Sunday, October 3, 2021

އެކްޒީމާ

އެކްޒީމާ

އެކްޒީމާ(eczema)  އަކީ ހަންގަނޑު ރަތްވެ، ފަޅައިގެން ގޮސް، ހިރުވައި ކަހާ ބައްޔެކެވެ. އާންމު ގޮތެއްގައި ކުޑަކުދިންގެ ތެރޭގައި މިބަލި އާންމު ކަމުގައި ވިޔަސް ކޮންމެ އުމުރެއްގެ މީހަކަށް ވެސް އެކްޒީމާ ކުރިމަތިވެދާނެ އެވެ. ކުޑަކުދިންނަށް ގިނަ ފަހަރު ފުރަތަމަ ބަލި ފާހަގަވަނީ އުމުރުން ފުރަތަމަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ބޮޑެތި މީހުންނަށް އުމުރުގެ ކޮންމެ ހިސާބެއްގައި އެކްޒީމާގެ އުދަނގޫތައް ކުރިމަތިވެދާނެ އެވެ. އެކްޒީމާ އަކީ ދިގުމުއްދަތަކަށް ދެމިހުންނަ، ދޭތެރެ ދޭތެރެއިން ރަނގަޅުވެ، ގޯސްވުމުގެ ފުރުޞަތު އޮންނަ ބައްޔެކެވެ. ބައެއް ފަހަރު ނޭވާހިއްލުން ނޫނީ އެލާޖިކް ރައިނައިޓިސް ( ހެދުނު ހޭލާއިރު ރޯގާޖެހި އުދަނގޫވާ ބައްޔެއް) އެކު ވެސް އެކްޒީމާ ގެ މައްސަލަ ފެންމަތިވެދާނެ އެވެ.


އެކްޒީމާ އަކީ އާންމު ގޮތެއްގައި ދިގުމުއްދަތަކަށް ދެމިގެންދާ ނޫނީ ދެމި ހުންނަ ބައްޔެކެވެ. މާނައަކީ ދޭތެރެ ދޭތެރެއިން ގޯސްވެ، ރަނގަޅުވެފައި އަނެއްކާ ވެސް ގޯސްވެ އެގޮތަށް ދިގުމުއްދަތަކަށް ބަލީގެ އަސަރު ދިގުދެމިގެން ދިއުމެވެ. ބައެއް ފަހަރު ކުޑަކުދިންގެ ހުންނަ އެކްޒީމާ ތަންކޮޅެއް އުމުރުން ބޮޑުވުމުން ރަނގަޅުވެދާކަން ފާހަގަ ކުރެވެއެވެ. އެކްޒީމާއަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެކަމަކު ފަރުވާގެ ގޮތުގައި ދޭ ބޭސްތަކާއި، އަމިއްލައަށް ކުރެވޭ ކަންތައްތަކުގެ އެހީގައި ބަލީގެ އުދަނގޫތައް ކުޑަކުރެވި، ބަލީގެ އުދަނގޫތައް ފެންނަ ދޭތެރެ ދުރުކުރެވެއެވެ.

ވައްތަރުތައް

އެކްޒީމާ އަކީ ހަންގަނޑު ހިކިވެ، ހިރުވައި، ކަހައި، ހަންގަނޑު ހަލާކުވާ ހަމުގެ ހާލަތްތަކަކަށް ކިޔާ ނަމެކެވެ. އެކްޒީމާގެ އެންމެ އާންމު ވައްތަރަކީ އެޓޯޕިކް އެކްޒީމާ(Atopic eczema)  އެވެ. އެކްޒީމާގެ އެހެން ތަފާތު ވައްތަރުތައް ހުރެއެވެ. ފާހަގަކުރެވޭ ބައެއް ވައްތަރުތައް ތިރީގައި މިވަނީ އެވެ.

(ހ) - ޑިސްކޮއިޑް އެކްޒީމާ (Discoid eczema): މިއީ ވަށްކޮށް ނޫނީ ކުކުޅު ބިސް ބުރަށް ހުންނަ ޕެޗްތަކެއް ހަމުގައި އުފެދޭ އެކްޒީމާގެ ވައްތަރެކެވެ.

(ށ) - ކޮންޓެކްޓް ޑާމަރޓައިޓިސް (Contact dermatitis): މިއި ވަކި ޚާއްޞަ އެއްޗެއް ބޭނުންކުރެވި ނޫނީ އެއްޗެއްގައި އަތްލެވި، ނޫނީ އެއްޗެއްގައި ޖެހި، ހޭކުމުގެ ސަބަބުން ދިމާވެދާނެ އެކްޒީމާގެ ވައްތަރެކެވެ. މިސާލަކަށް ޕްލާސްޓިކް އަންގި ފަދަ އެއްޗެއް ބޭނުންކުރާ މީހަކަށް އެއަންގި ބޭނުންކުރާތީ އެކަމުގެ ސަބަބުން އަތްތިލައިގެ ހަންގަނޑުގައި އެކްޒީމާ އުފެދުމަކީ މިވައްތަރުގެ އެކްޒީމާ އެވެ.

(ނ) - ވެރިކޯސް އެކްޒީމާ (Varicose eczema): މިއީ ފައިގެ ތިރީ ބައިގައި އުފެދޭ އެކްޒީމާގެ ވައްތަރެކެވެ. މިވައްތަރު ގިނަ ފަހަރު އުފެދެނީ ލޭ ދައުރުވުމުގައި ކުރިމަތިވާ ހުރަސްތަކާއި، ލޭނާރު ފުއްޕުން ފަދަ ބަލިތަކުގެ ސަބަބުންނެވެ.

(ރ) - ސެބޮރިކް އެކްޒީމާ (Seborrhoeic eczema): މިއީ ރަތްކޮށް ހުންނަ ތޮށިފޮޅޭ ޕެޗްތަކެއް އުފެދޭ އެކްޒީމާގެ ވައްތަރެކެވެ. މިވައްތަރުގެ އެކްޒީމާ އެންމެ ބޮޑަށް އުފެދެނީ ބޮލުގެ ހަންގަނޑާއި، ނޭފަތުގެ ދެއަރިމަތި، ކަންފަތްކައިރި، ކަންފަތް، އަދި އެސްފިޔަތައް ކައިރީގައިވާ ހަމުގައެވެ.

(ބ) - ޑިސްހައިޑްރޮޓިކް އެކްޒީމާ (dyshidrotic eczema): މިވައްތަރުގެ އެކްޒީމާގައި އަތްތިލައިގައި ފެންފޮޅުތަކެއް ނަގައި ފަޅައިގެންދާ ގޮތް ވެއެވެ.

ސަބަބު

ދުޅަހެޔޮ ހަންގަނޑެއް ލިބިފައިވުމަކީ ހަމުގެ ތެތްކަން ދަމަހައްޓައިދީ، ބެކްޓީރިޔާއާއި،  ހަންގަނޑު ހިލުވައިލާ މާއްދާތަކާއި، ހަމާއި ނުގުޅޭ މާއްދާތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެކްޒީމާ ގައި ވާގޮތަކީ ވިރާސީ ބަހާ އަށް އަންނަ ބަދަލެއްގެ ސަބަބުން ހަމުން ފޯރުކޮށްދޭ މިރައްކާތެރިކަމަށް އަސަރު ކުރުމެވެ. މިކަމުގެ ސަބަބުން ދިރިއުޅޭ މާހައުލުން ހަންގަނޑަށް ހުށަހެޅޭ މާއްދާތަކުންނާއި، ނުގުޅޭ މާއްދާތަކުން އަދި ހަންގަނޑު ހިލުވައިދޭ މާއްދާތަކުގެ ސަބަބުން ހަންގަނޑަށް އަސަރުކުރުވައެވެ. ބައެއް ކުދިންނަށް ކާތަކެއްޗާއި ނުގުޅުމަކީ ވެސް އެކްޒީމާ މެދުވެރިވުމުގައި ދައުރެއް އަދާކޮށްފާނެ ކަމެއްކަމަށް ބެލެވިފައި ވެއެވެ.

އެކްޒީމާ ކުރިމަތިވަނީ ވަރަށް ގިނަ ކަންތައްތައް ގުޅިލާމެހިގެންނެވެ. އެގޮތުން އެކްޒީމާ ކުރިމަތިވުމުގެ ޝާމިލްވެ ބައިވެރިވާ ކަންތައްތަކުގެ ތެރޭގައި ދިފާޢީބާރު ހަރަކާތްތެރިވެ ހީވާގިވުން، ވިރާސީ ބަހާ ނުވަތަ ވިރާސީގޮތުން އެކްޒީމާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވުން، ދިރިއުޅޭ މާހައުލުން ކުރިމަތިވާ ކަންތައްތައް އަދި ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ހ) - ދިފާޢީ ނިޒާމު ހީވާގިވުން : އެކްޒީމާ ހުރިކަމުގައިވާނަމަ ވަރަށް ކުދިކުދި ކަންތައްތަކަށް (އިރިޓެންޓްތައް ނުވަތަ އެލާޖިކްވުމަށް މެދުވެރިވާ ތަކެތި) ހުށަހެޅުމުން ވެސް  ދިފާޢީ ނިޒާމު ހަރަކާތްތެރިވެ ހީވާގި ވެއެވެ. މިގޮތަށް ދިފާޢީ ބާރު ނޫނީ ދިފާޢީ ނިޒާމު މާބޮޑަށް ހީވާގިވުމުން ހަންގަނޑުގައި ދުޅަ އެއް ނޫނީ އިންފްލެމޭޝަން އެއް އުފެދޭގޮތް ވެއެވެ.

(ށ) - ވިރާސީ ގޮތުން އެކްޒީމާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވުން : ތިމާގެ އާއިލާގެ މެންބަރުންގެ ތެރޭގައި އެކްޒީމާ ކުރިން ކުރިމަތިވެފައިވާ މީހުން ތިބިކަމުގައިވާނަމަ ތިބާއަށް އެކްޒީމާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެއެވެ. މީގެ އިތުރުން ނޭވާހިއްލުން، އެލާޖިކް ރައިނައިޓިސް ފަދަ މައްސަލަތައް ހުރިކަމުގައިވާނަމަ ވެސް އެކްޒީމާ ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. ބައެއް ކަހަލަ ތަކެއްޗަށް އެލާޖިކްވުން މިސާލަށް ބައެއް ކަހަލަ ކާތަކެއްޗަށް، މަލުކުޑި، ގެންގުޅޭ އެކި ކަހަލަ ޖަނަވާރުތަކުގެ ކެހެރި ފަދަ ތަކެއްޗަށް އެލާޖިވުމަކީ ވެސް އެކްޒީމާ ކުރިމަތިވުމުގެ ހިރާސް އިތުރުވެގެންދާނެ ކަމެކެވެ.

(ނ) - ދިރިއުޅޭ މާހައުލުން ހުށަހެޅޭ ކަންތައްތައް : ދިރިއުޅޭ މާހައުލުން ހުށަހެޅޭ ތަފާތު ބާވަތްތަކުގެ އެއްޗެހީގެ ސަބަބުން ވެސް އެކްޒީމާ ކުރިމަތިވުމުގެ ހިރާސް އިތުރުކޮށްފާނެ އެވެ. މިފަދަ ތަކެތީގެ ތެރޭގައި ދުންފަތުގެ ދުން، ޖައްވުގައި ނޫނީ މާހައުލުގައި ހުންނަ ވައިނުސާފުކޮށްދޭ ވިހަތައް، ބާރުގަދަ ސައިބޯނީގެ ވައްތަރުތައް، ވޫލް ފަދަ ފެބްރިކް ނުވަތަ ފޮތީގެ އުފެއްދުންތައް ހިމެނެއެވެ. މާބޮޑަށް ޖައްވުގެ ތެތްކަން ދަށް ތަންތަނުގައި އުޅޭނަމަ ހަންގަނޑު ހިކި، ކަހައި، ކުރަކިވާގޮތް ވެއެވެ. އަދި މާހޫނު ހިސާބުތަކުގައި އުޅޭނަމަ ހޫނުވެ، ދާހިއްލައި، ކެހުމާއި ހިރުވުން އިތުރަށް ގޯސްވާގޮތް ވެއެވެ.

(ރ) - ފިއްތުންތައް : ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި ފިކުރުބޮޑުވުން ފަދަ ކަންކަމުގެ ސަބަބުން އެކްޒީމާ ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. އަދި އެކްޒީމާ ހުރި ނަމަވެސް އެކަން އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުޞަތު އޮވެއެވެ.

މަގުފަހިކުރާ ކަންތައްތައް

އެކްޒީމާ އަށް މަގުފަހިކުރާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އާއިލާގެ ތެރޭގައި އަންނަނވި ކަންތައްތައް ދައުރުވަމުން އައުން

o       އެކްޒީމާ

o       އެލާޖިކް ރައިނައިޓިސް

o       ނޭވާހިއްލުން

o       އެލާޖީ ތައް

އަލާމާތްތައް

އެގްޒީމާގެ އަލާމާތްތަކާއި، ފާހަގަވާ ނިޝާންތައް އެކަކު އަނެކަކާއި، ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ހަންގަނޑު ހިކުން

·         ހަންގަނޑު ހިރުވައި ކެހުން : ރޭގަނޑު ވަކިން ބޮޑަށް ކެހުން އިތުރުވާނެ އެވެ.

·         ރަތް މުށި-އަޅިކުލައަށް ހުންނަ ޕެޗްތަކެއް އަތްތިލަ، ފައިތިލަ، ތަބިކަށި، އަތުކުރި، ކަދުރާ، މޭމަތި، ލޮލުގެ ބޮޑި، އުޅަބޮށި ހަމައިން ކުރިމަތިންވާ އަޑިކޮޅު، އަދި ފައިގެ ދޯނގި ދޮށް ފަދަ ހިސާބުތަކުގައި ނެގުން: އެންމެ ތުއްތު ކުދިންގެ މިގޮތަށް ނަގާ ޕެޗުތައް މޫނާއި، ބޮލުގެ ހަމުގައި ވެސް ހުރެދާނެ އެވެ.

·         ކުދި އުފުލިފައި ހުންނަ ބިހިތަކެއް ނެގުން : މިބިހިތަކުން ދިޔަ ލީކުވެ، ފަހަރުގައި ކަހައި ހެދުމުން ތޮށިފޮޅޭގޮތް ވެދާނެ އެވެ.

·         ހަންގަނޑު ބޯވެ، ތޮށިލައި، ކުރަކިވެ، ފަޅައިގެންދިއުން

·         ހިރުވައި ކެހުމުން ހަންގަނޑު ރަތްވެ، ދުޅަވެ، ފާރުވެ، ރޯކޮށް ފެންނަށް ހުރުން

އެކްޒީމާ އަކީ ކުރިން ވެސް ބަޔާންކުރެވުނު ފަދައިން ހަންގަނޑު ހިކިވެ، ހިރުވައި، ކަހައި، ފަޅައިގެންގޮސް، ހަމުގައި ފާރު އުފެދޭ ބައްޔެކެވެ. ބައެއް މީހުންނަށް ހަންގަނޑުގައި ހިކިފައި ހުންނަ ކުދި ޕެޗްތަކެއް ގޮތަށް ބަލީގެ އަސަރު ފާޅުވިޔަސް، އަނެއްބައި މީހުންނަށް ހަމުގެ ބޮޑު ހިސާބަކަށް ބަލީގެ އަސަރު ފެތުރިފައި ހުންނަކަން ފާހަގަ ކުރެވެއެވެ. ދޮންމީހުންގެ ހަށިގަނޑުގައި ދުޅަވެފައި ހުންނަ ހަންގަނޑު ހުންނާނީ ރަތްކޮށެވެ. އަދި ކަޅު މީހުންގެ ހަށިގަނޑުގައި ދުޅަވެފައި ހުންނަ ހަންގަނޑު ހުންނާނީ މުށި އަދިރިކުލައިގައި، ދަނބުކުލައިގައި ނޫނީ އަޅިކުލައިގައެވެ.

އެކްޒީމާގެ އަސަރު ހަށިގަނޑުގެ ކޮންމެ ހިސާބަކުން ވެސް ފާޅުވެދާނެ އެވެ. ނަމަވެސް ކުޑަކުދިންގެ ފުށުން އެންމެ އާންމުކޮށް ބަލީގެ އަސަރު ފެންނަނީ އަތްތިލަ، އުޅަބޮށީގެ އެތެރެ ފަރާތް، ދޯނގިދޮށް، މޫނު އަދި ބޮލުގެ ހަންގަނޑުންނެވެ. އެކްޒީމާ ސަބަބުން ބައެއް ފަހަރު ބަލީގެ އަލާމާތްތައް ލުއިވެފައި، އަނެއްބައި ފަހަރު ބަލީގެ އަލާމާތްތައް ގޯސްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ނުރައްކާތައް

އެކްޒީމާގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ނޭވާހިއްލުން އަދި އެލާޖިކް ރައިނައިޓިސް ހުރުން : އެކްޒީމާ ހުންނަ ކުދިންގެ ތެރެއިން ½ އަށްވުރެ ގިނަ ކުދިންނަށް އުމުރުން 13 އަހަރުވުމުގެ ކުރިން ނޭވާހިއްލުން ނޫނީ އެލާޖިކް ރައިނައިޓިސް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ.

·         އަބަދު ވެސް ހިރުވައި، ކަހާ، ތޮށި ނުވަތަ ހުޅުބުލީ ހަންގަނޑެއްހުރުން (itchy scaly skin) : ނިއުރޯޑާމަޓައިޓިސް ނުވަތަ ލައިކެން ސިމްޕްލެކްސް ކްރޯނިކަސް ފެށިގެން އަންނަނީ ހަމުގައި ނަގާ ހިރުވައި ކަހާ ޕެޗެއްގެ ސިފައިގައެވެ. މިގޮތަށް ހިރުވާ ތަނުގައި ކަހާވަރަކަށް އިތުރަށް ހިރުވައި ކަހާނެ އެވެ. ނަތީޖާއެއްގެ ގޮތުން އަބަދު އެހިސާބު ހިރުވާތީ ކަހަން ބޭނުންވެދާނެ އެވެ. ނޫނީ އަބަދު އަބަދު ކަހަކަހައި ހުންނަށް ޖެހިދާނެ އެވެ. މިގޮތަށް ވުމުން އެހިސާބުގެ ހަމުގެ ކުލަ ބަދަލުވެ، ބޯވެ، ލެދަރުގަނޑެއްހެން ހުރެއެވެ.

·         ހަމުގައި އިންފެކްޝަން ހެދުން (skin infections): ތަކުރާރުކޮށް ކަހައި ހެދުމުން ހަންގަނޑު ހަލާކުވެ، ހަންގަނޑު ފާރުވެ، ތަންތަންކޮޅުން ފަޅައިގެން ގޮސް ރެނދުލާފައި ހުންނަހެން ހުރެއެވެ. މިކަމުގެ ސަބަބުން ބެކްޓީރިޔާ އަދި ވައިރަސް މިސާލަކަށް ހާރޕީޒް ސިމްޕްލެކްސް ވައިރަސް ފަދަ ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ.

·         އިރިޓެންޓް ހޭންޑް ޑާރމަޓައިޓިސް (irritant hand dermatitis): މިމައްސަލަ ބޮޑަށް ކުރިމަތިވަނީ އެކި ކަހަލަ ސައިބޯންޏާއި، ދޮންނަ ކުޑިއާއި، އެއްޗެހި ދޮވެ ސާފުކުރަން ގެންގުޅޭ ތަފާތު ވައްތަރުތަކުގެ އުފެއްދުންތަކުގައި އަތްލައި ހަދަންޖެހޭ ނޫނީ ހަދައި އުޅޭ މީހުންނަށެވެ.

·         އެލާޖިކް ކޮންޓެކްޓް ޑާރމަޓައިޓިސް (allergic contact dermatitis): މިއީ ތަފާތު އެއްޗެހީގައި ޖެހި، އަތްލެވި، ބޭނުންކޮށް ހެދުމުން އެއެއްޗަކާއި ނުގުޅުމެވެ. މިއީ ވެސް އެކްޒީމާ ހުންނަ މީހުންނަށް ވަރަށް ގިނައިން ދިމާވާ ހަމުގެ މައްސަލަ އެކެވެ.

·         ނިދަން އުދަނގޫވުން : ހަމުގައި އުފެދޭ ޕެޗްތަކުގައި ހިރުވައި ކަހާތީ ވަރަށް ގިނަ ފަހަރު ފުރިހަމަ ނިންޖަކުން މިފަދަ ފަރާތްތައް މަހުރޫމު ވެއެވެ.

ދެނެގަތުން

އެކްޒީމާ ހުރިކަން ދެނެގަންނަނީ ބަލިމީހާގެ ފަރާތުން ލިބޭ މައުލޫމާތާއި، ބަލިމީހާގެ ހަންގަނޑު ބަލައި ހެދުމުގެ ތެރޭގައި ފާހަގަ ކުރެވޭ ކަންތައްތަކުގެ އަލީގައެވެ. ބައެއް ފަހަރު ޕެޗް ޓެސްޓު އަދި އެހެން ހަމުގެ ޓެސްޓުތައް އެކްޒީމާ އާއި އެކުގައި އެހެނިހެން ހަމުގެ ބަލިތައް ހުރިތޯ ބެލުމަށް ހަދައިފާނެ އެވެ. ޑޮކްޓަރަށް ދައްކާއިރު އެއްވެސް ކަހަލަ ބޭހަކަށް ނުވަތަ ވަކި ކަހަލަ ކާއެއްޗަކަށް އެލާޖީވެ ނުގުޅޭނަމަ އެވާހަކަ އެއް ވެސް ޑޮކްޓަރުގެ އަރިހުގައި ބުނަންވާނެ އެވެ. އާންމުކޮށް ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.

·         އެލާޖިކް ސްކިން ޓެސްޓު

·         ލޭގެ ޓެސްޓުތައް

·         ހަމުގެ ބަޔޮޕްސީ ހެދުން

ފަރުވާ

އެކްޒީމާ އަކީ ފަހަރުގައި ދިގުމުއްދަތަކަށް ދެމިހުންނަ ބައްޔަކަށް ވެދާނެ އެވެ. ބައެއް ފަހަރު މަސްތަކުން ފެށިގެން އަހަރުތަކެއް ވަންދެން ވެސް އެކި ކަހަލަ ފަރުވާ ތަޖުރިބާކުރަންޖެހިދާނެ އެވެ. ފަރުވާކޮށްގެން އެއްކޮށް ރަނގަޅުވެފައި ހުއްޓައި، އަނެއްކާ ވެސް ބަލީގެ އަލާމާތްތައް ފެނި އުދަނގޫތައް ފެންމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

އެކްޒީމާ ހުރިނަމަ އެކަން ދުރާލާ ކުރީކޮޅު ދެނެގަނެ ފަރުވާ ފެށުމަކީ މުހިއްމު ކަމެކެވެ. ގަވާއިދުން ހަންގަނޑު މޮއިސްޗަރައިޒް ކުރުމާއި، އަމިއްލައަށް ކުރެވޭ އެކި ކަހަލަ ކަންތައްތަކުން ވެސް އެކްޒީމާ އަށް ލުއިކަން ނުލިބިއްޖެނަމަ ތިރީގައިމިވާ ކަންތައްތައް އެކްޒީމާގެ ފަރުވާގެ ގޮތުގައި ޑޮކްޓަރުން ލަފާދީފާނެ އެވެ.

ބޭސްބޭނުންކުރުން

(ހ) - ކެހުން ކޮންޓްރޯލްކޮށް، ހަންގަނޑު މަރާމާތުކޮށްދޭ ކްރީމްތައް : މިގޮތުން ޑޮކްޓަރުން ލިޔެދޭ އެއް ބޭހަކީ ކޯޓިކޯސްޓީރޮއިޑް ކްރީމް ނުވަތަ އޮއިންޓްމަންޓް އެވެ. ސްޓީރޮއިޑް ކްރީމް އުގުޅަންޖެހޭނީ ހަންގަނޑު މޮއިސްޗަރައިޒް ކުރުމަށް ފަހުގައެވެ. މާގިނައިން ސްޓީރޮއިޑް އެކުލެވޭ އުގުޅާ ބޭސް ބޭނުންކުރުމަކީ ހަންގަނޑު ތުނިވާނެ ކަމެކެވެ.

ދެން މިގޮތަށް ބޭނުންކުރެވޭ އަނެއް ބޭހަކީ ކެލްސިނިއުރިން އިންހިބިޓަރ ތަކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ޓެކްރޯލިމަސް އަދި ޕިމެކްރޯލިމަސް ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތަކަކީ ދިފާޢީ ނިޒާމަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކުރާ ބޭސް ތަކެކެވެ. މިބޭސްތައް ބޭނުންކުރެވޭނީ އުމުރުން 2 އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި ބޭސް އުގުޅަންޖެހޭނީ ހަންގަނޑު ރަނގަޅަށް މޮއިސްޗަރައިޒް ކުރުމަށްފަހުގައެވެ. މިބޭސް ބޭނުންކުރާ ދުވަސްވަރު އަވީގެ ތެރޭގައި ގިނައިރު ހޭދަކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

(ށ) - އިންފެކްޝަން އާއި ދެކޮޅަށްދޭ ބޭސްތައް : ހަމުގައި ފާރު، ފަޅައިގެންގޮސްފައިވާ ތަންތަން ނުވަތަ ބެކްޓީރިޔަލް އިންފެކްޝަން ހެދިފައިވާނަމަ އެންޓިބަޔޮޓިކް އުގުޅާ ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ. ފަހަރުގައި ކުރުމުއްދަތަކަށް އެންޓިބަޔޮޓިކް ކާ ބޭސް ވެސް ބޭނުންކުރަން ޖެހިދާނެ އެވެ.

(ނ) - އިންފްލެމޭޝަން ކޮންޓްރޯލްކުރުމަށްދޭ ބޭސްތައް : ވަރަށް ބޮޑަށް ގޯސްވެގެންދާ އެކްޒީމާގެ ހާލަތުގައި އުފެދޭ އިންފްލެމޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި ކޯޓިކޯސްޓީރޮއިޑް ގުޅަ ބޭސް މިސާލަކަށް ޕްރެޑްނިސޯލޯން ފަދަ ބޭސްތައް ބޭނުންކުރުމަށް ދީފާނެއެވެ. މިބޭސްތަކުގެ ނޭދެވޭ އަސަރު ބޮޑުކަމުން ދިގުމުއްދަތަކަށް މިބޭސްތައް ބޭނުންކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.

(ރ) - އަލަށް ބޭނުންކުރެވޭ ބޭސްތައް : އަލަށް ބޭނުންކުރެވޭ ބޭސްތަކުގެ ތެރެއިން އެއް ބޭހަކީ މޮނޯކޮލޯނަލް އެންޓިބޮޑީ އެއް ކަމުގައިވާ ޑުޕިލުމެބް އެވެ. މިބޭސްތައް ބޭނުންކުރަނީ އާންމުކޮށް ބޭނުންކުރާ އެހެން ބޭސްތަކަށް ވެސް ބަލީގެ އުނދަގޫތައް ނުގުޑިނަމަ އެވެ.

ފަރުވާތައް

(ހ) - ވެޓް ޑްރެސިންގ (wet dressing): މިއީ އެކްޒީމާއަށް ދީއުޅޭ ވަރަށް އެކަށޭނަ ފަރުވާ އެކެވެ. މީގައި ހަދާގޮތަކީ އެކްޒީމާގެ އަސަރު ހުރި ހިސާބުގައި ކޯޓިކޯސްޓީރޮއިޑް އުގުޅުމަށްފަހު، ވެޓް ބެންޑޭޖް އޭގެ މަތިން އަޅައި ބެންޑޭޖް ކޮށްލަނީ އެވެ. ބައެއް ފަހަރު މާބޮޑަށް އެކްޒީމާގެ އަސަރު (ބޮޑަށް ފެތުރިފައިވާނަމަ) ހުރިނަމަ މިކަން ހަސްފަތާލުގައި ބާއްވައިގެން ވެސް ކުރެވެއެވެ.

(ށ) - ލައިޓް ތެރަޕީ ނުވަތަ ފޮޓޯތެރަޕީ (light therapy): މިފަރުވާ ދެނީ އާންމު ގޮތެއްގައި ޓޮޕިކަލް ޓްރީމަންޓް ދީގެން ރަނގަޅުނުވާ، ނޫނީ ރަނގަޅުވުމަށްފަހު އަނެއްކާ ވެސް އަވަހަށް އެކްޒީމާގެ ހާލަތު ގޯސްވާ މީހުންނަށެވެ. މިފަރުވާގައި ވަކި އިރެއް ވަންދެން ނޫނީ ވަކި މިންވަރަކަށް އަލީގެ ދޯދި ތަކަށް ހަންގަނޑު ހުށަހެޅެއެވެ. ބައެއް ފަހަރު މަޞްނޫޢީ އަލްޓްރާ ވައިލެޓް އޭ(UVA) ނޫނީ ނެރޯ ބޭންޑް އަލްޓްރާ ވައިލެޓް ބީ(UVB) މިފަރުވާގެ ގޮތުގައި ބޭނުންކުރެވެއެވެ. ނޫނީ ދީއުޅެއެވެ.

(ނ) - ކައުންސެލިންގ ނެގުން  (counselling): ދިމާވެފައިވާ ހަމުގެ މައްސަލައިގެ ސަބަބުން މާބޮޑަށް ހާސްވެ، ކަންބޮޑުވެ، ފިކުރުބޮޑުވާނަމަ ކައުންސެލަރަކާއި ވާހަކަ ދައްކާލުން ރަނގަޅެވެ. އޭރުން ދިމާވެފައިވާ ހިތްހަމަނުޖެހުމާއި، ނުތަނަވަސްކަން ފިލައިދިއުމަށް އެހީތެރިކަމެއް ލިބިދާނެ އެވެ.

ރައްކާތެރިވުން

އެކްޒީމާ އިން ރައްކާތެރިވުމަށް (އެކްޒީމާ ކުރިމަތިވުމަށްފަހު އިތުރަށް އޭގެ އުދަނގޫތައް ގޯސްވިޔަނުދީ ކުޑަކުރުމަށްޓަކައި)  އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.

(ހ) - ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު ހަންގަނޑު މޮއިސްޗަރައިޒްކުރުން : ހަންގަނޑު މޮއިސްޗަރައިޒުކުރުމަށް ކްރީމް، ލޯޝަން، އޮއިންޓްމަންޓް ފަދަ ތަކެތި ބޭނުންކުރެވިދާނެ އެވެ. އެކިކަހަލަ ބާވަތްތައް ބޭނުންކޮށްގެން އަމިއްލަ ހަންގަނޑާއި ގުޅޭ ރަނގަޅު ބާވަތެއް ޚިޔާރުކުރުން މުހިއްމެވެ. ތުއްތު ކުދިންނަށް ޕެޓްރޯލިއަމް ޖެލީ ފަދަ ތަކެތި ބޭނުންކުރުމުން އެކްޒީމާ ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދީފާނެއެވެ.

(ށ) - ހަމުގެ މައްސަލަ ނޫނީ އެކްޒީމާ އިތުރަށް ގޯސްވެދާނެ ފަދަ ތަކެތި ފާހަގަކޮށް، އެއެއްޗެހި ތަކާއި ދުރުހެލިވުން : އެގްޒީމާ އާއި ގުޅިގެން އުފެދޭ ހަމުގެ މައްސަލަ އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަންތައްތަކާއި އެއްޗެހީގެ ތެރޭގައި ސްޓްރެސްވުން، މާބޮޑަށް ފަލަވުން، ފޮނިކާތަކެތި، ސައިބޯނި، ދޮންނަކުޑި، ދިޔާ އޯމޯގެ ބާވަތްތައް، ހިރަފުސް، މަލުކުޑި، ފަދަ ބާވަތްތައް ހިމެނެއެވެ. އެހެންކަމުން މިފަދަ ތަކެތި ފާހަގަކޮށް އެތަކެއްޗާއި ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ.

ތުއްތު ކުދިންނާއި، ކުޑަކުދިންނަށް ބައެއް ކަހަލަ ކާނާގެ ބާވަތްތައް ބޭނުންކުރުމުން ވެސް ހަމުގެ މައްސަލަ އިތުރަށް ގޯސްވެގެން ހިނގައިދާނެ އެވެ. މިފަދަ ބާވަތްތަކުގެ ތެރޭގައި ކުކުޅުބިސް، ކިރު، ގޮދަން، އަދި ސޯއީ ފަދަ ބާވަތްތައް ހިމެނެއެވެ.

(ނ) - ފެންވެރުމަށް ގިނައިރު ހޭދަނުކުރުން : ފެންވަރުމަށް ހޭދަކުރާ ވަގުތު ކުޑަކުރުން މުހިއްމެވެ. އެގޮތުން ފެންވެރުމަށް 15-10 މިނިޓް ތެރޭ ފެންވަރައި ނިންމާލެވޭތޯ ބަލާށެވެ. ފެންވަރާއިރު ހޫނު ފެނުގެ ބަދަލުގައި ތާފަނާ ފެން ބޭނުންކުރުން މުހިއްމެވެ.

(ރ) - އާދައިގެ ސައިބޯނި ބޭނުންކުރުން ނުވަތަ މާބާރުގަދަ ސައިބޯނި ބޭނުންނުކުރުން : އެކްޒީމާ ފަދަ މައްސަލަ ތައް ހުންނަ މީހުން އެންމެ ރަނގަޅީ އާދައިގެ މާބާރުގަދަ ނޫން ސައިބޯނި ބޭނުންކުރުމެވެ. މާބާރުގަދަ އެކި ކަހަލަ ވަސްތައް ހުންނަ ސައިބޯނި ތަކުގެ ސަބަބުން ހަމުގައި ހުންނަ ތަބީޢީ ތެޔޮކަން ދުއްވާލައި، ހަންގަނޑު ހިކޭގޮތް މެދުވެރި ކުރުވައެވެ.

(ބ) - ފެންވެރުމަށްފަހު ފަރުވާތެރިކަމާއެކު ފެންހިއްކުން : ފެންވެރުމަށްފަހު ސާފު ތުވާއްޔަކުން ފެންހިއްކުމަށްފަ ހަންގަނޑުގައި ތެތްކަނެއް ހުއްޓައި މޮއިސްޗަރައިޒިންގ ކްރީމް ފަދަ ތަކެތި އުގުޅުމަކީ މުހިއްމު ކަމެކެވެ.

ގޭގައި ކުރެވިދާނެ ކަންތައްތައް

(ހ) ދުވާލަކު 2 ފަހަރު ހަންގަނޑު މޮއިސްޗަރައިޒްކުރުން : ތިމާގެ ހަންގަނޑާއި ގުޅޭ މޮއިސްޗަރައިޒަރ އެއް އަމިއްލަ ހޯދުން މުހިއްމެވެ. މޮއިސްޗަރައިޒަރ ގެ ގޮތުގައި ބާތު އޮއިލް، ކްރީމް، އޮއިންޓްމަންޓް، ނޫނީ ސްޕްރޭ ވެސް ބޭނުންކުރެވިދާނެ އެވެ. ކުޑަކުދިންނަށް ދުވާލަކު 2 ފަހަރު މޮއިސްޗަރައިޒަރ އުގުޅާއިރު ރޭގަނޑު ނިދުމުގެ ކުރިން މޮއިސްޗަރައިޒިންގ އޮއިންޓްމަންޓް އެއް އުގުޅާށެވެ. އަދި ސުކޫލަށް ދިއުމުގެ ކުރިން މޮއިސްޗަރައިޒިންގ ކްރީމް އެއް އުގުޅާށެވެ.

(ށ) ހިރުވައި ކެހުން ކުޑަކޮށްދޭ ކްރީމް އެއް އުގުޅުން : އެކްޒީމާގެ އަސަރު ހުރި ހިސާބުގައި ހިރުވައި ކެހުން ކުޑަކޮށްދޭ ކްރީމް އެއް އުގުޅިދާނެ އެވެ. އެގޮތުން ކުރު މުއްދަތަކަށް ހައިޑްރޯކޯޓިޒޯން %1 ހިމެނޭ ކްރީމް އެއް އުގުޅިދާނެ އެވެ. މިގޮތަށް އުގުޅާއިރު ހައިޑްރޯކޯޓިޒޯން އުގުޅަންވާނީ ގިނަވެގެން ދުވާލަކު 2 ފަހަރު، އަދި މޮއިސްޗަރައިޒިންގ ކްރީމް އެއް އުގުޅުމަށްފަހު ގައެވެ. މިގޮތަށް މޮއިސްޗަރައިޒަރ އުގުޅުމަށް ފަހު ބޭހުގެ ގޮތުގައި ބޭނުންކުރާ ބޭސް އުގުޅުމަކީ ހަމުގެ ތެރެއަށް ބޭހުގެ ގޮތުގައި އުގުޅި ބޭސް ދަމައިގަތުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. އެދުވަސްވަރަކަށް މިކްރީމް އުގުޅުމުން ހަމުގައި ހުރި އެކްޒީމާގެ އަސަރު ފިލައިދިޔަސް، ދޭތެރެ ދޭތެރެއިން މިކްރީމް އުގުޅައިހެދިދާނެ އެވެ.

(ނ) ހިރުވައި ކެހުން ކުޑަކޮށްދޭ ކާ ބޭސް ބޭނުންކުރުން : މިގޮތަށް ހިރުވައި ކެހުން ކުޑަކުރުމަށް ދީއުޅޭ ބޭސްތަކުގެ ތެރޭގައި ފެކްސޯފެނަޑިން، ސެޓްރިޒިން ފަދަ އެންޓިހިސްޓަމައިންގެ ތެރޭގައި ހިމެނޭ ބޭސްތައް ހިމެނެއެވެ. މީގެ އިތުރުން ޑައިފެންހައިޑްރަމައިން އަދި ފެނިރަމައިން ފަދަ ބޭސްތައް ހިމެނެއެވެ.

(ރ) އެކްޒީމާގެ އަސަރުހުރި ހިސާބުތައް ކަހައި ނުހެދުން : ހަންގަނޑު ހިރުވުމުން ކެހުމުގެ ބަދަލުގައި ހަމަށް ފިއްތައި ހެދޭތޯ ބަލާށެވެ. ނުކަހައި ނުހުރެވޭނަމަ ހިރުވާ ހިސާބު އެއްޗަކުން ނިވާކޮށް ފޮރުވާލާށެވެ. ކުޑަކުދިންނަށް ނިޔަފަތި ކުރުކޮށް ކެނޑުމާއި، ނިދަން ވުމުން އަތަށް އަންގިއެއް ފަދަ އެއްޗެއް ލެއްވުމުން ހިރުވައި، ކެހުން ކުޑަކުރުމަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބިގެންދާނެ އެވެ.

(ބ) ބެންޑޭޖްކުރުން : ހަމުގައި އެކްޒީމާގެ އަސަރު ހުރި ހިސާބު ބެންޑޭޖް ކުރުމަކީ ހިރުވައި ކެހުން ކުޑަކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ޅ) ތާފަނާ ފެނުން ފެންވެރުން : ތާފަނާ ފެނުން ފެންވަރާއިރު ބޭކިން ސޮޑާ ފަދަ އެއްޗެއް ބާތު ޓަބް ތެރެއަށް އަޅައި، އެފެނުގެ ތެރޭގައި 15-10 މިނިޓް ވަރު ހޭދަކުރެވިދާނެ އެވެ. އެއަށްފަހު ފެންހިއްކައި، ހަންގަނޑުގައި ތެތްކަން ހުއްޓައި، މޮއިސްޗަރައިޒިންގ ކްރީމް އުގުޅަންޖެހޭނެ އެވެ.

(ކ) ފެންވަރައި ސާފުތާހިރުވުމަށް މާބާރުގަދަ ނޫން އާދައިގެ ސައިބޯނި ބޭނުންކުރުން : ފެންވަރައި ނިމޭއިރު ސައިބޯނީގެ އަސަރު ރަނގަޅަށް ފިލުވައިލަން ވާނެއެވެ. ފެޓް ގިނައިން އެކުލެވޭ، ނޮންއަލްކަލައިން ސައިބޯންޏެއް ޚިޔާރުކުރުން ރަނގަޅެވެ.

(އ) ގޭގައި ހިޔުމިޑިފަޔަރ އެއް ބޭނުންކުރުން : ގޭތެރޭގައި ހުންނަ ހޫނު ވައިގެ ސަބަބުން ހަންގަނޑު ހިރުވައި ކެހުން އިތުރުކޮށްދެއެވެ. ހިޔުމިޑިފަޔަރ އެއް ބެހެއްޓުމުން ގޭތެރޭގައި ފިނިކަން ނުވަތަ ތެތްކަން އެކަށޭނަ މިނެއްގައި ހިފަހައްޓައިދެއެވެ.

(ވ) އެހާ ހޫނުނުވާ އޮމާންކޮށް ހުންނަ ފޮތީގެ އަންނައުނުލުން : ގައިގައި މާބޮޑަށް ކޭތޭގޮތަށް ހުންނަ ކުރަކި  އަންނައުނު ލުމުން ހަމުގައި އެކްޒީމާގެ އަސަރު ހުރި ހިސާބުގައި ހޭކި އިތުރަށް ގޯސްވާގޮތް ވެއެވެ. ކަސްރަތުކުރާ އިރު ވެސް އަދި ހޫނު މޫސުމުގައި ވެސް މާބޮޑަށް ހޫނުވާނެ، އަދި ދާހިއްލުން ކުޑަކުރެވޭނެ ގޮތަކަށް ހެދުން އެޅުން މުހިއްމެވެ.

(މ) ހާސްވެ ކަންބޮޑުވުމާއި، ފިކުރުތަކުން ދުރުހެލިވުން : ހާސްވެ ކަންބޮޑުވުމާއި، ފިކުރުބޮޑުވުމަކީ އެކްޒީމާގެ އަސަރު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމެކެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://www.mayoclinic.org/diseases-conditions/atopic-dermatitis-eczema/symptoms-causes/syc-20353273

https://www.nhs.uk/conditions/atopic-eczema/

https://my.clevelandclinic.org/health/diseases/9998-eczema 

Sunday, September 19, 2021

ސްޕޯޓްސް ހާނިއާ

ސްޕޯޓްސް ހާނިއާ

ސްޕޯޓްސް ހާނިއާ(sports Hernia) އަކީ އުކުޅުވަޅު ގައި ހުންނަ މަސްތައް، ލިގަމެންޓްތައް ނުވަތަ މަޑުކަށިތައް ފަދަ މަޑު ސެލޯށި(soft tissue)  ތަކަށް ލިބޭ ރިހުންގަދަ އަނިޔާ އެކެވެ. ސްޕޯޓްސް ހާނިއާ އަށް ބައެއް ފަހަރު "އެތުލެޓިކް ޕިޔުބަލްޖިއާ"(athletic pubalgia)  މިހެން ވެސް ކިޔައި އުޅެއެވެ. އާންމު ގޮތެއްގައި ސްޕޯޓްސް ހާނިއާ ކުރިމަތިވަނީ ކުޅިވަރު ކުޅުމުގެ ތެރޭގައި ގެނެވޭ ކުއްލި ހަރަކާތަކުންނެވެ. ސްޕޯޓްސް ހާނިއާ އަށް "ހާނިއާ"(hernia)  މިނަމުން ކީ ނަމަވެސް މިއީ ހަގީގަތުގައި އާންމުކޮށް ކުރިމަތިވާ ހާނިއާ ފަދަ ހާނިއާއެއް ނޫނެވެ. ސްޕޯޓްސް ހާނިއާގެ ސަބަބުން އަންނަ ތަދާއި، ބާރުވުމަކީ ނުވަތަ ޕްރެޝަރަކީ ބަނޑުގެ މަސްފަށަލަ ދެފަރާތަށް ޖެހި އުފެދޭ ހޮއިން ކުޑަ ގޮހޮރު ނުވަތަ މަޑު ސެލޯއްޓެއް ބޭރަށް ނިކުތުމުގެ ބަދަލުގައި  ޅިނދުކަށިގަނޑާއި ތަތްވެ ހަރުލާފައިވާ ޓެންޑަންތައް ވީދައިގެން ދިއުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.


ސްޕޯޓްސް ހާނިއާގެ ސަބަބުން އާންމުކޮށް ބަނޑުގައި އުފެދޭ ހާނިއާ ތަކަށް މަގުފަހިކުރި ނަމަވެސް ، ސްޕޯޓްސް ހާނިއާ އާއި، ބަނޑުގައި އުފެދޭ ހާނިއާ ތަކާއި މިއީ މުޅިން ތަފާތު ދެކަމެކެވެ. ސްޕޯޓްސް ހާނިއާ އަކީ ދަށްބަނޑުގެ ނޫނީ އުކުޅުވަޅުގެ މަޑު ސެލޯށި (މަސް، މަޑުކަށި، ލިގަމެންޓް) ތަކުގައި އުފެދޭ ރިހުމެއް، ނޫނީ އެއިން ސެލޯއްޓެއް ވީދައިގެން ދިއުން ފަދަ ކަމެކެވެ.

އެނަޓޮމީ

ސްޕޯޓްސް ހާނިއާ އަސަރު އެންމެ ބޮޑަށް ކުރާ މަޑު ސެލޯއްޓަކީ ދަށްބަނޑުގައިވާ އޮބްލިކިޔޫ މަސްގަނޑެވެ. މީގެ އިތުރުން އޮބްލިކިޔޫ މަސްގަނޑު ޅިނދުކަށިގަނޑާއި ތަތްކޮށްދޭ ޓެންޑަން އަށް ވެސް ސްޕޯޓްސް ހާނިއާގެ އަސަރު ކުރެއެވެ. މީގެ އިތުރުން ވަރަށް ގިނަ ފަހަރު ސްޕޯޓްސް ހާނިއާގައި ފައިގެ ފަލަމަސްގަނޑުގެ މަސްތައް ޅިނދުކަށިގަނޑާއި ތަތްކޮށްދޭ ޓެންޑަން ތައް ވީދި، ނޫނީ ދެމެންޖެހޭ ވަރަށްވުރެ ބޮޑަށް ދެމި ގެއްލުންވާގޮތް ވެއެވެ.

ސަބަބު

ސްޕޯޓްސް ހާނިއާ ކުރިމަތިވަނީ ކުޅިވަރު ކުޅުމުގެ ތެރޭގައި ގެނެވޭ ހަރަކާތެއްގެ ސަބަބުން ޚާއްޞަކޮށް ޅިނދު ފުރޮޅިދާނެ ފަދަ ހަރަކާތެއްގެ(twisting movement in pelvis)  ސަބަބުން ދަށްބަނޑުގެ ނޫނީ އުކުޅުވަޅުގެ މަޑު ސެލޯށި (މަސް، މަޑުކަށި، ލިގަމެންޓް) ތަކުގެ ތެރެއިން ސެލޯއްޓެއް ވީދި، ގެއްލުންވެ، އަނިޔާވުމުންނެވެ. އާންމު ގޮތެއްގައި ސްޕޯޓްސް ހާނިއާ ކުރިމަތިވަނީ ބޮޑަށް ހަރަކާތްތެރިވެ އުޅެންޖެހޭ ކުޅިވަރުތަކުގެ ސަބަބުންނެވެ. މިފަދަ ކުޅިވަރުތަކުގެ ތެރޭގައި ހޮކީ، ފުޓްބޯޅަ، އެމެރިކަން ފުޓްބޯޅަ، ދިގުފުއްމުން، ދުވުން، ސްކިންގ އަދި ރެސްލިންގ ފަދަ ކުޅިވަރުތައް ހިމެނެއެވެ. ސްޕޯޓްސް ހާނިއާގައި އެންމެ ބޮޑަށް ގެއްލުންވާ އެކައްޗަކީ އޮބްލީކިޔޫ މަސްކޮޅާއި، ޅިނދުކަށިގަނޑު ގުޅުވައިދޭ ޓެންޑަން އެވެ. މީގެ އިތުރުން ސްޕޯޓްސް ހާނިއާގެ ބައެއް ވޭދަނަ ތަކުގައި ފައިގެ ފަލަމަސްގަނޑުގެ މަސްތައް ޅިނދުކަށިގަނޑާއި ގުޅުވައިދޭ ޓެންޑަންތައް މާބޮޑަށް ދެމި، ވީދި، އަނިޔާވާގޮތް ވެއެވެ.

އަލާމާތްތައް

ސްޕޯޓްސް ހާނިއާ ގެ ސަބަބުން އަނިޔާ ލިބޭ ވަގުތު ވަރަށް ބޮޑަށް އުކުޅުވަޅުގައި ރިއްސާނެ އެވެ. އަރާމުކުރުމުން ރިހުން ކުޑަވި ނަމަވެސް އަނެއްކާ ވެސް ކުޅިވަރުގެ ހަރަކާތެއްގައި ބައިވެރިވުމުން ރިހުން ގަދަވާނެ އެވެ. ޚާއްޞަކޮށް ކުޅިވަރުގެ ތެރޭގައި ގެނެވޭ ހަރަކާތްތަކުގެ ތެރެއިން "ޓްވިސްޓިންގ މޫވްމަންޓް"(twisting movements) ތައް ކުރިމަތިވުމުން މިފަދަ ރިހުން އިތުރުވާނެ އެވެ.

ސްޕޯޓްސް ހާނިއާގެ ސަބަބުން އާންމު އެހެން ހާނިއާތަކޭ އެއްފަދައިން އުކުޅުވަޅުގައި ފުއްޕުމެއް ނުވަތަ ދުޅައެއް ނުއުފެދޭނެ އެވެ. ނަމަވެސް ސްޕޯޓްސް ހާނިއާ ކުރިމަތިވެ ގިނަ ދުވަސްވުމުން އިންގުއައިނަލް ހާނިއާ ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. އަދި އެގޮތުން އިންގުއައިނަލް ހާނިއާ ކުރިމަތިވެއްޖެނަމަ، ހާނިއާގެ ދުޅަ ނުވަތަ ފުއްޕުން ބޭރަށް ނިކުމެ ފެންނަށް ހުންނާނެ އެވެ.

ފަރުވާނުކޮށްފިނަމަ، އުކުޅުވަޅުގައި ސްޕޯޓްސް ހާނިއާ ގެ ސަބަބުން އުފެދުނު ރިހުން، ދާއިމީ ކަމަކަށް ބަދަލުވެ، އެކަމުގެ ސަބަބުން އާންމުކޮށް ކުޅިވަރުތައް ކުޅެއުޅުމުން މަހުރޫމު ވާނެ އެވެ.

ދެނެގަތުން

އެންމެ ފުރަތަމަ ޑޮކްޓަރުން ކުރާނެ ކަމަކީ ކުޅިވަރުކުޅުމުގެ ތެރެއިން އަނިޔާވި ގޮތް ބަލިމީހާގެ ކިބައިން އަހައި ސާފުކޮށް އޮޅުން ފިލުވާނީ އެވެ. އެއަށްފަހު ޖިސްމާނީ ގޮތުން ބަލާ ބެލުމުގައި އުކުޅުވަޅުގައި ނުވަތަ ޅިނދުކަށިގަނޑާއި ދިމާލުގައި އަތްޖައްސައި، ނޫނީ ބީހިލާ ހެދުމުން ރިހުމެއް ނުވަތަ ތަދެއް ހުރިތޯ ދެނެގަންނާނެ އެވެ. ގިނަ ފަހަރު ސްޕޯޓްސް ހާނިއާ ކުރިމަތި ވިޔަސް އެހެން ހާނިއާ ތަކުގައި ހުންނަހެން ހާނިއާގެ ދުޅަ ބޭރަށް ނިކުމެ ފުއްޕާފައި ، ފެންނާކަށް ނުހުންނާނެ އެވެ.

ފިޒިކަލް ޓެސްޓު : ސްޕޯޓްސް ހާނިއާ ކުރިމަތިވެފައިވާނަމަ ރެސިސްޓެޑް ސިޓް އަޕް ހެދުމުން ނޫނީ ހަދާއިރު ވަރަށް ބޮޑަށް އުކުޅުވަޅުގައި ރިއްސާނެ އެވެ.

އިމޭޖިންގ ޓެސްޓު : ފިޒިކަލް ޓެސްޓު ހެދުމަށްފަހު ސްޕޯޓްސް ހާނިއާ ހުރިތޯ ބެލުމަށް އެކްސްރޭ ނޫނީ މެގްނެޓިކް ރިސޮނަންސް އިމޭޖިންގ(MRI) ހެދުމަށް ލަފާދީފާނެ އެވެ. އަދި ބައެއް ފަހަރު ބޯން ސްކޭން(bone scan)، އަދި އެހެނިހެން ބައެއް ޓެސްޓުތައް ވެސް ހަދަން ބުނެފާނެ އެވެ. މިޓެސްޓުތަކުގެ އެހީގައި ކަށިތައް، ފަތިނާރުތައް، އަދި އެހެނިހެން މަޑު ސެލޯށި ތަކަށް އަނިޔާވެފައިވޭތޯ ބަލައި ދެނެގަނެވޭނެ އެވެ. މަސްތަކާއި ، ލިގަމެންޓް ތަކާއި، ޓެންޑަން ތަކުގައި ވީދުމުން ހުރިކަން ދެނެގަނެވޭނެ އެންމެ ފަސޭހަ ގޮތަކީ އެމްއާރުއައި ހެދުމެވެ.

ފަރުވާ

ސާޖަރީ ނޫން ފަރުވާތައް

އަރާމުކުރުން : ސްޕޯޓްސް ހާނިއާގެ ސަބަބުން އަނިޔާ ލިބޭތާ ފުރަތަމަ 10-7 ދުވަހާއި ދެމެދުގެ ތެރޭގައި އައިސް ޖެއްސުމާއި އެކު އަރާމުކޮށް ހެދުމުން ލުއިކަން ލިބޭކަން ފާހަގަ ކުރެވެއެވެ. އުކުޅުވަޅުގައި ފުއްޕުމެއް އިންނަމަ، ކޮމްޕްރެޝަން(compression)  ނޫނީ ރެޕް އެއް ބޭނުންކުރުމުން ރިހުމަށް ލުއިކަން ލިބެއެވެ.

ފިޒިކަލް ތެރަޕީ: ސްޕޯޓްސް ހާނިއާގެ ސަބަބުން އަނިޔާ ލިބޭތާ 2 ހަފްތާ ފަހުން ފިޒިކަލް ތެރަޕީގެ ކަސްރަތުތައް ފެށިދާނެ އެވެ. މިކަސްރަތުތަކުގެ ސަބަބުން ފައިގެ ފަލަމަސްގަނޑުގެ އެތެރެ ފަރާތާއި، ބަނޑުގެ މަސްތަކުގެ ބާރުގަދަވެ، ފަހެލިކަން އިތުރުކޮށް ދެއެވެ.

ތަދުކަނޑުވާ ބޭސް ބޭނުންކުރުން : ސްޕޯޓްސް ހާނިއާ ގެ ސަބަބުން އުފެދިފައިވާ ދުޅައާއި ރިހުން ކުޑަކުރުމަށްޓަކައި ޑޮކްޓަރުން ތަދުކަނޑުވާ ބޭސްތައް ލިޔެދީފާނެ އެވެ. ދިގުމުއްދަތަކަށް އުދަނގޫތައް ހުރިނަމަ، ބައެއް ފަހަރު ސްޓީރޮއިޑް އިންޖެކްޝަން(cortisone)  ޖެހުމަށް ލަފާދީފާނެއެވެ.

ސްޕޯޓްސް ހާނިއާ ގެ ވަރަށް ގިނަ ވޭދަނަ ތަކުގައި 6-4 ހަފްތާގެ މުއްދަތަށް ފިޒިކަލްތެރަޕީގެ ކަސްރަތުތައް ކުރުމުން ރިހުން ލުއިވެ، އަނބުރާ ކުޅިވަރު ކުޅެން ފެށެއެވެ. ނަމަވެސް ކުޅިވަރު ކުޅެން ފެށުމުން އަލުން އަނބުރާ ރިއްސަން ފަށައިފިނަމަ، ސާޖަރީ ހަދަން ޖެހޭނެ އެވެ.

ސާޖަރީ ހެދުން

ސްޕޯޓްސް ހާނިއާގެ ސަބަބުން އުކުޅުވަޅުގައި ވީދިފައިވާ ސެލޯށި ރަަނގަޅުކުރުމަށްޓަކައި އޮޕަރޭޝަން ކުރެވެނީ ކުރާގޮތަށް ފަޅާލައިގެން(ކަފާލައިގެން)، ނުވަތަ ލޯވަޅު ތޮރުފައިގެންނެވެ. ކަފާލައިގެން ކުރާ އޮޕަރޭޝަންކުރުމަށް ވަރަށް ދިގުކޮށް ކަފާލާކަން ފާހަގަ ކުރެވެއެވެ. ލޯވަޅު ތޮރުފައިގެން އޮޕަރޭޝަން ކުރުމަށްޓަކައި ކުޑަ ކުޑަ 3-2 ތަންކޮޅު ކަފާލުމަށްފަހު އެތަންތަނުގެ ތެރެއިން އެންޑޯސްކޯޕް އަދި އޮޕަރޭޝަން ކުރުމަށް ބޭނުންކުރެވޭ އަދަވާތްތައް އެތެރެކޮށް އޮޕަރޭޝަން ކުރިޔަށް ގެންދެވެއެވެ. ކޮންމެ ގޮތަކަށް އޮޕަރޭޝަން ކުރިނަމަވެސް އޭގެ ނަތީޖާ ދާދި އެއްގޮތް ކަން ފާހަގަ ކުރެވެއެވެ.

ސްޕޯޓްސް ހާނިއާ ގެ ބައެއް ވޭދަނަ ތަކުގައި އޮޕަރޭޝަންކުރާއިރު އުކުޅުވަޅުގައި އިންނަ ކުޑަ ފަތިނާރެއް(inguinal nerve)  ބުރިކޮށްލަންޖެހެއެވެ. މިގޮތަށް ހަދަނީ ބަލިމީހާއަށް އިހުސާސްކުރެވޭ ތަދު ކުޑަކޮށް ލުއިކޮށްދިނުމަށް ޓަކައެވެ. މިފަތިނާރު ބުރިކޮށްލުމަށް ކިޔަނީ "އިންގުވައިނަލް ނިއުރެކްޓަމީ"(inguinal neurectomy) އެވެ.

ސްޕޯޓްސް ހާނިއާގެ އޮޕަރޭޝަނަށް ފަހު ގިނަ މީހުންނަށް ގާތްގަނޑަކަށް 12-6 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ ކުޅިވަރުތައް ކުޅެން ފެށޭނެ އެވެ. ސްޕޯޓްސް ހާނިއާ އަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން ގާތްގަނޑަކަށް %90 މީހުންނަށް އަނބުރާ ކުޅިވަރުތައް ކުޅެން ފެށުމުގެ ގާބިލިއްޔަތު ލިބިގެން ދެއެވެ. ސްޕޯޓްސް ހާނިއާގެ ފަރުވާއަށްފަހު ބައެއް މީހުންގެ މަޑު ސެލޯށި ކުޅިވަރު ކުޅެން ފެށުމުން އަނެއްކާ ވެސް ވީދި، އޮޕަރޭޝަން ކުރަންޖެހޭކަން ފާހަގަ ކުރެވެއެވެ.

ބައެއް މީހުންނަށް އޮޕަރޭޝަނަށް ފަހު ވެސް ފައިގެ ފަލަމަސްގަނޑުގެ އެތެރޭ ފަރާތުގައި ރިހުން ހުރެދާނެ އެވެ. މިގޮތަށް ހުންނަ ރިހުން ކުޑަކޮށް ދުއްވާލުމަށްޓަކައި އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިދާނެ އެވެ. މިއޮޕަރޭޝަނަށް ކިޔަނީ "އެޑަކްޓަރ ޓިނޮޓަމީ" (adductor tenotomy)އެވެ. މިއޮޕަރޭޝަނުގައި ފައިގެ ފަލަމަސްގަނޑުގެ އެތެރޭ މަސްގަނޑުތައް ޅިނދުކަށީގަނޑާއި ތަތްކޮށްދޭ ޓެންޑަން ކަޑައި ބުރިކޮށްލެެވެއެވެ. ބުރިކޮށްލެވުނު ޓެންޑަން ފަސޭހަވުމަށް ގިނަ ދުވަސް ނެގި ކަމުގައި ވިޔަސް، ފަސޭހަވުމުން ބަލިމީހާއަށް ލުއިކަން ލިބިގެންދާކަން ފާހަގަ ކުރެވެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://orthoinfo.aaos.org/en/diseases--conditions/sports-hernia-athletic-pubalgia/

https://www.hopkinsmedicine.org/health/conditions-and-diseases/hernias/sports-hernia

https://www.sports-health.com/sports-injuries/groin-injuries/understanding-sports-hernia-athletic-pubalgia 

އިންގުއައިނަލް ހާނިއާ (ވައިފޭބުން)

އިންގުއައިނަލް ހާނިއާ (ވައިފޭބުން)

އިންގުއައިނަލް ހާނިއާ(inguinal hernia)  އަކީ ހާނިއާގެ އެންމެ އާންމު ވައްތަރެވެ. މިއީ އުކުޅުވަޅުގައި އުފެދޭ ހާނިއާ އެކެވެ.އިންގްއައިނަލް ހާނިއާ އަކީ އުފެދުމުގައި ބަނޑުގެ މަސްފަށަލައިގައި ހުރެފާނެ ނޫނީ ހުރި ދެރަކަމެއްގެ ސަބަބުން ކުރިމަތިވެދާނެ ކަމެކެވެ. ނުވަތަ މިއީ އުމުރުން ދުވަސްވުމުން ކުރިމަތިވެދާނެ ކަމެކެވެ. އާންމު ގޮތެއްގައި އިންގްއައިނަލް ހާނިއާ ފާހަގަވާނީ އުކުޅުވަޅުގައި އުފެދޭ ދުޅައެއް ނުވަތަ ފުއްޕުމެއްގެ ގޮތުގައި ނޫނީ އުރަވަޅި ދުޅަވެ ބޮޑުވެ، ވައިފޭބުމުގެ ގޮތުގައެވެ.


ހާނިއާގެ އެންމެ އާންމު ވައްތަރަކީ މިއީ އެވެ. އަންހެނުންނަށްވުރެ ބޮޑަށް މިވައްތަރުގެ ހާނިއާ ކުރިމަތިވަނީ ފިރިހެނުންނަށްކަން ފާހަގަ ކުރެވެއެވެ. އެއީ އުފެދުމުގައި ފިރިހެނުންގެ ހަށިގަނޑުގެ މިހިސާބުގައި (ދަށްބަނޑާއި އުކުޅުވަޅު ހިމެނޭ ހިސާބު) ދެރަކަމެއް ހުންނާތީ އެވެ. މިއީ އުކުޅުވަޅުގެ ތެރޭގައި އުފެދޭ ހާނިއާ އެކެވެ. އުކުޅުވަޅުގައި އުފެދޭ ހާނިއާގެ ތެރެއިން %96 ހާނިއާ އަކީ އިންގްއައިނަލް ހާނިއާ އެވެ. އުމުރުން ދުވަސްވުމާއި، ތަކުރާރުކޮށް ބަނޑަށް ޕްރެޝަރު އަންނަ ފަދަ ކަންތައްތައް މިސާލަކަށް ބަރުތަކެތި އުފުލައިހެދުން ކަންކަމުގެ ސަބަބުން މިވައްތަރުގެ ހާނިއާ ކުރިމަތިވެދާނެ އެވެ.

ފިރިހެނުންގެ ހަށިގަނޑުގައި "އިންގްއައިނަލް ކެނަލް" އަކީ "ސްޕަމެޓިކް ކޯޑް"(spermatic cord)  އަދި ލޭހޮޅިތައް އުރަވަޅި އާއި އޮށުގެ ތެރެއަށް ގެންގޮސްދޭ މަގެވެ. އަންހެނުންގެ ހަށިގަނޑުގައި "އިންގްއައިނަލް ކެނަލް"(inguinal canal) ގައި ހިމެނެނީ އަންހެނުންގެ ރަހިމު ހިފަހައްޓައިދޭ "ރައުންޑް ލިގަމެންޓް"(Round ligament) އެވެ. އިންގްއައިނަލް ހާނިއާ ގައި ސަރުބީ ސެލޯށި، ނޫނީ ކުޑަގޮހޮރުން ބައެއް، އުކުޅުވަޅާ ހަމައިން އެހިސާބުގައި ހުންނަ ބާރުދެރަ ތަންކޮޅެއް (އިންގްއައިނަލް ކެނަލްގެ ދޮރު ނުވަތަ ހުޅުވުން ނުވަތަ "ޑީޕް އިންގްއައިނަލް ރިންގ"(deep inguinal ring)  ހުރަސްކޮށް، ފައިގެ ފަލަމަސްގަނޑަށް، އުކުޅުވަޅަށް ނުވަތަ އިންގްއައިނަލް ކެނަލްގެ ތެރެއަށް ނިކުންނަނީ އެވެ. ފިރިހެނުންގެ ހަށިގަނޑުގައި މިވައްތަރުގެ ހާނިއާ އިންގްއައިނަލް ކެނަލްގެ ތެރެއިން ތިރިއަށް ގޮސް އުރަވަޅިއަށް ފައިބައި އުރަވަޅި ބޮޑުވެ ދުޅަވާގޮތް ވެއެވެ. މިހާލަތަށް ދިވެހި ބަހުން "ވައިފޭބުން" ކިޔައި އުޅެއެވެ.

ކޮންމެ އުމުރެއްގެ ކޮންމެ ޖިންސެއްގެ މީހަކަށް ވެސް އިންގްއައިނަލް ހާނިއާ ކުރިމަތިވެދާނެ އެވެ. ނަމަވެސް އުފެދުމުގައި ހުންނަ ގޮތަކުން ނަމަވެސް އަންހެނުންނަށްވުރެ ފިރިހެނުންނަށް އިންގްއައިނަލް ހާނިއާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. އާބާދީގެ %25 ފިރިހެނުންނަށް އަދި %2 އަންހެނުންނަށް އުމުރުގެ ކޮންމެވެސް ހިސާބެއްގައި އިންގްއައިނަލް ހާނިއާ ކުރިމަތިވާ ކަމަށް ހޯދުންތަކުން ފެންނަށް އެބަހުއްޓެވެ. އިންގްއައިނަލް ހާނިއާ މެދުވެރިވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އާއިލާގެ ތެރޭގައި ބައްޔެއްގެ ސިފައިގައި ހާނިއާ ދައުރުވަމުން އައުން، ދުންފަތުގެ އިސްތިއުމާލުކުރުން، އަދި ކުރިން ބަނޑުގެ އޮޕަރޭޝަނެއް ކޮށްފައިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ސަބަބު

އިންގްއައިނަލް ހާނިއާ އަކީ ތަކުރާރުކޮށް އުކުޅުވަޅާއި، ބަނޑަށް ބާރުވެ، ވާންވާ ފަދަ ކަމެއްކުރުމުން ނޫނީ އެހިސާބަށް ބާރުބޮޑުވާ ފަދަ ކަމެއް ކުރުމުން (މިސާލަކަށް އާންމުކޮށް ބަރުތަކެތި އުފުލައިހެދުން) ދިމާވެދާނެ ކަމެކެވެ. އެގޮތުން އުކުޅުވަޅާއި ބަނޑަށް މިދެންނެވި އުސޫލުން ބާރުބޮޑުވެ، ބަނޑަށް ބާރުވެ، ވާންވުން ކުރިމަތި ކުރުވައިފާނެ ކަންކަމުގެ ތެރޭގައި ބަރުތަކެތި އުފުލައިހެދުން، މާބޮޑަށް ހަށިގަނޑު ފަލަވެ، ބަރުހެލިވުން، މާބަނޑުވުން، ތަކުރާރުކޮށް ގިނައިން ކެއްސުން، އަދި ބަނޑުހަރުވުމުގެ ސަބަބުން ބޮޑުކަމުދާއިރު މާބޮޑަށް ހިފާލަންޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

އިންގްއައިނަލް ހާނިއާ ކުރިމަތިވުމަކީ އާންމު ގޮތެއްގައި އެހާ ނުރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު މިފަދަ ހާނިއާ އުފެދުމަކީ ވަރަށް ވޭންހުރި ކަމެކެވެ. އާންމު ގޮތެއްގައި ހާނިއާގައި ރިހުން އިތުރުވާ ހާލަތްތަކުގައި ތެރޭގައި ގުދުވުން، ހަށިގަނޑު ލަންބާލުން، ކެއްސުން ، އަދި ބޮޑުކަމުދާއިރު ހިފާލަންޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

އިންގްއައިނަލް ހާނިއާ ކުރިމަތިވެދާނެ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.

·         ބަނޑުގެ އެތެރޭގެ ޕްރެޝަރު މަތިވުން

·         ބަނޑުގެ މަސްފަށަލައިގައި ކުރިއްސުރެ ދެރަ ނުވަތަ ބާރުދޫވެފައިވާ ތަންކޮޅެއް ހުރުން

·         ކުޑަކަމު ނުވަތަ ބޮޑުކަމުދާއިރު މާބޮޑަށް ނޫނީ މާގިނައިން ހިފާލަންޖެހުން

·         ބަނޑަށް ވާންވެ ޕްރެޝަރު އިތުރުވާ ފަދަ ބުރަ މަސައްކަތްތައް ކުރުން

·         މާބަނޑުވުން

·         މެދުނުކެނޑި ދިގުމުއްދަތަކަށް ކެއްސައި ކިނބިހިއެޅުން

·         ބަނޑަށް އަނިޔާއެއް ލިބުން

·         ބަނޑުގެ އޮޕަރޭޝަނެއް ކުރުން

މަގުފަހިކުރާ ކަންތައްތައް

އިންގްއައިނަލް ހާނިއާ އަށް މަގުފަހިކުރާ ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ފިރިހެނަކަށްވުން

·         އުމުރުން ދުވަސްވުން

·         ދޮން ނަސްލުގެ މީހަކަށްވުން

·         އާއިލާގައި ބަލި ދައުރުވަމުން އައުން

·         ދިގުމުއްދަތަކަށް ނުފިލާ ކެއްސުމެއް ހުރުން

·         ދިގުމުއްދަތަކަށް ބަނޑުހަރުވުން އަދި ބޮޑުކަމުދާއިރު ހިފާލަންޖެހުން

·         މާބަނޑުވުން

·         ދުވަސްނުފުރާ ވިހެއުން އަދި އުފަންވިއިރު ބަރުދަން ލުއިކޮށްހުރުން

·         ކުރިން އިންގްއައިނަލް ހާނިއާހުރެގެން އޮޕަރޭޝަންކޮށްފައިވުން

ވައްތަރުތައް

އިންގްއައިނަލް ހާނިއާ ގެ ދެވައްތަރެއް ހުރެއެވެ.

އިންޑައިރެކްޓް އިންގްއައިނަލް ހާނިއާ

އިންޑައިރެކްޓް އިންގްއައިނަލް ހާނިއާ ކުރިމަތިވަނީ އުފެދުމުގައި ބަނޑުގެ މަސްފަށަލައިގައި ހުންނަ ޢައިބެއްގެ ސަބަބުންނެވެ.

ޑައިރެކްޓް އިންގްއައިނަލް ހާނިއާ

ޑައިރެކްޓް އިންގްއައިނަލް ހާނިއާ އާންމުކޮށް ކުރިމަތިވަނީ ބަނޑުގެ މަސްފަށަލައިގެ ފާރުގައި ހުންނަ އުމުރުން ދުވަސްވާވަރަކަށް އުފެދޭ ދެރަކަމެއްގެ ސަބަބުންނެވެ. ބަރުތަކެތި އުފުލާ ހެދުމާއި، ބަނޑަށް ބާރުވެ، ޕްރެޝަރު އިތުރުވާ ފަދަ ކަންކަމުގެ ސަބަބުން މިވައްތަރުގެ ހާނިއާ ކުރިމަތިވެއެވެ. އާންމުކޮށް މިވައްތަރުގެ ހާނިއާ ކުރިމަތިވަނީ ފިރިހެނުންނަށެވެ. ބަނޑުގެ ކޮންމެ ފަރާތެއްގައި ވެސް މިވައްތަރުގެ ހާނިއާ އުފެދިދާނެ އެވެ. މިވައްތަރުގެ ހާނިއާ އެންމެ ގިނައިން ކުރިމަތިވަނީ އުމުރުން ދުވަސްވީ ފިރިހެނުންނަށެވެ. އެއީ އުމުރުން ދުވަސްވާވަރަކަށް ބަނޑުގެ މަސްފަށަލައިގެ ފާރުގެ ބާރުދަށްވެ، ދެރަވާތީ އެވެ. އެހެންކަމުން ޑައިރެކްޓް އިންގުއައިނަލް ހާނިއާ އާންމުކޮށް ކުރިމަތިވަނީ ބަނޑުގެ މަސްފަށަލައިގެ ފާރުގައި ދެރަކަމެއް އުފެދިފައިވާ ބޮޑެތި ފިރިހެނުންނަށެވެ.

އުމުރުން 40 އަހަރުން މަތީގެ ފިރިހެނުންނަށް ޑައިރެކްޓް އިންގުއައިނަލް ހާނިއާ ކުރިމަތިވުމުގެ ފުރުޞަތު އަންހެނުންނަށްވުރެ އިތުރުކަން ފާހަގަ ކުރެވެއެވެ.

އަލާމާތްތައް

އިންގުއައިނަލް ހާނިއާ އެންމެ ފުރަތަމަ އުފެދިގެން އަންނަ އިރު އެއްވެސް ވަރަކަށް ތަދު ނުހުރެދާނެ އެވެ. އަދި އެއްވެސް ކަހަލަ އުދަނގުލެއް ވެސް ނުހުރެދާނެ އެވެ. އިންގުއައިނަލް ހާނިއާ ކުރިމަތިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އެއްފަރާތުގެ ނުވަތަ ދެފަރާތުގެ އުކުޅުވަޅުގައި ފުއްޕުމެއްހުރުން، އަދި އޮށޯތުމުން މިފުއްޕުން އެތެރެއަށްވަނުން : އާންމު ގޮތެއްގައި މިފުއްޕުން ބޮޑަށް ފާހަގަވާނީ ކޮށްޅަށް ހުންނައިރު ނޫނީ ބަނޑަށް ބާރުވާ ފަދަ މިސާލަކަށް ކެއްސުން، ބަރުތަކެތި އުފުލުން ފަދަ ކަމެއް ކުރާއިރު އެވެ.

·         އުކުޅުވަޅުގައި ރިހުން : ޚާއްޞަކޮށް ބަރުތަކެތި އުފުލުން، ކެއްސުން، ކަސްރަތުކުރާއިރު ރިހުން ހުރެދާނެ އެވެ.

·         އުކުޅުވަޅުގައި ވާޅުކަމަކާއި، ބަރުކަމެއް ހުރުމާއެކު އުކުޅުވަޅުން ދިލަނެގުން

·         އުރަވަޅި ދުޅަވެ ބޮޑުވުން (ވައިފޭބުން) : މިގޮތަށް ދިމާވަނީ ކުޑަގޮހޮރުން ބައެއް އިންގްއައިނަލް ކެނަލް ހުރަސްކޮށް ސްޕަމެޓިކް ކޯޑުގެ ތެރެއިން ތިރިއަށް އުރަވަޅިއަށް ފޭބުމުންނެވެ. 

އިންގްއައިނަލް ހާނިއާ ކުރިމަތިވާ މީހާގެ މިންތި އަށް ބަލައިގެން އަލާމާތްތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އަންހެނުންނާއި ފިރިހެނުންނަށް އިންގްއައިނަލް ހާނިއާގެ ސަބަބުން ދިމާވެދާނެ އުދަނގޫތައް ތިރީގައި މިވަނީ އެވެ. އަދި ކުޑަކުދިންނަށް ވެސް ތަފާތު އަލާމާތްތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ފިރިހެނުންނަށް ދިމާވެދާނެ އުދަނގޫތައް

·         އުކުޅުވަޅުގައި ނޫނީ ހާނިއާ ހުރި ހިސާބުގައި ދުޅައެއް ނުވަތަ ފުއްޕުމެއްހުރުން

·         ހާނިއާ ގުޅިގެން އުފެދޭ ދުޅަ ނުވަތަ ފުއްޕުމުގައި ރިހުން

·         ޕްރެޝަރު ހުންނަ ކަހަލަ (ފިއްތާ ކަހަލަ) އިހުސާސެއް ހާނިއާ ހުންނަ ހިސާބުގައި ހުރުން

·         އުރަވަޅި ބޮޑުވެ ދުޅަވުން (ވައިފޭބުން)

·         ހާނިއާ ހުރި ހިސާބަށް ވާންވެ ބާރުވާކަހަލަ ކަމެއް (ބަރުތަކެތި އުފުލުން، ކެއްސުން) ކޮށްލުމުން އެހިސާބުގެ ރިހުން ގޯސްވުން

އަންހެނުންނަށް ދިމާވެދާނެ އުދަނގޫތައް

·         ހާނިއާ ހުރި ހިސާބުގައި ތޫނު ރިހުމެއް ހުރުން

·         ހާނިއާ ހުރި ހިސާބަށް ދިލަނެގުން

·         ހާނިއާ ހުރި ހިސާބުގައި ދުޅައެއް ނުވަތަ ފުއްޕުމެއްހުރުން

·         ހާނިއާ ހުރި ހިސާބަށް ވާންވެ ބާރުވާކަހަލަ ކަމެއް (ބަރުތަކެތި އުފުލުން، ކެއްސުން) ކޮށްލުމުން އުދަނގޫ އިތުރުވުން

ކުޑަކުދިންގެ ފުށުން ފާހަގަ ކުރެވިދާނެ އަލާމާތްތައް

ތުއްތު ކުދިންނާއި ، ކުޑަކުދިންނަށް އިންގްއައިނަލް ހާނިއާ ކުރިމަތިވަނީ އުފެދުމުގައި ބަނޑުގެ މަސްފަށަލައިގެ ފާރުގައި ހުންނަ ދެރަކަމަކުންނެވެ. ހާނިއާ ހުންނަކަން ބައެއް ފަހަރު ފާހަގަވާނީ ކުޑަކުއްޖާ ރޯއިރު، ކެއްސާއިރު، ނޫނީ ބޮޑުކަމުދިއުމަށް ހިފާލާއިރު ފަދަ ހާލަތްތަކުގައެވެ. އުދަނގުލެއްވާތީ އުޅެފާނެއެވެ. ކެއުމާއި ދުރުހެލިވެދާނެ އެވެ.

ތަންކޮޅެއް ބޮޑެތި ކުދިންނަށް މިސާލަކަށް ފުރާވަރުގެ އުމުރުގެ ކުދިންގެ ފުށުން ގިނައިރު ކޮޅަށްހުރުން، ބަރުތަކެތި އުފުލުން، ބޮޑުކަމުދާއިރު ހިފާލުން، ކެއްސުން ފަދަ ހާލަތްތަކުގައި އިންގްއައިނަލް ހާނިއާ ގެ އަސަރު ފާޅުވެ، ފެންނަށް ހުންނާނެ އެވެ.

ދިމާވެދާނެ ނުރައްކާތައް

އިންގްއައިނަލް ހާނިއާ ގެ ސަބަބުން ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ އަންހެނުންނަށް އިތުރުކަން ފާހަގަ ކުރެވެއެވެ. އިންގްއައިނަލް ހާނިއާ އަށް ފަރުވާކޮށް ނުކޮށް ދޫކޮށްލައިފިނަމަ މަދުން ނަމަވެސް އަންނަނިވި ނުރައްކާތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) އޮބްސްޓްރަކްޝަން ނުވަތަ އިންކަރސީރޭޝަން (obstruction): މީގެ މާނައަކީ ސަރުބީ ސެލޯށި، ނޫނީ ބަނޑުގައިވާ ކުޑަގޮހޮރުން ބައެއް  އުކުޅުވަޅުގައިވާ އިންގްއައިނަލް ކެނަލްގައި ނުވަތަ އުރަވަޅީގައި ތާށިވެ، މައްޗަށް ނުގޮސް އިންގްއައިނަލް ކެނަލް ބެދުމެވެ. މިގޮތަށް ދިމާވެއްޖެނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮޑުލެވުން، ބަނޑުގައި ރިހުން، އަދި އުކުޅުވަޅުގައި ފުއްޕުމެއް ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) ސްޓްރެންގިޔުލޭޝަން (strangulation): މީގެ މާނައަކީ ކުޑަގޮހޮރުން ބައެއް ހިފެހެއްޓޭގޮތަކުން އެއަށް ލޭފޯރުކޮށްދިނުން ހުއްޓޭގޮތް ވުމެވެ. މިހާލަތުގައި ވީއެންމެ އަވަހަކަށް ފަރުވާ ނުކޮށްފިނަމަ ސެލޯށިތައް މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި ސްޓްރެންގިޔުލޭޝަން ކުރިމަތިވަނީ އިސްވެދިޔަ އޮބްސްޓްރަކްޝަން ނުވަތަ އިންކަރސީރޭޝަން ކުރިމަތިވެ، އެއަށް ފަރުވާ ނުކުރެވިއްޖެނަމަ އެވެ.

ސްޓްރެންގިޔުލޭޝަން ކުރިމަތިވުމުން އަންނަނިވި އަލާމާތްތައް ފާހަގަ ކުރެވިދާނެ އެވެ.

·         މޭނުބައިކޮށް ހޮޑުލެވުން

·         ހުންއައުން

·         ހާނިއާ ހުރި ހިސާބުގައި ކުއްލިއަކަށް ރިއްސަން ފެށުން

·         ހާނިއާގެ ދުޅަ ނުވަތަ ފުއްޕުމުގެ ކުލަ ރަތްވެ، ދަނބުވެ، އަދިރި ކުލައަށް ބަދަލުވުން

·         ބޮޑުކަމުދިއުމާއި، ވައިބޭރުކުރުމަށް އުދަނގޫވުން

މަތީގައިވާ ދެހާލަތަކީ ވެސް ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަންޖެހޭނެ ދެހާލަތެވެ.

ދެނެގަތުން

އިންގްއައިނަލް ހާނިއާ ހުރިކަމަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އިންގްއައިނަލް ހާނިއާ އަށް ފަރުވާނުކޮށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

ބަލިމީޙާގެ ކިބައިން އާއިލާގެ ތެރޭގައި ހާނިއާ އެހެން މީހަކަށް ކުރިމަތިވެފައިވާތޯ ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެއެވެ. އެއަށްފަހު އިންގްއައިނަލް ހާނިއާ އުފެދިފައިވާ ހިސާބު ބަލައި ޗެކުކުރާނެ އެވެ. ހާނިއާ ބޭރަށް ނިކުމޭތޯ ބެލުމަށްޓަކައި، ބަނޑަށް ބާރުލުމަށް ނުވަތަ ކެއްސާލުމަށް ޑޮކްޓަރުން ބުނެފާނެއެވެ.

އިންގްއައިނަލް ހާނިއާގެ ސަބަބުން އޮބްސްޓްރަކްޝަން ނޫނީ ސްޓްރެންގިޔުލޭޝަން ފަދަ ކަމެއް ކުރިމަތި ވެފައިވޭތޯ ޔަގީންކުރުމަށްޓަކައި ފަހަރުގައި އެކްސްރޭ ނަގަން ، ބަނޑުގެ އަލްޓްރާ ސައުން ސްކޭން އެއް ، އެމްއާރުއައި އެއް ނުވަތަ ސީޓީ ސްކޭން ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

ފަރުވާ

ތަންކޮޅެއް ކުޑަކޮށް އުފެދިފައި ހުންނަ އިންގްއައިނަލް ހާނިއާ އިގިލިން އޮންބާލުމުން އެތެރެއަށްޖެހި ތިރިވެދާނެ އެވެ. ނަމަވެސް މިގޮތަށް އޮންބާލުމުން އެތެރެއަށް ނުވަންނަނަމަ، ފަހަރުގައި ހާނިއާ އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ. އިންގްއައިނަލް ހާނިއާ އަކީ އޭގެ ޒާތުގައި ހިނދި، ރަނގަޅުވެދާނެ އެއްޗެއް ނޫނެވެ. އެހެންކަމުން އިންގްއައިނަލް ހާނިއާ ހުރިކަމުގައިވާނަމަ ފަރުވާ އަކީ އޮޕަރޭޝަން ކުރުމެވެ.

އިންގްއައިނަލް ހާނިއާ މަރާމާތުކޮށް ރަނގަޅުކުރުމަކީ ވަރަށް އާންމު އޮޕަރޭޝަނެކެވެ. އިންގްއައިނަލް ހާނިއާ ސާޖަރީއަށް ބައެއް ފަހަރު "ހާނިއޯރަފީ"(Herniorrhaphy)، ނޫނީ"ހާނިއޯޕްލާސްޓީ"(Hernioplasty) މިހެން ވެސް ކިޔައި އުޅެއެވެ. 3 ވައްތަރެއްގެ ހާނިއާ ސާޖަރީ ނުވަތަ ހާނިއާ ރިޕެއަރ(Hernia Repair) ހުރެއެވެ. އެވައްތަރުތައް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.  

(ހ) – ފަޅާލައިގެން  އޮޕަރޭޝަންކުރުން / ހާނިއާ މަރާމާތުކޮށް ރަނގަޅުކުރުން (open hernia repair): ފަޅާލައިގެން އޮޕަރޭޝަން ކުރާއިރު ހާނިއާ ހުރި ހިސާބުން އުކުޅުވަޅުން ތަންކޮޅެއް ކަފާލެވެއެވެ. ބޭރަށް ނިކުމެފައިވާ ސެލޯށި އަނބުރާ ހުރި ތަނަށް ގެންދިއުމަށްފަހު، ދެރަވެފައިވާ މަހުގެ ފާރު ވަރުގަދަ ކުރުމަށްޓަކައި މެޝް އެއް ލެއްވުމަށްފަހު ރަނގަޅަށް ފަހައިލެވެއެވެ. ފަހަރުގައި ހަމައެކަނި ބަނޑު އައްސިކޮށްގެން ނޫނީ ހާނިއާ ހުރި ހިސާބު އައްސިކޮށްގެން ވެސް މިއޮޕަރޭޝަންކޮށްފާނެ އެވެ. ނުވަތަ އެއްކޮށް ހޭނައްތައިގެން ވެސް މިއޮޕަރޭޝަން ކޮށްފާނެ އެވެ. މިގޮތަށް އޮޕަރޭޝަންކުރުމަށްފަހު ރަނގަޅުވެ މަސައްކަތަށް އެނބުރި ދިއުމަށް ގާތްގަނޑަކަށް 6-4 ހަފްތާވަރު ނަގާނެ އެވެ.

(ށ) – ލޯވަޅު ތޮރުފައިގެން ހާނިއާ އޮޕަރޭޝަން ކުރުން (laparoscopic hernia repair): މިގޮތަށް އޮޕަރޭޝަންކުރާއިރު ދަށްބަނޑުން ބައި އިންޗި ވަރުގެ ތަންކޮޅެއް ކަފާލުމަށްފަހު އެތަނުން ލެޕަރޯސްކޯޕް އެތެރެ ކުރެވެއެވެ. ލެޕަރޯސްކޯޕްގައި ހަރުކުރެވިފައިވާ ވީޑިޔޯ ކެމެރާ އިން ނަގައިދޭ ފޮޓޯތައް ވީޑިއޯ މޮނީޓަރަށް ފޮނުވުމުން އެއަށް ބަލައިގެން ހާނިއާ އޮޕަރޭޝަން ކުރެވޭނެ އެވެ. ހާނިއާ އޮޕަރޭޝަން ކުރުމަށް އަދަވާތްތައް ވެއްދުމަށް އެހެން ކުޑަ ތަންކޮޅެއް ބަނޑުން ކަފާލާނެއެވެ. މިގޮތަށް އޮޕަރޭޝަންކުރުމަށްފަހު ރަނގަޅުވެ މަސައްކަތަށް އެނބުރި ދިއުމަށް ގާތްގަނޑަކަށް 2 ހަފްތާއެއްހާ ދުވަސް ނަގާނެއެވެ.

(ނ) – ރޮބޯޓިކް ހާނިއާ ރިޕެއަރ (robotic hernia repair): ލޯވަޅު ތޮރުފައިގެން ކުރާ އޮޕަރޭޝަނެކޭ އެއްފަދައިން މިވައްތަރުގެ އޮޕަރޭޝަން ގައި ވެސް ލެޕަރޯސްކޯޕް ބޭނުންކުރާނެއެވެ. އޮޕަރޭޝަން ކުރުމަށްޓަކައި ކަފާލާނީ އަދަވާތްތައް އެތެރެއަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ކުޑަ ތަންކޮޅެކެވެ. ރޮބޯޓިކް ސާޖަރީގައި އޮޕަރޭޝަން ކުރާ ޑޮކްޓަރު އިންނާނީ ކޮންސޯލް ގައެވެ. އޮޕަރޭޝަންކުރަން ބޭނުންކުރާ އަދަވާތްތަކުގެ ބޭނުން އޮޕަރޭޝަން ޑޮކްޓަރު ކުރާނީ ކޮންސޯލް ގައި އިނދެގެންނެވެ. އާންމު ގޮތެއްގައި ތަންކޮޅެއް ކުޑަ މިންވަރަކަށް ހާނިއާގެ އަސަރު ހުރިނަމަ ރޮބޯޓިކް ސާޖަރީ ކުރެއެވެ. އަދި ބަނޑުގެ ފާރު އަލުންބިނާކުރުމަށް (އޮޕަރޭޝަންކޮށްގެން ބަނޑުގެ މަސްތަކުގެ ފާރުގައި ހުންނަ ބާރުދެރަ ހިސާބުތައް ރަނގަޅުކޮށްދީ ހެދުމަށް) ވެސް ރޮބޯޓިކް ސާޖަރީ ކޮށްއުޅެއެވެ.

އޮޕަރޭޝަނަށްފަހު ދިމާވެދާނެ ހިރާސްތައް

އިންގްއައިނަލް ހާނިއާ މަރާމާތުކޮށް ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަނަށްފަހު ބައެއް ކަހަލަ ހިރާސްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އޮޕަރޭޝަން ކުރިތަނުގައި އިންފެކްޝަން ހެދުން

·         އޮޕަރޭޝަން ކުރިތަނުން ލޭފޭބުން

·         ތަދުކަނޑުވާ ބޭސް ބޭނުންކުރުމުން ވެސް އޮޕަރޭޝަންކުރި ހިސާބުގެ ރިހުން ނުފިލުން

ހާނިއާ އޮޕަރޭޝަން ކުރުމުގެ ސަބަބުން ދިގުމުއްދަތަކަށް ކުރިމަތިވާ މައްސަލަތައް ދިމާވުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހާނިއާ އަލުން އެނބުރި އުފެދުން

·         ހާނިއާ އުފެދުނު ހިސާބުގައި ލޭ ނުވަތަ ފެން (ދިޔާތަކެތި) ޖަމާވުން

·         އޮށް ދުޅަވެ، އޮށް ބޭރުކައިރި މަށައިގެންދިއުން

·         ނާރުތަކަށް ގެއްލުންވުން :މިކަމުގެ ސަބަބުން އެހިސާބު އައްސިވުން، ރިހުން ހުރުން

·         އޮށަށް ލޭފޮނުވައިދޭ ލޭހޮޅިތަކަށް ގެއްލުންވުން

·         މަނިހޮޅިއަށް ގެއްލުންވުން

ހާނިއާ އޮޕަރޭޝަނަށްފަހު (ފަޅާލައިގެން ނޫނީ ލޯވަޅު ތޮރުފައިގެން ކުރިކަމުގައި ވިޔަސް) އޮޕަރޭޝަނާއި ގުޅިގެން އުފެދޭ ރިހުން ކުޑަކުރުމަށްޓަކައި ދެތިން ހަފްތާއެއް ހާ ދުވަހަށް ތަދުކަނޑުވާ ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ. މީގެ އިތުރުން ބަރުތަކެތި ނުއުފުލުމަށާއި، މާވަރުގަދަ ކަސްރަތުތަކާއި، މަސައްކަތްތަކުގައި ބައިވެރިނުވުމަށް ލަފާދޭނެ އެވެ.

ލޯވަޅު ތޮރުފައިގެން ކުރާ އޮޕަރޭޝަނަށްފަހު ފަސޭހަވުން އަވަސްވާނެ އެވެ. ނަމަވެސް ކުރިން ބަނޑުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހުންނާއި، އަދި ވަރަށް ބޮޑަށް ހާނިއާ އުފެދިފައިވާނަމަ މިއީ އެންމެ އޮޕަރޭޝަން ކުރަން އެމީހަކަށް އެންމެ ރަނގަޅުގޮތް ކަމުގައި ނުވެދާނެ އެވެ. އިންގްއައިނަލް ހާނިއާގެ އޮޕަރޭޝަން ކުރުމަށްފަހު ބޮޑެތި މީހުންނަށްވުރެ އަވަހަށް ކުޑަކުދިންގެ އޮޕަރޭޝަން ކުރިތަން ފަސޭހަވެ، ރަނގަޅުވާކަން ފާހަގަ ކުރެވެއެވެ.

ރައްކާތެރިވުން

·         ކަސްރަތުކޮށްގެންނާއި، ކެއުމުގައި ދުޅަހެޔޮގޮތްތައް ޚިޔާރުކޮށްގެން ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ބެހެއްޓުން

·         ބަނޑުހިކުނަނުދިނުމަށްޓަކައި ކެއުމުގައި ތަރުކާރީ އާއި،މޭވާ އާއި،ފަތްޕިލާވެލި،ހޯލްގްރޭއިންސް ބާވަތްތައް ހިމެނުން

·         ބަރުތަކެތި އުފުލައި ހެދުމުގައި ބަލަންޖެހޭ ކަންކަމަށް ރިޢާޔަތްކޮށްހެދުން

·         ދިގުއްދަތަކަށް ކެއްސައި، ކިނބިހިއަޅައި ހެދޭނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން

·         ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުހެލިވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://my.clevelandclinic.org/health/diseases/16266-inguinal-hernia 

·         https://my.clevelandclinic.org/health/diseases/15757-hernia

·         https://www.webmd.com/digestive-disorders/understanding-hernia-basics

·         https://www.nhs.uk/conditions/hernia/

·         https://www.hopkinsmedicine.org/health/conditions-and-diseases/how-to-tell-if-you-have-a-hernia

·         https://www.mayoclinic.org/diseases-conditions/inguinal-hernia/symptoms-causes/syc-20351547

·         https://www.nhs.uk/conditions/inguinal-hernia-repair/