސްޓް އުފެދުން

·         ޑިޕްރެޝަން

އިޖުތިމާޢީ ގޮތުން ދިމާވާ މައްސަލަތައް

·         ހަނގާކުރުން އަދި ގަނާކުރުން

·         މަލާމާތްކުރުން / ފުރައްސާރަކުރުން

·         އަމިއްލަ ނަފުސަށް އިތުބާރު ކުޑަވުން

·         ހާސްވެ ކަންބޮޑުވުން

·         މާޔޫސްވެ މޮޅިވެރިވެ، ދެރަވުން

ދެނެގަތުން

ކުޑަކުދިންނާއި ފުރާވަރުކުދިން އާދަޔާ ޚިލާފަށް ފަލަކަމަށް ގަބޫލުކުރެވޭނަމަ އެކަން ޔަގީންކުރުމަށް ނޫނީ އިސްކޮޅާއި އުމުރާއި އަޅާ ބަލާއިރު ބަރުދަން އިތުރުތޯ ބެލުމަށް ޑޮކްޓަރަށް ދެއްކިދާނެއެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމުން ގިނަ ފަހަރު ބޮޑީ މާސް އިންޑެކްސް ނުވަތަ ބީއެމްއައި ބަލައި ޗެކުކުރާނެއެވެ. އާންމު ގޮތެއްގައި ކުޑަކުދިންނާއި ފުރާވަރު ކުދިންގެ ބީއެމްއައި ބަލަނީ ޗާޓު ބޭނުންކޮށްގެންނެވެ. ޗާޓު ހުންނަނީ ބަރުދަން އަދި އިސްކޮޅު އެނގޭނެ ގޮތަށް ބައްޓަންކޮށްފައެވެ. އެގޮތުން ގްރޯތު ޗާޓުން ބީއެމްއައި 94 – 85 ޕަސެންޓައިލް ގައި ހުރިނަމަ އެއީ ހުންނަންޖެހޭ މިންވަރަށް ވުރެ ބަރު ކަމުގައި ބެލެވެއެވެ. އަދި 95 ޕަސެންޓައިލްއަށްވުރެ ބީއެމްއައި މަތިނަމަ އެއީ އާދަޔާ ޚިލާފަށް ފަލަވެ ބަރުހެލިވުން ނުވަތަ އޮބެސިޓީ ކަމުގައި ބެލެވެއެވެ. 99 ޕަސެންޓައިލް އަށްވުރެ ބީއެމްއައި މަތިނަމަ އޭގެ މާނައަކީ ސިވިއަރ އޮބޭސިޓީ އެވެ. އަދި 80 ޕަސެންޓައިލްގައި ހުރިނަމަ އޭގެ މާނައަކީ އެކުއްޖެއްގެ ބީއެމްއައި ހުންނާނީ ހުންނަށްޖެހޭ ވަރަށް ވުރެ ދަށުގައެވެ. ނޫނީ އެކުއްޖެއްގެ ބަރުދަން ހުންނަންޖެހޭ މިންވަރަށް ވުރެ ދަށްވުމެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ތައްޔާރުކޮށް އަމަލުކުރާ މިންގަނޑުތައް ތިރީގައި މިވަނީ އެވެ.

ޕަސެންޓައިލް

ދޭހަވާ މާނަ ނޫނީ ހާލަތު

ބީއެމްއައި 94 – 85 ޕަސެންޓައިލް ގައި ހުރުން

ބަރުދަން ހުންނަންޖޭ މިންވަރަށް ވުރެ އިތުރު

95 ޕަސެންޓައިލްއަށްވުރެ ބީއެމްއައި މަތީގައި ހުރުން

އާދަޔާ ޚިލާފަށް ބަރުދަން އިތުރުވެ، ފަލަވެ ބުރަހެލިވުން

99 ޕަސެންޓައިލް އަށްވުރެ ބީއެމްއައި މަތީގައި ހުރުން

ނުރައްކާތެރި ދަރަޖައަކަށް ބަރުދަން އިތުރުވެ، ފަލަވެ ބުރަހެލިވުން

 

ގްރޯތު ޗާޓުން ބީއެމްއައި ބެލުމުގެ އިތުރުން އަންނަނިވި ކަންތައްތަކަށް ޑޮކްޓަރުން ސަމާލުކަންދީ ބަލައި ޗެކުކުރާނެއެވެ.

·         އާއިލާގެ ތެރޭގައި ބަރުދަން އިތުރުވުން އަދި އެއާއި ގުޅުންހުރި މިސާލަކަށް ހަކުރުބަލި ފަދަ މައްސަލަތައް ހުރިތޯބެލުން

·         ދަރިފުޅުގެ ކެއުމުގެ އާދަ ގެންގުޅޭގޮތް

·         ދަރިފުޅުގެ ހަރަކާތްތެރިކަން ހުރިގޮތް

·         ދަރިފުޅުގެ ހުރި އެހެނިހެން ޞިއްޙީ މައްސަލަތައް

·         ނަފްސާނީ ދުޅަހެޔޮކަން ހުރިނެތްގޮތް

މީގެ އިތުރުން އަންނަނިވި ލޭގެ ޓެސްޓުތައް ހެދުމަށް ލަފާދީފާނެ އެވެ.

·         ލޭގައި ހަކުރުގެ މިންވަރު ހުރިނެތްގޮތް ބެލުން

·         ލޭގައި ސަރުބީގެ މިންވަރު ހުރިގޮތް ބެލުން

·         ބަރުދަން އިތުރުވެ ފަލަވުމާއި ގުޅިގެން ބަދަލު އަންނަ ހޯރމޯންގެ މިންވަރު ހުރިނެތްގޮތް ބެލުން

ފަރުވާ

ފަރުވާ ބަރޯސާވަނީ ކުއްޖާގެ އުމުރާއި ކުއްޖާގެ ކިބައިގައި ހުރި އެހެނިހެން ޞިއްޙީ މައްސަލަތަކަށެވެ. ފަރުވާގެ ތެރޭގައި ކުއްޖާގެ ކެއުމުގެ އާދަކާދަ އަށް ބަދަލުގެނައުން އަދި ހަރަކާތްތެރިކަމަށް ބަދަލު ގެނައުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ހާލަތްތަކުގައި ބޭސް ބޭނުންކުރަން ލަފާދީފާނެއެވެ. ނޫނީ ބަރުދަން ލުއިކުރުމަށް ހެދޭ ސާޖަރީ ހެދުމަށް ވެސް ލަފާދީފާނެ އެވެ.

ބޮޑީމާސް އިންޑެކްސް 94-85 ޕަސެންޓައިލް އާއި ދޭތެރޭގައި ހުންނަ ކުދިންނަށް ފަރުވާކުރުން

ބޮޑީމާސް އިންޑެކްސް 94-85 ޕަސެންޓައިލް އާއި ދޭތެރޭގައި ހުންނަ ކުދިންނަށް ނުވަތަ ހުންނަށްޖެހޭ ވަރަށްވުރެ ބަރުދަން ތަންކޮޅެއް އިތުރު ކުދިންނަށް (2 އަހަރުން މަތިނަމަ) ފަރުވާކުރުމުގައި ބާރުއަޅަނީ ބަރުދަން އިތުރުވިޔަ ނުދިނުމަށްޓަކައި ނޫނީ ބަރުދަން އިތުރުވުން ލަސްކުރުމަށްޓަކައި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމަށެވެ. މިގޮތަށް ހެދުމުން އިސްކޮޅުން ދެމުނަސް، ކުއްޖާގެ ބަރުދަން އިތުރުނުވެ، މަޑުމަޑުން ކުއްޖާގެ ބަރުދަން ނުވަތަ ބީއެމްއައި ހުންނަށްޖެހޭ މިންގަނޑަށް ދަށްވުމުގެ ފުރުޞަތު ބޮޑުވެ، ފަހިވެގެން ދެއެވެ.

ބޮޑީމާސް އިންޑެކްސް 95 ޕަސެންޓައިލް ނުވަތަ އެއަށްވުރެ މަތީގައި ހުންނަ ކުދިންނަށް ފަރުވާކުރުން

އުމުރުން 11-6 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ބޮޑީމާސް އިންޑެކްސް 95 ޕަސެންޓައިލް ނުވަތަ އެއަށްވުރެ މަތީގައި ހުންނަ ކުދިންނަށް ނުވަތަ އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލި، ފަލަކުދިންނަށް ފަރުވާކުރުމުގައި ބާރުއަޅަނީ ކެއުމަށް ބަދަލު ގެނެސްގެން މަޑުމަޑުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށެވެ. އެގޮތުން މަހަކު ބަރުދަނުން ލުއިކުރަން ޖެހޭނީ 2/1 ކިލޯ ގްރާމެވެ. އާދަޔާ ޚިލާފަށް ފަލަ، ބަރުހެލި ކުދިން ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގައި ބާރުއަޅަނީ ކެއުމަށް ބަދަލު ގެނެސް ހަފްތާއަކު ގިނަވެގެން 1 ކިލޯގްރާމް ބަރުދަނުން ލުއިކުރުމަށެވެ.

އާންމު ގޮތެއްގައި ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ހިފެހެއްޓުމަށް ބޭނުންކުރެވެނީ އެއް އުކުޅުތަކެކެވެ. އެގޮތުން މިންހެޔޮ ކާނާ ބޭނުންކުރުން (އެގޮތުން ކާ މިންވަރު، ކާބޯތަކެތީގެ ވައްތަރު)، އަދި ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުން ހިމެނެއެވެ. ގިނަ ފަހަރު ބަރުދަން ލުއިކުރުން ކާމިޔާބުވެގެންދަނީ ކުއްޖާގެ ބަރުދަން ލުއިކުރުމަށް މައިންބަފައިންދޭ ޝައުގުވެރިކަމާ، ބަހައްޓާ ފަރުވާތެރިކަމާ، ކުއްޖާވެސް އަމަލީގޮތުން ކުރާ މަސައްކަތުގެ މައްޗަށެވެ.

މިންހެޔޮކޮށް ކެއުން

·         ތަރުކާރީ އާއި މޭވާގެ ބާޥަތްތައް ބޭނުންކުރުމަށް އިސްކަންދިނުން – 5 އަތްގޮށީގެ މިންވަރު ކޮންމެ ދުވަހަކު

·         ހަކުރު އެޅި ބުއިންތައް ދިނުން މަދުކުރުން

·         ޖަންކު ފުޑް /ފާސްޓް ފުޑް ބޭނުންނުކުރުން

·         އެންމެން އެކުގައި ކެއުން – ސްކްރީން މީޑިޔާ ބޭނުންކުރާއިރު ނުކެއުން – ގިނައިން ކެވުން، އަވަހަށް ކެވުން

·         އެތިކޮޅުކޮޅުން ކަމުން ގެންދިއުން

ޖިސްމާނީ ހަރަކާތްތެރިކަން

·         ސްކްރީން މީޑިޔާ ބޭނުންކުރުން މަދުކުރުން

·         ކޮންމެ ދުވަހަކު މަދުވެގެން  1 ގަޑިއިރު ކަސްރަތުކުރުން

·         ހެލިފެލިވެއުޅުމާއި ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުން

ބޭސް ބޭނުންކުރުން

ބޮޑެތި ކުދިންނާއި، ފުރާވަރުކުދިންނަށް ބައެއް ފަހަރު ބަރުދަން ލުއިކުރުމަށް ބޭސް ބޭނުންކުރަން ލަފާދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ރައްކާތެރިވުން

·         މައިންބަފައިން ދަރިންނަށް ނަމޫނާ ބަޔަކަށްވުން : އެގޮތުން ކަސްރަތުކުރުން، މިންހެޔޮ ކެއުން އާދައަކަށް ހެދުން

·         ގޭގައި މިންހެޔޮކޮށް ކެވޭނެ ގޮތް ފަހިކޮށްފައި ބެހެއްޓުން އަދި މައިގަނޑު ކެއުމުގެ އިތުރުން މިންހެޔޮ ކެއުމުގެ ގޮތުގައި ބޭނުންކުރެވިދާނެ ޚިޔާރުތައް ފަހިކޮށްފައި ބެހެއްޓުން މިސާލު : ލޯފެޓް ޔޯގަޓް + މޭވާގެ ބާވަތްތައް + މޭވާ ތަރުކާރީގެ ބާވަތްތައް + ލޯފެޓް މިލްކް އަދި ސީރިޔަލް

·         އަލަށް އެއްޗެއް ކާންދޭން މަސައްކަތްކުރާއިރު ތަކުރާރުކޮށް އެތައް ފަހަރަކު އެލިބޭނެގޮތް ހަމަޖެއްސުން ނޫނީ ދިނުން : ސަބަބަކީ އެއް ފަހަރު ދެފަހަރު ދީގެން ކުދިން އަދި އެއެއްޗަކާ ގަޔާނުވެދާނެ އެވެ. އާންމު ގޮތެއްގައި ކުދިން އަލަށް ދޭ އެއްޗަކާ ގަޔާވުމަށް ގިނަ ދުވަސް ނެގުމަކީ ވެދާނެ ގޮތެކެވެ.

·         ދަރިންނަށް އިނާމެއް ދޭއިރު ކާއެއްޗެއް ނޫން އެހެން އެއްޗެއް ދިނުން : މިސާލަކަށް ބައެއް ފަހަރު ކުއްޖަކު ވަކި ކަމެއް ކުރުމުން މެޓާ، ޗޮކްލެޓް ނޫނީ ކޮންމެވެސް ޞިއްހަތާ އެހާ ރައްޓަހި ނޫން ކާބޯތަކެތި އިނާމެއްގެ ގޮތުގައި ދެވޭ ފަހަރު އާދެއެވެ. މިގޮތަށް ދޭ ކާބޯތަކެއްޗަކީ ޞިއްހީ ގޮތުން ރަނގަޅު ނޫން ތަކެއްޗަށް ވެފައި އެތަކެތި އާންމުކޮށް ބޭނުންކުރުމުން ކުއްޖާ ފަލަވެ ނޭދެވޭ އާދަ އެކުއްޖެއްގެ ކިބައިގައި އަށަގަތުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.

·         ނިދި ފުރިހަމަކުރުމަށް ބާރުއެޅުން : ބައެއް ދިރާސާތަކުން ދައްކާގޮތުގައި ނިދިމަދުވުމަކީ ފަލަވުމަށް ބާރުއަޅާ ކަމެކެވެ. ނިދިމަދުވުމުން ހޯރމޯން އަންނަ ބަދަލުތަކުގެ ސަބަބުން ކާހިތްވުން އިތުރުވާކަން ހޯދިފައި ވެއެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު:

·         https://www.mayoclinic.org/diseases-conditions/childhood-obesity/symptoms-causes/syc-20354827

·         https://www.cdc.gov/obesity/php/data-research/childhood-obesity-facts.html