Friday, December 27, 2024

ކްރޫޕް

 

ކްރޫޕް

ކްރޫޕް (croup) އަކީ ތުއްތު ކުދިންނާއި، ކުޑަކުދިންގެ ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަނެކެވެ. ނޫނީ ގައިންގަޔަށް އަރާ ބައްޔެކެވެ. ކްރޫޕް އަށް ބައެއް ފަހަރު "ލެރިންގޯޓްރެކިއޯބްރޮންކައިޓިސް"(laryngotracheobronchitis)  މިހެން ވެސް ކިޔައެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023). މީގެ މާނައަކީ ލެރިންކްސް (އަޑުފޮށި)، ޓްރެކިއާ (ވައިނޮޅި) އަދި ބްރޮންކަސް (ވައިނޮޅީގެކަފި) ދުޅަވުމެވެ. މާނައަކީ އަޑުފޮއްޓާއި، ވައިނޮޅި އަދި ވައިނޮޅީގެ ކަފި ދުޅަވުމެވެ. މިއީ ބަލީގެ ސަބަބުން ވައިހިނގާމަގު ގެ މަތީބައި ހިމަކޮށް ހަނިކޮށްލާ، އެކަމުގެ ސަބަބުން ނޭވާކުރުވެ، ނޫނީ ނޭވާލާން ދަތިވެއެވެ. ކްރޫޕް އިންފެކްޝަން ޖެހުމުން ވަރަށް ގަދަޔަށް ނޫނީ ވަރަށް ބާރަށް ކެއްސާނެއެވެ. މިކެއްސުމުގެ އަޑު ބާރުވެފައި ވަރުގަދަކަމުން އެއަޑު ވައްތަރުވާނީ ކުއްތާ، ސީލް ފަދަ ޖަނަވާރުތަކުގެ ގޮވުމާ އެވެ (މެޔޯކްލިނިކް، 2022).   

ކްރޫޕް ގައި ކުރިމަތިވާ ކެއްސުމާއި، އެހެނިހެން އަލާމާތްތައް ކުރިމަތިވަނީ އަޑުފޮށި، ވައިނޮޅި އަދި ވައިނޮޅީގެ ކަތްޕާއި، ވަށައިގެންވާ ހިސާބު ދުޅަވެ(swelling)، އެހިސާބުތައް ހިލިގަތުމުން(irritation) ނެވެ. ބާރުއަޑާޢެކު އުފެދޭ ކެއްސުމުގެ ބާރުގައި ވައި ހިމަވެ ހަނިވެފައިވާ މަގުން ދައުރުކުރާއިރު، ދުޅަވެފައިވާ އަޑުފޮށިން "ސީލް ގޮވު"(seal barking)މާއި ވައްތަރު އަޑެއް އުފައްދައެވެ. މިހާލަތުގައި ނޭވާލާއިރު ތޫލިއަޑެއް މިސާލަކަށް "ކަށިގަނޑު ފުމޭކަހަލަ އަޑެއް"(whistling sound) އުފެދިގެންދާނެއެވެ. ނޫނީ އުފައްދާނެ އެވެ. މިއަޑަށް ކިޔަނީ "ސްޓްރައިޑަރ"(stridor) އެވެ (މެޔޯކްލިނިކް، 2022).


ކްރޫޕް ކުރިމަތިވުމުން އަޑުފޮށި އަދި ވައިނޮޅި ދުޅަކޮށްލައެވެ. މިދުޅައިގެ ސަބަބުން ވައިހިނގާމަގު، އަޑުފޮށީގެ ތިރިން ހިމަކޮށްލައެވެ. އޭގެ ސަބަބުން ނޭވާލާން ދަތިވެ، ނޭވާލާއިރު ކަށިގަނޑު ފުމޭ ކަހަލަ ތޫލިއަޑެއް ހުރެއެވެ. ނޫނީ ނިކުމެއެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

ކްރޫޕް އިންފެކްޝަން އާންމުކޮށް ޖެހެނީ ކުޑަކުދިންނަށެވެ. ނޫނީ ތުއްތު ކުދިންނަށެވެ. މިއީ އެހާ ސީރިއަސް އިންފެކްޝަން އެއް ނޫނެވެ. ގިނަ ކުދިންނަށް ގޭގައި ފަރުވާދީގެން ރަނގަޅު ކުރެވެއެވެ. ނޫނީ ރަނގަޅުވެއެވެ (މެޔޯކްލިނިކް، 2022). 

ސަބަބު

ކްރޫޕް އާންމު ގޮތެއްގައި ޖެހެނީ ވައިރަސް އެއްގެ ސަބަބުންނެވެ. އެންމެ އާންމުކޮށް ކްރޫޕް ޖެހެނީ "ޕެރައިންފުލުއެންޒާ ވައިރަސް"(parainfluenza virus) ގެ ސަބަބުންނެވެ. ކުރޫޕް އެންމެ އާންމުކޮށް ޖެހެނީ ވައިރަސް އިން ޖެހޭ އިންފެކްޝަން އެއްގެ ސަބަބުންނެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023). އެގޮތުން ކްރޫޕް ކުރިމަތިކުރުވާ އެހެން ވައިރަސްތަކުގެ ތެރޭގައި އިންފުލުއެންޒާ ވައިރަސް، ރެސްޕިރޭޓަރީ ސިންޝަލް ވައިރަސް، ހިމަބިހީގެ ވައިރަސް، އަދި އެޑީނޯ ވައިރަސް ފަދަ ވައިރަސްތައް ހިމެނެއެވެ.  

ކްރޫޕް ޖެހެނީ ކިހެނެއް؟

އާންމު ގޮތެއްގައި ނޭވާލާ ނިޒާމަށް ވައިރަސްތަކުގެ ސަބަބުން ޖެހޭ ރޯގާތައް ފެތުރެނީ ބަލިޖެހިފައިވާ މީހާ ކެއްސާ، ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ކުޅާއި އަރިދަފުސް ފަދަ ތަކެތި ވައިގެ ޒަރީޢާއިން ސަލާމަތުން ހުންނަ މީހާގެ ނޭވާލާ ނިޒާމަށް ވާޞިލްވުމުންނެވެ. މީގެ އިތުރުން މިފަދަ ވައިރަސް އާއި ތަޣައްޔަރުވެފައި ހުންނަ އެއްޗެއް ތަނެއް (މިސާލަކަށް ކުޅޭ އެއްޗެހި، މޭޒު، އަތްގަނޑު، ދޮރުގެ ގޮބު ފަދަ ތަކެތި) ގައި އަތްލުމަށްފަހު، އެއަތް ނުދޮވެ، ސަލާމަތުން ހުންނަ މީހާގެ އަނގަޔަށް، ނޭފަތަށް ނޫނީ ލޮލަށް ލައިފިނަމަ ވެސް ރޯގާ ޖެހިދާނެއެވެ (މެޔޯކްލިނިކް، 2022).

ކްރޫޕް ޖައްސާ ވައިރަސް ތަކަކީ އާންމުކޮށް ވައިގެ ޒަރީޢާއިން ނޫނީ ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ ވައިރަސް ތަކެކެވެ. އެގޮތުން ކްރޫޕް ކުރިމަތިކުރުވައިފާނެ ވައިރަލް ނޫނީ ބެކްޓީރިޔަލް އިންފެކްޝަން އެއް ހުންނަ މީހަކު ކެއްސާ ކިނބިހިއަޅާ ހެދުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު ވައިގެ ތެރެއަށް ގޮސް، ވައިގެ ޒަރީއާޢިން ނޫނީ ނޭވާލާ ނިޒާމުގެ ތެރެއިން ސަލާމަތުން ހުންނަ ކުއްޖެއްގެ ހަށިގަނޑަށް އެތެރެވެއްޖެނަމަ، އެކުއްޖަކަށް ކުރޫޕް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. މީގެ އިތުރުން ކުރޫޕް ކުރިމަތިކުރުވާ ވައިރަސް އަކާއި ތަޣައްޔަރުވެފައިވާ ތަނެއްގައި ނޫނީ އެއްޗެއްގައި އަތްލުމަށްފަހު އެއަތްނުދޮވެ، އަނގަޔަށް ނޭފަތަށް ނޫނީ ލޮލަށް ލައިފިނަމަވެސް ކުރޫޕް ޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).

ކްރޫޕް އެކަކު ގައިން އަނެކާގެ ގަޔަށް އަރަނީ ނޫނީ ފަތުރަނީ ބަލީގެ އަލާމާތްތައް ފުރަތަމަ ފެންނަށް ފަށާތާ 3 ދުވަސް ތެރޭގައެވެ. ނޫނީ ބައްޔާއި ގުޅިގެން އަންނަ ހުން ފިލައި ދަންދެނެވެ. ބައްޔާއި ގުޅިގެން އަންނަ ހުން ވިހެލުމަށްފަހު ހުން ނެތި 24 ގަޑިއިރު ވަންދެން ނުވަތަ ހުން ބޭސް ބޭނުންނުކުރާތާ 1 ދުވަސް ވަންދެން ސުކޫލަށް ނުފޮނުވައި ގޭގައި ބަހައްޓަންޖެހޭނެ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).

މަގުފަހިކުރާ ކަންތައްތައް

ކުރޫޕް ޖެހުން ނޫނީ ކުރިމަތިވުމުގެ ހިރާސް އެންމެ ބޮޑީ އުމުރުން 6 މަހާއި 3 އަހަރާއި ދެމެދުގެ ތުއްތު ކުދިންނަށެވެ. މިހެން ދިމާވަނީ އުފެދުމުގައި މި އުމުރުގެ ކުދިންގެ ވައިހިނގާމަގު އަދި ކުޑަވާނެތީ އެވެ. މިއުމުރުގެ ކުދިންގެ ފުށުން ކްރޫޕް އާއި ގުޅިގެން ފެންނަ އަލާމާތްތައް ފާހަގަވާލެއް ބޮޑުވާނެއެވެ. އުމުރުން 6 އަހަރުން މަތީގެ ކުދިންގެ ފުށުން ކްރޫޕް ފާހަގަވުމަކީ ވަރަށް ނާދިރު ކަމެކެވެ (މެޔޯކްލިނިކް، 2022). ސަބަބަކީ ކުޑަކުދިން ބޮޑުވާވަރަކަށް އެކުދިންގެ ވައިނޮޅިއާއި ވައިހިނގާމަގު ވެސް ބޮޑުވެ، ވައިހިނގާމަގުގައި ދުޅަ އުފެދުމުގެ ފުރުޞަތު ކުޑަކުރާތީ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).    

އަލާމާތްތައް

ކްރޫޕް ފެށިގެން އަންނަނީ އާދައިގެ ރޯގާއެއްގެ ގޮތުގައެވެ (މެޔޯކްލިނިކް، 2022). ގިނަ ފަހަރު ދެމިހުންނަނީ ހަފްތާއަކަށްވުރެ މަދު މުއްދަތަކަށެވެ. ނަމަވެސް އަލާމާތްތައް އިތުރަށް ގޯސްވެގެން ހިނގައިދާނެއެވެ. އުދަނގޫތައް ނޫނީ އަލާމާތްތައް ފެންނަށް ފަށަނީ ވަރަށް ލަސްލަހުންނެވެ. އެގޮތުން ފުރަތަމަ ނޭފަތުން ފެންއައުން ކުރިމަތިވެދާނެ އެވެ. އެއަށްފަހު ޖެހިގެން އަންނަ 48-12 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އުދަނގޫތައް ގޯސްވެ، ބާރުއަޑާއެކު ކެއްސަން ފަށާނެ އެވެ. އާންމު ގޮތެއްގައި ބަލީގެ އުދަނގޫތައް ރޭގަނޑަށް ގޯސްވާގޮތް ވެއެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).ބަލިޖެހިފައިވާ ކުއްޖާގެ ވައިހިނގާމަގުގެ މަތީބައިގެ ހިސާބުތައް އެކަށޭނަ ވަރަށް ދުޅަވެ، ހިލިގަނެ، ކެއްސުން ކުރިމަތިވެފައިވާނަމަ، އެކުއްޖެއްގެ ފުށުން އަންނަނިވި އަލާމާތްތައް ފާހަގަވާނެ އެވެ (މެޔޯކްލިނިކް، 2022). އެގޮތުން އާދައިގެ ވަރަކަށް ކްރޫޕް ހުރިނަމަ ތިރީގައި މިވާ އަލާމާތްތައް ފެނިދާނެއެވެ.

·         ބާރުއަޑާއެކު ކެއްސުން : މިކެއްސުން ރުއިން، ހާސްވެ ނުތަނަވަސްވެ، ކަންބޮޑުވުން ފަދަ ކަންކަމާއި ގުޅިގެން އިތުރަށް ގޯސްވާގޮތް ވެއެވެ.

·         ހުންއައުން

·         އަޑުކުރަކިވުން

·         ގައިން ބިހިނެގުން

·         ލޯރަތްވުން

·         ގޮށްލުން

ކްރޫޕްގެ އަލާމާތްތައް އާންމު ގޮތެއްގައި ރޭގަނޑަށް ގޯސްވެއެވެ. އަދި އާންމު ގޮތެއްގައި މިއުދަނގޫތައް 5-3 ދުވަހުގެ މުއްދަތަކަށް ދެމިހުރެއެވެ (މެޔޯކްލިނިކް، 2022).

ނަމަވެސް މެދުމިންވަރަކުން ފެށިގެން ގޮސް ނުރައްކާތެރި މިންވަރަކަށް ކްރޫޕް ކުރިމަތިވެފައިވާނަމަ އަންނަނިވި އަލާމާތްތައް ފާހަގަވާނެ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).

·         ނޭވާލާން އުދަނގޫވުން ނޫނީ ނޭވާކުރުވުން

·         ނޭވާލާއިރު ކަށިގަނޑު ފުމޭއިރު އިވޭ ކަހަލަ ތޫލިއަޑެއް ހުރުން

·         އުދަނގުލެއްވާތީ އުޅުން / ނުތަނަވަސްވުން

·         ނޭވާލާއިރު މޭގެ ތަންތަންކޮޅު (ވަކި ހިސާބެއް މިސާލަކަށް ދެކަށިގަނޑު ދޭތެރެ، މޭމަތިން ކަރާއި ނޫނީ ލަގޮޑިވަޅާއި ކައިރިން ވީ ހިސާބު) މައްޗަށްޖެހި ތިރިއަށްދާގޮތަށް އަޑިކޮޅެއް ފާހަގަވުން

·         ހަންގަނޑު ނޫވުން (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).

ދިމާވެދާނެ ނުރައްކާތައް

ކުރޫޕްގެ ގިނަ ވޭދަނަ ތަކަކީ ވަރަށް އާދައިގެ ވޭދަނަ ތަކެވެ. މާނައަކީ ކްރޫޕް އާއި ގުޅިގެން ގިނަ ކުދިންނަށް މާބޮޑު ވަރެއް ނުވެއެވެ. ބައެއް ކުދިންނަށް ވައިހިނގާމަގު ދުޅަވެ މަގުހަނިވުމުން ނޭވާލާން އުދަނގޫވެއެވެ. ވަރަށް މަދު ފަހަރަކު ވައިރަސް އިންފެކްޝަންގެ އިތުރުން ބެކްޓީރިޔަލް އިންފެކްޝަން ވައިނޮޅީގައި އަދި ވައިހިނގާމަގުގައި އުފެދިދާނެއެވެ. މިހާލަތުގައި އަވަސް ފަރުވާ ހޯދަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ހަސްފަތާލަށް ދައްކާ ކުދިންގެ ތެރެއިން އެދުމަތި ކުރަންޖެހެނީ ވަރަށް މަދު ކުދިންނެވެ (މެޔޯކްލިނިކް، 2022). ކްރޫޕް ޖެހޭ ކުދިންގެ ތެރެއިން ހަސްފަތާލުގައި އެދުމަތި ކުރަން ޖެހެނީ އެންމެ %5 އަށްވުރެ މަދު ކުދިންނަށެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023). 

ކްރޫޕް ޖެހިގެން އަންނަނިވި ހާލަތްތައް ހުރިނަމަ ނޫނީ ކުރިމަތިވެއްޖަނަމަ ހަސްފަތާލުގައި އެދުމަތިކުރަންޖެހިދާނެ އެވެ.

·         އޮކްސިޖަންގެ ފަރުވާ ކުރިޔަށް ގެންދަންޖެހުން

·         މާބޮޑަށް ހަށިގަނޑުގެ ފެން މަދުވެ، އައިވީގެ ގޮތުގައި ފެންދޭންޖެހުން

·         އާވިއެރުވުން ކުރިޔަށް ގެންދަންޖެހުން

·         ބަލީގައި ވަރަށް ބޮޑުވަރުވުން (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

ދެނެގަތުން

އާންމުކޮށް ކްރޫޕް ހުރިކަން ދެނެގަންނަނީ ޖިސްމާނީ ގޮތުން ޑޮކްޓަރުން ބަލިޖެހިފައިވާ ކުދިންގެ ހަށިގަނޑު ބަލާ ބެލުންތަކުންނެވެ. އެގޮތުން ޑޮކްޓަރުން ބަލައިފާނެ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2022). 

·         ބަލިޖެހިފައިވާ ކުއްޖާގެ ނޭވާލުން ހުރިގޮތް ބެލުން

·         ކަށިގަނޑު އަޅައިގެން ކުއްޖާގެ ފުއްޕާމޭގެ އަޑުތައް އަޑުއެހުން

·         ބަލިޖެހިފައިވާ ކުއްޖާއި ކަރު ނޫނީ އަރުތެރެ ބަލައިހެދުން

ބައެއް ފަހަރު އެކްސްރޭ އަދި އެހެނިހެން ބައެއް ޓެސްޓުތައް ވެސް ހަދައިފާނެއެވެ (މެޔޯކްލިނިކް، 2022). 

ފަރުވާ

ކުރޫޕް ޖެހޭ ގިނަކުދިންނަށް ގޭގައި ފަރުވާ ކުރެވިދާނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ހަސްފަތާލުގައި އެދުމަތިކޮށް ގެން ވެސް ފަރުވާ ދޭންޖެހިދާނެ އެވެ. ފަރުވާ ބަރޯސާވަނީ ބަލިޖެހިފައިވާ ކުއްޖާއަށް ކުރިމަތިވެފައިވާ އަލާމާތްތަކާއި އަދި ނުރައްކާތެރިކަން އޮތް މިންވަރެއްގެ މައްޗަށެވެ (މެޔޯކްލިނިކް، 2022).  

ބަލިޖެހިފައިވާ ކުއްޖާ ހަމައަކަށް އެޅުވުމަށް ކުރެވިދާނެ ކަންތައްތައް

ބަލިޖެހިފައިވާ ކުއްޖާ ރުޔަނުދީ ހަމައަކަށް އެޅުވުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ ރުއިމާއި އުދަނގުލެއް ވާތީ އުޅުމަކީ ވައިހިނގާމަގުގައި ހުންނަ ދުޅަ އިތުރަށް ގޯސްވާނެ ކަމެކެވެ. އަދި އޭގެ ސަބަބުން ނޭވާލާން ދަތިވާނެ ކަމެކެވެ. ދަރިފުޅު ހަމައަކަށް އެޅުވުމަށް ލަވައެއް ކިޔާދިނުން، ލަވައެއް ޖެހުން، އުރާލުން، ގާތުގައި ވަގުތު ހޭދަކުރުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ. މީގެ އިތުރުން ކުޅޭއެއްޗެއް ދިނުން، އެކުގައި ކުޅެ ހަދާލުން ފަދަ ކަންތައްތައް ވެސް ކުރެވިދާނެ އެވެ. މީގެ އިތުރުން ބަލިޖެހިފައިވާ ކުއްޖާއަށް އެކަށޭނަ ވަރަށް ދިޔާތަކެތި ދެވޭތޯ ބެލުމަކީ ވެސް މުހިއްމު ކަމެކެވެ (މެޔޯކްލިނިކް، 2022). 

ބޭހުގެ ފަރުވާ

ކްރޫޕް ޖެހިގެން ޑޮކްޓަރަށް ދެއްކުމުން ފަރުވާގެ ގޮތުގައި ފަހަރުގައި އަންނަނިވި ބޭސްތައް ބޭނުންކުރުމަށް ލަފާދީފާނެ އެވެ.

·         ކޯޓިކޯސްޓީރޮއިޑް(Corticosteroid): ވައިހިނގާމަގު ގައި އުފެދިފައިވާ ދުޅަ ތިރިކުރުމަށް ކޯޓިކޯސްޓީރޮއިޑް މިސާލަކަށް ޑެކްސަމެތަސޯން ފަދަ ބޭހެއް ދެވިދާނެ އެވެ. ނޫނީ ދީފާނެ އެވެ. އާންމު ގޮތެއްގައި ސްޓީރޮއިޑް ދޭން ފަށާތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އުދަނގޫތަކަށް ލުއިކަން ލިބެން ފަށާނެ އެވެ. ފަހަރުގައި ދުވަސްކޮޅެއް ވަންދެން ޑެކްސަމެތަސޯން ބޭސް ބޭނުންކުރަން ޖެހިދާނެއެވެ. ނޫނީ އެންމެ އިންޖެކްޝަނެއްގެ ގޮތުގައި ވެސް ބޭނުންކުރަން ޖެހިދާނެއެވެ (މެޔޯކްލިނިކް، 2022). 

·         އެޕިނެފްރިން (Epinephrine): ވަރަށް ބޮޑަށް އުދަނގޫތަކާއި އެކު ވައިހިނގާމަގުގައި ދުޅަވުން ކުރިމަތިވެފައިވާނަމަ އެޕިނެފްރިން އަކީ ބޭނުންކުރެވިދާނެ ފައިދާހުރި ބޭހެކެވެ. މިއީ އާވިއަރުވާ މެޝިންގެ އެހީގައި އާވި އަރުވައިގެން ވެސް ދެވިދާނެ ބޭހެކެވެ. މިއީ ވަރަށް އަވަހަށް އޭގެ އަސަރުކުރާ އަދި އޭގެ އަސަރު އެހާމެ އަވަހަށް ފިލައިގެން ވެސް ގޮސްދާނެ ބޭހެކެވެ. ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެވަނަ ޑޯޒް ބޭނުންވޭތޯ ކަށަވަރުކުރުމަށް އަވަސްފަރުވާގެ ޚިދުމަތް ދޭ ތަނުގައި ދެތިން ގަޑިއިރެއް މަޑުކޮށްލަން ވެސް ޖެހިދާނެއެވެ (މެޔޯކްލިނިކް، 2022). 

ބައެއް ރިފަރެންސް ތަކުގައި ފަރުވާ ބަޔާންކޮށްފައިވަނީ ބަލީގެ ނުރައްކާތެރިކަމަށް ރިޢާޔަތްކޮށްގެންނެވެ. އެގޮތުން ފަރުވާ ކުރިޔަށް ގެންދެވޭ ގޮތް ތިރީގައި މިވަނީ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

އާދައިގެ ވަރަކަށް ކުރިމަތިވާ ކްރޫޕް

އާދައިގެ މިންވަރަކަށް ކްރޫޕް ކުރިމަތިވުމުން އާންމު ގޮތެއްގައި ގޭގައި ފަރުވާކުރެވިދާނެ އެވެ. އެގޮތުން ގޭގައި ހިޔުމިޑިފަޔަރ ބޭނުން ކުރެވިދާނެ އެވެ. މީގެ އިތުރުން ހޫނުފެނުން އާވިއެރުވުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ. ގޭގައި މިކަންކަން ކޮށްގެން ލުއިނުވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އާދައިގެ ވަރަކަށް ކްރޫޕް ކުރިމަތިވުމުން އަންނަނިވި ކަންތައްތައް ގޭގައި ކުރެވިދާނެ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

·         ސާފުވައިލިބޭނެ ގޮތަށް ހެދުން (ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުން)

·         ހުމަށް ޕެނަޑޯލް ފަދަ ބޭސްތައް ބޭނުންކުރުން

·         ތާފަނާކޮށް ހުންނަ ދިޔާތަކެތި ބޯންދިނުން

·         ގޭގައި ދުންފަތުގެ އިސްތިއުމާލުނުކުރުން އަދި ގެޔާއި ގޯތި ގެދޮރަކީ ދުންފަތުގެ ދުމުން ރައްކާތެރި ތަނަކަށް ހެދުން

·         ބޯދަށަށް ބާލީހެއް ލައި އުފުލާލާފައި ބޭއްވުން : ނަމަވެސް 1 އަހަރުން ދަށުގެ ކުދިންގެ ބޯދަށަށް ބާލީސް ލައްވައިގެން ނުވާނެއެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).     

މެދު މިންވަރަކުން ފެށިގެން ނުރައްކާތެރި މިންވަރަކަށް ހުންނަ ކްރޫޕް

މެދު މިންވަރަކުން ފެށިގެން ނުރައްކާތެރި މިންވަރަކަށް ހުންނަ ކްރޫޕް ކުރިމަތިވެފައިވާނަމަ ލަސްނުކޮށް ޞިއްޙީ ޚިދުމަތް ދޭތަނަކަށް ގެންދިއުމަކީ މުހިއްމު ކަމެކެވެ. ނުރައްކާތެރި މިންވަރަކަށް ކްރޫޕް ކުރިމަތިވުމަކީ ފުރާނަޔަށް ނުރައްކާވެދާނެ ކަމެކެވެ. މިހާލަތުގައި ކްރޫޕް އަށް ފަރުވާ ކުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

·         ހިޔުމިޑިފަޔަރ ބޭނުންކުރުން ނޫނީ އޮކްސިޖަން ގެ ފަރުވާ ދިނުން

·         ފެންމަދުވުމުން ސަލާމާތްކުރުމަށް އައިވީ ފުލުއިޑް ދިނުން

·         އޮކްސިޖަންގެ މިންވަރު، ހިތުގެ ވިންދު އަދި ނޭވާލާ މިންވަރު ބަލަމުން ގެންދިއުން

·         ގްލޫކޯކޯޓިކޮއިޑްސް އަދި އެޕިނެފްރިން ފަދަ ބޭސްތައް އާވިއަރުވައިގެން ނެގުން

·         ވެންޓިލޭޓަރަށްލުން  (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).

ކްރޫޕްގެ ފަރުވާގައި ބޭނުންކުރާ ޅާއްޞަ ބޭސްތައް

ގްލޫކޯކޯޓިކޮއިޑްސް

ގްލޫކޯކޯޓިކޮއިޑްސް(glucocorticoids)  އަކީ ކްރޫޕް އާއި ގުޅިގެން އަޑުފޮށީގައި އުފެދޭ ދުޅަ ތިރިކުރުމަށް ދެވޭ ސްޓީރޮއިޑް ގެ ވައްތަރެކެވެ. އާންމު ގޮތެއްގައި ސްޓީރޮއިޑްގެ ފުރަތަމަ ޑޯޒް ދޭތާ 6 ގަޑިއިރުގެ ތެރޭގައި ދުޅަ ތިރިވާން ފަށަޢެވެ. އާދައިގެ ވަރަކަށް ކްރޫޕް ކުރިމަތިވާ ކުދިންނަށް ސްޓީރޮއިޑް ދިނުމުން ތަކުރާރުކޮށް ހޮސްޕިޓަލަށް ދާންޖެހުމުން ދުރުކޮށްދެއެވެ. އެންމެ އާންމުކޮށް ބޭނުންކޮށްއުޅޭ ގްލޫކޯކޯޓިކޮއިޑްސް ގެ ތެރޭގައި ޑެކްސަމެތަސޯން، އަދި ޕްރެޑްނިސޯލޯން ފަދަ ބޭސްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ދެވެނީ އަނގައިން ދޭންޖެހޭ ނޫނީ ނަގަންޖެހޭ އެންމެ ޑޯޒެކެވެ. އަނގައިން ނުނެގޭނަމަ، އައިވީކޮށް ނޫނީ މަސްގަނޑަށް ޖަހާ އިންޖެކްޝަނެއްގެ ސިފައިގައި ވެސް ގްލޫކޯކޯޓިކޮއިޑްސް ދީފާނެއެވެ. (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

 

ނެބިއުލައިޒްޑް އިންހޭލްޑް ޓްރީޓްމަންޓް (އެޕިނެފްރިން) 

މިގޮތުން އާވިއަރުވައިގެން ނެބިއުލައިޒަރ މެދުވެރިކޮށް އެޕިނެފްރިން(epinephrine)  ދެވެއެވެ. މިބޭސް ދިނުމުން ވެސް ނޫނީ ދޭތާ 10 މިނިޓްގެ ތެރޭގައި ވައިހިނގާ މަގުގެ ދުޅަކަން ތިރިކޮށް ދަށް ކުރަން ފަށައެވެ. އާންމު ގޮތެއްގައި އެޕިނެފްރިންގެ އަސަރު ހުންނަނީ ކޮންމެ 2 ގަޑިއިރަކަށް ނޫނީ އެއަށްވުރެ މަދުވަގުތަކަށެވެ. ނުރައްކާތެރި ހާލަތުގައި ކޮންމެ 20-15 މިނިޓަކުން ވެސް އެޕިނެފްރިން ބޭނުންކުރަން ޖެހިދާނެ އެވެ(ކްލަވެލެންޑްކްލިނިކް.އޯރގް، 2023).     

ރައްކާތެރިވުން

ކުރޫޕް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.

ކްރޫޕް އިން ރައްކާތެރިވުމަށް ކުރަންޖެހެނީ ނޭވާލާ ނިޒާމަށް ޖެހޭ ރޯގާތަކުން ވެސް ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް ތަކެވެ. އެގޮތުން ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް، 2022).   

·         ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުން

·         ބަލިޖެހިފައިވާ މީހުންނާއި ކުޑަކުދިން ގާތްނުކުރުން ނުވަތަ ބަލިޖެހިފައިވާ މީހާ ސަލާމަތުން ތިބޭ ތުއްތު ކުދިން ކުޑަކުދިން އުރާ ނުހެދުން (މެޔޯކްލިނިކް، 2022). 

·         ތުއްތު ކުދިންނަށް ކުޑަކުދިންނަށް ކެއްސާ ކިނބިހިއަޅާއިރު މުލައްދަނޑިއަށް ދިމާކޮށް ކެއްސުން ނޫނީ ކިނބިހިއެޅުމަށް ބާރުއެޅުން ނޫނީ ދަސްކޮށްދިނުން  (މެޔޯކްލިނިކް، 2022). 

·         ކުޑަކުދިން އަތްލައިފާނެ ހެން ހީވާ ތަންތަން (ޖަރާސީމު ހަރުލާފައި ހުރުމުގެ ފުރުޞަތު ބޮޑުތަންތަނާއި ތަކެތި) ވީހާ ވެސް ގިނައިން ސާފުކޮށް ހެދުން (މެޔޯކްލިނިކް، 2022). 

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.mayoclinic.org/diseases-conditions/croup/symptoms-causes/syc-20350348

·         https://my.clevelandclinic.org/health/diseases/8277-croup

 

 

 

 

ވައިނޮޅީގެ ކަފި ދުޅަވުން

 

ވައިނޮޅީގެ ކަފި ދުޅަވުން

ވައިނޮޅީގެ ކަފި ދުޅަވުން (Bronchitis)ގެ މާނައަކީ ވައިނޮޅީގެ ކަފީގެ ބަތާނަފަށް ދުޅަވުމެވެ. ނުވަތަ ވައިނޮޅީގެކަފި ދުޅަވުމެވެ. ވައިނޮޅީގެ މައި ކަފި(bronchi) ނުވަތަ ކަތްޕަކީ ވައިނޮޅި(trachea)  ން ފުއްޕާމެޔަށް އޮކްސިޖަން ގެންގޮސްދީ، ފުއްޕާމޭ އިން ކާބަންޑައި އޮކްސައިޑް ބޭރުކޮށްދޭ މަގެވެ. ވައިނޮޅީގެކަފި ދުޅަވުމުން ވަރަށް ގިނަ ފަހަރު އޮލަކޮށް ހުންނަ ދަވަ ބޭރުވާނެއެވެ. ނޫނީ އޮލަ ދަވަ ފުއްޕާމޭގައި އުފެދޭނެ އެވެ. ވައިނޮޅީގެ ކަފި ދުޅަވުމަކީ ކުއްލިއަކަށް ކުރުމުއްދަތަކަށް ކުރިމަތިވާ ވަގުތީ ކަމަކަށް ނޫނީ ދިގުމުއްދަތަކަށް ކުރިމަތިވާ ދާއިމީ ކަމަކަށް ވެސް ވެދާނެއެވެ (މެޔޯކްލިނިކް، 2024).


ބައެއް ރިފަރެންސްތަކުގައި ފުއްޕާމެޔަށް ވައިގެންގޮސްދޭ ނޫނީ ދައުރުކޮށްދޭ މައި ވައިހިނގާމަގުގެ ގޮތުގައި ސިފަކޮށްފައިވަނީ ވައިނޮޅި(trachea)  އަދި ވައިނޮޅީގެ ކަފި(bronchi) ނުވަތަ ކަތްޕެވެ. އެހެންކަމުން ވައިނޮޅީގެ ކަފި ދުޅަވުން މާނަކުރަނީ ނުވަތަ ނިސްބަތް ކުރަނީ ވައިނޮޅިއާއި ވައިނޮޅީގެކަފި ދުޅަވެ، އެމަގުގައި ދަވަ ނޫނީ އަރިދަފުސް ޖަމާވުމަށެވެ. ވައިނޮޅީގެ ކަފި ދުޅަވުމުން ކުރިމަތިވާ ކެއްސުން ގިނަ ފަހަރު 2 ހަފްތާ ނޫނީ އެއަށް ވުރެ ދިގު މުއްދަތަކަށް ދެމިހުރެއެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2022). 

ވައިނޮޅީގެ ކަފި ދުޅަވުމަކީ ވައިނޮޅިން ފުއްޕާމެޔަށް ވައި ގެންގޮސްދޭ ކަފި ނުވަތަ ވައިނޮޅީގެ ކަފި ދުޅަވެ، ނޫނީ އިންފްލޭމްވެ، އެކަމުގެ ސަބަބުން ދަވަ ބޭރުވުމާއެކު ކެއްސުމެވެ.  މިއީ ކުއްލިއަކަށް ކުރުމުއްދަތަކަށް ކުރިމަތިވާ ވަގުތީ ކަމަކަށް ނޫނީ ދިގުމުއްދަތަކަށް ކުރިމަތިވާ ދާއިމީ ކަމަކަށް ވެސް ވެދާނެއެވެ (އެންއައިއެޗް، 2022).

ވައިނޮޅީގެ ކަފިތައް ދުޅަވެ، މިކަފިތަކަށް ގެއްލުންވުމުން ނުފިލާ ކެއްސުމެއްހުރެ، ފުއްޕާމޭގައި ވަރަށް ބައިވަރު ދަވަ (އަރިދަފުސް) އުފެދި، ހަރުލައި، ޖަމާވާގޮތް ވެއެވެ. މިހެންވުމުން ވައިހިނގާމަގު ހަނިކޮށް، ހިމަކޮށް ނޫނީ ބައްދާލައެވެ. ނަތީޖާއެއްގެ ގޮތުން ނޭވާކުރުވެ، ނޭވާލާން ދަތިވެއެވެ (މެޔޯކްލިނިކް، 2024).  

ވައިނޮޅީގެކަފި ދުޅަވުމުގެ ވައްތަރުތައް

ކުއްލިއަކަށް ކުރުމުއްދަތަކަށް ވައިނޮޅީގެކަފި ދުޅަވުން (acute bronchitis)

ކުއްލިއަކަށް ކުރުމުއްދަތަކަށް ވައިނޮޅީގެ ކަފި ދުޅަވުމަކީ އާންމުކޮށް ޖެހޭ އަރިދަފުސް ރޯގާ، އިންފުލުއެންޒާ، ރެސްޕިރޭޓަރީ ސިންސިޝަލް ވައިރަސް، އަދި ކޯވިޑް 19 ފަދަ ބަލިތަކުގެ ނޫނީ ރޯގާތަކުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ (މެޔޯކްލިނިކް، 2024). އެހެންކަމުން ފަހަރުގައި މިގޮތަށް ވައިނޮޅީގެކަފި ދުޅަވުން ގައިންގަޔަށް ވެސް އަރައިފާނެއެވެ (އެންއައިއެޗް، 2022). ބެކްޓީރިޔާ އެއްގެ ސަބަބުން ކުރުމުއްދަތަކަށް ވައިނޮޅީގެކަފި ދުޅަވުމަކީ ވަރަށް ނާދިރު ކަމެކެވެ (އެންއައިއެޗް، 2022). ކުރުމުއްދަތަކަށް މިގޮތަށް ވަގުތީ ގޮތުން ކުރިމަތިވާ ވައިނޮޅީގެ ކަފި ދުޅަވުން އާންމު ގޮތެއްގައި 10-7 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަނގަޅުވެދެއެވެ. ބައެއް ފަހަރު ކެއްސުން ތަންކޮޅެއް ދިގުލައި ހިނގައިދާނެ އެވެ (މެޔޯކްލިނިކް، 2024). ނޫނީ ގިނަ މީހުން ދެތިން ދުވަސް ނުވަތަ ދެތިން ހަފްތާ ފަހުން ރަނގަޅުވެދާނެ އެވެ (އެންއައިއެޗް، 2022). ގިނަ މީހުންނަށް ކުއްލިއަކަށް ކުރުމުއްދަތަކަށް ވައިނޮޅީގެ ކަފި ދުޅަވުމުން މާބޮޑު ފަރުވާއެއް ބޭނުމެއް ނުވެއެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2022).  

ދިގުމުއްދަތަކަށް ދާއިމީ ގޮތަކަށް ވައިނޮޅީކަފި ދުޅަވުން (chronic bronchitis)

ދިގުމުއްދަތަކަށް ދާއިމީ ގޮތަކަށް ވައިނޮޅީކަފި ދުޅަވުމަކީ މާބޮޑަށް ސަމާލުވާންޖެހޭ ނުރައްކާތެރި ޙާލަތެކެވެ. މިއީ ޢާންމު ގޮތެއްގައި ދާއިމީ ސިފައެއްގައި ވައިނޮޅީގެ ކަފި ދުޅަވުމެވެ. ގިނަ ފަހަރު މިހެން ދިމާވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުންނެވެ. ތަކުރާރުކޮށް، ވައިނޮޅީގެ ކަފި ދުޅަވުން ކުރިމަތިވެ އުދަނގޫތައް ވާނަމަ، އެއީ ދާއިމީ ސިފައެއްގައި ވައިނޮޅީގެ ކަފި ދުޅަވުން ކަމުގައި ބެލެވިދާނެ އެވެ. ދާއިމީ ސިފައެއްގައި ވައިނޮޅީގެ ކަފި ދުޅަވުމަކީ ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް (ދާއިމީ ސިފައެއްގައި ފުއްޕާމޭ ދުޅަވެ، ފުއްޕާމެޔަށް ވައި (އޮކްސިޖަން އެތެރެވެ، ކާބަންޑައިއޮކްސައިޑް ބޭރުވެ، ނޫނީ އެތެރެވެ ބޭރުވުމުގެ މަސައްކަތަށް ހުރަސްއަޅާ ބައްޔެއް) ގެ ބައެކެވެ. ނޫނީ ސީއޯޕީޑީގައި ހިމެނޭ އެއް ހާލަތެވެ (މެޔޯކްލިނިކް، 2024).

ދިގުމުއްދަތަކަށް ދާއިމީކޮށް ވައިނޮޅީގެކަފި ދުޅަވުން ކަމުގައި ބަލަނީ މަދުވެގެން 3 މަސް ދުވަހުގެ މުއްދަތަށް މިގޮތަށް ވައިނޮޅީގެ ކަފި ދުޅަވުމާއެކު، އެގޮތަށް 2 އަހަރު ދުވަހުގެ މުއްދަތަށް ދޭތެރެ ދޭތެރެއިން ވައިނޮޅީގެކަފި ދުޅަވުން ކުރިމަތިވުމަށެވެ. ދާއިމީކޮށް ދިގުމުއްދަތަކަށް ވައިނޮޅީގެކަފި ދުޅަވުމުން ނޭވާލާން މާބޮޑަށް ދަތިވެ އުދަނގޫވާނެއެވެ. އެއީ ވައިހިނގާމަގު ނޫނީ ވައިނޮޅީގެ ކަފި ދުޅަވެ، އަރިދަފުސް ނޫނީ ދަވަ އުފެއްދުން އިތުރުވާތީ އެވެ (އެންއައިއެޗް، 2022).

ކްރޯނިކް ބްރޮންކައިޓިސް ނޫނީ ދާއިމީގޮތަކަށް ދިގުމުއްދަތަކަށް ވައިނޮޅީގެ ކަފި ދުޅަވުމަށް މަގުފަހިކުރާ ހިރާސް ތަކުގެ ތެރޭގައި އުމުރުން ދުވަސްވުން، ދުންފަތުގެ އިސްތިއުމާލުކުރުން، ހިރަފުހާ ދުމަށް ހުށަހެޅުން، އާއިލާގެ ތެރޭގައި ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް އޭ ކިޔޭ ބަލި ދައުރުވަމުން އައުން،  ގެސްޓްރޯއީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް ނުވަތަ މަތިންއަރާ ބަލި، ނޭވާހިއްލުން، ބްރޮންކީއެކްޓަސިސް އަދި ސިސްޓިކް ފައިބްރޯސިސް ފަދަ ބައްޔެއް ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ (އެންއައިއެޗް، 2022).  

ސަބަބު

ކުއްލިއަކަށް ކުރުމުއްދަތަކަށް ވައިނޮޅީގެ ކަފި ދުޅަވުން އާންމުކޮށް ކުރިމަތިވަނީ ތަފާތު ވައިރަސްތަކުގެ ސަބަބުންނެވެ. ނޫނީ އާންމު ގޮތެއްގައި އަރިދަފުސް ރޯގާ ވެސް ޖައްސާ ވައިރަސްތައް މިސާލަކަށް އެޑީނޯވައިރަސް، ރައިނޯވައިރަސް، ކޮރޯނާ ވައިރަސް، އިންފުލުއެންޒާ ވައިރަސް ރެސްޕިރޭޓަރީ ސިންޝަލް ވައިރަސް ފަދަ ވައިރަސް ތަކުގެ ސަބަބުންނެވެ. ވަރަށް ގިނަ ވައިރަސްތަކުގެ (ވަރަށް ފަސޭހައިން ފެތުރޭ ނޫނީ ޖެހޭ ނޫނީ އެކަކު ގައިން އަނެކާގެ ގަޔަށްއަރާ) ސަބަބުން ކުއްލިއަކަށް ކުރުމުއްދަތަކަށް ވައިނޮޅީގެ ކަފި ދުޅަވެދާނެ އެވެ. ކުއްލިއަކަށް ކުރުމުއްދަތަކަށް ވައިނޮޅީގެ ކަފި ދުޅަވަނީ އާންމު ގޮތެއްގައި ވައިރަސްގެ ސަބަބުން ކަމަށްވާތީ، މިފަދަ ހާލަތުގައި ފަރުވާކުރުމަށް އެންޓިބަޔޮޓިކް ބޭނުމެއް ނުވާނެއެވެ (މެޔޯކްލިނިކް، 2024).

ވައިރަސްތަކުގެ ސަބަބުން އެކަކު ގައިން އަނެކާގެ ގަޔަށް ރޯގާތައް ފެތުރެނީ ބަލިޖެހިފައިވާ މީހާ ކެއްސާ، ކިނބިހިއަޅާ ނޫނީ ވާހަކަ ދައްކާ ހަދާއިރު އަނގަޔާއި ނޭފަތުން ބޭރުވާ ކުޅުތިކިތައް ސަލާމަތުން ހުންނަ މީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާޢިން ދިއުމުންނެވެ. މީގެ އިތުރުން ވައިރަސް އާއި ތަޣައްޔަރުވެފައިވާ ތަނެއްގައި ނޫނީ އެއްޗެއްގައި އަތްލުމަށްފަހު، އެއަތް ނުދޮވެ، އަނގަޔަށް، ނޭފަތަށް ނޫނީ ލޮލަށް ލައިފިނަމަ ވެސް އެމީހަކަށް ބަލިޖެހުމުގެ ފުރުޞަތު އޮވެއެވެ (މެޔޯކްލިނިކް، 2024).

ދިގުމުއްދަތަކަށް ދާއިމީކޮށް ވައިނޮޅީގެ ކަފި ދުޅަވާ އެންމެ އާންމު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. ޚާއްޞަކޮށް ސިގިރޭޓް ބުއިމެވެ. މީގެ އިތުރުން ވައިނުސާފުވުން، ދިރިއުޅޭ މާހައުލުގައި ހުންނަ ހިރަފުސް އަދި ވިހަ ގޭސްތަކަށް ހުށަހެޅުމަކީ ވެސް ފަހަރުގައި ދިގު މުއްދަތަކަށް ދާއިމީކޮށް ވައިނޮޅީގެ ކަފި ދުޅަވުމަށް މެދުވެރިވެދާނެ ކަމެކެވެ (މެޔޯކްލިނިކް، 2024).

ބައެއް ފަހަރު ބެކްޓީރިޔާގެ ސަބަބުން ވެސް ވައިނޮޅީގެކަފި ދުޅަވެދާނެ އެވެ. މިފަދަ ބެކްޓީރިޔާތަކުގެ ތެރޭގައި ބޯޑަޓެއްލާ ޕާޓުސިސް (ހޯއްގޮވާ ކެއްސުން ޖައްސާ ބެކްޓީރިޔާ)، މައިކޮޕްލާޒްމާ ނިއުމޯނިއާ އަދި ކްލަމީޑީޔާ ނިއުމޯނިއާ ފަދަ ޖަރާސީމުތައް ހިމެނެއެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2022). 

ހިރާސްތައް

ވައިނޮޅީގެ ކަފި ދުޅަވުމަށް (ޚާއްޞަކޮށް ދާއިމީ ސިފައެއްގައި ދުޅަވުމަށް) މަގުފަހިކުރާ ހިރާސްތައް ތިރީގައި މިވަނީ އެވެ.

(ހ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި އެކު ގިނަ ވަގުތު ހޭދަކުރާ މީހުންނަށް ކުރު މުއްދަތަކަށް ވަގުތީކޮށް އަދި ދިގުމުއްދަތަކަށް ދާއިމީކޮށް ވައިނޮޅީގެ ކަފި ދުޅަވުމުގެ ހިރާސް އިތުރު ކުރުވައެވެ (މެޔޯކްލިނިކް، 2024).

(ށ) ދިފާޢީ ބާރު ދަށްވުން : އާންމުކޮށް ޖެހޭ ރޯގާތަކާއި، ދިގުމުއްދަތަކަށް ބޭސް ކާން ޖެހޭ ބަލިތަކުގެ ސަބަބުން އެފަދަ މީހުންގެ ދިފާޢީ ބާރު ދަށްވާގޮތް ވެއެވެ. މިފަދަ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިން، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ (މެޔޯކްލިނިކް، 2024).  

(ނ) މަސައްކަތުގެ މާހައުލުގައި ބައްޔަށް މަގުފަހިކުރާ ތަފާތު މާއްދާތަކަށް ހުށަހެޅުން : މަސައްކަތުގެ މާހައުލުގައި ފުއްޕާމޭ ހިލުވައިލާ ފަދަ މާއްދާތަކަށް މިސާލަކަށް މުށިކުނޑި، ވެލި ، ނޫނީ ވިހަ ދުންތަކަށް ހުށަހެޅޭނަމަ ވައިނޮޅީގެ ކަފި ދުޅަވުމުގެ ހިރާސް އިތުރުކުރުވައެވެ (މެޔޯކްލިނިކް، 2024).  

(ރ) މަތިންއެރުން : ތަކުރާރުކޮށް މޭއަންދައި، މަތިން އެރުމަކީ އަރުތެރެ ހިލުވައިލާނެ ކަމެކެވެ. މިގޮތަށް އަރުތެރެ އަބަދު ހިލިގެންދިއުމަކީ ވައިނޮޅީގެ ކަފި ދުޅަވުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ (މެޔޯކްލިނިކް، 2024).

ކްލެވެލެންޑްކްލިނިކް.އޯރގް (2022) ގައި ބަޔާންކޮށްފައިވާ ގޮތުގައި ދިގުމުއްދަތަކަށް ދާއިމީ ސިފައަކަށް ވައިނޮޅީގެކަފި ދުޅަވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ދުންފަތުގެ އިސްތިއުމާލުކުރުން

·         ދުންފަތުގެ ދުމަށް ހުށަހެޅުން

·         ނޭވާހިއްލުން ނޫނީ ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ފަދަ ބައްޔެއްހުރުން

·         މަތިންއަރާ ބަލި ނޫނީ ގެސްޓްރޯ އީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް ބަލިހުރުން

·         ދުޅަވުން ކުރިމަތިކުރުވަފައިފާނެ އުޓޯއިމިޔޫން ޑިސްއޯޑަރ އެއް ހުރުން

·         ވައިނުސާފުވުން (ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

އަލާމާތްތައް

ކުއްލިއަކަށް ކުރުމުއްދަތަކަށް ވައިނޮޅީގެ ކަފި ދުޅަވުމުން(Acute bronchitis)  ގިނަ ފަހަރު ފެންނާނީ ރޯގާގެ އުދަނގޫތަކެވެ. އެގޮތުން ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ކެއްސުން

·         ކެއްސާއިރު ދަވަ(އަރިދަފުސް) އައުން

·         ކަރުގައި ރިހުން

·         ބޮލުގައި ރިހުން

·         ގައިގައި ރިހުން

·         ހުންއައުން

·         ހީކެރުވުން

·         ވަރުބަލިވެ ވާޅުވުން

·         މެޔަށް އުދަނގޫވުން ނޫނީ މޭގައި ރިހުން

·         ނޭފަތުން ފެންއައުން

·         ނޭވާކުރުވުން

·         ނޭވާލާއިރު ތޫލިއަޑުހުރުން (މެޔޯކްލިނިކް، 2024، އެންއައިއެޗް، 2022).

އާންމު ގޮތެއްގައި މިއަލާމާތްތައް ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ލުއިވެ ދިޔަސް، ކެއްސުން ނުފިލާ ދެތިން ހަފްތާއަށް ދިގުދެމިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ދިގުމުއްދަތަކަށް ދާއިމީ ސިފައެއްގައި ވައިނޮޅީގެ ކަފި ދުޅަވުމުން(chronic bronchitis)  އަންނަނިވި އަލާމާތްތައް ފެނިދާނެ އެވެ.

·         ކެއްސުން

·         ކެއްސާއިރު ދަވަ (އަރިދަފުސް) އައުން

·         ވަރުބަލިވެ، ވާޅުވުން

·         މެޔަށް އުދަނގޫވުން

·         ނޭވާކުރުވުން (މެޔޯކްލިނިކް، 2024).

ދިގުމުއްދަތަކަށް ދާއިމީ ސިފައެއްގައި ވައިނޮޅީގެ ކަފިދުޅަވުން މާނަކުރަނީ ކެއްސުމާއެކު އަރިދަފުސް އައުން 3 މަހުގެ މުއްދަތަކަށް ދެމިހުރުމަށެވެ. އަދި މިކަން މިގޮތަށް މަދުވެގެން 2 އަހަރު ދުވަހުގެ މުއްދަތަކަށް ދޭތެރެއިން (ރަނގަޅުވެފައި، ގޯސްވެފައި) ކުރިމަތިވެގެން ދިއުމެވެ. އެހެންކަމުން މިހާލަތުގައި ދޭތެރެ ދޭތެރެއިން ކެއްސައި ރޯގާގެ އުދަނގޫތައް ގޯސްވެ، ބޮޑުވަރުވެގެން ދާނެއެވެ (މެޔޯކްލިނިކް، 2024).

ދިމާވެދާނެ ނުރައްކާތައް

އެންމެ ފަހަރަކު ވައިނޮޅީގެ ކަފި ދުޅަވުމަކީ މާބޮޑު ނުރައްކާތަކެއް ކުރިމަތިވާ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް ތަކުރާރުކޮށް ނޫނީ ދޭތެރެ ދޭތެރެއިން ވައިނޮޅީގެ ކަފި ދުޅަވާނަމަ އެކަމުގެ ސަބަބުން އަންނަނިވި ނުރައްކާތައް ފެންމަތިވެގެން އައުމަކީ އެކަށީގެންވާ ކަމެކެވެ

·         ފުއްޕާމޭގައި ޖަރާސީމު އަށަގަތުން ނުވަތަ ނިއުމޯނިޔާ ޖެހުން

·         ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ކުރިމަތިވުން (މެޔޯކްލިނިކް، 2024).

ދެނެގަތުން

ބަލީގެ ކުރީކޮޅު އަލާމާތްތަކަށް ބަލައިގެން ކުރުމުއްދަތަކަށް ވަގުތީ ގޮތުން ކުރިމަތިވާ ވައިނޮޅީގެ ކަފިދުޅަވުން އަދި އަރިދަފުސް ރޯގާ ވަކިކުރަން އުދަނގޫވެދާނެ އެވެ. އާންމު ގޮތެއްގައި ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި ޗެކުކުރާއިރު، ފުއްޕާމޭގައި އެއްވެސް ކަހަލަ ކަމެއް ހުރިތޯ ނޫނީ ބައްޔާއި ގުޅިގެން އަންނަ ބަދަލުތައް ފުއްޕާމޭ އިން ފާހަގަވޭތޯ ޑޮކްޓަރުން ބަލައި ޗެކުކުރާނެ އެވެ. މީގެ އިތުރުން ބައެއް ފަހަރު އަންނަނިވި ޓެސްޓުތައް ހެދުމަށް ލަފާދީފާނެ އެވެ (މެޔޯކްލިނިކް، 2024).

·         މޭގެ އެކްސްރޭ ނެގުން : މޭގެ އެކްސްރޭ އެހީގައި ފުއްޕާމޭގައި ޖަރާސީމު އަށަގަތުން ނޫނީ ނިއުމޯނިޔާގެ އަސަރު ހުރިނަމަ ދެނެގަނެވޭނެ އެވެ (މެޔޯކްލިނިކް، 2024،ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

·         ކުޅު ނޫނީ އަރިދަފުސް ޓެސްޓުކުރުން : އަރިދަފުހަކީ ކެއްސާއިރު ފުއްޕާމެއިން ބޭރުވާ ދަވައެވެ. ޖަރާސީމުގެ އަސަރު ހުރިތޯ ބެލުމަށާއި، އެލާޖީ ފަދަ ކަމެއް ހުރިތޯ ބެލުމަށް ވެސް އަރިދަފުސް ޓެސްޓު ކުރެވެއެވެ (މެޔޯކްލިނިކް، 2024،ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

·         ފުއްޕާމޭ މަސައްކަތްކުރާގޮތް ބެލުން : މިޓެސްޓުގެ އެހީގައި ފުއްޕާމެޔަށް އެތެރެކުރެވެނީ އަދި ބޭރުކުރެވެނީ ކިހާ މިންވަރެއް ގެ ވައި ކަމެއް ދެނެގަނެވޭނެ އެވެ. އާންމު ގޮތެއްގައި ނޭވާހިއްލުން، ދިގުމުއްދަތަކަށް ދާއިމީ ސިފައެއްގައި ވައިނޮޅީގެ ކަފިދުޅަވުން އަދި އެމްފައިޒީމާ ދެނެގަތުމަށް ވެސް މިޓެސްޓު ހެދެއެވެ (މެޔޯކްލިނިކް، 2024،ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

·         ނޭޒަލް ސްވެބް ނެގުން : މިއީ އިންފުލުއެންޒާ ނުވަތަ ކޯވިޑް 19 ފަދަ ބަލިތައް ޖައްސާ ވައިރަސް ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ (ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

·         ލޭގެ ޓެސްޓު ހެދުން : މިއީ އާންމު ގޮތެއްގައި ހަށިގަނޑުގައި އިންފެކްޝަނެއްގެ އަސަރު ހުރިތޯ ބެލުމަށް ކުރެވޭ ކަމެކެވެ. (ކްލެވެލެންޑްކްލިނިކް.އޯރގް، 2022).

ފަރުވާ

ކުރުމުއްދަތަކަށް ވަގުތީ ސިފައެއްގައި ކުރިމަތިވާ ވައިނޮޅީގެ ކަފި ދުޅަވުން މާބޮޑު ފަރުވާއަކާ ނުލައި ދެތިން ހަފްތާގެ ތެރޭގައި ރަނގަޅުވެދާނެ އެވެ. އާންމު ގޮތެއްގައި ކުރުމުއްދަތަކަށް ކުރިމަތިވާ ވައިނޮޅީގެ ކަފި ދުޅަވުމުގެ ފަރުވާގައި އަންނަނިވި ބޭސްތައް ލިޔެދީ އުޅެއެވެ.

·         ކެއްސާތީ ބޭނުންކުރާ ބޭސް : ކެއްސާތީ ނިދަން އުދަނގޫވާނަމަ އެކަމަށް ޚާއްޞަ ބޭހެއް ނިދުމުގެ ކުރިން ބޭނުންކުރެވިދާނެ އެވެ (މެޔޯކްލިނިކް، 2024).

·         އެހެނިހެން ބޭސްތައް : ނޭވާލާ ނިޒާމަށް ކުރިމަތިވާ އެލާޖީ، ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ނޫނީ ނޭވާހިއްލުން ފަދަ ކަމެއް ހުންނަނަމަ، ޑޮކްޓަރުން އިންހޭލަރ ލިޔެދެއްވާނެ އެވެ. އިންހޭލަރ އަކީ ހިމަހަނިވެފައިވާ ވައިހިނގާމަގު ހުޅުވައި، ތަނަވަސްކޮށްދޭނެ ބޭހެކެވެ (މެޔޯކްލިނިކް، 2024).  

·         އެންޓިބަޔޮޓިކްތައް : ކުރުމުއްދަތަކަށް ވަގުތީ ގޮތުން ކުރިމަތިވާ ވައިނޮޅީގެ ކަފި ދުޅަވުން ކުރިމަތިވަނީ އާންމު ގޮތެއްގައި ވައިރަސްތަކުގެ ސަބަބުން ކަމަށްވާތީ، އާންމު ގޮތެއްގައި އެންޓިބަޔޮޓިކް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ވައިނޮޅީގެ ކަފިދުޅަވުން ދިމާވެފައިވަނީ ބެކްޓީރިޔާ އެއްގެ ސަބަބުން ކަމަށް ބެލެވޭނަމަ، އެންޓިބަޔޮޓިކް ލިޔެދެއްވާނެ އެވެ (މެޔޯކްލިނިކް، 2024).

·         އެހެނިހެން ކަންތައްތައް : މީގެ އިތުރުން ވެސް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.

o       ހިޔުމިޑިފަޔަރ ބޭނުންކުރުން

o       ހޫނު ފެން ނޫނީ ސައި މާމުޔާއި އެއްކޮށްގެން ބުއިން

o       ތްރޯޓް ލޮޒެންޖްސް ބޭނުންކުރުން (އެންއައިއެޗް، 2022).  

ނަމަވެސް ދިގުމުއްދަތަކަށް ދާއިމީކޮށް ކުރިމަތިވާ ވައިނޮޅީގެ ކަފި ދުޅަވުމުގެ ފަރުވާގައި އަންނަނިވި ކަންތައްތައް ކުރަން ޖެހިދާނެއެވެ (މެޔޯކްލިނިކް، 2024). އަދި މިފަރުވާގެ މައިގަނޑު ބޭނުމަކީ ނޫނީ އަމާޒަކީ ނޭވާލުން ފަސޭހަކޮށްދީ ބަލީގެ އުދަނގޫތައް ލުއިކޮށްދިނުމެވެ.

·         ޕަލްމޮނަރީ ރިހެބިލިޓޭޝަން : މީގައި އާންމު ގޮތެއްގައި ބްރޭތިންގ އެކްސަސައިޒް ބަލިމީހާއަށް ދަސްކޮށް ދެވެއެވެ. މީގެ ސަބަބުން ނޭވާލުން ފަސޭހަވެ، ވަރުބަލިވުން ކުޑަކޮށްދޭނެ އެވެ (މެޔޯކްލިނިކް، 2024).

·         އޮކްސިޖަންގެ ފަރުވާ: އޮކްސިޖަންގެ ފަރުވާ ދޭންޖެހުން ނޫނީ އޮކްސިޖަން ބޭނުންކުރަން ޖެހުމަކީ ވެސް ފަރުވާގެ ގޮތުގައި ކުރަން ޖެހިދާނެ ނޫނީ ލަފާދީފާނެ ކަމެކެވެ (މެޔޯކްލިނިކް، 2024). 

·         ބޭސް ބޭނުންކުރުން : މިއީ ފުއްޕާމޭ ސާފުކޮށްދީ ބަލީގެ އުދަނގޫތައް ލުއިކޮށްދިނުމަށް ދީއުޅޭ ބޭސްތަކެކެވެ.

·         ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން : މިއީ ވެސް ބަލީގެ އުދަނގޫތަކަށް ލުއިކަން ގެނައުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ރައްކާތެރިވުން

ވައިނޮޅީގެ ކަފި ދުޅަވުމުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ.

·         ކޮންމެ އަހަރަކު ގަވާޢިދުން ވެކްސިން ޖަހަމުން ގެންދިއުން : އެގޮތުން އިންފުލުއެންޒާ ވެކްސިން ، ކޯވިޑް ވެކްސިން އަދި ނިއުމޯކޯކަލް ވެކްސިން ފަދަ ވެކްސިންތައް ޖަހަމުން ގެންދިއުމަކީ ފުއްޕާމޭގެ އިންފެކްޝަން ތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

·         އަތުގެ ސާފުތާހިރުކަމަށް ރައްކާތެރިވުން

·         ބަލިޖެހިފައިވާ މީހުންނާއި (ތަފާތު ރޯގާތައް ޖެހިފައިވާ މީހުން) މާބޮޑަށް ގައިގޯޅިވެ ނޫޅުން

·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

·         ދުންފަތުގެ ދުމުން ރައްކާތެރިވެހުރުން

·         ވައިނުސާފުވުމުން ރައްކާތެރިވުން

·         އަނގަޔާއި ނޭފަތް ނިވާކުރުމަށް އާންމުކޮށް ވެސް ބޭރަށް ނިކުމެއުޅޭއިރު މާސްކު އެޅުން (މެޔޯކްލިނިކް، 2024).

·         ގިނައިން ދިޔާތަކެތި ބޭނުންކުރުން

·         މަސައްކަތުގެ މާހައުލުގައި ރައްކާތެރިވުމުގެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ބޭނުންކުރަންޖެހޭ އަދަވާތްތައް ބޭނުންކުރުން

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.mayoclinic.org/diseases-conditions/bronchitis/symptoms-causes/syc-20355566

·         https://my.clevelandclinic.org/health/diseases/3993-bronchitis

·         https://www.nhlbi.nih.gov/health/bronchitis#:~:text=Bronchitis%20is%20a%20condition%20that,chronic%20(long%2Dterm).